بســم اللّـه الرّحمـن الرّحيــم

މަސްވެރިކަމާބެހޭ ވަޒީރު. ދައުލަތުގެ ވަޒީރުން. އަދި އެވުޒާރާގެ އެންމެހާ ބޭފުޅުން. ވަކިން ޚާއްޞަކޮށް، އެ ޞިނާޢަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހާ ޢިއްޒަތްތެރިން. އަދި މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނާއި، ދުރާއި ގާތުން މިޖަލްސާ ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

މި މަރްކަޒު ހުޅުވާން އަޅުގަނޑަށް މި ފުރްޞަތު ލިބުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައި އޮންނަ އެއް ޙަޤީޤަތަކީ، އަޅުގަނޑުމެން އަބަދުވެސް ހަނދުމައިގައި ބަހައްޓާ އެއްކަމަކީ، ކަމެއް ތަރައްޤީ ކުރުމަށް ކުރިއަރައި ދިޔުމަށް، އެކަމުގެ ހުނަރާއި، އެކަމުގެ ޢިލްމު، އެކަމުގެ ވައްޓަފާޅި، އެކަންކުރާ ގޮތް އަޅުގަނޑުމެންނަށް ފުރިހަމައަށް އެނގެން ޖެހޭނެއޭ.
މީގެ ޒަމާންތަކެއް ކުރީގައި ރާއްޖޭގައި މަސްވެރިކަން ކުރަމުން އައިއިރުގައި، ދިވެހި ދަރިން މަސްވެރިކަމަށް ހޭލައިގެން އައީވެސް ހަމަ މިދަންނަވާ ހުރިހާ ތަމްރީނެއް، އެ ދިވެހިންނަށް ލިބިގެން. އެދުވަހު އެ ތަމްރީނުތައް ދިނުމަށް ކާބަފައިން އަދި ދޮށީ ޢުމުރުގެ މީހުން ޒުވާނުންނާއެކީގައި އަބަދުވެސް ތިބި. ކޮންމެ ކަމެއްވެސް ދިޔައީ ދަސްވަމުން. ކޮންމެ ކަމެއްވެސް ދިޔައީ އެއްޖީލުން އަނެއް ޖީލަށް ރައްދުވަމުން. މިއަދާ ހަމައަށް އަޅުގަނޑުމެން އައިއިރުގައި، ކުއްލިއަކަށް އަޅުގަނޑުމެންގެ ދިރިއުޅުން، އަޅުގަނޑުމެން ކަންކަން ކުރަމުން އަންނަގޮތް ވަރަށް ބޮޑަށް ބަދަލުވާން ފަށައިފި. މީގެތެރޭގައި، އަޅުގަނޑުމެންގެ ކާބަފައިންނަށް ލިބިފައިވާ ޢިލްމުގެ އިތުރުން އަދި އެހެން ޤައުމުތަކުގައާއި، އެހެން މުޖްތަމަޢުތަކުން އަޅުގަނޑުމެންގެ މުޖްތަމަޢަށް އަޅުގަނޑުމެން ގެންނަން ބޭނުންވާ އެތައް ޢިލްމެއް، އެތައް މަސައްކަތެއް، އެތައް ގޮތްތަކެއް އަޅުގަނޑުމެން، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގައި ތަޢާރުފު ކުރަން ބޭނުން. އަޅުގަނޑުމެން މިދެކެނީ މަސްވެރިކަމަކީ ދިވެހިންގެ ކަމެއް. އެކަން ވަކި ދިވެހިންނަށްވުރެ ބޮޑަށް އެނގޭނޭ އެހެން ބަޔަކު ނުވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަމާ ގުޅޭ އެންމެހާ ކަންކަން އެންމެ ފުރިހަމައަށް އެނގެން ޖެހޭނެ.

އަޅުގަނޑުމެންނަށް މަސްވެރިކަމާ ގުޅޭ ސީދާ ކަންކަން، ދުނިޔޭގެ އެހެން މީހުންނާ އެއްވަރަށް ނުވަތަ އެއަށްވުރެ ފުރިހަމައަށް އެނގިފައި އޮތްކަމީ، އެއްވެސް ހާލެއްގައި ޝައްކު ހިނގާ ކަމެއް ނޫން. މިއަދު އަޅުގަނޑުމެންގެ މަސްވެރިކަން ބަދަލުވެގެން މިދަނީ، އެ މަސްވެރިކަމާއި އެމަސައްކަތާ އަދި އެހެން އެތައް ބައިވަރު ކަމަކާ ގުޅިގެން، އެކަން ހިނގާ ގޮތަށް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މަސް ބާނާ އޮޑި، އެ އޮޑިއަށް ކިތަންމެ ބަދަލެއް އަތުވެއްޖެ. އެހެންވީމާ، އެ އައި ބަދަލުތަކާއެކީގައި އެ އޮޑި ފުރިހަމަ ގޮތުގައި މަރާމާތު ކުރަމުން ގެންގުޅެވޭނޭ އަޅުގަނޑުމެންގެ ކިބައިގައި ހުންނަ ހުނަރުތަކެއް އެބަ އަޅުގަނޑުމެން ލިބިގަންނަންޖެހޭ. އޮޑީގެ އޮޑިގަނޑަށް އެކަންޏެއް ނޫން. އޭގެ އިންޖީނާއި އަދި އޭގައިވާ އެހެނިހެން އާލާތް ބެލެހެއްޓޭނޭ ފުރިހަމަ ތަމްރީނު، އަޅުގަނޑުމެންގެ މަސްވެރިންނަށް އެބަ ލިބެންޖެހޭ. އެހެންވީމާ، ހަމައެކަނި އަޅުގަނޑުމެންނަށް އެނގެން މިޖެހެނީ، އިންޖީން މަރާމާތުކޮށް ނުވަތަ އިންޖީނެއް ބެލެހެއްޓުމެއް ނޫން. އަޅުގަނޑުމެންނަށް އެބަ މިއަދު އެނގެންޖެހޭ ޖީ.ޕީ.އެސް.އަކުން ބެލުމާއި، ފިޝް ފައިންޑަރަކުން ބެލުމާއި، މިހެންގޮސް ޓެކްނޯލޮޖީގެ އެތައްއެތައް ހުނަރެއް. އެތައްއެތައް ޢިލްމެއް އަޅުގަނޑުމެންނަށް އެނގިގެން މެނުވީ، އަޅުގަނޑުމެން މި ބޭނުންވާ ފުރިހަމަ މަސްވެރިކަން މިހާރު މި ރާއްޖޭގައި އަޅުގަނޑުމެންނަށް ކުރަން ދަތި.

މި މަރްކަޒުގެ ވަރަށްބޮޑު ބޭނުމަކަށްވާނެ މިދަންނަވާ ހުރިހާ ހުނަރު، މިދަންނަވާ ހުރިހާ ޢިލްމު، އަޅުގަނޑުމެންގެ މަސްވެރިންނަށް ފޯރުކޮށްދިނުން. މަސްވެރިންނަށް ދަސްކޮށްދިނުން. މި މަރްކަޒުގެ ބޭނުމަކީ އެއީ. މަސްވެރިކަމާގުޅޭގޮތުން އެނގެންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ޒުވާން މަސްވެރިންނަށް އޮޅުންފިލުވައިދިނުން. އަދި މިހާރުވެސް މަސް ބާނަމުން ގެންދަވާ މެދު ޢުމުރުގެއާއި ހަރު މަސްވެރިންނަށްވެސް މިކަންކަން އަޅުގަނޑުމެން އޮޅުންފިލުވައިދިނުން. މީގެކުރީގައި އަޅުގަނޑަކީ މަސްވެރިއެއް ނޫން. އަދި މިތަނުގައި ތިބި މަސްވެރިކަމުގެ ޢިލްމުގައި ފުންނާބު އުސް ބޭފުޅުން ކުރިމަތީގައި މިބާވަތުގެ ވާހަކައެއް އަޅުގަނޑު ދައްކަން ކުޑަކޮށް ޖެހިލުންވެސްވޭ. އެހެން ނަމަވެސް، މީގެކުރީގައި އަޅުގަނޑުމެން މަސް އައިން މިސާލަކަށް ހޯދާ އުޅުނީ، އެހެން ދޫނިސޫފާސޫތްޕާއި އަދި ކަނޑުގެ އެހެން ދިރުމަށް ބަލައިގެން. މިއަދު އަޅުގަނޑުމެން މަސްއައިން ހޯދަން މިގަސްދުކުރަނީ ހަމައެކަނި އެވަސީލަތް ބޭނުންކޮށްގެންނެއް ނޫން. މިއަދު އަޅުގަނޑުމެންނަށް މަސްއައިން ހޯދޭނެ، އެންމެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން، އެކަން ކުރެވޭނޭ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި، އެ ޓެކްނޯލޮޖީ މިއަދު ތަޢާރުފުވާން ޖެހޭނެ. އަޅުގަނޑުމެންގެ އާ މަސްވެރިންނަށް އެކަން އެނގެން ޖެހޭނެ.

މިއަދުގެ މަސްދޯންޏަކީ އާދައިގެ ފެކްޓްރީއެއް. އެއިން ދޯންޏެއްގައި 30، 40 މީހުން މަސައްކަތް ކުރޭ. އެތައް ބާވަތެއްގެ މަސައްކަތް. އެކައުންޓެންސީގެ މަސައްކަތް މަސް ދޯންޏެއްގައި ކުރޭ، ހަމަ ރަނގަޅު ކުޑަ ފެކްޓްރީއެއްގައި އެ މަސައްކަތް ހިނގާ މިންވަރަށް. ދެކޮޅު ޖެހުމުގެ ކަންތަކަކީ، ވިޔަފާރީގެ ގޮތުން ދެކޮޅުޖެހުމުގެ މައްސަލައަކީ، މިއަދު އަޅުގަނޑަށް ފެންނަ ފެނުމުގައި، މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލަ. މަސްވެރިން، އެބައިމީހުންގެ އޮޑިފަހަރު ބޮޑުކުރަމުން ގެންދިޔައީ، ގިނަ މަސް ބޭނުމުގެ ނިޔަތުގައި. މިހާރު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ އުނދަގޫ އެއް މައްސަލައަކީ، މަހަށް ފުރާނީ ކިހާވަރެއްގެ އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރެވުނީމާތޯ؟ ފޯކާސްޓް ކިހިނެއް ކޮށްގެންތޯ އަޅުގަނޑުމެންނަށް މަހަށް ފުރެން އަންނަނީ. މަހަށް ފުރާ ބްރޭކްއީވަން ޕޮއިންޓަކީ ކޮބައިތޯ؟ ޢިލްމީ، އިޤްތިޞާދީ ގޮތުން، އިކޮނޮމިސްޓެއްގެ ޙައިޘިއްޔަތުން، އަދި އެކައުންޓެންޓެއްގެ ޙައިޘިއްޔަތުން އެކަންކަން އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. ކޮންމެ މަސްއޮޑިއެއްގައި ޑިގްރީއެއް ނަގާފައި ހުރި މީހެއް ނެތިސް، އަޅުގަނޑުމެން މިއެދޭ މަސްވެރިކަން ދެން އަޅުގަނޑުމެންނަށް ކުރަން ހަމަ ވަރަށް އުނދަގޫވާނެ. ނިކަން ވިސްނަވާ. ފެކްޓްރީއެއް ހިންގަން އާދައިގެ ޔުނިވަރސިޓީ ޑިގްރީއެއް ނެތް ޙާލަތެއްގައި، އެއީ ގާތްގަނޑަކަށް ދުނިޔޭގެ އެހެން ތަންތަނުގެ މީހުން ދެކޭނެ ނުވާނޭ ކަމެއް ކަމަށް. އަޅުގަނޑުމެންގެ މަސްއޮޑިއެއް، މަސްދޯންޏެއް މަހަށް ފުރުވާއިރުގައި، އޭގައި މިދަންނަވާ އެންމެ އާދައިގެ މިންވަރުގެ ޢިލްމު ނެތިއްޔާ، އ ެދޯނިން އެ މަސްވެރިކަމުން އަޅުގަނޑުމެން މިބޭނުންވާ ރަނގަޅު ނަފާ، ރަނގަޅު ފައިދާ އަޅުގަނޑުމެންނަށް ލިބުން ދަތިވާނެ.

އަޅުގަނޑުމެން މިއަދު މިހުޅުވާ މަރްކަޒުގެ ވަރަށްބޮޑު ބޭނުމެއް އެއީ. ޑޮކްޓަރ ޑީ.ޑީ.ވެސް ފާހަގަކުރައްވައިފި. ހަމަ އެކައުންޓެންސީއާއި އިޤްތިޞާދީ އަދި ފިޝަރީޒް އިނޮކޮމިކްސްއިން ތަންދޮރު އަޅުގަނޑުމެންނަށް ފިލުން. އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި، އޭގެ އެންމެ ބޭފުޅެއް ރާއްޖޭގައި ހުންނަވަނީ. އެބޭފުޅާ ހުންނަވަނީ ޕީ.އެޗް.ޑީ.އެއް ހައްދަވައިގެން. އެހެންވީމާ، ޚާއްޞަކޮށް، މަހަށް ފުރުއްވުމުގެ ޚިޔާލެއް އެބޭފުޅާގެއެއް ނެތް. އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވަނީ. އަޅުގަނޑުމެން އެބަޖެހޭ، މަހަށް ފުރާނެ އިކޮނޮމިސްޓުން ހޯދަން. އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން އެކަމަށް އަހުލުވެރި ކުރެވުނީމާ.

އަޅުގަނޑު މިސާލެއްގެ ގޮތުން، ހަމަ މިދެންނެވީ އިކޮނޮމިސްޓެއްގެ ވާހަކަ. އެއީ، ފަހަރުގައި ބޭފުޅުންނަށް މީގެކުރީގައި ލަފާކުރެވިފައި އޮވެދާނެ، މަހަށް ފުރާ މީހުންނަށް ވިޔަ އަކުރު އެނގޭކަށް ނުޖެހެއޭ. އަކުރު ފިލާކަށް ނުޖެހެއޭ. އެއީ، މަސްވެރިއެކޭ. މިއަދު އަޅުގަނޑުމެންނަށް މިއެނގެނީ، އެމީހާއަށްކަން އެންމެ ގިނަ އެއްޗެހި އެނގެން މިޖެހެނީ. ޙަޤީޤަތުގައި މީގެކުރީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެމީހާއަށް އެންމެގިނަ އެއްޗެހި އެނގިފައި ހުރީވެސް. އެދުވަހު ދިވެހި މީހާއަށް އެނގިފައި ހުރި މަޢްލޫމާތުގެ އަޅުގަނޑު ދަންނަވާނީ ބޮޑު މަޢްލޫމާތު، ގިނަ ބައި، އެނގިފައި ހުރި މީހާއަކީ މަސްވެރިޔާއޭ. މިއަދު އަޅުގަނޑުމެންނަށް އެ ހަމަ ގެއްލިގެން މިއޮއްދަނީ. ހިނގައްޖެ. މިއަދު ގިނަ މަޢްލޫމާތު ލިބިފައި ހުރި މީހާއަކީ މަސްވެރިޔާއެއް ނޫން. މިއަދު މާގިނަ މަޢްލޫމާތު ލިބިހުރި ކަމަށް ކިތަންމެ ބައެއް އެބަދެކޭ. ދެކޭއިރުގައި އޭގެތެރެއިން ވަރަށްމަދު ބައެއް ނޫނިއްޔާ އެއީ މަސްވެރިންނެއް ނޫން ނުވަތަ މަސްވެރިކަމަށް ޝައުޤު ހުންނަ ބައެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މަސްވެރިންގެ ފަންނު ދުވަހުން ދުވަހަށް ދިޔައީ، އޭގެ ޤަދަރާއި ޢިއްޒަތް ގެއްލެމުންދާ ފަންނަކަށް. އެންމެފަހުން އައިސް މަސްވެރިޔާއޭ ބުނީމާ އެއީ، އެންމެ ދަށް މީހާގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި ބެލެން ފެށުނު.

ޙަޤީޤަތުގައި މިބަދަލެއް އަޅުގަނޑުމެންގެ ތެރެއަށް އަންނާން ފެށީ، ނަވާރަސަތޭކައިގެ އަހަރުތައް ފެށުނުއިރު. އޭގެކުރީގައި، މަސްވެރިޔާއަކީ، ކަތީބަކަށްވުރެ، މުދިމަކަށްވުރެ އަދި އެހެން ނޫނިއްޔާ، ވާރުވެރިޔަކަށްވުރެ، ރާވެރިޔަކަށްވުރެ، ކޮރަހަލި އެއްކުރާ މީހަކަށްވުރެ އަދި ހިސާބުޖަހާ ނެވި މީހަކަށްވުރެ ވަކި ދެރަ މީހެއް ނޫން. އޭނާއަކީ، އޭނާގެ މުޖްތަމަޢުގެ އެންމެ ފުންނާބު އުސް، އެންމެ އަރާ ހުރި މީހާ. އެންމެ ޢިލްމުވެރިޔާ. އަދި އެންމެ ބާރުގަދަ، އެންމެ މުއްސަނދިވެސް މީހާ. އެމީހާ އަޅުގަނޑުމެންނަށް ގެއްލިދާން މިފަށަނީ. އެމީހާ އެހުރި ގޮތަށް ހުއްޓާ އެހެން ޢިލްމުތައް، އެހެން ފަންނުތައް، އަޅުގަނޑުމެންގެ ތެރޭގައި މާ ބާރަށް މައްޗަށް އަރައިގެންދިޔައީ. މިހާރު ގަސްއިންދާމީހާއަކީވެސް، އެމީހާއަށްވުރެ، މަސްބާނާމީހާއަށްވުރެ މޮޅު މީހަކަށްވާން ފަށާކަހަލައޭ، އަޅުގަނޑުމެންނަށް ބައެއްފަހަރު އެބާވަތުގެ ނިޝާންތައް ފެންނަމުން އެބަދޭ.

އަޅުގަނޑު މި އުންމީދު ކުރަނީ، މި މަރްކަޒަކީ މިދެންނެވި ނުހަމަ، ހަމައަކަށް ގެނެސްދޭނޭ މަރްކަޒެއް ކަމަށް. އަޅުގަނޑުމެން ބޭނުންވަނީކީއެއް ހަމައެކަނި އެކައުންޓެންޓުންނެއް ނޫން. އަޅުގަނޑުމެން ބޭނުންވޭ އިންޖިނޭރުން. އަޅުގަނޑުމެން ބޭނުންވޭ އިލެކްޓްރިޝަނުން. އަޅުގަނޑުމެން ބޭނުންވޭ އާކިޓެކްޓުން. އަޅުގަނޑުމެން ބޭނުންވޭ ބޯޓް ބިލްޑަރުން. އަޅުގަނޑުމެން ބޭނުންވޭ، ހަމައެއާއެކީގައި މަސް ޕްރޮސެސް ކުރުމުގެ މީހުން. މިއީ، އަޅުގަނޑުމެންގެ މަހަށް ހަމަ އަގު ލިބުމުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ވަރަށް ބޮޑަށް ދަންނަވާނީ، ފަޤީރުކޮށް އޮތް ދާއިރާއެކޭ. މަސް ބާނާފައި، އެ މަސް ތާޒާކަންމަތީގައި ގޮސް ވިއްކެންދެން، މާރުކޭޓަށް ފޯރަންދެން، އެ މަސް ގެންގުޅޭނީ ކިހިނެއްތޯ؟ އެކަމާ ގުޅޭ ފުރިހަމަ މަޢްލޫމާތު އަޅުގަނޑުމެންނަށް އެބަ ލިބެންޖެހޭ. ބައޮލޮޖީ އެނގެން އެބަޖެހޭ. މަހަކަށްވާގޮތް. މަހެއްގެ ގޮހޮރަށްވާގޮތް. އެ ގޮހޮރު ކުނިވާގޮތް ނުވަތަ އެމަސް ކުނިވާގޮތް އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ، ހިސްޓަމިންއޭ ބުނީމާ އެއީ ބައްޔެއް ނޫންކަން ނުވަތަ އެއީ ކޯއްޗެއްކަން އަޅުގަނޑުމެންނަށް ސާފުވާން އެބަޖެހޭ. އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ ޔޫރަޕްގެ މީހެއްގެ ތަށިމަތީގައި އޮންނަ މަސްބުރި، އެމީހާ ކަނީ ކިހިނެއް އެ ބުރި އޮތީމާތޯ. އެމަގަށް އަޅުގަނޑުމެންގެ ޢިލްމު ހިމުންވެގެން ނުދަންޏާ، އެމަގަށް އަޅުގަނޑުމެންގެ މަޢްލޫމާތު ފަހިވެގެން ނުދަންޏާ، އަޅުގަނޑުމެން މިއެދޭ މަސްވެރިކަމެއް އަދި އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑުމެންގެ ވަޢުދަކީ، އަޅުގަނޑުމެންގެ ވާޖިބަކީ، އަދި އަޅުގަނޑުމެންގެ ވަޢުދަކީ، ދިވެހި މަސްވެރިންނަށް، މަހަށް މިހާރަށް ލިބޭ މިހާރު ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް ހޯދައިދިނުން. އެ ހޯދައިދެވޭނީ، ބާނާ ގިނަ މަސް ހެޔޮގޮތުގައި ރައްކާތެރިކަމާއެކީގައި ގެނެސް، މާރުކޭޓަކަށް އެ ވިއްކާ، ގަންނާނެ މީހަކާ ހަމައަށް ފުރިހަމައަށް ގެނެސްދެވުނީމާ. މިއަދާ ހަމައަށް އައިއިރުގައިވެސް، އަޅުގަނޑުމެން ބާނާ ގިނަ މަސް ބޭރުކުރަމުން މިދަނީ، އިންޑިޔާ، ތައިލެންޑުން ހިލަވެލި ބޭރުކުރާ އުޞޫލުން. ހަމަ އާދައިގެ ރޯ މެޓީރިއަލެއްގެ ގޮތުގައި. އަޅުގަނޑުމެން ފިނިކޮށްފައި ގެނެސް ތައިލެންޑަށް ހަމަ އޮއްސަނީ. އެހެން އޮއްސީމާ، އަޅުގަނޑުމެންނަށް މިލިބެނީ، ގިނަވެގެން ޓަނަކަށް އެގާރަހާސް ރުފިޔާ، ބާރަހާސް ރުފިޔާ. އެކަމަކު އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ޔޫރަޕްގެ މީހަކު އޭނާގެ ގެޔަށް ގަންނަ ކުޑަކުޑަ މަސްބުރިއެއް މިގަންނަނީ ދިވެހި ސަތޭކަރުފިޔާއަށްކަން. އެއީ، ދުއިސައްތައެއްހާ ގްރާމް. އަޅުގަނޑުމެން އޭގެ ކިލޯއެއް މިވިއްކަނީ، ވިއްކާލެވެނީ އަޅުގަނޑުމެންގެ މަސްވެރިޔާއަށް ގިނަވެގެން ފަސްރުފިޔާއަށް، ހަރުފިޔާއަށް. މިދެމެދުގެ މިއޮއް ބޮޑު ތަފާތު މިހެން އޮއްވައި، އަޅުގަނޑުމެންނަށް މި ޞިނާޢަތުން އަޅުގަނޑުމެން ބޭނުންވާ ފުރިހަމަ ފައިދާ ނަގަން ވަރަށް ދަތިވާނެ.

މި އިންސްޓިޓިއުޝަނަކީ، މި ޓްރޭނިންގ ސެންޓަރުގެ ބޭނުމަކީ، އެ ތަފާތު ގާތްކުރުން. މަސް އަޅުގަނޑުމެންނަށް ރަނގަޅަށް ވިއްކޭނެ އަދި އެމަހުގެ ބޭނުން ރަނގަޅަށް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހޯދުން. މަސްވެރިކަމާ ގުޅޭގޮތުން މިހާރު މިދެކެވޭ ހުރިހާ ވާހަކައެއްގެވެސް ޙަޤީޤީ ސީދާ ހިސާބެއް އަޅުގަނޑުމެންނަށް އެނގުން.

މިއަދު ސަރުކާރުން މިކަމާ ގުޅޭގޮތުން އެންމެބޮޑު ބަޙުޘެއް ހިންގަމުން އަންނަ އެއްކަމަކީ، މީގެ ދިހަވަރަކަށް އަހަރު ކުރީގައި އެނގިވަޑައިގަންނަވާނެ، ދިވެހި ސަރުކާރުން ނިންމީ، ރާއްޖޭގެ މަސްވެރިކަމަށް އެންމެ ރަނގަޅުގޮތަކީ، ރާއްޖޭގެ ކަނޑުތައް ހަތަރު ބަޔަކަށް ބަހާލައި، އެއިން ކޮންމެވެސް އެއްބައެއް އަތަށް، މަސްގަނެ ވިއްކުމުގެ ފުރްޞަތު، ހަމައެކަނި އެބަޔަކަށް އޮތީމާ، އޭރުން އެދުވަހު ސަރުކާރުން ދުށީ ދެކަމެއްވާނެއޭ. އެއްކަމަކީ ހުރިހާ މަސް ގަނެވޭނެއޭ. އަނެއް ކަމަކީ އެ މަހަށް ރަނގަޅު އަގެއް ލިބޭނެއޭ. މަހަށް ރަނގަޅު އަގެއް ލިބޭ ސަބަބެއް ކަމަށް މިވަނީ، ވަކިވަކިކޮށްފައި ޙަވާލުކުރި ޒޯނެއްގައި، މަސް ވިއްކާ ފަރާތް، އެފަރާތުގެ އިންވެސްޓްމަންޓް މޮނޯޕޮލީއެއް މެދުވެރިކޮށްގެން ރައްކާތެރިކޮށްދިނީމާ، ދެން އެފަރާތުން އިތުރު އިންވެސްޓްމަންޓައިގެން ކުރިއަށްދާނެ. އެހެންވީމާ، މަސް ޕްރޮސެސިންގ، ނުވަތަ މަސް ދަޅަށްލުން، މަސް ބަންދުކުރުން، މިކަންކަން ކުރެވެން ފެށީމާ، މަސްވެރިންނަށް ރަނގަޅު އަގު ލިބޭނެއޭ.

އޭގެފަހުން ދިހަ އަހަރުވެއްޖެ. އަޅުގަނޑު ބަލައިލިއިރުގައި، އަޅުގަނޑަށް ފެނުނީ، ޚާއްޞަ ކަމެއްދީގެން، ސަލާމަތްކުރި އޮންޓަރޕްރިނިއަރ ނުވަތަ އިންވެސްޓަރު، އެ އިންވެސްޓަރު، މަހެއްގައި ދަޅެއްގައި މަސް ބަންދު މިކުރަނީ ވަރަށް މަދުން. އޭނާގެ އިންވެސްޓްމަންޓަށްވުރެ، މަސްވެރިޔާގެ އިންވެސްޓްމަންޓް މާބޮޑުވެއްޖެ. މިއިން އަޅުގަނޑުމެން އެ ސަލާމަތްކުރި، ޚާއްޞަ ކަމެއްދީގެން ސަލާމަތްކުރި އިންވެސްޓަރުގެ އިންވެސްޓަމަންޓަށްވުރެ އަޅުގަނޑަށް މިހާރު ހިސާބު ކުރެވޭ ގޮތުގައި، މިސާލަކަށް، ތިނަދޫ އިންވެސްޓްމަންޓް، ތިނަދޫ މަސްވެރިން، މަހަށް، މަސްވެރިކަމަށް ކޮށްފައި އޮތް އިންވެސްޓްމަންޓް މާބޮޑުވެއްޖެ. މަސްވެރިންގެ ބޮޑެތި ދޯނިފަހަރު މާގިނަވެއްޖެ. ސަތޭކަ ފޫޓަށްހާވަރަށް މިދާ ދުއިސައްތަ ފަންސާސް ދޯނި އޮންނަ ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވޭ. އެއިން ދޯންޏެއްގެ އެންމެ މަދު އަގަކީވެސް އެއްމިލިޔަން ރުފިޔާ. އަޅުގަނޑުމެންނަށް ސަލާމަތްކުރި ޒޯންތަކުގައި ކުރެވިފައި ހުރި އިންވެސްޓްމަންޓާ، ހަމަ އެދުވަސްވަރުގައި ދޫކޮށްލާފައި ތިއްބެވި ބޭފުޅުން، އެއީ މަސްވެރިން ކުރިން އިންވެސްޓްމަންޓާ އަޅާބެލީމާ، މަސްވެރިންގެ އިންވެސްޓްމަންޓް މާބޮޑުކަމަށް އަޅުގަނޑަށް ފެންނަނީ. އެހެންވީމާ، މިއަދު އަޅުގަނޑުމެން އަނެއްކާވެސް ވިސްނަންވެއްޖެ ކޮންކަމެއްތޯ ސަލާމަތް ކުރަންވީ؟ މަހަށް ފުރޭގޮތް އެއީ، ބްރޭކްއީވަން ޕޮއިންޓްގައި މަހަށް ފުރޭނީ. މަހަށް ފުރޭގޮތް ހޯދައިދިނުންތޯ މީގައި މުހިންމީ. ނުވަތަ މަހަށް ފުރޭ ދުވަހަކު ލިބޭ މަހެއް ވިއްކޭނެ ގޮތެއް ހޯދައިދިނުންތޯ މުހިންމީ. ކޮން އިންވެސްޓަރެއްތޯ އަޅުގަނޑުމެން ބޮޑަށް ސަލާމަތް ކުރަން އުޅޭނީ. މަސްވެރިޔާތޯ؟ ނުވަތަ ފެކްޓްރީ އޯނަރުތޯ؟

އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެ ބަޙުޘް މިދަނީ ހިނގަމުން. އަޅުގަނޑު ޖެހިފައި ހުރި ކޮޅު އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ރާގުންވެސް ތިޔަބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެހެން. ދެން އެހެންނަމަވެސް، އަޅުގަނޑުގެ ކޮޅު މާބޮޑަކަށް ދަންނަވާކަށެއް ނޫން. އަޅުގަނޑުމެންގެ ވަޢުދެއްއެބަވޭ. މަހުގެ އަގު މަސްވެރިންނަށް ރަނގަޅު ކޮށްދޭނަމޭ. ދެން އަދި އަޅުގަނޑުމެންނަށް ފެނިފައި ހުރި ތަނަކީ، ޤައުމެއް ތަރައްޤީވެ، ޙަޤީޤަތުގައި މިދަނީ، ހަތަރު އިންވެސްޓަރުން ތަރައްޤީވީމަކާއެއް ނޫން. އަޅުގަނޑުމެންގެ އަޅުގަނޑުމެން ބަލައިލާ! މިސާލެއްގެ ގޮތުން، ސައުތު ކޮރެއާ. މިއިން ޤައުމެއް ތަރައްޤީވެ ގޮސްފައި ޙަޤީޤަތުގައި މިވަނީ، އެ ޤައުމުތަކުގެ ގިނަ ބައިވަރު ވަޒީފާ އަދާކުރާ މީހުންގެ އާމްދަނީ އިތުރުވީމާ. ސައުތު ކޮރެއާގައިނަމަ، ދަނޑުވެރިންގެ އާމްދަނީ އިތުރުވެގެންދިޔައީ. ތަރައްޤީވެ ގޮސްފައިވާ ކޮންމެ ޤައުމެއް އަޅުގަނޑުމެން ބަލާލިޔަސްވެސް، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނާނެ، ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިދަންނަވާ ބާވަތުގެ މަސައްކަތްތެރިންގެ އާމްދަނީ، އެޤައުމުތަކުގައި ދެގުނަ، ތިންގުނަ ވެގެންގޮސްފައި ހުރި ޤައުމުތައް ނޫނިއްޔާ، ޙަޤީޤީ ތަރައްޤީއެއް ހޯދާފައިވާ ޤައުމެއްނުވޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް ވިހިހާސް މަސްވެރިން، ބާވީސްހާސް މަސްވެރިންތޯ އަޅުގަނޑުމެން ތަރައްޤީ ކުރަން މަސައްކަތް ކުރާނީ ނުވަތަ ހަތަރު ފެކްޓްރީ އޯނަރުންތޯ؟ މި ސުވާލުގެ ޖަވާބު، ހަމަ އަޅުގަނޑު ދަންނަވާނީ، އެހާ ފަސޭހަ ވާހަކައެއް ނޫނޭ މިއީކީއެއް. އެ ފެކްޓްރީގެ އޯނަރާ އަޅާނުލެވުނީމާ، އޭގެ ސަބަބުން މަސްވެރިޔާއަށްވެސް ގެއްލުން ލިބިގެންދޭ. އެހެންވީމާ، އެދެކަމުގެ އޮތް ގުޅުމެއްވެސް އެބައޮތް. އިންވެސްޓްމަންޓްސްއާ ގުޅޭގޮތުން އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ އެއީ.

ހަމަ އިތުރު ވާހަކައެއް އަދި އެބައޮތް މަހާ ގުޅޭގޮތުން އަޅުގަނޑު ފާހަގަކުރަން ބޭނުންވާ. އެއީ ކަޅުބިލަ މަހަކީ ސްޓޭޝަނަރީ ސްޓޮކެއްތޯ؟ ނުވަތަ ދިވެހިރާއްޖޭގެ ވަށައިގެން ދުވެދުވެތިބި އެއްޗެއްތޯ؟ ނުވަތަ ރާއްޖެއިން ބޭރުން އައިސް ގޮސްވާ އެއްޗެއްތޯ؟ އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ ފަށައިގެން އަޅުގަނޑުގެ ވަރަށްގާތް ރަޙްމަތްތެރިއެއް، މައިޒާން ޙަސަން މަނިކަކީ. އަޅުގަނޑު އޭނާއާ އެކީގައި އުޅެ ބޮޑުވީއޭ ބުންޏަސްވެސް ރަނގަޅުވާނެ. އެބޭފުޅާއާ އެކީގައި. އަޅުގަނޑުމެންނަށް ފެނުނު، އަޅުގަނޑަށް ހަމަގައިމުވެސް ފެނުނީ، ޙަސަން މަނިކު އަޅުގަނޑު ގާތުގައި ބުނުއްވާފައި އޮތީ، ދެމަހެއް ފެނިފައި އެބައޮތޭ ތައިލެންޑުން. އަދި ދެތިން މަހެއް ފެނިފައި އެބައޮތޭ، ގަލްފްގެ ކޯސްޓުން. ދެން ގިނައިން ހަމަ ރާއްޖެވަށާ މިއެއްޗެހި އުޅޭ ކަމަށޭ މިފެންނަނީ. އަދިވެސް މިއަދާ ހަމައަށްވެސް އެއްވެސް ބޭފުޅަކު ނުކުންނަވައި އަތް މައްޗަށް ނަންގަވާފައި، މަހަކީ، ކަޅު ބިލަމަހަކީ ރާއްޖޭގައި ރާއްޖޭގޭ ސްޓޭޝަނަރީ ސްޓޮކެއްތޯ ނުވަތަ މައިގްރޭޓަރީ ސްޓޮކެއްތޯ ނުވަތަ ދަތުރުކުރާ އެއްޗެއްތޯ އެ މަޢްލޫމާތެއް އަޅުގަނޑުމެންނަކަށެއް ސާފެއް ނުކޮށްދެވޭ. މިހާރު އަޅުގަނޑަށް އެންމެބޮޑަށް ލަފާއެއް ނުވަތަ އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ، ބޮޑު ބަޔަކީ، ރާއްޖޭގައި ވިހާ ރާއްޖޭގައި ބޮޑުވާ ބަޔެކޭ. ދެން އޭގެތެރެއިން އެއްބަޔަކީ، ރާއްޖެއިން ބޭރުން އަންނަ ބައެކޭ. އެހެންވީމާ، މި މަޢްލޫމާތު އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް އެނގުން ހަމަ ވަރަށް މުހިންމު. އަޅުގަނޑުމެން މިކިޔަނީ، ވަށައިގެން ދާ އަޅާތީއޭ މަސްވެރިކަން ދަށްވަނީ. މި އެއްޗިއްސަކީ ގައްލަންދޫ ކަނޑުގައި ނުވަތަ ހުވަދޫކަނޑުގައި އުޅޭ އެއްޗިއްސަކަށްވަންޏާ، ދެން ވަށައިގެން ދާއެޅިއެއްކަމަކު އެއަކަށް ކުރަންވީ އަސަރު ކުޑަވާންޖެހޭނެ. ހުވަދޫ ކަނޑުގައި ވިހާ މަސްތޯ ގައްލަންދޫ ބޭރުން އެ ބާނަނީ. އެ މަޢްލޫމާތު އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ލިބުމަކީ، އަޅުގަނޑު އުންމީދު ކުރަން، މި އިންސްޓިޓިއުޓް ނުވަތަ މި މަރްކަޒު މެދުވެރިކޮށްގެން، މެދުވެރިވެގެން އަޅުގަނޑުމެންނަށް ލިބޭނެ މަޢްލޫމާތެއް ކަމަށް.

އަޅުގަނޑުމެން މިފާހަގަކުރަނީ ކަނޑުތަކާބެހޭ ދުވަސް. އަދި އަޅުގަނޑުމެންގެ ތިމާވެށްޓާބެހޭ ދުވަސް. އެ ފާހަގަކުރުމުގެ ސިލްސިލާއެއްގައި، އަޅުގަނޑުމެން ނިންމާލަމުން، މި އިންސްޓިޓިއުޝަން މިހުޅުވަނީ. އަޅުގަނޑު ނިންމާލުމުގެ ކުރީގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިމަސައްކަތުގައި ފިޝަރީޒް މިނިސްޓްރީގެ އެންމެހާ މުވައްޒަފުންނާއި، އަދި ޚާއްޞަކޮށް، އެމިނިސްޓްރީގެ މިނިސްޓަރާއި އެހެންވެސް ސިޔާސީ ވެރިން މިކުރައްވަމުން ގެންދަވާ މަސައްކަތް. އަޅުގަނޑުމެންގެ އަމާޒެއް އެބައޮތް. އަޅުގަނޑުމެން، އެ އަމާޒަށް ވާސިލުވުމަށް ކޮންމެހެނެއް އަޅުގަނޑު ގާތުގައި ވަރަށްގިނަ މީހުން އެބަބުނޭ، ރަނގަޅަކަށް ރައްޔިތުންނަކަށް މަޢްލޫމާތެއް ނުލިބެއޭ، އަޅުގަނޑުމެން ކުރާ ކަންކަމުގެ. ދެން އަޅުގަނޑު މިބުނަނީ، ރަނގަޅަކަށް އަޅުގަނޑުމެންނަކަށް ސްޕިނެއް ނުކުރެވެއޭތޯއޭ ތިޔަބުނަނީ. އެ ކަމުގައި އަޅުގަނޑު ވަކި ދެރައެއް ނުވާނެއޭ. އެކަމަކު ނުކޮށް ހުންނަނީއޭ. އަޅުގަނޑުމެން ހަމަ ބޭނުމީ، އަޅުގަނޑުމެންނަށްވާ ކަންކަން އަޅުގަނޑުމެން ކުރަން. ދެން ކުރީމާ، އެ މަޢްލޫމާތު ލިބޭނެ، ފޯރާނެ، ފޭދޭނެ. ފޭދުނީމާ ޙަޤީޤަތުގައި ކަމެއް ހިނގި ކަމަށް ރައްޔިތުން ގަބޫލުކުރާނީ. ކުރާނެ ކަމަށް ދައްކައިގެނެއް ނޫން. ކުރަން ފެށީމާ، އަޅުގަނޑުމެން ބުނަމުން މިއަންނަނީ، އެކަންކަން ކުރުމުގައި އަޅުގަނޑުމެން ގެންގުޅޭ ތަރުތީބާއި، އަޅުގަނޑުމެން އެކަންކަން ކުރުމަށް ގެންގުޅޭ އުޞޫލުތަކުގެ ވާހަކަ.

އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. އަޅުގަނޑުމެންގެ ވަޢުދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުއްދޭނެ. އަޅުގަނޑު މަހާ ގުޅޭގޮތުން ހަމަ ގެންގުޅެނީ އަގެއް. އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، ދިވެހި މަސްވެރިންނަށް އެ އަގު ލިބުނީމާ، ދެން އެހެރީ ދިވެހިރާއްޖެ ތަރައްޤީގެ މަގަށް މިޞްރާބު ޖަހާފައޭ.

އަޅުގަނޑު އެދެނީ، ދިވެހި މަސްވެރިންނަށާއި، އަދި އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް. އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!