މަރިޔަމް ވަޙީދާ:

ހޭޔަންބޯގެ މެހްމާނުގެ ވަގުތުކޮޅު، އާދެ! ހޭޔަންބޯ މެހެމާނުގެ ވަގުތުކޮޅަށް ތިޔަ އެންމެހާ ބޭފުޅުންވެސް އިންތިޒާރު ކުރައްވާނެ، އެއްހުކުރުން އަނެއް ހުކުރަށް. އަޅުގަނޑުމެންގެ މެހްމާން ގޮޅިން ތިޔަބޭފުޅުންނާ ބައްދަލުކުރައްވާނީ ކޮންބޭފުޅެއްބާވައޭ. އާދެ! މިއީ ހޭޔަންބޯގެ 700ވަނަ ޕްރޮގްރާމް. މިޕްރޮގްރާމަކީ އަޅުގަނޑުމެންނަށް ވަރަށް ޚާއްޞަ ޕްރޮގްރާމެއް. އެހެންކަމުން، މިޕްރޮގްރާމްގެ މެހްމާނަކީވެސް ވަރަށް ޚާއްޞަ ބޭފުޅެކޭ އަޅުގަނޑު ދަންނަވާނީ. އާދެ! މިނިވަންކަމަށް ލޯބިކުރައްވާ، ދާދިފަހުން އަޅުގަނޑުމެންގެ ތެރޭގައި ބޭއްވުނު އެންމެ ފޯރިގަދަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އާދެ! އަޅުގަނޑުމެންގެ ޤައުމުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު.

މަރިޔަމް ވަޙީދާ:

މަރްޙަބާ އިނގޭތޯ. ހޭޔަންބޯ ޝޯއަށް.

އިބްރާހީމް މުނާޒް:

ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ! ރައީސް އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި، ވަރަށް ބުރަކޮށް އުޅުއްވަމުންވެސް. އަޅުގަނޑުމެން ވަރަށް އުފަލާއެކު ގަބޫލުކުރަން. އަޅުގަނޑުމެންގެ މި 700ވަނަ ޕްރޮގްރާމަށް ދެއްވި ފުރުޞަތު.

ރައީސް މުޙަންމަދު ނަޝީދު:

ވަރަށް ބޮޑަށް ޝުކުރިއްޔާ

މަރިޔަމް ވަޙީދާ:

އެންމެ ފުރަތަމަ ސުވާލެއްގެ ގޮތުން އަޅުގަނޑު ކޮށްލާހިތްވަނީ ވަރަށްގިނަދުވަސްތަކެއް ވޭނުގައި، އެކަހެރިކޮށް، އެކަނިވެރިކަމުގައި ހޭދަކުރެއްވި. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ހަމައެހެންމެ، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވަނީ. ބައިނަލްއަޤްވާމީ މައިދާނުގައިވެސް ވަރަށް ފާހަގަކުރެވޭ ޝަޚްޞިއްޔަތެއްގެ ގޮތަށް ނަޝީދު ފާހަގަކުރެވިފައިވަނީ. އެންމެ ފަހަރަކުވެސް އެހަނދާންތަކުން ދުރަށްޖެހިވަޑައިގެން، ވިސްނާލައްވަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު ވީހާވެސް ބޮޑަކަށް ބަލަނީ ފަހަތް ނުބަލައި ކުރިއަށްދެވޭތޯ. އަޅުގަނޑުމެން ކުރަން އެބަހުރި ކަންތައްތަކެއް. އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް، މަންޒަރެއް. އަޅުގަނޑުމެން ބޭނުންވާ ގޮތެއް ކުރިއަށްދާން އެދޭ އުންމީދުކުރާ ގޮތެއް. އެހެންވީމާ، އަޅުގަނޑު ވީހާވެސް ބޮޑަށް ބަލަނީ، މާޒީ އެއީ، މާޒީކަމަށް ދޫކޮށްފައި މުސްތަޤްބަލަށް ކުރިއަށް ހަމަ ދެވޭތޯ.

އިބްރާހީމް މުނާޒް:

އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި އޮފީހުގައިވެސް ވަރަށްގިނަ ވަގުތު ހޭދަކުރައްވާ. ފަހަކަށް އައިސް، ހަމަ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅުތަކުގައިވެސް ވަރަށްގިނަ ވަގުތު ހޭދަކުރައްވާ. ކިހިނެއްތޯ ޢާއިލާއާއެކީގައި ވަގުތު ހޭދަކުރައްވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

ދެން މިހާރު ޙަޤީޤަތަށް ހަމަ ދަންނަވަންޏާ ޢާއިލާއާއެކު އަޅުގަނޑަކަށް ވަގުތެއް ނުދެވޭ. ގެއަށް އާދެވޭއިރު ހުންނަނީ ވަރަށްބޮޑަށް ލަސްވެފައި. ދެން އެހެންވީމާ، އެކުދިންނާއެކު މިހާރަކު އެހާގިނަ ވަގުތެއް ހޭދައެއް ނުކުރެވޭ. އެހެންނަމަވެސް، ވީކެންޑްގައި، ހަފްތާ ބަންދުގައި ހުކުރުދުވަހު މާލޭގައި ހުރެވޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރަން. ދެން އެވަގުތުކޮޅު އެކުދިންނާ އެކީގައި ހޭދަކުރެވޭތޯ ބަލަން. ދެން އެހެންނަމަވެސް، އަޅުގަނޑު ކޮންމެ ރެއަކުވެސް ހޯމްވަރކް ގަޑީގައި އިނދެވޭތޯ ވަރަށްބޮޑަށް ބަލަން.

މަރިޔަމް ވަޙީދާ:

އޮފީހުގައި އިންނަވާއިރު ގުޅުއްވާތޯ މިސްވެގެން؟

ރައީސް މުޙަންމަދު ނަޝީދު:

ދެން ދޭތެރެ ދޭތެރެއިން ގުޅާނެ އިނގޭތޯ، އެސް.އެމް.އެސް. ކުރާނެ. ދެން މިހާރު މަޑުމަޑުން އެބަ އެކަންވެސް މަޑުވޭ. ދެން އީމެއިލް ކުރާނެ ދޮށްޓަށް ހުންނަ ކުއްޖާ. ދެން އަޅުގަނޑަށް ޢާންމުކޮށް ކޮންމެ ކޮންމެ ރެޔަކުވެސް ހޯމްވަރކް ގަޑީގައިވެސް ދިމާވާނެ. ދެން އެހެން ދުރުވެގެން ދިޔައީކީނޫން. ދެން އެކަމު ކުރީގައި އަޅުގަނޑު އެކުދިންނާ އެކީގައި އުޅެ، ހޭދަކުރާ ވަގުތެއް މިހާރު ހޭދައެއް ނުކުރެވޭ.

މަރިޔަމް ވަޙީދާ:

އަޅުގަނޑުމެންގެ މެހްމާނުންގެ ގޮނޑިއަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއް ކަމުގައިވިޔަސް އަޅުގަނޑު ކޮންމެވެސް ވަރެއްގެ ރިސަރޗެއް ހަދާލަން. ދެން އަޅުގަނޑުމެންނަށް ޓީޗަރެއްގެ ފަރާތުން އިވުނު ވާހަކައަކީ، ވަރަށް ތުއްޕުޅުއިރު، މަހެއް ފުޅިއަކަށް ލައިގެން ގެންނާށޭ ބުނީމާ، މަސްޓޭންކެއް ހިއްޕަވައިގެން ކްލާހަށް ވަޑައިގެންނެވީ. މިއީ، ހަމަ މިހާރުގެ މިނިވަން ޚިޔާލުފުޅާވެސް ގުޅުންހުރި ކަމެއް. އިއްތިފާޤެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑު އަބަދުވެސް ވަރަށް ނުރުހޭކަމެއް، އިނގޭތޯ އަނިޔާކޮށްގެން، ޚާއްޞަކޮށް އަޅުގަނޑުމެންނަށް މިފާހަގަވާ ލާ އިންސާނީ އަނިޔާގެ ގޮތުގައި ފާހަގަވާ ކަންކަން. ދެން އަޅުގަނޑެއް ނޭދެން އޭގެ ކުރިއަކުވެސް އަދި މިހާރަކުވެސް އަދި ކުރިއަށްއޮތްތަނަކުވެސް އެބާވަތުގެ ކަންކަން ހިނގާކަން.

އިބްރާހީމް މުނާޒު:

އަޅުގަނޑުމެންނަށް ކުރިން ހަމަ ފެނިގެންދިޔަ، ވަރަށް އާދައިގެ ތަންތަނުންވެސް ރައްޓެހިންނާއެކީގައި ކޮފީ ޓްރެންޑްގައިވެސް. އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ކިހިނެއްތޯ؟ މިހާރު ފޯކަސް ލިބިވަޑައިނުގަންނަވަނީތޯ މަގާމުގެ ގޮތުންވެސް؟

ރައީސް މުޙަންމަދު ނަޝީދު:

ވަރަށްބޮޑަށް އަޅުގަނޑަށް އެ ދިރިއުޅުން ގެއްލޭ އިނގޭތޯ. ވިސްނޭ ތިޔަބުނުއްވާހެން އަޅުގަނޑަކަށް މިހާރަކު ސައިތަށްޓެއް ބޯލާކަށް، ހޮޓަލަކަށް ސައިހޮޓަލަކަށް ނުވަތަ ކޮފީޝޮޕަކަށް ވަދެލައެއް ނުހެދޭ. ދެން އެއީ މި 5 އަހަރު އަޅުގަނޑު މިކަން ކުރަން ނިންމާފައި އޮތް ގޮތް. ދެން އެއީ، އަމާޒަކީ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މިކަން އޮތީ މިހެންކަން.

މަރިޔަމް ވަޙީދާ:

"އަންނި" މިއީ ކިހިނެއް ކިޔުނު ނަމެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑަށް އެނގިފައި އޮންނަނީ އަޅުގަނޑު ކުޑައިރުގައި "އަހަރެން" ކިޔަންވެގެން އުޅެނިކޮށް އަޅުގަނޑަށް އަންނި ކިޔުނީމާ އޭގެފަހުން، ގޭމީހުން ކިޔަމުން ކިޔަމުން އައިސް އެހެން ހަރުވީ.

މަރިޔަމް ވަޙީދާ:

ކުޅިވަރަށް ހަމަގައިމުވެސް ކޮންމެވެސް ވަރެއްގެ ޝައުޤުވެރިކަމެއް ހުންނާނެ ކަމަށް އަޅުގަނޑު ދެކެނީ. ބައްޕާފުޅަކީ ކްރިކެޓް ޕްލޭޔަރެއް. ބޮޑުބޭބެ ޢަބުޖީއަކީ ފުޓްބޯޅައިގައި މިރަށުގައި މަޝްހޫރު ބޭފުޅެއް. ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ހަރުގެ ކެނެރީގެއަކީ. އެއްވެސް ވަރަކަށް ޝައުޤުވެރިވެވަޑައިގަންނަވަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު ވަރަށްބޮޑަށް ކުޅިވަރު ކުޅޭ ހިތްވޭ. މިހާރުވެސް ކޮންމެ ދުވަހަކު އަޅުގަނޑު ބަލަން ބައިގަނޑިއިރު ނުވަތަ 40 މިނެޓް ކަސްރަތު ކުރެވޭތޯ. ދެން އަޅުގަނޑު އެންމެބޮޑަށް ޙަޤީޤަތުގައި ކުޅޭ ހިތްވަނީ ޓެނިސް. ދެން މިހާރު ޓެނިސް ކުޅޭކަށް އަޅުގަނޑަކަށެއް ނުދެވޭ. އަޅުގަނޑު ވަރަށް ބަލާހިތްވޭ ކްރިކެޓްވެސް، ފުޓްބޯޅަވެސް. ދެން އަދި ހަމަ ވަގުތެއް ލިބިއްޖެއްޔާ ބަލާވެސްލަން. ކޮންމެ ގޮތެއްވިޔަސް ސްކޯބަލާލާފައި ބާއްވަނީ.

އިބްރާހީމް މުނާޒް:

އަޅުގަނޑުމެންނަށް މިފާހަގަކުރެވޭ ވަރަށް ފަސޭހަކަމާއެކީގައި ވަރަށް ފަރިތަކޮށް ތާރީޚްގެ ވާހަކަތައް އަޅުގަނޑުމެންނަށް ކިޔާދެއްވާ ބޭފުޅެއްގެ ގޮތުގައި ކިހިނެއްތޯ ތާރީޚް؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑު ކުރީއްސުރެ ފަށައިގެން ތާރީޚް ކިޔަން. ދެން އަޅުގަނޑު އޯލެވެލްގައިވެސް ހިސްޓްރީ ހެދިން. އޭލެވެލްގައިވެސް ހިސްޓްރީ ހެދިން. ދެން އެކަމު ޔުނިވަރސިޓިގައި އަޅުގަނޑު ހިސްޓްރީއެއް ނުކިޔަވަން. އެކަމަކު އަޅުގަނޑު އޭލެވެލް ހިސްޓްރީ ހެދިފަހުން، އަބަދުވެސް ހިސްޓްރީ ކިޔަވަމުން ކިޔަވަމުން އައީ. ދެން އަބަދުވެސް ކިޔަން. ދެން ދިވެހި ތާރީޚް ވަރަށްބޮޑަށް އަޅުގަނޑު ކިޔަންފެށީ 88 ވަނަ އަހަރުއްސުރެ ފެށިގެން. އެހާ ބޮޑަށް ކިޔަން ފެށީ. ވަރަށްގިނަ މިހާރު ދޮށީ އުމުރުގެ ބޭފުޅުންނާ އަދި އަޅުގަނޑުމެންނާ ވަކިވެގޮސްފައިވާ ދިވެހި ތާރީޚްގެ އެތައް ލިޔުންތެރިންނެއް އަޅުގަނޑަށް އެހީތެރިވެދެއްވާ އަބަދުވެސް އެހޯދުމުގަޔާއި އަޅުގަނޑު ބޭނުންވާ މަޢްލޫމާތު ލިބޭނެ ތަންތަން ބުނެދެއްވުމުގައި. ވަރަށް ގިނައިން ކިޔާ އުޅެން. މިހާރުވެސް ހަމަ ކިޔާ އުޅެން.

މަރިޔަމް ވަޙީދާ:

ތާރީޚަށް ލޯބިކުރައްވާ ބޭފުޅެއްވީމާކަން ނޭނގެ، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ސްޕީޗްތަކުގައި ވަރަށް ބޯދާބަސްތައް ބޭނުންކުރައްވާތަން. އަދި އޭގެ އިތުރުންވެސް އަޅުގަނޑު އަހާލާހިތްވޭ ބޮޑަށް ފަސޭހަފުޅީ ލިޔުއްވާފައިއޮތް ސްޕީޗެއްތޯ.

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ވަރަށް އުނދަގޫ ލިޔެފައި އޮންނަ ސްޕީޗަކުން ކިޔަން. ހަމަ އަޅުގަނޑަށް ވާގޮތަކީ އަނގަހިކޭގޮތްވެސް ވަނީ. އުނދަގޫވަނީ. އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫ ލިޔެފައި އޮންނަ ސްޕީޗެއް ކިޔަން. އަޅުގަނޑަށް މީހުންނާ ދިމާއަށް ބަލަން އިނދެގެން ނޫނިއްޔާ ވާހަކަދައްކަން ވަރަށްބޮޑަށް އުނދަގޫ. އަޅުގަނޑަށް ބޮޑަށް ރަނގަޅީ ނުލިޔެ އޮތީމާ. ދެން އެހެންނަމަވެސް، ބައެއް ބާވަތުގެ ކަންކަމުގައި ކަނޑައެޅިގެން ފާހަގަކުރަންޖެހޭ ނުކުތާތަކެއް ވަކިގޮތަކަށް ހުރޭ. އެހެންވީމާ، އެކަންކަން އެހެން ފާހަގަކުރުމުގައި ދެން އަޅުގަނޑު ހަދާ ގޮތަކީ ހިތުން ދަސްކުރަނީ. ދެން އެހެންނޫނީ ނޯޓު ކޮށްލަނީ ތަންތަންކޮޅު. ނޯޓުން އެހެންނޫނިއްޔާ ހިތުން ކޮންމެވެސް ވަރަކަށް ދައްކަން ހުރި ވާހަކަ ރާވައިގެން އަޅުގަނޑުވެސް ގެންދަނީ.

އިބްރާހީމް މުނާޒް:

މަރިޔަމް، ސްޕީޗްތަކުގެ ވާހަކަ ފާހަގަކޮށްލެއްވީމާ މި ސުވާލު ދަންނަވާލަން. ސްޕީޗްތަކުގައި އަޅުގަނޑުމެންނަށް ފާހަގަވޭ. ބަސްމަގު ވަރަށް ތަފާތު. ވަރަށް ބޯދާބަސް ބޭނުންކުރައްވާ. މިއާއެކީ ވަރަށް މަޖާޒީ މިސާލުތައްވެސް ޖައްސަވާ. ޢާންމު ދިރިއުޅުއްވުމުގައިވެސް މިބަސްމަގު ގެންގުޅުއްވަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ޢާންމު ދިރިއުޅުމުގައި އަނެއްހެން ބަސްމަގާއި ވާހަކަ ދެއްކުމާއި އަޅުގަނޑުގެ މިޒާޖާއި އަޅުގަނޑުގެ ކަންތައްތަކާ ގުޅޭގޮތުން ދެކޭގޮތް ރިފްލެކްޓްވާނެ، ސިފަވާނެ އަޅުގަނޑު ވާހަކަދައްކާއިރު. ދެން ހަނދާންވެސް ހުންނަ ވާހަކައެއް ދެކެވެނީ. ދެން ތާރީޚް އަޅުގަނޑަށް ފެންނަ ފެނުމުގައި، ދެން އަޅުގަނޑުގެ ނަޒަރުގައި ބައެއްގެ ތެރޭގައި ކަންކަން ހިނގާފައި އޮތްގޮތް އެއީ، ވަރަށް މުހިންމު ކަމެއް ދެނެގަންނަން. މުސްތަޤްބަލަށް އަޅުގަނޑުމެން ވިސްނާއިރުގައި. ކުރީގައި މިބާވަތުގެ ކަމެއް ހިނގާފައި އޮތްއިރުގައި ހިނގާފައިއޮތީ ކިހިނެއްހެއްޔޭ؟ އެހެންވީމާ، އެބާވަތުގެ ކަމެއް ކުރާއިރުގައި ނުވަތަ ވާއިރުގައި ދެން ވެދާނެ ގޮތެއްގެ މައްޗަށް އަންދާޒާއެއް ހޯދުމަށް އަޅުގަނޑަށް ހީވަނީ ތާރީޚް، ޢިލްމެއްގެ ގޮތުގައި ވަރަށް މުހިންމުހެން. އަޅުގަނޑު ވަރަށް ޝައުޤުވެރިކަން ހުރޭ.

މަރިޔަމް ވަޙީދާ:

ދެން އަޅުގަނޑުމެންނަށް ކުރިން ފެނުނީ ކެމްޕެއިންގައި އަޅުގަނޑުމެންގެ އަތޮޅުތަކަށް ނުވަތަ ރާއްޖެތެރެއަށް ދަތުރުކުރައްވާތަން. ދެން މިހާރު އޭގެ ކުޑަދުވަސްކޮޅެއް ފަހުން ހަމަ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވަޑައިގަންނަވަނީ. އެއްވެސް ކަހަލަ ބަދަލެއް ފެނިވަޑައިގަންނަވާތޯ؟

ރައީސް މުޙަންމަދު ނަޝީދު:

އާދެ ދެން. އަބަދުވެސް ދޮގެއްތޯ އެބަހުރޭ ދައުލަތަށް ސަރުކާރާ ދޭތެރޭ ރައްޔިތުން ބަހައްޓާ ގުޅުމެއް. ރައްޔިތުން ގެންގުޅޭ، ދެކޭ ގޮތްތަކެއް. އެހެންވީމާ، މިހާރު ކުރިއަށްވުރެ ބޮޑަށް އެގޮތްތައް ސިފަވާނެ. ދެން ދަންނަވަންތޯ. ކުރީގައިވެސް އަޅުގަނޑާ ބައްދަލުވާ ގިނަމީހުން އަޅުގަނޑާ މުޢާމަލާތުކޮށް އުޅެނީ ދެފަރާތަށްވެސް މިދަންނަވާހެން އަޅުގަނޑެއް ނުދެކެން އަޅުގަނޑަށް އިޙްތިރާމް ކުޑަވެގެނެއް މީގެކުރީގައިވެސް ކޮންމެހެނެއް މީހަކު އަޅުގަނޑާ މުޢާމަލާތު ކުރާއިރު ގޮސްފައި ހުރިހެނެއް. ދެން ވާދަވެރި ސިޔާސީ ފިކުރެއްގެ ބޭފުޅަކު، އަނެއްހެން އެއްޗެއް ގޮވައި ނުކުމެ އެހެނެއްނުހަދާނެ ވާހަކައެއްނޫން. އެދެން އަޅުގަނޑަށް ހީވަނީ މުޅީން އެހެން ވާހަކައެއްހެން. ޖަވާބަކީ އިނގޭތޯ ތަފާތު މިހާރު. އެހެންނަމަވެސް، އަޅުގަނޑަކަށް އަނެއްހެނެއް އުނދަގުލެއް ދިމާވެގެނެއް ނުދޭ.

އިބްރާހީމް މުނާޒު:

ހުސްވަގުތު ލިބިވަޑައިނުގަންނަވާނެ ހަމަގައިމުވެސް މިދުވަސްކޮޅު. އެހެންނަމަވެސް، ޢާންމު ގޮތެއްގައި ހުސްވަގުތުގައި މިޔުޒިކް އަޑުއައްސަވަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

މިހާރުވެސް ހުސްވަގުތު ހޯދަން އިނގޭތޯ. އަޅުގަނޑު ކޮންމެ ދުވަހަކު ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހާއިރުގައި އެކަށް ހުސްވެދާނެ. އަޅުގަނޑު އެގަޑީގައި މިޔުޒިކްވެސް އަޑުއަހަން. ދެން، ދިވެހި މިޔުޒިކް ދިވެހި ލަވަވެސް އަޑުއަހަން. ނައިފަރު ދޮހޮއްކޮ، މަސްއޮޑި ޙަސަންފުޅު، ޚާއްޞަކޮށް ދޮހޮއްކޮ އެއީ، އަޅުގަނޑު ވަރަށް އަޑުއެހި މީހެއް. ދިވެހި ލަވައިގެ ތެރޭގައި، ފަހުންފަހުން އައިސް މިހާރުގެ ލަވަތައް އެފްއެމް ސްޓޭޝަންތަކުން ވަރަށް އެބަ އަޑުއިވޭ. ދެން އަބަދުވެސް އަޅުގަނޑު ރޭޑިޔޯ އަޑުއަހަން. ދެން އަޅުގަނޑުމެން ބޮޑުވަމުން އައިއިރުވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު އެއްޗެއް ރޭޑިޔޯއަކީ. އެހެންވީމާ، ދިވެހިރާއްޖޭގެ އަޑުން އޭރުގެ ހުރިހާ ތަރިން މަޙްމޫދާވެސް، ޝަކީބުވެސް، ޙަމްދީވެސް، ފަހުން އައިސް އެން.ޑީ. ޢާޒީއާއި، ޙުސައިން ޝިހާބާއި، ޢަބްދުއްސައްތާރު ޔޫސުފާ މިބޭބޭފުޅުން ލަވަވިދާޅުވަމުން ގެންދެވިއިރުވެސް އަޅުގަނޑު ވަރަށް އަޑުއަހަމުން ގެންދިޔައީ. ދެން ރޭޑިޔޯ އެއީ، އަޅުގަނޑުމެންނަށް ހަމަ މުހިންމު އެއްޗަކަށްވާތީވެ އަޑު އިވޭ. އަބަދުވެސް އަޑުއަހަން.

މަރިޔަމް ވަޙީދާ:

ރައީސް ނަޝިދު އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ދެން މީހުންގެ ތެރޭގައިވެސް ދެކެވޭ ވާހަކައެއް އެހެން ރައީސުލްޖުމްހޫރިއްޔާއާ ކުޑަކޮށް ތަފާތު ގޮތަކަށް އާދައިގެ ގޮތްތައް ޚިޔާރު ކުރައްވާ، ވާހަކަ ދެއްކެވުމުގައިވެސް އަދި މީހުންނާ މުޚާޠަބު ކުރެއްވުމުގައިވެސް. އެއީ ކެމްޕޭނުގައި އެހެން ވިދާޅުވެފައި އޮތީމާތޯ ނުވަތަ އެހަމަ ލޯބިކުރައްވާ ގޮތެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

މިހާރު މީގައި އަޅުގަނޑުވާނީ އަޅުގަނޑަށް. އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑު އެހެން މީހަކަށް ވާކަށް. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި ވެރިންނަކީ ރައްޔިތުންނާ ގާތް އަދި ރައްޔިތުންގެ އަތްފޯރާ ފަށުގައި ތިބި ބަޔަކަށް ވާންޖެހޭނެ ކަމަށް އަބަދުވެސް އަޅުގަނޑަށް އޮންނަނީ ޤަބޫލު ކުރެވިފައި. ދެން އަނެއް އަތުން ބަލާއިރުގައި، ބޭފުޅުން ވިދާޅުވާނެ ވެރިކަމުގެ ހައިބަތާއި ޤަދަރާއި، ވެރިކަމުގެ ޢިއްޒަތާއި ލައްޒަތު ދަމަހައްޓަންޖެހޭނެއޭ. ދެން އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑަށް މީހަކު ޤަދަރު ކުރަންޏާ ނުވަތަ އިޙްތިރާމް ކުރަންޏާ އެކަން ބިނާވެފައި އޮންނާނީކީއެއް ޙަޤީޤަތުގައި އަޅުގަނޑު އޭނައަށް، މީހުން ނުފެނުމުގައި ނުވަތަ އަބުއިވުމުގެ މައްޗަށްވުރެ އެނގުމުގައޭ. އޭނާއަކީ ކާކުކަން އެނގުމުގައޭ. ބޭރުފުށަށް މަތިފުށަށް ޤަދަރުކުރާ ކަމަށް މަންޒަރެއް ދެއްކިދާނެ. ކުރެހިދާނެ. އުފެއްދިދާނެ. އަދި ޚާއްޞަކޮށް މިޒަމާނުގެ މީޑިއާ ބޭނުންކޮށްގެން ވަރަށް ވަރަށް ވަރުގަދަ މަންޒަރެއް، ތަޞައްވުރެއް އުފެއްދިދާނެ. ދެން އެހެންވީމާ، ރައްޔިތުންގެ ރުހުމާއި ނުވަތަ ރައްޔިތުންގެ ވިސްނުންވެސް، ރައްޔިތުން އެދޭ ގޮތްގޮތްވެސް އަޅުގަނޑުމެންނަށް އޮންނާނީ ނުހޯދިފައި، ނުފެނިފައި. ދެން މިހާރުވެސް އަޅުގަނޑުމެންގެ ސެކިއުރިޓީއަށް ބޭނުންވާ ސަލާމަތް ކަމެއް ނޫންކަމެއްގައި އަޅުގަނޑެއް އެއްކައިރިވާކަށް ބޭނުމެއްނޫން.

އިބްރާހީމް މުނާޒު:

އެބައޮތްތޯ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ބަދަލުކުރަން ބޭނުންފުޅުނުވި ނަމަވެސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބަދަލު ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް؟

ރައީސް މުޙަންމަދު ނަޝީދު:

ނޫން ނެތް އިނގޭތޯ. ހަމަ އަޅުގަނޑުމެންނަށް އެނގޭ ކޮންކަމަކަށްކަން މި ކުރިމަތިލެވިގެންވެސް މިއުޅުނީ. ކެމްޕެއިންވެސް މިކުރެވުނީ. މަސައްކަތްވެސް މިކުރެވުނީ. ވެރިކަންވެސް އެހެންވީމާ، އޮންނާނީ ކޮންމެހެނެއް ހާސްކަމެއްގެ ތެރޭގައި ކުރާކަމެއްގެ ގޮތުގައެއް ނޫން، އަޅުގަނޑު ވެރިކަން ކުރަނީ ކީއެއް. ހަމަޖެހިގެން އަޅުގަނޑު ކުރަނީ. ދެން ކުރީގައި އުޅުނު ހުރިހާ ކަމެއް ޙަޤީޤަތުގައި ބަދަލުވެއްޖެ އިނގޭތޯ. ދެން އެހެންވީމާ، އެހެން އެބަހުރި އަޅުގަނޑަށް މިސްވާ ނުވަތަ ކުރީގައި ކުރާ އެހެން ބައެއް ކަންތައް. ފޮތް ކިޔުން މިސާލަކަށް. އެހެންނޫނިއްޔާ ތަންކޮޅެއް ގިނައިން މިހާރަށްވުރެ މާގިނައިން ފޮތް ކިޔޭނެ. ދެން ފިލްމް ބެލުން، ކަސްރަތުކުރުން، ލަވައަޑުއެހުން، ކުދިންނާއެކީ ވަގުތު ހޭދަކުރުން. އަންހެނުންނާއެކީގައި ގިނަވަގުތު އުޅުން. ޢާއިލާއާއެކީގައި ގާތްތިމާގެ މީހުންނާ އެކީގައި އުޅުން، ދެން ހަމަ އަޅުގަނޑު ބައެއްފަހަރަށްވޭ ވަރަށް މޫދަށްއެރޭ ހިތް،

އިބްރާހީމް މުނާޒު:

ދެން މިހާރު ކޮންކަމެއްތޯ ނުކުރެއްވެނީ؟

ރައީސް މުޙަންމަދު ނަޝީދު:

ފާހަގަކުރައްވައިފި ތިޔަބޭފުޅުން އަމިއްލަފުޅަށް. ހޮޓާހޮޓަލަށްވެސް އަޅުގަނޑު ދާހިތްވޭ. މިހާރަކު ނުދެވޭ. ދެން ހަމަ ަވަރަށްގިނަމީހުންނާ ވަރަށް އޮލަކޮށް ވާހަކަދައްކާ ހިތްވޭ. މިހާރު އުނދަގޫ، މަސައްކަތްތައް ހުންނަ ގޮތުން.

އިބްރާހީމް މުނާޒު:

އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އިނގޭތޯ! މިކެމްޕޭނުގެ ޚާއްޞަކޮށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރުވެސް ރައީސް ނަޝީދުގެ ފޭނުން ވަރަށްގިނަ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ބޭފުޅެއްގެ ގޮތުގައި މިކެމްޕޭނުގައިވެސް ވާދަކުރައްވަމުން ގެންދެވީ.
މަރިޔަމް ވަޙީދާ:

ފޭސްބުކުންވެސް ފެނޭ. އެހެންނޫންތޯ!

އިބްރާހީމް މުނާޒު:

ޒުވާނުންގެ މެދުގައި ހަމަ ކުޑަވަރެއްގެ ވަރަށް ޒުވާން ފޯރީގައި، ޒުވާން ރޫޙުގައި އެކިދިމަދިމާގައި ކެމްޕޭނު ކުރައްވަމުންދިޔަ މަންޒަރު. ޒުވާނުންގެ ފަރާތުން އެއްވެސް ކަހަލަ އިމްޕެކްޓެއް ހެނދުން އެޅުއްވުމާއި ސްޓައިލާ މިކަހަލަ ކޮމެންޓެއް ލިބޭތޯ؟

ރައީސް މުޙަންމަދު ނަޝީދު

ދެން ލިބޭ އިނގޭތޯ. ދެން އަޅުގަނޑަކީ އެހާ ޓްރެންޑީކޮށް ހެނދުންއަޅާ މީހެއް ނޫން. އަޅުގަނޑުމެން 1980އިގެ އަހަރުގެ ގޮތަށް ޙަޤީޤަތުގައި އަޅުގަނޑުމެން މިތިބެނީ. އަޅުގަނޑުމެންގެ ދުވަސް އަނެއްހެން ޒުވާނުންނަށްވެސް އެނގޭ މިއޮތީ ގޮއްސަކަން. ދެން އެކަމު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނާ އެމީހުންނާ ކަނެކްޓް ކުރެވޭހެން. އަޅުގަނޑަށް އެބަވިސްނޭހެން އަޅުގަނޑަށް އެނގޭހެން ކޮންމެވެސް ވަރަކަށް ދެން މިހާރު. ޙަޤީޤަތުގައި މުޅިން އެނގޭކަމަށް ބުނާކަށް ނުވާނެ. އެމީހުންގެ އުންމީދުތަކާއި އެމީހުން ބޭނުންވާނެ ކަންކަމާ ދެން އަޅުގަނޑުގެ އުމުރު އަދި އެހާ ބޮޑަކަށް ހަނދާނެއް ނުނެތޭ. އަދި ޚާއްޞަކޮށް އަޅުގަނޑުގެ އެ އުމުރުގައި ޒުވާންކަމުގެ ވަރަށްގިނަ ވަގުތު ނުއެއްގެއްލޭ އަނެއްހެން. މިދެންނެވީ ޖަލުގައި އަޅުގަނޑު ބަންދުގައި ވަރަށްގިނަ ދުވަހު 6 އަހަރު 89 އާ 2005އާ ދެމެދުގެ ތެރެއިން މުޅި ޖުމްލަ 6 އަހަރު ހިނގައްޖެ ބަންދުގައި. ދެން އޭރުން އެދިޔައީ ކޮންމެހެން ޒުވާން ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެކަމަކު އެފޯރި އެދިޔައީ. ދެން އެހެންވީމާ، އަނެއްހެން އަޅުގަނޑު އަބަދުވެސް އެފޯރި ޙަޤީޤަތުގައި ނުގޮސް ހުރިހެން ހީވަނީ. އެގެއްލުނު ބައި އެބަފެންނަހެން ހީވަނީ.

މަރިޔަމް ވަޙީދާ:

ޒުވާން ދައުރުގެ ވާހަކަ ދެއްކެވީމާ އަޅުގަނޑު ހިތަށްއަރަނީ މިހާރުގެ އަނބިކަނބަލުން ލައިލާ ޢަލީއާ އެންމެ ފުރަތަމަ ބައްދަލުވީ ކޮންތާކުންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ފަށައިގެން ޔާގޫތުގޭ ލައިލާ ދަންނަން. ލައިލާ މަންމައަކީވެސް އަޅުގަނޑު މަންމައާ ވަރަށްގާތް ދެމީހުން. އަޅުގަނޑުމެން ދެމީހުންގެ ދެމަންމައަކީވެސް ދެބައްޕައަކީވެސް. އެހެންވީމާ، އަނެއްހެން ދަންނަން. އެކަމަކު 89 ވަނަ އަހަރު އަޅުގަނޑު ލައިލާއާ ރަށްޓެހިވެގެން އުޅެން ފެށީ.

އިބްރާހީމް މުނާޒު:

ޢާއިލާގެ ވާހަކަ ދެކެވުނީމާ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ޢާއިލާއަށް އިތުރު މެންބަރަކު ފެނިގެންދާނެތޯ. އެއްވެސް ބޭފުޅަކު ހޯއްދަވަން ގަސްދުކުރައްވަންތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ނޫން އެހެނެއް ދެން އަދި އެކަމެއް ނެތެއްނޫންތޯ. ވަގުތެއްވެސް ނެތް. އަދި ޖާގައެއްވެސް ނެތް. ތަނެއްވެސް ނެތް. އަޅުގަނޑުމެން އެގޮތަކަށް އަދި ވިސްނައިގެން ރާވައިގެންނޫން މިއުޅެނީކީ.

މަރިޔަމް ވަޙީދާ:

ރައީސް ނަޝީދާ ދިމާވީމާ ހަމަގައިމުވެސް އަޅުގަނޑަށް ޕޮލިޓިކަލް ސުވާލެއް ކޮށްނުލާ ދުރަކަށް ނުދެވޭނެ. ބައެއް ބޭފުޅުން ވިދާޅުވޭ ރައީސް ނަޝީދަކީ، ވަކި ޕާޓީއެއްގެ ރައީސެކޭ. މިކަމަށް ކީކޭތޯ ވިދާޅުވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

މިހާރު ފުރަތަމަ ކަމަކަށް އިނގޭތޯ. އަޅުގަނޑު ދެކޭހިތްވަނީ، އަޅުގަނޑަކީ ވަކިޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވީ ރައީސެއް. ރައީސްކަން އަޅުގަނޑު ކުރާނީ ހަމަ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް އަދި ހުރިހާ ރައްޔިތުންގެ އިޙްސާސާއި ރައްޔިތުންނަށް ވިސްނައިގެން. އެހެންވީމާ، އަނެއްހެން ވަކިޕާޓީއެއްގެ މީހަކަށް، ބޭފުޅަކަށް، މިސަރުކާރަކުންނެއް ދެރައެއް، އުންޏެއްވާނެ ގޮތެއް އިރާދަކުރެއްވިއްޔަކާ ނުވާނެ. އަދި ޚާއްޞަކޮށް ވަކިޕާޓީއެއްގެ މެންބަރަކަށް ވީތީވެ އެހެނެއް ނުވާނެ. ޚިޔާލު ތަފާތުވެދާނެ. ސިޔާސީގޮތުންވެސް ޚިޔާލު ތަފާތުވެދާނެ. އެކަމުވެސް އަނެއްހެން ރުޅިވެރިކަމެއް ނެތުން ވަރަށްބޮޑަށް އެދެން. ރައްޓެހިކަމަށް އަޅުގަނޑު އުންމީދު ކުރަން. ހުރިހާ ރައްޔިތުންގެވެސް ރައްޓެހިކަމަށް އަޅުގަނޑު ހަމަ ވަރަށްބޮޑަށް އުންމީދުކުރަން.

އިބްރާހީމް މުނާޒު:

ރައީސް ނަޝީދުގެ މިވެރިކަމުގައި ކުރިއަށް އޮތްތަނުގައި ކިހިނެއްތޯ އަޅުގަނޑުމެންގެ ރާއްޖޭގެ މުސްތަޤްބަލް ތަޞައްވުރު ކުރައްވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ފެންނަނީ ހަމަ ވަރަށް އުންމީދީކޮށް އިނގޭތޯ. އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންގެ މަޤްޞަދުތައް ނުވަތަ އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެންނަށް ހަމަ ވަރަށް ރަނގަޅަށް ފުއްދޭނެހެން. ދެން އެވަޢުދުތައް އަޅުގަނޑުމެންނަށް ފުއްދުނީމާ، އަޅުގަނޑުމެން މިބަލަނީ ކޮންމެވެސް ކަހަލަ ހަމަޔަކަށް ޢާންމު ދިރިއުޅުން އެޅިގެންދާނެކަމަށް. ދެން ގޯތިގެދޮރުވެސް މިހާރު ފެށިގެންމިދާ ދިހަހާސް ފްލެޓް އެޅުނީމާ، އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަންވެސް ކޮންމެވެސް ވަރަކަށްވުރެ ގިނައިން އޭރުން ހުންނާނެ. ދެން ބޭސްފަރުވާގެ ކަންތައްވެސް ހެލްތް އިންޝުއަރެންސްގެ ކަންތައްވެސް ފުރިހަމައަށް ހަމަޖެހިގެން ދިޔައިމާ ހުންނާނެ. އަޅުގަނޑުމެންގެ ޕްރައިވަޓައިޒޭޝަންގެ ކަންތައް މިގޮތަށް ގެންދެވުނީމާ، ފެނާއި ނަރުދަމައާއި، ކަރަންޓާއި، މަގާއި، ބަނދަރާ މިކަންކަންވެސް އަޅުގަނޑުމެން މިއުންމީދުކުރާ މިންވަރަށް އަޅުގަނޑު ހަމަ ދަންނަވާނީ އަޅުގަނޑުމެންނަށް ވާނެއޭ. އެއީ، މިހާރު އެތަނޭ ފެންނަމުން އަންނަނީ. ދެން ބައެއް ބޭފުޅުން ވިދާޅުވާނެ ކޮބާހެއްޔޭ މިހާރުވެސް ހާދަގިނަދުވަހެއް ވެއްޖެޔޭ. ތެދުފުޅެއްވެސްމެ. ދެން އެކަމު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިގެންދާގޮތަށް ގެންގޮސް މިކަން ރައްޔިތުންނަށް ކޮށްދިނުން. އިރާދަކުރެއްވިއްޔާ ކޮށްދެވޭނެ.

މަރިޔަމް ވަޙީދާ:

އާދެ! ހޭޔަންބޯގެ 700ވަނަ ޕްރޮގްރާމް އަޅުގަނޑުމެން ިޔަބޭފުޅުންނާ ހަމަޔަށް މިގެނެސްދެނީ ވަރަށް ޚާއްޞަ ތަނަކުން. ދިވެހިރާއްޖޭގެ ތާރީޚީ ހިސާބަކުން. އެހެންނޫންތޯ.

އިބްރާހީމް މުނާޒު:

މަދުން ނޫނީ އަޅުގަނޑުމެންނަށް ނުލިބޭނެ ފުރުސަތެއް މިއީ. ހަމައެއާއެކީވެސް ފާހަގަކޮށްލަން އަޅުގަނޑުމެންގެ މިއަދުގެ ޕްރޮގްރާމްގެ މި ޚާއްޞަ ޕްރޮގްރާމްގެ މެހްމާނަކީވެސް އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު.

މަރިޔަމް ވަޙީދާ:

މިހާރު އަޅުގަނޑުމެންގެ ޤާނޫނު ހަމަޖެހިފައި އޮންނަގޮތުން ތާއަބަދަކަށް ރައީސްކަމެއް ނުކުރެއްވޭނެ. އަޅުގަނޑު ހިތަށް އަރަނީ، ރައީސް ނަޝީދު މިސާލަކަށް ޕޮލިޓިކަލް ފީލްޑާ ދުރަށްޖެހިވަޑައިގެންފިއްޔާ ދެން ކޮން ފީލްޑަކުންތޯ އަޅުގަނޑުމެންނަށް ފެންނާނީ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުވަނީ ހަމަ ލިޔާހިތް އިނގޭތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ލިޔަން އިންނާނީ.

އިބްރާހީމް މުނާޒު:

ދެން ނިމުމަކާ ހަމަ ގާތްވާތީ އެއްސުވާލު ކޮށްލާނަން. ފަރިއްކުޅުވާ ވަކިޚާއްޞަ ކެއުމެއް އޮވޭތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ގަރުދިޔަ. އަޅުގަނޑު ހަމަ ކޮންމެ ދުވަހަކުވެސް އެކައްޗެއް ކާހިތްވަނީ. މުގާއި ބަތާއި ހިކިމަހާ ތެލުލިމަހާ. އެހެން މާގިނަ އެއްޗެއް ކާ މީހެއް ނޫން އަޅުގަނޑަކީ. މާ ކާހިތްވާ މީހެއްވެސް ނޫން އަޅުގަނޑަކީ.

އިބްރާހީމް މުނާޒު:

އަޅުގަނޑުމެންނަށް އަބަދުވެސް އަރިހުގައި ބޯދިގު ޒުވާން ބޭފުޅަކު ހުންނަވާތަން ފެންނަނީ؟


މަރިޔަމް ވަޙީދާ:

ދެން ބައެއް މީހުންގެ ސުވާލުވެސް އުފެދޭ. އަޅުގަނޑު ހިތަށްއެރީ މިސުވާލު ދަންނަވާލާނަމޭ. ކޮން ބޭފުޅެއްތޯ؟

ރައީސް މުޙަންމަދު ނަޝީދު:

ޒިޔާދު. ޒިޔާދަކީ، އަޅުގަނޑުމެންގެ އޮފީހުގެ އަޅުގަނޑުގެ އެގްޒެކެޓިވް ސަރވިސަސް ސެކްރެޓެރީ. ދެން ޒިޔާދަކީ، އަޅުގަނޑު ސިޔާސީ ކަންކަމުގައި ބޮޑުކޮށް އެހެން މަސައްކަތް ކުރަން ފެށީއްސުރެ ޒިޔާދު އުޅުއްވީ ކެންޓަބަރީ ޔުނިވަރސިޓީގައި އިނގޭތޯ. ދެން އަނެއްހެން އަޅުގަނޑު އިންގްލެންޑްގައި އުޅުނުއިރުގައި ޒިޔާދަކާ އެހެނެއް ދިމާވެފައެއް ނެތް. ދެން ފަހުން އައިސް މާލެއިން އަޅުގަނޑާ ޒިޔާދާ ދިމާވީ. ޒިޔާދޭ. ޒިޔައްޓޭ. އަޅުގަނޑުމެން ހުރިހާ ގޮތަކަށްވެސް ކިޔަން. ދެން އަޅުގަޑު ފުރަތަމަ މާލެއަށް ކުރިމަތިލީއިރުގައިވެސް ވަރަށް ވަރުގަދަކޮށް ކެމްޕޭނުގައި އުޅުއްވި. ވަރަށް ހިތްވަރުގަދަ، ކެތްތެރި، މަޑުމައިތިރި، ރުޅިމަޑު، ކަންކަން ބަރާބަރަށްކުރާ މީހެއް. ބަރާބަރަށް ކަންކަން ކުރާ، އަޅުގަނޑުގެ އެއްވެސް ކަމެއް އަނެއްހެން އުނިވިޔަނުދީ ގެންގުޅެދެއްވާ ޒިޔާދު.

މަރިޔަމް ވަޙީދާ:

ކުއްލިއަކަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން އަދި ހުވާ ކުރެއްވި. އަޅުގަނޑުގެ ދެން ދެ ސުވާލު. ހުވާކުރެއްވިއިރު އިޙްސާސްތަކަކީ ކޮބައިތޯއޭ؟ ދެވަނަ ސުވާލަކީ، އެއްވެސް ވަރަކަށް އުންމީދު ކުރެއްވިންތޯއޭ ރައީސުލްޖުމްހޫރިއްޔާއަކަށް ވެވަޑައިގަތުމަށް؟

ރައީސް މުޙަންމަދު ނަޝީދު

ފުރަތަމަ އަޅުގަނޑު އިންތިޚާބަށް ކުރިމަތިލީމާ، މަލްޓިޕާޓީ އިލެކްޝަނެއް އޮންނަކަންނިމި އިންތިޚާބަށް ކުރިމަތިލީމާ، އަޅުގަނޑު ކުރިމަތިލީ އިންތިޚާބުން މޮޅުވާން. ދެން އަޅުގަނޑަށް އޭރުގައި ހަމަ އުންމީދު ކުރެވިފައި އޮތީ އަޅުގަނޑުމެން މޮޅުވާނެކަން. އެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ. ދެން އެހެން ދެންނެވިއެއް ކަމަކު އަނެއްހެން ރައީސުލްޖުމްހޫރިއްޔާކަން އެއީ، އެކަން ކުރަން ފެށީމާ އެކަމުގައި ހުރި ސީދާ އެންމެހާ ކަންކަން އަޅުގަނޑުމެންނަށް ސިފަވެގެން އިޙްސާސްވެގެން މިދަނީ. ދާއިރުގައި އާކަންތައްތައްވެސް ހުރޭ. އުނދަގޫ ކަންތައްތައްވެސް ހުރޭ. ފަސޭހަ ކަންތައްތައްވެސް ހުރޭ.

މަރިޔަމް ވަޙީދާ:

އަޅުގަނޑުމެންގެ އެންމެފަހު ސުވާލަކީ އަޅުގަނޑުމެންގެ ޤައުމުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށްގިނަ މީހުންގެ އިޙްތިރާމާ ލޯތްބާ ލިބިގެން މިވަނީ. އުންމީދުތަކެއްވެސްވޭ ރައީސް ނަޝީދާ އެކުގައި. ކިހިނެއްތޯ އަޅުގަނޑުމެންގެ ރާއްޖޭގެ މުސްތަޤްބަލް ސިފަކުރައްވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

ހަމަ އަޅުގަނޑު ދެކޭނީ އަޅުގަނޑުމެންނަކީ، ކޮންމެ ދިވެހި ރައްޔިތަކީވެސް ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ. ތިމަންނާގެ ހަލާލު މަސައްކަތުން ތިމަންނާއާއި ތިމަންނާގެ ޢާއިލާއާ އުޅެވޭނެއޭ. އެހެން ބުނެވި، ރިވެތި ރީތި ގޮތުގައި ބޯހިޔާވަހިކަމެއް އޮވެ، ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހި، ފަސޭހައިން އެއްތަނުން އަނެއްތަނަށް ދަތުރުކުރެވި، ތަކެތީގެ އަގު އަތްފޯރާ ހިސާބުގައި ހުންނަ ތަނަކަށްވެފައި، ދެން އުފަލުގައި މީހުންނަށް އުޅެވޭ ކަހަލަ ތަނަކަށް ދިވެހިރާއްޖެވުން. އެއީ، އަޅުގަނޑުމެން ސިފަކުރަމުން މިއަންނަނީ. އަޅުގަނޑުމެން ހަމަ ސިފަކުރަމުން މިއަންނަނީ "ގުލްޒާރުގާ ނަޔާމަގޭ ނޫރާނީމާ ފޮޅޭނެއޭ."

މަރިޔަމް ވަޙީދާ:

އަޅުގަނޑުމެންގެވެސް އުންމީދަކީ އެއީ. ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ ރައީސް ނަޝީދު އަޅުގަނޑުމެންގެ ހޭޔަންބޯގެ 700ވަނަ ޕްރޮގްރާމްގެ މެހްމާނަކަށް ވެވަޑައިގެން އަދި އަޅުގަނޑުމެންގެ ބެލުންތެރިންނާ ބައްދަލުކޮށްލެއްވީތީވެ. ވަރަށްބޮޑަށް ޝުކުރިއްޔާ.

އިބްރާހީމް މުނާޒު:

ކުރިއަށްއޮތްތަނުގަވެސް ހަމަ މިޕްރޮގްރާމްގެ ފޭނަކަށް ވެގެން ދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އިނގޭތޯ. ވަރަށްބޮޑަށް ޝުކުރިއްޔާ.

ރައީސް މުޙަންމަދު ނަޝީދު:

ވަރަށްބޮޑަށް ޝުކުރިއްޔާ.