بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން މިއަދު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލަނީ އެނގިވަޑައިގަންނަވާނެ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ދިވެހިރާއްޖޭގެ ރަށްތައް ގުޅާލުމަކީ، އަޅުގަނޑުމެންގެ މިސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސަރުކާރުން ބާރަށް ކުރިއަށް ގެންދަން ބޭނުންވާ އެއް މަސައްކަތް. އަޅުގަނޑުމެންގެ މެނިފެސްޓޯގެ ވަޢުދެއްވެސްމެ. އަޅުގަނޑުމެން މިމަސައްކަތް ހިންގަމުން ގެންދާތާ ދުވަސްކޮޅެއްވެއްޖެ. އެނގިވަޑައިގަންނަވާނެ ފަދައިން، މަސައްކަތް ހިންގަމުން އަންނަނީ މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ދަށުން. ޢަމަލީގޮތުން މަސައްކަތް ހިންގަވަމުން ގެންދަވަނީ ސްޓޭޓް މިނިސްޓަރ އާދަމް މަނިކު. އަޅުގަނޑާއެކު ތިޔަބޭފުޅުންނާ މިއަދު މިބައްދަލު ކުރައްވަނީ މިނިސްޓަރ އަސްލަމާއި، ސްޓޭޓް މިނިސްޓަރ އާދަމް މަނިކު.

އަޅުގަނޑުމެންގެ މީގެ މައިގަނޑު ވިސްނުމަކީ ރާއްޖެ، ހަތް ސަރަޙައްދަކަށް ބަހާލެވި މިއިން ކޮންމެ ސަރަޙައްދެއްގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި އެމަސައްކަތާ ޙަވާލުވާނެ، ވިޔަފާރީގެ އުސޫލުން އެކަން ކުރިއަށް ގެންދާނެ ބައެއް ހޯދުމަށް ޓެންޑަރ ކުރުން. ޓެންޑަރ ކުރާއިރުގައި އަޅުގަނޑުމެން އެބަޔަކަށް މިދެނީ ކޮންމެ ރަށެއްގެވެސް ޓަރމިނަލުން ނުވަތަ ޓަރމިނަލް ކައިރިން ބިން. އެއީ ގެސްޓް ހައުސްގެ ވިޔަފާރިއާ ފިހާރަ ނުވަތަ އެނޫންވެސް އިންޑަސްޓްރިއަލް ބޭނުން ހިފުމަށް ދެވޭ ބިމެއް. އެބިމުގެ ބޭނުން ހިފައިގެން އެކުންފުންޏަކުން ދަތުރުފަތުރުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައި މިވަނީ.

މީގެތެރޭގައި، އަޅުގަނޑުމެން ސަރުކާރުން ޚާއްޞަކޮށް ބަލަމުންގެންދާނެ ކަންތައްތަކުގެ ތެރޭގައި ކޮންމެ ރަށަކަށް މަޑުކުރަންވީ އަދަދާއި ދަތުރުގެ ޓިކެޓްގެ އަގާއި އަދި ސަރުކާރުން ވަކި މިންގަނޑެއްގައި ބަހައްޓަން ބޭނުންވާ ކަންކަން، އޭގެތެރޭގައި އުޅަނދު ހުންނަންވީ ގޮތާއި މިބާވަތުގެ ކަންކަން އެއީ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތު ކަމެއް ބަހައްޓާނެ ކަންކަން ކަން ހިމެނޭ.

މިކަމާ ބެހޭ ފުރިހަމަ މަޢްލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިރޭ 9 ޖަހާއިރު އަޅުގަނޑުމެން އެބަ ބާއްވަން. އެޕްރޮގްރާމުގައި މި މުޅި މަސައްކަތް ހިނގައިދާނެ ގޮތާ އަޅުގަނޑުމެން މިއުންމީދު ކުރާ ގޮތް ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއްގެ ޒަރިއްޢާއިން ސްޓޭޓް މިނިސްޓަރ އޮޅުންފިލުއްވައި ދެއްވާނެ. އަޅުގަނޑުމެން އެދެނީ ވިޔަފާރިވެރިންނާއި އަދި މިމަސައްކަތުގައި ޙަރަކާތްތެރިވާ އެނޫންވެސް އެކިއެކި ފަރާތްތައް، މިކަން އަޅުގަނޑުމެން ރާވަން މިއުޅޭ ގޮތް ބައްލަވައި މިވިޔަފާރީގެ ތެރެއަށް ވަނުމަށް. މިކަމަށް ދެވެންހުރި ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް އެކުންފުނިތަކަށް އަޅުގަނޑުމެނަށް ސަރުކާރުން އަރުވާނަން.

ކުރިން ދެންނެވިފަދައިން، މީގެ ތަފްޞީލު މަޢްލޫމާތު ތިޔަބޭފުޅުންނަށް އެރުވުން އޮތީ މިރޭ. އާދަމް މަނިކު މިރޭ އެބާއްވަވާ ޕްރެޒެންޓޭޝަންގައި. ކުޑައެއްޗެއް ވިދާޅުވުމަށް އަސްލަމަށް އަޅުގަނޑު ފުރުސަތު އަރުވާފައި އަދި އާދަމް މަނިކުވެސް ކުޑައެއްޗެއް ވިދާޅުވެފައި ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑުމެން ޖަވާބު އަރުވާނަން. މިޕްރެސް ކޮންފަރެންސް ދެމިއޮންނާނީ 12.55 ހިނގަންދެން.

އަޅުގަނޑު އިތުރުން ފާހަގަކޮށްލަން ބޭނުންވަނީ މި ނިޒާމު އުފެދިގެން ދާއިރުގައި، ކޮންމެ ރަށެއްގައިވެސް އެބައުފެދެޔޭ ފެރީ ޓަރމިނަލަކާއި ގެސްޓް ހައުސްގެ ފުރުސަތާ ވިޔަފާރީގެ އެކިއެކި ކަންކަން. އެހެންވީމާ، އަޅުގަނޑުމެން އަންދާޒާ މިކުރަނީ މިނިޒާމު އުފެދިގެން ދާއިރުގައި އެވްރެޖްކޮށް ރަށެއްގައި ވިއްސަކަށް ވަޒީފާ އުފެދިގެންދާކަމަށް. އަދި އެރަށްރަށުގެ ބަނދަރާއި ރަށްރަށުގެ ޖެޓީއާއި މިކަންކަންވެސް ތަރައްޤީވެގެން އެކީގައި ދާނެޔޭ.

އަޅުގަނޑުމެންގެ މިހާރުގެ މިހިސާބުތަކަށް ބަލާއިރުގައި މިސާލަކަށް އެންމެ އުތުރުގައި ތިލަދުންމަތީ ޕްރޮވިންސްގައި ހއ. ހދ. ށ. ގައި އެބައޮތް 42 ރަށް މިނިޒާމުގައި ގުޅާލެވޭ. ދެން އެންމެ ދެކުނުގައި 8 ރަށް. އެއީ އައްޑުއަތޮޅުގެ 7 ރަށާއި ފުވައްމުލަކާ. އެހެންވީމާ، މިނިޒާމު އަޅުގަނޑުމެންނަށް ތަޢާރަފް ކުރެވޭއިރުގައި އުތުރާއި ދެކުނުގައި މިސްޓޭޝަންތަކުގެ ޓަރމިނަލްތަކުގެ ތަފާތެއް އެބަހުރޭ. އެހެންނަމަވެސް، މިއީ އެތަފާތަކީ. ޙަޤީޤަތުގައި އިންވެސްޓަރުންނަށް އަޅުގަނޑުމެން ހުޅުވާލަނީ ރާއްޖޭގެ ރަށްތަކުގައި އިންވެސްޓް ކުރުމާއި އަދި އެހެންވެސް ވިޔަފާރީގެ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު. އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ފުރުޞަތު އަރުވަން.