بســم اللّـه الرّحمـن الرّحيــم

މުލީގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މީގެ ދުވަސްކޮޅެއް ކުރީގައި އަޅުގަނޑުމެން ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް، ރާއްޖޭގެ ރައްޔިތުންނަށް ވަޢުދުތަކެއްވަމުން ގެންދިޔައިން. އަޅުގަނޑުމެން ފާހަގަކުރިން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއް ހިންގުމަށް އަޅުގަނޑު އިންތިޚާބު ވެއްޖެނަމަ، އެ ސަރުކާރު ހިންގާއިރުގައި، ގެންގުޅޭނޭ ސިޔާސަތެއް ރައްޔިތުންނަށް ހުށަހެޅިން. އެ ސިޔާސަތު ނުވަތަ ކުރެހި މަންޒަރު، ތަޞައްވުރު އަޅުގަނޑުމެންގެ ހުވަފެން އެއީ. އަޅުގަނޑުމެން ހުށަހަޅަމުން ގެންދިޔައީ، އަޅުގަނޑުމެންގެ މެނިފެސްޓޯ. އަޅުގަނޑުމެންގެ ސިޔާސަތު. އެދުވަހު އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުތަކެއްވީމު. ރައްޔިތުންނަށް ދެންނެވިން. ދަންނަވަމުން ގެންދިޔައިން، އަޅުގަނޑުމެންނެއް ނޭދެމޭ ދިވެހި ރައްޔިތުންނަކީ ހާސްކަންމަތީގައި ދިރިއުޅޭ ބަޔަކަށްވާކަށް. ރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ މިއަދު އެ ރައްޔިތުންނަށް ޙައްޤު މިންވަރެއް ނޫނޭ. މިއީ ތަނަވަސް ޤައުމެކޭ. ޤުދްރަތީ ވަސީލަތްތައް ގިނަ ޤައުމެކޭ.

އަޅުގަނޑުމެން ރައްޔިތުންނަށް މިއަށްވުރެ ރަނގަޅު މިންވަރެއް ހަމަކަށަވަރުންވެސް ޙައްޤޭ. އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވަމުން ގެންދިޔައިން، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ގުޅާލަދޭނަމޭ. ބޭސް ސިޓީއަށް ސަލާން ޖެހުން އެއީ، މާޒީގެ ކަމަކަށް ވެގެންދާނެއޭ. އަތްފޯރާފަށުގައި ތަކެތީގެ އަގު، ޚިދްމަތުގެ އަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަހައްޓައިދޭނަމޭ. ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. އަޅުގަނޑުމެން ވަޢުދުވަމުން ގެންދިޔައިން. ޑްރަގުގެ ޝިކާރައަކަށްވެފައިވާ ދިވެހި ޒުވާނުން ސަލާމަތްކޮށްދިނުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރާނަމޭ. އަޅުގަނޑުމެން ދެންނެވިން އެހެން ދިވެހިރާއްޖެއެއް އެބައޮތޭ. އަނެއް ދިވެހިރާއްޖެ އެބައޮތޭ. އެ މަންޒަރު ޙަޤީޤަތަކަށް އަޅުގަނޑުމެންނަށް ހެދިދާނެ.

މިއަދު އޭގެފަހުން ހަމަސްވެއްޖެ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު އަޅުގަނޑަށްވެސް އެނގޭ ވަރަށްގިނަ ބޭފުޅުން ފަހަރުގައި ވިދާޅުވެދާނެ ބައެއް ބޭފުޅުން. ކޮންކަމެއްހެއްޔޭވީ؟ ހަމަ އެއްކަމެއްވެސް ނުވެޔޭ. ހެލްތް ސެންޓަރު ސައްވީސް ގަޑިއިރަކަށް ބަދަލެއްވެސް ނުވެއޭ. ދެން އިރާދަކުރެއްވިއްޔާ މިތަނުގައި ހޮސްޕިޓަލް އެބަހުރި. ދަތުރުފަތުރު ކުރުމުގެ ނިޒާމު އުފެދުނީކީ ނޫނޭ. ގެވަޅަށް އެދި ތިބި މީހުންނަށް ގެވަޅެއްވެސް ނުވެސް ލިބެއޭ. އެތަނުގައި ބޯހިޔާވަހިކަން އެޅޭނެ ގޮތެއްވެސް ހަމަޖެހިފައެއް ނެތޭ. އިންޖީނުގެވެސް ކިރިޔާއޭ އެ ހިނގަނީ. ފެނާއި ނަރުދަމާ ކަންތައްވެސް ހަމަޖެހިފައި އޮތް ނެތް ގޮތެއްވެސް އެނގެނީކީއެއް ނޫނޭ. ހަމަ ހިލާ ވީ އެއްކަމެއް ނެތޭ.

އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި މިއަދު ދަންނަވާލަން އޮތީ، މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ކޮންމެ ކަމެއް ކުރުމަށް ފިކުރުކޮށް، އެކަމެއްގެ ޙަޤީޤަތް ހޯދުމަށް، ކުރަން ފެށުމުގެ މަގު ހޯދުމަށް، ފަށައިގަންނަ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް ފެންނަނީ، މުޅި ކަންތައް އޮޅުންބޮޅުންވެ، އޭގެ ކޮޅެއް، މެދެއް ހަމަ އެއްގޮތަކަށްވެސް ފެންނަން ނެތްތަން. ދުވަސްތަކެއް ނަގައިފި މިކަންކަމުގެ ކޮޅެއް ހޯދޭތޯ ބެލޭތޯ. މިސާލަކަށް މިރަށުގެ ނަރުދަމާ. މިރަށުގެ ނަރުދަމާއަކީ ޙަޤީޤަތުގައި އަޅުގަނޑުމެން އުންމީދުކޮށް ތިބީ، ޑިސެމްބަރު މަހުގެ ތެރޭގައި އެމަސައްކަތް ފެށޭނެކަމަށް. އެހެން ނަމަވެސް، އޭގެވެސް ކޮޅާއި މެދާ ހޯދި، ކަން ހިނގާގޮތް ސާފުވީއިރުގައި، އަދި ކުރަންހުރި ކިތަންމެ ކަމެއް އެބަހުރި މޭޒުކައިރީގައި ކުރަން. އެކަންތައްތައް ކުރުމުގައި އަޅުގަނޑުމެންނަށް މިދިޔަ ދެތިން ހަތަރުމަހެއް ހިނގައްޖެ. ދިޔައިރުގައި މި އެނގެނީ، މެއި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިތަނުގެ ނަރުދަމާގެ މަސައްކަތް ފެށޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިތަނުގެ ނަރުދަމާގެ މަސައްކަތް މެއިމަހުގެ ތެރޭގައި ފަށައިގަނެވޭނެ.

ހަމައެހެންމެ، ނަރުދަމާއާއެކު އަޅުގަނޑުމެން ބޭނުން ފެނުގެ ޚިދްމަތްވެސް ރައްޔިތުންނަށް ފޯރުކޮށްދޭން. އެހެންވީމާ، ނަރުދަމާގެ މަސައްކަތް ހަމަ ފަށައިގަތުމަށްފަހު، ދެން ސަރުކާރުން ފަށައިގަންނާނީ، މިރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް. އަޅުގަނޑުމެންނަށް ވިސްނޭ، މިރަށުގެ ރައްޔިތުން މިރަށުގެ ބަނދަރުގައި ބޮޑުހިލަ ޖެއްސުމަށް އެދޭ. ބަނދަރު ގަދަ މޫސުމުގައި، ހުޅަނގުގެ ގަދައިގައި ބަނދަރު އުނދަގޫ. މި ސަރުކާރަށް ވިސްނޭ، މިއީ މަސްވެރި ރަށެއްކަމާއި، މިރަށުގެ ރައްޔިތުންނަށް މިރަށުގެ ބަނދަރު މުހިންމުވާނެކަމާއި، އެއީ ތިޔަބޭފުޅުންގެ ދިރިއުޅުމާއި އާމްދަނީއާ ގުޅިފައި ހުރި ކަމެއްކަން. ސަރުކާރަށް ވިސްނޭ މިރަށުގެ ކުނި ނައްތާލެވޭނެ ގޮތެއް، އެ ކުނި އުކާލެވޭނެ ނުވަތަ ނައްތާލެވޭނެ ގޮތެއް އިންތިޒާމެއް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއްކަން. އެހެންވީމާ، އެކަމާ ގުޅިގެންވެސް ސަރުކާރުން މަޝްރޫޢުތަކެއް ރާވަންވާނެކަން. ސަރުކާރަށް ވިސްނޭ، އާ އިންޖީނުގެއާ ދިމާއިން ގިރަމުންދާ ސަރަޙައްދު ސަލާމަތް ކުރަން މަސައްކަތްތަކެއް ކުރުމަކީ މިރަށުގެ ރައްޔިތުންނަށް މުހިންމު ކަމެއްކަން. އެހެންވީމާ، މި ސަރުކާރަށްވެސް މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މިއަހަރުގެ ތެރޭގައި ލަސްތަކެއްނުވެ އެ މަސައްކަތްވެސް ފަށައިދޭނަން. ސަރުކާރަށް ވިސްނޭ އިނގޭތޯ. ބޯޅަދަނޑުގެ މައްސަލަވެސް. ޒުވާނުންގެ ބޭނުންތައްވެސް. ޒުވާނުންގެ އިޙްސާސްތައްވެސް. ދަނޑުގައި ޒުވާނުން ދާ ޖަހަން ބޭނުންވާކަމާއި، ދަނޑު ފުރިހަމަކުރަން އަދި އިތުރަށް ބޭނުންވާކަމާއި، ދަނޑު ތަރައްޤީ ކުރަން ބޭނުންވާކަން. ސަރުކާރުގެ ސިޔާސަތު ރާވާނީ މިދަންނަވާ ކަންކަން ކުރުމަށް.

މިއަދު ތިޔަބޭފުޅުންނާ އަޅުގަނޑު ބައްދަލުވާއިރު، އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ސިޔާސަތު، މި ސަރުކާރުގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ސީދާ މިރަށަށް އޮތީ ކޮންކަމެއް ހެއްޔޭ؟ ސީދާ ތިމަންނައަށް، ތިމަންނަގެ ޢާއިލާއަށް، ތިމަންނަގެ ގެއަށް، ތިމަންނަގެ ރަށަށް ލިބޭނީ ކޮން އެއްޗެއް ހެއްޔޭ؟ ތިއިން ބޭފުޅަކު ޢުމުރުން 65 އަހަރުނަމަ، އަޅުގަނޑު ދަންނަވާނަން ހަމަގައިމުވެސް ދެހާސް ރުފިޔާއޭ. އަދި ތިއިން ބޭފުޅަކު 65 އަހަރު ނުވި ކަމުގައިވިޔަސް، ބޭސްފަރުވާއަށް ސަލާންޖަހަން ނުވަތަ ބަލިވީމާ ބޭސްކުރެވޭނެ ގޮތެއް ނެތި ތިބުން އެއީ، މި ސަރުކާރުގެ ސިޔާސަތު ހިނގާން ފެށީމާ، މި ސަރުކާރުގެ ސިޔާސަތު ތަންފީޒުވާން ފެށީމާ، އިރާދަކުރެއްވިއްޔާ ރައްޔިތުން ކުރަންޖެހޭނެ ކަމެއް ނޫން. އަޅުގަނޑުމެން މިދަނީ ރާއްޖޭގެ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްގެ އުޞޫލުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން. މިހާރުވެސް އަޅުގަނޑަށް ޔަޤީން ކިތަންމެ ބޭފުޅުންނެއް، ކިތަންމެ ރައްޔިތުންނެއް ހޮސްޕިޓަލަށް ދިޔައީމާ، އެ ބަލިމީހާގެ ބޭސް ސިޓީއަށް ނުވަތަ އެ ބަލިމީހާގެ ޚަރަދުތައް ހޮސްޕިޓަލުން ނުނަގައި، އެއީ، އޭނާ އޮތީ އިންޝުއަރެންސުން ބެލެހެއްޓިފައޭ ބުނެ، އެ ބޭސް ހިލޭ ކޮށްދީފައިވާނެ. ސަރުކާރުން މިދަނީ މިއަހަރު ނިމޭއިރަށް އެއްލައްކަ މީހުންނަށް، މި ކަވަރޭޖް އެންމެ ބޭނުން އެއްލައްކަ މީހުންނަށް ބޭސްފަރުވާގެ ކަންތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދަމުން. މިވަގުތު އަޅުގަނޑުމެންނަށް ބެލެހެއްޓިފައިވަނީ ގާތްގަނޑަކަށް ސާޅީސްހާސް މީހުން. އެހެންވީމާ، އަހަރު ނިމޭއިރު އަޅުގަނޑުމެންނަށް ޔަޤީން، އަޅުގަނޑުމެންގެ އަމާޒު އަޅުގަނޑުމެންނަށް ޤާއިމު ކުރެވޭނެކަން.

މިރަށުގެ ކަރަންޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިމޭނެ. ނަރުދަމާގެ މަސައްކަތް އަޅުގަނޑު މިދެންނެވީ ފެށޭނޭ. އަދި އޭގެއިތުރުން، ސަރުކާރުން އެބަ މަސައްކަތް ކުރޭ، ނިންމާފައިވަނީ، އަދި މަސައްކަތް ފަށައިގަނެވޭ ގޮތަށް މިހާރު މިއޮތީ ދިހަހާސް ބޯހިޔާވަހިކަން. އޭގެތެރެއިން މިރަށުގައި ސަތޭކަ ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް އެޅުމަށްވަނީ ނިމިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އޭގެ މަސައްކަތްވެސް ފަށައިގަނެވޭނެ.

އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ، މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދައިދިނުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އެ ވަޢުދު އަޅުގަނޑުމެން ނުވާނަމަ، މި ސަރުކާރު އޮތުމުގެ ބޭނުމެއް ނެތް. އަޅުގަނޑުގެ ނަޒަރުގައި ވަޢުދު ނުވާނަމަ، މި ސަރުކާރު ނުވެސްނެތިސް. އަދި އެ ވަޢުދު ފުއްދަން ނެތްނަމަ، ހަމަގައިމުވެސް މި ސަރުކާރުގެ ބޭނުމެއްނެތިސް. މި މަސައްކަތް ސަރުކާރުން ކުރަމުން ގެންދާއިރުގައި، އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނަގާފައި ބާއްވަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް އެބަވޭ. ރާއްޖޭގެ ތަރައްޤީއަށް އެންމެބޮޑު ހުރަހެއް އެޅިފައިވާ އެއްކަމަކީ ކޮރަޕްޝަންގެ ވަބާ. ނާޖާއިޒު ފައިދާއާއި ޙީލަތްތެރިކަމާއި ހަމަ ކަނޑައެޅިގެން ވައްކަން. މިކަންކަން އަޅުގަނޑުމެން އަބަދުވެސް ހިތުގައި ބާއްވަންޖެހޭ. މި ދައުލަތަށް، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއެއް. ތިޔަބޭފުޅުން އަޅުގަނޑުމެންނާ، ޚާއްޞަކޮށް އަޅުގަނޑާ ޙަވާލުކުރައްވާފައިމިވަނީ އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކީގައި، އިންޞާފުވެރިކަމާއެކީގައި އެފައިސާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ޚަރަދު ކުރަމުން ގެންދިޔުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން. މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ވަރިހަމަކޮށް ދޫކޮށެއް ނުލާނެ، އޭގައި ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު، އެއީ، ވަޒީރަކަށްވިޔަސް އަދި އަޅުގަނޑަށްވިޔަސް، އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. އަޅުގަނޑެއް ހަމަގައިމުވެސް ތިޔަބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުޖެހޭނަން. ތިޔަބޭފުޅުންނަށް ޚިޔާނާތްތެރިއެއް ނުވާނަން. ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދޮގެއް ނުހަދާނަން.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގާތްވެފައިވާއިރު، ހަމަ މިކަމާ ގުޅިގެންވެސް އަޅުގަނޑު ދަންނަވާލަން، ފާހަގަކުރަން އޮތް ދެތިން ނުކުތާއެއް އެބައޮތް. ފުރަތަމަ 1 (ހ) އަޅުގަނޑުމެން ގޮނޑިތައް ބޭނުން. އެކަމަކާ އެއްވެސް ޙާލެއްގައި އަޅުގަނޑު ފޮރުވިގެނެއް އެހެން ގޮތަކަށް ވާހަކަ ދައްކާކަށް ނެތިން. ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް ނެތިއްޖެނަމަ، އެއީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް. ދުނިޔޭގައި މަދު، ނުވެސް ނެތް. ޑިމޮކްރެޓިކް އުޞޫލުން ހިނގާ ޤައުމެއް، އެ ޤައުމެއްގެ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ނޯންނަ. މަދު ދެތިން ފަހަރެއްދިޔަ، ޑިމޮކްރަސީއަށް ޢަމަލުކުރާ ބައެއް ޤައުމުތަކުގައި މިދެންނެވި ގޮތް ނެތް. އެ ދެތިންފަހަރު އެޤައުމުތައް ދިޔައީ ފާލުން ނައްޓާލައިގެން. އިޓަލީގައި ދެފަހަރަކު. އަޅުގަނޑު ހަނދާންވާ ގޮތުގައި ޖަޕާނުގައި ދެފަހަރަކު. އެމެރިކާގައި އެއްފަހަރު. އެމެރިކާގެ ދިގު ދުއިސައްތަ އަހަރުގެ ޑިމޮކްރެޓިކް ތާރީޚުގައި އެއްފަހަރު އެކަންވީ. އެފަހަރު ވާދަވެރި ސިޔާސީ ޕާޓީތަކުން ސަރުކާރު ބަންދުކުރީ. ބަންދުކޮށް ސަރުކާރު ނުހިންގޭވަރުކުރި. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އުނިކަމެއް ނުގެނެވޭ. އެއީ އަދި ތަންކޮޅެއް ބުރަކޮށް ކުރެވޭކަމެއް.

އަޅުގަނޑަކަށް ކުޑަ ބަދަލެއްވެސް ނާންނާނެ. އަޅުގަނޑުގެ މުސާރައަކަށްވެސް ކުޑަ އުނިކަމެއްވެސް ނާންނާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ކުރާން ހުރި ހުރިހާ މަސައްކަތް ކުރާން ހުރީ މަޖިލިސް މެދުވެރިކޮށްގެން. ރައްޔިތުންގެ ވަކީލުންނާ މަޝްވަރާ ކޮށްގެން، ރައްޔިތުންގެ ވަކީލުންގެ ރުހުން ހޯދައިގެން. ރާއްޖޭގައި މިއަންނަ ބަދަލުތަކަކީ ވަރަށް ބޮޑެތި ބަދަލުތަކެއް. އެ ބަދަލުތައް ގެނައުމުގައި ޤާނޫނީ އޮނިގަނޑެއް ނުއުފައްދައިފިނަމަ، އަޅުގަނޑު ދަންނަވާނީ، ވަރަށްބޮޑު ނުހަމައިގެ ތެރެއަށް އަޅުގަނޑުމެންގެ ރާއްޖެ ވެއްޓިދާނެއޭ. މި ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި މަދުވެގެން 64 ޤާނޫނު އެބަ ބޭނުންވޭ. މީގެތެރެއިން ހެދުނީ އަދި އެންމެ ޤާނޫނެއް. އެއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ޤާނޫނު. އެ ޤާނޫނު މަޖިލީހަށް ހުށަހެޅީ އަޅުގަނޑުމެން. ޤާނޫނުއަސާސީ ތަޞްދީޤުވީފަހުން ރިޔާސީ އިންތިޚާބާ ދޭތެރޭގައިދިޔަ ތިންމަސް ދުވަހު ހަމަ އެއްކަމެއް އެންމެ ޤާނޫނެއްވެސް ނުނިންމާ އޮތުމުން، އަޅުގަނޑުމެންނަށް ޖެހުނީ އެ ޤާނޫނު މަޖިލީހަށް ހުށަހަޅަން.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ތިޔަބޭފުޅުންނަށް ހަމަ ގަބޫލުފުޅު ކުރެއްވެނީތޯއޭ، މިދިޔަ ދިގު ތިރީސް އަހަރު އިޞްލާޙަށް ހުރަސް އެޅުއްވި ބޭފުޅުންނޭ އެންމެ ރަނގަޅުވާނީ، މިއަދު އިޞްލާޙަށް މަގުފަހިވާ ޤާނޫނުތައް އުފައްދަން. އަޅުގަނޑަށް ގައިމުވެސް ގަބޫލުކުރަން ވަރަށްދަތި. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަޅުގަނޑު މިވާހަކަ މިހެން މިދައްކަނީ ކިހިނެއްވެގެންބާއޭ ބައެއް ބޭފުޅުން ހިތަށްއަރާފާނެ.

އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ޤާނޫނުއަސާސީ ބަދަލުވެއްޖެ. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކޮށް، އެ އިންތިޚާބު އަޅުގަނޑަށް ކާމިޔާބުވީތީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެކޭ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖޭގައި މިހާރު މިހިނގަނީ. މިސާލަކަށް އެމެރިކާގެ ރައީސް އަރިހު ނުވަތަ އިނގިރޭސި ބޮޑުވަޒީރު އަރިހު ނުވަތަ އިންޑިއާ ބޮޑުވަޒީރު އަރިހު ނުވަތަ ސްރީލަންކާގެ ރައީސް އަރިހު ނޫސްވެރިއަކު އެހީ، އެބަ އިންތިޚާބަށް ކެމްޕޭން ކުރަންހެއްޔޭ. އޭނާ ހިނި އަންނާނީ. ސިޔާސީ ވެރިންގެ ލީޑަރުންގެ މަސައްކަތަކީ، ބޭނުމަކީ އެއީ އިންތިޚާބަށް ކެމްޕޭން ކުރުން. ރައްޔިތުންގެ ތާއީދު ހޯދުން. ރައްޔިތުންގެ ރުހުން ރަމްޒުކޮށްދެނީ މަޖިލީހުގެ ގޮނޑިތައް. ރައްޔިތުންގެ ވަކީލުންނަކީ އެއީ. އެ ވަކީލުންގެ ބަސް އަޅުގަނޑުމެން އަހަންޖެހޭނެ. އަޅުގަނޑުމެންނަކަށް ހުރިހާ ރައްޔިތުންނަކާ އެއްފަހަރާއެއް ވާހަކައެއް ނުދެއްކޭނެ. އެހެންވެގެން ކޮންމެ ފަސްހާސް ރައްޔިތަކަށް މިފަހަރު މެންބަރަކު ހަމަޖައްސާފައި އެހުރީ. ކޮންމެ ފަސްހާސް ރައްޔިތަކަށް ސާފުވާނެ، އެ ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަން ހުރީ ކާކުކަން.

ޤާނޫނުއަސާސީ އަޅުގަނޑަށް ލާޒިމުކުރޭ، އެ އަސާސީ ދެމެހެއްޓުމަށް އަށަގެންނެވުމަށް ނެގެހެއްޓުމަށް. ޤާނޫނުއަސާސީ ދެމެހެއްޓުމަށްޓަކައި އަޅުގަނޑު އެބަޖެހޭ ތިޔަބޭފުޅުންގެ އަރިހުގައި މިވާހަކަތައް ދައްކަން. ވާދަވެރި ސިޔާސީ ޕާޓީތައް ބިނާކުރުމަށް އަދި ސިޔާސީ ޕާޓީ ބިނާކުރުމުގެ ވާހަކަ. ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރަނގަޅަށް ހިނގާނީ، ރަނގަޅަށް ހިނގާ ސިޔާސީ ޕާޓީއެއް ބިނާކުރެވިގެން. އަޅުގަނޑުމެން މިދިޔަ ހަތަރު ދުވަހު އަދި މިހާރުވެސް ކުރަމުން އަންނަ އެންމެބުރަ އެއް މަސައްކަތަކީ ޕާޓީއެއް ބިނާކުރުން. ޕާޓީއެއްގެ ތެރޭގައި، މަޖިލީހަށް ނުކުންނަވާ ކެންޑިޑޭޓުން ނުކުންނަވަންޖެހޭނީ، ޕާޓީގެ އެތެރޭގެ އިންތިޚާބެއް ނިންމާފައި. އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުންގެ ފަރާތުން ވަކީލެއްގެ ގޮތުގައި ނުކުންނަން އެންމެ ރަނގަޅީ ކާކުތޯ އެސުވާލު ކުރާއިރުގައި އަޅުގަނޑަކަށް ޝައްކެއް ނުއުފެދޭ ޢާދިލް އެންމެ ރަނގަޅީ. ރަނގަޅުވީމާ، އަޅުގަނޑު އެބޭފުޅާ މިއަތޮޅު ކައުންސިލަރގެ ގޮތުގައިވެސް ހަމަޖައްސާފައި އެހުރީ. އެއެ ސިޔާސީ މަގާމެއް. ޢާދިލަކީ މި އިޞްލާޙީ މަސައްކަތް އަޅުގަނޑު ފެށީއްސުރެ ފަށައިގެން، ޚާއްޞަކޮށް މިދިޔަ ހަތަރު އަހަރު ދުވަހު ސާބިތުކަންމަތީ ނުގުޑާ ދެގޮތެއްނުވެ އެމަސައްކަތުގައި ހުންނެވި ބޭފުޅެއް. އޭނާއަށް ވިސްނޭ ޤާނޫނުތަކާ ގުޅޭގޮތުން ކަންކަން. އަދި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން. އަޅުގަނޑު ވަރަށް ބޮޑަށް ހަމަ ދަންނަވާލަން. އެއަށްވުރެ ވަކި ރަނގަޅު ބޭފުޅެއް ތިޔަބޭފުޅުންނަށް ލިބިވަޑައެއްނުގަންނަވާނެއޭ، އެބޭފުޅާއޭ މިހާރު ދެން ތިޔަބޭފުޅުންގެ ފަރާތުން މަޖްލިސް ތަމްސީލު ކުރަން އަޅުގަނޑުގެ ނަޒަރުގައި އެންމެ ރަނގަޅު ބޭފުޅަކީ.

ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވައިފިން. ދިވެހިރާއްޖޭގެ ތަރައްޤީއަށް އެޅިފައި އޮތް އެންމެބޮޑު ހުރަހަކީ، ނާޖާއިޒު ފައިދާއާއި ޚިޔާނާތްތެރިކަމާއޭ. އެއްވެސް ކޮންޓްރެކްޓެއް، އެއްވެސް ކަމެއް، އެއްވެސް މަޝްރޫޢެއް ހިނގާފައި ވަރަށް މަދުން ނޫނީ ނުވޭ، އެ މަޝްރޫޢެއް ހިންގުމުގައި ކިތަންމެ ފަރާތަކުން އެތައް ގޮތަކަށް، އެތައް އެތައް ނާޖާއިޒު ފައިދާތަކެއް ނަގާފައި ނެތި. ޢާދިލް މިއަތޮޅުގެ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާއިރުގައި، އަޅުގަނޑު ހަމަ އެ ގޮނޑިތަކުގެ ތަރުތީބަށް ވަޑައިގަންނަވާއިރުގައި، ޢާދިލްގެ ގޮނޑިއަށް ޢާދިލް ވަޑައިގެންނެވީމާ، އަޅުގަނޑުމެންނަކަށް މިތަނުގައި އަތޮޅު ކައުންސިލަރގެ ގޮތުގައި އެބޭފުޅާގެ މަސައްކަތެއް ނުލިބޭނެ. ތިޔަބޭފުޅުންގެ ތަމްސީލު ކުރަން އެދޭހުން ދެން ހުންނާނީ އަޅުގަނޑު އުންމީދު މިކުރަނީ ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ފަރާތުން ވަކާލާތު ކުރައްވަން ހުންނަވާ ބޭފުޅާ، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އިބްރާހީމް ލަޠީފް. އަޅުގަނޑު އިބްރާހީމް ލަޠީފާ ގުޅޭގޮތުންވެސް ހަމަ ދަންނަވަން އޮތީ އެއް ވާހަކައެއް. ލަޠީފަކީވެސް، އިބްރާހީމް ލަޠީފަކީވެސް، އަޅުގަނޑުމެން މިހިންގަމުން މިއައި މަސައްކަތުގައި އަޅުގަނޑުމެން ކުރަމުން މިއައި މަސައްކަތުގައި، އަޅުގަނޑުމެންނާ އެކީގައި ހަމަ ފުރަތަމަ ދުވަހުއްސުރެ ފެށިގެން ސާބިތުކަންމަތީގައި މަސައްކަތް ކުރަމުން އައި ޒުވާނެކޭ. ވަރުގަދަ ޝަޚްޞިއްޔަތެކޭ. އޭނާއަކީ ތިޔަބޭފުޅުން ތަމްސީލު ކުރަން، މަޖިލީހުގައި ތަމްސީލު ކުރަން ހަމަ ވަރަށް އެކަށީގެންވާ ބޭފުޅެކޭ.

އަޅުގަނޑުމެންނަށް ހެޔޮގޮތުގައި މި އިންތިޚާބުތައް ބޭނުން ނުކުރެވިއްޖެނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް، އަޅުގަނޑުމެން މިއެދޭ އިޞްލާޙެއް ފަސޭހަ ގޮތުގައި އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އިޞްލާޙަށްޓަކައި މަޝްރޫޢުތައް ހިންގަން މިޖެހެނީ ދެފުށް ފެންނަ ގޮތަށް. ރައްޔިތުންނަށް އެއިން އިންކަމެއް ނާންނަ ގޮތަށް. ރައްޔިތުންނަށް އެއިން ދެރައެއް، ގެއްލުމެއް ރައްދުނުވާ އުޞޫލުން. އެކަން އެހެން ކުރެވޭނީ، ކަންކަން ކުރުމުގައި ނާޖާއިޒު ފައިދާއާއި ޚިޔާނާތްތެރިކަން ސަރުކާރުގެ ވެރިންގެ ކިބައިގައި ޙަޤީޤަތުގައި ނެތުނީމާ. އަޅުގަނޑުމެންގެ ވަރަށްބޮޑު މަސައްކަތެއް އެއީ، އެކަން ނެތިދާނެ އުޞޫލެއް ހޯދުން. އެކަން ނައްތާލުމަށްޓަކައި އަޅުގަނޑުމެންނަށް މިފެނުނީ، ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ. ރައްޔިތުންނަށް ނުކުމެ ވެރިންނާ ގުޅޭގޮތުން ޚިޔާލު ފާޅުކުރެވެންޖެހޭ، ބަސް ބުނެވެންޖެހޭ. ހަމަގައިމުވެސް އަޅުގަނޑު މިހުރީ ދޫކޮށްލާފައޭ. ތިޔަބޭފުޅުން ބޭނުންފުޅުވެލައްވަންޏާ އަޅުގަނޑަށް ފުރައްސާރަވެސް ކުރަންވީ. ފާޑުވެސް ކިޔުއްވަންވީ. ހަޖޫވެސް ޖައްސަވަންވީ. މަލާމާތްވެސް ކުރައްވަންވީ. އަޅުގަނޑަށް ހަޖަމު ކުރެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންނާ ދުރެއްނުވާނެ. ތިޔަބޭފުޅުން ދެކެ ރުޅިއެއް ނާންނާނެ. އަޅުގަނޑު ވާނީ ހަމަ ލޯބި. އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް އެނގޭ ދަތްފަޅާއިރު ތަދުވާނެކަން. ޑިމޮކްރަސީއަށް އަޅުގަނޑުމެން ނުކުންނައިރުގައި ނުކުންނާނެ އުނދަގޫތައް. ބައެއް ބޭފުޅުންތައް އޭގެ އިންތައްވެސް ކުޑަކޮށް ފަނޑުވެގެން ހިނގައިދާނެ. އެއީކީވެސް އަޅުގަނޑުގެ ނަޒަރުގައި މިހާރު އަޅުގަނޑުމެން ފާހަގަކުރަންވީ މައްސަލައެއް ނޫން. މިހާރު އަޅުގަނޑުމެން ބޭނުންވަނީ ހަމަ ވީހާވެސް ގިނަ އަޑެއް. އަދި އެހުރިހާ އަޑު، ވެރިންނަށް އެނގޭނެ ގޮތެއް. އަޑު ގިނައްޔަކާއެއް ފަސޭހައެއް ނުވާނެ، އެއިން ފުރާނާލައިގެން ވަކި ޚާއްޞަ އަޑެއް އަޑުއަހާކަށް. އެހެންވީމާ، މަޖިލީހުގައި ކޮންމެ ފަސްހާސް ރައްޔިތަކަށް އެއްއަޑު ހަމަޖައްސާފައި އެއޮތީ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެން މިއެދޭ މިންވަރުގައި ދޫކޮށް، އޭގެ އެންމެ ފުޅާމިނުގައި ދޫކޮށް ބެހެއްޓީމާ، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ. މިހާރުވެސް އަޅުގަނޑުގެ ނަޒަރުގައި އެފައިދާ އެދަނީ ވަމުން. މީގެކުރީގައި މިރަށުގެ ކަރަންޓްގެ ވާހަކަ ދެކެވޭއިރުގައި، ހަމަ ފާހަގަކޮށްލަން ބޭނުން. ވާރލްޑް ބޭންކުން މިދިޔަ ދެއަހަރުގެ ތެރޭގައި ހިންގި މަޝްރޫޢެއް، ދުނިޔޭގެ ބޭންކުން. ދިވެހިރާއްޖޭގައި އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް ކިޔާ ޕްރޮޖެކްޓެއް. ރާއްޖޭގެ އެތައް ރަށެއްގެ ކަރަންޓްގެ ޚިދްމަތް ތަރައްޤީ ކުރުމަށް. ލޯނުތަކެއް ދީފައި، އެ ލޯނުތައް މެދުވެރިކޮށް، އެ ސަރުކާރުން އެޓޮލްސް އެޑްމިނިސްޓްރޭޝަން، ޑިވެލޮޕްމަންޓުން އޭރުގެ ކަނޑައެޅި ކުންފުންޏަކަށް މި އިންޖީނުގެތައް ހަދަން ޙަވާލުކުރި. އޭގެފަހުން ހަތަރު ފަސްއަހަރު ވެގެން މިހާރު މިދަނީ. މިސާލަކަށް: އަދިވެސް ބާރަށު އިންޖީނުގެވެސް ހަމަ ހުރި ގޮތަށް އެހުރީ. މަސައްކަތް ހިނގީކީއެއް ނޫން. ނޫން ލާރި ނަންގަވައިފި އެ ކުންފުނިން، މަސައްކަތް ނުހިނގިއެއްކަމަކު.

މިކަންކަން މިހެންވުމަށް ދޫކޮށްފައި އޮއްވައި، ވަރަށް އުނދަގޫވާނެ ތަރައްޤީގައި އަޅުގަނޑުމެންނަށް ކުރިއަށްދާން. އެހީދޭ އެކުވެރި ޖަމާޢަތްތަކުންނާއި ޤައުމުތަކުން މި ސަރުކާރުގެ މައްޗަށް އިތުބާރު ގެއްލޭގޮތްވާނީ. ފައިސާ ނުލިބޭގޮތް މެދުވެރިވާނީ. އެހީ ނުލިބޭގޮތް މެދުވެރިވާނީ. އެހެންވީމާ، މި ކޮރަޕްޝަންގައި ހުރި ނުރައްކާތެރިކަން އަޅުގަނޑުމެންނަށް އަދި ވަހުންވެސް ވިސްނައިވެސްނުގަނެވޭ ޙަޤީޤަތުގައި. އަޅުގަނޑުމެން މިހިތަށް އަރަނީ، ދެން ތިމަންނާ އަތުންނެއް ނޫނޭ އެލާރިތައް ނެގީކީއެއް. ސަރުކާރުންނޭ. ތިމަންނައަށް ލިބޭ އެއްޗެއް ލިބެއޭ. އެހެންވީމާ، ދެން އަދި އެހާބޮޑު ކަމެއް ނޫނޭ އެއީކީ.

އެއީ ވަރަށްބޮޑު ކަމެއް. ތިމަންނާއަށް ފުރަތަމަކަމަކަށް ލިބޭ ބައި އެތައް ގުނައަކުން މަދުވެގެން މިދަނީ އެސަބަބަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ތަކުރާރުކޮށް ދަންނަވަން އޮތް ވާހަކައަކީ، ވިސްނަވައްޗޭ. ރާއްޖެއަށް މިއަންނަ ބަދަލު، ރާއްޖެއަށް ވަމުންމިދާ ގޮތް ތިޔަބޭފުޅުން ވިސްނަވާށޭ. އަޅުގަނޑުމެން މިއަދު މިތިބީ މީގެ ހަމަސް ދުވަހަށްވުރެ، ކުރިއަށްވުރެ މާބޮޑު އުންމީދެއްގައި. މާބޮޑު ޔަޤީންކަމެއްގައި. ފުރަތަމަކަމަކަށް އަޅުގަނޑުމެންގެ ފުރިހަމަ ބެލުމުގެ ދަށަށް މި ސަރުކާރު މިވަނީ ގެނެވިފައި. މި ސަރުކާރަކަށް އިރާދަކުރެއްވިއްޔަކާއެއް ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އެއްވެސް ގުޑުމެއް ނާރާނެ. އެއީކީއެއް އިރާދަކުރެއްވިއްޔަކާއެއް ދެނެއް މި ރާއްޖޭގައި ހިނގާނެ ކަމެއް ނޫން. ސަރުކާރަށް ލޮޅުން އެރުވުމަށް ބޭފުޅުން އުޅުއްވަވާފާނެ. ބާވަތްބާވަތުގެ ރޭވުން ރާއްވަވާފާނެ. އެހެންނަމަވެސް، އެއް އަތް ތެޅިޔަކަސް އަޑެއްވެސް ނުވެސް ގޮވާނެ. އެހެންވީމާ، އަޅުގަނޑުމެންނެއް އެކަންކަން ފަލަކޮށްގެން، ބޮޑުކޮށްގެން، ނެތްވަރަށް ވާހަކަ ހަދައިގެން އިރާދަކުރެއްވިއްޔާ ނުނެރޭނެ.

އަޅުގަނޑު ކައިރީގައި މީހުން އަހާ ރައީސޭ މިދިޔަ ހަމަސްދުވަހުގެ ތެރޭގައި، މިދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި ކޮންކަމެއްހެއްޔޭވީ މި ސަރުކާރުން. އަޅުގަނޑަށް ފާހަގަވީ މިދިޔަ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި 432 މީހުން ހިފާ ހައްޔަރު ކުރި. އަޅުގަނޑުމެން އެންމެ މީހަކުވެސް ހައްޔަރެއް ނުކުރަން. އިރާދަކުރެއްވިއްޔާ ނުވެސް ކުރާނަން. އަޅުގަނޑު މިދަންނަވާހެން މިކަން އޮތީ.

އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި ގޮނޑިތައް އަޅުގަނޑުމެން ކިތަންމެހާވެސް ބޭނުން. އެ ގޮނޑިތައް ހޯދުމަށްޓަކައި އަޅުގަނޑުމެންނެއް ނުޖެހޭ ދޮގު ހަދާކަށް. ބައެއް ބޭފުޅުން ވިދާޅުވެދާނެ، އިންތިޚާބާ ގާތްކޮށް ވަރަށް ގިނައިން ސިޔާސީ ލީޑަރުންގެ އާދައެއް އެއީ، ވެރިންގެ އާދައެއް އެއީ، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މިތަނުގައި އައިސް ބިންގަލެއް އަޅައިދާނެ. އެތަނުގައިގޮސް ރިބަންފަށެއް ކަނޑާލެވިދާނެ. އަދި ނޫނީ ޖަމްޢިއްޔާއަކަށްގޮސް މިވެނި ބާވަތެއްގެ ވަޢުދުތަކެއް ވެދާނެ. އަދި މަތި ދައްކާލަން ވިއްސަކަށް ތިރީހަކަށްހާސް ރުފިޔާވެސް ހަމަ ދީވެސްފާނެ. ސަރުކާރުން އޭގެ އަނެއްބައި ވަރަށް އަވަހަށް ފޮނުވައޭ ބުނެ ލާރިކޮޅެއްވެސް އަންހެނުން ކުރިއަރުވާ ކޮމިޓީއަށް ޚަރަދުކޮށްލައި، މިބާވަތުގެ ކަންކަންވެސް ކުރާނެ. އަދި އަމިއްލަ ފަރާތްތަކުން އިނގޭތޯ މާގިނަ ވާހަކަތައް ދައްކަވާނެ. މިހެންނޭ، އެހެންނޭ، އެހެންނޭ ކިޔުއްވާ.

އަޅުގަނޑުމެން މިހާތަނަށްވެސް ވޯޓް ހޯދާފައި ވަނީ މީހަކަށް ރިޝްވަތުދީގެނެން ނޫން. މީހަކަށް ބިރު ދައްކައިގެނެއްވެސް ނޫން. އަނިޔާ ކޮށްގެނެއްވެސް ނޫން. ފައިސާ ބަހައިގެނެއްވެސް ނޫން. ހަމަ ރައްޔިތުންގެ ރުހުމާއި އިޙްތިރާމާއި ލޯބި އަޅުގަނޑުމެންނަށް ލިބުނީތީވެ. ކީއްކުރަންތޯ ކުރިއަށް އޮތް ތަނުގައިވެސް އެބާވަތުގެ ޢަމަލެއް، އެބާވަތުގެ ކަމެއް އަޅުގަނޑުމެން ކުރަންވީ. މިއަދު އިންތިޚާބަށްޓަކައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދޮގެއް ހަދައިފިނަމަ، އަޅުގަނޑުގެ ނަޒަރުގައި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ކުރިމަތީގައި މި ސަރުކާރުގެ އަގު މުޅިން ވެއްޓުނީ. ސަރުކާރެއްގެވެސް އަދި ސަރުކާރުގެ ވެރިންގެވެސް ޤަދަރާއި ޢިއްޒަތް ހިފެހެއްޓިފައި ހުންނަނީ އެއްވެސް ޙާލެއްގައި އަޅާ ހެދުމަކުންނެއްވެސް ނޫން. ވާހަކަދައްކާ ގޮތަކުންނެއްވެސް ނޫން، ޢަމަލުން، ކަންކުރާ ގޮތުން. އަޚްލާޤީ މިންގަނޑަކީ މީހާ ކުރާ ކަންތަކުން ފެންނަ އެއްޗެއް. ދައްކާ ވާހަކައިން ފެންނަ އެއްޗެއް ނޫން.

އަޅުގަނޑު އުންމީދު ކުރަން. ތިޔަބޭފުޅުން މުސްތަޤްބަލަށް ވިސްނަވާނެ ކަމަށް. ކުރިއަށް މިން އަޅާނެ ކަމަށް. އަޅުގަނޑުމެން ހަމަގައިމުވެސް ވިސްނަމުން މިދަނީ ކުރިއަށް. އަޅުގަނޑުމެން ރާވަމުން މިދަނީ ކުރިއަށް. ބައެއް ބޭފުޅުން ވިދާޅުވެދާނެ، ބަލަ ބަޖެޓުގައި ހިމަނާފައެއް ނެތޭ މިރަށުގައި އަޅާ 100 ހައުސިންގ ޔުނިޓުގެ ވާހަކަ. ދެން އެހެންވީމާ، ތިޔައީ ހަމަ ދެއްކި ވާހަކައެއް ނޫންހޭ. އެކަން ކުރާނީ ކިހިނެއްހޭ. މިރާއްޖެއަށް ދިމާވި އެންމެބޮޑު އެއް މައްސަލައަކީ، މިދަންނަވަނީ ބަޖެޓުގައި ސަރުކާރުން ހުރިހާ ކަމެއް ކުރުމަށް ނިންމެވި ނިންމެވުން. ބަނދަރު ހެދުންވެސް، ނަރުދަމާ ހެދުންވެސް، އިންޖީނުގެ އެޅުންވެސް، މަދަރުސާ އެޅުންވެސް، ހެލްތް ސެންޓަރ ހޮސްޕިޓަލް އެޅުންވެސް، ފާލަން އެޅުންވެސް، މަގު ހެދުންވެސް. އެންމެ އެންމެ ކަންތައް އެއީ، ސަރުކާރުގެ ބަޖެޓުން އެކަނި ކުރާ ކަމެއްގެ ގޮތުގައި ނިންމައިގެން ސަރުކާރު ރާވަމުން ގެންދެވީމާ، ދިމާވި މައްސަލައެއް. ސަރުކާރުގެ ބަޖެޓު އިންތިހާއަށް ބޮޑުވީ. އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ނުފުއްދުނީ.

މި ސަރުކާރުން ގެންގުޅެނީ މުޅިން އެހެން ވިސްނުމެއް. އެއީ، އަޅުގަނޑުމެން ބެލީ މިގޮތަށް. މިސާލަކަށް މިރަށުގެ ސަތޭކަ ހައުސިންގ ޔުނިޓް. އެއާ ގުޅިފައި އޮތީ ސާޅީސްހާސް އަކަފޫޓްގެ ބިން. މިއިން ކޮންމެ ބިމެއް ސަރުކާރުން ދޫކުރަން ގަސްދުކުރަނީ، އެއާ ގުޅުވައިގެން ސަތޭކަ ހައުސިންގ ޔުނިޓް، އެއީ ފްލެޓޭ އަޅުގަނޑު މިދަންނަވަނީ، ފްލެޓެއް ނޫން، ހަމަ ގެ. ބައެއްފަހަރަށް ގެ. އަނެއްބައިފަހަރަށް ދެބުރިއަށް. އަނެއްބައިފަހަރަށް ތިންބުރިއަށް. އަނެއްބައިފަހަރަށް އެއްބުރިއަށް. އެ ގެ އަޅުގަނޑުމެން މި ގުޅުވަަނީ، މިދަންނަވާ ޓޫރިސްޓުންގެ މުއްސަނދި މީހުން އައިސް ތިބެލާނެ، އެމީހުންގެ ދެވަނަ ގެއެއް ގަންނަން ވަރަށްގިނަ ޔޫރަޕްގެ މީހުން ބޭނުންވޭ. ޚާއްޞަކޮށް ދިވެހިރާއްޖެފަދަ ރަށްރަށުން. އެފަދަ ގެތައް، ރާއްޖޭގައި އެއްހާސްގެ އެގޮތަށް އެޅުމަށް އަޅުގަނޑުމެން ވިސްނީ، ދިހަހާސް ފްލެޓް، ރައްޔިތުންނަށް ބޭނުންވާ ގެދޮރު އެޅުމަށްޓަކައި.

އެމަޝްރޫޢު އަޅުގަނޑުމެން ހުޅުވާލައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިޢްލާނަށް މިހާރު 17 ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ. އަޅުގަނޑުމެން ބޭނުމީ އެންމެ ފަރާތެކޭ. ސަރުކާރަށް ދެން މިހާރު އޮތީ އޭގެތެރެއިން އެއްފަރާތް ކަނޑައަޅައި، އެފަރާތާ މަސައްކަތް ޙަވާލު ކުރުމުގެ ގޮތް. އެމީހުން މަސައްކަތް ކުރާނެ ގޮތް އަންގައިދޭ ރިޕޯޓެއް އަޅުގަނޑުމެން އެމީހުން އަތުން ހޯދާނަން، މިއަންނަ މަހު މި 17 ފަރާތުން. އެއަށްފަހު، އެ ރިޕޯޓްތައް، އެ ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ބެލުމަށްފަހުގައި، އެންމެ އެކަށީގެންވާ ފަރާތަކާ ސަރުކާރުން އެމަސައްކަތް ޙަވާލުކުރާނަން. އަޅުގަނޑުމެން މިދެކެނީ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު މިހާތަނުގައި މިރަށުގައި، މިރަށުގެ ރައްޔިތުންނަށް ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ވަންނަން ހުންނަން ގޭގެ، ގެދޮރު ލިބޭނެއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެކަން ކޮށްދޭނަން.

އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު ލާމެހިފައިވާ ދިވެހިރާއްޖެ، އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީގައި ދަތުރު ކުރެވޭގޮތަށް ރޭވުން. ހަމަ މިދެންނެވި މަޝްރޫޢަށްވެސްވަނީ ޝައުޤުވެރިކަން ހާމަކުރުމަށް އިޢްލާނު ކުރެވިފައި. އެއަށްވެސް ޝައުޤުވެރިވާ ކަމަށް އެތައް ފަރާތަކުން، އަޅުގަނޑު ހަނދާންވަނީ 8 ފަރާތަކުން ހާމަކޮށްފައި އެބަވޭ. ހަމަ ސަރުކާރުން ކުރަން އޮތީ އެންމެ ކަމެއް. އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކީ ކޮބައިތޯ ހޯދުމުގެ މަސައްކަތް. އެމަސައްކަތް ކޮށް ނިމުނީމާ، ކޮންޓްރެކްޓާއެކު އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް މިއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ.

އަޅުގަނޑުމެން މި ވިސްނާ ވިސްނުމުގައި، އަޅުގަނޑުމެން މިކުރަހާ މަންޒަރުގައި، މި ތަޞައްވުރުގައި މި ރާއްޖެ ކުރިއަށް ގެންދެވޭނެކަން އަޅުގަނޑުމެންނަށް ޔަޤީން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. މިހާރު މިދަނީ ދުވަހެއް ދުވަހަކަށްވުރެ އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން ބޮޑުވަމުން. މިއަދު ހަމަ އޭގެ ފުރަތަމަ ތަން އަޅުގަނޑުމެންނަށް ފ. އަތޮޅު މަގޫދޫގައި ހުޅުވިއްޖެ. އެއީ، މަތީ ތަޢްލީމު ޙާޞިލު ކުރާތަން. ޔުނިވަރސިޓީއެއް. މަގޫދޫއިން ޑިގްރީ ނެގޭގޮތްވުން އެއީ، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމެއްކަން މަގޫދޫ ރައްޔިތުންނަށް މިހާރު މުޅިން ގަބޫލުކުރެވޭނެ. އިޓަލީގެ ބިކޯކާ ޔުނިވަރސިޓީން އެ މަސައްކަތް ހިންގުމަށް މަގޫދޫއަށް މިހާރު ތިބީ އައިސް. އެމަސައްކަތް އެމީހުން މިހާރު އެދަނީ ކުރަމުން.

ރާއްޖެއަކީ މުއްސަނދި ޤައުމެއްކަމުން، ޤުދްރަތީ ވަސީލަތްތައް ގިނަ ޤައުމެއްކަމުން، ދިވެހި ރައްޔިތުންނަށް ހަމަ ޔަޤީން މިނޫން މިންވަރެއް، މިނޫން ގޮތެއް ހޯދޭނެ. އަޅުގަނޑުމެންގެ ގޮތަކީ އަނެއް ދިވެހިރާއްޖެއޭ. އެހެން ގޮތެއް އެބައޮތޭ. އެހެން މަންޒަރެއް އެބައޮތޭ. އަނެއް ދިވެހިރާއްޖެ އެބައޮތޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ދިޔައީ އެ ރާއްޖެ ހޯދަން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ރާއްޖެ ފެނޭ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އަޅުގަނޑުމެން މިއެދޭ ގޮތްތަކަށް، އަޅުގަނޑުމެން މިހުށަހަޅާ ހުށަހެޅުންތައް ތިޔަބޭފުޅުންނަށް ޙަޤީޤަތަކަށް ވެގެންދާނެ.

އަޅުގަނޑުމެން އިންޖީނުގެތަކާއި ނަރުދަމާ ހިންގަން ވިސްނާފައި އޮތީ، ޔުޓިލިޓީ ނުވަތަ އަސާސީ ޚިދްމަތްދޭ ކުންފުންޏެއް މެދުވެރިކޮށްގެން. އެކުންފުނި އެއީ، ކޮންމެ ޕްރޮވިންސެއްގައިވެސް ހުރިހާ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތްދޭ ކުންފުނީގެ ގޮތުގައި ހަމަޖައްސައި، އެކުންފުނީގެ ބެލުމުގެ ދަށުން އެމަސައްކަތް ކުރިއަށް ގެންދިއުމަށް. އަޅުގަނޑުމެންގެ ވިސްނުމަކީ، މި މުއްޔާއި ދެންގޮސް ކޮޅުފުށްޓާއި ދެމެދު މީހުން ދިރިއުޅޭ ނާލާފުށި އެކަނި އޮތްކަމުގައިވިޔަސް، ހަކުރާހުރައާއި މެދުފުށްޓާ ވީމާ، މިތަނުގެ ކަރަންޓް އެހުރިހާ ރަށަކަށް އެއްކޮށް ދިނުމަށް އެއްވެސް މީހަކު ޝައުޤުވެރިވޭ ހެއްޔޭ އަޅުގަނޑުމެން އަހައިފިނަމަ، ދުނިޔޭގެ ގިނަ ކުންފުނިތަކުން އާއެކޭ ބުނާނެ. ރަނގަޅު ދެރިޒޯޓާއި އަދި ތިންރަށުގެ ކަރަންޓް އެއީ މިއަށްވުރެ މާ ހެޔޮ އަގުގައި ރައްޔިތުންނަށް އޭގެ ޚިދްމަތް ފޯރުކޮށްދީގެން އަދި ފައިދާވާ ވިޔަފާރިއަކަށްވާނެ.

އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ އިންޖީނުގޭގެ ބިލް ހެދުމުގެ މައްސަލަވެސް ނުވަތަ އުނދަގޫވެސް ކޮންމެވެސް ވަރަކަށް ފޯރާކަން. އެއީ ހުރިހާ ރަށެއްގައިވެސް ހަމަ ދިމާވާ ކަމެއް. މި އިންޖީނުގެތަކާއި އަދި ފަހުން މިހާރު މި އަޅަމުންމިދާ ނަރުދަމާތައް، ރ.ކ. ކޮމިޓީއިން ނުވަތަ ރަށު ރައްޔިތުންގެ ތެރެއިން ބެލެހެއްޓުމުގެ ފުރިހަމަ އިންތިޒާމެއް ހަމަޖައްސައިގެނެއް ކުރިއަށް ގެންދެވޭ ތަނެއް ނުފެނޭ. ތަޖުރިބާ ދައްކާފައި އޮތީ، ގިނަ އިންޖީނުގެތަކުގެ، ފަހަރެއްގައި އިންޖީނުގޭގެ ސީދާ މިމައްސަލަ ނެތިދާނެ. އެހެންނަމަވެސް، ގިނަ އިންޖީނުގޭގައި މީގެ މައްސަލަތައް އެބަ ދިމާވޭ. އެއް އިންޖީނުގެއިން އިރާދަކުރެއްވިއްޔާ މި ފަޅުތެރެއަށް، މުލިން ފެށިގޮސް މިފަޅުގައި މިވާ ހުރިހާ ރަށަކަށް އެއް އިންޖީނުގެއިން ކަރަންޓް ދިނުމުގެ އިންތިޒާމެއް ހަމަޖެއްސުން އެއީ، ސަރުކާރުގެ މައިގަނޑު އަމާޒު. އަޅުގަނޑުމެންނަށް އެބަ ފެނޭ އެކަން ކުރެވޭނެ ތަން. ރާއްޖޭގައި އެބަހުރި މިހެންހުރި ކިތަންމެ ތަނެއް. މުލި، އަޅުގަނޑުމެންނަށް މުހިންމުވަނީ، ހަމަ މިފަޅާއެކުގައި މި މުލި އޮތީތީވެ. މިހެން މިހުރީ ތ. އަތޮޅުގެ ވޭމަންޑޫން ކިނބިދުއަށް. ތިމަރަފުށިން ގުރައިދުއަށް. ދިޔަމިގިލިން ވިލުފުށްޓަށް. އެއީ، ލ. އަތޮޅުގައި ހުރި ބައެއް ރަށްރަށް. އަދި މ. އަތޮޅުގައި މިހުރި ބައެއް ފަޅުފަޅު.

އެއް އިންޖީނުގެއިން ކަރަންޓް ދެވޭގޮތްވީމާ، ނުހަނު އަގުހެޔޮވާނެ. އަދި އެއްބަޔަކަށް ހުރިހާ ނަރުދަމާއާއި ފެނާ، އެ ޚިދްމަތް ދެވޭގޮތްވީމާވެސް ނުހަނު އަގުހެޔޮވާނެ. އަދި ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލެވުނީމާ، މި ސަރަޙައްދަކީ މި ފަޅުތެރެއަކީ ތަނަވަސް، މުއްސަނދި، އަޅުގަނޑުމެން މިދެކޭފަދަ އަނެއް ދިވެހިރާއްޖޭގެ މަންޒަރަކަށްވާނެކަމީ، އަޅުގަނޑު ކުޑަކޮށްވެސް ޝައްކުކުރާ ކަމެއް ނޫން. އެއީ، އަޅުގަނޑުމެން މިރަށާ ގުޅޭގޮތުން ދެކޭ ތަޞައްވުރަކީ. މިރަށުގެ ތަރައްޤީއެއް ނުފެންނާނެ، މިރަށުގެ ގޮނޑުދޮށާ ހަމައިގައި އަޅުގަނޑުމެންގެ ވިސްނުން ގެންގުޅޭހާ ހިނދަކު. އަޅުގަނޑުމެންގެ ވިސްނުން އެބަ ގެންދަންޖެހޭ ރަށުގެ ގޮނޑުދޮށުން ބޭރަށް. އަތޮޅު ދުނިންވެސް ބޭރަށް. އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް. ހުޅުވިފައި ތިބި ސިކުނޑިތަކަކުން ވިސްނައިގެން ނޫނިއްޔާ، އަޅުގަނޑުމެން މިދެކޭ މަންޒަރު ޙަޤީޤަތަކަށް ނުހެދޭނެ. މި ރާއްޖެ ސަލާމަތް ކުރުމަށްޓަކައިވެސް ހުޅުވިފައި ހުރި ސިކުނޑިތަކުން ވިސްނުން ވަރަށް މުހިންމު.

އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑަށް މަސައްކަތް ކުރަން ލިބިފައި މިވަނީ ވަރަށް ޤާބިލް ވަޒީރުންގެ މަޖިލީހެއް. އަދި އަތޮޅުތަކުގެ ކައުންސިލަރުންނާއި، ރަށްރަށުގެ ކައުންސިލަރުންނަކީވެސް ހަމަ އެހާމެ ކަމަށް ކުޅަދާނަ އެކަށީގެންވާ ބޭފުޅުން. އެބޭފުޅުން އެންމެ އެކަށީގެންވަނީ އެބޭފުޅުންނަކީ ރައްޔިތުންގެ މީހުން ކަމަށްވާތީވެ. ވަރަށް އަވަހަށް ލާމަރްކަޒީ އުޞޫލުން ހިންގަން ފެށުމާއެކުގައި، މި ކައުންސިލުތައް އެއީ، ކަތީބުން ނުވަތަ ރަށުގެ ވެރިން އެއީ، އިންތިޚާބު ވެފައި ތިބޭ ބަޔަކަށް ވެގެންދާނެ. އަތޮޅުތަކުގެ ވެރިންނަކީވެސް އިންތިޚާބުވެފައި ތިބޭ ބަޔަކަށްވެގެންދާނެ. އަޅުގަނޑު އުންމީދު ކުރަން، އެ މަންޒަރު ތިޔަބޭފުޅުންވެސް ބައްލަވާނެ ކަމަށް. އަޅުގަނޑުމެންނަށް އޭގެ ޙަޤީޤަތް މިއަންނަނީ ފެންނަމުން.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރީގައި ދަންނަވަން އޮތް ވާހަކައަކީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަރުކަށިކޮށް އެއްޗެއް ބުނުން، ބިރެއް ދެއްކުން ނުވަތަ އެބޭފުޅުންގެ ވަޒީފާއަށް އުނިކަމެއް އަންނަ ބާވަތުގެ ކަމެއް ކުރުން އެއީ، އަޅުގަނޑު ހަމަގައިމުވެސް ކުޑަކޮށްވެސް އެދޭނެ ކަމެއް ނޫން. އަޅުގަނޑަށް ވަރަށް ސާފު އެއީ ކޮން ސަރވިސްއެއްކަން، އެއީ، ކިހިނެއް އުފެދިފައި އޮތް މުވައްޒަފުންތަކެއްކަން. އަޅުގަނޑު ނުދަންނަވަން މި މުލީގެ ވާހަކަ އެކަންޏެއް ނޫން. އެހެންނަމަވެސް، ހަމަގައިމުވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑުގެ ރަށުގެ ގޮތުގެ ވާހަކަ. އެއީ މާލެ. އޭރުގައި މީހަކު އުނދޯއްޔެއްގައި އިންނަވާފައި، ތިމަންނާގެ ބޭބެއާއި ކޮއްކޮއާއި އަނެއް ޅިޔަނާއި، މި ޅިޔަނާއި އޭނާގެ ކޮއްކޮއާއި އަދި އެގޭ ފާތުމައާއި ފާތުމަ ދައްތަ އާއި، ދައްތަގެ ބޭބެއާ އެއީ، ސަރުކާރު މުވައްޒަފުންނޭ، އެހެން ބުނީމާ އެބޭފުޅުން އެވީ ވުޒާރާއެއްގެ ހުރިހާ މުވައްޒަފުންނަށް. 1979 ވަނަ އަހަރު ވުޒާރާތައް ހަމަޖެހިގެން އައިއިރު، އަޅުގަނޑުމެން ކުޑަ. އެހެންނަމަވެސް، ހަމަ ދުށިން. އަދި މާފަހުން 1990 އަށް އައިއިރުގައިވެސް އަޅުގަނޑުމެންނަށް ހަޖަމު ނުކުރެވުނީ މިބާވަތުގެ ކަންކަން. އެހެން ގޮސް އުފެދިފައިވާ ސަރުކާރު މުވައްޒަފުންގެ ސަރވިސްއެއް. މިއަދު އަޅުގަނޑުމެން ޤާނޫނެއް ހަދާފައި ބުނީ ތިޔައީ ސިވިލް ސަރވިސްއެކޭ. އެހެން ބުންޏެއް ކަމަކު އަދި އެހެނެއް ނުވާނެ ނޫންތޯ. ކާޅަކާ ދިމާއަށް ކޮތަރެކޭ ބުންޏަސް، ހަމަ ކާޅުވާނީ ކާޅަށް. އަޅުގަނޑުމެން ޖެހޭނީ މިކަން ހަޖަމު ކޮށްގެން، އަޅުގަނޑުމެން ޖެހޭނީ މިކަން ހަޖަމު ކޮށްގެން ކުރިއަށް ގެންދަން. އަޅުގަނޑުމެން މަސައްކަތުން މިހާރުވެސް އަދި ކޮންމެފަދަ ގޯހެއް ނުވަތަ އަޅުގަނޑުމެން ނޭދޭ ކަންތައްތަކެއް އެބޭފުޅުން ކުރައްވަމުން ގެންދެވިޔަސްވެސް، އަޅުގަނޑު މިހުރީ އެކަން ހަޖަމު ކޮށްގެން ކުރިއަށް ގެންދަން.

އެކަމަކު މީގައި އަޅުގަނޑަށް ވިސްނޭ އެހެން ކަމެއް އެބައޮތް. މިތަންތަނުގައި އަޅުގަނޑުމެންގެ ފަރާތުން އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކައުންސިލަރުންގެ ގޮތުގައި ޢައްޔަންކޮށްފައި އެތިއްބަވަނީކީއެއް ދޫ ދެރަ ބޭފުޅުންނެއް ނޫން. އެބޭފުޅުންގެ އަތް އެނބުރުމަށް އެއްވެސް ބަޔަކު މަސައްކަތް ކުރައްވާ ކަމަށްވަނީވިއްޔާ، ހަތަރު ގޮތަށް އެބޭފުޅުން އަނބުރާނެ. އަޅުގަނޑު ދަންނަން އެބޭފުޅުން. މާބޮޑަށް އަނބުރާނެ. އެބޭފުޅުންގެ އަތާ ހަމަ ބެހެންޏާ، އެ އަތް އަނބުރާނެ. އޭގެ ބޭފުޅުން އެތިއްބަވަނީ. އެހެންވީމާ، އަޅުގަނޑު މީގައި އެދޭ ގޮތަކީ، އެއްވެސް ބަޔަކު އަނެއް ބަޔަކާ މިކަމުގައި މާބޮޑަށް ގައިގޯޅިވެ ނޫޅުން. މާ ބަސްވެސް ގިނަ ނުކުރުން.

މިއިންތިޚާބުގެ ތެރޭގައި، އެކިބާވަތް ބާވަތުގެ ވާހަކަ، އެކިބޭފުޅުން ދައްކަވާނެ. އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، މީހަކާ ދިމާއަށް އެއްޗެއް ބުނުއްވަން ބޭނުންވެލައްވަންޏާ އަޅުގަނޑާ ދިމާއަށް ގޮވައިގަންނާށޭ. ހިތްހަމަވެސްޖެހޭނެ އޭރަށް. ހަމަ ވަރަށްގިނަ މީހުން ހިތްހަމަޖެހޭނެ. ރައީސުލްޖުމްހޫރިއްޔާއާ ދިމާއަށް މިހެން ދަނިކޮށް ކޮންމެވެސް އެއްޗެކޭ ބުނެލުން. އަޅުގަނޑުގެ އެއްވެސް މައްސަލައެއް އޮތީކީއެއް ނޫން. އަޅުގަނޑު ހިތްބަރުކުރާނީކީއެއް ނޫން. ތިޔަބޭފުޅުންނަށް އެކަމުން އުފަލެއް ލިބިވަޑައިގަންނަވާކަމަށް ވަނީވިއްޔާ ދެން އެކަން ކޮށްލައްވާ. އެއީކީއެއް އަޅުގަނޑުމެންނަށް ހަޖަމު ނުކުރެވޭނެވަރު ކަމަކަށް ނުވާނެ.

އަޅުގަނޑުގެ ދުޢާއަކީ، މިއިން ކޮންމެ ކުއްޖަކުވެސް އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަމާޒަކީ، މަދަރުސާއިން ނުކުންނަ ކުދިންގެ ތެރެއިން ފަސްދޮޅަސް ޕަސެންޓް ކުދިން އެއީ، C ފާސް ހޯދާ ކުދިންނަށް ހެދުން. އެއީ އެންމެބޮޑު އެއް އަމާޒަކީ. އަޅުގަނޑުމެންގެ އެންމެބުރަ އެއްމަސައްކަތަކީ އެއީ. އެމަސައްކަތް ކުރުމަށްޓަކައި މަދަރުސާތައް އެއްދަންފަޅިއަށްވެސް ހަދަނީ. ޓީޗަރުންވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަނީ. މީހަކަށް އެއްޗެއް ދެވިދާނެ. މީހަކަށް މަހެއް ދިނީމާ، އޭނާ އެރޭ އެ ކާނެ. މީހަކަށް މަސް ބާނަން ދަސްކޮށްދީފިއްޔާ، އޭނާ ޢުމުރަށްވެސް މަސް ކާނެ. އަޅުގަނޑުމެން ބޭނުމީ، މީހަކަށް އެއްޗެއްދޭކަށެއް ނޫން. މީހުންނަށް އެއްޗެއް ލިބޭނެގޮތް ހަމަޖައްސައިދިނުން.

ކަމެއް ކުރަންވީމާ، އަޅުގަނޑުމެން މިދެކެނީ ކުރަންވީ ސީދާ އެކަމެއް ނޫނޭ. ކަމެއް ކުރަންވީމާ، ފަށަންވީ އެހެން ކަމެކޭ. އެކަން ކުރަމުން ކުރަމުން އައިސް އަޅުގަނޑުމެން އެދުނު ކަންތައްވީމާ، ދެން އެ އެދޭ ކަންތައް ހިނގަހިނގާ ހުންނާނީ އުޞޫލެއްގެ ގޮތުންނޭ، ތަރުތީބުންނޭ. އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ތަރައްޤީގެ ގޮތުގައި ބައެއްފަހަރަށް ސިފަކުރެވެނީ، ވަރުގަދަ ފާރެއް، ވަށާފާރު. ދެމެހެއްޓެނިވި ތަރައްޤީއަކީ، އާދޭސް ނުކޮށް އެއްޗެހި ލިބޭގޮތްވުން. ކޮންމެ މީހަކީވެސް، ތިމާއަކީ ތިމާގެ ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ފައިސާ ހޯދައި، އަނބިދަރިން ބަލަހައްޓައި، އަމިއްލަ މީހެކޭ. ތިމަންނާ މިހުރީ ތިމަންނާގެ އަމިއްލަ ފައިމައްޗަށް ތެދުވެއޭ، އެހެން ބުނެވޭ ދިވެހި ރައްޔިތަކު އުފެއްދުން.

އަޅުގަނޑުމެން އިރު ހުއްޓައި އެބަ ފުރަންވެސްޖެހޭ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރްޙަބާއާއި އަދި ތިޔަބަހައްޓަވާ ގާތްކަމަށްޓަކައި، ތިޔަ ހިނިތުންވުމަށްޓަކައި ނިހާޔަތަށް ޝުކުރުވެރިވަން. އަދި ހަމަ ގިނަގިނައިން ތިޔަބޭފުޅުންގެ އަރިހަށް އަންނަހިތްވޭ. އަޅުގަނޑަށް ވަގުތުވީ މިންވަރަކުން، އަޅުގަނޑަށް ކަން ކުރެވުނު މިންވަރަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑު އަންނާނަން. ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އަދި މުއްޔަށް އަޅުގަނޑު އަންނާނަން. އަޅުގަނޑުމެންގެ މި ސަރުކާރުގެ ވަރަށްގިނަ އުންމީދުތަކެއް، މިދަންނަވާހެން މި ފަޅުތެރޭގެ އުންމީދުތައް ގުޅިފައި އޮތީ މިރަށާ ކަމަށްވާތީވެ، މިރަށުގެ ތަރައްޤީއަކީ ހަމައެކަނި މިރަށުގެ ރައްޔިތުންނަށް ބޭނުންވާ އެއްޗެއް ނޫން. މިރަށުގެ ތަރައްޤީއަކީ، ރާއްޖެއަށް މުޅި ރާއްޖެއަށް ބޭނުންވާ ކަމެއް ކަމަށްވާތީވެ، މި ސަރުކާރު މިރަށާ އަޅާލާ މިންވަރު ބޮޑުވާނެ. ދެން ތިޔަބޭފުޅުންގެ ވަކީލެއްގެ ގޮތުގައި އަޅުގަނޑުމެން ދަންނަ މީހަކު ހުރެއްޖިއްޔާ، އަޅުގަނޑަށް މިމަސައްކަތް ހިންގަން ފަސޭހަވާނެ.

އަޅުގަނޑުގެ ދުޢާއަކީ، މި މުއްޔަކީ މުލީގެ މާދަމައަކީ، މިއަދަށްވުރެ އަދި މާ ފާގަތި ފަހި މާދަމައަކަށްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

والحمد للّـه. والســّلام عليــكم.