بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އަދި ދިއްގަރުގެ އަޅުގަނޑުމެންގެ އެކުވެރި ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު ދިއްގަރާ ބެހޭގޮތުން ނުވަތަ އަޅުގަނޑު މި ސަރުކާރާއި ދިއްގަރާ ދެމެދު އޮތް ގާތްކަމާއި، އަހަންމިއްޔަތުކަން ދޭ މިންވަރާއި، އިސްކަން ބަހައްޓާ ދަރަޖައާ، އެކަންކަން ފާހަގަވާ މާބޮޑު ފާލެއް ކަތީބަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް ފަހަރެއްގައި ކައްސާލައިގެން ގޮސްފައި ހުރެދާނެ. މި ސަރުކާރުގެ އެންމެ ފުރަތަމަ ކައުންސިލަރަކަށް އަޅުގަނޑު ޢައްޔަނު ކުރީ ދިއްގަރު ކައުންސިލަރ. މި ސަރުކާރުގެ އެންމެ ފުރަތަމަ އަތޮޅު ކައުންސިލަރަކަށް އަޅުގަނޑު ޢައްޔަނު ކުރީ މ. އަތޮޅު ކައުންސިލަރ. އޭރު އަޅުގަނޑުމެންގެ ސަރުކާރަށް އަދި ވާނީ 10 ދުވަސް. އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެނުނު ފެނުންތަކުގައި މި ސަރުކާރު ޙިމާޔަތްކުރުމަށް ނުވަތަ މި ސަރުކާރު ހިފެހެއްޓުމަށް އަޅުގަނޑު އެންމެ ރަނގަޅު އެއްތަނެއް ކަމަށް ދެކެނީ ދިއްގަރު. އަޅުގަނޑަށް ތިޔަބޭފުޅުންގެ މައްޗަށް އިތުބާރު ކުރެވޭތީ، ތިޔަބޭފުޅުންނާ އެކުގައި މިކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އޮތީތީވެ އެ މަގަށް އަޅުގަނޑު ދިޔައީ. އަޅުގަނޑުމެން ސަރުކާރު ހިންގާ އުސޫލު ނުވަތަ އަޅުގަނޑުމެންގެ ސަރުކާރެއް ހިންގާނެ ގޮތް ސިފަވާން ފެށީ މިދެންނެވި ދެބޭފުޅުން، އަތޮޅު ކައުންސިލަރާއި، ރަށު ކައުންސިލަރު ޙަރަކާތްތެރިވަމުން އައި ގޮތުން.

އަޅުގަނޑު މިރަށަށް އައުން މިއޮތީ މާބޮޑަށް ލަސްވެފައި. އެހެންނަމަވެސް، މިރަށުގެ ކަންކަން އަޅުގަނޑަށް ނޭނގިއެއްނެތް. ހަމަމިހާރުވެސް އަދި އަޅުގަނޑަށް ހަމަ ވަރަށް އުފާވެސް ކުރަން، ރަށު ކަތީބާއި، އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސާއާއި، ޞިއްޙީ މަރުކަޒުންނާއި މަދަރުސާއިން އަޅުގަނޑު ކައިރީގައި މީއޭ ދިއްގަރަށް ބޭނުންވާ ކަންކަމަކީ އެވާހަކަ އެގޮތަށް ބުނުން. އެއީ، އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަންނަ ކަމެއްގެ ވާހަކަ. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގައި އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަޑު އެހީމު. އޭރުގައި ތިޔަބޭފުޅުން ދެއްކެވި ވާހަކަތައް އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ބިނާވެފައިއޮތީ އެކަންކަން ކުރުމުގައި. ތިޔަބޭފުޅުންގެ ކަންކަން ކުރުމުގައި.

ތިޔަބޭފުޅުން ފަހަރެއްގައި ހަނދުމަފުޅު ނެތިދާނެ. އަޅުގަނޑަކަށެއް ނުއެއް އެނގޭ. އަޅުގަނޑު ދުށީމު މިތަނުގެ ގިރާ ޞަރަޙައްދު ނުވަތަ އެ ތޮށްޓެއް ލާފައި އެ ތޮށްޓާދެމެދުގައި ހިއްކަން އެއޮތް ބައި. އެއީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކޮށްދޭނެ ކަމެއް. އެކަން އަޅުގަނޑުމެން ކުރާނަން. ދެން އަޅުގަނޑަށް ހަނދާން ކޮށްދިނުން އެއީ އަޅުގަނޑު ހަމަ ވަރަށް އުފާވާ ކަމެއް އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑަށް މިއަދު އުފަލާއެކީގައި ދެންނެވެން އެބައޮތް އެދުވަހު އަޅުގަނޑަށް އެފެނުނު ތަން، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެދޭތެރެއަށް ވެލިއަޅާ އެބައި އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ހިއްކާދެވޭނެ.

އަޅުގަނޑަށް އަބަދުވެސް އެނގޭ މިތަނުގައި އެގާރަ ބާރަ ބޭނުންވާކަން. އަޅުގަނޑަށް އަބަދުވެސް އެނގޭ މިރަށުގެ ނަރސަރީގައި ވަށާ ފާރެއް ނެތްކަން. ނަރސަރީ އަށް އެހީވުން އޮތީ ހުއްޓިފައިކަން. އަޅުގަނޑަށް އެބަ އެނގޭ ތިޔަބޭފުޅުންގެ ކަންކަން ހުރި ނެތް ގޮތް. އަޅުގަނޑުމެން އެބަ ދެނެގަނެވޭ އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންގެ ކައުންސެލަރުންނާއި ތިޔަބޭފުޅުންގެ އަތޮޅު ކައުންސެލަރުން މެދުވެރިކޮށް. އަދި އެނޫންވެސް ގޮތްގޮތުން އަޅުގަނޑާ މިރަށާ ހުރި ގުޅުންތަކަށް ބަލާފައި އަދި އަޅުގަނޑަށް އެނގޭ އެއްޗަކަށް ބަލާފައި، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިއްގަރު ރައްޔިތުން އެދޭ ދިއްގަރަށްވުރެ އަދި މާ ފަހި މާ ފާގަތި މާ އުފާވެރި ދިއްގަރެއް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނަން.

އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންނަށް ފާހަގަވެފައިއޮތީ މިރަށުގައި ގޯތި ނުދޭތާ ދުވަސްތަކެއް ވެއްޖެ. އޭގެފަހުން، ބައެއް ޢާއިލާތައް ބޮޑުވެ، ބައެއް ގޭގޭގެ ތޮށްޖެހުން މިއޮތީ ވަރަށް ބޮޑުތަން އިތުރުވެފައި. އެކަމަށް އަޅުގަނޑުމެން ޙައްލެއް އެބަ ހޯދައިދެން. އެގޮތުން އިރާދަކުރެއްވިއްޔާ މިއަހަރު ދިއްގަރުގައި ފްލެޓް އަޅަން ފެށޭނެ. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭނެކަމެއް.
ދިއްގަރުގެ ތަރައްޤީއަށްޓަކައި ކުރާން މިހުރި އެކިއެކި ކަންކަން ކުރުމަށް މިއަދަކު ނޫން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލެވިފައި އޮތީ ތިޔަބޭފުޅުންގެ އަޑު އަހައިގެންނޭ. އެ ސިޔާސަތު މިހާރު މި ތަންފީޒުކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިފައިއޮތްއިރުގައި، އެ ތަންފީޒުކުރެވެމުންދާއިރު ދިއްގަރަށް، ސީދާ ދިއްގަރަށް ކޮންކަމެއްހޭވާނީ؟ ދިއްގަރަށް ލިބެން އޮތީ ކޮން ފައިދާއެއް ހެއްޔޭ؟ އެ ސުވާލު އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުން އައްސަވަން ޖެހޭނެ. ދެން އަޅުގަނޑުމެންނަށް އެ ސުވާލުގެ ޖަވާބުވެސް ތިޔަބޭފުޅުންނަށް އެރުވެން ޖެހޭނެ.

ސީދާކޮށް ދަންނަވާއިރުގައި، މިހާރުން މިހާރަށް އަޅުގަނޑުމެންނަށް މިއަހަރުތެރޭގައި މިރަށަށް ކުރުމަށް އަޅުގަނޑުމެން އަމާޒުކޮށްފައި މިހުރި ކަންތައްތަކަކީ، މިދަންނަވާހެން އެ ދިމާއިން ބިން ބޮޑު ކުރުން، އެގާރަ ބާރަ އުފެއްދުން، ނަރަސަރީ އަޅުގަނޑުމެންނަށް އަޅާލެވޭނެ ގޮތެއް ހޯދުން. އަދި މި ދެންނެވި ކަންކަމުގެ އިތުރުން، ފެނާއި ނަރުދަމާގެ ޚިދްމަތް ހޯދައިދިނުން އެއީ، ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ދިއްގަރަށް އެކަން ފޯރުކޮށްދެވޭތޯ ބަލާނެ ކަމެއް.

އަޅުގަނޑު ހަމަ އެހެންމެ ބޭނުން، ދިއްގަރު ރައްޔިތުންނަށް މިތާ ކައިރިން ބޮޑު ރަށެއްގައި ދަނޑުވެރިކަމުގެ ޞިނާޢަތަށް ވަދެވޭ ގޮތަށް، ދަނޑުވެރިކަން ކުރެވޭނެ މަގެއް ހޯދައިދިނުން. އަދި ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި މަސްވެރިކަމާ ގުޅިގެން ދިއްގަރު ރައްޔިތުން ކުރަމުން އަންނަ މަސައްކަތް، ރިހާކުރު ކެއްކުމުގެ މަސައްކަތް، އެ ތަރައްޤީ ކުރެވޭނޭ ގޮތްގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ހޯދައިދޭނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދިން ލޯނު ތިޔަބޭފުޅުންނަށް އެކަމާ ގުޅިގެން ލިބޭނެ.

އަޅުގަނޑުވެސް މިރަށަށް އައުމުގެ ކުރީގައި، އަޅުގަނޑުމެންނަށް މިހާރު މިވަނީ އެ ބޭނުންވާ ފައިސާ އިރާދަކުރައްވައިގެން ހޯދިފައި. ސީދާ އެކަން ތަފްޞީލުކޮށް ހިނގަމުންދާނެ ގޮތް ދާދި އަވަހަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އިކޮނޮމިކް މިނިސްޓްރީން އެކަން ހިންގަވަން ފަށްޓަވާނެ.

މިރަށަށް ލިބެން ހުރި އެއްޗެއްސާ، ދޭންހުރި އެއްޗެހީގެ ވާހަކަ، އަޅުގަނޑު މާ ދިގުކޮށް ކޮންމެހެން ދައްކާކަށެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ހަމަ މިއަދު ފާހަގަކޮށްލަން ބޭނުން. އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުން މިއަންނަނީ، އަޅުގަނޑުމެންނަށް މި ދިއްގަރާ ގުޅޭގޮތުން މަންޒަރެއް ކުރެހިފައި އޮވެގެން. މަންޒަރެއް ސިފަ ކުރެވިގެން. އަޅުގަނޑުމެން އެދޭ ދިއްގަރު، އަޅުގަނޑުމެން ބޭނުންވާ ދިއްގަރު އޮންނާނެ ގޮތުގެ ވިސްނުމެއް އަޅުގަނޑުމެންގެ އެބަހުރި. އެއީ، އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބޭ ރައްޔިތަކު އުޅޭ، ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭ، ދަރިންނަށް ރަނގަޅު ތަޢުލީމެއް މިރަށުގައި ތިބެގެން ދެވޭ، ރަށުގައި ތިބެގެން ވަޒީފާ އަދާކޮށް، އާމްދަނީ ލިބޭނެ ފުރުޞަތު އޮތް، އަދި ފަސޭހަކަމާއެކީގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ރޭވިފައި އޮތް ދިއްގަރެއް އަޅުގަނޑުމެންނަށް ސިފަވޭ. މި ސަރުކާރުގެ ބޭނުމަކީ އެ ދިއްގަރު ޙަޤީޤަތަކަށް ހެދުން. އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އެ ދިއްގަރު ޙަޤީޤަތަކަށް ހަދަން.

މިއަދާ ހަމައަށް އައިރުގައި ތިޔަބޭފުޅުންނަށް ފަހަރުގައި މާ ގިނަ ކަންތައްތަކެއް ސާފުވެފައި ނެތިދާނެ. އެ ކަންތައްތައް އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ ހަމައަށް ޢަމަލީ ގޮތުގައި އަދި ފޯރުކޮށްދެވިފައި ނެތިދާނެ. އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުން ޤަބޫލުފުޅުކުރައްވާނެކަން އަޅުގަނޑުމެން ހަވާލުވީ، ތިރީސް އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައި އޮތް ސަރުކާރަކާ. އެ ސަރުކާރުގެ ޚާއްޞަކޮށް ފަހު ދުވަސްކޮޅު ކަންތައްތައް ކުރަމުން ގެންދިޔައީ އެއްވެސް ޙާލެއްގައި ޒިންމާދާރު ގޮތަކަށެއް ނޫން. ޚަޒާނާއަށް ބެލިއަސް، ޢާންމު ޚިދްމަތުގެ ކަންކަމަށް ބެލިއަސް، ޚަރަދަށް ބެލިއަސް. އެހެންވީމާ، ސަރުކާރު ހިންގުމާ އަޅުގަނޑުމެންނާ ޙަވާލުވެ ކުޑަ ދުވަސްކޮޅެއް ނަގައިފި، އަޅުގަނޑުމެންނަށް ކޮޅާއި މެދު އޮޅުން ފިލަން. އަދި އަޅުގަނޑުމެންގެ އަތަށް މި ސަރުކާރު ހެޔޮ ސައިޒަކަށްނުވަތަ އަޅުގަނޑުމެނަށް މި ސަރުކާރުގެ ލަގަނުގައި ރަނގަޅަށް ހިފުމަށް.ގަބޫލުފުޅުކުރައްވާ އަޅުގަނޑުމެން މިހާރު މިތިބީ އެގޮތަށް. އިރާދަކުރެއްވިއްޔަކާ ދެނެއް މި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މި ސަރުކާރެއް ބަދަލެއް ނުވާނެ.

އަޅުގަނޑު ހިތުން ދިއްގަރު ގިނަ ބޭފުޅުންނަށް އަޅުގަނޑުމެން ސާފުވާނެ. އެމްޑީޕީވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނެއް ނޫޅެން، ކުޅޭކުޅޭ ކަންތައްތަކެއް ކުރާކަށް. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެފައި މިތިބީ ހަމަ އެންމެ ބޭނުމަކު. އެއީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މަސައްކަތް ކޮށްދިނުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން. އެ (ވަޢުދުތައް) ފުއްދާ، ނިމޭއިރުގައި، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިއްގަރު، ދިއްގަރު ރައްޔިތުންނަށް ފެންނާނެ، އަނެއް ދިވެހިރާއްޖޭގައި އޮއްވާ. އެކަމަކާ ގުޅޭގޮތަކުން އަޅުގަނޑެއް ޝައްކެއް ނުކުރަން.

އަޅުގަނޑު ހަމަ މަޑުމަޑުން ދަންނަވާލަން ބޭނުން. ކުރިޔަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. އެ އިންތިޚާބުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޣްލަބިއްޔަތެއް ކާމިޔާބު ކުރާނަން. ގަބޫލުފުޅު ކުރައްވާ، އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މި އިންތިޚާބުގައި ވާދަކޮށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ވަޒީފާ، ވާޖިބުތައް އަދާކުރަމުންދާ މީހެއް. އަޅުގަނޑަކަށް އެންމެ ހިނދުކޮޅަކަށްވެސް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ، މިހާރު ވެރިއެއްގެ މައްޗަށް މި ލާޒިމު ކުރާ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ހަމަތައް ދޫކޮށްލެވޭކަށެއް ނޯންނާނެ. ޤާނޫނުއަސާސީގެ ރޫޙު އަޅުގަނޑަށް މަޖުބޫރުކުރާ ކަމެއް އެއީ، ޕާޓީގެ ނިޒާމު ކުރިއެރުވުން. އެކަމަށްޓަކައި ތިޔަބޭފުޅުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރެއްވުމަށް ތިއްބަވަނީ، އަޅުގަނޑުމެން ހަމަގައިމުވެސް އެދެނީ، އަޅުގަނޑުމެން މި ދެކޭ، އެދޭ އަނެއް ދިއްގަރުގެ ތަޞައްވުރު، އަނެއް ދިއްގަރުގެ މަންޒަރު ފެނިވަޑައިގަންނަވާތީ. މިދިޔަ ތިރީސް އަހަރުގެ ހުސް ކަމުގެ ތެރެއަށް އަޅުގަނޑުމެން ގެންދާނެ ބާވަތުގެ ޢަމަލެއް އަޅުގަނޑަށް ޔަޤީން މި ދިއްގަރުގެ ރައްޔިތުން ނުހިންގަވާނެ. އަދި އަޅުގަނޑު ހަމަ ދިއްގަރު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، ސިޔާސީ ކަންކަމުގައި އަޅުގަނޑުމެންނާ ގާތްކުރަންވެސް ކުރީ ސަރުކާރުގެ ބޭފުޅުންނަށް ޙަޤީޤަތުގައި ނުވެވޭނެއޭ. ނުވެސް ވެވޭނެއޭ. އަދި އަޅުގަނޑުމެން މި މައިދާނުގައި ބަލި ކުރުމަކީ ވަރަށް އުނދަގޫކަމަކަށްވާނެ.

އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި މަގާމުގައި ހުއްޓި މިތިބީ ކުޑަ ކަމެއް ކޮށްފައެއް ނޫން. ކުޑަ މަސައްކަތަކުންނެއްވެސް ނޫން. މާދަމާ، އަޅުގަނޑުމެން މިތަނުން ކެހި، ދާގޮތަކަށް އަޅުގަނޑުމެންގެ ޢަމަލުތަކެއްވެސް، އަދި މި ސަރުކާރުގެ އިންތިޒާމުތަކެއްވެސް އަޅުގަނޑުމެންނަކަށެއް ނުބެހެއްޓޭނެ. އެހެންވީމާ، އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް، އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް، ތިޔަބޭފުޅުންގެ ފަރާތުން ވަކާލާތު ކުރެއްވުމަށް ކަނޑައަޅުއްވާފައިމިވާ ކެންޑިޑޭޓު އިބްރާހީމް ލަޠީފް، އެ މަގާމު އެ އަޣްލަބިއްޔަތު އިރާދަކުރެއްވިއްޔާ ހޯއްދަވާނެ. އެބޭފުޅާއަކީ ހަމަގައިމުވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން މި އެދޭ އަނެއް ދިއްގަރު ވަރަށް ރަނގަޅަށް ސިފަވާ ބޭފުޅެއް. އެބޭފުޅާއަކީ ރަށު ބަންދުގެ ޙާލަތުގައި މާޔޫސްވެ ނުވަތަ އެ މަންޒަރު ނުފެންނަ ވަރަށް ކޮރަޕްޝަންގެ ތެރެއަށް ފެތިފައި ހުންނެވި ބޭފުޅެއްނޫން. ނާޖާއިޒު ފައިދާގެ ދިގު ތިރީސް އަހަރުގައި ތަޣައްޔަރުވެފައިވާ ބޭފުޅެއްވެސް ނޫން.

އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފުކޮށް އެބަ އެނގެންޖެހޭ، ވަކި ފަރުދަކަށް ރާއްޖޭގެ އެއްވެސް ރަށެއްގެ ރައްޔިތު ނުބެލެހެއްޓޭނެ. ރާއްޖޭގެ ރައްޔިތުންނަކަށްވެސް ނުބެލެހެއްޓޭނެ. އެކަން ކުރެވޭނީ ހަމަ ސީދާ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުން އެކުލަވާލައްވާ ސަރުކާރަށް. ސަރުކާރަކުން ނޫން ގޮތަކަށް ރައްޔިތަކަށް ޙަޤީޤީ ޚިދްމަތެއް ފޯރުކޮށެއް ނުދެވޭނެ. ތިޔަބޭފުޅުންގެ ވޯޓަކީ ސަރުކާރެއް އުފެއްދުމަށް، ވެރިކަން ހިންގުމަށް، ތިޔަބޭފުޅުން ބޭނުންކުރައްވާނެ އެއް ވަސީލަތް. އެ ވޯޓު ބޭނުންކުރައްވަންޖެހޭނީ ބުއްދިވެރިކަމާއި، ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާއެކީގައި. އަޅުގަނޑު އުންމީދުކުރަން އެ ވޯޓު ތިޔަބޭފުޅުން ދޫކޮށްނުލައްވާނެކަމަށް. މިތާ ކައިރީގައި އޮންނަ ފަޅުރަށެއް އެއީ، ވަކި މީހަކަށް އޮންނަ ރަށަކަށް ވެގެން، އޭނާ ދޭ ދެ ކާށްޓާ ދެބޮޑި ދަރާ ފަންވަތަކަށް. އަޅުގަނޑު އުންމީދުކުރަން އެ ވިސްނުން ތިޔަބޭފުޅުން ނުގެންގުޅުއްވާނެކަމަށް. އެއީ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ލިބޭނެ ވިސްނުމެއް ނޫން. އަޅުގަނޑުމެން މިއެދޭ އަނެއް ދިއްގަރު އެއީ، ރަށުގައި އަނބިދަރީންނާއެކީގައި ތިބެގެން، ވަޒީފާ އަދާކޮށްގެން މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން ރަށުގައި ތިބެގެން ދަރީންނަށް ކިޔަވައިދީގެން މިރަށުގައި ގެދޮރު އެޅިގެން، މިރަށުގެ ފެނާ ނަރުދަމާއާ ހެދިގެން، މިރަށުގެ ބިން ބޮޑު ކުރެވިގެން، މިރަށުގެ އިޤްތިޞާދީ ޙަރަކާތް އިތުރުކޮށްގެން، މިއީ، ހަމަ ދުނިޔޭގެ ހަމަ އެހެން ތަންތަނުގައިވެސް އޮންނަ ތަރައްޤީ ވެފައިވާ ޓައުނެއްފަދަ ރަނގަޅު ރަށެއްގެ ގޮތުގައި ހެދޭނީ، މާދަމާގެ (ވިސްނުމަކުން) އިއްޔެއްގެ ވިސްނުމަކަށް އެކަމެއް ނުވާނެ. ހަމައެއްގޮތަކަށްވެސް، އަޅުގަނޑު އާދޭހާއެކު ތިޔަބޭފުޅުން އަރިހުން އެދެން ބޭނުން، މިދަންނަވާ ފިކުރަށް ތިޔަބޭފުޅުންގެ ނިންމެވުން ދޫކޮށްނުލައްވައްޗޭ. ތިޔަބޭފުޅުންގެ ނިންމެވުންތައް ނިންމަވައިދެއްވާށޭ މިތަން ތަރައްޤީ ވާން. މިސަރުކާރަށް ތިޔަބޭފުޅުންގެ ފަރާތުން ވަކާލާތުކޮށްދެއްވާށޭ.

މި ސަރުކާރުގެ އެބައޮތޭ ވިސްނުމެއް، ތިޔަބޭފުޅުން ގަބޫލުފުޅުކުރައްވާ، ތިޔަބޭފުޅުން ބައްލަވާ، މިދިޔަ ސަރުކާރުތަކުގައި އަޅުގަނޑުމެން މިގެންގުޅޭ ތަރައްޤީގެ ވިސްނުމެއް ނޯންނާނެ. އެހެންނަމަކާއެއް، އަޅުގަނޑުމެން މިއަދަކު މިތަނަކު މިހެންނެއް ނުތިބޭނެ. މި ރާއްޖެއަކީ މުއްސަނދި ޤައުމެއް. މިއީ، ތަނަވަސް ޤައުމެއް. ގުދުރަތީ ވަސީލަތްތައް ގިނަ ޤައުމެއް. މި މ. އަތޮޅަކީވެސް ޤުދުރަތީ ވަސީލަތްތައް ގިނަ އަތޮޅެއް. އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް މިދިޔަ ތިރީސް އަހަރުގައި ބިންވަޅު ނަގާދީފައި މިއޮތީ އަޅުގަނޑުމެންނަކީ ޤުދުރަތީ ވަސީލަތްތައް މަދު، ފަޤީރު، ނިކަމެތި ބައެކޭ. މިތަންތަނަކަށް ސަރުކާރަކުން ކޮށްދެވޭނެ ކަމެއް ނެތޭ.

އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވިފަހުން އަޅުގަނޑަށް ދުވަހެއް ދުވަހަކަށް ފެންނަމުން މިއަންނަނީ ނޫނެކޭ، ދިއްގަރު ތަރައްޤީ ކުރެވޭނެއޭ. ދިއްގަރުގައި ނަރުދަމާވެސް ހެދޭނެއޭ. ދިއްގަރުގައި ދިއްގަރު ރައްޔިތުންނަށް ފެންވެސް ދެވޭނެއޭ. ދިއްގަރުގައި އެކަށީގެންވާ ގެދޮރުވެސް އެޅޭނެއޭ. ދިއްގަރުގެ ބިންވެސް ބޮޑު ކުރެވޭނެއޭ. މޫނު މަތިވެސް ހެދޭނެއޭ. ވަޒީފާގެ ފުރުސަތުވެސް ދިއްގަރުގައި އާލާކުރެވޭނެއޭ. އަޅުގަނޑުމެންނަށް ފެނޭ މި މަންޒަރު. އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުންނަށްވެސް މި މަންޒަރު ފެނިވަޑައިގަންނަވާނެކަން. އަޅުގަނޑުގެ އާދޭހަކީ، މި މަންޒަރު ދޫކޮށްނުލައްވައްޗޭ މި ދަންނަވާހެން ދެބޮޑި ދަރަށް، ފަންވަތަކަށް، ހައެއްކަ ކާށްޓަށް. މި މަންޒަރު ދޫކޮށްނުލައްވައްޗޭ ފައްސަތޭކަ ރުފިޔާއަށް. މި މަންޒަރު، ދިއްގަރު، ދޫކޮށްނުލައްވައްޗޭ މަދު ބައެއްގެ ހިތުގެ އުދާހަށް ގެއްލިފައިވީ ހަނދާންތަކަށް. އެދިޔައީ އެކަން. އެ ނިމުނީ. އަޅުގަނޑުމެން މި ސަރުކާރު އަދި މިއަށްވުރެ ބޮޑަށް ބައެއް ބޭފުޅުން މިދިޔަ ސަރުކާރުގެ ވެރިކަން ނިމިއްޖެކަން ގަބޫލުކުރުވަން ބޭނުންވެލައްވަންޏާ، އެކަންވެސް މި ސަރުކާރަށް ޤާނޫނީ ގޮތުން ކުރެވިދާނެ. ކުރެވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުމީ މުސްތަޤްބަލް. އަޅުގަނޑުމެން ބޭނުމީ ތަރައްޤީ. އަޅުގަނޑުމެން ބޭނުމީ، ހުރިހާ އެންމެން ގުޅިގެން އެކުގައި ދިއްގަރަށް ރަނގަޅު ގޮތް ހޯދަން.

އެހެންވީމާ، އަޅުގަނޑު ހަމަ އަނެއްކާވެސް ތިޔަބޭފުޅުން އަރިހުން އެދެން އޮތީ، ސަރުކާރުން ތިޔަބޭފުޅުންނަށް ކޮށްދޭން ހުރި ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަމޭ. އެއަކު ނެތް އެއްވެސް ހުރަހެއް. އެއަކުނެތް އެއްވެސް ޝަރުޠެއް. ތިޔަބޭފުޅުންނަށް މި ވަގުތަށް ބޮޑިވެފައިހުރި ކަންކަން އަޅުގަނދަށް ފާހަގަވޭ. އެކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާދި އަވަހަށް ކޮށްދޭނަން. އެއީކީއެއް ކުރީގައި އޮތް އިންތިޚާބާއި، ނިމިދިޔަ އިންތިޚާބާ، މިއިން ކަމަކާ ބެހޭކަމެއް ނޫން. އެއީ މިރަށް ތަރައްޤީ ކުރުމަށް އަދި މިވަގުތުން ވަގުތަށް ތިޔަބޭފުޅުން ބޭނުންވާ ކަންކަން އަޅުގަނޑުމެން ކޮށްދިނުމުގެ ނިޔަތުގައި، އެ ބޭނުން އަޅުގަނޑުގެ އޮތިތީވެ، މި ސަރުކާރުން ތިޔަބޭފުޅުންނަށް ކޮށްދޭ ކަމެއް.

އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް (ތާނގައި) ދެން އެގާރަ ފަށާއިރުގައި، އެގާރަ ބާރައަށް މިރަށުން ކިޔަވަން ފެށޭނެ. އަޅުގަނޑަށްވެސް އެނގޭ ތަންކޮޅެއް ކުދިންކޮޅު މަދުކަން. ލުޠުފީ އަޅުގަނޑު ކައިރީ ވިދާޅުވި ވަރަށް މަދޭ. ފަނަރައޭ. ދެން އަޅުގަނޑު ދެންނެވިން ފަނަރަ ކުދިންނަށްވެސް، އެގާރަ ބާރައަށް ކިޔެވެންޏާ އެ ކިޔެވެނީތާއޭ. ސަރުކާރުގެ އެބައޮތް، ދެން އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަން މަޑުއްވަރިންވެސް ކުދިންކޮޅެއް އައިސްގެން، އަދި އެހެންނޫނިއްޔާ، ކޮންމެ ޙާލެއްގައިވެސް މިރަށުގައި އެބަ ކިޔެވެންޖެހޭ. މިރަށުގެ އާބާދީ، މިރަށުގައި އެގާރަ ބާރައަށް ކިޔަވާނެ ފަނަރަ ކުދިން ތިބޭކަމީ މިރަށު ރައްޔިތުންގެ ކުށެއް ނޫން. އެއީ، މިދިޔަ ދިގު ސަރުކާރުގައި މިރަށާ އަޅާނުލެވި އޮތީތީވެ އެކަށީގެންވާ ތަރައްޤީ ނުގެނެވުނީތީވެ، މިރަށް ދޫކޮށް ދިޔައީ އެތައް ބަޔަކު. ހަމަ މިރަށަށް އުފަން މިރަށުގެ އެތައް ރައްޔިތުންނެއް. އެހެންވީމާ، އަޅުގަނޑުމެނެއް، މިވަގުތު، މިއަދު، އޭގެ އަދަބު ޢުޤޫބާތް ތިޔަބޭފުޅުންނަށް، ދިނުން އެއީކީއެއް އަޅުގަނޑުގެ ނަޒަރުގައި އިންސާފެއް ނޫން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މި އުންމީދުކުރާ ކަންކަން ގެނެސްދޭނަން.

އަޅުގަނޑު އުންމީދުކުރަން ތިޔަބޭފުޅުން އަޅުގަނޑުމެންގެ ފަރާތުން ވަކާލާތު ކޮށްދެއްވާނެކަމަށް. މިއަދާ ހަމައަށްވެސް މިރާއްޖޭގެ ވެރިކަން ޑިމޮކްރަސީގެ އުސޫލުން ކުރުމަށް، ހެޔޮ ވެރިކަން ރާއްޖޭގައި ޤާއިމް ކުރުމަށް، ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް، މިހާތަނަށްވެސް ދިއްގަރު ކުދި ބޮޑު އެންމެހާ ރައްޔިތުން، އަންހެނުން ފިރިހެން ބޭފުޅުން މަސައްކަތްކޮށްދެއްވާފައިވަނީ ތިޔަބޭފުޅުންނަށް މުބާރަކްބާދީ ވަރަށް ޙައްޤުވެރި ވަރަކަށް. އަޅުގަނޑުމެން މިއަދު ވަގުތުގެ އަޖަލުގައި ޖެހި ތިބޭއިރުގައި އަޅުގަނޑުމެންގެ ހިތަށް ނާރާފާނެ، ކޮންފަދަ މޮޅު ކަމެއް ބާވައޭ އަޅުގަނޑުމެން ކޮށްގެން މިތިބީ. ދުނިޔޭގެ ވަރަށް މަދު ޤައުމެއް 30 އަހަރުގެ ދިގު ވެރިކަމަކަށްފަހު ސުލްހަވެރިކަމާއެކީގައި ޑިމޮކްރަސީއަށް ބަދަލުވެފައިވަނީ. ވަރަށް މަދު ރައްޔިތަކަށް އެކަން ކުރެވިފައިވަނީ. އެކަން ކުރުމުގައި އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ދިއްގަރު ރައްޔިތުންގެ ޙިއްޞާ. ތާރީޚު ދެކޭނެ ތިޔަބޭފުޅުން ކަންކުރެއްވި ގޮތް. އިންސާފު ކުރާނެ. ތިޔަބޭފުޅުންނަށް ޙައްޤު މުބާރަކްބާދީ އަޅުގަނޑަށް ޔަޤީން، ހަމަގައިމުވެސް އަޅުގަނޑަށް ޔަޤީން ދިއްގަރު ރައްޔިތުންނަށް ޙައްޤު މުބާރަކްބާދީ، ދިވެހިރާއްޖޭގެ ތާރީޚް މި ރައްޔިތުންނަށް ރައްދުކުރާނެ.

އަޅުގަނޑު ގިނަ ވާހަކަތަކެއް ދައްކާކަށެއް ނޫން. އެހެންނަމަވެސް ހަމަ ވަރަށް އުފަލުން މިހުރީ، ޚާއްޞަކޮށް މެންދުރުކާން މިރަށުގައި ހުރެވޭތީވެ ވަރަށް ބޮޑަށް ކާން ބޭނުންވެގެން މިހުރީ. އަޅުގަނޑުމެން ދަތުރު ރާވާފައި މިއޮތީ ރަނގަޅަށް ކާން ދިއްގަރަށް އާދެވޭގޮތަށް. ރާއްޖޭގެ ވެރިން ރަށްރަށަށް ގޮސް މާ ގަދައަށް ކާ ވާހަކަ އަބަދުވެސް ދައްކާ. އެހެންވީމާ، އަޅުގަނޑު ހަމަ ދިއްގަރަށް މިއައީ ކާން. މެންދުރުކާން ވަރަށް ބޮޑަށް ބޭނުންވޭ. އެހެންވީމާ، އެވާހަކަ އަޅުގަނޑު އޮޅުވާލާކަށް ހަމަގައިމުވެސް ނެތިން. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ދިއްގަރު ރައްޔިތުންވަނީ ވަރަށް ރަނގަޅަށް ކާން ހައްދަވާވެސް ދެއްވާފައި. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ކެއުމަށްފަހު ތިޔަބޭފުޅުންނާ މިގޮތަށް ބައްދަލެއް ނުވާނެ. އަޅުގަނޑަށް އެނގޭ ހަމަ ވަރަށް މީރު ރިހާކުރު ހުންނާނެކަން. އަޅުގަނޑު ވަރަށް ކާހިތްވޭ. އެހެންވީމާ، ކުރިޔަށް ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވީ.

އަޅުގަނޑުމެން މި ފާހަގަ ކުރި ކަންތައްތައް އިރާދަކުރެއްވިއްޔާ އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު އިތުރު ފާޑެއް މީގައި ނުދައްކާ، އަޅުގަނޑުމެންގެ އިތުރު ބޭނުމެއް ނެތި، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭނަން. މިދަންނަވާހެން ތިޔަބޭފުޅުން އަޅުގަނޑާ ދިއްގަރާ ދެމެދު ހުރި ގުޅުން އަދި އަޅުގަނޑު އިސްކަންދޭ މިންވަރާއި އަހަންމިޔަތުކަން ބަހައްޓާ މިންވަރު ހާމަކޮށްދިނުމަށް ތަންކޮޅެއް ދުރުދުރުން ދާން ފެށީމާ، އަޅުގަނޑު މިދެންނެވީ ޙަޤީޤަތުގައި މިކަން އޮތް ގޮތް. ހަމަގައިމުވެސް، އަތޮޅުތަކުގައި މި ވެރިކަން ފެށުނީ ދިއްގަރުން. އެއީ، ދިއްގަރު ކައުންސިލަރެއް އަޅުގަނޑުގެ ފަރާތުން ފުރަތަމައިނުން ފޮނުވީ. އަޅުގަނޑު ބޭނުންވީ އެބޭފުޅާއަކީ ހައިބަތު ހުރި ބޭފުޅަކަށް ވެފައި، އެބޭފުޅާއަކީ ރާއްޖޭގެ އެހެން ރަށްރަށުގެ އަދި މާލޭގެ ރައްޔިތުންނަށްވެސް އާނ، އެއީ އޭނާކަން އެނގި، މިހާރު މިގޮތަށޭ މިކަން މިދަނީ. އެހެންވީމާ، މިއާ ގާތްވާކަށް ނުވާނެއޭ. އެވަރު އެނގޭވަރު ބޭފުޅެއް އަޅުގަނޑުމެންނަށް މި ކައިރި ކުރެވުނީ. އަދި އަޅުގަނޑުމެންގެ ސިޔާސީ ވިސްނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީއާ ވަރަށް ގާތް ބޭފުޅެއް ޢަބްދުއްލަޠީފް، އަޅުގަނޑު ޢަބްދުއްލަޠީފަށްވެސް ޝުކުރުވެރިވަން. އަދި އަޅުގަނޑު އުއްމީދުކުރަން ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑުމެން މިއެދޭ ކާމިޔާބު އަޅުގަނޑުމެންނަށް ހޯދޭނެކަމަށް. އަޅުގަނޑު އެދެނީ ދިއްގަރަށް މިއަދަށްވުރެވެސް އަދި މާ ފަހި ފާގަތި މުސްތަޤްބަލެއް.