بســم اللّـه الرّحمـن الرّحيــم

އިނގުރައިދޫގެ ލޮބުވެތި ރައްޔިތުން،

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު އެންމެފަހުން މިރަށަށް އައީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް. އެދުވަހު އަޅުގަނޑު ތިޔަބޭފުޅުންނާ ވާހަކަދައްކަމުން، އަޅުގަނޑުމެން ސަރުކާރެއް އުފައްދާން މިވަކާލާތުކުރަނީ، އަޅުގަނޑުމެންގެ ނަޒަރުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިހާރުން މިހާރަށް އަދި މުޅިރާއްޖެއަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް އޮތްކަމަށް އަޅުގަނޑުމެންނަށް ދެކެވިގެން (ކަމަށް ދެންނެވިން). އެ ބަދަލުތައް ގެނެވިގެން މެނުވީ، ރާއްޖޭގެ ރައްޔިތުން، ދުޅަހެޔޮކަމާއެކު އަދި އަޅުގަނޑުދަންނަވާނީ، ތަނަވަސްކަމާއެކު ސަލާމަތުގެ އައްސޭރިއަކަށް ދެވެންނެތްކަމަށް އަޅުގަނޑުމެންނަށް ދެކެވިގެން.

އަޅުގަނޑުމެން ހުށަހެޅީ އަޅުގަނޑުމެން ސަރުކާރު ހިންގަން ފަށާފައި، އަޅުގަނޑުމެންގެ ސަރުކާރެއް، އެމް.ޑީ.ޕީ ޝާމިލްވާ ސަރުކާރެއް ހިންގާނެގޮތުގެ ތަޞައްވުރެއް، މަންޒަރެއް، ކުރެހުމެއް. އެއީ، އަޅުގަނޑުމެން މިއަދު މިބުނާ އަޅުގަނޑުމެންގެ މެނިފެސްޓޯ. އޭގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް ވަޢުދުވީ، މި ސަރުކާރު މިއުފެދެނީ ކަންތައްތަކެއް ކުރުމަށްކަން. އަޅުގަނޑު މިއަދު އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާނީ، އަޅުގަނޑުމެންގެ ސަރުކާރު، މިއަދުގެ ސަރުކާރު ދެމިއޮންނަނީ ހަމައެންމެ ބޭނުމަކަށޭ. އެއީ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައޭ. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތްކުރުމަށްޓަކައޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ހަމަގައިމުވެސް އަޅުގަނޑު އެންމެ ދުވަހެއްވެސް ދުލެއް ނުކުރާނަން، މަދުވެގެން 14 ގަޑިއިރު ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ޚިދްމަތުގައި މަސައްކަތްނުކުރާ.

މިދިޔަ ހަމަސްދުވަހުތެރޭގައި އެހެންވީމާ، އަޅުގަނޑުމެންނަށްވަނީ ކިތަންމެ ކާމިޔާބުތަކެއް ހޯދިފައި. ކިތަންމެ މަގުތަކެއް ފަހިވެފައި. ކަންކަންކުރެވޭނޭ އެތައްގޮތެއް އެނގިފައި. އިނގުރައިދޫ ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދެނީ ކޮންކަމެއްތޯ އެއީ، ހަމަގައިމެވެސް އިނގުރައިދޫގައި އަޅުގަނޑުމެން ދައްކަންޖެހޭނެ ވާހަކައެއް. އެމް.ޑީ.ޕީ މެނިފެސްޓޯ ތަންފީޒުވެގެންދާއިރުގައި، އިނގުރައިދުއަށްވާނީ ކިހިނެއްހޭ! އަޅުގަނޑުމެންނަށް އެނގޭ، ރަށުގެ ރައްޔިތުންގެފަރާތުން ދެންމެ، މިރަށުގެ މައްސަލަތަކާގުޅޭގޮތުން ވާހަކަދައްކަވައިފި. އަޅުގަނޑުމެން އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވާލީ ތިޔަބޭފުޅުން ދައްކަވާ ވާހަކަ އަޅުގަނޑުމެން އަޑުއަހާފައި. އަޅުގަނޑުމެން އެދުވަހު ބުނިން، އަޅުގަނޑުމެން ހަދާގޮތަކީއޭ، އެއްފިޔަވަޅު ފަހަތައް އަޅަނީއޭ. އަޅާފައި، ދެން ރައްޔިތުން ދައްކާވާހަކަ އިރުކޮޅަކު އަޑުއަހަނީއޭ. އެމައްޗަށޭ، އަޅުގަނޑުމެންގެ ސިޔާސަތު ބިނާކުރަނީ.

އެހެންވީމާ، އަޅުގަނޑަށް މިއަދު އެނގިފައި އޮންނަން ޖެހޭނީ، ތިޔަބޭފުޅުންގެ އިންޖީނުގޭގެ މައްސަލަ. އަޅުގަނޑަށް މިއަދު އެނގިފައި އޮންނަން ޖެހޭނީ، ތިޔަބޭފުޅުންގެ މަދަރުސާގެ މައްސަލަ. ހެލްތް ސެންޓަރުގެ މައްސަލަ. ފެނާއި ނަރުދަމާގެ މައްސަލަ. ބަނދަރު މަރާމާތުކުރަންވެފައިވާކަން. ބިން މަދުވެގެން، ޞިނާޢީ މަސައްކަތްކުރަން އެހެން ރަށެއް ބޭނުންވާ ކަމުގެ ވާހަކަ. އަޅުގަނޑަށް އެނގިފައި އޮންނަންޖެހޭނީ ތިޔަބޭފުޅުން ބޭނުންވާކަން، މިތަނުގައި ޑިޕްލޮމާއަކަށް ނުވަތަ ކޮންމެވެސްކަހަލަ ތަޢްލީމީ އިންތިޒާމެއްގެ ތެރެއިން، މަސައްކަތްތެރިކަން ދަސްކުރާތަނެއް އިނގުރައިދޫގައި ހަދަން ޖެހޭކަން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީ މިކަންކަން އިނގުރައިދޫގައި ކުރަން އޮތްކަން އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެނގިތިބެ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީ، އިނގުރައިދޫގައި މިކަންކަން ކުރުމަށް އަޅުގަނޑުމެން ނިޔަތްގަނެ. އެހެންވީމާ، އަޅުގަނޑު ވަރަށް އުފަލާއެކު، ތިޔަބޭފުޅުންނަށް އަދި ތަންކޮޅެއް ތަފްޞީލަށް ދަންނަވާނަން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މެނިފެސްޓޯ، އަޅުގަނޑުމެންގެ ޕްރޮގްރާމް، މި ސަރުކާރުގެ ޕްރޮގްރާމް ހިނގަމުންދާއިރުގައި މިރަށަށް ސީދާގޮތުގައި އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނީ ކޮންކޮން ކަންކަންތަކެއްތޯ؟ ތިޔަބޭފުޅުން ބޭނުންވެލައްވާ ހުރިހާކަމެއް މިއަހަރުތެރޭގައި ވަގުތުންވަގުތަށް ނުވެދާނެ. އެހެންނަމަވެސް، އަޅުގަނޑުދެކޭގޮތުގައި އަޅުގަނޑުމެންގެ މުޅި ޕްރޮގްރާމަކީ، ތިޔަބޭފުޅުން ބޭނުންވާ ހުރިހާކަމެއް، އަޅުގަނޑުމެން އެ ފަސްއަހަރު ދުވަހުގެތެރެއަށް މި ޓައިމްޓޭބަލް ކުރަނީ. މިހާރު އަޅުގަނޑުމެންނަށް ތިޔަބޭފުޅުން އަރިހުގައި ދެންނެވެން މިއޮންނަނީ، މިއަހަރު އަޅުގަނޑުމެންނަށް ކުރަންރޭވިފައިވާ ކަންތައްތައް އަދި އަޅުގަނޑަށް، އަޅުގަނޑުމެންނަށް މިވަނީ ތަޞައްވުރެއް އަދި މަންޒަރެއް އެކުލަވާލެވިފައި. މިއަންނައަހަރުވެސް އިނގުރައިދޫގައި އަޅުގަނޑުމެން ކުރާނީ ކޮންކޮން ކަންތައްތަކެއްކަން.

އަޅުގަނޑުގެ މިވާހަކައަށް ދިޔުމުގެ ކުރީގައި، ސަމީޙާ އިސްމާޢީލަށް ޝުކުރު ދަންނަވަން. މާގިނައެއްކޮނެއް ނުފެނޭ، ބައްދަލެއްނުވޭ އަންހެން ކުޑަކަތީބުންނަކާ. ކަތީބުންނަކާ. އަޅުގަނޑު ވަރަށްއުފާވާ މަންޒަރެއް އެއީ. އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅައެއްބައި ރައްޔިތުން އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތުގައި ޝާމިލްނުވެ، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް، އަޅުގަނޑުމެންގެ މިއުންމީދުތަކެއް އަޅުގަނޑުމެންނަކަށް ޙާޞިލެއްނުވާނެ. އަޅުގަނޑު، ސަމީޙާ އިސްމާޢީލަށް އެދެނީ، ކުރިއެރުމާއި މުބާރިކުބާދީ.

އަޅުގަނޑުމެން މިއަދު މިތަނަށް އެއްވެ މިތިބޭއިރުގައި އަޅުގަނޑު ހަމަގައިމުވެސް ހަނދާނެއްނުނެތޭ، އަޅުގަނޑަކީ ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓުގެގޮތުގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވެގެން، ތިޔަބޭފުޅުން އަޅުގަނޑަށް ވޯޓުދެއްވީތީވެ، އިންތިޚާބުވެފައިހުރި ރައީސަކުކަން. އަޅުގަނޑުގެ ވާޖިބަކީ، އަޅުގަނޑުމެން ހުށަހެޅި ފަލްސަފާ އަޅުގަނޑުމެން ހުށައެޅި ގޮތް، އެގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރިވެތިގޮތުގައި ވެރިކަންކުރެވެނޭ މަގުތައް ހޯދުން. އެމަގުތަކުގައިގޮސް އަޅުގަނޑުމެން ވެރިކަންކުރުން. އަޅުގަނޑު އިނގުރައިދޫގެ އެންމެހާ ރައްޔިތުންނަށް. އެމް.ޑީ.ޕީ.އެއް، ޑީ.އާރު.ޕީ.އެއް، އަދި އެހެން ޕާޓީއެއްނޫން، އެންމެހާ ރައްޔިތުންނަށް އެދެނީ، އަދި އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ދަންނަވަނީ، އަޅުގަނޑަށް ވީ މިންވަރަކުން އެއްވެސް ދެރައްޔިތެއްގެ މެދުގައި އަޅުގަނޑުމެންނެއް ތަފާތެއް ނުކުރާނަމޭ. ކޮންމެ ޕާޓީއަކަށްވެސް ނިސްބަތްވެވިދާނެއޭ. ކޮންމެ ފިކުރެއްވެސް ގެންގުޅެވިދާނެއޭ. ކިތަންމެވަރަކަށް ސަރުކާރަށް ފާޑުވެސް ވިދާޅުވެވިދާނެއޭ. ހަޖޫޖަހައި، ފުރައްސާރަކޮށް މަލާމާތްވެސް ކުރެވިދާނެއޭ. އަޅުގަނޑުމެން މިތިބީ ހުޅުވިގެންނޭ. މި ސަރުކާރުގެ ހަމައެކަނިއޮތީ އެންމެ މިޞްރާބެއް. އެއީ އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރުން.

އަޅުގަނޑު މިރަށުގައި މިވާހަކަ ދައްކާއިރުގައި އަޅުގަނޑު އެންމެ ހިނދުކޮޅަކަށްވެސް ހަނދާނެއް ނުނެތޭނެ، އަޅުގަނޑުމެންގެ މިމަސައްކަތުގައި، އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެގޮތުގައި މިއަދު ނުކުންނަވައި ތިއްބެވިބޭފުޅުން އަދި މިރަށުގައި ހުރެ އަޅުގަނޑު ދަންނަވާއިރުގައި ޙަސަން. އެބޭފުޅުން މިމަސައްކަތުގައި ޙިއްސާވީ މިންވަރު، ރާއްޖެއަށް އަޅުގަނޑުމެން މިއެދޭ ބަދަލު ގެނައުމުގައި، އެބޭފުޅުން އެއްވަލަށްހަދައި، ހުރިހާ ނުރައްކަލަކާ ކުރިމަތިލައި، ފޫގަޅައި ތިބިވަރު. އަޅުގަނޑަށް ފެންނަފެނުމުގައި ޝަޚްޞިއްޔަތަކީ ކޮބައިތޯ، ހަރުދަނާ މީހާއަކީ ކޮބައިތޯ، އެކަށީގެންވާ ރަނގަޅު މީހާއަކީ ކޮބައިތޯ، އެ އަޅުގަނޑުމެން ހޯދައިބަލަނީ، އޭނާ މާޒީގައި ކޮށްފައިހުރި ކަންތަކުން.

މިރަށުގައި ހުރެގެން ވާހަކަދައްކާއިރުގައި އަޅުގަނޑު ދަންނަވާނީ، ޙަސަން އަޙްމަދަށް އަޅުގަނޑު ހަމަ ފަށްފަށުން ޝުކުރުދަންނަވަންޖެހެއޭ. އެއީ މި އިޞްލާޙަށްޓަކައި، އޭނާ ބައިވެރިވި މިންވަރާއި އެކަމަށް އޭނާ ކުރި މަސައްކަތާ އަދި މިހާރު ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި އަށަގެންނެވުމަށްޓަކައި މިމަސައްކަތުގައި ބައިވެރިވެގެން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވައި ހުންނެވީތީ.

ފުރަތަމަޔަށް އަޅުގަނޑުގެ ނަޒަރުގައި އިނގުރައިދޫގައި ހިންގަންވީ ކަމަކީ، މިރަށުގެ ބިން ބޭނުންކުރާގޮތުގެ ޕްލޭނެއް، ތަޞައްވުރެއް އެކުލަވާލުން. އަޅުގަނޑަށް އެނގޭ 2006 ވަނަ އަހަރު ތިޔަބޭފުޅުން އޭގެ މަސައްކަތެއްގެ އެއްބައިވަނީ ކުރައްވާފައި. އެ ޕްލޭންވަނީ ސަރުކާރަށް ހުށަހަޅުއްވާފައި. އެހެންނަމަވެސް، ސަރުކާރުގެ އެއޮތް އޮފީހެއްގައި އެއޮތްގޮތަކަށް އޮތީ. އަޅުގަނޑު މިތަނަށް މިއައީ އެ ވަރަށްބޮޑަށް ބަލާފައި.

މިހާރު އަޅުގަނޑުމެން ވިސްނަންވީ، އިނގުރައިދޫއަކީ، ހަމައެކަނީ އިނގުރައިދޫގެ ގޮނޑުދޮށާ ހިސާބުން ނިމޭ ރަށެއް ނޫންކަން. އީނގުރައިދޫގެ ބިން، ނުވަތަ އިނގުރައިދޫ ރައްޔިތުން ބިން ބޭނުންކުރުމަށް ވިސްނާއިރުގައި ކޮށްޓަފަރު އޭގެތެރޭގައި އެބަ ހިމަނަންޖެހޭ. އަޅުގަނޑު ހަމަގައިމުވެސް އިނގުރައިދޫގެ ޗާޓާއެކީގައި އަޅުގަނޑު އިންނަތާ ދެމަހެއްހާދުވަސްވެއްޖެ. އަޅުގަނޑަކަށެއް ނުފެނޭ، މިހާރު މިއޮތްގޮތުން، މިރަށަކީ ބޮޑުތަނެއް ހިއްކެންއޮތް ރަށެއްނޫން. އެހެންނަމަވެސް މިރަށަކީ، ވަރަށްގިނަ ވަރަށް ވަރުގަދަ މަސައްކަތްތެރިންތަކެއް އުޅޭ ރަށެއް. އެހެންވީމާ، ސަރުކާރުގެ ވިސްނުމަކަށް މިހާރު ނިންމާފައިއޮތީ، ކަނޑައަޅާފައިއޮތީ، ކޮށްޓަފަރުގެ ބިން އިނގުރައިދޫ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް، މިކަން މިރަށުގެ ލޭންޑް ޔޫސްޑް ޕްލޭނާ އެކީގައި އެބިން އަޅުގަނޑުމެން ބޭނުންކުރާން.

ތިޔަބޭފުޅުން އެބިން ބޭނުންކުރެއްވުމުގެ ތަޞައްވަރެއް އެކުލަވާލައްވާއިރުގައި، ތިޔަބޭފުޅުން އެކަންކުރައްވާނީ، އަޅުގަނޑުގެ ނަޒަރުގައި ރަށުގެ ރައްޔިތުން ރަމްޒުވާ ބަޔަކު. ރައްޔިތުންގެފަރާތުން އައިސް ތިބޭ ބައެއް. އެކަންކުރާއިރުގައި ކޮށްޓަފަރުގައި ހަމައެކަނި މިވަގުތު މިރަށުގައިކުރާ މަސައްކަތްތައް ކުރުމަށް އެކަނި ނިންމަވަން ފިކުރު ނުކުރައްވާތި. ބިން ބާކީ ކުރައްވާތި. އަޅުގަނޑުމެންގެ ވިސްނުން އެބަހުރި، ސަރުކާރުގެ ވިސްނުން އެބަހުރި، ގެސްޓް ހައުސް ޢިމާރާތްކުރުމަށްވެސް، މީހުން ދިރިއުޅޭ ރަށްރަށާ ކައިރިން ހުންނަ ރަށްރަށުގައި އެފުރްޞަތު، މަގު ފަހިކޮށްދިނުން. އިނގުރައިދޫ ރައްޔިތުންގެ ގެސްޓުހައުސް މިސާލަކަށް ކޮށްޓަފަރުގައި އަޅާފައި ބެހެއްޓިދާނެ. ހަމައެހެންމެ، ރަސްމާދޫ ރައްޔިތުންގެ ކޮންމެވެސް މިންވަރެއްގެ ގެސްޓްހައުސްއެއް ކޮށްޓަފަރުގައިއަޅާފައި ބެހެއްޓިދާނެ.

އަޅުގަނޑު އެދެނީ، ކުރިޔަށް މިއޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ތިލްމީޒާގެ ބެއްލެވުމުގެ ދަށުން މިތަނުގައި މިދަންނަވާ ބިން ބޭނުންކުރުމުގެ ޕްލޭން އެކުލަވާލުމުގެ ހުރިހާ މަސައްކަތެއް ކޮށް ނިންމުން. ވާހަކަތައްދައްކާ މަޝްވަރާކުރަންޖެހޭ އެންމެހާ ބޭފުޅުންނާ މަޝްވަރާކޮށް، އަދި އޭގެތެރޭގައި ކޮށްޓަފަރުވެސް ހިމެނިގެން އެ ގެންދާ ކަންތައްތައް އެހެން އަވަހަށް ގެންގޮސް ނިންމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް މާ ލަސްތަކެއްނުވެ، ކޮށްޓަފަރު ބޭނުންކުރުމުގެ، ކޮށްޓަފަރުގެ ބިން ބޭނުންކުރުމުގެ ފުރްޞަތު ހުޅުވިގެންދާނެ.

އިނގުރައިދޫ ފުރިފައި އޮތުމުން، ރަށް ކުޑަކަމާއެކު އަދި މީހުން ގިނަވަމުންދާ މިންވަރަށް ބަލާއިރުގައި މިހާރު އެބަ ގެދޮރު އެޅުމުގެ ދަތިކަން ރައްޔިތުންނަށް އަޅުގަނޑުހިތުން ވަރަށްބޮޑަށް ފޯރަމުންދާނެ. ސަރުކާރުން އެބަ ގެންގުޅޭ މިއަހަރު ތެރޭގައި ދިހަހާސް ފުލެޓް އެޅުމުގެ، އަޅަންފެށުމުގެ މަޝްރޫޢެއް. އެ މަޝްރޫޢުގެދަށުން އަޅުގަނޑުމެންވަނީ އިނގުރައިދޫގައިވެސް ކޮންމެވެސް މިންވަރަކަށް ފްލެޓްއަޅަން ނިންމާފައި. އެހެންވީމާ، ތިޔަބޭފުޅުންގެ މިދަންނަވާ ބިންބޭނުންކުރުމުގެ ޕްލޭން ހެދެމުންދާއިރުގައި އެކަން ކުރާނެ ސަރަޙައްދެއްވެސް އޅުގަނޑު ހިތުން ތިޔަބޭފުޅުން ވަކިކުރައްވާނެ. އެހެންވީމާ، އަޅުގަނޑު ވަރަށް އުފަލާއެކީގައި މިރަށުގައި އަޅުގަނޑުމެން ކެމްޕޭނުގައި ބުނިފަދައިން، ދިގުމުއްދަތުގައި ފައިސާދައްކައި ޚަލާޞްކުރާ އުޞޫލުން އަޅާ ނިންމާފައިހުރި ގެ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވެން އެބައޮތް.

ފެނާއި ނަރުދަމާ އަޅުގަނޑުމެން އެމަސައްކަތްވެސް ކުރާން މިއުޅެނީ ބޭރުގެ އިންވެސްޓްމެންޓް އެމަސައްކަތުގައި ހިމަނައިގެން އެކަންކުރެވޭގޮތަށް. ސަރުކާރުންވަނީ އެކަމަށް ބޭނުންވާ މަޝްރޫޢުތައް މިހާރު އެކުލަވާލާފައި. އަޅުގަނޑުމެން މިދަނީ ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އިޢްލާންކޮށްގެން، އެފަރާތްތަކުގެ ޝައުޤުވެރިކަން ހާމަކުރުމަށް އެދެމުން. ސަރުކާރަށް އެބަޖެހޭ މިކަމުގައި 60 ދުވަސް ލިބެން. ޝައުޤުވެރިކަން ހާމަކުރުމަށް ހުޅުވާލަން. އެހެންނޫނިއްޔާ މިކޮރަޕްޝަންގެ ނުވަތަ ނާޖާއިޒު ފައިދާ ނެގުމާ މިބާވަތުގެ ކަންކަން މީގެތެރެއަށް ވަނުމުގެ ބިރެއް އޮވޭ.

މިގޮތަށް ހުޅުވާލީމާ މިޕްރޮވިންސްގައި އެކަނި، މިސަރަޙައްދުގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ހަފަރާތަކުން އެދިފައި އެބައޮތް. އޭގެތެރޭގައި މިކަމުގައި ދުނިޔޭގެ މަޝްހޫރު ކުންފުނިތައް އެބަވޭ. އަދި ރާއްޖޭގެ އަމިއްލަ ބައެއް ބޮޑެތި ކުންފުނިތައްވެސް މިކަމަށް ޝައުޤުވެރިވާކަން ހާމަކޮށްފައި އެބައޮތް. ދެން އަޅުގަނޑުމެން ހަދަންޖެހޭގޮތަކީ، އެކަންކުރަން ސަރުކާރުން އެދޭގޮތް އެ ޝައުޤުވެރިކަން ހާމަކުރި ފަރާތްތަކަށް ފޮނުވަންޖެހެނީ. ފޮނުވާފައި އެފަރާތުގައި އެދެންޖެހެނީ، އެބޭފުޅުން މިކަންކުރެއްވުމަށް ގަސްތުކުރާގޮތުގެ ޕްރޮޖެކްޓެއް ހުށަހެޅުމަށް. އޭގެތެރެއިން އެންމެ އެކަށީގެންވާ ބަޔަކަށް އެ މަސައްކަތް ދިނުމަށް ސަރުކާރުން ނިންމަނީ. އެހެންވީމާ، މި ތިން މަރްޙަލާ ނިމޭއިރު، އަޅުގަނޑުމެން މި އަންދާޒާ ކުރަނީ، އޮންނާނީ ޖޫން، ޖުލައި، އޯގަސްޓް ވެފައޭ. އިރާދަކުރެއްވިއްޔާ އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު ފެންނަގޮތުގައި، މިރަށުގައި އޭގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އޯގަސްޓް ސެޕްޓެމްބަރުގައި ފަށައިގަނެވޭވަރުވާނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ.

ފެނާއި ނަރުދަމާނެތި އިނގުރައިދޫގެ ރައްޔިތުންނަށް ރީތި ތާހިރު ދިރިއުޅުމެއް އުޅެވިދާނެ ކަމަކަށެއް އަޅުގަނޑުމެންނެއް ނުދެކެން. އަދި ޞިއްޙީގޮތުންވެސް މިރަށަށް ކޮންމެހެން ބޭނުންވާ ކަންތައްތައްކަމަށް އަޅުގަނޑުމެންނަށް ދެކެވޭތީވެ، އަޅުގަނޑުމެން މިރަށުގައި ފެނާއި ނަރުދަމާ އެއީ، އަޅަންޖެހޭނެ އެއްޗެއްކަން ފޯރުކޮށްދެން ޖެހޭނެ ޚިދްމަތެއްކަން ގަބޫލުކޮށްގެން ސަރުކާރުގެ ސިޔާސަތު ރާވަމުން މިދަނީ. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން އިރާދަކުރެއްވިއްޔާ މިރަށުގައި ފެނާއި ނަރުދަމާގެ ޚިދްމަތް ދާދި އަވަހަށް ޤާއިމުކޮށްދޭނަން.

މިރަށުގެ އިންޖީނުގޭގެ މައްސަލަ އަޅުގަނޑަށް ތަންކޮޅެއް ކުރީއްސުރެ ފަށައިގެން އަޑުއިވެމުން އަންނަނީ. ރަށު ރައްޔިތުން ހިންގާ އިންޖީނުގެޔަކާ، އަދި އަމިއްލަފަރާތަކުން ހިންގާ އިންޖީނުގެއެއް، ދެއިންޖީނުގެއެއް އެބަހުރޭ. މިފަދަ ކުޑަކުޑަ ރަށެއްގައި ދެއިންޖީނުގެ ހުރެގެން، އޭގެއިން އެންމެ ރަނގަޅު ފައިދާ ރައްޔިތުންނަށް ލިބިދާނެކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންވެސް އެގޮތަކަށް ދެކެވަޑައެއްނުގަންނަވާނެ. އެއީ، ވަރަށް ސާފުކޮށް ފެންނަންއޮތްކަމެއް. އިންޖީނުގެއަކުން ފައިދާނުކުތުމަށް ކޮންމެވެސް މިންވަރަކަށް ވަކިއަދަދަކަށް އެބަ ކަރަންޓު އުފައްދާކަން.
އެހެންވީމާ، އަޅުގަނޑުމެން ހަމަ ތިޔަ ވިދާޅުވިފަދައިން، ރަށުގެ ރައްޔިތުން ތިޔަ އެދިލެއްވިފަދައިން، ދެއިންޖީނުގެއާވެސް ވާހަކަދައްކައި، އޭގެތެރެއިން ސަރުކާރުން ދެގެއަށްވެސް ބަދަލުދީފައި ނަގައި، އަޅުގަނޑުމެން ސަރުކާރުން މިއުފައްދާ ޔުޓިލިޓީ ކުންފުނިތައް، އެކުންފުނިތަކާއެކީގައި ޙިއްޞާވެގެން އެމަސައްކަތް ކުރުމަށް އަޅުގަނޑުމެން ފަށާނަން. ބޭނުމިއްޔާ މިދެފަރާތަށްވެސް ފުރްޞަތު އޮންނާނެ، ސަރުކާރުން އުފައްދާ ޔުޓިލިޓީ ކުންފުނީގައި ޙިއްސާވުމަށް. އަދި ރަށު ރައްޔިތުންނަށްވެސް ފުރްޞަތު އޮންނާނެ ސަރުކާރުން އުފައްދާ ޔުޓިލިޓީ ކުންފުނީގައި ޙިއްސާވުމަށް. އެކުންފުނީގެ ބޮޑު ޙިއްސާ އޮންނާނީ، ޔުޓިލިޓީ ނުވަތަ ކަރަންޓާއި ފެނާއި ނަރުދަމާ ދޭ ކުންފުންޏެއް ހޯދައި، އެކުންފުންޏަކާ ޙަވާލުކުރެވިފައި. މައިގަނޑު ރޭވުންތަކާއި މަސައްކަތްތަކާއި އިންވެސްޓްމަންޓު ހިނގަމުންދާނީ މިދަންނަވާ ބޮޑު ކުންފުނިން.

އެހެންނަމަވެސް، ރަށްރަށުގައި ހުންނާނީ އަޅުގަނޑު ހިތުން އެއް އިންޖީނުގެ. އަދި އަޅުގަނޑުމެން މިއުންމީދުކުރާގޮތަށް މިކަންކުރެވުނީމާ އިރާދަކުރެއްވިއްޔަކާ އިނގުރައިދޫއަކު އިންޖީނުގެއެއް ނުހުންނާނެ. އަޅުގަނޑުމެން މިބަލަނީ ކޭބަލް އަޅައިގެން، އަދި ކަނޑުގެ އަޑިން ކޭބަލްއަޅައިގެން ރަށްރަށުގައި ކަރަންޓު އެއް ނެޓްވާރކް އޮންނަގޮތަށް ކަރަންޓުގެ ޚިދްމަތް ދިނުމަށް. އެމަސައްކަތް އެގޮތަށް ކުރާގޮތުގައި ހިންގުމަށް، ކުންފުނިތަކަށް އަޅުގަނޑުމެން މި ދަޢުވަތުދެނީ. ބޮޑެތި ކުންފުނިތަކުގެ ވިސްނުން، ޝައުޤުވެރިކަންހުރީވެސް ތިން ހަތަރު ފަސް ރަށެއް ގުޅުވައި އެއްކޮށްފައި ކަރަންޓުގެ ނުވަތަ ކަރަންޓުގެ ޚިދްމަތް ދިނުމަށް. އަޅުގަނޑުމެންނަށް އެގޮތަށް އެކަން ކުރެވޭނެ، އަދި ކުރުމަށް ބޭނުންވާ ފަރާތްތަކާ މިދަނީ ވާހަކަދެކެވެމުން. އެހެންވީމާ، އިނގުރައިދޫގެ އިންޖީނުގޭގެ މަސައްކަތް ނުވަތަ މައްސަލަ އަޅުގަނޑުގެ ނަޒަރުގައި ދާދިއަވަހަށް ޙައްލުވެގެންދާނެ. މިޒަމާނުގައި މިދުވަހުގައި ރަށެއްގައި ތިން ހަތަރު އިންޖީނުގެ ހުރެގެން، އޭނައާއި މީނައާ ކުރާ ޒުވާބެއްގައި ރައްޔިތުން ފިތި ތިބޭކަށް ނުޖެހޭނެއޭ. ސަރުކާރުގެ ވާޖިބެއް އެއީ، ރައްޔިތުންނަށް ހެޔޮއަގުގައި ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދިނުން.

މުޅި މިރަށުގެ ހުރިހާކަމެއް ވަޑާން ކުރުންވެސް އަދި އިޤްތިޞާދީ ހުރިހާ ތަރައްޤީއެއް ޙަޤީޤަތުގައި ގުޅިފައި އޮންނަނީ ކަރަންޓާ. އަޅުގަނޑުމެން މިތަނުގައި ފެނުގެ ޚިދްމަތްދޭން ފެށީމާވެސް އޭގެއަގުވެސް ޙަޤީޤަތުގައި ގުޅިފައި އޮންނާނީ ކަރަންޓާ. އެހެންވީމާ، މިއީކީއެއް އަޅުގަނޑުމެންނަށް އިންތިޚާބު ކައިރިވީމާ ރަށު ރައްޔިތުންގެ ހިތް އެކިގޮތްގޮތަށް އަނބުރަން، ދޮގުހަދަން، ޙުއްޖަތުދައްކަން، އޮޅުވާލަން ބޭނުންކުރާބާވަތުގެ ކަމެއްނޫން. އަޅުގަނޑެއް އެގޮތަކަށް މިވާހަކަ ދައްކާކަށްނެތިން. އަޅުގަނޑުމެންގެ އެބައޮތް އަމާޒެއް، އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް، އަޅުގަނޑުމެންގެ އެބައޮތް މަންޒަރެއް.

މިރަށުގެ ތަރައްޤީއެއް ނުލިބޭނެ މިރަށުގައި ހަކަތަ އުފެއްދުން އަގުހެޔޮ ނުވަނީހެއް. އެހެންވީމާ، އެއީ ސަރުކާރުން އަޅާލަންޖެހޭ ކަމެއް. ސަރުކާރުން ދިގު، ފުޅާ ވިސްނުމެއް ގެންގުޅެންޖެހޭ ބާވަތުގެ ކަމެއް. އިރާދަކުރެއްވިއްޔާ އެކަން ޙައްލުކުރުމުގެ ޕްރޮގްރާމް އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. އަޅުގަނޑަށް ކުރިޔަށްވުރެ މިއަދު އަދި މާ ޔަޤީންކަން ބޮޑު، މިކަން މިގޮތަށް ކުރުމުގައި، ފުޅާގޮތުގައި ކުރުމުގައި އަޅުގަނޑުމެންނަށް ކާމިޔާބުވެގެންދާނެ.

ދާދިފަހުން އަޅުގަނޑު އިނގިރޭސިވިލާތަށް ކުރިން ދަތުރެއް. އެރަށުގެ އެކިއެކި ބޮޑެތި ހަކަތަ ކުންފުނިތަކުން މިބާވަތުގެ މަސައްކަތް ކުރުމަށް ތިބީ ތައްޔާރަށް. އަދި ދިގުމުއްދަތުގައި ކުރާ އިންވެސްޓްމަންޓްތައް ހިންގައިގެން، އެމަސައްކަތް އެމީހުން އެހެންޤައުމުތަކުގައިވެސް ކުރާފަދައިން، މިރާއްޖޭގައިވެސް ކުރަން އައުމަށް މިފަދަ ކުންފުނިތަކުން ތައްޔާރަށް ތިބީތީވެ، އަޅުގަނޑަށް މިއަދު ކުރިޔަށްވުރެ އަދި މާޔަޤީން، މިކަން ހަމަ އަޅުގަނޑުމެން މިއެދޭ ފަރިގޮތުގައި ފުރިހަމަވެގެންދާނެ.

އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ އިނގުރައިދޫގެ ޕްރޮގްރާމްތަކުގެ ތެރޭގައި ދެން އަޅުގަނޑުމެންނަށް ހިމަނާލެވެންއޮތް އަނެއްކަމަކީ، އަޅުގަނޑުމެންނަށްއެނގޭ، މިތަނުގައި ޞިނާޢީ މަސައްކަތް ހިނގަމުންދާއިރުގައި ބޭންކުގެ ޚިދްމަތް ބޭނުންވާނެކަން. 2003 ވަނަ އަހަރުއްސުރެ ފެށިގެން، ތިޔަބޭފުޅުން ބޭންކުގެ ޚިދްމަތް ހޯއްދަވަމުން ތިޔަގެންދަވަނީ އުނގޫފާރުން. ދެން އެއީ ވަރަށްބޮޑު ދަތުރެއް. އޭގެބަދަލުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިރަށުގައި ބޭންކުގެ ޚިދްމަތް މިއަހަރުގެ ތެރޭގައި ފޯރުކޮށްދެވޭނެ. ސަރުކާރުން މިދަނީ ޕޯސްޓް އޮފީސް ބޭންކެއްގެ ގޮތުގައި މިރަށުގައިވެސް އަދި އާ ބޭންކެއް ތަޢާރުފްކޮށް، އެމަސައްކަތް، ޕޯސްޓް އޮފީސް ބޭންކް މިރަށުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަޢާރުފްކޮށްދޭނަން.

ރަށު ރައްޔިތުންވެސް އަދި އަޅުގަނޑުވެސް ކުރީގައި ތިޔަބޭފުޅުންނަށް އިޝާރާތްކޮށްފައި އޮންނާނެ ވާހަކައެއް، މިރަށުގައި އެބަ ބޭނުންވެއޭ، ތަޢްލީމާ ތަމްރީނު. ޚާއްޞަކޮށް ވަޑާންކުރުމުގެ ޢިލްމާއި ހުނަރު ޒުވާނުންނަށް ލިބިގަތުން. އަދި އެހެންރަށްރަށުން އަންނަ މީހުންނަށްވެސް މިރަށުގައި ކިޔެވޭނެ ފުރަޞަތު ހޯދައިދިނުން. އަދި މިރަށުގައި ކިޔަވައިގެން އެމަސައްކަތް ދަސްވެގެން ތިބިމީހުންނަށް އެކިތަންތަނުން ރަނގަޅުގޮތުގައި ވަޒީފާ ހޯދުމުގެ ފުރްޞަތު ފުޅާކުރުން. އެކަމަށްޓަކައި އަޅުގަނޑުމެން ސަރުކާރުން އެކުލަވާލީ ޕްރޮގްރާމެއް. އެއީ، މިދަންނަވާ ބާވަތުގެ އިންސްޓިޓިއުޝަން ނުވަތަ މުއައްސަސާތައް އުފައްދައި، އެތަންތަނުގައި ދަރިވަރުންނަށް ތަޢްލީމުދީ، އަދި އެކަމެއް އެނގޭ މީހުންނަށް، ދަރިވަރުންނަށް ވަޒީފާއެއް ހޯދުމުގެކަންކަން.

މީގައި ހަމައެކަނި ޅަކުދިންނަކަށް ވާކަށް ނުޖެހޭ، ކޮންމެ މީހަކަށްވެސް ކޮންމެ އުމުރެއްގެ މީހަކަށްވެސް ކަންތައްތައް ދަސްކުރެވޭނެ. ސަރުކާރުން މިހާރުވާނީ މިތަނުގެ ކައުންސެލަރަށް އަދި ރަށްރަށުގެ ރަށުއޮފީސްތަކަށް އަންގާފައި، މިބާވަތުގެ މަސައްކަތްތައް މިރަށުގައި، މިއޮފީހަށް އެންގިފައި އޮންނާނެ، ހިންގަން ބޭނުންވާ ޖަމްޢިއްޔާއެއް، ސަރުކާރުން އެހީވެދޭނެ އެޖަމްޢިއްޔާ ތަރައްޤީ ކުރުމަށް. ޚަރަދުކުރުމަށް. މިއަދު އެޖަމްޢިއްޔާ ހިތަށް އަރައިގެންނުވާނެ، ތިމަންނާމެން އަތުގައި ޓީޗަރުންނެއް ނެތޭ، ތިމަންނާމެން އަތުގައި ޢިމާރާތެއްނެތޭ، ތިމަންނާމެން އަތުގައި މިވެނިކަމެއްނެތޭ، އެހެންވީމާ، ތިމަންނާމެންނަކަށް މިކަމެއް ނުވާނެއޭ. ތިޔަބޭފުޅުންގެ ޖަމްޢިއްޔާތައް އެކުވެގެންނަމަވެސް ނުވަތަ ޖަމްޢިއްޔާތަކުންނަމަވެސް މޭ 10 ގެ ކުރީގައި އެބަޖެހޭ، ޔޫތް މިނިސްޓްރީއަށް ތިޔަބޭފުޅުން މިކަންކުރެއްވުމަށް ޝައުޤުވެރިވާކަން ހާމަކުރައްވަން. އެއީ، އެފަދަ މުއައްސަސާއެއް، މަދަރުސާއެއް މިތާ ގާއިމުކުރުމަށް ބޭނުންވާކަން އެބަޖެހޭ ހާމަކުރަން. ސަރުކާރުން ގަސްތުކޮށްފައި އޮތީ، ޖަމްޢިއްޔާތައް ލައްވައި މިމަދަރުސާ ހިންގުން. ސަރުކާރުން އެހީތެރިވެދޭނެ ސަރުކާރުން މާލީ އެހީވެސް ވެދޭނެ. އެހެންވީމާ، އެކަން މިހާރު އަޅުގަނޑުމެންނަށް މިއޮތީ ކުރެވޭގޮތަށް. މިކަންމިހާރު މިއޮތީ ރޭވިފައި. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން ވީހާވެސް އަވަހަކަށް އިންތިޒާމުވެގެން އެކަން ޔޫތް މިނިސްޓްރީއަށް އަންގަވައިދެއްވުމަށް.

އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، އަޅުގަނޑުމެން މިއުންމީދުކުރި، އުންމީދުކުރާ އަނެއް ދިވެހިރާއްޖެ އެހެންގޮތަކަށް އަޅުގަނޑުމެންނަށް އުޅެވޭނެ ޙަޤީޤަތެއް ހޯދުން. އަޅުގަނޑުމެން ބޭނުންވީ މިއަދު އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗަކަށްވުރެ އިތުރު އެއްޗެއް މާދަމާ ޖީބަށް ވެއްދޭނެގޮތެއްހޯދުން. ހާސްކަންމަތީގައި ނޫޅޭބަޔަކަށް، ބޭސް ސިޓީއަށް ސަލާންޖަހައި، ފޮތްލިސްޓަށް އާދޭސްކޮށް، ބޯހިޔާވަހިކަން ހޯދޭނޭގޮތެއްނެތި، ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ބަޔަކަށްނުވެ، އަޅުގަނޑުމެންނަށް ތިބެވޭނެގޮތެއް ހޯދުން. އަޅުގަނޑުމެންގެ އަމާޒަކަށްވީ، އަޅުގަނޑުމެން ބޭނުންވީ، އަޅުގަނޑުމެން ކޮންމެ މީހަކީވެސް ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ދެފައިމައްޗަށް ތެދުވެހުރެ، ތިމަންނާގެ އަމިއްލަ މަސައްކަތުން ތިމަންނާގެ އަނބިދަރިންނަށް، ގާތްތިމާގެ މީހުންނަށް ކާންދީއުޅޭ މީހެކޭބުނެ، ޝަޚްޞިއްޔަތުތަކެއް މިރާއްޖޭގައި އުފެދެން. އަޅުގަނޑުމެން ބޭނުންވީ ތިޔަބޭފުޅުންގެ ވިސްނުން، ތިޔަބޭފުޅުންގެ ރަށުގެ ގޮނޑުދޮށްދޫކޮށް، އަދި އަތޮޅުދުނިންވެސް ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެން މިވަޢުދުވީ ފަދައިން، ދަތުރުފަތުރުކުރުމުގެ ނިޒާމުން މިއަތޮޅުގެ ހުރިހާރަށް މިއަހަރު ތެރޭގައި ގުޅައިދިނުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެ.

އަޅުގަނޑުމެން މިގެންދާ ޕްރޮގްރާމްތައް، އަޅުގަނޑުމެން މި ކުރިޔަށް ހުށަހަޅާފައި ހުރި މަސައްކަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވެ މިތިބީ އެކަންކަން ކުރުމަށް އަޅުގަނޑުމެން ރާވާފައި އޮންނަ ރޭވުންތަކާ ވިސްނާފައި ހުރި ވިސްނުންތައް ފުރިހަމަކޮށްގެން، ތަރުތީބުކޮށްގެން އަޅުގަނޑުމެން މިތިބީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުންމީދަކީ، އިނގުރައިދުއަކީ ތަރައްޤީވެފައިއޮތް، އިނގުރައިދޫއަކީ ތަނަވަސް، ކުރިއަރާދާ ރަށަކަށްވުން. އަޅުގަނޑުގެ ބޭނުމަކީ، މިރަށު ރައްޔިތުންނަށް މިރަށުގައި އެމީހުންގެ އަނބިދަރިން ގާތުގައި ތިބެގެން ވަޒީފާއަދާކުރެވޭނެ ފުރްޞަތު ލިބޭނޭގޮތެއް ހޯދައިދިނުން. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ތިޔަބޭފުޅުންނަށް މުޅިޙަޔާތުގައި ލިބޭ ހުރިހާއެއްޗެއް އެކަމަކަށް ހޭދަނުކޮށް، ބޯހިޔާކުރެވޭނޭގޮތެއް ހޯދާނެ މަޝްރޫޢުތަކެއް ރޭވުން.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުކުރާއިރުގައި އަޅުގަނޑު މިހުރީ ހަމަގައިމުވެސް އިއްޔެއަށްވުރެ މާ ޔަޤީންކަންބޮޑުކޮށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަން ތިޔަބޭފުޅުންނަށް ކޮށްދެވޭނެ. އިރާދަކުރެއްވިއްޔާ މާދަން ވެގެންދާނީ އަދި މިއަދަށްވުރެ، މާ އުފާވެރި މާ ފާގަތި ދުވަހަކަށް.

والسّـلام عليـكم