بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ލައިބްރަރީއަކީ ކޮންމެ ދަރިވަރެއްގެވެސް، ކޮންމެ އިންސާނެއްގެވެސް ދިރިއުޅުމަށް އަދި ވަށާޖެހިފައިވާ ފުރިހަމަ ހަޔާތަކަށް ވަރަށް މުހިންމު ތަނެއް.

އިސްލާމީ ރަން ޒަމާނުގައި ބަޣްދާދުގައި ހަތްސަތޭކަ ލައިބްރަރީ ހުރި ކަމަށް ބުނޭ. މީގެ އެއްހާސް އަހަރު ކުރީގައި ހަތްސަތޭކަ ލައިބްރަރީ، ބަޣްދާދުގައި ހުރި ކަމަށް ތާރީޚު ފޮތްތަކުގައި ލިޔެވިފައި ހުރޭ. އެ ޤައުމެއްގެ ރައްޔިތަކު، އެބައެއްގެ ފޮތްތަކާ އަޅާލާ މިންވަރު ވަރަށްގިނަފަހަރަށް، ރަމްޒުކޮށްދެނީ، ދޭހަކޮށްދެނީ، ޙަޤީޤަތުގައި އެއީ ކޮންބާވަތެއްގެ ބައެއްކަން. ދުނިޔެ ކިހިނެއް ދެކޭ އިންސާނުންނެއްކަން.

މި މަދަރުސާގެ ދަރިވަރުންވެސް، ޕޭރަންޓް ޓީޗަރ އެސޯސިއޭޝަނުންވެސް ކަނދޮޅުދޫގައި އެންމެ ފުރަތަމައިނުންވެސް ކުރައްވަން ނިންމެވި ކަންތައްތަކުގެ ތެރޭގައި، ލައިބްރަރީއެއް ތަރައްޤީ ކުރުން ހިމެނިފައި އޮތީތީވެ އަޅުގަނޑު ވަރަށް އުފާވެއްޖެ. އަޅުގަނޑުމެން އެންމެންނަށްވެސް އަބަދުވެސް ކަނދޮޅުދޫ މަޝްހޫރުވެފައި އޮންނަނީ، ވަރަށް މަސައްކަތްތެރި، ހީވާގި، ވަރުގަދަ ބައެއްގެ ގޮތުގައި. ބަޔަކު މީހުން ނުދެކޭ، ތިޔަބޭފުޅުން އަލުން ތަނަކަށް ފުރަތަމަ ވަޑައިގެން، ދިރިއުޅުން ފަށްޓަވާއިރުގައި، ދޯނިފަހަރު އަޅާނެ ތަންތަނާ ހަމަ އެކުއެކުގައިހެން ކިޔާނެ ފޮތްތައް ބޭނުންވެގެން އުޅެދާނެ ކަމަކަށް. މިއީ، ވަރަށް އުފާވެރި ޚަބަރެއް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑަކީ ފޮތްކިޔާހިތްވާ މީހެއް. ފޮތް ލިޔާހިތްވާ މީހެއް. އަޅުގަނޑަށް ފަސްފޮތް ލިޔެވިފައިވާނެ. އޭގެތެރެއިން އެންމެ ފޮތެއް ނެރެ، ކިޔުން ހުއްދައީ. ކުރީގެ ސަރުކާރުން އޮތީ، އެފޮތްތައް މަނާކޮށްފައި. އެހެންވީމާ، އަޅުގަނޑު މި ހިތަށްއަރަނީ، ތިޔަބޭފުޅުންނަށް އަނެއްކާ އެ ކިޔަންދޭވަރުވާނެބާއޭ؟ މަނާވެފައި ހުރި މިފަދަ ފޮތްތަކެއް. އެހެންނަމަވެސް، އަޅުގަނޑު ބަލާނަން، ކޮންމެ ފޮތަކުން ކޮޕީއެއް ނަމަވެސް ލިބޭތޯ. އެ ފޮތްތައް ސަރުކާރުން އޭރު ހުރީ ހިފެހެއްޓިފައި. ދެން އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ، އެހެން ހިފެހެއްޓިފައި ހުރި އެއްޗެއް އަދި ފަސޭހައެއްކޮށް އަޅުގަނޑަށް ހޯދިދާނެ ކަމަކަށް. އެ ސަރުކާރުގެ އެ އުޞޫލުތަކުގެ ތެރެއިން އެކަންވޭތޯ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން.

ކޮންމެއަކަސް ހަމަގައިމުވެސް އަދި އަޅުގަނޑުގެ ފޮތް ނެތްކަމަކު، ތިޔަބޭފުޅުން ތިޔަ ނިންމެވި ނިންމެވުމަކީ، ޙަޤީޤަތުގައި ތިޔަބޭފުޅުންނަކީ ކޮބައިކަން، ކޮންބާވަތެއްގެ، ކޮންޒާތެއްގެ، ކޮންފިކުރެއްގެ ބައެއްކަން، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުވެގެންދިޔަ ނިންމުމެއް.

އަޅުގަނޑު ގިނައިރުތަކެއްވަންދެން މިވާހަކަތަކެއް ނުދައްކާނަން. އަޅުގަނޑު އެދެނީ، ކަނދޮޅުދޫ ހުރިހާ ޒުވާނުންވެސް އަދި ހުރިހާ ހަރު ބޭފުޅުންވެސް، މެދު ޢުމުރުގެ ހުރިހާ ބޭފުޅުންވެސް، ދޮށީ ޢުމުރުގެ ހުރިހާ ބޭފުޅުންވެސް ފޮތަށް އަހުލުވެރިވުމަށް. ހަމައެކަނި ޒުވާނުންނެއް ނޫން. ހަމައެކަނި ކިޔަވާ ކުދިންނެއް ނޫން. އަޅުގަނޑުގެ ވަރަށްބޮޑު އުންމީދެއް އެއީ، މަހަށްދާއިރުގައި، ފޮތެއް ހިފައިގެން ދާނެ އާދަ، އުފެދުން. އެއީ އަޅުގަނޑު ދަންނަވާނީ، އެއީ، ތަރައްޤީއަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަކަށޭ ވާނީ. ވަރަށްބޮޑު ކުރިއެރުމަކަށޭ ވާނީ. ވަރަށް ބޮޑަށް ލޯ ހުޅުވޭ ކަމަކަށޭ ވާނީ. މުޅިން އެހެން ދުނިޔެއެއް އަލުން އަނބުރާ އެމީހާއަށް ފެންނަން ފަށާނެ.

އަޅުގަނޑުމެންގެ ޖާހިލުކަމުގައި، އަޅުގަނޑުމެން ހީކުރަނީ، އަޅުގަނޑުމެންނަށް ވަރަށްގިނަ އެއްޗެތި އެނގެޔޭ. ޙަޤީޤަތުގައި ދުނިޔޭގައި އޮތްހާ ޢިލްމާއި، ދުނިޔޭގައި އޮތްހާ މަޢްލޫމާތަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް މި އެނގެނީ، ވަރަށް ކުޑަކުޑަ އެއްޗެއް. އަދި މިދިޔަ ޒަމާންތަކުގައި އިންސާނާއަށް އެނގިފައި ހުރި އެއްޗެހިތައް އެއްކޮށް، ފޮތްފޮތުގައި ލިޔެފައި އަޅުގަނޑުމެންނަށް ލިބެން ހުއްޓާ، އެއަށް ފުރަގަސްދީ ދިޔުމަކީ، އަޅުގަނޑު ނުދެކެން، އެއްވެސް ޘަޤާފަތެއްގައި، އެއްވެސް ދީނެއްގައި، އެއްވެސް ޤައުމެއްގައި އައުލާކަންބޮޑު ހެޔޮކަމަކަށްވާނެ ކަމަކަށް. ފޮތަކީ، އަޅުގަނޑުމެން މާތްކޮށް ހިތަންޖެހޭނެ އެއްޗެއް. ފޮތަކީ އަޅުގަނޑުމެން އެއަށް އަޅާލަންޖެހޭނެ އެއްޗެއް.

އަޅުގަނޑު ޔަޤީން ކުރަން. ހުރިހާ އަންހެން ބޭފުޅުންވެސް، ހުރިހާ ފިރިހެން ބޭފުޅުންވެސް، ތުއްތު ކުދިންވެސް، ޒުވާނުންވެސް، ފުރާވަރަށްއެރީމާވެސް، އަލަތު ކައިވެންޏާއެކުގައިވެސް، މެދު ޢުމުރުގައިވެސް، ދޮށީ ޢުމުރުގައިވެސް، ހުރިހާ ބޭފުޅުންވެސް ފޮތް ވިދާޅުވާނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަނީ، މިރަށުގެ މި މަދަރުސާގެ ލައިބްރަރީގެ ސިއްރުން މިރަށަކީ ޢިލްމީ ރަށަކަށްވެގެންދާނެ ކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު ތިޔަބޭފުޅުންނަށް ފަށްފަށުން މިކަމަށް މަރްޙަބާ ދަންނަވަން.