އައްސަލާމް ޢަލައިކުމް.

އަޅުގަނޑު މިރޭ ރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތަށް ފުރަން ހަމަޖެހިފައިވުމާއެކު، އަދި ތިޔަބޭފުޅުން މެދުވެރިކޮށް، ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ނުދެވި ދުވަސްކޮޅެއްވުމާއެކުގައި ނޫސްވެރިންގެ ސުވާލުތަކަށް ފުރުޞަތު އެރުވުމަށް، މިރޭ މި ބައްދަލުކޮށްލީ.

އަޅުގަނޑު އިތުރު ވާހަކަތަކެއް ދައްކާކަށް ނެތިން. ހަމަ ތިޔަބޭފުޅުންގެ ހުރިހާ ސުވާލަކަށްވެސް އަޅުގަނޑަށް ވީ އެންމެ ފުރިހަމައަކަށް ޖަވާބު އެރުވޭތޯ ބަލާނަން.

ޖަޢުފަރު ރަޝީދު މިއަދު ނޫސް:

މިރޭ ލަންޑަނަށް ފުރާވަޑައިގަންނަވާއިރު، ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު މިދަނީ އިނގިރޭސި ރާނީގެ ދަޢުވަތަކަށް. އެހެންވީމާ، އެންމެ މައިގަނޑު ރަސްމީ ބޭނުމަކީ އެ ދަޢުވަތު ގަބޫލުކޮށް، ރާނީ އަރިހުގައި މަޝްވަރާތައްކޮށް، އަދި ދިވެހިރާއްޖެއާ ގުޅޭގޮތުން ރާނީއާ ވާހަކަދައްކާހެދުން. އޭގެއިތުރުން، އިނގިރޭސި ސަރުކާރާވެސް އަޅުގަނޑުމެން ބައްދަލުކުރާނަން. އަދި ޚާއްޞަގޮތެއްގައި އެންމެބޮޑު އެއް މަސައްކަތަކީ، އިންވެސްޓްމަންޓް ފެއަރއެއް އަޅުގަނޑުމެން އެބަ ބާއްވަން. އެއީ، ދިވެހިރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި އެކިއެކި ދާއިރާތަކުން ދިވެހިރާއްޖޭގައި އިންވެސްޓްކުރާނެ، ވިޔަފާރިތައް ހިންގާނެ، މަސައްކަތްތައް ކުރާނެ ފަރާތްތައް ރާއްޖެއަށް ގެނައުމަށްޓަކައި ބާއްވާ އިންވެސްޓްމަންޓް ފެއަރއެއް.

އެ ފެއަރ އަޅުގަނޑުމެންނަށް މި ބާއްވަވައި ދެއްވަނީ، ހުޅުވާދެއްވަނީ ޕްރިންސް އެންޑްރޫ. އަދި ރާއްވަވައިދެއްވާ ހައްދަވަނީވެސް ޕްރިންސް އެންޑްރޫ. އެހެންވީމާ، އަޅުގަނޑުމެންނަށް އުންމީދުކުރެވޭ، އެ ފެއަރގައި ދިވެހިރާއްޖެއަށް އެކަށޭނަ ރަނގަޅު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް.

ޖަޢުފަރު ރަޝީދު މިއަދު ނޫސް:

ގުޅުންހުރި ސުވާލެއްވީމާ އިނގޭތޯ؟ އިންވެސްޓްމަންޓްތަކެއް މި ގެންނަވަން ވާހަކަ ދައްކަވާއިރުގައި، މައިގަނޑުކޮށް އެންމެ މުހިންމުކޮށް، ކޮން ދާއިރާ ތަކަކަށްތޯ ބައްލަވާލައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެނގިވަޑައިގަންނަވާނެ، އިންވެސްޓް މޯލްޑިވްސްގައި ޝާއިޢު ކުރެވިފައި، އިޢްލާނު ކުރެވިފައި މިހާރު ހުންނާނެ، މައިގަނޑުގޮތެއްގައި އިންވެސްޓްމަންޓްތަކަށް އަޅުގަނޑުމެން ހުޅުވާލާފައިވާ ކަންކަން. އޭގެތެރޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ ޚިދްމަތްދިނުން، ދަތުރުފަތުރު ކުރުމުގެ ނިޒާމު، ގެދޮރު ޢިމާރާތްކުރުން، މީގެއިތުރުން، ބަނދަރުތައް ހިންގުން، ހޮސްޕިޓާތައް ހިންގުން، އަދި ރީޖަނަލް އެއަރޕޯޓުތަކާއި، ހުޅުލޭ އެއަރޕޯޓު ހިންގުންވެސް ހިމެނޭ.

މައިގަނޑުގޮތެއްގައި ހަމަ އެދާއިރާތަކަށް އަޅުގަނޑުމެން މިހުޅުވާލަނީ. ހުޅުވާލާފައިހުރި ދާއިރާތަކަށް އިންވެސްޓަރުން ހޯދުން، މިހާރު މީގެ ބޭނުމަކީ. މިހާތަނަށް ބަލާއިރުގައިވެސް ވަރަށް ބައިވަރު ފަރާތްތަކުން މިކަންކަމަށް ޝައުޤުވެރިކަން ހާމަކޮށްފައި އެބަހުރި. މިސާލަކަށް، ދަތުރުފަތުރު ކުރުމުގެ ނިޒާމު ގާއިމުކުރުމަށް 14 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ. އަދި ހޮސްޕިޓާތައް ހިންގުމަށްވެސް ހަމަ އަޅުގަނޑު ހަނދާންވަނީ ދިހަ، ބާރަ ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި އެބަވާކަމަށް. 10,000 ފްލެޓް އެޅުމުގެ މަސައްކަތަށްވެސް އަޅުގަނޑު ހަނދާންވާގޮތުގައި ހަތް ފަރާތް، އަށް ފަރާތް ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ.

ދެން މިކަންތައްތަކުގެ އިތުރުންވެސް، ދިވެހިރާއްޖެއަށް އިންވެސްޓްކުރުމަށް އިނގިރޭސި އެކި ކުންފުނިތަކަށް ފުރްޞަތު ހުޅުވާލުމަށް އަޅުގަނޑުމެން މިދަނީ. މީގެތެރޭގައި، ޚާއްޞަގޮތެއްގައި ގުޅީ ފަޅުގައި އަދި އިތުރު ބަނދަރެއް، އެއީ، ކޮންމެހެންނެއް ބައިނަލްއަޤްވާމީ ބަނދަރެއްނޫން. އެހެންނަމަވެސް، ގުޅީފަޅުގައި މި ހެދެނީ ގުދަން ޖާގައާއި، އަދި އެކިއެކި ބޭނުންތަކަށް މާލެއަށް އަންނަންޖެހޭ ދޯނިފަހަރު ގާތްކޮށް، ބަނދަރުކޮށް، މުދާބާލާހެދުމަށް އުފެއްދޭ ސަރަހައްދެއް ގުޅީ ފަޅުގައި (ހެދުމަށް) އަޅުގަނޑުމެން އިނގިރޭސި ކުންފުންޏަކާއެކީގައި މަޝްވަރާކުރަމުން އެބަދޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިދެންނެވި މަޝްރޫޢާ ގުޅޭގޮތުންވެސް މިފަހަރު އިތުރަށް ވާހަކަދެކެވޭނެ. އަދި އިޢާދަކުރަނިވި ހަކަތަ ހޯދުމުގައި އަޅުގަނޑުމެންނަށް އެކިއެކި ކުންފުނިތަކާ ވާހަކަދައްކާ މިފަހަރު ހެދޭނެ.

ޢަބްދުﷲ ސަޢީދު އެ ސަންދާނު:

އާދެ، މިދަތުރާ ނުގުޅޭ ސުވާލެއްވެސް ފަހަރުގައި ކޮށްލަންޖެހިދާނެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ، އަޅުގަނޑު ހުރިހާ ސުވާލަކަށް ޖަވާބު އަރުވާނަން، އިނގޭތޯ!

ޢަބްދުﷲ ސަޢީދު އެ ސަންދާނު:

އާދެ، ދެން މިއީ، އަޅުގަނޑަށް އަޑު އިވިގެންދިޔަ ވަރަށް ހިތާމަވެރި ޚަބަރެއް. އެއީ، މިހާރު ރާއްޖޭގެ އިސްލާމިކް އެފެއާޒް ހިންގަވާ މިނިސްޓަރ ވިދާޅުވިކަމަށް މީހުން މިބުނަނީ، ރާއްޖޭގައިވެސް ޖިހާދު ކުރަންޖެހޭނެއޭ. ދެން އެހެންވީމާ، ޖަލުގައި ގޮވާތަކެތިތަކެއް ފެނިގެން މިހާރު މިއުޅެނީ. ދެން މީގެތެރޭގައި އަޅުގަނޑުމެންނަށް ލަފާކުރެވިފައި އޮތްގޮތުގައި މީގެކުރީގައި މި ބޮންގޮއްވި ހާދިސާގައި ހިމެނޭ ކުދިންވެސް މިތާ އެބައުޅޭ. އެހެންވީމާ، މިއީ ވަރަށް ބިރުވެރިކަމެއް. މިކަމާބެހޭގޮތުން ކީކޭތޯ ވިދާޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ހީވަނީ އެއީ ކުށްހީއެއްހެން. އޮޅުމެއްހެން. މިނިސްޓަރ އެވިދާޅުވާ ވާހަކައަކީ، ޖިހާދުކުރުމުގައި އިސްލާމީ ޝަރީޢަތުގައިވާގޮތުގެމަތީން ކަންތައްތައް ހިންގަންޖެހޭގޮތްހެން، އަޅުގަނޑަށް ލަފާ މިކުރެވެނީ. އެއްވެސް ޙާލެއްގައި އެ ވިދާޅުވަނީ، ރާއްޖޭގައި ޖިހާދުކުރާ ވާހަކައެއްނޫން. އިޝާރާތް އެ ކުރައްވަނީ، ރާއްޖެއިން ބޭރަށް މިހާރު ރާއްޖޭގެ ބައެއް ރައްޔިތުން ޖިހާދަށް އެބަދޭ. ޖިހާދުގެ ނަމުގައި، އެ ބޭނުމަށްކަމަށްބުނެ، އެބަ ދަތުރުތަކެއްކުރޭ. އެހެންވީމާ، އެކަމާގުޅޭގޮތުން މިނިސްޓަރ މި ވިދާޅުވަނީ، އެއީ ޞައްޙަކަމެއްނޫނޭ، އެއީ، އިސްލާމީ އުޞޫލުތަކުގެތެރެއިން ކުރެވެންއޮތްގޮތެއްނޫނޭ، އެކަންކުރުމަށް. އަޅުގަނޑަށް ވަރަށް ސާފު.

ޢަބްދުﷲ ޔާމީން ދި އެފް އެމް:

އާދެ، ރޭގައި ހެދިގޮނޑުދޮށުގައި މަނިކުފާނު ވާހަކަފުޅުދައްކަވަމުން ވިދާޅުވި، ކުރީގެ ސަރުކާރުން ވެފައިވާ ޚިޔާނާތްތައް އެންމެރަނގަޅަށް އެނގިވަޑައިގަންނަވާނީ މަނިކުފާނަށް ކަމަށް. އެހެންކަމަށްވާނަމަ، މިހާތަނަށް ރައްޔިތުންނަށް އެ ޚިޔާނާތްތައް ހާމަ ނުކުރައްވަނީ ކީއްވެގެންތޯ؟ އަދި އޭގެ ތަފްޞީލެއް ދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މީގައި އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭނެ، މިހާރު އަޅުގަނޑުމެން މިދަނީ ޑިމޮކްރަސީއެއް މިރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން. ޑިމޮކްރަސީއެއް ގާއިމުކުރުމުގެ މަސައްކަތަށް އެކިގޮތްގޮތަށް ބާރު ދެވިދާނެ. އެކިގޮތްގޮތަށް އަޅުގަނޑުމެންނަށް، ސަރުކާރަށް ފުރުޞަތުތައް ހުޅުވާލެވިދާނެ. އޭގެތެރޭގައި އަޅުގަނޑުގެ ނަޒަރުގައި ހުޅުވާލެވެންއޮތް އެންމެ މުހިންމު، އެއް ފުރުޞަތަކީ މިހާރު އުފެދިފައިވާ މުސްތަޤިއްލު މުއައްސަސާތައް މަސައްކަތްކުރުމަށް ފުރުޞަތުދިނުން، ޖާގަދިނުން. ޚިޔާނާތެއްވާނަމަ، އެންޓިކޮރަޕްޝަން ބޯޑުން އެޚިޔާނާތް ބެލެން އެބައޮތް. އަނިޔާއެއް ވެފައިވާނަމަ، ހިއުމަންރައިޓްސް ކޮމިޝަނުން އެކަން ބެލެން އެބައޮތް. އޯޑިޓްގެ މައްސަލައެއް ހިނގާފައިވާނަމަ، އޮޑިޓަރ ޖެނެރަލަށް އެކަން ބެއްލެވެން އެބައޮތް. ދަޢުވާއެއް ކުރަންވެއްޖެނަމަ، ޕްރޮސިކިއުޓަރ ޖެނެރަލަށް އެކަން ބެއްލެވެން އެބައޮތް. އެކަން ކުރެއްވެން އެބައޮތް.

މިހެން މިކަން އޮތްއިރުގައި ރައީސުލްޖުމްހޫރިއްޔާ އެކަންކަމުގައި އިސްނަގައި، ކުރިޔަށްނުކުމެ މިބާވަތުގެ ކަންކަން ހިންގަން އަޅުގަނޑަށް މަޖުބޫރުވެއްޖެނަމަ، މިދަންނަވާ މުއައްސަސާތަކުގެ ކުރިއެރުމަށް އަޅުގަނޑުގެ ނަޒަރުގައި، ހުރަހެއް އަތުވެދާނެ. އަޅުގަނޑު މިހެން ދަންނަވާއިރުގައި، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ފުލުސްއޮފީސް ހަރުދަނާ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށްޓަކައި، އަދި މަޢްލޫމާތާ އެތަން ހިންގިދާނެ ހަރުދަނާ ގޮތްތަކެއް ދެނެގަތުމަށް އަޅުގަނޑުވާނީ ކޮމިޝަނެއް އެކުލަވާލާފައި. އެ ކޮމިޝަނުގެ ބޭފުޅުން ނަންތަކާ އެކުގައި މިރޭ މިވަނީ އިޢްލާނު ކުރެވިފައި.

ޖަޢުފަރު ރަޝީދު މިއަދު ނޫސް:

އާދެ، ޝުކުރިއްޔާ! އަޅުގަނޑުގެ ސުވާލު ބޮޑަށް އަމާޒުކޮށްލާނީ ޖަލުގެ ޙާދިސާއަށް. މާފުށީ ޖަލުގައި ކުށްވެރިންގެ ޢަމަލުތައް މިހުރިގޮތުން، މިއޮތީ ފުދޭވަރަކަށް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި. ޚާއްޞަކޮށް ޖަލުހުރި ރަށުގައި. ދެން މިރޭ އަޅުގަނޑުމެންނަށް މި އަޑުއިވުނީ ބޮމެއް ގޮއްވާލަން އެތަނުގައި މަސައްކަތްތަކެއް ކޮށްފައިހުރި ވާހަކަ. އެހެންވީމާ، ސަރުކާރުން މިޖަލުގެ ޙާލަތު ރަނގަޅުކޮށް، ރައްޔިތުންގެ މެދުގައި މިއޮތް ނުތަނަވަސްކަން ފިލުވާލުމަށްޓަކައި މިހާރުން މިހާރަށް ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އަޅުއްވަން ގަސްތުކުރައްވަނީ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރުން މިހާރަށް އަޅުގަނޑުމެން ޖަލުބެލެހެއްޓުން މިހާރު އެވަނީ ތަންކޮޅެއްބޮޑު ކޮންޓްރޯލެއްގެ ދަށުން ކުރެވިފައި. ހަމައެއާއެކުގައި އެހެން ދިފާޢީ މުއައްސަސާތައްވެސް ހިނގާ ނުހިނގާގޮތާއި އޭގެ ތަރުތީބުތައް ބެލުމުގެ ކޮމިޝަނެއް މިހާރުވެސް ސަރުކާރުންވާނީ އެކުލަވާލެވިފައި. އަދި އޭގެއިތުރުން، ޖަލުގެ ކަންކަމާގުޅޭގޮތުން ބެލެހެއްޓުމަށްޓަކައި، މިނިސްޓްރީއޮފް ޑިފެންސާ އަދި ހޯމް އެފެއަރޒް ގުޅިގެން ވަރަށްގާތުން އަޅުގަނޑުމެން މިދަނީ ބަލަމުން.

މުސްތަޤްބަލުގައި ޖަލުގެ ކަންތައް ރަނގަޅުކުރުމުގެ އަޅުގަނޑުމެންގެ ތަޞައްވުރެއް، މަންޒަރެއް، ޕްލޭނެއް އެބައޮތް. މިވަގުތު ކުރާ ކުއްލި ކަންތައްތަކުގެ ސަބަބުން މުސްތަޤްބަލް ހަލާކުވާ ބާވަތުގެ ކަމެއް، ބުރޫއަރާބާވަތުގެ ކަމެއް އަޅުގަނޑުމެން ކުރާކަށް ބޭނުމެއްނޫން.

ތިޔަބޭފުޅުން މާޒީއަށް ނަޒަރު ހިންގަވައިލައްވައިފިނަމަ، އެނގިވަޑައިގަންނަވާނެ، އިއްޔެއާ ޖެހެންދެންވެސް، ދާދި އިހަކަށްދުވަހާ ޖެހެންދެންވެސް ގާމާދޫ ޖަލު ހިންގުމުގެ އޮންނަނީ ވަގުތީ ގަވާއިދެއް. އެއީ 1978ވަނައަހަރު އެކުލަވާލެވުނު ވަގުތީ ގަވާއިދެއް. އެ ގަވާއިދު ވަގުތީ ގަވާއިދެއްގެ ގޮތުގައި އޮވެ، ގޮސް އެންމެފަހުން އައިސް އާ ޤާނޫނުއަސާސީ ތަޞްދީޤުކުރެވި އެ ޤާނޫނުއަސާސީގެ ދަށުން ގަވާއިދުތައް ބެލެނިވެރި ކުރެވުނުއިރުގައި، ގާމާދޫ ޖަލުގެ ގަވާއިދެއް، ނުވަތަ ޖަލުގެ ގަވާއިދެއް ކިރިޔާ އެކުލަވާލެވުނީ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އިޝާރާތް މިކުރަނީ، މިކަންތައްތައް އަޅުގަނޑުމެން ކުރާއިރުގައި، ކުރަންޖެހޭނީ ދުރަށް ވިސްނާފައޭ. ކުރަންޖެހޭނީ ހަމަ ކުއްލިއަކަށް މިވަގުތު އަޅުގަނޑުމެން ތެޅިގަނެފައި މިވަގުތުހުރި ކަމެއްގެ މައްޗަށް ފައިން އެރީމާ އަދި އެކަން މުޅިން ފުރިހަމަ ވެގެނެއް ނުގޮސްފާނެ. އެހެންވީމާ، އަޅުގަނޑުމެން މިހާރުން މިހާރަށް މިކުރާކަމަކީ ސީދާ ސަލާމަތީ އަދި އެތަން ބަލަހައްޓަވާ ބޭފުޅުންގެ ބާރުގެދަށަށް ޖަލު ގެނައުން. އިރާދަކުރައްވައިގެން މިހާރުމިވަނީ އެގޮތަށް އެކަން ހަމަޖެހިފައި. ދެން އަޅުގަނޑުމެންނަށް ބެލޭނީ، މުސްތަޤްބަލުގައި ޖަލު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް.

ޢަބްދުﷲ ޔާމީން ދި.އެފް.އެމް:

އާދެ، އަޅުގަނޑުގެ ދެ ސުވާލު އެބައޮތް އިނގޭތޯ! އެއީ، ފުރަތަމަ ސުވާލަކީ، މިހާރު ރައީސް ނަޝީދުގެ ވަޢުދުތައް ނިމުނީތޯއޭ؟ ހުއްޓަވާލެއްވީތޯއޭ؟ މިހެން މިދެންނެވީ، މިހާރު ނަރުދަމާގެ ނިޒާމުތަކާއި، ފުލެޓްއެޅުމާ އެވާހަކަތަކެއް އަޅުގަނޑުމެންނަކަށް އަޑެއް ނީވޭ.

ދެން އަނެއް ސުވާލަކީ، މަނިކުފާނު ކެމްޕޭނުގައި އަޑުއިވިފައި އެބައޮތް، ވިދާޅުވެފައި އެބައޮތް، ރިޔާސީ ދައުރުގެ މެދުތެރެއިން އިންތިޚާބު ބާއްވާނެ ވާހަކަ. ސުވާލަކީ، އަދިވެސް ބާއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ، އިންތިޚާބުގެ ވާހަކަ ދަންނަވާލާނަން. އެދުވަހުވެސް އަޅުގަނޑު ދެންނެވި ވާހަކަ އަނެއްކާވެސް ހަމަ ބައްލަވާލައްވަން ބޭނުން. އަޅުގަނޑުމެން މިރާއްޖޭގެ ސިޔާސީ މަސްރަޙު ނުވަތަ ސިޔާސީ ތަޞައްވުރު، މަންޒަރު، އަޅުގަނޑުމެންނަށް އެނގޭނީ އިންތިޚާބުތަކެއް މެދުވެރިކޮށްގެންނޭ. އަޅުގަނޑު އައްޑުއަތޮޅު ހިތަދޫގައި ދެންނެވި ވާހަކައިގައި އިޝާރާތް ކުރި ނުޤުތާއެއްގެ ވާހަކަ ތިޔަ ވިދާޅުވަނީ. އަޅުގަނޑު ވަރަށްބޮޑަށް އެދެން. ހަމަ ސީދާ ސާފުކޮށް އެ ބައްލަވާލައްވަން. އަޅުގަނޑުމެން އުންމީދުކުރާ ފުރަތަމަ އިންތިޚާބު މިއަންނަނީ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. މި އިންތިޚާބުގައި ރައްޔިތުންގެ އިޙްސާސްތައް ހާމަވެގެންދާނެ. ދެން ކުރިޔަށް މިއޮތީ، ރ.ކ. ނުވަތަ ލޯކަލް ގަވަރންމަންޓްގެ އިންތިޚާބު. އިރާދަކުރެއްވިއްޔާ، ޖޫން ނުވަތަ ޖުލައިގައި އެ އިންތިޚާބު އަންނާނެ. އައިމާ އަޅުގަނޑުމެންނަށް ދެން އޭގެ އިތުރަށް ރައްޔިތުންގެ އިޙްސާސްތައް ހާމަވެގެންދާނެ.

ދެން ތިޔަބޭފުޅާ އިޝާރާތްކުރެއްވި، އަޅުގަނޑުގެ ވަޢުދުތައް ނިމުނީތޯ؟ އާދެ، އަޅުގަނޑުމެން ވަޢުދުވީ، އިންތިޚާބުގެ ކުރީގައި. އަޅުގަނޑުމެން އިންތިޚާބުގެ ކުރީގައި ވަޢުދުވިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހިންގާނެ ސިޔާސަތުތަކާ، އެ ސިޔާސަތުތަކުގެ އަމާޒާ، އަޅުގަނޑުމެން އެ ސިޔާސަތުތައް މެދުވެރިކޮށް ޙާޞިލުކުރުމަށް ބޭނުންވާ ކަންތައްތައް. އޭގެތެރޭގައި ހަމަ އެންމެ މުހިންމު އެއްކަންތައް އެއީ، ފެނާއި ނަރުދަމާގެ ނިޒާމު ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްދިނުން. އަޅުގަނޑުމެން މިއުންމީދުކުރަނީ، މިއަހަރު، އަޅުގަނޑުމެންނަށް މިއަހަރު ދުވަހުގެ ތެރޭގައި ބަޖެޓްކުރެވޭނެއޭ، އިރާދަކުރެއްވިއްޔާ މަދުވެގެން 1.2 ބިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަސައްކަތް. އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މަދުވެގެން 100 މިލިއަން ޑޮލަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް، މިއަހަރު އަޅުގަނޑުމެންނަށް ބަޖެޓުކުރެވިގެން، އަދި އެ އަޅުގަނޑެއް ނުދެކެން، މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އެ ފައިސާވެސް ޑިސްޕާރސް ކުރެވިދާނެ ކަމަކަށް. ނުވަތަ އެމަސައްކަތްވެސް މުޅިއަކުންނެއް ފަށައިގަނެ، ނުވަތަ ނިންމޭ ހިސާބަކަށް ދެވިދާނެކަމަކަށް. އެކަމަކު އަޅުގަނޑު ތިޔަބޭފުޅާއަށާއި އަދި ތިޔަބޭފުޅާގެ ނޫހަށާއި އަދި އެހެންވެސް ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރުދުވަހުގެ ތެރޭގައި މިރާއްޖޭގެ ރައްޔިތުންގެ، މަދުވެގެން 80 ޕަސެންޓް ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދްމަތް އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަން.

ގަބޫލުފުޅު ކުރައްވާތި، މިއީ 2009 ވަނަ އަހަރު. މިއަހަރު ރާއްޖޭގެ ރައްޔިތުންނަށް ފެނާއި ނަރުދަމާ ނެތުނީމާ އެއީ، ލަދުވެތި ގޮތެއް. އަޅުގަނޑުހަމަ ދެންވެސް އިރާދަކުރެއްވިއްޔާ ދާ ރަށެއްގައި އަޅުގަނޑުމެންނަށް ސަރުކާރުން އެކަން ކޮށްދެވެން އޮތްގޮތާއި އެކަން ކުރާނެގޮތް އިރާދަކުރެއްވިއްޔާ ކިޔައިދޭނަން. ހަމަ އެރަށުގައި އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ބުނެވޭނެ ފުރުޞަތު އޮންނާނެ، އެރަށުގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދްމަތް މި ސަރުކާރުން އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަމޭ. އެއީ، އަޅުގަނޑު ތަކުރާރު ކުރާނެ ވާހަކައެއް. އަދި މި ސަރުކާރު ހިނގާހާ ދުވަހަކު އަޅުގަނޑުމެން ދައްކާނެ ވާހަކައެއް. އަޅުގަނޑުމެން ބޭނުން، ރައްޔިތުންނަށް ފެނާއި ނަރުދަމާއާއި، ބޯހިޔާވަހިކަމާއި، ތަކެތީގެ އަގު ހެޔޮކޮށްދިނުމާއި، ޑްރަގުގެ ވަބާއިން މި ރާއްޖެ ސަލާމަތްވުމާއި ބޭސް ސިޓީއަށް ސަލާން ނުޖެހުން. އެއީ، އަޅުގަނޑުމެން ހަމަ ބޭނުން ކަންތައްތައް. އިރާދަކުރެއްވިއްޔާ (އެއީ) މިސަރުކާރުން އަޅުގަނޑުމެން ކޮށްދޭނެ ކަންތައްތަކެއް.

ޢަބްދުﷲ ޔާމީން ދި.އެފް.އެމް:

އަދި އެއް ސުވާލު އިނގޭތޯ! ތިންދުވަހުގެ ތެރޭގައި ޑޮކްޓަރުން ގެނެސްދޭނެ ވާހަކަ ރައީސް ވިދާޅުވި. އެކަމުގެ އެއްވެސް ކަހަލަ އަޕްޑޭޓެއް އެބައުޅޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ، މިހާރު އިންޑިޔާ ސަރުކާރުން އެ ޑޮކްޓަރުން ގެނައުމުގެ ކަންތައްތައް މިދިޔަ ހަފްތާގެ ތެރޭގައި މިނިސްޓްރީއޮފް ޑިފެންސާއި، އިންޑިޔާ ހައިކޮމިޝަނާ ދެމެދުގައި އޭގެ އެންމެފަހު މަޝްވަރާތައްވަނީ ނިމިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ ޑޮކްޓަރުންގެ ކަންތައް ދާދި އަވަސް ފުރުޞަތެއްގެ ތެރޭގައި ހަމަޖެހިގެންދާނެ. އަޅުގަނޑުމެންނަށް އެ ޑޮކްޓަރުން ލިބޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަމާޒުކުރާ ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން ކަމެއް ކުރާ ވާހަކަ މިބުނަނީ، ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނާފައި، ދުރަށް ރާވާފައި. ގަބޫލުފުޅު ކުރައްވާ! އަޅުގަނޑުމެންނަކީ، ޑޮކްޓަރެއް ގެނައުމާއި ނަރުދަމާއެއް އަޅާލުމަށްވުރެ، އަދި ތަންކޮޅެއްގިނަ ކަންތައް ކޮށްފައިތިބި ބައެއް. ކޮށްފައިއޮތް ޕާޓީއެއް. އެޕާޓީގެ ސަރުކާރެއް މިހިނގަނީ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަޢުދުތައް ރީތިގޮތުގައި، ރިވެތިގޮތުގައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ.

އިތުރަށް ދަންނަވާލަންއޮތް ވާހަކައަކީ، ދެން އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާންއޮތް ރަށަކީ ފުވައްމުލައް. ފުވައްމުލަކުގައި އަޅުގަނޑުމެން މިއަހަރުތެރޭގައި ފެނާއި ނަރުދަމާގެ ޚިދްމަތުގެ މަސައްކަތް ފަށައިގަންނާނަން.

އިބްރާހީމް މުޙަންމަދު މިނވަން ނިއުސް ވެބްސައިޓް:

އަޅުގަނޑުގެ ސުވާލު އަމާޒުކޮށްލަން ބޭނުންވަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަޔާންކުރަމުންދާއިރު، މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިފަހުން މިހާތަނަށް 9 ވެބްސައިޓު ވަނީ ބްލޮކް ކުރެވިފައި. އުފެދޭ ސުވާލަކީ، މިނިސްޓްރީއެއްގެ ފޯނުކޯލަކުން ނޫނީ، މިފަދަގޮތަކުންވެސް ބައެއް ވެބްސައިޓްތައް ބްލޮކް ކުރަމުން އަންނައިރު، މަނިކުފާނު މިކަމާމެދު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށް ތޯއާއި، އަދިވެސް މިކަމާމެދު މަނިކުފާނު ރައްޔިތުންނަށް އެއްވެސް ޖަވާބެއް ނުދެއްވާ ހުންނެވީ ކީއްވެގެންތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށްބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު ތިޔަކަމާގުޅިގެން އަޅުގަނޑުމެން އޮފީހުގެ ޕްރެސް ސެކްރެޓެރީވަނީ، އެމަސައްކަތް ހިންގި ފަރާތާ، ނުވަތަ އެ ވެބްސައިޓް ބްލޮކްކުރި މިނިސްޓްރީއާ މަޝްވަރާތަކެއް ކުރައްވާފައި. މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި އެ މިނިސްޓްރީއިންވެސް މިވެބްސައިޓް ބްލޮކް ކުރުމުގައި ޢަމަލުކުރާނެ، މުސްތަޤްބަލުގައި ޢަމަލުކުރާނެ ގޮތްތަކެއް، ހަރުދަނާ ގޮތްތަކެއް ކަނޑައެޅޭނެ. އަދި ހަމައެއާއެކު މިހާރު ބްލޮކް ކުރެވިފައިހުރި، އެ ވެބްސައިޓްތަކުގެ ތެރެއިން 9 ވެބްސައިޓެއްގެ ތެރެއިން، ގިނަ ވެބްސައިޓް މިހާރު ދޫކޮށްލުމުގެ ކަންތައް، އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.

އަޅުގަނޑު ކަންބޮޑުވާ ކަމެއް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އަންނަންޏާ. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ އެއާއެކުގައި ގަބޫލުކުރަން އެބަޖެހޭ، ޤާނޫނުއަސާސީގެ އިމުގެތެރޭގައި، އަޅުގަނޑުމެން ޚިޔާލު ފާޅުކުރަންޖެހޭނީ. އިސްލާމްދީނުގެ އަޞްލާ ޚިލާފު ވާހަކައެއް އަޅުގަނޑުގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ރާއްޖޭގެ ޤާނޫނުއަސާސީ ރައްޔިތުންނަށް ފޯރުކޮށްދީފައެއް ނުވޭ.

ޢަބްދުﷲ ސަޢީދު - އެ ސަންދާނު:

އާދެ، މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން، ސިވިލްސަރވިސްގެ އިސްވެރިންގެ ފަރާތުން ރައްޔިތުންނަށް ވަރަށްބޮޑެތި އުނދަގޫތައް ކުރިމަތިވަމުން އަންނަކަމަށް ވަރަށްގިނަ ފަރާތްތަކުން ޝަކުވާ ލިބެމުން އަންނަނީ. ދެން މިކަމާމެދު އެ ފަރާތްތަކުން ފިޔަވަޅުއަޅާތަނެއް ނުއެއް ފެނޭ. އެއީ، އެކަމަށް އެއްވެސް ޙައްލެއް ނުފެންނާތީ، އެހެންވީމާ، މަނިކުފާނު ކީކޭތޯ މިއާދޭތެރޭގައި ވިދާޅުވަނީ؟ މަނިކުފާނަށް ސަރުކާރު ހިންގެވެން އޮތީ، ސިވިލްސަރވިސްގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑުގެ ހަމަ އެންމެބޮޑު އެއް މަޤްޞަދަކީ، މިނިވަން މުއައްސަސާތައް ހިނގުމަށް ފުރްޞަތު ދިނުން، ޖާގަ ދިނުން. އަޅުގަނޑު ސިވިލްސަރވިސްއާ ގުޅޭގޮތުން ހިތްހަމަނުޖެހުނީމާ، އެވާހަކަ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ދަންނަވަން. އަޅުގަނޑަށް ފެންނަ ފެނުމުގައި ރައްޔިތުންގެ މަޖިލީހަށް އެ ސަރވިސް ސީދާގޮތުގައި މިގޮތަށް ޖަވާބުދާރީވަނީ.

އަޅުގަނޑުމެންނަށް އެނގޭ ސިވިލްސަރވިސް މިއީ ވަރަށް ޅަފަތުގައިއޮތް ވަރަށްބޮޑު މުއައްސަސާއެއް. އުފެދެމުން އެއަންނަނީ. ދިރެމުން އެ އަންނަނީ. މައްސަލަތަކެއް އެބަހުރި. ކޮމިޝަންގެ ތެރޭގައިވެސް މައްސަލަތަކެއް އެބަހުރި. އަޅުގަނޑު އުންމީދުކުރަނީ، ކޮމިޝަން ދުވަހެއް ދުވަހަކަށް ހަރުދަނާވަމުންގޮސް، ވީހާވެސްގިނަ ރައްޔިތުންގެ ޝަކުވާ އެ ކޮމިޝަންގެ އެކިއެކި ބޭފުޅުންނާ ނުވަތަ ކަންކުރާގޮތާ ގުޅޭގޮތުން ރައްދު ނުވާނެގޮތަކަށް، ކޮމިޝަންވެސް ތަރުތީބުވެގެން ދާނެކަމަށް. ދެން އަޅުގަނޑު ހަމަ ވަރަށްބޮޑަށް ޔަޤީންކުރަން، ދާދިއަވަހަށް އެކަން ހިނގަން ފަށާނެކަމަށް.

ފާޠިމަތު ސާމީ ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުގެ ސުވާލަކީ، ދާދިފަހުން 100 މިލިއަން ޑޮލަރުގެ ލޯނެއް މިވަނީ އިންޑިޔާއިން ލިބިފައި. އޭގެތެރެއިން 50 މިލިއަން ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ލިބުނުއިރު ސަރުކާރުގެ ލޯނު އަދާކުރުމަށްކަމަށް މިފައިސާ ބޭނުންކުރެވޭނީ، ވިދާޅުވެފައިވަނީ. އެހެންވީމާ، މީގެސަބަބުން ސަރުކާރުގެ ޑެފިސިޓް ކިހާވަރަކަށް ކުޑަވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! 100 މިލިއަން ޑޮލަރު އަޅުގަނޑުމެން ބޭނުންކުރަންވެގެން މިއުޅެނީކީއެއް ސީދާ އެމް.އެމް.އޭގެ ލޯން އަދާކުރާކަށެއް ނޫން. މިހާރުން މިހާރަށް ބަޖެޓަށް ފޫބައްދަން ބޭނުންވާ ކަންކަން ފޫބެއްދުމަށްޓަކައި އިތުރަށް އެމް.އެމް.އޭއިން ލޯނު ނުނަގައި ފަރުޖެއްސުމަށްޓަކައި. އެހެންވީމާ، އެކަން އެހެން ހިނގާތީވެ، ބަޖެޓް ޑެފިސިޓްވާ މިންވަރު ވަރަށްބޮޑުތަނުން އިރާދަކުރެއްވިއްޔާ ކުޑަވާނެ. ދާދިއަވަހަށް އަޅުގަނޑުމެން ސަޕްލިމެންޓްރީ ބަޖެޓް އަނެއްކާ މަޖިލީހަށް ހުށަހެޅޭނެ. ހުށަހެޅޭއިރުގައި ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، ފުރަތަމަ ހުށަހެޅުނު ބަޖެޓަށްވުރެ، މިހާރު މިހުށަހެޅޭ ބަޖެޓްގައި އެތައްތަނަކުން، އޭގައި ފިޒިކަލް ރެސްޕޮންސިބިލިޓީ، ނުވަތަ މާލީ ޒިންމާދާރުކަން ބޮޑުވެގެންދާނެކަން.

ދެން ހަމަ، އެ 100 މިލިއަން ޑޮލަރުގެ އިތުރުން، ދާދި އަވަހަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން، ކަމާގުޅޭ މިނިސްޓްރީއިން ހާމަކުރައްވާނެ. ސަރުކާރުން މިހާރުވަނީ، އިންޑިޔާގެ އެގްޒިމް ބޭންކާ ވާހަކަދައްކައި، އެ ބޭންކުން 300 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ގާއިމު ކޮށްފައި. އެހެންވީމާ، އެ ފެސިލިޓީގެ ބޭނުންވެސް ކުންފުނިތަކަށް ދާދިއަވަހަށް އިރާދަކުރެއްވިއްޔާ ފޯރައިގެންދާނެ. އެ ފެސިލިޓީގެވެސް އެއް ބޭނުމަކަށް އޮންނާނީ، ހަމަ ފެނާއި ނަރުދަމާ. އަޅުގަނޑުމެން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރުން މީގެ އަމާޒަކީ.

އަޅުގަނޑުމެން އެބަ އުންމީދުކުރަން، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މުޅި އައްޑުއަތޮޅުގެ ހުރިހާރަށެއްގައިވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން. އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް މިހާރު އެދަނީ ކުރެވެމުން. އަޅުގަނޑުމެންނަށް ކުޅުދުއްފުށީގެ ފެނުގެ ލައިސަންސް އެމް.ޑަބްލިޔޫ.އެސް.ސީ.އަށް މިހާރުވަނީ ދޫކުރެވިފައި. އެހެންވީމާ، ކުޅުދުއްފުށީގެ ފެނުގެކަންތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެން ކުޅުދުއްފުށްޓަށްދާ ދުވަހެއްގައި ހަމަ އެހާއުފަލާއެކީގައި، ކުޅުދުއްފުށީ ރައްޔިތުންނާއެކީގައި އެވާހަކަ ޙިއްޞާކުރެވޭތޯ އަޅުގަނޑު ބަލާނަން. ހަމައެއާއެކީގައި ތިނަދޫގެވެސް ފެނާއި ނަރުދަމާއާ މިވާހަކަތައް އެރައްޔިތުންނާ (ދައްކާނަން). ދެން މިހެންގޮސް މިދަންނަވާހެން، އަޅުގަނޑުމެންނަށް މިވަގުތުން ވަގުތަށް އެބައޮތް 30 ރަށެއްގެ ފެނާއި ނަރުދަމާގެ ވާހަކަ، ހަމަ އެހާއުފަލާ އެކީގައި ދެއްކެން.

ފެނާއި ނަރުދަމާގެ އިތުރުން، އަޅުގަނޑުމެން އެބަ މަސައްކަތްކުރަން، ޖުމްލަ 50 ކިލޯ މީޓަރުގެމަގު ރަނގަޅު ފެންވަރަކަށް ތާރު އަޅާފައި ހެދޭނޭ ޕްރޮގްރާމެއް، މަޝްރޫޢެއް ރާވަން. އެހެންވީމާ، އެއީވެސް އަޅުގަނޑުމެންނަށް މިފެސިލިޓީ ބޭނުންކުރެވޭނެ އެއްގޮތް. ދެން އޭގެއިތުރަށް އަޅުގަނޑުމެން އެބަ ބަލަން، އަމިއްލަ ފަރާތްތަކަށްވެސް މިއިން ލޯނު ހޯދޭނޭ ނުވަތަ ވިޔަފާރި ކުރިޔަށްގެންދެވޭނޭ އުޞޫލުތަކެއް ރޭވުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު އިނގިރޭސިވިލާތުން މިދަތުރުގައި އައިސް، ލަސްތަކެއްނުވެ، މިކަންކަން ހަމަޖެހިގެންދާނެ.

ފާޠިމަތު އިނާޝާ ދި ޓީ.ވީ:

ކުރިޔަށްއޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ދަށްވާނެކަމަށް، މަޓީންވެސް އެބަބުނޭ. ޚާއްޞަކޮށް މިމަހުގެ މެދެއްހާ ހިސާބުގައި ވަރަށް ދަށްވާނެކަމަށް، އެފަރާތްތަކުން އެބަބުނޭ. ކޮބައިތޯ މިކަމުގައި ސަރުކާރުން ކޮންކޮން ފިޔަވަޅުތަކެއްތޯ އަޅުއްވަނީ؟ ކޮބައިތޯ ތިޔަބޭފުޅުން ކުރައްވާނެ ކަންތައްތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑުމެން މިހާރު މިވަނީ، ސަރުކާރުން ޓޫރިޒަމް އިންޑަސްޓްރީއަށް ދިނުމަށް އެދޭ ލުއި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި. އެއީ 50 އަހަރަށް ކުލީގެ މުއްދަތު އިތުރުކުރުން. އޭރުން އެބޭފުޅުންނަށް އިތުރު އިންވެސްޓްމަންޓަށް ފައިސާ ހޯދޭނެ. ސަރުކާރަށްވެސް އޭގެސަބަބުން އާމްދަނީ ލިބިގެންދާނެ.

މިވަގުތަކީ ރިސިޝަންގެ ވަގުތުވީމާ، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭނެ ކޮންސަމްޕްޝަން ދަށްވާނެކަން. އެހެންވީމާ، މިކަހަލަ ވަގުތެއްގައި އަޅުގަނޑުމެން ބަލަންޖެހޭނީ، އިންވެސްޓްމަންޓްސް އިތުރުކުރަން. ދެން އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެންނަށް، ސަރުކާރަށް ލިބޭ އާމްދަނީ 5 ބިލިއަން ރުފިޔާއަށް، ގާތްގަނޑަކަށް ތިރިވެދާނެކަމަށް. މިދަންނަވާހެން އެހިސާބުގައި އަޅުގަނޑުމެން މިތިބީ ރޮނގު އަޅައިގެން. އެހެންވީމާ، ދެން އޭގެ މައްޗަށް އަޅުގަނޑުމެން އެ ބައްދަންޖެހޭ ބައެއް ބެއްދުމަށް، އިތުރުގޮތްތައް ހޯދުމަށް އަޅުގަނޑުމެން މިތިބެނީ ވިސްނައިގެން. އަޅުގަނޑުމެން މިދަނީ އެކަންކަން ހަމަޖައްސަމުން. އަޅުގަނޑުމެންނަށް ޔަޤީން، އިރާދަކުރެއްވިއްޔާ މިކަންކަން ހަމަޖެހިގެން ދާނެކަން.

ދެން މިހާރު އަޅުގަނޑަށް، އަޅުގަނޑުމެންނަށް ފެންނަފެނުމުގައި، ޓޫރިޒަމް އެހާބޮޑުތަނުން ދަށްވެގެންދާނެކަމަށް ދެކެވިފައި އޮތް ދެކުން، އެނގިވަޑައިގަންނަވާނެ، ޖީ. ޓުވެންޓީ ސަމިޓު، އިނގިރޭސިވިލާތުގައި ނިމިގެންދިޔައިރުގައި، ވަރަށްބޮޑުއަދަދެއްގެ ފައިސާ، އިޤްތިޞާދުތަކަށް އިތުރަށް އިންވެސްޓްކުރުމަށް، ކުރިއަރާފައިވާ ޤައުމުތަކުންވަނީ ނިންމާފައި. އެހެންވީމާ، އެއާ ވިދިގެން އިޤްތިޞާދުތަކަށް ދިރުން އަންނާނެ. އެހެންނަމަވެސް މިއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަ އާމްދަނީ ދަށްވާނެކަމަށް އަޅުގަނޑުމެން ބަލަން ޖެހޭނީ.

ދެން މިކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ އަނެއްހެން މާބޮޑު ކަންތައްތަކެއްނެތް. އެއީ، ބޭރުދުނިޔެއާ މިކަމާ ގުޅިފައިއޮތީ. އަޅުގަނޑުމެންނަށް ދިވެހިރާއްޖެ މިވަގުތު އިޝްތިހާރުކުރެވިދާނެ. އެއީ، އަޅުގަނޑުމެން ކުރަމުންދާކަމެއް. އެނގިވަޑައިގަންނަވާނެ، ބޭރުގެ ނޫސްތަކުގަޔާއި ބޭރުގެ މީޑިޔާގައި މިދިޔަ 5 މަސްދުވަހުގެތެރޭގައި، ތިޔަބޭފުޅުން ކޮލަމުން ގުނުއްވައިފިއްޔާ ބޭރު ދުނިޔޭގައި ރާއްޖޭގެ އިޝްތިހާރުގެ ލެންތް، ދިގުމިން ގިނަވާނެ، މިދިޔަ 30 އަހަރަށްވުރެ. އަޅުގަނޑުމެންނާގުޅޭގޮތުން ބޭރު ނޫސްތަކުގައި ލިޔެފައިވާ ލިޔުން. މިދިޔަ 30 އަހަރު، ދިވެހިރާއްޖެއާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމަށްވުރެ މިދިޔަ 5 މަސްދުވަހު ގިނަވާނެ. ރޭޑިޔޯ ޓީވީ ތަކުންވެސް އަޅުގަނޑުމެންނާ ގުޅޭ ޚަބަރުތައް ފޮނުވާފައިވާ މިންވަރުވެސް ގިނަވާނެ. އޭގެ އެއްބޭނުމަކީ ހަމަ ދިވެހިރާއްޖެ އިޝްތިހާރުކުރުން.

ޢަބްދުﷲ ޔާމީން ދި.އެފް.އެމް:

އާދެ، އަޅުގަނޑު ދަތުރުފުޅާބެހޭ ސުވާލެއް އިނގޭތޯ. މިދިޔަ ފަހަރު މަނިކުފާނު އަރިހުގައި، އިޓަލީ ދަތުރުފުޅުގައި، ވަފުދު ވަރަށް ބޮޑުވެގެންދިޔަތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ދެން އަޅުގަނޑުގެ ސުވާލަކީ، މިފަހަރުގެ ވަފުދުގައި ކިހާ ބޭފުޅުންނެއް ހިމެނޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ހަމަ އެހާ ބޮޑުވާނެ. އަޅުގަނޑުމެން ދަތުރުތައް މިކުރަނީ ވަރަށްބޮޑު ބޭނުމެއްގައި. ކަމާގުޅޭ ހުރިހާބޭފުޅުން ވަޑައިގަންނަވާނެ. އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަން. އެންމެބޭފުޅަކުވެސް، އެންމެބޭފުޅަކުވެސް 14 ގަޑިއިރު މަސައްކަތް ނުކުރައްވައި އެންމެދުވަހަކުވެސް ހުއްޓަވާނުލައްވާނެ. އަޅުގަނޑުމެން މިދަނީ ވީހާވެސް ގިނަ އިންވެސްޓަރުންނަކާ ބައްދަލުކުރަން. އަޅުގަނޑުމެން މިދަނީ ތިންދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު އެންމެގިނަ މަސައްކަތެއް ވަރަށްބޮޑަށް ރާވައިގެން ކުރުމަށް. ހަމަ ކުރީފަހަރު ދިޔަހާ، ދެން އެއަށްވުރެ ކުޑަތަންކޮޅެއް މިފަހަރު މަދުވޭ. ވަރަށްދެރަކަމެއް އެއީ، މަދުވިކަން. އަޅުގަނޑުމެން މި ބޭނުންވާ ނަތީޖާ އެއިން އަޅުގަނޑުމެންނަށް ނުނެރެވޭނެ. ކަމެއްކުރަންޏާ އެކަމެއް އަޅުގަނޑުމެން ކުރަންޖެހޭނީ ރަނގަޅަށް. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ކަންބޮޑުވާނެކަން. ޚަރަދު ބޮޑުވަންޏާ އެމަގުން. އަޅުގަނޑަށްވެސް އެނގޭ. އަޅުގަނޑު އެންމެ ކަންބޮޑުވާނީ. އެހެންނަމަވެސް، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، ކުރާކަމެއްގެ ސަބަބުން އެއިން މާބޮޑު ގޯހެއް ވެދާނެ ކަންކަމަށް. އެހެންވީމާ، އަޅުގަނޑަށް އެކަނި އިނގިރޭސިވިލާތަށް ގޮސްލާފައި އާދެވިދާނެ. އެއިން ދިވެހިރާއްޖެއަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ.

މިފަހަރު އަޅުގަނޑު އިނގިރޭސި ރާނީގެ ދަޢުވަތަކަށް ބަކިންހަމްޕެލަސްގައި އެއްރޭ އެބަ މަޑުކުރަން. އަދި ވިންޑްސަރ ކާސަލްގައި އަޅުގަނޑު އެއްރޭ އެބަ މަޑުކުރަން. ކުއީން އަރިހުގައި އެއްރޭ އެބައޮތް ކެއުން. ދެން އަނެއްދުވަހު ހެނދުނު ސަޔާއެކީގައި. ހަމައެއާއެކީގައި، ޕްރިންސް އެންޑްރޫ އަޅުގަނޑުމެންނަށް މި ކޮންފަރެންސް، ޓްރޭޑްފެއަރ އަޅުގަނޑުމެންގެ އިންވެސްޓްމަންޓް ފެއަރ އެންޑްރޫ އެބަ ބާއްވަވައިދެއްވާ. ބާއްވަވައިދެއްވާއިރުގައި އިނގިރޭސިވިލާތުގައި ނަންކިޔޭމީހުން އެތަންތަނަށް އޭރުން އަންނާނެ. އަންނައިރުގައި އަޅުގަނޑުމެންގެ ޤައުމުން މިކަންކަން ނުވާގޮތަށް ގޮސްގެން ތިބީމާ، އޭރަކުން ރަނގަޅެއްނުވާނެ. އެހެންވީމާ، ނޫސްވެރިންގެ ކިބައިން ވަރަށްބޮޑަށް އަޅުގަނޑު އެދެން، ބައްލަވާ! އަޅުގަނޑުމެންގެ ޚަރަދުތައްވެސް ވަރަށް ސާފުކޮށް ހަމަ އަޅުގަނޑުމެންނަށް އޮޑިޓަރ ޖެނެރަލަށްވެސް، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން ދަތުރުކުރަނީ ބޮޑުކޮށް. އަޅުގަނޑުމެން ދަނީ ގިނަ މަސައްކަތްކުރަން.

ޢަބްދުﷲ ސަޢީދު އެ ސަންދާނު:

އަޅުގަނޑު މި ސުވާލު އަމާޒުކޮށްލަނީ، ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި އަދި ރާއްޖޭގެ މަސައްކަތުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އެ ފުރުޞަތު ލިބުން ވަރަށް ދަތިކަމަކަށް ވެގެންދާތީ. މިސާލަކަށް، ބީލަންތަކާ އެސްޓިމޭޓުތައް އެވިލުއޭޓް ކުރާ ބޯޑުތަކުން އެ ނިންމާ ނިންމުމަކީ ތަޖުރިބާ ހުރިބަޔަކަށް އަނެއްކާވެސް ލިބޭގޮތަށް. ދެން އެއްވެސް މީހަކަށް އަލަށް މިދާއިރާއަށް ނުކުމެވޭނެގޮތެއްނެތް، ތަޖުރިބާ ނެތިގެން. ދެން އެހެންވީމާ، ކިހިނެއްތޯ މިކަންތައްތައް ރަނގަޅު ކުރައްވަނީ. މަނިކުފާނުގެ ސިޔާސަތެއް މިއީ، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަދި މަސައްކަތުގެ ދާއިރާއަށް ގިނަ ބަޔަކު އަހުލުވެރިކުރުވުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު އެނގިވަޑައިގަންނަވާނެ، ޔޫތު މިނިސްޓްރީ އިން މަރިޔަމް ނޫރުއްދީން އިސްވެ އެބަ ހިންގަވާ ޕްރޮގްރާމެއް، ޒުވާނުންނަށް ތަމްރީނެއްދީ، ޒުވާނުންނަށް ވަޒީފާގެ ބާޒާރަށް ނުކުމެވޭނެ ގޮތްތައް ހޯދައިދިނުމަށް. އޭގެތެރޭގައި ވަރަށްގިނަ ބާވަތުގެ ތަމްރީނު ހިނގާނެ. ކޮންސްޓްރަކްޝަންގެ އެކިއެކި ފަންނުތަކުގެ ތަމްރީނު ހިނގާނެ. އިންޖިނިއަރިންގ އެކިއެކި ފަންނުތަކުގެ ތަމްރީނު، ރޭނުން، ވަޑާންކުރުން، އަތްކަންކުރުން، ލިޔެލާޖެހުން، މިހެންގޮސް އޮޑިދޯނިފަހަރު ބަނުން، ހުރިހާ ބާވަތެއްގެ ގިނަގުނަ ބާވަތްތަކުގެ މަސައްކަތްތައް މި އިންސްޓިޓިއުޝަން ތެރެއިން ކުދިންނަށް އެ ޢިލްމު ނުވަތަ އެ ހުނަރު ލިބިގެންދާނެ. ދިޔައިމާ އަޅުގަނޑުމެންގެ ބޭނުމަކީ، އެކުދިންނަށް ވަޒީފާއެއްގެ ފުރްޞަތު ހޯދައިދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި މަދުވެގެން 5,000 ކުދިންނަށް 3 މަހާއި 6 މަހާ ދެމެދުގެ ތަމްރީނެއްދީ، އެކުދިންނަށް ކޮންމެވެސް ވަޒީފާއަކަށް ފުރްޞަތު ހޯދައިދިނުން. އެމަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. އަޅުގަނޑުހިތުން މަރިޔަމް ނޫރުއްދީން މިހާރުވަނީ އެއްދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިކަމާގުޅޭ ވާހަކަތައް ދައްކަވާފައި، މަޢުލޫމާތު ދެއްވާފައި.

ދެން އަޅުގަނޑުމެން އެއާއެކީގައި އެބައުފެދޭ، ޑައިވިންގ އިންސްޓްރަކްޓަރުން ތައްޔާރުކުރުމާއި، ވިންޑް ސަރފް އިންސްޓްރަކްޓަރުން ތައްޔާރުކުރުމާއި، ޔޮޓިންގ މިހެންގޮސް ޓޫރިޒަމް ދާއިރާއަށްވެސް ބޭނުންވާ ތަންކޮޅެއް ޢަމަލީ ބާވަތުގެ ކަންކަމަށް ކުދިން ތައްޔާރުކުރުން. އެހެންވީމާ، އަޅުގަނޑުމެން މި އުންމީދުކުރަނީ މިއަހަރު ނިމޭއިރުގައި ވަރަށްގިނަ އަދަދެއްގެ ކުދިންނަށް އަޅުގަނޑުމެންނަށް ވަޒީފާ ހޯދައިދެވޭނެ ކަމަށް.

އިބްރާހީމް މުޙަންމަދު މިނިވަން ނިއުސް ވެބްސައިޓް:

ދަތުރުފުޅަށް ކިހާވަރެއް ޚަރަދުވާނެތޯ؟

ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް މުޅިޔަކުންނެއް (ނޭނގެ). އަންދާޒާ އަދަދެއް އެބައޮތް، މަޢުޞޫމް ދެއްވާފައިއޮތް އަދަދެއް. އަޅުގަނޑަށް ހީވަނީ މުޅިދަތުރަށް ލައްކައެއްހާ ޑޮލަރު ޚަރަދުވާނެހެން. އެހެންވީމާ، އެއީ ގާތްގަނޑަކަށް އަޅުގަނޑަށް ހީވަނީ މިލިއަނެއްހާ ރުފިޔާ ދަތުރަށް ޚަރަދުވާނެހެން. އަދި އަޅުގަނޑުމެން މިގެންގުޅެނީ އަންދާޒާ އަދަދެއް. މިއީ އަންދާޒާ އަދަދު. ދެން އަޞްލު އަދަދު އެނގޭނީ، އެއީ ދެން އެންމެމަތިން ވާނެވަރުކަމަށް އަޅުގަނޑު މި ލަފާ މިކުރަނީ. ދެން އަޞްލު އަދަދު އެނގޭނީ ބިލްތައް ދެއްކީމާ.

ޖަޢުފަރު ރަޝީދު މިއަދު ނޫސް:

އަޅުގަނޑުގެ މި ސުވާލު މިއީ ފަހަރެއްގައި ތަންކޮޅެއް ފަހުން، މިދެންނެވީ ތަންކޮޅެއް ލަހުން ކުރެވޭ ސުވާލަކަށް ވެދާނެ. އެހެންނަމަވެސް މިކަހަލަ އޯޕަން ޕްރެސް ކޮންފަރެންސަކުން ރައީސާ ބައްދަލުވެފައި ނުވާތީ ހަމަ ހިތަށްއެރީ ދަންނަވާލާނީއޭ. އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޑޮކްޓަރ ޙަސަން ސަޢީދު މަގާމުން އިސްތިޢުފާދެއްވަމުން ވިދާޅުވެފައިވަނީ، ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ބައެއްކަންކަން ކުރައްވަމުން ގެންދަވާތީ، ތަކުރާރުކޮށް ރައީސަށް ސިޓީފުޅުން އެކަމާބެހޭގޮތުން އެޑްވައިސް ދެއްވާފައިވާ ވާހަކަ. ދެން މީޑިއާގައިވެސް އެ ސިޓީތައް ހާމަވެގެންގޮސްފައިވޭ. އެކަމަކު ރައީސް އެކަމާ އެއްވެސްވަރަކަށް އަޅުއްވާނުލައްވާ ވާހަކަ. އެކަހަލަގޮތަކަށް މާނަ މިކުރެވެނީ. އެއީ، ރަނގަޅު ވާހަކަފުޅެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން، އަޅުގަނޑުގެ ބަންޑާރަނައިބެއްވެސް ހުރޭ. އަޅުގަނޑުގެ ޤާނޫނީ އިދާރާއެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުރޭ. ދެން ޙަސަންސަޢީދަކީވެސް ޤާނޫނު ކޮންމެވެސް ވަރަކަށް އެނގިވަޑައިގަންނަވާ ބޭފުޅެއް. އެކަންކަމާގުޅޭގޮތުން އެބޭފުޅާއަށް ފެނިވަޑައިގަންނަވާ ވާހަކަތައް އެބޭފުޅާ އެކިއެކި ރައީސުން އަރިހުގައި އެކިގޮތްގޮތަށް ލިޔުއްވާފައި ހުރިކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިސާލަކަށް މިރާއްޖޭގައި އެއްޕާޓީގެ ނިޒާމޭ ރާއްޖެއަށް އެންމެރަނގަޅުވާނީ ވިދާޅުވެ، ރައީސް މައުމޫނަށް ލިޔުއްވާފައި އޮތް ސިޓީފުޅެއްވެސް އަޅުގަނޑު ދުށީމު. ދެން ހަމަ އޭގެފަހުން އަޅުގަނޑުމެން އުންމީދު ކޮށްގެންހުރީ، ރަނގަޅު ޚިޔާލާއި ރަނގަޅު މަޝްވަރާ އަޅުގަނޑުމެންނަށް ލިބިގެން އަންނާނެކަމަށް. އެހެނެއްނޫން ކަންކަން ވީކީއެއް. ސިޔާސީ ފުރްޞަތުތަކާއި ސިޔާސީގޮތުން އޭގައި ޕޮއިންޓް ހޯއްދެވުމަށްޓަކައި، ބާވަތްބާވަތުގެ ވާހަކަތައް ތިޔަބޭފުޅުންނާއެކީގައި ޙިއްޞާ ކުރައްވަމުން ގެންދެވީ. ނޫސްވެރިންނާއެކީގައި. ބައެއްފަހަރަށް ބައެއްބޭފުޅުން އަޅުގަނޑު ކައިރީގައި އެ ދުވަސްތަކުގެތެރޭގައި ވިދާޅުވަމުންއައި، ކާކަށްބާވައޭ ޙަސަންސަޢީދު، ކޮންބޭފުޅަކަށްބާވައޭ ޙަސަންސަޢީދު، ޑޮކްޓަރ ޙަސަންސަޢީދު އެ މަޝްވަރާއާއި ލަފާ އަރުވަނީ. ރައިސުލްޖުމްހޫރިއްޔާއަށް ބާވައޭ! ނުވަތަ ނޫސްވެރިންނަށްބާވައޭ! ދެން އެހެންވީމާ، އަޅުގަނޑަށް އަނެއްހެން ފުރަތަމައިނުންވެސް އެކަމުގައި ތަންކޮޅެއް އުނދަގޫވި، ސީދާގޮތުގައި އެބޭފުޅާ އެދައްކަވާ ވާހަކަތަކުގެ ސިޔާސީ މަޤްޞަދާއި އެހެން މަޞްލަޙަތުތައް ހިމެނޭކަމަށް ފެންނަން ފެށީމާ ދެން އޭގައި ޤާނޫނީ އޮއްޓަރެއް ނެތްކަން ވަރަށްބޮޑަށް ސާފުވެގެންދިޔަ.

ޖަޢުފަރު ރަޝީދު މިއަދު ނޫސް:

އާދެ، ގުޅޭ ސުވާލެއްވީމާ އިނގޭތޯ. ސަރުކާރުގައި މިހާރު، ރައީސްގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުން، އެބަ ރައީސަށާއި ސަރުކާރަށް ނިސްބަތްކޮށް އެބަ ފާޑުވިދާޅުވަމުން ގެންދަވާ. ދެން މިކަން ކިހިނެއްތޯ ރައީސް ސިފަކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުގެއެއްވެސް މައްސަލައެއްނެތް އިނގޭތޯ. ދެން، އެނގިވަޑައިގަންނަވާނެ އެއީ، އެހެން ޕާޓީއެއްގެ ބޭފުޅުން، ޤައުމީ ޕާޓީގެ ބޭފުޅުން. އެ ދެން އެބޭފުޅުން އިންތިޚާބަށްޓަކާ ކުޑަކޮށް ލާނެތްކޮށް އުޅުއްވަންޖެހިގެން އުޅުއްވަނީ. ދެން ކާމިޔާބެއްވެއްޖިއްޔާ ރަނގަޅު ދޮއެއްތޯ.
ޢަބްދުﷲ ޔާމީން ދި.އެފް.އެމް:

އާދެ، އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ރިޔާސީ ހުވާ ކުރެއްވުމަށްފަހު، ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، އެއްވެސް އިތުރުފުޅެއް ހައްދަވާފައިވާނެތޯއޭ؟ މިހެން މިދެންނެވީ، މަނިކުފާނުގެ ރައީސްކަމަށް 100 ދުވަސް ފުރުމުގެ މުނާސަބަތުގައި ކަމަށް ބުނެ، ޢުމަރުނަޞީރު ވަނީ، 50 ދޮގުގެ ނަމުގައި ފޮތެއް ނެރުއްވާފައި. ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ކިހިނެއްތޯ ތިޔަބޭފުޅާއަށް ހީވަނީ؟ އަޅުގަނޑު ވަރަށްބޮޑަށް ބަލައިގެން މިއުޅެނީ، މީހަކަށް އޮޅުވާނުލައި، ކަންކަން ހުރިގޮތަށް ކިޔައިދެމުން ގެންދެވޭތޯ. ދެން އެކިއެކި ސިޔާސީ ޕާޓީތަކުންނާއި އެކިއެކި ސިޔާސީ ވާދަވެރި ބޭފުޅުން އެބާވަތުގެ ވާހަކަ ވިދާޅުވާންވެސް ޖެހޭނެ. ދެން ޑިމޮކްރަސީއެއް ހިނގާގޮތަކީވެސް އެއީ. ދެން އެހެންވީމާ، އެކަމުގައި ދެން އަޅުގަނޑުގެ މާބޮޑު ފިކުރެއްނެތް އިނގޭތޯ. ދިވެހިރައްޔިތުންނަކަށް އަޅުގަނޑުގެ ނަޒަރުގައި އޮޅިގެނެއްނުދާނެ. ފަސޭހައެއްނުވާނެ އޮޅުވާލާކަށް. އަޅުގަނޑު ކަމެއްގައި ދޮގުހަދާތޯ ނުވަތަ ނޫންތޯ އެއެއްވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދެން މިހާތަނަށް އަޅުގަނޑު ދޮގެއް ހަދާފައިނުވާކަމަށް، އަޅުގަނޑަށް ހީވަނީ ވަރަށްގިނަ ރައްޔިތުން ހެކިވާނެހެން.

ޢަބްދުﷲ ޔާމީން ދި.އެފް.އެމް:

މި ކެމްޕޭނާ ދިމާކޮށް، ޚާއްޞަކޮށް މިހާރު އަޅުގަނޑުމެންނަށް އިވެމުން އެބަދޭ، ދާ އަޑަކީ މިހާރު ރައީސް ނަޝީދު މިހާރު ޤާނޫނާ މުޅިން ޚިލާފަށޭ ކަންތައްތައް ކުރައްވަމުން ގެންދަވަނީ. ދެން އެކަމަށް ދޭނެ ރައްދަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތައް ދެމެހެއްޓުމަށް މާތްރަސްކަލާނގެ ގަންދީ ހުވާކޮށްގެން އަޅުގަނޑުމެން މިކަންކުރަމުން މިދަނީ. އެހެންވީމާ، ޤާނޫނަކާ ޚިލާފަށް އަޅުގަނޑު ކަމެއް ކޮށްފައެއް ނޯންނާނެ. އަދި ޤާނޫނަކާ އަޅުގަނޑުމެން ދުވަހަކުވެސް ޚިލާފެއް ނުވެސްވާނަން.

މިހާރު މި އިންތިޚާބުގެ ދުވަސްވަރު އަންނައިރުގައި އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓު. އަޅުގަނޑުގެ ޕާޓީގެފަރާތުން ވަކާލާތުކުރުމަށް އަޅުގަނޑު ނުކުންނާނަން. އެކަން އަބަދުވެސް އަޅުގަނޑު ކުރާނަން. ދެން އެކަމާ ހިތް ބަރުކުރައްވާނެކަމެއްނެތް، އެއްވެސްބޭފުޅަކު. އެއީ މިކަންއޮތްގޮތް. އެއީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ހިނގާގޮތް. ރައީސްގެ ހައިސިއްޔަތަކުންނެއް އެކަންޏެއްނޫން، އަޅުގަނޑު އިންނަނީކީއެއް. އަޅުގަނޑަކީ ޕާޓީއެއްގެ މެމްބަރެއް. ޕާޓީއެއްގެފަރާތުން އަޅުގަނޑު އައިސް މިހުރީ. ދެން އަޅުގަނޑެއް ނުދެކެން އިނގޭތޯ، ދިވެހިންނަށް މިބާވަތުގެ ކަންކަން އޮޅިގެން ހިނގައިދާނެ ކަމަކަށް.

ޢަބްދުﷲ ޔާމީން ދި.އެފް.އެމް:

މިދާކަށްދުވަހު ޑީ.އާރު.ޕީ ޖަލްސާއެއްގައި ރައީސް މައުމޫން ވިދާޅުވެފައި އެބައޮތް، މިހާރު ކުރީގެ ރައީސް ޒާހިރަކީ އަދިވެސް މަޖިލީހުގެ ރައީސް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް. ދެން މަނިކުފާނު ގަބޫލުފުޅުކުރައްވަންތޯ އެގޮތަށް؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޤާނޫނުއަސާސީއާ ޚިލާފުވާހަކައެއް، މިހާރު ކުރީގެ ރައީސްވެސް، އަޅުގަނޑަކަށް މުޅިއަކުން ޔަޤީނެއްނޫން، ތިޔަބާވަތުގެ މޭރުމުން، ތިޔަމޭރުމުން ވާހަކައެއް ވިދާޅުވެފައި އޮވެދާނެކަމަކަށް. އެއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގަބޫލުނުކުރައްވާ ކަމަކަށް އެއްވެސް ބޭފުޅަކު ވިދާޅެއްނުވާނެ. ތިންބާރު އެބައޮތް. ތިންބާރުގެ ތެރެއިން، ޤާނޫނުހެދުމުގެ ބާރު އެބޭފުޅާ ގަބޫލުފުޅު ނުކުރައްވާކަމަށް އެބޭފުޅާ ވިދާޅުވިކަމަށް ތިޔަ ވިދާޅުވަނީ. އަޅުގަނޑަށް ދެން ތިޔަ ކަމުގައި ދަންނަވާނެއެއްޗެއް ވަރަށް ނޭނގެ. ހަމަގައިމުވެސް އަޅުގަނޑު މިހުރީ ހިތުގެ އަޑިން ގަބޫލުކޮށްގެން، މާފަންނު ބަގީޗާގޭ މުޙަންމަދު ޝިހާބަކީ، މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެރައީސް. އެކަމަކާ އެއްވެސް ޝައްކެއްވެސް ނެތް. އަދި ވަރަށްފުރިހަމައަށް އެދައުރު އެމަގާމު އަދާކުރައްވަމުން އެބޭފުޅާ އެގެންދަވަނީ.

ޢަބްދުﷲ ސަޢީދު އެ ސަންދާނު

އަޅުގަނޑު މީގެކުރިން ކުރި ސުވާލުގައި އަދި އެއްބައި ފުރިހަމަނުވެއޮތީމާ އަޅުގަނޑު މިދަންނަވާލީ. އެއީ ވިޔަފާރީގެ ދާއިރާއޭ އަޅުގަނޑު ދެންނެވީ، މި ކޮންސްޓްރަކްޝަން ދާއިރާއާ އަދި ވިޔަފާރީގެ ތެރެއަށް ވަދެގަންނަން ބޭނުންވާ ޒުވާނުންނަށް އެފުރްޞަތު ބަންދުވެގެން މިދަނީ، މި އިވެލުއޭޝަން ބޯޑުތަކުން ނިންމާ ނިންމުމުގެ ސަބަބުންކަމަށް އެންމެންވެސް މި ބުނަމުންދަނީ. އެގޮތަކީ މި ތަޖުރިބާ ހުރި މީހުންނަށް އަނެއްކާވެސް މަސައްކަތްތަކާ އަދި އެނޫންވެސް އެސްޓިމޭޓުތައް ޙަވާލުކުރުން. އެހެންވުމުގެ ސަބަބުން އަލަށް މިދާއިރާއަށް އެއްވެސް މީހަކަށް ނުކުމެވޭނެ ގޮތެއްނެތް. އެހެންވީމާ، މިއީ އަދި އެންމެންނަށް ހަމަހަމަ ނިޒާމެއްކަމަކަށް ގަބޫލެއް ނުކުރެވޭ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު އޭގައި އިނގޭތޯ އެހެންތަންތަނުގައިވެސް އަޅުގަނޑުމެންނަށް އެނގިފައިއޮތްގޮތުގައި މިކަންކަން މިއޮންނަ ގޮތަކީ، ކުންފުނިތަކުގައި މަސައްކަތްކޮށްގެން ބޭފުޅުން ޖެހިވަޑައިގަންނަވާނީ ތަޖުރިބާ ހޯއްދަވަން. ސަރުކާރަށް ވަރަށް އުނދަގޫވާނެ، ކޮންޓްރެކްޓެއް ހަވާލުކުރަން، ތަޖުރިބާއެއްނެތް ބަޔަކާ. ރައްޔިތުންގެ ލާރި އަޅުގަނޑުމެން މިހަވާލުކުރަންޖެހެނީ، ވަކިކަމެއްކޮށް ނިންމުމަށްޓަކާ. އެހެންވީމާ، އެކަންކުރުމަށްޓަކައި ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. ހަމަ ތަޖުރިބާހުރިބައެއް އެކަންކުރުމަށް އެބަ ހޯދަންޖެހޭ.

ދެން ތަޖުރިބާ ހޯދުމަށްޓަކައި ބޭފުޅުން ޖެހިވަޑައިގަންނަވާނީ، އެހެން ކުންފުނިތަކުގައި މަސައްކަތް ކުރައްވައިގެން، ކުރިއެރުން ހޯއްދަވައިގެން، އެ ތަޖުރިބާއާ އެކުގައި ނުކުމެ ވަޑައިގަންނަވަން. ވަރަށްގިނަފަހަރަށް އެބަ ދިމާވޭ އިނގޭތޯ، މިހާރު ހަމަ ޚާއްޞަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ތެރޭގައި ވަރަށްމަދު މަސައްކަތްކުރާ މީހުން. ގިނައީ ކުންފުނި. ދިވެހިންގެ ތެރޭގައި ގިނައީ ކުންފުނީގެ އޯނަރުން. ޙަޤީޤަތުގައި ހަމަ ރަނގަޅު މަސައްކަތްތެރިން، ރަނގަޅު ވެލްޑަރުން، ރަނގަޅު ވަޑިން، ރަނގަޅު މޭސަނުން، ރަނގަޅު މަސައްކަތްތެރިން، ރަނގަޅު ސަރުދާރުން ވެގެން މިދަނީ ކުންފުނީގެ ވެރިންނަށް. ވެގެން ދިޔައިމާ، މަސައްކަތްކުރާމީހުން އަޅުގަނޑުމެން މިގެންނަންޖެހެނީ ރާއްޖެއިން ބޭރުން. ދެން އެހެންވީމާ، އަޅުގަނޑުމެންނަށް މިއުޅެނީ، މިކަން އެއްގޮތަކަށްވެސް ދެކޮޅު ނުޖެހިގެން. މިހާރު ރާއްޖޭގައި ހިންގުމަށް ކަނޑައެޅިފައި އެބަހުރި 1.4 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް. މަސައްކަތް. އެ މަސައްކަތްތަކުގެ، ރަނގަޅު، 50 ޕަސެންޓު ހުރީ އެކަށީގެންވާގޮތަށް ނުހިނގާ. މީގެތެރޭގައި ހަމަ ވަރަށްބޮޑަށް އެބަ ހިމެނޭ، ރަނގަޅު ތަޖުރިބާއަށާއި، މާލީ ޙާލަތަށާއި، މިއެންމެހާ ކަންކަމަށް ނުބަލާ ކޮންޓްރެކްޓްތައް ދެވިފައި ހުރުން. އެހެންވީމާ، ސަރުކާރުން ހަމަ ވަރަށްބޮޑަށް އެބަ ބަލަންޖެހޭ، ތަޖުރިބާއާއެކީގައިހުރި ކުންފުނިތަކަށާއި މީސްމީހުންނަށް. ރަނގަޅަށް ކުރާ މަސައްކަތް ރަނގަޅަށް ކުރުމަށް ސަރުކާރަށް ދޫކުރެވޭނެ.

ޖަޢުފަރު ރަޝީދު މިއަދު ނޫސް:

އަޅުގަނޑު ކުރިން ދަންނަވާލި ސުވާލާގުޅޭގޮތުން، އާދެ، ދަންނަވާލާނަން. ރައީސް ޖަވާބުދެއްވަމުން ވިދާޅުވި، ޑޮކްޓަރ ޙަސަން ސަޢީދަކީ، ކޮންމެވެސް ވަރަކަށް، ޤާނޫނުއަސާސީ އެނގިވަޑައިގަންނަވާ ބޭފުޅެކޭ. އަދި ދެއްވާފައިވާ ލަފާފުޅުތަކަކީ، މާބޮޑު އޮށްޓަރެއް، އޭގައި ނެތް ލަފާފުޅުތަކެކޭ. ދެން އަދި އެކި ރައީސުންނަށް އެކި ގޮތަށޭ، ބައެއްކަންކަމުގައި ހުރީ ލަފާދެއްވާފައި. ސުވާލަކީ، އެޑްވައިޒަރކަމުގެ މަގާމަށް ޙަސަން ސަޢީދު ގެންނެވިއިރުގައި ރައީސަށް ޙަސަން ސަޢީދާމެދު އިތުބާރު އޮތްތޯ ނޫނީ ނެތްތޯ؟ ނެތްނަމަ ކީއްވެގެންތޯ އެމަގާމު ދެއްވީ؟

ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދަންނަވަންތޯ! ދެން އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ޙަސަން ސަޢީދާ ގުޅޭގޮތުން، ޑޮކްޓަރ ޙަސަން ސަޢީދާ ގުޅޭގޮތުން އެހާގިނަވާހަކަ ދައްކާކަށް ބޭނުމެއްނޫން. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އިޚްލާޞްތެރިކަމާއެކީގައި އެދެން، ތިޔަބޭފުޅާ މަޢްލޫމާތު ހޯދުމުގެ މިނިވަންކަމުގެ ތެރޭގައި އަޅުގަނޑަށް ޕްރެސްކުރައްވައިފިއްޔާ، އަޅުގަނޑު އެ ބަލާފައި އަޅުގަނޑު ޖަވާބުދޭންޖެހޭ ސުވާލުތަކަށް އަޅުގަނޑު ޖަވާބު އަރުވާނަން. އެހެންނަމަވެސް ދެން އަޅުގަނޑު ހަމަ ދަންނަވަން، ޑޮކްޓަރ ޙަސަން ސަޢީދަކީ، އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ މަސައްކަތުގައި ވަރަށް ޙަރަކާތްތެރި ބޭފުޅެއް. އިރާދަކުރެއްވިއްޔާ ކާމިޔާބުވެސް ވެދާނެ. ދެން އެހެންނަމަވެސް އަޅުގަނޑެއް ނޭދެން، އެބޭފުޅާޔާ ގުޅޭގޮތުން މާދިގު، ގިނަ ވާހަކައެއް ދައްކާކަށް.

އިބްރާހީމް މުޙަންމަދު މިނިވަން ނިއުސް ވެބްސައިޓް:

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާމެދު އަޅުގަނޑު އަދިވެސް މިސުވާލު އަމާޒުކޮށްލަން ބޭނުންވަނީ. މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވަމުން ގެންދެވި ވާހަކައެއް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ދީން، ހަތިޔާރެއްގެގޮތުގައި ބޭނުންކުރަމުންދިޔަކަމަށް. ނަމަވެސް އަޅުގަނޑުމެންނަށް މިހާރު ފެނިގެންމިދަނީ ވަކިބަޔަކު ހުކުރު ޚުޠުބާ ކިޔުމަށް، ވަކިބަޔަކު އިސްނަގައިގެން ދީނީ ޕްރޮގްރާމްތައް ހިންގުމަށް، ވަކިބަޔަކަށް އަމާޒުކުރުމަށް. ދެން މިގޮތުން އެމް.ޑީ.ޕީގައި ޚާއްޞަކޮށް ރެލީތަކުގައާއި މިފަދަކަންތަކުގައި ޝޭޚް އިބްރަހީމް ފަރީދު އަޙްމަދު ކިޔާ ދަންނަބޭކަލަކު، އެމް.ޑީ.ޕީގެ، އޭރުގައި ތިއްބެވި ބޭފުޅުން ވަރަށް އިޙްތިރާމް ކުރައްވާ ބޭފުޅެއްގެ ގޮތަށް ފާހަގަކުރެވިފައިވަނީ. ނަމަވެސް، ނަޝީދުގެ ސަރުކާރު ޙަވާލުވުމަށްފަހު އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެންދިޔައީ އެބޭފުޅާއަށް ވަގުތީހުއްދައެއް ދިންތަން. އޭގެބަދަލުގައި އެހެންޕާޓީތަކަށް ނިސްބަތްވާ ދަންނަ ބޭކަލުންނަށް ދާއިމީ ހުއްދަ ދެއްވިކަން ފާހަގަކުރެވޭ. މިއީ ޚިޔަލުފާޅުކުރުމުގެ ކޮން މިނިވަންކަމެއްގެ ދަށުން ނިންމާފައިއޮތް ކަމެއްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އެންމެ މުހިންމު، އެންމެބޮޑު އެއް ސިޔާސަތަކީ ދިނީކަންކަން، އަޅުގަނޑުމެން ދޫކޮށްފައި ބަހައްޓާނީ ދީނީ ދަންނަބޭކަލުންނަށޭ. ދެން، ދީނީ ތަޤްރީރު ކުރެއްވުމަށް ލައިސަންސެއް ބޭނުންވާނެ އިނގޭތޯ! ވަޢުޟު ދެންނެވުމަށް. އެއީ، އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ބޭނުންވާ ލައިސަންސެއް. އެހެންނަމަވެސް، މީހަކު ކަންކަމާގުޅޭގޮތުން ޚިޔާލު ފާޅުކުރުން، މިހާރު މިސާލަކަށް، ޑޮކްޓަރަކު ޑޮކްޓަރުކަން ކުރުމަށް، އެހެންނޫނިއްޔާ ޑޮކްޓަރުކަމާ ގުޅޭގޮތުން، ޞިއްޙަތާގުޅޭގޮތުން ޢާންމުންނަށް މަޢްލޫމާތުދިނުމަށް، ބޭނުންވާނެ ލައިސަންސެއް. ދެން އެހެންނަމަވެސް، ހަމަ އެ ޑޮކްޓަރުވެސް އެހެންމީހަކުވެސް އައިސް ޢާންމު ޞިއްޙަތޭ ކިޔައި އެއްޗެއް ބުނެލުމަކަށް، ނުވަތަ އެކަމާގުޅޭގޮތުން ޚިޔާލު ފާޅުކުރުމަކަށް އެ ލައިސަންސެއް ބޭނުމެއްނުވާނެ. ލައިސަންސެއް އެބަބޭނުންވޭ، އެކަމާގުޅޭ ޢިލްމު ލިބިތިބި މީހުނަށް އެކަންކަން ކުރެވޭނެގޮތަށް.

ދެން ކޮންބަޔަކަށްތޯ؟ އެކަމާގުޅޭ މަޢުލޫމާތު ލިބިހުރީ، ލިބިތިބީ. އެއެއް ނިންމަންވެގެން އަޅުގަނޑުމެން ދޫކޮށްލާފައި މިވަނީ އިސްލާމީކަންތައްތަކާބެހޭ މިނިސްޓްރީއަށް. ދެން ގަބޫލުފުޅުކުރައްވާ! ރާއްޖެއިން އެބަ ރައްޔިތުންތަކެއް، ދީނީ އެކިއެކި ޙަރާކާތްތަކުގެ ނަމުގައި ވަރަށްގިނަ ބާވަތްބާވަތުގެ ހަނގުރާމައިގެ ޢަމަލު ހިންގުމުގަޔާއި ހިންގަން އުޅުމުގައި އެބަ ޙަރަކާތްތެރިވޭ. ދެން މިފަދަ ޖަމާޢަތްތަކަކީ ކޮބައިތޯ؟ އެބަ އެބޭފުޅުން، އިސްލާމިކް މިނިސްޓްރީން އެބަ ފާހަގަކުރައްވާ. އެމަސައްކަތްތައް ރާއްޖޭގައި ހިނގަނީ ކިހާ މިންވަރަކަށްތޯ؟ އެބަ އިސްލާމިކް މިނިސްޓްރީން ފާހަގަކުރޭ.

އެހެންވީމާ، ރާއްޖޭގެ ގިނަ ރައްޔިތުންނެއް، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި، ނޭދޭ، މިހާ ހަރުކަށި ދީނީ ވާހަކަތަކެއް ދައްކަވަމުން ގެންދަވާކަށް. އޭގައި އިސްލާމިކް މިނިސްޓްރީއަށް، އޭގައި ޢަމަލުކުރަން ފެންނަގޮތް، އަޅުގަނޑުމެން މި ބަލަނީ އެއީ ދީނީ ހަމަތަކުގެމަތިން އެބޭފުޅުން ކުރައްވަމުންގެންދަވާ ކަމެކޭ. އަޅުގަނޑުމެންގެ މެނިފެސްޓޯ ވަޢުދަކީ އެއީ. އަޅުގަނޑުމެންނަކީ ވަޢުދާ ޚިލާފުވާ ބައެއްނޫން. އަޅުގަނޑުމެން އެކަންކުރަން ބުނިގޮތަށް އިރާދަކުރެއްވިއްޔާ ކުރެވޭތޯ އަޅުގަނޑުމެން ބަލާނަން.

އިބްރާހީމް މުޙަންމަދު މިނިވަން ނިއުސް ވެބްސައިޓް:

ދެން އެހެރީ ވަގުތީހުއްދައެއް ދެއްވާފައި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު މިދެންނެވިހެން، އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމަކާ، އެބޭފުޅުންގެ އުޞޫލުތަކަކާ، އެބޭފުޅުންގެ ހަމަތަކެއްގެ ތެރެއިން އެބޭފުޅުން އެކަންތައް އެހެންކުރައްވަމުން އެގެންދަވަނީ. އަދި އެއް ސުވާލަށް އަޅުގަނޑު ފުރްޞަތު އަރުވާނަން. އެހެންވީމާ، ވަރަށްބޮޑަށް ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، ތިޔަބޭފުޅުންނާ އަނެއްކާވެސް އަޅުގަނޑު ބައްދަލުވާނަން.

އަޅުގަނޑު އުންމީދުކުރަނީ، މި ދަތުރުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ވެގެންދާނެކަމަށް. އޭގެ ބޭނުމުގައި އަޅުގަނޑުމެން މިދަތުރު މިކުރަނީ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން މިގެންގުޅޭ ސިޔާސަތުތައް ހިންގުމަށްޓަކައި ބޭނުންވާނޭ އެކިބާވަތްބާވަތުގެ އެހެން ޢިލްމާއި، ޙިލްމާއި، އަދި ފައިސާއާ، އިންވެސްޓްމަންޓްސްއާ މިކަންކަން ހޯދުން. އެ ލިބެން ހުންނަނީ ބޭރުން. އެހެންވީމާ ދަތުރުކުރުމަކީ މުހިންމުކަމަކަށްވަނީ. ހަމަ އަދި އެއާއެކީގައި އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށްވެސް މީގައި ވަރަށް ފަޚުރު ބޮޑުވެގެންދޭ. މިފަހަރު އަޅުގަނޑަށް މިކުރެވޭ ދަތުރުގައި. މިދަތުރު އަޅުގަނޑު މިކުރަނީ، އިނގިރޭސި ރާނީގެ ދަޢުވަތަކަށް. އެހެންވީމާ، އެއާއެކީގައި ދެން އަޅުގަނޑު މިބޭނުން މިކުރަނީ، އިތުރުވަގުތުކޮޅެއް، އިންވެސްޓްމެންޓް ފެއަރއަކަށް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަނީ މިއިން ދިވެހިރާއްޖެއަށް އެތައް ގިނަގުނަ ފައިދާތަކެއް ވެގެން ދާނެކަމަށް. ވަރަށްބޮޑަށް ޝުކުރިއްޔާ!