بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު އެންމެ ފުރަތަމަވެސް ތިޔަބޭފުޅުންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން. އަޅުގަނޑުމެން ވޭމަންޑޫއަށް އައުމަށް ހަމަޖެހިފައިއޮތް ވަގުތަކު އަޅުގަނޑުމެންނަކަށް ވޭމަންޑުއަކަށް ނާދެވުނު. ހަމަޖެހިފައިއޮތް ވަގުތަށްވުރެ ގިނަވަގުތު އަޅުގަނޑުމެން ކިނބިދޫގައި ތިބެންޖެހުމާއި އަދި އަޅުގަނޑުމެންނަށް ކިނބިދުއަށްވެސް ދެވުނުލެއް ލަސްކަމުންނާއެކީގައި ލަސްވެގެން ދިޔައީ. އަޅުގަނޑު އުންމީދުކުރަން ތިޔަބޭފުޅުން އެއްފަހަރެއްކަމަށް އަޅުގަނޑަށް އަޅުގަނޑުމެންނަށް މިކަމަށް މަޢާފުދެއްވާނެކަމަށް.

ސަރުކާރުގެ ފަރާތުން އަތޮޅުތަކަށް އަޅުގަނޑު މިކުރާ ދަތުރުތަކަކީ، ތިޔަބޭފުޅުންގެ ރަށާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު ތިޔަބޭފުޅުންނާއެކީގައި ބައެއް ވާހަކަ ހިއްސާކޮށްލުމަށްޓަކައި ކުރާ ދަތުރުތަކެއް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ތަކުރާރުކުރާ ބަސްތަކެއް ހުރޭ. އަދި އެބަސްތައް އަޅުގަނޑުމެން ތަކުރާރުކުރަނީ ހަމަ ފަށްފަށްކުރުމުގެ މާނައިގައި އެކަންޏެއް ނޫން. އެބޭނުމުގައި އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގާފައި އޮންނަން އެބަޖެހޭ މި ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށްކަން. އެ ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތްކޮށްދިނުން. އަޅުގަނޑުމެންގެ ސަރުކާރުގެ ބޭނުމަކީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން.

މި ސަރުކާރު ދެމި މިއޮންނަނީ ތިޔަބޭފުޅުންނަށްޓަކައި. އެނޫންގޮތެއްގައެއް މި ސަރުކާރެއް ދެމިއެއް ނޯންނާނެ. މިސަރުކާރު ދެމި އޮތުމަކަށް އެނޫން ސަބަބެއް ނުއެއް ނެތް. ހަމައެއާއެކީގައި، އަޅުގަނޑުމެން އަބަދުވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އިރާދަކުރެއްވިއްޔާ ކާމިޔާބުކަމާއެކީގައި އަޅުގަނޑުމެން ފުއްދައިދޭނަން. ސަރުކާރުގެ އެއްވަޒީރަކު އަނެއް ވަޒީރަކާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާއިރުގައިވެސް އަދި އަބަދުވެސް އަޅުގަނޑުމެންގެ ހިތުގައި ގެންގުޅޭ ދެވަނަ ޝުޢޫރަކީ، މި ރާއްޖޭގެ މުއްސަނދިކަމަކީ މި ރާއްޖޭގެ ރައްޔިތުންގެ މުއްސަނދިކަން ކަމަށް. ސަރުކާރުގައިވާ ކޮންމެ ފައިސާ ފޮއްޗަކީވެސް ތިޔަބޭފުޅުންގެ ފައިސާ. އެފައިސާއަށް އަޅުގަނޑުމެން އިޙްތިރާމްކުރަންޖެހޭނެ، ކަމޭހިތަންޖެހޭނެ. އެފައިސާއަށް އެއްވެސް ހާލެއްގައި އަޅުގަނޑުމެން ޚިޔާނާތްތެރިވެގެން ނުވާނެ. އަޅުގަނޑުމެން ކުރާ ކޮންމެ ޚަރަދަކީވެސް، ތިޔަބޭފުޅުންގެ ފައިސާއިން ކުރެވޭ ޚަރަދެއް. އަޅުގަނޑުމެން އުންމީދުކުރަނީ އެޚަރަދުތަކަކީ ތިޔަބޭފުޅުންގެ ފައިދާއަށް ކުރެވޭ ޚަރަދުތަކަކަށް ވާނެކަމަށް.

އަޅުގަނޑުމެންގެ ސިޔާސަތު މިދަންނަވާހެން އެކުލެވިފައި އޮންނަނީ، މިދެންނެވި މައިގަނޑު ދެ މަސްދަރުގެ މައްޗަށް. އެއީ، ސަރުކާރަކީ ތިޔަބޭފުޅުންނަށްޓަކައި އޮތް ސަރުކާރެކޭ، މިސަރުކާރުގެ ފައިސާއަކީ ތިޔަބޭފުޅުންގެ ފައިސާއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ހަމަގައިމުވެސް މިކަންކަން ހަނދާންނައްތައެއް ނުލާނަން. މިދެންނެވި ދެ ފަލްސަފާގެ ބޭރަކުންނެއް އަޅުގަނޑެއް މަސައްކަތެއް ނުކުރާނަން.

އަޅުގަނޑަށް މިރޭ ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި ހަމަ އުފަލާއެކީގައި ދެންނެވެން އެބައޮތް އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގައި މިރަށުގެ 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް، އަންހެނަކަސް ފިރިހެނަކަސް -/2000 ރުފިޔާ ލިބިނުލައްވާ ކޮންމެ ރައްޔިތަކަށް، އިރާދަކުރެއްވިއްޔާ -/2000 ރުފިޔާގެ ޕެންޝަނެއް ލިބިލައްވާނެއޭ.

އަޅުގަނޑުމެން ދެކޭގޮތުގައި މިއަދާ ހަމައަށް އާދެވުނުއިރުގައި، މި ރާއްޖެއަށް ލިބިފައިމިވާ ކުރިއެރުމެއް ލިބިފައިމިވަނީ، ޙަޤީޤަތުގައި މިއަދުގެ ދޮށީ ޢުމުރުގެ ރައްޔިތުންގެ ވަރަށް ގިނަގުނަ މަސައްކަތުގެ ސަބަބުން. މިރާއްޖޭގެ ކަންކަން މިއަދު މިހުރި މިންވަރުގައި ބެހެއްޓިފައި މިހުރީ އަޅުގަނޑުމެން ދެކޭގޮތުގައި ދޮށީ ޢުމުރުގެ ރައްޔިތުން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރީތީވެ. އެހެންވީމާ، މިއަދު ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ އަޅުގަނޑުމެން ބަލާއިރުގައި އެ ޙައްޤުވާ ހަމައެކަނި ފަރާތްތަކަކީ، ސަރުކާރުގެ އޮފީސްތަކުގައި، ސަރުކާރަށް ފައިސާ ބަލައިގެންނެވުމަށް ތިއްބެވި ބޭފުޅުން އެކަނި ކަމަށް ދުށުމަކީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އުސޫލެއް، ހަމައެއް ނޫން. އެހެންވީމާ ސަރުކާރުން މިނިންމީ ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ޕެންޝަނެއް އެރުވުމަށް. އަޅުގަނޑުމެން ދެކެނީ މިފައިސާގެ ތެރެއިން ވޭމަންޑޫއަށްވެސް މަދުވެގެން މަހެއްގެ މައްޗަށް ލައްކައެއް ދޮޅުލައްކައެއްހާ ރުފިޔާ ވަދެގެންދާނެކަމަށް. މީގެކުރީގައިވެސް މިރަށުގައި ސަރުކާރުގެ މުވައްޒަފުން ގިނަ. ގިނަވީތީވެ މުސާރައިގެ ގޮތުގައި ރަށު ތެރެއަށް ވަދެގެންދާ ފައިސާ ކޮންމެވެސް މިންވަރަކަށް އެބަ ހުރޭ. އަޅުގަނޑު މި އުންމީދު ކުރަނީ މިދެވޭ ޕެންޝަނާ ގުޅިގެން އަދި ކުރިޔަށްވުރެ އިތުރަށް މިރަށުގެ އިޤްތިޞާދާއި މިރަށުގެ ވިޔަފާރި ކުރިއަރައި ތަރައްޤީވެގެން ދާނެކަމަށް.

އަޅުގަނޑުމެންނަށް މިރަށު ރައްޔިތުންނަށް މިވަގުތު ފޯރުކޮށްދެވެން އޮތީކީ ޕެންޝަން އެކަންޏެއް ނޫން. އެހެންނަމަވެސް، ޕެންޝަންގެ ވާހަކައާއި، އެހެންހުރި އެހެން ކަންކަމުގެ ވާހަކަ ދެކެވިގެން ދާއިރުގައި އަޅުގަނޑު ދަންނަވަން ހުރި އަދި ފާހަގަކުރަންހުރި ބައެއް އިތުރު ނުކުތާ އެބަހުރި. ޚާއްޞަ ގޮތެއްގައި މިއަދު ރާއްޖޭގެ އިޤްތިޞާދު މިވަނީ ވަރަށް ބޮޑު ވަޅުގަނޑަކަށް ވެއްޓިފައި. ސަރުކާރަކަށެއް ނެތް ބޭރު ޤައުމުތަކުން ނުވަތަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގޭކަށް. އެއީ، ސަރުކާރު ދަރަނިވެރިވެފައި އޮތް މިންވަރުގެ ބޮޑުކަމުން. ދެން އިތުރަށް އަޅުގަނޑުމެން ދެރުން އެއީ، މި ރާއްޖޭގެ މާލިއްޔަތާއި އިޤްތިޞާދު ހަމަ މުޅިންމެ ހަލާކުވެގެން ހިނގައިދާނެ ކަމަކަށް ވާނެ. ހަމައެހެންމެ، ސަރުކާރަކަށެއް ދެނެއް ނެތް ފައިސާ އިތުރަށް ޗާޕު ކޮށްގެން ނެރެ އެ ފައިސާ ބޭނުންކުރެވޭކަށް. ފައިސާ އިތުރުވި މިންވަރަކުން ފައިސާގެ އަގު ވެއްޓިގެންދާނެކަން އެއީ، އިޤްތިޞާދީ ޢާންމު ހަމައެއް. ކޮންމެ އެއްޗަކީވެސް އެ އެއްޗެއް އިތުރުވީމާ އެ އެއްޗެއްގެ އަގު ތިރިވާ އެއްޗެއް. ދިވެހި ފައިސާގެ އަގު ނުވަތަ އަތުގައި އޮންނަ ސަތޭކަ ރުފިޔާއަށް މިދިޔަ މަހު ގަތް މިންވަރަށް މިއަންނަ މަހު ގަންނަން ނުލިބިއްޖެނަމަ އެއީ، ރައްޔިތުންނަށް ލިބޭ ރަނގަޅަކަށެއް ނުވާނެ.

އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް އިތުރަށް ގަބޫލުކޮށް މިތިބޭ އަނެއް ޙަޤީޤަތަކީ ދަރަންޏަށް ފައިސާ ނެގޭކަށެއް ނެތޭ. އަދި ހަމައެހެންމެ، ރައްޔިތުން އަތުން ޓެކްސްގެ ގޮތުގައި އިތުރަށް ފައިސާ ނަގަންވެސް ދަތި. މިހާރުވެސް ރައްޔިތުންގެ މާލީ ޙާލަތު އެކަމަކަށް ތަންދޭ ކަމަކަށް އަޅުގަނޑުމެންނަކަށް ބެލެވޭކަށެއް ނެތް. މިކަންކަން މިހެން ހުރީތީވެ ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތެއް ބިނާކުރަން އަޅުގަނޑުމެންނަށް މިޖެހުނީ މުޅިން އެހެން ވިސްނުމެއްގައި. ސަރުކާރު ހިންގުމާ ހަވާލުވުމަށް އަޅުގަނޑުމެން އައިއިރުގައި، އިންތިޚާބާ އަޅުގަނޑުމެން ކުރިމަތިލިއިރު، އަޅުގަނޑުމެން ފާހަގަކުރަމުން އައިމު ސަރުކާރުގެ މާލީ ސިޔާސަތު ރޭވިގެން ދާނެ ގޮތް. ސަރުކާރުގެ ތެރޭގައި ހުރި ވިޔަފާރީގެ ކަންކަން، ސަރުކާރުން ބޭރަށް ކޮންމެހެން ނެރެން އެބަޖެހެއޭ. އަޅުގަނޑުމެން ބޮޑަށް މިބާރު އަޅަނީ އެހެން ނެރުނީމައޭ ސަރުކާރުގެ ޚަރަދު ކުޑަވެގެންދާނީ.

މިސާލަކަށް، އިންޖީނުގެއަށް، ސްޓެލްކޯއަށް ސަރުކާރުން ވަރަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރަމުން އެބަދޭ. މާލޭގައިވެސް ޙަޤީޤަތުގައި ކަރަންޓް ޔުނިޓެއްގެ އަގަކީ މަދުވެގެން ފަސްރުފިޔާ. އެހެންނަމަވެސް، ސްޓެލްކޯއިން ކަރަންޓް ވިއްކަމުން ގެންދަނީ އާއްމު ޔުނިޓެއް 2.50 ރުފިޔާއަށް. އެހެންވީމާ، އަނެއް ބައި ފައިސާ މިދަނީ ސަރުކާރުން ދެމުން. މިކަން މިހެން ކުރަމުން ގެންދިޔައިމާ އޭގައި ހިމެނޭ ބޭ އިންސާފު އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ވަރަށް ގިނަ. އެންމެ ތަނަވަސް މީހާގެ ކަރަންޓް ބިލްގެވެސް ދެބައިކުޅަ އެއްބައި ސަރުކާރުން ދައްކައިދެނީ. އަދި ހަމަ އެންމެ ނިކަމެތި މީހާގެ ކަރަންޓް ބިލުގެވެސް ދެބައިކުޅަ އެއްބައި ސަރުކާރުން ދައްކާދޭއިރުގައި، ރާއްޖޭގެ އަތޮޅުތަކުގެ އެތައް ރައްޔިތުންނެއްގެ ކަރަންޓް ބިލަށް ސަރުކާރުން ހަމަ އެންމެ ލޯ ލާރިއެއްވެސް ނުދީ ކަންކަން ކުރިޔަށް ދަނީ. އެ ރައްޔިތުންގެ ކަރަންޓް ބިލު ހަތް ރުފިޔާއަށް ހަ ރުފިޔާއަށް، ޔުނިޓެއްގެ މަގުން ގޮސް ނިމޭއިރުގައި، ކަރަންޓްގެ ޚިދްމަތަކީ، އެ ރައްޔިތުންނަށް ޙަޤީޤަތުގައި ފަސޭހަގޮތުގައި ބޭނުން ކުރެވެން އޮތް ޚިދްމަތެއްގެ ގޮތުގައެއް ނުވޭ.

އެހެންވީމާ، މި ސަރުކާރުން ގަސްތުކުރަނީ ސަރުކާރުން އިންޖީނުގެ ނުހިންގާ ވިޔަފާރީގެ އުސޫލުން އެ އިންޖީނުގެ ހިންގާނެ ބަޔަކު ހޯދައި އެބަޔަކަށް އިންޖީނުގެ ހިންގަން ދިނުމަށް. ދިނީމާ އެބަޔަކު ކަރަންޓް ޔުނިޓަކަށް ކިޔާއަގު އެއީ، މިހާރު މިދޭ އަގަށް ވުރެ ބޮޑު އަގަކަށްވެސް ވެދާނެ، ނުވަތަ ހަމަ މި އަގަށްވެސް ވެދާނެ. ބޮޑު އަގަކަށްވަނީވިއްޔާ ނުވަތަ ހަމަ މިއަގަށް ވިޔަސްވެސް ސަރުކާރުގެ ސިޔާސަތަކީ ބިލު ނުދެއްކޭ ރައްޔިތު މީހާއަށް އެހީތެރިވުން. ކުންފުންޏަށް އެހީތެރިވުމެއް ނޫން. ކުންފުންޏަށް އެހީތެރިވީމާ މިދަންނަވާހެން އަޅުގަނޑުމެން މިޖެހެނީ ހުރިހާ ރައްޔިތުންނަށް ކަރަންޓް ބިލުގެ ދެބައިކުޅަ އެއްބައި ދައްކައިދޭން. އަޅުގަނޑުގެ ކަރަންޓް ބިލުގެ ދެބައިކުޅަ އެއްބައިވެސް، އަދި އެންމެ ބޮޑު މަހުޖަނުމީހާގެ ކަރަންޓް ބިލުގެ ދެބައިކުޅަ އެއްބައިވެސް ސަރުކާރުން ދޭން. ސަރުކާރަށް ބޭކާރުގޮތުގައި އެ ހޭދަކުރެވެނީ ވަރަށް ގިނަ އަދަދެއްގެ ފައިސާ. ފަސޭހަކަމާއެކުގައި ކަރަންޓް ބިލު ދައްކާލެވެން ތިބި އެތައް ބައެއްގެ ކަރަންޓް ބިލުގެ ދެބައިކުޅަ އެއްބައިވެސް ސަރުކާރުން މި ދައްކަނީ. އެއީ އުސޫލެއްގެ ގޮތުން އެގޮތެއް އަޅުގަނޑުމެންނަކަށެއް ނުފެނޭ. އެހެންވީމާ، ސަރުކާރުން މިނިންމަނީ މިރަށުގެ ކަރަންޓުވެސް އަދި މިއަތޮޅު އެހެން ރަށްރަށުގެ ކަރަންޓްވެސް އެއީ، ސީދާ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ދަށަށް ގެނެސް އެ ކުންފުނި ހިންގާނެ ބަޔަކު ނުވަތަ އެ ކުންފުނި ވިޔަފާރީގެ އުސޫލުން ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދައި، އެ ކުންފުނި ހިންގުން އެބަޔަކާ ހަވާލުކުރަން. އެ ބަޔަކު އެ ކުންފުނި ހިންގާއިރު ތިޔަބޭފުޅުންނަށް އެކުންފުނިން ކިޔާ އަގު އެއީ، ތިޔަބޭފުޅުންގެ އާމްދަނީއާ އަޅާ ބަލާއިރުގައި ބޮޑު އަގެއްކަމަށްވަނީވިއްޔާ ސަރުކާރުން ރައްޔިތު މީހާއަށް އެހީތެރިވެދިނުން.

އަޅުގަނޑުމެން މި އުންމީދު މިކުރަނީ ފެނާ، ކަރަންޓާ، ނަރުދަމާއާ އަދި ގޭސް، މި އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުން އެއީ، ސަރުކާރުގެ ތެރެއިން، ސަރުކާރުގެ ބަޖެޓުން، ކުރަން ރަނގަޅު ކަންކަމެއް ނޫނޭ، އެއީ ވިޔަފާރީގެ އުސޫލުން ހިންގާ ކަމަކަށްވުމުން ރައްޔިތުންނަށް މާ ފައިދާ ބޮޑުވެގެން ދާނެއޭ.

މި ވިސްނުމުގައި އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، މިރަށުގެ ނަރުދަމާގެ ކުރެހުންތައް މިހާރުވަނީ ކުރަހާ ނިމިފައޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަންނަވާ ވިޔަފާރީގެ އުސޫލުން އެކަން ކޮށް މިއަހަރުގެ ތެރޭގައި އޭގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. މިދެންނެވި ނަރުދަމާއާއެކުގައި، އަޅުގަނޑުމެން މި އުންމީދު ކުރަނީ ގޭހުގެ ޚިދްމަތްވެސް ގެތަކަށް ހޮޅިއަޅައިގެން ދެވޭނެ އިންތިޒާމެއް މިރަށުގައިވެސް ހަމަޖެހިގެންދާނެކަމަށް. އެއީ، މިހާރުވެސް ތިޔަބޭފުޅުން ގޭހަށް ތިޔަކުރައްވާ ޚަރަދަށްވުރެ މާ ކުޑަ އެއްޗެއް ޚަރަދުކޮށްގެން މި ދަންނަވާ އުސޫލުން ގޭހުގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދެވިދާނެ. އަޅުގަނޑުމެން މި ދެކެނީ އަޅުގަނޑުމެން މި އުފައްދާ ޔުޓިލިޓީޒް ކުންފުނި ނުވަތަ އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދެއްހާތަނުގައި ފެށިގެންދާނެކަމަށް. އެކަން އެހެން ފެށިގެން ދިޔައިމާ ރައްޔިތުންނަށް އެ ޚިދްމަތް މާ ފަސޭހަކަމާއެކީގައި މާ ލާހިކު ގޮތަކަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަހަރު މެދުޖެހޭއިރު މިދަންނަވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިރަށުގައި ފެށިގެންދާނެއޭ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ބިމުގެ ޖާގަ މިދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުން. އަޅުގަނޑުމެންނަކަށެއް ދެނެއް ނެތް، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މި ރަށްރަށުގެ ބިން، އަޅުގަނޑުމެންގެ ބިން ފޯރުކޮށްދެވޭކަށް. އެބިން ފުރިގެން ޖާގަ ނެތިގެން މިދަނީ. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން ވިސްނަމުން މިއަންނަ ގޮތަކީ އަދި އަޅުގަނޑުމެންގެ ސިޔާސަތުގެ ގޮތުގައި އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގެ ގޮތުގައި ހުށަހަޅާފައިވާނީވެސް، ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން ސަރުކާރުން އަޅާ ނިންމާފައި ހުންނަ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭން. އެގޮތުން އަޅުގަނޑަށް މިރޭ އުފަލާއެކީގައި ދެންނެވެން އެބައޮތް އިރާދަކުރެއްވިއްޔާ ވޭމަންޑޫގައި މަދުވެގެން 50 ގެ އަޅާ ނިންމުމުގެ މަސައްކަތް މިއަހަރު ދުވަހު ފަށައިގަނެވޭނެ. އަޅުގަނޑަށް އެނގޭ މަގާ، ކަރަންޓާ، ފެނާ، ނަރުދަމާއާ ގެދޮރާ އެއީ، ތިޔަބޭފުޅުންނަށް މުހިންމު ކަންތައްތައްކަމަށްވާއިރުގައި އަދި އެނޫންވެސް ކިތަންމެ ކަމެއް ތިޔަބޭފުޅުންނަށް މުހިންމުވެގެންދާކަން. ޚާއްޞަ ގޮތެއްގައި ރަށުން ރަނގަޅު ބޭސް ފަރުވާ ލިބެން ހުރުން. އަދި ދަރީންނަށް ރަނގަޅަށް ތަޢުލީމު ދެވޭނެ ގޮތެއްވެސް ރަށުގައި އިންތިޒާމުވެފައި އޮތުން.

މި އަތޮޅަކު މިހާރަކު ނެތް އެގާރަ، ބާރަޔަށް ކިޔަވައިދޭ މަދަރުސާއެއް. އެއީ ވަރަށް ބޮޑު ހިތާމައެއް. އެއްގޮތަކަށްވެސް އެގޮތަށް އެކަން އޮތުމަކަށް މި ސަރުކާރެއް ނޭދޭނެ. މަތީ ތަޢުލީމަށް ދެވޭނެ ޖާގަ ކޮންމެ އަތޮޅެއްގައިވެސް އޮންނަންޖެހޭނެ. މިފެށުނު މަދަރުސީ ދައުރު ފަށައިގަނެވުނުއިރު، އަޅުގަނޑުމެން ހިތް އެދޭ މިންވަރަށް މަދަރުސާތަކުގެ ކަންކަން އެއްގޮތަކަށްވެސް އަދި ފުރިހަމަ ވެފައެއްނެތް. އަޅުގަނޑު އުންމީދުކުރަން އެކަމަށްޓަކައި ތިޔަބޭފުޅުން އަޅުގަނޑުމެންނަށް މަޢާފު ކުރައްވާނެކަމަށް. މަދަރުސާތައް ހުޅުވުމާ އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމާ ދެމެދުގައި އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ދިމާވި ދަތިތަކެއް އެބަހުރި.

އެހެންނަމަވެސް، ސަރުކާރުން މިހާރު މިދަނީ ރާއްޖެއިން ބޭރުން، ޚާއްޞަ ގޮތެއްގައި އިނގިރޭސިވިލާތާއި، ކެނެޑާއާއި، އޮސްޓްރޭލިޔާއާއި ނިޔުޒިލޭންޑުން ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށް މިހާރު ފެންނަ ފެނުމުގައި މާޗް މަހުގެ ތެރޭގައި ނުވަތަ އޭޕްރިލް މަހުގެ ތެރޭގައި މިރަށުގެ މަދަރުސާތަކަށް މިދަންނަވާ މަތީ ފެންވަރުގެ ރަނގަޅު ޓީޗަރުން ކޮޅެއް ގެނެސްދެވޭނެ. އަޅުގަނޑު ދެކޭނީ އެޓީޗަރުން ބޭނުންކޮށްގެން ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ދަރީންގެ ތަޢުލީމު ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެދޭ އުސޫލުން، އެދޭ މިންވަރަށް އެދޭ ފެންވަރުގައި ދެމުން ގެންދެވޭނެކަމަށް. އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ދަރީންނަކީ އަޅުގަނޑުމެންނަށްވުރެ މޮޅު، ތަންދޮރު އެނގޭ ބަޔަކަށްވުމަށް. މި ވޭމަންޑޫގެ ވަރަށް ގިނަ ބޭފުޅުންނަކީ ތަޢުލީމަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅުން. ހަމަގައިމުވެސް އަޅުގަނޑު ދަންނަ ވޭމަންޑޫ ބޭފުޅެއް، މަދަރުސީ ދައުރުން ފަށައިގެން ތަޢްލީމަށް ވަރަށް ބޮޑަށް ލޯބި ކުރައްވައި، އެންމެފަހުން ޕީ.އެޗް.ޑީ އެއްވެސް ހައްދަވައި ނިންމެވި ބޭފުޅެއް.

މިރަށް ކުރިއްސުރެވެސް އަޅުގަނޑުމެން ދަންނަމު. މިދިޔަ 4 އަހަރު ދުވަހު ތެރޭގައި އަޅުގަނޑުމެންނަށް މިރަށަށް އާދެވިފައިހުރި އަދަދުވެސް މަދެއް ނުވާނެ. މިރަށުގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި މަސައްކަތްކުރުން އެއީ، އަޅުގަނޑުމެން ސަރުކާރުގެ ވަރަށް ބޮޑު އުންމީދެއް. ވަރަށް ބޮޑު ބޭނުމެއް. ރައްޔިތުންނަށް އާމްދަނީ ލިބޭ ކިތަންމެ ކަމެއް އަދިވެސް އިތުރަށް މިރަށުގައި ތަރައްޤީ ކުރެވެން އެބަހުރި. މިހާރު ތިޔަބޭފުޅުން ހިންގަވަމުން ތިޔަގެންދަވާ ދަނޑުވެރިކަމުގެ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ މަޝްރޫޢެއް އަޅުގަނޑުމެން މިހާރު މިދަނީ އެކުލަވާލަމުން. އިރާދަކުރެއްވިއްޔާ އެ މަޝްރޫގެ ފައިދާވެސް ނުވަތަ ޚިދްމަތްވެސް ކުރިޔަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ ތަނަވަސް ރާއްޖެއެއް. މި ރާއްޖެއަކީ ޤުދުރަތީ ވަސީލަތްތައް ގިނަ ރާއްޖެއެއް. ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގައިދީފައި މިވަނީ މިއީ ގުދުރަތީ ވަސީލަތްތައް މަދު، ފަޤީރު، ނިކަމެތި، ކުދިކުދި ޖަޒީރާ ޤައުމެކޭ، ރަށްތަކެކޭ. އިންޑިޔާ ކަނޑަށް އުކާލެވިފައިވާ ބަޔެކޭ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މީގެ 30 ހަކަށް އަހަރު ކުރީގައި ވަށްލަ ބިސް އަޅާ ރަށްތަކެއްގެ ގޮތުގައި ހުރި ގޮނޑުދޮށްތަކެއް. އެ ގޮނޑުދޮށްތައް ޔޫރަޕްގެ ގައުމުތަކާ ދަތުރުފަތުރުން ގުޅާލެވުނީމާ މިއަދު މި ރަށްތަކަކީ، ރަން ބިސް އަޅާ ކުކުޅުތަކަކަށް ވެފައި މިހުރީ. އޭގެ ތަނަވަސްކަމާ އޭގެ މުއްސަނދިކަން އަޅުގަނޑުމެންނަށް އެބަހޯދޭ. އަޅުގަނޑުމެންގެ ރާއްޖެއިން ކަނޑުގެ ތަނަވަސްކަމާއި ކަނޑުގެ ރޯދިވެސް އަޅުގަނޑުމެން ރައްޔިތުންނަށް ނެގެން އެބައޮތް. މިދަންނަވާ މަސައްކަތްތައް ފުރިހަމަ ގޮތުގައި، ރަނގަޅު އުސޫލުގައި ކުރަން އަޅުގަނޑުމެންނަށް ފެށުނީމާ، އަޅުގަނޑު ދަންނަވާނީ އޭގެ ފައިދާ ރައްޔިތުންނަށް ހަމަ ވަރަށް ބޮޑަށް ކުރާނެއޭ. ރައްޔިތުންގެ އާމްދަނީ އިތުރުވެގެންދާނެއޭ.

ސަރުކާރުގެ ބޭނުމަކީ ތިޔައިން ކޮންމެ ރައްޔިތަކަށްވެސް ލިބޭ އަދަދު މިރޭވެސް އެނގުން. ހޯދުން. މާދަމާވެސް، މިމަހުވެސް ލިބޭ އަދަދަކީ ކޮބައިތޯ ބަލަން މަސައްކަތްކުރުން. އަޅުގަނޑުމެން މި ދެކެނީ މިހާރު ތިޔައިން ބޭފުޅަކަށް ޢާންމު ގޮތެއްގައި ލިބިވަޑައިގަންނަވާނީ މަހެއްގެ މައްޗަށް ހަތަރުހާހެއްހާ ރުފިޔާއޭ. އަޅުގަނޑުމެންގެ އަމާޒަކީ، ކުރިޔަށް މިއޮތް އަހަރެއް ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު އަދި ހަމަ އިތުރު ދެހާސް ރުފިޔާއިން އިތުރުވޭތޯ މަސައްކަތްކުރުން. މި ރަށްރަށުގެ، ވޭމަންޑޫގެ މުއްސަނދިކަން، ވޭމަންޑޫގެ ތަރައްޤީ، އުފެއްދުންތެރިކަން އެމަގަށް އެވަރަށް ގެނެވޭތޯ މަސައްކަތްކުރުން.

ލިބޭ މުއްސަނދިކަން އޭގެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެން އެބަޖެހޭ ބޭނުންކުރަން. އަޅުގަނޑުމެންގެ ހުރިހާ ސިޔާސަތެއްވެސް ރޭވިފައި މިވަނީ އެކަން ކުރުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް މިރޭ ޔަޤީންކޮށް އަރުވަން ބޭނުން އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ދެއަހަރެއްހާ ދުވަހު ތެރޭގައި މިދަންނަވާ ލަނޑުދަޑި މި ސަރުކާރުން ޙާޞިލުކުރާނެއޭ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ޖީބަށް މީގެ އަހަރެއް ފަހުން ވަންނަ އަދަދު މިއަދާ އަޅާބަލާއިރު އެތައް ތަނެއް ކުރިއަރައިގެން ދާނެއޭ.

މި ސަރުކާރަކީ އިޤްތިޞާދު ދަންނަ ސަރުކާރެއް. މި ސަރުކާރަކީ ޙިކްމަތްތެރި، ވިސްނުންތެރި، ހީވާގި އަދި ކެރޭ ސަރުކާރެއް. ކަންކަމުގައި އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެންނެއް ޖެހިލުމެއް ނުވާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް އިތުރަށް ދަންނަވަން ބޭނުން، ޔަގީންކޮށް އަރުވަން ބޭނުން، ހަމަގައިމުވެސް ކޮންމެ ދުވަހަކު މަދުވެގެން 14 ގަޑިއިރު އަޅުގަނޑު މަސައްކަތްކުރާނަން. އަޅުގަނޑަށް އެނގޭ މި ސަރުކާރުގެ އެހެން ސިޔާސީ ބޭފުޅުންވެސް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް، މިދަންނަވާ ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާނެކަން. އަދި އަޅުގަނޑު އުންމީދުކުރަން، ސަރުކާރު މުވައްޒަފުން، ސިވިލް ސަރވަންޓުންވެސް އަޅުގަނޑުމެންގެ ސިޔާސީ މުވައްޒަފުންނަށް އެހީތެރިވެދެއްވާނެކަމަށް.

ސިވިލްސަރވަންޓުންނާ ނުވަތަ ސަރުކާރު މުވައްޒަފުންނާ ގުޅޭގޮތުން އިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުން މިދިޔަ މަހު ނިންމައިފިއޭ ސަރުކާރު މުވައްޒަފުންނަށް އަދި އިތުރު އެއްބިލިއަން ރުފިޔާ ދިނުމަށް. މިހާރުވެސް މިރާއްޖެއަށް ލިބޭ ރުފިޔާގެ ގިނަ ބޮޑު އަދަދެއް ހޭދަކުރަމުން މިދަނީ، ސަރުކާރު މުވައްޒަފުންގެ މުސާރައަށް. އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައި މިލިބެނީ ހަތް ބިލިއަން ރުފިޔާ. އޭގެތެރެއިން 4 ބިލިއަން ރުފިޔާ އަޅުގަނޑުމެން މި ހޭދަކުރަނީ ސަރުކާރު މުވައްޒަފުންގެ މުސާރައަށް. ސަރުކާރު މުވައްޒަފުން މަސައްކަތް ނުކުރައްވާ ނުވަތަ ޚިދްމަތް ނުދެއްވާ ތިއްބަވަންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަދި ތިއްބެވޭކަށް ޖާގައެއްވެސް ނެތް. އަޅުގަނޑު ޔަޤީންކުރަނީ ރައްޔިތުންނަށްވެސް މިކަންކަން ބޮޑަށް ފިލާނެކަމަށް. އަދި އެކަންކަމުގެ މައްޗަށް ވިސްނުން ބަހައްޓަވައި ސަރުކާރު މުވައްޒަފުން ކުރާ މަސައްކަތް މިހާރަށްވުރެ ބޮޑަށް ބައްލަވަމުން ގެންދަވާނެކަމަށް.

ސަރުކާރު މުވައްޒަފުންނާ ގުޅޭގޮތުން، އަޅުގަނޑު ނުދަންނަވަން ސަރުކާރު ހުރިހާ މުވައްޒަފުންނަކީ، މަސައްކަތްނުކޮށް ތިއްބަވާ ބޭފުޅުންނެކޭ، އެއްވެސް ޙާލެއްގައި އެހެނެއްނޫން އަޅުގަނޑު މިދަންނަވަނީކީއެއް. އެހެންނަމަވެސް، ވަރަށްގިނައިން އެބަ ޝަކުވާ ލިބޭ، ސިވިލް ސަރވިސް މުވައްޒަފުންގެ ބަރުހެލިކަމުން ނުވަތަ އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ފަރުވާނުބެހެއްޓޭތީ، މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުން ދިޔުމުގައި އެބަ ލަސްވެޔޭ.

އަޅުގަނޑު ރައްޔިތުންނަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ އެ ސަބަބަށްޓަކައި އަޅުގަނޑުމެން މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ހުރި ޚިދްމަތްތައް، ފޯރުކޮށްނުދީއެއް ނުތިބޭނަމޭ. އަޅުގަނޑުމެން މިތިބީކީއެއް މިދަންނަވާހެން ކަމެއް ނުވާނެކަމަކަށް ދެކިގެނެއް ނޫން. ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވެ މިތިބީ، މިއެންމެހާ ކަންކަން އަޅުގަނޑުމެންނަށް ފުރިހަމައަށް ކުރެވޭނެކަމުގެ ވަރަށް ބޮޑު އިތުބާރާ ޔަގީންކަމާއެކީގައި. އެހެންވީމާ، އެއްވެސް ބޭފުޅަކު، ސިވިލް ސަރވިސްއަކަސް، އަދި އެހެން ބާވަތެއްގެ ވަޒީފާއެއް އަދާކުރެއްވި ބޭފުޅަކަށްވިޔަސް މި ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރުމަށް ހުރަސް އެޅުމަކަށް ސަރުކާރަކުން ޖާގައެއް ނުދޭނެ. އަޅުގަނޑު ރައްޔިތުންނަށް މި އިތުބާރު ވަރަށްބޮޑަށް އަރުވަން ބޭނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ގެނެސްދޭނަން. އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދައިދޭނަން.

އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ވަރަށްބޮޑަށް ބަދަލުވަމުން. އަޅުގަނޑުމެންގެ ސަރުކާރުން އެބަދަލުތަކުގެ ތެރޭގައި ގެންނަ އެންމެ ބޮޑު އެއްބަދަލަކީ، ލާމަރުކަޒީ އުސޫލުން ސަރުކާރުގެ އިދާރީ ހިންގުން ކުރިޔަށް ގެންދިޔުން. ޑިމޮކްރަސީއެއްގެ އެންމެ ބޮޑު އެއް އަސާސަކީ ރައްޔިތު މީހާއާ ވީހާވެސް ގާތުން އެމީހާއަށް ޚިދްމަތް ދިނުން އަދި ޚިދްމަތް ލިބެން ހުރުން. މާލޭގައި އަޅުގަނޑުމެން ތިބެގެން، ސަރުކާރު ހިންގަން އުޅެއްޖެނަމަ މި ސަރުކާރަށްވެސް ހަމަވާނީ ކުރީ ސަރުކާރުގައި ވީ މިންވަރަށް، ވީވަރަށް.

އަޅުގަނޑުމެން ބޭނުން ބަދަލެއް ގެންނަން. ބަދަލު ގެންނަން އަޅުގަނޑުމެން އެބަޖެހޭ ސަރުކާރުގެ ވުޒާރާތައް ތިޔަބޭފުޅުންނާ ގާތަށް ގެންނަން. ސަރުކާރުގެ ކަންކަން ނިންމުން އެއީ، ތިޔަބޭފުޅުންނާ މަޝްވަރާ ކުރެވިގެން، ތިޔަބޭފުޅުންނަށް އެކަންކަމާ ގުޅޭގޮތުން ފެނިވަޑައިގަންނަވާ ގޮތްގޮތް ސަރުކާރުން ރަނގަޅަށް ބަލައި، އެމައްޗަށް ބިނާކޮށް، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަމުން ގެންދިޔުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ލ.އަތޮޅާއި ތ.އަތޮޅު ހިމެނޭ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު ޢައްޔަން ކުރާނަން. އެ މިނިސްޓަރަކީ، މިހާރު މާލެއިން ކުރަމުން އައި ހުރިހާ ކަމެއް ހުރިހާ ވުޒާރާއެއްގެ ހުރިހާ ކަމެއްވެސް ކޮށްދެއްވުމުގައި ސަރުކާރުގެ ފަރާތުން އިސްނަންގަވައިގެން ހުންނަވާނެ ސަރުކާރުގެ ބޭފުޅާ.

މާލޭގައި މިހުރި ހުރިހާ ވުޒާރާއެއްގެ ޚިދްމަތް މި ޕްރޮވިންސުން ލިބޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަންކަން އިންތިޒާމުކުރާނަން. އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވަންޖެހޭނެ. އެކަން ކުރުމުގައި އަޅުގަނޑުމެން ކުޑަކުޑަ ދުވަސްކޮޅެއް އެބަނަގާ. އެހެންނަމަވެސް، އަޅުގަނޑުގެ މި ސަރުކާރުގެ އަމާޒަކީ، މިހާރު މާލޭގައި އެހުރި ފާށަނާ ބިލްޑިންގ ލަސްވެގެން މާޗްމަހު ތެރޭގައި ތަޅާލުން. ފާށަނާ ބިލްޑިންގ އަކީ މިދަންނަވާހެން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނަމުގައި، މާލޭގައި އަތޮޅުތަކުގެ މައްޗަށް ވެރިކަން ހިންގުމުގެ އެންމެހާ ބާރު ޖަމާކޮށް އެއްކޮށްފައި، ވަރަށްދިގު ޒަމާންތަކެއް ވަންދެން ހިންގަމުން އައި ޢިމާރާތް ހިންގަމުން އައި އޮފީސް. އަޅުގަނޑުމެން މިއެދޭ ގޮތަށް އަތޮޅުތަކަށް ބާރު ދިނުމަށްޓަކައި، މާލޭގައި، އަތޮޅުތަކާގުޅޭގޮތުން ހިންގާ ކަންކަން އެތައް ތަނަކުން އެބަ ކުޑަ ވާންޖެހޭ.

އަޅުގަނޑު މިރޭ މިތާ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ ނައިބު ރައީސް، ޑރ. ވަޙީދު މިހާރު އެގެންދަވަނީ އ.ދ.ގެ އެކިއެކި ޖަމާޢަތްތަކާ ވާހަކަ ދައްކަވަމުން. މިހާރު ބޭރުގެ އެހީގައި ހިނގަމުން އަންނަ ހުރިހާ މަޝްރޫޢެއްގެ އެންމެހާ ކަންކަން މާލެއިން ނުބަލަހައްޓާ، ސީދާ އަތޮޅުން ބެލެހެއްޓޭނެ ގޮތެއް، ސީދާ ސަރަޙައްދުން ބެލެހެއްޓޭނެ ގޮތަކަށް މިހާރު ވެފައިވާ އެއްބަސްވުންތައް ބަދަލުކުރުމަށް. އެހެންވީމާ، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ކަންކަން ބެލެހެއްޓެވޭނެ. ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ރަށް ކުރިޔަށް ގެންދެވޭނެ. ތިޔަބޭފުޅުންގެ އަތޮޅު ކުރިޔަށް ގެންދެވޭނެ. ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ތަނަވަސްކަމާއި މުއްސަނދިކަމުގެ ޙަޤީޤީ މިންވަރު ވަޒަންކުރެއްވޭނެ.

އަޅުގަނޑުގެ އުންމީދަކީ އަދި އަޅުގަނޑު ޔަޤީންކުރަނީ އިރާދަކުރެއްވިއްޔާ މާދަމާ ވެގެންދާނީ މިއަދަށްވުރެ އަދި މާ ފާގަތި ދުވަހަކަށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންނަށްވެސް މި ރާއްޖޭގެ މުއްސަނދިކަން އުފަލާއެކީ ބޭނުންކޮށް، އަޅުގަނޑުމެން މިއެދޭ ގުލްޒާރުގެ ފޮނި ރަހަ އަޅުގަނޑުމެންނަށް ދާދި އަވަހަށް ލިބިގެންދާނެ.

ނިންމާލުމުގެ ކުރިން އަނެއްކާވެސް ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެމުން އަޅުގަނޑު ވަކިވެލާނަން. އެއީ، އަޅުގަނޑު މިރަށަށް އައުމުގައި ލަސްވެގެން ދިޔައީތީވެ. އަދި އެ ލަސްވާ ސަބަބު، ޚަބަރު ތިޔަބޭފުޅުންނަށް ސާފުކޮށް ލިބިވަޑައިނުގެން އޮވެދާނެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެން.

اَلحَمْـدُ لِلّـهِ، والسّـلام عليـكم ވަރަށްބޮޑަށް ޝުކުރިއްޔާ!