بســم اللّـه الرّحمـن الرّحيــم

ބ. އަތޮޅު އަތޮޅު ކައުންސިލަރ، އަދި ތުޅާދޫގެ ކައުންސިލަރ، އަދި ތުޅާދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން.

السّـلام عليـكم.

އަޅުގަނޑު މިއަދު ތުޅާދުއަށް މިއައީ، އަޅުގަނޑުމެންނަށް މި ރިޔާސީ އިންތިޚާބުގެ ފަހުން، ތުޅާދުއަށް ދަތުރެއް ނުކުރެވި އޮތީ. އަދި ޚާއްޞަކޮށް، މިވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އަޅުގަނޑަށް ތުޅާދުއަށް ދަތުރެއް ނުކުރެވި އޮތީ. އަޅުގަނޑު މިއަދު ތުޅާދުއަށް އޭގެފަހުން މިއައީ، އަޅުގަނޑުގެ ހިތުގައި ތުޅާދުއަށް އަޅުގަނޑުމެން ކުރާ ކަމެއް، ދޭ އެއްޗެއް ނިންމާ ނިންމުމެއް، އަޅުގަނޑުމެން ނިންމަނީކީ އިންތިޚާބަކާލައިގެނެއް ނޫނޭ، އެ މެސެޖް ތިޔަބޭފުޅުންނަށް އަރުވަންވެގެންނޭ. އަޅުގަނޑު ބޭނުންނުވީ އިންތިޚާބާ ގުޅުވާ، ތުޅާދުއަށް އައިސް ތުޅާދޫ ރައްޔިތުންގެ ގާތުގައި، މި ސަރުކާރުގެ ތުޅާދުއާ ގުޅޭ ޕްރޮގްރާމްގެ ވާހަކަ ދައްކަން.

އަޅުގަނޑުމެންގެ އެބައޮތް ތުޅާދުއާ ގުޅޭ އަޅުގަނޑުމެންގެ ޕްރޮގްރާމް. އޭރު އެކަން އަޅުގަނޑު ކުރަން ބޭނުންނުވީ، އަޅުގަނޑުގެ ނަޒަރުގައި މި ސަރުކާރުންވެސް އަދި އެހެން ސަރުކާރަކުންވެސް ތުޅާދުއަށް އެއްޗެއް ދޭން މިޖެހެނީ، އެއީ ތުޅާދުއަށް ލިބެންޖެހޭ އެތި އެއީ، ތުޅާދޫގެ ރައްޔިތުންނަށް ވަރަށް ޙައްޤު އެއްޗަކަށްވާތީ. ބަޔަކު މީހުންދޭ ދިނުމަކަށް އެކަމެއް ވެގެނެއް ނުދާނެ. އެއީ، ތުޅާދޫ ރައްޔިތުންގެ ޙަލާލު ޙައްޤު މަސައްކަތުން އެ ރައްޔިތުންނަށް ލިބޭ އެއްޗަކަށް މެނުވީ ނުވާނެ.

އަޅުގަނޑަކަށެއް ކުޑަކޮށްވެސް ތުޅާދޫ އޮޅިފައެއް ނުވޭ. އަޅުގަނޑަކަށް ތުޅާދޫގެ ތާރީޚެއްވެސް، ތުޅާދޫގެ ހުނަރުވެރިކަމެއްވެސް، ޘަޤާފަތެއްވެސް، ތުޅާދޫ ރައްޔިތުން ދިރިއުޅެމުން އަންނަ ގޮތެއްވެސް، އަދި ތުޅާދޫގެ މުސްތަޤްބަލެއްވެސް އޮޅިފައެއް ނުވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި ހެޔޮވެރިކަމަށް ބާރުއަޅާ ރާއްޖޭގެ ބޮޑެތި ރަށްރަށުގެ ތެރެއިން މިއީ އަޅުގަނޑަށް ޔަޤީން، ތިޔަ އެންމެ ބޭފުޅުންނަށްވެސް ފާހަގަވާނެ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ފާހަގަކުރާނެ، ތުޅާދުއަކީ އަރާހުރި ރަށެއްކަން. މި ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގެނައުމަށާއި، މި ރާއްޖެއަށް މި އައި ހެޔޮ ބަދަލު ގެނައުމުގައި، ތިޔަބޭފުޅުންގެ ޙިއްޞާއަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަމަށް ޝުކުރުވެރިވާނެ ޙިއްޞާއެއް. އަޅުގަނޑު ހަމަގައިމުވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަމަށް ނުވަތަ ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން އަންނަ ގޮތަށް އަޅުގަނޑުމެން ގެނައުމަށް މިއެދޭ ބަދަލުތައް ގެނައުމުގައި، ތުޅާދޫ ރައްޔިތުން ކުރެއްވި މަސައްކަތާއި ބައިވެރިވެލެއްވި މިންވަރާ، މިކަންކަމަކީ، ދުވަހަކުވެސް ދިވެހި ތާރީޚުން ފޮހެވިގެންދާނެ ކަމެއް ނޫން. އެކަމަށްޓަކައި އަޅުގަނޑު ތުޅާދޫގެ ރައްޔިތުންނަށް ޝުކުރު ދަންނަވަނީ، ހަމަ އަޅުގަނޑުވެސް މިރަށުގެ ރައްޔިތެއްހެން ދެކިހުރެ، އެކަމާ ފަޚްރުވެރިވަމުން.

އަޅުގަނޑުމެންނަށް އެނގޭ، މިއީކީއެއް ކޮންމެހެން 2009 ވަނަ އަހަރު އެކަނި ހިނގި ކަމެއް ނޫންކަން. އަޅުގަނޑުމެންނަށް ސާފު، 1979 ވަނަ އަހަރުވެސް ރާއްޖޭގެ ވެރިކަން އެފަހަރު ބަދަލުވެގެން ދިޔުމުގައި، ތުޅާދޫ ރައްޔިތުންގެ ޙިއްޞާ ވަރަށްބޮޑު. ތުޅާދޫ ރައްޔިތުންގެ ބައިވެރިވުން ވަރަށްފުޅާ. ޚާއްޞަ ގޮތެއްގައި، އޭރުގެ ރައްޔިތުންގެ މަޖިލީހުގައި ބ. އަތޮޅު ތަމްސީލު ކުރައްވަމުން ގެންދެވި ޢިއްޒަތްތެރި މެންބަރުގެ ބައިވެރިވުމާއި، އަދި އެބޭފުޅާއާއި ތުޅާދޫގެ އޭރުގެ ކުރިއަށް ތިއްބެވި ބޭފުޅުންގެ އެއްބާރުލުމާއި ބައިވެރިވުން ވަރަށްބޮޑު. ތުޅާދޫ ރައްޔިތުން އެފަހަރު، އެ ވެރިކަން 1979 ވަނަ އަހަރު ބަދަލުކުރުމުގައި، ހީވާގިކަމާއެކީގައި މަސައްކަތް ކުރަމުން ގެންދިޔައީ، އެ ރައްޔިތުންގެ ވަރަށްބޮޑު އުންމީދަކާ އެކީގައި. މިރަށަށް، މިއަތޮޅަށް، މިރާއްޖެއަށް ހެޔޮ ބަދަލެއް މިރަށު ރައްޔިތުން އެދޭތީ. ކޮންމެހެންނެއް ހަމައެކަނި ތުޅާދުއަށް ރަނގަޅު ގޮތެއް އެދޭތީކީއެއް ނޫން. އަޅުގަނޑު ދަންނަން ވަރަށްގިނަ ތުޅާދޫ ޢާއިލާތައް. ވަރަށްގިނަ ތުޅާދޫ ރައްޔިތުން. އެބޭފުޅުންގެ ސިކުނޑިއަކީ، އެބޭފުޅުންގެ ވިސްނުމަކީ މިރަށު ގޮނޑުދޮށާ ހިސާބުން ހުއްޓިފައި ހުންނަ ވިސްނުމެއް ނޫން. އެބޭފުޅުންނަށް ވިސްނޭ، ދުނިޔޭގައި ކަންކަން ވަމުން އަންނަގޮތާއި، އަދި ރާއްޖޭގެ މުސްތަޤްބަލް އެނބުރިގެންދާނެގޮތް. އެންމެ ކުރީ ބައިގައިވެސް މޮޅުވާ ކޮޅަށް ޙަޤީޤަތުގައި އަރަން އެނގެނީ ތުޅާދޫ ރައްޔިތުންނަށް. މިފަހަރުވެސް ވަރަށް ކުރީގައި މޮޅުވާ ކޮޅު، މޮޅުވާނެ ކޮޅަށް، ތުޅާދޫ ރައްޔިތުން ދެނެގެންފި. އެކޮޅަށް ކުރިއަށް ތުޅާދޫ ރައްޔިތުން އެރި. އެހެންވީމާ، އޭގެ ފައިދާ ތުޅާދުއަށް ނުލިބިއެއް ހަމަގައިމުވެސް ނުދާނެ.

އަޅުގަނޑު މިއަދު އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުންދާއިރުގައި، މިއަދުގެ ސަރުކާރު ހިނގަމުންދާއިރުގައި، އަދި އެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާއިރުގައި ސީދާ ތުޅާދުއަށްވާނީ ކިހިނެއްހޭ؟ އެސުވާލުގެ ޖަވާބާ ގުޅޭގޮތުން ތިޔަބޭފުޅުންނާއެކީގައި ބައެއް ވާހަކަ، ބައެއް މަޢްލޫމާތު ޙިއްޞާކޮށްލުމަކީ، މިއަދު އަޅުގަނޑު ވަރަށް އެދޭ ކަމެއް. އަޅުގަނޑުމެންނަށް މިރާއްޖެއަށް ކޮންމެހެން މިހާރުން މިހާރަށް ބޭނުންވާ، އެންމެ މުހިންމު ގޮތުގައި ބޭނުންވާ ފަސްކަމެއް ފާހަގަވޭ. އެފަސްކަމަކީ ކޮބައިތޯ ކަނޑައެޅުމުގައި، ތުޅާދޫ އެއީ، އަޅުގަނޑުމެން މިދިޔަ ހަތަރު ފަސްއަހަރު ބަލަމުން އައި އެއްރަށް. ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަން މިރަށުގައި އިންތިހާއަށް، ނިހާޔަތަށް ފާހަގަވޭ. އަޅުގަނޑުމެންނަށް ފެނުނު، މިރަށުގައި ގޯތިގެދޮރުގެ ދަތިކަން، ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލު ކުރެވޭނޭ ގޮތެއް މި ސަރުކާރުން ހޯދަންޖެހޭނެކަން. އެކަމަށްޓަކައި ސަރުކާރުން ރާވާފައިވާ ރޭވުމަކީ، ވަކި ތަރުތީބަކުން އެކަން ކުރަމުން ގެންގޮސް، މުޅި ރާއްޖޭގައި އެއްފަހަރާ ދިހަހާސް ގެ އެޅޭނެ ނިޒާމެއް އަޅުގަނޑުމެން ހޯދަނީ. އެގޮތުން، ސަރުކާރުން ނިންމީ، މިރާއްޖޭގެ ބޮޑެތި ރަށްރަށުގައިވާ ބިންބިން، އެ ބިންތަކަކީ ދުނިޔޭގެ ވަރަށްގިނަ ރައްޔިތުން އެއަށް ޝައުޤުވެރިވާ ބިން. މި ރާއްޖޭގެ ޤުދްރަތީ ރީތިކަމަކީ، މި ރާއްޖޭގެ އަމާންކަމަކީ، މި ރާއްޖޭގެ ހިތްފަސޭހަކަމަކީ، ދުނިޔޭގެ އެތައް ބައެއް މި ރާއްޖެއަށް ދަހިވެތިވާ ކަމެއް. އެހެންވީމާ، މިރާއްޖޭގެ ބިމުގެ އަގު ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ އުފުލިފައިވަނީ.

ސަރުކާރުން މިކަން ދެނެގަނެ، ސަރުކާރުން ނިންމަނީ ރައްޔިތުންނަށް އަޅައިދޭ ކޮންމެ ދިހަ ގެއަކަށް ސަރުކާރުން ދޫކުރާނެއޭ ދިގު މުއްދަތަށް ވިހިހާސް އަކަފޫޓްގެ ބިން ރާއްޖެއިން ބޭރު މީހުންނަށްވެސް. މިދަންނަވާ ވާހަކައަކީ، މިސާލަކަށް ތުޅާދޫގައި އަޅުގަނޑުމެން ދުއިސައްތަ ގެ އަޅާއިރުގައި، އެއާ ގުޅިގެން ވިހިހާސް އަކަފޫޓްގެ ވިހި ބިން ސަރުކާރުން ދޫކުރާނެއޭ އެކިތަންތަނުގައި. މިދަންނަވާ ވިހި ބިން ސަރުކާރުން މިދޫކުރަނީ ބޭރު މީހުންނަށް. އެ ބިމުގެ ބޭނުމުގައި، އެ ބިން ބޭނުންކުރުމަށް އެމީހުން ޗުއްޓީގައި އައިސް އަރާމުގައި އެބިމުގައި ގެއެއް އަޅައިގެން ހޭދަކުރުމަށް. އެބިން ކަނޑާނީކީއެއް ތުޅާދުއަކުން ނޫން. އެ ބިން އަޅުގަނޑުމެން ސަރުކާރުން ދޫކުރާނީ ރާއްޖޭގައި ބިން ބޮޑު، މީސްކޮޅު މަދު ރަށްރަށުން. މިއަތޮޅުގައިނަމަ، އެންމެ ފާހަގަވާގޮތުގައި އޮތީ ގޮއިފުޅަފެހެންދޫ. އަދި އެހެން ނޫނަސްވެސް މެދު ރާއްޖެތެރޭގައިވެސް، އުތުރުގައިވެސް، ދެކުނުގައިވެސް މިބާވަތުގެ ބައިވަރު ރަށްރަށް އެބަހުރި. އަޅުގަނޑު މިދަންނަވާ ރަށްރަށުގެ މިސާލަކަށް ކޮންމެހެން އަޅުގަނޑު ދާކަށް ނުޖެހޭނެ. ފިއްލަދޫ، ދައްޕަރު، މޮޅަދޫ އަދި މިހެންގޮސް އަޅުގަނޑަށް ތިޔަބޭފުޅުންނަށްވެސް މިބާވަތުގެ ކިތަންމެ ރަށެއް ފާހަގަކުރެއްވިދާނެ.

ސަރުކާރުން މިހާރު މިވަނީ މިރަށްރަށް ފާހަގަކޮށްފައި. ވަރަށް ފަސޭހަ ގޮތަކަށްވެސް މިކަން ހިންގެން އެބައޮތް. ހަމަ އަޅުގަނޑު އޮފީހުގައި އިނދެފައި، އަޅުގަނޑު ރަށްޓެހި ހައެއްކަ މީހުން ކައިރީގައި މިގޮތަށް ރާއްޖޭގެ ބިން ލިބެން އެބަހުއްޓޭ. މި ބިން ބޭނުންކޮށްގެން މިމަސައްކަތް ކުރުމަށް އަންނަންވީ ނޫންހޭ، މިރުފިޔާ ޚަރަދު ކުރަންވީ ނޫންހޭ. އެހެންނޫނީ މި ޑޮލަރު ޚަރަދު ކުރަންވީ ނޫންހޭ. މިގޮތަށް ވާހަކަ ދައްކައި، އަޅުގަނޑުމެންނަށް އެކަން ވަރަށް އަވަހަށް ކުރެވުނީސް. މަހެއް ދޮޅުމަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ޢަމަލީ މަސައްކަތާ ހަމައަށް ދެވޭވަރު އަޅުގަނޑުމެންނަށް ކުރެވުނީސް. އެހެންނަމަވެސް، އެގޮތަށް އެކަން ކުރީމާ، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ މި މަސައްކަތުގެ ތެރެއިން ނެގުމުގެ ފުރްޞަތުތައް ވަރަށްބޮޑުވެގެން ދަނީ. އަޅުގަނޑު ބޭނުންހާ މީހަކަށް، ބޭނުންއިރެއްގައި ބޭނުންގޮތަކަށް ރާއްޖޭގެ ބިން ކަނޑާފައި ދެވޭނެ ގޮތަކަށް އޮވެގެނެއް ނުވާނެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބިން ބޭނުންކުރާން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ އެއްބާރުލުން އަދި އެއަށް ހިތް ޙަލާލު އެ ގޮތަކަށް ހިތް ޙަލާލު ދިނީމާ.

އެހެންވީމާ، ސަރުކާރުން ނިންމީ، މިކަން ކުރުމުގައި ޢާންމުކޮށް މިގެންގުޅޭ ބައިނަލްއަޤްވާމީ ޓެންޑަރުގެ ހުރިހާ އުޞޫލެއް އަޅުގަނޑުމެން ގެންގުޅެން. އެ އުޞޫލުގެ ދަށުން ކަންތައް ކުރާއިރުގައި، ފުރަތަމަ މި އިޢްލާނު ކުރަން ޖެހެނީ، މިދެންނެވި ގޮތަށް މިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް. އެއީ، ވިހިހާސް އަކަފޫޓްގެ ބިމެއްގެ ބަދަލުގައި ދިހަ ގެ. މާލެފަދަ ބައެއް ތަންތަނުގައި ފްލެޓް. އަދި ބިން އޮތް ތަންތަނުގައި ގެ. ތުޅާދުއަކީ ބިން އޮތް ތަނެއްގެ ގޮތުގައި އަޅުގަނޑުމެން މިބަލަނީ އިނގޭތޯ. ގެ އަޅާފައި، އެ ދިހަ ގެއާ ވިހިހާސް އަކަފޫޓްގެ ބިމާ.

މި ވިޔަފާރީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަން ހާމަކުރުމަށް އަޅުގަނޑުމެން މިދިނީ މުއްދަތެއް. އެމުއްދަތު ހަމަވީ މެއިމަހު. އަޅުގަނޑު ހަނދާންވަނީ މެއިމަހުގެ މެދެއްހާ ތަނުގައި އެމުއްދަތު ހަމަވީ. ހަމަވީއިރުގައި އެކަން ކުރުމަށް އަޅުގަނޑު މިހާރު ހަނދާންވާ ގޮތުގައި ވިއްސަކަށް ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި އޮތް. މިފަރާތްތަކަށް ދެން ސަރުކާރުން ދެވަނަ ފިޔަވަޅެއްގެ ގޮތުގައި، ޓެންޑަރުގެ އުޞޫލުގެ ދެވަނަ މަރްޙަލާއެއްގެ ގޮތުގައި ކަން ކުރާން މިޖެހޭ ގޮތަކީ، ސަރުކާރުން މިފޮނުވަންޖެހެނީ، މިވެނި މިވެނި ގޮތަކަށް މިކަން ކުރުމަށް އެފަރާތްތަކުގެ ޝައުޤުވެރިކަން ހާމަކުރި ފަރާތްތަކުގެ ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅަން. އެ ހުށަހެޅުން އޮންނަންވާ ގޮތުގެ ތަފްޞީލާ އެކުގައި މިހާރު އަޅުގަނޑުމެންނަށްވަނީ ޝައުޤުވެރިކަން ހާމަކުރި ފަރާތްތަކަށް ހުށަހެޅިފައި. ދެން މިދަންނަވާ ހުށަހެޅުން ހުށަހެޅުމަށް އެފަރާތްތަކަށް އެބަދޭންޖެހޭ މަދުވެގެން 45 ދުވަސް. އެއީ، މަގުތައް ހުންނާނެ ގޮތާއި، ގެތައް ހުންނާނެ ގޮތާއި، ފެނާއި ނަރުދަމާގެ ކަންތައް ހަމަޖެހިފައި އޮންނާނެ ގޮތާއި، މަދަރުސާތަކާއި ބަނދަރާ، މިހެންގޮސް މިބާވަތުގެ ހުރިހާ ކުރެހުމުގެ ތަފްޞީލަކާ އެކީގައި ސަރުކާރަށް އެފަރާތްތަކުން ހުށަހަޅަން މިޖެހެނީ. އެކަމަށް ސަރުކާރުން މިދެނީ 45 ދުވަސް. އެ 45 ދުވަސް ހަމަވީމާ، ދެން ސަރުކާރަށް އެބޭފުޅުންގެ ހުށަހެޅުންތައް ހުށަހެޅުނީމާ، އެހުށަހެޅުން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކަމަށް އެންމެ އެކަށީގެންވާ ޤާބިލް ފަރާތަކާ ސަރުކާރުން މަސައްކަތް ޙަވާލު ކުރާނީ. މިހާރު އަޅުގަނޑުމެން މިޖަހާފައި މިއޮތް ތަރުތީބުން މިކަން ދިޔައީމާ، އަޅުގަނޑުމެންނަށް މިފެންނަނީ، އޯގަސްޓް މަހުގެ ތެރޭގައި އެ ފަރާތްތަކާ އެކުގައި ކޮންޓްރެކްޓްގައި އަޅުގަނޑުމެންނަށް ސޮއިކުރެވޭނެ ކަމަށް.
މިހެން ދެންނެވިޔަސް، މިހާރު މިއިން އެއް ޑެޑްލައިނާ ނުވަތަ ވަގުތު ހަމަވާ ގަޑިއާއި، އަނެއް ވަގުތު ހަމަވާ ގަޑިއާ ދެމެދު އެބަ ކައްސާލާ. ބައެއްފަހަރަށް ދެހަފްތާއަށް އެބަލަސްވޭ. ތިންހަފްތާއަށް އެބަ ލަސްވޭ. އަދި ބައެއް ކަންކަމުގައި ވިހި ތިން ހަތަރު ދުވަހުން ލަސްވުމެއް ނުވަތަ އަވަސްވުމެއްވެސް އެބަ ހިނގާ. އަޅުގަނޑުމެން މި އުންމީދު ކުރާ މި ތާރީޚުތަކުގައި އުޅެފާނެ ތިން ހަތަރު މަހެއްގެ ފަރަޤު. އަޅުގަނޑު ގާތުގައި ވަރަށްގިނަ ފަހަރަށް ބޭފުޅުން އެދޭ ތާރީޚުތައް ދޭން. މިކަން ކުރާނީ ކޮންއިރަކުން ހެއްޔޭ؟ ދެންމެ ކައުންސިލަރވެސް ހާމަކޮށްދެއްވައިފި. އަދި އަޅުގަނޑަށް ވަރަށް ބޮޑަށް އެނގޭ، ވަރަށް ސާފު. ކީއްވެގެންކަން ތިޔަބޭފުޅުންނަށް ސަރުކާރަކުން ދައްކާ ވާހަކަ ގަބޫލުކުރަން ދަތިވަނީ. އަޅުގަނޑު ހިތުގެ އަޑިން އެކަން ގަބޫލުކުރަން. ދަތިވާނެކަންވެސް އަދި ދަތިވާންޖެހޭނެވެސްމެ. އަދި އިތުބާރު ތިޔަބޭފުޅުން ހޯދުމަށް މީހަކު ދައްކާ ވާހަކައަކަށް ބުރަވެވޭކަށް ނެތްކަން އަޅުގަނޑު ތިޔަބޭފުޅުންނާ އެއްވަރަށް ހަމަ ގަބޫލުކުރާނަން.

މިކަން ކުރުމަށް އަޅުގަނޑުމެން މިހުށަހަޅަނީ ތާރީޚެއް އެކަންޏެއް ނޫން. އަޅުގަނޑުމެން މިހުށަހަޅަނީ، އަޅުގަނޑުމެން މިކަން ކުރާނެގޮތް. އެހެންވީމާ، ތިޔަކަމެއް ނުކުރެވޭނެއޭ އެއްވެސް ބޭފުޅަކު ބުނުއްވަންޏާ، ބުނުއްވަންޖެހޭނީ، ވިހިހާސް އަކަފޫޓްގެ ދިވެހި ބިން، ގޮނޑުދޮށް ކުރިމަތިން ޔޫރަޕްގައި ފަންސަވީސް އަހަރަށް ފަސްލައްކަ ޑޮލަރަކަށް ނުވިކޭނެއޭ. އެހެން ބުނުއްވާފައި ދެކޮޅު ޖައްސަން ބޭފުޅަކު އުޅުއްވަންޏާ އަޅުގަނޑު އެބޭފުޅަކާ ވާހަކަ ދައްކަފާނަން. އެއީ، އަޅުގަނޑުމެންނަށް އަންދާޒާ ކުރެވިފައި މިއޮތީ، އަޅުގަނޑުމެން މި އަންދާޒާ ކުރަނީ، ފަސްލައްކަ ޑޮލަރުން ފަސް ދިހަ ގެ އަޅައި ނިންމޭނެއޭ، އެއްފަހަރާ ބައިވަރު ގެ އަޅަން ފެށީމާ. އެހެންވީމާ، މިދަންނަވަނީ ވިހިހާސް އަކަފޫޓާއި ދިހަ ގެއާއެއް ނޭޅޭނެއޭ.

މިގެތައް ތިޔަބޭފުޅުންނަށް ސަރުކާރުން ދޫކުރާނީ، ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން. ވަރަށް ދިގު މުއްދަތެއްގައި ވަރަށް ކުޑަ އެއްޗެއް ދައްކައިގެން. އެއްވެސް ޙާލެއްގައި އެއްވެސް ބޭފުޅެއްގެ އާމްދަނީގެ، ގެއެއްގެ އާމްދަނީގެ ކޮންމެ ސަތޭކައަކުން ވިހި ރުފިޔާއަށްވުރެ އިތުރު އެއްޗެއް ގެދޮރަށް ދައްކަން ޖެހިގެން ނުވާނެ. އެހެންވީމާ، އެއަށްވުރެ ބޮޑުނުވާ އަގެއް، މަހުން މަހަށް ދައްކައި، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކޮށް، އަމިއްލައަށް އެ ގެ މިލްކުވާ އުޞޫލުން ސަރުކާރުން އެކަން ކުރާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑު ވަރަށް އިތުބާރާ އެކީގައި މީގެކުރީގައި އަޅުގަނޑުމެން މިކަމުގައި ވިސްނަމުން އައިއިރު އަޅުގަނޑުމެންނަށް އޮތް އިތުބާރަށްވުރެ، މިއަދު މިކަމުގައި އަޅުގަނޑުމެންނަށް އޮތް އިތުބާރު މާބޮޑު. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ވަޢުދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި ތިޔަބޭފުޅުންނަށް ފުއްދައިދޭނަން. އިރާދަކުރެއްވިއްޔާ، ތުޅާދޫގައި އަޅުގަނޑުމެން ގޯތި ގެދޮރު އަޅައިދޭނަން.

ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވިއިރުގައި، ދެންމެ މުޙަންމަދު، އަޅުގަނޑުމެންގެ ކައުންސިލަރ އެކިޔާދެއްވި ލިސްޓަށް އަދި ދެތިން ހަތަރު ތަނެއް އިތުރުވެސްކޮށްލަން އަޅުގަނޑުގެ ހިތުގައި އެބައޮތް. ކިތައްފަހަރުތޯ؟ ކިތައް ގޮތަށްތޯ؟ ސަރުކާރުން ތުޅާދޫ ރައްޔިތުންނަށް ވަޢުދުވެފައި އޮތީ. ފުރަތަމަ އިބްރާހީމް ނާޞިރު ބާޑި ޖަހައިގެން މާލޭގައި ބިން ބޮޑުކުރަމުން އައިއިރުގައި، މާލޭގެ ބިންވެސް، އޭގެ ބޮޑު ބައެއް ބޮޑުކޮށްދީނީ ތުޅާދޫ މީހުން. ހަމައެއާ އެކީގައި އޭރުގައި މިރަށުގެ ބިންވެސް ބޮޑުކުރަމުން ދިޔައީ. އޭރުއްސުރެ ފަށައިގެން ހަމަ ކޮންމެ ދަނޑިވަޅެއްގައިވެސް، އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެހާވަރަކަށް އަޅުގަނޑު ހިތުން ރައްޔިތުންނަކަށް ވަޢުދެއްނުވޭ. މިވެނި ކަމެއް، އެވެނި ކަމެއް ކޮށްދޭނަމެކޭ ދުވަހަކުވެސް އެވެރިކަމުގައި ވިދާޅުވެފައި އޮތް ކަމަކަށް މާބޮޑަކަށް ސާފެއްނުވޭ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، ތުޅާދޫގައި ބާޑި ޖަހައިގެން ބިން ހިއްކުމުގައި އޭގައި ވަޢުދެއްވާނެހެން. އޭރުއްސުރެ ފަށައިގެން މިއަދާ ހަމައަށް އައިއިރުގައި، ތުޅާދޫގެ ބިން ބޮޑުކުރުމުގެ ވާހަކަތަކެއް ދެކެވޭ ނުވަތަ އުންމީދުތަކެއް ތުޅާދޫ ރައްޔިތުން އަބަދުވެސް ކުރޭ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، ވަރަށްގިނަފަހަރު މިވާހަކަ ދެކެވިފައި އޮތްކަން، އަޅުގަނޑު މިމަސައްކަތްކުރާ އޮފީސް ތެރެއިންވެސް، ރައީސް އޮފީސް ތެރެއިންވެސް އަޅުގަނޑަށް ހޯދުން. އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވި ފުރަތަމަ ދެމަސް، ތިންމަސްވެސް އަޅުގަނޑު ކުރި ކަމަކީ، އެތާނގެ ހުރިހާ ލިޔުމެއް ކިޔޭތޯ އަޅުގަނޑު ބެލީ. ކާކު ގާތުގައި، ކޮންބައެއް ގާތުގައި ކޮން ވާހަކައެއްތޯ ސަރުކާރުގެ ފަރާތުން ދައްކާފައި އޮތީ އަޅުގަނޑު އޮޅުންފިލުވީ. މި ރަށް ބިން ބޮޑުކުރުމަށް ވާހަކަ ދެކެވިފައި އޮތީ.

މިވާހަކަ މިހެން ދެކެވިފައި އޮއްވާ، އަޅުގަނޑުމެންނާ ވާހަކަ ދެއްކުމަށް އައީ، ބޮސްކާރިސް ކިޔާ ޑެންމާކް ކުންފުންޏެއް. އަޅުގަނޑުމެން އިނގިރޭސިވިލާތަށް ދިޔަ ދަތުރެއްގައި މިކުންފުންޏާ ދިމާވެއްޖެ. އެކުންފުނިން އެބަ ހުށަހަޅާ، ތިމަންނާމެން ބޭނުމޭ ގުޅީފަޅު ހިއްކަން. ދެން އަޅުގަނޑުމެން ބުނެފިން، އަޅުގަނޑުމެން އެހާ ބޮޑު ޝައުޤުވެރިކަމެއް ނެތޭ، ގުޅީފަޅު ހިއްކާކަށް. އަޅުގަނޑަށް ކުއްލިއަކަށް ބުނެވިއްޖެ، އެއަށްވުރެ އަޅުގަނޑު މާ ޝައުޤުވެރިކަން އެބަހުއްޓޭ، ތުޅާދޫ ހިއްކަން، ހިންނަވަރު ހިއްކަން، ދިއްދޫ ހިއްކަން، ވެލިދޫ ހިއްކަން އުތުރުން ވެއްޖިއްޔާ. ތުޅާދޫ ހިއްކުމުގެ ޝައުޤުވެރިކަން ވަރަށްބޮޑޭ. ދެން އަޅުގަނޑުމެންނާ ސަރުކާރާ މިދެންނެވި ކުންފުންޏާ ދެމެދު ވާހަކަތައް ފެށިއްޖެ. އެކުންފުނިން އެއްބަސްވެއްޖެ އަޅުގަނޑުމެން ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް ތުޅާދުއާއި ހިންނަވަރު އެކުންފުނިން ހިއްކައިދިނުމަށް. މިވާހަކަތައް ދެކެވެމުން ދެކެވެމުން އައިސް، މިހާރުވަނީ ވަރކްސް އެގްރީމެންޓްގައި، އެއީ މަސައްކަތު އެގްރީމެންޓްގައި އެބޭފުޅުންވަނީ ސޮއިކުރައްވާފައި. އެ ސޮއި އަޅުގަނޑު ހަނދާންވަނީ، ކުރީ މެއިމަހުގެ ތެރޭގައި. މިހާރު އެހެންވީމާ، ޢާންމުކޮށް އެ ސޮއި ކުރުމަށްފަހުގައި، ހަމަ އެ މޯބަލައިޒޭޝަނަށް އޮންނަ މުއްދަތެއްގެ ތެރޭގައި އެމަސައްކަތް ފަށަންޖެހޭނެ.

މިހާރު އަޅުގަނޑު މިމަސައްކަތް ފަށަން ބޭނުމީ، ރަށްވަށާ ރިވެޓްމަންޓާ އެކީގައި. އެ ރަށްވަށާ މިދަންނަވާ ވާޓަރު ހަދާފައި. މިހާރު ހިއްކަން ނިންމާފައި އޮތީ ވަރަށްބޮޑު ޢަދަދެއް. ވަރަށްބޮޑު ބިމެއް މިރަށުގެ ފަޅުތެރޭގައި އެހާ ޖާގަވެސް އޮތުމާއެކީގައި، އަދި އަޅުގަނޑުމެން މި އަމާޒުކުރަނީ، ތުޅާދުއަކީ ދިހަހާސް ރައްޔިތުންނަށް ދިރިއުޅެވޭނެ ރަށަކަށް އިރާދަކުރެއްވިއްޔާ ހެދުން. އެހެންވީމާ، އެވަރަށްވާވަރަށް ހިއްކުމަށާއި، އަދި އެވަރަށްވާވަރަށް ގެދޮރު އެޅުމަށާއި، މަގުތައް ހެދުމަށާއި، ނަރުދަމާވެސް އެމިންވަރަށް ހެދުން. އަޅުގަނޑު ބޭނުމެއް ނޫން، އަޅުގަނޑުމެން ކުރާ ކަމެއް، ހައެއްކަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ގެއްލިދާކަށް. އަޅުގަނޑު ބޭނުންވަނީ، މި ސަރުކާރުން ކުރާ ކަމެއް، ފައްސަތޭކަ އަހަރަށް ދެމިހުންނާނެ މިންވަރަށް ކުރުން. މީގެކުރީގައި ރިވެޓްމަންޓް ހަދަމުން އައީ ތެދަށް. ދެން މިހާރު އެ ރިވެޓްމަންޓޭ އަޅުގަނޑު މިދަންނަވަނީ، ވާޓަރު. ހަދަމުން އައީ ތެދަށް. ދެން ވާޓަރު ތެދަށް ހެދީމާ، އެއީ، އެންމެ ރަނގަޅު ނޫން ގޮތް ކަމަށް މިހާރު އަޅުގަނޑުމެންނަށް ވަރަށްގިނަ ސައިންޓިސްޓުން، ވަރަށްގިނަ ޢިލްމީ ބޭފުޅުން ލަފާއަރުވާފައި އޮންނަނީ. ދެން އަޅުގަނޑު ކައިރީގައި މީހުން މިބުނަނީ، ތުޅާދޫ މީހުން އެއްޗެހި ކިޔަން ތިންމަހެއް މައްސަލައެއްނެތްހޭ، މި ރިވެޓްމަންޓް ބަދަލުކުރަން. މިނޫން ގޮތަކަށް، އެހެން ގޮތަކަށް ކުރަހަން ވަގުތު ނަގާނެއޭ. ދެން އެވަގުތުގެ ތެރޭގައި ވަރަށްގިނަ ޝަކުވާވެސް އަންނާނެއޭ. ވަރަށްގިނަ މަލާމާތްވެސް އަޅުގަނޑަށް ރައްދުވާނެއޭ. އަދި ވަރަށް ބޮޑަށް އިތުބާރުވެސް އެދުވަސްކޮޅުގެ ތެރޭގައި ގެއްލިދާނެއޭ. ދެން އަޅުގަނޑު ދަންނަވައިފިން. އެހެން ނަމަވެސް، ފަހުން ކިހިނެއްހޭވާނީ؟ ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ތިޔަބޭފުޅުން އަޅުގަނޑު ދެކެ ރުޅިއައުމާއި، އިތުބާރު ގެއްލުމާއި، ދެން މިހެން ގޮސް މިކަހަލަ އެތައް ކަމެއް މިވަނީ. މި އެގްރީމެންޓްގައި މިއޮތް މުއްދަތުގެ ތެރޭގައި މޯބަލައިޒް ނުކުރެވިގެން ނުވަތަ މަސައްކަތް ޢަމަލީ ގޮތުން ފަށައިނުގަނެވިގެން. އެހެން ނަމަވެސް، އެއާ ކުޑަތަންކޮޅެއް ލަސްވުމާ ގުޅިފައި މިއޮންނަނީ، ކިހިނެއްތޯ ގޮނޑުދޮށް ހަދާނީ؟ ކުރީގައި ހަމަ ގޮނޑުދޮށް އެންމެ ފުރަތަމައިނުން ފެށުނީއްސުރެ ފަށައިގެން، ރާއްޖޭގައި މި ވާޓަރު ހަދާ އުސޫލުންތޯ ހަދާނީ ނުވަތަ މިހާރު މިޒަމާނުގައި އެ ގޮނޑުދޮށް ހެދުމަށް މިއޮތް އާ ވިސްނުމާ އަޅުގަނޑުމެން ކުޑަކޮށް އެކަމުގެ ތެރޭގައި އުޅޭނީތޯ. ދެން އަޅުގަނޑު ދަންނަވައިފިން، އަޅުގަނޑު ބޭނުމީ މިޒަމާނުގެ ގޮތަށް ހަދާށޭ. ދެން އަޅުގަނޑު ކެތްކޮށްގެން ހުންނާނީއޭ ތުޅާދޫ މީހުން އަޅުގަނޑަށް މަލާމާތް ކުރިޔަސްވެސް، ފާޑުކިޔަސްވެސް އަދި ހަމަ އެއްތާކު ނޫންހޭ ޖެހުނީ. ދެން އަޅުގަނޑަށްވެސް އެނގޭ، ޑީ.އާރު.ޕީ ބޭފުޅުން އަދި ކުޑަކުޑަކޮށް ހަޅޭއްވެސްލަވާލާނެކަން.

އަޅުގަނޑުމެން މި ސަރުކާރުން ތިޔަބޭފުޅުންނަށް މިކޮށްދޭ ކަމެއް މިކޮށްދެނީކީއެއް ޙަޤީޤަތުގައި ތިޔަބޭފުޅުންނަކަށް ނޫން. އަޅުގަނޑުމެންނަކަށް ނޫން. އަޅުގަނޑު ބޭނުން ތުޅާދޫ ހިއްކަން. އަޅުގަނޑު ބޭނުން ތުޅާދޫ ބޮޑުކުރަން. އަޅުގަނޑު ބޭނުން ތުޅާދޫގައި ދިހަހާސް މީހުން އުޅެން. އަޅުގަނޑު ބޭނުން ތުޅާދޫ ބޮޑު ރަށަކަށްވާން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ދިވެހިރާއްޖެއަށް ކުރިއަރައި ދެވޭނީ، މިއީ، ރަށްވެހިކަމުގައި އަރާ އޮތް ރަށެއް. މި ދިވެހިރާއްޖޭގެ، މެދު ރާއްޖެތެރޭގައި ރާއްޖޭގެ އިޤްތިޞާދާއި ރާއްޖޭގެ މާލީ ޙާލަތު އަދި ރާއްޖޭގެ އާމްދަނީ، މުޅި ރާއްޖޭގެ އާމްދަނީއާ ގުޅިފައި ހުންނަނީ މިރަށުގެ މަސައްކަތްތެރިކަން. މި ރާއްޖެ ތަރައްޤީ ކުރަން ބޭނުމިއްޔާ ތުޅާދޫ ތަރައްޤީ ކުރަންޖެހޭނެ. ހަމަ މާލެ ތަރައްޤީ ކުރަން ބޭނުމިއްޔާ، މި ކޮންމެހެންވެސް ޖެހޭ އެބަ މިރަށުގައި މަސް ބާނައިގެން، މިރަށު މަސްވެރިންނަށް އެމަހަށް ރަނގަޅު އަގެއް ލިބެން. މިރަށުގައި މަސް ޕްރޮސެސް ކުރެވެން އެބަޖެހޭ. މިދަންނަވަނީ މީގައި ދެން އޮތް ވާހަކައަކީ، މަސް ދަޅަށްލުން ނުވަތަ ޕެކް ކުރުން. އެބާވަތުގެ މަސައްކަތެއް މިރަށުގައި ކުރެވެން އެބަޖެހޭ. ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ މަސް ޕްރޮސެސް ކުރުން ނުވަތަ މަސް ކައްކާ ހިއްކުމުގެ އެއް ނާރެސް މިރަށަކީ. އެހެންވީމާ، ދެންވެސް މަހަށް އެހެން ގޮތެއް ހަދަންޏާ، ތުޅާދޫން ފަށައިގެން ނޫނިއްޔާ، ހެދުން އެއީ، ބުއްދިވެރިކަމަކަށް ނުވާނެ.

އެހެންވީމާ، އަޅުގަނޑުމެން ބޭނުން ތުޅާދޫ ތަރައްޤީ ކުރަން. އަޅުގަނޑު ތުޅާދޫ ތަރައްޤީ ކުރާކަށް ނުޖެހޭ ވޯޓް ލިބޭތޯ ބަލައިގެނެއް. އެހެންވީމާ، އެކަން ދޫކޮށްލީ އަޅުގަނޑު. އެހެން ނޫންނަމަ، އަޅުގަނޑުވެސް ހަމަ މިރަށަށް އައިސް، މިވޯޓުގެ ވާހަކަ ދައްކައި، މި ވޯޓާއިގެން އަޅުގަނޑުވެސް އުޅުނީސް. އެއީ، ބައެއް ރަށްރަށް ހުރޭ އަޅުގަނޑު އެގޮތަށް އިޙްތިރާމާ އެކީގައި ދޫކޮށްލި ރަށްރަށް. އަޅުގަނޑު ދޫކޮށްލީ ދެން. އަޅުގަނޑުމެން އެންމެ ވޯޓެއް ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ނުދެއްވިނަމަވެސް، މިކަން ކުރާނަން. އެހެންވީމާ، އަޅުގަނޑު މިކަމަކާ މި ވޯޓާ އެއްގޮތަކަށްވެސް ނޭޅުވީ. އެހެންވީމާ، އަޅުގަނޑު އޭގެ ކުރިއަށް މިރަށަށް ނައީ. މިއީ އަޅުގަނޑުމެން ބަލައިގެން، ހަމަ ދިވެހިރާއްޖޭގެ ރަނގަޅަށްޓަކައި، މުޅި ދިވެހިރާއްޖޭގެ ރަނގަޅަކަށްޓަކައި ކުރަންއުޅޭ ކަމަކަށްވާތީ. ހަމައެކަނި ތުޅާދޫގެ ރަނގަޅަކަށްޓަކައި ކުރަން އުޅޭ ކަމަކަށްވާތީއެއް ނޫން. ތުޅާދޫގެ ރައްޔިތުންނަށް މީގެ ސީދާ ގޮތުގައި އެންމެ ފައިދާވާނީ. ތުޅާދޫގެ ރައްޔިތުންނަށް ވިސްނުނު،މުޅި ދިވެހިރާއްޖެއަށް ފައިދާވާނެއޭ ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައީމާ. ތުޅާދުއަކަށް އެކަންޏެއް ނޫނޭ އޭގެ ފައިދާވާނީ. ތުޅާދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަން ވިސްނުނު. އެހެންވީމާ، ދެން އޭގެފަހުން އުފެދޭ ސަރުކާރަށްވެސް ނުވިސްނެންވީ ސަބަބެއް ނެތެއް ނޫންތޯ، ދިވެހިރާއްޖެއަށް ފައިދާވާނީ ތުޅާދުއަށް ފައިދާވީމައޭ. ދިވެހިރާއްޖެއަށް އަޅުގަނޑުމެން ފައިދާކުރަން އުޅޭއިރުގައި، އަދި އަޅުގަނޑު ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެނގެންވެސް ބޭނުން މިއީ މިކަން އޮތްގޮތް. އެބަހުއްޓޭ ރަށްވެހިކަމުގައި އަރާހުރި ރަށްރަށް. އެރަށްރަށާ އަޅުގަނޑުމެން އެބަޖެހެއޭ ޚާއްޞަ ނަޒަރަކުން އަޅާލަން. އެހެން ނޫނިއްޔާ މުޅި ރާއްޖެއަކަށް ފައިދާއެއް ނުލިބޭނެ.

މާލޭ ރައްޔިތުން ކައިރީގައި އަދި ޚާއްޞަކޮށް މިވާހަކަ ދަންނަވަން. މާލޭ މީހުންނަށް ފައިދާވާނީ ތުޅާދުއަށް ފައިދާވީމައޭ. މީގެކުރީގައިވެސް މާލެއަށް ފައިދާވީ ތުޅާދުއަށް ފައިދާވީމާ. ހަމަ ދެން އޮތް ތަނެއްގައިވެސް މާލެއަށް ފައިދާވާނީ، ޙަޤީޤަތުގައި ތުޅާދޫ މީހުންނަށް ލާރި ލިބުނީމާ. އެހެންވީމާ، އަޅުގަނޑުމެންގެ ތުޅާދޫގެ މަޝްރޫޢުން، ފުރަތަމަ އެއްކަމަކީ ބިން ހިއްކުން. އެކަން އަޅުގަނޑުމެން ކުރުމުގެ މަސައްކަތް މިދަނީ މިހާރު ކުރިއަށް. ދެން އަޅުގަނޑު ތިޔަބޭފުޅުން ގާތުގައި ސީދާ ތާރީޚެއް ދަންނަވާކަށް ނެތިން. އެހެންނަމަވެސް، މީގެކުރީގައި ހަމަ ކަނޑައެޅިފައި ހުރި ތާރީޚުތައް އަދިވެސް ހިފަހައްޓާ ކަމަށް އަޅުގަނޑަށް އެންމެފަހުން އަންނަމުން އަންނަމުންވެސް އަޅުގަނޑު ވަކިން އަނެއްކާ ޢަލީ ހާޝިމަށް ދަންނަވާލިން، ޢަލީ ކިހިނެއްތޯއޭ އޮތީ. ހަމަ އަދިއެއް އަޅުގަނޑުމެންގެ ޓައިމްޓޭބަލްތަކަކުންނެއް ތުޅާދޫ ހިއްކުމުގެ ކަންތައް ކައްސާލާފައެއްނުވޭ.

ދެން އޮތީ، ތުޅާދޫގެ ފެނާއި ނަރުދަމާ. ތުޅާދުއަކީ ޒަމާނުއްސުރެ ފަށައިގެން ފެން ރަނގަޅު ރަށެއް. ދެން ޢަޖައިބެއް ނޫން އެއީ. ހަމަ އަތުން ކޮނެލައިގެން ތުޅާދޫން ފެން ނަގައިގެން ބޯ ވާހަކައަކީ އަބަދުވެސް އެންމެންވެސް ދަންނަ ވާހަކައެއް. އެކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެނގޭ. ތުޅާދޫގައި އެހެން ނަމަވެސް، ނަރުދަމާގެ ނިޒާމަކާއި، މަގުތަކާއި، ޚާއްޞަކޮށް ވަށާ މަގެއް، ރީތިކޮށް ރަނގަޅަށް އޮތުން. އަދި ރަނގަޅު ބަނދަރެއް އޮތުން. މަސް ބަނދަރެއް ރަނގަޅު އޮތުން. މިހުރިހާ ޕްލޭނަކާއެކީގައި، އަޅުގަނޑު ނުދައްކާ މިހުންނަނީ. މިހާރު ކުރަހާ ނިމިއްޖެ. އެކަމަކު އަޅުގަނޑު ނުދައްކަނީ، އެކުރެހުންތައް ރާއްޖޭގެ ރަށްރަށުގެ އެކިގޮތްގޮތަށް ދައްކާ ދައްކާ ދައްކާ އަޅުގަނޑުވެސް ލަދުގެންފައިވާތީވެ. ހަމަ މިސާލަކަށް، ހިންނަވަރު، ތުޅާދޫ މިދެރަށުގައި ކޮންމެ އިންތިޚާބަކަށް އެއްފަހަރު ކަޑައެއް ޖަހާނެ. އަނެއްފަހަރަކު ކުރަހާލާފައި ދައްކާނެ. އަނެއް ފަހަރަކު ކުލައިން ޕްރިންޓެއް ނަގާފައި ދައްކާނެ. އަނެއް ފަހަރަކު މޮޑެލްއެއްހެން ހަދާލާފައި ދައްކާނެ. ހަމަ އެއިން ކޮންމެ ފަހަރަކުވެސް ރައްޔިތުން އެދެނީ ތަރައްޤީއަށް. ރައްޔިތުން އެދެނީ ކުރިއަރައި ދިއުމަށް. އެހެންވީމާ، ރައްޔިތުން އެއިން ކޮންމެ ފަހަރަކުވެސް ސަރުކާރާ އެކީގައި އެކަން ކުރުމަށްދަނީ. މިހާރު އަޅުގަނޑުމެންވެސް ތުޅާދޫ ކުރަހާފައި އޮތީ. އަޅުގަނޑު ނުދައްކާނަން އެކަމަކު އެއެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދި ކޮންމެވެސް ހިސާބަކުން ތިޔަބޭފުޅުންނާ އަދި އިތުރަށް މަޝްވަރާ ކުރަން އެބަޖެހޭ. ކިހިނެއްތޯ އެކިއެކި ކަންކަން ހަދާނީ، ކުރިއަށް ގެންދާނީ. ދެން އަޅުގަނޑުމެންގެ މި ޕްރޮވިންސްގެ މިނިސްޓަރަކަށް ހުންނަވަނީ، ހަމަ ތުޅާދޫ އުފަން ދަރިއެއް، ތިލްމީޒާ. އެބޭފުޅާއަކީ މާސްޓަރޒްއެއް ހައްދަވާފައި ހުރި ވަރަށް ތަޢްލީމީ ކުޅަދާނަ ބޭފުޅެއް. އަޅުގަނޑު ވަރަށް ގަޔާވާ ބޭފުޅެއް. ރާއްޖޭގެ އަންހެނުންގެ ތެރެއިން އަރާ ހުންނެވި ބޭފުޅެއް. އެހެންވީމާ، އަޅުގަނޑަށް އެބޭފުޅާއާ އެކީގައި މަސައްކަތް ކުރެވޭ ކަމަށް ޔަޤީން. ދެން ހަމަ އަޅުގަނޑުގެ ޤާނޫނީ ކަންތައްތައް ބައްލަވައިދެއްވުމަށްވެސް އަޅުގަނޑުމެންގެ އޮފީހުގައި ވަރަށް ހީވާގިކަމާ އެކީގައި މަސައްކަތް ކޮށްދެއްވަނީވެސް ތުޅާދޫ ބޭފުޅެއް. އަޅުގަނޑުމެންނަކާ މި ސަރުކާރަކާ މިވެރިކަމަކާ ތުޅާދުއަކާ ދުރެއް ނުކުރެވޭނެ. އިރާދަކުރެއްވިއްޔާ ދުރެއް ނުވެސްވާނެ.

ބިން ހިއްކުމުގެ އިތުރުން، ދެން އަޅުގަނޑުމެން ބޭނުން، އެއްދަންފަޅިއަށް ތުޅާދޫ މަދަރުސާ ހަދަން. ދެން އެއްދަންފަޅިއަށް މިވަގުތު ހެދެން އޮތީ. މިއީވެސް އަޅުގަނޑާ ތިޔަބޭފުޅުންނާ މައްސަލަޖެހޭނެ ކަމެކޭ އަދި އިނގޭތޯ. އެއްދަންފަޅިއަށް މިވަގުތު ހަދާނެ ގޮތެއް އަޅުގަނޑުމެން މިހޯދަނީ. ދެން އެއްދަންފަޅިއަށް ހަދަން ކިތައް ކްލާސްރޫމްހޭ އިތުރަށް ބޭނުންވަނީ. ބުނީމާ ދެން އޭގެތެރެއަށް ސްޓާފްރޫމާއި މަދު ހުރިހާ އެއްޗިއްސެއް ނޫން ހިމަނަންވާނީކީ. އެއީ މުޅިން އެހެން މައްސަލައެއް ނޫންތޯ، އެތަންތަން މަދުކަން. އެއީ މައްސަލައެއް. އަޅުގަނޑުވެސް އެކަން ގަބޫލުކުރަން. އެކަމަކު މިވަގުތު ޚަރަދުކުރަން ވެގެން މިއުޅެނީ އެއްދަންފަޅިއަށް ހަދަން. އަނެއް މައްސަލަތައްވެސް ހަމަ ޙައްލުކުރަން ޖެހޭނެ. އެކަމަކު މިހާރު އަޅުގަނޑުމެން ފައިސާ އެއްކައިރިކޮށްގެން، ބަހައްޓައިގެން މިއުޅެނީ ތުޅާދޫ އެއްދަންފަޅިއަށް ހަދަން. ދެން އަޅުގަނޑުމެންނަށް ތުޅާދޫގެ ދަރިވަރުންގެ އަދަދާ، މިހުރިހާ އެއްޗެއް މިނާލާފައި ބެލީމާ، އެކަމަށް އަޅުގަނޑަށް ލަފާކުރެވެނީ، 6 ކްލާސްރޫމުން އެކަންވާނެއޭ. ޑޮކްޓަރ ލުޠުފީވެސް ވިދާޅުވަނީ، އަދި އެޑިޔުކޭޝަން މިނިސްޓްރީންވެސް އެބަ ބުނޭ. ހިންނަވަރު މީހުން ކައިރީގައި އަހާލީމާވެސް ބުނީ ހަމަ ދިހަކްލާސްރޫމޭ. އެހެންވީމާ، އަޅުގަނޑަށް އެނގުނު މިރަށު މީހުންވެސް ހަމަ ކުއްލިއަކަށް ދިހަ ކްލާސްރޫމްގެ ވާހަކަ ބުނުއްވާނެކަން. ވަރަށްބޮޑު ޢަޖައިބެއް މިއީ އިނގޭތޯ. ހަމަ ވަރަށް އެއްގޮތަކަށް ކަން ދާނީ. އެހެންވީމާ، ދެން ދިހައެކޭ ބުނުއްވައިފި. އެހެންވީމާ، އެއީ ދެން ގެނެއްސާ އަޅުގަނޑު ބަލާލީމާ އަޅުގަނޑަށް އެނގުނު. މިހާރު ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގޭނެ، ގްރޭޑް 7ގެ ދަރިވަރުން މިއަންނަ އަހަރު މަދުވާނެކަން މިއަހަރަށްވުރެ. އަދި އޭގެ އަނެއް އަހަރު މާމަދުވާނެކަން. އަދި 6 އަހަރުފަހުން އަމިއްލައަށް އެއްދަންފަޅިއަށް ބަދަލުވާވަރަށް ކުދިން މަދުވާނެކަން. ކުދިން ވިހާފައި ތުޅާދޫގައި ހުރި މިންވަރު އެއީ. އާބާދީ އިތުރުވަމުން އައި މިންވަރު ވަރަށް ބޮޑަށް ދޭތެރެ ދުރުކުރެވިއްޖެ. ވަރަށް ބޮޑަށް އާބާދީ މަދުކުރެވިއްޖެ. އެއީ 80 ގަޔާއި 90ގެ ތެރޭގައި ހުރިހާ އައްޑަނައެއް ތިޔަބޭފުޅުންނަށް ލިބިލެއްވީ ހަމަ އެކަމަށްޓަކައި. އެބަދަލު ތިޔަބޭފުޅުންގެ އާބާދީއަށް އެބައާދޭ. ދެން އަޅުގަނޑު ކުޑަކޮށް ތުޅާދުއަށް ވަކިން އެހެން ޢަދަދުތަކާ އެއްޗެހި ބަލާތީވެ، އަޅުގަނޑަށް އަޅައިގެންފައި އޮތީ. ތުޅާދުއަށް އާބާދީއަށް ވަރަށް ބޮޑެތި ބަދަލު އެބައާދޭ. ޠަބީޢީ އަމިއްލަ ޒާތީ ގޮތުން ތުޅާދޫގެ އާބާދީ ބަދަލުވަމުން މިދަނީ. އެހެންނަމަވެސް، ތުޅާދޫ މަދަރުސާ މިއަންނަ އަހަރު ފަށާއިރު އެއްދަންފަޅިއަށް ހަދާނިއްޔާ، އަޅުގަނޑުމެން ޖެހޭނެ، މި ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، ޢިމާރާތް ކުރަން ފަށަން. ޢިމާރާތެއްވެސް ކުރުމުގެ ކަންތައް ހުންނަ ގޮތަކީ ވަރަށް ބާރަށް ފަށާނެ ކޮންމެ ބަޔަކުވެސް. މިސާލަކަށް، އެ އެޑްވާންސް ފައިސާއާ އެއްކޮށް ހިނގާގޮތެއްނުވޭ. ހަމަޖެހޭނީ ވަކިން ބަލަހައްޓައިގެން ތިބެން. ގަހަކަށް ފެންދިނުމެކޭ ހަމަ އެއްވަރުވާނީ. ކޮންމެ ދުވަހަކު ހެނދުނު އައިސް ބެލީމާ ހިނގާނީ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ކައުންސިލަރުންނާއި އަޅުގަނޑުމެން ސަރުކާރުގެ ސިޔާސީ ބޭފުޅުން މިކަންކަން ބައްލަވާނެކަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އެއް ދަންފަޅިއަށް ހެދުމުގެ މަސައްކަތް ތުޅާދޫގައި މިއަންނަ އަހަރަށް އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ. ހަމައޭގެ އިތުރުން، އަޅުގަނޑު ބޭނުން ތުޅާދުއަށް ވަރަށް ރަނގަޅު ދެތިން ޓީޗަރުން، ތަންކޮޅެއް ކުޅަދާނަ ރަނގަޅު ދެތިން ޓީޗަރުން ލިބޭތޯ ބަލަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިފައިވަނީ. އެހެންވީމާ، މިއަންނަ އަހަރުގެ ތަޢްލީމު ފެށޭއިރުގައި، އަޅުގަނޑު މިދެކެނީ، ޓީޗަރުން ތަމްރީނުކޮށްދިނުމާއެކީގައި ކިޔަވައިދިނުމަށް އޮސްޓްރޭލިއާއިން އަޅުގަނޑުމެންނަށް ތުޅާދޫގެ ދެޓީޗަރުން ބެހެއްޓޭނެއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު މަދަރުސާ ފެށޭއިރުގައި އެކަން ވެގެންދާނެ.

އަޅުގަނޑު ތުޅާދޫ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް ރައްޔިތުންނަށް ޝުކުރުވެރިވަން. ޚާއްޞަ ގޮތެއްގައި ޑިމޮކްސީގެ ރޫޙު ތިޔަބޭފުޅުންގެ ހިތުން ކައްސައިގެން ނުދާތީ. އަދި ތުޅާދޫގެ ޑީ.އާރު.ޕީ. މެންބަރުންނަށްވެސް އަޅުގަނޑު ވަރަށް ޝުކުރު ދަންނަވަން. އަޅުގަނޑު ވަރަށް އުފާވޭ. ދެން އެހެންނަމަވެސް، މި ބޯޑުތަކުގައި ހަމަ ހުންނަންޖެހޭނީ ތިޔަބޭފުޅުން ބޭނުންވާ ވާހަކަ. އަޅުގަނޑު ވަކިން ބޯޑުތަކަށް ބަލަން. ނަރުދަމާގެ ވާހަކައެއް ނެތް ބޯޑެއްގައި. އެހެންވީމާ، އަޅުގަނޑަށް ހަމަ ފާހަގަވަނީ ވާދަވެރި ޕާޓީން ނަރުދަމާއާ ގުޅޭގޮތުން ކަންބޮޑުނުވަނީއޭ. އެހެން ވެގެންނުވާނެ. ދެފަރާތުންވެސް ނަރުދަމާއަށް ކަންބޮޑުވާންޖެހޭނެ. މިރަށުގެ މައިގަނޑު ކަންކަމަށް، ރަށުގެ ބިން ބޮޑުކުރުމާއި، ރަށުގެ ނަރުދަމާއާއި، ރަށުގެ މަދަރުސާއާއި އެކަމާ ދެފަރާތުންވެސް ކަންބޮޑުވާންޖެހޭނެ. ހަމަ ޑީ.އާރު.ޕީ މެންބަރުންވެސް އެކަމާ ކަންބޮޑުވެލައްވަންޖެހޭނެ. އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން. ދެން ފަހަރަކުން އަޅުގަނޑުމެން އަންނައިރުގައި، އެބޯޑުތައްވެސް ހަމަ ފެންނަން ޖެހޭނެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި، ސާބަސްދޭއިރުގައިވެސް، ދެމުން ދެމުން ދެމުންގޮސް ހަމަ ގޯސްވެގެންދޭ. އަދި އެހެންވީމާ، ވާދަކުރާއިރުގައި އަދި މާބޮޑަށް ގޯސްވެގެންދާނެ ދެމުން ދެމުން ގޮސް. އެއީވެސް އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ކަމެއް. އަޅުގަނޑު އެކަމަކާ ކުޑަކޮށްވެސް ހަމަ ކަންބޮޑެއް ނުވަން.

ދެން އަޅުގަނޑަށް އެނގޭ، ތިޔައިގެ ތެރެއިން ނެތްކަން ހަމަ އެއްވެސް ބޭފުޅެއް އައިސް އަޅުގަނޑުމެންނަށް ދެރަގޮތެއް އެހެން ނޫނިއްޔާ ގޯހެއް ހެދުމުގެ ފިކުރުގައެއް. ހަމަ މިކަމުގެ ޖޯޝުގައި، މިކަމުގެ ރޫޙުގައި މިއުޅެނީ. ދެން ވަރަށް ރަނގަޅު ކަމެއް އެބަ ކުރައްވާ. އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަޢުދު އެއީ، ރާއްޖޭގައި ޑްރަގްގެ މައްސަލައަށް ޙައްލެއް ގެނައުން. ކޮންމެހެން ކުރަން ޖެހޭ ކަމަކަށްވެއްޖެ. މިރަށުގައި އެއީ އެހާބޮޑު މައްސަލައަކަށް ފަހަރުގައި ވެފައި ނެތިދާނެ. އެކަމަކު ރާއްޖޭގެ ހަމަ އެއްވެސް ރަށެއް ނެތް އިނގޭތޯ، އެކަމުގެ މައްސަލަ ވަރަށްބޮޑުވެފައި ނެތް. އެއީ، އެކަމަށް ދެން ކުދިން ގެންގޮސް ހިފާ ހައްޔަރުކޮށްގެން ވަރަށްގިނަ ގޮތްގޮތް ހެދިއްޖެ. އެއިން އައި ޙައްލެއް ނެތް. ހަމަ ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އިތުރުވަމުން އިތުރުވަމުން އައީ. މިހާރު އަޅުގަނޑުމެން ސަރުކާރުން އެބަ ގެންގުޅެން، މި ސިޔާސަތުތައް އަދި ކަންކަން އިންތިޒާމު ރޭވެމުން އެދަނީ. އަޅުގަނޑު މިކަމުގައި ފުލުހުންގެ ވެރިޔާ ފަސީޙަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން ބޭނުން. އެބޭފުޅުން މިކަމުގައި އެމަސައްކަތް ކުރައްވާ ހީވާގިކަމާއި އަދި އެބަހައްޓަވާ ދުރު ވިސްނުމަށްޓަކައި. އަދި ކަންކަން އެގެންދަވާ ފުރިހަމަ ތަރުތީބަށްޓަކައި. ހަމަ ފުލުހުންނާއެކީގައި އަމަން ބަލަހައްޓައިދޭންޖެހޭ ކޮންމެ ވަގުތެއްގައި، އަދި ކަމެއް ދަމެއް ބޮޑުވާ ކޮންމެ ވަގުތެއްގައިވެސް ސިފައިން ނުކުމެ އެކޮށްދެއްވާ. މިހާރު މިވަގުތުވެސް މަޑުއްވަރީގައި ރަށް ގިރުމުގެ މައްސަލައަށް ކުއްލި ޙައްލެއް ގެންނަން ޖެހިގެން އެ މަސައްކަތުގެ ވަރަށްބޮޑު މަސައްކަތެއް ކޮށްދެއްވަނީ ސިފައިން. އަދި އަޅުގަނޑުމެންގެ ސަރުކާރުން ހަމަ ކޮންމެ ކަމަކަށް އަޅުގަނޑުމެން އެދޭހިނދުގައި، އެބޭފުޅުން ވަރަށް ހީވާގިކަމާއެކު، ޝަކުވާއެއް ސުވާލެއްނެތި އެ އަންނަނީ ޖަވާބުދެމުން. އެހެންވީމާ، އަޅުގަނޑު އެބޭފުޅުންނަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން.

އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ރާއްޖޭގައި ވެރިކަން ބަދަލުވާއިރު، ދެން ޚާއްޞަކޮށް ތުޅާދޫ ބޭފުޅުން އިސްކޮށް ތިބެ ވެރިކަން ބަދަލުކުރައްވަނީ. ބަދަލުވާއިރުގައި ވަރަށް ބޮޑަށް ސިފައިންނާއި ފުލުހުންގެ ކަންކަން އެތަންތާނގައި ތިއްބަވާ ހުރިހާ ބޭފުޅުން އަލިފުން ޔާއަށް ބަދަލުކުރައްވާ. ހަމަ ހުރިހާ ބޭފުޅުންވެސް ގާތްގަނޑަކަށް. ދެން ބައެއް ފަހަރަށް ބަދަލުކުރަނީވެސް ވަރަށް ހޫނުކަންމަތީގައި. އެއީ، ކުރީގައި އެކަން ހިނގަމުންދާއިރުގައި އޮންނަނީ ގިނަފަހަރަށް ގިނަމީހުން އޮޑިއަށްލާނީ. ބަދަލެއްވެސް ނޫންވާނީ. ހަމަ ކަނޑައެޅިގެން ގެންގޮސް ގޮޅިއަށް. އެހެން ނޫނިއްޔާ އޮޑިއަށް.

އަޅުގަނޑުމެން މިނިންމީ، އަޅުގަނޑުމެން ބޭނުމޭ ފަންނީ މުއައްސަސާތަކެއް އުފައްދަން. އަދި މީގެތެރޭގައި އަޅުގަނޑު މިހާރުގެ ސިފައިންގެ ފަންނީ މިންވަރަށްޓަކައި، އެބޭފުޅުން އެ ތަރައްޤީވެފައި، އެބޭފުޅުންގެ މުއައްސަސާ ތަރައްޤީވެފައި ހުރި މިންވަރަށް ކުރީގެ ޗީފް އޮފް ސްޓާފް ނުވަތަ އެމް.އެން.ޑީ.އެފް.ގެ ކުރީގެ އިސް ޢަސްކަރީގެ ވެރިޔަކަށް ހުންނެވި މުޙަންމަދު ޒާހިރަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެބޭފުޅާވަނީ ވަރަށް ހަރުދަނާ މަސައްކަތްތަކެއް އެތަނުގައި ކުރައްވާފައި.

އަޅުގަނޑުމެން ބޭނުމެއް ނޫން ކަންކަން ހިނގަމުން އަންނަ ގޮތްތަކަށް ބޮޑެތި ލޮޅުން ގެންނާކަށް. އެހެން ގެންނަ ގެނައުމުގައި އަޅުގަނޑުމެންނަކަށް ފައިދާއެއްނުވޭ. ބަދަލު ހިފުމުގެ ރޫޙެއްގައި އެއްވެސް ކަމަކާ އަޅުގަނޑުމެން އުޅެގެންފިއްޔާ، އެއިން ނުކުންނަނީކީއެއް ރަނގަޅު ނަތީޖާއެއް ނޫން. އެހެންވީމާ، އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވެފައި މީހުން ވަތްކެއް ނުކުރަން. ފުލުހުންގެ އަދި ސިފައިންގެއިންވެސް. ދެތިން މީހުން ފިޔަވައި އަޅުގަނޑުމެންނެއް މީހުން ވަތްކެއް ނުކުރަން. އަދި ކުރާކަށް ގަސްދެއްވެސް ނުކުރަން. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ ނުކުރާނަން. މީހަކު ވަކިވުމާއި، މީހަކު މި ސިފައިންގެ ތެރެއަށް ނުވަތަ ފުލުހުންގެ ތެރެއަށް އައުމާއި ދިޔުން އެއީ، އެބޭފުޅުންގެ އެތެރޭގެ ގަވާއިދުތަކާއި، އެބޭފުޅުންގެ އެތެރޭގެ ވިސްނުންތަކުން އެ ނިންމަމުން އައިސް ނިމޭ ކަމެއް. އަޅުގަނޑުމެން ރައްޔިތުންނަށް މީހާއެއް ނޫން މުހިންމީކީއެއް. އުސޫލުތައް މުހިންމީ. ކޮންގޮތަކަށްތޯ ކަންކަން ހިންގަނީ. އެހިންގާ ގޮތް ރަނގަޅަށް ތަރުތީބުކޮށް ކަނޑައެޅިފައި ހުރީމާ، އެ ދެން އަޅުގަނޑުމެންނަށް ނިމުނީ. އޭރުން އިރާދަކުރެއްވިއްޔާ ކަންކަން ދާނީ ރަނގަޅަށް.

ތުޅާދޫގައި އެބަ ހިންގޭ ދެ ނަރސަރީއެއް. ދެން އެއީ ދެކްލަބްގެ ވާދަވެރިކަމުގައި ހިންގޭ ދެ ނަރސަރީއަށް ވެދާނެ. ދެން ރަނގަޅަށް އެކަން ހިނގާކަމަށްވަނީވިއްޔާ، ހަމަ އަޅުގަނޑަކަށް ޙަޤީޤަތުގައި އެކަމުގެ އެއްވެސް ޝަކުވާއެއްވެސް ނުލިބޭ. އެހެންވީމާ، އަޅުގަނޑު މިދެކެނީ، ދެ ނަރސަރީވެސް ހިނގަނީ ރަނގަޅަށްކަން. އަދި ތުޅާދޫ އިންޖީނުގެ، އެހެން ނަމަވެސް، މިވަނީ އެ ވަރަށް ބޮޑަށް ބަލަހައްޓަން ބޭނުންވެފައި. ބަލަހައްޓަން ޖެހިފައި. ސަރުކާރުން މިހާރުވާނެ، ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި، މި ޕްރޮވިންސްގައި ކުންފުންޏެއް ސަރުކާރުގެ ސަތޭކަ ޕަސެންޓް ޙިއްޞާވާ ކުންފުންޏެއް އެކުލަވާލާފައި. މެއި މަހުގެ 30 ވަނަ ދުވަހުއްސުރެ ފެށިގެން މިވަނީ ސްޓެލްކޯގެ މާލޭ ބޮޑު އިންޖީނުގޭގެ ފަރާތުން ރަށްރަށުގައި ހިންގަމުން އައި އިންޖީނުގެތައް މިހާރު މިވަނީ އެ ކުންފުންޏާ ޙަވާލުކޮށްފައި. ދެން އެ ކުންފުނިން ގެންދާނީ، މިރަށްރަށުގެ އިންޖީނުގެތަކާ ޙަވާލުވުމަށް މަސައްކަތް ކުރަމުން. އެއީ އެކަން ކުރެވޭނީ، ރަށްރަށުގެ ރައްޔިތުންނާ ވާހަކަ ދައްކައިގެން މަޝްވަރާ ކޮށްގެން. މީގެ ބޭނުމަކީ ހެޔޮއަގުގައި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދިނުން. ތަރައްޤީއެއް ނުވާނެ ނުލިބޭނެ ކަރަންޓް އަގުބޮޑުވާހާ ހިނދަކު. ތަރައްޤީ އެންމެ ބޮޑަށް ގުޅިފައި އޮތީ ކަރަންޓާ. ފެނުގެ އަގާވެސް ގުޅިފައި އޮތީ ކަރަންޓާ. މަދަރުސާގެ ޚަރަދާވެސް ގުޅިފައި އޮތީ ކަރަންޓާ. ގޭތެރޭގެ އަރާމާވެސް ގުޅިފައި އޮތީ ކަރަންޓާ. އެހެންވީމާ، އަޅުގަނޑުމެންނަށް ކަރަންޓް އަގުބޮޑުކޮށްގެން ބާއްވައިގެނެއް ފަރަކު ނުޖެއްސޭނެ.

އަޅުގަނޑުމެން މިގެންގުޅޭ ވިސްނުމަކީ، މިސާލަކަށް މިތާ ކައިރީ މިއޮތް ދުނިކޮޅު. އެތަނުގައި ކަރަންޓްދޭ އިންޖީނުގެއާ މިތަނުގައި އަނެއްކާ ހަމަ އިންޖީނުގެއެއް ބަހައްޓައިގެން ކަރަންޓް ދިނުން. މިޒަމާނުގައި އެއީ، ބުއްދިވެރި ކަމެއްގެ ގޮތުގައި މީހުން ނުބަލާ. އެއްފަޅެއްގައި އޮތް ދެތަނެއް. ދުރީކީއެއް ނޫން. މިއީ ނުލާހިކު ފަސޭހައިން އެއް އިންޖީނުގެއަކުން ހިންގެން އޮތް ދެރަށް. އަޅުގަނޑުމެން ސަރުކާރުން މިދަނީ އެ ރިޒޯޓުގެ އޯނަރުންނާވެސް ވާހަކަ ދައްކަމުން. އެބޭފުޅުން ތިއްބެވީ ވަރަށް ތައްޔާރަށް. އެބޭފުޅުންނަށް ވަރަށް ރަނގަޅު. އެބޭފުޅުންގެ ރަށުން އަދި ޚާއްޞަކޮށް އިންޖީނުގެ ބޭލިއްޖިއްޔާ. އެހެންވީމާ، އަޅުގަނޑުމެން މިދަނީ މިކަން ހިންގޭނެ ކިތަންމެ ތަނެއްގައި، އަދި ތުޅާދޫ މިކަމުގައި ވަރަށް ނަޞީބުގަދައޭ. އަޅުގަނޑުމެންނަށް މިހާރު އެކަމުގައި އޭގެތެރެއަށް ހިތާދޫ ލުމަށް އަޅުގަނޑު އެދޭތީވެ، އެއްފަހަރާ އަޅުގަނޑުމެންނަށް ފަށައިނުގަނެވެނީ. ހިތާދޫވެސް ލައިގެން މިކަން ކުރެވޭނެ ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ. ދެން ވިޔަފާރީގައި، ކަންކަމުގައި މުޢާމަލާތް ހިންގުމުގައި ބޭފުޅުން ބުނުއްވާނެ ނުލެވޭނެއޭ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައި އޮތީ، އަދި އަޅުގަނޑަށް ލަފާކުރެވެނީ، ހިތާދުއާއި ތުޅާދުއާއި ދުނިކޮޅާ މިތިންރަށުގެ ކަރަންޓްގެ ޚިދްމަތް، ކަރަންޓް އުފެއްދުން، އެއްތަނަކުން އަޅުގަނޑުމެންނަށް ގެންދެވިދާނެއޭ. އެއީ، އަދި ހަމަ ޔޫޓިލިޓީ ކުންފުނިން، ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތްދޭ ކުންފުނިން، މި ރިޒޯޓްތަކުގެ އިންޖީނުގެތަކާވެސް ޙަވާލުވެވިދާނެ. އެމީހުންނާ އެ ކުންފުނިތަކާ އަޅުގަނޑުމެން މިއަންނަނީ އެވާހަކަތައް ދައްކަމުން.

އަޅުގަނޑަށް އެނގޭ ވަރަށް ވަގުތު ދިގުވެއްޖެކަން. މާގިނައިރު އަޅުގަނޑަށް ތިޔަބޭފުޅުންނާ ވާހަކަދައްކަން މިތާ ހުރެވިއްޖެ. މެންދުރުގެ ކާގަޑިވެސް ދަނީ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ މި ސަރުކާރުގެ، މި ސަރުކާރު ދެމިއޮތުމުގެ އޮންނަނީ ހަމަ އެންމެ ބޭނުމެއް. އެއީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން. އަޅުގަނޑުމެން މިއީ ރައްޔިތުންގެ ޚިދްމަތުގައި ތިބޭ ބައެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ހަމަކަށަވަރުންވެސް އެންމެ ދުވަހެއްވެސް އަޅުގަނޑު ދޫކޮށެއްނުލާނަން، ދުވާލެއްގެ މައްޗަށް 12، 14 ގަޑިއިރު މަސައްކަތް ނުކޮށެއް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ސަރުކާރުގެ ހުރިހާ ބޭފުޅުންވެސް މިގޮތަށް މަސައްކަތް ކުރައްވާނެ. އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅު ނެގިފައި އޮންނަންވާ ޙަޤީޤަތަކީ، މި ދައުލަތަށްލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް، ކޮންމެ ރުފިޔާއަކީވެސް، ރައްޔިތުންގެ ފައިސާއޭ. އަޅުގަނޑުމެންނާ އެފައިސާ ޙަވާލުކޮށްފައި މިވަނީ އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކީގައި އެފައިސާ، ރައްޔިތުންގެ ފައިދާއަށް، އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ރައްދުކޮށްދިނުމަށްޓަކައި ޚަރަދު ކުރަމުން ގެންދިޔުމޭ. ޚިޔާނާތްތެރިވުން އެއީކީއެއް ޖާގަ ދެވެން އޮތް ކަމެއް ނޫން. ރައްޔިތުންގެ ފައިސާއަކަށް ޚިޔާނާތްތެރިއެއް ނުވެވޭނެ. އެއީ އަޅުގަނޑުމެންގެ ފައިސާއެއް ނޫން. އަމާނާތެއްގެ ގޮތުގައި އަޅުގަނޑުމެންނާ އެފައިސާ ޚަރަދުކުރުން ތިޔަބޭފުޅުން މިވަނީ ޙަވާލުކުރައްވާފައި. އަދި އަޅުގަނޑާ ޙަވާލުކޮށްފައި މިވަނީ މާތްރަސްކަލާނގެ ގަންދީ ހުވާކުރުމަށްފަހު. އަޅުގަނޑަކަށް ނުކެރޭނެ، އެފައިސާއަށް ޚިޔާނާތްތެރިވާނޭ ކަހަލަ ގޮތަކަށްވެސް ކަންކަން ހިންގަން ފަށާކަން. އަޅުގަނޑުގެ ނަޒަރުގައި އޮޑިޓަރ ޖެނެރަލް ކަންކަމާމެދު އެބޭފުޅާއަށް ސުވާލު އުފެދުނީމާ، އަދި އެމައްޗަށް ބުރަވެ ރިޕޯޓް ނެރުއްވީމާ، ސަރުކާރުން އެކަމާ އަޅާލަންޖެހޭނެ. އަދި އެ އަޅާލައިގެންދާއިރުގައި، ހަމަ އެކިއެކި ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭކަމަށްވަނީވިއްޔާ، އޭގެ ޝަރީޢަތް، އޭގެ ތަޙުޤީޤު، އޭގެ ޝަރީޢަތް ހިނގާނެ. ޙައްޤު އަދަބު، އެ ޙައްޤުވާ ބަޔަކަށް ލިބޭނެ. އެ ފައިސާ އަލުން އަނބުރާ ދައުލަތަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާނެ. ގެއްލިފައިވަނީ ބޮޑެތި ޢަދަދުތައް. އެހެންވީމާ، އެ ޢަދަދުތައް ހޯދުމަށް އަޅުގަނޑުމެން ޖެހޭނެ މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ، އެ މަސައްކަތްވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ކޮށްދޭނަން. މި ރާއްޖެއަށް އިންޞާފުވެރި ދައުލަތެއް ނުވަތަ އިންޞާފުވެރި ވެރިކަމުގެ ނިޒާމެއް، މި ރާއްޖޭގައި އަށަގެންނެވުމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން.

އަޅުގަނޑުމެން ކުރާ ކަންކަން އެއީ، ކޮން ބޭނުމެއްގައި ނުވަތަ ނުކޮށްދޫކޮށްލާ ކަންކަންވެސް އެއީ، ކޮން ބޭނުމެއްގައި ނުކޮށް ދޫކޮށްލާ ކަންތައްތައްތޯ، މިސުވާލު ބައެއްފަހަރަށް އަޅުގަނޑުމެންނަށް އުފެދިދާނެ. އެހެން ނަމަވެސް، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑު މިކަން މިކުރަނީ ވިސްނައިގެންނޭ. އަޅުގަނޑުމެން އަތަކުންނެއް، މި ކުރިއަށް މި އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، މި ވެރިކަމެއް ޤާނޫނީ ހަމައިން މެނުވީ، ފިރުކިއެއް ނުދާނެ. އެކަމަކާ އެއްވެސް ބޭފުޅެއް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އެއީކީއެއް ދެން މި ރާއްޖޭގައި ހިނގާނެ ކަމެއް ނޫން. ރާއްޖޭގެ މުއައްސަސާތައްވެސް މާ ވަރުގަދަ. ރާއްޖޭގެ ރައްޔިތުންގެ ދުރު ވިސްނުމާއި، ހެޔޮ ވިސްނުންވެސް މިހާރު މާ ފުޅާ. އެހެންވީމާ، ބަދަލެއް އަންނަންޏާ އަންނާނީ، ހަމަ ތިޔަބޭފުޅުން، އެ ބަދަލަކަށް އެގޮތަށް އެދިލެއްވީމާ، އިންތިޚާބު މެދުވެރިވެގެން.

އަޅުގަނޑު އެދެނީ، ތުޅާދުއަށާއި މި ރާއްޖެއަށް މިއަދަށްވުރެ އަދި ފާގަތި މާދަމައެއް. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه، ވަރަށް ބޮޑަށް ޝުކުރިއްޔާ.