بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު

އަޅުގަނޑުމެން މިބައްދަލުކޮށްލީ، ތިމާވެށްޓާ ބެހޭގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރަމުންދާތީއާ އެކީގައި، އެކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢްލާނު ކުރައްވަން ބޭނުންފުޅުވާ ބައެއް ކަންތައްތައް ހުރުމާއެކީގައި. މިގޮތުން އެމަނިކުފާނު މިހާރު އިޢްލާނު ކުރައްވާފައި މިއޮތީ، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމެއް ކަމުގައި ހައްދަވާނެ ކަމަށް. އެހެންވީމާ، އެކަމުގައި އެހީތެރިވެދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިހާރު މިވަނީ ފިޔަވަޅުތަކެއް އަޅުއްވަން ޤަޞްދު ކުރައްވާފައި. އެހެންވީމާ، އެކަމާބެހޭގޮތުން މަޢްލޫމާތު ދަންނަވާލުމަށްޓަކައި މިއަދު އަޅުގަނޑުމެން ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިކަމުގައި ޙަރަކާތްތެރިވާނެ އެޑްވައިޒަރީ ކައުންސިލެއް އަޅުގަނޑުމެން މިވަނީ ރާއްޖޭގައި އުފައްދާފައި. ދެން، ބޭރުގެ ސައިންޓިސްޓުންގެ ގްރޫޕެއްވެސް އަޅުގަނޑުމެން އެބަ އެކުލަވާލަން، މިކަމާ ގުޅިގެން ރާއްޖެއަށް އެހީތެރިވެދޭނޭ ނުވަތަ އަޅުގަނޑުމެން މިކަމާ ވާހަކަ ދައްކާ ހަދާނެ. ދެން އަޅުގަނޑު ދަންނަވާފާނަން، ކައުންސިލްގައި ތިއްބަވާ ބޭފުޅުން. ފަނަރަ ބޭފުޅަކު އެބަ ތިއްބަވާ.

ފުރަތަމަ މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު. ދެން ކައުންސިލްގައި ތިއްބަވަނީ، އަޙްމަދު އަސްލަމް އެންވަޔަރަންމަންޓް މިނިސްޓަރ. ޑޮކްޓަރ މުޙަންމަދު ޢަލީ، އަލްފާޟިލް އަޙްމަދު ޝާޢިޤު، ޑޮކްޓަރ ސިމާދު ސަޢީދު، ޑޮކްޓަރ މުޙަންމަދު ޝިހާމް އާދަމް، އަލްފާޟިލް ޙުސައިން ޒާހިރު، ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު، ޑޮކްޓަރ މުޙަންމަދު ޝަރީފް، އަލްފާޟިލާ ހުދާ އަޙްމަދު، އަލްފާޟިލް މުޙަންމަދު އިނާޒް، އަލްފާޟިލް އަޙްމަދު ސަލީމް، އަލްފާޟިލް މުޙަންމަދު ރަޝީދު، އަލްފާޟިލް އިބްރާހީމް ހަމީޒް، އަލްފާޟިލް އެން.ޑީ ޢަޒީ، އަލްފާޟިލް އަމްޖަދު ޢަބްދުﷲ.

މިދެންނެވީ، މި ކައުންސިލްގައި ތިއްބަވާނެ ބޭފުޅުން. އަޅުގަނޑުމެން އަމާޒު މިކުރަނީ ރާއްޖެ މިސާލަކަށްވެވޭތޯ. ދުނިޔޭގެ އެހެން ޤައުމުތަކަށް ވިހަ ދޫކުރުން ހުއްޓާލުމުގައި ނުވަތަ ޖައްވު ތަޣައްޔަރުވާ އެކިއެކި ބާވަތް ބާވަތުގެ މަޢްދަންތައް، ބާވަތް ބާވަތުގެ ގޭސް ޖައްވަށް ދޫކުރުމާއި، ދުނިޔެ ހަލާކުވާ ބާވަތުގެ ކަންތައްތައް ނުކުރުމަށް ބާރުވެރިވާނެ މިސާލެއްގެ ގޮތުގައި ދިވެހިރާއްޖެ ހެދުމަށް. އަޅުގަނޑުމެން އެއްވެސްއިރެއްގައެއް ލަފައެއް ނުކުރަން. އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލަށް ހެޔޮ ފާލަކަށް އެބަދަލުވެގެން ހިނގައިދާނެ ކަމަށް ސީދާ އަޅުގަނޑުމެން ކަމެއް ކުރުން ހުއްޓާލުމަކުން. އެހެންނަމަވެސް، އަޅުގަނޑުމެން ކުޑަ ޤައުމަކުން އަޅުގަނޑުމެން އިސްނަގައި، އަޅުގަނޑުމެން ހެޔޮގޮތުގައި އުޅެން އަޅުގަނޑުމެން ނިންމާފައި، އަޅުގަނޑުމެންނަށް އެގޮތަށް އުޅެން ފެށިއްޖިއްޔާ، އަޅުގަނޑުމެން މިދެކެނީ، ބޮޑެތި ޤައުމުތައްވެސް އަދި އެހެން ފަރާތްތައްވެސް އެކަން މިސާލެއްގެ ގޮތުގައި ދެކޭނެއޭ. އަދި އަޅުގަނޑުމެންނަށް ގޮންޖަހައި، އަޅުގަނޑުމެންނަށް އިހާނެތިގޮތް ހަދާ މިބާވަތުގެ ކަންކަން ކުރަން އުނދަގޫވާނެއޭ.

އަޅުގަނޑު ހަމައެއާ އެކީގައި ދެކެން މިއީ އަޞްލުގައި ޙަޤީޤަތުގައި ރާއްޖެއަށް އޮތް ވަރަށް ހެޔޮ ފާލެއްގެ ގޮތުގައި. މިބާވަތުގެ މައްސަލަތައް ދުނިޔޭގައި އުފެދިގެން އަންނައިރުގައި ދުނިޔެ ވަރަށްބޮޑަށް ބަދަލުވާންޖެހޭނެ. ބަދަލުވާންޖެހޭ ވަގުތުގައި އަޅުގަނޑުމެންނަށް އޭގެ އެބަދަލުވުމުގެ ފުރްޞަތުގެ ތެރެއަށް އަޅުގަނޑުމެންނަށް ވަދެވޭނެ. ވަދެވުނީމާ، އަޅުގަނޑުމެންނަށް އޭގެ ރަނގަޅު އިޙްސާސްތައް، އެއާ ގުޅިގެން އަޅުގަނޑުމެންނަށް ލިބެންހުރި ރަނގަޅު ފައިދާތައް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް އަޅުގަނޑުމެން މި ދެކި މިތިބީ. ބައެއް ބޭފުޅުން ވިދާޅުވޭ، ވަރަށް އަގުބޮޑު ކަމެކޭ މިކަން ކުރުން މިއީ. އަޅުގަނޑުމެންގެ ހިސާބުތަކަށް ފެންނަނީކީއެއް އެހެނެއް ނޫން. މިހާރު އަޅުގަނޑުމެން މިކުރަނީ މާ އަގުބޮޑު ކަމެއް. އެއީ ތެޔޮ އަންދައިގެން، އަޅުގަނޑުމެން ކަރަންޓް ބޭނުންކުރުމަަށްވުރެ ވަކި އަގުބޮޑު ކަމެއް ނެތް. ދެން ބައެއް ބޭފުޅުން ދެކެިވަޑައިގަންނަވަނީ، އެހެން ބާވަތް ބާވަތުގެ ހަކަތަ އުފައްދަންވެގެން ފުރަތަމަ ބޭނުންކުރަންޖެހޭ ޚަރަދު، ކެޕިޓަލް ޚަރަދު ވަރަށްބޮޑޭ. އެއީ ތެދަކަށްވެދާނެ. އެހެންނަމަވެސް، ހިންގުމަށްދާ ޚަރަދު، ރިކަރެންޓް ޚަރަދު، އަޅުގަނޑުމެން އެއަށް ވަރަށް ބޮޑަށް މި އަމާޒު ކުރަން ޖެހެނީ. މި ޚަރަދަށް ވަރަށް ބޮޑަށް ބަލަން މިޖެހެނީ. ތެލަކީ ރާއްޖެއަށް އަބަދުވެސް އިމްޕޯޓްކުރާ އެއްޗެއް. ދެން އަޅުގަނޑުމެންގެ ބެލެންސް އޮފް ޕޭމަންޓާއި އިޤްތިޞާދީ ކަންކަން ނުހަމަވެގެން މިދަނީ، އަޅުގަނޑުމެން ތެޔޮ ބޭނުންކުރާލެއް ގިނަކަމުން. ޚާއްޞަކޮށް، ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން.

އަޅުގަނޑު އަސްލަމް އެއްޗެއް ވިދާޅުވާން ފުރްޞަތެއް އަރުވާނަން. ދެން ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑުމެން ތައްޔާރަށް ތިބި ވާހަކަ ދަންނަވަން.

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް:

ޝުކުރިއްޔާ ރައީސް.

އަޅުގަނޑު ދަންނަވާނީ މި އުފެދުނު ކައުންސިލްގެ މާނައަކީ، ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް އަދި ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެންނަށް ހުރި ނުރައްކާތަކަށް ސަރުކާރުން އަހަންމިއްޔަތުކަންދޭ މިންވަރު ރަމްޒުކޮށްދޭ ކަމެއް. މިފަދަ ކައުންސިލެއްގެ ބޭނުމަކީ، ހަމަ އެންމެ ހައި ލެވެލްގައި، ސަރުކާރުގެ ހަމަ އެންމެ އިސް ސަފުގައި ސިޔާސަތުތައް ކަނޑައެޅުމުގައި ތިމާވެށްޓާ ރަށްޓެހިގޮތަށް ކަންތައްތައް ބެހެއްޓުން. ތިމާވެށްޓަށް އަންނަ ހުރި ނުރައްކަލުގެ ވާހަކަ، މީގެކުރީގައި އަޅުގަނޑުމެން ވަރަށް ގިނައިން ދައްކަން. އަޅުގަނޑުމެން ގެނބި ދަނީއޭ ކިޔައިގެން ދުނިޔޭގެ އެކި ފޯރަމްތަކުގައި ވަރަށް ގިނައިން އެވާހަކަތައް ދެކެވިއްޖެ. މިހާތާކަށެއް ޢަމަލީގޮތުން އަޅުގަނޑުމެންނަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތް. މިހާރު މި ސަރުކާރުގެ ސިޔާސަތަކީ، އަޅުގަނޑުމެން ނުކުންނާނަމޭ އިސް ސަފަށް. ނުކުމެ އަޅުގަނޑުމެން ޢަމަލީގޮތުން ދައްކައިދޭނަމޭ، އަޅުގަނޑުމެން މިތިބީ މިކަމުގައި ކުރިއަށްދާށޭ. މިމަސައްކަތުގައި އަޅުގަނޑުމެންނޭ ތިބޭނީ އެންމެ ކުރީ ސަފުގައި. އެއީ، އެންމެ ފުރަތަމަ ހަލާކުވެގެންދާ ޤައުމުތަކުގެ ތެރޭގައި ނަން ކިޔޭ އެއްޤައުމު އަޅުގަނޑުމެންނަކީ. އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަލާމަތާށްޓަކައި ކަމެއް ނުކުރާހާހިނދަކު އެހެން ބަޔަކު ކަމެއް ކުރާނެ ކަމަށް ގަބޫލުކުރާކަށްވެސް ނުވާނެ. އެހެންވީމާ، އެގޮތުން އެންމެ އިސް ސަފުގައި ތިބުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، ސަރުކާރަށް ލަފާ ދިނުމުގައި މިފަދަ ކޮމިޓީއެއް އުފެދިގެން މިދަނީ. މި ކޮމިޓީގައި މިތިއްބެވީ، ހަމަ މިވަގުތު ދިވެހިރާއްޖޭގައި ހަމަ ޔަޤީނުންވެސް ތިއްބެވި މިކަމުގެ އެންމެ ފުންނާބު އުސް ބޭފުޅުން. އޭގެތެރޭގައި، އެބަ ހިމެނިވަޑައިގަންނަވާ ތިމާވެށީގެ ރޮނގުން ހަމަ ޑޮކްޓަރޭޓް ހައްދަވާފައި ތިއްބެވި ވަރަށްގިނަ ބޭފުޅުންނާއި، އަދިވެސް، ޖައްވަށް އަޅުގަނޑުމެން މި ދޫކުރާ ވިހަ ގޭސްތައް އެ ޕްރޮޑިއުސް ކުރާ ބައެއް ސެކްޓަރތައް، މިސާލަކަށް ހަކަތަ އުފައްދާ ދާއިރާގެ ބޭފުޅުންނާއި، އަދިވެސް ތިމާވެށީގެ ސަބަބުން ދުނިޔޭގެ މޫސުމަށް މިއަންނަ ބަދަލާއި، އޭގެ ސަބަބުން، ދުނިޔޭގެ ތިމާވެށްޓަށް ކުރާ އަސަރުގެ ސަބަބުން، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް ނުކުންނާނެ މައްސަލަތައް ދެނެގަނެ، އެކަމާ ބެހޭގޮތުން މިހާތަނަށްވެސް ވަރަށް މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުން އެބަތިއްބެވި. އެހެންވީމާ، ޔަޤީނުންވެސް ވަރަށް ޤާބިލް ކޮމިޓީއެއް އަޅުގަނޑުމެންނަށް މިއުފެދުނީ.

ދެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން، މިކަމަށްޓަކައި ރާއްޖެއިން ބޭރުގައިވެސް އަޅުގަނޑުމެންނަށް ހަމަ ސައިންޓިފިކް ކޮމިއުނިޓީގެ ތެރެއިން ބައެއް ބޭފުޅުން އެބަތިއްބެވި އެހީތެރިވެދެއްވުމަށް ތައްޔާރަށް. ދެން އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރަނީ، މިކަމުގައި އަޅުގަނޑުމެންނަށް މިދެވެނީ ރަނގަޅު މަގުންނޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަ މިތިބަ ގޮތަށް ޖަޒީރާ ޤައުމެއް ގޮތަށް އަޅުގަނޑުމެންގެ މުސްތަޤްބަލުގައި ދަރިންގެ ދަރިން، ދަރިންގެ ދަރިންނާ ހިސާބުގައިވެސް ހަމަ ތިބޭނަމޭ. ޝުކުރިއްޔާ.

ފާޠިމަތު މައިޝާ – ވީ.ޓީ.ވީ:

ވިދާޅުވެއްޖެ، ސައިންޓިފިކް ކޮމިޓީއެއް ރާއްޖެއިން ބޭރުގައި އެހީތެރިވެދެއްވަން ތިއްބެވި ވާހަކަ. އެމީހުންގެ ދައުރު ކޮންމެވެސް ވަރަކަށް ވިދާޅުވެދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެތިން ކަމެއް އަޅުގަނޑުމެންނަށް އެބަވާންޖެހޭ. ފުރަތަމަ ކަމަކީ، ދުނިޔެއަށް ވަމުންދާގޮތާއި، މޫސުމަށް އަންނަ ބަދަލާއި، މިކަން ދިމާވާ ސަބަބުތަކާއި، މިކަންކަން އެބަ އަޅުގަނޑުމެންނަށް ރަނގަޅަށް ސާފުކޮށް އެނގެންޖެހޭ. އަދި ޚާއްޞަކޮށް، ސިޔާސީ ވެރިންނަށް އެބަ މިކަންކަމުގެ މަޢްލޫމާތު ފުރިހަމައަށް ލިބެންޖެހޭ. އަދި މިކަމާގުޅޭގޮތުން އެހެން ގޮތްގޮތަށްވެސް ވިސްނާ އުޅޭ މީހުންނަށްވެސް މިއީ، ދުނިޔޭގައި މިވަގުތު ހިނގާ ކަމެކޭ. ދުނިޔެއަށް މިވަނީ މިގޮތަށޭ، މި މަޢްލޫމާތު އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ ރަނގަޅަށް. އަދި އަޅުގަނޑުމެންނަށް އެހެން ބަޔަކު މަޢްލޫމާތެއް ދިނީމާ، އެ މަޢްލޫމާތުވެސް އަޅުގަނޑުމެންނަށް އެބަޖެހޭ ރަނގަޅަށް އޮޅުންފިލުވައި ހެދެން. އެހެންވީމާ، ބޭރުން އަންނަ ސައިންޓިސްޓުންވެސް ޙަޤީޤަތުގައި ހަމަ އެއްކަމެއް މިކުރަނީ، ދިވެހި ސައިންޓިސްޓުންނެކޭ. ދެން އަޅުގަނޑުމެންނަށް މިހާރު މިސާލަކަށް، ބޭރުން ސައިންޓިސްޓުންގެ ލަފައެއް އަޅުގަނޑުމެން މިހޯދަނީކީއެއް، ދިވެހި ސައިންޓިސްޓުންނަށް މިކަމުގައި ލިބިފައި ހުރި މަޢްލޫމާތު މަދުކަމަކުންނެއް ނޫން. އެހެންނަމަވެސް، އެބޭފުޅުންގެ ޤައުމުތަކުގައި އެކަމާކަމާ ގުޅޭގޮތުން ހިނގަމުންދާ އޮއިވަރުތަކުގެ އަލީގައި، އެބޭފުޅުންނަށް އަޅުގަނޑުމެންނަށް ދެއްވޭނެ މަޢްލޫމާތެއް ދެއްވުމަށްޓަކައި.

ޢަލީ ރިޟުވާން – ޓެލެވިޜަން މޯލްޑިވްސް:

އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ދިވެހިރާއްޖެއަށް ތިމާވެށީގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކައަކީ، މިއީ އަޅުގަނޑުމެންނަށް ތާއަބަދު އިވެމުންދާ ވާހަކައެއް. ކުރީގެ ސަރުކާރުންވެސް ބައެއް ފޯރަމްތަކުގައި، ގިނަ ފޯރަމްތަކުގައި ބައިވެރިވެ މިވާހަކަ ދައްކަވާ. ދެން މިހާރު އަޅުގަނޑުމެންނަށް މިފެނިގެންދިޔައީ، އެޑްވައިޒަރީ ކައުންސިލެއް މިކަމާ ގުޅިގެން އުފައްދަވައި، ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންނާއި އަދި ރާއްޖެއިން ބޭރުގެ ސައިންޓިސްޓުން. އަޅުގަނޑު ހިތަށް އަރަނީ، މިވެދާނެ ޖަވާބެއް ދެއްވަން ތަންކޮޅެއް އަވަސް ކަމަކަށް. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ ކިހިނެއްތޯއޭ މީގެ ޢަމަލީ މަސައްކަތް އަޅުގަނޑުމެންނަށް ފެނިގެންދާނީ. އަދި އެޑްވައިޒަރީ ކައުންސިލެއް މި އުފެއްދެވީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިއީ ޢަމަލީ މަސައްކަތަކީ. މިހާރު އަޅުގަނޑުމެން މިކަން ކުރަން ވެގެން މިއުޅޭ ގޮތަކީ:

އަޅުގަނޑުމެން މި ގަބޫލުކުރަނީ، އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން، މާބޮޑު ކަމެއް ދުނިޔެއަކަށްނުވެޔޭ. އެހެންނަމަވެސް، އެހެން ޤައުމުތައް އެބަތިއްބޭ، އެމީހުން މިކަމުގައި ބައިވެރިވެއްޖެނަމަ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް އަނބުރާލެވިދާނެ ނުވަތަ އެނބުރިދާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެއޭ. އެހެންވީމާ، މި ކައުންސިލްގެ އެންމެބޮޑު އެއް މަސައްކަތަކަށްވާނެ، އެއް މަސައްކަތަކަށްވާނެ އަޅުގަނޑުމެން ކަމެއް ކުރީމާ، އެކަމުގެ މިސާލު އެހެން މީހުން ނެގުން. އެހެންވީމާ، އަޅުގަނޑުމެން އެކަން ކުރުމަށް، މިސާލަކަށް އަޅުގަނޑުމެން ކުރާނެ އެއްކަމަކީ، އަޅުގަނޑުމެން ރާއްޖޭގައި އުފައްދާ ހަކަތަ، އެ އިޢާދަކުރެވި ހަކަތައަށް، އެހެންނޫނީ ރިނިޔުބަލް އެނަރޖީއަށް ބަދަލުކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން. އެބާވަތުގެ އިންވެސްޓްމަންޓްތަކަށް އަޅުގަނޑުމެން ދިޔުން. އެހެންވީމާ، ތިޔަ އެއްސެވި ސުވާލަކީ، ކޮންއިރަކުންތޯއޭ ވިންޑް މިލްއެއް އަޅުގަނޑުމެން ޖަހާނީ. ނުވަތަ ކޮންއިރަކުންތޯއޭ އަޅުގަނޑުމެން ސޯލަރ ޕެނަލެއް ތަނެއްގައި ހަރުކުރާނީ. އޭގެ ޖަވާބު ކަމަށްވަނީވިއްޔާ، އަޅުގަނޑަށް ޖެހޭނީ އަޅުގަނޑުމެން މިހާރު މި އިންތިޒާމު ކުރަމުންދާ އަޅުގަނޑުމެން ރާވަމުންދާ މަޝްރޫޢުތައް ތިޔަބޭފުޅުންނަށް އޮޅުންފިލުވައިދޭން. އޭގެތެރޭގައި އަޅުގަނޑުމެން އެބަ ވާހަކަ ދައްކަން، މިކަމުގައި މިހާރު ދުނިޔޭގައި މިމަސައްކަތް ހިންގަމުންދާ ކުންފުނިތަކާ އަދި ވަރަށްގިނަ ކުންފުނިތަކުގެ ޝައުޤުވެރިކަން އެބަހުރި ދިވެހިރާއްޖޭގައި އެމީހުންގެ އިންވެސްޓްމަންޓްތައް ހިންގުމަށް. އަދި އެބާވަތުގެ ހަކަތައިން ރާއްޖެއަށް ޚިދްމަތް ދިނުމުގެ ވިޔަފާރި މިތަނުގައި ފަށައިގަތުމަށް. އެތައް ގޮތަކުން އެބޭފުޅުންނަށް އެކަހަލަ ކަމެއް ކުރުމަށް މިތަން ރަނގަޅު ތަނަކަށްވޭ. އެއްކަމަކީ، ދުނިޔޭގެ ނަޒަރު ދިވެހިރާއްޖެ މެދުވެރިކޮށް އެބޭފުޅުންގެ ވިޔަފާރިއަށް ހުއްޓޭނެކަން. އެއީ މި ރާއްޖޭގައި ކުރާ ކަމެއް މިހާރުދާނީ ދުނިޔެއަށް އެނގެމުން. ޚާއްޞަކޮށް، މިމަގުން ކުރާ ކަމެއް. ދެން އަނެއް ކަމަކީ، އެހެން ބާވަތްބާވަތުގެ ހަކަތަ އެންމެ ގިނައިން ލިބޭ އެއްތަން ކަމަށް މީހުން ބުނާ ތަނެއް މި ދިވެހިރާއްޖެއަކީ. އަވިދޭ ކަމަށްވަނީ.

މިއުސަމް ޢައްބާސް – ޖަޒީރާ ޑެއިލީ:

ކޮށްލަން ބޭނުންވާ ސުވާލަކީ، ބޭރުގެ ސައިންސްވެރިންގެ ކޮމިޓީއެއްވެސް އެކުލަވާލެވުނު ވާހަކަ ވިދާޅުވެއްޖެ. އެހެން ނަމަވެސް، އެކޮމިޓީގައި ހިމެނެނީ ކޮން ޤައުމުތަކެއްގެ ބޭފުޅުން ކަމެއް އަދި ނޭނގެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު އިނގިރޭސިވިލާތަށް އެބަދަން އިނގޭތޯ. ގޮސް އެބޭފުޅުންގެ ނަންތައް ހަމަ މިބާވަތުގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ބާއްވައި، އިނގިރޭސި ނޫސްވެރިންނަށް އިރާދަކުރެއްވިއްޔާ އެމަޢްލޫމާތު އަޅުގަނޑު އަރުވާނަން.

މިއުސަމް ޢައްބާސް – ޖަޒީރާ ޑެއިލީ:

އަޅުގަނޑު މީގެއިތުރަށް ކުރަން ބޭނުންވާ އަނެއް ސުވާލަކީ، މިހާރު މީގެކުރިންވެސް ދިވެހިރާއްޖޭގައި ވަނީ ތަފާތު ގޮތްތަކުން މި އެނަރޖީ ބަދަލުކުރުމަށް ސަރވޭތަކެއް ކޮށްފައި. އެހެންވީމާ، ތިޔަބޭފުޅުން ބޮޑަށް ބޭނުންފުޅުވަނީ ކޮންގޮތަކަށްތޯ؟ ވިންޑް އެނަރޖީތޯ؟ ނޫނިއްޔާ ލައިޓް އެނަރޖީތޯ ތިޔަބޭފުޅުން ބޭނުންކުރައްވަން މިހާރު ވިސްނާވަޑައިގަންނަވަމުންދަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސައިންސްވެރިން އަޅުގަނޑުމެންނަށް ލަފާއަރުވަނީ، ހުރިހާ ބާވަތެއް އެއްކޮށްގެންނޭ މިހާރު ބުއްދިވެރީ މިކަމާ އުޅުން. އެހެންވީމާ، ވަކި ސީދާ އެއްބާވަތަކަށް ދިޔުމެއް ނޫން ބޮޑަށް މިބޭފުޅުން ލަފާއަރުވަނީކީ. އެހެންވީމާ، އަޅުގަނޑުމެންނަށް އެ ދެވެންހުރި ދިމާއަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންދާނީ. އެކަމުގައި ސައިންސްގެ ލަފާގެ މައްޗަށް ބުރަވެ ތިބެ.

ޖާދުﷲ ސަޢީދު – ހާމަނޫސް:

މިހާރު އަޅުގަނޑުމެން މިދައްކަނީ ކާރބަން ނިއުޓްރަލައިޒޭޝަންގެ ވާހަކަ ދިވެހިރާއްޖޭގައި. އަޅުގަނޑުމެން މިފަދަ ވާހަކައެއް ދައްކާއިރު، ޖައްވުގައި ހުރި ކާރބަން އަޅުގަނޑުމެން ސާފުކުރުމުގެ ވާހަކަ ދައްކަމުންދާއިރު، މިކަމަށް އެންމެ މުހިންމު އެއްކަމަކަށް މިވަނީ ގަސް ހެއްދުން. ދެން އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ސްކެންޑެނޭވިއާ އާއި ނޯތް އެމެރިކާ ފަރދަސްޓް ނޯތްގައި އަދި ކޮސްޓަރިކާގައި 2012 ވަނަ އަހަރަށް އެމީހުންވެސް ލަނޑުދަނޑިއެއް ކަނޑައަޅާފައި މިއޮތީ، ކާރބަން ނިއުޓްރަލައިޒް ޤައުމެއްގެ ގޮތުގައި އެމީހުން ފާހަގަކުރުމަށް. އަޅުގަނޑު ހިތަށް އަރަނީ، އަޅުގަނޑުމެންގެ ޖައްވު އަޅުގަނޑުމެންނަށް އަދި އެހާވަރަށް ތަޣައްޔަރުވީ ކަމަށް އަޅުގަނޑުމެންނަކަށް ގަބޫލެއްވެސް ނުކުރެވެއޭ. އަޅުގަނޑުމެންވެސް އެވާހަކަ އެބަ ދައްކަމު. އެހެންނަމަވެސް، އަޅުގަނޑުމެން ކަނޑު ފަޅު ތަޣައްޔަރުވަމުންދާ ކަމަށް އަޅުގަނޑުމެން އެބަ ވާހަކަ ދައްކަމު. އަޅުގަނޑުމެންގެ ގަސްކަރަ ގޯސްވަމުންދާ ވާހަކަ އަޅުގަނޑުމެން ދައްކަމު. މިހެންވީމާ، ކާރބަން މަދުކުރުމަށް އެންމެ މުހިންމު އެއްކަމަކަށް ސައިންޓިސްޓުން މި ވިދާޅުވަނީ، ގަސްގަހާގެހި ގިނަކުރުމޭ. އޭގެއިތުރަށް، ދެން މިއޮންނަ ކަމަކީ، އަޅުގަނޑުމެންގެ އަތުގައި ހުރި ދުނިޔޭގެ ޢަޖާއިބުތަކުގެ ތެރެއިން އެއް ޢަޖާއިބެއް ކަމުގައިވާ ކަނޑޫފާ ކަހަލަ ވަރަށް ރީތި ރާއްޖޭގެ ޤުދުރަތީ ކަނޑުގައި ލެއްވި ޚަޒާނާތަކާ އެއްޗެހި. މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ރައްކާތެރިކޮށް ދެމެހެއްޓުންބާއޭ މީގައި އަޅުގަނޑުމެންނަށް އެންމެ ރައްކާތެރިކަން ބޮޑު އެއްގޮތަކީ.

ދެން އަނެއް ކަމަކީ، އަޅުގަނޑަށް ކުޑަކޮށް ވާހަކަ ދައްކަން އެބަ އުނދަގޫވޭ. މި މައުޟޫޢުގެ ގޮތުން އިނގޭތޯ. އާދެ! މިއީ ވަރަށްބޮޑު ޢިލްމީ ފަލްސަފާއެއް މީގެތެރޭގައި އޮތުމާއެކީގައި. ދެން އަޅުގަނޑުމެން ހިތަށްއަރަނީ، އަޅުގަނޑުމެން އިކޯ ޓޫރިޒަމް ތެރޭގައި އަޅުގަނޑުމެން ބާއްވައިގެން، މިއަށް ފަންޑިންގވެސް އެބަ ހޯދަންޖެހޭ އަޅުގަނޑުމެން މިފަދަ ކަމެއް ކުރާއިރު. ދެން އަޅުގަނޑުމެންގެ ރާއްޖެ ޤުދުރަތީގޮތުން އުފެދިފައި އޮންނަ ގޮތުން، ބައެއް ހިސާބުތައް އަޅުގަނޑުމެންގެ ރާއްޖޭގައި އެބަހުރި، ދުނިޔޭގެ އެހެން ތަންތަނާ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެއްތަނުން އަނެއްތަނާ ވަރަށް ބޮޑަށް ތަފާތު ތަންތަން. މިހެން އޮތްއިރުގައި އަޅުގަނޑު ހިތަށްއަރަނީ، މިފަދަ ކަންތައްތައް އަޅުގަނޑުމެން މިގޮތަށް ކުރުންބާއޭ ރަނގަޅީ. ނުވަތަ އަޅުގަނޑުމެން ކާރބަން ނިއުޓްރަލައިޒޭޝަނަށް މިގޮތަށް މަސައްކަތްކޮށް ރިނިއުބަލް އެނަރޖީއެއް ކަނޑުގެ އަޑިންވެސް އަޅުގަނޑުމެންނަށް އެބަ އޯޝަން ކަރަންޓް ބޭނުންކޮށްގެންވެސް އެބަ އުފެއްދޭ. އަދި އަލަށް މި ޓެކްނޯލޮޖީ ތަޢާރުފުވަމުންނޭ މި އަންނަނީ. އަދި މުޅިން ތަޢާރުފެއްނުވެއޭ. އެހެންވީމާ، އެނަރޖީއެއް އަޅުގަނޑުމެން ބޭނުންކުރާއިރުގައި، އެކަހަލަ އެނަރޖީއަކަށްދާ ވާހަކަ އަޅުގަނޑުމެން ދެއްކުމުގެ ބަދަލުގައި، އަޅުގަނޑުމެން މި ކާރބަން ނިއުޓްރަލައިޒޭޝަނަށް އަޅުގަނޑުމެން މިކުރަން ހުރި ކަންތައްތަކާއި، މިކަންކަމަށް ފަންޑިންގ ހޯދާނެގޮތާއި، މިކަންކަމުގައި އަޅުގަނޑުމެން ބޭނުންކުރާނެ ގޮތްތަކަކާއި، އަޅުގަނޑުމެން އުޞޫލުތައް ކަނޑައަޅައި، މިތާނގައި ކިހާވަރަކަށް އަޅުގަނޑުމެންނަށް އެކަން ކުރިއަށްދާން ޔުނިވަރސިޓީއެއްފަދަ ތަނެއް، އެކަހަލަ ތަނެއް އުފެދިދާނެތޯ؟ ކިހިނެއްތޯ މިކަންތައްތައް އޮތީ އަޅުގަނޑަށް ސާފުކޮށްލަދެއްވަފާނަންތޯ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު:

ޝުކުރިއްޔާ އިނގޭތޯ. ތިޔަކުރެއްވި ސުވާލުގެ ޖަވާބުގެ ގޮތުންވެސް ވަރަށްބޮޑު އެއްޗެއް ވިދާޅުވެއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، ޝުކުރިއްޔާއޭ މިދެންނެވީ. ކާރބަން ނިއުޓްރަލައިޒް ކުރުމަށްޓަކައި ކުރަންހުރި ކަންތައްތައް ތިޔަވިދާޅުވިހެން އެކަމުގެ އުޞޫލުތަކާއި، އެކަމުގެ ލަނޑުދަނޑިތަކާއި މިއެއްޗެހި ޤާއިމު ކުރުމަކީ، އެއީ މިހާރު މިއުފެއްދެވި ކޮމިޓީގެ އެއް ވާޖިބު. ދެން ތިޔަވިދާޅުވިހެން އަޅުގަނޑުމެންނަށް ކުރެވެންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. މީގައި ކާރބަން ނިއުޓްރަލައިޒް ކުރުމަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކާރބަން މުޅިން ބޭނުން ނުކުރުމެއްވެސް ނޫން. އެއީ، ދުނިޔޭގެ ފެންވަރުގައި މުޅި އާރތަށް ބަލާފައި އަޅުގަނޑުމެން ވިސްނަން ޖެހޭނީ. މިހާރު އެއްޤައުމު އަނެއް ޤައުމާ ގުޅި ލާމެހިފައި މިއޮތީ. ޖައްވަކީ ގުޅިފައި އޮތް އެއްޗެއް. އެހެންވީމާ، އެއްޤައުމަކުން ކުރާ ކަންތައްތަކުގެ އަސަރު އަނެއް ޤައުމަކަށްވެސް ކުރާނެ. އަޅުގަނޑުމެން އުފައްދާ ކާރބަން އޮފްސައިޓް ކުރެވޭވަރަށް، އަޅުގަނޑުމެންނަށް އެ ނިއުޓްރަލައިޒް ކުރެވޭވަރަށް އަޅުގަނޑުމެންގެ ޢަމަލުތައް ގެންދެވުމުން، އަޅުގަނޑުމެންނަށް މިކަނޑައެޅި ދިހަ އަހަރު ދުވަހުގެ ތެރޭގައި އެކަން ޙާޞިލު ކުރެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ މިހާރު އެބައޮތް. ތިޔަވިދާޅުވިހެން، ބައޯމާސް ގިނަކުރުމަށްޓަކައި އަޅުގަނޑުމެން އިތުރަށް ގަސް އުފެއްދުމާއި، މިހެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އެކަމަށްޓަކައިވެސް އަޅުގަނޑުމެން އެބަޖެހޭ މިހާރު ރޭވުންތަކެއް ރާވަން. ކިހާވަރަކަށްތޯ ބައޯމާސް އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން ފިޔަވަޅުތައް އަޅަންޖެހެނީ. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރުވެސް ކޮންމެވެސް ވަރަކަށް ރާއްޖޭގެ ބައެއް ފަރާތްތަކުން މިމަސައްކަތް އެބަ ކުރައްވަމުން ގެންދަވާ.

ޓޫރިޒަމް ސެކްޓަރގެ ވާހަކަ ވިދާޅުވި. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ހަމަގައިމުވެސް އެއްރިޒޯޓް، އެއްއަހަރު ދުވަހުގެ ތެރޭގައި، ކާރބަން ނިއުޓްރަލައިޒް ކުރާނެ. ހަމަ އެއީ ވަރަށްބޮޑު މިސާލެއް. އެހެންވީމާ، އެގޮތަށް ހަމަ އެހެން ރިޒޯޓްތަކަށްވެސް ހަމަ އެއީ މިސާލެއް ކަމުގައި ދެކިގެން، ކާރބަން ނިއުޓްރަލައިޒް ކުރުމުގެ ޕްރޮގްރާމެއް، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ގެންގޮސް، ދިވެހިރާއްޖޭގެ ޓޫރިޒަމަކީ، އިކޯ ފްރެންޑްލީ ކާރބަން ނިއުޓްރަލް ޓޫރިޒަމަކަށް ހެދޭނެ ކަމުގެ އުންމީދު އަޅުގަނޑުމެންގެ އެބައޮތް.
ދެން ގަސް އިންދުމުގައިވެސް ތިޔަވިދާޅުވިހެން ބައެއް ގަސް އެބަހުރި ކާރބަން ބޮޑަށް އެބްޒޯބް ކުރާ ވައްތަރުގެ ގަސް ގަސްވެސް. އެހެންވީމާ، ތިޔަވިދާޅުވީ އަޅުގަނޑުމެންނަށް އަދި މާބޮޑަކަށް ރިސާރޗް ހެދިފައެއް ނެތްކަންނޭނގެ ރާއްޖޭގައި ހުރި ގަސްތަކުގެ ތެރެއިން ކިހާވަރަކަށް ކަމެއް އެ ކާރބަން އެބްޒޯބް ކުރުމުގެ ބާރު ހުރީ. ދެން އަޅުގަނޑުމެންނަށް ލިބިފައިވާ މަޢްލޫމާތުގައި، ބެމްބޫ މިއީ ވަރަށް ބޮޑަށް ކާރބަން އެބްޒޯބް ކުރާ އެއްޗެއް. އެގޮތުން އެހެންވީމާ، އެ ވީހާވެސް ގިނަކޮށް އިންދައި ހެއްދުމަކީވެސް އެއީ ބޭނުންތެރި ކަމަކަށް ވެދާނެ. އަދި އެކަހަލަ އެހެން ގަސްގަހާގެހިވެސް ހުރުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، މިދެންނެވި ކަހަލަ ކަންތައްތައް ބަލައި، ދިރާސާކޮށް އަދި އެކަމާ ބެހޭގޮތުން އަޅުގަނޑުމެން ރާވަންޖެހޭ ރޭވުންތައް ރޭވުމުގައި ލަފާއަރުވާ ކޮމިޓީއެއް މިހާރު ރައީސް އުފެއްދެވީ.

ޖާދުﷲ ސަޢީދު – ހާމަނޫސް:

އަޅުގަނޑު ކުރި ސުވާލުގެ ކުޑަކުޑަ ތަންކޮޅެއް އެބައުޅޭ. މިފަދަ ކަމެއް ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާއިރު، އަޅުގަނޑަށް ހީވަނީ ކޮންމެވެސްވަރަކަށް ޤާނޫނުތަކެއްވެސް މީގެތެރެއަށް އެބަ ހެދެންޖެހޭހެން. މިހާރު ދުނިޔޭގައި ވަރަށް ބާރަށް ހިނގަމުންދާ ވާހަކައެއް. ކާރބަން ޓްރޭޑިންގ އިނގޭތޯ. ދެން އެހެންވީމާ، އެކަހަލަ އިންފުލުއަންސްތަކާ އެއްޗެހި ދުނިޔޭގެ އެކިހިސާބުން އެކިގޮތްގޮތަށް އެކިޒާތުގެ މީހުން، އެކި ފަރާތްތަކުންވެސް ކުރަމުން ގެންދާނެ. އަޅުގަނޑުމެންނަށްވެސް އޭގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ކަމަށްވާނަމަ، އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ އަޅުގަނޑު ލަފާކުރާގޮތުން މިކަހަލަ ކަންތައްތައް ކޮންމެވެސް ވަރަކަށް ހިފެހެއްޓޭނެ ޤާނޫނުތަކަކާއި، މިކަހަލަ ކަންތައްތަކެއްވެސް. އެހެން ކަމަށްވާނަމަ، އަޅުގަނޑުމެންނަށް ކޮންކޮންކަހަލަ ކިހާވަރަކަށް އެކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ރައްކާތެރިކޮށް ހިފެހެއްޓޭނެވަރުގެ ޤާނޫނުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދާނެތޯއޭ؟ އަދި މިނޫނަސް މިފަދަ ކަނޑުފަޅާއި ގަސްގަހާގެހީގެ ވަރަށްގިނަ ޤާނޫނުތަކެއް ހަދަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭތީ އެހެންވީމާ ދަންނަވާލީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތެދުފުޅެއް އިނގޭތޯ. ވަރަށްގިނަ ބޭފުޅުން މިހާރު ޤާނޫނު މަދު ވާހަކަ ވިދާޅުވޭ. ދެން އޭގައި ޤާނޫނުތައްވެސް އެބަ ބޭނުންވޭ. އެހެންނަމަވެސް، މިހާރު ހުރި ގާނޫނުތައް މަދެއް ނޫން. އަޅުގަނޑުމެންނަށް އެ މައްޗަށް ޢަމަލު ކުރެވިއްޖިއްޔާ މި ރާއްޖޭގައި އަޅުގަނޑުމެންގެ މުޖްތަމަޢު ހަމަ ރިވެތި ގޮތުގައި ކުރިއަށްދާނެވަރަށް އަޅުގަނޑުމެންގެ ޤާނޫނު އެބަހުރި. ދެން އަޅުގަނޑުމެން އިތުރަށް ބޭނުންވާ ޤާނޫނުތައް، ތިޔަ ވިދާޅުވާހެން އަޅުގަނޑުމެން ހަދަމުން ގެންދާނަން. ސީދާ އަޅުގަނޑުމެންނަކަށް އަދިއެއް ޖައްވަށް ފޮނުވާ ދުން މަދުކުރާނެ ޤާނޫނެއް، ނުވަތަ ޤާނޫނީގޮތުން އެކަން ކުރުމަކަށް އަޅުގަނޑުމެން ރާވާފައެއް ނެތް. އަދި މި ކުރިއަށް އޮތް އަހަރު، ދެއަހަރު ތެރޭގައި އަޅުގަނޑުމެން އެކަން ކުރާކަށެއްވެސް އެހެނެއް ނޫން އަޅުގަނޑުމެން އެކަމުގައި މިއުޅެނީކީއެއް. ޤާނޫނީގޮތުން މަނާކޮށްގެން އެކަން ކުރުމެއް ނޫން މީގައި މުހިންމީކީއެއް. މީގައި މުހިންމީ އަޅުގަނޑުމެން ސަރުކާރުން ހިންގާ ސިޔާސަތުތައް އެމަގަށް ގެންދިޔުމާއި، ދެން އަމިއްލަ ފަރާތްތައްވެސް އެމަގަށް މަސައްކަތް ކުރުމަށް. ޙަޤީޤަތުގައި މީހަކުގެ ކިބައިން ރަނގަޅު ނަތީޖާއެއް މިލިބެނީ، އޭނާ ދެކޭގޮތުގައި އޭނާއަށް ހިތުގެ އަޑިން ކަމެއް ގަބޫލު ކުރެވިގެން، އޭނާ އެމަގަށް ދިޔައީމާ. ދެން ޤާނޫނީ މަގު، އެމަގުގައި ހުރީމާ އޭނާއަށް މަޖުބޫރުވެސްވޭ. ދެން ހިތުގެ އަޑިން ގަބޫލުކުރަންވެސް އޭނާއަށް ފަސޭހަ. އެކަންކަންވެސް އަޅުގަނޑުމެން ގަބޫލުކުރަން. ހަމައެއާއެކީގައި، ޤާނޫނުއަސާސީ ރައްޔިތުންނަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް ޙިމާޔަތް ކުރުމަކީވެސް، ވަރަށް މުހިންމު ކަމެއް. އަދި ތިމާވެށި ޙިމާޔަތް ކުރުމަކީވެސް، މިހާރުގެ ޤާނޫނުއަސާސީ ސަރުކާރުގެ މައްޗަށް ލާޒިމު ކުރާ ކަމެއް.

ޢާއިޝަތު ޢައްބާސް – ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުގެ ސުވާލަކީ، ދާދިފަހުން ސައިންޓިސްޓުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވޭ، ދުނިޔެއަށް ހޫނުވެ ޖަޒީރާ ޤައުމުތައް ނެތިގޮސްފާނެ ކަމަށް. މިފަދަ ޙާލަތަކަށް ރާއްޖެ ހިނގައްޖެނަމަ ކުރާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މީޑިއާ ތެރޭގައިވެސް ވާހަކަތަކެއް ދެކެވުނު. ދެން މިފަދަ ޙާލަތަކަށް ރާއްޖެ ހިނގައްޖެނަމަ ކުރާނެ ކަންތައްތަކެއް ރޭވިފައި އެބައޮތްތޯއޭ؟ ދެން މި ރިޕޯޓާ ގުޅޭގޮތުން މަނިކުފާނު ވިދާޅުވަނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުގެ ހިތުގައި އަޅުގަނޑު މިއުފައްދާ ސުވާލަކީ، ސަރުކާރުގެ ސިޔާސަތު ބިނާވެފައި އޮންނަން ޖެހޭނީ، އަޅުގަނޑު ކަންކަމާ ގުޅޭގޮތުން ދެކޭގޮތުގެ މައްޗަކަށެއް ނޫނޭ. ސަރުކާރުގެ ސިޔާސަތު ބިނާވެފައި އޮންނަންޖެހޭނީ، ކުރިއަށް އޮތް ޖީލުތަކަށް މިއަދަށްވުރެ ރަނގަޅު ދުނިޔެއެއް، ރަނގަޅު ދިރިއުޅުމެއް، ރަނގަޅު މާޙައުލެއް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ ގޮތަކަށޭ. ކަމެއް ދަމެއް ދިމާވެގެން އަޅުގަނޑުމެންގެ ރައްޔިތުން މުސްތަޤްބަލުގެ ކޮންމެވެސް ދުވަހެއްގައި، އެއީ އަޅުގަނޑުމެންގެ ކާފަ ދަރިންނަށްވެސް ވެދާނެ. އުޅެގަންނައިރެއްގައި، އެމީހުންނަށް އުޅެގަނެވޭނެ މަގުތައް އަޅުގަނޑުމެން ޖެހޭނެއޭ ކޮށާދީފައި ބަހައްޓަން. އެއީ، ޕެންޝަން، ސޮވްރިންގ ފަންޑެއް މެދުވެރިކޮށްގެން އެކުލަވާފައި އޮތް މަގަކަށްވިޔަސް ނުވަތަ އަދި އެހެން ބާވަތެއްގެ އެހެން މުއައްސަސާއަކުން، ޤާނޫނަކުން ކަމުގައިވިޔަސްވެސް އަދި ފަލްސަފާއަކުން ކަމުގައިވިޔަސްވެސް ވިސްނުމުގެ ރޮނގަކުން ކަމުގައިވިޔަސްވެސް އަޅުގަނޑުމެންގެ ވާޖިބެކޭ އެއީ، އަންނަން އޮތް ޖީލުތަކަށް ދަތުރުކުރެވޭނެ، ބޭނުންކުރެވޭނެ ގޮތަށް މަގުތައް ކޮށާފައި ބެހެއްޓުން. އަޅުގަނޑަކަށެއް އަދި އަޅުގަނޑު ހިތުން މި ސަރުކާރަކަށް ނޭނގެ، މީގެ ސަތޭކަ އަހަރު ފަހުން ދުނިޔޭގެ ކަންތައްތައް ހިނގާނެ ގޮތެއް. އަދި ދިވެހިރާއްޖޭގެ ރައްޔިތުން ކަންކަމާ ގުޅޭގޮތުން ދެކި ޢަމަލު ކުރާނެ ގޮތެއްވެސް ނޭނގެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް އަޅުގަނޑު މިދެކެނީ، ސަތޭކަ އަހަރު ފަހުންވެސް ތިބޭ ބަޔަކު ޢަމަލު ކުރުމަށް ވީހާވެސް ގިނަ މަގުތަކެއް، ފުރްޞަތުތަކެއް ހުޅުވާފައި ބެހެއްޓުން. އެހެންވީމާ، އަޅުގަނޑުމެންގެ މިއަދުގެ ސިޔާސަތު ބިނާ މިކުރަނީ، ސަތޭކަ އަހަރު ފަހަށް ކަންކުރާއިރުގައިވެސް، މިއަދު އަޅުގަނޑުމެން ކުރާ ކަންތައްތައް ބޭނުންކުރެވޭނެ ގޮތަށް.

އާޝިޔަތު މުޙަންމަދު ސަޢީދު– ހަވީރު ނޫސް:

ކާރބަން ނިއުޓްރަލައިޒޭޝަނަށް ބަލާއިރު ވަރަށް ބޮޑެތި ޗޭންޖްތަކެއް ގެންނަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ. މިސާލަކަށް، ޤައުމީ ތަރައްޤީގެ ޕްލޭނަށް. މިއީ، ކިހާވަރަކަށްތޯ އެކަންތައްތަކާ ދޭތެރޭގައި ވިސްނާވަޑައިގެންފައިވަނީ؟ ކިހާވަރެއްގެ ބަދަލެއް ގެންނަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވަންތޯ؟

ދެން އަދި އެހެން ސުވާލެއް އެބައޮތް. ރާއްޖޭގައި ޓްރާންސްޕޯޓޭޝަން، ޚާއްޞަކޮށް، ކަނޑުދަތުރު ފަތުރު ކުރުމުގައި ހަމަ ޑީސަލް އަންދައިގެން މި ބޭނުންކުރަނީ. ދެން ހަމަ ލޭންޑަށް ބެލިޔަސް، މާލޭގައިވެސް ސައިކަލްތަކާއި ކާރު ވަރަށްގިނަ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، ޢާންމުންގެ ލައިފް ސްޓައިލާވެސް ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެކޭ. ޢާންމުންނަށް ދިމާވެދާނެ ބުރައެއް ލުއިކޮށް ދެއްވަން ކޮން ކަންތައްތަކެއްތޯ ކުރައްވާނީ؟

މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް:

ކާރބަން ނިއުޓްރަލްވާން ކޮންމެ ފަރުދަކަށްވެސް ކުރެވޭނެ ކަންތައްތައް ހުރޭ އިނގޭތޯ. އެހެންވީމާ، ކޮންމެހެންނެއް ސަރުކާރަކުން ކަންތައްތައް ލާޒިމު ކުރުވައިގެންނެއް ނޫން މިކަން ހިންގަނީކީއެއް. ޑޮކްޓަރ ވަޙީދު ވިދާޅުވެދެއްވައިފި. ހަމަ އެގޮތަށް ކޮންމެ ފަރުދަކަށްވެސް ތިމާއަކީ އެންމެ ފުރަތަމަ ކާރބަން ނިއުޓްރަލް މީހާ ކަމަށްވާން އެ މަސައްކަތް ކުރުމުގެ ފުރްޞަތު އެބައޮތް. ކޮންމެ ގެއަކީވެސް ކާރބަން ނިއުޓްރަލް ގެއަކަށްވުމުގެ ފުރްޞަތު އެބައޮތް. ކާރބަން ނިއުޓްރަލްވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އޭގެތެރޭގައި، ތިޔަފާހަގަކުރެއްވި ހަމަ ޓްރާންސްޕޯޓް ސިސްޓަމްގެ ތެރޭގައި އެބަހުރި ވަރަށް ގިނައިން ކާރބަން އެމިޓް ކުރާ ވެހިކަލްތަކާއި އަދި އޮޑިދޯނިފަހަރުތައް. އަޅުގަނޑުމެން މިދައްކަނީކީ އެއްވެސް ޙާލެއްގައި ކާރބަން ޒީރޯއަށްދާ ވާހަކައެއް ނޫން. އަޅުގަނޑުމެން ޢާންމު ގޮތެއްގައި ދިރިއުޅުމުގެ ކަންތައްތައް ކުރާއިރު، ކާރބަން އެމިޓް ކޮށްގެން ކުރެވޭ ކަންތައްތައް، ނޫނީ ޙާޞިލު ކުރެވޭ ކަންތައްތައް އެނޫން ގޮތަކަށް ޙާޞިލު ކުރީމާ، ކޮންމެ މީހަކަށްވެސް ކާރބަން ނިއުޓްރަލްވުމަށްޓަކައި އޭރުން މަސައްކަތް މިކުރެވެނީ.

ދެން ޓްރާންސްޕޯޓްގެ ވާހަކަ. މިއަދުގެ ވެހިކަލްތަކުގެ ވާހަކަ ދެއްކެވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވައިފި. ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރު ކުރުމުގެ ބިލް ޤާނޫނަކަށް ހައްދަވައިދެއްވުމަށް، އެ ބިލް ފާސްކޮށްދެއްވައިފި. އޭގައި އެބައޮތް. ފުރްޞަތުދީފައި، ކޮންމެ ރަށަކަށްވެސް ހުންނަ ވެހިކަލްތަކުގެ ޢަދަދާއި، ބާވަތާއި އެކަހަލަ ކަންތައްތައް ކަނޑައެޅުމަށް. ދެން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ކޮންމެ ގޮތެއްވިޔަސް ހަމަ ވެހިކަލްތައްވެސް މަދުކޮށް، އަނެއްކާ އަޅުގަނޑުމެން ސަރުކާރުން މިހާރު ސިޔާސަތެއްގެ ގޮތަށް ކިތަންމެފަހަރަކު އަޅުގަނޑުވެސް މީޑިއާގައި އެކިފަހަރުމަތިން ދަންނަވައިފިން. އަޅުގަނޑުމެން ބޭނުމޭ ހިނގާފައި އުޅޭ ބަޔަކަށް އަޅުގަނޑުމެންވާން އިނގޭތޯ. ޕެޑަސްޓްރިއަނައިޒްޑް ރަށްތަކަކަށް، މިރަށްތައްވާން އަޅުގަނޑުމެން ބޭނުމޭ. އެހެންވީމާ، އެއީ އަޅުގަނޑުމެން ދާން މިއުޅޭ އަމާޒަކީ. އެންމެ ދިމާއަކުންނެއް ނޫން މިކަން ކުރަން މިއުޅެނީކީއެއް. ބައިވަރު ދިމަދިމާއިން މިކަން ކުރަން މިއުޅެނީ. މިކަން ކުރަން މިއުޅެނީ ހަކަތަ އުފެއްދުމާ ދިމާއިން. މިކަން ކުރަން މިއުޅެނީ، އަޅުގަނޑުމެން ގެދޮރު ޑިޒައިން ކުރުމުގައި އެކަންކުރާ ގޮތަށް. އަޅުގަނޑުމެން މިކަން ކުރަން މިއުޅެނީ، އަޅުގަނޑުމެން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާއިރު، އޭގެތެރެއިންލާފައި. އަޅުގަނޑުމެން އުފައްދާ ކުނި ބާވަތްތަކުން އަޅުގަނޑުމެންނަށް އެއިން ހަކަތަ އުފައްދައިގެން. އެހެންވީމާ، ބައިވަރު ކަންތައްތައް ކޮށްގެން މިކަން ކުރަން މިއުޅެނީ. އަދި އޭގެއިތުރުން ހަމަ ގަސްވެސް ހައްދައިގެން. އެހެންވީމާ، މިކަން މިއީ އަޅުގަނޑުމެންނަށް ހަމަ ޙާޞިލު ކުރެވޭނެ ލަނޑުދަނޑިއެއް މިއީ. މިކަމުގައި ބޮޑަށް ބޭނުންވަނީ، ހަމަ ވީހާވެސް ފަރުދީ ލެވެލެއްގައި މިކަމުގައި ބައިވެރިވާން ވިސްނުން އަޞްލުގައި މިމުހިންމު ވަނީ.

ޢަބްދުﷲ ސަޢީދު – އެ ސަންދާން:

އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑަށް މި ވިސްނެނީ ރާއްޖެވެސް ތިމާވެށީގެ ގޮތުން ހަލާކުވެގެންދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް. ދެންމެ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެން ވިސްނަނީ، ކުރިއަށް އަންނަ ޖީލުތަކަށް. އެހެންކަމަށްވާނަމަ، މި ބިން ހޯދުމުގެ މަސައްކަތެއް ފަށްޓަވައިގެން އުޅުއްވާ ކަމަށް އަޅުގަނޑުމެންނަށް ތަންކޮޅެއް ކުރިން މަޢްލޫމާތު ލިބިފައި އެބައޮތް. އެހެންވީމާ، އެ މަސައްކަތް މިހާރު ކިހިނެއްތޯ ކިހާ ހިސާބަކަށް ހިނގައްޖެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! އަޅުގަނޑުމެން މިކުރާ މަސައްކަތެއް މިކުރަނީ މިދެންނެވިހެން އިނގޭތޯ. މަސައްކަތަކީ، ރާއްޖެ ދޫކޮށް ބަޔަކު މީހުން ދާން ބޭނުންވީ. މިހާރު ރިނބުދޫ މިސާލަކަށް އިނގޭތޯ. ރިނބުދޫގައި މީގެ ތިންއަހަރު ކުރީގައި ތިބީ އެއްހާސް މީހުން. ދެން ކޮންމެވެސް ސަބަބަކާލައިގެން ރިނބުދޫގެ އެއްބައި މީހުން ރިނބުދޫ ދޫކޮށް ދާން ބޭނުންވީ. ދާން ބޭނުންވެގެން އެބައިމީހުންނަށް ދެވޭ. މިހާރު ދެވޭނެ މަގެއް އަޅުގަނޑުމެން އެބަ ހަމަޖައްސައިދޭންޖެހޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އެބަ އެދެން، ޤައުމުތަކުގައި ދިވެހިން އަތުން ބިން ގަންނައިރު ނަގާ ޓެކްސް ނެގުން ހުއްޓާލާށޭ. އޭރުން އަޅުގަނޑުމެންނަށް މިސާލަކަށް، ދިވެއްސަކު ސިލޯނުން ބިން ގަންނަން ވެއްޖިއްޔާ ހެޔޮވާނެ. އިނގިރޭސިވިލާތުން ދިވެއްސަކު ބިން ގަންނަން ވެއްޖިއްޔާ، އޮސްޓްރޭލިއާއިން ދިވެއްސަކު ބިން ގަންނަން ވެއްޖިއްޔާ އަގުހެޔޮވާނެ. އަޅުގަނޑު މި ސިފަކުރަނީކީއެއް ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން މިތަނުގައި އޮންނަ ބޮޑު ސިންގާހާ އޮޑިއަކަށް ހުރިހާ އެންމެން ސަފެއް ހަދާފައި ގޮސް އަރައިގެން، އެތަނަށް ތަނަކަށްދާ މަންޒަރެއް ނޫން. ސަތޭކަ އަހަރު ފަހުން އަޅުގަނޑަށް މިފެންނަނީކީއެއް. އަޅުގަނޑަށް މިފެންނަނީ، އޭގެތެރޭގައި އުޅޭނެއޭ މީގެ ފަންސާސް އަހަރުވީމާ، ދެން މިތާކު ނެތޭ، ރިނބުދުއަކު ނެތޭ ތިބެވޭކަށް. މިރަށަކު ނެތޭ ތިމަންމެންނަކަށް ތިބެވޭކަށް. ވާނީ މީހުން ބޭނުމޭ ކުޑަހުވަދުއަށް ދާން. އެހެންވީމާ، ވާނީ މީހުން ބޭނުންވެދާނެ ކޮލްޕެޓީއަށްދާން. އެހެންވީމާ، އަޅުގަނޑުމެން ފަހިކޮށްދޭށޭ މިވީ އެ މަގު. އެއީ އެއް މަގު އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެ. ހަމައެއާއެކީގައި، އަޅުގަނޑުމެން އެބަޖެހޭ، މޫސުމަށް އަންނަ ބަދަލުތައް އައީމާ، އޭގެ ސަބަބުން، މިސާލަކަށް ލޮނުގަނޑު އުފުލުނީމާ، ދެން ދިވެހިރާއްޖެއަށްވާ ގޮތްތައްތައް ވިޔަނުދިނުމަށް، ބޮޑުގާ ޖެއްސި ބަނދަރެއް ހެދުމަށް. ނުވަތަ ވާޓަރު ހެދުމަށް. ރިވެޓްމަންޓް ހެދުމަށް. މިބާވަތުގެ ހަމަ ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ހިންގަން އެބަޖެހޭ. އެހެންވީމާ، ދެބާވަތުގެ ކަންތައްތަކެއް އަޅުގަނޑުމެން އެބަ ހިންގަންޖެހޭ. އެއްބާވަތުގެ ކަމަކީ މި ރާއްޖޭގައި ދިރިއުޅެވޭނެ ގޮތަކަށް މި ރާއްޖެ ސަލާމަތް ކުރުން. ދެން މިހެނެއް ނުވާނޭ މިކަމެއް. ދެން އަހަރެން ދާނީ އެހެން ތަނަކަށޭ. އެހެން ބުނާ މީހާއަށް ދެވޭނެ ގޮތެއް ހޯދައިދިނުން. އަޅުގަނޑު މިދެކެނީ، ސަތޭކަ އަހަރު ފަހުން އެކަން ކުރަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނީ، މިއަދު މިވާހަކަ އަޅުގަނޑުމެން ދައްކައި، މީގެ އިންތިޒާމަކާއި ނިޒާމެއް ސަރުކާރުގަޔާއި ބައިނަލްއަޤްވާމީ އޮނިގަނޑުގެ ތެރޭގައި އަޅުގަނޑުމެންނަށް ޤާއިމު ކުރެވުނީމައޭ. އިރާދަކުރެއްވިއްޔާ، މިހާރު މިކުރެވެނީ އެކަންތައް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މީގެ ސަތޭކަ އަހަރު ފަހުން މިތާ އިންނަ މީހަކަށް ވަރަށް ފަސޭހަވާނެ. ދެން ރާއްޖެއަށް ސުނާމީއެއް އަޔަސް، އެހެން ކަމެއްވިޔަސް، އަނެއް ކަމެއްވިޔަސްވެސް ކަންކަމާ އުޅެގަންނަން ފަސޭހަވާނެ. އަޅުގަނޑުމެން އިންތިޒާމުތައް އިރާދަކުރެއްވިއްޔާ ބަހައްޓާނީ ފަށައިގެންފައި. އެހެންވީމާ، އޭގެމައްޗަށް ބިނާކުރަމުން ގެންދެވޭނެ. ބަދަލުކޮށްލަން ބޭނުންފުޅުވާ ބޭފުޅުންނަށް ބަދަލުކޮށްލެއްވޭނެ. އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ އެއީ. އަޅުގަނޑެއް ނުދެކެން. އަޅުގަނޑެއް ނޫން. އަޅުގަނޑުމެން މި ވިސްނަނީ، އެވެނި ރަށެއްގައި އޮތް މިވެނި އަކަފޫޓު ބިން ގަނެފައި، އެވެނި މީހެއްގެ ނަމުގައި ރަޖިސްޓްރީ ޖަހާފައި، ސިއްކަ ޖަހާފައި ރަޖިސްޓްރީއެއްދޭކަށެއް ނޫން. އެއީއެއް ނޫން އަޅުގަނޑު މި ސިފަ ކުރާ އެއްޗަކީ. އަޅުގަނޑުގެ ވާހަކައަކީ، ދިވެހިންނަށް ފަސޭހަވާން ޖެހޭނެ، ދުނިޔޭގައި ދަތުރުކުރަން، ދުނިޔޭގައި އުޅެން، ދުނިޔޭގެ އެކިތަންތަނަށް ގޮސް، ދިވެހިންނަށް ކިޔަވަން ފަސޭހަވާން ޖެހޭނެ. އެކިއެކި ތަންތަނަށް ގޮސް ދިވެހިންނަށް ވަޒީފާ އަދާކުރަން ފަސޭހަވާން ޖެހޭނެ. ދިވެހިންނަށް ބިން ގަންނަން ފަސޭހަވާން ޖެހޭނެ. ދިވެހިން ކުރި ކަމަކާ ލައިގެންނެއް ނޫނޭ ދިވެހިން މި ޙާލުގައި މިޖެހެނީކީއެއް. އެހެންވީމާ، އަޅުގަނޑުމެން ހަމައެކަނި އިންތިޒާމު މިކުރަނީ، މިދަންނަވާ ދިގު، ވަރަށް ދިގު މުސްތަޤްބަލުގެ ތާވަލު. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ޢާންމުކޮށް އަޅުގަނޑުމެން ހަމަ އެ އުޞޫލުން ތިޔަބޭފުޅުންނަށް ސުވާލެއް، އެ ސުވާލު ކުރުމުގެ ފުރުޞަތު ޒުހައިރު އެބޭފުޅުންނަށް އަރުވަން އަޅުގަނޑަށް ފެންނަނީ. އެބޭފުޅުން ބޭނުން ކަމަކާ ގުޅޭގޮތުން ސުވާލު ކުރައްވަން.

ޖާދުﷲ ސަޢީދު – ހާމަނޫސް:

އާދެ! އަނެއްކާވެސް ކަމާ ގުޅުން ހުރި ސުވާލެއް. އާދެ! ޕެޑަސްޓްރިއަލް ތަނަކަށް ހަދާއިރު، އަޅުގަނޑުމެން އެއްގަމުގައި މިއޮންނަނީ ހިނގުން. ދެން އަޅުގަނޑުމެން ދަތުރުފަތުރު ކުރަން މިޖެހެނީ ހަމަ ކަނޑުމަގުން. އެހެންވީމާ، ކޮންކަހަލަ ރިނިޔުބަލް އެނަރޖީއަކުން، ކޮންކަހަލަ ގޮތަކަށްތޯ އަޅުގަނޑުމެން ދަތުރުފަތުރުގެ ކަންތައް، އެ އުޞޫލުން ހަމަޖައްސާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު ހަމަ އަޅުގަނޑަށް ތިޔަކަމުގައި ދަންނަވަން އޮތް ވާހަކައަކީ އިނގޭތޯ، ވިސްނަވާ ދުނިޔެ އެއޮތީ އަޅުގަނޑުމެންނަށޭ. އަޅުގަނޑުމެންނަށް ދަތުރުކުރެވޭނެ ބާވަތާއި، ދެން ބޭނުންކުރާނެ ހަކަތައާއި، އެކަން ކުރާނެ ގޮތާ. މިކަންކަމުގެ ތަފްޞީލުތައް އުފެދިގެން އަންނާނީ ސައިންސް އަޅުގަނޑުމެންނަށް މަގު ދައްކާނެ ގޮތަކުންނޭ. އެންމެ ރަނގަޅީ ފަލިޖަހާފައި އުޅެންތޯ. ނުވަތަ އެންމެ ރަނގަޅީ ރިޔަލުގައި އުޅެންތޯ. ނުވަތަ އެންމެ ރަނގަޅީ ކޮންމެވެސް އެހެން ބާވަތެއްގެ ގޮތަކަށް ދަތުރުކުރެވޭ ގޮތަށް އަޅުގަނޑުމެން ތިބެންތޯ. ސައިންސް ދައްކާ މަގު އަޅުގަނޑުމެން ނަގާނީ.

ޢަބްދުﷲ ސަޢީދު – އެ ސަންދާން:

އާދެ! މިކަމާ ގުޅުންހުރި ސުވާލެއް ނޫން މިއީކީ. އެއީ ރޭގައި މާފުށީ ޖަލުގައި ހިނގާދިޔަ ޙާދިޘާއާ ގުޅިގެން އަޅުގަނޑުގެ ސުވާލު އަމާޒުކޮށްލާނީ. ރޭގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ދެއްވި ތަޤްރީރަކާ ގުޅިގެން، ދެއްވި އިންޓަރވިޔުއަކާ ގުޅިގެން ޖަލުގެ މީހުން ރުޅިއައިސްގެން، މުޅި ޖަލު ފަނާކޮށްލައިފި. ސުންނާފަތި ކޮށްލައިފި. އެތަންތަން ހަލާކުކޮށްފި. ދެން މިއާ ބެހޭގޮތުން މަނިކުފާނު ކީކޭތޯ ވިދާޅުވަނީ؟ މިކަންކަމަކީ މިއީ ހަމަ އެމީހުން މާޔޫސްވެގެން ކުރި ކަމެއް އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށް ދެރަ އިނގޭތޯ. އަޅުގަނޑުގެ އިލްތިމާސަކީ، އެތަން ހަލާކުކޮށްގެންނެއް އަދި އަޅުގަނޑުމެންނަށް މީގައި ރަނގަޅު މަގެއް ހޯދަން ހަމަ ވަރަށް ދަތިވާނެ. ހުރިހާ ބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވަންވީ، މިހާރު އަޅުގަނޑުމެން މިތިބީ އާ ޤާނޫނުއަސާސީ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީއެއްގެ ހިދާޔަތުގައި. އަޅުގަނޑުމެން މިމަގުންދާއިރުގައި، އަޅުގަނޑުމެންނަށް ޢަމަލު ކުރެވޭނީ، އެ އަސާސް އަޅުގަނޑުމެންނަށް ތަންދޭ މިންވަރަކުން. ރައީސުލްޖުމްހޫރިއްޔާއަކަށްވެސް އަދި އެހެން މީހަކަށްވެސް ޖަލުގޭގައި ތިބޭ މީހުންނަށް، އެއްތަނުން އަނެއް ތަނަށް ބަދަލުކޮށް، މިބާވަތުގެ ކަންކަން ކުރުމަކީ، ވަކި އުޞޫލުތަކެއްގެ ތެރެއިން ލައިގެން ނޫނިއްޔާ މިހާރު ކުރެވެން އޮތް ކަމެއް ނޫން. ދެން އެ އުޞޫލުތައް ޤާއިމު ކުރުމަށް އަޅުގަނޑުމެން މިހާރު މިދަނީ. ދެން އަދި ހަމައެއާއެކީގައި، އަޅުގަނޑުމެން އެބަ ބޭނުންވޭ އިތުރު ޖަލުވެސް. އަދި އިތުރަށް އެކަން ބެލެހެއްޓޭނެ ޒަމާނީ ގޮތްތައްވެސް. ކުށްވެރިންނާއި ނުވަތަ ޖަލުގޭގައި ތިބޭ މީހުންނާ އަޅާލާނެ އިތުރު ގޮތްތައްވެސް، މަސައްކަތްތައް ހިންގާނެ އިތުރު ގޮތްތައްވެސް.
އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑެއް މާޔޫސްވެފައެއް ނޫނޭ މިއިނީކީއެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނެއޭ، މިކަން އަޅުގަނޑުމެންނަށް ރަނގަޅު ކުރެވޭނެ ގޮތެއް. އަޅުގަނޑުމެންގެ އެބައޮތޭ ވިސްނުމެއް. އަޅުގަނޑުމެންގެ އެބަހުއްޓޭ މަންޒަރެއް. އެއަށް ކުލަ ޖެއްސުމަށޭ އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަންވެސް ނަގާ ކޮއްޅަށް ޖަހާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ޖަލުގޭގެ ކަންތައްވެސް ހަމަޖެއްސޭނެ. އެކަމަކު އެއީކީއެއް އަޅުގަނޑުމެންނަކަށް މިރޭ ނުވަތަ މާދަމައަކު ހަމަޖެއްސެން އޮތް ކަމެއް ނޫން. އަޅުގަނޑު ޖަލުގޭގެ ހުރިހާ ކުދިންނަށްވެސް ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑަށްވުރެ ބޮޑަށް ވަކި ތިޔަބޭފުޅުންގެ ޙާލު އެނގޭނޭ މީހަކު ކޮންމެހެންނެއް ހުންނާނެ ކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑަށްވީ މިންވަރަކުން އަޅުގަނޑު މިދަނީ މިކަންކަމުގައި މަސައްކަތް ކުރަމުން. ހުރިހާ ބޭފުޅުންވެސް ގަބޫލުފުޅު ކުރައްވަންޖެހޭނެ. މިހާރު އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީކީއެއް، މީގެކުރީގައި ބަޔަކު މީހުން ސަރުކާރު ހިންގުމާ ޙަވާލުވެ ތިބި ފަދައަކުންނެއް ނޫން. އެފަދަ އިޚްތިޔާރުތަކެއްވެސް އޮވެގެންނެއް ނޫން. އަދި އެފަދަ އިޚްތިޔާރުތަކެއްވެސް ބޭނުން ކުރުމުގެ ބޭނުމެއް މަޤްޞަދެއް އޮވެގެންނެއްވެސް ނޫން. އަޅުގަނޑުމެން ބޭނުންވަނީ، ހަމަ ޑިމޮކްރަސީގެ ރިވެތި އުޞޫލުގައި މިކަންކަން ކުރިއަށް ގެންދަން. މަޖިލިސް މެދުވެރިކޮށްގެން، ކަންކަން ކުރަން. ނޫސްވެރިންގެ ފާޑު އަޅުގަނޑުމެންނަށް ރައްދުވެގެން ކަންކަން ކުރިއަށް ގެންދަން. އަޅުގަނޑުމެން ބޭނުންވަނީ، ސީދާ ރައްޔިތުންގެ އިޙްސާސްތައް އަޅުގަނޑުމެންނަށް ކަންކަމާ ގުޅޭގޮތުން އެނގެން. ދެން އެހެންދާއިރުގައި، ލަސްވެސްވާނެ. އަޅުގަނޑުމެންނަށް އަވަސް ކުރެވެންހުރި ކަންތައްތައް އަޅުގަނޑުމެން އަވަސް ކުރެވޭތޯވެސް ބަލާނަން. އަޅުގަނޑު ވަރަށް ބޮޑަށް ދެރަވޭ. ޖަލުގެ ކުދިންނަށް އަޅުގަނޑުމެން އެންމެ އެދެވޭ ގޮތް ވެވެމުން ނުދާތީ. ޖަލުގައި އެކަންޏެއް ނޫން.

އަޅުގަނޑުމެންނަށް މި ފަހަކަށްއައިސް، ޚާއްޞަކޮށް، މިފެންނަނީ ވަރަށްގިނަ ޢަދަދެއްގެ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުދިން މިހާރު މިދަނީ އަމިއްލައަށް މަރުވަމުން. އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮތްކަމެއް ނެތްކަމެއް ނޭނގެ. ހަމަގައިމުވެސް އަޅުގަނޑަށް ފާހަގަކުރެވޭ، މިދިޔަ ދެހަފްތާއެއްގެ ތެރޭގައި މަރުވެއްޖެ ފަސް ހަ ކުދިން އަމިއްލައަށް. މިހެން މިވަނީ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިދިޔަ ދެތިން މަހެއްގެ ތެރޭގައި، އަޅުގަނޑުމެން ސަރުކާރުން ފުލުހުން ހިފެހެއްޓި މަސްތުވާތަކެތީގެ ޢަދަދު، ޖުމްލަ ބަރުދަން ކުރިއަށްވުރެ މާބޮޑުތަނުން ގިނަވެއްޖެ. އަދި މިހާރު އަޅުގަނޑުމެންނަށް ލިބޭ ފުލުސް އޮފީހަށް ހިފޭ މަސްތުވާތަކެތީގައި ހިމެނޭ ބާވަތްތައް ކުރިއާ އަޅާބަލާއިރު ތަފާތު. އޭގެތެރޭގައި މަޢުދަނެއް، ބާވަތެއް، ބޭހެއް އެބަހިމެނޭ މީހާ މާޔޫސްކޮށް، އަދި ކުރިއަށްވުރެ ބޮޑު ގެއްލުން އިންސާނާއަށްދޭ ބާވަތެއް. އެހެންވީމާ، އޭގެ އަވާގައި ޖެހި، މާޔޫސްވެގޮސް ކުދިން އަމިއްލައަށް މަރުވާތަން މިއަންނަނީ. އަޅުގަނޑުމެންޖެހޭ މިކަންވެސް އެބަ ޙައްލު ކުރަން. މާލޭ މަގުތައް މިއޮތީ ހަމަ ތޮއްޖެހިފައި. މާލޭ މަގުތަކުގައި ޒުވާނުންތައް ގިނަވެ އުތުރި އަރަނީ. އަޅުގަނޑުމެންނަށް އެކުދިންނަށް ދެވޭނެ ވަޒީފާ ހޯދައި، އެކުދިން ތަމްރީނު ކުރުމާއި، އެކުދިންނާ ގުޅޭގޮތުން ހިންގަން ހުރި ކަންތައްތައް ކިތަންމެހާވެސް ގިނަ. އަޅުގަނޑު އެބޭފުޅުންނަށް، ހުރިހާ ކުދިންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، މިއަށްވުރެ ރަނގަޅު ފުރްޞަތެއް، އެބޭފުޅުންނަކަށް ޙަޤީޤަތުގައި ނުލިބޭނެ. އަޅުގަނޑުމެން މިކަން ރަނގަޅު ކުރާނަން. އަޅުގަނޑުމެން މިތިބީ އެކަން ކުރަން ނުކުމެ. އެހެން ކަމެއް ނެތް އަޅުގަނޑުމެން ކުރާކަށް. މި ސަރުކާރު ހަމައެކަނި ދެމިއޮންނަނީ، ރައްޔިތުންގެ ޚިދްމަތްތަކަށް. ރައްޔިތުން ބޭނުން ކަންތައްތައް ކޮށްދިނުމަށް.

ޢަބްދުﷲ ސަޢީދު – އެ ސަންދާން:

އަޅުގަނޑުމެންނަށް ދާދިފަހުން ޚަބަރު ލިބިގެން ހިނގައްޖެ. ޖަލުގައި ތިބި މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި ކުދިން މުޖްތަމަޢަށް ނެރުމަށްޓަކައި ރީހެބިލިޓޭޝަން ފަރުވާ، ބޭރު ޤައުމުތަކުން ޗާންސް، ޖާގަ ހޯދައިގެން ކުރިއަށް ގެންދަވާ ވާހަކައެއް. ދެން އެހެން ނަމަވެސް، އެތަނެއް ނުއެއްފެނޭ. މިހާރު ދުއިސައްތަ ފަންސާހެއްހާ ޖާގަ، އޮސްޓްރޭލިއާ، މެލޭޝިއާ، އިންޑިއާފަދަ ޤައުމުތަކުން ލިބިފައި ހުރި ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި މިވަނީ. ދެން ޖަލުގައި އެންމެ ބޮޑަށް ކުދިން އެކުރާ ސުވާލަކީ އެއީ. ކޮންއިރަކުތޯ ފަރުވާއަށް ގެންދަނީ. ދެން މިކަން ކިހިނެއްތޯ ކުރިއަށްދާނީ. އަދި އޭގެއިތުރުންވެސް ލުއިދިނުމާއި، އެމީހުންގެ މަސައްކަތް ރިވިއު ކުރުމާއި، މިކަހަލަ ކަންތައްތަކެއް ހިންގަވައިދެއްވާނެ ކަމަށް ސަރުކާރުން ވިދާޅުވެފައި އޮތް ކަމަށް އެބަ ބުނޭ އެމީހުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިއައީ، ކޮންމެ ކުއްޖެއްގެ ކަންތައް ވަކިން ބަލާފައި، އެކުއްޖަކަށް ދެވެން އޮތް ލުޔެއް ސަރުކާރުން ދޭނަމޭ އިނގޭތޯ. އެ އަނެއްކާވެސް އަޅުގަނޑު ހަމަ އެކަން ތަކުރާރު ކުރާނަން. މަސްތުވާތަކެތީގެ ވަބާގައި ނުވަތަ ދެވީގައި ޖެހިފައިވާ ކުދިން ރަނގަޅުވުމަށްޓަކައި ރާއްޖެއިން ބޭރަށް ދާން ޤާނޫނު ތަންދެނީ މިހާރު ހުރި ގަވާއިދުތައް ތަންދެނީ ވަކި ޙާލަތްތަކެއްގައި. ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރާއްޖެއިން ބޭރަށް ދެވެނީ، މިވެނި މިވެނި މިވެނި މިވެނި މިވެނި އެވެނި ގޮތަކަށް ހުރެ ބަންދުވެފައި ހުރި ކުއްޖާއޭ. އެބާވަތުގެ ނެތް އެންމެ ކުއްޖެއްވެސް ބަންދުވެފައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މި ގަވާއިދަށް ބަދަލެއް ނުގެނެސް ނެތް މިކަން ކުރެވޭކަށް. ގަވާއިދެއް ބަދަލެއް ގެނެވެނީ ރައްޔިތުންގެ މަޖިލީހުން. ނުވަތަ ގަވާއިދަށް ބަދަލެއް ގެނެވޭނީ، އެ ޢާންމު ގަވާއިދުތަކުގެ ތެރެއިން. އެހެންވީމާ، ޤާނޫނު މިއަތަކަށެއް އަޅުގަނޑުމެންނަކަށެއް ތަނެއް ނުދެވޭ. ދެން މިހާރު އަޅުގަނޑު މިބަލަނީ، އަޅުގަނޑުމެން މި ހޯދަނީ އެ ގަވާއިދަށް އަޅުގަނޑުމެންނަށް އިޞްލާޙެއް ގެނެސްގެން، އެކަން ކުރިއަށް ގެންދެވޭނެ ގޮތެއް. އިރާދަކުރެއްވިއްޔާ ވާނެ.

ދެން އޭގެއިތުރުން، އަޅުގަނޑުމެން މިހާރު އެބަ ބަލަން. މާލޭގައި އަޅުގަނޑު އަޑުއަހަނީ އެކަހަލަ ތަންތަނަށް ކިޔަނީ ޑީޓޮކްސް ސެންޓަރޭ. އޭގެ ދެތިން ތަނެއްވެސް އަޅުގަނޑުމެންނަށް މާލޭގައި ހަމަ ހުޅުވޭތޯ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ގުޅިގެން، އެމަސައްކަތް ކުރަމުން މިދަނީ. އެހެން މާފަސޭހަ ބޭރު ޤައުމުތަކާ ވާހަކަ ދައްކައިގެން ޖާގަ ހޯދަން. އެކަމަކު އެ ޖާގައަށް އަޅުގަނޑުމެންނަށް ކުދިން ފޮނުވެން އަންނަނީ، ވަކި ތަރުތީބެއްގައި ކަމަށްވާތީވެ، ވަކި ގަވާއިދުތަކެއްގެ ތެރެއިން ކަމަށްވާތީވެ، އެ ގަވާއިދުތައް ތަންދިނީމަ، އަޅުގަނޑުމެންނަށް އެކަމާއިގެން ކުރިއަށް ދެވޭނީ. ދެން އަޅުގަނޑުމެން މިދަނީ، އެގަވާއިދުތައް އަޅުގަނޑުމެންނަށް ކޮށެން ހުރި އެންމެ ބާރަކަށް ކޮށަމުން. ވަރަށް ބޮޑަށް ޝުކުރިއްޔާ! ދެން އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލަންޖެހޭ. ތިޔަބޭފުޅުންނަށް އަބަދުވެސް އަޅުގަނޑުމެންނާ ސުވާލު ކުރެވޭނެ. އަބަދުވެސް ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޖަވާބުދާރީވާނެ. އަޅުގަނޑުމެންނާއި ރައްޔިތުންނާ ދެމެދުގެ މެސެންޖަރުންގެ ގޮތުގައި، ޙަވާލުދާރުންގެ ގޮތުގައި ޙަޤީޤަތުގައި ތިއްބަވާ އެންމެ ވަރުގަދަ އެއް މުއައްސަސާއަކީ، މި ސަރުކާރުގެ ނަޒަރުގައި ނޫސްވެރިން، ތިޔަބޭފުޅުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ! الحمد للّـه.