بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ޤައުމެއްގެ ހަޔާތުގައި އަންނާނެ ހިނދުކޮޅެއްތަކެއް، ދަނޑިވަޅުތަކެއް. އެ ޤައުމު އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވެދާ ވަގުތުތަކެއް. މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިގެންދަނީ، މިދެންނެވި ބާވަތުގެ ދުވަސްތަކެއް.

އަޅުގަނޑުމެންގެ ޒިންމާ މިއަދު ވަރަށްބޮޑު. އަޅުގަނޑުމެންގެ ވާޖިބަކީ، މި ޤައުމު މިނިވަންކަންމަތީގައި އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ދަރީންނާއި ދަރިންގެ ދަރީންނަށް ރައްދުކޮށްދިނުން. މިނިވަންކަމަކީ، ބޭރުގެ އިސްތިޢުމާރީ ބާރަކުން ހިނގަމުން އައި ވެރިކަމެއް އެ ޤައުމެއްގެ ރައްޔިތުންގެ އެދުމާއި، ރުހުމާއި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ކުރެވޭނޭ އިންތިޒާމަކަށް ބަދަލުކުރުން. މިނިވަންކަމަކީ، ހަމައެކަނި އިސްތިޢުމާރީ ބާރުގެ ވެރިކަން ހުއްޓުމެއްނޫން. އެ އިސްތިޢުމާރީ ބާރުގެ ވެރިކަން ހުއްޓުމަށްފަހުގައި، އެ ޤައުމެއްގައި، އެތަނެއްގައި ދެން އުފެދޭ ވެރިކަމަކީ، ސީދާ ރައްޔިތުންގެ ވެރިކަމަކަށްވުމީ، މިނިވަންކަމުގެ ކޮންމެހެން ވާޖިބު ރުކުނެއް. މިދެންނެވި މިނިވަންކަންމަތީގައި ކުރެވޭ ވެރިކަން ހިނގާއިރު، ކޮންމެހެން އަޅުގަނޑުމެން ފުރިހަމަކުރަންޖެހޭ ރުކުންތަކެއް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އަދި ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮންނާންޖެހޭ. މިއަދު އަޅުގަނޑުމެން މިކުރާ ވެރިކަމަކީ، މީގެކުރީގައި މި ރާއްޖޭގައި ކުރަމުންއައި ވެރިކަމާ ވަރަށް ތަފާތު ވެރިކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ޕާޓީތައް ގާއިމްވެ، ސުލްހަވެރިގޮތުގައި އިންތިޒާމް ވެގެން ޖަމާޢަތެއްގެ ގޮތުގައި ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތާ އިންކާރު ކުރެވެން އެބައޮތް. މިނިވަންކަމުގެ އެންމެ މުހިންމު އެއްރުކުނަކީ، މިދެންނެވި އިންތިޒާމްވެގެން ސިޔާސީ ހަރަކާތް، ސަރުކާރެއްގެ ސިޔާސަތާ އިދިކޮޅަށް ނުވަތަ ސަރުކާރެއްގެ ސިޔާސަތަށް ފާޑުކިޔުމުގައި ހިންގޭނެ ގޮތަކަށް ވެރިކަމުގެ ނިޒާމް ތަރުތީބުވެގެން ދިޔުން.

މިއަދުގެ ރައްޔިތުންގެ މަޖިލީހަކީ، މީގެކުރީގައި އަޅުގަނޑުމެން މިރާއްޖޭގައި ދުށް މަޖްލީސްތަކާ، ވަރަށް ތަފާތު މަޖިލީހެއް. ސިޔާސީޕާޓީތައް އެ މަޖިލީހުގައި ތަމްސީލްވެ، އެ މަޖިލީހުގެ ބަޙުޘް ފުރިހަމަވެފައި އަދި އޭގެ އެންމެ ފުންމިނަށް ދާތަން އަޅުގަނޑުމެންނަށް ފެނޭ. ތެދުފުޅެއް، ބައެއްފަހަރަށް އަޅުގަނޑުމެންނަށް މަޖިލީހުގެ ބަޙުޘްގެ ތެރެއިން މަޖިލީހުގެ ބަޙުޘް ހޫނުވެދާތަންތަންފެނޭ. އެހެންނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި އެއީ، އަޅުގަނޑުމެން މި އުންމީދުކުރާ މިނިވަން ދިވެހިރާއްޖެ ހޯދުމަށްޓަކައި، ލިބުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ނުފެނި ނުދާނެ މަންޒަރުތަކެއް. އަޅުގަނޑުމެންގެ އެންމެންވެސް މިދެންނެވި ކަންކަމަށް އެބަ ހިތް ހަލާލު ކުރަންޖެހޭ. އަޅުގަނޑުމެންނަށް ފާޑުކިޔުން ރައްދުވީމާ، އެ ފާޑުކިޔުން އަޅުގަނޑުމެންނަށް ހަޖަމު ކުރެވެންޖެހޭނެ.

މިއަދުގެ ރާއްޖޭގެ ޝަރުޢީ ނިޒާމަކީ، މީގެކުރީގައި އެކަން ކުރެވެމުންއައިގޮތާ، ވަރަށް ތަފާތު ގޮތަކަށް ހިނގަމުން އަންނަ ޝަރުޢީ ނިޒާމެއް. ޝަރީޢަތް ވަކިގޮތަކަށް ނިންމުމަކަށް މިއަދުގެ ވެރިކަމުގެ ފަރާތުން ބާރުއެޅުމެއް ނޯންނާނެ. ޝަރީޢަތުގެ އެންމެހާ ކަންކަން ނިމިގެންދާންޖެހޭނީ ޝަރުޢީ އެންމެހާ ހަމަތަކުގެމަތީގައި.

އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ބަދަލުވުމަށް. އަޅުގަނޑުމެންގެ ޒަމާނުއްސުރެ ފަށައިގެން ދިވެހިން އުންމީދުކުރަމުން މިއައި ހެޔޮވެރިކަމުގެ މިޞްރާބަށް. މިދެންނެވި މިނިވަންކަމުގެ ރުކުންތައް ފުރިހަމަ ކުރުމަށްޓަކައި ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ކުރާންހުރި މަސައްކަތް ނުހަނުބޮޑު. އަޅުގަނޑުމެން އެންމެންމެ މިކަމުގައި މަސައްކަތްކޮށްގެން މެނުވީ، އަޅުގަނޑުމެންނަކަށް މި މިނިވަންކަމެއް ނުދެމެހެއްޓޭނެ. މިނިވަންކަމަކީ، އޭގެ ރުކުންތައް ފުރިހަމައަށް ހިނގަހިނގާ ހުންނަ ވެރިކަމެއް ޤާއިމްވެ ހިނގަމުންދިޔުން. އެކަންކުރުމަށްޓަކައި އަޅުގަނޑުމެންގެ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ވާޖިބު ކިތަންމެހާވެސްބޮޑު.

މިއަދު އަޅުގަނޑު މި އުންމީދުކުރަނީ، މި ރާއްޖޭގައި ވެރިކަން ހިނގަމުން މިދަނީ، މިދެންނެވި މިނިވަންކަމުގެ ރުކުންތައް އަދާކުރެވޭ ސިފައިގައި. އަޅުގަނޑުމެންގެ ރާއްޖެ މި މިނިވަންދުވަހަށް އެނބުރިގެންއައިގޮތުގެ ސިޔާސީ ނުކުތާ ނުވަތަ ތާރީޚީ ނުކުތާ ފާހަގަކުރުމަކީ، މިއަދުގެ މުނާސަބާގައި އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭކަމެއް. އެނގިވަޑައިގަންނަވާނެ، މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ 1887 ގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ބަދަލުވެގެންދިޔަ ދިޔުން. އެއަށްފަހު، އޭގެއެތައް އަހަރެއްފަހުން 1965 ގައި މިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ އުނގުން ނެއްޓުނުކަމުގެ ހަނދާން މިއަދު އަޅުގަނޑުމެން މި އާލާކުރަނީ. އަޅުގަނޑުމެން ރާއްޖެ ހިމާޔަތުގެ ދަށަށް ވެއްޓިގެން ދިޔައިރު އަޅުގަނޑަށް ޔަގީން، ތާރީޚްގެ އެތައް ދަރިވަރުންނެއް ފާހަގަކުރާނެ، އެ މަންޒަރު ރީތިކޮށް އެންމެ ރިވެތިކޮށް އަޅުގަނޑުމެންނަށް ސިފަކޮށްދެއްވީ، އެދުވަހު މަތިގޭގައި އިންނެވި ފަނޑިޔާރު މަނިކުފާނު ނައިބުތުއްތު. އެ މަނިކުފާނުގެ މާ ފަހުގެ ރައިވަރެއް، ދަގަނޑު ދަހަނާގައި މިވާހަކަ ވަރަށް ޞަރީޙަ ޢިބާރާތުން އެ ޝާއިރު ފާހަގަކޮށްދެއްވާ.

ހިމާޔަތުގެ އެގްރީމަންޓްގައި ދިވެހި ރަދުންނަށް ސޮއި ކުރާން މަޖްބޫރުވުމުން، ފަނޑިޔާރު މަނިކުފާނު މަތިގެއިން ފައިބާވަޑައިގެން ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވާ ދެން އެބޭފުޅާގެ ގިނަދުވަސް ހޭދަކުރެއްވީ މާއެނބޫދޫގައި. އަޅުގަނޑުމެންގެ ހިމާޔަތުގެ ދުވަސްތައް ގުނަމުންއައިސް ދުނިޔޭގެ ސިޔާސީ މަސްރަޙު މުޅީން ބަދަލުވެ، އިނގިރޭސީންގެ އިސްތިޢުމާރީ ބާރު، ދުނިޔޭގެ ކަންކޮޅުތަކުގައި ކުޑަވެގެން ނެތެމުން ދަމުންއައިސް 1965 ގައި އޭރުގެ މި ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އިސްވެ ހުންނަވައިގެން ރާއްޖޭގެ މިނިވަންކަމުގެ އެގްރީމަންޓާއި އެކަމާގުޅޭ އެންމެހާ ކަންކަން ނިންމަވައިދެއްވީ. އަޅުގަނޑުމެން މިދުވަހު އިބްރާހީމް ނާޞިރުގެ ހަނދާން އާކުރުމަކީ، އަޅުގަނޑު ހިތުން ދިވެހިތާރީޚަށް ތެދުވެރިވުން.

އަޅުގަނޑު މިއަދު މި ޖުމްހޫރިއްޔަތުގެ ނުވަތަ މިނިވަންކަމުގެ ދުވަސްތައް އިނގިރޭސީންގެ އިސްތިޢުމާރީ ބާރުން ދިވެހިރާއްޖެ ނެއްޓި އެއަށްފަހު މިއައި މިނިވަންކަމުގެ ގިނަދުވަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ފަށްފަށުން ޝުކުރު ދަންނަވަން ބޭނުން. އިބްރާހީމް ނާޞިރު އެކަންޏެއްނޫން، މީގެކުރީގައި ވެރިކަންކުރެއްވި ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޚިދްމަތްތަކަކީވެސް، މިރާއްޖޭގެ ފަސްގަނޑުން ދުވަހަކުވެސް އަޅުގަނޑު ހިތުން ފިލައިދާނެ ޚިދްމަތްތަކެއްނޫން. އެކަމަށްޓަކައި އަޅުގަނޑު ރައީސް މައުމޫނަށް ނިހާޔަތަށް ޝުކުރުވެރިވަން.

އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު ދެކޭނީ އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން މިބޭނުންވާ މިޞްރާބަށް، އަޅުގަނޑުމެން މި އުންމީދުކުރާ ހެޔޮވެރިކަމުގެ ދިވެހިރާއްޖެއަށް ބަދަލުކުރުމަށްޓަކައި ކޮންމެހެން އަޅުގަނޑުމެން އަޅާންވީ ފިޔަވަޅުތަކެއް، އަޅުގަނޑުމެން އަދާކުރަންވީ ރުކުންތަކެއް އެބަހުރި. ޑިމޮކްރަސީ މިރާއްޖޭގައި ޤާއިމްކުރުމާއި ހަރުދަނާ ކުރުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަން އަންނާންއޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންނަށް މިއަދު ކުރާން މަޖުބޫރުވެފައިވާކަމެއް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޖަމާޢަތް ހެދުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން އަޅުގަނޑުމެންގެ ތެރޭގައި މީގެކުރީގައި ދުވަހަކުވެސް ނެތް ދަރަޖައަށް އިރާދަކުރެއްވިއްޔާ ބޭއްވޭނެ. އޮންނާނެ. ދެމިއޮންނާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه، والسّـلام عليـكم

______________________