بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިބަލަނީ ކޮންމެ ހަފްތާއަކުވެސް މަދުވެގެން ދުވަހެއް ދެދުވަހަކު ވީހާވެސް ގިނަބޭފުޅުންނާ ބައްދަލުކޮށްލެވޭތޯ. ދެން އެނގިވަޑައިގަންނަވާނެ ކޮންމެ ރަށެއްގައިވެސް އެބަހުރޭ މިހާރުން މިހާރަށް ނިންމަންޖެހޭ ކަންކަން. އަދި ދެން އެމީހުންނަށް އެރަށްރަށަށް މުސްތަޤްބަލަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން ރަށުގެ ރަށްކުރިއަރުވާ ކޮމިޓީއާއި ޖަމްޢިއްޔާތަކާއި އަދި އަތޮޅުވެރިންނާއި ކައުންސިލަރުންނާ އެކީގައި އަޅުގަނޑުމެން އިށީނދެލީމާ ވަރަށްގިނަ ކަންތައްތައް ފަސޭހަވެގެންދޭ. ވަރަށްގިނަ ކަންތައްތައް އޮޅުންފިލައިގެންދޭ. ދެން އެގޮތުން އަޅުގަނޑު ދެކިގެން މިހުންނަނީ މިދަތުރުތައް އަޅުގަނޑު ކުރިއަށްގެންދާނަމޭ ހަމަ އަބަދުވެސް. ވީމިންވަރަކުން އަޅުގަނޑު މިދަތުރުތައް ކުރަމުންދާނަން. ދެން އަޅުގަނޑު މީގައި ހަމަ ބަލަން ބޭނުންވާނެ އެއްޗަކީ ޚަރަދު ކުޑަކޮށް މިކަން ކުރެވޭނެ ގޮތެއް. މިހާރު އަޅުގަނޑު މިދަތުރުތައް މިކުރަނީ ވަރަށްބޮޑަށް ޚަރަދަށް ބަލައިގެން. އެހެންވީމާ، ޚަރަދު ކުޑަކޮށް މިކަން ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންނަށް ހަމަޖެހުނީމާ މިދާގޮތަށް ދަންޏާ ހަމަ އަޅުގަނޑު އިރާދަކުރެއްވިއްޔާ މިދަތުރުތައް ކުރަމުން އަބަދުވެސް ގެންދާނަން.

މޫސާ ވަސީމް ޓީވީ މޯލްޑިވްސް

މިދަތުރުގައި ވަޑައިގަންނަވަނީ ކޮންކޮން ރަށްރަށަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިހާރު ނ. އަތޮޅަށް އަޅުގަނޑު މިދަނީ. ނ. އަތޮޅުގެ ބައެއް ރަށްރަށަށް މިދަނީ. އަޅުގަނޑުމެންނަށް އަތޮޅުގެ ހުރިހާ ރަށަކަށެއް ނ ެވޭނެ. ހުރިހާ ރަށަކަށް ދާންވީމާ ދަތުރު ތަންކޮޅެއް ދިގުވެގެންވެސްދޭ. ދެން އެހެންވީމާ، ދެވެންހުރި ހަތަރު ފަސް ރަށަކަށް ގޮސްފައި ދެން އަނެއްކާ އެނބުރި އަލުން މިކޮޅަށް އަންނަން.

ޢަބްދުއްލަޠީފް އާދަމް މިއަދު ނޫސް

މިހާރު މަނިކުފާނު މިދަތުރުފުޅުތައް ކުރައްވާއިރު ޚާއްޞަކޮށް ޢާންމުންނާ ވަރަށްގިނައން ބައްދަލުކުރައްވަމުންދާ ކަމުގެ މަޢްލޫމާތު އަޅުގަނޑަށް ޚަބަރުތަކުން ފެންނަމުންއެބަދޭ. ދެން ޢާންމުންގެ އިޙްސާސްތައް ދެނެވަޑައިގަތީމާ މިހާރު އެންމެބޮޑު އިސްކަމެއް ރާއްޖެތެރޭގައި ޢާންމު ގޮތެއްގައި ދެއްވަން ޖެހިވަޑައިގެންފައިއޮތީ ކޮންކޮންކަމަކަށްތޯ ޤަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މަދަރުސާތައް، ޞިއްޙީ ކަންތައްތައް، ގެދޮރު، ފެން، ކުނި، ނަރުދަމާ މިކަހަލަ އަސާސީ ކަންތައްތައް އެބަހުރޭ. ދެން ހަމަ އޭގެއިތުރުން، ވިޔަފާރީގެ ފުރުސަތުތައް، ވަޒީފާގެ ފުރުސަތުތައް، ރަށްރަށުގައި އެބަ ބޭނުންވޭ. ދެން ހަމަ އިޖްތިމާޢީ ކަންކަން މުނިފޫހިފިލުވުމުގެ ކަންކަން އޮވެދާނެ. ބޯޅަ ދަނޑަކަށް އެދިފައި ވަރަށްގިނަދުވަސް ވެފައި ނުވަތަ ޖަމްޢިއްޔާއެއް ރަޖިސްޓަރީކޮށްފައި އެކަން ހިނގައިގަންނަންވެފައި. ދެން އެބާވަތުގެ ކިތަންމެ ކަމެއް އެހެން ހުރޭ. އެހެންވީމާ، އެކަންކަން ކޮށްލުމަށް އެކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން ވާހަކަދެއްކީމާ އިތުރު ތަފްސީލު ލިބިގެންދޭ.

ޢަބްދުއްލަޠީފް އާދަމް މިއަދު ނޫސ
ް
އަޅުގަނޑު ދަންނަވާލަން މިއުޅެނީ މިހާރު ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ހުންނާނެ ބައެއް ސަޤާފީ ތަންތަން މިހާރުވެސް ކޮނެލާފައި ދޫކޮށްލެވިފައި ހުންނަ ތަންތަން ޚާއްޞަކޮށް ލަންދޫ ކަހަލަ ރަށްރަށުގައި. އެހެންވީމާ، ނ. އަތޮޅުގައި ފަތުރުވެރިކަން ޑިވެލޮޕްވަމުންދާ ދުވަސްވަރެއްގައި އަޅުގަނޑަށް އެނގިފައޮތް ގޮތުން ޤައުމީ މަރުކަޒުގެ ނައިބުވެސް އެބަގެންދަވާ ރައީސް އަރިހުގައި. ދެން މިކަހަލަ ތަންތަން އެގޮތަށް ކޮނެލާފައި ދޫކޮށްލެވޭ ތަންތަން ޙިމާޔަތް ކުރުމާ ދޭތެރޭގައި އެއްވެސް ވަރެއްގެ އިސްކަމެއް ދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ވަރަށްބޮޑަށް އަޅުގަނޑުމެން އެބަ ބަލަން. މިސާލަކަށް ލ. އަތޮޅުގައި ހުރި ތަންތަންވެސް އަދި އަޅުގަނޑުމެން އެބަ ބަލަން ދިޔަމިނގިލީގައި ހުރި ގަނޑުވަރުވެސް. ތިޔަވިދާޅުވީ ތެދެއް. ލަންދޫގައިވެސް ވަރަށްގިނަ ތަންތަން އެބަހުރި. އެކިތަންތަނުގައި އެބަހުރި އެހެންވީމާ، އަޅުގަނޑުމެން އެތަންތަން އެބަޖެހޭ ސަލާމަތްކަންމަތީގައި ތަރިކައެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ރައްދުވާނެ ގޮތަކަށް މިތަންތަން ހެދޭތޯ. އެހެންވީމާ، އެކަންކަން ކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ހެދެމުން މިހާރު މިދަނީ. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ހިނގާނެޔޭ އަޅުގަނޑު ދަންނަވާނީ.

މޫސާ ވަސީމް ޓީވީ މޯލްޑިވްސް

މިދަތުރުގައި އެންމެ އިސްކަމެއް ދެއްވާނީ ކޮންކަމަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިދެންނެވިހެން ކޮމިޓީތަކާ ބައްދަލުކޮށް ހެދުން އަޅުގަނޑުމެންގެ އެންމެބޮޑު ބޭނުމަކީ. ދެން ޢާންމުންނާވެސް ބައްދަލުކޮށް ވީހާވެސް ގިނަބަޔަކާ ބައްދަލުކޮށް ވާހަކަދައްކާ ކިހިނެއްތޯ ހެދެން އޮތިއްޔާ ކޮބައިތޯ ކަންބޮޑުވާ ކަންތައްތަކަކީ ބަލައި އޮޅުންފިލުވުން. ދެން އަބަދު މާލޭގައި ހުރެގެން އަޅުގަނޑެއް ނުދެކެން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރަމުން ގެންދެވިދާނެކަމަކަށް. ދެން އެހެންވީމާ، މީގެ އެންމެބޮޑު އިސްކަމަކީ އަތޮޅުތަކުގެ ރައްޔިތުންނާއެކީގައި ހުރެވޭގޮތްވުން.

މޫސާ ވަސީމް ޓީވީ މޯލްޑިވްސް

މީގެ އިތުރުން، މީގެ ދެދުވަހެއްވަރު ކުރިން އެމް.އޯ.ޔޫ.ތަކެއްގައި ސޮއިކުރެވިގެންދިޔަ. އަދި ވިދާޅުވަމުން ގެންދެވި ކަނޑައެޅިފައިހުރި ބައެއް ކަންތައް ޔުނިވަރސިޓީތަކާ އަދި މަރުކަޒްތައް ޤާއިމުކުރައްވާ ރަށްތައް އިޢުލާނު ކުރައްވަމުން ގެންދަވާނެކަމަށް. މިދަތުރުގައި މިކަހަލަ އެއްވެސް ކަމެއް އެބައުޅޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިދަތުރުގައި އަޅުގަނޑުމެންގެ ހައުސިންގ ޔުނިޓް ރައްދުކޮށްދެވޭނެ ރަށްރަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭނެ. ކުނީގެ ކަންތައް ފާހަގަކުރެވޭނެ. ބޭންކްގެ ޚިދްމަތް ދިނުން ތަޢާރުފްވެގެންދާނެ ރަށްރަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭނެ. ދެން އަދި އެއަރޕޯޓް ހެދެމުން އެބަދޭ މާފަރުގައި. އެހެންވީމާ، މާފަރުގައި އެއަރޕޯޓް ހެދެމުންދާއިރުގައި އެކަމާ ގުޅިގެން އެމަސައްކަތް އަޅުގަނޑު އޮޅުންފިލުވާލިއިރުގައި އިރާދަކުރެއްވިއްޔާ އެކުންފުންޏަށް މިހާރު ވަގުތުން ވަގުތަށްވެސް މަސައްކަތް ފެށޭގޮތަށް އޮތީ. އެހެންވީމާ، އެކަންކަން ބާރަށް ފެށޭނެގޮތްތައް ސަރުކާރުން ކޮށްދެވެންހުރި ކަމެއްވެއްޖިއްޔާ އޮޅުންފިލުވައި އެކަންކަން ކުރުމުގެ ކަންކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.

މޫސާ ވަސީމް ޓީވީ މޯލްޑިވްސް

ވަކި ރަށެއް އެބައޮތްތޯ އެހެން ކަނޑައަޅުއްވާފައި އެއްވެސް ކަމެއް އިޢުލާނު ކުރައްވާނެ މިވެނި މިވެނި ތަނެއް ޢިމާރާތް ކުރައްވާނެ ކަމަށް؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ރަށްރަށަށް އެނގިވަޑައިގަންނަވާނެ އެކަން އިނގޭތޯ ހަމަ އަޅުގަނޑު އެރަށްރަށުގެ ވާހަކަ އަޅުގަނޑުމެންނަށް ވާން ހުރި ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން ބުނަމުންދާނަން.

ޢަލީ ސަޢިދު ސަންދާނު

ނ. އަތޮޅު ހޮޅުދޫ ގިރަމުންދާ މައްސަލަ މިހާރު ކިހިނެއްތޯ

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑުމެންނަށް ހޮޅުދޫން ފެންނާނެ ތިޔަ މައްސަލަ އިނގޭތޯ. ދެން ހަމަ ވަރަށްގިނަ ރަށްރަށުގައި އެބަހުރި ރަށް ގިރަމުން ދިޔުމުގެ މައްސަލައާއި ތޮށިލާން ޖެހުމާއި ބަނދަރުތައް މަރާމާތު ކުރުމާއި އެބާވަތުގެ ކިތަންމެ ކަމެއް އެބަހުރި. ދެން އޭގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތައް ކުރަމުން މިހާރު މިދަނީ.
ވަރަށްބޮޑަށް ޝުކުރިއްޔާ.

މޫސާ ވަސީމް / ޓީވީ މޯލްޑިވްސް

ކޮންއިރަކުންތޯ މިކޮޅަށް ވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ބުރާސްފަތި ދުވަހު.