އަޅުގަނޑުމެން ވަރަށް ފާހަގަކޮށްގެން، އަޅުގަނޑުމެން ކުރިއަށް ގެންދެވޭތޯ ބަލާ އެއް އުޞޫލަކީ، ވީހާވެސް ގިނައިން ރަށްރަށަށް ދަތުރުކޮށް، ރައްޔިތުންނާ ވާހަކަ ދައްކައިގެން ސަރުކާރުގެ ކަންތައްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުން. ދެން އެގޮތުން، އަޅުގަނޑު އަބަދުވެސް ބަލަމުން އައީ، ޢާންމު ގޮތެއްގައި ބުދަ ދުވަހު ކޮންމެވެސް ރަށަކަށް ދެވޭތޯ. ދެން އަޅުގަނޑު މިދަތުރު މިފަހަރު ތުޅާދުއަށް މިދަނީ. ދެން އިރާދަކުރެއްވިއްޔާ، ތުޅާދޫ ރައްޔިތުންނާ ބައްދަލުކޮށްލައި، އެބޭފުޅުންގެ ޙާލުއަހުވާލު ބަލާލައި، އަޅުގަނޑުމެންނަށް މި ވަގުތުން ވަގުތަށް ކޮށްދެވެން ހުރި ކަމަކީ ކޮބައިތޯ. ދެން ކުރިއަށް ވިސްނައިގެން، ރޭވިގެން އައިސް ކޮށްދެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ. މިކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން ތުޅާދޫގައި ވާހަކަ ދައްކައި މަޝްވަރާކޮށް ބަލަމުން ހަދާނީ.

ފާޠިމަތު މައިޝާ - ވީ.ޓީވީ

ތިމާވެށްޓާބެހޭ އެއްވެސް ކަމެއް އެބައޮތްތޯ؟



ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން. މިދަތުރަކު ތިމާވެށްޓާބެހޭ ބޮޑު ކަމެއް އެހެން ރޭވިފައެއް ނެތް. ބ.އަތޮޅަކީ އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ ވަރަށް ބޮޑަށް މިފަހަރު މި ތިމާވެށީގެ ދުވަސް ފާހަގަކުރަމުން އައިއިރުގައި، ރައްކާތެރި ކުރެވިފައި އޮތް ދެފަޅެއްވެސް އެއަތޮޅުގައި އެބައޮތް. އެހެންވީމާ، އެގޮތުން ބަލާއިރުގައި މުހިންމު އަތޮޅެއް އެއަތޮޅަކީ. އެހެން ނަމަވެސް، މިފަހަރަކު އަޅުގަނޑެއް އެކަމާ ގުޅޭ އިތުރު ކަމެއް ކުރާގޮތަކަށް ނޫން އޮތީކީ.



އިނާޝާ އިބްތިޝާމް - ދި ޓީވީ:

މި ސަރުކާރުގެ ޚާރިޖީ ވަޒީރު މިވަނީ އައި.ޑީ.ޕީ.ގެ ރައީސް ޢުމަރު ނަޞީރާ ދެކޮޅަށް އަބުރުގެ ދަޢުވާ ކުރެއްވުމަށް މަދަނީ ކޯޓަށް ހުށަހަޅުއްވާފައި. މިކަމާމެދު މަނިކުފާނު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތިއީ ދެން ޑޮކްޓަރ ޝަހީދުގެ އަމިއްލަ އަބުރުފުޅާ ގުޅޭގޮތުން، ޢިއްޒަތާއި ޤަދަރާ ގުޅޭގޮތުން އެބޭފުޅާ އެމައްސަލަ އެގޮތަށް އެ ހިންގަވަނީ. ޚާރިޖީ ވަޒީރަކަށް ހުންނަވަނިކޮށް، އެބާވަތުގެ އިލްޒާމް އެހެން އެބޭފުޅާގެ އިސްތަށިފުޅުގައި ޙަޤީޤަތެއް ނެތް ގޮތުގައި އެޅުވުމަކީ، އެއްވެސް ފަރާތަކުން ކުރަން ބުއްދިވެރި ރަނގަޅު ކަމެއް ނޫން. އަޅުގަނޑުވެސް ޢާންމުކޮށް ފާޑުކިޔުންތަކަކާ އެއްގޮތަކަށްވެސް އަޅައެއްނުލަން. އަޅުގަނޑުމެންގެ ނަޒަރުގައި ފާޑުކިޔުން ކުރިއަށްދާން ޖެހޭނެ. އެހެންނަމަވެސް، ޚާރިޖީ ވަޒީރަކީ ވަކި ބާވަތެއްގެ މަސައްކަތްތަކެއް ބައިނަލްއަޤްވާމީ މަސްރަޙުގައި ކުރައްވަމުން ގެންދަވާ ބޭފުޅެއް. އަދި ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެއް. އެހެންވީމާ، އެބޭފުޅާގެ ޤަދަރާއި ޢިއްޒަތް، ޚާއްޞަކޮށް، އެބާވަތުގެ ކަންކަމުގައި، ސީދާ އެބޭފުޅާގެ ވަޒީފާއާ ގުޅިފައި ހުރި ކަންކަމުގައި ހިފެހެއްޓުމަކީ އަޅުގަނޑަށް ހީވަނީ ހަމައެކަނި އެބޭފުޅާވެސް ބޭނުންފުޅުވެވަޑައިގަންނަވާނެ ކަމެއް ނޫންހެން. އަދި ސަރުކާރުންވެސް އެގޮތަށް އެދޭނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން. ފާޑުކިޔުންތައް ކުރިއަށްދާއިރުގައިވެސް، ވަކިޙުދޫދެއްގެ ހަމައެއްގެ ތެރޭގައި އެކަންކަން ކުރިއަށްދާނެ ކަމަށް.



އިނާޝާ އިބްތިޝާމް - ދި ޓީވީ:

މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު މިއޮތީ އިދިކޮޅު ޑީ.އާރު.ޕީ ކޯލިޝަނަށް ލިބިފައި. މިކަމުގެ ސަބަބުން ސަރުކާރު ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެއްވެސް ކަމަކަށް ހުއްޓުމެއް ނާންނާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ކަމަކަށް ޑީ.އާރު.ޕީ އާއި ޕީ.އޭ.ގެ ކޯލިޝަންގެ އަޣްލަބިއްޔަތެއް ނެތް އިނގޭތޯ. އަޅުގަނޑުމެން ސަރުކާރުން ހިންގަންޖެހޭ ކަންކަމުގައި، ސަރުކާރުން މި ފާހަގަވެފައި އޮތީ، މަޖިލީހުގެ އެއްބާރުލުން ލިބެމުންދާނެ ކަމަށް. ދެން އަޅުގަނޑުމެން އެއްގޮތަކަށްވެސް ޝައްކެއް ނުކުރަން. އަޅުގަނޑުމެން ހިންގަން މިހުރި ކަންކަމަކަށް މަޖިލީހުން ހުރަސްތަކެއް އެޅިގެން، އަޅުގަނޑުމެންނަށް ދަތިވެގެނެއް ނުދާނެ. އަޅުގަނޑުމެން ހިންގަން މިއުޅޭ، ކުރިއަށް ގެންދަން ނިންމާފައި ހުރި މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!