بســم اللّـه الرّحمـن الرّحيــم


ދައުލަތުގެ ވަޒީރުން. އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ. އަދި ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.
السّـلام عليـكم

އަޅުގަނޑު ހިތުން އަސްލަމް ކިޔާދެއްވި މިންވަރަށްވުރެ ވަކި ފުރިހަމައަކަށް، ދިމާވެގެން މިއުޅޭ މައްސަލަ ދެން އަޅުގަނޑަށް ކިޔައިދެވޭކަށެއް ނެތް. އަޅުގަނޑުމެންގެ ދިރިއުޅުމުގައި، އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެންނަށް ކަމެއް މުހިންމުވަނީ ނުވަތަ އެކަމަކީ، އެ އެއްޗަކީ އަޅުގަނޑުމެން ރައްކާތެރިކަމާއެކީގައި ބަލަހައްޓާނެ އެއްޗެއް ކަމަށް އަޅުގަނޑުމެން މި ޤަބޫލު މިކުރަނީ، ވަރަށް ސީދާ ގޮތުގައި އެ އެއްޗަކާ އަޅުގަނޑުމެންނާ ހުންނަ ގުޅުން އަޅުގަނޑުމެންނަށް ފެނުނީމާ. ވަރަށް ސާފުކޮށް އެ ގުޅުން އަޅުގަނޑުމެންނަށް ފެންނަން އެބަޖެހޭ. ބައޯ ޑައިވަރސިޓީގެ ނުވަތަ ދިރޭތަކެތީގެ އެކައްޗާ ހަމަ އަނެއް ދިރޭ އެއްޗާ، އެހެންގޮސް އެންމެބޮޑު ދިރޭ އެތި އިންސާނާއާ މިހުރި ގުޅުން އަޅުގަނޑުމެންނަށް ސާފުނުވާހާ ހިނދަކު އަދި ސާފުކޮށް އެހުރި ގުޅުމާއި، މި ދިރޭތަކެތީގެ ތެރެއިން ކޮންމެ އެއްޗަކީވެސް، ކޮންމެ ސޫތްޕަކީވެސް، ކޮންމެ ފަންޏަކީވެސް، ކޮންމެ ދިރުމަކީވެސް، އެ ދިރުމެއް ނެތިއްޖެނަމަ، މުޅި ޖުމްލަ އިންސާނީ ދިރުމަށް ގެއްލުންވެދާނެ، ވާނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ހިތުގެ އަޑިން ގަބޫލު ކުރެވެން މިއަންނަނީ، މިދަންނަވާ ގުޅުންތައް އަޅުގަނޑުމެންނަށް ސާފުކޮށް އެނގުނީމަ. އަޅުގަނޑު ދެކެނީ، އަޅުގަނޑު ޔަޤީން ކުރަނީ، މިއަދު އަޅުގަނޑުމެން މިނެރޭ ރިޕޯޓަކީ، ޙަޤީޤަތުގައި މިދަންނަވާ ގުޅުން އަޅުގަނޑުމެންނަށް ސާފުވުމަށް އިތުރު މަޢްލޫމާތަކަށް ވެގެންދާނެ ރިޕޯޓެކޭ.

އަޅުގަނޑުމެންނަށް އެންމެ ކުޑަ ފަނިފަކުސާއާއި އަދި ގޮސް، ބޮޑު ފަރަކާއި، ފަޅަކާއި، ރަށަކާ އަދި ހަމަ އެރަށުގައި ދިރިއުޅޭ އިންސާނާއާ، މިހުރިހާ ތަކެއްޗެއް ގުޅި ލާމެހިފައި މިއޮތް ގޮތް، އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. ފަންޏެއް މަރާލީމާ، ދެން އާޚިރަތުގައި އައިސް، އެ މަރާލެވެނީ އިންސާނިއްޔަތުކަން އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އަޅުގަނޑު ހިތަށްއަރަނީ، ޒަމާނުއްސުރެ ފަށައިގެން، ދިވެހިން ޙަޤީޤަތުގައި ދިވެހި ފަޅުފަޅާއި، ފަރުފަރާއި، ކަނޑުތަކާއި، ރުއްގަހާއި، ގޮނޑުދޮށާ މިތަކެތި އަންނަނީ މިނަމުން. އަދި އެތަކެތީގެ ބޭނުން ވަރަށް ފުރިހަމައަށް ހިފަމުން އަދި ހިފާ ބޭނުން ހިފާނެ މިންވަރު ކަނޑައަޅަމުން.

އަޅުގަނޑުމެންގެ ތެރޭގައި އެންމެ ދުވަސްވީ ލިޔުމަކަށް މިވަނީ އިސްދޫ ލޯމާފާނު. އެ ލޯމާފާނުގައިވެސް ލިޔެފައި އޮންނާނީ، ހަމަ މިދެންނެވި ވާހަކަ. އަޅުގަނޑު މިސާލެއްގެ ގޮތުން ދަންނަވާނަން، އަޅުގަނޑުގެ ހަނދާނަށް އަންނަ އެއް ފަތްކޮޅެއް. އެއީ، ކުޑަހުވަދޫ ފަތްކޮޅު. އެފަތްކޮޅުގައި އޮންނާނެ. ކުޑަހުވަދޫ ފަރު ބޭނުންކުރާނެ ގޮތް ވަރަށް ސާފުކޮށް ލިޔެފައި. ކުޑަކަނޑާލީއްސަ ހަމައަށް ބޭނުންކުރާނީ ކުޑަހުވަދޫ މީހުންނޭ. ދެން ކުޑަކަނޑާލީއްސުރެ ގޮސް ހުޅުދެލީ ކަނޑަށް ވަންދެން ބޭނުންކުރާނީ ހުޅުދެލީ މީހުންނޭ.

އަޅުގަނޑުމެންނަށް ބޮލި އެއީ މުހިންމު އެއްޗެއްކަން ގާތްގަނޑަކަށް ސޯޅަސަތޭކައިގެ މެދެއްހާ ތަނުގައި ގެއްލިދިޔައީ. މުޅި ދުނިޔޭގައި ބޮލީގެ މާރުކޭޓް ކޮލެޕްސްވީ ގާތްގަނޑަކަށް އެހާތަނުގައި. އެއަށްފަހު، ހަމަ ކުއްލިއަކަށް ފަރު ބޭނުން ނެތް އެއްޗަކަށް ވެގެންދިޔައީ. ދެން ފަޅު، ހާ ބޭނުން. އެއީ، އެންދަމަން. އެހެން ނަމަވެސް، ފަރު އެއީ މާބޮޑު ބޭނުން އެއްޗަކަށްނުވީ، ބޮލި ހިލުމުގެ އަގު މުހިންމުކަން ގެއްލިގެން ދިޔައީމާ. އެހެންވީމާ، އަޅުގަނޑުމެންނަށް އެހިސާބުއްސުރެ ފެށިގެން ފަރާމެދު ފަރުވާކުޑަކުރެވެން ފެށުނީ. އަޅުގަނޑުމެން ކުޑައިރުގައި މާލޭގައިވެސް ބޮލި ހިލޭ. އެހެން ނަމަވެސް، މާލޭގައި އެއިރުގައި، ބޮލި ވަރަށް ބޮޑު އަދަދަކަށް ގަނެގެން، އަޅުގަނޑުމެން ދުށް އިރުގައިވެސް ބޭރުކުރަމުން ގެންދޭ. އެހެންވީމާ، އެ ވިޔަފާރި އަޅުގަނޑުމެންގެ ތެރެއިން ހުއްޓުނުހިނދު، އަޅުގަނޑުމެންނަށް ފަރުގެ މުހިންމުކަން ގެއްލި ދިޔައީ. އެއަށްފަހު، އަދިވެސް އަދި އަދަށް ދާންދެންވެސް، އަޅުގަނޑުމެންގެ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ރާއްޖޭގެ ގިނަ ރައްޔިތުންގެ ހިތްތަކުގައި ފަރުގެ މުހިންމުކަން އަޅުގަނޑުމެންނަށް މިއުޅެނީ ބިންވަޅު ނަގާނުލެވިގެނޭ. އަންގާނުދެވިގެނޭ. އެ އަންގާދެވުނު ދުވަހަކުންނޭ، އަޅުގަނޑުމެންގެ ފަރުތައް ސަލާމަތްވުމަށް، އޭގެ މުހިންމުކަން އަޅުގަނޑުމެންނަށް ދެނެގަތުމަށް އަޅުގަނޑުމެންނަށް އާދެވޭނީ.

ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވީއްސުރެ ފަހުން މުހިންމު ދެކަމެއް އަޅުގަނޑަށް ކުރަން ޖެހިއްޖެ. އެއީ، އިޤްތިޞާދީ ސީދާ ގެއްލުމެއް، ސާފު ސާދާގޮތުންވާ ބާވަތުގެ ގެއްލުމެއް. އެހެން ނަމަވެސް، ދިގު މުއްދަތަށް އެކަން ކުރީމާ، އަޅުގަނޑުމެންނަށް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކޮށްކޮށްފައިވާ ދެކަމެއް. އެއްކަމަކީ މިޔަރު ނެގުން ހުއްޓުވުން. ކުޅުދުއްފުށީ މީހުންނަށް ވަރަށްބޮޑު ގެއްލުމެއް ލިބިގެންދާ ކަމެއް. ކުޅުދުއްފުށީ މީހުން އެކަންޏެއް ނޫން. އެނގިވަޑައިގަންނަވާނެ، ފެރިދޫ މީހުންވެސް. ދެން އަޅުގަނޑުމެންނަށް ލިސްޓެއް ކިޔާލެވިދާނެ. ބޮޑުކޮށް މިޔަރުގެ މަސްވެރިކަން ކުރާ ރަށްރަށް. އެރަށްރަށަށް މީގެ ސަބަބުން ގެއްލުމެއް ލިބިގެންދިޔަ. އެހެންނަމަވެސް، އަޅުގަނޑުމެން މިދުށީ، އެ މިޔަރު ބެލީމާ ލިބޭ ފައިދާ މާބޮޑޭ، ރުފިޔާ މާގިނައޭ. އެމިޔަރު ގަނެ، އޭގެ އުރަހަކޮޅު ޖަޕާނަށް ނުވަތަ ޗައިނާއަށް ފޮނުވައި، އެ އުރަހައިގެ ގަރުދިޔަ ކައްކައިގެން ބޯލުމަށްވުރެ. އަޅުގަނޑުމެންނަށް އެ މިޔަރާ ދިމާއަށް ބަލަހައްޓައިގެން ހުރުމުގެ ފުރްޞަތު ދެވުނީމާ، ލިބޭ ފައިދާ، ލިބޭ ފައިސާ ބޮޑޭ. ދެން އެއީ، އަޅުގަނޑުމެންގެ އަންދާޒާއެއް.

އެއަށްފަހު އަޅުގަނޑުމެންނާ ދިމާވީ، މި ސަރުކާރާ ދިމާވި އަނެއް މައްސަލައަކީ، އަނގަފަރު ކިޔާ ފަރެއް، ބ. އަތޮޅުގެ ފަރެއް. އެއީ، އަޅުގަނޑުމެން ޔޮޓް މެރީނާއެއް ހެދުމަށް ބޭރު ބަޔަކު އެދޭތީވެ، ޔޮޓް މެރީނާއެއް ހެދުމަށް، އެ ފަރު ހަމަ ދީދީ އޮއްވައި، އަސްލަމާއި އަދި ސަވާދު ވިދާޅުވެއްޖެ. ތިއީ ޙިމާޔަތްކޮށްފައި އޮތް ފަރެކޭ. ދެން އަޅުގަނޑު ބެލިއިރުގައި ޙަޤީޤަތުގައި ޙިމާޔަތް ކޮށްފައި އޮތީ އަނގަފަރެއް ނޫން ހަނިފަރު. އެއާ ޖެހިގެން އޮތް. ދެން އަޅުގަނޑުވެސް ދުށީ، މިބޭފުޅުން އެދައްކަވާ ވާހަކަ ގަބޫލުކުރުން މީގައި ބުއްދިވެރިއޭ. އަޅުގަނޑުމެންނަށް ބ. އަތޮޅު ސަލާމަތް ކުރުމުގެ ނުވަތަ ބ. އަތޮޅުގެ އެކިއެކި ފަޅުފަޅާއި ފަރުފަރުގެ ކަންކަން، ޙިމާޔަތުގެ ވިސްނުމަކުން ވިސްނަމުންދާއިރުގައި، ސަރުކާރަކަށް އެހިނދަކު ނުދެކެވުނު އެއީ، ހެޔޮލަފާ ރަނގަޅު ކަމަކަށްވާނެ ކަމަކަށް، ހަމަ އަނގަފަރު އެކީ ހިއްކާފައި، އެތަނުގައި ޔޮޓް މެރީނާއެއް އެޅުން. އެހެންނަމަވެސް، އަނގަފަރު އެކީ ހިއްކާފައި އެތަނުގައި ޔޮޓް މެރީނާއެއް އެޅީމާ، ލިބޭ ޑޮލަރުގެ އަގު ޢަދަދު ގިނަވާނެ. އެހެންވީމާ، ސީދާ ގޮތުގައި ލިބޭ ފައިސާގެ ޢަދަދު ގިނަވާނެ.

އެއާ ވިދިގެން ދެން ބަލަން މިއޮތް ކަމަކީ ބޮޑުމަސް. މި ވިހާ، އެ އާލާވާ ތަނެއް ކަމަށް އެބަ ބެލެވޭ، ފެހުރިހަ އާލާވާ ތަނެއް ކަމަށް އެބަ ބެލެވޭ ހަމަ މިދެންނެވި އަނގަފަރު. މީގެ ފެހުރިހި މިދުނިޔޭގައި މިއުޅެނީ މަދުން ކަމަށްވަނީ. ޔޮޓް މެރީނާ ވަރަށްގިނަ ކަމަށްވަނީ. އެހެންވީމާ، އަޅުގަނޑުމެން ދެން މިވިސްނީ، ޔޮޓް މެރީނާއެއް އެޅިދާނެއޭ ކޮންމެފަދަ ތަނެއްގައިވެސް. އެހެންނަމަވެސް، ފެހުރިއްސެއް ވިހައި، އެ ފެހުރިހި ފުރާވަރަށް އަރައި، ކަނޑުތެރެއަށް ނުކުމެ ދުއްވައިގަނެވޭނޭ ގޮތަށް އުފެދިފައި ހުރި ޤުދްރަތީ މާޙައުލުތައް ވަރަށް މަދޭ. އަޅުގަނޑުމެންނަށް މިބާވަތުގެ ކިތަންމެ ނިންމުމަކާ ކުރިއަށް މިއޮތް ތަނުގައި ކުރިމަތިލާން ޖެހޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ލަފާ މިކުރެވެނީ، ކީއްވެހެއްޔޭ އިންސާނުންނަށް ރަނގަޅުވާ ގޮތެއް ނުހަދާން ތިޔައުޅެނީ؟ ފަނިފަކުސާއަށް، ފަތްޕިލާވެއްޔަށް، ގަސްގަހާގެއްސަށް، މަސްމަހާމެއްސަށް އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެންނަށް މިއެނގެނީ މިދަންނަވާ ދިރުން ހަމަ ގުޅިފައި ހުރީ އެންމެބޮޑު ޖަނަވާރާ އިންސާނާއާއޭ. އެހެންވީމާ، އިންސާނާގެ ސަލާމަތަށް އަޅުގަނޑުމެންނަށް މިއުޅެވެނީ. އެ ސަލާމަތް ހޯދުމަށްޓަކައި، އެހާ ސާފުކޮށް ނުފެންނަ ޤުދްރަތީ ގުޅުންތަކެއް، ވަސީލަތްތަކެއް އެބަވެއޭ. އެ ވަސީލަތްތައް ރައްކާތެރި ކުރަން ޖެހޭނެއޭ. އެ ޤުދްރަތީ މުއްސަނދިކަން ސަލާމަތްތެރިކަމާއެކީގައި އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެން ރައްދުކޮށްދޭން ޖެހޭނެއޭ.

ދިވެހިރާއްޖެއަކީ ވަރަށް ނާޒުކު ރާއްޖެއެއް. ބައެއްފަހަރަށް އަޅުގަނޑުމެން ހިތަށްއަރަނީ، މި ރާއްޖެ ރަނގަޅީ ހަމައެކަނި ވައްލަބިސް އަޅާށޭ. އިންސާނާ ދިރިއުޅެން މިއީ އަދި މާ ޟަޢީފު ތަނެކޭ. އިންސާނާ މިތަނުގައި އެހެންނަމަވެސް އުޅޭތާ މަދުވެގެން 2000 އަހަރުވެއްޖެ. ބައެއް ބާވަތުގެ ޖަނަވާރަށްވުރެ މިތަނުގައި އިންސާނާ އުޅޭ މުއްދަތު ގިނަވެއްޖެ. އެހެންވީމާ، އިންސާނާއާ އަދި އެހެން ނޫނަސްވެސް އިންސާނާއާ އަޅާނުލާ އަޅުގަނޑުމެންގެ ސިޔާސަތެއް ހިންގޭކަށެއް ނެތް. އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ، ފާހަގަކުރަން މިއުޅެނީ، އިންސާނާއާ އަޅާލުމަށްޓަކައި، އެހާ ސާފުކޮށް އިންސާނާއަށް މިވަގުތު ފެންނާން ނެތް ބައެއް ކަންކަމާ އަޅުގަނޑުމެން އެބަ އަޅާލަންޖެހެއޭ. ދެން އެއާ ވިދިގެން ބައެއް ބޭފުޅުން ހަމަ ވިދާޅުވެދާނެ. އަޅުގަނޑުމެން މާމޮޅީ ހެއްޔޭ؟ ތިމަންނާމެންނަށް ނުފެންނަ އެއްޗެއް، ތިޔަބައިމީހުންނަށް ތިޔަފެންނަނީ ކޯއްޗެއް ހެއްޔޭ؟ ހަމަ ފަނިފަކުސަ އަޅުގަނޑުމެންނަށްވެސް ފެންނަނީ. އެންމެ ކުޑަ ދިރުން އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމާ، އެ ދިރުން ސަލާމަތް ކުރުމަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ އަދި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެދިރުމާއެކީގައި އަޅުގަނޑުމެން މިދެކެނީ، ހަމަ އިންސާނިއްޔަތަށް ފައިދާހުރި ކަންތައްތަކެއް ހިނގައިދާނެއޭ.

މައުޟޫޢަކީ އަޅުގަނޑުމެން އެންމެންވެސް މިދުވަސްވަރު ވަރަށް ދިގުކޮށް ވާހަކަ ދައްކާހިތްވާ މައުޟޫއެއް. އެހެންނަމަވެސް، އަޅުގަނޑު ދައްކަން ހުރި ވާހަކަތަކަށްވުރެ މާ ފުރިހަމައަށް އަޅުގަނޑު ހިތުން މި ރިޕޯޓުތަކުގައި މިހާރު މިއޮތީ މަޢްލޫމާތު އެކުލަވާލެވިފައި. ޢަލީ ހާޝިމް އެބަ އިންނެވި މީގެ މާލީ ނަޒަރަކުން ޙަޤީޤަތުގައި މިކަން ދެނެގަންނަން. ބަލައިގަންނަން. އަޅުގަނޑުމެން މިކަން ބަލައިގަންނާނީ، މާލީ ނަޒަރަކުން ހަމަ އަޅުގަނޑުމެންނަށް އަދި އަޅުގަނޑުމެން ކިތަންމެ ބޮޑަށް މާޙައުލާއި ތިމާވެށްޓާ، މިކަންކަމާ ރައްކާތެރި ކުރުމާއި އަޅާލުން ބޭނުންވި ކަމުގައިވިޔަސް، ހަމައެއާއެކީގައި އަޅުގަނޑުމެން އެބަ ބޭނުން ތަރައްޤީވެސް. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. އަރާމު ނޫން ދުނިޔެއެއް. އަޅުގަނޑުމެން ހަމަ ބޭނުންވަނީ، ތާހިރުކޮށް ރިވެތިކޮށް އުފަލުގައި އުޅެވޭނެ ދުނިޔެއެއް. އެ ދުނިޔެ ހޯދުމަށްޓަކައި، އެ ދުނިޔެ ލިބުމަށްޓަކައި، ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ބަނދަރާއި، ދަތުރުފަތުރާ އަދި މަގާއި، އެއަރޕޯޓާ ހުރިހާ ތަނެއްވެސް އެބަ ހަދަންޖެހޭ. ކޮންނަންވެސް އެބަޖެހޭ. މަސްވެސް ބާނަންޖެހޭ. އެންވެސް ދަމަންޖެހޭ. ގާވެސް ނަގަންޖެހޭ. ފަރުވެސް ހަލާކު ކުރަންޖެހޭ.

އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، ކިހާ މިންވަރަކަށްތޯ އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެންނަށް މިކަން ކުރެވެން އޮތީ. އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަދި އަޅުގަނޑު، އަޅުގަނޑުމެންގެ ތެރޭގެ އެންމެ ސައިންޓިސްޓުންނަށްވެސް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެން ތަރައްޤީގެ މަގު ވިސްނާއިރުގައި، މިދެންނެވި ތަރާދު އަޅުގަނޑުމެންގެ ހިތުން ނައްޓައެއް ނުލާނަމޭ. ކޮން މިންވަރަކަށްތޯ އަޅުގަނޑުމެންނަށް ހަލާކު ކުރެވެން އޮތީ. އެއީ އަބަދުވެސް އަޅުގަނޑުމެން ކަނުލާ ބަލަމުން ގެންދާނެ ކަމެކޭ. އެހެންވީމާ، މި ރިޕޯޓަކީ، މި ސަރުކާރަށް ހަމަގައިމުވެސް ވަރަށް ބޭނުންތެރި ރިޕޯޓެއް. އަޅުގަނޑަށް ހަމަ ޔަޤީން. އަޅުގަނޑުމެންގެ ހުރިހާ މިނިސްޓަރުންވެސް، މި ސްޓޭޓް މިނިސްޓަރުންވެސް، ނައިބުންވެސް، ރައްޔިތުންގެ މަޖިލީހުގެ އެންމެ މެންބަރުންވެސް، ކައުންސިލަރުންވެސް މި ރިޕޯޓް ކިޔުއްވާނެ. އަޅުގަނޑު ބަލާނަން. ސުވާލުވެސް އަހާނަން. ރިޕޯޓު ކިޔައިފިތޯ. އަޅުގަނޑުގެ ނަޒަރުގައި މިއީ، މުހިންމު ރިޕޯޓެއް.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، މި ރިޕޯޓާއި އަދި މިބާވަތުގެ އެތައް އެތައް ރިޕޯޓެއް އަޅުގަނޑުމެންނަށް ހަދައިދިނުމުގައި، އަޅުގަނޑުމެންގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވަމުން އަންނަ އ.ދ.ގެ ޔޫ.އެން.ގެ އެކިއެކި މުއައްސަސާތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ! والحمد للّـه.