بســم اللّـه الرّحمـن الرّحيــم

ކުނބުރުދޫގެ ލޮބުވެތި އެކުވެރި ރައްޔިތުން،

السّـلام عليـكم

މީގެ ދުވަސްކޮޅެއް ކުރީގައި އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އިން އެއްތަނެއްގައި އިށީނދެތިބެ، މަޝްވަރާތަކެއް ކުރަން ފެށިން. އަޅުގަނޑުމެން ނިންމިން. ހެޔޮގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ކުރުމަށް ގެންގުޅޭނެ ސިޔާސަތަކީ ކޮބައިތޯ އެބަ ކަނޑައަޅަންޖެހެއޭ. އެމަސައްކަތް އަޅުގަނޑުމެން ކެނޑިނޭޅި ހަތަރު އަހަރެއްހާ ދުވަހު ޙަޤީޤަތުގައި ހިންގިން. އަޅުގަނޑުމެން އަޑުއަހަމުން ދިޔައީމު، ރައްޔިތުންގެ އަޑު އެކިރަށްރަށުން އެކިގޮތްގޮތަށް، އެކިމޭރުމުން، އެކި ފޭރާމުން. އަޅުގަނޑުމެންނަށް ރައްޔިތުންގެ އިޙްސާސްތައް ދުވަހެއް ދުވަހަކަށް ދިޔައީ އަޅުގަނޑުމެންނަށް އެނގެމުން. އެންމެފަހު ނަތީޖާއަކަށްވީ، 28 އޮކްޓޯބަރުގައި އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ވާދަކުރަން ނުކުތްއިރު، އަޅުގަނޑުމެން ނުކުތީ، އެ އިންތިޚާބުން އަޅުގަނޑުމެން ކާމިޔާބު ކޮށްފިނަމަ، ދެން އުފެދޭ ސަރުކާރެއްގެ ސިޔާސަތު އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅިން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅިން. އަޅުގަނޑުމެން ނޭދެމޭ، މި ރާއްޖޭގެ ރައްޔިތުންނަކީ ބިކަހާލުގައި ދިރިއުޅޭ ބަޔަކަށްވާކަށް. އަޅުގަނޑުމެންނެއް ނޭދެމޭ، ރާއްޖޭގެ ރައްޔިތުންނަކީ ހާސްކަމުގެ ތެރޭގައި އުޅޭ ބަޔަކަށްވާކަށް. އަޅުގަނޑުމެން، ޚާއްޞަކޮށް ރައްޔިތުންނަށް ފަސް ވަޢުދެއްވިން. ޚާއްޞަކޮށް ފަސް ވަޢުދެއް.

އަޅުގަނޑުމެން ހުށަހެޅިން، ރާއްޖޭގެ ރަށްތަކަކީ ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އަޅުގަނޑުމެން ހަދައިދޭނަމޭ. އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވިން، ބޯހިޔާވަހިކަން ދިގުމުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އަތްފޯރާފަށުގައި ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅިން. އަޅުގަނޑުމެންގެ އިންތިޒާމެއް ހަމަޖައްސައިދޭނަމޭ، ބޭސް ސިޓީއަށް ސަލާން ނުޖަހައި ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ ގޮތްތަކެއް. އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ އަސާސީ ޚިދްމަތަކީ، ރައްޔިތުންގެ އަސާސީ ޙައްޤެކޭ. އަޅުގަނޑުމެން އެވާހަކަ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ބިންވަޅު ނެގީ. އަޅުގަނޑުމެން އެމަގަށް ވަކާލާތު ކުރީ. އެހެންވީމާ، އަޅުގަނޑުމެން ސިޔާސަތެއް އުފެއްދިން. ސިޔާސަތެއް އެކުލަވާލިން. ރާއްޖޭގެ ރަށްތަކަށް މިދަންނަވާ ޚިދްމަތް ފަސޭހަ ގޮތުގައި ފޯރުކޮށްދެވެން އޮންނާނެ ސިޔާސަތެއް. މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި، އެސިޔާސަތުތައް އަޅުގަނޑުމެން ދިޔައީ، އޭގެ ޢަމަލީ މަސައްކަތްތައް ރާވަމުން. އެގެންދިޔަ ގެންދިޔުމުގައި މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ހިތްހަމަޖެހޭ މިންވަރަށް އަޅުގަނޑުމެންނަށް މިވަނީ މަސައްކަތް ކުރެވިފައި. އަޅުގަނޑަށް މިއަދު ވަރަށް އުފަލާ އެކީގައި ތިޔަބޭފުޅުންނަށް އެސިޔާސަތު ތަންފީޒުވަމުންދާއިރުގައި، މިރަށަށް، އަޅުގަނޑަށް، ތިމަންނާއަށް އޮތީ ކޯއްޗެއްހޭ؟ ތިމަންނާގެ ގެއަށް. ތިމަންނާގެ ރަށަށް. އެމް.ޑީ.ޕީ.ގެ ސިޔާސަތު ތަންފީޒުވަމުންދާއިރު، މި ސަރުކާރުގެ ސިޔާސަތު ތަންފީޒުވަމުންދާއިރު ތިމަންނާއަށް ލިބޭނީ ކޯއްޗެއްހޭ؟ އެ ސުވާލުގެ ޖަވާބު މިއަދު ސަރުކާރުން އެބަ ރައްޔިތުންނަށް ދޭންޖެހޭ. އަޅުގަނޑުމެންގެ ނަޒަރުގައި އެއީ މުހިންމު ޖަވާބެއް. އަދި އަޅުގަނޑުމެންގެ ޖަވާބުގައި އެސުވާލުވެސް އެއީ މުހިންމު ސުވާލެއް.

ފުރަތަމަ ކަމަކަށް، ދެރަށެއްގެ ބިން ބޮޑުކުރުން ނުވަތަ ބިން ސަލާމަތް ކުރުމުގެ މަސައްކަތް. ގިރަމުން ވަރަށް ބޮޑަށް ގިރުމުގެ ޙާލަތު ނުވަތަ ގިރުމުގެ ދަރަޖަ ވަރަށްބޮޑުވެފައި ހުރި ރަށްތަކެއް ރާއްޖޭގައި އެބަހުރި. ކުނބުރުދޫ އެކަންޏެއް ނޫން. މަޑުއްވަރިއާއި މިރަށާ އެއީ އަދި ހަމަ ވެލިދޫ މާފުކުރައްވާ. ހޮޅުދޫއާއި އެއީ ނ. އަތޮޅު ހޮޅުދޫއާއި، މިހެންގޮސް ފުވައްމުލަކާ. އަޅުގަނޑުމެންނަށް ޚާއްޞަކޮށް ފާހަގަކުރެވޭ ވިއްސަކަށް ރަށް އެބަވޭ. ސަރުކާރުން އެންމެ ފުރަތަމައިނުންވެސް ނިންމީ، މިރަށްރަށަށް ކަމެއް ނުވަތަ މިރަށްރަށަށް ޙައްލެއް ހޯދޭނެ ގޮތެއް ހޯދުމަށް ފިކުރެއް ކުރުމަށް. އެ ހޯދާ ގޮތުގެ ތެރޭގައި، ހަމައެކަނި އެންމެ ރަށަކަށް އެކަންކުރާ އުޞޫލެއް ނޫން އަޅުގަނޑުމެން ހޯދީކީއެއް. އުޞޫލެއްގެ ގޮތުން، ރާއްޖޭގައި މިޙާލަތުގައިވާ ރަށްރަށަށް ގޮތެއް ހޯދައިދެވޭނެ އިންތިޒާމެއް އަޅުގަނޑުމެން ހޯދީ. އަޅުގަނޑަށް މިއަދު ވަރަށް އުފަލާ އެކީގައި ދެންނެވެން އެބައޮތް، އެޕްރޮގްރާމްގެ ދަށުން އަޅުގަނޑުމެންނަށް ފުރަތަމަ ދެވަނައަށް ފަށައިގަނެވޭ ރަށަކީ ކުނބުރުދޫ. މަޑުއްވަރީގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު ނިމެނީ. ދެން ކަންދިމާކުރި ގޮތުން މިއަދު އަޅުގަނޑު އުންމީދުކޮށްގެން ހުރީ އެކަމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު މިރަށަށް އަންނަން. އެހެން ނަމަވެސް، މިއަދު 3 ޖަހާއިރު އެމް.ޓީ.ސީ.ސީ އާ އެކީގައި މިރަށް ހިއްކުމާއި އަދި އެ ގިރާ ސަރަޙައްދުގައި ރިވެޓްމަންޓެއް އެޅުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކުރެވޭނެ. ދެން އަޅުގަނޑުމެން މިދެކެނީ، އެހެންވީމާ، މިރަށުގެ ބިން ކޮންމެވެސް މިންވަރަކަށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް.

މިއީ ޙަޤީޤަތުގައި އަޅުގަނޑު އެންމެ ހިތްހަމަޖެހޭ ވަގުތެއް ނޫން މިކަން ކުރާކަށް. މިރަށް ހިއްކުމުގެ މަސައްކަތް ކުރަން މިއީ އަޅުގަނޑު އެންމެ ހިތްހަމަޖެހޭ ވަގުތެއް ނޫނޭ. މިވަގުތު މިކަން ކުރީމާ، ނަޞީބު ދިމާކުރި ގޮތުން މިވަގުތާއި ކަންކުރާ ވަގުތާ ދިމާވީ. މިވަގުތު މިކަން ކުރީމާ، މިކަމުގައި އެބައެޅޭ ހިޔަންޏެއް. އިންތިޚާބުގެ ބޭނުމަށްޓަކައި އަޅުގަނޑުމެން އެކަން ކުރާ ކަމަށް ދެކެވޭފަދަ ހިޔަންޏެއް. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން ބޮޑަށް ވިސްނާވަޑައިގަންނަވާނެ ކަމަށް. މަޑުއްވަރިއަކީ މި އިންތިޚާބާ ހަމަގައިމުވެސް ގުޅިގެންނެއް އަޅުގަނޑުމެން ހަދާ ރަށެއް ނޫން. އަދި އަޅުގަނޑުމެންގެ ޕާޓީގެ ވަރުގަދަ ކެންޑިޑޭޓެއް މަޑުއްވަރިއަށް ކުރިމަތިވެސް ނުވެސްލާ. އެހެން ނަމަވެސް، އަޅުގަނޑުމެން އެންމެ ފުރަތަމަ ހެދީ މަޑުއްވަރި. ދެން އަޅުގަނޑުމެން ބޭނުންވީ، މިއީއޭ ދިވެހިރާއްޖެއަކީ ބުނަން. ކުދި ރަށްރަށޭ. މިއީ ޖަޒީރާ ޤައުމެކޭ. މިޤައުމުގެ ގިނަ ބައިވަރު ރަށްރަށަކީ ކުދިކުދި ރަށްރަށޭ. އެމީހުންގެ ޙާލަތާއި، އެރަށްރަށް އަޅުގަނޑުމެންނަށް ސަލާމަތް ނުކުރެވޭ ކަމަށްވަނީވިއްޔާ، ދިވެހިރާއްޖެއާ އަޅުގަނޑުމެންނަށް އަޅާނުލެވެނީއޭ. އަޅުގަނޑުމެން މިރަށް ނެގީ މިސާލެއްގެ ގޮތުގައި. މިސާލު ރަށެއްގެ ގޮތުގައި އަޅުގަނޑުމެން ދައްކަން ބޭނުން ހަމައެކަނި ރާއްޖޭގެ ރައްޔިތުންނަކަށެއް ނޫން. މުޅި ދުނިޔެއަށް ދައްކަން ބޭނުން މިއޮތީއޭ މިރަށް. މިއީއޭ މިރާއްޖެއަށް ވަމުންމިދާ ގޮތަކީ. މިރާއްޖޭގެ ގޮނޑުދޮށްތައް ގިރަނީއޭ. ރަށްރަށް ގިރަނީއޭ. އެހެންވީމާ، އެ ގިރާ ގިރުމުން ސަލާމަތްވުމަށް މުޅި ދުނިޔެއިންވެސް ދިވެހިރާއްޖެއަށް އެހީތެރިވެދޭން ކޮންމެހެން ލާޒިމޭ. އެ މަޝްރޫޢު ހިންގުމަށްޓަކައި އަޅުގަނޑުމެން ދުނިޔޭގެ އެތަން މިތަނުގައި އެކިގޮތްގޮތަށް މިގެންދަނީ އަޑު އުފުލަމުން. އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބުވޭ. އެތައް ޤައުމަކުން އަޅުގަނޑުމެންނަށް މިމަސައްކަތުގައި އެހީތެރިވެދޭނެ ކަމަށް އެބަ ވަޢުދުވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ހަމަ އުފަލާއެކީގައި މިރަށުގެ މަސައްކަތް މި ފަށައިގަނެވެނީ. ފަށައިގަނެވޭއިރުގައި ހަމަ އިތުރަށް އުފާވެއޭ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް މިކަން ކޮށްދެވޭތީ. ހަމަ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ.

ސަރުކާރެއްގެ ބޭނުމަކީ، ރައްޔިތުން އެދޭ ކަންކަން ރައްޔިތުންނަށް ކޮށްދެވޭނެ މަގެއް ހޯދައިގެން، އެކަންކަން ކުރުން. އަޅުގަނޑަށް ފާހަގަވެފައި އޮތީ މިރަށަކަށް މާގިނަ ދިވެހި ވެރިންނެއް އައިސްފައެއް ނެތްކަން. އަޅުގަނޑަށް އަދިއެއް ފާހަގައެއްނުވޭ، އަމީންދީދީ މިރަށަށް ވަޑައިގެންނެވި ކަމެއް. ފާމުލަދޭރި ކިލެގެފާނު ވަޑައިގެންނެވި ކަމެއްވެސް. އަދި އަމީންދީދީގެ ކުރީގައި ޙަސަން ފަރީދު ވަޑައިގެންނެވި ކަމެއްވެސް ފާހަގައެއްނުވޭ. އެކަމަކު އަޅުގަނޑަށް ފާހަގަވޭ، އަރިއަތޮޅު އަރުމާޒުގައި ރަދުން މިރަށަށް ވަޑައިގެންނެވިކަން. އޭގެފަހުން، އަޅުގަނޑުމެންނަށް އެނގިފައި އޮތީ، ރައީސް މައުމޫންގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދަތުރެއް މިރަށަށް ކުރެއްވި. އަޅުގަނޑުމެންނަކަށެއް ނެތް، ރަށްރަށް ކުދިވީމާ ދޫކޮށްލައިގެން ތިބެވޭކަށް. އެހެން އަޅުގަނޑުމެން އެކަން ކުރާކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަށް ދިވެހިރާއްޖެ ދޫކޮށްލެވެނީ. އަޅުގަނޑުމެން ނުގެންގުޅެން ރަށްރަށް ފަޅުކުރުމުގެ ފިކުރެއް. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، ތިޔަބޭފުޅުން މިރަށް ދޫކޮށް އެހެން ރަށަކަށްދާކަށް. އެހެން ނަމަވެސް، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ހުރިހާ ޚިދްމަތެއް މިރަށުގައި ދެވޭނެ ކަމަށް. މިސާލަކަށް، މަތީ ތަޢްލީމު. ނުވަތަ ބޮޑު ހޮސްޕިޓަލެއް. މިބާވަތުގެ ބައެއް ކަންކަން ސަރުކާރަކަށް މިރަށުގައި ނުދެވޭނެ. އެކަން ފޫބެއްދުމަށްޓަކައި އަޅުގަނޑުމެން ހުށަހަޅަނީ، އެހެން ހުށަހެޅުމެއް. އެއީ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރަށްތައް މިއީ ލާމެހި ގުޅިފައިވާ ރަށްތަކަކަށް އަޅުގަނޑުމެން ހަދައިދޭނަމޭ. މިރަށުން ފުރައިގެން ދުވާލަކު އެއްފަހަރު މަދުވެގެން މާލެ ދެވެން ޖެހޭނޭ. ގޮއްސާ އާދެވެން ޖެހޭނޭ. އަދި ހަންޏާމީދުއަށްވެސް، އަދި މަހިބަދުއަށްވެސް އަދި ދަނގެއްޗަށްވިޔަސްވެސް، މާމިގިއްޔަށްވިޔަސްވެސް، ފެންފުށްޓަށްވިޔަސްވެސް، މާޅޮހަށްވިޔަސްވެސް، ތޮއްޑުއަށްވިޔަސްވެސް. ފ. އަތޮޅަށް ނިލަންދެއަތޮޅު ދެބުރިއަށްވެސް. އަދި ރާއްޖޭގެ ހުރިހާ ތަނަކަށްވެސް ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި ދަތުރުފަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ޖެހޭނެއޭ.

އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އަނެއް ބޮޑު މައްސަލައަކީ، ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ. ރާއްޖޭގެ ރައްޔިތުން، ގެވަޅެއް ލިބޭ ރަށްރަށުގައިވެސް އެއީ މިރަށެއް ނޫން. ގެވަޅު ލިބޭ ރަށްރަށުގައިވެސް. ގެއެއް އެޅުމަށް މީހުން އުޅޭ ހާލު، އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރިޒޯޓެއްގައި، ކަންނެލި އޮޑިއެއްގައި ނުވަތަ ފާނަ ދޯންޏެއްގައި ދެތިން އަހަރު މަސައްކަތް ކޮށްފައި، އެއްއަހަރަކު އައިސް ފަހަރެއްގައި ގާކޮޅު އަޅާލެވިދާނެ. އަނެއް އަހަރު ފައުންޑޭޝަން ދަމާލެވިދާނެ. ދެން އަންނަ އަހަރު ހަތަރު ފާރު ރާނާލެވިދާނެ. އަނެއް ރޯދައަށް މަތިވަޑާންގަނޑު އަޅައި، ހިޔާކޮށްލެވިދާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަނެއް ރޯދައަށް ފާޚާނާ ތަށްޓެއް ބެހެއްޓިދާނެ. އަޅުގަނޑުމެން އާދައިގެ މީހެއްގެ ޢުމުރު ދެބައިވާއިރު ކިރިޔާ ގެއެއް މިއެޅެނީ. އެހިސާބުން ކައިވެނިވެސް އޮންނަނީ ބުރޫއަރާ ހިސާބަށް ގޮއްސާ. އަޅުގަނޑުމެންނަށް ތަނަވަސްކަމުގައި ރިވެތިގޮތުގައި ދިރިއުޅެވޭނެ ފުރްޞަތެއް ހޯދޭކަށް ނޯވޭ. ތިންކޮޓަރީގެ ގެއެއް، ހަތަރު ކޮޓަރީގެ ގެއެއް، މިއިން ރަށެއްގައި އަޅާއިރު، ޙަޤީޤަތުގައި ފަސްލައްކަ، ހަލައްކަ ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ޚަރަދެއްނުވޭ. އެހެން ނަމަވެސް، މިހާރު ތިޔަބޭފުޅުން އެ ދިހަ ބާރަ އަހަރުން އެ ގެ އަޅަން ޖެހޭތީވެ، ގެއަކަށް އެބަދޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ. ސަރުކާރަށް ފެންނަ ފެނުމުގައި، އެހުރިހާ ފައިސާއަކީ ހަމަ މި ދައުލަތުން ގެއްލޭ ފައިސާ. މިރާއްޖެއިން ގެއްލޭ ފައިސާ.

ސަރުކާރުން ނިންމީ، ރާއްޖޭގެ ރައްޔިތުންނަށް މިއަހަރުގެ ތެރޭގައި ދިހަހާސް ގެ އެޅުމުގެ ޕްރޮގްރާމެއް އަޅުގަނޑުމެން ހިންގަން. އެކަން ކުރުމަށްޓަކައި ސަރުކާރުން އިޢްލާނުކުރީ، ރާއްޖޭގެ މި އަގުބޮޑު ބިން، ރީތި ގޮނޑުދޮށްތައް ހިމެނޭ ރަށްރަށް. އެރަށްރަށުން ތިރީސްހާސް އަކަފޫޓްގެ ބޮޑެތި ބިން، ދިގުމުއްދަތަށް ބޭރު މީހުންނަށް، އެމީހުންގެ ޓުއަރިސްޓް ގެއެއް އަޅައިގެން ތިބެވޭނޭ އެއްހާސް ގެ ރާއްޖެއިން ދޫކުރާނަމޭ، ޝަރުޠަކީ އޭގެ ބަދަލުގައި ދިހަހާސް ގެ އެޅުމޭ. ކޮންމެ މިދަންނަވާ ތިރީސްހާސް އަކަފޫޓްގެ މުއްސަނދިންގެ ގެއަކަށް ދިހަގެ ރައްޔިތުންނަށް އަޅައިދޭންޖެހޭނެ. އަޅުގަނޑުމެން މިގޮތަށް ޝަރުޠުކޮށް، އެ އިޢްލާނު ކުރީމާ، އެކަމަށް ޝައުޤުވެރިވެ ބައިނަލްއަޤްވާމީ ދުނިޔޭން، 17 ބޮޑެތި ކުންފުނި ޝައުޤުވެރިކަން ހާމަކޮށްފައި އެބަހުރި. ސަރުކާރަށް މިހާރު އޮތީ މީގެތެރެއިން ކަމަށް އެންމެ އެކަށީގެންވާ ބައެއް ހޯދައި، މަސައްކަތް ޙަވާލުކުރުމުގެ ކަންތައް. މަސައްކަތް ޙަވާލު ކުރެވޭނީވެސް ހަމަ އަޅުގަނޑުމެން މިގެންދާ ތަރުތީބުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރަށުގައިވެސް ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގެ ތިޔަބޭފުޅުންނަށް އަޅައިދޭނަން. އެއީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި މިރަށުގައިވެސް ކުރާނެ ކަމެއް. އަޅުގަނޑުމެން ބޭނުން މިބާވަތުގެ ކުދި ރަށްރަށް އެއީ ރީތިކޮށް ރަނގަޅަށް ޕްލޭން ކުރެވިގެން، ރިވެތިކޮށް، ރީތިކޮށް ދިރިއުޅޭ ރައްޔިތުންތަކެއް އުޅޭ ރަށަކަށް މިރަށް ހަދަން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންނަށް ފެނާއި ނަރުދަމާގެ ޚިދްމަތް. އަދި ކަރަންޓުގެ ޚިދްމަތް އިތުބާރާ އެކީގައި ދޭން. އެކަން ކުރުމަށްޓަކައި ސަރުކާރުން ވާނީ ޔުޓިލިޓީ ކުންފުނިތަކެއް ގާއިމުކޮށްފައި. ނުވަތަ ފެނާއި ނަރުދަމާއާއި ކަރަންޓްގެ އަސާސީ ޚިދްމަތްތައް ދިނުމަށް ކުންފުނިތަކެއް ގާއިމުކޮށްފައި. އެކުންފުނިތައް ހިންގުމަށްޓަކައި އެ ކުންފުނިތަކަށްވެސް ސަރުކާރުން މިދަނީ ފުރަތަމަ ކަމަކަށް ކޮންމެވެސް މިންވަރަކަށް ބިމާ، ދެން އަދި ރިޒޯޓުތަކުގެ ތެރެއިން ސަރުކާރުން ވާހަކަ ދައްކައިގެން އެއްބަސްވާ ރިޒޯޓުފަހަރުގެ ވެރިންގެ ކިބައިން މިއެދެނީ، މިދަންނަވާ ޔުޓިލިޓީ ކުންފުންޏަށް އެރިޒޯޓުތަކުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތް ދިނުންވެސް ބަދަލުކޮށްލާށޭ. ފުރޮޅާލަދޭށޭ. ރިޒޯޓްތަކަށް އަޅުގަނޑުމެން ސަރުކާރުން އެހީތެރިވެދޭނަމޭ. އަދި އެ ވެރިންނަށް އެކުންފުނީގެ ފައިދާގައި މަސައްކަތް ކުރެވޭނެއޭ. އަޅުގަނޑުމެންނަށް ވިސްނުނީ، ރިޒޯޓްތަކާ އެކީގައި ރާއްޖޭގެ ރަށްތައް، ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތް، މިސާލަކަށް މި އަރިއަތޮޅުގައި ދިނީމާ، އޭރުން އެކުންފުންޏަށް ވިޔަފާރީގެ އުޞޫލުން އެކަން ކުރެވޭ ފައިދާ އަދި ހަމަ ހެޔޮއަގުގައި، މާލޭގެ އަގުގައި ކަރަންޓްދެވި، އަދި އިންޖީނުގެތައް ދެމެހެއްޓެނިވި ގޮތުގައި ހިންގެން އެބައޮތޭ. ތިޔަބޭފުޅުންގެ އިންޖީނުގެ އިހަކަށްދުވަހުވެސްވީ ހަލާކު. އަނެއްކާ އެ އިންޖީނުގެ ބަދަލުގައި އެހެން ކޮންމެވެސް އާދައިގެ ބާ އިންޖީނެއް ކޮންމެވެސް ތަނަކުން ގެނެސްގެން، އެވާނީ ހަލާކު. އެ ތާއަބަދަށް ދެމިހުންނާނެ ގޮތަށް، ރަނގަޅަށް، ކުއްލިއަކަށް ކުރާ ކަންތަކެއް ނުކުރެވޭނެ. އިންޖީނު ހަލާކުވީމާ، އަޅުގަނޑުމެންނަށް ނުވެސް އިނގޭ، ތިޔަބޭފުޅުންގެ އިންޖީނު ޙަޤީޤަތުގައި ކުއްލިއަކަށް ހަލާކުވީ. ހަލާކުވީމާ، އަޅުގަނޑުމެން ބެލީ ކުއްލިއަކަށް އެއަށް ގޮތެއް ހޯދައިދެވެން އެބައޮތްތޯ.

އެހެން ނަމަވެސް، އެއީކީއެއް ދެމެހެއްޓެނިވި ގޮތުގައި ދިގުމުއްދަތަށް ކަމެއް ރަނގަޅު ކުރެވެނީކީއެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، ރަނގަޅަށް ކަމެއް ކުރުން. ދެމެހެއްޓެނިވި ގޮތުގައި ދިގު މުއްދަތަށް މިކަން ކުރެވޭނެ ގޮތެއް ހޯދުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ދެންނެވޭނީ، ހަމަ ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، ސަރުކާރުގެ ޔުޓިލިޓީ ކުންފުނިން ތިޔަބޭފުޅުންގެ އިންޖީނުގެތަކާ ޙަވާލުވުމަށް އެދޭނެ. ތިޔަބޭފުޅުން އެމަސައްކަތް އެގޮތަށް ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވަންޏާ، އެކުންފުންޏާ ޙަވާލުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވަންޏާ، އެ އިންޖީނުގެތައް ތިޔަބޭފުޅުންނަށް ޙަވާލުކުރެވޭނެ. އަދި ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވަންޏާ، އޭގެ ބަދަލުގައި އެ ބަދަލު ފައިސާވެސް ލިބިދާނެ. ނުވަތަ އެކުންފުނީގައި ޙިއްޞާވެސް ވެވިދާނެ. ބުއްދިވެރިގޮތަކީ ކުންފުނީގައި ޙިއްޞާވުން. އެ ކުންފުންޏަކީ ބޮޑު ކުންފުންޏެއް. މުޅި މިއަތޮޅުގެ ހުރިހާ ރަށަކަށް، ރިޒޯޓްތަކާ އެކީގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދްމަތްދޭ ކުންފުނި. އެއީ ބޮޑު ކުންފުންޏެއް. އެކުންފުންޏަށް އަޅުގަނޑުމެން މި އިޢްލާނު ކުރީ، ބައިނަލްއަޤްވާމީ ކުންފުނިތަކަށް، މި ކުންފުންޏާ ޙިއްޞާވާނެ، ބައިވެރިވާނޭ ބައިނަލްއަޤްވާމީ ކުންފުނި ބޭނުމޭ. ބައިނަލްއަޤްވާމީ ކުންފުނި ބޭނުންވަނީ، އެ އަންނަ ކުންފުންޏާ އެކުގައި އޭރުން ފައިސާވެސް އަންނާނެ. އަދި ތަންދޮރު އެނގޭ، ޢިލްމުހުރި، މިކަން ކުރަން އެނގޭ ރޭވުންތެރި މީހުންވެސް އަންނާނެ. އަދި އެމީހުންގެ ޓެކްނޯލޮޖީއާއި އެމީހުންގެ ޢިލްމުވެސް އަޅުގަނޑުމެންނަށް ލިބޭނެ. މިގޮތަށް އަޅުގަނޑުމެން އިޢްލާނު ކުރީމާ، 7 ކުންފުންޏާ ބައިވެރިވުމަށް އެބައޮތް 17، 18 ކުންފުނި، ބައިނަލްއަޤްވާމީ ކުންފުނި ޝައުޤުވެރިކަން ހާމަކޮށްފައި. މިހާރު އޭގެތެރެއިން ބައެއް ކުންފުނިތައް ރާއްޖެ އައިސް އެބައުޅޭ. އަޅުގަނޑު މިތަނަށް އައިއިރުގައި ކުޅުދުއްފުށްޓަށް އެއް ކުންފުނި ވަނީ ގޮސްފައި. އުތުރުގެ ބައެއް ރަށްރަށް ބަލާލުމަށް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ހަމަ އެކުންފުނި ޝައުޤުވެރިކަން ހުންނަނީ މިއަތޮޅަށްވެސް. ކުޅުދުއްފުށްޓަށްދިޔަ ކުންފުނި. އެއީ މިއަތޮޅަށް ޝައުޤުވެރިކަން ހުންނާނެ. މިއީ އެންމެ ފައިދާހުރި އަތޮޅު. އެންމެ ރިޒޯޓު ގިނަވާނީ މިއަތޮޅުގައި. އެހެންވީމާ، މިއަތޮޅަށް މީހަކު ޝައުޤުވެރިކަން ހުރީމާ، އެ ޝައުޤުވެރިކަން ބޮޑުވިވަރަކަށް ތިޔަބޭފުޅުންނަށް ފައިދާ ބޮޑުވާނީ. އަޅުގަނޑުމެން ބުނާނެތާ، ކަރަންޓުގެ އަގު ހުންނަން ޖެހޭނީ މިހާވަރެއްގައޭ. ފެން ލީޓަރެއް ހުންނަންޖެހޭނީ މިހާވަރުގައޭ. ފާޚާނާ ހޮޅީގެ ވަށަމިން ހުންނަންޖެހޭނީ މިހާވަރުގައޭ. ސަރުކާރުން ކިޔައިދޭނެ މިކަން ހިންގަންވީ ސަރުކާރުގެ ހަމަތައް. އެހެންވީމާ، މި އުޞޫލުން އަޅުގަނޑުމެންނަށް ވަރަށް ޔަޤީން އިރާދަކުރެއްވިއްޔާ މިކަން މިހެން ކުރެވޭނެކަން.

އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، މިކަންކަން މިހެން ކުރާއިރުގައި ޤާނޫނުއަސާސީ މިއޮތީ އިޞްލާޙު ކުރެވިފައި. އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރުމަށާއި، އަދި އަޅުގަނޑުމެންގެ ވަޢުދުތައް އަދާކުރުމަށް ޖުމްލަ މަދުވެގެން 64 ޤާނޫނު އެބަ ބޭނުންވޭ. މިދަންނަވާ ކުންފުނި އުފައްދަންވެސް އެއަށް ހުރަސް އެޅުމަށްޓަކައި ބަޖެޓް ފާސްކުރެވުނު ދުވަހު ތިޔަބޭފުޅުން އަޑުއައްސަވާފައި އޮންނާނެ. ޕީ.ޕީ.ޕީ އޭ، ނުވަތަ އެއީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް. ޕަބްލިކަކީ ސަރުކާރު. ޕްރައިވެޓަކީ ބައިނަލްއަޤްވާމީ ކުންފުނި. ޕާޓްނަރޝިޕަކީ ގުޅިގެން. އެބާވަތުގެ މަޝްރޫޢެއް ހިންގައިގެން، ކުންފުންޏެއްގެ ތެރެއިން އަސާސީ ޚިދްމަތް ރައްޔިތުންނަށް ދެންޏާ، މަޖިލީހަށް އެކަން ހުށަހަޅަންޖެހޭނޭ. ބަޖެޓް ބެއްލެވި ބޭފުޅުންނަށް އަޑުއިވިފައި އޮންނާނެ. އެހުށަހަޅަން ޖެހޭނެއޭ އެހެން ބުނެ، ބަޖެޓަށް އިޞްލާޙެއް ގެނެސް އޮތީ މ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރޭ އަޅުގަނޑު ހަނދާންވަނީ. ނާޒިމާއި އަދި ނ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރޭ އަޅުގަނޑު ހަނދާންވަނީ. ނުވަތަ މ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، ވ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރާ. ޢަބްދުﷲ ޝާހިދާއި ނާޒިމް. މި މައްސަލައެއް މިއޮތީ މަޖިލީހަށް ހުށަހަޅާފައި. މީގެ ބޭނުމަކީ ކޮބައިތޯ. މިކަންވިޔަނުދޭން. މީގެ ބޭނުމަކީ، އަޅުގަނޑުމެން މި ސަރުކާރުން މި ހިންގާ، އެބޭފުޅުންނަށްވެސް ހަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ، މިއޮތީ ރަން ވަޅެއްކަން. އަޅުގަނޑުމެން މާވަހަރެއް ހޮވައިފިކަން. އެއީ މިދަންނަވާ ޕީ.ޕީ.ޕީ. އަޅުގަނޑުމެންގެ ވިސްނުން. އަޅުގަނޑުމެންގެ ފިކުރު އެއީ އަޅުގަނޑުމެން ހޮވި މާވަހަރަކީ. އެބޭފުޅުންނަށް ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ މިއުޞޫލުން މިކަން ކުރެވިދާނެކަން. މި ސަރުކާރަށް ފައިދާއެއްވުން ނުވަތަ ރީތިނަމެއް ލިބުން އެއީ ވާދަވެރި ސިޔާސީ ޕާޓީތައް އެދޭނެ ގޮތެއް ނޫން. އެހެންވީމާ، އެބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާނެ، އެކަންކަމަށް ހުރަސް އަޅުއްވަން.

އެހިސާބުން އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެން ޖެހެނީ، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އަޅުގަނޑުމެންނަށް ނެތިސް، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދަން އަދި އަޅުގަނޑުމެން މި ހިންގަން މިއުޅޭ މަޝްރޫޢުތައް ހިންގަން ވަރަށް އުނދަގުލޭ. މިހާރު މިއޮތީކީ ޚުދު މުޚްތާރު ވެރިކަމެއް ނޫން. މި ވެރިކަން ހިނގާނީ، އަޅުގަނޑުމެން ބޭނުމީވެސް މަޖިލިސް މެދުވެރިކޮށް ހިނގަން. އަޅުގަނޑުމެން ބޭނުމެއް ނޫން މިރަށަށްވެސް ކުރާ ކަމެއް، މަޖިލިސް މެންބަރުންނަށް އެނގިވަޑައިނުގެން އަޅުގަނޑުމެން ކުރާކަށް. އަޅުގަނޑުމެން ބޭނުމީ މަޖިލީހުގެ ރުހުމާ އެކީގައި ކަންކަން ކުރަން.

އެނގިވަޑައިގަންނަވާނެ، ލާމަރްކަޒީ އުޞޫލުން ހިންގުން އެއީ މި ސަރުކާރުގެ ވަރަށް ވަރަށްބޮޑު އަމާޒެއް. ލާމަރްކަޒީ އުޞޫލުން ހިންގައިގެންނޭ ރާއްޖެ ތަރައްޤީވާނީ. މިވާހަކަތައް އަޅުގަނޑުމެން އަޑުއަހާތާ ކިތަންމެ ދުވަހެއްވެއްޖެ. ވިހިވިހީގެ ތަޞައްވުރުގައިވެސް ލިޔެފައި އޮތީ އެވާހަކަ. ޤާނޫނުއަސާސީގެ ބާބެއް ފުރާވެސް ލިޔެ އޮތީ ހަމަ އެވާހަކަ. އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް އެ ބިލް، ލާމަރްކަޒީ އުޞޫލުން ހިންގުމާ ގުޅޭ ބިލް މަޖިލީހަށް ގެންދިޔައީމާ، ބައްލަވާ، ވާދަވެރި ސިޔާސީ ޕާޓީތަކަކުން އެ ބިލަކަށް ވޯޓެއް ނުދެއްވިއޭ. އެ ބިލް އެތެރެވީ ކިރިޔާ އެންމެ ވޯޓަކުން. ފަރަގުވާ އެންމެ ވޯޓަކުން. އެއީ އަޅުގަނޑުމެން ބޭބޭފުޅުންނަށް ގުޅައި އާދޭސްކޮށްގެން. މަޖިލީހަށް ބިލެއްދާ ކޮންމެ ދުވަހަކު އަޅުގަނޑަކަށް ނުވެސް އިނދެވޭނެ ފޯނަކު 24 ގަޑިއިރަކު މެންބަރުންނަށް ގުޅައިގެންނެއް. މަޖިލީހުގައި ތިބެންޖެހޭނީ، މި ވިސްނުން، އަޅުގަނޑުމެން ތިބުމަށް އެދެނީ، މިދަންނަވާ ވިސްނުމުގައި މި ސަރުކާރު ހިންގުމަށް ޝައުޤުވެރިވެ، ބައިވެރިވާ މެންބަރުން ތިބުމަށް އަޅުގަނޑުމެން އެދެނީ. އެހެންވީމާ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ ގޮތަކަށް ތިޔަބޭފުޅުންވެސް ކަންތައްތައް ކޮށްދެއްވިއްޔާއޭ ދެންހުރި ކަންކަން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ. މަޖިލީހުން އެންމެ ގޮނޑިއެއް، ރުޤިއްޔާ މުޙަންމަދު އަޅުގަނޑުމެންނަށް ނުހޮވުނަސްވެސް، އަޅުގަނޑުގެ މުސާރައަކުން ހަތަރުއަނާއެއްވެސް ނުގެއްލޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތް އަޅުގަނޑުމެންނަކަށެއް ނުކުރެވޭނެ. މި ސަރުކާރު މި ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށްޓަކައި. ހަމައެއާއެކީގައި އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނަގާފައި އޮންނަ އަނެއް ޙަޤީޤަތަކީ، މިރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް، މި ދައުލަތަށް ލިބޭ ކޮންމެ ހަތަރުއަނާއަކީވެސް، މި ސަރުކާރަށް ލިބޭ ހުރިހާ މުއްސަނދިކަމަކީވެސް ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ ހަމައެކަނި ތިޔަބޭފުޅުން ވަނީ މިފައިސާ އަމާނާތްތެރިކަމާ އެކީގައި ބެލެހެއްޓުމާ ޙަވާލުކޮށްފައި. އަޅުގަނޑުމެންނަކަށެއް ނެތް އެއަށް ޚިޔާނާތްތެރިވެވޭކަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން. އަޅުގަނޑުގެ ސަރުކާރެއްގައި، ވަޒީރަކަށްވިޔަސް، ނައިބަކަށްވިޔަސް، އެހެން ބޭފުޅަކަށްވެސް ނާޖާއިޒު ފައިދާއެއް ނުނެގޭނޭ. ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ނުހިންގޭނޭ. ހިންގައިފި ކަމުގެ އެއްވެސް ތުހުމަތެއް ވެއްޖިއްޔާ، ތަޙުޤީޤުވެސް ކުރެވޭނެ. ޝަރީޢަތްވެސް ކުރެވޭނެ. ޙައްޤު އަދަބުވެސް ދެވޭނެ. އަޅުގަނޑު އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އިތުރަށް އަރުވަން.

އަޅުގަނޑުމެންނަށް މިމަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަޅުގަނޑުމެންގެ އެބައޮތް ތަޞައްވުރެއް. އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް. އަޅުގަނޑު މިކަން ކުރުމަށް ތިޔަބޭފުޅުންގެ ކިބައިން އެބަ އެދެން ކަމަކަށް. ހަމަ އެންމެ ކަމަކަށް. އެއީ އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑުމެންނާ އެކީގައި އުންމީދު ކުރައްވާށޭ. މި މަންޒަރު ތިޔަބޭފުޅުން ދެކެވަޑައިގަންނަވާށޭ. މިތަޞައްވުރު ސިފަކުރައްވާށޭ. އަޅުގަނޑުމެން މިދެކެނީ، އަނެއް ދިވެހިރާއްޖެ ސިފަކުރާށޭ. ކިހިނެއްތޯއޭ ފެނާއި ނަރުދަމާއާއި ކަރަންޓާ އަޅަން މިއުޅެނީ. ކިހިނެއްތޯއޭ އަޅުގަނޑުމެން މިރަށުގެ ބިން ބޮޑުކުރަންވެގެން މިއުޅެނީ. ކިހިނެއްތޯއޭ އަޅުގަނޑުމެން މިރަށުގައި ގެދޮރު އަޅަންވެގެން މިއުޅެނީ. ކިހިނެއްތޯއޭ އަޅުގަނޑުމެން މިރަށުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ހަމަޖައްސަން މިއުޅެނީ. ކިހިނެއްތޯއޭ އަޅުގަނޑުމެން މިރަށުގެ ކޮންމެ ދަރިވަރަކު، އަޅުގަނޑުމެން މިބުނަނީ މިރަށު މަދަރުސާއަށް ނުކުންނަ ދަރިވަރުންގެ ފަސްދޮޅަސް ޕަސެންޓް ކުދިންނަކީ މަދުވެގެން، ދަށްވެގެން C ފާހަށްވުރެ މަތިން ފާސްވާ ކުދިންނަށްވާންޖެހޭނެ. މިއަދު އެއަދަދު ވަރަށްކުޑަ. 18 ޕަސެންޓަށްވެސް ނުވޭ. ކިހިނެއްތޯއޭ އެބަދަލުގެންނާނީ. އެބަދަލު ގެންނާނީ އަޅުގަނޑުމެންނަށް ފެންނަނީ، 1. ރަނގަޅު މަދަރުސާއެއް ހެދުން. އެހެންވީމާ އެއްދަންފަޅިއަށް މަދަރުސާ ބަދަލުކުރުން. 2. ރަނގަޅު ޓީޗަރުން ގެނައުން.

ރަނގަޅު ޓީޗަރުން އުފެއްދުމަށްޓަކައި މަތީ ތަޢްލީމު ރާއްޖޭގައި ތަޢާރުފު ކުރަންޖެހޭ. އެކަން ކުރުމަށްވެސް އަޅުގަނޑުމެން މިއުފައްދަނީ އެނގިވަޑައިގަންނަވާނެ، ދާދި އިހަކަށްދުވަހަކު ޓީ.ވީ އިން އަޑުއިވިފައި އޮންނާނެ، ފ. މަގޫދޫގައި ޔުނިވަރސިޓީއެއް، އިޓަލީ ބަޔަކާ އެކީގައި ސަރުކާރުން ގާއިމުކުރި ވާހަކަ. އެއީވެސް ހަމަ އަޅުގަނޑުމެން މިބޭނުންކުރާ އެއީ، އަމިއްލަ މީހުންނާއި ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި އަޅުގަނޑުމެން މިހިންގަނީ. އެހެންވީމާ މިއީ، އަޅުގަނޑުމެން އެބަ ގެންގުޅެން އިނގޭތޯ ވަރަށްބޮޑު ތަފާތެއް ކުރީ ސަރުކާރާ. ވިސްނުމުގެވެސް ތަފާތެއް. ޢަމަލުގެވެސް ތަފާތެއް. ގޮތުގެވެސް ތަފާތެއް. އަޅުގަނޑެއް ނޭދެން، ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާކަށް. އަޅުގަނޑުމެންނަށް ވާންހުރި ކަމެއް، ވާންހުރި މިންވަރަކަށް، ވާންހުރި ދުވަހެއްގައިވާނެ ވާހަކަ އަޅުގަނޑުމެން ދަންނަވާނީ. އަޅުގަނޑުމެންނަށް މިކަން ވާންއޮތީ، މިރަށުގެ ފަޅުގެ ކަންތައް. އޮތީމާ ދެން އެކަން ދަންމާނެ ކަމެއް ނެތް. އެހެންވީމާ، ބާރަށް އަޅުގަނޑު އެކަން ކުރީ. އަޅުގަނޑު މިކަމުގައި ތިޔަބޭފުޅުން އަސްލަމަށް، އަރބަން މިނިސްޓަރ މުޙަންމަދު އަސްލަމަށް އަޅުގަނޑު ވަރަށް ޝުކުރުވެރިވަން. ވަރަށް ބޮޑަށް އޭނާ މަސައްކަތް ކޮށްދެއްވި މިކަން މިގޮތަށް ގެންދަވަން. ޚަރަދުވެސް ބޮޑު މުޅި ޕްރޮޖެކްޓްގެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިއީ ކުރަން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި ފާހަގަވި. އެކަން އަޅުގަނޑުމެން އެހެންވީމާ ކުރުމުގައި އަވަސްވެގަތީ.

އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި، މި އުންމީދު ކުރައްވާނެ ކަމަށް. އަނެއް ދިވެހިރާއްޖެ، ތިޔަބޭފުޅުން ލޯ މެރީމާ ފެންނާނެ ކަމަށް. އެ ސިފަވާނެ ކަމަށް. އެއީ ހާސްނުވެ އުޅޭ ތަނެއް. ފޯނު ބިލާއި، ފެންބިލާއި، ކަރަންޓް ބިލާ ނުދެއްކިގެން، ހާސްކަންމަތީގައި ނޫޅޭ ތަނެއް. ދަރިން މަދަރުސާއަށް ފޮނުވާފައި، އެކުދިންނަށް ހެނދުނު ސައި ނުދެވިގެން ދެރަނުވެ ދެމަފިރިންނަށް އުޅެވޭ ދިވެހިރާއްޖެއެއް. ފަސޭހަކަމާ އެކީގައި އަންހެނުންގެ ބައްޔަށް، ނުވަތަ މަންމަގެ ބައްޔަށް ބޭސްފަރުވާ ކުރެވޭ ދިވެހިރާއްޖެއެއް. ރީތިކޮށް ތަންތަނަށް ގޮސް އައިސް، އެއްތަނުން އަނެއް ދަތުރުފަތުރުކޮށް އުޅެވޭ ދިވެހިރާއްޖެއެއް. އަދި ޚާއްޞަކޮށް ޢާއިލާއާ އެކީގައި ވަޒީފާ އަދާކުރެވޭނެ ފުރްޞަތު އޮތް ދިވެހިރާއްޖެއެއް.

އަޅުގަނޑުމެން މިދެކެނީ، ރޭގަނޑު މިރަށު މީހުންނަށްވެސް ނިދަން، އަންހެނުން ކައިރިއަށް އާދެވެން ޖެހޭނޭ. ނުވަތަ ފިރިމީހާ ކައިރިއަށް އާދެވެން ޖެހޭނެއޭ. އަންހެން މީހާ މަސައްކަތު ދިޔައްޔާ، އޭނާއަށް އެދުވަހު މަސައްކަތް ނިންމާފައި އެނބުރި ރަށަށް އާދެވެންޖެހޭނެއޭ. ދަތުރުފަތުރު ކުރުމުގެ ނިޒާމު ގާއިމު ކުރުމުގެ އެންމެބޮޑު ބޭނުމަކީވެސް އެއީ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އަޅުގަނޑުމެންގެ ޢަޒުމަކަށް، އަމާޒަކަށް ބަދަލެއް ނާންނާނެ އިރާދަކުރެއްވިއްޔާ. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު މަދުވެގެން ދުވާލަކު މަދުވެގެން 14 ގަޑިއިރު މިކަމުގައި ނުހުއްޓި މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ ވިސްނުމެއްވެސް ކައްސާލައިގެން ނުދާނެ. އަޅުގަނޑުމެންގެ ޢަޒުމެއްވެސް ނުގުޑާނެ. އިރާދަކުރެއްވިއްޔާ. އަދި ހަމަ އަޅުގަނޑުމެން އަޅުގަނޑުމެންނާ އެކީގައި މިމަސައްކަތުގައި ތިބެންވެސް ބޭނުންވަނީ ޢަޒުމް ނުގުޑާ މީހުން. އެއްދުވަހު މިއަތަށް ގޮއްސައި، އަނެއް ދުވަހު އެއަތަށް ގޮއްސާ، އެހެންވާކަށް ބޭނުމެއް ނޫން.

އަޅުގަނޑު އިތުރަށް ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އިންތިޚާބު އަންނަން ފެށީމާ، ބައެއް އަމިއްލަ ފަރާތްތަކުން ގެނެސް، ހައިމާކެއް ބާއްވަފާނެ ގޮނޑުދޮށުގައި. އަޅުގަނޑު އަޑުއަހާފަ އޮތީ މިރަށުގައިވެސް ބާއްވާފައޭ އޮތީ. އެހެން ނަމަވެސް، މިއީ ހަމައެކަނި މިރަށެއް ނޫން. ދެންމެ ކުރީ އައި ރަށެއްގައި އެބަހުރި ފާޚާނާ ހޮޅިތަކެއް. އޭގެ ކުރީ ރަށުގައި އެބަހުރި އަނެއްކާވެސް ހައިމާކެއް. އަނެއް ރަށުގައި އެބަހުރި ހަމަ އަނެއް އެއްޗެއް. އަނެއް އެއްޗެއް. މިއިން އެއްވެސް އެއްޗަކީ ޙަޤީޤަތެއް ނޫން. ވަރަށްދެރަ ކަމެއް ދެން ވަނީވެސް. މިހާރު އަޅުގަނޑަށް މިޖެހެނީ މިތަނުގައި އެހެން މީހަކު ފަޅުގެ މަސައްކަތް ކޮށްދޭން ނިންމާފައި އޮއްވައި، ދެން ކޮބައިހެއްޔޭ؟ ސަރުކާރުން އަނެއްކާ އެޚަރަދު ކުރުމުގެ ބޭނުމަކީ. އެހެން ރަށެއްގައި ސަރުކާރުން އެޚަރަދު ކުރީމާ ހަމަ ރަނގަޅުވާނެއޭ. އެހެންވީމާ، އަޅުގަނޑުމެން އެހީ އޭނަ އެބައޮތްހެއްޔޭ ބޭންކް ގެރެންޓީއެއް ދީފައި، މިމަސައްކަތާ އެއްވަރަށް. މިމަސައްކަތަށް އެބަ ނަގާ ފަންސަވީސް މިލިއަން ރުފިޔާ. އެއަށް ބޭނުންވާ ބޭންކް ގެރެންޓީ. އަޅުގަނޑުމެން އެހެން މީހަކަށް، އެމް.ޓީ.ސީ.ސީ. އަށް ކޮންޓްރެކްޓް ދިނަސްވެސް އަދި އަމިއްލަ ކުންފުންޏަކަށް ސަރުކާރުން ކޮންޓްރެކްޓް ދިނަސްވެސް ސަރުކާރުން އެބަ ބޭނުންވޭ ބޭންކް ގެރެންޓީއެއް އެ ކޮންޓްރެކް އެކުންފުނި އަތުން. މިމަސައްކަތް ކުރާނެ ކަމުގެ ގެރެންޓީއެއް. އެ ނެތީހެއް ސަރުކާރަކުން ކޮންޓްރެކްޓެއް ކުރާކަށް ބޭނުމެއް ނޫން. މިހާރު އަޅުގަނޑު މިސާލަކަށް ސަރުކާރުން ހުއްޓާލީ މިރަށުގައި ކުރުން. އިންތިޚާބު ދިޔައީމާ އޭނާ ގެންދާނެ އެ އެތި. ގެންދާއިރުގައި މިތަނުގައި އަޅުގަނޑުމެން އޮންނާނީ ބަޖެޓުން އެބައި އުނިކޮށްފައި. އަޅުގަނޑުމެންގެ ޕްރޮގްރާމުން އެބައި އުނިކޮށްފައި. ދެން އެމަސައްކަތެއްވެސް ނުވާނެ. އެހެންވީމާ، މިތަން އަނެއްކާވެސް ފަހަތަށްދާނީ. އަސްލަމް ވިދާޅުވަނީ، ބޭންކް ގެރެންޓީއެއް ނެތޭ އޭނަގެއެއް. އެހެންވީމާ، އޭނާއަށް އެމަސައްކަތް ކުރެވޭނެ ކަމުގެ އެއްވެސް އިތުބާރެއް ނެތޭ. އަދި އެކުންފުންޏަކީވެސް އަޅުގަނޑުމެން ދަންނަ ކުންފުންޏެކޭ. އަދި އެ ގަންނާން މިއުޅޭ ގަނޑުވެސް ތަންކޮޅެއް ބޮޑަށް އަޅުގަނޑުމެން ދަންނަމޭ. އެއީ ކުޑަކޮށް އެކިގޮތްގޮތަށް އަޅުގަނޑުމެންގެ ޙަޔާތުގައިވެސް މީގެކުރީގައި ވިއްސަކަށް އަހަރު އުޅެލެވިފައި އޮތީމާ، އެއީ ކާކުތޯ، މިއީ ކާކުތޯ، އެގަންނަނީ ކޮން ގަނޑެއްތޯ އަޅުގަނޑުމެންނަށްވެސް އެނގޭ. ދެން އެލަނޑު ތިޔަބޭފުޅުންނަށް ރައްދުވާން ދެން ކޮންމެހެން އަޅުގަނޑު ހުންނާނެ ކަމެއް. އެހެންވީމާ، މިފަހަރު އަޅުގަނޑުމެން އެބަޖެހޭ، ހަމަ މި ވަރަށްގިނަ ރަށްރަށުގައި މިހާރު އެބަހުރި ހައިމާކްވެސް ހަމަ ބަހައްޓާފައި. ބައެއް ރަށްރަށުގައި ރަށް ވަށައިގެން ދުއްވާވެސްމެ. ބަނޑަށްލައިގެން. އަޅުގަނޑުމެންނަށް އަބަދުވެސް ހީވެފައި މިއޮންނަނީ ވަގުތީ ކުއްލި ފައިދާއެކޭ ކަންކަމުގައި ބޭނުންވަނީ. އޭރުން ނިމުނީއޭ. ޙަޤީޤަތަކީ ކަމެއް ކުރަންވީމާ، ކުރަން މިޖެހެނީ އެހެން ކަމެއް. އެ އަނެއް ކަންތައް ކުރަމުން ކުރަމުން އައިސް އަޅުގަނޑުމެން ބޭނުންވާ ކަންތައްވީމާ، ދެން އެކަން ހުންނާނީ ދެމެހެއްޓެނިވި ގޮތުގައި ވޭވެ. އެހެން ނޫނިއްޔާ މިވަނީ މި ވަގުތީ ކަމަކަށް.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި ފާގަތި މާދަމައެއް ކުނބުރުދުއަށާއި މިރަށު ހުރިހާ ރައްޔިތުންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ! والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________