بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މާލެއަކީ މި ސަރަޙައްދުގައި ހުރި ޓައުންތަކަށް ބައްލަވައިފިނަމަ، އެކަށީގެންވާ ޢަދަދެއްގެ މީހުން ދިރިއުޅޭ ބޮޑު ތަނެއް. މި މާލޭގައި އެއްލައްކަ ފަންސާސްހާސް މީހުން ދިރިއުޅެމުން އެބަދޭ. އެ ހުރިހާ މީހުންގެ މުނިސިޕަލް ޚިދްމަތް ރަނގަޅަށް ބެލެހެއްޓުމަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، މި ސަރުކާރުން އެންމެ ހިނދުކޮޅަކަށްވެސް ފަހަށްޖެހޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ވަރަށްގިނަ ކަންތައްތައް ފެށިގެން އަންނަނީ މާލެއިން. އަޅުގަނޑުމެން ރާއްޖޭގެ ވަރަށްގިނަ އިންތިޒާމުތައް ހުއްޓެނީވެސް އަދި ފެށެނީވެސް މާލޭގައި. މާލޭގައި ކަންކަން ރަނގަޅަށް ނުހިނގާނަމަ، ދެން ރާއްޖޭގެ އެހެން ތަންތަނުގައި ހަމަ އެބާވަތުގެ ކަންކަން ރަނގަޅަށް ހިންގުމަކީ ދަތިކަމަކަށްވާނެ. އަޅުގަނޑުމެންނަށް ޔަޤީން. އަޅުގަނޑުމެންގެ މާލެ، އަލުން އަނބުރާ ރައްޔިތުންނަށް، މި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި ގޮތުގައި، ތަނަވަސްކަމުގައި ތާހިރު ދިރިއުޅުމެއް އުޅެވޭނެ ތަނަކަށް ހަދައިދެވޭނެ.

އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންގެ ކުރިމަތީގައިވާ މައްސަލަތައް ނުހަނު ގިނަ. އުނދަގޫ. އެކަންކަމުން އަޅުގަނޑުމެންނަށް އަރައިގަންނަން ވިސްނަންޖެހޭ ވިސްނުމާއި، ރާވަންޖެހޭ ރޭވުމާއި، ކުރަންޖެހޭ ޚަރަދު ނުހަނުބޮޑު. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެއް ފަހަކަށް (ނުޖެހޭނެ)، އަޅުގަނޑުމެންނާއެކުގައި މިކަން ކުރުމުގެ މޭސްތިރިއެއްގެ ގޮތުގައި އެ ހުންނެވީ ސަރަނގު އާދަމް މަނިކު. އަޅުގަނޑަށް އެބޭފުޅާ މިކަން ސާބިތުކަމާއެކީގައި ނަތީޖާ ނެރޭނެ އުޞޫލަކުން ކުރާނެކަމާމެދު އެއްވެސް ޙާލެއްގައި ކުޑަކޮށްވެސް ޝައްކެއް ނުއުފެދޭ. އާދަމް މަނިކާ އެކުގައި މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ވާނީ މާލޭގެ ހަތަރު އަވަށުންނާއި އަދި ވިލިނގިލިންނާއި ހުޅުމާލެއިން ނައިބުން ކަނޑައަޅާފައި. ހެންވޭރުގައި އެހުންނެވީ ކަރޯ ޅަހުއްތު. ގަލޮޅުގައި އެހުންނެވީ ރަންގިރީގޭ އިސްމާޢީލް ވާފިރު. މައްޗަންގޮޅީގައި އަޅުގަނޑުމެންގެ ކަންކަމުގައި ޙަރަކާތްތެރިވާން ހުންނެވީ އޮގަރު މުޙަންމަދުފުޅު. މާފަންނަށް އަޅުގަނޑުމެން އަދި ބޭފުޅެއް ހަމަޖައްސަން ނިންމާފައި މިވަނީ، މިއަދު މާފަންނުގައި މިމަސައްކަތް ކުރުމަށްފަހުގައި. ވިލިނގިލީގައި ހުންނެވީ ބޮއި ޚަލީލު. އަދި އަޅުގަނޑުމެންނަށް ހުޅުމާލޭގައި މަސައްކަތް ކޮށްދެއްވުމުގައިވެސް ހަމަ އެހާމެ އެކަށީގެންވާ ބޭފުޅެއް އެބަ ހުންނެވި.

އަޅުގަނޑުމެންނަށް މިމަސައްކަތްތައް ރަނގަޅު ތަރުތީބަކަށް ގެނެވޭނެކަމާމެދު ކުޑަކޮށްވެސް ޝައްކެއްނެތް. އަޅުގަނޑުމެން ސާބިތުކަމާއެކީގައި މާލޭގެ ފަޅު އެކަންޏެއް ނޫން އިރާދަކުރެއްވިއްޔާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ. އަޅުގަނޑުމެން މާލޭގެ ފަޅުގެ އިތުރުން، އިރާދަކުރެއްވިއްޔާ މާލެތެރެ ހަމަ ސާފުތާހިރުކޮށް ބެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނަން. އަދި ހަމައެހެންމެ، މާލެތެރޭގެ ސާފުތާހިރުކަމުގެ އިތުރުން، އަޅުގަނޑުމެންނަށް އެބަޖެހޭ ވީހާވެސް ގިނަ ހުސް ޖާގައެއް މާލޭގެ ރައްޔިތުންނަށް، އެމީހުންގެ އަރާމު ދިރިއުޅުމަށްޓަކައި، ހިތްހަމަޖެހުމަށްޓަކައި ހާމަކޮށް ބޭނުންކުރެވޭނެ ގޮތެއް ހޯދަން. އަޅުގަނޑުމެން މާލޭގެ ޗާޓު އެބަ ބާއްވައިގެން އެއަށް ބަލަން. އަޅުގަނޑުމެންނަށް އެބަ ފެނޭ، މާލޭގައި ނޭވާލާނެ ތަންތަންކޮޅު ހާމަކުރެވޭނެ ފުރްޞަތުތައް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މާލޭގެ މިމަސައްކަތް ދާދި އަވަހަށް ނިންމައި، މާލޭގައި ހެދެންހުރި ޕާކްތަކަކީ ކޮބައިތޯ ކަނޑައަޅައި، އެތަންތަނުގައި އެމަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނަން. އަޅުގަނޑުމެންނަށް މި މާލެ ރިވެތި ތަނަކަށް ހެދުމަށް ހިންގަންޖެހޭ ކަންތައްތަކުގެ ތެރޭގައި، މާލޭގެ ރައްޔިތުންނަށް ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރު، ބޯހިޔާވަހިކަން ހޯދައިދިނުން އެއީ، ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށްޓަކައި މިހާރު ސަރުކާރުންވަނީ މާލޭގައި މިއަހަރުގެ ތެރޭގައި އެގާރަ ސަތޭކަ ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިޢްލާނުކޮށްފައި. އަދި ހުޅުމާލޭގައި އޭގެއިތުރުން އަޅުގަނޑު ހަނދާންވަނީ ދެހާހެއްހާ ފްލެޓް، މިއަހަރުގެ ތެރޭގައި އޭގެ މަސައްކަތް އެބަ ފެށޭ. ހަމައެހެންމެ ވިލިނގިލީގައިވެސް ދުއިސައްތަ ފްލެޓަށްވުރެ ގިނަ ފްލެޓްގެ މަސައްކަތް، މިއަހަރު ދުވަހުގެ ތެރޭގައި އެބަ ފެށޭ.

އަޅުގަނޑު މިސާލެއްގެ ގޮތުގައި ދަންނަވައި އުޅުނީމު، ބޮއި ކަނބުލޮގެ ވާހަކަ. މައްޗަންގޮޅި ބޭފުޅެއް. ޙާޖީ ޢިމާދުއްދީން ބޮއި ކަނބުލޮއަށް ގެވަޅެއް ދެއްވިފަހުން އެދަރިކޮޅަށް މިހާތަނަށް ބަންޑާރައިން ދެއްވާފައި އޮތް ހަމަ އެއްވެސް އެއްޗެއް ނެތް. މިއަދު ބޮއި ކަނބުލޮގެ ގެ ހަތާވީސްބައި ކުރަންޖެހޭ. ޢިމާދުއްދީން ބަނޑާރައިން ބޮއި ކަނބުލޮއަށް ދެއްވީ، އަޅުގަނޑު ހަނދާންވާ ގޮތުގައި ހަތަރުހާސް އަކަފޫޓް. ހަތަރުހާސް އަކަފޫޓް، ހަތާވީސް ބަޔަށް މިއަދު ކަނބުލޮއަށް ބަހަން ޖެހިއްޖެ. ކަނބުލޮއަށް މާމަކިޔާ ހަތާވީސް ކުދިން އެބަތިބި. އަޅުގަނޑަކަށެއް ނުވިސްނޭ، އަދި އަޅުގަނޑަށް ޔަޤީން، އެހެން އެއްވެސް މީހަކަށްވެސް ނުވެސް ވިސްނޭނެ އެކަން އެ ހަތާވީސް ކުދިން ކުރާނެ ގޮތެއް. އެހެންނަމަވެސް، އެކުދިންވެސް އެކަމުގައި ގޮތެއް ހޯދޭތޯ މަސައްކަތް ކުރަމުންދަނީ. އެކިއެކި ތަންތަނަށް ހިނގައި، އެކިއެކި ގޮތްގޮތަށް، އެކިއެކި ކޮޓަރިތައް ހަދައި، އެގޭގައި އެކިގޮތްގޮތަށް ހަތާވީސް ޢާއިލާއަށް ދިރިއުޅެވޭނެ ކޮންމެވެސް ގޮތެއް ހަދައިގެން އުޅެނީ.

އަޅުގަނޑުމެން މިބުނަނީ، މާލޭގައި އަޅުގަނޑުމެން މިސާލަކަށް މައްޗަންގޮޅީގައި އަޅާ ފްލެޓެއް، އެންމެ ޙައްޤީ ކާކަށްތޯއޭ. އެއީ، މިވަގުތު މާލޭގައި ބިންކޮޅެއްވާ، އެހެން ނަމަވެސް، އެ ބިންކޮޅުގައި ތާހިރު ގޮތުގައި ދިރިއުޅެވެން ނެތް މީހާ. އަޅުގަނޑުމެން ދެކޭގޮތުގައި އެންމެ ޙައްޤީ އެންމެ ކުޑަ ބިންކޮޅު ލިބޭ މީހުން. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުޞޫލެއް ޤާއިމު ކުރެވޭތޯ މި ބަލަނީ. އަޅުގަނޑުމެން މި ސަރުކާރުން އަޅާ ފްލެޓްތައް ދޫކުރުމުގައި، ބިންކޮޅެއް، މިސާލަކަށް އޮތީ ހަތްސަތޭކަ އަކަފޫޓްގެ ބިންކޮޅެއް. ނުވަތަ ފައްސަތޭކަ އަކަފޫޓްގެ ބިންކޮޅެއް ލިބިފައި މިއޮތީ ހަތް ކުދިންނަށް. ސަރުކާރުން ދޭނަމޭ ހަތް ފްލެޓް، އެބިންކޮޅުގެ ބަދަލުގައި. އަޅުގަނޑުމެން އޭރުން މި ޕްރޮގްރާމް ހިންގީމާ، އަޅުގަނޑުމެންނަށް މިދެކެވެނީ، އިސާހިތަކު މާލޭގެ އެކިއެކި ހިސާބުން މަޑުމަޑުން އަޅުގަނޑުމެންނަށް ސަރުކާރަށް ޖާގަ ހަދަމުން ގެންދެވޭނެއޭ. ހުސް ބިން ހޯދަމުން ގެންދެވޭނެއޭ. އަޅުގަނޑުމެންނަށް މާލޭގެ ކޮންމެ ބްލޮކެއް، ތިޔައިން ބޭފުޅަކު ވިދާޅުވޭ ބްލޮކެއްގެ ނަންބަރު. ސަތޭކަ ނަވާރަ މިސާލަކަށް. އެއީ ވަރަށްބޮޑު ބްލޮކެއް. ކަސްތޫރިގޭ ބްލޮކް. އެއިން ތަނެއްގައި ރަނގަޅު ބިންކޮޅެއް ހޯދާފައި، އެތަން ހަމަ އަޅުގަނޑު މިސާލެއް މިދެއްކީ. ގްރީންގެ އެހުރި. އެތަނުގައި އަޅުގަނޑުމެންނަށް ފްލެޓެއް އެޅިއްޖެނަމަ، ހަމަ ފަސޭހަކަމާ އެކީގައި މުޅި ބްލޮކް އެންމެންނަށް ޓެނިސް ކޯޓާއެކު، ސްވިމިންގޕޫލާއެކު އެތަނަށް ދެވޭނެ. އަދި ހަމަ ވަރަށްގިނަ ބައެއް އަޅުގަނޑުމެންނަށް އެތަނުން ހުސްކުރެވޭނެ.

އަޅުގަނޑުމެން އެބަ ދެކެން މާލޭގެ މަންޒަރެއް. އަޅުގަނޑުމެންގެ އެބައޮތް މާލޭގެ ތަޞައްވުރެއް. އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، އެ މަންޒަރު ޙަޤީޤަތަކަށް ހެދުމަށްޓަކައި. މި ސަރުކާރު ދެމިއޮތުމުގެ އެހެން އެއްވެސް ބޭނުމެއް ނެތް. ހަމައެކަނި ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުން ފިޔަވައި. އަޅުގަނޑުމެން މިތަނުގައި މިތިބެނީ ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. ރައްޔިތުން އެދޭ ކަންކަން، ރައްޔިތުންނަށް ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެން ހޯދަން އެބަޖެހޭ އެކަންކަން ކޮށްދެވޭނެ ގޮތްގޮތް. އަޅުގަނޑުމެންނަކަށެއް ނެތް، މިދިޔަ ތިރީސް އަހަރުގައި މިހެނޭވީ، އެހެނޭވީ ކިޔާފައިވެސް ޙުއްޖަތު ދައްކައި، މިއިން އެއްވެސް ކަމެއްގައި މަޑުކޮށްގެން ތިބެވޭކަށް. މީގެ ތިރީސް އަހަރާއި އޭގެކުރީގެ ވިހި އަހަރާއި އަދި ފަސްއަހަރާއި، ދެން އަދި އޭގެ ކުރީގެ ސާޅީސް އަހަރާއި އަދި ޙަސަން ފަރީދުގެ ބޮޑުވަޒީރު ކަމުގައި އެވީ ދުވަހަކާ. އެހުރިހާ ދުވަހެއްވެސްވެ ހިނގައްޖެ. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށެއް މިކަންކަމުގެ ޙުއްޖަތުގައި މިއަދު ކަން ނުކޮށް ތިބެވޭކަށެއްވެސް ނެތް. އަދި އަޅުގަނޑުމެން ތިބޭކަށް ޤަޞްދެއްވެސް ނުކުރަން. އެ ތިރީސް އަހަރުގައި ވެދިޔަ ކަމެއް ވެދިޔައީ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ފަސް އަހަރު ދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މާލޭގައި އެކްސަސް ހައުސިންގ ސްޓޮކެއް ނުވަތަ މާލޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ގެދޮރު ހޯދޭނެ އިންތިޒާމު، އެންމެ ކުޑަމިނުން އަޅުގަނޑުމެންނަށް ތާވަލެއް، ޓޭބަލެއް، ތަރުތީބެއް އެކުލަވާލެވޭނެއޭ. އަދި އެ ތަރުތީބުގައި ކުރިއަށްދާނެ މަގު، އަޅުގަނޑުމެންނަށް ކުރެހޭނެ. އެގޮތުން، އަޅުގަނޑުމެން މިހާރު އެކުލަވާލާފައިމިވާ ތަޞައްވުރު. އެއީ މާލޭގައި އެގާރަސަތޭކަ ފްލެޓް، މިއަހަރު ދުވަހުގެ ތެރޭގައި އަޅަން ފެށުން. އެކަމަށް ބޭނުންވާ ފައިސާވެސް އަޅުގަނޑުމެންނަށް އެނގޭ ލިބޭނެ ގޮތްގޮތް. ވިޔަފާރީގެ އުޞޫލުން މިކަންކަން ކުރެވެން އެބައޮތް. މާލޭ ރައްޔިތުން ގެދޮރަށް، އެމީހުންގެ އާމްދަނީގެ ގޭގެ ޖުމްލަ އާމްދަނީގެ ވިހި ޕަސެންޓަށްވުރެ އިތުރަށް ޚަރަދު ކުރަން ޖެހިގެން ނުވާނެ. އެއީ އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރަމުން އައި ގޮތް.

އަޅުގަނޑު މިތަނުގައި ގިނައިރު ނަގާކަށް ނެތިން. އެހެންނަމަވެސް، އާދަމް މަނިކަށް ފަށްފަށުން ޝުކުރު ދަންނަވަން ބޭނުން. ހަމައެހެންމެ، މިނިސްޓަރ އަސްލަމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. މާލޭގެ ބަނދަރު ހަމައެކަނި ސާފުކޮށްގެން ޙަޤީޤަތުގައިވާކަށެއް ނެތް. އެބަނދަރު އެވަނީ ތޮއްޖެހިފައި. އެ ބަނދަރު އެވަނީ އެތައް ގޮތެއް، ކިތަންމެ އިންތިޒާމެއް ހަމަޖައްސައިގެން، ފަސޭހަކަމާ އެކީގައި ބޭނުން ކުރެވޭނެ ތަނަކަށް ހަދަން ޖެހިފައި. އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ، މިއަންނަ މަހުގެ ތެރޭގައި، ގުޅީފަޅުގައި ބަނދަރެއް ހެދުމުގެ މަޝްރޫޢުގައި ބޭރު ކުންފުންޏަކާ އެކީގައި ސޮއި ކުރާނަން. އެ މަޝްރޫޢު ކުރިއަށްދާން ފެށީމާ، މާލޭގެ ބަނދަރަށް، މާލޭގެ ފަޅުތެރެއަށް ލުއި ލިބޭނެ. ހަމައެހެންމެ، ސަރުކާރުން މިދަނީ ހުޅުމާލޭގައި މަސް ބަނދަރެއް ހެދުމުގެ މަޝްރޫޢެއް ރާވަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި އެކަންވެސް ޢަމަލީ ގޮތުން ފަށައިގަނެވޭނެ. އެކަން އެހެން ހިނގީމާ، މާލޭގެ ފަޅުތެރޭގައި ހުރި ކަންނެލި އޮޑިފަހަރަށް ފަސޭހަކަމެއް ލިބިގެންދާނެ.

ދެން ހަމަ އޭގެއިތުރުންވެސް، މާލޭގެ މާރުކޭޓާއި، އަދި މާލެއަށް ތަކެތި ވިއްކުމަށް ރަށްރަށުން ޒިޔާރަތްކުރާ ރައްޔިތުންނަށް، މާލޭގެ ފަޅުތެރެ ފަސޭހަ ގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމުތައް އަޅުގަނޑުމެން އެބަޖެހޭ ހަމަޖައްސަން. މާލެ އެބަ ތަރުތީބު ކުރަންޖެހޭ. މާލެ އެބަ ހަމައަކަށް ގެންނަންޖެހޭ. މާލޭގެ ބޯހިޔާވަހިކަން އެކަންޏެއް ނޫން. އެކަމާ ގުޅިގެން ދެން ހުރި ބައިވަރު ކަންތައްތައް އެބަހުރި.

އެންމެބޮޑު އެއްކަމަކީ ވަޒީފާ ނެތް ޒުވާނުން، މާލޭގައި ދުވަހުން ދުވަހަށް އިތުރުވަމުންދާ މައްސަލަ. ސަރުކާރުން މިހާރު މިވަނީ މަޝްރޫޢެއް ރާވާފައި. އަޅުގަނޑުމެން އެކަމުގެ މަސައްކަތް، ޢަމަލީ މަސައްކަތް، ކުރިއަށް މިއޮތް ދެތިން ހަފްތާގެ ތެރޭގައި ފެށޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖެއިން ވަޒީފާ ނެތް، ޢުމުރުން އަށާރައާއި ތިރީސް ފަހަކާ ދެމެދުގެ ފަސްހާސް ކުދިން، މިއަހަރުގެ ތެރޭގައި ފާހަގަކުރުން. ކޮށްފައި އެކުދިންނަށް ކޮންމެވެސް ބާވަތެއްގެ ޓްރޭނިންގއެއް، ތަމްރީނެއްދީފައި، އެކުދިންނަށް ވަޒީފާއެއްގެ ފުރްޞަތު އެކުދިންނަށް ހޯދައިދެވޭނެ ގޮތަކަށް ސަރުކާރުން މަސައްކަތް ކުރުން. އެކުދިން ވަޒީފާއަށް އަހުލުވެރިކުރުން. އެ މަސައްކަތް ފެށުމަށް ޕޮލިސް ޗީފް ފަސީޙު ތަކުރާރުކޮށް އަޅުގަނޑު ކައިރީ އެވާހަކަ ދައްކަވާ. އަދި އެހެން ހުރިހާ ބޭފުޅުންވެސް އެކަމަށް އެބަ ބޭނުންފުޅުވޭ. އަޅުގަނޑުމެން އެކަކަށްވެސް މިވާހަކަތައް އޮޅިފައެއް ނެތް. މިކަން މިހެން ކުރާއިރުގައި، އަޅުގަނޑުމެން ބޭނުންވޭ، ވަރަށްގިނަ ޢަދަދެއްގެ މާލޭ ބެލެނިވެރިން. އަދި ރާއްޖޭގެ އެކިރަށްރަށުންވެސް ބެލެނިވެރިން. ކޮންމެ ވިއްސަކަށް، ތިރީހަކަށް ކުއްޖަކަށް ބެލެނިވެރިއެއް ހުންނަން ޖެހޭނެ. އަޅުގަނޑުމެން ބޮޑެތިވެފައި މިތިބީ މައިންބަފައިން ބަލަހައްޓައިގެން. ބަލައިގެން. ހަމަ މާލޭގެ ކިތަންމެ ގެއެއްގައި މެދު ޢުމުރުގެ އެތައް ބޭފުޅުންނެއް، އަންހެންވެސް ފިރިހެންވެސް އެބަ ތިއްބެވި، މިބާވަތުގެ މަސައްކަތުގެ ތެރެއަށް ފަސޭހަކަމާއެކީގައި އާދެވޭނެ. އަޅުގަނޑަށް އެކަން އެނގޭ، އެބޭފުޅުން ތައްޔާރަށް ތިއްބެވިކަންވެސް.

އެހެންވީމާ، ހަމަ އަޅުގަނޑުމެންގެ ކިބައިގައި އޮތީ، މިކަންކަން ރަނގަޅަށް ރޭވުމާއި، ރަނގަޅަށް ހިންގޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން. މިކަން އަޅުގަނޑުމެން ފަށައިގަންނައިރުގައި ވަރަށްގިނަ ދަތިތަކާ ދިމާވާނެ. މިނިސްޓްރީތަކުން ޖަވާބު ނުދިނުން. މިނިސްޓްރީތަކުން އެއްގޮތަކަށްވެސް ވާނުވާ ނޭނގުން. އަދި އެހެންގޮސް އެބާވަތުގެ ކިތަންމެ ކަމެއް. އޭނަ ހުންނަންވީ ތަން މީނައަށް ނޭނގުން. މީނަ އުޅޭ ތަން އޭނައަށް ނޭނގުން. ދެން ހަމަ އަޅުގަނޑަށް ޔަޤީން، ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ޝަކުވާ ހުންނާނެ މީހަކު ހަމަ ހަލާކުވާވަރަށް. އަޅުގަނޑުމެން ޖެހޭނީ އެކަންކަން ހަޖަމު ކުރަން. އަޅުގަނޑުމެން ޖެހޭނީ، އެ އޮޅުން ބޮޅުން އަޅުގަނޑުމެން ފިލުވަން. އަޅުގަނޑުމެން މިކަމަށް ނުކުމެ މިތިބީކީއެއް ރައްޔިތުންގެ ޝަކުވާއަށް ފިލާކަށެއް ނޫން. އަދި އަޑުނާހާކަށްވެސް ނޫން. އަޅުގަނޑުމެން ނުކުމެ މިތިބީ، އެހުރިހާ ޝަކުވާއެއް ބަލައިގަނެ، އެއަށް އަޅުގަނޑުމެން ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިދަންނަވާ ޙައްލުތައް ހޯދޭނެ. އަޅުގަނޑު ހަމަ ދަންނަވާނީ، ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި، މިއަހަރުގެ ތެރޭގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މާލެއަކީ މި ސަރަޙައްދެއް ނޫން، ދުނިޔޭގައި ރީތި ރަށަކަށް އަޅުގަނޑުމެންނަށް ހެދޭނެއޭ. އިރާދަކުރެއްވިއްޔާ، އަނެއް ދިވެހިރާއްޖޭގެ މާލެ، އަޅުގަނޑުމެން ހަމަ ސިފަކުރާނީ، ގުލްޒާރުގައި ނަޔާމަގޭ، ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ. އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މާލެ، އަލުން އަނބުރާ މާލޭ ރައްޔިތުންނަށް ހޯދައިދޭނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!