އިނާޝާ އިބްތިޝާމް - ދި ޓީ.ވީ

މިދަތުރުފުޅުގެ މައިގަނޑު ބޭނުންފުޅަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު މިދަނީ، ސްވިޑްންގެ ރަސްގެފާނު އަޅުގަނޑުމެންނަށް އެބަ އަރުވައިދޭ، އަޅުގަނޑަށް އެބަ ލިބޭ އިނާމެއް. އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ މީހުންނަށް ސްވިޑްންގެ ރަސްގެފާނު ދެއްވާ އިނާމެއް. ދެން އެ އިނާމު ބަލާ އަޅުގަނޑު މިދަނީ. އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑު ދެކޭގޮތުގައި، މިއީ އަޅުގަނޑަށް ކޮންމެހެން ލިބޭ އިނާމެއް ނޫން. އެނގިވަޑައިގަންނަވާނެ، ޚާއްޞަކޮށް، މިދިޔަ ހަތަރު ފަސްއަހަރެއްގައި، ރާއްޖޭގެ ރައްޔިތުން ވަރަށް ފުރިހަމައަށް މުޅި ދުނިޔެއަށް ސާބިތުކޮށްދީފި، ދިވެހިން ޑިމޮކްރަސީއަށް އެދޭ މިންވަރާއި، މިނިވަންކަމަށް އެދޭ މިންވަރާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ދިވެހިން އެދޭ މިންވަރާ. އަދި އަޅުގަނޑުމެންނަށް ޤާނޫނުއަސާސީއެއް އިޞްލާޙު ކުރެވި، ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބެއް ބޭއްވި، އަދި އޭގެފަހުން ގިނަ ޕާޓީ އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޭއްވި، ވަރަށް އޮމާންކަމާއެކީގައި އެހާ ދިގު ވެރިކަމެއް އެހެން ފުރޮލާލެވި ބަދަލުކޮށްލެވިފައި މިހުންނަނީ ވަރަށްމަދު ޤައުމަކު. ދިވެހިން ވެގެން މިދިޔައީ، މުޅި ދުނިޔެއަށް މިކަމުގެ މިސާލަކަށް. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވޭ. ދެން އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑު ދެކޭގޮތުގައި، މިއީ، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ޝަރަފެއް.



މަލީޙާ ޞާލިޙު - ދިވެހިރާއްޖޭގެ އަޑު

މި އިނާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދެން އިތުރު ކޮންކޮން ކަންތައްތަކެއްތޯ މަނިކުފާނު އެކޮޅުގައި ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ރަސްގެފާނު އަރިހަށްދާނެ. އަދި އެރަށުގެ، ސްވިޑްން ސަރުކާރުގެ ބޭފުޅުންނާ ވާހަކަ ދައްކާނެ. ސަރުކާރުގެ އިސްބޭފުޅުންނާ އަޅުގަނޑުމެން ވާހަކަ ދެއްކުން އެބައޮތް. ދެން އަންނަ މަގުމަތީގައި، އަޅުގަނޑު ސިލޯނުގައި މަޑުކޮށް، ސިލޯނުގެ ރައީސާވެސް ބައްދަލުކުރާނެ އިނގޭތޯ.

މަލީޙާ ޞާލިޙު - ދިވެހިރާއްޖޭގެ އަޑު

މިދަތުރުފުޅުގައި ޚާއްޞަ ދާއިރާއެއްގެ ބޭފުޅުން ބައިވެރިކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑު މިދަތުރުގައި މިދަނީ ހަމައެކަނި އަޅުގަނޑުގެ އޮފީހުގެ ބޭފުޅުންނާއި، ދެން އޭގެއިތުރުން، ޚާރިޖީ ވަޒީރު ޑޮކްޓަރ ޝަހީދު.

ޢަބްދުއްލަޠީފް އާދަމް - ރާއްޖެ އޮން ލައިން

މިހާރު އަޅުގަނޑުމެން މިއަދު ވަރަށް ފުރިހަމަ މިނިވަންކަމެއް އަޅުގަނޑުމެން އިޙްސާސް ކުރަމުންދާއިރު، އެކަމުގެ ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް އަޅުގަނޑުމެންނަށް ލިބިފައި އޮތް އިރުގައި، މިކަން ހޯދުމަށްޓަކައި، ތިޔަ ވިދާޅުވި ގޮތަށް މީގެ ހަތަރު ފަސް އަހަރެއް ކުރީގައި، އަޅުގަނޑުމެން މަސައްކަތް ފަށައިގެން އައިއިރުގައި، އެކަމަށް އެޅުނު ހުރަސްތަކާއި، އަޅުގަނޑުމެން އުޅުނު ޙާލު އަންގައިދޭ ކަހަލަ ވީޑިއޯއެއް އެއްޗެއް އެބަ ގެންދަވަންތޯ އެބޭފުޅުންނަށް ދައްކާލަން؟


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެބޭފުޅުންނަށް މިކަމުގެ މަޢްލޫމާތު ވަރަށް ސާފު. ދެން އަޅުގަނޑު ހަމަ އިތުރަށް މަޢްލޫމާތު އަރުވާނަން، ކަންވެދިޔަ ގޮތް. ދެން އަޅުގަނޑަށް ސްވިޑްންގެ ވަރަށްގިނަ ރައްޔިތުންނާ މުޚާޠަބު ކުރުމުގެ ފުރްޞަތު ލިބޭނެ. ސްވިޑްން އެކަންޏެއް ނޫން. އޭގެތެރޭގައި، ޔޫރަޕްގެ ވަރަށްގިނަ ޤައުމުތަކަށް މި މަޢްލޫމާތު ފެތުރިގެންދާނެ. އެހެންވީމާ، އެބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ މިދަތުރަށްފަހު މިކަންތައްތައް ހިނގަމުންދާގޮތް.

އިނާޝާ އިބްތިޝާމް - ދި ޓީ.ވީ

ދާދިފަހުން މަނިކުފާނު އެންމެފަހުން ދެއްވި ރޭޑިއޯ ތަޤްރީރުގައި ވިދާޅުވެފައިވޭ، ސަރުކާރަށް އެކިއެކި ޚިޔާނާތްތެރިވެފައިވާ ފަރާތްތަކުން ސަރުކާރަށް ލިބެންޖެހޭ ވަރަށްގިނަ ޢަދަދެއްގެ ފައިސާ އެބަހުރި ކަމަށް. މިފައިސާ ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައިވޭތޯ؟ ވިދާޅުވެދެއްވަފާނަންތޯ އެފައިސާ ހޯއްދެވުމަށް އެއްވެސް މަސައްކަތެއް މަނިކުފާނު ކުރައްވަންތޯ؟ ކޮންކޮން މަސައްކަތެއްތޯ ކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު މީގައި އެބައުޅޭ ދެބާވަތެއްގެ ފައިސާއެއް އިނގޭތޯ. އަޅުގަނޑު ހުކުރު ދުވަހު ހެނދުނު އަޅުގަނޑު މި ފާހަގަކުރީ، ކަނޑައެޅިގެން ކޮންޓްރެކްޓްތަކާއި، އެގްރީމަންޓްތަކާއި، ރިސިޕްޓްތަކާއެކީގައި ސަރުކާރަށް ލިބެންހުރި ފައިސާ. އެފައިސާ ހޯދުމަށްވެސް އަޅުގަނޑުމެން ދާންޖެހޭނީ، އެންމެފަހު މަރްޙަލާއެއްގެ ގޮތުގައި ޝަރީޢަތަށް. ދެން އަދި އެބަވޭ ވަރަށްގިނަ ޢަދަދެއްގެ ފައިސާ. ރާއްޖެއިން ގެއްލިފައިވާ ފައިސާ. އެކިއެކި ޚިޔާނާތުގެ ތެރޭގައި. މިފައިސާ ހޯދުމަށް އަޅުގަނޑުމެން ހިންގަންޖެހޭ މަސައްކަތް ތަންކޮޅެއް ބުރަވާނެ. އެހެންވީމާ، އަނެއްކާވެސް ހުރިހާ ބޭފުޅުންވެސް ގަބޫލުފުޅު ކުރައްވަންޖެހޭނެ، މިކަންކަން ހިނގަމުންދާނީ، ޝަރީޢަތް މެދުވެރިވެގެންކަން. ކޯޓުތައް މެދުވެރިވެގެންކަން. އަޅުގަނޑުމެންނެއް، ކުރީގައި މި ރާއްޖޭގައި ކަންކުރަމުން އައި އުޞޫލަކުން ކަންކުރާކަށް ނެތިން. މީހުން ހިފައި ހައްޔަރު ކުރެވޭނީ، ޝަރްޢީ ޙުކުމަކާ އެކުގައި. ނުވަތަ ކޯޓު އޯޑަރާ އެކުގައި. ސީދާ ކަނޑައެޅިގެން ކުށަކަށް އަރައިގަންނަކަން ފުލުހުންނަށް ފެންނަ ހިނދު، މީހަކު ހިފެހެއްޓޭނީ. މީހަކު ހައްޔަރު ކުރެވޭނީ. ދެން އޭގެއިތުރުން، އެނޫން ގޮތަކަށް އަޅުގަނޑުމެންނަށް ކަންކަމުގައި މީހުން ހައްޔަރުކޮށް ހެދޭނީ، ކޯޓުތައް މެދުވެރިކޮށްގެންކަން. އެހެންވީމާ، އަޅުގަނޑުމެން ކަމެއް ނުކޮށް ތިބެނީކީއެއް ނޫން. މިޒަމާނުގައި މިހާރު މިއޮތް ޤާނޫނުއަސާސީއާއި އަދި އަޅުގަނޑުމެންގެ ތެރޭގައި މިހުރި ރޫޙާ. ޤާނޫނުއަސާސީ ތަންދޭ އިނގޭތޯ އަޅުގަނޑަށް މިކަން ކުރަން. އެހެންނަމަވެސް، އަޅުގަނޑު މިވިސްނަނީ، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، މިހުރިހާ ކަންކަމަކަށް ބަލައި، ޤާނޫނުގެ ހުރިހާ ޖާގައެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރަމުން ދިޔުން އެއީ، ބުއްދިވެރި ކަމެއް ނޫންކަމަށް އަޅުގަނޑު ދެކެނީ.
އިނާޝާ އިބްތިޝާމް - ދި ޓީ.ވީ

އެ ސުވާލާ ގުޅުން ހުރި ސުވާލެއް. ކުރީގެ ސަރުކާރުގެ ވަރަށްގިނަ ބޭފުޅުން ރާއްޖެއިން ބޭރުގައި އެކައުންޓްތަކުގައި، ގިނަ ޢަދަދަކަށް ފައިސާ އެބަހުރި ބަހައްޓަވާފައި. އެކަމާމެދު ކޮންކަހަލަ މަސައްކަތެއްތޯ ކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑުމެން ތަޙުޤީޤު ކުރާނީ. މިހާރު ފުލުސް އޮފީހުން އެ ތަޙުޤީޤުތައް ކުރެވެމުން އެބަދޭ. ދެން އަޅުގަނޑު މިސާލަކަށް، އެ ބޭންކްތައް ހުރި ޤައުމުތަކުގެ ވެރިންނާ އަޅުގަނޑު ފޯނުން ގުޅައި ވާހަކަ ދެއްކީމު. އެބޭފުޅުންނަށް ދެންނެވިން. ރާއްޖޭގައި މި ތަޙްޤީޤުތައް ހިނގާއިރުގައި، އަޅުގަނޑުމެން އެހީތެރިކަން ބޭނުމޭ. އެ ހުރިހާ ބޭފުޅުންވެސް ވިދާޅުވީ، ހަމަ ވަރަށް ބޮޑަށް އެބޭފުޅުން އެހީތެރިކަން އަރުވާނަމޭ. އެއްވެސް ތަނެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާ ނުވަތަ ނާޖާއިޒު ގޮތަކަށް ރާއްޖެއިން ނެގިފައި ހުރި ފައިސާ، އެއްވެސް އެކައުންޓެއްގައި ބޭރުގައި ނަމަވެސް ހުރިކަމަށް ވަނީވިއްޔާ، އެފައިސާ ހޯދައިދިނުމުގައި، ދިވެހި ސަރުކާރަށް، ދިވެހި ރައްޔިތުންނަށް ޚާއްޞަ ގޮތެއްގައި އެހީތެރިވެދޭނެ ކަމަށް ހުރިހާ ޤައުމުތައްވެސް އެބަ އަޅުގަނޑުމެންނަށް އެއްބާރުލުންދޭ. އެކަން އެގޮތަށް އެބަ ފާހަގަކުރޭ.

ޢަބްދުއްލަޠީފް އާދަމް - ރާއްޖެ އޮން ލައިން

އަޅުގަނޑު ހަމަ އެންމެ ސުވާލެއް. ވަރަށް ވަގުތު ދަތިކަންވެސް އެނގޭ. ފަހަކަށްއައިސް އަޅުގަނޑުމެންނަށް އަޑުއިވިގެން އެބަދޭ، ބޭރުގެ ބައެއް ޤައުމުތަކުން، ރިޔާސީ ކޮމިޝަން އުފެއްދެވުމާ ބެހޭގޮތުން ސުވާލު ކުރައްވާ ކަމަށް. މި ސުވާލު ފޮރިން މިނިސްޓަރާވެސް ކުރިން. ފޮރިން މިނިސްޓަރ ވިދާޅުވި، ވަރަށްގިނަ ޤައުމުތަކުން އެކަން ސާފުކުރެއޭ. ދެން އަޅުގަނޑު ސުވާލެއް ކުރިން ފޮރިން މިނިސްޓަރާ. އެއްވެސް ފަރާތަކުން އެބައޮތްތޯއޭ މިކަމަށް ފާޑު ކިޔާފައި ނޫނީ އެކަން ނުކުރަން ބުނެފައި. ފޮރިން މިނިސްޓަރ ދެއްވި ޖަވާބު ދަންނަވާކަށް އަޅުގަނޑު ބޭނުމެއް ނޫން. މަނިކުފާނު ޖަވާބު ދެއްވަފާނަންތޯ އެއްވެސް ފަރާތަކުން އެބައޮތްތޯ ފާޑުކިޔުމެއް އައިސްފައި؟


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން. ނޫން. ނޫން. އެއްގޮތަކަށްވެސް ހަމަ އެއްގޮތަކަށްވެސް ނެތް. އެނގިވަޑައިގަންނަވާނެ، އެންމެފަހުން އިނގިރޭސި ހައިކޮމިޝަނަރ ރާއްޖެ ވަޑައިގެންފައި، އެތަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރާއްޖެ ވަޑައިގެންފައި، އެބޭފުޅާއާ އަޅުގަނޑާ ދެކެވުނު ވާހަކައަށްފަހު، އެބޭފުޅާ ނުކުންނަވައި، ނޫސްވެރިންނަށް ވަރަށް ސާފު ބަހުން ވިދާޅުވި، މިކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެންނަކަށެއް ނުފެނޭ، މިއީކީއެއް އަޅުގަނޑުމެންނެއް ބައިނަލްއަޤްވާމީ އެއްވެސް ހަމައަކުން ނެއްޓިގެނެއް، ކަމެއް ކުރަން އުޅެނީކީއެއް ނޫން. ހަމަ ސީދާ ކަނޑައެޅިގެން ދިވެހިންގެ އެއްޗެއް، އަލުން އަނބުރާ ދިވެހިންނަށް ހޯދުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެހެންވީމާ، އެކަމުގައި އަޅުގަނޑު ނުދެކެން، ބައިނަލްއަޤްވާމީ މުޖްތަމަޢުން ނުވަތަ އެކުވެރި ދައުލަތްތަކަކުން އެއްވެސް ހާލެއްގައި އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވުމެއް، މިކަމުގައި އުޅޭނެ ކަމަކަށް އަޅުގަނޑެއް ނުދެކެން. އެބޭފުޅުންނަށް ވަރަށް ސާފުވާނެ. އަދި އެޤައުމުތަކުގެ ވެރިންނަށްވެސް، ޤައުމުތަކުގެ އެކިއެކި ޑިޕްލޮމެޓުންނަށްވެސް، މި ރާއްޖޭގައި މިވެރިކަން އުފެދިގެން އައި ގޮތާއި، އަޅުގަނޑުމެން މިހާރު ކުރަމުން މިގެންދާ މަސައްކަތާ، މިކަންކަން އެހުރިހާ ބޭފުޅުންނަށްވެސް ސާފުވާނެ. އެހެންވީމާ، އަޅުގަނޑު ނުދެކެން، އެއްވެސް ހާލެއްގައި އެކުވެރި ދައުލަތްތަކަކުން އަޅުގަނޑުމެންނާ އިދިކޮޅު ނުވަތަ އިންކާރު ކުރާ އެއްވެސް ކަމެއް ކުރައްވާފާނެ ކަމަކަށް.

ޢަބްދުއްލަޠީފް އާދަމް - ރާއްޖެ އޮން ލައިން

ހަމަ ތިޔަ ޖަވާބު ޝަހީދުވެސް ދެއްވީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ