بســم اللّـه الرّحمـن الرّحيــم

ރަސްގެތީމުގެ ލޮބުވެތި ރައްޔިތުން،

السّـلام عليـكم

އަޅުގަނޑު މީގެކުރީގައި، މިރަށަށް އެންމެފަހުން އައިސްފައިވާނީ މީގެ ހައެއްކަ މަސްދުވަސް ކުރިން. އެދުވަހު އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަމުން އަޅުގަނޑު ދެންނެވިން. އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ، ހެޔޮގޮތުގައި ވެރިކަން ކުރުމަށް ސަރުކާރެއް އެކުލަވާލުމޭ. އަޅުގަނޑުމެންނަށް ވިސްނެއޭ މިރާއްޖެއަކީ، ތަނަވަސް ޤައުމެކޭ. ރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ އޭރު ޖެހޭ މިންވަރެއް ނޫނޭ. އަޅުގަނޑުމެން ފާހަގަކުރީމު، މިރާއްޖޭގެ ރަށްތަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓޭ. އަދި އެކަންކަން ކުރެވެންހުރި ގޮތްތަކެއްވެސް އަޅުގަނޑުމެންނަށް އެބަވިސްނެއޭ. އަޅުގަނޑުމެން ހުށަހެޅީމު ވިސްނުމެއް، ފިކުރެއް، މަންޒަރެއް. އަޅުގަނޑުމެން ހުށަހެޅިން އަނެއް ދިވެހިރާއްޖޭގެ ތަޞައްވުރެއް. އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވީން އެތަޞައްވުރު، އެމަންޒަރު އަޅުގަނޑުމެންނަށް ޙަޤީޤަތަކަށް ހަދައިދެވިދާނެއޭ. އެކަން ކުރުމަށް އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެން ކަންތައްތަކެއް ވަޢުދުވީމު. ފަސް ވަޢުދެއް އަޅުގަނޑުމެން ވަކިން ޚާއްޞަކޮށްވީމު. އަޅުގަނޑުމެން ދެންނެވީމު. ރާއްޖޭގެ ރަށްތަކަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ލާމެހި ގުޅާލެވިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަމޭ. އަޅުގަނޑުމެން ވަޢުދުވީމު. ބޭސް ސިޓީއަށް ސަލާންޖަހަންޖެހޭ ރައްޔިތަކު ރާއްޖޭގައި ހުރެގެން ނުވާނެއޭ. އެކަން އަޅުގަނޑުމެން ބަދަލުކޮށްދޭނަމޭ. ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާން ޅަކުދިން ހޯދާދިނުން އެއީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒަކަށް ވާނެއޭ. ޑްރަގަށް ހުޅުވިފައިހުރި ދޮރުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަންދުކޮށްދޭނަމޭ.

ބޯހިޔާވަހިކަމުން ދިވެހިރައްޔިތުން މަޙްރޫމުވެފައިވާ މިންވަރު ރަސްގެތީމުގައި އެހާބޮޑަށް ފެންނާން ނެތްކަމުގައިވިޔަސްވެސް، މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުގައި މިކަން ފެންނަން އޮތީ މީހަކު ސިހި ފިތްކަނޑައިގެންދާ މިންވަރަށް. އަޅުގަނޑުމެން އެބަހުށަހަޅަން ބޯހިޔާވަހިކަމުގެ ސިޔާސަތު. އަޅުގަނޑުމެން އެބަ ބުނަމު، ތަކެތީގެ އަގު ހެޔޮކުރުމަށް ފަހިވާ ބާވަތުގެ މާލީ ސިޔާސަތެކޭ އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ.

މިކަންކަމަކީ، ޖުމުލަކޮށް މުޅިރާއްޖެއަށް އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތު. ދެން ސުވާލަކީ، މިކަންކަން އަޅުގަނޑުމެން ތަންފީޛުކުރަން ފެށީމާ ރަސްގެތީމަށްވާނީ ކިހިނެއްތޯ؟ އެ ސިޔާސަތު ހިންގަން ފެށީމާ، ރަސްގެތީމުގެ ރައްޔިތުންނަށް ނުވަތަ ރަސްގެތީމަށް ވާންއޮތީ ކިހިނެއްތޯ؟ އަޅުގަނޑުމެން ވަރަށްބޮޑަށް މުހިންމުކަން ދީގެން ކުރާ މަސައްކަތެއް، ނަރުދަމާގެ މަސައްކަތަކީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން، ރާއްޖޭގެ ރަށްތަކުގައި މިހާރު ނަރުދަމާއާއި ފެން ގޯސް ރަށްރަށުގައި ފެނާއި އަދި ހުރިހާ ރަށެއްގައި ކަރަންޓު ނުހުއްޓި ޒަމާނީ ގޮތުގައި އެއަށް މާބޮޑު ބުރައެއް ރައްޔިތުން އުފުލަން ނުޖެހި މީހުންނަށް ތަކާ މިންވަރެއްގައި މިކަންކަން ވާންޖެހޭނެ ކަމަށް. އިރާދަކުރެއްވިއްޔާ މިދިޔަ 6 މަސްދުވަހުގެ ތެރޭގައި މިކަންކަން ކުރެވޭނެކަމުގެ އަދި މާބޮޑު އިތުބާރު އަޅުގަނޑުމެންގެ އެބައޮތް. ޙަޤީޤަތުގައި އަޅުގަނޑުމެންގެ މަސައްކަތް ހިންގުމަށްޓަކައި އަޅުގަނޑުމެން މިއެކުލަވާލާފައިވާ ސިޔާސަތުތަކުގެ ތެރެއިން އެއޮތް ގޮތަށް، އެއޮތް ދުވަސްވަރަށް އަޅުގަނޑުމެންނަށް އެކަންކަންކުރެވޭނެކަމީ އަޅުގަނޑު މިހާރު އެއްވެސް ހާލެއްގައި ޝައްކުކުރާ ކަމެއްނޫން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގައި އަޅުގަނޑުމެން ނަރުދަމާއެއް އަޅައިދޭނަން.

އަޅުގަނޑު އެންމެބޮޑަށް ބޭނުންވާނީ، މި ސަރުކާރުން އެންމެބޮޑަށް އެދޭކަމަކީ، ރަސްގެތީމުގެ ރައްޔިތުން ތިމަންނާމެންގެ ބަނދަރުގެ ފައިކަށި ކޮންއިރަކުންހޭ ހެދޭނީ ނުވަތަ ބަނދަރު މަރާމާތުކުރެވޭނީ ކޮންއިރަކުންހެއްޔޭ އެހުމުގެ ބަދަލުގައި، ތިމަންނާއަށް ބައިވެރިވެވިދާނެހެއްޔޭ ބަނދަރު މަރާމާތުކުރާ، އެ ޕްރޮސެސްގައި ނުވަތަ އެކަންތަކުގައި. ރައްޔިތުންގެ ބަނދަރެއް މިހަދަނީ. ރައްޔިތުން ބޭނުންވާގޮތަށް ނޫންގޮތަކަށް އެ ހެދުމުގެ ހަމަ އެއްވެސް މާނައެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަދި އަޅުގަނޑުމެން މާލޭގައި ތިބޭ ބަޔަކަށް މިތަނުގައި އޮންނަ ބަނދަރު އޮންނަންވީގޮތް އެނގެންވީ ސަބަބެއްވެސް ޙަޤީޤަތުގައި ނެތް. އޭގެ އެންމެ ރަނގަޅު ދަލީލު މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ. ޕީ.އެސް.އައި.ޕީ ޕްރޮގްރާމުގައި ހިމަނައިގެން އެކްސެސް ބަނދަރުތަކަކާ އަދި ހާބަރ ޕްރޮގްރާމުގައި ހިމަނައިގެން ހެދުނު ހާބަރުތަކެއް މިހާރު އަޅުގަނޑުމެންނަށް ހެދެމުންދާތަން ފެންނަމުން މިދަނީ. ވަރަށް މަދު ރަށަކަށް ނޫނީ އަޅުގަނޑަކަށެއް ނޭރޭ، އެރަށު ރައްޔިތުން މި ބަނދަރުގެ ފައިކަށި އަދި ވިހިފޫޓް އަރިއަށް ޖައްސާ، ދިގަށް ޖައްސާ، އެއްއަރިއަށް ޖައްސާ، އަނެއް ދިމާއަކުން ތަންކޮޅެއް ކޮނެލައި މިހެން ކޮންމެވެސް ގޮތެއް ހަދަން ނުޖެހި. ފަށައިގަނެވުނުއިރުގައިވެސް މިކަންކުރާން އަޅުގަނޑުމެންނަށް މިއުޅެވުނީ ގޯހުން ގޯހަށް. ރައްޔިތުންނާ މަޝްވަރާ ނުކޮށް.

އެހެންވީމާ، އަޅުގަނޑުމެން ދުށީ ރާއްޖޭގެ ރަށްރަށް ރަނގަޅަށް ތަރައްޤީކުރަން ވެއްޖިއްޔާ، ރަސްގެތީމުގެ ތަރައްޤީ، ޙަޤީޤީ ތަރައްޤީއަކަށް ބަދަލުކޮށް، ދެމެހެއްޓެނިވިގޮތުގައި އެކަން ކުރަންވެއްޖިއްޔާ ފުރަތަމަ އަޅުގަނޑުމެން ކުރަންވީ ކަމަކީ، ރަސްގެތީމު ރައްޔިތުންގެ އަޑު އެހޭނޭ ވެރިކަމުގެ ގޮތެކޭ ހޯދަން. ކިހިނެއްތޯއޭ ތިޔަބޭފުޅުން ދައްކަވާ ވާހަކަ ވެރިންނާ ހަމައަށް އަޑުއިވޭނެ ގޮތެއްވާނީ. ވަރަށް އުނދަގުލުން މިހާރު އަޑު އިވެނީ. މިއީ، އަދި އަޅުގަނޑުމެން ކަނޑައެޅިގެން އަޑުއަހަންވެގެން އުޅޭއިރުގައި. އަޅުގަނޑުމެންނަށް ފެނުނީ މިއަށްއޮތީ ދެ ފަރުވާއެކޭ އެއީ، ލާމަރްކަޒީ އުސޫލުން ސަރުކާރު، ދައުލަތް ހިންގުމާއި، ޑިމޮކްރަސީގެ ރުކުންތަކުގައި، ޑިމޮކްރަސީގެ ހަމަތަކުގައި، ސަރުކާރުން އަބަދުވެސް ހިފަހައްޓައިގެން ތިބުން.

ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ސަރުކާރުން މިހާރު މިދަނީ ކުރީގައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކުރަމުން އައި ކަންތައް، 7 ސަރަޙައްދެއްގައި، 7 ސްޓޭޓް މިނިސްޓަރުން ބައިތިއްބައިގެން 7 ތަނެއްގައި ކުރާގޮތަށް ހަމަޖައްސައިގެން. އެގޮތުން ތިލްމީޒާ އެއީ، މި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ ބޭފުޅާ. އަދި މިހާރު އެވަނީ ލާމަރްކަޒީ އުސޫލުން ދައުލަތް ހިންގުމުގެ ސަރުކާރު ހިންގުމުގެ ބިލް މަޖިލީހަށް ހުށަހަޅާފައި.

އަޅުގަނޑު މި މަޖިލީހަށް މި ބިލް ހުށަހަޅައިގެން އުޅޭއިރުގައި ވެގެންދިޔަގޮތާ ގުޅޭގޮތުންވެސް، ހަމަ ކޮންމެވެސް ވާހަކައެއް ދަންނަވާލަން ބޭނުންވޭ. މިއޮއްހާ ދުވަހު ޙަޤީޤަތުގައި ރަސްގެތީމުން ފުރައިގެން ބަޔަކު މާލެ ދިޔައީއްސުރެ، ކޮއިމަލާ، މާލެ ދިޔައީއްސުރެ، މާލޭގައި ވެރިކަމުގެ ބާރު އެއްކުރަމުން އަންނަތާ ކިތަންމެ ޒަމާނެއްވެއްޖެ. މިއީ، ރަސްގެތީމުގެ ތާރީޚަށް ބަލައިފިއްޔާ އައްސަތޭކަ އަހަރުވެއްޖެ. ރަސްގެތީމުން އެމީހުން ފުރިތާ ކިހާދުވަހެއްތޯވީ އަޅުގަނޑުމެން ބަލައިފިއްޔާ އަންދާޒާއަކަށް އަޅުގަނޑުމެންނަށް ފެންނާނީ، ގިނަވެގެން ނުވަސަތޭކައެއްހާ އަހަރު. އެވެރިން ރަސްގެތީމުން ގޮސް މާލެއަރައި، މާލޭގައި އޭރުގައި ބަޑަހަޖަހައިގެން ތިބި ގިރާވަރު ބަޔަކާ އިނދެ، މާލޭގެ އާބާދީ ފަށައިގަތީއްސުރެ، މާލެ އެ އަންނަނީ ޙަޤީޤަތުގައި ދުވަހެއް ދުވަހަކަށް މުޅި ރާއްޖޭގެ ހުރިހާ ބާރެއް އެއްކުރަމުން. މިދިޔަ އެއްހާސް އަހަރުގެ ދިވެހިރާއްޖޭގެ ތާރީޚަކީ މާލެ ބާރު އެއްކުރިގޮތުގެ ތާރީޚު. ރަސްގެތީމުން އެ ބާރު އަތުލިގޮތުގެ ތާރީޚު. ލާމަރްކަޒީ އުސޫލުން ހިންގާ ވާހަކަ އަޅުގަނޑުމެން މިދައްކަނީ މާލެއަށް އެއްކޮށްފައިއެވާ ހުރިހާ ބާރު، އެ އަތޮޅުތަކަށް ބަހާލެވޭނެ ގޮތެއް އެބައޮތްތޯއޭ.

އަޅުގަނޑުމެން އެ ބިލު ހަދާފައި މަޖިލީހަށް ހުށަހެޅީމާ މަޖިލީހުގައި އެބަތިއްބެވި އިނގޭތޯ އަދިވެސް 19 މެންބަރުން އެއީ، އެކަންކުރަންވީގޮތް ނޫންކަމަށް ދެކޭ. ހަމަ ތިމަންނާމެން އަތުގައޭ، އަޅުގަނޑުގެ މުއްދަށުގައި އަޅުގަނޑުގެ އަތުގައިވެސް ވަރަށް ބާރު އެބައޮތް. މިދެކެވެނީ ނޫންތޯ ހުރިހާ ވާހަކައެއް ސިވިލްސަރވިސްގެ މުވައްޒަފުންނާ އެހެން ތަންތަނުގެ ބޭފުޅުންނާ އެހުރިހާ ކަމެއްގެ ވާހަކަ. އަޅުގަނޑުމެންގެ އަތުގައި، ސަރުކާރުގައި އެބަހުއްޓޭ ހުރިހާ ކަމެއް ހަމަ ކުރީގައި އެކަން ހިނގަމުންދިޔަ ގޮތަށް ގޭގައި ބޭފުޅުން ބޭތިއްބުމާ، މިހެންގޮސް މިބާވަތުގެ ހުރިހާ ކަމެއް ކުރުމުގެ ބާރު. އަދި ދަންނަވަންތޯ ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އަޅުގަނޑު ތިޔަހެން ނުހައްދައްޗޭ، ތިޔަހެން ނުހަދައްޗޭ، ތިޔަހެނެއް ހަދައިގެން ނުވާނެއޭ ނުކިޔާނަމަ މިހާރު އޮންނާނީ އެކަންވެސް ކޮށްވެސް ނިންމާފައި. އަތޮޅުތަކުގައިވެސް ރަށްރަށުގައިވެސް. އަޅުގަނޑު ބޭނުމެއް ނޫން އެކަން އެހެން ކުރާކަށް. އަދި ބައެއް ބޭފުޅުން ވިދާޅުވޭ، ނަޝީދު ތިޔަހެން ހެއްދެވީމާ މިހެންވާނެއޭ، އެހެންވާނެއޭ، އަޅުގަނޑުމެންނަށް ތާއީދެއްވެސް ނުލިބޭނެއޭ، ކުރީ ސަރުކާރުގެ މީހުންނޭ އެތިބެނީ، އެމީހުން ވަރަށް ވަރުގަދަކޮށްނޭ އެތިބެނީ. އެމީހުންނެއް ދޫކުރާގޮތަކަށެއް ނޫނޭ އެތިބީ. އެހެންވީމާ، މިކަމަށް ގޮތެއް ހަދާށޭ.

ނޫން. އަޅުގަނޑުމެންނަށް ހަމަ ސީދާ ރައްޔިތުންގެ ރުހުން އަޅުގަނޑުގެ ނަޒަރުގައި ލިބޭނެ، ހޯދޭނެ. އަޅުގަނޑުމެން މިއުޅެނީ ރައްޔިތުންނަށް ބާރު ދޭން. އަނެއްބަޔަކު މިއުޅެނީ ހަމަ ޒަމާނުއްސުރެ ފަށައިގެން ވެރިންގެ އަތުގައި، މާލޭގައި ތިބި ވެރިންގެ އަތުގައި އޮތް ބާރު ހިފަހައްޓައިގެން ތިބެން. އަޅުގަނޑަކަށެއް ނުވިސްނޭ، އަޅުގަނޑެއް ނުދެކެން، މިރަށު ރައްޔިތުންނަކީ ރޯ ނުފިލާތިބޭ ބައެއްކަމަކަށް. އަދި ކޮޅެއް މެދެއް ނޭނގޭ ބައެއްކަމަކަށް. އަޅުގަނޑު ނުދެކެން ރާއްޖޭގެ އެއްވެސް ރަށެއްގެ ރައްޔިތުންނަކީ، ހެވާނުބައި ނޭނގޭވަރުގެ ބައެއް ކަމަކަށް.

އަޅުގަނޑު ދަންނަވަންއޮތް ވާހަކައަކީ، އަޅުގަނޑުމެންގެ އެންމެބޮޑު އެއް މަޝްރޫޢަކީ، ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް ލާމަރްކަޒީ އުސޫލުން ބާރު ދީގެން، ރައްޔިތުންނާ މަޝްވަރާކޮށްގެން މިރަށްރަށް، މިރާއްޖެ ތަރައްޤީކުރެވޭނެ ގޮތަކަށް ގެންދިޔުމޭ. އަޅުގަނޑުމެންގެ އެބައޮތޭ އެފިކުރު، އެވިސްނުން، އެ މަންޒަރު، އެގޮތް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަން ކޮށްދެވޭނެއޭ.

ރަސްގެތީމުގެ ނަރުދަމާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހަދާދެވޭނެ. އެކަން ކުރުމަށް އަޅުގަނޑުމެން މިތިބީ ވިސްނުމެއް، ގޮތެއް ރާވައިގެން. މީގެކުރީގައި އަޅުގަނޑުމެން ދެކިތިބީ ހުރިހާ ކަމެއް އެއީ، ސަރުކާރުގެ ބަޖެޓުން ކުރާ ކަންކަމޭ. އެހެންނޫނީ، އިންތިޚާބު ކައިރިވީމާ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ދީލަތި އެހީއެއްގެ ގޮތުގައި ވޯޓުލިބޭގޮތަށް ފަހިވާގޮތަށް ރަށްރަށަށް ޖަނަރޭޓަރެއް ދިނުން. ރަށެއްގެ ފަޅުކޮންނަން ފެށުން. އެހެން ނޫނިއްޔާ ކޯރުކޮޅެއް ކޮންނަން ފެށުން. މިބާވަތުގެ ކަންތައްތައް ކުރަން ފެށުން.

އަޅުގަނޑެއް އިރާދަކުރެއްވިއްޔާ އެ ދަށު ދަރަޖައަކަށް ނުދާނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަށް މަލާމާތް ކުރާކަށެއް ނޭދެން. އަޅުގަނޑެއް ތިޔަބޭފުޅުންގެ ޤަދަރާއި ޢިއްޒަތަށް އަރައިގަންނާކަށެއް ނޫޅެން. އަޅުގަނޑަށް އެނގޭ، ފައިސާއަށާއި އަދި މުދަލަށް މާއްދީ އެކިއެކި މުއްސަނދިކަމަށް، އިންސާނާ ހައްލުވާލެވިދާނެކަން. އިންސާނާއަކީ އުނި އެއްޗެއް. އެމީހާ، އިންސާނާ ހައްލުވާލެވިދާނެކަން. އެހެންނަމަވެސް، އެކަން ކުރާ މީހާއަކީ އަދި މާބޮޑަށް ނުލަފާ މީހެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އަޅުގަނޑެއް ނޫޅެން.

އަޅުގަނޑުމެން މިރަށަށް ނަރުދަމާއެއް އަޅަން އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ނަޒަރުގައި މިއީ މުހިންމު ކަމަކަށްވާތީ. މިރަށުގެ ރައްޔިތުންނަށް މިކަން ކޮށްދެވިގެން ނޫނިއްޔަކާއެއް މިރާއްޖޭގައި ހެޔޮގޮތުގައި ވެރިކަން ކުރެވެން ނެތުނީމާ. މިރަށުގައި ނަރުދަމާއެއް އެކަންޏެއް ނޫން އަޅުގަނޑުމެން ހަދާދޭން ބޭނުންވަނީ. އަޅުގަނޑު ޙަޤީޤަތުގައި މިރަށް ތަރައްޤީކުރަން ބޭނުންވަނީ، ރާއްޖޭގެ ބޮޑު ތާރީޚީ މަރްކަޒެއްގެ ގޮތުގައި. އެކަން ހިންގުމަށްޓަކައި އަޅުގަނޑު މިފަހަރު އިނގިރޭސިވިލާތަށް ދިޔައިރުގައި، އެރަށުގެ ކަމާބެހޭ ފަރާތްތަކާ އަޅުގަނޑު މަޝްވަރާ ކުރިން، ވާހަކަދެއްކިން، އެބޭފުޅުންނާއެކީގައި. އަޅުގަނޑުމެންގެ ތެރެއަކު ނެތް، ތާރީޚު ޢިލްމު ކިޔަވައިގެން ތިބި ހަތަރު މީހުންވެސް މުޅި ރާއްޖޭގައި. ތަނެއް ދޮރެއް މިކަމުގައި އެނގޭ ހަމަ ހަތަރު މީހުންވެސް މުޅިރާއްޖޭގައިވެސް ނެތް.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިކަމަށް ވަރަށްބޮޑެތި ގިނަ މަސައްކަތްކުރަން. އަޅުގަނޑު ބޭނުން މިރަށުގައި ތާރީޚު، ބާރައަށް ކިޔަވަން. އަޅުގަނޑު ބޭނުން، ކަރުދާސް ސަލާމަތް ކުރުމާއި އަދި މުސްކުޅި އާޘާރީ ޢިމާރާތްތައް މަރާމާތު ކުރުމުގެ ހުނަރު ދަސްކުރާ ސެންޓަރެއް މިރަށުގައި ގާއިމުކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރަށުގައި އެކަން ކުރާނަން.
އަޅުގަނޑުމެން މި ބުނާ ކަންކަން، އަޅުގަނޑުމެންނަށް ފެށުނީއްސުރެ ފަށައިގެން ދައްކަމުން އައި ވާހަކަތައް، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅާލުން. މިއަދު އަޅުގަނޑުމެންނަށް އަދި މާ ޔަޤީން، އެކަން ފަސޭހަ ގޮތުގައި ކުރެވެން އޮތްކަން. އަޅުގަނޑުމެން މި މަސައްކަތް ދިވެހިރާއްޖޭގައި ކުރަން ބޭނުންވެއޭ، ކޮށްދޭ ކޮންމެ މީހަކަށް ގެސްޓްހައުސް ހަދަން ބިން ދޭނަމޭ. އަޅުގަނޑުމެން އެއްބަސްވާ އަގެއްގައި އެއްތަނުން އަނެއް ތަނަށް ގަވާއިދުން، ރަސްގެތީމުން ފުރައިގެން ހަމަ މިއަތޮޅު ހުރިހާ ރަށަކަށްވެސް ކޮންމެ ދުވަހަކުވެސް ދެފަހަރު ތިންފަހަރު ދެވޭގޮތަށް ނިޒާމެއް ހިންގާދޭނެ ބަޔަކު އަޅުގަނޑުމެން އެބަ ހޯދަމޭ. ދިވެހިސަރުކާރުން ދެވޭނެ އެއްޗަކީ، ގެސްޓްހައުސް ހަދަން ބިމޭ. އެހެން ބުނީމާ އެކަން ކޮށްދިނުމަށް ބާރަ ފަރާތަކުން އައިސް އެބަތިބި. އޭގެތެރޭގައި ދުނިޔޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމު އެންމެ ރަނގަޅަށް ހިންގާ ދެފަރާތް އެބައޮތް.

އަޅުގަނޑަށް ޔަގީން. އަޅުގަނޑުމެން ހީކުރީ އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކަކީ ވައްލަ ބިސް އަޅަން އެކަނި ރަނގަޅު ރަށްތަކެއްކަމަށް، މިގޮނޑުދޮށްތަކަކީ. އެކަމު މާފަހުން މިއެނގުނީ މިއީ ރަންބިސްއަޅާ ކުކުޅުތަކެއްކަން. އަޅުގަނޑުމެންނަށް މިރާއްޖޭގެ މުއްސަނދިކަމާއި މިރާއްޖޭގެ ތަނަވަސްކަން ހެޔޮގޮތުގައި ބޭނުންކޮށްގެން ރާއްޖޭގެ ތަރައްޤީއަށް މަގުފަހިކުރެވިދާނެ. ދެންވެސް އޮތް ރަށާއި، ދެންވެސް އޮތް ރިޒޯޓް އެއީ، ތިމަންނާގެ އެންމެގާތް ތިމާގެ މީހުންނަށް، ތިމަންނާގެ ރަށްޓެހިންނަށް، ނުވަތަ ތިމަންނާގެ ވެރިކަމުގެ ބާރު ދެމެހެއްޓުމަށް އަޅުގަނޑު އެރަށްރަށް ދޫކޮށްލަން ފަށައިފިއްޔަކާއެއް، އެ މުއްސަނދިކަން ފޮތިފޮތިކޮށް ބަހާލަން ފަށައިފިއްޔަކާއެއް، ރާއްޖެ ތަރައްޤީއެއް ނުވާނެ. ތިޔަބޭފުޅުންގެ ނަރުދަމާއާ ގުޅުވާފައި ދޭނެ ބިމެއް، ދޭނެ މުއްސަނދިކަމެއް ނޯންނާނެ. ތިޔަބޭފުޅުންގެ މަދަރުސާއާ ގުޅުވާފައި ކޮށްދެވޭކަމެއް ނޯންނާނެ އެހެންމީހަކަށް. އަދި ތިޔަބޭފުޅުންގެ ބަނދަރާވެސް، ތިޔަބޭފުޅުންގެ އެންމެހާ ކަންކަމާ ގުޅުވާފައި ދޭނެ މުއްސަނދިކަމެއް މިރާއްޖެއަކު ނޯންނާނެ، އެ މުއްސަނދިކަން އަޅުގަނޑުމެން ބޭނުންކުރަނީ އެގޮތްގޮތަށް ކަމަށްވަނީވިއްޔާ.

އަޅުގަނޑުގެ ވަރަށްބޮޑު ބޭނުމެއް. އަޅުގަނޑުމެންނަށް ވަރަށްބޮޑުކޮށް އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް، ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުމަކީ. އިރާދަކުރެއްވިއްޔާ އެކަން އެދަނީ ވަމުން. އަޅުގަނޑު ދަންނަވާނީ، މިއަހަރުގެ ފަހުކޮޅު ރަސްގެތީމުން ފުރައިގެން ވަޒީފާއަކަށް ގޮސްފައި ހަމަ އަލުން އަނބުރާ އެދުވަހު ރަސްގެތީމަށް އާދެވޭނެއޭ. އަނބިދަރިންނާއެކީގައި އުޅެވޭނެއޭ. ރޭގަނޑު ނިދަން ގެއަށް އާދެވޭނެއޭ. ޢާއިލާ ނުރޫޅި ހިފެހެއްޓޭނެއޭ.

އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، މަންމައާއި ބައްޕަ ދެމަފިރިންނާއެކީގައި ދަރިފުޅު ބޮޑުނުކުރެވޭކަން. އަދި ދެމަފިރިންގެ ލޯބި ފާޅުގައިވެސް ފެންނަންވެސް ނެތްކަން. ވަގުތު ނެތީމާ. އަޅުގަނޑުމެން އެދެން. ހަމަ އަޅުގަނޑުމެން ވަރަށްބޮޑަށް އެދެން. ޢާންމު ރައްޔިތުންނަކީ އުފަލުގައި އުޅޭ ބަޔަކަށްވާން. ހަފްތާވެސް ނިންމާފައި އަރާމުވެސް ކުރަން. ރަށުގައި ބަންދުވެގެން މިއުޅޭ ހާލުގައި ތިބެ ވަރަށް އުނދަގޫވާނެ އަޅުގަނޑުމެންނަށް އެކަންކުރަން. އޭނައާއި މީނައާއި އޭނަގެ ވާހަކަ ދައްކަދައްކާ ހަމަ ތިބެން ނޫންތޯއޭ ޖެހޭނީ، އެންމެ ބޮޑުވަރަށްވެސް ދެވޭނީ މިގޮނޑުދޮށާ ހަމައަށް. ދެން ހަމަ އޮންނާނީ މޫދު. އަޅުގަނޑުމެންނަށް މިރަށު ބަންދުގެ ހާލަތުން ނެއްޓުވެންޖެހޭނެ. ނެއްޓުނީމާ، އަޅުގަނޑުމެންގެ ވިސްނުންވެސް، މިރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅު ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވިސްނުން ގެންދެވޭނެ. ގެންދެވުނީމާ އަޅުގަނޑުމެންނަށްވެސް ހަމަ އިންސާނުންގެ ގޮތުގައި ތެދުވެ ރިވެތި ދިރިއުޅުމެއް ރާވައިގެން އުޅެން ފެށޭނީ.

އަޅުގަނޑު ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ހަމަ ގިނަ ކަންކަން މިހާރުން މިހާރަށްވެސް އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އަޅުގަނޑުމެންނަށް ތިބޭފުޅުން އެބަ އެދިވަޑައިގަންނަވާ، ދޯނިއެހެލާތަނެއް މިރަށުގައި ގާއިމުކުރަން ނުވަތަ އެކަމުގެ ފަސޭހަކަން އަންނަން، އަޅުގަނޑަށް އަޑުއިވިފައި އޮތް ގޮތުގައި. ތިޔަބޭފުޅުން އެބަބޭނުންފުޅުވޭ މަދަރުސާގެވެސް އަދި ލެބޯރެޓަރީއެއްވެސް އަޅުގަނޑު ހިތުން އިތުރުކުރަން. އަދި މަދަރުސާގެ ލައިބްރަރީއެއްވެސް، ތިޔަބޭފުޅުން އެބައެދިވަޑައިގަންނަވާ ރަނގަޅުކުރަން. އެހެންވީމާ، އަޅުގަނޑުމެން އެކަންކަން ކޮށްދޭނަން. ސަރުކާރު މިއޮންނަނީ އެކަންކަން ކުރުމަށްޓަކާ.

އަޅުގަނޑު ހަމަ އެކަނި އަޅުގަނޑުމެން މަޑުކޮށްލައިގެން ނުވަތަ އަޅުގަނޑުމެން ބޭނުންވާކަމަކީ، ކޮންމެ ކަމެއްކުރާއިރުވެސް ތަރުތީބަކުން ކުރުން. ކޮންމެ ކަމެއް ކުރާއިރުގައިވެސް އެއީ ކާކު؟ ކީއްކުރަން؟ ކޮންއިރަކު؟ ކިހިނެތް؟ ކުރާ ކަމެއްތޯ އަޅުގަނޑަށްވެސް އެބަ އެނގެންޖެހޭ. އަޅުގަނޑު އިހަކަށްދުވަހަކު ރަށަކަށް ދިޔައިރުގައި ސައުވީސްގަޑިއިރު ބާރަ އެއަރކޮންޑިޝަން ކޮޓަރިއެއްގައި ޖައްސާފައި އެބަހުރޭ. މީގެ ބޭނުމަކީ، އިންޖީނުގެއަށް ފައިދާވުން. އެއަރކޮންޑިޝަން ހުހަށް ޖައްސައި ބަހައްޓައިގެން އިންޖީނުގެއަށް ފައިދާވީމާ، އޭނާގެ ކަރަންޓް ބިލް ޙަޤީޤަތުގައި ލުއިވަނީ. ދެން އަޅުގަނޑު ހިތަށް އެރީ ކާކުބާވައޭ ކުށްވެރިއަކީ. އޭނަ އެބަ ކަރަންޓް ޔުނިޓަކަށް ހަތްރުފިޔާ، ޢާންމު މީހާ ހަރުފިޔާ އެބަ ދައްކަންޖެހޭ. ދެން އެ ލުއިކުރެވެން އޮތް ގޮތަކީ، ސަރުކާރަކުން މިކަމަކާ އަޅައެއްނުލި. އެހެންނަމަވެސް ސަރުކާރަށް އެބަ މަޖުބޫރުވޭ، ރަށު މަދަރުސާއަށް ކަރަންޓު ބިލު ދައްކަން. ދެން އެއްކަލަ ލައިބްރަރީގެ ތިޔަ ވިދާޅުވި، ލައިބްރަރީގައި ހުރޭ އެއަރކޮންޑިޝަން ބަހައްޓާފައި. ސައުވީސްގަޑިއިރު އެޖެއްސިޖެއްސީނުން އިންޖީނުގެއަށް ފައިދާވީމާ، ރަށު ރައްޔިތުންނަށް އެބަ އެއިން ފައިދާވާކަމަށް އެކަން ކުރި ބަޔަކަށް ވިސްނޭ.

އަޅުގަނޑުމެން ބޭނުން، ކަމެއް ކުރަނީ ކީއްކުރަންތޯ ކޮންބޭނުމަކަށްތޯ އަޅުގަނޑުމެންނަށްވެސް އެނގެން، އަޅުގަނޑުމެންވެސް ބަލަން. އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންނާ މަޝްވަރާކުރަން. ކޮށްގެން ކަންކަމުގެ ޙައްލު ހޯދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިދެންނެވި ކަންކަން ޚާއްޞަކޮށް އެއީ، ތިޔަބޭފުޅުންގެ ނަރުދަމާއާ ތިޔަބޭފުޅުންގެ ބަނދަރު މަރާމާތުކުރުމާ އަދި ލައިބްރަރީއަށް ބޭނުންވެގެން ތިޔައުޅުއްވާ ކަންތަކާ، ދެން އަޅުގަނޑު ހިތުން ބޯޅަދަނޑުވެސް އޮންނާނީ، އަޅުގަނޑަށް ޔަޤީން ބޯޅަދަނޑު އޮންނާނީ ފަސް އެއްވަރުކުރަންޖެހިފައިކަން. އެއީ، އަބަދުވެސް އޮންނަ ގޮތް. ޤަބުރުސްތާނުގައިވެސް ހުންނާނީ ވަށާފާރު ރާނަންޖެހިފައި.

ދެން ފައިކަށި ހަމަ ގައިމުވެސް އޮންނާނީ އެއްއަތަކަށް ޖައްސަންޖެހިފައި. އެހެންނޫނީ، ފަސްދޮޅަސް ފޫޓަށް ދަމާލަންޖެހިފައި، ފައިކަށި އޮންނާނީ. ފައިކަށީގެ މައްސަލައިގައި އަޅުގަނޑަށް ހަމަ ވަރަށްބޮޑަށް ޔަޤީން. އެއްވެސް ފައިކައްޓެއް ނެތް ފަސްދޮޅަސް ފޫޓަށް ދަމާލަން ނުޖެހި، އެހެން ނޫނިއްޔާ އެއްވެސް ބަނދަރެއްވެސް ނެތް، އެނޫންގޮތަކަށް ވިސްނާފައި ހަދާފައެއް. ދެން އަދި ފައިކަށި ދަމާލަން އެދިވަޑައިގަންނަވާ ބޭފުޅުން، މި އެދިވަޑައިގަންނަވަނީ، ދަމާލީމާ ހުޅަނގުގެ ބޮޑުބާނި ބަނދަރުތެރެއަކަށް ނުވައްދާނެއޭ. ދެން ވައްދާނެ އެކަމަކުވެސް. ދަމާލާނީއޭ. އެމީހުންނަށްވެސް އެނގޭ ވައްދާނެކަން. އަދި އެވަރަކުން ނުފުދޭނެކަން. މިއޮތީ ކަނޑައެޅިގެން ގޯސްކަމެއްކަން ކޮށްފައި. ބަނދަރެއް ނޯންނަންވީ ތަނެއްގައި ބަނދަރެއް ހަދާފައިކަން މިއޮތީ. މިތަނަށް ފައިކަށްޓާ އަނެއް ކައްޓާ ޖެއްސަސްވެސް ދެނެއް ހެދޭނެ އެއްޗެއް ނެތްކަން. އެންމެންނަށްވެސް އެނގޭ މިކަން. ދެން ހަމަ ކީއްތޯ ކުރާނީ. ވީވަރެއް ކުރަން ޖެހޭނީ. މިއޮތީ މިގޯސް ހެދިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ފައިކަށިތައް ދަމާނަން.

އަޅުގަނޑުމެންނެއް ޙަޤީޤަތަކު ނޫޅެން ނޭނގިގެނެއް. ތިޔަބޭފުޅުންގެ ބޭނުންތައް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑު މިރަސްގެތީމަށްވެސް މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އަހަރުދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް މިއައީ. ވަރަށް މަދުވާނެ ރާއްޖޭގެ ރަށެއް އަޅުގަނޑުވެސް ނުދާ، ނުފެންނަ. އަޅުގަނޑަށް ފެންނަ ފެނުމުގައި މިރަށް މިއީކީއެއް ރާއްޖޭގެ ރައްޔިތުންނަށް ހަނދާން ނައްތާލައިގެން ތިބެވޭނެ ބާވަތުގެ ރަށެއްނޫން. ދެން މިރަށުގައި ހުރެގެން މިވާހަކަ ދެއްކީމާ، ގޯސްގޮތެއް އެހެން ނޫނިއްޔާ އެހެންކަހަލަ އުނިގޮތެއް ވެދާނެ. އެކަމަކުވެސް ދަންނަވަން އޮތް ވާހަކައަކީ، ދިވެހިރާއްޖެ، ދިވެހިރާއްޖެއަކަށް ވެފައި އޮންނަނީ މިރަށުގެ ވާހަކައިންނޭ. ޤައުމެއް ކީއްވެތޯ އަޅުގަނޑުމެން މިއަހަނީ، ކެލައިން އައްޑުއަށް މިއުޅޭހާ މީހުން، ތިމަންނާމެންނަނީ އެއް ޤައުމެއްގެ ބައެކޭ ކިޔައިގެން މިއޮތްހާ ދުވަހު މިއުޅުނީ. ފަނަރަހާސް ދެހާސް އަހަރު ވެއްޖެ އެގޮތަށް ތިބިތާ. ދެން އޭގެތެރެއިން އެންމެ ފަހުން މިދިޔަ ހަތްސަތޭކަ އަހަރު މިދިޔައީ އިސްލާމްދީނުގައި. އޭރުގައި ހަމަ އައްޑޫން ކެލައަށް ހަމަ ހުރިހާ އެންމެން، އިސްލާމުންގެ ގޮތުގައި މިތިބެނީ. ކީއްވެގެންތޯ މިގޮތަށް މިތިބެނީ. ތިބޭ އެއްސަބަބަކީ، ޙަޤީޤަތުގައި އެއްވާހަކައެއް އެންމެންވެގެން ކިޔާތީ.

ކޮއިމަލާ ވާހަކައިގެ ގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގައި އެވާހަކަ ކިޔަމުން މިއައީ. އެއް ވާހަކައެއް އެންމެން ކިޔާތީވެ އެވާހަކަ އެއީ، އަޅުގަނޑުމެންގެ ޤައުމިއްޔަތަކީ. އެ ވާހަކަ އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި ހިފަހައްޓާފައި މިއޮންނަނީ. އެހެންވީމާ، މިވާހަކަ ނުކުތް ރަށް ނުވަތަ ވާހަކައިގެ ވަރަށްބޮޑު ފެށުމެއް އޮތީ މިރަށުގައި. އަޅުގަނޑުމެން އެބަޖެހޭ ތާރީޚީގޮތުންވެސް ބަލަން ތާރީޚީ ގޮތުންވެސް ހޯދަން. އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. ދެން މިކަންތައްތައް މި ހުރިހާ މަސައްކަތަކާ އަދި އަޅުގަނޑުމެން މި ބޭނުންވާގޮތަށް އަޅުގަނޑުމެންގެ މި ވިސްނުމާއި އަޅުގަނޑުމެންގެ މި މަންޒަރާ، މި ރާއްޖެ ބަދަލުވާއިރުގައި އަޅުގަނޑުމެން މިދެކެނީ، ތިޔަބޭފުޅުން ބޭނުންފުޅުވާ ކިތަންމެ ކަމެއް ފަސޭހަގޮތުގައި ވާނެއޭ. މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި މި ހުކުރު މިސްކިތުގެވެސް ތިޔަބޭފުޅުން އެބަ ބޭނުންވޭ މަސައްކަތްތަކެއް. މިހުރިހާ ކަމެއް ކަނޑައެޅިގެން އެނގިގެން ބަޔަކު ފަހާ ދުވަން ނުޖެހި،ާ ރީތިގޮތުގައި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އަޅުގަނޑުމެން މިއަހަނީ. އަޅުގަނޑުމެންނަށް ފެންނަނީ ޖަވާބަކީ ޑިކޮކްރަސީއޭ. އެއީއޭ، މިރާއްޖެއަށް ލިބޭ ހުރިހާ އެއްޗެއް ހަމަހަމަގޮތުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ ނިޒާމަކީ.

އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ މި ދައުލަތަށް، ސަރުކާރަށް ލިބޭ ކޮންމެ ފައިސާފޮއްޗަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާ. އަޅުގަނޑުމެންނާ ސަރުކާރާ ޙަވާލުކޮށްފައި މިއޮތީ އަމާނާތްތެރިކަމާއެކީގައި އެ ފައިސާ ހަމަހަމަގޮތުގައި ރައްޔިތުންނަށް ބޭނުންކުރުމޭ. އަޅުގަނޑަކަށެއް ނެތް، އެއްވެސް ހާލެއްގައި އެއަށް ޚިޔާނާތްތެރިވެވޭކަށް. އަޅުގަނޑު މިކަންކުރަން މިހުންނަނީ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްގެން. އަދި ހަމަ ތިޔަ ހުރިހާ ބޭފުޅުންގެ ކުރިމަތީގައި. އެއްވެސް ޙާލެއްގައި ޚިޔާނާތްތެރިވެވޭކަށް ނުވަތަ ނުހަމަ އެއްވެސް ގޮތެއް ހެދޭކަށެއް އަޅުގަނޑަކަށެއް ނެތް. އަދި އަޅުގަނޑުމެން ގަސްދުކުރާ ގޮތެއްވެސް ނޫން އެއީކީ.

އަޅުގަނޑު ދަންނަވާލަން އެކަމަކު ބޭނުން، އަޅުގަނޑަކީ، މިހާރު މިރާއްޖޭގައި މިއޮތް ޤާނޫނުއަސާސީ ދަމަހައްޓަންޖެހޭ އެކަކު. އެ ޤާނޫނުއަސާސީ، ތިޔަބޭފުޅުންނަށް އަހުލުވެރިކުރުވުން އެއީ، އަޅުގަނޑުގެ އެއް ވާޖިބު. މިހެންވާއިރުގައި، މި ޤާނޫނުއަސާސީއަކީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ތަޢާރުފުކޮށް ނަގަހައްޓާ ޤާނޫނުއަސާސީއެއް. އަޅުގަނޑަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޓޭޓުގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކާމިޔާބުވި ރައީސުލްޖުމްހޫރިއްޔާ. އެއްވެސް ބޭފުޅަކަށް ނޯޅޭނެ، އަޅުގަނޑަކީ ކޮން ޕާޓީއެއްގެ މީހެއްކަން. އަޅުގަނޑަކީ އެމް.ޑީ.ޕީ.ގެ މީހެއް. އަޅުގަނޑުގެ ސަރުކާރު، އަޅުގަނޑުމެންގެ ސަރުކާރު އަޅުގަނޑުމެންނަށް ހިންގޭނީވެސް އެމް.ޑީ.ޕީ.އަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތީމާ. އެއީކީއެއް ދެން ވާދަވެރި ފަރާތްތަކުން ވާހަކަ ދައްކަވަން ޖެހޭނެ. ހަމަ ކޮންމެ ވާހަކައެއްވެސް ދައްކަވަންވީ. ކޮންމެފަދަ އެއްޗެކޭވެސް ކިޔުއްވަންވީ. އަޅުގަނޑަށް ފުރައްސާރަވެސް ކުރަންވީ. ހަޖޫވެސް ޖަހަންވީ. މަލާމާތްވެސް ކުރަންވީ. އަޅުގަނޑެއް ނުބުނާނަން އެއްޗެކޭ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މީގެކުރީގައި ތިޔަބޭފުޅުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަން ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ބަސްތައް ބުނާންވެސް ޖެހިލުންވާނެ. އަޑުގަނޑަށްވެސް އެވަރުކޮށްލެވޭނެ. ހަމައެއްވެސް ކަމެއް ނޫން އެއީކީ. ހަފްތާއެއްގެ ތެރޭގައި އެކަން ހަދާލެވިދާނެ، މުޅި ރާއްޖޭގައި. މިއީކީ އެ ސަރުކާރެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުން ދޫކޮށްލުން، މިނިވަންކުރުން. އަޅުގަނޑުމެން ދަސްކޮށްދެވޭތޯ މިބަލަނީ ޑިމޮކްރަސީގެ އުސޫލުތައް. އަދި އަޅުގަނޑެއް ނުދަންނަވަން، އޭގެތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރޭގައި ދޮގުވާހަކަ ފެތުރުން އެއީ، އަސާސީ ކަމެއް ކަމަކަށް. އެހެންނަމަވެސް، ޑިމޮކްރަސީގެ އެއްކަމަކީ، ހިތުހުރި ވާހަކަތައް ދައްކަމުން ދެވޭގޮތަށް އެކަން އޮތުން. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑު ހަމަ އެންމެބޮޑަށް ގަބޫލުކުރަނީ، ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެއޭ ތެދާއި ދޮގު. އަޅުގަނޑެކޭ މިވެނި މީހެކޭ، އެވެނި އެއްޗެކޭ އެހެން ކިޔައިގެން އަދި ދެއްކިއަކަސް އެއީކީއެއް މާބޮޑު މައްސަލައެއް ނޫން.

އަޅުގަނޑުމެން ކޮންމެގޮތެއްވިޔަސް އެހެންނަމަވެސް، އެބަޖެހޭ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އަޅުގަނޑުމެން ހޯދަން. އެ އަޣްލަބިއްޔަތު އަޅުގަނޑުމެންނަށް ލިބުނީމާ ދަތުރުފަތުރުކުރުމުގެ ނިޒާމުވެސް، އެއްވެސް ކަމެއްވެސް ސަރުކާރަށް ކުރެވެން އޮތީ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެއްބާރުލުން ލިބިގެން ނޫނިއްޔަކާއެއް އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެންގެ މަސައްކަތެއް އަޅުގަނޑުމެންނަކަށް ނުކޮށްދެވޭނެ. މީގެ އަނެއް ކޮޅަކީ، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބުނަސް ނެތަސް އަޅުގަނޑު ހުންނާނީ ވެރިކަމުގައި. މިވެރިކަމުން މި ފަސްއަހަރު އަޅުގަނޑު ބޭލޭނެ ހަމަ އެއްގޮތެއްވެސް ނެތް ޤާނޫނީގޮތުންނެއް. ޤާނޫނާ ޚިލާފަށް އަދި އަމުދުން އަޅުގަނޑެއް ނުބޭލޭނެ.

މި އިންތިޚާބަކީ، މިދަންނަވަނީ، އަޅުގަނޑުގެ ވެރިކަމާ ކުޑަކޮށްވެސް ގުޅުންހުރި ކަމެއް ނޫނޭ. މި އިންތިޚާބަކީ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމާ ގުޅުންހުރި ކަމެކޭ. އަޅުގަނޑު ދެކެ ރުޅިއަރައިގަތަސްވެސް، އަޅުގަނޑެއް ތިޔަބޭފުޅުން ދެކެއެއް ރުޅިއެއް ނާންނާނެ. އަޅުގަނޑަށް ހިތްބަރުކުރިޔަސްވެސް އަޅުގަނޑު ތިޔަބޭފުޅުން ދެކެ ލޯބިވުން ހުއްޓައެއް ނުލާނަން. އަޅުގަނޑެއް ތިޔަބޭފުޅުން ދެކެއެއް ރުޅިއެއް ނާންނާނެ. އަދި އަޅުގަނޑެއް ސަރުކާރު މުވައްޒަފަކަށް އެވެނިކަމެއް ކުރަން މިވެނިކަމެއް ކުރަން، އަޅުގަނޑަށް އެނގޭ އެ މުވައްޒަފުން އަދި ނަގާނެކަން ވިހި ފަންސަވީސް އަހަރު ތައްގަނޑުން ނެއްޓެން. އަދި އަޅުގަނޑާ ދޭތެރޭ ހިތްހަމައެއްވެސް ނުޖެހޭނެ. އަދި އަޅުގަނޑޭ ކިޔައިގެން ކޮންމެފަދަ ވާހަކައެއްވެސް ދައްކަވަންވީ. އަޅުގަނޑު އުންމީދުކުރަން އެހެންނަމަވެސް، އެބޭފުޅުންނަކީ ޒިންމާދާރު ބޭފުޅުން. އަދި މިހާރު ބައެއް ބޭފުޅުން މިހާރު ކިޔަނީވެސް ޒިންމާދާރު ބޭފުޅާ. ސިވިލް ސަރވިސްގެ ވަކިވަކި މަގާމުތަކުގައި ތިއްބަވާ ޒިންމާދާރު ބޭފުޅާ. އަޅުގަނޑު އުންމީދުކުރަން އެބޭފުޅުން ޒިންމާ އުފުއްލަވާނެ ކަމަށް. އެ ޒިންމާ އުފުއްލެވުމުގައި އެއީ، ޕާޓީ ސިސްޓަމްގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވެދެވަޑައިގަންނަވައި، އަޅުގަނޑުމެން މި ޢައްޔަންކުރާ ކައުންސިލަރުގެ މައްޗަށް އަތްގަދަ ކުރުމުގެ އުންމީދުގައި.

ބައެއް ބޭފުޅުން ވިދާޅުވެދާނެ އިންތިޚާބު ނިމުނީމާ، އަޅުގަނޑުމެންނަށް ކާމިޔާބު ލިބުނީމާ، އަލުން އަނބުރާ ތިޔަބޭފުޅުންނޭ ވެރިކަމަށް، ރަށްރަށުގެ ވެރިކަމަށް އަތޮޅުތަކުގެ ވެރިކަމަށް އަންނާނީ. އެހެނަކުން ނޫން، ރާއްޖޭގެ ސިޔާސީ ނިޒާމު އޮތީކީއެއް. އަދި އެހެނަކުން ނޫން، މިހާރު ވެރިކަމުގައި ހުރި މީހާ ހުރީކީވެސް. ވަރަށް އުނދަގޫވާނެ، އަޅުގަނޑު ފަހަށް ޖައްސާލާފައި ދާން. އެއްވެސް މީހަކަށް. އަޅުގަނޑުމެން މިހިސާބަށް އައިސްފައިމިތިބީކީއެއްވެސް ނިދާފައި ތިބެގެނެއް ނޫން. އަޅުގަނޑުމެންގެ ވިސްނުމެއް އޮވެގެން، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންތައްތަކެއްގެ، އަޅުގަނޑުމެންގެ އުންމީދުތަކެއްގެ ވާހަކަ ދައްކަމުން އަޅުގަނޑުމެން އައީ. އަޅުގަނޑުމެން ދެންވެސް ދައްކަން ބޭނުންވަނީ، އެ އުންމީދުތަކުގެ ވާހަކަ. އެ މުސްތަޤްބަލުގެ ވާހަކަ. މިރަށަކީ، ރަސްގެތީމަކީ، މިފަހަރު މަޖިލީހުގެ ގޮނޑިއެއްގެ ގޮތް ނިންމާނެ ރަށެއް. އެހެންވީމާ، ވިސްނައިގެން އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން މިކަން ކުރައްވާނެކަން. ވިސްނަވައިގެން ކުރައްވާނެކަން.

މާގިނައިރު ކުރާކަށް އަޅުގަނޑު ނެތިން. އަޅުގަނޑުމެންނަށް ހުކުރުގަޑިވެސް ޖެހެނީ. ދެން ޖުމްލަކޮށް ދަންނަވަންޏާ މާބޮޑު ތަޤްރީރުތަކެއް ކުރާކަށެއް ނޫން. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާއެކީގައި، އަޅުގަނޑުމެން ކަންކަން ކުރަހަރޭ. ދެން ނުކުރެވޭ ތަންތަންވެސް އަންނާނެ. ލަސްވާފަހަރުފަހަރުވެސްދާނެ. އަވަސްވާ ފަހަރުފަހަރު ތިޔަބޭފުޅުން ހަނދާނެއް ނުހުންނާނެ. މިހާރު ހަނދާނެއް ނެތް އިނގޭތޯ، ހަމަ ވަރަށް ގިނަ ކަންކަން ހަނދާނެއް ނެތް. ފަސްދޮޅަސް ފަސްއަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް އަޅުގަނޑުމެން އެބަދެން ދެހާސް ރުފިޔާގެ ޕެންޝަނެއް. ދެން ބައެއް ބޭފުޅުންނަށް އެ ފޯމް ފުރުމުގެ ކޮންމެވެސް ގޯހެއް ވެގެން، އަނެއް ކަމެއް ވެގެން، ކޮންމެއަކަސް އެބަދެވޭ ބާރަހާސް މީހުންނަށް. އެބަ ގެންދޭ ބާރަހާސް މީހުން. އެހެންވީމާ، ކޮންމެވެސް ބަޔަކަށް އެބަދެވޭ.

އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، އަޞްލުގައި މިކަންކަމުގައި އަޅުގަނޑުމެން އުޅޭއިރުގައި ނުވާ ކަންކަން އެކަނި އަޞްލު ހަނދާންވާނީ. އެއީ، ރަނގަޅުވެސް ގޮތް. ކަން އޮންނާނެވެސް ގޮތް. އެކަންކަން އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވަނީވެސް. ދެން އަޅުގަނޑު އެކަމަކު ދެކެނީ، ވެފައި ހުރި ކަންތައްތަކުން ރަނގަޅުވާ މީހާ އެކަން ބަލައިގަންނާނެއޭ. އެކަން ދެނެގަންނާނެއޭ. އަޅުގަނޑުމެނެއް ނުކުމެ ދުވާކަށް ނުޖެހޭނެއޭ އެހެން ކިޔަމުންނެއް. އަޅުގަނޑުމެން ދުށީ ފަސްދޮޅަސްފަސް އަހަރުން މަތީގެ ދޮށީ އުމުރުގެ ދިވެހި ރައްޔިތުންނަކީ، ޕެންޝަނެއް ޙައްޤު ބައެއް ކަމަށް.

އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލަމުން އައިއިރުގައި އަބަދުވެސް ފެންނަމުން ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަފުޅު އެހާބޮޑުކުރެއޭ. ވަޒީރު ބޭފުޅުންގެ މުސާރަފުޅު، ސަރުކާރު މުވައްޒަފުންގެ މުސާރަފުޅު ހުރިހާ ބޭފުޅުންގެ މުސާރަތައް ބޮޑުވަމުންދަނީ. އެހެންނަމަވެސް، މިމުސާރަތައް ބޮޑުކުރުމުގައިވެސް އަޅުގަނޑުމެންނަށް ރާއްޖެއަށް އާމްދަނީއެއް ލިބުމުގައިވެސް އެއްވެސް ކަމެއްގެ ބިންގާ ޙަޤީޤަތުގައި އެޅިފައިހުރީ، މިއަދު ޢުމުރުން ފަސްދޮޅަސް ފަސް އަހަރަށްވުރެ މަތީގެ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން. އެހެންވީމާ، ރާއްޖޭގައި އެއްޗެއް އަޅުގަނޑުމެން ބަޔަކަށް ދޭއިރުގައި އެންމެ ޙައްޤީ ކޮންބަޔަކަށްތޯ ބަލާއިރުގައި އަޅުގަނޑަށް ވަރަށް ޙައްޤު ބައެއް އެއީ. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތްކޮށްގެން އެކަން މިއޮތީ އެކުލަވާލެވިފައި. އެކަން މިހާރު މިދަނީ ހިނގަމުން.

އަދި ހަމަ އިރާދަކުރެއްވިއްޔާ ބޭސް ސިޓީއަށް ސަލާންޖެހުން ފުހެލުމަށްޓަކައި އަޅުގަނޑުމެން އެބަ ކޮންމެ ރައްޔިތަކުވެސް އިންޝުއަރެންސް ކުރެވޭތޯ ބަލަން. މިބުނާ އެއްޗެއްގެ މާނައަކީ، ސަރުކާރުން ދެނީ ތަނަކަށް، ކުންފުންޏަކަށް ކޮންމެ މަހަކު ދެހާސްރުފިޔާ ކޮންމެ ބޮލަކަށް. ދެން އެންމެން ތިބެނީކީއެއް ބަލިވެއެއް ނޫނެއްނޫންތޯ. އެހެންވީމާ، ބަލިވާ މީހުންނަށް، ބަލިނުވާ މީހުންގެ ފައިސާ، ދެހާސް ރުފިޔާއިން ބޭނުންކޮށްގެން އެ ކުންފުނިން، އިންޝުއަރަންސް ކުންފުނިން ޑޮކްޓަރަށް ޚަރަދުކުރަނީ. އެއީ، އަޅުގަނޑުމެން މިބުނާ އިންޝުއަރެންސްގެ އުސޫލަކީ. އެގޮތަށް އަޅުގަނޑުމެން ހެލްތް އިންޝުއަރެންސް ސްކީމެއް މަޝްރޫޢެއް ރާވައިގެން ހިންގަމުން މިފަށައިގެން މިދަނީ. މިހާރުވެސް ތިބީ ކޮންމެވެސް މިންވަރަކަށް، މީހުން އެ ސްކީމުގެ ތެރޭގައި ހިމެނިފައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން މުޅި ރާއްޖެއަށް މި ކުރިޔަށް މިއޮތް ފަސްއަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ހިމެނޭނެ. މިއަހަރު ނިމޭއިރުގައި އަޅުގަނޑުމެން މި އުންމީދުކުރަނީ އެއްލައްކަ މީހުން އެކަމުގައި ހިމަނައިދިނުމަށް. ވަރަށްބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑު ހަނދާން ނެތުނީ. އަޅުގަނޑުމެން ފްލެޓް އަޅަން އޮތް ޕްރޮގްރާމުގައި އެއީ، ފްލެޓެއް ނޫން އަޅުގަނޑުމެން މިކިޔަނީ. ހައުސިންގ ޔުނިޓް. ބައެއް ބޭފުޅުން ބޭނުންވެދާނެ ގެ. ދެން ބައެއް ބޭފުޅުން ހަމަ ބޯ ހަރުކޮށްފައި ބުނާނެ، ތިމަން ބޭނުމީ ގޯއްޗޭ. ތިމަންނަ ގޯތި ދީގެން އެގޯތި ހިފަހައްޓައިގެން ބާރަ ތޭރަ އަހަރުވެ، ފުރަތަމަ ކާވެނި ރޫޅޭއިރުގައި ފައުންޑޭޝަން ދަމާލެވިފައި ހުރީ. އަޅުގަނޑުމެންނަށް ލޮލަށް ފެނޭ ނޫންތޯ، ގޯތި ދިނީމާ ވާގޮތް. ދެމަފިރިންނަށް ގޮސް ގެއަކަށްވެސް ނުވަދެވޭނެ. އަދި މީހެއްގެ އަތުން ގޯއްޗެއް ދިނީމާ، އެބަ ރިތި ރަނގަޅު އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދުވޭ އެތަނުގައި ގެއެއް އަޅަން. އަދި އެކަން ކުރަން ދިހައަހަރުގެ މިކޮޅުން ކުރި މީހެއް ހުރިއްޔާ މިތަނުގައި އަތް މައްޗަށް ނަންގަވަބައްލަވާ. ނުހުންނާނެ. ދިހައަހަރުގެ މިކޮޅުން ގެއެއް އަޅައި ނިންމައިގެން ގެއަކަށް ވަދެވުނު މީހެއް. އަދި އެ ވަންނަން އެބަ ނަގާ އެއްމިލިއަން ރުފިޔާ. ހަމަ އެގޮތަށް، ހަމައެގޮތަށް، ސަރުކާރުން ހަމަ އޭގެ ގެއެއް، އެއަށްވުރެ ބޮޑުގެއެއް އަޅާ ނިންމީމާ، ނުދޭ ފަސްލައްކަ ރުފިޔާވެސް. ހަމައެއީ، އިޤްތިޞާދުން ސަލާމަތް ކުރެވޭ އެއްޗެކޭ، އެފައިސާއަކީ. ޢާންމު މީހާ އަދި ތިމަން ބޭނުމީ ގޯއްޗެކޭ ކިޔާފައި ދިޔެއްކަމަކު، ސަރުކާރުން އެބަ ބަލަންޖެހޭތާ، އޭނައަތުން އަދި އިތުރަށް ތިމަން ބޭނުމީ ގޯއްޗެކޭކިޔާ ދިޔައިމާ، ފަސްލައްކަރުފިޔާ ގެއްލޭކަން އޭނާ އަތުން. އެވެސް އެގެއްލެނީ ހަމަ މިޤައުމުން. އަދި ހަމަ އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މިއީ މިއަދު އަޅުގަނޑުމެން މިރާއްޖޭގައި ތިބި ބައެއްގެ ތަރިކައެއްނޫން މިރާއްޖެއަކީ.

ރަސްގެތީމުގައި މީހުން ދިރިއުޅޭތާ ހަމަ ރަނގަޅު ފަނަރަސަތޭކަ އަހަރުވެއްޖެ. ދެން މިއަދު އަޅުގަނޑުމެން މިތާ މިތިބި މީސްކޮޅު، މިއީ ތިމަންނާމެން ރަށޭ ކިޔައިގެން ވާހަކަ ދެއްކިއަކަސް އަދި ގަބޫލެއް ނުކުރެވޭނޫންތޯ. ފަނަރަސަތޭކަ އަހަރުވެއްޖެ ބަޔަކު މީހުން މިއީ، ތިމަންނާމެންގެ ރަށޭ ބުނާތާ. އަދި ކުރިޔަށް އޮތީ އަންނާން އަނެއް ފަނަރަސަތޭކަ އަހަރު އިރާދަކުރެއްވިއްޔާ. ދެން މިއަދު މިތިބި މީސްކޮޅު، ތިމަންނާ ބޭނުމީ ގޯއްޗޭ، މުސްތަޤްބަލެއް ތިމަންނަ ބަލާކަށް ބޭނުމެއް ނެތޭ، ދަރިންނާ ދަރިންގެ ދަރިންނަށްވާނެގޮތެއްވެސް ހޯދާކަށް ބޭނުމެއް ނެތޭ، ބުންޏެއް ކަމަކު، އަޅުގަނޑަށް ވަރަށް އުނދަގޫ އެ ގަބޫލުކުރަން. އަދި އަޅުގަނޑަށް މިހާރު މިފެންނަނީ އެހެން ބުނާ ރައްޔިތުންވެސް ވަރަށް މަދުކަން. އެންމެނަށްވެސް އެބަ ވިސްނޭ ހަމަ ގޯތިކަނޑަމުން ނުގެންދެވޭނެކަން އެއްވެސް ރަށެއްގައި. މިސާލަކަށް މިރަށުގައިވެސް ދެން އޮތީ ދަނޑުހައްދާ ބިންކޮޅު. ޑޮކްޓަރ ޑީ.ޑީ ވިދާޅުވެފައި އޮތީ ދަނޑު ހެއްދުމުގައި މިރަށުގައި އެހީތެރިވެދިނުމަށް އެބޭފުޅާ މަޝްރޫޢެއް ރާއްވަވައިދެއްވާނަމޭ. ދެން އަޅުގަނޑު އެހެންވީމާ، އެވާހަކައެއް ފާހަގައެއް ނުކުރަން. ދެން ޑީ.ޑީ ވަޑައިގެންފައި އެވަޑައިގެންނެވީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިރަށުގައި ހަމަ މިއަހަރު އަޅުގަނޑުމެން މި ޢާންމުކުރާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން މިރަށުގައި ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް އަޅުގަނޑުމެން އަޅައިދޭނަން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެ މަސައްކަތް މިރަށުގައި ފެށޭނެ.

ދެން ދިގުކުރާކަށް އަޅުގަނޑު ނުހަދާނަން. އަޅުގަނޑު އެދެނީ ރަސްގެތީމަށް އިއްޔެއަށްވުރެ އަދި މާ ފާގަތި މާދަމައެއް. އިރާދަކުރެއްވިއްޔާ ރަސްގެތީމާއެކީގައި އަޅުގަނޑުމެންގެ ރާއްޖެ ދާނީ ކުރިއަށް.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!