بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުވެސް ވީހާވެސް އަވަހެއް ކުރެވޭތޯ ބަލާނަން. އަޅުގަނޑަށް އެނގޭ، އެންމެ ބޭފުޅުން ވަރަށް ހޫނުގަދަވެފައިކަން، ތިޔަ ތިއްބެވީ. އެއަރކޮންޑިޝަންގެ މައްސަލައެއްކަމަށްވަނީ.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ، މިރޭ މި ކާމިޔާބު ޙާޞިލުކުރި ދަރިވަރުންނަށް އަޅުގަނޑުމެންނަށް މި ދެވުނު އިނާމަކީ، ޙަޤީޤަތުގައި އެދަރިވަރުންނަށް ޙައްޤު މިންވަރު ނޫންކަން. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މިއަދު ކާމިޔާބު ޙާޞިލު ނުކުރެވުނު ދަރިވަރުންނަށް އެގޮތަށް، ކަން އެ ދިމާވީ ޙަޤީޤަތުގައި ހަމައެކަނި އެކުދީންގެ ނުކިޔެވުމުން، ނުވަތަ ކިޔަވާހިތް ނުވުމުން، ނުވަތަ ދެރަކަމުގެ ސަބަބުން ނޫންކަން. އަޅުގަނޑުމެންނަށް ޤައުމެއްގެގޮތުގައި، ދައުލަތެއްގެގޮތުގައި، ސަރުކާރެއްގެގޮތުގައި ދަރިވަރުންނަށް ކޮށްދޭން ޖެހިފައިވާ އެތައްކަމެއް ނުކޮށްދެވި އޮތީތީވެކަން. އަޅުގަނޑު އެންމެ ދަރިވަރުންނަށް ޔަޤީންކޮށްއަރުވަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މި ސަރުކާރުން ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދާދިނުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަން.
އަޅުގަނޑަށް އެނގޭ އެންމެ ދަރިވަރުންގެ މިރޭގެ އުންމީދަކަށް ވެފައި އޮންނާނީ، މަތީތަޢްލީމުގެ އުންމީދުކަން. ހަމަ އެއާއެކީގައި އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ތެރޭގައި އެ ފުރްޞަތު މަދުވެފައިއޮތް މިންވަރު. ތިޔައިގެ ތެރެއިން ކިތައް ކުދިންނަށްކަން، ޙަޤީޤަތުގައި މަތީ ތަޢްލީމެއް ލިބި، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ މަސައްކަތުން ދިރިއުޅެވޭނޭ އަމިއްލަ ޝަޚްޞެކޭބުނެ، އަމިއްލަ ދެފައިމައްޗަށް ތެދުވެ، ހުންނާނެ ރައްޔިތަކަށް ވެވޭނީ.

އަޅުގަނޑުމެންނަށް ހަމަ ވިސްނޭ، މަތީތަޢްލީމުގެ އުންމީދު، އޭގެ މުހިންމުކަން. ދަރިވަރު ފުރާވަރަށްއަރާ ހަމަހޭޖެހި ދާހިނދު، އެދުވަސްވަރު ތަޢްލީމުގެ މާޙައުލުގައި، ޢިލްމު އުނގެނުމުގެ މާޙައުލުގައި، ދިރާސާއާއި ތަޙްލީލުގެ ފިކުރުގައި، ކުއްޖާ ބޮޑުވެގެންދިޔުމަކީ، ބައްޓަންވެގެން އައުމަކީ، ޙަޤީޤަތުގައި ހަރުދަނާ މީހަކަށް ތިމާ ވާ ސަބަބު. އަޅުގަނޑު އެދެނީ، ކޮންމެކުއްޖަކީވެސް މޮޅުކުއްޖަކަށްވުމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި ތިމާ މޮޅުވީމާ، ތިމާ ހަރުދަނާވީމާ ދެން ޤައުމުވެސް ހަރުދަނާވާނެ. މޮޅުވާންވީ ތިމަންނާ. އަމިއްލަ މީހާ. އަހަރެން. އަހަރެން މޮޅުވީމާ ދެން އަހަންނާއެކުގައި އަޅުގަނޑަށް ޔަޤީން، ޤައުމު މޮޅުވެގެންދާނެ. އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނެ،

އަޅުގަނޑުމެން ސަރުކާރުން އަމާޒެއް ކަނޑައަޅާފައި މިވަނީ. އަޅުގަނޑުމެންގެ އަމާޒަކީ، ވީހާވެސް ގިނަކުދިންނަކަށް މަތީތަޢްލީމުގެ ފުރްޞަތު، މަގު ފަހިކޮށްދިނުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ނަޒަރުގައި އަޅުގަނޑުމެން ދެކަމެއް ކުރަންޖެހޭ. އެއީ، މިހާރު މި ޕްރައިމަރީ، ސެކެންޑްރީ އެޑިޔުކޭޝަން ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ލިބޭ ކުދިންގެ އަދަދު އިތުރުކުރުން. ހަމައެހެންމެ، ރާއްޖޭގައި މަތީތަޢްލީމުގެ ފުރްޞަތުތައް ފުޅާކުރުން.

ފެންވަރު ރަނގަޅުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފާހަގަވެފައިވާ ކަންތައްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އޭގެތެރޭގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ ފާހަގަކުރައްވައިފި، އެއްދަންފަޅިއަށް ސްކޫލްތައް ހެދުން. ވަށާޖެހިފައިވާ ތަޢްލީމެއް ދަރިވަރުންނަށް ދިނުން. ދަރިވަރުންނާއި ޓީޗަރުންނާ މިދެމެދުގެ ރޭޝިއޯ ވީހާވެސް ހެޔޮގޮތެއްގައި ބެހެއްޓުން. އަދި ޓީޗަރުންނަކީވެސް ހަރުދަނާ، ޓީޗަރުންނަކީވެސް ތަޢްލީމު ލިބިތިބި، ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމުގެ މަސައްކަތް. އަޅުގަނޑަށް އެނގޭ، މިއީކީއެއް އަޅުގަނޑުމެންނަށް ފަސޭހަ މަސައްކަތެއްނޫން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖޭގެ ދަރިވަރުން އިތުރުވަމުންއައި މިންވަރާ، އެ މިންވަރަށް ފައިހަމަކުރުމަށް އެއްހަމަ ކުރުމަށް ބޭނުންވާ އެކިއެކި ޚަރަދުތައް ނުވަތަ ތަރައްޤީގެ މަޝްރޫޢުތައް އެންމެ އެދެވޭގޮތުގައި މިއޮތީ ނުހިންގި. އެހެންވީމާ، މިހާގިނަ ދަރިވަރުންތަކެއް އިތުރުވެގެންދިޔައީ. ދިޔައިރުގައި އެހުރިހާ ކުދިންނަށް ތަޢްލީމެއް ދެވޭނޭގޮތް ފުރިހަމަގޮތުގައި ފަހިވެފައިނެތުނީ.

އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު މިހުރި މަތީތަޢްލީމުގެ ފުރްޞަތުތަކަށް އަޅުގަނޑުމެން ބަލައިލިނަމަ، އެހުރި ފުރްޞަތުތައް ފުޅާކޮށްގެން އަޅުގަނޑުމެންގެ ތެރެއިން އެންމެމޮޅު ނަތީޖާ ނުލިބުނު ކިތަންމެ ކުދިންނަކަށް އަދި ދެވަނަ ފުރްޞަތެއް އަޅުގަނޑުމެންނަށް ދެވިދާނެ. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަކަށެއްނެތް އެކުދިންގެމަތިން ހަނދާންނައްތާލައި، ހަމައެކަނި އެންމެމޮޅުވި ކުދިންކޮޅު ގޮވައިގެން ކުރިޔަށްދެވޭކަށެއް. އަޅުގަނޑުމެން ރާއްޖޭގައި ދިމާވާ ގިނަ ކަންތައްތައް، ނޭދެވޭ ގިނަކަންތައްތައް ދިމާވަމުން މިދަނީ މިދެންނެވި ފުރޭނިން ބޭރުންދާ ކުދިންނަށް އަޅުގަނޑުމެންނަށް ގޮތެއް ހޯދާނުދެވޭކަމުން. އެކުދިންނަށް އިތުރު ފުރްޞަތެއް ދިނުމަށްޓަކައި ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރަމުންގެންދާނެ.

އެގޮތުން މިހާރު ސަރުކާރުންވަނީ، އިތުރު މަތީތަޢްލީމުދޭ، މުއައްސަސާއެއް ނުވަތަ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް އުފެއްދުމުގެ މަސައްކަތް ފަށައިގެންފައި. އެނގިވަޑައިގަންނަވާނެ، މިނިސްޓްރީ އޮފް ޔޫތުގެ ފަރާތުން ހިންގަމުން ގެންދާ، "ޓިވެޓް" ޕްރޮގްރާމެއް، އެ ޕްރޮގްރާމުގެތެރޭގައި އަޅުގަނޑުމެން ހިމަނަން ބޭނުން، އެންމެރަނގަޅަށް ފާސްނުވާކުދިންނާ އަޅާލެވޭނޭ އިންސްޓިޓިއުޝަނެއް، ނުވަތަ މުއައްސަސާއެއް އުފައްދައި، އެތަނުން އެކުދިންނަށް އަނެއްކާ ދެވަނަ ފުރްޞަތެއްދީ، އިތުރަށް މަތީތަޢްލީމުގެ ހަރުފަތްތަކަށް އެކުދިންނަށް ދެވޭނެގޮތް ހޯދައިދިނުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަދު ނާކާމިޔާބު ލިބުނު ކުދިން، އަޅުގަނޑު ދަންނަވާނީ، އެއްގޮތަކަށްވެސް އަތްއުރާލާކަށެއް ނުވެޔޭ އަދި ހިތްމަރާލާކަށްވެސް ނުވެޔޭ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަކުދިންނަށް ދެވަނަ ފުރްޞަތެއް ހޯދައިދޭނަން.

މޮޅުވާނެ، ބައެއްކުދިން އަނެއްބައި ކުދިންނަށްވުރެ، މޮޅުކުދިން ބަލިވެސްވާނެ، ދެރަވެސްވާނެ. ބައެއްފަހަރަށް ދެރަކުދިން މޮޅުވެސްވޭ. އަޅުގަނޑުގެ ވާހަކައަކީ، މޮޅުވުމަކީ މުހިންމުކަމެއް. ބައެއްގެ ތެރޭގައި، މުޖްތަމަޢެއްގެ ތެރޭގައި އަބަދުވެސް ތިބޭނެ މޮޅު މީހުންނާ އަދި އެހާ މޮޅު ނޫންމީހުން. ބައެއްމީހުން މޮޅީ ބައެއްކަންކަމަށް. އަނެއްބައިމީހުން އެހެން ކަންކަމަށް. އަޅުގަނޑުގެ ނަޞޭޙަތަކީ ކާމިޔާބުގައި ހިތްތިރިކުރައްޗޭ. ބޮޑާކަން ލިބިނުގަންނައްޗޭ. އަދި މިއަދު މިލިބުނު ކާމިޔާބަކީ، ކަމެއްގެ ނިމުންކަމަށްވެސް ނުދެކެއްޗޭ. ކުރިޔަށްއޮތީ ތިޔަބޭފުޅުންގެ މުސްތަޤްބަލް. މަތީތަޢްލީމުގެ ފުރްޞަތު. އެދުވަސްވަރު މަތީތަޢްލީމު ޙާޞިލްކުރުމަށް އެ ހޭދަކުރާ ދިރިއުޅުން، އެ އުފާވެރި މާޙައުލު، އެ ޢަޒުމް، އެ މަޤްޞަދު ތިޔަބޭފުޅުންގެ ހިތުން ކައްސާލައިގެން ނުވާނެއޭ. ކުއްޖަކަށްވެވެނީ، މީހަކަށް ޙަޤީޤަތުގައި މިވެވެނީ، މަތީތަޢްލީމެއްވެސް ލިބިގެން. ޤައުމު ބިނާކުރުމުގައި ކޮންމެހެން ބޭނުން މިއަދަށްވުރެ މާގިނައިން މަތީތަޢްލީމު ލިބިފައިވާމީހުން. ތިޔަކުދިންގެ މިދެންނެވި އުންމީދު ނަގާލައިގެން ނުވާނެ. އެކަމަށް ތިޔަކުދިން މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.

އަޅުގަނޑުމެންނަށް ފެންނަފެނުމުގައި ރާއްޖޭގެ މަދަރުސާތައް، ޚާއްޞަކޮށް ސެކެންޑްރީ ތަޢްލީމުދޭ މަދަރުސާތަކުގެ އަދަދު މިދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ވަރަށްގިނަތަނުން، ވަރަށްބޮޑުތަނުން އިތުރުވެގެން ހިނގައްޖެ. އަޅުގަނޑު ހޯރަފުށްޓަށް ދިޔައިމާވެސް އެތަނުގައިވެސް ގްރޭޑް 10 ކިޔަވާތާ ކިތަންމެ ދުވަހެއް. އިހަވަންދޫގައިވެސް، ދިއްދޫގައިވެސް، ބާރަށުގައިވެސް، ކެލާގައިވެސް، ކުޅުދުއްފުށީގައިވެސް، ކުމުންދޫގައިވެސް، އުތުރުގައިވެސް، ދެކުނުގައިވެސް، މުޅިރާއްޖޭގައިވެސް. އަޅުގަނޑުމެންދާ ކޮންމެ ތަނެއްގައި މަތީތަޢްލީމު، ނުވަތަ ގްރޭޑް 10 ނިންމާ ކުދިން މިއަންނަނީ ވަރަށްބޮޑަށް އިތުރުވަމުން. އަޅުގަނޑުމެން ބަލަން ތިބިން، މިމަންޒަރު. މަތީ ތަޢްލީމަށް، 10 އަށް. މިރަށުގައިވެސް 10 ނިންމާ، ދިހަޔަކާ ހަމަޔަށް ކިޔަވާދިނުމަށް ރައްޔިތުން އެދޭތަން. އަޅުގަނޑުމެން ދުށީމު 8 އަކާ ހަމައަށް މިރަށުގައި ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އެދުމަށް ދެންނެވުމަށް ކަތީބު މާލެއައިސް އެއް މިނިސްޓްރީއަކުން، އަނެއް މިނިސްޓްރީއަކުން ސަލާންޖަހަމުން ހިނގާތަން. އަދި ރ.ކ. ކޮމިޓީގެ މެންބަރުންވެސް އަދި މާ ގާތް ވަޒީރެއް ހުންނެވިއްޔާ އެ ވަޒީރަކާވެސް ވަހަކަދައްކަވައިގެން، އަދި މިނިސްޓްރީއެއްގައި ޑިރެކްޓަރަކު ނުވަތަ ކާތިބަކުވެސް މިބާވަތުގެ ކަންކަމުގައި އުޅެންޏާ، އޭނާއާ ރައްޓެހިއްޔާ އެ އާދޭސްވެސް ކޮށްގެން، އަދި ބައެއްފަހަރަށް ސައެއްދީގެން ނަމަވެސް 8 އަކާ ހަމަޔަށް އަހަރުން ރަށުގައިވެސް ކިޔަވައި ދިނުމަށް. 10 އާ ހަމަޔަށް މިރަށުގައިވެސް ކިޔަވާދިނުމަށް. އަޅުގަނޑުމެންނަށް މިމަންޒަރު ފެންނަމުން އަންނަތާ، ހަމަގައިމުވެސް އަޅުގަނޑަށް ފެންނަމުން އަންނަތާ ހައެއްކަ އަހަރުވެއްޖެ. މިރަށުގައިވެސް 10 އަކާ ހަމައަށް. އެހެންހުއްޓާ އަޅުގަނޑު އިހަކަށްދުވަހު އިހަވަންދުއަށް ދިޔައިރުގައި އެރަށުގައި 12 އާ ހަމައަށް ކިޔަވާ 60 ކުދިން އެބަތިބި.

ރާއްޖޭގެ ހުރިހާ މަދަރުސާއެއްގައިވެސް މިއަންނަނީ 10އަކާ ހަމައަށް ނުވަތަ މަތީ ތަޢްލީމަށް ދިޔުމުގެ މަރްޙަލާގައި ފުރްޞަތު ބޭނުންވާނޭ ކުދިންގެ އަދަދު ގިނަވަމުން. ސަރުކާރަކަށްނެތް، އެކުދިންނާ އަޅާނުލައި އަދި އެކުދިންގެ މުސްތަޤްބަލަށް ފިކުރުނުކޮށް ތިބެވޭކަށް. އަޅުގަނޑުމެން އެބަޖެހޭ، އެކުދިންނަށް މަތީތަޢްލީމުގެ ފުރްޞަތެއް ފަހިކޮށްދޭން. އަޅުގަނޑުމެން ނެރުނީމު ވިސްނުމެއް، މިކަންކުރެވިދާނެ. ހަމަގައިމުވެސް މީގެކުރީގައިވެސް މިކަން ނުވެއޮތް އެންމެބޮޑު އެއް ސަބަބަކީ، ތަޢްލީމުގެ ބަޖެޓް ދެގުނަ ކުރެވޭކަށް ދިވެހިރާއްޖޭގެ މާލީޙާލަތާ އާމްދަނީ ފުރްޞަތެއް ތަނެއްނުދޭ. ދެން އެހެންވީމާ، އެކަން ނުކުރެވޭނެކަމަށް، ނުވަތަ މިވަގުތުކުރުމަށް ދަތިކަމަށް ދެކި، މުހިންމުކަމަކީ އާމްދަނީ ދެގުނަޔަށް އިތުރުކޮށްފައި، ދެން ތަޢްލީމީ ފުރްޞަތުތައް ފަހިކުރުމޭ. މިބާވަތުގެ ވިސްނުމެއްގައި ތިބެވުނީކަމަށްވެސް ވެދާނެ. އަޅުގަނޑަށް އެނގޭ އެއްޗަކީ އާމްދަނީއެއް ދެގުނައެއް ނުކުރެވޭނެ ތަޢްލީމީ ފުރްޞަތު ދެގުނަ ނުކޮށެއް. އަޅުގަނޑުމެން އެބަޖެހޭ، ހަމަމިހާރުވެސް ދަރިވަރުންނަށް މަތީތަޢްލީމުގެ ފުރްޞަތެއް، ފުރްޞަތުތައް ފަހިކޮށްދޭން.

އަޅުގަނޑުމެން ނެރުނު ވިސްނުމަކީ، ސަރުކާރުން ދޭނަމޭ ދަރިވަރުންނަށް ގްރާންޓެއް. ހަމައޭގެއިތުރުން، ސަރުކާރުން އުފައްދާދޭނަމޭ، ލޯން ފެސިލިޓީއެއް. ސަރުކާރުން މަދަރުސާއެއް ނުވެއް ހިންގާނަމޭ، މަދަރުސާ ހިންގުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއް އުފެއްދުމޭ، ސަރުކާރުން އެދެނީ. ދަރިވަރުންނަށް އެމަދަރުސާތަކަށް ފީދައްކާނެ އެހީ ސަރުކާރުން ފޯރުކޮށްދޭނަމޭ. އެވިސްނުމުގައި އަޅުގަނޑުމެން ކުރިޔަށް މިދަނީ. އަޅުގަނޑުގެ ނަޒަރުގައި އެގޮތަށް އަޅުގަނޑުމެންނަށް ކުރިޔަށް ގެންދެވިއްޖެނަމަ، ހަމައެކަނި 11، 12 އިގެ ޕްރެޝަރު މިހާރުގެ ސަރުކާރުގެ މަދަރުސާތަކަށް ލުއިވެގެންދަނީކީއެއްނޫން. ސަރުކާރުގެ މަދަރުސާތަކުގައި މިހާރު ސެކަންޑަރިއަށް ކިޔަވާދޭ މަދަރުސާތަކުގައި ދޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރެވޭނެ. ސަރުކާރުގެ ބަޖެޓުން ސީދާ ކުރާ ޚަރަދު ކުޑަވެގެންދާނެ. މި އުޞޫލް ތަޢާރުފް ނުކޮށް، ސަރުކާރުން ސީދާ ބަޖެޓުން ހުރިހާ ދަރިވަރުންނަށް މަތީ ތަޢްލީމު ދޭން ފިކުރުކޮށްފިނަމަ، އަޅުގަނޑު ނުދަންނަވާނަން ކުރިޔަށްއޮތް 10 އަހަރުތެރޭގައިވެސް އެކަން ކުރެވިދާނެއެކޭ.

އަޅުގަނޑުމެން މިވިސްނަނީ، މިހާރުންމިހާރަށް މިކަންކުރެވޭނެގޮތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވަރަށްބޮޑު ޔަޤީންކަންއެބައޮތް، ޑޮކްޓަރ ލުޠުފީގެ މޭސްތިރިކަމުގެ ދަށުގައި އަޅުގަނޑުމެންނަށް މިވަޢުދު ފުއްދާދެވޭނެކަމަށް. މިދަންނަވާހާގިނަ ރަށްރަށުގެ ހުރިހާކުދިންނަށް މަތީތަޢްލީމުގެ ފުރްޞަތުތައް ފަހިކޮށްދެވޭނެކަން.

އަޅުގަނޑު މިރޭ ވަރަށްއުފާވޭ، ހަމައެކަނި އެހާގިނަ ކުދިންތަކެއް ފާސްވީތީކީއެއްނޫން. ހަމަ އޭގެ އިތުރުން، ފާސްވި ކުދިންގެ އަދަދު މަދެއްވެސްނޫން އިނގޭތޯ. އެންމެމޮޅަށް ކިޔަވައިގެން ނުކުތް ކުދިންގެ އަދަދުވެސް މަދެއްނޫން. ދެން ފާސް، ނުވަތަ އެންމެ ބޭނުންވަރަށް ފާސްނުވިކުދިންގެ އަދަދު ގިނަކަން، 22 ޕަސެންޓް އެބައޮތް. އެވެސް ވަރަށްބޮޑުއަދަދެއް. އެއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ އަދަދެއްނޫން. ދެން އެހެންނަމަވެސް ރަނގަޅަށްދިޔަ ކަންތައް އަޅުގަނޑުމެންނަށް ވަރަށް އުފަލާއެކީގައި ބަލައިގަންނަންވެސް ޖެހޭ. އަދި ފާހަގަވެސްކުރެވޭ. ދުނިޔޭގެ ވަނައިގައި ތިޔަބޭފުޅުން ހިމެނިގެން، ފާސް ހޯއްދަވައިގެން މިރޭ މިތަނުގައި ޕެރޭޑް ކުރެއްވީތީވެ، އަޅުގަނޑުމެން ހަމަ އިންތިހާޔަށް މަރްޙަބާ ދަންނަވަން. ތިޔަބޭފުޅުންނަށް މުބާރިކްބާދީ އަދާކުރަން. އިރާދަކުރެއްވިއްޔާ ފާސްވިކުދިންނަށް މަތީތަޢްލީމުގެ ފުރްޞަތު ރާއްޖެއިންބޭރުންނާއި، ރާއްޖެއިން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. މިސަރުކާރަކުންނެއް ތިޔަކުދިން ދުލެއް ކޮށެއްނުލާނެ. އަޅުގަނޑަށް އެނގޭ، މިރާއްޖޭގެ މުސްތަޤްބަލް ނުވަތަ މިރާއްޖޭގެ މިއަދު، މުސްތަޤްބަލް ދޫކޮށްލައްވާ. ރާއްޖޭގައި މާދަމާ ކަންވާގޮތްވެސް ޙަޤީޤަތުގައި ބިނާވެފައިއޮތީ ތިޔަކުދިންގެ މައްޗަށް.

އަޅުގަނޑުމެން އެންމެންވެސް ހަނދާންކުރަންޖެހޭނެ، 18 އަހަރުން މިހާރު ވޯޓުލެވޭކަން. އަޅުގަނޑުމެން 18 އަހަރުގެ މައްޗަށް ވޯޓުދިނުމުގެ ޙައްޤު ހޯދުމަށް ވަކާލާތުކުރީ ތިޔަކުދިންގެ ކަންތައް ބެލެހެއްޓުން އެއީ، ސިޔާސީ ވެރިންނަށް މަޖުބޫރު ކަމަކަށް ހެދުމަށްޓަކައި. ބޭނުމަކީ އެއީ. އޭރުގައި ވަރަށްގިނަ ބޭފުޅުން އެކަމާ ވަކާލާތުކުރި އެކިގޮތްގޮތަށް. 18 އަހަރުގެ ކުދިންނަށް ވޯޓު ނުދިނުމަށް. އަޅުގަނޑުމެންނަށް ފެނުނު ފެނުމުގައި މިއަދު ތިޔަކުދިންނާ ސިޔާސީ ވެރިން ޙަޤީޤަތުގައި އަޅާލާނީ ތިޔަކުދިންގެ ވޯޓު، އެމީހުންގެ ބާރަށް ބޭނުންވަންޏާ. އެހެންވީމާ، އެ ޙަޤީޤަތަށްޓަކައި އަޅުގަނޑު މިރޭ އަދި އެކަން އެހެންވެފައި އޮތީތީވެ، ވަރަށްބޮޑަށް އުފާކުރަން. ތިޔަބޭފުޅުންގެ ސީދާ އަމިއްލަ ބާރުން ތިޔަބޭފުޅުންގެ މުސްތަޤްބަލް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ބައްޓަން ކުރެވޭނެ.

އަޅުގަނޑު ދެންނެވީ މާގިނައިރެއް ނުކުރާނަމޭ، އެހެންވީމާ، އަޅުގަނޑުވެސް ތިޔަބޭފުޅުންނަށް އަދިވެސް ހަމަ ފަށްފަށުން މަރުޙަބާ ދަންނަވަމުން، އަނެއްކާވެސް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ފާހަގަކުރަން އޮތް ނުކުތާއަކީ، އަބަދަކު މޮޅެއް ނުވާނެއޭ. ބައެއްފަހަރުއޭ މޮޅުވާނީ. ބަލިވާފަހަރު މާގިނަވާނެ. ބަލިވީމާ، ހަމަގައިމުވެސް އަޅުގަނޑު އެކަން ކުރާގޮތަކީ، ދެން ދިމާކުރަނީ ދެގުނައަށް. އޭރަށް ކުރީގައި ވީބަލި ކާމިޔާބުވާ ފަހަރެއްގައި އޮންނާނި ފޫބެދިފައި. ބަލިވީ ކުދިން އަޅުގަނޑު އުންމީދުކުރަނީ، މިހާރުދެން އަލުން ނުކުންނާނީ ދެގުނަޔަށޭ. ކާމިޔާބުވާއިރުގައި އޭރުން ތިޔަކުދީންގެ މައްޗަށް ކާމިޔާބުވެފައި އޮންނާނީ. އެއީ ޙަޤީޤަތުގައި އިންސާނީ ޙަޤީޤަތް. އިންސާނީ ތަޖުރިބާ. ދުނިޔެ ދައްކަމުން އައިސްފައިވާ މަގަކީ.

އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް ކާމިޔާބުގައި ހިތްތިރި ކުރުމަށް އެދި، އަދި ނާކާމިޔާބުގައި ހިތްވަރުގަދަކުރުމަށް އަދިވެސް އެއްފަހަރު ހުރިހާ ދަރިވަރުންނަށް ދަންނަވަމުން، ތިޔަބޭފުޅުންނާ ވަކިވެލާނަން. السّـلام عليـكم.