بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެންނަށް މިތަނުން އެންމެ ބާރަށް އިވެމުން މިއަންނަ އެއް އަޑަކީ، ކުޑަކުދިންނަށް ކުރާ ގޯނާ ނުހުއްޓުވި މިދަނީ، އެއާ ގުޅޭ ޤާނޫނު ނެތިގެން ކަމަށް. އަޅުގަނޑަށް އެވާހަކަ ގަބޫލުކުރަން މުޅިއަކުން ފަސޭހައެއް ނޫން. ހެތްކާބެހޭ ޤާނޫނުވެސް، ހެތްކާ ގުޅޭ ޤާނޫނުވެސް އަދި ރާއްޖޭގެ އެހެން ޢާންމު ޤާނޫނުތައްވެސް މި ރާއްޖޭގެ އަމަންޢާންމު ރައްކާތެރި ކުރުމަށާއި، މި ރާއްޖޭގެ ރައްޔިތުން ސަލާމަތްކަންމަތީގައި ބޭތިއްބުމަށް ފުރިހަމަ ޖާގަ ލިބޭކަމަށް ހަމަގައިމުވެސް އަޅުގަނޑު ދެކެން. އަޅުގަނޑުވެސް ގަބޫލުކުރަން. ރައްޔިތުންގެ މަޖިލީހުން ޤާނޫނުތަކެއް މިކަމަށް ބޭނުންވާކަން. އަދި އަޅުގަނޑު ގަބޫލުކުރަން، ރައްޔިތުންގެ މަޖިލީހަށް މިކަމަށް ބޭނުންވާ ޤާނޫނުތައް ތަންކޮޅެއް ފުޅާ ދާއިރާއެއްގައި، ޢާންމު ގޮތެއްގައި މިބާވަތުގެ ކިތަންމެ މައްސަލައަކަށް މީގެ އިޝާރާތްވާގޮތަށް ނުވަތަ އަސަރުކުރާ ގޮތަށް ޤާނޫނުތައް ބޭނުންކަން. އެހެންނަމަވެސް، އަޅުގަނޑުމެން އެއްގޮތަކަށްވެސް އަޅުގަނޑުގެ ނަޒަރުގައި މުޅިއަކުން ދެކިގެން ނުވާނެ، މި ރާއްޖޭގައި ކުޑަކުދިންނަށް ގޯނާކުރުމާއި އަނިޔާކުރުން ހުއްޓާނުލެވިގެން މިއުޅެނީ، އަޅުގަނޑުމެންގެ ކުރިމަތީގައި އެކަށީގެންވާ ޤާނޫނު ނެތިގެން ކަމަކަށް. އެހެންވެގެނެއް ނޫން.

އަޅުގަނޑަކަށް މިއަދު ފަސޭހައެއް ނޫން. އަޅުގަނޑުގެ ނަޒަރުގައި މިކަން މިހާބޮޑަށް ފުންވެގެން މިއައި ގޮތާއި، މިހާ ދުވަހު މިކަން އަޅުގަނޑުމެން މަތިޖަހައި، މިވާހަކަތައް ނުދައްކައި އަޅުގަނޑުމެން މިތިބި ސަބަބުތައް ކިޔައިދިނުމެއް ނޫން މިއަދު އަޅުގަނޑުމެންނަކަށް މުހިންމީކީއެއް. އަޅުގަނޑުމެން ބޭނުންވަނީ، މާދަމާ އަދި މިއަދުވެސް އަދި މި ސިކުންތުވެސް މިކަންކަން ހުއްޓުވުމަށްޓަކައި ދެން ހެދެން އޮތީ ކޮން ގޮތެއްތޯ އަޅުގަނޑުމެން ބަލައި ހޯދުން. އެގޮތަކީ ޤާނޫނެއް ހެދުން ކަމަށް އަޅުގަނޑުމެންނަށް މިއަދު އަޅުގަނޑަށް ހަމަގައިމުވެސް މިއަދު އަޑުއިވިގެން މިދިޔައީ. އަޅުގަނޑު ދަންނަވާނީ، އެއީކީއެއް ނޫނޭ ހަމައެކަނި އެކަން ކުރުމަށް އޮތްގޮތަކީ. މިހާރު އަޅުގަނޑުމެންގެ އަތުގައި މިހުރި ޤާނޫނުތައް މާނަ ކުރުމުގަޔާއި، އެ ޤާނޫނުތައް ކިޔުމުގަޔާއި، އެ ޤާނޫނުތަކުގެ މައްޗަށް ބަރޯސާކޮށް، ޙައްޤު އަދަބު މީހުންނަށް ދެވޭނޭ ފުރިހަމަ އިޖުރާތެއް ނުވަތަ ފުރިހަމަ ގޮތްތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް.

ޤާނޫނުލްޢުޤޫބާތުގެ 125 ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް ޔަޤީން، ޙުކުމް އިއްވިފައި ހުންނާނީ، ހަމައެކަނި ލޮލަށް ފެނި، އަތުން ހިފާ ކަންކަމަކު ނޫން. މިކަން ވަރަށް ސާފުކޮށް ދަންނަވަން އަޅުގަނޑަށް ކެރިދާނެ. އަޅުގަނޑަށް ޤާނޫނުލްޢުޤޫބާތުގެ 125 ވަނަ މާއްދާގެ ދަށުން 6 ފަހަރު ޙުކުމް އިއްވާފައި އެބައޮތް. ހަމަ އެއްގޮތަކަށްވެސް، އެއްގޮތަކަށްވެސް ލޮލަށް ނުފެނި، އަތުން ނުހިފި ހުރި ކަންކަމުގައި. އަޅުގަނޑަކަށެއް ނުފެނޭ، ޤާނޫނުލްޢުޤޫބާތުގެ 125 ވަނަ މާއްދާގެ ދަށުން މާދަމާވެސް، މާދަމާވެސް ޙުކުމް ނީއްވެންވީ ހަމަ އެއްވެސް ސަބަބެއް. އެހެންވީމާ، އަޅުގަނޑަށް ވަރަށް އުނދަގޫ. އަޅުގަނޑު ހަމަ ދަންނަވާލީ، އަޅުގަނޑުގެ ހިތްވެސް އަވަސްވެގެންދެއޭ. ހަމައެކަނި މިވާހަކައަށް އަޅުގަނޑުމެން ތިރިވެގެންދާތީވެ. ޤާނޫނެއް ނުލިބިގެން އަޅުގަނޑުމެންނަށް މިކަން ނުކުރެވިގެންދާ ކަމަށް އަޅުގަނޑުމެންނަށް ފެންނަމުންދާތީވެ. އަޅުގަނޑު ނުދެކޭނަން އެއީ، އެއްގޮތަކަށްވެސް އެހެން އޮތް ކަމެއްގެ ގޮތުގައެއް.

އަޅުގަނޑު އިތުރަށް ފާހަގަކުރަން ބޭނުންވޭ. ކުރިއަށް އޮތް ތަނުގައި މިވާހަކަ ގިނަވާނެ. އަޅުގަނޑު އެންމެ ރައްޔިތުންނަށް، އެންމެ ރައްޔިތުންނަށް ދަންނަވާލަން ބޭނުން ވާހަކައަކީ، ކުރިއަށް އޮތް ތަނުގައި، ކުޑަކުދިންނަށް ކުރާ ގޯނާއާއި އަނިޔާގެ ވާހަކަ، އަޅުގަނޑުމެންނަށް އަޑުއިވޭލެއް ގިނަވާނެ، އިތުރުވާނެ. އިތުރުވެގެން އެދަނީ، ސަރުކާރުންވެސް އަދި އަޅުގަނޑުމެން ރައްޔިތުންވެސް އެވާހަކަތައް ދެއްކުމަށް ފުރްޞަތުތައް ހުޅުވާލާތީވެ. އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، އަޑު އުފުލުމަށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ، މި ޖާގަތައް އަޅުގަނޑުމެން ދެމުން ގެންދާތީވެ.

އެހެންވީމާ، ހަނދުމަފުޅުކޮށް ބަހައްޓަވާތި. އެހެންވީމާ، ހަނދުމަފުޅުކޮށް ބަހައްޓަވާތި. މާދަމާވެސް އަޅުގަނޑުމެންނަށް އިތުރު ވާހަކަ އަޑުއިވޭނެ. އަޑު އިވިގެން ނޫނިއްޔަކާއެއް އަޅުގަނޑުމެންނަކަށެއް މިކަމެއް ޙައްލެއް ނުކުރެވޭނެ. އަޅުގަނޑު ނުދަންނަވާނަން އަޅުގަނޑަކަށް ހަޖަމު ކުރެވެއެކޭ މިހުރިހާ ވާހަކައެއް. އަޅުގަނޑަށް ވަރަށް އުނދަގޫ ހަޖަމު ކުރަން. އަޅުގަނޑަށް ވަރަށްދަތި އެވާހަކަތައް އަޑުއަހަން. އެހެންނަމަވެސް، މިކަމުގައި އަޅުގަނޑުމެންނަށް ޙައްލެއް ހޯދުމަށްޓަކައި ވާހަކަ ނުވަތަ ކަންކަން އޮއްބާދާތަނެއް އަޅުގަނޑެއް ނުދެކެން، ކަންކަން އަޅުގަނޑުމެންނަށް ޙައްލު ކުރެވިދާނެ ކަމަކަށް. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކުޑަކުދިންނަށް ގޯނާކުރަމުންދާ ޢަދަދު ގިނައީއަކީއެއް ނޫން. މިއަދު އެކުޑަކުދިންނަށް ގޯނާކުރަމުންދާ ޢަދަދު، އަޅުގަނޑުމެންނަށް ވެގެން މިއުޅޭ ގޮތަކީ، އެވާހަކަ ދެކެވެމުގެ ޖާގަ މިއަދު އިތުރުވެގެންދިޔައީ. އެހެންވީމާ، އަޅުގަނޑުމެންނަށް އެވާހަކަތައް އިތުރަށް އަޑުއިވިގެން މިދަނީ.

އަޅުގަނޑު ދެވަނަ ކަމަކަށް، ދެވަނަ ނުކުތާއަކަށް ފާހަގަކޮށްލަން އޮތީ މިވާހަކަ. އަޅުގަނޑު އިތުރަށް ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި މިކަންވެސް އަދި މިބާވަތުގެ ކިތަންމެ ކިތަންމެ މުޅި މުޖްތަމަޢުގެ ތެރެއަށް އޭގެ އަސަރު، ވަކި ސިޔާސީ ޕާޓީއަކަށް ނުހުއްޓި ފެތުރިގެންދާ ކަންތައްތަކެއް އެބަހުރި. އެކަންކަމުގެ ކިބައިން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި، އެކަންކަމުން އަޅުގަނޑުމެން ޙައްލެއް ހޯދުމަށްޓަކައި، އަރައިގަތުމަށްޓަކައި ހަމަ އަޅުގަނޑުމެންނަށް ބޭނުންކުރެވެން އޮތް އެންމެ ރަނގަޅު ވަސީލަތަކީ އެއްވެ އުޅުމުގެ މިނިވަންކަން. އެ މިނިވަންކަމަކީ ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެން ހޯދުމަށް މަސައްކަތް ކުރަމުން އައި މިނިވަންކަމެއް. އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެން މެނުވީ، އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން މިއެދޭ ޙައްލުތައް، އަޅުގަނޑުމެންގެ މުޖްތަމަޢަކަށް ނުހޯދޭނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު ވަރަށް އުފާވޭ. ސިޔާސީ ބޭނުމަކާނުލައި، އަޅުގަނޑުމެންނަށް މިތަނަށް އެއްވެ، މިވާހަކަތައް އަޅުގަނޑުމެން މިދައްކަމުން ގެންދާތީވެ. އަޅުގަނޑު މިއަދު ފާހަގަމިކުރި ތިން ނުކުތާއަކީވެސް އަޅުގަނޑެއް ނުދެކެން ސިޔާސީ ނުކުތާ ކަމަކަށް. އަޅުގަނޑުގެ ވާހަކައަކީ، މިހާރުވެސް ޤާނޫނު އެބަހުއްޓޭ. އަޅުގަނޑުމެންނަށް އެކަންކަން މިހާރުވެސް ކުރަމުން ގެންދެވޭނެއޭ. އަޅުގަނޑުގެ ވާހަކައަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މެދުވެރިކޮށްގެން، އަޅުގަނޑުމެން މިމަސައްކަތްތައް، މިކަންކަން އަޅުގަނޑުމެން ހާމަކުރަމުން ގެންދަންޖެހޭނެއޭ. އެހެންވީމާ، އަޅުގަނޑު އެންމެ ބޭފުޅުންނަށް ދަންނަވާލަން ބޭނުމީ، އަޅުގަނޑުމެން ހޯދަންވީ، އަޅުގަނޑުމެން މިދެކޭ ތަޞައްރުފުގައި، އަޅުގަނޑުމެން މިދެކޭ މަންޒަރުގައި، އަޅުގަނޑުމެންގެ ޤާނޫނުތައް މާނަކުރެވޭނެ، މާނަކުރެވޭނޭ އަޅުގަނޑު ދަންނަވާނީ ޤާބިލުކަން ލިބިގެންވާ ފަނޑިޔާރުން އަޅުގަނޑުމެންގެ ތެރެއަށް އައިސްގެން ނޫނިއްޔާ، އަޅުގަނޑުމެންނަށް ވަރަށް އުނދަގުލޭ މިކަންކަމަށް ޙައްލެއް ގެންނަން. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެން މިކަން ކުރަމުންދާއިރުގައި އަދި އިތުރަށް އަޅުގަނޑު ނިންމާލުމުގެ ކުރިން ދަންނަވާލަން އޮތް ވާހަކައެއް އެބައޮތް.

ދެމަފިރިންގެ ދޭތެރޭގައި ދިމާވާ މައްސަލަތަކުގައި ވަރަށްގިނަ ފަހަރަށް، މައިންބަފައިންނަށް އެބަ ހުރެވިދާނެ ކުޑަކުއްޖެއްގެ ފައިދާ ހޯދިފައި. ނުވަތަ ދޮގު އިލްޒާމް މީގެތެރެއަށް ނެރެވިފައި. އަޅުގަނޑުމެންގެ މިކަމުގެ ޖޯޝްގައި އެއްވެސް ޙާލެއްގައި އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ، ޝަރްޢީ ޙުކުމަކާ ނުލައި، އެއްވެސް މީހަކު ހައްޔަރު ކުރެވިގެނެއް ނުވާނެއޭ. ޝަރްޢީ ޙުކުމެއް ނާންނަނީހެއް މީހާ އެއީ ކުށްވެރިއެއް ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެއޭ. އަޅުގަނޑު ބޭނުން މިކަމަށް ޙައްލެއް ގެންނަން. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަން ޖެހޭނެ، ހުރިހާ މައްސަލަތަކަކީ، އެހާ ސާފު ސާދާ މައްސަލައެއް ނޫނޭ. އެހެންވީމާ، އަންހެނަކާއި ފިރިހެނަކާ ދޭތެރޭގައި އޮންނަ ރުޅިވެރިކަމެއްގެ ތެރޭގައި، އެމީހުންގެ ދެމެދުން އެކުވެގެން ނުކުތް ދަރިފުޅު ބޭނުންކޮށްގެން، އެ ދަރިފުޅާ ގުޅޭގޮތުން ވާހަކަތައް ދެކެވިގެން، ފިރިމީހާއަށް ގެއްލުމެއް ދިނުމަށް ނުވަތަ އަނބިމީހާއަށް ގެއްލުމެއް ދިނުމަށްވެސް މިބާވަތުގެ ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި، މުސްތަޤްބަލުގައި ދެކެވިދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އެހެންވީމާ، އެކަންކަމަށްވެސް އަޅުގަނޑުމެން ޖެހޭނެއޭ ސަމާލުވެތިބެން. އެއްގޮތަކަށްވެސް އަޅުގަނޑުމެން ނުވާނެ، މިއިން ކަމެއްގައި ޖޯޝްގައި ހުރިހާ ހަމައެއް، ހުރިހާ ޙުދޫދެއް ނެތި ދޫކޮށްލާކަށް.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށްވެސް މިކަމުން ސަލާމަތްވުމުގެ ހިތްވަރާއި ހެޔޮ ތައުފީޤު، މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!