بســم اللّـه الرّحمـن الرّحيــم

މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހިންގަވާ އޮނަރަބްލް އަމީން ފައިޞަލް. ޗީފް އޮފް ޕޮލީސް އަޙްމަދު ފަސީޙު. ޗީފް އޮފް ޕޮލީސްގެ ޑެޕިއުޓީ އަދި އެންމެހާ ރޭންކުގެ ފުލުހުން.

الســّلام عليــكم ورحـمــة اللّـه

ޤައުމެއް ތަރައްޤީވެދިޔުމަށް، ޤައުމެއް ބިނާކުރުމަށް ވަކި ޚާއްޞަ ކަންތައްތަކެއް ބޭނުންވާކަމީ، އިންސާނީ ތަޖުރިބާ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ދައްކާފައިވާ ޙަޤީޤަތެއް. މިދަންނަވާ ޚާއްޞަ ކަންކަމުގެ ތެރޭގައި، ފުލުހުންގެ މުއައްސަސާއެއް ތަރައްޤީވެ ހިނގަމުންދިޔުމަކީ، ޤައުމެއް ތަރައްޤީވުމަށް، އިންސާނިއްޔަތު ކުރިއަރާދިޔުމަށް، އަމާންގޮތުގައި މުޖްތަމަޢެއްގެ ގޮތުގައި ދިރިތިބުމަށް އަޅުގަނޑުމެންނަށް ކޮންމެހެން ބޭނުންތެރި ކަމެއް.

ފުލުހުންގެ މަސައްކަތަކީ، މި ރާއްޖެއަށްވެސް އަދި ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކެއްގައިވެސް ވަރަށް މުހިންމު މަސައްކަތެއް. ވަރަށް ބޭނުންތެރި މަސައްކަތެއް. އަޅުގަނޑު މިއަދު ފުލުހުންގެ އެންމެހާ ބޭފުޅުންނަށް، ތިޔަބޭފުޅުންގެ މުއައްސަސާ، މި ދައުލަތަށް މި ޚިދްމަތް ކޮށްދެމުން އަންނަތާ 76 އަހަރުވީ ކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ އެންމެހާ ބޭފުޅުންނަށް މުބާރަކްބާދީ އަދާކުރަން.

އަޅުގަނޑުމެން އެއްވެސް މީހަކަށް ނުއެއްއޮޅޭ. ފުލުހުންގެ މަސައްކަތަކީ އަބަދުވެސް، ކުރީގައިވެސް، އިއްޔެގައިވެސް، އޭގެ ކުރީ ދުވަހުވެސް، މިއަދުވެސް އަދި މާދަމާވެސް ނުރައްކާތެރި މަސައްކަތެއް. ފުލުހުންގެ މަސައްކަތަކީ ވަރަށް ބަލައިގެން، ވަރަށް ކެރިގެން، ވަރަށް އިޚްލާޞްތެރިކަމާ އެކުގައި، ތެދުވެރިކަމާއެކުގައި، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކުގައި ނޫނިއްޔާ ރަނގަޅަށް ނުހިންގޭނެ މަސައްކަތެއްކަން އަޅުގަނޑަށްވުރެ ބޮޑަށް ތިޔަ އެންމެ ބޭފުޅުންނަށް ޔަޤީންވެވަޑައިގަންނަވާނެ. ތިޔަބޭފުޅުން ތިޔަ ކުރައްވަނީ، މި ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް. އަޅުގަނޑުމެން ރާއްޖެ ތަރައްޤީ ކުރަން ކުރަން އޮތީ ކޮންކަމެއްތޯ؟ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ޖީބަށް މިއަދު ފައިސާ ވަންނަ މިންވަރަށްވުރެ ތަނަވަސްކަން އިތުރުކޮށްދެވެން ސަރުކާރަކަށް ނުވަތަ ދައުލަތަކަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ އަޅުގަނޑުމެން ވިސްނާއިރުގައި، އެކަމުގެ ތެރޭގައި ތިޔަބޭފުޅުންގެ މުއައްސަސާ، ފުލުހުން ތަރައްޤީވެދިޔުމާއި، ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުން ހިމެނޭކަމީ ހަމަ ޔަޤީން ކަށަވަރު ކަމެއް.

އަޅުގަނޑަށް ވަރަށް ބޮޑަށް އެނގޭ އަދި އަޅުގަނޑަށް ވަރަށް ބޮޑަށް ސާފު، ތިޔަބޭފުޅުންގެ މަސައްކަތަށް ތިޔަބޭފުޅުން ނުކުންނަވަނީ، ވަރަށް ބިރުވެރި މާޙައުލެއްގައިކަން. ވަރަށް ނުރައްކާތެރި ޙާލަތުތަކެއްގައިކަން. މި ރާއްޖޭގައި މި މާޙައުލު އުފެދިފައިވާ މިންވަރު އޮތީ އަޅުގަނޑު ދަންނަވާނީ، މިބާވަތުގެ ނުވަތަ އަޅުގަނޑުމެންގެ ފަންތީގެ ބައެއް ޤައުމުތަކުގައި، އެ މާޙައުލު އުފެދިފައިވާ މިންވަރަށްވުރެ މާ ނުރައްކާތެރި މިންވަރެއްގައޭ. ކޮމިޝަނަރ އޮފް ޕޮލީސް ފާހަގަކުރައްވައިފި. މާލެ ބައިބޯވުމުން، މާލެ ތޮއްޖެހުމުން، މާލެ ވެފައި މިވަނީ، އަކަފޫޓަކަށް ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން އުޅޭ ސަރަޙައްދުތަކުގެ ތެރެއިން ސަރަޙައްދަކަށް. ޑެންސިޓީ އެންމެބޮޑު އެއް ޓައުން، އެއްތަން، އެއްބިން މި މާލެއަކީ. އެހެންވީމާ، އެކަމުގެ ސަބަބުން ނުކުންނަ އިޖްތިމާޢީ މައްސަލަތައް، އެކަމުގެ ސަބަބުން ނުކުންނަ ޖިނާއީ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި ދުވަހުން ދުވަހަށް މިދަނީ އިތުރުވަމުން.

އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އިތުބާރާއެކީގައި މިރޭ މިތަނުގައި ހުއްޓި މިހުންނަނީ، ޙަޤީޤަތުގައި ތިޔަބޭފުޅުންނަށް އަޅުގަނޑު އިތުބާރު ކުރާތީ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް ކަށަވަރު، ތިޔަބޭފުޅުންގެ މަސައްކަތް ފަންނީ ގޮތުގައި ތިޔަބޭފުޅުން ކުރިއަށް އެބަގެންދަވާ. އަދި ދުވަހެއް ދުވަހަކަށް އެމަސައްކަތް ތިޔަބޭފުޅުން ތިޔަ ގެންދަވަނީ ތަރައްޤީ ކުރައްވަމުން. ދުނިޔޭގައި އެހެން ޤައުމުތަކުގައިވެސް، އެހެން މުޖްތަމަޢުތަކުގައިވެސް ފުލުހުންގެ ޚިދްމަތްދޭ އުޞޫލުން ތިޔަބޭފުޅުންގެ މަސައްކަތް ތިޔަގެންދަވަނީ ތަރުތީބު ކުރައްވަމުން. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން.

ފުލުހުންގެ މަސައްކަތް މިދެންނެވި ޙާލަތްތަކުގައި، މިދެންނެވި ގޮތްތަކުގައި ފުލުހުން ކުރައްވަމުން ގެންދަވާއިރުގައި، ފުލުހުންގެ ޙިމާޔަތް، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި، އަދި އެހެން އުޞޫލުތަކުން ކޮންމެހެން ރައްދުކޮށްދޭންޖެހޭ. މިއަދު ދެންމެ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ތިޔަބޭފުޅުންގެ ތެރެއިން ފުލުހުންގެ ޙަރަކާތުގައި މަސައްކަތް ކުރަމުން ދަނިކޮށް ޖިސްމާނީ ގޮތުން ނުވަތަ އެހެނިހެން ގޮތްގޮތުން ގެއްލުން ލިބުނު ބައެއް ހިތްވަރުގަދަ ބޭފުޅުން. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަޤީން. ކޮމާންޑްގައާއި ކޮންޓްރޯލްގައި، މޮނިޓަރިންގގައާއި ކޮމްޕިއުޓަރ ސްކްރީންތައް ކުރިމަތީގައި ތިއްބަވާ ބޭފުޅުންނަށް ޖިސްމާނީ އަނިޔާ ނުލިބެނީ، އެޙާދިޘާ ހިނގި މާޙައުލަށް މަންޒަރުތަކަށް ނުކުމެވަޑައިނުގަންނަވާތީވެ. ތިޔަބޭފުޅުން، އެތެރޭގައި ތިއްބަވާ ބޭފުޅުންގެ ޚިދްމަތް ނުވަތަ މުހިންމުކަން ސީދާ ތަނަށް ނުކުމެވަޑައިގަންނަވާ ބޭފުޅުންނަށްވުރެ އެއްވެސް ޙާލެއްގައި ކުޑައީއަކީއެއް ނޫން. ހަމަ އެއްވަރު. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިރޭ ފާހަގަވެގެން މިދިޔައީ، ތިޔަބޭފުޅުންގެ މަސައްކަތުގައި ކަންކަން ހުރި ނުރައްކާތެރިކަމުގެ މިންވަރު. އަޅުގަނޑަށް ހަމަ ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑު އެއްބަސްވަން. އަޅުގަނޑަށް ޔަޤީން. މިދަންނަވާ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި ހުނަރު އިތުރުކުރުމަކީ މުހިންމު ކަމެއް. ގައިގައި ޖޯރު ހުންނަންޖެހޭނެ. ފިޓްވާންޖެހޭނެ. ހަމަ ފިސާރި ހަލުވިކަމާއެކީގައި ކަންކަމާ ނުކުމެ ދިމާކުރެވޭ ނުވަތަ ކުރިމަތިލެވޭ ބަޔަކަށް ފުލުހުންވޭ. ގިނަ ފުލުހުން އަޅުގަނޑުމެންނަށް ޔަޤީން، މިފަދަ ހަލުވިކަންމަތީގައި، ހުނަރުވެރިކަންމަތީގައި ތިއްބެވީ. އަދި އޭގެއިތުރުން، އަޅުގަނޑުމެން ކޮންމެހެންވެސް ބޭނުންވާ ކަމެއް މިއީ. ކޮންމެ ބަޔަކުވެސް ނުކުންނަ ކަމަކަށް، އެބަޔަކު ތަމްރީނުވެގެން، އެކަމެއް ދެނެގަނެގެން، އެކަން ރަނގަޅަށް ކުރުމަށް ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއި ހުނަރާއެކީގައި ކުރުމަށް ތައްޔާރުވެ ތިބުން.

އެގޮތުން، ފުލުހުންގެ އެކަޑަމީއާއި، ފުލުހުންގެ ތަމްރީނުތައް މިދަނީ އިތުރުވަމުން، އިތުރުކުރެވެމުން. އަދި ފުލުހުންގެ އެކިއެކި ބާވަތްބާވަތުގެ ޚިދްމަތްތައް މިދަނީ ތަޢާރުފު ކުރަމުން. މިއަދު އަޅުގަނޑުމެންނަށް އަޑުއިވިގެން ހިނގައްޖެ. ޓޫރިޒަމް، ޓޫރިސްޓް ފުލުހުން، ޓޫރިސްޓުންނަށް ޚާއްޞަ ކުރެވޭ ފުލުހުންގެ ޔުނިޓެއް، ފުލުސް އޮފީހުގައި އުފެދިގެންދިޔަކަން. އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް މަރްޙަބާ ކިޔާނެ ކަމެއް. އަދި އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށް ގިނަގުނަ ފައިދާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް. އަދި ހަމައެހެންމެ ފުލުހުންގެ ތެރޭގައި، ކުރިއަށްވުރެ ބޮޑަށް ސަމާލުވެ އަދި ޝައުޤުވެރިވެ ބައްލަވަމުން ގެންދަވަންޖެހޭ ކިތަންމެ ކަމެއް އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު މިދަނީ ފާހަގަވަމުން. ޚާއްޞަ ގޮތެއްގައި، ޓެރަރިޒަމްގެ ޙަމަލާތަކުގައި ނުވަތަ އެބާވަތުގެ ކަމެއްގައި ފުލުހުން ޢަމަލުކުރާނެ ގޮތަށް ފުލުހުން ތައްޔާރުވާން އެބަޖެހޭ. މާރާމާރީއާއި އަދި ޑްރަގްގެ ވިޔަފާރިއާއި، އޭގެ އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވާ ފުލުހުން މިހާރުވެސް ގެންދަވަނީ ވަރަށް ރަނގަޅަށް ޙަރަކާތްތެރިވަމުން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. މިއަހަރުގެ މިދިޔަ ތިންމަސްދުވަހުގެ ތެރޭގައި، ފުލުހުން ހިފަހައްޓައިފި، މިދިޔަ އަހަރު، މުޅި ޖުމްލަ އަހަރުގައި ހިފެހެއްޓި މަސްތުވާތަކެއްޗަށްވުރެ ގިނަ ޢަދަދަށް މަސްތުވާތަކެތި. ތިޔަބޭފުޅުން ތިޔަ މަސައްކަތް ކުރައްވަމުން ގެންދަވާގޮތަށް، ފަހަތަށްނުޖެހި އެއްވާނުގައި މިމަސައްކަތް ކުރައްވަމުން ގެންދެވީމާ، މިކަމުގެ ފައިދާ، އެކަމުގެ ނަތީޖާ ނުކުންނާނެކަމީ، އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ، ޕޮލިސް ކޮމިޝަނަރ ވިދާޅުވިފަދައިން، މި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، މިރާއްޖެއަށް މަސްތުވާތަކެތީގެ ސަޕްލައި ނުވަތަ އެތެރެކުރެވޭ މިންވަރު ބޮޑުތަނުން ތިރިކުރެވޭނެ. އެއީ ފުލުހުންގެވެސް އަމާޒަކީ. އެއީ މި ސަރުކާރުގެވެސް އަމާޒަކީ.

ފުލުހުންގެ ޚިދްމަތުގައި، ފުލުހުން ދުވަސްތައް ހޭދަކުރައްވާއިރުގައި، ވަގުތުތައް ގުނުއްވަމުން ގެންދަވާއިރުގައި، ތިޔަބޭފުޅުންގެ ޢާއިލާތަކާއި، ތިޔަބޭފުޅުންގެ އަނބިދަރިންނާއި، ތިޔަބޭފުޅުންގެ އެހެނިހެން ކަންކަން ބެލެހެއްޓުމަކީ، އަޅުގަނޑުގެ ނަޒަރުގައި ކޮންމެ ސަރުކާރެއްގެވެސް ވާޖިބެއް. އަޅުގަނޑަށް އެނގޭ. އަޅުގަނޑުމެންނަށް ފާހަގަވެފައިވަނީ، ތިޔަބޭފުޅުންނަށް ދިމާވެފައިވާ އަދި ދިމާވާ ކަންކަން. ހަމަ އެހެން ޢާއިލާއެއްގެ ނުވަތަ އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅުންނާ ދިމާވާ އެންމެހާ ކަންކަން ތިޔަބޭފުޅުންނާވެސް އެބަ ދިމާވޭ. ގޯތިގެދޮރުގެ ދަތިކަން. ބޭސްފަރުވާ ކުރަންޖެހުން. އަދި ގާތްތިމާގެ މީހުންނަށް ބޭސްފަރުވާގެ އެހީ ރަނގަޅަށް ލިބިފައިނުވުން. ދަތުރުފަތުރުގެ ދަތިކަން. އަދި މިނޫންވެސް މިބާވަތުގެ ކިތަންމެ އެހެނިހެން ކަންކަން މިވަނީ ތިޔަބޭފުޅުންނާ ކުރިމަތިވެފައި. އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން. އަޅުގަނޑުމެންގެ ސަރުކާރުން ހިންގާ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢު މިދަނީ ވަރަށް ބާރަށް ހިންގަމުން. ގެދޮރު ފޯރުކޮށްދިނުމުގައި އަދި ގެދޮރު ލިބުމުގައި، ނަރުހުންނާއި ޓީޗަރުންނާ، މިފަދަ ފަންނީ މަގާމުތަކުގައި މަސައްކަތް ކުރައްވާ އެކިއެކި ބޭފުޅުންނަށް އަޅުގަނޑުމެން އިސްކަންދޭ އުޞޫލުން ތިޔަބޭފުޅުންނަށް، ފުލުހުންނަށް، މިނިސްޓްރީ އޮފް ޑިފެންސްގެ ބޭފުޅުންނަށް، އެ އިސްކަންދޭނެ ވާހަކަ އަޅުގަނޑު އުފަލާ އެކީގައި މިރޭ ދަންނަވާލަން.

ކޮމިޝަނަރ އޮފް ޕޮލީސް ވިދާޅުވެއްޖެ، ލެޖިސްލެޓިވް އެޖެންޑާ ނުވަތަ ފުލުހުންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެހެން ބޭނުންވާ ޤާނޫނުތައް އެބަހުރިކަމަށް. އެ ޤާނޫނުތައް އަވަސްކުރަން އަޅުގަނޑުމެންނަށް އެބަޖެހޭ. މީގެތެރެއިން ގިނަ ޤާނޫނު މިހާރުވަނީ އެކުލަވާލެވިފައި. އަދި އެޤާނޫނުތައްވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، މަޖިލީހުގެ އެކިއެކި މަރްޙަލާގައި ބަޙުޘް ކުރެވިފައި. ޚާއްޞަ ގޮތެއްގައި، ޢުޤޫބާތު ޤާނޫނަށް ގެނެވޭ އިޞްލާޙު، ޖިނާއީ އިޖުރާތުގެ ޤާނޫނު، ހެތްކާ ގުޅޭ ޤާނޫނު، މިޤާނޫނުތައް ވީހާވެސް އަވަހަކަށް ފާސްވެގެން ތަންފީޒުވާން ފެށުން އެއީ، އަޅުގަނޑަށް ޔަޤީން ފުލުހުންނަށްވެސް އަދި ސަރުކާރަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް.

ފުލުހުންގެ މަސައްކަތް ފުލުހުން ހިންގާއިރުގައި، މިއަދު އަޅުގަނޑުމެން އެމަސައްކަތް މިހިންގަނީ ނުވަތަ އަޅުގަނޑުމެންފަދަ އާދައިގެ ރައްޔިތުން، ތިޔަބޭފުޅުން އެކިބާވަތުގެ މަސައްކަތް ހިންގަވާތަން އަޅުގަނޑުމެން މިދެކެނީ، އެހެންޏާވިއްޔާ އެމަސައްކަތް ހިންގާ އުޞޫލުތަކާ ޚިލާފަށް. އަޅުގަނޑުމެން އެބަޖެހޭ ރަނގަޅު ގޮތުގައި ކަންކަން ކުރިއަށް ގެންދަން. ރަނގަޅު ގޮތުގައި ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ތިޔަބޭފުޅުންނަށް އެކަމަށް ބޭނުންވާ ތަމްރީނު އެބަ ލިބެންޖެހޭ. ހިތްވަރު ކުރައްވަންޖެހޭނެ އިނގޭތޯ. އެކަމަށް ފުލުހުންގެ މަސައްކަތަށް ބޭނުންވާ ކަމާގުޅޭ ޒަމާނީ ތަމްރީނު ތިޔަބޭފުޅުންނަށް ލިބެންޖެހޭނެ. އެ ތަމްރީނުގެ ބޭނުން ތިޔަބޭފުޅުން ހިއްޕަވަންޖެހޭނެ. އަވަށްޓެރި ރައްޔިތުންނާއި ގާތް ރައްޔިތުންނާ ގުޅޭ ރައްޔިތުން އެދޭގޮތަށް ގިނަ ރައްޔިތުން އެދޭގޮތަށް ކަންތައް ކުރާ މުއައްސަސާއަކަށް ފުލުހުންވާންޖެހޭނެ. އަޅުގަނޑުމެންނަށް މިއަދު މިހާރު ފެންނަމުން މިދަނީ، ތިޔަބޭފުޅުންގެ ޢަމަލުތައް، ތިޔަބޭފުޅުން ކަންކަމާ ކުރިމަތިލައްވާ ގޮތްތައް ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަތަން. އަޅުގަނޑު އެކަމަށްޓަކައި ތިޔަބޭފުޅުންނަށް މަރްޙަބާ ދަންނަވަން.

އަޅުގަނޑު މިތަނުގައި މާގިނައިރު ކުރާކަށެއް ދެނެއް ޤަޞްދެއް ނުކުރަން. އަޅުގަނޑަށްވެސް އެބަ ވިސްނޭ. ރޭވެސް މިއޮތީ ވަރަށް ކުޑަތަންވެފައި. އަދި އޭގެއިތުރުން އަޅުގަނޑުމެންނަށް މިހާރު މިވަނީ ވަރަށް ބޮޑަށް ދަތިވެފައި. ފަސޭހަގޮތުގައި މިކަން މިގޮތަށް ކުރިއަށް ގެންދަން. އެހެންނަމަވެސް، އަޅުގަނޑު މިރޭ މިތަނަށް ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާލަން އައި މާގިނަ ނުކުތާއަކީ މިދެންނެވީ. ޤައުމެއް ތަރައްޤީވާނީ، ވަކި ޚާއްޞަ ކަންތައްތަކެއް ވަކިގޮތަކަށް ކުރެވިގެންނޭ. އޭގެތެރޭގައި، ފުލުހުންގެ ތަރައްޤީ ނުވަތަ ފުލުހުންގެ މުއައްސަސާ ތަރައްޤީ ކުރުން އެއީ، އިޤްތިޞާދު ކުރިއެރުވުމެކޭ، ޞިނާޢީ ކަންކަން ކުރިއެރުވުމެކޭ، ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމެކޭ، ނުވަތަ ޤައުމު ތަރައްޤީވުމުގެ މިނޫންވެސް މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކޭ. އެއީ، އަޅުގަނޑުމެންގެ މި ސަރުކާރުންވެސް ފުލުހުންނާ ދޭތެރޭގައި، ފުލުހުންނާ ގުޅޭގޮތުން ދެކޭގޮތޭ. ފުލުހުންގެ ޤަދަރާއި ޢިއްޒަތް އުފުލެންޖެހޭނެ. އެކަން ކުރުމަށްޓަކައި ދެފުށް ފެންނަ ގޮތުގައި، ފުލުހުންގެ އެންމެހާ ކަންކަން ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް. ކަންކަން ފޮރުވުމަކީ، ވަންހަނާ ކުރުމަކީ ވަހުމާއި ޝައުކު އުފެދޭ ކަމެއް. އެކަމުގެ ސަބަބުން ނުކުންނަ ރަނގަޅެއް ނޯންނާނެ. ފުލުހުންގެ ކަންކަން ހަރުދަނާވެގެންދާނީ، ރަނގަޅަށް ދެފުށް ފެންނަ ގޮތަށް ތިޔަބޭފުޅުންގެ ކަންކަން ތަރައްޤީވެގެން ދިޔައީމާ.

އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެން. މީގެކުރީގައި ތިޔަބޭފުޅުން ކުރައްވަމުން ގެންދެވި ބައެއް ބާވަތުގެ ތަޙުޤީޤުތަކުގެ އިތުރުން، ނުވަތަ ތަޙުޤީޤުތަކުގެ ބަދަލުގައޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންގެ މިއަދުގެ މި އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށައި، މިހާރު މި ހިނގާ ސަރުކާރުގައި، ސިޔާސީ ކުށްވެރިން ކިޔާ ބައެއް ނުތިބޭނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީ ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމެއް. އެ މިނިވަންކަން ރައްޔިތުން ލިބިގަނެ، އެކަން ކުރަމުންދާއިރުގައި، އެކަމާ ގުޅިގެން ރައްޔިތުންނާ ދެމެދު ބާއްވާނެ ނަފްރަތެއް ނުވަތަ އުފުލާނެ ދަޢުވާއެއް، ކުރާނެ ތަޙުޤީޤެއް ނޯންނާނެ. އެހެންވީމާ، މިބާވަތުގެ މައްސަލަތައް ބެލުން އިރާދަކުރެއްވިއްޔާ މިހާރުގެ ފުލުސް އޮފީހަކު ނުހިނގާނެ. އޭގެ ބަދަލުގައި، މާ މުހިންމު މައްސަލަތަކެއް ކުރިއަށްވުރެ މާބޮޑަށް ބެލުމަށް އަޅުގަނޑުމެން އެބަ އެދެން. އެއީ ކޮރަޕްޝަންގެ އެކިއެކި މައްސަލަތައް. އަޅުގަނޑު ފުލުހުންގެ ކިބައިން އެދެނީ، ސަރުކާރުގެ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމުގައިވިޔަސްވެސް، އެއީ ސީދާ އަޅުގަނޑު ކަމުގައިވިޔަސްވެސް ތިޔަބޭފުޅުން, އެކަމާ ގުޅިގެން ފުލުހުން ހިންގަވަންޖެހޭ ތަޙުޤީޤެއް ހިންގަވަންޖެހޭނެ. އަޅުގަނޑަށް ކަމެއް ބޮޑުވީމާ، ނުވަތަ އަޅުގަނޑު ގާތުގައި މީހަކު ކަމަކާ ގުޅޭގޮތުން އެކަށީގެންވާ ގޮތެއްގައި، ހެތްކާއި ޤަރީނާއާއެކު ޝަކުވާ އުފުލައިފިނަމަ، އަޅުގަނޑު ދާނެ ދެވަނަ ތަނެއް ނެތް ފުލުސް އޮފީސް ފިޔަވައި. އެހެންވީމާ، އެއީ ދިވެހި ބޭންކަށްވިޔަސް، އަދި އެހެން މުއައްސަސާއަކަށްވިޔަސް، ކަމެއްގެ ތުހުމަތު މިދަންނަވާ މޭރުމުން ކުރެވުނީމާ، އެކަމެއް ބެލުމަށް އޮންނަ މުއައްސަސާއަކީ، އަޅުގަނޑަށް އެނގޭގޮތުގައި ފުލުސް އޮފީސް. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ބަލަންޖެހޭ މިބާވަތުގެ ކަންކަން ބެލުމަށް އަޅުގަނޑަށް އިތުރު މުއައްސަސާއެއް ނެތް.

ބައެއް ބޭފުޅުންނަށް ކުޑަ އޮޅުމެއް އަރާ މިކަންކަމުގައި. އެބަ ހީވެލައްވާ، އެންޓި-ކޮރަޕްޝަން ބޯޑުން ބައެއް ކަންކަން ބެލީމައޭ ފުލުސް އޮފީހުން ބަލަނީ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އެންޓި-ކޮރަޕްޝަން ބޯޑަކީ ސަރުކާރުގެ ސީދާ މުއައްސަސާއެއް ނޫނޭ. އެއީ، ދައުލަތުގެ މުއައްސަސާއެކޭ. ރައްޔިތުންގެ މަޖިލީހުން ވަކިން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުން އެއްކުރައްވާފައިވާ މުއައްސަސާއެކޭ. އެއީ، ފުލުހުންވެސް، އަޅުގަނޑުވެސް ކަންތައް ކުރަނީ ރަނގަޅަށްތޯ ބެލުމަށް ތިއްބަވާ ބޭފުޅުންކޮޅެއް. އުފެދިފައިވާ މުއައްސަސާއެއް. އެއާ ޚިލާފަށް، ފުލުހުންނަކީ ސީދާ ސަރުކާރުގެ މުއައްސަސާއެއް. ތިޔަބޭފުޅުން މިކަންކަން ބައްލަވައިދެއްވުން އެންމެ އައުލާކަންބޮޑީ. އަޅުގަނޑުގެ ނަޒަރުގައި ކޯޕަރޭޓް ފްރޯޑް އަދި ކޮރަޕްޝަން ބެލުން އެއީ، މި ސަރުކާރު ބަލަހައްޓާ ފުލުހުން ނުވަތަ މި ސަރުކާރުގެ އިރުޝާދުން ކުރިއަށްދާ ފުލުހުން ކޮންމެހެން ކުރުމަށް އަޅުގަނޑުމެން ބޭނުންވާ ކަމެއް. މިކަންކަން ބަލަހައްޓައިގެން މެނުވީ، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ތަރައްޤީއަށް ހުރަސް އެޅުމުގައި، މާލޭގެ މަގުތައް މާރާމާރީން ފުރިގެންދިޔުން، ނުރައްކާތެރިވެދިޔުން، ޑްރަގްގެ ޝިކާރައަކަށްވެ ޒުވާނުންގެ ޖީލު ހަލާކުވެދިޔުމާ ހަމަ އެއްވަރުގެ ކަމެއް. ކޮރަޕްޝަނާއި ކޮރަޕްޝަނުން ސަރުކާރު ނުވަތަ ސަރުކާރުގެ މުއައްސަސާތައް ފަސާދަވެ ދިޔުމަކީވެސް. ހަމަ އެބާވަތުގެ ކަމެއް. ކޯޕަރޭޓް ފްރޯޑް ނުވަތަ ވިޔަފާރީގެ އެކިއެކި ޙީލަތްތެރިކަމާއި، އެކިއެކި އޮޅުވާލުމާއި، ޓެކުމާއި ވައްކަން ކުރިއަށް ގެންދިޔުން. އެހެންވީމާ، މިދެބާވަތުގެ ތަޙުޤީޤުތައް ހިންގައިދިނުމަކީ، އަޅުގަނޑުމެން ވަރަށް ޚާއްޞަކޮށް ބޭނުން ކަމެއް. ފުލުހުންގެ ކިބައިން އެދޭ ކަމެއް.

އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުން އެކަންކަން ކުރިއަށް ގެންދަވާނެކަން އަދި ބައްލަވާނެކަން. އަޅުގަނޑު މިހާރުވެސް ތިޔަބޭފުޅުންގެ މަސައްކަތާ ގުޅޭގޮތުން ވަރަށް ހިތްހަމަޖެހޭ. އަބަދުވެސް އަޅުގަނޑުމެން އެންމެ އެދޭގޮތް އޮންނާނެ. އެގޮތެއް އަޅުގަނޑުމެން ގިނަ މީހުންނަކަށް ނުލިބޭނެ. އެއްވެސް މީހަކަށް އެދޭގޮތެއް، ބޭނުންހާ ކަމެއް ނުވާނެ. އަޅުގަނޑު ބޭނުން، ފުލުހުންގެ މުއައްސަސާއަކީ ވަރަށްމޮޅު މުއައްސަސާއަކަށްވާން. މިއަދު އަޅުގަނޑަށް އިއްޔެއަށްވުރެ ޔަޤީން. އެއީ ތިޔަބޭފުޅުން ޙަޤީޤަތުގައި ޙާޞިލުކުރައްވާނެ ލަނޑުދަނޑިއެއްކަން. އަޅުގަނޑަށް ފެންނަނީ، ކޮންމެ ދުވަހަކުމެ ތިޔަބޭފުޅުންގެ ހުނަރު، ތިޔަބޭފުޅުން ކަންކަމާ ކުރިމަތިލައްވާގޮތް ބަދަލުވަމުން އަންނަތަން. އަޅުގަނޑު އެކަމާ ވަރަށް ބޮޑަށް އުފާކުރަން.
އަޅުގަނޑު ދެންނެވިހެން މާގިނަ ވާހަކައެއް އަޅުގަނޑު ދައްކާކަށެއް ނޫން. ނިންމާލުމުގެ ކުރީގައި ދަންނަވަން ބޭނުންވަނީ، ދެތިން ވާހަކައެއް. މި ސަރުކާރަކީ އެއްވެސް ޙާލެއްގައި ބަދަލު ހިފުމުގެ ރޫޙެއް އޮތް، ހިމެނޭ ސަރުކާރެއް ނޫން. އެކަމަކާ އެއްވެސް ބޭފުޅަކު އަދި އެއީ، މިދިޔަ ސަރުކާރުގައި އުޅުއްވި ބޭފުޅަކަސް، ނޫޅުއްވާ ބޭފުޅަކަސް، އެއްވެސް ބޭފުޅެއް މި ނޫން ގޮތަކަށް މިކަން ދެކެވަޑައިގަންނަވާނެ ކަމެއް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން އެބަޖެހޭ. އަޅުގަނޑުމެން އެންމެންމެ ބޭނުން، ފުލުހުންނަކީ ޤަދަރުވެރި ބަޔަކަށްވާން. ޢިއްޒަތްތެރި ބަޔަކަށްވާން. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ޙަރަކާތްތެރިވާ މަދު ބައެއްގެ ސަބަބުން، މުޅި މުއައްސަސާގެ ނަން ކިލަނބުވެ ޚަރާބުވެދާކަށް. އެ ނުރައްކަލުން އަޅުގަނޑުމެން ސަލާމަތްވާންޖެހޭނީ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި، ފުލުހުންގެ ތެރޭގައި މަދު މީސްކޮޅެއް ޤާނޫނާއި ގަވާއިދާއި ކަންކަމާ ޚިލާފުވެގެން ކަންކަން ކުރިއަށް ގެންދާ ކަމަށްވޭ. އެކަމުގެ ސަބަބުން، މުޅި މުއައްސަސާގެ ނަން ކިލަނބުވެދާކަށް މި ސަރުކާރެއް ދުލެއް ނުކުރާނެ. އަދި ހަމައެހެންމެ، ނިންމާލަމުން އަޅުގަނޑު ދަންނަވަން، ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން. ފުލުހުންނަށް ޙަމަލާދީ، ފުލުހުންނަށް ގެއްލުންދީ ހަދާ އެއްވެސް ފަރާތަކަށް ޤާނޫނީ އެއްވެސް ލުޔެއް އަޅުގަނޑު ހަމަގައިމުވެސް ޤާނޫނުގެ ފުރިހަމަ ބާރު، ފުރިހަމަ އޭގައި އޮތް އެންމެ ފުޅާމިނުގައި، ދެވެން އޮތް އެންމެ ހަރުކަށި އަދަބު، ފުލުހުންނާ ދިމާކުރާ ފަރާތްތަކަށް މި ސަރުކާރުން ދެވޭތޯ މަސައްކަތް ކުރާނަން.

އަޅުގަނޑު ހަމަ މިރޭ ނިންމާލަމުންވެސް ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މިހިރީ ވަރަށް ހިތްހަމަޖެހިއޭ. އަދި ތިޔަބޭފުޅުންގެ މަސައްކަތާ ގުޅޭގޮތުން ކުރިއަށްވުރެ ހަމަގައިމުވެސް އަޅުގަނޑު މި މަގާމާ ޙަވާލުވިއިރަށްވުރެ މާބޮޑަށް އިތުބާރާއި ހިތްހަމަޖެހުމުގައޭ. އަޅުގަނޑު ޢައްޔަންކޮށްފައިވާ ޗީފް އޮފް ޕޮލީސްއަކީ އަޅުގަނޑަށް ވަރަށް އިތުބާރު ކުރެވޭ ބޭފުޅެއް. މިއަދަކު އެކަންޏެއް ނޫން. ކިތަންމެ ޒަމާނެއް ވަންދެން. މަދަރުސީ ދައުރުއްސުރެ ފަށައިގެން، އަޅުގަނޑު އިތުބާރުކުރާ ބޭފުޅެއް. އަޅުގަނޑު ދެކެނީ، އެބޭފުޅާ ތިޔަބޭފުޅުންނާ ގުޅޭގޮތުން، ފުލުހުންގެ އެންމެހާ ބޭފުޅުންނާ ގުޅޭގޮތުން ކަންތައްތައް ކުރައްވާނީ، އިންޞާފުވެރި ގޮތަށޭ. ހަމަހަމަ އުޞޫލުގައޭ. ތަފާތު ކުރުމެއްނެތް ގޮތުގައޭ. އަދި އެބޭފުޅާގެ ހުރިހާ މަސައްކަތެއްވެސް ބިނާވެފައި ހުންނާނީ، ތިޔަބޭފުޅުންގެ ރަނގަޅާއި، ތިޔަބޭފުޅުންގެ ލާބައަށޭ.

ނިންމާލުމުގެ ކުރިންވެސް، ތިޔަބޭފުޅުންގެ އުފާވެރި 76 އަހަރުގެ އެންމެހާ ތަހުނިޔާއާއި މުބާރަކްބާދީ، ހުރިހާ ފުލުހުންނަށް އަޅުގަނޑު، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަރިސް ކުރަން.

اَلحَمْـدُ لِلّـهِ. الســّلام عليــكم. ވަރަށް ބޮޑަށް ޝުކުރިއްޔާ!