بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑަށް ދެ ޤައުމެއްގެ ވެރިންނާ ބައްދަލުވެއްޖެ. އަޅުގަނޑު އެންމެ ފުރަތަމަ ދަތުރުކުރީ ސްވިޑްންއަށް. އެއީ އަޅުގަނޑަށް ލިބުނު އިންސާނީ ޙައްޤުތަކާއި، އަދި މޫސުމަށް އަންނަ ބަދަލާ ގުޅިގެން، ކުރީގެ ސްވިޑްންގެ ޚާރިޖީ އަނަލިންދުގެ ހަނދާނުގައި އެޤައުމުގައި ދެމުން އަންނަ އިނާމެއް އަޅުގަނޑަށް ލިބުނީތީ، އެ އިނާމު ލިބިގަތުމަށް. އެދަތުރުގައި ސްވިޑްން ސަރުކާރުގެ އިސްބޭފުޅުންނާއި އަދި އެ ދައުލަތުގެ އެންމެމަތީ ވެރިޔާ، ސްވިޑްންގެ ރަސްގެފާނާ އަޅުގަނޑާ ބައްދަލުވި.

ސްވިޑްންގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ދިވެހިރާއްޖެއަށް ދިމާވެދާނެ ކަންކަމާ، އަދި މިހާރުވެސް ދިމާވަމުން އަންނަ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކައި ހެދީމު. ބައިނަލްއަޤްވާމީ ދުނިޔޭގައި، މޫސުމަށް އަންނަ ބަދަލާ ގުޅޭގޮތުން ވާހަކަ ހުއްޓިފައި މިހުންނަނީ، ދެމަގެއްގައި. އެއް ވާހަކަތަކީ އެޑަޕްޓޭޝަނާ، ނުވަތަ މޫސުމަށް އަންނަ ބަދަލަށް ހޭނުމަށް ޤައުމުތަކުން ރައްޔިތުން ކުރަންޖެހޭ މަސައްކަތާ ގުޅޭގޮތުން. އަނެއް މަގަކީ، މޫސުމަށް ބަދަލު އަޔަނުދިނުމަށް ނުވަތަ އެކަންވިޔަނުދިނުމަށް ކުރާންހުރި ކަންތައްތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް. މީގެތެރޭގައި، ޚާއްޞަ ގޮތެއްގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމަށް ދިވެހިރާއްޖެ ހޭނުމަށްޓަކައި ކުރަންހުރި ކަންކަމަކީ ކޮބައިތޯ، އަދި އެކަންކަމަށް އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ ދުނިޔެއިން، އެކުވެރި ދައުލަތްތަކުން ލިބެންހުރީ ކޮން އެހީތެރިކަމެއްތޯ. އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވުން. އެނގިވަޑައިގަންނަވާނެ، މިކަންކަމުގައި ބައިނަލްއަޤްވާމީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އެމަގަށް ބުރަކޮށް، ބޮޑުކޮށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް.

އަޅުގަނޑު އެ ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރާއި އަދި އެ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާ އަޅުގަނޑުމެން ވާހަކަ ދައްކާ ހެދީމު. އަދި ސްވިޑްންގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، ޔޫރަޕްގައި މިހާރު ހުރި އެންމެ ބޮޑު އެއް ސައިންސް ސެންޓަރު ނުވަތަ އެންމެ ބޮޑަށް ތަޙުލީލުކުރާ އެއްތަނަށް އަޅުގަނޑު ދިޔައިން. ގޮސް އެބޭފުޅުން އަޅުގަނޑަށް މިހާރު ދުނިޔޭގައި މިކަމާ ގުޅޭގޮތުން އެންމެފަހުން ހުރި މަޢްލޫމާތުގެ ޚުލާޞާއެއް އަޅުގަނޑަށް ލިބުނު.

ސްވިޑްންއަށްފަހު އައި މަގުމަތީގައި އަޅުގަނޑު ދިޔައީ ސްރީލަންކާގެ ރައީސާ ބައްދަލުކުރުމަށް. މަހިންދަ ރާޖަޕަކްސައާ. އެނގިވަޑައިގަންނަވާނެ، ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަށްފަހު، އަޅުގަނޑުމެންނަށް ފުރަތަމަފަހަރަށް މި ސްރީލަންކާގެ ރައީސާ ބައްދަލުވީ. އަޅުގަނޑު އެބޭފުޅާއާ އެ ހަނގުރާމަ ނިންމުމުގައި، އެބޭފުޅާއާއި އެބޭފުޅާގެ ސަރުކާރު، ސާބިތުކަންމަތީގައި މަސައްކަތް ކުރައްވަމުން ގެންދިޔަ ކަމަށްޓަކައި އަޅުގަނޑުމެން ޝުކުރު އަދާކުރީމު. އަދި މަރްޙަބާ ދެންނެވީމު. އަޅުގަނޑު ދެންނެވިން. އަޅުގަނޑުމެންގެ ނަޒަރުގައި، ޞުލްޙަވެރި އަދި ތަރައްޤީވަމުން އަންނަ ހަރުދަނާ ވަރުގަދަ ސްރީލަންކާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް ފައިދާއަކަށްވާނެއޭ. ދެން އަޅުގަނޑުމެންނަށް ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ކިތަންމެ ގުޅުމެއް ހިންގިދާނެއޭ. އެހެންވީމާ، އަޅުގަނޑު ވާހަކަ އިތުރުނުކޮށް، ތިޔަބޭފުޅުންގެ މާގިނަ ސުވާލަށް ނޫން ނަމަވެސް، ހަތަރު ފަސް ސުވާލަކަށް އަޅުގަނޑު ޖަވާބުދެވޭތޯ ބަލާނަން.

މުޙަންމަދު ޞާދިޤު – ޓެލެވިޜަން މޯލްޑިވްސް:

ވިދާޅުވެއްޖެ. ސްވިޑްންގެ ތިމާވެށްޓާބެހޭ އިންސްޓިޓިއުޝަނަކަށް ވަޑައިގެންނެވި ވާހަކަ. ކިހާވަރެއްގެ އުންމީދެއް އެބައޮތްތޯ؟ ދިވެހިރާއްޖެއަށް މި އިންސްޓިޓިއުޓްގެ ފަރާތުން އެއްވެސް ކަހަލަ އެހީއެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތިމާވެށްޓާ ބެހޭގޮތުން، އެޑަޕްޓޭޝަން ޕްރޮގްރާމް. ނުވަތަ ހޭނުމަށްޓަކައި. މޫސުމަށް އަންނަ ބަދަލަށް ދިވެހިރާއްޖެ ހޭނުމަށްޓަކައި ޤައުމުތަކުން ވިސްނަނީ ކިހިނެއްތޯ. ނުވަތަ ދިވެހިރާއްޖެ ވިސްނަނީ ކިހިނެއްތޯ. އަޅުގަނޑުމެން ވަރަށް ކުރިއްސުރެ ފަށައިގެންވެސް ދައްކަމުން އައި ވާހަކައެއް މިއީ. ތިމާވެށްޓަށް އަންނަ ބަދަލަށް ހޭނުމަށް ބޭނުންވަނީ ހަމައެކަނި ކޮންކްރީޓް އަޅާފައި ހުރި ކަންކަމެއް ނޫނޭ. އެބާވަތުގެ އެހީތެރިކަމެއް ނޫނޭ. ވަރަށް ބޮޑަށް ބޭނުންވާ އެއްބާވަތެއްގެ އެހީތެރިކަމޭ އެއީ، ހެޔޮގޮތުގައި ވެރިކަން ކުރެވޭނެ ގޮތެއް ހޯދުން. ރައްޔިތުންގެ ރުހުމާ، ރައްޔިތުންގެ އެދުމާ، ރައްޔިތުންގެ ބޭނުންތައް، ރައްޔިތުންނާ މަޝްވަރާ ކޮށްގެން، ވާހަކަ ދައްކައިގެން، އެ ބޭނުންތަކަކީ ކޮބައިތޯ ބަލައި ކުރިއަށް ގެންދެވޭނެ ގޮތެއް. އެނގިވަޑައިގަންނަވާނެ، ނިމިދިޔަ ސަރުކާރުން 160 ރަށެއްގައި 200 މިލިއަން ޑޮލަރުގެ ޚަރަދު ކޮށްގެން އެބަ އެކި ބާވަތް ބާވަތުގެ ކޮންސްޓްރަކްޝަން މަސައްކަތް ހިންގާ. ހިންގަން ފަށާފައި ހުރީ އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި. އެތައް ބަނދަރަކާއި، އެތައް ރިވެޓްމަންޓަކާއި، އެތައް ބޮޑުހިލަ ޖެއްސި ތޮށްޓަކާ، މިބާވަތުގެ އެތައް ކަމެއް ފެށިފައި ހުރީ. މިއަދު އޭގެތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ހުރީ ހުއްޓިފައި. މިކަންކަން ގިނައިން ހުއްޓިފައި ހުރީ، ރައްޔިތުންނާ ގުޅުމެއް ނެތި، ރައްޔިތުން މިކަމުގައި ބޭނުންވަނީ ކޮންގޮތެއްތޯ ބަލާނުލައި މިކަންކަން ކުރަން ފެށީތީ. ދެން އަޅުގަނޑުމެން މި ފާހަގަކުރަނީ، މުޅި ދުނިޔޭގައި ހުރިހާ ތަރައްޤީވަމުން އަންނަ ޤައުމެއްގެ ތިމާވެށްޓަށް އަންނަ ބަދަލުގެ ސަބަބުން، އެއަށް ހޭނުމަށްޓަކައި ހިންގާ މަޝްރޫޢުތަކުގެ ދެބައިކުޅަ އެއްބައި އެއީ، ނާކާމިޔާބު ކަމަކަށްވަނީވިއްޔާ، އެއީ ދެން ދުނިޔެއަށް ލިބޭނެ ގެއްލުމުގެ މިންވަރު. އެހެންވީމާ، އަޅުގަނޑުމެންގެ ނަޒަރުގައި ތިމާވެށްޓަށް އަންނަ ބަދަލަށް ހޭނުމަށްޓަކައި، ވަރަށް މުހިންމު ކަމެކޭ އެއީ، ލޯކަލް ގަވަރނަންސް ނުވަތަ ރަނގަޅު ގޮތުގައި، ހެޔޮގޮތުގައި ވެރިކަން ކުރެވޭނެ ގޮތެއް ހޯދުން. ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތްގޮތަށް ކަންކަން ކުރުން. ރާއްޖޭގައި މިހާތަނަށް ހިންގިފައި ހުރި ވަރަށްގިނަ މަޝްރޫޢުތައް ހިންގިފައި ހުރީ، އޭގައި ނާޖާއިޒު ފައިދާއާ، ކޮރަޕްޝަންގެ ކަންތައްތައް ވަރަށް ބޮޑަށް ހިމެނިގެން ކަމަށް މިހާރު މިފެންނަނީ. އެހެންވީމާ، އަޅުގަނޑުމެން އެންމެބޮޑު އެހީތެރިކަމެއް ބޭނުންވަނީ، ކޮރަޕްޝަން ނައްތާލުމަށް ކުރެވެން ހުރި ކަންކަން. އެއީ އަޅުގަނޑުމެންނަށް އެބަ ފެނޭ، މިކަންކަން ކުރިއަށް ހެޔޮގޮތުގައި ގެންދެވެން އަންނަނީ، ސާފު ސާދާ ގޮތުގައި ވެރިކަން ހިންގިގެންކަން. އެއީ އެއްބާވަތުގެ އެހީތެރިކަން. ހަމަ އެއާ ވިދިގެން، މިއޮތީ ދެން މިދަންނަވާހެން އިންފްރާސްޓްރަކްޗަރ. ނުވަތަ ސިވިލް ވަރކްސް މަސައްކަތްތަކަށް. އެއީ ތޮށި އެޅުމަށާއި، ރިވެޓްމަންޓް ހެދުމަށާއި، މިބާވަތުގެ ކަންކަމަށް ވެވެންހުރި އެހީތެރިކަން. އެކަންކަމަށް އަޅުގަނޑުމެން އެކަމަކާ ގުޅޭ ޕްރޮޖެކްޓް ހަދާފައި، އެޤައުމުތަކަށް އަޅުގަނޑުމެން ފޮނުވީމާ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބޭފުޅުން އެހީތެރިވެދޭނެ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެން އެކަމުގައި ބޮޑަށް މަސައްކަތް ކުރާނަން. އެކަމަކު އަޅުގަނޑުމެންނެއް އެއްވެސް ޙާލެއްގައި ޝައްކެއް ނުކުރަން. މި ކޮންކްރީޓުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެހީތެރިކަން ލިބޭނެ. އަދި އެކަން ކުރުމުގައިވެސް އަޅުގަނޑުމެންނަކަށް މާބޮޑު އުނދަގޫތަކަކާ ދިމާވާނެ ކަމަކަށް ނުފެނޭ. އެހެން ނަމަވެސް، އެބަހުރި އަތްނުލެވޭ ކަންކަން. ކޮންކްރީޓުން ނޫން ގޮތަކަށް އަޅުގަނޑުމެން ކުރާންހުރި ކަންކަން. އެކަމަށް ބޭނުންވާ އެހީތެރިކަމަށްވެސް އަޅުގަނޑުމެން އެބަ އެދެންޖެހޭ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑު ފުރަތަމަ އަނަލިންދު އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން، އަޅުގަނޑު ހަވީރު ނޫހާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނަށް ތި އެވޯޑު ލިބިވަޑައިގެންނެވީ، އިންސާނީ ޙައްޤު އަދި ޑިމޮކްރަސީ އަދި ތިމާވެށި ކުރިއެރުވުމަށްޓަކައި މަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކާ ގުޅިގެންނޭ. އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނޭ. ތިޔަ ލިބިވަޑައިގެންނެވި އެވޯޑުގެ ހިތްވަރުން، ކުރިއަށް އޮތް ތަނުގައި ކޮން ގޮތަކަށްތޯ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ؟ އެވޯޑު ލިބިވަޑައިގަތުމަށްފަހު ދެއްވި ބަސްދީގަތުމުގައި، މިދެންނެވި ދެއްކެވި ވާހަކަފުޅުގައި ވަރަށް ބޮޑަށް ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ މަސްރަޙަށް އަލިއަޅުއްވާލެއްވި. ކޮންގޮތަކަށްތޯ މަނިކުފާނު ތިޔަ ހިތްވަރު، ތިޔަ އެވޯޑުގެ ހިތްވަރުން ދެން ޢަމަލު ކުރައްވަން ޤަޞްދު ކުރައްވަނީ؟ މިހެން މިދެންނެވީ، ތިމާވެށީގެ ކަންތައްތަކަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް އެބަފެނޭ މިހާރުވެސް ކޮންމެވެސް ވަރަކަށް ގަސް ކެނޑުމާއި، އެކަހަލަ ކަންތައްތަކެއް ފެންނަމުން އެބަދޭ ވަރަށް ބޮޑަށް ބައެއް ރަށްރަށުގައި. އެހެންވީމާ، މިކަންތައްތައް ހުއްޓުވައި، އެންމެ އާދައިގެ ކަންތައް އަޅުގަނޑު މިދެންނެވީ. އެހެންވީމާ، މިކަހަލަ ކަންތައްތައް ހުއްޓުވައި، ވީހާވެސް ވަރަކަށް ތިމާވެށްޓާ ރައްޓެހި ގޮތަކަށް އަޅުގަނޑުމެންނަށް ޢަމަލު ކުރެވޭނެ ގޮތަކަށް މަސައްކަތްޕުޅު ކުރެއްވުމަށް މަގުފަހިކުރައްވަން މަސައްކަތް ކުރައްވާނުތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ އިނގޭތޯ. ދެން އަޅުގަނޑަށް އެލިބުނު އިނާމަކީ، އަޅުގަނޑު ދެކެނީ، އަޅުގަނޑަށް އެކަނި އިނާމެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ކުރި މަސައްކަތްތަކަށް މުޅި ބައިނަލްއަޤްވާމީ ދުނިޔެ އެކަން އަޅުގަނޑުމެންނަށް ފާހަގަކޮށްދިނުމަށާއި އަދި ދުނިޔެއަށް ފާހަގަކޮށްދިނުމަށް ލިބުނު އިނާމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުމެން އަނެއްކާވެސް މިސާލަކަށް، ވެރިކަމުގެ ފަރާތުން ގަސް ކަނޑަންވީ ގޮތް، ނުވަތަ ގަސް އިންދަންވީ ގޮތް ބުނެދިނީމާ، އެއީ އަޅުގަނޑުމެންނަށް މިފެންނަނީ، މިކަމުގެ ދާއިމީ ދެމެހެއްޓެނިވި ގޮތުގައި ކަމެއް ކުރަން އުޅުމެއް ނޫނޭ. އޭގެ ބަދަލުގައި، ހެޔޮގޮތުގައި ވެރިކަން ކުރެވޭނެ ގޮތެއް. ކޮރަޕްޝަނުން ދުރުވެ، ރަށްރަށުގެ ރައްޔިތުންނަށް ސީދާ އެމީހުންގެ މުއްސަނދިކަން ބޭނުންކުރެވޭނެ ގޮތަކަށް ވެރިކަމުގެ ކަންކަން، އެމަގަށް ދިޔައީމާ، ދެން އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ވަރަށް މަދުވާނެ. އަޅުގަނޑު މިތާ ހުރެގެން އެއްމިލިއަން ގަސް އިންދަން. ނުވަތަ ހުރިހާ ކޮތަޅު ނަގަން. މިބާވަތުގެ ކަންކަން ކުރަން އަޅުގަނޑު ބޭނުން. އަދި އެކަންކަން ކުރަން މަސައްކަތްވެސް ކުރާނަން. އެހެން ނަމަވެސް، މިކުރަން މިޖެހޭ ކަމަކީ، ރައްޔިތުންނަށް މިކަންކަމަށް ހޭލުންތެރިވެގެން، އެމީހުން މިކަމަށް ނުކުތުން. އެކަމަށް ނުކުތުމަށްޓަކައި، އެމީހުންގެ ވެރިކަން ހެޔޮގޮތުގައި އެމީހުންނަށް ކުރެވޭނެ ގޮތް އެބަ ހޯދަންޖެހޭ. އަޅުގަނޑު، އަޅުގަނޑުގެ ތަޤްރީރުގައިވެސް އަދި ސްވިޑްންގެ ދަތުރުގައިވެސް އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކުރަމުން، އަދި މާކުރިއްސުރެ ފަށައިގެން އަޅުގަނޑުމެން ފާހަގަކުރަމުން މިއަންނަނީ، ތިމާވެށްޓަށް ދިމާވާ ކަންކަމަށް ދުނިޔޭގެ ޤައުމުތައް، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތައް ހޭނުމަށްޓަކައި، އެންމެ ބޮޑަށް ބޭނުންވަނީ ޑިމޮކްރަސީއޭ. އެންމެ ބޮޑަށް ބޭނުންވަނީ ހެޔޮ ގޮތުގައި ވެރިކަން ކުރުމޭ. ރުފިޔާތައް ހޯދާފައި ގެނެސް، އަޅުގަނޑުމެން ޤައުމުތަކުގައި، ބައިނަލްއަޤްވާމީ ދުނިޔެއިން އެރުފިޔާތައް ޚަރަދު ކުރީމާ، ވަމުންދިޔަގޮތް، ވަމުންދާގޮތް އަޅުގަނޑުމެންނަށް އެބަ ހަމަ ވަރަށް ސާފު. ހެޔޮގޮތުގައި އެފައިސާ ބޭނުންކުރެވޭނެ އުޞޫލުތަކެއް ހޯދުން. އެއީ އަޅުގަނޑުގެ ނަޒަރުގައި މިހާރުވެސް އަދި ކުރިއަށް މިއޮތް ތަނުގައިވެސް މި ތިމާވެށްޓަށް އަންނަ ބަދަލަށްވެސް އެއާ އަޅުގަނޑުމެން ކުރިމަތިލުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަންތައް.

އަޙްމަދު މުޙްސިން – ޖަޒީރާ ޑެއިލީ:

އަޅުގަނޑުވެސް ސުވާލު ކުރުމުގެ ކުރިން، މަނިކުފާނަށް ތިޔަ ލިބިވަޑައިގެންނެވި ކާމިޔާބީއަށްޓަކައި، ޖަޒީރާ ނޫހާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެއަށްފަހު، އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނަށް ތިޔަފަދަ އިނާމެއް ލިބުނީމާ، ކުރެވޭ އިޙްސާސްތަކަކީ ކޮބައިތޯއޭ މިވަގުތު. އަދި އޭގެއިތުރުން، މަނިކުފާނަށް ތިޔަ ލިބިވަޑައިގެންނެވި އިނާމާއެކު އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ކޮންމެވެސް ވަރެއްގެ ފައިސާގެ އިނާމެއްވެސް އެބަލިބޭ. އެހެންވީމާ، އެއަށް ކޮންގޮތަކަށްތޯ؟ އެއްވެސް ވަރަކަށް އެބައޮތްތޯ، އޭގައި ރައްޔިތުންނަށް ޙިއްޞާއެއްވެވޭނެ ގޮތެއް މަނިކުފާނު ޚިޔާލު ކުރައްވާފައި.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ވަރަށް އުފާވޭ، އިނާމު ލިބުނީތީވެ. އަދި ޚާއްޞަކޮށް، ސްވިޑްންއިން. އަނަލިންދު މިފާހަގަކޮށް، އެފައުންޑޭޝަނުން މި އިނާމު ލިބުނީތީވެ، އަޅުގަނޑު ވަރަށް އުފާވޭ. އަޅުގަނޑު ހިތަށްއަރާ. ހަމަ ތެދުފުޅެއް މުޙްސިން. ވަރަށްގިނަ ދުވަސްވެއްޖެ. ވަރަށްގިނަ ޒަމާންވެއްޖެ. އަޅުގަނޑުމެން މެދުކެނޑުމެއްނެތި، ހުއްޓުމެއްނެތި، ފަރަޤެއްނެތި މިމަސައްކަތުގައި އުޅެމުން އަންނަތާ. އެހެންވީމާ، މިކަން އަޅުގަނޑުމެންނަށް މިގޮތަށް ކާމިޔާބުވެގެން އަންނާތީވެ، އަޅުގަނޑުމެން އަބަދުވެސް ދެކެން އެއީ ޤުދްރަތީ ރޭވުމެއް. މާތްރަސްކަލާނގެ ކިބައަށް އަޅުގަނޑުމެން ނުހަނު އެކަމަށް ޝުކުރުވެރިވަން. އަޅުގަނޑަށް ކުރިއަށް އޮތް ތަނުގައިވެސް މީގައި ޑިމޮކްރަސީއަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަން. އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި. ހެޔޮވެރިކަން މިތަނުގައި އަށަގެންނެވުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން ސްވިޑްންގައިވެސް އަޅުގަނޑު ފާހަގަކުރިން. އަޅުގަނޑު ވަރަށް ސާފުބަހުން ދެންނެވިން. މީގެތެރޭގައި، މީގެކުރީގައި ނާޖާއިޒު ގޮތުގައި ދައުލަތުގެ މުއްސަނދިކަން ބޭނުންކޮށްފައި ހުރި ފަރާތްތަކާ ގުޅޭގޮތުން، ޝަރީޢަތުގެ މަގުން ގޮސް، އެ އަޅަންޖެހޭ ފިޔަވަޅެއް އެޅުމާ ގުޅޭގޮތުން ވެރިކަމުގެ ފަރާތަށް ބުނެވޭނެ އެއްވެސް ވާހަކައެއް ނެތޭ. އަދި ވެރިކަމުގެ ފަރާތުން އެކަމާ އެއްވެސް ވާހަކައެއް ނުވެސް ދައްކާނަމުއޭ. އަޅުގަނޑުމެން ޝަރީޢަތަށްވެސް އަދި އެހެން މުއައްސަސާތަކަށްވެސް އަޅުގަނޑުމެންނަށް ވެރިކަމުގެ ފަރާތުންވީ މިންވަރަކުން ހިތްވަރުދޭނަމޭ.

އަޅުގަނޑަށް ލިބުނު އިނާމުގެ ރުފިޔާއިން އަޅުގަނޑުވެސް ހިތުލައިގެން މިހުރީ، ކޮންމެވެސް މިންވަރަކަށް އެއިން. އަޅުގަނޑަށް މާގިނަ ރުފިޔާއެއް ލިބޭ މީހެއް ނޫން. އަދި މީގެކުރީގައިވެސް މާގިނަ ރުފިޔާތަކެއް ލިބޭ މީހެއް ނޫން. ދެން އަޅުގަނޑުވެސް އަޅުގަނޑަށް ލިބޭ ރުފިޔާއެއް ވެއްޖިއްޔާ، ވަރަށް ދެފުށް ފެންނަ ގޮތަށް، ސާފުކޮށް އަޅުގަނޑުގެ އެކައުންޓެއްގައި އެބަހައްޓާ. ދެން އަޅުގަނޑު އުންމީދު ކުރަން. އިންސާނީ ޙައްޤުތަކަށް އެހީތެރިވުމަށް މަސައްކަތްކުރާ، އަޅުގަނޑަށް މިފެންނަތަނުގައި އެއްޖަމާޢަތް އެބައޮތް. އެއީ ޑިޓޭނީ ނެޓްވަރކް. މިހާރުވެސް އެ ޖަމާޢަތް އެއީ އެކަމުގެ މަސައްކަތް ކުރަމުން އަންނަ ޖަމާޢަތެއް. ދެން އަޅުގަނޑުވީ މިންވަރަކުން އެކަމާ އަޅުގަނޑު ވިސްނާފައި، އަޅުގަނޑަށް ދެވެން އޮތް އެންމެ ރަނގަޅު އެއްޗެއް، އަޅުގަނޑުގެ އިނާމު ފައިސާއިން އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެ ދެވޭތޯ އަޅުގަނޑު ބަލާނަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ސުވާލަށް ދިޔުމުގެ ކުރިން ދެކަމަށްޓަކައި މަނިކުފާނަށް މަރްޙަބާ ދަންނަވަން. އެއްކަމަކީ، މަނިކުފާނު ތިޔަ ހޯއްދެވި އިނާމު. ދެން ތިޔަ އިނާމު ލިބިވަޑައިގަތުމުގައި، އަޅުގަނޑުމެންނަށް ފެނުނު. ފެނިފައިވަނީ މަނިކުފާނު ބައެއްފަހަރު ބައެއް ބޭކަލުންގެ އަތްތިލަމަތިން އުފުލުނު ތަންވެސް. އަދި ފަހައިގަތީމާ، ކުރީގައި ހުންނަވައިގެން ދުވަން މަސައްކަތް ކުރެއްވި ތަންވެސް. މިހާރު މާތްﷲ އިރާދަކުރެއްވިއްޔާ، އެދުވަހު މަނިކުފާނު އެކުރެއްވި ހިތްވަރަށް ދުނިޔެމަތީގައިވެސް ލިބިވަޑައިގެންނެވި އިނާމު ތިޔަ ލިބިވަޑައިގަތީ. ދެން ހެޔޮގޮތުގައި މަނިކުފާނު ބޭނުން ކުރައްވާނެ ކަމަށް އަޅުގަނޑުމެން ޔަޤީން ކުރަން. ދެން އަޅުގަނޑު ސުވާލަށް ދިޔުމުގެ ކުރީގައި އަދި އެއްކަމަކަށް މަރްޙަބާ ދަންނަވަން އަޅުގަނޑު ޤަޞްދު ކުރަން. އެއީ، ވަރަށް ފަހުން އައި.އެމް.އެފް.ގެ ވަފްދަކާ އަޅުގަނޑުމެންނާ ބައްދަލުވި. ނޫސްވެރިންނާ. ބައްދަލުވެގެން، ސަރުކާރުގެ މާލީ ސިޔާސަތު ދަނީ ރަނގަޅު ގޮތުގައިތޯ ކުރިއަށް. ހަމަ ސީދާ މިސުވާލު އަޅުގަނޑު ކުރީމާ، ސަރުކާރުގެ މާލީ ސިޔާސަތު ކުރިއަށްދާ ގޮތަށް އެބޭފުޅުން ތަޢުރީފު ކުރެއްވި. އެހެންވީމާ، އެކަމަށްޓަކައިވެސް އަޅުގަނޑު މަނިކުފާނަށް މަރްޙަބާ ދަންނަވަމުން، އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގައި، ކޮންމެ ޤައުމެއްގައިވެސް އަބަދުވެސް ހުންނާނެ އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކެއް. އެ ނެތް ޤައުމެއް ދުނިޔެއަކު ނުހުންނާނެކަންނޭނގެ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހުރި ކުދިކުދި މައްސަލަތައްވިޔަސް، އަދި ބޮޑެތި މައްސަލަތައްވިޔަސް، އެ މައްސަލަތައް ފިލުވާލަދެއްވަން މަނިކުފާނު، މި އިނާމަށްފަހުގައި ކިހާވަރެއްގެ ސަމާލުކަން ދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު އަބަދުވެސް ހަމަ ދަންނަވަމުން މިދަނީ، އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ، ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ލަފައެއް ދިނީމާ، ސަރުކާރަކުން ނޫޅޭނޭ، އެ ކޮމިޝަން ކުށްވެރި ކުރާކަށް. ސަރުކާރުން ބަލާނީ، އެ އަރުވާ ލަފައެއް ބަލައިގަނެ، އެ މައްޗަށް ސަރުކާރަށް ޢަމަލު ކުރެވެން އޮތް މިންވަރަކަށް، އަޅުގަނޑުމެން މާލީ ނުވަތަ ޤާނޫނީގޮތުން އަޅުގަނޑުމެންނަށް ކުރެވެން ނެތް ކަމެއް ނުކުރެވޭނެ. އަދި މާލީ ޙާލަތު ތަންދިން މިންވަރަކަށް ކުރެވެން ހުރި ކަންތައް ކުރެވޭނީ. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ބަލަމުންދާނީ، ހަމަ އެމަގަށް އެކަން ކުރުމަށް. މިހާރު އަޅުގަނޑުމެންނަށް، މުޙަންމަދު ޝިހާބް ހޯމްއެފެއާޒާ ޙަވާލުވެވަޑައިގެންނެވި ފަހުން، ޝިހާބް ޖަލުތަކާއި ތަންތަން ބައްލަވަމުން އެގެންދަވަނީ. އިރާދަކުރެއްވިއްޔާ، އިސާހިތަކު އަޅުގަނޑުމެންނަށް އެ ހިއުމަން ރައިޓްސް ކޮމިޝަން އެ އެދޭ ގޮތަށް އަޅުގަނޑުމެންނަށް މިކަންކަން ހަމައަކަށް އެޅިގެންދާނެ.

ޢަބްދުﷲ މުޙަންމަދު – ދި ޓީ.ވީ:

އަޅުގަނޑުވެސް އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި އަޅުގަނޑުގެ ސްޓޭޝަންގެ ނަމުގައި މަނިކުފާނަށް މަރްޙަބާ ދަންނަވަމު. އަޅުގަނޑުގެ ސުވާލަކީ، މިހާރު މިވަނީ ރާއްޖެއިން ކަރބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ މަސައްކަތް ފަށްޓަވާފައި. މިދަތުރުފުޅުގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުނުތޯ، މިކަމަށް އެއްވެސް އެހީތެރިކަމެއް ހޯއްދެވުމަށް. އަދި އެއްވެސް އެހީތެރިކަމެއް ލިބިވަޑައިގެންނެވިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިކުރެވުނީ ޙަޤީޤަތުގައި ވަރަށް ކާމިޔާބު ދަތުރެއް އިނގޭތޯ! ކަރބަން ނިއުޓްރަލްގެ ޕްރޮގްރާމްތަކަށް އިންވެސްޓް ކުރާނެ ސްވިޑްންގެ ކުންފުނިތައް ބައިވަރު އެބަހުރި. ދެން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މިފަހުން އަޅުގަނޑުމެން ޢައްޔަން ކުރި ސްވިޑްންއިން ދިވެހިރާއްޖެއަށް އަޅުގަނޑުމެން ދިވެހިރާއްޖެއިން ސްވިޑްންއަށް ކަނޑައަޅާފައި ހުންނަ ކައުންސެލަރ. އެބޭފުޅާގެ އެހީތެރިކަމާ އެކީގައި، އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނަން. އެއީ އެބޭފުޅާއަކީ، ސްވިޑްންގައި ހުރި އެންމެބޮޑު އެއް ވިޔަފާރިވެރިޔާ. އެހެންވީމާ، އެބޭފުޅާ މެދުވެރިކޮށް، އަޅުގަނޑުމެންނަށް އިންވެސްޓްމަންޓާއި، މިކަމަށް ބޭނުންވާ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭނެ. އެހީ ލިބުން އަޅުގަނޑަކަށް ހިއެއްނުވޭ އެއީ މައްސަލައަކަށްވާހެނެއް. އަޅުގަނޑުމެން މިބޭނުންވާ ރަނގަޅު ރީތި ތަރުތީބުން އެ ލިބޭ އެހީއެއްވެސް ރަނގަޅަށް ބޭނުން ކުރެވޭނެ ގޮތަކަށް، އެ އެހީ ލިބިގަތުން އެއީ އަޅުގަނޑުމެން މިހާރު އަޅުގަނޑުމެންނަށް ކުރަން ޖެހިފައި މިވާ ކަމަކީ.

ނައުޝާދު – ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުވެސް ފެށުމުގެ ކުރިން މަނިކުފާނަށް ތި ލިބިވަޑައިގެންނެވި ޝަރަފްގެ އުފާ. އަޅުގަނޑުވެސް ހަމަ އަޅުގަނޑުމެންގެ ސްޓޭޝަނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން. ދެން އަޅުގަނޑުގެ ސުވާލަކީ، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި، ބޭރުގެ ބޭންކުތަކުގައި ހުންނަ ހުރުން އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް މަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ. ދެން މިކުރެއްވި ދަތުރުފުޅުގައި، އެއްވެސް ވަރަކަށް އެކަހަލަ މަޝްވަރާއެއް ކުރެއްވުނުތޯ. ނޫނީ އެކަމަށް އެއްވެސް އެއްބާރުލުމެއް ލިބިފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ދެންނެވިން. ހެޔޮގޮތުގައި ވެރިކަން ކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމޭ. އަދި ކްލައިމެޓިކް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލަކީ، އިންސާނީ ޙައްޤަކަށް ޙަޤީޤަތުގައި ވެގެންދަނީ، މޫސުމަށް އަންނަ ބަދަލާ ގުޅިގެން، އަޅުގަނޑުމެންގެ ދިރިއުޅުމަށް، އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ޙައްޤަށްވެސް. ނުވަތަ ބައެއްފަހަރަށް ދިރިހުރުމުގެ ޙައްޤަށްވެސް އެބަ ބުރޫއަރާގޮތް އެބަވޭ. އަޅުގަނޑުމެން އެދެން. އެބޭފުޅުންގެ ކިބައިން. މި ފޮރެންސިކް ދާއިރާއިން. ޚާއްޞަކޮށް، ފޮރެންސިކް އެކައުންޓެންޓުންނާ މިބާވަތުގެ އެހީތެރިކަމަށް. ދެން މީގައި މިވާނެ ގޮތަކީ އިނގޭތޯ. އުނދަގޫވާނެ ދަންނަވަން. މިވެނި އެކައުންޓެއްގައި މިވެނި ވަރަކަށް ފައިސާ، މިވެނި ވަގުތެއްގައި މިވަގުތު ހުރިކަމަށް. އެއީ އެ އެކައުންޓްތަކުން ފައިސާއަކީ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފަސޭހަކަމާ އެކީގައި ބަދަލުވަމުން، ދައުރުވަމުންދާ އެއްޗެއް. އެހެންވީމާ، އެބާވަތުގެ ކަންކަން ބަލައި ހޯދެނީ، އެބާވަތުގެ ހުނަރާއި ޢިލްމުގެ ބޭފުޅުންނަށް. އަޅުގަނޑުމެންގެ ރާއްޖޭގެއި އެކަން ތަރައްޤީ ކުރެވިފައި ހުރީކީއެއް އެންމެ ރަނގަޅަކަށެއް ނޫން. އެހެންވީމާ، މިކަންކަމުގައި ނޯޑިކް ރަށްރަށަކީ، ނޯވޭ، ސްވިޑްން، ފިންލަންޑް، މިޤައުމުތަކަކީ ސާފު ގޮތުގައި ވެރިކަން ކުރުމުގައި، ހަމަ ކުރިއަރާ ހުރި ޤައުމުތައް. އެހެންވީމާ، އެބޭފުޅުންގެ ހުރޭ ވަރަށްގިނަ ނިޒާމުތައް، އިންތިޒާމުތައް މިކަންކަމަށް ޢަމަލުކުރާނެ ގޮތް. ދެން އަޅުގަނޑުމެން އެބާވަތުގެ އެހީއަށް އެދެން. އެބޭފުޅުން އަޅުގަނޑުމެންނަށް އެކަމުގައި އެހީތެރިވެދެއްވާނެ ކަމަށް ވަރަށް ސާފުކޮށް އެބަ ބުނުއްވާ.

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުވެސް ހަމަ އަޅުގަނޑުމެންނަށް މިލިބުނު އިނާމާ ގުޅޭގޮތުން ނުހަނު އުފާކުރަން. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން ރާއްޖޭގައި އެކިއެކި ރޮނގުން ރާއްޖޭގެ ކުރިއަރާފައި ތިބި ފަންނީ ބޭފުޅުންނަށް ކިތަންމެ އިނާމެއް، އަޅުގަނޑަށް ޔަޤީން. ކުރިއަށް އޮތް ތާނގައި ލިބިގެންދާނެކަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ. والحمد للّـه. السّـلام عليـكم.