بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށް ގާދިއްފުށްޓަށް މި އާދެވެނީ އެނގިވަޑައިގަންނަވާނެ، ފުރަތަމަ ފަހަރަކު ނޫން. އަޅުގަނޑުމެން މިހާރު މިކުރާ ދަތުރަކީ، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުކުރަމުންދާއިރުގައި، އެ ސިޔާސަތުގެ ސަބަބުން ވަކިވަކި ރަށްރަށަށް ލިބެންއޮތީ ކޮން ރަނގަޅެއްތޯ ނުވަތަ އެރަށްރަށުގެ އެ ސިޔާސަތާ ގުޅިގެން ނުލިބޭ ކަންތައްތަކަކާ ގުޅިގެން ނުކުންނާނެ ޝަކުވާއަކީ ކޮބައިތޯ، މިކަންކަން ދެނެގަތުމަށްކުރާ ދަތުރެއް. މިއަދު ހަމަވަރަށް އުފާލާއެކީގައި އަޅުގަނޑަށް ދެންނެވެން އެބައޮތް، އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިރާދަކުރެއްވިއްޔާ، ގާދިއްފުށީގައި މިއަހަރުގެތެރޭގައި 25 ގެ އަޅައި، ރައްޔިތުންނާ ޙަވާލު ކުރެވޭނެއޭ.

ދުވަސްވީ މީހުންގެ ޕެންޝަންގެ ފައިސާ އަޅުގަނޑުމެން މިދެކެނީ މިއަންނަ ހަފްތާގެ ތެރޭގައި އެބޭފުޅުންނަށް ލިބިވަޑައިގަންނަވާނެކަމަށް. އަޅުގަނޑު މާލެއިން މިއައީ އެކަންކަން މުޅިންހެން ހަމަޖެހި ނިމުނީމާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގައި އެބޭފުޅުންނަށް އެފައިސާ ލިބިވަޑައިގަންނަވާނެ. އަދި އަޅުގަނޑު މިދެކެނީ، އެ ފައިސާ މިރަށުގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާން ފެށީމާ ރަށުގެ އިޤްތިޞާދުވެސް މިހާރަށްވުރެ ބާރަށް ހިނގައިގަންނާނެ ކަމަށް. ކޮންމެވެސް މިންވަރަކަށް ރަށުގައި ވިޔަފާރިވެސް އުފެދިގެންދާނެ.

އަޅުގަނޑަށްވެސް އެނގޭ، ގާދިއްފުށީގައި ގްރޭޑް 8 އުފެއްދުމުގެ ވަރަށްބޮޑު ބޭނުމެއް އެބައޮތް. ދެން ފެށޭ ތަޢްލީމީ އާ އަހަރެއް ފެށޭއިރުގައި މިރަށުގައި ގްރޭޑް 8 އުފެއްދުމުގެ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ހިންގަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ތިޔަބޭފުޅުންނަށް ކޮށްދެވޭނެ.

ސަރުކާރުގެ ވަރަށްބޮޑު މަޝްރޫޢެއް އެއީ، މިއަތޮޅުގައި ތިންމަގު އެޅުން. އެއީ ތިމަރަފުށިން ގުރައިދޫއަށް. އެހެންވީމާ، ގާދިއްފުށި އޭގެތެރޭގައި ހިމެނޭނެ. ތިމަރަފުށިން ގާދިއްފުށްޓަށް، ގާދިއްފުށިން ގުރައިދޫއަށް. އަޅުގަނޑުމެން މިމަގު އަޅަން މިއުޅެނީކީ މުޅި މިފަޅުތެރެ އެކީ ހިއްކައިގެނެއް ނޫން. އަޅުގަނޑުމެން ބޭނުމީ ލޮރީ، ކާރު، ސައިކަލުވެސް ދުއްވޭ ވަރުގެ މަގެއް ފުށްޓަރު ފަރާތުން ފަޅުތެރޭގައި އެޅުން. މަގު އަޅާފައި އެމަގުން ކޮންމެ ރަށަކަށްވެސް ވަދެ ނިކުމެ ވާނެގޮތް، އެމަގަށް ގުޅޭނޭގޮތް ހަދައިދިނުން.

ހަމައެއާއެކީގައި، ގާދިއްފުށްޓާ ގުރައިދުއާ ދެމެދުގައި މިހުރި ފަޅުރަށްތައް ޓުއަރިޒަމުގެ ބޭނުމަށް ތަރައްޤީ ކުރުން. އަދި ތިމަރަފުށީ ބޭރުގައި އެ ހެދޭ އެއަރޕޯޓު އެއީ ޙަޤީޤަތުގައި، އަޅުގަނޑުމެން ބައެއްފަހަރަށް ކިޔަނީ ތިމަރަފުށީ ބޭރުގައި ކަމަށް. އެއީ ގާދިއްފުށީ ބޭރުގައިވެސް އެޅޭ އެއަރޕޯޓެއް. އިރާދަކުރެއްވިއްޔާ، އެ އެއަރޕޯޓު ތަރައްޤީ ކުރުމާގުޅޭ ފައިސާގެ އެންމެފަހުގެ ކަންކަން 8 ފެބްރުއަރީގައި ނިމިގެންދާނެ. މިހާރުވަނީ ސައުތުކޮރެޔާ ކުންފުންޏަކަށް އެމަސައްކަތް ހަވާލުކުރެވިފައި. އަޅުގަނޑު މިއުންމީދުކުރަނީ ކުރިއަށް މިއޮތް ދެތިންމަހެއްގެ ތެރޭގައި ޢަމަލީގޮތުން އެމަސައްކަތް ފެށިގެން ދާނެކަމަށް.

އެކަންކަން ހިނގައިގަތީމާ، އަދި މިދަންނަވާހެން މިފަޅުތެރޭގައި މިހުރި ރަށްރަށް ރިޒޯޓުގެ ގޮތުގައި ނުވަތަ ޓޫރިޒަމަށް ތަރައްޤީ ކުރެވުނީމާ، އަޅުގަނޑުމެން މިއުންމީދު ކުރަނީ، މިރަށަށް ވަރަށްބޮޑު ދިރުމެއް އަންނާނެކަމަށް. މިރަށަކީ، ކުޑަ ރަށެއްގެ ގޮތުގައެއް ނުވަތަ ބޭނުންނުކުރެވޭ ރަށެއްގެ ގޮތުގައެއް އަޅުގަނޑު ނުދެކެން. މިއީ، ހަމަ ރާއްޖޭގެ ރަނގަޅު ރަށްރަށުން ރަށަކަށް ނުވާނެ އެއްވެސް ސަބަބެއްނެތް.

މިހުރިހާ މަސައްކަތްތައް މިހިސާބުގައި އަޅުގަނޑުމެންނަށް ހިންގޭއިރުގައި އޭގެސަބަބުން މިރަށަށް ކުރާނެ ފައިދާ ބޮޑުވާނެ. އަދި ގާދިއްފުށީ ދަރިން، މާލޭގައިދިރިއުޅޭ ވީހާވެސްގިނަ ބައެއް، އަޅުގަނޑުމެންގެ މިނިސްޓަރުން ފިޔަވައި، މިރަށަށް އެނބުރި އައިސް މިރަށުގެ ތަރައްޤީއާއިގެން، އެމީހުންވެސް އުޅުމުގެ ފުރްޞަތު އަޅުގަނޑުމެން ހޯދައިދޭނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަންކަން ކާމިޔާބުވެގެންދާނެ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ ފަހަށްޖެހޭކަށެއް ނޫން. އިރާދަކުރެއްވިއްޔާ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅާވޭތޯ އަޅުގަނޑުމެން ބަލާނަން. އަޅުގަނޑުމެން ދާނީކުރިޔަށް. އަޅުގަނޑުމެންގެ ހިތްވަރު އިރާދަކުރެއްވިއްޔާ ހުންނާނެ. އަޅުގަނޑުމެންގެ ޢަޒުމަކަށް އިރާދަކުރެއްވިއްޔާ ގޮތެއްނުވާނެ. އަދި އަޅުގަނޑުމެންގެ މީޒާނުން އަޅުގަނޑުމެން ކައްސާލުމަށް، ނުވަތަ ނައްޓުވާލުމަށް ބަޔަކު މަސައްކަތްކުރިނަމަވެސް އެކަމެއް އިރާދަކުރެއްވިއްޔަކާ ނުވާނެ. މިދިޔަ ދިގު ދުވަސްތަކުގައިވެސް އަޅުގަނޑުމެންގެ ޢަޒުމް، ފޯކަސް އަޅުގަނޑުމެންނަކަށެއް ނުގެއްލޭ. އަޅުގަނޑުމެން ދާންއުޅޭ ދިމާއަށް ހަމަ ކޮންމެ ދުވަހަކުވެސް ހަމަ ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަމުން، މަސައްކަތްކުރަމުން، ދަމުން ދަމުން މިއައީ. އަޅުގަނޑުމެން ބޭނުމީ ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރަން. މިހާރު އަޅުގަނޑުމެން ބައްޓަންކުރަމުން މިގެންދަނީ އެފަދަ ވެރިކަމެއް. ލާމަރުކަޒީ އުޞޫލުން މިރާއްޖޭގެ އިދާރީ ހިންގުން އިންތިޒާމު ކުރެވުނީމާ، އަޅުގަނޑުމެން މިއުންމީދު ކުރަނީ، ރައްޔިތުންގެ ބޭނުންތައް ރައްޔިތުންނާ ގާތުން ފުރިހަމަވެގެންދާނެކަމަށް. ވީމާ، އަޅުގަނޑުމެން މިދެކެނީ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް.

އަޅުގަނޑު ހަމަ ވަރަށް ޔަޤީންކަމާއެކީގައި ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮތުމުގެ އޮތީ ހަމަ އެންމެ ބޭނުމެކޭ. އެއީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ، ވަޢުދުތައް ފުއްދައިދިނުމޭ. ތިޔަބޭފުޅުންގެ ނޯކިރީގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތްކުރުމޭ. ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން ބަލައި ހޯދައި އެކަންކަން ފުރިހަމަވާނޭ ގޮތްތަކާއި މަގުތައް ދެނެގަނެ، އެމައްޗަށް ސިޔާސަތެއް އެކުލަވާލައި، އެސިޔާސަތުތައް ތަންފީޒުކުރަމުން ދިޔުމޭ.

އަޅުގަނޑުމެންގެ ސަރުކާރުގައި ނުހިނގާނެ ބައެއް ބާވަތުގެ ކަންތައް ހުންނާނެ. އޭގެތެރޭގައި، ވަކިވަކި މީސްމީހުންނަށް ވަކިވަކި ކަންތައް ނަހަމަގޮތުގައި ކޮށްދިނުން ހިމެނޭ. ވަކިމީހަކަށް ވަކިކަމެއްކޮށްދެވޭކަށް އަޅުގަނޑަކަށް ނެތް. ހުރިހާ ރައްޔިތުންނަށް ރަނގަޅުވާ ހުރިހާކަމެއް ކުރުމުގައި އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް މިމަސައްކަތުގައި ފަރުވާކުޑައެއް ނުކުރާނަމޭ. އަޅުގަނޑުގެ ޒިންމާ އިރާދަކުރެއްވިއްޔާ އަޅުގަނޑު އަދާކުރާނަމޭ. އަޅުގަނޑު ހަމަ މި އުންމީދުކުރަނީ، މިއަދަށްވުރެ މާ ފާގަތި ދުވަހަކަށް މާދަމާ ވެގެންދާނެއޭ. އަޅުގަނޑުމެންގެ ގާދިއްފުށި، އަޅުގަނޑުމެން މިދެކޭ ބާވަތުގެ ރަށަކަށް އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނެއޭ. މާ އުފާވެރި ގުލްޒާރެއް އަޅުގަނޑުމެންނަށް ލިބޭނެއޭ.

އަޅުގަނޑުމެންގެ ޕްރޮގްރާމުތަކުގެ ތެރޭގައި ގާދިއްފުށީގައި މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި، ސަރުކާރަށް އެބައޮތް ގާދިއްފުށްޓަށް 85 ފޫޓުގެ ބޮޑު ދޯންޏެއް ދެވެން. އެދޯނި ސަރުކާރުން މިހަދިޔާކުރަނީ، ތިޔަބޭފުޅުންގެ ޖަމްޢިއްޔާއަށް ނުވަތަ މުޅިރަށުގެ ރައްޔިތުން ގުޅިގެން، ކޯޕަރޭޓިވް އުޞޫލުން އެދޯނީގެ ބޭނުން ހިފައި، ރަށުގެ ތަރައްޤީއަށް އެއިން ފައިސާ ހޯދޭނެގޮތެއް ހޯދުމަށް. އެހެންވިމާ، އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ދެހަފްތާގެ ތެރޭގައި ކައުންސެލަރ ތިޔަބޭފުޅުންނަށް އެދޯނީ ހަވަލުކުރައްވާނެ. އަދި ހަނދުމަފުޅު ބަހައްޓަވަންވީ ކަމަކީ، އެދޯނި އަޅުގަނޑުމެން ދޭއިރުގައި އެދޯނި ހެޔޮގޮތުގައި ބޭނުންކުރުން. ހަމަ މަސްވެރިކަމަށް ދޯނި ބޭނުންކުރުން. މަސްބޭނުން އަޅުގަނޑުމެންގެ ބޭނުމަކީ. މަސްވެރިކަން އިތުރުކުރުން، މަސްވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރުން.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، ދެން އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގާދިއްފުށްޓަށް އާދެވޭއިރުގައި ތިޔަބޭފުޅުންގެ ދިރިއުޅުމަށް ކޮންމެވެސްވަރެއްގެ ބަދަލެއް އައިސްފައިވާނެކަމަށް. ދެން ޚާއްޞަކޮށް، ދޮށީޢުމުރުގެ ރައްޔިތުންނަށް މިހާރަށްވުރެ މާބޮޑުތަން ލުއިވެގެންދާނެކަމަށް. ހަމައެއާއެކީގައި، އެބޭފުޅުންގެ ޢާއިލާތަކަށްވެސް އެ ލުއި ފޯރާނެކަމަށް. މާލޭގައި ވަޒީފާ އަދާކުރާ ޒުވާނުންނަށްވެސް މީގެ ސަބަބުން ކުޑަކުޑަ ލުޔެއް ލިބިގެންދާނެ. މައިންބަފައިންނަށް ފޮނުވަންޖެހޭ ފައިސާ ގަޑިންގަޑިއަށް ނުފޮނުވުނީމާ، އެއަންނަ ހާސްކަމާ އެވާ ދެރަޔާ އެކަންކަމުން ޒުވާނުންވެސް މިންޖުވެ އެމީހުންނަށްވެސް ހިންދެމިލެވި، ތަންކޮޅެއް އަރާމު ދިރިއުޅުމެއް ހޯދައިދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ.

ދެން އަދި އިތުރަށް ދަންނަވާލަންއޮތީ، މިޕެންޝަންގެ ކަންތައް ހަމަޖެހިގެންދާއިރުގައި، ޕޯސްޓު އޮފީހުން ބޭންކެއްގެ ޚިދްމަތް ދިނުމުގެ ޕްރޮގްރާމެއްވެސް އަޅުގަނޑުމެން މިރަށުގައި އެބަ ކުރިޔަށްގެންދަން. އެހެންވީމާ، އެކަންވެސް ކުރިޔަށް މިއޮތް ދެތިންމަހެއްގެތެރޭގައި ހިނގައިގަންނާނެ.

ވަރަށްބޮޑަށް ޝުކުރިއްޔާ! އަނެއްކާވެސް ހަމަ އަޅުގަނޑު ދަންނަވާނީ ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ ގާދިއްފުށްޓަށް އާދެވޭނެއޭ. މިދަތުރު އަޅުގަނޑުމެންގެ އޮފީހުން މިދަތުރު ފުރަތަމަ ރާއްވަވާފައި އޮތްއިރުގައި، ގާދިއްފުށީގެ ނަން އަޅުގަނޑަށް ނުފެނިއޮތީ. ދެން އަޅުގަނޑުމެންގެ މިދަތުރުގައި ކޮންމެހެން ގާދިއްފުށި ހިމަނަން ބޭނުން. އަޅުގަނޑު ތ. އަތޮޅަށް ކުރާ ހުރިހާ ދަތުރެއްގައިވެސް. މިރަށަކާ ގުޅޭގޮތަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަރުވާކުޑައެއްނުކުރާނަން. އަޅުގަނޑު މިރަށަށް އަންނާނަން. ތިޔަބޭފުޅުންނާ ވީހާވެސް ގިނައިން ބައްދަލުވެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަން. އަނެއްކާވެސް ހަމަ ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށްބޮޑަށް ޝުކުރިއްޔާ!

اَلحَمْـدُ لِلّـهِ،

والسّـلام عليـكم