بســم اللّـه الرّحمـن الرّحيــم

ހުޅުދުއްފާރުގެ އެކުވެރި ލޮބުވެތި ރައްޔިތުން.

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ، މީގެ ދުވަސްކޮޅެއް ކުރީގައި އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އަޅުގަނޑު މިރަށަށް އައިމު. އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށް އަޅުގަނޑުމެންގެ ސަރުކާރެއް އަޅުގަނޑުމެން ހިންގުމަށް އަޅުގަނޑުމެން ވިސްނާ ގޮތްތައް، ރާވާފައިވާ ރޭވުންތައް، ތިޔަބޭފުޅުންނަށް ކޮންމެވެސް ވަރަކަށް ނަމަވެސް ކިޔައިދެވޭތޯ އަޅުގަނޑުމެން ބެލިން. އަޅުގަނޑުވެސް ގަބޫލުކުރަން އެދުވަހު އަޅުގަނޑުމެން އެ ހުށަހެޅި ހުށަހެޅުން އަޑުއެހުމަށް ނުވަތަ އެއަށް ޝައުޤުވެރިކަމާއި ނަޒަރު ހުއްޓިފައިހުރި މިންވަރު އެހާ ބޮޑެއް ނޫން. އެހެންވީމާ، ބައެއް ބޭފުޅުންގެ ހަނދުމައިން އޭގައި ވާ އެއްޗެއް ކައްސާލާފައި އޮވެދާނެ. އަޅުގަނޑު އެކަން ގަބޫލުކުރަން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައި އަޅުގަނޑުމެން ދެންނެވީމު އަޅުގަނޑުމެންގެ ބޭނުމަކީ ތިޔަބޭފުޅުންނަށް، ރާއްޖޭގެ ރައްޔިތުންނަށް ރިވެތި ގޮތުގައި ދިރިއުޅެވޭނެ ހަމަތަކެއް، ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުމޭ. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެކުލަވާލީ މެނިފެސްޓޯއެއް ނުވަތަ އަޅުގަނޑުމެންގެ ތަޞައްވުރެއް. އަޅުގަނޑުމެން އޭގައި ހިމެނީމު އަޅުގަނޑުމެންގެ ވެރިކަމެއް އަޅުގަނޑުމެންގެ ސަރުކާރެއް ހިނގަމުން އަންނައިރުގައި، ކަންކަން ހިނގައިދާނެ ބައެއް ގޮތްގޮތް. މިއަދު އަޅުގަނޑަށް މި އުފާ މި ލިބެނީ ތިޔަބޭފުޅުންނާއެކުގައި ތަފްޞީލު ގޮތެއްގައި އަޅުގަނޑުމެންގެ ސީދާ ޕްރޮގްރާމް، މިއަދުގެ ސަރުކާރުން ހުޅުދުއްފާރަށް ކުރިޔަށް މިއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށްދިނުމަށް ނުވަތަ ކުރުމަށް ނިންމާފައިވާ ކަންތައްތަކަކީ ކޮބައިތޯ؟ އެއީ، އަބަދުވެސް ވަރަށްގިނަ މީހުން އަހާވެސް ވާހަކައެއް އަޅުގަނޑުމެންގެ ކައިރިން އޮޅުންފިލުވަންވެސް ބޭނުންވާ ވާހަކައެއް.

އަޅުގަނޑު މިއަދު އެވާހަކަތައް ކިޔައިދޭނަން. އެހެންނަމަވެސް، އޭގެ ކުރީގައި އަދި ކުޑަ ކުޑަ އެއްޗެއް ދަންނަވާލަން ބޭނުން. އަޅުގަނޑު ހިތަށް އަރާ އަޅުގަނޑު ގާތުގައި ސަރުކާރުގައި ތިޔަބޭފުޅުން އައްސަވާ ނަމައޭ، މިވެނި ކަމެއް ކުރުމަށް ސަރުކާރުން ވިސްނާފައި އޮތީ ކޮންކޮން ގޮތަކަށްތޯއޭ؟ އެއީ، މިވެނި ކަމެއް ތިމަންނާމެންނަށް ލިބޭނީ ކޮން ދުވަހެއްގައިތޯ އެހުމުގެ ބަދަލުގައި، އެކަން ކުރުމަށް ސަރުކާރުން ރާވާފައިވަނީ ކިހިނެއްތޯ؟ އެ ސުވާލު ތިޔަބޭފުޅުން އަޅުގަނޑުމެންގެ ގާތުގައި ކުރުމަށް އަޅުގަނޑުމެން އެދެން. ވެރިން ގާތުގައި. އެންމެ ބޮޑު ބޭނުމަކީ، އެ ކުރާކަމެއް ކުރާއިރުގައި، އެކަމުގެ އެންމެ ފުރަތަމަ މަރުޙަލާއިންސުރެ ފެށިގެން ރައްޔިތުން އެކަމުގައި ބައިވެރިވެގެން، ރައްޔިތުންގެ މަޝްވަރާއާ އެކީގައި އެކަން ކުރިއަށް ގެންދެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން އިންތިޚާބަށް ނުކުތްއިރުގައިވެސް ހުޅުދުއްފާރުގައި ކުރުމަށް އަޅުގަނޑުމެންނަށް ފާހަގަވެފައި ހުރި ކަންތައްތަކެއް ހުރި. ފެނާއި ނަރުދަމާ ވީހާވެސް އަވަހަކަށް ޤާއިމު ކުރުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އިޙްސާސްވި. މިރަށުގައި ޓްރޭނިންގ ނުވަތަ އިތުރަށް ދަރިވަރުންނަށް ތަޢުލީމު ލިބޭނެ ގޮތެއް އަދި އެ ތަޢުލީމަށްފަހުގައި ވަޒީފާ ލިބޭނޭ ފުރުސަތުތަކަކާ ގޮތްތަކެއް ރޭވުން އެއީވެސް، މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދުށީމު. އަޅުގަނޑުމެން ދުށިން، ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށް ގުޅާލުން އެއީ، މުހިންމު ކަމެކޭ. އަދި ގެދޮރު އެޅުމުގައި މުޅި މީހާގެ ޙަޔާތް ދޫކޮށްނުލާ، އެކަން ކުރެވޭނެ އިންތިޒާމެއް، ނިޒާމެއް ހަމަޖެއްސުމަކީވެސް، އަޅުގަނޑުމެން ދުށްގޮތުގައި މުހިންމު ކަމެއް.

އަޅުގަނޑުމެންނަށް ރާއްޖޭގެ އެތަން މިތަނުން ފެންނަމުން ދިޔަ، އަދި ދޭ، ޑްރަގުގެ ޝިކާރައަކަށްވެ ޒުވާނުންގެ ބޮޑު ޖީލެއް ހަލާކުވެދާތަން. އެކަމަށް ޙައްލެއް ހޯދުން އަޅުގަނޑުމެން ދުށީ އެއީ، މުހިންމު ކަމެއް ކަމަށް. ތަކެތީގެ އަގު ބޮޑުވެގެން ދާ ދިޔުމާއި، އެކަމަށް ގެންނަންޖެހޭ އިޤްތިޞާދީ ރޭވުން އަވަހަށް ރާވައި، ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށް ގެންނަންޖެހޭ ބަދަލު، ގެންނަންޖެހޭ އިޤްތިޞާދީ މާލީ ސިޔާސަތު ތަންފީޒުކުރުން، އަޅުގަނޑުމެން ދުށިން އެއީ، މުހިންމު ކަމެއް ކަމަށް.

ހަނދުމަފުޅު ހުންނާނެ، އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ތިޔަބޭފުޅުންނަށް ހުށަހެޅީ ފަސް ވަޢުދެއް. އަޅުގަނޑުގެ ނަޒަރުގައި މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ވަޢުދުތައް ތިޔަބޭފުޅުންނަށް ފުއްދުމަށްޓަކައި. އަޅުގަނޑުމެން މިތާ މިތިބެނީ، ހަމަގައިމުވެސް އަޅުގަނޑު މިހުރީ އެހެން އެއްވެސް ކަމެއް ކުރާކަށް ނޫން. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުން ފިޔަވައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ވީ އެންމެ ފުޅާ މިންވަރެއްގައި، އަޅުގަނޑު ދާނީ ތިޔަބޭފުޅުންނަށް ޚިދްމަތް ކުރަމުން. އަޅުގަނޑެއް އިރާދަކުރެއްވިއްޔާ އެންމެ ދުވަހަކުވެސް 12، 14 ގަޑިއިރު މަސައްކަތް ނުކޮށެއް މިވަޒީފާގައި އަޅުގަނޑު ދުލެއް ނުކޮށްލާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕާޓީގެ ފަރާތުން ތިޔަބޭފުޅުންނަށް ވީ ވަޢުދުތައް ފުއްދައިދޭނަން.

ބައެއްފަހަރަށް، އަޅުގަނޑުމެންގެ ތެރޭގައި އެބަ ހިތަށް އަރާ، ވަކި ޕާޓީއަކުން ވަކި ޕާޓީއަކަށް ކޮށްދޭ ވެރިކަމެކޭ. އެއްވެސް ހާލެއްގައި އެހެނެއް ނޫން. މިއަދުގެ ދިވެހިރާއްޖޭގެ ޤާނޫނީ ޙަޤީޤަތަކީ، އަދި ވެރިކަމުގެ ނިޒާމަކީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު. އެ ނިޒާމުގައި މިވަގުތު ވެރިކަން ހިންގުމާ ހަވާލުވެ މިއޮތީ އެމް.ޑީ.ޕީ.އާ. މި ޕާޓީގެ ފަރާތުން، ތިޔަބޭފުޅުންނަށް، ހުރިޙާ ރައްޔިތުންނަށް، އޭގައި ވަކި ޕާޓީއެއް ނެތް، ވަކި ފިކުރެއް ނެތް، ވަކި ވިސްނުމެއް ނެތް. ހުރިހާ ރައްޔިތުންނަށް ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި ވެރިކަން ކޮށްދިނުން އެއީ، އަޅުގަނޑުގެ ވާޖިބެއް. އަޅުގަނޑު މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި މިހުރީ އެކަމަށް.

އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން ތިޔަބޭފުޅުން އަދި އަޅުގަނޑުމެންނާ ނުރުހުނަސްވެސް، އަޅުގަނޑުމެން ތިޔަބޭފުޅުންނާ ރުހެއޭ. ތިޔަބޭފުޅުންގެ ތެރެއިން ބަޔަކު އަޅުގަނޑުމެންދެކެ ހިތްހަމަ ނުޖެހުނަސްވެސް، އަޅުގަނޑު ތިޔަބޭފުޅުންނާ ހިތްހަމަޖެހެއޭ. ތިޔަބޭފުޅުން އަޅުގަނޑާ ދެމެދު ދުރުވާން ބޭނުންވެލެއްވިޔަސްވެސް އަޅުގަނޑެއް ހަމަ ގައިމުވެސް އެ ދުރުމިނެއް ދުރުކުރާކަށެއް ބޭނުމެއް ނެތޭ. އަޅުގަނޑުމެންނަށް، ބައެއް ފަހަރު ހުރިހާ ކަމެއް އެންމެ ރަނގަޅަށް ނުގެންދެވިދާނެ. އަދި ވަގުތުގެ އަޖަލުގައި ކަމުގެ ހާސްކަމުގައި ކިތަންމެ ކަމެއް ގޯސްކޮށްވެސް ކުރެވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މި ކުރަން އުޅޭ މައިގަނޑު ކަންތައް، މައިގަނޑު މިޞްރާބު، މައިގަނޑު އަމާޒު، އަޅުގަނޑުމެންނެއް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. މި ސަރުކާރުގެ ބޭނުމަކީ، ރައްޔިތުނަށް ޚިދްމަތް ކޮށްދިނުން.

އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި ހުޅުދުއްފާރުގައި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމުގެ ވާހަކަތަކެއް ސަރުކާރުގެ ތެރޭގައި އޮތީ ދެކެވިފައި. އެކަން އިތުރަށް ގެންދެވިފައެއް ނެތް. އަޅުގަނޑުމެން އަވަސްވެގަތީ ވީހާވެސް އަވަހަކަށް ހުޅުދުއްފާރުގެ ފެނާއި ނަރުދަމާގެ ނިޒާމު އެކަންޏެއްނޫން، ފެނާ އެކުގައި ހޮޅި ވަޅުލެވޭނެ ގޮތެއް ހޯދަން. މިހާރުވަނީ އިރާދަކުރައްވައިގެން ތިޔަބޭފުޅުންގެ ފެނާއި ނަރުދަމާގެ ނިޒާމު ކުރަހާ ނިމިފައި. އަޅުގަނޑަށް މިހާރު މި އެނގެނީ އެއީ ހަމަ އެޅުންހާ ބުރަ ކަމެއްކަން. ކުރެހުމަށް ދާ ވަގުތުވެސް އަދި ދާ ޚަރަދުވެސް ހަމަ ކުޑައެއް ނޫން. އިރާދަކުރައްވައިގެން މިހާރު އޮތީ ހުޅުދުއްފާރުގެ ފެނާއި ނަރުދަމާގެ ނިޒާމު ކުރަހާ ނިމިފައި. އަޅުގަނޑަށް މިއަދު އުފަލާއެކީގައި ތިޔަބޭފުޅުން އަރިހުގައި ދެންނެވެން އެބައޮތް، މާތްރަސްކަލާނގެ އިރާދަފުޅުން މިއަހަރުގެ ތެރޭގައި މިރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ފަށައިގަނެވޭނެއޭ.

އޭގެއިތުރުން، އަޅުގަނޑުމެން ނިންމީ ހުޅުދުއްފާރަކީ، މީހުން އާބާދު ކުރުމަށް އަދި ބޮޑު އަދަދެއްގެ އާބާދީއެއް ހިފެހެއްޓުމަށް ބައްޓަން ކުރެވޭ ރަށަކަށް ވާންޖެހޭނެއޭ. މީގެކުރީގައިވެސް، މީގެ ކުރީގެ ދައުރުގައިވެސް، ކުރީ ސަރުކާރުންވެސް އެ ފަށާފައިވާ، ހުޅުދުއްފާރު އާބާދު ކުރުމުގެ މަޝްރޫޢު، އަޅުގަނޑުމެން ނުދެކެން ނިމުނުކަމަކަށް. އެހެންވީމާ، ސަރުކާރުން ހުޅުދުއްފާރަށް ކޮށްދޭން ބޭނުންވާ ކަންކަން ޙަޤީޤަތުގައި އެހެން ބައެއް ރަށްރަށަށްވުރެ ގިނަވެދާނެ. އެބާވަތުގެ ބައެއް ރަށްރަށް އެބަހުރި. ދެން ހަމަ އަޅުގަނޑަކީވެސް އިންސާނެއް. މިހުރިހާ ކަމެއް އަޅުގަނޑުމެން ނިންމީކީއެއް ހަމައެކަނި ހިސާބު އަކުރު ޖަހައިގެނެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުން ދަންނާތީވެސްމެ. އަޅުގަނޑު ދަންނަވެސް ރަށަކަށް ވާތީވެ. މިރަށުގައި އަޅުގަނޑުމެން އެބަ ބޭނުން މަގު ހަދަން. ހަމަ ތާރުން މަގު ހަދަން ސަރުކާރުން ރާވާފައިވާ އެއް ރަށް މިއީ. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ ހަމަ މިއަހަރު ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ހަމަ ނިމުމާއެކުގައި، އަޅުގަނޑުމެންނަށް މިރަށުގެ މަގު ހަދަން ފެށޭނެކަމަށް. އިރާދަކުރެއްވިއްޔާ މިރަށުގައި ތާރު އަޅައި އަޅުގަނޑުމެން މަގު ހަދައިދޭނަން.

ހުޅުދުއްފާރަށް ބޭނުންވާ ކަންކަމަށް އަޅުގަނޑުމެން ވިސްނާއިރު އެބަ ބޭނުންވޭ، މިރަށުގައި މަސައްކަތްތެރިކަންވެސް އާލާކުރަން އަދި މަތީ ތަޢުލީމެއް ލިބޭނެ ގޮތް ހޯދަން. މިރަށުގައި މިހާރު ކިޔަވައިދޭ އެބަ އަބަދުވެސް ހަމަ އެކަށީގެންވާ ރަނގަޅު ގޮތެއްގައި. ގްރޭޑް 12 އާ ހަމައަށްވެސް އެބަ ގެންދެވޭ. އެހެންނަމަވެސް، އޭގެފަހުން އަނެއްކާވެސް އަޅުގަނޑު މިއައީ އިހަކަށް ދުވަހަކުވެސް ރާއްޖޭގައި ވަރަށް މޮޅަށް ފާސްވި ވަރަށް ގިނަ ކުދިންނަށް އިނާމު ދީފައި. ހަމަ އެދުވަހު އަޅުގަނޑަށް އެނގުނީ، އެހާ ގިނަ ކުދިން އަދި އެއަށްވުރެ މާގިނަ ކުދިން ފާސްނުވިއޭ. އެކުދިން ފާސްނުވީ އަޅުގަނޑުގެ ނަޒަރުގައި ހަމަ ގައިމުވެސް އެކުދިންގެ ހަމައެކަނި ނުވަތަ އެކުދިންގެ މައިންބަފައިންގެ ހަމައެކަނި އަޅާލުމަކުން، ކުށަކުން ނޫން. ސަރުކާރުން ކޮށްދޭންޖެހޭ ކިތަންމެ ކަމެއް އެކުދިންނަށް ކޮށްދެވިފައި ނުވާތީ. އެހެންވީމާ، އަޅުގަނޑު އެދުވަހު ދެންނެވިން އަޅުގަނޑުމެން ބޭނުމޭ ކުދިންނަށް އަދި އިތުރު ފުރުސަތެއް ދޭން. ދެވަނަ ފުރުސަތެއް ދޭން. ހުޅުދުއްފާރުގެ އެކުދިންނަށް ދެވަނަ ފުރުސަތެއް ދޭން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން.

އަދި ހަމައެއާއެކީގައި އަޅުގަނޑުމެން ބޭނުން މަސައްކަތް ދަސްކުރާ މުއައްސަސާއެއް، ސްކޫލެއް، މަދަރުސާއެއް، ތަނެއް މިތަނުގައި ޤާއިމުކުރަން. ދަރިވަރުންނަށް އިތުރު ތަޢުލީމެއް ދިނުމަށްޓަކައި ސަރުކާރުން މިހާރުވަނީ މަޝްރޫއެއް ރާވާފައި. މިހާރުވާނީ މިރަށުގެ ރަށު ކައުންސިލަރަށް، ރަށު އޮފީހަށް އެންގިފައި، އެކަން، އެ މަދަރުސާ ހިންގާނެ ފަރާތެއް އެއީ، އިސްވެ ހަވާލުވާނެ، ރަށުގެ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް އެކުލަވާލުމަށް ނުވަތަ މި ބާވަތުގެ ކަމެއް ހިންގުމުގެ ޝައުޤުވެރިކަން ހުރި ބައެއް ހޯދާ، އެބައެއްގެ ޝައުޤު، އެބައެއް އެކަމަށް ޝައުޤުވެރިވާކަން ހާމަކޮށް، މެއި މަހުގެ 10ވަނަ ދުވަހުގެ ކުރީގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއަށް އަންގައިދިނުމަށް އަޅުގަނޑުމެންވާނީ އެދިފައި. ސަރުކާރުން އެބަ އެދެން. އޭރުން އެ މިނިސްޓްރީގެ އެހީތެރިކަމާއެކީގައި އެކަން ރާވައި އިސާހިތަކު، އަޅުގަނޑު އެދެނީ ކުރިއަށް އޮތް މަހެއް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، ދެމަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް މި މަސައްކަތް މިތަނުގައި ފަށައިގަނެވެންޖެހޭނެއޭ. ސާމާނު އެބަހުރި. މީސްމީހުން އެބަތިބި. ތަކެތި އެބަހުރި، ރުފިޔާ އެބަހުރި. އެހެންވީމާ، މިއީ، އަޅުގަނޑުމެންނަށް ބަޖެޓްކޮށް ނިންމިފައިއޮތްކަމެއް. މިއީ، އަޅުގަނޑުމެންނަށް ހަމަ މިހާރުވެސް ކުރަން ފެށެން އޮތް ކަމެއް.

އަޅުގަނޑު އުންމީދުކުރަނީ މިރަށުން މިފަހަރު އިމްތިޙާނުގައި އެންމެ އެދެވޭ ކާމިޔާބު ނުލިބުނު ކުދިންނަށްވެސް އަދި އިތުރަށް ފުރުޞަތެއް ހޯދުމަށްޓަކައާއި، އަދި ހަމައެހެންމެ މަސައްކަތްތެރިކަން ދަސްކުރުމުގެ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް މިރަށުގައި އަވަހަށް ޤާއިމު ކުރެވޭނެކަމަށް. އެހެންވީމާ، އަޅުގަނޑު ހަމަ އެދެނީ މިއަންނަ މަހުގެ ތެރޭގައި ނަމަވެސް، ތިޔަބޭފުޅުން އެކަމުގައި ޙަރަކާތްތެރިވެވަޑައިގެން މިނިސްޓްރީއާ ގުޅުއްވައިގެން، އެކަން އަވަހަށް ކުރިޔަށް ގެންދެވުން. އެކަމުގައި ޔޫތު މިނިސްޓްރީން ހަވާލުވެ އުޅުއްވަނީ މަރިޔަމް ނޫރައްދީން. އަޅުގަނޑަށް ޔަޤީން ތިޔައިން ކޮންމެ ބޭފުޅަކު އެ ބޭފުޅާއާ ގުޅުއްވި ނަމަވެސް އެކަން ކުރިޔަށްދާނެގޮތާއި އެ ގެންދެވެން އޮތް އެތައްއެތައް ގޮތްތަކެއް ކިޔައިދެއްވާނެ. އަޅުގަނޑުމެންނަށް މިކަން ކުރިޔަށް ގެންދެވޭނެ، ތިޔަބޭފުޅުން ތިޔަބޭނުންފުޅުވާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރު، އިރާދަކުރެއްވިއްޔާ މިރަށުގައި އަޅުގަނޑުމެންނަށް ޤާއިމުކުރެވޭނެ.

މިރަށް އަޅުގަނޑުމެން އިތުރުކުރާއިރުގައި، އާބާދީ މިރަށުގައި ބޮޑުކުރަމުން އަންނަ އިރުގައި، މިރަށުގައިވެސް ފްލެޓް އެޅޭނެ އިންތިޒާމެއް، ނިޒާމެއް އަޅުގަނޑުމެން އެބަ ހަމަޖައްސަންޖެހޭ. އެނގިވަޑައިގަންނަވާނެ، ސަރުކާރުން މިހާރު މި ގަސްތުކުރަނީ 10,000 ފްލެޓް މިއަހަރުގެ ތެރޭގައި ރާއްޖޭގައި އަޅަން ފެށުމަށް. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ގެދޮރުގެ ދަތިކަން މާލޭގައި އަދި ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް އެބައޮތް. އެ ރަށްރަށުގެ އެ ދަތިކަން ފިލުވާލުމަށްޓަކައި، އެއްފަހަރާ ގިނަ އަދަދެއްގެ ގެދޮރު އެބަ ޢިމާރާތްކުރަންޖެހޭ. ޢިމާރާތްކޮށް، ގެދޮރު ރާއްޖޭގައި އެބަ ގިނަ ކުރަންޖެހޭ. ބާކީވާވަރަށް ގިނަ ކުރަންޖެހޭ. ގިނަކުރީމާ ނޫނީ އަޅުގަނޑުމެންނަކަށެއް އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކުރިޔަށް އޮތް ތަނުގައި ހޯދައިދެވޭކަށް ނޯންނާނެ. އަޅުގަނޑުމެން މިހާރު މިތިބަ ގޮތަށް ތިބެއްޖިއްޔާ މި ކުރިޔަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ދަންނަވާނީ، ގެދޮރު ނެތް ބައިވަރު މީހުން މާލޭ މަގުމަތީގައި ނިދަން ފަށާނެއޭ. އަދި ރާއްޖޭގެ އެތައް ރަށެއްގައި ކަންތައްތައްހުރީ ހަމަ ގާތްގަނޑަކަށް މިހާލުގައި. މިހާރު އަޅުގަނޑުމެންނަށް މާލޭގައި ކަންތައް އެހުރީ، ދެން ލަސްވެއްޖިއްޔާ ހަމަ މާލެ އެކީގައި ފާލުން ނެއްޓޭ ހިސާބުގައި.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ވަރަށް އަވަހަށް މިކަމަށް ޙައްލެއް ހޯދަން. އަޅުގަނޑުމެންގެ ނަޒަރުގައި އެންމެ ބޮޑު އެއް ޙައްލަކީ، މި ރަށްރަށް ތަރައްޤީކުރުން. އޭގެތެރޭގައި ޚާއްޞަކޮށް އުންމީދު ބޮޑު ރަށްރަށް އެބަހުރި ހުޅުދުއްފާރުފަދަ. އެހެންވީމާ، މިރަށްރަށް އެހެން ރަށްރަށަށްވުރެ ބޮޑަށްވެސް ތަރައްޤީ ކުރުމުގެ ހިތްވަރު ސަރުކާރުންލާނެ. ސަރުކާރުގެ ބޭނުމަކީ، މިރަށު ރައްޔިތުންނަށްވެސް ތަރައްޤީ ލިބުން. އަދި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އޭގެ ސަބަބުން ފައިދާވެގެން ދިޔުން. އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރޭގައި މިރަށުގައިވެސް ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން ލިބޭ ގޮތަށް ޢިމާރާތްކުރެވޭ ފްލެޓް ނުވަތަ ގެ، މިރަށުގެ ހައުސިންގ ޔުނިޓްސް މިއަހަރު ތެރޭގައި މިރަށުގައި އަޅަން ފެށޭނެ.

ތިޔަބޭފުޅުން ބޭނުންވެލެއްވީ އޮޑި އެހެލާ ތަނެއް. އެއީ، ބަނދަރު ހަދަމުން އައިއިރުގައި އެތަން އެގޮތަށް ހެދުމަށް. އަދި މާރުކޭޓުވެސް މިދަނީ މިހާރު ޢިމާރާތް ކުރެވެމުން. އެކަމަށްވެސް އަވަސް ޙައްލެއް، އަވަސް ނިމުމެއް ގެނައުމަށް ތިޔަބޭފުޅުން އަޅުގަނޑަށް ޔަޤީން ބޭނުންވެލައްވާ. މިދެކަންތައްވެސް ސަރުކާރުން މިދަނީ ކުރަމުން. ޚާއްޞަކޮށް އޮޑިއެހެލާ ތަނެއް ހެދުމަށް ބޭނުންވާ މަޝްރޫޢު އަޅުގަނޑުމެން މިދަނީ އެކުލަވާލަމުން. މި ސަރުކާރަކުން ކުރިއާ ޚިލާފަށް ބޭފުޅުން ހަމަ ވިދާޅުވާތަނުން ފަސޭހައަކަށް އަޅުގަނޑަކަށެއް ނޯވޭ އާނއެކޭ ތިޔަކަން މާދަމާ ކުރާނަމޭ ބުނެވޭކަށް. ތިޔަބޭފުޅުން ކަމަކަށް އެދިވަޑައިގަތީމާ އަޅުގަނޑު ޖެހެނީ އެކަމުގެ ތަޞައްވުރެއް، އެކަން ކުރީމާ، އަދި ކުރާނޭ ގޮތަކާ އެކަން ކުރާނެ ފައިސާ އާއި އަދި އެކަން ކުރީމާ ދެން ވާނެ ގޮތްތަކާ، އަދި އެއީ ކުރާ ބާވަތުގެ ކަމެއްތޯ އާ، މިހުރިހާ ކަމަކަށް ސަރުކާރުން އެބަޖެހޭ ވިސްނުމުގެ އިންތިޒާމެއް ނުވަތަ ވިސްނުމުގެ ރޮނގެއް ހިންގަން. އެކަން ހިންގާފައި މެނުވީ އަޅުގަނޑުމެންނަކަށެއް ނޯވޭ އެއްވެސް ކަމެއްގައި އާއެކޭ ބުނެވޭކަށެއް. އަދި އެއްވެސް ކަމެއް ކުރަން ފެށޭކަށްވެސް. ރައީސުލްޖުމްހޫރިއްޔާ އަތަކު ވަކި ނެތް އެއްވެސް އެއްޗެއް. ހަމަ އެއްވެސް އެއްޗެއް ނޯންނާނެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެއްޗެއް ނެތް. ރައްޔިތުންގެ ފައިސާ ހުރީ. އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ރާއްޖެއަށް ލިބޭ ކޮންމެ ލޯ ލާރިއަކީވެސް، ކޮންމެ ފައިސާ ފޮއްޗަކީވެސް ހަމަ ރައްޔިތުންގެ ފައިސާއޭ. އެ ފައިސާ ޚަރަދުކުރުމުގައި އަޅުގަނޑުމެން ޖެހޭނެ ޒިންމާދާރުވާން. ސަރުކާރުން ޖެހޭނެ އެ ފައިސާއަކީ، ރައްޔިތުންގެ އަމާނާތެއްގެ ގޮތުގައި ބަލައިގެން ޚަރަދު ކުރަމުން ގެންދަން.

ހުޅުދުއްފާރަށް ބޭނުންވާ ކަންތައް ހުޅުދުއްފާރަށް ކުރީމާ އުނގޫފާރަށް ނުވަތަ އަނގޮޅިތީމަށް ނުވަތަ ރަސްގެތީމަށް، ވާދުއަށް، އަލިފުށްޓަށް އަދި އެހެން ރަށްރަށަށްވެސް އެއިން ކުރާ އަސަރާއި، އެއިން ކުރާ ފައިދާއާއި ނުވަތަ ވެދާނެ ގެއްލުން އެއީ، ސަރުކާރުން ބަލަންޖެހޭނެ އެއްޗެއް. އެހެންވީމާ، އަޅުގަނޑުމެން ކުރާ ޚަރަދެއް، އަޅުގަނޑުމެން ކުރާ މަސައްކަތެއް އަޅުގަނޑުމެން މިކުރަނީ ވަރަށް ވިސްނާފައި. އަދި އަޅުގަނޑުމެން ކުރާނަމޭ ބުނާ ކަމެއް އެހެން ކުރާނަމޭ މިބުނަނީވެސް ހަމަ އަޅުގަނޑުމެންނަށް ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަން އޮތީމާ. އަޅުގަނޑު އެންމެފަހުން ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވީ، ވީ ވަޢުދަކީ 11 ނޮވެމްބަރު 2008 ވާ އަންގާރަ ދުވަހު، ދެން މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިރާދަކުރެއްވިއްޔާ ހުންނާނީ އަޅުގަނޑޭ. އެއީ، ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަޢުދެއް. އެވާހަކަ ދެންނެވީވެސް އަޅުގަނޑު ވަރަށް ވިސްނާފައި. އެއީ، އަޅުގަނޑުމެންނަށް ޕާޓީއެއްގެ ގޮތުގައި ނުކުމެ ކުރެވެން އޮތް ކަމެއްތޯ އަޅުގަނޑުމެން ވަރަށް ބޮޑަށް ދިރާސާ ކޮށްފައި. އަޅުގަނޑަށް އެނގޭ އެދުވަހު އެވާހަކަ ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވީމާ، ތިޔަބޭފުޅުން ފަހަރެއްގައި މުޅިން އެއީ ވެދާނެ ކަމެއްކަމަށް ހީކުރައްވާފައި ނެތިދާނެ. ނަމަވެސް އެދުވަހުވެސް އަޅުގަނޑު ދެންނެވިން މިއީ، ތަޤްދީރު ކުރެހި ޕްލޭނެކޭ. އަޅުގަނޑުމެން ނިކަމެތި އިންސާނުން މިކަމުގައި ހަމަ ކުރާނެ އެއްވެސް ކަމެއް ނެތޭ. އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިވަނީ އެކަން ޙަޤީޤަތަކަށްވެފައި.

އެހެންވީމާ، އަޅުގަނޑުމެން ދެންވެސް ތިޔަބޭފުޅުން އަރިހުގައި ވާހަކައެއް ދަންނަވަންޏާ އަދި ކަމެއް ކޮށްދޭނެ ކަމަށް އަޅުގަނޑުމެން ބުނަންޏާ، އެއީ ހަނދުމަފުޅު ބަހައްޓަވާތި ވަރަށް ގިނަ ބަޔަކު، ވަރަށް ގިނައިރު، ވަރަށް ބޮޑު މަސައްކަތްތަކެއް މޭޒެއް ކައިރީ ކޮށްފައި، އާނ މިއީ ކުރެވިދާނެ ކަމެކޭ، މިކަން ކުރާނަމޭ މިފަހަރު ބުނަންވީއޭ. އަޅުގަނޑުމެން އެދުވަހު މީގެ ހައެއްކަމަސްކުރީގައި ފާހަގަކުރިން، އަޅުގަނޑުމެންގެ ސަރުކާރެއް ހިންގުމަށް ވިސްނާފައިވާ ވިސްނުން އެގޮތަށް އެކުލަވާލުމަށް ހިންގި މަސައްކަތް. އަޅުގަނޑުމެން ބުނިން އަޅުގަނޑުމެން ހަދާ ގޮތަކީއޭ ރައްޔިތުންނާ އެއް ފިޔަވަޅު ފަހަތަށް ޖެހިލަނީއޭ. ޖެހިފައި ރައްޔިތުން ދައްކާ ވާހަކަ އަޑުއަހަނީއޭ. އަޑު އަހާފައޭ އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ އެކުލަވާލީ. އޭގައި އަޅުގަނޑުމެން ބެލިން މިކަން ކުރާނެ ގޮތް.

އަޅުގަނޑުމެންނަށް މިއަދު ސަރުކާރެއް ހިންގި އަދި ސަރުކާރަކާ ހަވާލުވެ އެހާ އޮމާންކަމާއެކީގައި، އޮމާންކަމާއި ފަސޭހަކަމާއެކީގައި ސަރުކާރަކާ ހަވާލުވެ އަދި އަޅުގަނޑުމެންނަށް އެހާ އިތުބާރާއެކީގައި ސަރުކާރެއް ހިންގެމުން މި ގެންދެވެނީ ހަވާލުވުމުގެ ކުރީގައި އަޅުގަނޑުމެން އެކަމަށް ވެފައި ހުރި ތައްޔާރީތަކުގެ ސަބަބުން. އެކަމަށްޓަކައި، އަޅުގަނޑު މިރަށުގެ ހުރިހާ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑަށް ދެން ނަންތައް ނުދެންނެވިއެއް ކަމަކު، އިސްވެ މިކަމުގައި ޙަރަކާތްތެރި ވެލެއްވި މިރަށުގެ އެމްޑީޕީގެ މެންބަރުންނަށް އަދި އިޞްލާޙަށްޓަކައި ވަރަށް ބުރަ މަސައްކަތްތައް ކުރައްވަމުން ވަޑައިގެންނެވި ބޭފުޅުންނަށް ނިހާޔަތަށް އަޅުގަނޑުމެން ޝުކުރުވެރިވަން. މިއީ، އަޅުގަނޑުމެންގެ ގޮތްޕެއް ވަރަށް ކުރީގައި އުފެދުނު ރަށެއް. އަޅުގަނޑަށް ޔަޤީން ހުޅުދުއްފާރު ރައްޔިތުންނަށް ޝުކުރުވެރިވަނީ ހަމައެކަނި އަޅުގަނޑު ނޫންކަން. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ތިޔަބޭފުޅުންނަށް މި މަސައްކަތުގައި އެގޮތަށް ބައިވެރިވެވަޑައިގެންނެވީތީ ނިހާޔަތަށް ޝުކުރުވެރިވޭ.

އަޅުގަނޑުމެން ހިންގަން ހުރި މަސައްކަތްތައް، ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތާއި ބޭނުންތެރިކަން ވަރަށްބޮޑު. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް އޮވެ ހިންގާ ސަރުކާރެއް ހިންގާނީ ޚުދުމުޚްތާރުކޮނޭ. ދެކަމެއް މީގައި އެބަވޭ. އެއްކަމަކީ، މި ސަރުކާރު ހިންގަން މިހުރީ އަޅުގަނޑު. އަޅުގަނޑެއް ޚުދުމުޚްތާރުކޮށް ސަރުކާރެއް ހިންގާކަށް ހަމަ ދެ މިނިޓުވެސް ނުހުންނާނަން. އަޅުގަނޑު އެކަމުން ސަލާމަތްވާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، އަޅުގަނޑު އިސްވެ ހުރެ ހިނގާ ސަރުކާރެއް، ޤާނޫނާ ޚިލާފަށްވެސް ނުހިނގާނެ އަދި ޚުދުމުޚުތާރުކޮނެއްވެސް ނުހިނގާނެ. އަދި އިތުރަށް ދަންނަވަން އޮތް ވާހަކައަކީ، ދުނިޔޭގައި އެއްވެސް ޤައުމެއްގައި، އެއްވެސް ޑިމޮކްރަސީއެއްގައި މަޖިލީހެއް ބައިވެއޮވެ އެއީ ވެރިކަން ކުރާ ފަރާތަށް އެ މަޖިލީހެއްގެ އަޣްލަބިއްޔަތު ނެތި ސަރުކާރު ހިނގާ އެއްވެސް ޤައުމެއް ނެތް. ހަރުދަނާ ސަރުކާރެއް ހިންގޭ މަޖިލީހެއް ބައިވެ ދިޔައިމާ، މަޖިލިހަކުން ވަކި ފަރާތަކަށް އަޣްލަބިއްޔަތު ނުލިބުނީމާ ހައްތަހާ ވާނީ ސަރުކާރު ބަދަލު. ދެން އޮތް ފަސް އަހަރުގައިވެސް ދެން ވާނީ ސަރުކާރު ބަދަލު. ފަސް އަހަރު ނުވަނިސް، މި ފަސް އަހަރުގެ ތެރޭގައި. މި އަނެއް ފަސް އަހަރުގައި ހަމަ ޔަޤީނުންވެސް ސަރުކާރު އިރާދަކުރެއްވިއްޔާ ބަދަލުވާނެ. އަޅުގަނޑެއް މިކަން ކުރާކަށެއް ނޫން މިއުޅެނީކީ ދިހަ އަހަރު ހަމަ ވަންދެން.

އަޅުގަނޑުމެންގެ ބޭނުމަކީ މި މައިގަނޑު ކަންތައްތައް، އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭން ބޭނުންވާ މައިބަދަ ރާއްޖޭގެ، އެއީ ފެނާ، ނަރުދަމައާއި، ކަރަންޓާއި، ބަނދަރާއި، މަގާއި، މަދަރުސާއާއި، ހޮސްޕިޓަލާއި، ދަތުރުފަތުރާ، މިކަންކަން ފުރިހަމައަށް ބިނާކޮށްފައި ނޫނިއްޔާ ޤައުމެއް ބިނާކުރަން ޙަޤީޤަތުގައެއް ނުފެށޭނެ. އަދި މިކަންކަމަކީ، އެތަނުގައި މިވެނި އެތިކޮޅެއް، މިތަނުގައި މިވެނި އެތިކޮޅެއް، އަނެއް ތަނުގައި އަނެއް އެތިކޮޅެއް، އެދުވަހު އެތަނުގައި މާ ރައްޓެހި މީހެއް ހުރެގެން އޭނާ ބުނެގެން މަޖިލީހުގެ ގޮޑިއެއް ބޭނުންވެގެން އަނެއްކަމެއް ބޭނުންވެގެން ކުރާ ބާވަތުގެ ކަންތަކެއްވެސް ނޫން. މުޅި ޤައުމަށް، މުޅި ރާއްޖެއަށް، އަޅުގަނޑުމެންގެ މުސްތަޤްބަލަށް، އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި އަޅުގަނޑުމެން ކުރާ ކަމެއް.

މިއަދު މަޖިލިހުގެ ގޮނޑިއަކަށްޓަކައި އަޅުގަނޑުމެން މި ބާވަތުގެ އެއްވެސް ކަމެއް ކުރާންވީ ސަބަބެއް ނެތް. އަޅުގަނޑު އެއްގޮތަކަށްވެސް، ތިޔަބޭފުޅުންނަށް އޮޅުވާލަން އުޅެނީކީއެއް ނޫން. އަޅުގަނޑު އިންތިހާއަށް ގޮނޑި ބޭނުން އެހެން ނޫންކަމަށް ދަންނަވަނީކީއެއްވެސް ނޫން. އަދި ޙަޤީޤަތުގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި އަޅުގަނޑަށްވުރެ ބޮޑު ޙައްޤުވެރި ފަރާތެއް ނުވެސް ނެތް، އަޅުގަނޑުގެ ޕާޓީގެ ފަރާތުން ގޮނޑިއަކަށް ވަކާލާތު ކުރާކަށް. އަޅުގަނޑު އަދި ހަމަ އަޅުގަނޑުގެ ޤާނޫނީ ވާޖިބެއް މިހާރުގެ ޤާނޫނުއަސާސީ ތިޔަބޭފުޅުންނަށް ތަންފީޒުކޮށްދިނުމާއި، އެ ދެމެހެއްޓުމާއި، އެ ޤާނޫނުއަސާސީ ތިޔަބޭފުޅުންނަށް އޮޅުން ފިލުވައިދިނުން. އަޅުގަނޑު އެބަޖެހޭ ތިޔަބޭފުޅުން އަރިހުގައި މިވާހަކަ ދައްކަން.

އަޅުގަނޑަކީ ކާކު ކަމާއި، އަޅުގަނޑުމެންގެ ޕާޓީއާއި ދެން ހުރި ވާދަކުރާ ޕާޓީތަކާ، ގިނަ ޕާޓީ އެކުލެވޭ ނިޒާމުގައި ކަންތައް އޮންނަ ގޮތާ، އޭގެތެރެއިން ރައްޔިތުންގެ މަޖިލިހެއް އުފެދި، ވެރިކަން ކުރާ ފަރާތަށް އަޣްލަބިއްޔަތު އޮތުމުގެ މުހިންމުކަންވެސް އަޅުގަނޑު އެބަޖެހޭ މި ޤާނޫނުއަސާސީ ދެމެހެއްޓުމަށްޓަކައި ތިޔަބޭފުޅުންނަށް ފާހަގަކޮށްދޭން. އަޅުގަނޑަކީ ވޯޓު އޮޅުވާލައިގެން، ޕާޓީތަކަށް ޖާގަ ނުދީ، ޗުއްޕުވެސް ބުނާހާ މީހަކު ގެންގޮސް ހިފާ ހައްޔަރުކޮށް، އިދިފުށަށް ބިޑިއަޅާ، އަނދަގޮނޑިޖަހާ، މުޅި ރައްޔިތު އެކީ ބިރުދައްކާ، އަޅުގަނޑުގެ ގާތް ތިމާގެ މީހުންނަށް ހުރިހާ މަތީ މަޤާމަކާ ދައުލަތުގެ ޚަޒާނާ އުނގަށް ހުޅުވާލައިގެން، ދިވެހި ރައްޔިތުންނަށް ނުބަލާ މިރާއްޖޭގެ ވެރިކަން ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑުމެން މިކުރަނީ ފެށުނީއްސުރެ ފަށައިގެންވެސް އަޅުގަނޑުމެން ވަކާލާތު ކުރަމުން އައި ވެރިކަމެއް. ޑިމޮކްރަސީގެ ރިވެތި ނަމޫނާއާއި އޭގެ މިސާލުގައި ކުރެވޭތޯ ބަލާ ވެރިކަމެއް. އިރާދަކުރެއްވިއްޔާ އެ ވެރިކަމުގެ ފައިދާ، ހެޔޮގޮތުގައި ހުޅުދުއްފާރު ރައްޔިތުންނަށް ކުރާނެ. އަޅުގަނޑުމެން މިއެދޭ ޕްރޮގްރާމް، އަޅުގަނޑުމެން މި ހުޅުދުއްފާރުގައި ހިންގަން މި ބޭނުންވާ ކަންކަން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުޅުދުއްފާރުގައި ހިންގާނަން. އަދި އަޅުގަނޑު އުއްމީދު ކުރަނި ހުޅުދުއްފާރުގެ ހުރިހާ ރައްޔިތުންވެސް މި ޕްރޮގްރާމްތައް ހިންގުމަށްޓަކައި އަޅުގަނޑުމެންނާއެކީގައި، ސަރުކާރާއެކީގައި އަތުގުޅުވާލައްވައިގެން ތިއްބަވާނެކަމަށް. އަދި ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ އަޣްލަބިއްޔަތެއްވެސް ދެއްވާނެކަމަށް.

ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވަން ބޭނުން، ކުރީ ސަރުކާރުން އޮތީ މިއަތޮޅު އިފުރުގައި މަތިންދާ އެއަރޕޯޓެއް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާފައި. އެކަމާ ގުޅޭގޮތުން ބަޔަކު އަތުން އަޅުގަނޑު ހިތުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުގައި ކޮންމެވެސް ބަޔަކު އަތުން ފައިސާވެސް ނަންގަވާފައި. މިއަދު އެފައިސާ ފެންނާކަށް ނެތް. އެހެންނަމަވެސް ،އަޅުގަނޑުމެން ބޭނުން އެ އެއަރޕޯޓު ހަދަން. ސަރުކާރުން މިދަނީ އެބޭފުޅުންނާ އިތުރަށް ވާހަކަ ދައްކަމުން. އަދި އެބޭފުޅުންނަށް އެ އެއަރޕޯޓު ހަދަން، އެ އެއަރޕޯޓާ ގުޅުވާ ރިޒޯޓެއް ހެދުމަށް ދީފައިވާ ރަށަކީވެސް ރަނގަޅު ރަށެއްތޯ އެބޭފުޅުންނާއެކީގައި މަޝްވަރާ ކުރަމުން. އެނގިވަޑައިގަންނަވާނެ ގާމަތީ ރަށްރަށުގައި ގޮނޑުދޮށެއް ނޯވޭ. އެހެންވީމާ، ގެސްޓުން އައިސް ތިބޭކަށް އެހާ ހިތްހަމައެއް ނުޖެހޭ. އަޅުގަނޑުމެން ޓޫރިޒަމްގެ މަސައްކަތް ކުރަން މި ރާއްޖޭގައި ރަނގަޅު ރަށްރަށް ހުއްޓާ، އެކަމަށް ރަނގަޅު ނޫން ރަށްރަށް މީސްމީހުން އަތަށް ދީގެން، އެކަންކަން ކުރުވަން އުޅުނެއް ކަމަކު އެމީހުންނަކަށްވެސް އެކަމެއް ނުކުރެވޭނެ. އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައި އޮތީ، އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް މެއިމަހުގެ ތެރޭގައި އިފުރުގައި އެއަރޕޯޓު ހެދުމުގެ މަސައްކަތް ފަށައިގަނެވޭނެކަމަށް. އަޅުގަނޑަށް ހަމަ އެބައޮތް އިންތިޚާބުގެ ކުރީގައިވެސް އެއަރޕޯޓުގެ މަސައްކަތް ފަށައިގަނެވެން. އެހެންނަމަވެސް، އަޅުގަނޑު ބޭނުން ބަލަން، ކޮންމެހެން އިންތިޚާބަކާ އަޅުވާ މިރަށުގައި، މިތަނުގައި އެއަރޕޯޓު ހެދުމުގެ މަސައްކަތް ފެށުމެއް ނޫން އަޅުގަނޑުގެ ބޭނުމަކީ. އަޅުގަނޑުގެ ބޭނުމަކީ ބެލުން، މިކަން މިކުރެވެނީ ރަނގަޅަށްތޯ. ފުރިހަމައަށް ކުރެވޭ ކަމެއްތޯ. ރައްޔިތުންނަށް މިއިން ކުރާނީ ކޮން ފައިދާއެއްތޯ ގެއްލުމެއްތޯ. މިކަންކަން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަތަށް ހެޔޮވަރު ވާވަރަށް އެބަ ބަލަންޖެހޭ. ބެލުނީމާ އަޅުގަނޑުމެންނަށް އެކަންކަމައިގެން ބާރަށް ކުރިޔަށް ދެވޭނީ.

ބައެއްބޭފުޅުން އަޅުގަނޑުމެންނަށް ފާޑު ރައްދުކުރައްވަމުން އެބަ ވިދާޅުވޭ، އިހަކަށް ދުވަހު އަޅުގަނޑުގެ ކައިރީގައި ނޫސްވެރިއަކު އެހި، ރައީސް ހަދައިދޭން ތިޔަބުނާހާ ނަރުދަމާތައް ހަދައިދޭ ވާހަކަ މިހާރު ދައްކާ އަޑެއް ނީވެއޭ، ކިހިނެއްހޭވީ. އަޅުގަނޑަށް ރަށްރަށަށް ނުދެވޭތީވެ ނުދެއްކެނީއޭ. އިނގިރޭސިވިލާތުގެ ނަރުދަމާ ހަދާ ވާހަކައެއް ނުދެއްކޭނެތާ އަޅުގަނޑަކަށެއް އެރަށަށް ގޮހެއް. އެރަށު ރައްޔިތުން އަޅުގަނޑަށް ވޯޓު ދީގެން ހޮވާފައެއްވެސް ނޫންހުރީކީއެއް. އެންމެފަހުން އަޅުގަނޑު އިނގިރޭސިވިލާތަށް ގޮސްފައި މިއައީ.

އަޅުގަނޑު އުންމީދުކުރަނީ އަބަދުވެސް ކޮންމެ ހަފްތާއެއްގެ ދެދުވަހު އަތޮޅުތަކުގައި އުޅެވޭތޯ. އެއީ، އަބަދުވެސް އަޅުގަނޑުގެ ވެރިކަމުގައި އަޅުގަނޑު އަމާޒުކުރާނެ ކަމެއް. މަދުވެގެން ދެހަފްތާއިން އެއް ހަފްތާގައި އަޅުގަނޑު މާލެއިން ބޭރުވާނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތްތައް، އަޅުގަނޑުމެން ހިންގާނަން. އަދި އަޅުގަނޑުމެން ހިންގާ މަސައްކަތެއް އަޅުގަނޑުމެން މި ހިންގަނީ މި ރާއްޖެއަށް އެ މަސައްކަތްތައް ބޭނުންވާތީ، ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން މިވަގުތު އެ މަސައްކަތް، އެ ކަންކަން، އެ ޚިދްމަތްތައް ރައްޔިތުންނަށް ބޭނުންވާތީވެ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައިވެސް ޔަޤީންކަމާއެކީގައި، އަޅުގަނޑު މިދަނީ. ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކުގައި މިކަންކަން ކުރެއްވުމުގައި ދެމިތއްބަވާނެ ކަމުގެ ޔަޤީން ކަމުގައި އަދި ނުރަނގަޅުކޮށް ކަމެއް ކުރެވިފައި އޮތްނަމަ، އެކަމަކަށް މަޢާފު ކުރެއްވުމަށް (އެދެން). އަޅުގަނޑުމެންނަށް ގޯސްކޮށް ކަންތައްކުރެވޭ. އެހެންވީމާ، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޚާއްޞަކޮށް މިރަށުގެ އެމް.ޑީ.ޕީ.ގެ މެންބަރުންގެ ކިބައިން މަޢާފަށް އެދެން. އެހެންނަމަވެސް، ހަމަ އަޅުގަނޑުމެން މިއެދޭ ކަންކަން ތިޔަބޭފުޅުން ކޮށްދެއްވާނެކަމުގެ ފުރިހަމަ އުންމީދުގައި ތިޔަބޭފުޅުންނާ އަޅުގަނޑު މިވަކިވަނީ. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުގެ އުންމީދަކީ، ހުޅުދުއްފާރުގެ މާދަމާއަކީ މިއަދަށް ވުރެ އަދި މާ ފާގަތި މާ ރިވެތި މާދަމާއަކަށް ވެގެންދާނެކަން.

اَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!