بســم اللّـه الرّحمـن الرّحيــم

އަލިފުށީގެ އެކުވެރި ލޮބުވެތި ރައްޔިތުން،

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ، މީގެ ދުވަސްކޮޅެއް ކުރީގައި، ހައެއްކަމަސް ކުރީގައި އަޅުގަނޑު މިރަށަށް އައިސް ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނާ އަޅުގަނޑާ ބައްދަލުވި. އަޅުގަނޑުމެން އެދުވަހު ތިޔަބޭފުޅުންނަށް ހުށަހެޅިން، އަޅުގަނޑުމެންގެ ޕާޓީގެ ސަރުކާރަކުން، ސަރުކާރު ހިންގުމުގައި ގެންގުޅޭނީ މިވެނިމިވެނި ސިޔާސަތުތަކެކޭ. އަޅުގަނޑުމެން ހުށަހަޅަމުން ގެންދިޔައިމު، އަޅުގަނޑުމެންގެ ނަޒަރުގައި ދިވެހިރައްޔިތުންނަކީ، މިއަދު އެ ރައްޔިތުން އެ އުޅެމުންދާ ގޮތަށް އުޅެންޖެހިފައިވާ ރައްޔިތުންނަކަށް ވެގެންނުވާނެއޭ. ދިވެހީންނަށް ޙައްޤު މިންވަރަކީ، މިއަދު ދިވެހީންނަށް މި ލިބޭ މިންވަރެއް ނޫނޭ.

އަޅުގަނޑުމެން ފާހަގަކުރަމުން އައިމު، ރައްޔިތުން ނުޖެހޭނެއޭ، ބޭސް ސިޓީއަށް ސަލާންޖަހާކަށް. ފޮތްލިސްޓަށް އާދޭސްކުރާކަށް. ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި ނިދާކަށް. ދިވެހިރާއްޖޭގެ ޒުވާނުންނަކީ، ޑްރަގްގެ ޝިކާރަޔަކަށް ވެފައިވާ ބަޔަކަށް ވާކަށް ނުޖެހޭނެއޭ. ޑްރަގަށް ހުޅުވިފައިވާ ދޮރުތައް އަޅުގަނޑުމެންނަށް ބަންދުކުރެވިދާނެއޭ. މުދަލާއި ތަކެތީގެ އަގު އެއީ މައްޗަށް އަރައިގެންދާންވީ އެއްޗެއްނޫނޭ. އަދި ދިވެހިރާއްޖޭގެ ރަށްތަކަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ލާމެހި ގުޅާލެވިފައިވާ ރަށްތަކަކަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަމޭ.

އަޅުގަނޑުމެން ދުށީ، މިކަންކަން. އަޅުގަނޑުމެން ޚާއްޞަކޮށް ފާހަގަކުރި ފަސްކަމެއް ފުރިހަމަވީމާ ދެން އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެން މިސިފަކުރާ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ފެންނަން ފަށާނެއޭ.

އަޅުގަނޑުމެން ނުކުތީ އަޅުގަނޑުމެންގެ ވިސްނުމެއް އޮވެގެން. ފިކުރެއް ހުރެގެން. މަންޒަރެއް އަޅުގަނޑުމެންގެ ހިތުގައި ސިފަކުރެވޭތީ. ތަޞައްވުރެއް އަޅުގަނޑުމެންގެ އޮތީތީ. އަޅުގަނޑުމެން ފާހަގަކުރަމުންއައީ، އެކިއެކި ކަންކަން އަޅުގަނޑުމެން ކުރާނެގޮތް. އަދި އޭގެ ތަފްޞީލަށް އަޅުގަނޑުމެން އޭރުވެސްދިޔައީ. ދަމުން ކަންކަން ކުރާނެގޮތް އަޅުގަނޑުމެން ދިޔައީ ރާވަމުން،އިންތިޒާމުކުރަމުން.

އަޅުގަނޑުމެން އެކަންކުރަމުން ދިޔައިރުގައި އަޅުގަނޑުމެންނަށް ރާއްޖޭގެ މާލީ ޙާލަތާއި ރާއްޖޭގެ އިޤްތިޞާދީ ޙާލަތުއޮތްގޮތް ވަރަށް ރަނގަޅަށް ސާފު. އަދި ކުރިޔަށް މިއޮތް ތިންހަތަރު އަހަރެއްގައި އެކަން އޮންނާނެގޮތްވެސް އަޅުގަނޑުމެންނަށް އޭރުގައިވެސް އޮތީ ސިފަކުރެވިފައި. އަޅުގަނޑުމެންނަށް އެނގޭ، ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ބަދަލުކުރެވިދާނެކަން. އަޅުގަނޑުމެންނަށް އެނގޭ، އެ މާލީޙާލަތުގެ ތެރެއިން ދެން ކިހިނެއްތޯ ރައްޔިތުންގެ ބޭނުންތައް ފުއްދަން ހަދާނީ. އޭގެ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސަމުން އައީ. މިއޮތްގޮތަށްއޮވެ، ދެން އަޅުގަނޑުމެންނަށް ހެދޭނީ ކިހިނެއްތޯ؟

އަޅުގަނޑުމެން މިވާހަކަތައް ދައްކަމުން ދިޔައީ މުޅިރާއްޖެއަށް. މިއަދު ސަރުކާރު ހިންގުމާ ޙަވާލުވެ، އަލިފުށްޓަށް އަޅުގަނޑަށް އާދެވި، އެ ނަޞީބު ލިބުނީމާ އަޅުގަނޑުހިތުން އަޅުގަނޑަށް މިއަދު ޖެހޭ އެންމެ މުހިންމު އެއްކަމަކީ، އެ ސިޔާސަތު ތަންފީޒުކުރަމުން ދިޔައިމާ އަލިފުށްޓަށްވާނީ ކިހިނެއްތޯ، އަލިފުށްޓަށް އޮތީ ކޮންކަމެއްތޯ އެ މަޢްލޫމާތު، އެ ވިސްނުން، އެ މަންޒަރު، ތިޔަބޭފުޅުންނާއެކީގައި ޙިއްސާކުރަން. އަޅުގަނޑުގެ މިދަތުރުގެ ބޭނުމަކީ މިދެންނެވީ. ތިޔަބޭފުޅުންނާ އެކުގައި އަޅުގަނޑުމެންގެ އަލިފުށީ ބޯޓްޔާޑް، އަޅުގަނޑުމެން ސަރުކާރުން އަލިފުށްޓަށް ކުރާން މިއުޅޭކަންކަމަކީ މިއީއޭ، މިކަންކަން ކުރާން އަޅުގަނޑުމެން ރާވާފައި އޮތްގޮތަކީވެސް މިއީއޭ، މިމަޢްލޫމާތާ އެކީގައި ތިޔަބޭފުޅުންނާ ބައްދަލުކުރީ. އަޅުގަނޑު އުންމީދުކުރަނީ މިކަން މިއަދުގެ ޖަލްސާ ނިމޭއިރުގައި ތިޔަބޭފުޅުންނަށް ކޮންމެވެސް މިންވަރަކަށް ނަމަވެސް މިމަޢްލޫމާތު ލިބިވަޑައިގަންނަވާނެކަމަށް.

އަޅުގަނޑުމެންގެ އެންމެފުރަތަމަ ވަޢުދު އެއީ، ހަނދުމަފުޅުހުންނާނެ، 11 ނޮވެމްބަރ 2008 ވާ އަންގާރަދުވަހު، ދެން މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރާނީ އަޅުގަނޑޭ. އަޅުގަނޑުމެންގެ ފުރަތަމަ ވަޢުދަކީ އެއީ. އަޅުގަނޑުމެންނަށް އެވަޢުދު ފުއްދުނު. އެވަޢުދު އަޅުގަނޑުމެންނަށް ފުއްދުނީ، ފުރަތަމަކަށް އެއީ އަޅުގަނޑަށް ފެނުނު ފެނުމުގައި ރައްޔިތުން އެންމެބޮޑަށް އެއިރުގައި ބޭނުންވެފައިހުރިކަމަކީ. ބަނދަރެއްވެސްނޫން، ފަޅެއްވެސްނޫން، ނަރުދަމައެއްވެސްނޫން، ދެ ކްލާސްރޫމް ބްލޮކެއްވެސްނޫން. ފައިކަށި ބޮޑުކޮށްލުމެއްވެސްނޫން. އަދި މަގަތުފަރާތުން 200 ފޫޓް ކޮނެލުމެއްވެސްނޫން. ރުއްގަސް މަރުވެދިޔުމެއްވެސްނޫން. ރަށްގިރުމެއްވެސްނޫން. އެއްވެސްކަމެއްނޫން. އެއިރު އަޅުގަނޑުމެން ދެކިތިބީ ރާއްޖޭގެ ރައްޔިތުން މިރޮނގުގައި އެންމެ ބޭނުންވާކަމަކީ، އެ ދިގު 30 އަހަރުގެ ވެރިކަން ކުރަމުންއައިގޮތާ، އެ ވެރިކަން ބަދަލުކުރުން. އަޅުގަނޑުމެން އެމަސައްކަތްކުރީ، އަދި އަޅުގަނޑު 11 ނޮވެމްބަރުގައި އެކަން އަޅުގަނޑުމެންނަށް، އެމްޑީޕީއަށް ކުރެވޭނެކަމަށް އަޅުގަނޑުމެން ބުނީވެސް ވަރަށް ވިސްނާފައި، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެތީވެ.

ހަމަގައިމުވެސް އަޅުގަނޑަކީ ނުކުރެވޭ ވާހަކަ ދައްކާ މީހެއްނޫން. އަޅުގަނޑު ދައްކާ ވާހަކައެއް އަޅުގަނޑު ދައްކަނީ، އަޅުގަނޑު ބުނެ އުޅެން، އަޅުގަނޑުމެންނަކީ ހަކުޅިކުރިޔަށް ވިސްނާފައި ކުޅޭބަޔެކޭ. އަޅުގަނޑުމެންނަށް އެދުވަހުވެސް އެނގުނު މިކުޅި ދެން އައިސް ސައިވާނީ ކޮންތަނެއްގައިކަން. އިންތިޚާބެއްގައިކަން. އެމަގަށް އަޅުގަނޑުމެން ދިޔައީ. 2004 ވަނައަހަރުވެސް، 2005 ވަނައަހަރުވެސް، 2006 ވަނައަހަރުވެސް، 2007 ވަނައަހަރުވެސް އަދި އެންމެފަހުން 2008 ވަނައަހަރު. ދެން އެހެން ހުރިހާކަމެއް ތަރުތީބުވީމާ އަޅުގަނޑުމެން ދެންނެވީ، 11 ނޮވެމްބަރ 2008 ވާ އަންގާރަދުވަހު އިރާދަކުރެއްވިއްޔާ ދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނާނީ އަޅުގަނޑޭ. މާތްރަސްކަލާނގެ އިރާދަފުޅާއެކީގައި އަޅުގަނޑުމެންނަށް މިވަނީ މިވަޢުދު ފުއްދާދެވިފައޭ. އެއީ ފެށުމެއް. އަޅުގަނޑުމެން މިކުރަންމިއުޅޭ ކަންތައްތައްކުރާން ފަށާން ފުރަތަމަ ކުރާންޖެހޭ ކަންތައްތައް އެއީ. އެއަށްފަހު ދެން އެހެންކަންތަކުގެވާހަކަ އަޅުގަނޑުމެންނަށް ދެއްކޭންއޮތީ. އަދި މިވަގުތު މިއޮތީ އެކަންކަންކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބިފައި. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު މިކަން ކުރެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ކުރާނަން.

އަޅުގަނޑުމެން މިއަހަރުތެރޭގައި އަލިފުށީގެ ނަރުދަމާގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން. ބޭފުޅުން ވިދާޅުވެދާނެ، އަޅުގަނޑު އެބަބުނެއޭ، އަޅުގަނޑު ކައިރީގައި ދާދި އިހަކަށްދުވަހަކުވެސް ނޫސްވެރިޔަކު އަހައިފި، މާލީ ޙާލަތު އެހާ ދެރައޭ. ހަމަ ރައީސްއޭ ވިދާޅުވަނީ މާލީ ޙާލަތު އެހާދެރަ ކަމަށް. ދެންއެކަމަކު އަޅުގަނޑު ދާހާ ރަށެއްގައި އެބަބުނެއޭ، ފެނާ، ނަރުދަމާއާ، ކަރަންޓާއި، މަގާއި، ބަނދަރާއި، ދަތުރުފަތުރުގެ ނިޒާމާއި މަދަރުސާ އެއްދަންފަޅިއަށް ހެދުމާއި ހެލްތް ސެންޓަރާ މިހުރިހާކަމެއް ކުރާނަމޭ، މިއީ ހަމަ ދައްކާ ހުސް ވާހަކައެކޭ. އިންތިޚާބާދިމާއަށް ދައްކާ ދަޅައެކޭ.

އަޅުގަނޑެއް ހަމަގައިމުވެސް ބޭނުމެއްނޫން، އިންތިޚާބެއް އަންނާތީވެ، އެކަމާ އަޅުވާ، ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާކަށް. އަޅުގަނޑުމެންނެއް، މި ސަރުކާރަކުންނެއް ބޭނުމެއްނޫން، އާދައިގެބަހުން ދަންނަވަންޏާ، ތިޔަބޭފުޅުން ދަޅަހައްދާކަށް. އަޅުގަނޑުމެންނަށް އެނގޭ، ރައްޔިތުން ކަންކަމަށް ބޭނުންވެފައިތިބޭ މިންވަރު، ތިއްބަވާ މިންވަރު. އަދި އަޅުގަނޑުމެންނަށް ވިސްނޭ އެކަންކަން މިހާރުންމިހާރަށް ކުރަންވެސްޖެހޭކަން. އަދި ކޮށްދޭނަމޭ ބުނީމާ، އެކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށްވެސް ލިބޭނެކަން. އަޅުގަނޑަށް އިތުރަށް އެނގޭ އެއްޗަކީ، ކުޑަމިންވަރަކަށްވެސް ތިމާގެ އަދި މި ސަރުކާރުގެ ޤަދަރާއިހ ޢިއްޒަތް ހިފަހައްޓާން ބޭނުމިއްޔާ ހުސްވާހަކަ އަޅުގަނޑުމެން ދައްކައިގެން ނުވާނެކަން. އެހެންވީމާ، އަޅުގަނޑެއް ނުދައްކަން ހުސްވާހަކައެއް. އަޅުގަނޑުމެން ދައްކަމުން އަންނަނީ، އަޅުގަނޑުމެންނަށް ކުރެވޭނެކަންތައްތަކުގެ ވާހަކަ. އެ ކުރުމަށް ވަކިތަރުތީބެއް ހަމަޖައްސާފައިއޮތީމާ އެކަމުގެ ވާހަކަ.

1980 އިގެ އަހަރުތަކުގައި ރާއްޖޭގައި ފުރަތަމަ ރަށްރަށުގައި ކުދިކުދި ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓް ދޭންފެށީ. ދެން އެއިރުގައި ބައެއް ވިޔަފާރިވެރިންނަށް އަދި ބައެއް ހެޔޮއެދޭ މީހުންނަށް މާ މުއްސަނދި، ތަނަވަސް ސައުދާގަރަކަށް ނުވިޔަސްވެސް، ރަށަކަށް ވިހި ތިރީސް ކިލޯގެ ޖަނަރޭޓަރެއް ދެވިދާނެ. ބައެއްފަހަރަށް، ފަންސާސް ފަސްދޮޅަސް އަދި ދުއިސައްތަ ކިލޯގެ ޖަނަރޭޓަރެއްވެސް ދެވިދާނެ. ނަރު ރޯލެއްވެސް ފޮނުވާލެވިދާނެ. ތެޔޮފީފާއެއްވެސް ބައެއްދުވަސްދުވަހު އަޅާލެވިދާނެ. އެހެންނަމަވެސް، ރައްޔިތުން ބެލެހެއްޓެން ނެތްކަމަށް މިއަދު އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ސާފު. އަދި ޖަނަރޭޓަރެއްވެސް އަދި އިންޖީނުގެއެއްވެސް އެއީ، އެހެން އެއްދުވަހެއްގެ ހަވީރު ދޭ ކުޑަކުޑަ އެއްޗަކުން ނުވަތަ ވަގުތީކަމަކުން ކުރެވެންއޮންނަކަމެއް ނޫންކަން. އެހެންނަމަވެސް، މިއަދުގެ ޙަޤީޤަތަކީ ކޮބައިތޯ؟ ޙަޤީޤަތަކީ، ކޮންމެއަހަރަކު ދިވެހިން އެބަގަނޭ މަދުވެގެން ފަސް ބިލިއަން ރުފިޔާގެ ކަރަންޓު. ކޮންމެ އަހަރަކުވެސް. 500 މިލިއަންޑޮލަރުގެ ކަރަންޓް ކޮންމެއަހަރަކު ދިވެހިން އެބަގަނޭ.

އަޅުގަނޑުމެން މިއަހާ ސުވާލަކީ، އަޅުގަނޑުމެން ބޭނުމޭ، 500 މިލިއަން ޑޮލަރުގެ ކަރަންޓު ގަންނަން. އެ ހަދައިގެން ވިއްކާނެ މީހަކު އެބަހުރިހެއްޔޭ؟ ބުއްދި ފަސްވެފައި ނެތިއްޔާ އިންޖީނު ކުންފުންޏަކުން އެކަން ކޮށްދޭނެކަން އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ. އިންޖީނު ނުވަތަ ކަރަންޓު އުފައްދާ ކުންފުންޏަކުން ކަރަންޓުދޭ މިބާވަތުގެ މަސައްކަތްކުރާ ކުންފުނިތައް ދުނިޔޭގައި ބައިވަރު. އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނުނު މި މަންޒަރު ބަޔަކަށް ސިފަކޮށް ދެވިއްޖިއްޔާ، ދެމެހެއްޓެނިވިގޮތުގައި އެކަން ކުރާނެބައެއް މި ސަރުކާރަށް ހޯދިދާނެއޭ.

މިދެންނެވި މޭރުމުން ވާހަކަދައްކަމުން، ބަޔާންކުރަމުން، މަންޒަރުކުރަމުން، މިދިޔަ ތިންމަސްދުވަހުގެ ތެރޭގައި ސަރުކާރުން އިޢްލާނުކުރީ، ރާއްޖޭގައި ވިޔަފާރިގެ އުޞޫލުން ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދޭނެ ކުންފުނިތައް ސަރުކާރުން އެބަހޯދަމޭ، އެކަމަށް ޝައުޤުވެރިވާބަޔަކު ތިބިއްޔާ ސަރުކާރަށް އެކަން ހާމަކޮށްދެއްވާށޭ. އެކަމުގެ މުއްދަތު މިހަމަވީ މިމަހުގެ 15ވަނަދުވަހު. މިދިޔަ ބުދަ ދުވަހު. ހަމަވިއިރުގައި 12 ފަރާތުން، ދުނިޔޭގެ ބޮޑެތި 12 ކުންފުނި އެދިފައި އެބަތިބި އެ އުޞޫލުން މިރާއްޖޭގައި މިކަންތައް ކުރާން ތިމަންނަމެން ބޭނުމޭ. ތިމަންނާމެންނަށް ތިޔަކަމުގެފައިދާ ފެނެއޭ. ކަމުގެފައިދާ ރަށްރަށުގައިހުރި ކުދިކުދި އިންޖީނުގެތަކަށް ނުވަތަ ޖަމްޢިއްޔާތަކަށް ނުނެރެވިގެން މިއުޅެނީ ކުޑަކަމުން. ހިންގާންޖެހޭ މަޝްރޫޢުވެސް ކުޑަކަމުން. އަދި ކުރާންޖެހޭ މަސައްކަތްވެސް މަދުކަމުން. އެކަމުން ބޭނުންވާ ވިޔަފާރީގެ ރަނގަޅު ފައިދާ އިންޖީނުގެތަކަށް ނުނެރެވިގެން. ނުނެރެވުނީމާ، އިންޖީނުގެތައް ދެކޮޅުނުޖެހެނީ. އެހެންވީމާ، އަބަދުވެސް މިއޮންނަނީ މިރޭ ކަރަންޓް ކަނޑާލަންޖެހިފައި. މާދަން ކަރަންޓް ކަނޑާލަންޖެހިފައި. މިހާރުހުރި 30 ކިލޯގެ ޖަނަރޭޓަރު އެހެރީ ބާވެފައި. އޭތި އެހެރީ މަރާމާތުކުރަންވެފައި. އޯވަރހޯލް ކުރަންވެފައި. ތިމަންނާމެންވަނީ އެނަރޖީ މިނިސްޓްރީއަށް ސިޓީއެއް ލާފައި. އަނެއްބަޔަކުވަނީ އެޓޮލްސްގައި އަނެއްވާހަކައެއް ދައްކާފައި. މިހެންގޮސް މިބާވަތުގެ ބައިވަރު ގިނަވާހަކަތަކެއް އަޅުގަނޑުމެންނަށް އަޑުއިވެނީ، ނުކުންނަނީ.

އަޅުގަނޑުމެން މިގެންގުޅޭ ވިސްނުމަށް، މިކަން މިޞްރާބު ކުރެވުނީމާ، މިސާލަކަށް ބައްލަވާ، މިތާ ކައިރީގައި އެއްތެލިގިލި އެބައޮތް. ސަރުކާރުން މިވަނީ އެ ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަން ބަޔަކަށް ޙަވާލުކޮށްފައި. އެކަމެއް އަދިއެއް ނުވެއްވޭ. އަދި ވާގޮތަކަށް ފާލުން ހުރިކަމަކަށްވެސް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. އެހެންނަމަވެސް، މި ސަރުކާރުން އެކަންކުރާކަމަށްވަނީވިއްޔާ މި ސަރުކާރުން ބުނާނެ، އިތުރުވާހަކައެއް. އެ ރިޒޯޓުގައި ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދްމަތް އެމީހުން ދީގެން ނުވާނެއޭ. އެކަންކުރާންޖެހޭނީ ވަކި ކުންފުންޏަކުން. އަޅުގަނޑުމެން އެހެން ކުންފުންޏަކަށް ލައިސަންސެއް ދޭނީ، އަލިފުށީގައި އެކަން ކުރުމަށާއި، އަދި އެރިޒޯޓުގައިވެސް އެކަން ކުރަން. މިދެތަން އެއްކުރީމާ އޭނާއަށް ހަމަ ރަނގަޅު ފައިދާއެއް ނެރެވޭނެ. އަލިފުށި މިއޮތީ ދެން ތަންކޮޅެއްދުރުގައި އެކަހެރިކޮށް. އޮތީމާ އަދި އަޅުގަނޑަށް އަލިފުށީގައިނޫން އެހެންރަށެއްގައިނަމަ، މިކަމުގެ މާ ފުރިހަމަ މިސާލެއް ދެއްކިދާނެ. ވާދޫން ފެށިގެން ހަމަ ދާގޮތަށްގޮސް ފައިނާ ހަމައަށް. ކިނޮޅަހާ ހަމައަށް. ހަމައެއް ނަރަކުން ކަރަންޓު ދަމާލެވިދާނެ. އެކީގައި ފެންދެވިދާނެ. ކުންފުނިތަކުން މިމަސައްކަތް ކުރުމަށް ތައްޔާރަށް އެތިބި. އަދި ޚާއްޞަކޮށް ދިވެހިރާއްޖޭގެ ޤުދްރަތީ ވަސީލަތްތައް ގިނަ ރަށެއް، ގިނަ ޤައުމެއް. އަޅުގަނޑުމެންނަށް މިވަސީލަތްތައް މަގުފަހިކޮށްދެވިދާނެ، މިދަންނަވާ ޢާންމު އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް.

އަބަދުވެސް ރަށެއް ދެވޭނީ، އެރަށަކާ އަޅުވާފައި ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، ބަނދަރާއި، މަދަރުސާއާ މިހުރިހާ އެއްޗަކާ އެކީގައި. މިހާތަނަށް ކަންކުރެވެމުން އައި މިގޮތަކީ ރަށަކުން ލިބޭ ހުރިހާ ލާރިއެއް ޚަޒާނާއަށް ނަގަނީ. ޓްރެޜަރީއަށް ނަގަނީ. ޓެކްސްގެ ގޮތުގައި ނުވަތަ އެހެން އެހެންގޮތެއްގައި. ނަގާފައި ސަރުކާރުން ދެން ފަހުން. މިޚިދްމަތްތައް ފޯރުކޮށްދޭންވެގެން މިއުޅެނީ. ސަރުކާރުން ނަރުދަމާއެއް މިރަށުގައި ހަދާ ނިމޭއިރުގައި އެއަށް އޮންނާނީ، ނަރުދަމާއަށް ހަމަ ރަނގަޅު 80 މިލިއަން ރުފިޔާ އަރާނެ. ހަމަރީތިކޮށް 80 މިލިއަންރުފިޔާ ޚަރަދުވާނެ. މީގެ ދެގުނަ ނަރުދަމާއެއް ރިޒޯޓެއްގައި އަޅާކަށް ނުދާނެ ދެމިލިއަން ރުފިޔާވެސް. ދެން ދެ މިލިއަން، ފަސްމިލިއަން ރުފިޔާއަކަށްވުރެ ބޮޑެއް ނުވާނެ. ސަރުކާރުން ކަމެއްކުރީމާ އިންތިހާޔަށް ނުލާހިކު އަގުބޮޑުވޭ. އަމިއްލަމީހުން ކަންކުރީމާ އަގުހެޔޮވަނީ. ކޮންމެ ހަތަރުވަނާއެއްވެސް ގުނާފައި ނޫނީ ދޫކޮށެއްނުލެވޭނެ. މިރަށު ވިޔަފާރިވެރިންނަށް، އަދި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށްވެސް މިކަންވަރަށް ސާފުވާނެ. ވިޔަފާރީގެ ފައިދާއަށްކުރާ ކަންކަން އަގުހެޔޮކޮށް މިކުރެވެނީ، ފައިދާ ބޮޑުކުރަންވެގެން. ސަރުކާރުން ކުރާކަންތަކުގައި އަގުހެޔޮކުރީމާ އެކަންހިންގަން ހުންނަ މީހަކަށް ފައިދާ ކުޑަވާނީ. އެހެންވީމާ، ސަރުކާރުން ކުރާކަންތައް އަގު ބޮޑުކުރުން ހިންގާ މީހުންނަށް މުހިންމުވަނީ. މި ސަރުކާރުން މި ނިންމީ، އެހެންނެއް މިކަމެއް ފަރަކު ނުޖެހޭނެއޭ، ދެކޮޅެއް ނުޖެހޭނެއޭ، އަޅުގަނޑުމެންނަކަށެއް. މިރަށްރަށުގެ ޚިދްމަތްތަކެއް، ޢާންމު ޚިދްމަތްތަކެއް ފޯރެއް ނުކޮށްދެވޭނެއޭ، މިހާތަނަށް މިކަންކުރަމުންއައި އުޞޫލަކުން.

ދުނިޔޭގައި އެހެން ޤައުމުތަކުގައި މިހާރު މިގެންގުޅޭ އާ ވިސްނުން ބޭނުންކޮށްގެން ނޫނިއްޔަކާއެއް އަޅުގަނޑުމެންނަކަށެއް މި ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. ޔޫރަޕްގައި އަޅުގަނޑުމެން މިދެކޭ ވިސްނުން 1980 ގެ ތެރޭގައި ބާރަށް ނެރިގަތީ. އަޅުގަނޑަށް ނަޞީބު ލިބިފައި ހުރީ އެއީ އެތަނުގައި އުޅެން. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ. އަޅުގަނޑުމެން އެމް.ޑީ.ޕީ ސިޔާސަތު އެކުލަވާލަމުން އައިއިރުގައި، އަޅުގަނޑުމެން ލަފާހޯދަމުން އައީ، އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ވަޒީރެއްގެ އަތުން. އެވަޒީރަކީ މާގްރެޓް ތެޗަރ ސަރުކާރުގައި ޕްރައިވަޓައިޒް ކުރުމަށް އުޅުއްވި ވަޒީރު. އެއަށްވުރެވަކި ރަނގަޅު މީހެއް މި ވިސްނުންނެރޭކަށް އަޅުގަނޑުމެންނަށް ނުފެނުނީމާ، އެމީހާއާ އެކީގައި، އެޕާޓީއާ އެކީގައި އަޅުގަނޑުމެން މަޝްވަރާކުރަމުން އައީ.

އެހެންވީމާ، އަޅުގަނޑު މިހުރިހާ ދިގު ވާހަކައެއް މިދެއްކީ، ނަރުދަމާއެއް އަޅުގަނޑުމެން ހަދަން މިއުޅެނީ ސަރުކާރުގެ ބަޖެޓުން އެކަންޏެއްނޫނޭ ދަންނަވަންވެގެން. އޭގެފައިސާ އަޅުގަނޑުމެންގެ އަތުގައި އެބަހުއްޓޭ. އެއީ، ރާއްޖޭގައި މިއޮތްހާ ފަޅުރަށްރަށޭ. ގިރި ފަރޭ. އެތަންތަން ބޭނުންކޮށްގެން، އެ މުއްސަނދިކަމާ އަޅުވައިގެން އަޅުގަނޑުމެންނަށް ރައްޔިތުން މި ބޭނުންވާ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިދާނެ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީގައި މިރަށުގައި ފެނާއި ނަރުދަމާގެ ޚިދްމަތް ޚިދްމަތް ބިނާކުރުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ.

އަޅުގަނޑުމެން ދުއް އަނެއް ދިވެހިރާއްޖޭގެ ބޮޑު މައްސަލައެއްގެ ގޮތުގައި، ރާއްޖޭގެ އާބާދީގެ ވަރަށްގިނަބަޔަކަށް ދިމާވެފައިއޮތް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވީ، ބޯހިޔާވަހިކަން. ޚާއްޞަކޮށް މާލޭގައި ބޯހިޔާވަހިކަން. ބޯހިޔާވަހިކަންދަތިވެ، ނުވަތަ ގޯތިގެދޮރުގެ ދަތިކަން މާލޭގައި ދިމާވީމާ އޭގެއިން ފެޅިކުރިތައް އެއީ، ޙަޤީޤަތުގައި މަސްތުވާތަކެތި ޙައްދުންނައްޓައިގެން ދިޔުން. މާރާމާރީ މާލޭގައި ޢާންމުވުންވެސް އަދި ނުރައްކާތެރި ޖަރީމާތައް މާލޭގައި ގިނަވެގެން ދިޔުން. ވައްކަންވެސް ހައްދުންނައްޓައިގެން ދިޔުން. އަޅުގަނޑުމެން ދުށީ، ރާއްޖޭގައި ވަރަށްގިނަ އަދަދެއްގެ ގެދޮރު އެއްފަހަރާ އެޅިގެންނޫނިއްޔަކާއެއް ނެތޭ މިކަމަށް ޙައްލެއް ހޯދޭކަށް. އަދި ޚާއްޞަކޮށް އަޅުގަނޑުމެން ބެލީ މާލެއަށް ޙައްލެއް ގެނެވޭނީ، މާލެއިންނޫން، އަލިފުށިންކަމަށް، އިނގުރައިދޫން ކަމަށް، އުނގޫފާރުން ކަމަށް، އަތޮޅުތަކުންކަމަށް. މާލެއަށް ޙައްލެއް ގެނައުމަށްޓަކައި ސަރުކާރުން އެންމެބޮޑު އިސްކަމެއްދީގެން ކުރަންވީކަމަކީ، އަޅުގަނޑުމެންގެ ނަޒަރުގައި މިރަށްރަށް ތަރައްޤީކުރުން.

އެހެންވީމާ، މާލެއަށް ލުޔެއް ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެން ދުށީ، ފުލެޓް އަޅަން ނުވަތަ ބޯހިޔާވަހިކަން ފޯރުކޮށްދޭން އެންމެ ރަނގަޅު އެއްތަނަކީ އަލިފުށްޓޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަލިފުށީގައި ހައުސިންގ ޔުނިޓު ބިނާކުރުމުގެ މަސައްކަތް މިއަހަރު ފަށާނަން. މިކަން އަޅުގަނޑުމެންނަށް ކުރަން އަނެއްކާ ހަމަ ވަރަށް ފަސޭހަ. އަޅުގަނޑުމެން އަޅަންއުޅުނު ދިހަހާސްގެ އިރާދަކުރެއްވިއްޔާ މިހާރުވަނީ ވިކިފައި. ވިކިފައޭ އަޅުގަނޑު މިދަންނަވަނި، އަޅުގަނޑުމެން ނިންމީ ކޮންމެ އެއްހާސްގެއަކާ، ސަތޭކަ ލަގްޒަރީވިލާ ނުވަތަ ޓޫރިސްޓުންގެ ބިނާއާ ގުޅުވަން. ކޮންމެ އެއްހާސް ގެއެއް އަޅަން ހަވާލުވާ ބަޔަކަށް ސަތޭކަ ލަގްޒަރީވިލާ އެޅުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލާނީ. ލަގްޒަރީވިލާއޭ އަޅުގަނޑު މިދަންނަވަނީ، ވަރަށް މަތީ ފެންވަރަށް އަޅާފައި ހުންނަ ޓޫރިސްޓުންގެ ދެވަނަ ގެއެއްގެގޮތުގައި އެމީހުންއައިސް އުޅެލުމަށް ހަދާފައި ހުންނަ ބާވަތުގެ ގެ. ސަރުކާރުން ނިންމީ އޭގެ އެއްހާސް ގެ ރާއްޖޭގައި އަޅަން. އޭގެ އެއްހާސް ގެއާ އަޅުގަނޑުމެން ގުޅުވީ ދިހަހާސް އާންމު ގެއާ. އާދައިގެ ގެއާ. މީގެ ވިޔަފާރީގެހިސާބު ވަރަށް ސާފު. އެއްހާސްގެ ނަގާމީހަކަށް ޙަޤީޤަތުގައި އެ ވިޔަފާރި ނިމުނީމާ، އަޅުގަނޑުމެންނަށް ލަފާކުރެވެނީ، ސަތޭކަ މިލިއަންޑޮލަރުގެ ފައިދާއެއް އޮންނާނެކަމަށް. ދެން އެއީ، އަޅުގަނޑުމެން ލަފާކުރާ އަދަދު. އެމީހުން އައިސް ބުނަނީ ނޫން، ނޫން،ވަރަށް ކުޑައޭ. ފަންސާސްވެސް ނުވެއޭ. ދެން އެހެންނަމަވެސް ހަމަ ރަނގަޅު ފައިދާއެއް އޮންނާނެކަމަށް. އެހެންވީމާ، ގެދޮރު އެޅުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އަޅުގަނޑުމެން ގުޅީމާ އެކަމަށްވެސް އެބައޮތް ހަފަރާތުން، ހަތްފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި. އެ ގެތައް އެޅޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެހެންވީމާ، އަޅުގަނޑުމެންނަށް އެބައޮތް.

މިއީކީއެއް އަޅުގަނޑުމެން ގެ އަޅަން އުޅެނީކީއެއްނޫން. އަޅުގަނޑުމެން މިއުޅެނީ ގެ އެޅުމުގެ އިންތިޒާމެއް، ގެ އެޅުމުގެ ނިޒާމެއް ހަމަޖައްސަން. އަޅުގަނޑުމެން މިގެ މިއަޅަނީ. އެއީ އަންނަ ބޭރުމީސްމީހުންވެސް ކޮންޓްރެކްޓަށް އެމީހުން އަމިއްލައަށް އެހެންޏާވިއްޔާ މި ކޮންޓްރެކްޓަށް މިގޮވަނީ ސަރުކާރުން. އޭގެބަދަލުގައި އަމިއްލަ ކުންފުނިތަކުން ގެދޮރު ޢިމާރާތްކުރުމުގެ ކޮންޓްރެކްޓަށް ދެން އިރާދަކުރެއްވިއްޔާ ގުޅާނެ. އެގޮވާނެ. އެހެންވީމާ، އަޅުގަނޑަށް ހަމަ މިވަގުތު އިރާދަކުރެއްވިއްޔާ ޔަޤީންކަމާއެކީގައި ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް، އަޅުގަނޑުމެންނަށް މިރަށުގައި މިދަންނަވާ އަދަދަށް ފްލެޓް އެޅޭނެއޭ. ފްލެޓޭ މިދެންނެވީ ހައުސިންގ ޔުނިޓު. އެއީ، ކޮންމެހެނެއް ފްލެޓެއްނޫން، ގޭގެ.

އަޅުގަނޑުމެންގެ ބޭނުމަކަށް ވެގެން މިއުޅެނީ، އަޅުގަނޑުމެން ހަމަ އެންމެންވެސް އެބަދެކެން، ޒުވާންކަމުގެ ޖޯޝުގައި ރެޒޯޓެއްގައި، ކަންނެލިއޮޑިއެއްގައި، މަސައްކަތްކޮށްފައި ލިބޭ ލާރިކޮޅުން ފުރަތަމަ އަހަރު ފަހަރެއްގައި ގާކޮޅު އަޅާލެވިދާނެ. ދެން އަހަރު ފައުންޑޭޝަން ދަމާލެވިދާނެ. އަނެއްއަހަރު ހަތަރު ފާރު ރެނިދާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ފަހަރެއްގައި ސިމެންތިޖަހާލެވިދާނެ. އަނެއްރޯދައަށް ހިޔާކޮށްލެވިދާނެ. ގެއެއްއަޅާ ނިމޭއިރުގައި، އަޅުގަނޑުމެން އާދައިގެ މީހެއްގެ އުމުރު މިހުންނަނީ ދެބައިވެފައި. ކައިވެނި މިއޮންނަނީ ރޫޅޭހިސާބަށް ގޮސްފައި. އަޅުގަނޑުމެންނަކަށެއް މިހަމަޖެހިގެނެއް ދިރިއުޅެވޭނެ ގޮތެއް ނެތް. އަދި އެއަށްވުރެ ބޮޑަށް އާދައިގެ ތިންކޮޓަރީގެ ގެއެއް ރަށެއްގައި މިހަކު އަމިއްލައަށް އެޅީމާ، 1. އޭނާއަށް އެ ގެ އެޅިފައި އާންމުކޮށް ހުންނަނީ 10 އަހަރާ 15 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި. 2. އޭނާއަތުން އެއް މިލިއަނާއި 1.5 މިލިއަނާ ދެމެދަށް ޚަރަދުވޭ.

އެހެންވީމާ، އެއީ މި ދައުލަތަށް ގެއްލޭ ވަރަށްބޮޑު އަދަދެއްގެ ފައިސާ. މީގެއިން ގެއެއް އަޅަން ޙަޤީޤަތުގައި ދަނީ ފަސްލައްކަ ރުފިޔާ. ދެތިން މަސްދުވަހުގެ ތެރޭގައި ބައިވަރުގެ އެއްފަހަރާ އަޅައިފިއްޔާ ކޮންމެ ގެއަކުން މިދައުލަތަށް، އެއީ، މިފަހަރު ގެއްލެނީ ތިޔަބޭފުޅުންއަތުން. އެއްމިލިއަން ރުފިޔާ އެބަގެއްލޭ. އެއީކީއެއް، މިހާރު އެބަހުރި ރާއްޖޭގައި 70000 ގެ. ކުރިޔަށް މިއޮތް 10 އަހަރުދުވަހުގެތެރޭގައި އަޅުގަނޑުމެންގެ ގެތައް އަދި ސަރުކާރުން މިރާވާގެތައް ނުހިމަނާ، އަޅުގަނޑުމެން ދޫކޮށްލިއަސް، އަޅުގަނޑުމެން އަންދާޒާ ކުރަނީ، ކުރިޔަށް މިއޮތް ފަސްއަހަރު ދުވަހުގެތެރޭގައި އަދި ފަނަރަހާސްގެ ރާއްޖޭގައި އެޅުމަށް މީހުން މަސައްކަތްކުރާނެއޭ. ކުރަން މަޖުބޫރުވޭ އެބަ. ކުރެވޭ ތަންތަނުގައި އެކަންކުރުމަށް އެމީހުން އުޅެގަންނާނެ. އެއީ ލިބޭ ވަރަށްބޮޑު ގެއްލުމަކަށޭވާނީ، ވަރަށްބޮޑު އިސްރާފަކަށޭވާނީ. އެ މީހުންނަށް އެ ފަނަރަހާސް މީހުންނަށް ގެ އަޅާފައި ދެވިއްޖިއްޔާ ދެން އޭނާގެ އާމްދަނީގެ ކުޑައެއްޗެއް އަޅުގަނޑުމެން މިހިސާބު މިޖަހަނީ ކޮންމެ ސަތޭކައަކުން ވިހި ރުފިޔާއަށްވުރެ، ރުފިޔާއަކުން ވިހިލާރިއަށްވުރެ ބޮޑު އެއްޗެއް ގެދޮރަށް ޚަރަދުކުރަން ޖެހިގެން ނުވާނެއޭ. އެހެންވީމާ، އެއަދަދޭ މީހަކު ގެދޮރަށް ދޭންޖެހޭނީ.

އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒަކީ ޖީބަށްވަންނަ ފައިސާ އިތުރުކުރުން. ކޮންމެމީހަކަށްވެސް. އަޅުގަނޑުމެން ދަންނަ ތަރައްޤީއަކީ އެއީ. ތަރައްޤީއަކީ މިއަދު ލިބޭއެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބުން. ތަރައްޤީއަކީ އަތްނުލެވޭ އެއްޗެއްގެ ގޮތުގައެއްނޫން، ހަމަގައިމުވެސް އަޅުގަނޑުމެން ދެކެނީ. އަދި ރަށެއްގެ މަލަމައްޗެއްވެސް ނޫން. ތަރައްޤީއަކީ ސީދާ ތިމަންނާގެ ފުއްދުންތެރިކަން ތިމަންނާގެ ތަނަވަސްކަން. ތަރައްޤީއަކީ އަޅުގަނޑު ބައެއްފަހަރަށް ހަމަ ސިފަކުރާ ގޮތުގައި އަންހެނުންނާއެކީގައި ހަފްތާއަކުއެއްފަހަރު އައިސްކްރީމްބޯން ދެވޭވަރުވުން. އުފަލުން އުޅެވޭނެގޮތެއް ހޯދުން. ހާސްކަންމަތީގައި މީހާ ނުހުރުން. ބިލްތައް ނުދެއްކިގެން، ކަންމަތީ ސްޓޯރަށް ދަރާ އޮވެގެން، ތިމަންނާ ހާސްކަންމަތިގައި ނުހުންނާނެމީހާ، ރައްޔިތުމީހާ ހާސްކަންމަތީގައި ނުހުންނާނެގޮތެއް އަޅުގަނޑުމެން މިހޯދަނީއޭ. އެގޮތަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަނީ، އެގޮތަށްޓަކައި އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން އެކުލަވާލީ.

އަޅުގަނޑުމެން ބެލިއިރުގައި މިހާރު ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވާއިރުގައި 64 ބަނދަރު ހަދަމުން އެބަގެންދޭ. އެކްސެސް ޕްރޮގްރާމުގެ ދަށުން. ނޭޝަނަލް ހާބަރ ޕްރޮގްރާމްގެ ދަށުން ހަދާ ބަނދަރުތަކެއް އަދި އެބަހުރޭ. އަދި ސުނާމީގައި ގެއްލުން ލިބިގެން މަރާމާތުކުރާ ބަނދަރުތަކެއް އެބަހުރޭ. މީގެއިން އެއްވެސް ބަނދަރެއް ހަދަނީ ރައްޔިތުންނާ މަޝްވަރާއެއްކޮށް ރައްޔިތުން ރުހޭގޮތަކަށް ކަމަކަށް އަޅުގަނޑަކަށެއް ކުޑަކޮށްވެސް ލަފައެއްނުކުރެވޭ. އެއްވެސް ރަށަކަށް އަޅުގަނޑަކަށް ނުދެވޭ، ފައިކަށި ވިހިފޫޓަށް ދިގުކޮށްލީމާ، އަދި މަގަތުފަރާތުން 200 ފޫޓަށް ކޮނެލާފައި، އަނެއްފަރާތުން މިއަތަށް ދަމާލާފައި، މިފައިކަށި އެތެރެއަށް މަޅާލާފައި ކޮންމެވެސް ހަތަރުފަސް ގޮތެއް ބަނދަރަށް ހަދަންޖެހޭ، ނުބުނާނެ، ނުކިޔާނެ އަޅުގަނޑަކަށެއް ނުދެވޭ، ހަމައެންމެ ރަށަކަށްވެސް. މިރަށުގައި އެއްވެސްމީހަކަށް ނޯޅޭ މިއީ ކޮންރަށެއްކަމެއް. މިއީ ރ. އަތޮޅު އަލިފުށިކަމެއް. މިރަށުގައި ބަނދަރެއް ހަދާއިރުގައި އެއްޗެތި އެހިލާންވެސް ޖެހޭނެކަން. އެކަކަށްވެސް ނޯޅޭ، މިރަށުގައި ބަނދަރެއް ހަދާއިރުގައި ދެން ކަންތައް އޮންނަންވީގޮތް. މިއީ. ގައިމުވެސް ރަށުމީހުންނަށްވެސް އެނގޭނެ.

އަޅުގަނޑުމެން މިބެލީ ކިހިނެއްހޭ މިކަމަށް ދެން ހެދެން އޮތްގޮތަކީ ކޮބައިހޭ. 600 މިލިއަން، 625 މިލިއަންރުފިޔާ މިއަހަރުތެރޭގައި މިހުރިހާ ބަނދަރަކަށް އެބަ ޚަރަދުވެއޭ، ދެންކިހިނެއްތޯއޭ އަޅުގަނޑުމެން މިކަމުގައި ޢަމަލުކުރާނީ. ދެން ތިޔަބޭފުޅުން ބޭނުންވެލައްވާ ގޮތަށް ބަނދަރުތައް ހެދުމަށް އަޅުގަނޑަށް ޖެހުނީ އިތުރު ފައިސާ ހޯދަން. ސަރުކާރުގެ އެކައުންޓަށް ގެންނަން. އެއީ، ލަސްކުރެވެން ނެތިގެން. ބަނދަރުތައްހެދުން ލަސްކުރެވެން ނެތުނީމާ. އެކަމަކު އަޅުގަނޑު ހަމަމިއަދުވެސް އެބަހިތަށްއަރާ މިހެދެނީ ގޯހެކޭ. ހަމަ ބަނދަރާއެކީގައި މާދަމާ އަންނާނެ، ދަތުރުފަތުރު ކުރުމުގެ ނިޒާމު ގާއިމުކުރަން އަންނަ ބޭރުގެ ކުންފުންޏެއް. އެމީހުން އައިސް ބުނާނެ، ހުރިހާ ބަނދަރު ގޯހޭ. ތީގެ އެއްވެސް ބަނދަރެއްގައި ތިމަންނަމެންގެ ފެރީ އަނބުރާލެވޭކަށްވެސް ނެތޭ. ތިމަންނަމެންގެ ފެރީއިން މީހުން ފޭބޭކަށްވެސް ނެތޭ. އަދި އެއްތަނުން އަނެއްތަނަށް، އެއްކަނޑިންމައިން ނުކުމެގެން އަނެއް ކަނޑިންމައިން ނުކުންނަގޮތަކަށްވެސް ނޫނޭ މިހުންނަނީ. މަޑިވަޅެކޭ ތިޔަ ހަދާފައި ހުރީ. އެދެން ބޭރުމީހުންބުނާނީ މަޑިވަޅެއްނޫން ކޮންމެވެސް އެހެން އެއްޗެކޭހެން އަޅުގަނޑަށް ހީވަނީ.

ކޮންމެއަކަސް އަޅުގަނޑުމެންނަށް ދަތުރުފަތުރުކުރުމުގެ ނިޒާމު ގާއިމުކޮށްދިނުމަށް އެބަތިބި ހަމައެހާގިނަ. 11 ކުންފުނިން އެބައޮތް ޝައުޤުވެރިކަން ހާމަކޮށްފައި. ބޭނުންވެގެން މިއުޅެނި އެންމެ ކުންފުންޏެއް. އެމިހުންނަށް ފަރުޖެހޭގޮތަކަށް ބަނދަރުތައް ހަދަން އެމީހުން ބުނާނެ. އެމީހުން ހަދަން އުޅޭނެ. އެހެންވީމާ، އަސްލުގައި އަޅުގަނޑުމެންނަށް ސަރުކާރަށް އެބައޮތް، ބަނދަރު ނުހަދާ، ސަރުކާރުގެ ބަޖެޓުން ބަނދަރު ނުހަދައި. ދަތުރުފަތުރުކުރުމުގެ ނިޒާމާ ގުޅުވައިގެން ބަނދަރުތައްހެދުން. ތިލްމީޒާއަށް އެނގިވަޑައިގަންނަވާނެ މިސާލަކަށް މިޕްރޮވިންސްގެ ހުރިހާ ބަނދަރެއް އެގޮތަށް ހަދަން، އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ އަދި 300، 400 މިލިޔަންރުފިޔާ ދާނެކަމަށް. އެފައިސާ ޙަޤީޤަތުގައި އަޅުގަނޑުމެން ޚަރަދުކުރާކަށް ނުޖެހެއޭ. އެކަމަކު ދެން ހައްތަހާވެސް މިކަންކަން މާބޮޑަށް ފަސްވެދާތީވެކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. މީހުންދައްކާ ވާހަކަ އަބަދުވެސް. ކިތަންމެ ބޯހަރުކޮށް އަޅުގަނޑު ހުއްޓެއް ކަމަކު.

އަޅުގަނޑަށް މިފެނުނީ މިހާރު މިކަމަށް އަޅުގަނޑުމެން އެހެންގޮތެއް ހޯދަހަރޭ ޖެހޭނީ. އެހެންވީމާ އަނެއްކާވެސް ތިޔަބޭފުޅުން ދަރަނިވެރިވީ. ހަނދުމަފުޅުބަހައްޓަވައްޗޭ، މިދައުލަތަށް، މިސަރުކާރަށް ލިބޭ ކޮންމެ ހަތަރުއަނާއަކީވެސް ތިޔަބޭފުޅުންގެ ފައިސާކަން. އަޅުގަނޑުގެ އެއްޗެއް މިއަކުނެތް. އަޅުގަނޑާ ތިޔަބޭފުޅުން ހަވާލުކޮށްފައިމިވަނީ އަމާނަތްތެރިކަމާއެކީގައި ހަމަހަމަގޮތުގައި އެފައިސާ ޚަރަދުކުރަން. އެއީ، ދަރަނިވެރިވާނީވެސް ތިޔަބޭފުޅުން. ފައިސާ ހޯއްދަވާނީވެސް ތިޔަބޭފުޅުން. ރައްޔިތުންގެ ފައިސާ ފައިސާއަކީ. އަޅުގަނޑުމެން އެންމެ ހިނދުކޮޅަކަށްވެސް އެކަން އަޅުގަނޑުމެންގެ ހަނދާނުން ނައްތާލައިގެންނުވާނެ. މިސަރުކާރު މި ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށް. އެއީ، ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް.

އަޅުގަނޑުމެންގެ މިސަރުކާރު ދެމިއޮންނަނީ، ތިޔަބޭފުޅުންނަށް ޚިދްމަތްކުރުމަށް. އަދި އޭގެއިތުރުން، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް. އަޅުގަނޑުމެން މިދެކެނީ އެދެކަންތަކަކީ އެއްކަމެއްކަމަށް. އަޅުގަނޑުމެންގެ ވަޢުދުތައް، އަޅުގަނޑުމެން މިވަޢުދުވި ތަރުތީބުން ފުއްދުނީމާ ރައްޔިތުންނަށް ޚިދްމަތްކޮށްދެވޭނީ. އަޅުގަނޑު ކައިރީގައި ވަރަށްގިނަ ބޭރުގެ ވެރިން އެބަބުނޭ، ތިހާގިނައިން ރައްޔިތުންނާ ބައްދަލުވެ، މިހާގިނައިން ވާހަކަދައްކާ އުޅުނީމާ އުނދަގުލެއް ނުވޭހޭ. އެއީ، ކަންކަމުގެ ޑީޓޭލަށް ތަފްޞީލަށް ވެރިމީހާ ދާންވެއްޖެނަމަ، އެއި މިސާލަކަށް، ބަނދަރުގެ ޗާޓަރުތަކާ ގުޅޭގޮތުން އަޅުގަނޑު ގޮތެއް ނިންމަންވެގެން، އަޅުގަޑު ވިސްނަންޖެހުނީމާ ބޮޑު މަންޒަރު އަޅުގަނޑަށް ގެއްލިދާނެއޭ. އަޅުގަނޑު އެބަޖެހޭ އަބަދުވެސް މި މުޅި ބޮޑުމަންޒަރު އެކީގައި ބަލަހައްޓައިގެން ހުންނަން. އެއަށްވާގޮތް ޙަޤީޤަތުގައި ތަފްޞީލު ބަޔާންކުރަނީ. ބޮޑު މަންޒަރުގައި އޮތްގޮތަކަށް ތަފްޞީލުވެސް މިނުކުންނަނީ.

މިތަނުގެ ބަނދަރު މިތަނުގެ ފައިކަށި އެއީ، ބޮޑު މަންޒަރަށްވެފައި ހުންނަނީ. އަޅުގަނޑުމެންނަކަށް މިއަދު މިސާލަކަށް، މި ފައިކަށީގެ ވާހަކަ އަޅުގަނޑުމެންނަކަށް މިއަދަކު ބަނދަރުތައް، 30 ބަނދަރު އަލުން އަނބުރާ ވޭރިއޭޝަނަށް 30 ބަނދަރަށް ބަދަލުގެނައުމަށް ސަރުކާރުން މިއުޅެނީ އެއްބަސްވާންވެގެން. އެއްބަސްވުމުގެ ކުރީގައި ސަރުކާރުން ބޭނުންވެގެން މިއުޅެނީ ހުރިހާ އެންމެންނާ އަލުން އަނބުރާ ވާހަކަދައްކަން. ދެނެއް އަޅުގަނޑު ބޭނުމެއްނޫން، އަނެއްކާވެސް ބަނދަރުހަދައި ވަކިހިސާބަކަށް ދިޔައިމާ ތިޔަބޭފުޅުން ހިތްހަމަނުޖެހިގެން ބަނދަރުހެދުން ހުއްޓުވާލާކަށް. ހިތްހަމަޖެހޭގޮތަށް އެބަނދަރު އޮންނަންވާނީ.

ހަމަ އޭގެއިތުރުން، ތިޔަބޭފުޅުންގެ އަޑު ނީވޭގޮތަކަށްވެސް އަޅުގަނޑުމެން ބޭނުމެއްނޫން އެއްވެސްކަމެއް ހިންގާކަށް. ތިޔަބޭފުޅުންނަށް އަޑު އުފުލެންޖެހޭނެ. އަޅުގަނޑުމެން ފެށުނީއްސުރެ ފަށައިގެން ދައްކަމުންއައި އެންމެ މުހިންމު އެއް ވާހަކައަކީ، ތަރައްޤީވުމަށް ރާއްޖެއަށް އެޅިފައިއޮތް އެންމެބޮޑު ހުރަހަކީ، ރައްޔިތުން ބިރުގަންނަކަމޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިފައި ނުވުމޭ. ރައްޔިތުން ބުނަން ބޭނުން ވާހަކަ ރައްޔިތުންނަށް ބުނެވޭގޮތް ނުވުމޭ. ރައްޔިތުންގެ މަޖިލީހަކީ ހުއްޓިފައި އޮންނަ ތަނަކަށް ހަދާފައި ބާއްވާ ބޭއްވުމޭ. ރައްޔިތުންގެ ބިރުވެރިކަން ރައްޔިތުންގެހިތުން ފިލީމާ، ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހެއް އުފެއްދޭނީ. މި ސަރުކާރުގައި ހަމަގައިމުވެސް، ތިޔައިން އެއްވެސްބޭފުޅަކު އަޅުގަނޑު ހަމަ އެއްވެސް މައްސަލައެއްނެތް، އަޅުގަނޑު އެދެންވެސްމެ، ތިޔަބޭފުޅުން ސީދާ އަޅުގަނޑަށް ހަޖޫވެސް ޖަހަންޖެހޭނެ. ފުރައްސާރަވެސް ކުރަންޖެހޭނެ. މަލާމާތްވެސް ކުރިޔަސްވެސް ހެޔޮ. ކޮންމެފަދަ ކަމެއްވެސް. އަތް އިސްނުކުރަންޏާމުން ހަމަކޮންމެފަދަކަމެއްވެސް ކުރިޔަސްވެސްހެޔޮ. ފަހައިގަންނަ ފަށުގައި ކޮންމެފަދަ ވާހަކައެއްވެސް ދައްކަވާފާނެ ތިޔަބޭފުޅުން. އަޅުގަނޑުގެ މައިންބަފައިންނޭ ކިޔައިގެންވެސް ވާހަކަދައްކަވާފާނެ. ދެން އެއީކީއެއް މިއަދު އަޅުގަނޑު ތިޔަބޭފުޅުންދެކެ ރުޅިއައިސްގެން އުޅެގަންނަންވީކަމެއްނޫން.

ތިޔަބޭފުޅުން އަޅުގަނޑު ދެކެ ކިތަންމެ ރުޅިދުރުވިޔަސް އަޅުގަނޑެއް ރުޅިއެއް ނާންނާނެ. ކިތންމެ ނަފުރަތު ކުރިޔަސްވެސް އަޅުގަނޑެއް ދުރަކަށް ނުޖެހޭނަން. އަޅުގަނޑާ ވާހަކަ ނުދައްކަވަން އުޅުއްވިޔަސްވެސް، އަޅުގަނޑާ ދިމާވިއްޔާ އަޅުގަނޑު ގޮވާލާނަން. އަޅުގަނޑަށް ހީ ނުލާންއުޅުނަސްވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހެވޭތޯ ބަލާނަން. އަޅުގަނޑަށް ފެނޭ ބައެއްބޭފުޅުން ވަރަށް ރުޅިއައިސްފާ ތިއްބާ. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. ހަމަ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެންނަށް އެބަވިސްނޭ، އަޅުގަނޑުމެން މިއުޅެނީ ކަމެއްކުރަން. އަޅުގަނޑުމެންގެ އެބައޮތް މަންޒަރެއް، ވިސްނުމެއް، ފިކުރެއް، ތަޞައްވުރެއް. އަޅުގަނޑުމެންނަކަށް ނެތް އެ އަމާޒު އެ މީޒަނުން ނައްޓާލެވޭކަށް. ބޮޑުމަންޒަރު ހަނދާންނައްތާލެވޭކަށް. އެހެންވީމާ އަޅުގަނޑުމެންނެއް ތިޔައިން ބޭފުޅެއްދެކެ ރުޅިއައިސްގެން ނޫޅެން. އަދި ޚާއްޞަކޮށް، މިދިޔަ ދައުރުގެ، މިދިޔަ ސަރުކާރުގެ މުވައްޒަފުންދެކެ އެއްގޮތަކަށްވެސް ރުޅިއާދެވޭކަށެއްނެތް. އަޅުގަނޑު މިދަންނަވަނީކީއެއް ހުރިހާ ކަތީބުންގެ ވާހަކައެއްނޫން. ބައެއް ކަތީބުން ނުވަތަ ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ހަމައެބަ ހިތަށް އަރާ، ބައެއްފަހަރަށްދެން ތިމަންނާ މެނެއް ނޭދެމޭ މިވެރިކަމެއް. ތިމަންނާމެން އެދެނީ ކުރީގައިވެސް އޮތްގޮތޭ. އެގޮތައް ބަދަލުވެވޭތޯއޭ ތިމަންނާމެން މިއުޅެނީ.

ފުރަތަމަކަމަކަށް 1. އެގޮތަކަށް ދެން ބަދަލެއް ނުވެވޭނެ. މިދިޔަ ދިގު 20 އަހަރު އަދި ޚާއްޞަކޮށް މިދިޔަ 4 އަހަރު މިރާއްޖެ މިވަނީ ހަމަ އެފުށް މިފުށަށް ބަދަލުވެފައި. ދެނެއް އެ އެނބުރިއެއް ނާންނާނެ. މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގައި މިސާލަކަށް ވަރަށް ނާދިރުކަމެއް، ވަރަށް ނާދިރުކަމެއް. އެމް.ޑީ.ޕީ.އަށް އަޣްލަބިއްޔަތެއް ނުލިބުނީ. އެހެންނޭ ކިޔާފައި އަޅުގަނޑުގެ މުސާރައިން އެންމެ ހަތަރު އަނާއެއްވެސް މަދެއްނުވާނެ. އަދި އެއަކުންނެއް އަޅުގަނޑެއް އެފަހަކުންނެއް، އަޅުގަނޑު ވެރިކަމުން ބޭލޭކަށެއްވެސްނެތް. އަޅުގަނޑަކާވާގުޅޭވެސް ކަމެއްނޫން. އެކަމަކުންނެއް ވެރިކަމަށް ގެނެވޭނެ ބަދަލެއްވެސްނެތް. އެކަމަކު ރައްޔިތުންގެ މަޖިލީހެއް މެދުވެރިކޮށްގެންނޫނިއްޔަކާއެއް ޑިމޮކްރެސީއެއްގައި ވެރިކަމެއް ނުހިންގޭނެ. ކޮންމެކަމެއްވެސް ތިޔަބޭފުޅުންގެ ޙަޤީޤީ ބާރު އަޅުގަނޑުގެ މައްޗަށް ފޯރާނީ މަޖިލިސް މެދުވެރިކޮށްގެން. ތިޔަބޭފުޅުންގެ މެންބަރު އަޅުގަނޑަށް މުހިންމުވާނީ. އަޅުގަނޑުގެ ޕާޓީގެ މެންބަރެއް އަޅުގަނޑަށް އުނދަގޫ ކުރީމާ އޭނާ ބުނާ ކަންތައް އަޅުގަނޑު ކޮށްދޭނަން. އެހެން ޕާޓީއެއްގެ މެންބަރެއް އަޅުގަނޑަށް އުނދަގޫ ކުރީމާ އަޅުގަނޑުގެ ނުލަފާކަން ރީތިކޮށް ފެނިގެންދާނެ. އަޅުގަނޑަށްވެސް ހަމަ ވާތުންވެސް ކަނާތުންވެސް ކިތަންމެ ކަމެއް ކުރެވޭނެ. އެއްގޮތަކަށްވެސް ހީފުޅު ނުކުރައްވާތި، ތިޔައިން ބޭފުޅަކު އަދި ހިތަކަށްވެސް ނާރާނެ، އަޅުގަނޑު ކޮށްފައި ނުކުރާނެ ކަންކަމެއް.

މިރާއްޖޭގެ ޑިމޮކްރަސީއަކީ، އަޅުގަނޑުމެން މިޤާއިމުކޮށްފައި މިއޮތް، ޤާއިމުކުރުމަށް މިމަސައްކަތްކުރާ އުޞޫލަށް ދާން ޒައްރެއްގެ މިންވަރުވެސް އަޅުގަނޑު ދުލެއް ނުކުރާނަން. އެކަމަކު އަޅުގަނޑެއް މީހުންގެ މައްޗަކަށް ނަފްރަތެއް ނުކުރާނަން. އަޅުގަނޑެއް ބަދަލެއް ނުހިފާނަން. އަޅުގަނޑެއް އަނިޔާއެއް ނުކުރާނަން. އަޅުގަނޑެއް ޚިޔާނާތްތެރިއެއްނުވާނަން. އަޅުގަނޑުގެ ގާތްތިމާގެ މީހުންނަށް މަގާމުތައް އަޅުގަނޑު ބަހައެއްނުލާނަން. އަޅުގަނޑު އަނެއްކާވެސް ހަމަ މިކަމުގައިވެސް ދަންނަވާނީ، އަޅުގަނޑުމެންގެ އެބައޮތޭ، ފިކުރެއް، ޚިޔާލެއް، މަންޒަރެއް، ތަޞައްވުރެއް، އަމާޒެއް. އެތަނަށޭ އަޅުގަނޑުމެން މިދަނީ. އަޅުގަނޑު މަސައްކަތް މިކުރަނީ އެތަނަށްދާއިރުގައި ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑުމެންނަށް ދެވޭނެގޮތެއް ހޯދުން. އަޅުގަނޑަށް ޔަޤީން ދެވޭނެކަން. އަޅުގަނޑު ހިތައްއަރަނީ، ރ.ކ. ކޮމިޓީން އަޅުގަނޑުމެންނާ ބައްދަލުވެފައިވާ ދުވަސްދުވަހު އަހަންވީ، ބަނދަރުގެ ފައިކަށި 20 ފޫޓުން ބޮޑުކޮށްދިނުމުގެ ވާހަކައެއްނޫންހެން. އަހަންވީ ބަނދަރުހަދާގޮތުގެ ފުރިހަމަ ތަފްޞީލް ކޮބައިތޯއޭ. އޭގެކުރެހުން ކޮބައިތޯއޭ ކާކާތޯއޭ އެގްރިމެންޓެއް ހެދިފައިއޮތީ، ކިހިނެއްތޯއޭ މިކަން މިހިނގަނީ. އެކަމުގެ ތެރެއަށް، އޭގެ އަލިފުން ޔާޔަށް އެރަށެއްގެ ރައްޔިތުން ތިބެންޖެހެނީ ވަދެ. އެ ރައްޔިތުން ތަމްސީލުކުރާ ބައެއް ކޮންމެރަށެއްގައިވެސް ތިބެންޖެހޭނެ.

ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުން، ރަށްރަށް ހިންގުން އެ ނިޒާމު އަޅުގަނޑުމެން ރާއްޖޭގައި ގާއިމުކުރުމަށް އަޅުގަނޑުމެން އެދުނީ އެހެންވެގެން. އަޅުގަނޑެއް ހަމަގައިމުވެސް ގަބޫލެއް ނުކުރަން، ރާއްޖެއަށް ތަރައްޤީއެއް ގެނެވިދާނެކަމަކަށް، ތިޔަބޭފުޅުންގެ އަޑު އަޅުގަނޑަށް ނީވޭހާ ހިނދަކު. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ އަޑު އިވޭނެ އޮތީ ހަމައެންމެގޮތެއް. އިނތިޚާބު ބޭއްވުން. ބާއްވައިގެން ރަށުކައުންސިލްގެ އިންތިޚާބުވެސް ބޭއްވުން. ބާއްވައިގެން ރަނގަޅު ކައުންސިލެއް އިންތިޚާބުކުރުން. ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ އިޙްސާސާއި ވިންދާއި ރައްޔިތުންގެ އެދުންތަކާއި ބޭނުންތައް އެނގޭނީ ރައްޔިތުންނަށް ޖަވާބުދާރީވާ ބަޔަކު ހޯދައިގެން. ނުރުހުނީމާ ވޯޓެއް ނުލިބޭނެ. ވޯޓު ނުލިބުނިއްޔާ މަގާމު ގެއްލޭނެ. އެހެންވީމާ، ޖެހޭނީ ރައްޔިތުން ރުހޭގޮތަކަށް ރައްޔިތުންގެކަންކަންކުރަން ހަމަހަމަކޮށް.

މިދިޔަ 1000 އަހަރުގެ މިރާއްޖޭގެ ތާރީޚަކީ، ޙަޤީޤަތުގައި މާލެ ބާރު އެއްކުރި ތާރީޚެއް. ވެރިކަމުގެ އެންމެހާ ބާރުތައް މާލެއަށް ޖަމާވަމުން މިދިޔައީ، މިދިޔަ 1000 އަހަރުގައި، މިރާއްޖޭގައި. އަޅުގަނޑުމެން މިއަދު މިއުޅެނީ، އެބާރުތައް ވީއްލަން، ދޫކޮށްލަން. ލާ މަރުކަޒީ ކުރަން. ޢަރަބިބަހެއް އެއީ. މަރުކަޒުކޮށްފައި ހުރިހާބާރެއް މިއޮތީ. އަޅުގަނޑުމެން މިއުޅެނީ، އެބާރު ދޫކޮށްލަން. ފަސޭހަކަމަކަށެއްނުވެއޭ. އޭގެތެރޭގައި އެހުރި ހިފެހެއްޓުމާ، އޭގެތެރޭގައި މީހުން އެހެރަދައްކާ ދެއުޅިއެއްނުވާ ވާހަކަ. ފިއްކަޑައިގެންދޭ. ރައްޔިތުން މަޖިލީހުގައި ހަމަ ހޭޖެހޭ 19 މެންބަރުން ލާމަރުކަޒީ ބިލާ އިދިކޮޅަށް ވާހަކަދައްކާފައި، ތިމަންނާމެންނަކީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާ ބަޔެކޭ ކިޔާފައި، އެއާ އިދިކޮޅަށް ވޯޓުދެއްވައިފި. އިރާދަކުރައްވައިގެން ބިލު އެތެރެވެއްޖެ. އަޅުގަނޑު އިނީ ބުނަން، އަޅުގަނޑުމެންނަށް އެނގޭ، ބިލު އެތެރެކުރަންވެސް. އެތިބި މެންބަރުން މިހާރު އެތިބި ޑީ.އާރު.ޕީ.ގެ މެންބަރުން އަނެއްކޮޅަށް އަނބުރާގޮތްވެސް އަޅުގަނޑަށް އެނގޭ. އަދި އަޅުގަނޑުގެ ޙަޔާތް ހުރީތީވެ އެކަން ނުކުރަނީ. އެކަމަކު ހަމަ އެމެންބަރުން އަނެއްކޮޅަށް އަނބުރަން ހަމަ މާފަސޭހަ. އެމް.ޑީ.ޕީ މެންބަރުންނެއް ނޭނބުރޭނެ. އެއީކީއެއް ވާނެކަމެއްނޫން. އަޅުގަނޑާއެކީގައި އެ އެނބުރޭނީ. އެކަމަކު އަޅުގަނޑަށް މާފަސޭހަ ޑީ.އާރު.ޕީ މެންބަރުން. ނުހަމަގޮތުގައި ކަމެއްގެންގޮސް ނިންމާންވެއްޖިއްޔާ ތަންކޮޅެއް ޚަރަދުބޮޑުވާނެ. އެއީ، ކޮންމެދުވަހަކު ކޮންމެ ވޯޓަކާއެކީގައި މިކަންކުރަންޖެހެންޏާ ތަންކޮޅެއް ދަތިވާނެ. އެކަމަކު އަޅުގަނޑުމެން ބޭނުން އަދަދަށް ޑީ.އާރު.ޕީ މެންބަރުން، ރައްޔިތުންގެ މަޖިލީހުގައި ޑީ.އާރު.ޕީ.ގެ މެންބަރަކު ހުރެއްޖިއްޔާ އެމް.ޑީ.ޕީ ބޭނުުން ކަންތައްތަކަށް ދުވަހަކުވެސް އަޣްލަބިއްޔަތެއް ނުގެއްލޭނެ. އެމް.ޑީ.ޕީ.ގެ އަޣްލަބިއްޔަތެއް އޮތިއްޔާ އަޅުގަނޑަށް ނުރައްކާ. އެކަމަކު އަޅުގަނޑު ދަންނަވަން، ރައްޔިތުންނަށް ރަނގަޅޭ. އަޅުގަނޑު ބުނާހާގޮތެއް އެބޭފުޅުންނެއް ނުހައްދަވާނެ. އަދި ބޭނުންހާ ވާހަކައެއް ދައްކާކަށް އަޅުގަނޑަކަށް ނުވެސް ކެރޭނެ. މިސާލަކަށް މި އިންނެވި މުޙަންމަދު ރަޝީދު ކައިރީގައި ރިޝްވަތުދޭ ވާހަކައެއް ނުދެއްކޭނެ. އޭނާ އަޅުގަނޑަށް ދަޢުވާކުރާނެ އަދި ފަހުން. މިސާލެއް އަޅުގަނޑު ހަމަ މިދެންނެވީ.

އަޅުގަނޑުމެންނަށް މިރައްޔިތުންގެ މަޖިލީހުން މިހާރު މިއޮތް ބޯދާ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ބޭނުން މަސައްކަތެއް ބޭނުން އަތަކަށް ގެނެވޭނެ. ޑީ.އާރު.ޕީ.ގެ މެންބަރުންގެ ގޮތުގައި އެތަނަކުނެތް، ހަރުދަނާ ގޮތުގައި ނުގުޑާ ހުންނާނެ ހަމަ މަދުމީހެއްވެސް. ކުރީދުވަހު އަޅުގަނޑު މިހެން ދަންނަވައިގެން، ވިދާޅުވި ކޮންމެވެސް ބޭފުޅެއް ދަޢުވާވެސް ކޮށްފާނަމޭ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މިޕްރޮގްރާމް ހިންގުމަށް، އަދި މިރާއްޖޭގެ ތަރައްޤީއަށްވެސް، މިރަށްރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުންގެ މަޖިލީހެއް ބައިވެފައި އޮވެ، އެކަމެއް އަޅުގަނޑުމެންނަކަށެއް ނުކުރެވޭނެއޭ. އަޅުގަނޑުމެން ޖެހޭނެއޭ، މިމަޖިލީހުގެ އަޣްލަބިއްޔަތެއް ހޯދަން. އަދި އަޅުގަނޑަކީ، މި ޤާނޫނުއަސާސީ ދަމަހައްޓާ، މި ޤާނޫނުއަސާސީ އުފުލާ ނަގަހައްޓަންހުރި މީހެއް. ޤާނޫނުއަސާސީ އެގޮތަށް އެބަ ބަޔާންކުރޭ. އަދި އަޅުގަނޑު އެހެންވީމާ، ތިޔަބޭފުޅުންގެ ގާތުގައި ވަރަށް ސާފު ޢިބާރާތުން އެވާހަކަ ދައްކާންޖެހޭ.

އަޅުގަނޑަށް މިރަށުގެ ރ.ކ ކޮމެޓީ މެންބަރުން ގެނެސްދެއްވި ސިޓީއެއް، އޭގައި އޮތީ މިރަށަށް ބޭނުންވާ ކަންތައްތަކުގެތެރޭގައި 10 ކަންތައް ޚާއްޞަކޮށް ފާހަގަކޮށްފައި. ދެން ވީގޮތަކީ، އަޅުގަނޑުމެން އައުމުގެ ކުރީގައި ހަދާފައި އޮތް ލިސްޓެއް. މީގައި އެބައޮތް 18 ކަންތައް. ތިޔަބޭފުޅުންގެ 10 ކަންތަކުގެ އިތުރުން އަދި 8 ކަންތައް. ދެން އަޅުގަނޑުމެން އެހެންވީމާ ހަމަ އެ 8 ކަންތަކާ 18 ކަންތައް އެކީގައި ގެންދާނީ. އެއީ، ތިޔަބޭފުޅުން ފަހަރެއްގައި ހަނދުމަފުޅު ނެތިދާނެ، އަޅުގަނޑުމެން ދެންނެވީ، އެމްޑީ.ޕީ.ގެ މެނިފެސްޓޯ މިހަދަނީ ރައްޔިތުންގެ އަޑުއަހާފައޭ. ވާގޮތް އަޅުގަނޑުމެން އޮޅުން ފިލުވާފައޭ. އަޅުގަނޑުމެންނަށް އެނގޭ، މިތަނުގައި ގާތްގަނޑަކަށް ވެގެން ތިއުޅޭ ގޮތެއް. އެހެންވީމާ، އެގޮތް އަޅުގަނޑުމެންނަށް އަނބުރާލެވެންޖެހޭނެ. އަޅުގަނޑުމެންނަށް އެއަށް ޙައްލެއް ހޯދެންޖެހޭނެ. ހަމަ އިރާދަކުރެއްވިއްޔާ މިތަނުގައި އަޅުގަނޑުމެން ހަދާނެއޭ، އިނގޭތޯ ބޯޓުޔާޑަށް ބޭނުންވާ ބާވަތުގެ ސެންޓަރެއް. އެއީ، މަތީ ތަޢްލީމު އޯ.ލެވެލްގެފަހުން މިތަނުގައި ތިބެގެން މިތަނުގައި ނޭވަލް އާކިޓެކްޓަށް ކިޔެވޭގޮތް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގާއިމުކޮށްދޭނަން.

އަޅުގަނޑުމެން މިރަށަށް ބޭންކިންގެ ޚިދްމަތް ދޭނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި މިރަށަށް ބޭންކުގެ ޚިދްމަތް ފޯރުކޮށްދޭނަން. ތިޔަބޭފުޅުން ހިއެއްނުކުރައްވާނެ، އަޅުގަނޑު މިއަދު މިތާ ހުރެފައި ދަންނަވާފާނެ ކަމަކަށް، އަޅުގަނޑުމެން ގަސްތުކުރަމޭ، މިރަށުގެ ވަށާ މަގުގައި ތާރުއަޅަން. އަޅުގަނޑުމެން ގަސްތުކުރަން، މިރަށު ވަށާމަގުގައި ތާރު އަޅަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަސައްކަތްވެސް ކުރާނަން. އަދި އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންނަށް ވަރަށްދެރަގޮތެއް ދިމާވީ. ވަރަށް ޓެކްނިކަލް ގޮތަކަށް އަޅުގަނޑުމެން ރާއްޖޭގެ ރަށްތަކަށް ދޭންވީ ޚިދްމަތްތައް ހޯދަންވެގެން، ބޮޅުއެޅުއްވީ މިބޭފުޅުން އިނގޭތޯ. އަސްލަމްމެން މިކަންކަމުގެޕީ.އެޗް.ޑީ. ތައް ނަންގަވައިގެން ތިއްބެވި ހުރިހާ ބޭފުޅުން އިށީނދެވަޑައިގެން ތިއްބަވައިގެން. ދެން އެޅީމާ ރާއްޖޭގައި އެބައުޅޭ މަކުނުދޫއާ، އަލިފުށްޓާ މި އެކަހެރިވެފައި ހުރި ރަށްތަކެއް، ދުނިން ބޭރަށް. މިރަށްތަކުގެ ބޭނުން ވަރަށްބޮޑު. އެއީ، ކުރީގެ ސިޔާސީ ކުށްވެރިން އަރުވާލުން. މި ދުނިން ބޭރު ރަށްތަކެއް އެބަހުރޭ، މިރަށްތަކަށް އަދި ޖެހޭތާ އެބަ، ޓެކްނިކަލް ހަމަތަކެއް، ކްރައިޓީރިއާއެއް، ނޫންގޮތަކަށް ކަންކަންކަނޑައަޅަން. އަލިފުށްޓަށް ކަންކަން ކަނޑައަޅާނީކީ އެގޮތަކަށެއްނޫން. އަލިފުށްޓަށް އަޅުގަނޑުމެން ކަންކަން ކަނޑައަޅާނީ ޚާއްޞަގޮތަކަށް.

އަނެއްކާވެސް އަޅުގަނޑު މިދަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ އަތަކު ނުހުރޭ އިނގޭތޯ، ޚާއްޞަ އެހީއެއްގެ ގޮތުގައި ދޭނެ ޖަނަރޭޓަރަކާއި ޚާއްޞައެހީއެއްގެ ގޮތުގައި ދޭނެ ފޮތިފޭއްޔެއް. އަދި ބުރުގާއެއްވެސް. އަޅުގަނޑުމެން އަތަކުނެތް އެއެއް. އަޅުގަނޑުމެން އަތުގައި ހުރި އެއްޗަކީ ރައްޔިތުންގެ އެއްޗެއް. އެއީ، ތިޔަބޭފުޅުންގެ އެއްޗެއް. އަޅުގަނޑަކަށް ކޮންޙައްޤެއްތޯ އޮތީ، އޭނާއަށް ދީފައި މީނާއަށްދީފައި އޭނާއަށް ނުދީ. އަޅުގަނޑަކަށް ނުކެރޭނެ އެހެންހަދާކަށް. އަޞްލުގައި އަޅުގަނޑަކަށް ނުކެރޭނެ އެހެން ހަދާކަށް. އަޅުގަނޑުގެ އެއްޗެއްނޫންވިއްޔާ. އަޅުގަނޑު އަތަށް ތިޔަބޭފުޅުން ފަސްއަހަރުދުވަސް ވަންދެން މި ބަލާލަދީބަލާށޭ ވިދާޅުވެ، ދެއްވާފައިއޮތް ސިޓީއުރައެއްގެ ގޮތުގައި ވިސްނަވާ. އޭގައިހުރީ ހުސް ފައިސާ. އަޅުގަނޑަކަށެއް އެއަށް ޚިޔާނާތްތެރިވާކަށެއް ނުކެރޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑެއް އެއަށް ޚިޔާނާތްތެރިއެއް ނުވެސްވާނަން.

އަޅުގަނޑުމެންގެ އަލިފުށީ ޕްރޮގްރާމުގައި އަދި އިތުރަށް އަޅުގަނޑުމެން ހިމަނާފައި އޮންނާނެ ބޯޅަދަނޑެއްހަދަން. އެއީ، މިހާރު މިއޮތް ދަނޑުގެ ފަސްގަނޑު އެއްވަރުކޮށްފައި، ވިނަޖަހާފައި ދާއިމީކޮށް ބަލަހައްޓާ ދަނޑެއް. ގްރައުންޑްސްމަނެއް ހުރެގެން. ދަނޑުބަލަހައްޓާ މީހެއް ހުންނަންޖެހޭނެ. އެންމެމަދުވެގެން އަތޮޅެއްގައި ދަނޑު ބަލަހައްޓާ މީހެއް ހުންނަންޖެހޭނެ. އެދަނޑަށް ފެންދޭންޖެހޭނެ. ދަނޑަކީ ކޮންމެ ޢީދަކަށް މާލޭގައިތިބޭ ކުދިން އައިސް ކުޅެންވީމާ އެދަނޑު ސާފުކޮށްގެން އެތަނަށް އަރާ ކުޅެލާފައި ދިޔައިމާ ނިމުނީ. ދެން އެއްއަހަރުދުވަހު ދަނޑުގައި ވިނަހެދިފައި އަނެއްކާވެސް އެދަނޑު ހަލާކުވެގެންދާން ދޫކޮށްލެވޭނެ އެއްޗެއްނޫން. ހަމަ ދަނޑަކީ މަދަރުސާހާ މުހިންމު އެއްޗެއް. ހޮސްޕިޓާހާ މުހިންމު އެއްޗެއް. ހޮސްޕިޓާހާ މުހިންމު އެއްޗެއް ދަނޑަކީ. އަޅުގަނޑުމެންގެ ޞިއްޙަތު، ޚާއްޞަކޮށް ޒުވާނުންގެ ޞިއްޙަތު ޒުވާން އުމުރުގައި ރަނގަޅަށް ކުޅިވަރު ނުކުޅެވޭކަމަށް ވަނީވިއްޔާ އެއީ، ވަރަށްބޮޑު ދެރައެއް. ހަމަ ކުޅިވަރު ކުޅެން ޖެހެނީ ހަމައެކަނި ފިރިހެންކުދިންނެއްނޫން. ވަރަށްމުހިންމު އަންހެނުންނަށްވެސް އަންހެނުންގެ ކުޅޭތަނެއް ހަދަން. ވަރަށް މުހިންމު. ދުވަހެއްދުވަހަކަށް އަޅުގަނޑުމެން އަންހެނުންތައް ގޭތެރޭގައި ބޭތިއްބޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސަމުން މިދަނީ. ކޮބައިތޯ ކިހިނެއްތޯ އަޅުގަނޑުމެންގެ ތަރައްޤީގައިވެސް ކުރިޔަށްދާނީ. މިރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ އަންހެނުން. އަޅުގަނޑުމެންނަށް އެހެންވެއްޖިއްޔާ ތަރައްޤީ ވެވޭނީ ދެބައިކުޅައެއްބައޭ. އަޅުގަނޑުމެން އެބަޖެހޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރަން. ދެން އޮފީސްތަކަށްވެސް އަޅުގަނޑުމެން އަންގާފައި އޮންނާނެ، ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި އުފައްދާންޖެހޭ "ޓިވެޓް" ޕްރޮގްރާމެއް. އަޅުގަނޑު، ދެންނެވިން، އަޅުގަނޑުމެން ބޭނުމޭ، މިއަހަރު ޖީ.ސީ.އީ އޯލެވެލްގައި ބައިވެރިވި ކުދިންގެ ތެރެއިން، ފާސްނުވި ކުދިންނަށް ދެވަނަ ފުރްޞަތެއް ދޭން. އެ ފުރްޞަތު ދޭން އަޅުގަނޑު ބޭނުން. އެކުދިންނަށް ދެވަނަ ފުރްޞަތެއް ނުދީފިއްޔާ، ދެން މީގެ ފަސްއަހަރުފަހުން އޭގެތެރެއިން، ތިންހަތަރުކުދިން މިރަށުގައި ހަކުރު ވިއްކީމާ، ދެން އަޅުގަނޑުމެން އެކުދިންނެއްނޫން ކޮންމެހެން އަބަދު ކުށްވެރިކުރާންވީކީއެއް. އެކުދިންނަށް ރަނގަޅު ނަތީޖާ ނުލިބިގެން އެކުދިންގެ މައިންބަފައިން ފުށަކުންނެއްނޫން، އަދި ޓީޗަރުންގެ ކޮންމެހެންވެސް ކުށަކުންނެއްނޫން. ހަމަ ސަރުކާރުގެ ޒިންމާއެއް އެބައޮތް، ސަރުކާރުގެ މަސްއޫލިއްޔަތެއް އެއީ، ދަރިންނަށް ކިޔަވައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއެދޭބާވަތުގެ އެ ވަށާޖެހިފައިވާ ތަޢްލީމެއްދޭ، އެއްދަންފަޅިއަށް އޮންނަ ސްކޫލެއް، ރަނގަޅަށް ހިނގާ ސްކޫލެއް މިތަނުގައި ޤާއިމުވާންޖެހޭނެ. އެކަމަށް ބޭނުންވާ ޢިމާރާތްތައް އަޅުގަނޑުމެންނަށް ޤާއިމުކުރެވޭނެ.

އަޅުގަނޑު ހިތުން ތަންކޮޅެއް ގިނައިރުވެސް ނަގައިފި. އަޅުގަނޑު ވަރަށްއުފާވޭ، އަލިފުށްޓަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުވެލެވޭތީ. ދެން އަޅުގަނޑު އުންމީދުކުރަން. ތިޔަބޭފުޅުންވެސް އަޅުގަނޑާ ބައެއްފަހަރަށް ބައްދަލުވީމާ އެދޭނެކަމަށް. އަދި އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ހަމަ ވަރަށް ސާފުކޮށްއެނގޭ، ތިޔަބޭފުޅުން އަޅުނޑަށް މަރްޙަބާ ވިދާޅުވާ މިންވަރާމެދު، އަޅުގަނޑު ވަރަށް އުފާވޭ. އަޅުގަނޑު ވަރަށް ޝުކުރުވެރިވަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްއަރުވަން ބޭނުންވަނީ އަޅުގަނޑުމެންނަށްވީ ހުރިހާ މަސައްކަތެއް އަލިފުށީގެ ތަރައްޤީއަށް މި ސަރުކާރުން ކުރާނެއޭ. އަދި މި ސަރުކާރާ އަލިފުށްޓާއޮތް ގުޅުމާއި ރަޙްމަތްތެރިކަންވެސް ކެނޑިގެނެއް ނުދާނެއޭ. އެއަށްވުރެ މާބޮޑު ގުޅުމަކުން ގުޅިފައޭ މިއޮތީ. ޚާއްޞަކޮށް، ޕާޓީގެ ގޮތްޕެއްގެ ޙަރަކާތުން މާގިނަދުވަސްވަންދެން ގުޅިފައޭ މިއޮތީ.

އަޅުގަނޑު އެދެނީ، އަލިފުށްޓަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް، މިއަށްވުރެ މާއުފާވެރި ޙާލަތެއްގައި އަދި ހަމަ މިހޯލުން ދާދި އަވަހަށް ބައްދަލުވާނެ.

الحمد لله. ވަރަށްބޮޑަށް ޝުކުރިއްޔާ!