بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު، ޚާއްޞަކޮށް، ޕްރައިވަޓައިޒޭޝަނާ ގުޅޭގޮތުން މިހާރު ކަންކަން ގޮސްފައިވާ ހިސާބާއި، އެއާގުޅޭ ބައެއް މަޢްލޫމާތު އެރުވުމަށްޓަކައި. އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ބިނާވެފައި އޮތީ އެމް.ޕީ.ޑީ.ގެ މެނިފެސްޓޯގައިވާ ޕޮލިސީތައް، ސިޔާސަތުތަކުގެ މައްޗަށް. ސަރުކާރުގެ ކެބިނެޓް އެކުލަވާލެވިފައިވަނީ، އެ ޕޮލިސީތައް، އެ ސިޔާސަތުތައް ގަބޫލުކުރި ޕާޓީތަކުގެ މައްޗަށް. އޭގެތެރޭގައި ހިމެނެނީ ޖުމްހޫރީ ޕާޓީއާއި، ޤައުމީ އިއްތިޙާދާއި، ޤައުމީ ޕާޓީއާއި، ޢަދާލަތު ޕާޓީއާ އަދި ލިބަރަލް ޕާޓީއާއި، އެމް.ޑީ.ޕީ. ހުރިހާ ބޭފުޅުންމެ އެމެނިފެސްޓޯގައި އޮތް ޕްރައިވަޓައިޒޭޝަން ޕޮލިސީ ފުރިހަމައަށް ގަބޫލުކޮށްގެން އަޅުގަނޑުމެން މި ސިޔާސަތު ހިންގާން ފެށީ. ސަރުކާރަށް ފެނުނީ މިހާރުން މިހާރަށް ދިވެހިރާއްޖެއަށް އެބަ ބޭނުންވެއޭ ޢުމްރާނީ މަސައްކަތްތަކެއް. ފެނާއި ނަރުދަމާއާއި، ކަރަންޓާއި، މަގާއި، ބަނދަރާ މިބާވަތުގެ ވަރަށްގިނަ މަސައްކަތްތަކެއް މިހާރުން މިހާރަށް ސަރުކާރުން އެބަކުރާންޖެހޭ. އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ފައްސަތޭކަ މިލިއަން ޑޮލަރުގެ މަސައްކަތް ކުރިއަށް މިއޮތް އަހަރެއް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރަށް ނުވަތަ ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެންވެސް އެބަ ފޯރުކޮށްދޭންޖެހޭ. އެންމެ ބޮޑުކޮށް ސަރުކާރުގެ ބަޖެޓް އެކުލަވާލައިގެން ކުރިއަށްގެންދާއިރުގައިވެސް ޕީ.އެސް.އައި.ޕީ ޕްރޮގްރާމަށް ނުވަތަ ޕަބްލިކް ސެކްޓަރ އިންފްރާސްޓްރަކްޗަރ ޕްރޮގްރާމަށް މިޚަރަދު މިކުރެވެނީ ގާތްގަނޑަކަށް ބިލިއަނެއް ދެބިލިއަނެއްހާ ރުފިޔާ. ސަރުކާރުގެ އާމްދަނީއާ ލިބޭ އެއްޗަކަށް ބަލާއިރުގައި އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭއިރުގައި ޚަރަދު މިކުރެވެނީ މިހާވަރު. އެ މިންވަރަށް ޚަރަދުކޮށްގެން ވަރަށްކުޑަ މަސައްކަތެއް މިކުރެވެނީ. އެހެންވީމާ، ސަރުކާރަކަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަން، ކުރީގައި މަސައްކަތް ކުރަމުން ގެންދިޔަ މޮޑެލްގައި، އުޞޫލުގައި ގެންގޮސްގެން ކުރިއަށް ގެންދެވޭކަށެއް ނެތް. ސަރުކާރުން ގަސްދުކުރީ ޕީ.އެސް.އައި.ޕީ. ޕްރޮގްރާމް ކޯޕްރަޓައިޒް ކޮށްގެން ނުވަތަ ސަރުކާރާ އަދި ބޭރުގެ ފަރާތްތަކާ ޙިއްޞާވާ އުޞޫލުން ރާއްޖޭގެ ޢުމްރާނީ ނުވަތަ ކޮންމެހެން މިހާރުން މިހާރަށް ބޭނުންވާ ޚިދްމަތްތައް ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް.

އެނގިވަޑައިގަންނަވާނެ އެގޮތުން މިހާރު ސަރުކާރަށް ކުރެވިފައިހުރި ނުވަތަ ކޮންޓްރެކްޓާ ހިސާބަށް ދެވިފައިވާ މަސައްކަތްތަކެއް އެބަހުރި. ޚާއްޞަކޮށް، އަޅުގަނޑުމެން މަގޫދޫގައި ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓެއް ޑިގްރީ ފެންވަރަށް ކިޔަވައިދޭ ތަނެއް އަޅުގަނޑުމެންނަށް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފެށިއްޖެ. މިސާލަކަށް އެމަސައްކަތްވެސް ޕީ.އެސް.އައި.ޕީ. ޕްރޮގްރާމަކު ހިމެނިފައެއް ނޯންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެ ޚިދްމަތް އެރަށަށް ފޯރުކޮށްދެވޭނެ. އެ ޚިދްމަތާ އެކީގައި އެރަށަށް ބިކޯކާ ޔުނިވަރސިޓީގެ ސްކޮލަރޝިޕްގައި އަންނަ 10 ދަރިވަރަކާ އަދި ސަރުކާރުން އެބަ މަސައްކަތްކުރޭ ކޮމަންވެލްތް މެދުވެރިކޮށް 5 ސްކޮލަރޝިޕެއް މަގޫދޫގައި ބިކޯކާ ޔުނިވަރސިޓީ އައުޓްޕޯސްޓަށް ފޯރުކޮށްދިނުމަށް ހަމަޖައްސައި ދިނުމަށް. އެހެންވީމާ، ފަށައިގަންނައިރުވެސް އަޅުގަނޑުމެން މިބަލަނީ 15 ވަރަކަށް ދަރިވަރުން ޑިގްރީ ފެންވަރަށް އެ އައުޓްޕޯސްޓްގައި ކިޔަވަމުންދާނެ ކަމަށް. އަޅުގަނޑުމެން އުންމީދު ކުރަނީ ރާއްޖެއިންވެސް އޭ ލެވެލް ހަދާ ކުދިންގެ ތެރެއިން މެރިން ބަޔޮލޮޖީއާ ބިކޯކާ ޔުނިވަރސިޓީގެ މި ކޯސްތައް ޖާގަދޭ ކަންކަމަށް ކުދިން ޝައުޤުވެރިވާނެ ކަމަށް. އެހެންވީމާ، ދިވެހި ކުދިންގެ ތެރެއިންވެސް ބަޔަކު އެތަނަށް ކިޔަވަންދާނެ ކަމަށް ސަރުކާރުން އުންމީދުކުރޭ. އަދި އޭގެއިތުރުން، ބިކޯކާ ޔުނިވަރސިޓީން އެތަނުގައި ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ކިޔަވައިދިނުންވެސް ހިމަނާގޮތަށް އޮތީ ނިމިފައި. ހަމައެއާއެކީގައި، އިޓަލީބަސް ދަސްކޮށްދޭގޮތަށް، ކިޔަވައިދޭގޮތަށް އޮތީ ނިމިފައި.

މި ހުރިހާ ކަމެއް މި ހިންގެނީ ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕެއްގައި ނުވަތަ ބޭރު ފަރާތްތަކާ ޙިއްޞާވާ އުޞޫލުން. ހަމައެހެންމެ، ކުރިއަށް މިއޮތް ހަފްތާއެއް، ދިހަވަރަކަށް ދުވަހުގެ ތެރޭގައި ތިމަރަފުށީގައި ފެނާއި ނަރުދަމައާއި ކަރަންޓާއި މަގާއި ތިމަރަފުށި ހިއްކުމާ މިކަންކަން އެކުލެވޭ ޕްރޮގްރާމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސޮއިކުރެވޭނެ. ހަމައެއާއެކީގައި، ފޮނަދޫވެސް، ގއ. ވިލިނގިލިވެސް، ގައްދޫވެސް، ކުޑަހުވަދޫވެސް، އަޅުގަނޑުމެންނަށް މިޕްރޮގްރާމްގައި ކުރިއަށް ގެންދެވޭނެ. އެއީ، ހަމަ ޕްބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ޕްރޮގްރާމެއް. މިއިން ކޮންމެ ރަށެއްގައި ފެނާއި ނަރުދަމައާއި ކަރަންޓާއި މަގު އަޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ. އެ ހަދާ އެއަރޕޯޓާއި ސިޓީ ހޮޓަލާއި އަދި ޔޮޓް މެރީނާއާ ގުޅުވައިގެން. ހަމައެހެންމެ، ދަރަވަންދޫއާ ހަމަ އޭގެއިތުރުން، ހުޅުދުއްފާރުވެސް މިމަސައްކަތުގައި މިޕްރޮގްރާމްގައި ކުރިއަށްގެންދެވޭނެ.

އަޅުގަނޑު ހަމައެކަނި ފާހަގަކޮށްލަން މިއުޅެނީ، މިއިން އެއްވެސް ޕްރޮގްރާމަކީ މިސާލަކަށް ކުރީގައި އެގެންދިޔަ ޕީ.އެސް.އައި.ޕީ. ޕްރޮގްރާމްގެ ތެރެއިން ގެންދެވޭނެ ޕްރޮގްރާމެއް ނޫނޭ. މިއިން އެންމެ ރަށެއްގެ މަސައްކަތަށް މިދިޔަ އަހަރުގެ މުޅި ޕީ.އެސް.އައި.ޕީ. ޕްރޮގްރާމްގެ ޚަރަދުދާނެ. ހަމައެހެންމެ، އަޅުގަނޑުމެންނަށް މިއޮތީ ތޮއްޑޫގައިވެސް މިކަހަލަ ޕްރޮގްރާމެއް ހިންގުމުގެ މަސައްކަތް، ކޮންޓްރެކްޓާ ހަމައަށް ދެވޭނީ ރަށު ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު. ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާއާ ކަރަންޓުގެ ޚިދްމަތްވެސް އަޅުގަނޑުމެންނަށް މިއޮތީ ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕެއްގައި ކުރިއަށްދެވޭ ގޮތަށް. ސަރުކާރުން މިގޮތަށް ޢަމަލު ކުރަމުން މިދަނީ އަޅުގަނޑުމެންނަށް ހަމައެކަނި ފައިސާގެ ދަތިކަން ނުވަތަ މިފަދަ ބޮޑެތި ޕްރޮގްރާމްތައް ހިންގުމަށް ހަމައެކަނި ބަޖެޓުން ކުރިއަށް ގެންދިޔުން އެއީ، ފަސޭހަ ކަމަކަށްނުވާތީއެއް ނޫން، ނުވަތަ ބުއްދިވެރި ކަމަކަށް ނުވާތީ އެއްވެސް ނޫން. ހަމައެއާއެކީގައި ބޭރު ފަރާތްތަކާއެކީގައި ޙިއްޞާވެގެން މަސައްކަތްތައް ކުރިއަށްގެންދިޔައީމާ، ހިއުމަން ރިސޯސް ނުވަތަ ކަމަށް އެކަށީގެންވާ ހުނަރުވެރި މީހުންނާ އަދި އެކަމުގެ ޓެކްނޯލޮޖީއާ މަޢްލޫމާތުވެސް ރާއްޖެއަށް ތަޢާރަފްވެގެންދޭ، އިންވެސްޓްމަންޓްގެ އިތުރުން.

އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ކުރިއަށް ގެންދެވިފައިވާ އެއްމަސައްކަތަކީ، ހުޅުލޭ އެއަރޕޯޓްގެ މަސައްކަތް. ހުޅުލޭ އެއަރޕޯޓް ޙީއްޞާދާރުންނާ އެކީގައި ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު ހިނގާފައިމިވާ މަސައްކަތްތައް ހިންގުމަށްފަހު، ސަރުކާރުން މިވަނީ 8 ފަރާތެއް ޝޯޓް ލިސްޓް ކޮށްފައި. އެއީ، މިދުނިޔޭގެ ހަމަ އެންމެ ބޮޑު އެއަރޕޯޓް ހިންގާ 8 ފަރާތް. އެފަރާތްތައް ޝޯޓް ލިސްޓް ކުރުމަށްފަހު އެފަރާތްތަކުގައި ސަރުކާރުން އެދިފައިވާނީ 28 މެއިގެ ކުރީގައި ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅުމަށް. 28 މެއިގައި އެޕްރޮޕޯސަލްތައް ހުޅުވައި، ދެން ސަރުކާރުން އެތަނަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތާއެކުގައި އެސޮއިކޮށް ކުރިއަށްގެންދާން ގަސްދުކުރަނީ. ހުޅުލޭ އެއަރޕޯޓަށް ބަލާއިރު ހުޅުލޭ އެއަރޕޯޓް މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައިވެސް، މިދިޔަ ހުރިހާ ދުވަހެއްގައިވެސް، އެ އެއަރޕޯޓުން އަހަރެއްގެ މައްޗަށް ސަރުކާރުގެ ބަޖެޓަށް ވަދެފައިނުވޭ 200 މިލިއަން ރުފިޔާވެސް. 15 މިލިއަން ސޯޅަ މިލިއަން ޑޮލަރުވެސް. އެއީ އާދައިގެ ދެރިޒޯޓަކުންވެސް ލިބޭނެ އާމްދަނީ. ބޮޑު އެއަރޕޯޓެއް އެއަރޕޯޓަކީ. ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެން ހުރި ތަނެއް. ހަމަ މީގެއިތުރުން، ސަރުކާރަށް އެބައޮތް ކުރިއަށް އެއަރޕޯޓް ގެންދަން ސަރުކާރުން ގެންދާނަމަ މިހާރުން މިހާރަށް އެއަރޕޯޓަށް 500 މިލިއަން ޑޮލަރުގެ އިތުރު އިންވެސްޓްމަންޓް ބޭނުންވޭ. އެ އަޅުގަނޑުމެން ލަސްކޮށްލައިފިނަމަ އެއަރޕޯޓް އަލުން އަނބުރާ ހަމަ ތަރައްޤީއަށް ގެންނަން ވަރަށްބޮޑަށް ދަތިވާނެ. އެހެންވީމާ، އެއަރޕޯޓްގެ މަސައްކަތް އެއީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން އެއަރޕޯޓް ތަރައްޤީ ކުރަން ބޭނުންވެގެން އެކަން ކުރަނީ.

އަޅުގަނޑުމެން ބަލާލާއިރުގައި މިމަގަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާއިރުގައި ހަމަ ދަންނަވާލަން ބޭނުން ބައެއް ބައިނަލްއަޤްވާމީ އެހެން ރަށްރަށުގައިވެސް މިކަން ކުރަނީ ހަމަ މިއުޞޫލުން. މިސާލަކަށް ޖިއްދާ، ރިޔާލް. މިދެރަށުގެ އެއަރޕޯޓްވެސް ހިންގަނީ ބޭރު ބައެއް. އިނގިރޭސިވިލާތުގެ ހީތުރޯ އެއަރޕޯޓް މި ހިންގަނީ ސްޕެނިޝް ކުންފުންޏަކުން. ޗައިނާގެ ޝަންހާއީ އެއަރޕޯޓް މި ހިންގަނީ އޮސްޓްރޭލިޔާ ކުންފުންޏަކުން. ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓް ހިންގަނީ ބައިނަލްއަޤްވާމީ ކުންފުނިތަކެއް، އެއީ، އިންޑިޔާ ކުންފުނިތަކެއް މެދުވެރިވެގެން. އަދި ބޮމްބޭ، ޑެލްހީ، ބެންގަލޯރ، މި ތަންތަނުގެ އެއަރޕޯޓުވެސް ހިންގަނީ ބައިނަލްއަޤްވާމީ ކުންފުނިތަކެއް މެދުވެރިވެގެން. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންނަށް ޔަޤީން، މިއެއަރޕޯޓްތަކުގެ ތަރައްޤީއަށް އެންމެ އެކަށީގެންވާ ގޮތަކީ ސަރުކާރާއެކީގައި ޙިއްޞާވާނެ ބައިވެރިން ހޯދައިގެން އެ ބައިވެރިންނާއެކީގައި މި މަސައްކަތް ކުރިއަށް، ބާރަށް ގެންދިޔުން.

އަޅުގަނޑު ހަމަ ހަނދުމަފުޅުކޮށް އަރުވަން 1800އިގެ ވަރަށް ކުރީކޮޅު ފުރަތަމަ ވޯރާވެރިން ރާއްޖެ އައިސް ރާއްޖެއައިސް ރާއްޖޭގައި ވިޔަފާރި ބަޑަހަ ދާއިމީ ގޮތެއްގައި ޖެހީ. 1800 އެއްނޫން 1700އިގެ މެދެއްހާ ތަނުގައި. މުޙިއްދީން ބަންޑާރައިންގެ ރަސްކަމުގައި. ވޯރާވެރިން ރާއްޖޭގައި ވިޔަފާރިގެ އަޅަން ފަށައި، އެމީހުން އެއީ، ރާއްޖޭގެ ވިޔަފާރި ހިންގާ މައިގަނޑު މީހުންނަށް އިސާހިތަކު އެމީހުން ބަދަލުވީ. ކަރީމްޖީ ޖަފަރުޖީ ކުންފުންޏާ މިހެންގޮސް އެއިރުގައި މަޝްހޫރު ވަރަށް ބައިވަރު ވޯރާ ކުންފުނިތަކުން. މިހެން އައިސް 1932ގައި ފުރަތަމަ ޤާނޫނުއަސާސީއާ އެކުގައި ސަރުކާރުން ނިންމީ، ސަރުކާރު ޙިއްޞާވާ ސަރުކާރުގެ ކުންފުންޏެއް އުފެއްދުމަށް. އާގުބޯޓު ދުއްވުމަށް. ބޭފުޅުން ހަނދުމަފުޅު ހުންނާނެ ކަންނޭނގެ 1932ގައި ފުރަތަމަ ޤާނޫނުއަސާސީއާއެކު އުފެދުނު ރައްޔިތުންގެ މަޖިލީހުގައި އެންމެ ޖޯޝާއެކީ ހިނގި އެއް މައްސަލައަކީ، އާގުބޯޓުގެ ބިލް. އާގުބޯޓުގެ ބިލް އެފަހަރު ކާމިޔާބެއް ނުވި. އެހެންނަމަވެސް، އޭގެ މާގިނަދުވަސްތަކެއްނުވެ އަތިރީގޭ ބޭފުޅުންނާ އެހެނިހެންވެސް ކަކާގޭ ބޭފުޅުންވެސް ކުންފުނިތައް އުފައްދަވަން ފަށްޓަވައިފި. ހަމައެއާއެކީގައި، ސަރުކާރު ބައިވެރިވާ ކުންފުނިތައް ތަޢާރުފްވަމުން އަތުވެއްޖެ. އެއަށްފަހު މުޙަންމަދު އަމީނަށްފަހު، އިބްރާހީމް ނާޞިރުގެ ވެރިކަމުގައި، ނާޞިރު އުފެއްދެވީ 4 ކުންފުންޏާ އަދި އެ 4 ކުންފުނީގެ ފަހުން ބޮޑުއިސްޓޯރާ އަދި އޭގެފަހުން އެސް.ޓީ.އޯ. އުފެދިގެން އައީ. އެއަށްފަހު، ސަރުކާރު ޙިއްޞާވާ އެތައް ކުންފުނިތަކެއް އުފެދިފައި މިހުރީ.

ސަރުކާރު ކުންފުންޏެއްގައި ޙިއްޞާވެގެން ވިޔަފާރި ކުރީމާ، ވިޔަފާރީގެ އުޞޫލުން ހިންގާ ކަމެއް ސަރުކާރުން ހިންގީމާ، އެއިން ރައްޔިތުންނަށް ލިބޭ ފައިދާ އެންމެ ރަނގަޅު ނޫންކަން ދިވެހިރާއްޖޭގެ މިދިގު ތާރީޚުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބައެނގޭ. އަދި ހަމައެހެންމެ، އަޅުގަނޑުމެން ހަނދާންކޮށް ތިބެންޖެހޭނެ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ، ރާއްޖެ ބަދަލުނުވެ އޮތްނަމަވެސް ދުނިޔެ ބަދަލުވެއްޖެއޭ. ވޯރާވެރިންނެއްވެސް މިހާރަކު ނެތް. އިނގިރޭސި އިސްތިޢުމާރީ ބާރެއްވެސް މިހާރަކު ނެތް. އެސިޔާސަތެއްވެސް މިހާރަކުނެތް. މިހާރު މިއޮތީ ހުޅުވާލެވިފައި އޮތް ދުނިޔޭގެ ވިޔަފާރި. އެ ވިޔަފާރީގެ މާޙައުލުގައި ދިވެހިން ބައިވެރިނުވެ ތިބެއްޖިއްޔާ ދިވެހިން އަނެއްކާވެސް ބާކީވާނީ ދުނިޔޭގެ ސަފުގައި ތަރައްޤީގެ މަގުގައި ދިވެހިންނަށް ކުރިއަށްދާން ދަތިވާނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑަށް ޔަޤީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް. ވަރަށް ސާފު އަޅުގަނޑުމެންގެ ސިޔާސަތު ރައްޔިތުންނަށް އަޅުގަނޑުމެންގެ ސިޔާސަތުވާނީ އިންތިޚާބުގެ ކުރީގައި ހުށަހަޅާފައި. އެ ސިޔާސަތު ކުރިއަށް ގެންދިޔުމަށް މިވަގުތު އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެންނަށް އަޣްލަބިއްޔަތެއް ލިބިފައިވެސްމިވަނީ އެ ސިޔާސަތު ކުރިއަށްގެންދިޔުމަށްޓަކައި.

އެ ސިޔާސަތު ކުރިއަށްގެންދާއިރުގައި މިހާރު އަޅުގަނޑުމެންނަށް ސަރުކާރުން ހިންގަން އުޅޭ ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެންމެބޮޑު އަނެއް މަޝްރޫޢަކީ، ދިހަހާސް ގެ ޢިމާރާތް ކުރުމުގެ މަޝްރޫޢު. ދިހަހާސް ގެ ޢިމާރާތް ކުރުމުގެ މަޝްރޫޢަށް ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ 18 ބައިނަލްއަޤްވާމީ ކުންފުންޏަކުން. މި ގެތައް އެޅުމަށް ސަރުކާރުން ގަސްދުކުރަނީ ކޮންމެ ދިހަހާސް ގެއާ ގުޅުވާފައި މިވަނީ އެއްހާސް ލަގްޒަރީވިލާ. ލަގްޒަރީވިލާއަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ޓޫރިޒަމްގެ އުޞޫލުން ގެއެއް އަޅައިގެން ދިގުމުއްދަތުގައި ތިބެވޭ ގޮތަށް ދޫކުރެވޭ ލަގްޒަރީވިލާ. ކޮންމެ ސަތޭކަ ގެއަކާ އަޅުގަނޑުމެން މިގުޅުވަނީ 10 މީގެ ވިލާ. ދިހަހާސް ގެއާ އެއްހާސްވިލާއާ. މި ބިމުގެ އަގުގައި، އެބިމުގެ ބޭނުމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ހަމަގައިމުވެސް 18 ފަރާތުން ތައްޔާރަށް ތިބީ މި ދިހަހާސްގެ އަޅައިދިނުމަށް. ސަރުކާރަށް މި 18 ފަރާތުގެ ތެރެއިން ވަކިން އިތުރަށް ޝޯޓްލިސްޓް ކުރާނެތޯ ވިސްނި ވިސްނުމުގައި އެކޮމިޓީއަށް ފެނުނީ 18 ފަރާތަކީވެސް މިކަން ކުރެވިދާނެ އެކަށީގެންވާ ފަރާތްތަކޭ. އެހެންވީމާ، ކޮންމެ ފަރާތެއްގައިވެސް މިހާރު ދެން އެދޭނީއޭ ރިކުއެސްޓް ފޯރ ޕްރޮޕޯސަލަކަށް ނުވަތަ އެބޭފުޅުން އެކަން ކުރުމަށް ގަސްދުކުރާ ގޮތުގެ ބަޔާނަކަށް. ސަރުކާރުން މިހާރު މިވަނީ އެކަން ކުރާނެ ގޮތުގެ ބަޔާނަކަށް އެފަރާތްތަކުގައި އެދިފައި. އަޅުގަނޑުމެން މިބަލަނީ ޖޫން ޖުލައިގައި އެބޭފުޅުންނަށް އެ ބަޔާންތައް ޕްރޮޕޯސަލްތައް ފޮނުވޭނެކަމަށް. އަދި ހަމައެހެންމެ ޕްރޮޕޯސަލްތައް ބެލުމަށްފަހުގައި އޯގަސްޓް މަހުގެ ތެރޭގައި ކޮންޓްރެކްޓާ ހަމައަށް ދެވޭނެ ކަމަށް.

ގެދޮރު ޢިމާރާތް ކުރުމުގެ އިތުރުން، ސަރުކާރުން ދެން އަހަންމިއްޔަތުކަމެއް ދޭ އަނެއް ކަމަކީ، ފެނާއި ނަރުދަމައާ ކަރަންޓުގެ މަސައްކަތް. މީގައި ސަރުކާރުން ބޭނުންވަނީ ހަމަ މިދަންނަވާ އުޞޫލުން މިކަން ހިންގުމަށް. އަމިއްލަ ފަރާތްތަކުން މިކަންކަމުގައި ބޭނުންވާ އިންވެސްޓްމަންޓްތައް ކުރިއަށް ގެންގޮސް އެ ޚިދްމަތް ރާއްޖެއަށް ވިއްކުމަށް އެއްބަސްވާ ފަރާތްތަކެއް ހޯދަން. އަޅުގަނޑުމެން މީގައި މިގެންގުޅޭ ވިސްނުމަކީ، މިސާލަކަށް ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ރަށަކާ ޖެހިގެންހެން މިހާރު އެބައޮވޭ ޓޫރިސްޓް ރިޒޯޓެއް. އަޅުގަނޑުމެންގެ ފިކުރަކީ، ރިޒޯޓާ ރަށާ ދެތަނުގެ ކަރަންޓު އެއް ކުންފުންޏަކުން ދެވޭނަމަ އަދި އެއްކޮށްލައިގެން ދެވޭނަމަ ދެތަނުގެ ކަރަންޓުވެސް ހެޔޮއަގުގައި ދެވިދާނެއޭ. އަދި އެކަންކަން ބަލަހައްޓާނޭ ފަރާތްތައްވެސް ލިބިދާނެއޭ. ފެނާއި ނަރުދަމާގެ ކަންތައް އަޅުގަނޑުމެންނަށް މިއުޞޫލުން ހިންގިދާނެއޭ. މިމަސައްކަތަށް ސަރުކާރުން އިޢުލާނު ކުރީމާ، 14 ފަރާތަކުން އެއަށް ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ. 1 މެއި އިން ސުރެ ފެށިގެން ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުން މާލެއައިސް މި ތަންތަން ބަލަން ފަށާނެ. ރާއްޖެ އައިސް މިތަންތަން ބަލަން ފަށާނެ.

ހަމަ މީގެއިތުރުން ސަރުކާރުން ދެން އެންމެ ބޮޑު އަހަންމިއްޔަތު ކަމެއްދެނީ ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމުކުރުމަށް. ދަތުރުފަތުރުކުރުމުގެ ނިޒާމާވެސް ގުޅިފައިވަނީ ގެސްޓްހައުސް ހެދުމުގެ ފުރުސަތާ. އެފުރުސަތު ބޭނުންކުރުމަށްޓަކައި ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމުކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހުށަހެޅުމަށް، ދިވެހި ސަރުކާރަށް ޝައުޤުވެރިކަން ހާމަކުރުމަށް ސަރުކާރުން އިޢުލާނު ކުރުމުން 6 ފަރާތެއް މިހާރުވަނީ ހާމަކޮށްފައި. އެ 6 ފަރާތުގެ ބިޑް ޑޮކިޔުމަންޓް ދިނުމަށް އޮންނާނީ 28 ހާ ހަމައަށް. އެއަށްފަހު އެންމެ އެކަށީގެންވާ ފަރާތަކަށް އަޅުގަނޑުމެން ސަރުކާރުން އެމަސައްކަތް ދޭނީ. ހަމައެހެންމެ، އަޅުގަނޑުމެންގެ ސަރަޙައްދީ އެއަރޕޯޓުތައް ހަނިމާދޫ އެއަރޕޯޓާއި، ގަން އެއަރޕޯޓާއި، ކައްދޫއާއި ކާޑެއްދޫ އެއަރޕޯޓާ މިއެއަރޕޯޓްތައްވެސް ސަރުކާރާ ޙިއްޞާވެގެން ހިންގާނެ ފަރާތްތައް ހޯދުމަށް ސަރުކާރުން ކުރި އިޢުލާނަށް 6 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައިއެބަވޭ. އޭގެތެރޭގައި، ހަމަ ހިމެނެނީ ދުނިޔޭގެ މަޝްހޫރު ފަރާތްތައް. މިކަމުގައި ފުންނާބު އުސް ފަރާތްތައް. އިރާދަކުރެއްވިއްޔާ ސަރަޙައްދީ އެއަރޕޯޓްގެ މަސައްކަތްތައްވެސް ލަސްތަކެއްނުވެ މިދާ ތާވަލްގައި ދާގޮތަށް ނިމިގެންދާނެ.

މިދެންނެވި މަސައްކަތްތަކަކީ، ސަރުކާރުގެ ބަޖެޓުން އެކަނި ސަރުކާރުން ކުރުމަށް ވިސްނިނަމަ ހަމައެއްގޮތަކަށްވެސް ކުރެވޭނެ މަސައްކަތްތަކެއްނޫން. އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެން ބަދަލުކުރީ. އަޅުގަނޑުމެން ބަދަލަކަށް އެދި ރައްޔިތުންނަށް ހުށަހަޅަމުން ދިޔައީ. އަޅުގަނޑުމެން ހުށަހެޅި ބަދަލަކީވެސް މިދެންނެވީ. މިކަމުގައި އަޅުގަނޑު ނުދެކެން ރައްޔިތުން އެހެން ގޮތަކަށް މިއަދު ވިސްނަން ފަށާފާނެ ކަމަކަށް. އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަ ވަރަށް ސާފު. ކުރިއަށްއޮތްތަނުގައިވެސް ހަމަ މި ސިޔާސަތުގައި އަޅުގަނޑުމެން ކުރިއަށްގޮސް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން މިހުށަހަޅާ ތަރައްޤީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަން. އަޅުގަނޑުމެން މިހުށަހަޅާ އަނެއް ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ޙަޤީޤަތަކަށް ވެގެންދާނެ. ޝުކުރިއްޔާ.

އަޅުގަނޑަށް 15 މިނެޓް އޮތީ އިނގޭތޯ.

ޢަބްދުﷲ މުޙަންމަދު - ދި ޓީވީ:

މަނިކުފާނު ހުރިހާ ޕްރޮޖެކްޓް ތަކެއްގެ ވާހަކަ ވިދާޅުވިއިރުވެސް ގުޅީފަޅުގެ ޕްރޮޖެކްޓްގެ ވާހަކަ މިއަދު ވިދާޅުނުވާތީ ދަންނަވާލާހިތްވޭ. މަނިކުފާނު ވިދާޅުވި އޭޕްރީލްމަސް ނިމުމުގެ ކުރިން ގުޅީފަޅު ޕްރޮޖެކްޓްގައި ސޮއިކުރައްވާނެ ކަމަށް. މިހާރު އެކަންތައް އޮތީ ކިހާހިސާބެއްގައިތޯ؟ އާދެ! އަޅުގަނޑު ހަމަ މަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވަން ދަންނަވާލާނަން މަނިކުފާނު އެހެން ވިދާޅުވި ދުވަހެއް.

ރައީސް މުޙަންމަދު ނަޝީދު:

ނޫން. އަޅުގަނޑު ޤަބޫލު. އަޅުގަނޑު އެއްބަސް. އަޅުގަނޑު ހަނދާންނެތުނީ. އަޅުގަނޑުގެ ލިސްޓުގައި ނެތުނީ އިތުރު ވާހަކައެއް، އަނެއްކާވެސް އިތުރު ކާމިޔާބެއް އެއީ. އިރާދަކުރެއްވިއްޔާ ގުޅީފަޅު އަޅުގަނޑުމެންނަށް ބޮސްކާލިސް ކުންފުނިން އަޅުގަނޑުމެން ކައިރީ ބުނެފައި އޮތީ 29 އޭޕްރީލްގައި އެބޭފުޅުން މާލެ އަންނާނެ ކަމަށް. މިއަދު އަޅުގަނޑު ބަލާލިއިރުގައި އެބޭފުޅުން އެބަވިދާޅުވޭ 2 މެއި އަށް އެބޭފުޅުން ބަދަލުވެދާނެ ކަމަށް. ދެން އަޅުގަނޑު އޭޕްރީލް މަހުގެ ތެރޭގައޭ އަޅުގަނޑު ދެންނެވިން. އޭގެ ހަފްތާއެއް ދެހަފްތާއެއް އެއަތަށް މިއަތަށް އަދިވެސް އަރާފާނެ. އެހެންނަމަވެސް، ގުޅީފަޅުގެ ޕްރޮގްރާމް ހަމަ ދަނީ ބަރާބަރަށް. ރަނގަޅަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގުޅީފަޅުގެ ތަރައްޤީގެ މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފަށައިގަނެގެން ކުރިއަށް ގެންދެވޭނެ.


ޢަލީ ރިޟްވާން – ޓީ.ވީ.މޯލްޑިވްސް:

މަނިކުފާނު ފަށްޓަވަމުން ވިދާޅުވެއްޖެ، ސިޔާސަތު އެކުލަވާލުމުގައި އެކުގައި މަސައްކަތް ކުރެއްވި ޕާޓީތަކާ އެކުގައި މަޝްވަރާ ކުރެއްވި ވާހަކަ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އިއްޔެ ފެނިގެން ހިނގައްޖެ މަނިކުފާނު އިންތިޚާބުގެ ތެރޭގައި އުޅުއްވި އެއް ބޭފުޅެއް ކަމުގައިވާ ޤާސިމް އިބްރާހީމް، ޕްރައިވަޓާއިޒޭޝަން ކަންތައްތަކާ ގުޅިގެން ނިއުސް ކޮންފަރެންސެއް ދެއްވައި އެކަމަށް ވަރަށްބޮޑަށް ފާޑު ވިދާޅުވި މަންޒަރު. ކިހިނެއްތޯ ވެގެންމިދިޔައީ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ސިޔާސަތެއް އެކުލަވާލުމަކު ނޫން އެހެންޕާޓީތަކާ މަޝްވަރާކުރީ. އެމް.ޑީ.ޕީ.ގެ ސިޔާސަތު އެކުލަވާލީ އެމް.ޑީ.ޕީ. ރައްޔިތުންގެ އަޑުއަހާފައި އެމް.ޑީ.ޕީ.ން. ދެވަނަ ބުރަށް އައިއިރުގައި ހުރިހާ ފަރާތްތަކަކުން އެއްބަސްވީ އެމް.ޑީ.ޕީ.ގެ ސިޔާސަތާއެކީގައި މަސައްކަތް ކުރުމަށް އެބޭފުޅުން އެއްބަސްވެލައްވާ ކަމަށް. ދެން ފަހުން ތިޔަބޭފުޅާ ތިޔަ ކުރެއްވި ސުވާލު އަޅުގަނޑު އެދެނީ ތިޔަބޭފުޅާ ޤާސިމް އިބްރާހީމާ ކުރެއްވުމަށް. އަޅުގަނޑުމެންނެއް ނޫން މިޚިޔާލު ތަފާތުވެގެން މިދަނީކީއެއް.

އަޙްމަދު ސަޢީދު - ހަވީރު ނޫސް:

މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ ޕްރައިވަޓައިޒޭޝަން ޚާއްޞަކޮށް އެއަރޕޯޓްގެ ކަންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ނޫނީ ބަންޑާރަ ނައިބުގެ ލަފަޔެއް މިކަމުގައި ހޯދަން ޖެހޭނެކަމަށް. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުން މިއީ، ވަރަށް ދިގު ޕްރޮސެސްއެއްގެ ތެރެއިން އެހެން ޤައުމުތަކުގައިވެސް މިކަންތައްތައް ހިނގާފައި އޮންނަނީ.




ރައީސް މުޙަންމަދު ނަޝީދު:

ރާއްޖޭގައި ހިނގާ ޕްރޮސެސް ހިނގަމުން މިދަނީ، ބައިނަލްއަޤްވާމީ އެހެން ޤައުމުތަކުގައި މިކަން ހިނގާ ޕްރޮސެސްއާ ހަމަ ސީދާ އެއްގޮތަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މެނިފެސްޓޯ ތައްޔާރު ކުރަމުން އައިއިރުގައި ތިޔަބޭފުޅުން އެދުވަސްވަރު ވިދާޅުވި ރޮކްސްޗައިލްޑް ކިޔާ ބަޔަކާ އަޅުގަނޑުމެން ވާހަކަ ދައްކައިގެން އެވާހަކައެއް ކުޑަކޮށް ދެކެވުނު. އެކުންފުނީގެ ލަފަޔާ އެކީގައި އަޅުގަނޑުމެންގެ ފުރަތަމަ ޕްރޮގްރާމް އެކުލަވާލީ. އަޅުގަނޑުމެންގެ ޕްރޮސެސް މިދަނީ ދުނިޔޭގައި މިކަން ހަމަ ހިންގާ ސީދާ ޕްރޮސެސްއިން. މަޙްމޫދު ރާޒީ އެކަމުގައި އިސްވެ ހުންނަވަނީ. މަޙްމޫދު ރާޒީއާ އެކަމުގައި އުޅުއްވާ އިސް ބޭފުޅުން މިވަގުތުވެސް ވީ އޮސްޓްރޭލިޔާގައި އިތުރު ވާރކްޝޮޕަކަށް ވަޑައިގެން. ދެން އަޅުގަނޑު މިވަގުތު ހަމަ ހާމަކޮށްލަން ބޭނުން ބައެއް ޓްރެޜަރީން، ބައެއް ޤައުމުތަކުގެ ޓްރެޜަރީން އަޅުގަނޑުމެންގެ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްގެ އެސެސްމަންޓެއް ހައްދަވައި ދެއްވުމަށް އަޅުގަނޑުމެން އެދުނިން. އެދުނީމާ ހައްދަވައިދެއްވާފައި އެބަވޭ. ވަރަށް ރަނގަޅު ކަމަށް އެބޭފުޅުން ވިދާޅުވަނީ. އަޅުގަނޑުމެން އިންޓަރނަލީ މި އެސެސްމަންޓްތައް މިހައްދަނީ. އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެން މިކަމުގައި އޮންނަންޖެހޭ ހަމަޔަކާ އެއްވެސް ހާލެއްގައި ޚިލާފުވެގެންދާ ކަމަކަށް. މިއީކީއެއް އިތުރު ބަހުސެއް އަޅުގަނޑުމެންގެ ތެރޭގައި ނުކުންނަންވީ ކަމެއްނޫން. މިއީ، އިންތިޚާބަށް ނުކުތްއިރުގައި މެނިފެސްޓޯ ޕްލެޖެއް. މިހާރު މިކަމާ ގުޅޭގޮތުން ޚިޔާލު ތަފާތުވޭ. އެހެން ގޮތްގޮތް ވާނެ ވަގުތެއް ނޫން މިއީކީއެއް. ރައްޔިތުންގެ މަޖިލީހަށް އަބަދުވެސް އަޅުގަނޑުމެން މަޢްލޫމާތު ދެން. އަދި ރައްޔިތުންގެ މަޖިލީހާ އެކީގައި އަބަދުވެސް މަޖިލިސް މެންބަރުންނަށް މަޢްލޫމާތު އަރުވަމުން އަޅުގަނޑުމެން މިދަނީ. އެހެންވީމާ، މަޖިލީހަށް އަދިވެސް ހަމަ ބޭނުންވެލައްވަންޏާ ބޭނުންވާ މަޢްލޫމާތެއް އަޅުގަނޑުމެން ބޭނުން އިރެއްގައި މަޖިލީހަށް އަރުވާނަން. އެކަމުގައި އެއްވެސް ހުއްޓުމެއްވެސް ނެތް. ހުރަހެއްވެސް ނެތް. އަޅުގަނޑަށް އެނގޭ އެއްޗަކީ ރާއްޖޭގެ ރައްޔިތުން ނިންމާފައޭ މިވަނީ ތަރައްޤީ ބޭނުމޭ އަދި މިމަގުވެސް ވަރަށް ރަނގަޅޭ. ދެން މިވަގުތު މިއީ އެހާ ބޯދާ ފިކުރުގައި. އެނގިވަޑައިގަންނަވާނެ ތިޔަހުރިހާ ބޭފުޅުންނަށްވެސް ޕްރައިވަޓައިޒޭޝަނާ އިދިކޮޅަށް މި ދުނިޔޭގައި މިހާރު ވާހަކަ ދެއްކުން އެއީ، ކޮންބާވަތެއްގެ ޢަމަލެއްކަން. ވަރަށް ނާތަހުޒީބީ ޢަމަލެއް އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެންނަކަށެއް ދެން މީގައި ފަހަތަށް ފިޔަވަޅެއް އެޅުމެއް ނެތް.

ޖަޢުފަރު ރަޝީދު - މިއަދު ނޫސް:

އެއަރޕޯޓްފަދަ ތަންތަން ދިނުމާ ދެކޮޅަށް މަޖިލީހަށް މިއޮތީ ޖުމްހޫރީ ޕާޓީން ޤަރާރެއްވެސް ހުށަހަޅާފައި. ދެން އެބޭފުޅުން މި ވިދާޅުވަނީ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އަދި ސަލާމަތީ ގޮތުން ވަރަށް ނުރައްކާތެރި ކަމެއް ކަމަށް. މިއީ، ސަލާމަތީ ގޮތުން ރައްކާތެރި ކަމެއް ކަމަށް ކިހާވަރެއްގެ ޔަޤީންކަން މަނިކުފާނު ދެއްވަފާނަންތޯ؟ އަނެއް ސުވާލަކީ އެއަރޕޯޓް ދެއްވުމަށް މިހާރުވެސް ސަރުކާރުން ވަކި ކުންފުންޏެއް ނިންމަވާފައިވާ ކަމަށް އެބޭފުޅުން އެބަ ތުހުމަތު ކުރައްވާ. އިނގިރޭސި ކުންފުންޏެއް. އެކުންފުންޏަކީ އިންތިޚާބުގައި އެމް.ޑީ.ޕީ.އަށް ފައިސާ ޚަރަދުކުރި ކުންފުންޏެއްކަމަށްވެސް ވިދާޅުވޭ. މިކަމާމެދު ކީކޭތޯ ވިދާޅުވަނީ؟
ރައީސް މުޙަންމަދު ނަޝީދު:

ފުރަތަމަ ދެވަނަ ސުވާލަށް. އިނގިރޭސި ކުންފުންޏެއް ޝޯޓްލިސްޓް ވެފައެއް ނުވޭ އިނގޭތޯ. މިހާތަނަށް ޝޯޓްލިސްޓް ވެފައިހުރި ކުންފުނިތަކުގެ ތެރޭގައި އަޅުގަނޑަށްވެސް މިމަޢްލޫމާތު މުޅިއަކުންނެއް ކޮމިޓީއަކުން ނުދެއްވާ ނަންތަކެއް. އަޅުގަނޑު އަހާލިން ކޮންކޮން ޤައުމުތަކެއްތޯ. މީގަ މިއުޅެނީ ސްޕެނިޝް ކުންފުންޏަކާއި، ޖަރުމަން ކުންފުންޏަކާއި، ސިންގަޕޫރު ކުންފުންޏަކާ އަޅުގަނޑު ހަނދާންވަނީ އިންޑިޔާ ކުންފުންޏަކާ އަދިވެސް ޖަރުމަން އެހެން ކުންފުންޏަކާއޭ.

ދެން އެއަރޕޯޓް ހިންގުން ބޭރު ބަޔަކަށް ދިނުން އެއީ، އަޅުގަނޑުމެންގެ ސަލާމަތީ ގުޅުމާ ކުޑަކޮށްވެސް ގުޅުންހުރި ކަމެއްނޫން. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޢާންމު ގަވާއިދުތަކާ އުޞޫލުތައް މިރާއްޖޭގައި ނުހިނގާނެ އެއްވެސް ދުވަހެއް ނާންނާނެ. ރާއްޖޭގެ ބަޔަކު މިތަނުގައި އެހެން ކުންފުންޏެއް މިސާލަކަށް، އަމިއްލަ ދިވެއްސެއްގެ ކުންފުންޏެއް ހިންގާތީ، އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ބުރޫއެއް ނާރާކަމަށް އަޅުގަނޑުމެންނަށް ދެކެވޭ. ހަމަ އެހެން މީހަކުވެސް މިސާލަކަށް މިތަނުގައި ތާޖް ހޮޓަލެއް ހަދައިގެން ނުވަތަ އިންޓަރކޮންޓިނެންޓަލް ހޮޓަލެއް ހަދައިގެން، ހިލްޓަން ހޮޓަލެއް ހަދައިގެން، ރާއްޖޭގެ ސަލާމަތަށް ކުޑަވެސް ބުރޫއެއްް އަރާނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. އެއަރޕޯޓްގެ ސަލާމަތް މިހާރު ފުރިހަމަކުރުމަށްޓަކައި މިދަންނަވާ ބޮޑެތި އިންވެސްޓްމަންޓް ބޭނުންވެއޭ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މީތި ހިފަހައްޓައިގެން ހުރީމާ، ސަލާމަތަށް އަރާ ބުރޫ މާބޮޑުވެދާނެހެން. އެއީ ވަރަށްބޮޑު ސަބަބެއް އަލުން އަނބުރާ އެދިމާއަށް ދޔުން. އަޅުގަނޑަށް ދެން އޮތީ 5 މިނެޓް.

ޢަބްދުﷲ ސަޢީދު – އެސަންދާން:

އަޅުގަނޑުގެ ސުވާލު އަމާޒުކޮށްލަނީ މިސަރުކާރު އެކުލެވިފައި މިވަނީ ޕާޓިތަކެއްގެ ތެރޭގައި. މިޕާޓިތަކަށް އެއްގޮތަކަށްވެސް މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ތިޔަ ވިދާޅުވާ ކަންތައްތަކާ އެއްބަހެއް ނުވެވޭކަމަށް އެމީހުންގެ އެކި ނިއުސް ކޮންފަރެންސްތަކުން މިދަނީ ފެންނަމުން. އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު މިކަންތައްތައް ކުރައްވަނީ އަމިއްލަފުޅަށްތޯއޭ، އެހެން އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރައްވާ. ކިހިނެއްތޯ މިކަން ކުރިއަށްގެންދަވަނީ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންގެ ޕްރޮގްރާމް މިއޮންނަނީ އެބައޮވޭ ޕްރައިވަޓައިޒޭޝަން ކޮމިޓީއެއް. ދެން އެބައޮވޭ އިންވެސްޓް މޯލްޑިވްސް. ފުރަތަމަ ކަމަކަށް، މުޅި މަސައްކަތް އެކީގައި ހިންގަވަނީ ޤައުމީ ޕާޓީގެ ވަޒީރަކު ހުންނަވާ މިނިސްޓްރީއަކުން. ރަޝީދު، މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޓްރޭޑުން. އެ އިންވެސްޓް މޯލްޑިވްސްއަކީ އެމިނިސްޓްރީގެ ދަށުގައި އޮންނަ ތަނެއް. ދެވަނަ ކަމަކަށް އެއަރޕޯޓް އެއީ، ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓް ވަރަށްބޮޑު ދައުރެއް އަދާކުރާ ތަނެއް. އެވެސް އަޅުގަނޑުމެންގެ ކޮއެލިޝަން ޕާޓްނަރުން އެއްބައިވެފައިތިބި މިނިސްޓްރީއެއްގެ ހިންގަވާ ބައެއް. މިއިން ކޮންމެ ކަމަކީ އަދި އޭގެއިތުރުން، ވަޒީރުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު އަޅުގަނޑު އަރުވަން 20 މިނެޓް ވަޒީރުން އަޅުގަނޑާ ސުވާލު ކުރުމަށް ކޮންމެ ކަމަކާ ގުޅޭގޮތުންވެސް. އަޅުގަނޑުމެން ހިންގާ ހުރިހާ ކަމެއް ހިންގަމުން މިގެންދަނީ މަޝްވަރާއާއެކުގައި. ދެން ޕާޓީތައްވެސް އަޅުގަނޑުމެންނާ އެކުގައި، ހަމަގައިމުވެސް ޕާޓީތަކުގެ ވަޒީރުންގެ ގޮތުގައި ބައިވެރިވެވަޑައިގެން ތިއްބެވި ބޭފުޅުން ހަމައެކުގައި ކެބިނެޓްގައި މަސައްކަތް ކުރައްވަމުން އެބަގެންދަވާ. އަޅުގަނޑު ގާތުގައި މިއަދު މީހަކު ބުނި ޑޮކްޓަރ ޝަހީދު ވަރަށް ފުރިހަމަ ތަޤްރީރެއް މިއަދު މަޖިލީހުގައި ދެއްވައިފިއޭ ޕްރައިވަޓައިޒޭޝަނާ ގުޅޭގޮތުން. އަޅުގަނޑަކަށް ހިއެއްނުވޭ މިސާލަކަށް ޤައުމީ ޕާޓީ ނުވަތަ ޤައުމީ އިއްތިހާދު ނުވަތަ އަދާލަތު ޕާޓީ ނުވަތަ ޖުމްހޫރީ ޕާޓީގެވެސް ގިނަބޭފުޅުން މިޕްރައިވަޓައިޒޭޝަން ޕްރޮގްރާމާ އިންކާރެއް ނުކުރައްވާ. އަޅުގަނޑަކަށް އެތަނެއް ނުފެނޭ.

ޖަޢުފަރު ރަޝީދު – މިއަދު ނޫސް:

ގުޅޭ ސުވާލެއްގެ ގޮތުން ދަންނަވާލަން އޮތީ އެއަރޕޯޓް ބޭރު ކުންފުންޏަކަށް ދިނީމާ، އިޒްރޭލުގެ ބޯޓުތައް ރާއްޖޭގައި ޖެއްސުމުގެ ހުއްދައެއް ދެއްވާ ކަހަލަ ގޮތަކަށް އަޑުއިވިފައިވާ ކަމަށް ޖުމްހޫރީ ޕާޓީން އިއްޔެ ވަނީ ވިދާޅުވެފައި. ދެން ބޭރު ކުންފުންޏަކަށް ދިނީމާ އިޒްރޭލުގެ ބޯޓުފަހަރު ރާއްޖޭގައި ޖައްސަން ހުއްދަ ދީފިއްޔާ ހަމާސް ޖަމާޢަތާ އަލްޤަޢިދާފަދަ ކުންފުނިތަކުން މިތަނުގައި ބޮން ގޮއްވުމުގެ ހާދިސާތަކެއް ހިނގާފާނެ ކަމަށްވެސް އެބޭފުޅުން އެބަ އިޝާރާތް ކުރައްވާ. އެކަހަލަ ފުރުސަތުތަކެއް ހިނގައިދާނެތޯ ދެވިގެން؟

ރައީސް މުޙަންމަދު ނަޝީދު:

މިހާރު އޮޅިވަޑައިގަންނަވަނީއޭ. އެއަރޕޯޓް ހިންގުން ބަޔަކަށް ދިނުމެއް ކަމަކު ދިވެހި ދައުލަތުގެ ޤާނޫނުތައް ހިންގުން އެހެން ބަޔަކަށް ދެވެނީއަކީއެއްނޫން. ރާއްޖެއަށް ޖައްސާ މަތިންދާބޯޓު ޖައްސަނީ ކޮންޤައުމެއްގައިތޯ އެއީ، މުޅިން ސިވިލްއޭވިއޭޝަނުން ހިންގާ ދެޤައުމުގެ ދެމެދުގައި ވާހަކަ ދެކެވިގެން ސިވިލްއޭވިއޭޝަނުން ސަރުކާރުން ވަކިން ހިންގާ މަޝްވަރާތަކަކަށްފަހު އެއްބަސްވެވިގެން ކުރެވޭ މަސައްކަތްތަކެއް. ކުންފުންޏާވާ ބެހޭވެސް ކަމެއްނޫން. ލައިސަންސެއް ލިބިފައި އޮތް ބައެއް. ސަރުކާރުން ލައިސަންސެއް ދެވިފައި އޮތް ބައެއް، ޖެއްސުމުގެ ނުވަތަ އޮޕަރޭޓް ކުރުމުގެ ލައިސަންސެއް ދީފައިވަނީކަމަށްވަނީވިއްޔާ އެކުންފުނިން އެމަތިންދާބޯޓު އެތަނަށް ޖެއްސުމަށް ހުއްދަ ކުރަންޖެހޭނެ. ލައިސަންސެއް ނެތިއްޔަކާއެއް އެކުންފުންޏަކަށް އެކަމެއް ނުކުރެވޭނެ. މިއިން ކޮންމެ ކުންފުންޏެއްވެސް މަސައްކަތް ކުރަންވީ ގޮތުގެ ވަރަށް ރަނގަޅު ކްރައިޓީރިއާއެއް އޮނިގަނޑެއް، ހުއްދަ ކަންތައްތަކާ މަނާ ކަންތައްތަކާ އެއީ އެންމެބޮޑަށް އަޅުގަނޑުމެން ވިސްނަނީ. މިހާރު މިސާލަކަށް ހޮސްޕިތާތައް ޕްރައިވަޓައިޒް ކުރުން އިނގޭތޯ. އެކަމުގައިވެސް މެނޭޖްމަންޓް ހަވާލުވާ ފަރާތުގައި އަޅުގަނޑުމެން ބުނަން އެބަޖެހޭ ކޮންކަހަލަ ސިރިންޖެއްތޯ ބޭނުންކުރާނީ، އޮކްސިޖަން ފުޅި ހުންނާނީ ކިހިނެއްތޯ، ކިތައް ނަރުހުން ތިބެން ޖެހޭތޯ، ކިތައް ޑޮކްޓަރުން ތިބެން ޖެހޭތޯ، ކިތައް ބަލިމީހުން ބަލާ ކޮޓަރި، ކިތައް އެނދު ކިހާ އިންވެސްޓްމަންޓެއް ކުރިއަށްގެންދޭތޯ. ސަރުކާރުން ރެގިއުލޭޓަރީ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނީ އިނގޭތޯ. ހަމާސް ޖަމާޢަތާ އެހެންނޫނިއްޔާ އެބާވަތުގެ އެއްވެސް ބަޔަކާ ހަމަކުޑަވެސް ގުޅުމެއް ނެތް.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

ކުރީގެ އަހަރުތަކުގައި ބަޖެޓްގައި ޖަހާފަ ހުންނަ ގޮތަށް މިފަހަރު އެބައޮތް 3.8 ބިލިއަން ރުފިޔާ މި އިންވެސްޓްމަންޓްތައް އެއަރޕޯޓާ މިނޫން ތަންތަނުން ޙިއްޞާ ވިއްކަވައިގެން ލިބޭނެ ކަމަށް. މިފައިސާ ލިބޭނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއްތޯ އޮތީ މިއަހަރުގެ ތެރޭގައި. ދެން އެއަރޕޯޓުން ލިބޭ 192 މިލިއަން ރުފިޔާ ކަންނޭނގެ މިދިޔަ އަހަރު ލިބިފައި އޮތީ. އެއާމްދަނީ އަހަރުން އަހަރަށް ދަށްވާ ކަހަލަ ގޮތަކަށް މިއޮތީ. އެއަރޕޯޓް ޕްރައިވަޓައިޒް ކުރީމާ ކިހާވަރެއްގެ ފައިދާއެއްތޯ ލިބޭނީ؟

ރައީސް މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ކްރައިޓީރިއާއެއްގެ ގޮތުގައި މިބުނަނީ މިހާރު ހުރި އެއްޗެއްގެ 4 ގުނަ ފުރަތަމަ އަހަރު ލިބެންޖެހެއޭ އިނގޭތޯ. މިއަހަރު މިލިބޭ އެއްޗެއްގެ 4 ގުނަ ފުރަތަމަ އަހަރު ލިބެންޖެހޭނެއޭ. ދެން 10 ޕަސެންޓުން އިތުރުވަމުން ދާންޖެހޭނެއޭ. އެހެންވީމާ، ރިކަރަންޓް އާމްދަނީ މަދެއްނުވާނެ. ދެން 3.8 ބިލިއަން އެއީ، ސަރުކާރުގެ ޙިއްޞާ. 49 ޕަސެންޓް އެހެން ބަޔަކަށް ދޫކުރީމާ އެއާ ވިދިގެން ސަރުކާރަށް ލިބެންވާ އާމްދަނީއަށް. އެފައިސާ އަޅުގަނޑުމެން ބޭނުން ކުރަން މިއުޅެނީ. ވަރަށްގިނަ ދުވަހު އެމް.އެމް.އޭ. މިއޮތީ އަޅުގަނޑުމެން ޑެފިސިޓް ބަޖެޓުގައި ހިންގާ ހިންގާ ވަރަށް ބޮޑަށް މިއޮތީ ސަރުކާރު ޑެފިސިޓް ވެފައި. އެހެންވީމާ، އެކިއުމިލޭޓަޑް ޑެފިސިޓް،ް ކުރީޒަމާނުގެ ޑެފިސިޓާ އެކީގައި އަޅުގަނޑުމެންނަށް ފޫބެއްދިއްޖިއްޔާ، އަޅުގަނޑަށް ހަމަ ވަރަށް ޔަޤީން މި 5 އަހަރު ދުވަހުގެ ތެރޭގައި ބެއްދޭނެއޭ. އަޅުގަނޑު ދެންނެވިން 800 މިލިއަން ޑޮލަރުގެ ރިޒަރވެއް އުފެއްދުމޭ އަޅުގަނޑުމެންގެ ބޭނުމަކީ. ދެން މިއަހަރު ނިމޭއިރުގައި އަޅުގަނޑުމެންނަށް އެބަފެނޭ 340 ނުވަތަ 400 މިލިއަން ޑޮލަރުގެ ރިޒަރވެއް. މި 3.8 ބިލިއަނަށްވުރެ އަޅުގަނޑު މިހާރު މިދެކެނީ ލިބޭނެ އަދަދު. އެއަރޕޯޓުން އެކަންޏެއް ނޫން އިނގޭތޯ. މިސާލަކަށް ވޭސްޓްމެނޭޖްމަންޓްވެސް އެއީ ހަމަ އެތަނުން އަޅުގަނޑުމެންނަށް އާމްދަނީއެއް ނެގެން އޮތް ތަނެއް. އެހެންވީމާ، އެއަރޕޯޓު އެކަނި ނޫނަސްވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިފައިސާ ގެނެވޭނެ. އަދި އަޅުގަނޑުމެންނަށް އެފައިސާ ބަޖެޓަށް އިތުރު ކުރެވޭނެ.

އާދެ! އެންމެ ފަހު ދެސުވާލު. މާފުކުރައްވާތި. އަޅުގަނޑަށް މިއަދު ތަންކޮޅެއް ވަގުތުކޮޅު ކުޑަކޮށް ހުރީމަ.

އިބްރާހީމް ވަޙީދު – ހާމަ ނޫސް:

އާދެ! އަޅުގަނޑު ސުވާލު ވަރަށް ކުރުކޮށް ދަންނަވާލާނަން. އިއްޔެ ޖުމްހޫރީ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގައި އެބޭފުޅުން ވިދާޅުވެފައި އެބައޮތް. ޤައުމުގެ ހަރުމުދާ ވިއްކާލުމަކީ ދުނިޔޭގެ ޤައުމުތަކުގައި ކޮށްއުޅޭ ކަމެއްނޫނޭ. ދެން އެގޮތަށް ކަންކުރި ފަރާތްތަކުންވެސް މިހާރު ވިސްނިވަޑައިގެން އެކަންތައް އަލުން އެބަ ރުޖޫޢަ ކުރައްވައޭ. އަދި މިގޮތަށް މިކަން މިދަނޑިވަޅުގައި ކުރައްވައިފިނަމަ، ރައްޔިތުން އަތުން ނެގޭ ފައިސާ އެއަރޕޯޓުން ކޮންމެ ކަމަކަށް މިނެގޭ ފައިސާ ދެގުނައަށް ޖައްސާލާނެއޭ ނަގާ ކުންފުނިތަކުން އެމީހުންނަށް ފައިދާވާ ގޮތަށް. އެހެންވީމާ، ރައްޔިތުންނަށް މިކަމުގެ ސަބަބުން އިތުރު ތަކްލީފެއްތޯ ކުރިމަތިވާނީ ނުވަތަ ފައިދާތަކެއްތޯ ލިބޭނީ.

ރައީސް މުޙަންމަދު ނަޝީދު:

ފައިދާ. އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވަން ޖެހެނީ އަގު ކަނޑައެޅުން. އާމްދަނީ ހޯދުން. މި ހުރިހާ ކަމަކީވެސް، ސަރުކާރުގެ ބޮޑުޙިއްޞާވެސް އޮތީ އަދި މިހުރިހާ ކަމަކީ ސަރުކާރާ އެގްރީމެންޓެއްގެ ދަށުން ކުރެވޭނެ ކަންތައްތައް. ދެން ސަރުކާރު އުންމީދު ކުރަނީ ސަރުކާރުގެ ޙިއްޞާ ބޮޑުބައެއް އަދި ޢާންމު ރައްޔިތުންނަށް ޙިއްޞާގެ ގޮތުގައި ވިއްކާލުމޭ. އެކަން އަޅުގަނޑުމެން ކުރާނީ މާކެޓް އެކަމަށް ހާލަތު ތަންދިނީމާ. އަޅުގަނޑުމެން މިހާރު މިދަނީ އެކަމަށް ތައްޔާރުވަމުން. ދެން ދުނިޔޭގައި އިޤްތިޞާދު ހިންގާގޮތާ ގުޅޭގޮތުން ތިޔަ ވިދާޅުވި 3 ބޭފުޅުން ދެއްކެވި ވާހަކައަށް އަޅުގަނޑު ލައްވާ ޖަވާބު ހޯއްދަވަން ނޫޅުއްވާ. އަޅުގަނޑަށްވެސް ހީވަނީ މިހާރު މީގައި ތިޔަބޭފުޅުންނަށްވެސް އަދި ޢާންމުންނަށްވެސް އެނގިވަޑައިގަންނަވާނެ، އިޤްތިޞާދީ ޢިލްމާ މިކަހަލަ ކަންތައްތަކެއް ހުރޭކަން. ދެން ކަނޑައެޅިގެން އެކަކާ އެކަކާ އެއްކުރީމާ ދޭކެއް ނޫނޭ ބުނީމާ ދެން އެއަށް އަޅުގަނޑު ޖަވާބު ދޭން ކިހިނެއްތޯ ހަދާނީ.

ޢަބްދުއްލަޠީފް އާދަމް– ރާއްޖެ ނިއުސް އޮންލައިން:

މިހާރު އަޅުގަނޑުމެންނަށް ފެނިގެންދަނީ އެސް.ޓީ.އޯ.އިން އެބަ ހާމަކުރައްވާ ތިމަންނާމެންނަށް 150 މިލިއަން ރުފިޔާ ފައިދާވެއްޖެއޭ. ދެން ދިރާގުން އެބަ އަޑުއިވިގެންދޭ 447 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ސަރުކާރަށް ދެއްކި ވާހަކައެއްވެސް. ދެން މިހެން ވެގެންދާއިރުގައި އަޅުގަނޑުމެންގެ ޙިއްޞާ މިހާ ހިސާބަށް އައިރުގައި މިއުޅެނީ 45އާ 55އާ ސަރުކާރުން އޮންނަ ކަހަލަ ގޮތަކަށް. ދެން މި ސަރުކާރަށްވީފަހުން މިހާރު ދިރާގަށް މިދެންނެވީ ކޭބަލް އެންޑް ވަޔރލަސްއަކަށްނޫން ދިރާގަށް އެއޮތީ މިހާރު 15 އަހަރުގެ ލައިސަންސެއް އިތުރުކޮށްފައިކަމަށް މަޢްލޫމާތު ލިބިފައިވަނީ. އެހެންކަމަށްވަންޏާ މިހާރު ދިރާގު ހިންގަމުން އެދަނީވެސް ހަމަ 100 ޕަސެންޓް ދިވެހިން. ހަމަ ދިވެހި މުވައްޒަފުންގެ ކުންފުންޏެއްގެ ގޮތުގައި. އެތާނގައި ހުރީ ހަމަ އެންމެ ބިދޭސީއެއް. އޭނާއަކީވެސް އެކުންފުނިން ހަޔަރ ކޮށްފައި ހުރި މީހެއް. އެއީ، ކޭބަލް އެންޑް ވަޔަރލަސްގެ މީހެއްނޫން. އެހެންކަމަށްވަންޏާ މުޅި އޮޕަރޭޝަން އަޅުގަނޑުމެންގެ އަތްމަތީގައި އޮތްއިރުގައި މިކުންފުނީގެ ޙިއްޞާ އަޅުގަނޑުމެންނަށް މިއަށްވުރެ ތަންކޮޅެއް ގިނަވާނެ ގޮތަކަށް 55 އަށްވުރެ މައްޗަށް ދާނެ ގޮތަކާ ދޭތެރޭ ކިހިނެއްތޯ ވިސްނާފައި އޮތީ؟

ރައީސް މުޙަންމަދު ނަޝީދު:

މިހާރު މީގައި އިނގޭތޯ، ކޭބަލް އެންޑް ވަޔަރލެސް މެދުވެރިކޮށް ސަރުކާރުން އެބަ ބޭނުންވޭ ވަރަށް ބޮޑެތި އިންވެސްޓްމަންޓް ހިންގަން. ޚާއްޞަކޮށް އަޅުގަނޑުމެން ބޭނުން ބްރޯޑް ބޭންޑް ހުރިހާ ޕްރޮވިންސްތަކަށް ހަމަ ކޭބަލް އަޅަން. ކޭބަލް އެންޑް ވަޔަރލަންސްއިން މިހާރުވެސް ރާއްޖެއަށް މިއޮތީ ކޭބަލެއް އަޅާފައި. އެހެންވީމާ، މިކަމާ ކޭބަލް އެންޑް ވަޔަރލަސް މެދުވެރިކޮށްވެސް އަޅުގަނޑުމެން ބޭނުން ވަރަށް ބައިވަރު އިންވެސްޓްމަންޓް ހިންގަން. މިހާރު ސަރުކާރުގެ 50 ޕަސެންޓް ޙިއްޞާ އެތަނުގައި އޮންނައިރުގައި، ތިޔަވިދާޅުވި އަނެއް ކުންފުނީގައި 100 ޕަސެންޓް އެއަރޕޯޓްގައި 100 ޕަސެންޓް އޮންނައިރުގައި، އަދި މާބޮޑު ކުންފުންޏެއް އެއަރޕޯޓަކީ. 200 މިލިއަން ލިބޭނެ. 50 ޕަސެންޓް އޮންނައިރުގައި 400 މިލިއަން ލިބޭ. އަޅުގަނޑަށް ލަފާކުރެވެނީ އަދި 10 ޕަސެންޓް ކޭބަލް އެންޑް ވަޔަރލަސްއަށް އަޅުގަނޑުމެން ވިއްކައިފިއްޔާ 400 މިލިއަނަށްވުރެ ގިނައިން އަޅުގަނޑުމެންނަށް ފައިދާ ލިބޭނެއޭ. އިންވެސްޓްމަންޓް، އެކުންފުނިން ހިންގޭނެއޭ. ކުންފުންޏެއްގެ ޙިއްޞާ އޮންނަނީ ކޮންބައެއްގެ އަތުގައިތޯ އެއީ، ސަރުކާރަށް އާމްދަނީ ލިބުމުގައި ދައުރެއް އަދާކުރާ ކަމެއްނޫން. ކޮންމެ ބައެއްގެ އަތުގައި އެޙިއްޞާ އޮތަސްވެސް. ދައުރެއް ލިބުމުގައި ކަމެއް މިއަދާކުރަނީ އެކުންފުނި ފައިދާވަނީ ކިހާވަރަކަށްތޯ. ކުންފުނިން ފައިދާއެއް މިވަނީ ރަނގަޅަށް އިންވެސްޓްމަންޓްތައް ކުރިއަށް ގެންދެވިފައި، ކުންފުންޏެއް ރަނގަޅަށް ހިންގުނީމާ.

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑާއެކުގައި ތިޔަބޭފުޅުން މިވަގުތުކޮޅު ހޭދަކުރެއްވީތީވެ. އަޅުގަނޑަށްވެސް އެނގޭ މިދުވަސްވަރަކީ އިންތިޚާބާ އަޅުގަނޑުމެން ކުރިމަތިވަމުން އަންނައިރުގައި ބާވަތްބާވަތުގެ ވާހަކަ އެކިގޮތްގޮތަށް ދެކެވޭނެ ދުވަސްވަރެއް. އަޅުގަނޑު ހަމަ ހަނދުމަކޮށް އަރުވަން ބޭނުންވަނީ، (1) ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ތަރައްޤީއަށް ވަރަށް މުހިންމު ކަމެކޭ. ވަރަށް ބޭނުންތެރި ކަމެކޭ. އަޅުގަނޑު ދެކޭގޮތުގައި މިވަގުތު މިއީ، އަޅުގަނޑު ބަޔަކު މީހުން ކުޑަކޮށް އަޅުގަނޑަށް ފުރައްސާރަކޮށް މަލާމާތްކޮށް ހަޖޫޖަހާ އަދި ބައެއް ބާވަތުގެ އެއްޗެހި އެހެން ބުނެލާ އުޅުނެއްކަމަކު އަޅުގަނޑު އެކަމާ އެއްޗެއް، ރައްދެއް ބުނަންވީ ވަގުތެއް ނޫން. ދަތްފަޅާއިރު ތަދުވާނެ. ޑިމޮކްރަސީއެއް އަޅުގަނޑު ފަށައިގަންނައިރުގައި އޭގައި ހުންނާނެ އުނި ސިފަތަކެއް. އެހެންނަމަވެސް، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއި ކެތްތެރިކަމާއެކު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވުނީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ފުރިހަމަ ޑިމޮކްރެޓިކް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ލިބޭނެ.

އަޅުގަނޑު މިހުންނަނީ އިންތިޚާބު ކަންތައްތަކާ ހަމަ ވަރަށް ހިތް ހަމަޖެހިފައި. އަޅުގަނޑު ރައްޔިތުންނަށް އަރުވަން ބޭނުން، މިނިވަން އިންތިޚާބެއް އިރާދަކުރެއްވިއްޔާ ހިނގާނެ. ވޯޓުގެ ކަމެއްގައި އެއްވެސް މީހަކަށް އިލެކްޝަންސް ކޮމިޝަން ފިޔަވައި، އެއްވެސް މިންވަރަކަށް އިލެކްޝަންސް ކޮމިޝަން އެދޭ މިންވަރަށްނޫނިއްޔާ ބެހުމުގެ ފުރުސަތެއް ނޯންނާނެ. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބިރުދެއްކުމެއް، އިންޒާރު ދިނުމެއް ހަމަގައިމުވެސް އަޅުގަނޑެއް ނޭދެން. އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެވެސް ކަމެއް ނޫން. ސަރުކާރުން މީގެކުރީގައިވެސް ނުވަތަ އަޅުގަނޑުމެން މީގެކުރީގައިވެސް ވޯޓު ހޯދީކީއެއް މީހަކު ބިރުދައްކައިގެނެއް، މީހަކަށް އަނިޔާ ކޮށްގެނެއް، މީހަކާ ގުޅޭގޮތުން ނުރަނގަޅު ކަންތައްތަކެއް ކޮށްގެނެއްނޫން. ރައްޔިތުންގެ އިޙްތިރާމާއި ރައްޔިތުންގެ ޤަދަރާއި ރައްޔިތުންގެ ލޯބި އަޅުގަނޑުމެންނަށް ލިބުނީމާ ރައްޔިތުން އަޅުގަނޑުމެންނަށް ވޯޓުދިނީ. އަޅުގަނޑަށް ޔަޤީން މިހާރުވެސް އަޅުގަނޑު ނޮވެމްބަރ 11އިގެ ފަހުން 150 އަކަށް ރަށަށް އަޅުގަނޑަށް ދެވިއްޖެ. ސީދާ އަދަދު އަޅުގަނޑަށް ފެންނަނީ ތިޔަބޭފުޅުން ޗެކް ކޮށްލައްވަން. މުޙަންމަދު ޒުހައިރު މިއަދު ވިދާޅުވީ 118 ތަޤްރީރު ދެވިއްޖެއޭ. އެހެންވީމާ، އަދި އެއަށްވުރެ ގިނަރަށްރަށަށްވެސް ފަހަރެއްގައި ދެވިފައި ހުރެދާނެ. މިއިން ކޮންމެ ރަށަކުން އަޅުގަނޑަށް މަދުވެގެން ފަންސާހަކަށް މީހުންނާއެކީގައި ދިގުކޮށް ވާހަކަ ދައްކަން ފުރުސަތު ލިބޭ. އަޅުގަނޑަށް ރާއްޖޭގެ ޙަޤީޤަތް އޮޅިދާވަރެއް އަދި ނުވޭ. އަޅުގަނޑަށް ހަމަ ވަރަށް ސާފު، ރައްޔިތުން ބޭނުމީ ކޮންކަމެއްކަން. ރައްޔިތުން ބޭނުމީ ނަރުދަމާ، ފެން، ކަރަންޓް، މަގު، ބަނދަރު، މަދަރުސާ، ހެލްތް ސެންޓަރު، ދަތުރުފަތުރު، ބޯހިޔާވަހިކަން، ޑްރަގުން ސަލާމަތްވުން، އެކަންކަން ކުރުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމަށް ރައްޔިތުން އެދެނީ. ހެދުނު ގޮތެއް ހަދައިގެން މިކަންކަން ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑުމެންގެ ވިސްނުމެއް އެބަހުރި. އެކަންކަން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތެއް. އެ ވިސްނުމުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭނަން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ. السّـلام عليـكم.