بســم اللّـه الرّحمـن الرّحيــم

އަނގޮޅިތީމުގެ އެކުވެރި ލޮބުވެތި ރައްޔިތުން.

السّـلام عليـكم

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިއަދު ތިޔަބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދައްކާލަން ލިބޭ ކަމީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުވެފައި ހުންނާނީ އެހެން ހައިސިއްޔަތު ތަކެއްގައި. އެކަން އޮތީ އެގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް. އެހެންނަމަވެސް، މިރަށަކީ އަޅުގަނޑުވެސް ވަރަށް ގިނަ ދުވަހު ދިރިއުޅެފައިވާ ރަށެއްކަމަށްވާތީވެ، އެ ގާތްކަމާއި ރަޙްމަތްތެރިކަން ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގައި އޮވޭ.

އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑާ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސްވެސް، އަޅުގަނޑާއި ތިޔަބޭފުޅުންނާ ދެމެދު އޮންނަ ހިތްހަމަޖެހުން ކުޑަ ތަންކޮޅެއްވެސް ފަރަގުވެގެން ނުދާނެ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ތިޔަބޭފުޅުން އަޅުގަނޑު ދެކެ ރުޅިއައިކަމުގައިވިޔަސްވެސް، އަޅުގަނޑެއް ތިޔަބޭފުޅުންދެކެ ކުޑަ ތަންކޮޅެއްވެސް ރުޅިއެއް ނާންނާނެއޭ. މިހާރު އަޅުގަނޑުގެ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން އަޅުގަނޑުގެ އެންމެ ގާތް މިރަށު މީހުންނާވެސް ފޯނުންވެސް ދިމާނުވާ އެތައް ފަހަރެއް އާދޭ. އެހެންނަމަވެސް، އަޅުގަނޑުގެ ހިތުގައި، މިރަށުގެ ރައްޔިތުންނާމެދު އެ އޮންނަ ގާތްކަމެއް އަޅުގަނޑެއް ދުލެއް ނުކޮށްލާނަން. ތިޔަބޭފުޅުން އަދި ކޮންމެ ގޮތަކަށް އެކަން ކުރެއްވިޔަސްވެސް.

އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި، ރައްޔިތުންނާ ބައްދަލުކޮށް ދައްކާ ވާހަކައިގައި އަޅުގަނޑުމެން ރައްޔިތުންނަށް އަންގައިދެވޭތޯ މަސައްކަތް ކުރަނީ، މި ސަރުކާރު އުފެދުމުގެ ކުރީގައި، މި ސަރުކާރު އުފެއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރިއިރުގައި، އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅީމު މިއީއޭ އަޅުގަނޑުމެންގެ ސަރުކާރެއް ހިނގާނެ ގޮތަކީ. މިއީއޭ، މި ސަރުކާރު ހިންގަންވެގެން އަޅުގަނޑުމެން މި ވިސްނާ ފިކުރު ކުރާ ގޮތަކީ. އެއަށް ޢާންމު ގޮތެއްގައި މިކިޔަނީ މެނިފެސްޓޯއޭ ނުވަތަ އެއީ، އަޅުގަނޑުމެންގެ ވެރިކަން ހިންގުމުގެ ތަޞައްވުރު.

ކެމްޕެއިނުގެ ދުވަސްވަރުގައި އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހަޅަމުން ގެންދިޔައީ މިދެންނެވި ތަޞައްވުރު. މި ސަރުކާރު ހިނގަމުންދާއިރުގައި މި ރާއްޖެއަށް ތަންފީޒުވަމުންދާނީ ކޮންބާވަތެއްގެ ސިޔާސަތުތަކެއްތޯ ކަނޑައެޅި ބަޔާންކޮށްފައިވާ ތަޞައްވުރެއްކަން. މިއަދު އަޅުގަނޑު ބޭނުން، އެ ސިޔާސަތު ތަންފީޒުވެގެންދާއިރުގައި ސީދާ މިރަށަށް، އަނގޮޅިތީމަށްވާނީ ކިހިނެއްތޯ. ކޮންމެވެސް ވަރަކަށް ނަމަވެސް، ތިޔަބޭފުޅުންނާއެކީގައި މިކަން ޙިއްޞާ ކޮށްލަން.

އެކެއް، އަޅުގަނޑުމެންގެ ސިޔާސަތަކު ނުވޭ، އަނގޮޅިތީމު ފަޅުކުރުމުގެ އެއްވެސް ފިކުރެއް. އަޅުގަނޑަށް އެނގޭ މިތާނގައި އިންޖީނު ގެއެއް، އަޅުގަނޑުމެންނަށް އެނގޭ މި ކުދިކުދި ރަށްރަށުގައި އަމިއްލައަށް ރަށް ރައްޔިތުންގެ ނަމުގައިވެސް، އަދި އެހެން ނަމެއްގައި ނަމަވެސް، އިންޖީނު ގެތައް ހަދައިގެން އެއީ، ދެކޮޅުޖެހި ފައިދާވެ ނުވަތަ ހިންގޭ ވަރުގެ ކަމަކަށެއް ނުވޭ. ދުވަހުން ދުވަހަށް ތެޔޮ އަޅައިލެވޭހާ ލާރި، ބިލަށް ނަގާ ފައިސާއިން ފަހަރެއްގައި ފޫބެއްދިދާނެ. އެކަމަކު، އެއިން އިންޖީނެއް މަރާމާތު ކުރަން ވިޔަސް އަދި ނަރެއް ބަދަލު ކުރަން ވިޔަސްވެސް، ދެން މިބާވަތުގެ ކަންކަމަށް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ، މި ހިންގާ އިންޖީނުގެތަކަކުންނެއް ނުލިބޭނެ.

ލާމަރުކަޒީ އުސޫލުން ހިންގުމަށް އަޅުގަނޑުމެން ގަސްތުކޮށްގެން މިއުޅެނީ، ކޮންމެ ސަރަޙައްދެއްގައިވެސް އެ ސަރަޙައްދަކަށް ސީދާ ނިސްބަތްވާ، ރަމްޒުވާ ވަޒީރު، ސްޓޭޓް މިނިސްޓަރެއް ހުންނަވައިގެން، އެބޭފުޅާ އެއީ، ދިވެހި ސަރުކާރު ތަމްސީލުކުރާ ފަރާތްކަމުގައި ކަނޑައަޅައިގެން. އަދި އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުންގެ، ކައުންސިލްތަކުގެ އެހީގައި، މަސައްކަތްތައް ހިންގާއިރުގައި ކޮންމެ ސަރަޙައްދެއްގައިވެސް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދްމަތް ރައްޔިތުންނަށް ދޭ ވަކި ޚާއްޞަ ކުންފުންޏެއް އުފެއްދުމަށް. އެގޮތުން މި ސަރަޙައްދަށްވެސްވާނީ ކުންފުންޏެއް މިހާރު އުފައްދާފައި.

އަޅުގަނޑުމެންނަށް މިހާރު ކަންތައްތައް ގެންދެވިފައި އޮތް ހިސާބަކީ، މެއި މަހުގެ އެއްވަނަ ދުވަހުއްސުރެ، އެ ކުންފުނިން ވީ މިންވަރަކުން އިންޖީނުގެތައް ހިންގުމަށް ޙަވާލުވާން ބޭނުންވުން. އެހެންވީމާ، ފުރަތަމަ ކަމަކަށް އިރާދަކުރެއްވިއްޔާ އިހަށް މިތަނުގެ މިހާރު މިހުރި ކަރަންޓުގެ ކަންތައް އަޅުގަނޑުމެންނަށް ކުރިޔަށް މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ދެން އަޅުގަނޑު ކަނޑައެޅިގެން ވަކި ވަގުތެއް ދޭކަށް ނޫން. އެހެންނަމަވެސް ކުރިޔަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި، މިތަނަށް އެހެން އިންޖީނެއް ގެނެވި މި އިންޖީނުގެއަށް މިވަގުތު ދިމާވެގެން މިއުޅޭ މައްސަލަތައް ހައްލުކުރުމުގެ، ހައްލުވާނެ ކޮންމެވެސް ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެހެންވީމާ، މެއި މަހު އެއްވަނަ ދުވަހުއްސުރެ މި ޙަވާލުވާ ކުންފުނިތައް މެދުވެރިކޮށްގެން ނަމަވެސް، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެން މިތަނުގެ އިންޖީނުގެއާއި ކަރަންޓުގެ ކަންތައް ފުރިހަމަ ކޮށްދޭނަން.

ތަރައްޤީއަށްޓަކައި ބޭނުންވާ އެންމެ މުޙިއްމު އެއް ވަސީލަތަކީ ކަރަންޓު. ހެޔޮއަގުގައި ކަރަންޓު ނުލިބި އެއްވެސް ކަމެއް ނުކުރެވޭނެ. މަސައްކަތްތެރިކަމެއްވެސް ކުރިއަކަށް ނުގެންދެވޭނެ. ދަނޑުވެރިކަމެއްވެސް ކުރިއަކަށް ނުގެންދެވޭނެ. މަސްވެރިކަމެއްވެސް ކުރިޔަކަށް ނުގެންދެވޭނެ. އެއްވެސް ކަމެއް ރަނގަޅަށް، ބާރަށް ކުރިޔަށް ގެންދިޔުމަށް، އެބައެއްގެ ތެރޭގައި ހެޔޮ އަގުގައި ކަރަންޓް ލިބެން ހުންނަން ޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން މިރަށު ރައްޔިތުންނަށް ކޮށްދެވޭނެ. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން.

އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައީ، ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ، މާލެ އިންތިހާއަށް ތޮށްޖެހިފައި އޮންނަ އޮތުމޭ. މާލޭގައި ގެދޮރުގެ ދަތިކަން ހުރި މިންވަރަކީ، ކުރިއަަށް މިއޮތް ފަސް އަހަރު، ދިހަ އަހަރު ތެރޭގައި އަޅުގަނޑު ދަންނަވާނީ، މާލޭގެ ވަރަށް ގިނަ ބަޔަކު މަގުމައްޗަށް ނުކުންނާނެއޭ ގެ ނެތިގެން. އެއްވެސް ހާލެއްގައި ވަންނާނެ ތަނެއް ނެތިގެން. މަގުމަތީގައި ބަޔަކު މީހުން އަޅުގަނޑުމެންނަށް ފެންނަފެނުމުގައި ނިދަންފަށާނެ. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، ސަރުކާރުން އެބަޖެހޭ ވަރަށް އަވަހަށް، ވަރަށް ގިނަ އަދަދެއްގެ ގެދޮރު އަޅައި ރައްޔިތުންނާ ހަވާލުކުރެވޭތޯ ބަލަން. މި ސަރުކާރުން ނިންމާފައި މިވަނީ މިއަހަރު ތެރޭގައި މަދުވެގެން 10,000 ގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަން ފެށުމަށް.

އެހެންވީމާ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އެ އަޅާ ނިންމާފައި ރައްޔިތުންނާ ޙަވާލުކުރެވޭނެ. އެ މަޝްރޫޢުގެ ތެރޭގައި އަނގޮޅިތީމުގައިވެސް ދިގު މުއްދަތުގައި، ވަރަށް ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން، ތިޔަބޭފުޅުންނަށް މިރަށުން ގެދޮރު ލިބިވަޑައިގަންނަވަން ހުންނާނެ. މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފަށައިގަނެވޭނެ.

އަޅުގަނޑަށް އެބަފެނޭ މިތަނުގެ ބަނދަރު. ހަދަމުން އަންނައިރުގައި އޭގައި ދިމާވާ މައްސަލަތަކެއް. ބަނދަރު ތެރެއަށް ބާނި ވެއްދުމާއި، އެ ބަނދަރު ރަނގަޅަށް ބަނދަރުވެފައި ނެތުމާ، ވަރަށް ގިނަ ރަށްރަށުން އިވޭ އަޑެއް އެއީ، ފައިކަށި އެއް އަތަކަށް ޖައްސާލުން ނުވަތަ ފައިކަށި ދަމާލުން މިހެން ހެދީމާ ރަނގަޅުވާނެކަމަށް. ތިޔަބޭފުޅުން ވިދާޅުވީމާ، އަޅުގަނޑު ހަދައިދޭނަން، އެކަމަކު ރަނގަޅެއް ނުވާނެ. ނުވާނެ ރަނގަޅެއް އިނގޭތޯ. އެކަމަކު އަޅުގަނޑު ތިޔަބޭފުޅުން ވިދާޅުވީމާ، އަޅުގަނޑު ހަދައިދޭނަން. ދެން ބަލާމީހުންވެސް ބަލާފައިވެސް ބުނާނެ، ރަނގަޅެއް ނުވާނެއޭ. އެކަމަކު ތިޔަބޭފުޅުން އެބަ ވިދާޅުވޭ ރަނގަޅުވާނެއޭ ކިޔާފައޭ އެތާ ބަނދަރު ހެދީވެސް. ހެދިއިރުވެސް އެނގޭ، އެތަނުގައި އެކަމެއް ކޮށްގެން އެކަމެއް ސަލާމަތެއް ނުވާނެކަން.

އެހެންވީމާ، އެކަމަކުވެސް މިހާރު އެއޮތީ ވަރަށް ބޮޑު މަސައްކަތެއް ކުރަން ފެށިފައި. އަދި ވަރަށް ބޮޑު ޚަރަދެއް ކުރެވިފައި. ދެން އެ އޮތް ހިސާބުން އެކަން ސަލާމަތް ކުރެވޭތޯ އެބަ ބަލަންޖެހޭ. ބަލާއިރުގައި ފައިކަށި ތިޔަ އިތުރަށް ކުރިޔަށް ޖައްސާލަން ބޭނުންވާ ތަނާއި، އަދި ބަނދަރުގެ އަނެއް ފަރާތުން އެހެން އެއްޗެހި ގާތް ކުރެވޭ ގޮތަށް ކޮނެލަން ތިޔަ ބޭނުވާ ބަޔާ، މިކަންކަމާ ގުޅޭގޮތުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަބޭފުޅުން މި ރަށުގެ ބަޔަކާއި މިނިސްޓްރީއާ ދެމެދު މަޝްވަރާ ހިންގުމަށް. އެ މަޝްވަރާތަކުގައި ތިޔަބޭފުޅުން ވިދާޅުވެދެއްވަންޖެހޭނެ މިއީއޭ ދެ ބައިމީހުން އެއްބަސްވާ ގޮތެއް އޮންނާނެއޭ. މިއީއޭ އެގޮތް. ދެން ބަދަލު ކުރައްވައިގެން ނުވާނެއޭ. އެއީ، ދެން އެގޮތަށް މިފަހަރުގޮސް ހެދޭނީ. އެހެންވީމާ، ސަރުކާރުން އެބަޖެހޭ މިގެންނަ ބަދަލަށް އިތުރު ފައިސާވެސް ހޯދަން. ދެން އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން ބަދަލުގެ ވާހަކަ ދައްކަވާނެކަން. އަޅުގަނޑު އިތުރު ފައިސާކޮޅެއް ބަޖެޓަށް ލައިގެންހުރީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ބަލަން، ކިހިނެއްތޯ މިކަން ރަނގަޅަށް ކުރެވޭނީ. އިރާދަކުރެއްވިއްޔާ އެކަން އެހެން ކުރެވޭ ގޮތް އަޅުގަނޑުމެން ހަދައިދޭނަން.

މިރަށުގައި މަހަށްދާ ދޯންޏެއް މިހާރު އޮތްކަމެއް ނޭނގެ އަޅުގަނޑުކަށެއް އިނގޭތޯ. އެހެންނަމަވެސް، ސުނާމީގައި ގެއްލުން ލިބުނު އާބާދީތަކަށް އެ ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި އާމްދަނީއެއް ހޯދޭނެ، އިތުރުކުރެވޭނޭ މަގެއް ހޯދައިދިނުމަށް، އަޅުގަނޑުމެން ސަރުކާރުން ދޯނި އެބަ ދޫކުރަން. އަޅުގަނޑަށް މިކަމުގައި އެންމެ ދައްޗެއް އަންނަނީ. އެއީ، ދޯނި ދޫކުރެވިފައި މި އޮންނަންޖެހެނީ ވަކި މީހަކަށެއްނޫން. ރައްޔިތުން ޙިއްޞާވެގެން ރައްޔިތުން ހިންގާ ދޯންޏެއްގެ ގޮތުގައި. މިނިސްޓްރީގައި އެދިގެން އަޅުގަނޑު ބަލާނަން އޭގެ ދޯންޏެއް މިރަށަށް ހޯދައިދެވޭތޯ. އަޅުގަނޑު މިދެކެނީ އެއީ، މިރަށު ރައްޔިތުން ވަރަށް ކުރާ ހިތްވާވެސް ކަމެއްކަމަށް.

ދެން އޭގެއިތުރަށް، އަޅުގަނޑުމެން އޮންނާނެ ދައްކާފައި މިރަށުގެ މާރުކޭޓު ނިންމުމުގެ ވާހަކަ. އަޅުގަނޑަކަށް ނޭނގެ މިހާރު އެ މަސައްކަތް މުޅިން ފެށިފައިހެން އަޅުގަނޑަށް ހީވަނީ ހުރީ. އަދި އެކަމަކު އެކަން މުޅިއަކުން ރަނގަޅު ހިސާބަކަށެއް ނުގެންދެވޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް އެ މާރުކޭޓުގެ މައްސަލަ، މި ރަށުގައި މާރުކޭޓެއް ހެދި އެކަން ހިނގާނެ މަޝްރޫޢެއް އަޅުގަނޑުމެން ރާވައިދޭނަން.

މި ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްދެވޭ އެއްވެސް ކަމެއް ނޯވޭ. އަދި ރައީސުލްޖުމްހޫރިއްޔާ އަތުގައި އޮންނަ އެއްޗެއްވެސް ނޯވޭ. ދިވެހި ރައްޔިތުންގެ އެއްޗެހި ހުންނަނީ. އަޅުގަނޑުމެން މި ސަރުކާރުން އަބަދުވެސް ގަބޫލުކުރަންޖެހޭނެ އަދި ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެ ކޮންމެ ލޯ ލާރިއަކީވެސް، ކޮންމެ ފައިސާ ފޮއްޗަކީވެސް، ޙަޤީޤަތުގައި ރައްޔިތުންގެ ފައިސާ. ރައްޔިތުން މިއޮތީ އެފައިސާ، އަމާނާތްތެރިކަމާއެކީ ޚަރަދުކުރުމަށް އަޅުގަނޑާ ހަވާލުކޮށްފައި. އަޅުގަނޑު އެކަން ކުރަން ޖެހޭނީ ހުރިހާ އެންމެންނަށް ހަމަހަމަވާ ގޮތަކަށް. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭނެ، އެ ފައިސާގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުންކަން. ރައްޔިތުންގެ ބޭނުންތަކަށް، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކުރުމަށް ހަމަހަމަ ގޮތުގައި އަޅުގަނޑުމެންނަށް އެ ފައިސާ ޚަރަދުކުރެވެންޖެހޭނެ.

އަޅުގަނޑުގެ ނަޒަރުގައި ހަމަހަމަކަމެއް އެއީ، އަޅުގަނޑު ދަތުރުކުރުން އެއީ. ވަރަށް ބޮޑު ޚަރަދެއް ދާކަމެއް އެއީ. މިހާރު ކުރީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއަށް އަހަރެއްގެ މައްޗަށް ޚަރަދުކުރާނެ، ބަޖެޓުކޮށް ޚަރަދުކުރޭ. ދެން އެހެން ޚަރަދުތަކެއް އަޅުގަނޑަކަށެއް އަނެއްހެނެއް އެހެން ދަންނަވާކަށް ނޫން. ބަޖެޓުކޮށް ޚަރަދުކުރޭ 500 މިލިއަންރުފިޔާ. މިހާރު މި ރައީސުލްޖުމްހޫރިއްޔާއަށް ބަޖެޓުކޮށް ޚަރަދުކުރަނީ 30 މިލިއަންރުފިޔާ. އެ 30 މިލިއަންރުފިޔާ އަކީވެސް، ދެން ވަރަށް ބޮޑު އަދަދެއް. އިނގޭތޯ. އެ ބޮޑުވަނީ ދަތުރުކުރަންޖެހޭތީ. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ އަމާޒަކީ ކޮންމެ ހަފްތާއަކުންވެސް ދެދުވަހުވަރު މާލެއިން ބޭރުގައި އަތޮޅުތަކުގައި އުޅެވޭތޯ ބެލުން. އަޅުގަނޑަކަށް ނުފެނޭ، ދެން މިޒަމާނުގައި އެއީކީއެއް ނުކުރެވޭނެވަރު ކަމެއްވެސް ނޫން. ފަސޭހައިން އެއްތަނުން އަނެއް ތަނަށް ދެވެން އެބައޮތް. މިއަދު ފުރައިގެން ހަމަ، ހެނދުނު ފުރައިގެން އައިސް އަނގޮޅިތީމުގައި ހުރެފައި. އެއީ އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި، އެއީ ހެޔޮގޮތުގައި ވެރިކަން ކުރަން ކޮންމެހެންވެސް ބޭނުންތެރިކަމެއް. އެހެންވީމާ، އެކަން އަޅުގަނޑު ކުރާނެ. އެހެންނަމަވެސް، ވީހާވެސް ޚަރަދުކުޑަކޮށް ކަންކަން ކުރެވޭތޯ އަޅުގަނޑު ބަލާނަން.

އަޅުގަނޑު ރާވާދޭނަން ދަނޑުވެރިކަމާބެހޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތު ދިނުމުގެ ޓްރޭނިންގ ޕްރޮގްރާމެއް މިރަށުގައި ހިންގުމަށް. އިންސްޓިޓުޝަނެއް، މުއައްސަސާއެއް، ތަނެއް ހެދުމަށް. އެކަންކުރުމަށްޓަކައި މިރަށުން ކޮންމެވެސް ބައެއް އަޅުގަނޑު އެދެން، ޔޫތު މިނިސްޓްރީން މަރިޔަމް ނޫރައްދީނާ ގުޅުއްވައިގެން އެކަން ހިންގާނެ ގޮތެއް އޮޅުންފިލުވުން. މަރީ އަރިހު ދަންނަވާ އަޅުގަނޑު ބުންޏޭ، މިހެންނޭ ހަދަންވީ. ދެން މަރީއަށްވެސް އެނގިވަޑައިގަންނަވާނެ އެއިރުން އެކަން. އަޅުގަނޑު މަރީއަށް ދަންނަވާފައި އޮންނާނީ.

ދަނޑުވެރިކަމާގުޅޭގޮތުން ތަމްރީނު ދިނުމަށް ހިންގަން އެބަޖެހޭ މިރަށުގައި ކޮންމެވެސް ވަރަކަށް ތަމްރީން ކޯސްތަކެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށުގައި އެކަންކަން ހިންގައިދޭނަން. މިރަށުގެ ދަނޑުވެރިކަން އާލާކޮށް ތަރައްޤީ ކުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ކުރެވެން އޮތްކަމެއް މިރަށުގައި. ވަރަށް ބާރަށް ކުރިޔަށް ގެންދެވޭނެ ކަމެއް. އެހެންވީމާ، އެކަން ކުރިޔަށް ގެންދިޔުމުގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެހީތެރިވެދޭނަން.

ދެން މިހާރު ގްރޭޑް 10 އަކާ ހަމައަށް އެބަ ކިޔެވޭ. އަޅުގަނޑު އުންމީދުކުރަން ހުރިހާ ކުދިންވެސް މޮޅު ކުދިންނަށްވުމަށް މަސައްކަތް ކުރާނެކަމަށް. އެއީ، ވަރަށް ބޭނުންތެރިކަމެއް، ކިޔަވައިގެން މޮޅުބަޔަކަށް ވުމަކީ. އަދި އެންމެ މުހިންމު ގޮތެއްގައި ރަށުގައި ތިބެގެން މޮޅު މީހުންނަށް ވެވޭގޮތްވުން، ވަޒީފާ އަދާކުރެވޭގޮތްވުން، މީހަކާ އިނދެވޭގޮތްވުން، އަދި ދިރިއުޅުން އާރާސްތުކުރަމުން ގެންދެވޭ ގޮތްވުން، ދެމަފިރިންނަށްވެސް ރަށުގައި ތިބެވޭނޭ ގޮތެއް ހޯދުން، އަޅުގަނޑުގެ ނަޒަރުގައި ހަމަ ވަރަށް މުހިންްމު މިރަށަށްވެސް. މަންމައާއި ބައްޕައާ އެކީގައި ނޫނިއްޔާ ދަރިޔަކު ބޮޑުވާކަށެއް ރަނގަޅެއްނުވާނެ. އެހެންވީމާ، މި ހުރިހާ ގޮތަކަށް ބެލިޔަސް، އަޅުގަނޑުމެންގެ ތެރޭގައި ޒުވާނުން މިހާބޮޑަށް ވީއްލި މިދަނީވެސް ޙަޤީޤަތުގައި މައިންބަފައިންނާއެކީގައި ކުދިންނަށް ބޮޑެތި ނުވެވޭތީވެ. ދެން އެހެން ކުދިންނަށް ބޮޑެތި ނުވެވެނީވެސް އެއްވެސް ޙާލެއްގައި މައިންބަފައިންގެ ގޯސްކަމަކުން، ފަރުވާކުޑަކަމަކުންނެއް ނޫން. ހަމަ ސަރުކާރުން ކުރަން ހުރި ކަންކަން ސަރުކާރަށް ނުކުރެވިފައިއޮތީތީވެ. ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ރައްޔިތުންނަށް ނުދެވި އޮތީތީ.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ މި ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑެއް ނުހުންނާނަން މި ފަސް އަހަރު ނިމޭއިރުގައި. ނޭނގެ އަނބުރާ މިރަށުގައި ނޫންކަމެއްވެސް ހުންނާނީ. މި ފަސްއަހަރު ނިމޭއިރުގައި އަޅުގަނޑުމެންނަށް މި ރާއްޖޭގައި ކޮންމެހެން ބޭނުންވާ އަސާސީ ޚިދްމަތްތަކުގެ އޮނިގަނޑު އެއީ، ފެނާއި، ނަރުދަމައާއި، ކަރަންޓާއި، މަގާއި، ބަނދަރާއި، ދަތުރުފަތުރާއި، ތަޢުލީމާއި، ޞިއްޙަތާއި، މުނިފޫހިފިލުވުމާ، މިކަންކަމަށް ކޮންމެހެން ބޭނުންވާ މައިގަނޑުތައް ޤާއިމު ކުރެވޭތޯ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތްކުރާނަން.

އަޅުގަނޑު އެދެން ތިޔަބޭފުޅުން ބޯހަރުވުމަށް. އެކަމަކުވެސް، ގޮތްދޫނުކޮށް ތިބޭއިރުގައިވެސް އަބަދުވެސް ތިމަންނާއަށް މިވެނި އެއްޗެއް ދޭށޭ ބުނުމުގެ ބަދަލުގައި، މިވެނި އެއްޗެއް ހޯދުމުގައި ތިމަންނާއަށް ބައިވެރިވެވިދާނެހޭ؟ އެ ސުވާލު އަހާނެކަމަށް އަޅުގަނޑު އުންމީދުކުރަން. ބަ މިރަށަށް ބަދަރެއް ހެދުމުގައި ތިމަންނާއަށް ބައިވެރިވެވެން އޮތް ގޮތަކީ ކޮބައިހޭ؟ މަސައްކަތްކުރާކަށް ނޫން އަޅުގަނޑު މިދަންނަވަނީކީ. އެހެންނަމަވެސް، ކޮންމެ ކަމެއްވެސް ހިނގާ އެބައޮވޭ ގޮތްތަކެއް. އަޅުގަނޑު މިސާލަކަށް މިއަދު މިތާ ހުރެ މިވެނި ވާހަކައެއް، އެވެނި ވާހަކައެއް މިބުނަނީ، މީގެ ތިންމަސް ކުރީގަޔޭ އެކަން ކުރަންވެގެން ބުނެގެން އެކަމާ އުޅެ އުޅެ އުޅެ އުޅެ އުޅެ ކިރިޔާ އަޅުގަނޑަށް މިއަދު މިތަނަށް އާދެވޭ އިރަށް މިވާހަކަ ބުނެވޭ ގޮތަށް މިއޮތީ. ކަންހިނގަނީ ވަރަށް ލަހުން. އަޅުގަނޑަކީ، ވަރަށް އަވަހަށް ކަންކުރަން ބޭނުންވާ މީހެއް. އެކަމަކު އަޅުގަނޑަށްވެސް ވަރަށް ބޮޑެތި ފިލާވަޅުތަކެއް ދަސްވެއްޖެ. އަވަހަށް ކަންކުރީމާ އެކަމުގެ ތެރެއަކު އެންމެންނެއް ނުހިމެނޭ. އެކަން ފުރިހަމަވެދާނެ، ކުރާ ކަންތަކުންވެެސް. އެކަމަކު އެކަން، އެއީ، އެންމެންގެ ކަމަކަށްވަނީ އެންމެންނަށް އެކަން ކުރުމުގައި ބައިވެރިވެވުނީމަ. އެންމެން ބައިވެރިވެގެން ކުރާ ކަންތައްތައް ކުރެވޭނީ ލަހަށް. އެކަމަކު އެންމެން އެދޭ ގޮތަށް ކުރެވޭތޮ ބެލެވޭނީ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިދެންނެވި ކަންކަން ކުރުމުގައި، އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުން ބައިވެރިކުރަން. ތިޔަބޭފުޅުންގެ މަޝްވަރާއާއެކީގައި އެކަންކަން ދެވޭނެ ގޮތެއް ހަމަޖެއްސުން. ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބޭނުމަކީ އެއީ. ތިލްމީޒާއަކީ، މި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު. އެބޭފުޅާއަކީ، ވަރަށް ހުނަރުވެރި ބޭފުޅެއް. އެބޭފުޅާ މީގެކުރީގައި މަސައްކަތްކުރެއްވީ ފޮރިން އެފެއަރޒްގައި ބޭރުން އެހީ ހޯދުމުގެ ޚާއްޞަ ބޭފުޅެއްގެ ގޮތުގައި. ވަރަށް ބޮޑަށް ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅެއް. ދެން ބައެއް ބޭފުޅުންނަށް އަނެއްހެން ބޮޑަށް ތަފްޞީލުކޮށް އެނގިވަޑައިގަންނަވަން ބޭނުންފުޅުވަންޏާ ޝައިޚް ޙުސައިން ޔޫސުފްގެ ބޭފުޅެއް. އަޅުގަނޑު އެދެން، ތިޔަބޭފުޅުން ތިލްމީޒާއާ އެކީގައި މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް

އަޅުގަނޑު ހިތުން އަދި އިތުރަށް އެބައޮތް އެއް ވާހަކައެއް. އެއީ، މިތަނުގެ މަދަރުސާ އެއްދަން ފަޅިއަކަށް ވީހާވެސް އަވަހަކަށް އެބަ ހަދަން ޖެހޭ. މިއަންނަ އަހަރު ދެ ދަންފަޅިއަށް ކިޔަވައިދީގެން ނުވާނެ، އިނގޭތޯ. ރަނގަޅަށް ދަރިއަކަށް ކިޔަވައިދޭން އެބަޖެހޭ، އޭނާ މަދަރުސާއަށް އައިސް، ހެނދުނު މަދަރުސާއަށް އައިސް، ހެދުނު ކިރު ތަށްޓެއްވެސް ބޯން. އަދި ހެނދުނު މަދަރުސާގައި އުޅެފައި ހަވީރު ހަމަ އެ މަދަރުސާގައި އޭނާ ކުޅެން އެބަޖެހޭ، ރޭގަނޑު ވަރުބަލި ވަންދެން. ރޭގަނޑު ވަރުބަލިވެގެންގޮސް އިތުރުކަމެއް ނުކުރެވޭވަރަށް ކުޅުވަންޖެހޭ އެބަ. އެހެންވީމާ، މަދަރުސާގެ ޖާގައާ އެއްޗެހިވެސް އޮންނަން އެބަޖެހޭ. އަދި މަދަރުސާގައި އޭނާގެ މަސައްކަތްތަކާ އެއްޗެހިވެސް ކުރެވެން އެބަޖެހޭ. މަދަރުސާއަކީ ދަންފަޅި ބަހައިގެން އިރުންއިރަށް ކުދިންނަށް ކިޔަވައިދޭ ފެކްޓަރީއެއްގެ ބާވަތުގެ ތަނެއްގެ ގޮތުގައި ބަލައިގެނެއް ކުދިންނަކަށް ރަނގަޅު ތަޢުލީމެއް ނުދެވޭނެ. އަޅުގަނޑުމެން ދަންނަ މަދަރުސާތައް ހުންނަނީ އެގޮތަށް. ހެނދުނު އައިސްފައި، މެންދުރުފަހު މަދަރުސާގައި ކުޅެފައި، ރޭގަނޑު ކިޔަވާފައި ދެން ރޭގަނޑު ޖެހޭނީ ހަމަ ނިދަން. އިރާދަކުރެއްވިއްޔާ އެއް ދަންފަޅިއަށް ހެދުމަށް ބޭނުންވާ ތިން ކްލާސްރޫމްގެ މަސައްކަތްވެސް މިރަށުގައި ކުރެވޭނެ. މިއަހަރު ތެރޭގައި އެ މަސައްކަތް ފަށައިގަނެވޭނެ. އެހެންވީމާ، އަޅުގަނޑަށް އެބަ އުންމީދުކުރެވޭ ކުރިޔަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑުމެން ދުވަސްކޮޅެއް ނަގާނެ، އަޅުގަނޑުމެންގެ އަތަށް ހެޔޮވަރު ހަމައަށް ކަންކަން ގެންނަން. އެހެންނޫނިއްޔާ، އަޅުގަނޑުމެންނަކަށް މީގައި ވާއެއް ނުވާއެއް ނޭނގި، ކަންކަން ހިނގަމުންދާނެ.

ދާދިމިދާކަށް ދުވަހު އަޅުގަނޑު ބެލިން ސަރުކާރުން އެބަ ހިންގާ 1.4 ބިލިއަން ރުފިޔާގެ މަސައްކަތް. މަދެއް ނޫނެއްނޫންތޯ. 1.4 ބިލިއަން ރުފިޔާގެ މަސައްކަތް މިއަހަރު އެބަ ހިންގާ. ދެން މީގެ އެއްވެސް މަސައްކަތެއް ނުހިނގާ ޙަޤީޤަތުގައި. ހިނގަނީ، މިތާ ބަނދަރު ހިނގާ ސްޕީޑުގައި. ހިނގަނީ އެހެން ތަނެއްގެ މަދަރުސާއެއް ހިނގާ ވަރުގައި. ދެން އަޅުގަނޑުމެންނަކަށެއް، ސަރުކާރަކަށް ނުހުރޭ ބެލެހެއްޓިފައެއްވެސް، އެހިނގާ މިންވަރެއްވެސް. އެއްގަނޑަކުން ނުވަތަ އެއްތަނަކުން އެނގޭ ކަށެއް ނެތް. މިހާރު ދެން އަޅުގަނޑުމެންނަށް އެނގިއްޖެ ހުރިހާ ބަނދަރަށް ވާގޮތް. މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ ހުރިހާ މަދަރުސާއެއް، ހެލްތް ސެންޓަރަށް، ސަރުކާރުގެ ޢިމާރާތްތަކަށް ވަމުންދާ ގޮތް. މިހުރިހާ ކަންތައްތަކެއް ވަމުންދާ ގޮތް އެއްތަނަކުން ބެލޭނެ ގޮތެއް ހޯދަން ޖެހޭނެ. ދެން އަޅުގަނޑު މިހާރު މިހުރީ ބަލައިގެން، ހޯދައިގެން. އަޅުގަނޑަށް އެނގޭނެ މިހާރު ކޮންމެ ބަނދަރަކުން، ކިހާ ވެއްޔެއްތޯ މިއަދު ނެގީވެސް. އެ ބެލޭނެ އުސޫލުތަކެއް އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ. އެ ހަމަޖައްސަން އަޅުގަނޑުމެން އިރުކޮޅެއް ނަގަމުން މިދަނީ. އެއީ، ކޮންމެހެން އެއްވެސް ޙާލެއްގައި ގޮތެއް ކިޔާކަށް ނޫން. އެހެންނަމަވެސް މިހުރިހާ ފައިސާއަކީ ތިޔަބޭފުޅުންގެ ފައިސާ. ޚަރަދުކުރަމުންދާއިރުގައި އެންމެފަހުން އައިސް އަޅުގަނޑު ބޮލުގައި އެޅޭނީ. އެހެންވީމާ، އަޅުގަނޑު އެބަޖެހޭ ބަލަން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި ޗެކް ފޮތެއް އޮވޭ ކޮންމެ ސަރުކާރު އޮފީހެއްގެ ވަތްގަނޑުގައި. ދެން ހަމަ ލިޔެ ލިޔެފައި ބަހަންވީ. ދެން އަޅުގަނޑުމެން ބުނެފިން. ނޫނެކޭ، ތިޔަހުރިހާ އެއްޗެއް ގެންނާށޭ އަޅުގަނޑުމެންގެ އަތަށް. މިހާރު އިރާދަކުރެއްވިއްޔާ ހުރިހާ ޗެކެއް ދޫކުރާނީ ޓްރެޜަރީއިން، މާލިއްޔާއިން އެކަނި. އެހެންވީމާ، ނުލަފާ މީހަކު ނުލަފާ ކަމެއް ކުރުމަށް، ލަފާ މީހަކަށް ކުރެވެން ހުންނަނީ ވަރަށް ކުޑަ ކަމެއް. މި ނުލަފާ މީހާގެ ނުލަފާކަން މާ ފުރިހަމައަށް ކުރެވޭ، ލަފާ މީހެއްގެ ލަފާކަމަށްވުރެ. އެހެންވީމާ، އުނދަގޫވާނެ މުޅިން ނުލަފާ ބައެއްގެ ނުލަފާކަން ހުއްޓުވަން. އެހެނަސް، އަޅުގަނޑުމެންނަށް ވީ މިންވަރަކުން އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ހަމަ ގައިމުވެސް އެންމެ ދުވަހެއްވެސް މިވަޒީފާގައި މަދުވެގެން 12،14 ގަޑިއިރު މަސައްކަތް ނުކޮށް ހުއްޓައެއް ނުލާނަން. އަދި އަޅުގަނޑަށް މިއަދު ހަމަ މާބޮޑަށް ޔަޤީން، މީގެ ކުރިއަށްވުރެ އަދި މާބޮޑަށް ޔަޤީން، އަޅުގަނޑުމެން ވެފައިމިވާ ވަޢުދުތައް ހަމަ ފުރިހަމަ ގޮތުގައި އިރާދަކުރެއްވިއްޔާ މި ފަސްއަހަރު ތެރޭގައި އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ފުއްދައިދެވޭނެ.

ނިންމާލަމުންވެސް ކޮންމެހެން ދަންނަވާކަށެއް ނޫން، ސިޔާސީ ޙަޤީޤަތެއް، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވަންޖެހޭ. މިހާރު ރާއްޖެ ހިނގަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރޭގައި. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އިންތިޚާބުވެފައިހުރި ރައީސެއް. މި ޕާޓީގެ ފަރާތުން މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެރިކަން ކޮށްދެނީ. ހެޔޮގޮތުގައި ވެރިކަންކުރުން، އަޅުގަނޑުމެންގެ މަޤްޞަދަކީ. އަޅުގަނޑުމެން ބޭނުމެއް ނޫން، އެއްވެސް ދެ ރައްޔިތެއްގެ ދެމެދުގައި، އެއީ ކޮންމެ ފިކުރަކަށްވިޔަސްވެސް، ކޮންމެ ޕާޓީއަކަށްވިޔަސްވެސް ތަފާތު ކުރާކަށް. އެހެންނަމަވެސް، އަޅުގަނޑު ބޭނުން ރައްޔިތުންގެ މަޖިލިހުގެ އަޣްލަބިއްޔަތެއް އަޅުގަނޑުމެންގެ ޕާޓީއަށް. އެއީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.އަށް. އަޅުގަނޑުމެންނަކަށް އެ އަޣްލަބިއްޔަތު ނެތީހެއް، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދަން ވަރަށް އުނގަދޫވާނެ. ބައެއް ބޭފުޅުން އެބަ ދައްކަވާ ޚުދުމުޚްތާރު ވެރިކަމެއް އުފެދޭ ކަމެކޭ އެއީ، ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ އަޣްލަބިއްޔަތެއް އޮތުން. ދުނިޔޭގައި ވެރިކަމެއް ނުކުރެވޭނެ އެއްވެސް ބަޔަކަށް މަޖިލީހުގެ އަޣްލަބިއްޔަތެއް ނެތީހެއް. ބައިވެފައި އޮތް މަޖިލީހެއް މިއަދު ދުނިޔޭގައި ވަރަށް މަދު ޤައުމެއްގައި އޮންނަނީ. ވެރިކަން ކުރާ މީހުންނަށް އަޣްލަބިއްޔަތެއް ލިބެންޖެހޭނެ. ހަމައެއާއެކީގައި، ވާދަވެރި ސިޔާސީ ޕާޓީތަކުން ފާޑުކިޔުމާއި ވެރިކަން ޖަވާބުދާރީކުރުން އެއީ، ހިނގަންޖެހޭނެ ކަމެއް.
ތިޔަބޭފުޅުން ވެރިކަމަށް ފާޑުވެސް ކިޔުއްވަންވީ، ހަޖޫވެސް ޖައްސަވަންވީ، އަޅުގަނޑަށް ފުރައްސާރަވެސް ކުރައްވަންވީ، އަޅުގަނޑާ ދިމާއަށްވެސް ކޮންމެ އެއްޗެއްވެސް ކިޔުއްވަންވީ، އެކަމު އަޅުގަނޑުމެންނެއް ހަމަ ކުޑަވާ އިނގިލިވެސް ހިއްލައެއް ނުލާނަން ރައްޔިތަކާ އިދިކޮޅަކަށެއް. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅޭ އެއްވެސްކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުކުރާނަން. މި ސަރުކާރަކުން ނުކުރާނެ. ތިޔަބޭފުޅުން ހޮޅުއަށީގައި ހަމަ ހުރިހާ އެއްޗެއް ކިޔުންވަންވީ. އެއްވެސް ހުއްޓުމެއް ނެތި. އޭގެތެރެއިން ރަނގަޅު ނުކުންނާނީ. އޭގެތެރެއިން ގޮތްގޮތް އަޅުގަނޑުމެންނަށް ފެންނާނީ. ހަމަގައިމުވެސް އަޅުގަނޑަށް އެނގިފައި އޮތް އެއްޗެއް، ފެނިފައި އޮތް އެއްޗެއް، އަޅުގަނޑަށް ފެނިފައި އޮތީ މީހުން ދައްކާ ވާހަކަ އަޑުއަހައިގެން، މީހުން ލިޔެފައި ހުރި އެއްޗެހި ކިޔައިގެން.

މީހުންނަށް ވާހަކަ ދެއްކުން މަނާވެފައި، މީހުންނަށް ލިޔުން މަނާވީމަކާއެއް ދެނެއް ކިޔާނެ އެއްޗެއް، އަޑު އަހާނެ އެއްޗެއް ނޯންނާނެ. ވާއެއް ނުވާއެއް ވަރަށް އުނދަގޫވާނެ ދެން ހޯދަން. މިސަރުކާރަކުންނެއް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށް ހުރަހެއް ނާޅާނެ. އަޅުގަނޑުގެ ނަޒަރުގައި ނަރުދަމާއަކަށްވުރެ އަދި މާ މުހިންމު، ބަނދަރަކަށްވުރެ އަދި މާ މުހިންމު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ނަރުދަމާއެއް ލިބެންއޮތީވެސް އެ މިނިވަންކަން އޮތީތީވެ. ނަރުދަމާއެއް ނުލިބޭނެ ނަރުދަމާއެއް ނެތީމާ ނަރުދަމާއެއް ނެތް ވާހަކަ ނުބުނެވެންޏަކާއެއް. އަދި ނަރުދަމާއެއް ނެތިގެން އެކަމާ ޝަކުވާ ބަނދެ، އެކަމާ އަޑު ނޫފުލަންޏަކާއެއްވެސް ނަރުދަމާއެއް ހޯދަންވެސް ދަތިވާނެ. އެހެންވީމާ، ނަރުދަމާއެއް ހޯދަންވިޔަސްވެސް، އިންޖީނެއް ހޯދަންވިޔަސްވެސް، އަޅުގަނޑަކަށެއް ހަމަ އެއްވެސް ހާލެއްގައި ނުވިސްނޭ، ކިހިނެއްކަމެއް ވަކި ފަރުދަކަށް މިއިން ރަށެއްގެ އެއްވެސް ކަމެއް ކޮށްދެވޭނީ.

އަޅުގަނޑަށްވެސް ކޮންމެވެސް ވަރަކަށް ފައިސާ ލިބޭ. އެކަމަކު އަޅުގަނޑު އެނގޭ އަޅުގަނޑަކަށް މިރަށުގެ ކަންތައްތަކެއް ނުކޮށްދެވޭނެކަން. އެހެންވެ، އަޅުގަނޑު ވެރިކަން ހޯދީ. ރައްޔިތުންގެ ކަންތައްތައް ކޮށްދޭން. އަޅުގަނޑަށް އެނގޭ އަޅުގަނޑު ޖީބަށް ލިބޭ އެއްޗަކުންނެއް މިކަމެއް ނުވާނެކަން. ވެރިކަން ބަދަލުވެގެންކަން އަޅުގަނޑުމެންނަށް މިކަން ކުރެވެން އޮތީ، މިކަން ވާން އޮތީ.
އެހެންވީމާ، އަޅުގަނޑު ދެން ދިގުކޮށް ވާހަކަ ދައްކާކަށް ނެތިން، އިނގޭތޯ. ސައިބޯންވެސް އަޅުގަނޑު ބޭނުން ފުރުމުގެ ކުރީގައި. ސައިހަދާފައި ނެތްކަންނޭނގެ. އެކަމަކު ކޮންމެވެސް ތަނަކުން އަޅުގަނޑު ސައިތަށްޓެއް ބޮއެގެން ދާން ބޭނުމީ. ވަރަށްބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު އެދެނީ، އަނގޮޅިތީމަށް މިއަދަށްވުރެ އަދި މާ ފާގަތި މާ ފަހި މުސްތަޤްބަލެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދުތައް ޙަޤީޤަތަކަށް ވެގެންދާނެ. އިރާދަކުރެއްވިއްޔާ މާދަން ވެގެންދާނީ މިއަދަށްވުރެ އަދި މާފަހި މާ ފަހި މާ ފާގަތި ދުވަހަކަށް.

والسّـلام عليـكم