بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ، މީގެ ހައެއްކަ މަސް ކުރީގައި، އަޅުގަނޑު މިރަށަށް އައިމު. މިރަށު ރައްޔިތުންނާ އެދުވަހު އަޅުގަނޑު ބައްދަލުކޮށް ދެއްކި ވާހަކަ، ފަހަރެއްގައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ހަނދުމައިގައި މިރޭ ނެތިދާނެ. އެދުވަހު، ވާހަކަދެކެވުނުއިރު މާ ސާފުވެސް ނުވެފައި އޮވެދާނެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި، އެ ސަރުކާރު އުފެދި އެ ސަރުކާރު ހިނގަމުން އަންނާނެ ގޮތުގެ ތަޞައްވުރެއް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދިނީމު. އަޅުގަނޑުމެން ދެންނެވީމު، އަޅުގަނޑުމެން ބޭނުންވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ހާސްކަމުން ފިލާ، ބޭސް ސިޓީއަށް ސަލާން ނުޖަހާ، ފޮތްލިސްޓަށް އާދޭސްނުކޮށް، ބޯހިޔާވަހިކަން ފަސޭހައިން ހޯދޭ، ޑްރަގްގެ ވަބާއިން ސަލާމަތްވެތިބެ، ތަކެތީގެ އަގު، ހެޔޮކޮށް ލިބެންހުރި ބަޔަކަށްވެ، އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ބަޔަކަށް ވުމަށޭ، އަޅުގަނޑުމެން އެދެނީ. އަޅުގަނޑުމެން ކުރަމުން މިއަންނަ މަސައްކަތަކީ، އަޅުގަނޑުމެން ބޭނުންވަނީ، ކޮންމެ ދިވެހި ރައްޔިތަކީވެސް، ތިމަންނާއަކީ، ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތުން މަސައްކަތްކޮށް، ތިމަންނާގެ ދެފައިމައްޗަށް ތެދުވެ، ތިމަންނާގެ އަނބިދަރިންގެ ކަންތައްތައް ބަލަހައްޓާމީހާއޭ، އެހެން ބުނެވޭނޭ ރައްޔިތަކު އުފެއްދުން. އަޅުގަނޑުމެންގެ ބޭނުމަކީ، ބިރުވެރިކަމުން، ސިހުމުން، ހައިރާންކަމުން ފިލާފައި ތިބި، މިނިވަން ރައްޔިތަކު މި ރާއްޖޭގައި އުފެއްދުމޭ. އަޅުގަނޑުމެންގެ ބޭނުމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޑިމޮކްރަސީގެ ރިވެތި އުޞޫލުތައް ރާއްޖޭގައި ތަޢާރުފްކުރުމޭ.

އަޅުގަނޑުމެން މިކަންކަން ކުރުމަށް، މިދެންނެވި ކަންތައްތަކަށް އަޅުގަނޑުމެން ފާހަގަކުރީމު، މައިގަނޑު 5 ކަމެއް. އަޅުގަނޑުމެން ނިންމީ މި 5 ކަންތައް އެއީ، މި 5 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރާނެ 5 ކަންތަކޭ. އެ 5 ކަންތައް ކުރީމާ، އަޅުގަނޑުމެން ދެކޭގޮތުގައި، ދުށްގޮތުގައި އަދި މިހާރު އަޅުގަނޑުމެންނަށް މާބޮޑަށް ޔަޤީންވާ ގޮތުގައި، ރާއްޖޭގެ ގިނަކަންކަން، ރައްޔިތުންގެ ގިނަކަންކަން ހުންނާނީ، ކޮންމެވެސް މިންވަރަކަށްވުރެ ބޮޑަށް ފުދިފައޭ، އަޅުގަނޑުމެންނަށް ރިވެތި ދިރިއުޅުމެއް އޭރުން އުޅޭން ފެށޭނެއޭ. އަޅުގަނޑުމެން ބުނީމު، ރާއްޖޭގެ ރައްޔިތުން ގެދޮރު އެޅުމަށް މިހާރު ކަންކުރާ ގޮތަކީ، މިއީއޭ. ޒުވާން ޢުމުރުގައި އަލަތު ކާވެންޏާއެކީގައި، ރިޒޯޓެއްގައި އެތައް ދުވަހަކު ނުވަތަ ކަންނެލި އޮޑިއެއްގައި އުޅެ، ލިބޭ ލާރިކޮޅު އެއްކޮށްގެން ފަހަރެއްގައި އެއްއަހަރު ގާކޮޅު އަޅާލެވިދާނެ. އަނެއް އަހަރު، ފައުންޑޭޝަން ދަމާލެވިދާނެއޭ. އަނެއް އަހަރު ހަތަރުފާރު ރޭނިދާނެއޭ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ފަހަރެއްގައި ސިމެންތި ޖެހިދާނެއޭ. އަނެއް ރޯދައަށް މަތިވަޑާންގަނޑު އަޅާލެވިދާނެއޭ. ޓިނު އަތުރާލެވިދާނެއޭ. ގެއެއް އަޅާނިމޭއިރުގައި، އަޅުގަނޑުމެންގެ އާދައިގެ މީހެއްގެ ޢުމުރު މިހުންނަނީ ދެބައިވެފައޭ. ކައިވެނި އޮންނަނީ ރޫޅޭން ގާތްވެފައޭ.

އަޅުގަނޑުމެން ބުނީ އެއީ، އަޅުގަނޑުމެންނަށް ޙައްޤު މިންވަރެއް ނޫނޭ. ދިވެހި ރައްޔިތުންނަކީ، ދިވެހިންނަކީ، މިހާލުގައި އުޅެންޖެހިފައިވާ ބަޔަކަށް ވެގެންނުވާނެއޭ. އަޅުގަނޑުމެން ވިސްނީ ކިހިނަކުންތޯ އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުންނަށް، އެމީހުންނަށް ލިބޭ އެއްޗެއްގެ ގިނަވެގެން ކޮންމެ ސަތޭކައަކުން 20 ރުފިޔާ، ރުފިޔާއަކުން 20 ލާރި، ޚަރަދު ކޮށްގެން އެމީހުންގެ ގެދޮރުގެ ކަންތައް ހަމަޖެއްސޭނޭ އުޞޫލެއް ހޯދުމަށް. މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި އަޅުގަނޑުމެން މިހާރު މިހުށަހަޅަނީ ރާއްޖޭގައި މިއަހަރު 10000 ގެ ޢިމާރާތް ކުރަން. އޭގެތެރެއިން، މިރޭ އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން ޖެހެނީ، އަޅުގަނޑު މިދެންނެވީ އަޅުގަނޑުމެންގެ މުޅި ސިޔާސަތު. އެސިޔާސަތު މުޅި ރާއްޖެއަށް ތަންފީޒުވަމުންދާއިރުގައި މިރަށަށް އުނގޫފާރަށް އޮތީ ކޮންއެއްޗެއްހެއްޔޭ؟ ކޮންކަމެއްހެއްޔޭ؟ އުނގޫފާރަށްވާނީ ކިހިނެއްހެއްޔޭ؟ މިރޭ ތިޔަބޭފުޅުންގެ އަރިހުގައި އަޅުގަނޑަށް ދެންނެވެން އެބައޮތް، އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުމެންނަށް މިރަށުގައި މަދުވެގެން 80 ފްލެޓް އަޅައި ރައްޔިތުންނަށް ލިބޭނެ ގޮތަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ.

މިމަސައްކަތްތައް ކުރުމަށް އަޅުގަނޑުމެން ގެންގުޅޭ އިންތިޒާމުތަކެއް ހުރޭ. އަޅުގަނޑުމެން ގެންގުޅޭ ރޭވުންތަކެއްވެސް ހުރޭ. އަޅުގަނޑު ނުދަންނަވާނަން މިދަންނަވާ ރޭވުންތަކަކީ ނުވަތަ އަޅުގަނޑުމެން މިހުށަހެޅި އިންތިޒާމުތަކަކީ، ކޮންމެހެން އިންސާނީ ތަޖުރިބާއަށް އާ، މީހަކު ނުދަންނަ ކަންތައްތަކެކޭ. ހަމަ ބުއްދީން ހެޔޮހިތުން ވިސްނައިފިނަމަ ކޮންމެ މީހަކަށްވެސް އަޅުގަނޑުމެންގެ ނަޒަރުގައި ޙަޤީޤަތުގައި މި ވިސްނުން ނެރެވޭނެ. އެދުވަހު އަޅުގަނޑުމެން ދެންނެވީމު، މިރާއްޖޭގައި ކުރަމުން އައީ އުނދަގޫ ކަންތައްތަކެކޭ. އެއީ، ތަރައްޤީއަށް ހުރަސްއެޅުމޭ. ފިޠުރަތުގެ އުޞޫލަކީ އިންސާނީ ގޮތަކީ ކުރިއަރައިދިޔުމޭ. ފޯދިގެން ހެދުމޭ. އުނދަގޫ ކަމެކޭ، އެއަށް ހުރަސްއެޅުއްވުމަކީ.

އަޅުގަނޑުމެން ބޭނުންވީ އިންސާނުން، ރައްޔިތުމީހާ ދޫކޮށްލަން. އޭނާއަށް މިނިވަންކަން ދޭން. އޭނާގެ ހަމަބުއްދީން އޭނާއަށް ވިސްނުމުގެ ފުރުސަތު، ޖާގަ އޭނާއަށް ހޯދައިދޭން. އޭނާއަށް ސަރުކާރުގެ ކަންކަމާ ފާޑުކިޔުމަށް އޭނާ ފައްކާކުރުން. ސަރުކާރުގެ ކަންކަމަށް އަޅުގަނޑުމެން އޭނާ ލައްވާ ފުރައްސާރަ ކުރުމަށްވެސް މިތިބީ ތައްޔާރަށް. ހަޖޫޖަހާ މަލާމާތްކުރަންވެސް. މިސަރުކާރަކުންނެއް ހަމަގައިމުވެސް ތިޔައިން އެއްވެސް ބޭފުޅެއްގެ ޚިޔާލުފާޅު ކުރުމުން، ދުލުން ބުނާ ބަހެއްގެ ސަބަބުން، އަޅުގަނޑުމެންނެއް މި ސަރުކާރަކުން ތިޔައިން ބޭފުޅަކަށް ހަމަގައިމުވެސް ގޮތެއް ނުހަދާނަން. މިރާއްޖޭގެ ރައްޔިތުން މިހާރު މިތިބީ މިނިވަންވެފައި.
މިރަށުގެ މިރެއަކީ ހަމަ އަޅުގަނޑުވެސް ވަރަށް އުފާވާ ރެއެއް. ހޮސްޕިޓަލަށް 25 އަހަރު ފުރުނީ. މަދަރުސާއަށް 25 އަހަރަށްވުރެ ގިނަދުވަސްވެއްޖެ. އެއީ، ޙަޤީޤަތުގައި މިރަށުގެ، އުނގޫފާރުގެ ބޭސްވެރިކަމަށް 25 އަހަރުވީކަމަށް އަޅުގަނޑުވެސް ދަންނަވާކަށް ނެތިން. އަދި އުނގޫފާރުގެ ދަރިންނަށް ތަޢްލީމު އުނގަންނައިދޭތާ މިވީ 25 އަހަރޭ ދަންނަވާކަށްވެސް އަޅުގަނޑު ނެތިން. އެހެންނަމަވެސް، މި ޒަމާނީ ގޮތުގައި މިކަން ކުރަން މިރަށުގައި ފެށިތާ މިހާރު 25 އަހަރުމިވީ. ތިޔައިން ބޭފުޅަކު ކުޑަކޮށްވެސް އަޅުގަނޑު އުންމީދުކުރަން، ހިތަށް ނާރުއްވާނެ ކަމަށް، މިތަނުގެ ހޮސްޕިޓާ ބަލިކަށި ކުރުމަށް، ނިކަމެތި ކުރުމަށް، ކުޑަކުރުމަށް، މި ސަރުކާރުން ނުވިސްނާނެ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އުނގޫފާރު ހޮސްޕިޓަލަކީ، މިޕްރޮވިންސްގެ ކެޕިޓަލް ހޮސްޕިޓަލްގެ ގޮތުގައި އެކަނި ހެދުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، އުނގޫފާރު ހޮސްޕިޓަލަކީ، މާލެއިންވެސް ހަމަ ލިބޭ ހުރިހާ އެއްޗެއް ހުރިހާ ފަރުވާއެއް ލިބޭ ހޮސްޕިޓަލަކަށް ހެދުން.

އަޅުގަނޑުމެން ސަރުކާރުގެ ޙަޤީޤަތުގައި މި ހިނގަނީ ދެކަންތައް. އެއްކަމަކީ، ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަން އަނބުރާ ރައްދުކޮށްދިނުން. ލާމަރުކަޒީ އުޞޫލުން ކަންކަން ކުރުން. ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ ވެރިކަމުގެ ގިނަބާރުތައް އެކުވެފައި ޖަމާވެފައި މިހިރީ މާލޭގައި. ރަށްރަށަށް މިލިބެނީ މާލޭގައި ތިބޭ ބަޔަކު، އެދުވަހަކު ބޭނުންވި މިންވަރަކަށް، ބޭނުންވި އަދަދަކަށް، ބޭނުންވި އެއްޗެއް. ރަށުގެ ރައްޔިތުންނަށް ތިމަންނާމެންގެ އަމިއްލަ ދެފައިމައްޗަށް ތެދުވެ، ތިމަންނާމެންގެވެސް ޙައްޤެކޭ މިއީ، ތިމަންނާއަށް މިވެނި އެއްޗެއް ލިބެންޖެހޭނެއޭ އެހެންބުނެ، އެއަޑު ޢާންމުވެގެންދާނެ ފުރުސަތެއް، ހާލަތެއް ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ޙަޤީޤަތުގައި ދުވަހަކުވެސް މިދިޔަ 30 އަހަރެއް އަޅުގަނޑުމެން ކިޔާނެކަމެއް ނެތް. ދުވަހަކުވެސް ރޭވިފައެއް ނެތް. އަޅުގަނޑުމެން މިބޭނުންވަނީ، މާލޭގައި އެހުރި ބާރު ހަމަހަމަގޮތުގައި ރާއްޖޭގޭ އަތޮޅުތަކަށް ބަހާލުން. ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބޭނުމަކީ އެއީ. ތިލްމީޒާ، ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ ސަބަބަކީ މިދެންނެވީ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިއެވާ ލާމަރުކަޒީ އުޞޫލުން ސަރުކާރު ހިންގުމުގެ ބިލް ހުށަހަޅާފައިވެސް އެވަނީ މިދެންނެވި ބޭނުމަށްޓަކައި. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ބާރު އުފެއްދުމަށްޓަކައި. އެކައުންސިލްތައް އިންތިޚާބު ކުރުމަށްޓަކައި.
ސަރުކާރުންކަނޑައަޅާ ސްޓޭޓް މިނިސްޓަރަކު ސަރަޙައްދެއްގައި ހުންނަ ހަމައެކަނި ބޭނުމަކީ، އެސަރަޙައްދުން މާލެއިން، މައި ސަރުކާރުން، ކުރަންޖެހޭ ކަންކަން އެ ސްޓޭޓް މިނިސްޓަރަކާ ހިސާބުން ކުރެވޭގޮތަށް އިންތިޒާމު ކުރުން. ރަށު ކައުންސިލްގެއާއި އަދި އަތޮޅު ކައުންސިލްގެ ބާރު ކުޑައެއްނުވާނެ. ޤާނޫނުއަސާސީ ފުރިހަމަ ގޮތުގައި މިކައުންސިލްތަކަށް މިއޮތީ ބާރު ދީފައި. މިއާއެކުގައި އަޅުގަނޑުމެން އެބަޖެހޭ ރާއްޖޭގެ ގިނަރަށްތަކެއް ތަރައްޤީވާނެ އިންތިޒާމެއް، ނިޒާމެއް ހޯދަން.

އަޅުގަނޑު މިރޭ އައިސް މިހުރީ، އަޅުގަނޑުމެންނަށް އެހެން ފާހަގަކުރެވޭ އެއްރަށުގައި، އުނގޫފާރުގައި. މިއީ، އަޅުގަނޑުމެންގެ ސަރުކާރުގައި ބޮޑަށް ތަރައްޤީކުރަން ބޭނުންވާ ރަށެއް. އަޅުގަނޑުމެންނެއް ބޭނުމެއްނޫން، މިތާނގެ ހޮސްޕިޓާ ނަގައިގެން އެހެން ތަނަކަށް ގެންދާކަށް ނުވަތަ އެ ނިކަމެތި ކުރާކަށް. އެކަމެއް އެހެނެއް އިރާދަކުރެއްވިއްޔާ ނުވާނެ. އަޅުގަނޑުމެން މިތަނުގެ ހޮސްޕިޓަލުގެ ފެންވަރާއި، މިތަނުގެ ހޮސްޕިޓަލުގެ ޚިދްމަތާ އިރާދަކުރެއްވިއްޔާ ދުވަހުން ދުވަހަށް ގެންދާނީ ރަނގަޅު ކުރަމުން. އަޅުގަނޑަށްވެސ އެނގޭ، އަޅުގަނޑު މިއަދު މިހެން ބުނާއިރުގައި އިއްޔެގައި މިތާހުރި ޑޮކްޓަރު މިއަދަކު ނެތްކަން. އޭނާ ނެތުނީމާ، އޭގެސަބަބުން އަލަށް އައި މެނޭޖަރުގެ ވަޒީފާ ފުރިހަމައަށް އަދާނުކުރެވޭކަމަށް ޢާންމުންނަށް ހީވާނެ. އަދި މިސަރުކާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ޢާންމުންނަށް ހީވާ ކަންކަން އެއީ ދޮގޭ ނުބުނެ، އަޅުގަނޑުމެން ހިތުގެ އަޑިން އެކަންކަން ބަލައިގަތުން، ގަބޫލުކުރުން. ތެދުހަދަނީ ޢާންމުން ކަމުގައި، ރައްޔިތުން ކަމުގައި، ސަރުކާރުގެ ހުރިހާ ވެރިންވެސް ހިތުގެ އަޑިން ބަލައިގަތުން، ގަބޫލުކުރުން. ހަމަ ހުރެފައެއް މީހަކު ނުދައްކާނެ، ތިމަންނާއަކަށް ހޮސްޕިޓަލަކުން ބޭހެއް ނުކުރެވެޔޭ ކިޔާ ވާހަކައެއް. އަދި ތިމަންނާގެ ދަރިފުޅަށް މިހެން ވެއްޖެޔޭ އެހެން ވެއްޖެޔެކޭ. ކަމެއް ހިނގީމާ އޭގައި އަޞްލެއް އޮވެ ޙަޤީޤަތުގައި ވާހަކައެއް މިދެއްކެނީ. އަޅުގަނޑުމެން އަޑުއަހަން ބޭނުން އެވާހަކަތައް. އަޅުގަނޑަށް އެނގޭ މިއަދު ހޮސްޕިޓަލުގެ ދަތިކަން.

އެހެންނަމަވެސް، އަޅުގަނޑަށް ހަމަޔަޤީން، އަޅުގަނޑުމެންނަށް މިދަތިން ދާދި އަވަހަށް އަރައިގަނެވޭނެކަން. ތިޔަބޭފުޅުން ސުވާލު ކުރައްވާފާނެ، މިއަދާ ހަމައަށް އައިއިރުގައިވެސް ކީއްވެހެއްޔޭ އަރައި ނުގަނެވެނީ. އަޅުގަނޑުމެން ކުރާ ކަންކަން، އަޅުގަނޑުމެން ކުރަން ބޭނުންވަނީ، ކުރާނީވެސް ވިސްނާފައި. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން އަބަދުވެސް ބުނެއުޅެން ހަކުޅި ކުރިއަށް ވިސްނާފައި ކުޅޭ ބައެކޭ. އަޅުގަނޑުމެން ހޮސްޕިޓަލާ ގުޅޭގޮތުން ކަމެއް ރަނގަޅު ކުރަންވެސް، ޑޮކްޓަރަކު ހޯދަންވެސް ޑޮކްޓަރެއްގެ އެޑްރެސް ހޯދާފައި ފޯނުން ގުޅާފައި އޭނާ ގެންނާކަށްނޫން މިއުޅެނީކީއެއް. އަޅުގަނޑުމެން އުޅޭނީ ޑޮކްޓަރުން ދާއިމީ ގޮތެއްގައި އައިސް، މިތަނުގައި ތިބެވޭނެ ގޮތަކާއި އެ ރަނގަޅު ޑޮކްޓަރުން ހޯދޭނެ އިންތިޒާމެއް ފުރިހަމަ ކުރަން. އަޅުގަނޑުމެން އުޅޭނީ އެ ނިޒާމު އުފައްދަން. އަޅުގަނޑުވެސް ދަންނަން ހަމަ ޑޮކްޓަރުން. އަޅުގަނޑުމެންގެ ނަސީބަކުން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައިވެސް ކުރިމަތިލައްވަނީވެސް ހަމަ ތިޔަބޭފުޅުންގެ ޑޮކްޓަރެއް. އަދި އެބޭފުޅާއާ އެކީގައި ކިޔެވި ބައިވަރު އެހެން ޑޮކްޓަރުން، އެބޭފުޅާއަށްވެސް ހަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. ފޯނުން ގުޅުއްވާފައި މާދަމާވެސް ގެނެވިދާނެ.

އެހެންނަމަވެސް، އެއީ ދެމެހެއްޓެނިވި ކަމަކަށެއް ނުވާނެ. އަޅުގަނޑުމެންގެ ކަންކަން ފުރިހަމަނުވެ މިދަނީ ދިގުމުއްދަތަށް، ދެމެހެއްޓެނިވި ގޮތުގައި އަބަދުވެސް އެކަމެއްގެ ފައިދާ ލިބިލިބި ހުންނާނެ ގޮތަށް އަޅުގަނޑުމެންނަށް ކަންކަން ނުރޭވޭތީ. އިންތިޚާބު ގާތްވީމާ، މަތިހަދާލަން، އަނދުން އަޅުވާލަން ތިޔަބޭފުޅުންނަށް 2 ގައިނޮކޮލޮޖިސްޓުންނާއި ނަރުހަކާ ހައެއްކަ ގުޅަ ޕެނެޑޯލް ގެނެސް މިތަނަށްލާފައި، ހައިމާކެއް ގެނެސް ބޭރުން ދުއްވާލާފައި، ތިޔަބޭފުޅުން ހަމަ ރީތިކޮށް ދަންނަވަންޏާ އެރުވާލާފައި، ވޯޓުނަގައިގެން ސިޔާސީ ބާރު އަޅުގަނޑުމެންގެ އަތަށް ލައިގެން ތިބުމެއްނޫން، އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ. އަޅުގަނޑުމެން ނުކުމެ މިއުޅެނީ ކަމެއް ކުރަން. ވިސްނުމެއް އޮވެގެން، ފިކުރެއް ހުރެގެން އަދި މަންޒަރެއް ފެންނާތީވެ. ތަޞައްވުރެއް އޮތީތީވެ. އަޅުގަނޑުމެންނަށް ފެނޭ އަނެއް ދިވެހިރާއްޖެ. އަޅުގަނޑުމެން ބޭނުން އެ އަނެއް ދިވެހިރާއްޖެ، މިރާއްޖޭގައި ޙާޞިލުކުރަން އޭތި ގެންނަން. އަޅުގަނޑުމެން މިތަނަށް އިރާދަކުރެއްވިއްޔާ ޑޮކްޓަރުންވެސް ގެންނާނެ. އަދި އޭގެއިތުރުން، އަޅުގަނޑަށް މިރޭ ދަންނަވާލެވެން އެބައޮތް މިތަޢްލީމާ ގުޅޭގޮތުން ކަމެއް ޞިއްޙަތާ ގުޅޭގޮތުން ކަމެއް އަޅުގަނޑަކަށް ނޭނގެ، މިވާހަކަ ދަންނަވަންވީ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ ނަރުހުން، ލެބޯޓްރީ ޓެކްނީޝަނުން ތަމްރީނުކުރާ ސެންޓަރެއް އަޅުގަނޑޫމެން އުނގޫފާރުގައި ޤާއިމު ކުރާނަން.

އަޅުގަނޑު މިދޭތެރެއަކުން އިނގިރޭސިވިލާތަށް ދަތުރަކު ދިޔައިން. އަޅުގަނޑާ އިނގިރޭސި ޝާހީ ޚާންދާނުގެ ބޭފުޅުންނާ ބައްދަލުވި. އެބޭފުޅުން އަޅުގަނޑު ކައިރީ އެއްސެވި، ރާއްޖޭގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ ކޮން އެއްޗެއް ބާވައޭ؟ އަޅުގަނޑު ދެންނެވިން ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނޭ. އެއިއްޔޭ ޙަޤީޤަތުގައި އެއްވެސް ޤައުމެއްގެ ބަޔަކު އެންމެ ބޭނުންވާނެ ކަމަކީ. ދެން އެބޭފުޅުން ވިދާޅުވީ، ތިމަންނާ ދެއްވަފާނަމޭ 20 ޑޮކްޓަރުން. އަހަރެއްހާ ދުވަހަށް. ދެން އޭގެފަހުން، 20 ޑޮކްޓަރުންނާ ދިވެހި ސަރުކާރުން ހަވާލުވާނީއޭ. ދެން އަޅުގަނޑު ދެންނެވިން ވަރަށްބޮޑަށް ޝުކުރިއްޔާއޭ. ދެން އަހަރެއްހާ ދުވަހުގެ ފަހުން އަޅުގަނޑު ކިހިނެއްހޭ ހަނދާނީ.

މިޑޮކްޓަރުންނަށް މުސާރަދެވޭނެ ގޮތަކާ ޑޮކްޓަރުންނަށް ބެލެހެއްޓޭނޭ ގޮތަކާ މިހުރިހާ ކަމެއް އަޅުގަނޑުމެން އެބަ ފުރިހަމަ ކުރަންޖެހޭ. ޑޮކްޓަރެއްގެ މުސާރައަކީ، މިއަދު 5000 ޑޮލަރު، މަހަކަށް. އަދި ޑޮކްޓަރެއްގެ ހުރުމާ މިހުރިހާ ކަމެއްވެސް އަޅުގަނޑުމެން އެބަ ހިންގާންޖެހޭ. ރަނގަޅު ޓީޗަރެއްގެ މުސާރައަކީވެސް މަދުވެގެން ދެހާހެއްހާ ޑޮލަރު. އަޅުގަނޑުމެން މިރަށްރަށަށް ރަނގަޅު ޓީޗަރުން، ރަނގަޅު ހެޑްމާސްޓަރުން، ގެނެސް ރަނގަޅު ދަރިވަރުން އެބައުފައްދާންޖެހޭ.

އެހެންވީމާ، ދިވެހިރާއްޖެއިން ލިބޭ އެއްޗަކުން މިކަންކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދާންޖެހޭ. އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓާނަން، މި ސަރުކާރަށް، މި ދައުލަތަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ރައްޔިތުންގެ އެއްޗެކޭ. އަޅުގަނޑުމެންނަށް އަޅުގަނޑާ ތިޔަބޭފުޅުން މިއަދު ހަވާލުކުރައްވާފައި މިވަނީ، ޚިޔާނާތްތެރިނުވެ އިޚްލާޞްތެރިކަމާއެކީގައި އަމާނާތްތެރިކަމާއެކީގައި ހަމަހަމައަށް އެފައިސާ ބަހާދީ، އެކަންކަން ކުރުމަށް. އަޅުގަނޑު މާތްރަސްކަލާނގެ ގަންދީ ހުވާކޮށް މިހުރީ، މާތްﷲގެ އިރާދަފުޅުން އެކަން ކުރުމަށް. އަޅުގަނޑަށް މިކަމުގައި އެހީތެރިވެދިނުމަށް މި ރާއްޖޭގެ އާ ސިޔާސީ ނިޒާމު އެބައޮތް. ޕާޓީ ސިސްޓަމް އެބައޮތް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެބައޮތް.

އަޅުގަނޑުމެން ބޭނުމީ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމުގެ ކުރީގައި ދެންނެވިން، ތަޢްލީމީ ރޮނގުން އަޅުގަނޑުމެން ޙާޞިލުކުރަން ބޭނުންވަނީ، ކޮންމެ މަދަރުސާއެއްގެވެސް ނުވަތަ ކޮންމެ މަދަރުސާއަކުންވެސް ނުކުންނަ ދަރިވަރުންނަކީ، އޯ.ލެވެލް ހަދާ ދަރިވަރުންނަކީ، އެދަރިވަރުންގެ 60 އިންސައްތަ ދަރިވަރުން ވާންޖެހޭނެއޭ، "ސީ" ފާހަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް. ރޭ ނޫން އިހަށްރޭ އަޅުގަނޑު ދަރިވަރުންނަށް އިނާމު ދިނީމު. 27 ޕަރސެންޓް އެއީ، "ސީ" ފާހަށްވުރެ މަތި. ދެން އަނެއް ހުރިހާ ކުދިން ވީ ފެއިލް. އުފަލުން މޮޅުވެގެން އައި ކުދިންނާ އެރޭ ދިމާވި. ދެރަވެގެން ގޭގައާއި ރަށުގައި ތިބި ކުދިންނަކާ އަޅުގަނޑަކާ ދިމައެއްނުވޭ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކުދިން ދެރަވީ އެކުދިންގެ މައިންބަފައިންގެ ސަބަބުން ކަމަކަށް. އަދި އެކުދިންގެ ސަބަބުން ކަމަކަށް. އެކުދިން ދެރަވީ އެކުދިންނަށް ކިޔަވައިދިނުމަށް، ރަނގަޅަށް ކިޔަވައިދިނުމަށް ބޭނުންވާ އިންތިޒާމުތައް އަޅުގަނޑުމެންނަށް ހަމަޖައްސައި ނުދެވިގެން. އަޅުގަނޑު އުނގޫފާރު ކުދިންނަށް ހަމަ މިރޭ އިޚްލާޞްތެރިކަމާއެކު ދަންނަވަން ބޭނުން، އަޅުގަނޑު ބޭނުމޭ ތިޔަކުދިންނަށް، ފޭލްވީ ކުދިންނަށް އަދި އެއް ފުރުސަތު މިއަހަރު ހަމަ ދިނުމަށް.

އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ މިރަށުގައި ދާދި އަވަހަށް ޤާއިމުކުރާނެ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް. އެކަން ކުރުމަށް އަޅުގަނޑު ބޭނުން، މިރަށުގެ ޖަމްޢިއްޔާއަކުން އިސްނަންގަވައިގެން. މިނިސްޓްރީ އޮފް ޔޫތުން އަޅުގަނޑު ހަނދާންވަނީ، ރަށު އޮފީހަށް އަންގާފައި އޮންނާނީ، މޭމަހުގެ 10ގެ ކުރީގައި އެކަން ހިންގާނެ ގޮތުގެ މަޢްލޫމާތާއި، އެކަމާ ގުޅޭގޮތުން ހިންގަންޖެހޭ ލިޔެކިޔުމާ ސިޓީބިޓީ ބަދަލު ކުރުމަށް. އަޅުގަނޑު އުންމީދު ކުރަން، މިރަށުން އެކަމަށް އިސްނަގާނެ ޖަމްޢިއްޔާއެއް ހުންނާނެ ކަމަށް. ހިންގާކަމަށް. އެޖަމްޢިއްޔާއެއް މެދުވެރިކޮށް، އަޅުގަނޑުމެން ބޭނުންވަނީ، މިދަންނަވާ ބާވަތުގެ އިންސްޓިޓިއުޝަނެއް، މުއައްސަސާއެއް، ޓްރޭނިންގ ސެންޓަރެއް ހިންގަން. އިރާދަކުރެއްވިއްޔާ ހަމައެކަނި ފޭލްވި ކުދިން ނުވަތަ ރަނގަޅަށް ފާސްނުވި ކުދިން އަލުން އަނބުރާ އޯ.ލެވެލް އިމްތިޙާނުގައި އިށީނުމެއް ނޫން، އަޅުގަނޑުމެންގެ އަމާޒަކީ. ހަމައެއާއެކީގައި، މަސައްކަތްތެރިކަންވެސް ކުދިންނަށް ދަސްކޮށްދިނުން. އަދި އޭގެއިތުރުން، މި ސެންޓަރުގެ އެންމެބޮޑު ބޭނުމަކަށްވާނީ، މަސައްކަތެއް ދަސްކޮށްދެވުނު ކުދިންނަށް ވަޒީފާއެއް ހޯދައި ދިނުން. ވަޒީފާ ހޯދައިދޭން އަޅުގަނޑުމެން ބޭނުންވަނީ ރަށުން. އަޅުގަނޑުމެން އަބަދުވެސް ބުނިން. ރަނގަޅަށް ހިނގާ ޢާއިލާއަކީ، މަންމައާއި ބައްޕައާ ގާތުގައި ހިނގާ ޢާއިލާއޭ. ދަރިން، މައިންބަފައިން ކައިރީގައި ބޮޑެތި ކުރުމަށްވުރެ ވަކި ރަނގަޅު ކަމެއް އޮތް ކަމަކަށް މިކަމާބެހޭ ޢިލްމުވެރިންނެއްވެސް ނުބުނޭ. އަދި މާބޮޑު ސައިންޓިސްޓަކަށްވެސް ވާކަށްނުޖެހޭ މިވަރު އޮޅުންފިލާކަށްވެސް. އަޅުގަނޑުމެން ބޭނުން ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް މިރަށުގައި ހޯދަން. މިރަށުގައި ޤާއިމުކުރަން.

އަޅުގަނޑުމެން، މިރަށުގެ ތަރައްޤީ ވިސްނަމުން ގެންދާއިރުގައި އަޅުގަނޑުމެން، މިރަށް ނުދެކެން މިރަށުގެ ގޮނޑުދޮށާ ހިސާބުން ނިމޭ ކަމަކަށް. އަޅުގަނޑުމެން ދެކެނީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ލާމެހި ގުޅާލެވިފައިވާ ދިވެހިރާއްޖެއެއް. އަޅުގަނޑު ދެކެނީ، އުނގޫފާރު މީހުންނަށް ހުޅުދުއްފާރަށްވެސް، އަނގޮޅިތީމަށްވެސް، ރަސްގެތީމަށްވެސް، ވާދުއަށްވެސް އަދި ދެކުނަށް ވެއްޖިއްޔާ އިންނަމާދުއަށްވެސް، ރަސްމާދުއަށްވެސް، ފައިނަށްވެސް، ހުރިހާ ރަށަކަށްވެސް، މީދޫ މަޑުއްވަރިއަށްވެސް ކޮންމެ ދުވަހަކު ގޮސްފައި އާދެވޭނެ. ކޮންމެ ދުވަހަކުވެސް، ގަވާއިދުން ހިނގާ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރެވި މިތަނުގައި އޮންނަންޖެހޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މިރޭ އުފަލާއެކީގައި ދެންނެވެން އެބައޮތް، މިއަހަރު ނިމުމުގެ ކުރީގައި އެދަތުރުފަތުރު ކުރުމުގެ ނިޒާމު އަޅުގަނޑުމެން މިތަނުގައި ޤާއިމުކުރާނަމޭ.
އެ ނިޒާމު ޤާއިމު ކުރުމަށް އަޅުގަނޑުމެން އަނެއްކާވެސް ގެންގުޅެނީ އެހެން ވިސްނުމެއް. މިހާރުވާނީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި މި ސަރުކާރުން އަޅުގަނޑުމެން ހެއްދީމު ވަކިން އޮފީހެއް. "އިންވެސްޓް މޯލްޑިވްސް" ކިޔާ. އެއީ ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރީގެ ފައިދާ ހޯދުމަށް ޚަރަދުކުރާ ބޭރުމީހުންނަށް ކަންކަން ފަހިކުރުމަށްޓަކައި އަޅުގަނޑުމެން އުފެއްދި އޮފީހެއް. އެއޮފީހުން އިޢްލާނު ކޮށްފައިވާނެ، މިރާއްޖޭގައި އަޅުގަނޑުމެން ސަރުކާރުން ބޭނުމޭ، މިބުނާ ބާވަތުގެ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމުކުރަން. އެކަމަށް ޝައުޤުވެރިވާ މީހުން އެއޮފީހަށް ހުށަހަޅާށޭ. މިއަދާ ހަމައަށް ދަންނަވަންތޯ 12 ފަރާތުން ހުށަހަޅާފައި އެބައޮތޭ، މިރާއްޖޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް އެދިގެން. އަޅުގަނޑުމެންނަށް އޭގެތެރެއިން އެންމެ ބައެއް ނެނގޭނީ. މިއޮތްހާ ދުވަހު އަޅުގަނޑުމެން ތިބީ މިކަން ނުކޮށް. މިއަދު އަޅުގަނޑުމެންނަށް މިދިޔަ ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެބައެނގޭ ދެފައި އެއްތާނުޖެހިތިބި 12 މީހުން އެބަ ތިބިކަން މިކަން ކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެނިޒާމު ޤާއިމުކުރެވޭނެ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ފަސޭހަކަމާއެކީގައި އެއްތަނުން އަނެއްތަނަށް ގޮސް ރަށު ބަންދުގެ ހާލަތުން ސަލާމަތްވެވޭނެ. ވަޒީފާ އަދާކޮށްފައި އަދި ރޭގަނޑު ނިދަން ގެއަށް އާދެވޭނެ. ދަރިންނާ އަނބިންނާ އެކީގައި ހަފްތާނިމޭ ދުވަސް، ހުކުރު ދުވަސް ގޭގައި ހުރެވޭނެ. އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ހޯދައިދެވޭނެ.

އުނގޫފާރަކީ، އަޅުގަނޑުމެން މިދެކޭފަދަ ތަރައްޤީ، ބޮޑަށް ތަރައްޤީކުރަން އަޅުގަނޑުމެން ފާހަގަ ޖަހާފައިވާ ރަށަކަށްވާތީވެ، އަޅުގަނޑުމެން އެބަ ބޭނުންވޭ. ދަންނަވަންތޯ މިވާހަކަ އަޞްލު ޙަޤީޤަތުގައި އަޅުގަނޑު މިކިޔަނީ، ތިޔަބޭފުޅުން އަތްޖަހާތޯއެއްނޫން. އަޅުގަނޑު މިއުޅެނީ، އަޅުގަނޑުމެން އަޅުގަނޑު ހަމައެކަނި މިރޭ ކުރާން ނިޔަތްގަނެ ކުރަމުން މިގެންދާ ކަމަކީވެސް، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، އުނގޫފާރަށްވާނީ ކިހިނެއްތޯ؟ ކަންދިމާކުރިގޮތުން އުނގޫފާރަކީ މުހިންމު ތަނެއްގައި އޮތް މުހިންމު ރަށެއް. ގިނަމީހުންތަކެއް އުޅޭ. އަދި އަޅުގަނޑުމެންނާ ވަރަށްގާތް ބައެއްވެސް އުޅޭ. އަޅުގަނޑުމެންނަށް މިރަށް ތަރައްޤީނުކޮށް މިރާއްޖެއެއް ތަރައްޤީއެއް ނުވާނެ.

މާލޭގައި ކަންކަން ހައްދުން ނައްޓައިގެންދާކަމަށް، މާލޭ މީހުން އަޅުގަނޑު ކައިރީގައި ޝަކުވާ ބަންނަތާ، އަޅުގަނޑު ކައިރީގައި ޝަކުވާ ބަންނަތާ ރަނގަޅު 20 އަހަރުވެދާނެ. އަޅުގަނޑު އެއްދުވަސްވަރެއްގައި އެމީހުންގެ މެންބަރަކަށްވެސް ހުރިން. އަދި އޭރު އެ ޝަކުވާތައް މާގިނަ. ގެދޮރެއް ނެތޭ، ތެދެއް. ދެން 5 އަހަރު މާލެ އެއޮތް ގޮތަށް އޮވެއްޖިއްޔާ މާލޭ މަގުމަތީގައި މީހުން ނިދާނެ. ވަންނާނެ ތަނެއް އެތަނަކު ނެތް. ހެދޭނެ ގޮތެއްވެސް އެތަނަކު ނެތް. މާލޭގައި އާމްދަނީ ލިބުންވެސް އެބަދަތިވޭ. މާލޭގައި ވަޒީފާ ހޯދުންވެސް އެބަދަތިވޭ. މާލޭގައި ހުރިހާ ކަމެއްވުމަށް އެބަދަތިވޭ. މާލޭގައި ފަސޭހައީ ހަކުރުބޯން އެކަނި. މާލޭގެ ހާލަތު މިދަނީ ދުވަހުން ދުވަހަށް ގޯސްވަމުން.

އަޅުގަނޑުމެންނަށް، މިރާއްޖެ ސަލާމަތް ކުރުމަށް ދެންވެސް ކުރާންވީ ކަމެއް ކުރަންވީކީ މާލެއަކަށްނޫން، މިރަށަށް. މިރަށު ރައްޔިތުންނަށް މިރަށުގައި ތިބެގެން، އެމީހުން ބޭނުންވާ ކަންތައް ފުރިހަމަ ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދީމާ މާލެ ތޮށްޖެހޭންވީ ސަބަބެއްނެތް. ތިޔައިން އެއްވެސް ބޭފުޅެއް ތިޔައުޅުއްވަނީ ތިލްމީޒާ އެވިދާޅުވިފަދަ 6 ފޫޓު 5 ފޫޓުގެ ތަންކޮޅެއް ނުލިބިގެނެއްނޫނެއްނޫންތޯ؟ ކޮންމެ ބޭފުޅެއްގެވެސް ބޮޑުގެއާ ގޯއްޗާ (އޮވޭ). ރަށުގައި ތިބި އަނބިދަރިން ހަމައެކަނި މިގޮސް މިއުޅެނީ ވަޒީފާއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިދަންނަވާ ޙަޤީޤަތް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ނުކުމެ މިތިބީ އެބަދަލުކުރުމަށް. އަޅުގަނޑުމެން ވަމުން އައި ވަޢުދުތައް އަޅުގަނޑުމެން މިދަނީ ފުއްދަމުން. އެއީ، އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ކުރާނަމޭ، މިބުނަނީ ނުވަތަ ކުރެވޭތޯ ބަލާނަމޭ އަޅުގަނޑުމެން މި އިޢުލާނު މިކުރަނީ، ވަރަށްގިނަ ޒުވާބު، ވަރަށްގިނަ ބަހުޘް، ވަރަށްގިނަ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ކޮށްފައި.

މީގެ 6 މަސްދުވަސް ކުރިން އަޅުގަނޑު ދެންނެވިން. މިރަށަށް އައިސް ދެންނެވި ވާހަކަތަކުގެ ތެރޭގައި، 11 ނޮވެމްބަރ 2008ވާ އަންގާރަ ދުވަހު، ދެން މިރާއްޖޭގެ ވެރިކަމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރާނީ އަޅުގަނޑޭ. ވަރަށް ވިސްނާފައި އަޅުގަނޑުމެން އެވާހަކަ ބުނީ. އަޅުގަނޑުމެންނަށް އެއީ، ޙަޤީޤަތަކަށް ހެދުމަށް ކުރެވެންހުރި ކަންކަމުގެ މިން އަޅާފައި. އޭގެ ފުރިހަމަ ފުޅާމިނާއި، ފުންމިނާއި، ދިގުމިން އަޅުގަނޑުމެންނަށް އެނގުނީމާ. މި ރާއްޖޭގެ ރައްޔިތުން، މިރާއްޖޭގެ ވެރިކަން ބަދަލުކުރާން ބޭނުމޭ، އެބޭނުންވާ ވަގުތު ރައްޔިތުންނަށް އެހެން ވިސްނުމެއް، އެހެން އުންމީދެއް، ކަން ކުރެވިދާނެ އެހެން ގޮތެއް ކިޔައި ދެވިފައި، އެރައްޔިތުންނަށް މިނިވަންކަމާއެކީގައި ވޯޓުދެވިއްޖިއްޔާ، އެ އިންތިޚާބު ކާމިޔާބުކުރާނީ އަޅުގަނޑުމެންކަން، ހަމަގައިމުވެސް، އަޅުގަނޑުމެންނަށް ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ޝައްކު ކުރައްވާނެ އޭރު. ހަމަގައިމުވެސް އަޅުގަނޑުމެންނަށް އެކަން އޮތީ ކަށަވަރުވެފައި. އެހެންވީމާ، އަޅުގަނޑު ދެންނެވީ މާތްރަސްކަލާނގެ އިރާދަފުޅުން 11 ނޮވެމްބަރ 2008ވާ އަންގާރަ ދުވަހު ދެން، މިރާއްޖޭގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރާނީ އަޅުގަނޑޭ. އަޅުގަނޑުމެންނަށް އެވަޢުދު ފުއްދާ ދެވިއްޖެ. ދެން ހުރި ވަޢުދުވެސް އަޅުގަނޑުމެން ފުއްދާނެ. އެކަންކަންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ. އަޅުގަނޑު މިދަންނަވާހެން ނުކުމެ މިތިބީ ކުރުމަށް. އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ދާނީ ކުރަމުން.

އަޅުގަނޑު، މިރަށުގެ ފެނާއި ނަރުދަމައާއި ކަރަންޓާ އަދި ތިޔަބޭފުޅުން ވަރަށް ކަންބޮޑުވާ ކަމެއް އެއީ، ބަނދަރުގެ ކަންތައް. އަޅުގަނޑުމެންވެސް ކަންބޮޑުވޭ. އަޅުގަނޑު ހަމަ ދަންނަވަން، އަޅުގަނޑަށް އެބައޮތް ދެންނެވެން އެކަން އަޅުގަނޑުމެން އެގޮތަށް ވިސްނައިގެން ރާވައިގެން ހަމަޖައްސައިގެން އެކަން އެހެން ކުރުމަށް ނިންމައިގެން އަޅުގަނޑުމެން މިތިބީ. އެއީ، މިތަނުގެ ބަނދަރު ހެދުން. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުމެން އެމަސައްކަތް ފަށައި، އެމަސައްކަތް ތިޔަބޭފުޅުންނަށް ނިންމައިދޭނަން. އަޅުގަނޑު އެރިއިރުގައި ހުޅަނގުގެ ގަދައިގެ ކުރީގައި އެކަން ކުރުމަށް އެދިފައި އެބައޮތް. މިހާރު މިއީ ކޮން ނަކަތެއްތޯ؟ އިރުވައި ނިމެނީ، ދެނެއް އަޅުގަނޑަކަށް ހިއެއްނުވޭ އަލާއުއްދީން ވޮއްގަނޑުންވެސް އަޅުގަނޑުމެންނަށް ހުޅަނގުގެ ގަދައިގެ ކުރީގައި އެކަން ކޮށްދެވޭނެހެނެއް. މިހާރު އޮތީ، ހުޅަނގުގެ ގަދައިގެ ކުރީގައި އަޅުގަނޑުމެންނަށް ކުރެވުނުވަރަކީ ކުރަހާ ނިންމުނީ. މިއިން ބަނދަރެއް ކުރެހުމަކީ، އަދި މާއުނދަގޫ ކަމެއް ކަމަށްވަނީ، ހެދުމަށްވުރެ. ދެން ހަދާ ނިމުނީމާ ވާގޮތަކީ، ކުރަހާއިރު އެއްވެސް ބޭފުޅަކު އެއްވެސް ވާހަކައެއް ނުދައްކަވާ އިނގޭތޯ. އެއީ، ދެން ޙަޤީޤަތުގައިވެސް ތިޔައިން އެއްވެސް ބޭފުޅަކަށް އެ ކުރެހުމެއްވެސް ނުވެސް ފެނޭ. އެހެންވީމާ، ދައްކާނެ ވާހަކައެއްވެސް ނޯވޭ. ހަދާނިމުނީމާ ބުނާނެ ފައިކަށި 10 ފޫޓަށް އަދި ދިގުކޮށްލާށޭ. މިދިމާއިން އަދި ކުޑަތަންކޮޅެއް ކޮނެލަން އެބަޖެހެޔޭ. ދަންނަވަންތޯ! ހަމަ އެބަހުއްޓޭ ސާމާނު، މިތަނުގެ މިތަން ކުޑަކުޑަކޮށް ފުންކޮށްލަން. ދެން މުޅި ބަނދަރު އެންމެފަހުން އައިސް އަނެއްކާ ހަދަން މިޖެހެނީ. އެފައި ކައްޓެއް ތިޔަބުނުއްވާ ގޮތަށް އަދި ނެރުނީމަކާވެސް ވަކި ބާނި ވައްދާވަރެއްވެސް ކުޑައެއްވެސްނުވޭ.

އެހެންވީމާ، މިހާރު އަޅުގަނޑުމެން މި ނިންމީ ދެން އިތުރު ކަމެއް ކުރުމުގެ ކުރީގައި އިހަށް އެކުރެހުން ތިޔަބޭފުޅުންނަށް ދައްކަން. އެ ބަލައިގެން އެއާއެކީގައި އަދި ރަށުގެ "ލޭންޑް ޔޫޒް ޕްލޭން" ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެބަ ނިންމަންޖެހޭ. އަޅުގަނޑަށްވެސް އެނގޭ ތިޔަބޭފުޅުން 2006ވަނަ އަހަރު ތަވީދެއްހެން ލިޔުއްވާފައި އޮތް ގަނޑެއް އެބައޮތް ފެންނަން. އެލޭންޑް ޔޫޒް ޕްލޭނަކަށް އެގަނޑު އެބަހަދަންޖެހޭ. ރަނގަޅު ބިން ބޭނުންކުރުމުގެ ޕްލޭނަކަށް. އެއީ، ހަމަ ވަރަށް ރަނގަޅު ފެށުމެއް މިދަންނަވާ ގަނޑަކީ. އެ އަނެއްކާ އަޅުގަނޑުމެން އެބަޖެހޭ މިނިސްޓްރީ ބޭފުޅުންނާ ތިޔަބޭފުޅުންނާ އެއްތަނެއްގައި އިށީނދެތިބެ، ބައެއްފަހަރަށް ޒުވާބު ކޮށްގެން، އަނެއްބައި ފަހަރަށް އުފާވެތިބެ މިކަން ގޮތަކަށް ކުރިއަށްގެންދާނެ ގޮތެއް ކަނޑައެޅިގެން ނިންމަން.

މިސާލަކަށް، ބަނދަރެއް ހެދެމުންދަނީ ނުވަތަ މަދަރުސާއެއް އަޅަމުންދަނީ ނުވަތަ އެހެންވެސް ސަރުކާރުން ކުރާ ކަމެއް ކުރަމުންދަނީ. ދަނިކޮށް ރައްޔިތުން އެކަމާ ހިތްހަމަނުޖެހުނީ. އަޅުގަނޑު ބޭނުމެއްނޫން، ރައްޔިތުންގެ ޝަކުވާ އަޑުނީވޭ ގޮތަކަށް ކަންކަން ބާއްވާކަށް. އެ އަޑު އިވެންޖެހޭނެ. އެހެންވީމާ، އެންމެ ރަނގަޅު ގޮތަކީ، އަވަހަށް ޝަރީޢަތަށް ދިޔުން. ކޮންމެ ރަށެއްގައިވެސް ކޯޓެއް އެބަހުރޭ. ފަނޑިޔާރަކު އެބަހުރޭ. ޤާޟީއަކު އެބަހުރޭ. ޝަރީޢަތުން ޖެހޭނެ ބަނދަރު ހެދުން ހުއްޓުވާލަން. ބަނދަރު ހެދުން ހުއްޓުވާލާކަށް، ކޮންމެހެން ރަށު ރައްޔިތުން ނުކުމެ އެ ހައިމާކު މައްޗަށް ވެއްޓިގަންނާކަށް ނުޖެހޭ. ބަނދަރު ހެދުން ހުއްޓުވާލަން ޖެހޭނީ ޝަރީޢަތުން. އަދި ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ޝަރީޢަތުން ހުއްޓުވާލެވިދާނެ. އޭރަށް ސަރުކާރަކަށްވެސް ނޯންނާނެ، އެކަމަކާ ބުނެވޭނެ އިތުރު ވާހަކައެއް. އެއޮތީ ޝަރީޢަތުގެ ތެރެއިން އެމަސައްކަތް އެހެން ގޮތަކަށް ހެދުމަށް، ކުރުމަށް، ކަނޑައެޅިފައި.

މިއީ، އަޅުގަނޑުމެންގެ ނަމޫނާ ރަށެއް. އެހެންވީމާ، އަޅުގަނޑުމެން މިއުންމީދުކުރާ ނިޒާމުތައް މިރަށުގައި ޤާއިމުކުރާއިރުގައި އެޝަރީޢަތުގެ ނިޒާމުވެސް ފުރިހަމަވާން އަޅުގަނޑުމެން ބޭނުން. އަދި ހަމައެކަނި ސަރުކާރުން ކުރާ ނުރަނގަޅު ކަންތައް އެކަންޏެއް ނޫން، ޝަރީޢަތުން ބަލަންޖެހޭނީ. ދޭދޭމީހުންގެ ކަންތައްވެސް އިންސާފުވެރިގޮތުގައި ހަމަހަމަގޮތުގައި ބަލައި ނިންމަންޖެހޭނެ. މީހުންނަށް، ޝަރީޢަތުގެ ނިޒާމަށް އިތުބާރު ކުރެވެންޖެހޭނެ. އިންސާފު އެއީ، އިންސާފު ކަމަށް ގަބޫލުކުރެވެން ޖެހޭނެ. ބޭ އިންސާފެއް ތިމަންނާއަށް ރައްދުވެގެން، ރައްދުވާކަން އެނގިހުންނަހާ ހިނދަކު، މީހުން ކުށް ގަބޫލެއް ނުކުރާނެ. އަޅުގަނޑުމެން އެންމެންވެސް ކުށްކުރަން. ކުށްކުރީމާ އަބަދުވެސް ދޭން ޖެހޭނެ. އެހެންނަމަވެސް، ކުށް ކޮށްފިކަން ސާފުކޮށް އެނގޭނީ، ރަނގަޅަށް ޝަރީޢަތް ހިންގުނީމާ. ޝަރީޢަތުގެ ނިޒާމު ފުރިހަމަވުމަކީ، ރަނގަޅަށް އިސްލާމީ އުސޫލުތަކުންވެސް، ޑިމޮކްރަސީގެ ސިފަތަކުންވެސް، ޝަރީޢަތް ފުރިހަމަނުކޮށެއް ވެރިކަމެއް ނުހިންގޭނެ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، އަޅުގަނޑަށް އެނގޭ، އަޅުގަނޑާބެހޭވެސް ކަމެއްނޫންކަން ޝަރީޢަތަކީ. އެހެންނަމަވެސް، ޤާނޫނުއަސާސީ އަޅުގަނޑަށް އެބަ ލާޒިމުކުރޭ، މި ޤާނޫނުއަސާސީ ދަމަހައްޓަން، ނަގަހައްޓަން. ތިޔަބޭފުޅުންނަށް އެ ޤާނޫނުއަސާސީ އަންގައިދޭން. މި ޤާނޫނުއަސާސީ ތިޔަބޭފުޅުންނަށް އަންގައިދޭއިރުގައި، ވަރަށް މުހިންމު ވާހަކައެއް އަޅުގަނޑު އެބައޮތް ބުނަން.

މިހާރު އަޅުގަނޑަކީ ހަމަ ތަކުރާރު މިކުރާ ފަދައިން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް ކާމިޔާބުކުރި ރައީސް. އެމް.ޑީ.ޕީ.ގެ މެންބަރެއް. އެއީ، އަޅުގަނޑުގެ ޕާޓީ. އަޅުގަނޑުމެން އެޕާޓީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެޔޮވެރިކަމެއް މިކޮށްދެނީ. އެކަން ކޮށްދޭއިރުގައި އަޅުގަނޑު ނުޖެހޭ ރައްޔިތުމީހާ އެއީ، ކޮންޕާޓީއެއްގެ މީހެއްތޯ ބަލާކަށް. ހަމަހަމަކޮށް އަޅުގަނޑު އެކަން ކުރަންޖެހެނީ، ކޮންމެ ފިކުރެއްގެ މީހަކަށްވިޔަސް. ކޮންމެ ޕާޓީއެއްގެ މީހަކަށްވިޔަސް. އަޅުގަނޑަކަށް ނެތް އަޅުގަނޑު ގައިގައި ޖެހިމީހެއް، އިއްޔެގައި ޖެހިމީހެއްވީމާ، އެމީހާ ހޯދާފައި އޭނާގެ ގައިގައި އެއަށްވުރެ ބާރަށް ޖެހުމުގެ ފުރުޞަތެއް. އަޅުގަނޑަކަށް ނެތް އެފުރުޞަތެއް. އަޅުގަނޑުމެންނަށް ކޮންމެ ގޮތަކަށް އަދި ކޮންމެ ގޮތަކަށް، ބަޔަކު މީހުން ކަން ކުރިޔަސްވެސް، އޭގެބަދަލެއް ހިފޭކަށެއް ނެތް. އަޅުގަނޑުމެން ދާންވީ ކުރިއަށް. އަޅުގަނޑުމެން ބަލަންވީ މުސްތަޤްބަލް. މުސްތަޤްބަލަށް، ކުރިއަށް ފަހަތް ނުބަލައި މާޒީ ނުހޯދާ ދެވެން އޮންނަނީވެސް މުސްތަޤްބަލް އުޖާލާވީމާ. ފަހި މުސްތަޤްބަލެއް، ފަރި މުސްތަޤްބަލެއް އަޅުގަނޑުމެންނަށް ފެންނާން އޮތީމާ އެމުސްތަޤްބަލާ ދިމާއަށް އަޅުގަނޑުމެންނަށް ދެވޭނީވެސް. އެ ފެންނާން ނެތްހާ ދުވަހަކު އަޅުގަނޑުމެން ތިބޭނީ ފަހަތް ބަލަބަލާ. އަޅުގަނޑުމެން ތިބޭނީ އެގޯތިމީހާ ކުރީކީއްތޯ އޭނާ ހެދީ ކިހިނެއްތޯ އެގޭގައި މާބޮޑު އެއްޗެއް އެބަހުއްޓޭ މިގެއަށްވުރެ. މި ފިތުނައާއި ފަސާދައާއި ޙަސަދަ އަޅުގަނޑުމެންގެ ތެރޭގައި އާލާވާނެ. އަޅުގަނޑުމެން މަސައްކަތް މި ކުރަންވީ، އަޅުގަނޑުމެންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެ އުންމީދު އެބަފެންނަޖެހޭ.

އަޅުގަނޑު މަސައްކަތް ކުރަނީ އުންމީދު ފެންނާތީ. އެ މަންޒަރު އަނެއް ދިވެހިރާއްޖެ އަޅުގަނޑަށް ސިފަވާތީ. ދެންމެ ނޫރާނީ މަލުގެ ވާހަކަ ވިދާޅުވެއްޖެ. އެހަމަ އަޅުގަނޑުމެންގެ މާ. ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެއޭ، އަޅުގަނޑުމެންގެ ގުލްޒާރު. ނޫރާނީމާ އެއީ ހުންނަ މަލެއްނޫނޭ އިނގޭތޯ. ހަމައެކަނި ސީދިބޭގެ ޅެންބައިތުގައި އޮންނަ މަލެއް. ދެން ނޫރާނީއާގެ އެނގިލައްވާނެ. ސީދިބޭ ކާވެނި ބައްލަވައިގަތީ.

އަޅުގަނޑު މިކުރާ ދަތުރުތަކުގައި އަޅުގަނޑު ރައްޔިތުންނަށް އަންގައިދެވޭތޯ މިބަލަނީ (1) އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި އަޅުގަނޑުމެން އެރަށަކަށް، މިރަށަށް ކުރާންއޮތީ ކޮންދެވެންއޮތީ ކޮންކަމެއްތޯ؟ އެކަމެއް އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ގޮތުގެ ވާހަކަ ކިޔައިދިނުން. އަޅުގަނޑުމެން މިރަށަށް ސީދާ ގޮތުގައި މިދަންނަވާ ކަންކަން ކުރުމަށް ރާވައިގެން މިތިބީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަންކަން މިރަށުގައި ކުރެވޭނެ. އަޅުގަނޑު އެކަމަކާ ހަމައެއްގޮތަކަށްވެސް ޝައްކެއްނުކުރަން. މީގެ 6 މަސްދުވަހަށްވުރެ އަދި މިއަދު އަޅުގަނޑަށް މިކަމަށް އޮތް އިތުބާރު މާބޮޑު. އަޅުގަނޑުމެންނަށް މިކަން ފުރިހަމަގޮތުގައިވާނެ ކަމުގެ އިތުބާރު.

އަޅުގަނޑު ހަމައެކަނި ބޭނުމީ، ތިޔަބޭފުޅުންގެ ތާއީދު. ތިޔަބޭފުޅުންގެ ރުހުން. އަޅުގަނޑު ބޭނުން ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ޑިމޮކްރަސީއެއްގައި އޮންނަ ކަމެއްނޫނޭ އެއީކީއެއް، ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ އަޣްލަބިއްޔަތު. އަޅުގަނޑު ނުދަންނަން އެހެން ނޯންނަ ޤައުމެއް. ވެރިކަމެއް ނުކުރެވޭނެ މަޖިލީހުގެ އަޣްލަބިއްޔަތު ނެތީހެއް. އަޅުގަނޑު ދެންމެ މިބުނި ކޮންމެ ކަމެއް ޙަޤީޤަތުގައި ކުރާން އޮތީ މަޖިލީހަށް ގޮސް މަޖިލީހުގެ ހުއްދައާއި މަޖިލީހުގެ އިޒުނަ އެކަމަކަށް ލިބިގެން. އެހެންނޫނީ، ހިންގޭނީ ޚުދްމުޚްތާރު ވެރިކަމެއް. އަޅުގަނޑުމެންގެ ވަޒީރުންގެ ވަޒީރުކަމުގެ ރުހުން ހޯދަނީ ރައްޔިތުންގެ މަޖިލީހުން. އަދި އެނގިވަޑައިގަންނަވާނެ ތިޔަބޭފުޅުން މަޖިލިސް ބައްލަވަނީ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހަތަރު ފަސްބޭފުޅަކު އަބަދު އެތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގައި. އެބޭފުޅުން ދެން އަބަދަކު އައްސަވަނީކީއެއް ހަމަ މާރަނގަޅު ސުވާލެއްވެސްނޫން. އެހެންނަމަވެސް، އެއީކީއެއް ހުއްޖަތެއްގެ ގޮތުގައި އަޅުގަނޑަކަށް އަޅުގަނޑުމެންނަކަށް ބެލެވޭކަށެއްނެތް. ކޮންމެފަދަ ސުވާލެއް މަޖިލީހުގެ މެންބަރުން ކުރެއްވި ނަމަވެސް، ސަރުކާރުން ސީދާ ތެދަށް ފުރިހަމައަށް އެއަށް ޖަވާބުދާރީވާންޖެހޭނެ. މަޖލީހަށް އޮޅުވާލުމަށްވުރެ. އެއީ ރައްޔިތުންނަށް އޮޅުވާލުމެއް. މަޖިލީހަށް ދޮގުހެދުން އެއީ، ރައްޔިތުންނަށް ދޮގު ހެދުން. އެއަށްވުރެ ބޮޑު ކުށެއް ޑިމޮކްރަސީއެއްގައި ޙަޤީޤަތުގައެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންނެއް އެ މަޖިލީހުގެ މުހިންމުކަން ނަގާލާކަށެއް އަދި ހަނދާނެއްވެސް ނުނެތޭނެ.
އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވަކާލާތުކުރީ ބަރުލަމާނީ ނިޒާމަކަށް. އެހެންވީމާ، އަޅުގަނޑުމެންނަށް އަދި މަޖިލީހުގެ މުހިންމުކަން މާބޮޑު. އަޅުގަނޑު ނޫން ކާކުތޯ އެމް.ޑީ.ޕީ. ކެންޑިޑޭޓުން ހޮވުމަށް ކެމްޕޭނު ކުރާނީ. އަޅުގަނޑަކީ އެޕާޓީގެ މީހެއް. އަޅުގަނޑަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް. އެއީ، މިއަދުގެ ޤާނޫނުއަސާސީ އަޅުގަނޑުގެ މައްޗަށް ލާޒިމުކުރާ ކަމެއް. އަދި މިވާހަކަ ތިޔަބޭފުޅުންނަށް ކިޔާދިނުން، އެވެސް މިއަދުގެ ޤާނޫނުއަސާސީ އަޅުގަނޑުގެ މައްޗަށް ލާޒިމުކުރާ ކަމެއް. މިޤާނޫނުއަސާސީ ނަގަހައްޓަންޖެހޭ. ދަމަހައްޓަންޖެހޭ. އެކަން ކުރުމުގެ ޒިންމާ އަޅުގަނޑު އެބައުފުލާންޖެހޭ. ހަމައެހެން މުއައްސަސާތަކެކޭ އެއްވަރަށް، ބައެއްފަހަރަށް އިތުރަށް.

އަޅުގަނޑެއް ނުދެކެން އަޅުގަނޑު މިރޭ މިތަނުގައި ތިޔަބޭފުޅުންގެ އަރިހުގައި ދައްކާ ވާހަކައެއް އެއީ. އަޅުގަނޑު އެދެން އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮވަން. އެކަމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް އިންކާރެއްނުވެސް ކުރާނަން. އަދި އެއެއްނޫން ކަމަކަށްވެސް ނުވެސް ބުނާނަން. އެހެންނަމަވެސް، އަޅުގަނޑުމެން ކުރާންހުރި ކަންކަން އަޅުގަނޑުމެން ކުރާނީ، އަޅުގަނޑުމެން ކުރާން ކަނޑައަޅާފައި މިއޮތް ތަރުތީބުން. އެނޫން ތަރުތީބަކުން އަޅުގަނޑުމެން އެކަންކަން ކޮށްފިއްޔާ، ދެން ދާނީ ނާޖާއިޒު ފައިދާއާއި، ކޮރަޕްޝަނާ، އަޅުގަނޑުގެ ގާތްތިމާގެ މީހުންނަށް ބައިތުލްމާލު ބަހާލެވޭނީ. އެހެނެއް ކަންކަމެއް ހިނގައިގެނެއް ނުވާނެ. ކަންކަން ހިނގަންޖެހޭނީ ސާފުކޮށް، ރީތިކޮށް، ދެފުށް ފެންނަގޮތަށް.

އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް ތިޔަބޭފުޅުންނަށް ދަންނަވަން އޮތީ، އަޅުގަނޑުގެ އުންމީދަކީ މިރަށް، މިރާއްޖެ، މިއަތޮޅު، މިޕްރޮވިންސް، މިރާއްޖެ މިއީ، އިއްޔެއަށްވުރެ ފާގަތި މާދަމައެއް އޮތް ރާއްޖެއެކޭ.
އެއީ، އަޅުގަނޑުމެންނަށް ޔަޤީން ކަމެކޭ. އެ މުސްތަޤްބަލް އެ މަންޒަރު އަޅުގަނޑުމެންނަށް ފެނެއޭ. ހިނގާށޭ އަޅުގަނޑުމެންނާއެކީގައި އެމަންޒަރު ބަލަން. ހިނގާށޭ އަޅުގަނޑުމެންނާއެކީގައި އެކަން ކުރަން. އަޅުގަނޑަށްވެސް އެނގޭ، އެދަތުރުގެ ބޮޑުބައި މިއޮތީ ނިމިފައި. އެދަތުރުގެ ބޮޑުބައި އަޅުގަނޑުމެން ކުރީ ހަމަ މިރަށު ރައްޔިތުންނާ އެކުގައި. ދެން އޮތީ ހަމަ ކުޑަކުޑަ ހިތްވަރެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު މިވަޒީފާގައި މަސައްކަތްކުރާ ކޮންމެ ދުވަހަކު މަދުވެގެން 14 ގަޑިއރު އަޅުގަނޑު މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެން ފުއްދައިދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންނަށް ލިބޭނެ.

والسّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ.