بســم اللّـه الرّحمـن الرّحيــم

އޮމަދޫގެ ލޮބުވެތި ރައްޔިތުން،

السّـلام عليـكم

ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ވަރަށް ސާފު. ތިޔަބޭފުޅުންގެ ޙާލު އޮޅިފައެއް ނެތް. އެނގިވަޑައިގަންނަވާނެ، މިދިޔަ ދިގު ހަތަރު އަހަރު، ޚާއްޞަކޮށް، އަޅުގަނޑުމެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކޮށް، އެކިއެކި ގޮތްގޮތުން ރައްޔިތުންގެ އަޑު އަޅުގަނޑުމެން އެހީމު. އެ އެހި އަޑުތަކުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން އެކުލަވާލިން ތަޞައްވުރެއް، މަންޒަރެއް. އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަން ހިނގައިދާނެ ގޮތުގެ ސިޔާސަތެއް. މިދިޔަ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގެ ގޮތުގައި، އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހަޅަމުން ގެންދިޔައީ، މިދެންނެވި ސިޔާސަތު. މިއަދު އެ ސިޔާސަތުގެ މައިގަނޑު ނުކުތާތައް އަނެއްކާވެސް އަޅުގަނޑުމެން ހަމަ އެބަ ހަނދާންކޮށް ތަކުރާރު ކުރަންޖެހޭ. އެދުވަހު އަދި މިއަދުވެސް އަޅުގަނޑުމެން މިދެކެނީ، ރާއްޖޭގެ ރައްޔިތުންނަކީ ހާސްކަމުގައި ދިރިއުޅެންޖެހޭ ބަޔަކަށްވާނެ ކަމެއްނެތޭ. ދިވެހި ރައްޔިތުންނަށް ޙައްޤީ މިއަދު އެ ރައްޔިތުންނަށް އެލިބޭ މިންވަރެއް ނޫނޭ. މިރާއްޖެއަކީ އެއަށްވުރެ މާ ތަނަވަސް ޤުދުރަތީ ވަސީލަތްތައް ގިނަ ރާއްޖެއެކޭ. އަޅުގަނޑުމެންގެ ރައްޔިތުން ނުޖެހޭނެއޭ، ހާސްވެ ކަންބޮޑުވެ ފިކުރު ބޮޑުވެ ތިބޭކަށް. އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވިން، އެހެން ގޮތެއް އެބައޮތޭ. އެހެން ގޮތަކަށް މިކަން ކުރެވިދާނެއޭ. އަނެއް ދިވެހިރާއްޖެ، އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ހޯދިދާނެއޭ. ހާސްކަމެއް ނެތް ދިވެހިރާއްޖެއެއް. އެ ރާއްޖޭގައި ނުވަތަ އެގޮތަށް އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ފަސްކަމެއް ފާހަގަކުރިން. އޭގެ އިތުރު ކަންތައްތަކެއްވެސް އެބަހުރޭ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުންދަނީ، ރާއްޖޭގެ ތަރައްޤީއަށް، ހުރިހާ ރަށަކަށްވެސް މިހާރުން މިހާރަށް ބޭނުންވާ އަސާސީ ޚިދްމަތްތަކެއް އެބަވެއޭ. ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް އެއީ، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިހާރުން މިހާރަށް ދިނުމަށް ކޮންމެހެން ބޭނުންތެރި ޚިދްމަތެކޭ. އެ މައިބަދަ ރާއްޖޭގެ ރަށްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ނޭޅޭހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުލިބޭނެއޭ.

އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވިން. އަތްފޯރާފަށުގައި ބޯހިޔާވަހިކަން، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން. ޑްރަގްގެ ޝިކާރައިގައި ގެއްލި ތިބި ޒުވާނުންނަށް އެހީތެރިވެ، އެމީހުން އެބަލިން ސަލާމަތްކޮށް، މިރާއްޖެއަށް ޑްރަގް ވަންނަ ދޮރުތައް ބަންދުކުރުމަށް އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި މަސައްކަތް ކޮށްދޭނެކަމަށް އަޅުގަނޑުމެން ވަޢުދުވިން. އަޅުގަނޑުމެން ވަޢުދުވިން، ބޭސް ސިޓީއަށް ސަލާން ޖެހުން އެއީ، ދެން އަންނަ ސަރުކާރުގައި، އޭރުގައި އަޅުގަނޑުމެން ބުނިން، އަޅުގަނޑުމެންގެ ސަރުކާރުގައި ކުރަންޖެހޭނެ ކަމެއް ނޫނޭ. ތަކެއްޗާއި ޚިދްމަތުގެ އަގު އަތްފޯރާފަށުގައި ހުންނާނެއޭ. އަދި ޚާއްޞަކޮށް، އަޅުގަނޑުމެން ވަޢުދުވިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ރާއްޖޭގެ ރަށްތައް އެއީ، ދަތުރުފަތުރު ކުރުމުގެ ނިޒާމުން ގުޅާލެވި ލާމެހިފައިވާ ދިވެހިރާއްޖެއަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރާއްޖެ ހަދައިދޭނަމޭ.

އަޅުގަނޑުމެން އެދުވަހު އެވާހަކަތައް ދައްކަމުން ގެންދިޔައިރު، ފަހަރުގައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް، އެވާހަކަތައް އެގޮތަށް އަޑުއިވިފައި ނެތިދާނެ. މިއަދު އަޅުގަނޑު މިރަށަށް މިކުރާ ދަތުރަކީ، އެސިޔާސަތުތައް ތަންފީޒުވަމުންދާއިރުގައި ތިޔަބޭފުޅުންނަށް އޮތީ ކޯއްޗެއްތޯއޭ؟ ތިމަންނާއަށް އޮތީ ކޯއްޗެއްހޭ؟ ތިމަންނާގެ ގެއަށް، ތިމަންނާގެ ޢާއިލާއަށް، ތިމަންނާގެ ރަށަށް އޮތީ ކޯއްޗެއްތޯއޭ؟ އަޅުގަނޑުމެންނަށް، ސަރުކާރަށް ވިސްނުނީ މިހިނދުގައި ރައްޔިތުންނަށް ސާފުވާން އެބަޖެހެއޭ، ސަރުކާރުގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ޚާއްޞަ ވަކި ރަށްރަށަށް، އެ ސިޔާސަތުގެ ސަބަބުން ވެގެންދާނެގޮތް.

ސަރުކާރުން ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާނެ، 7 ކުންފުނި. އެއީ، ކޮންމެ ޕްރޮވިންސަކަށް އުފައްދާފައިވާ ކުންފުނި. އެއިން ކޮންމެ ކުންފުންޏެއްގެވެސް މައިގަނޑު މަސައްކަތަކީ، އެ ކުންފުންޏެއް ނިސްބަތްވާ ސަރަޙައްދަކަށް ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދިނުން. އެކަން ކުރުމަށް އެކުންފުންޏަށް ސަރުކާރުން މިދެނީ ބިން. ދިވެހިރާއްޖޭގެ ބިމަކީ އަގުބޮޑު އެއްޗެއް. ދިގު މުއްދަތުގައި އެ ބިން ޓުއަރިޒަމްގެ މަސައްކަތަށް ދޫކުރީމާ، އެތައްއެތައް މިލިއަން ޑޮލަރެއް ފައިދާވާކަން އަޅުގަނޑުމެންނަށް މިއަދު ޔަޤީން. މީގެ ދުވަސްކޮޅެއް ކުރީގައިވެސް އަޅުގަނޑުމެން ހީކުރީ ރާއްޖޭގެ ގޮނޑުދޮށްތައް ރަނގަޅީ ހަމައެކަނި ވައްލަ ބިސް އަޅާށޭ. މިއަދު އަޅުގަނޑުމެންނަށް މިއެނގެނީ، ޔޫރަޕްގެ މާކެޓްތަކާ ދަތުރުފަތުރުން އެ ގޮނޑުދޮށްތައް ގުޅާލެވުނީމާ، އެއީ ޙަޤީޤަތުގައި ރަންބިސްއަޅާ ކުކުޅުކަން. ކުންފުނިތަކަށް މިދަންނަވާ މުއްސަނދިކަން ފޯރުކޮށްދީފިން ސަރުކާރުން. ދެން އެކުންފުނިތަކުން ވާހަކަ ދައްކަން ފެށީ މިސާލަކަށް، މިއަތޮޅުގައި މިވާ ރިޒޯޓްތަކުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުންވެސް، އުފެއްދުންވެސް މި ކުންފުނިތަކާ ޙަވާލުކުރާނީއޭ. ސަރުކާރުން ވާހަކަ ދެއްކީ، އެ ރިޒޯޓުތަކުގެ ވެރިން ބޭނުންވާ ކަންތައްތައްވެސް ނުވަތަ އެ ވެރިންނަށް ބޭނުންވާނެ ނުވަތަ އެ ވެރިންނަށް ބޭނުންކުރެވޭނެ ބިމާއި އެހެނިހެން މުއްސަނދިކަމާއި ފަސޭހަކަން ސަރުކާރުން އެމީހުންނަށް ކޮށްދޭގޮތަށް، އެ ރިޒޯޓުތަކުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތްވެސް މިކުންފުންޏަށް ފުރޮޅާލުމަށް. އެއަށްފަހު، ސަރުކާރުން މިހާރު މިފަށަނީ ރަށްރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމުގެ ލައިސަންސް އެކުންފުންޏަށް ދިނުމަށް. އޭރުން އެކުންފުނީގައި އެމަސައްކަތް ވިޔަފާރީގެ ގޮތުން ކުރުމަށް އެކަށީގެންވާ ޢަދަދުތަކެއް ލިބިގެންދޭ. މިރަށުގެ ނަރުދަމާވެސް އަދި މިތާ ކައިރީގައި އޮންނަ ރިޒޯޓެއްގެ ނަރުދަމާވެސް، ފެންވެސް، ކަރަންޓްވެސް އެއް ކުންފުންޏަކުން ހިންގީމާ، އެކުންފުންޏަށް އެކަމުގައި ފައިދާވޭ.

މިގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް، ސަރުކާރަށް އެފަރާތްތަކުގެ ޝައުޤުވެރިކަން ހާމަކުރުމަށް، މީގެ ދެމަސް ދުވަސް ކުރިން ސަރުކާރުން އެދުނީމާ، ބައިނަލްއަޤްވާމީ ބޮޑެތި 8 ކުންފުނި އެބަވޭ ޝައުޤުވެރިކަން ހާމަކޮށްފައި. ސަރުކާރަށް މިހާރު އޮތީ، އޭގެތެރެއިން އެންމެ ރަނގަޅު ކުންފުންޏެއް ހޯދައި، އެ ކުންފުންޏަކާ މަސައްކަތް ޙަވާލުކުރަންވެފައި. މި ޓެންޑަރ މުއްދަތު ހަމަވާނެ، މެއި މަހުގެ 15 ގައި. މިއަދުވެސް އެކަން ބެލުމަށްޓަކައި އެކިއެކި ޤައުމުތަކުން ކުންފުނިތައް އައިސް ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް އެބަހަދާ. އަދި އެމީހުން ބޭނުންވާ މަޢްލޫމާތު ސަރުކާރުން ހޯދަމުން އެބަދޭ. އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ، އަޅުގަނޑުމެން މިހާރު ލަފާ މިކުރަނީ، ޖުލައި މަހުގެ ތެރޭގައި، އެ ކުންފުނިތަކަށް ކޮންޓްރެކްޓް ދެވޭނެއޭ. އިރާދަކުރެއްވިއްޔާ، އޯގަސްޓް މަހުގައި މިރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް، އެކަށީގެންވާ ގޮތެއްގައި އެއްކުންފުންޏެއްގެ ދަށުން ދިނުމުގެ ޢަމަލީ މަސައްކަތް ފަށައިގަނެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިރަށަށް ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދޭނަން.
ސަރުކާރުން ދުށީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް ވަރަށްބޮޑު އެހެން މައްސަލައަކީ ބޯހިޔާވަހިކަމޭ. އަޅުގަނޑު ކިޔާދޭކަށެއް ނުޖެހޭނެ. ތިޔައިގެތެރެއިން، އަލަތު ކައިވެންޏާއެކީގައި ރިޒޯޓެއްގައި ނުވަތަ ފާނަ ދޯންޏެއްގައި ނުވަތަ ކަންނެލި އޮޑިއެއްގައި ދުވަސްކޮޅަކު މަސައްކަތްކޮށް، ފަހަރެއްގައި ދެއަހަރެއްވެލީމާ އައިސް ގާކޮޅު އަޅާލަފާނެ. ދެން އަންނަ އަހަރު ފައުންޑޭޝަން ދަމާލަފާނެ. އަނެއް އަހަރު ފާރުތައް ރާނާލެވިދާނެ. އަނެއް ރޯދައަށް ފަހަރެއްގައި ހިޔާކޮށްލެވިދާނެ. ދެން އަންނަ ރޯދައަކަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަނެއް ރޯދައަށް ފާޚާނާއެއް ބެހެއްޓިދާނެ. ގެއެއް އަޅައި ނިމޭއިރުގައި، އަޅުގަނޑުމެން އާދައިގެ މީހެއްގެ ޢުމުރު މިހުންނަނީ ދެބައިވެފައި. އަދި އަޅާ ގެއެއްގެ އަގު މިހުންނަނީ ޢާންމުކޮށް އެފަދަ ގެއަކަށްދާ ޚަރަދަށްވުރެ ދެގުނަ ބޮޑުކޮށް. ތިން ކޮޓަރީގެ ގެއެއް މިއިން ރަށެއްގައި ޢާންމު ގޮތެއްގައި ފަސްލައްކަ ރުފިޔާއަށް އެޅޭނީ. ހަލައްކަ ރުފިޔާއަށް އެޅޭނީ. ތިޔަބޭފުޅުންގެ ތެރެއިން ގެ އަޅުއްވާފައި ތިއްބެވި ގިނަ ބޭފުޅުން އެކަން ކުރައްވާފައި ހުންނާނީ، މަދުވެގެން މިލިއަނެއް، ދޮޅު މިލިއަނެއްހާ ރުފިޔާއަށް. އެކަން އެޚަރަދު ކުރުމަށް މަދުވެގެން ދިހަ ބާރަ އަހަރު ނަގާފައި އޮންނާނެ. އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދުން ގެއްލޭ ބައިތައް. ތިޔަބޭފުޅުންގެ ޖީބުން މިފަހަރު މިދިޔައީ. އެހެންނަމަވެސް، އެއީ ޖުމްލަކޮށް މި ރާއްޖޭގެ އިޤްތިޞާދުން ގެއްލޭ ފައިސާ.

ސަރުކާރުން މިނިންމަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަހަރުގެ ތެރޭގައި، ދިހަހާސް ގެ އަޅަން ފެށުމަށް. އެކަން ކުރުމަށްވެސް ސަރުކާރުން މިބޭނުންކުރަނީ، އަޅުގަނޑުމެންގެ އަގުބޮޑު ބިން. ސަރުކާރުން އިޢްލާނުކުރީ، އެއްހާސް މުއްސަނދިންގެ ބޮޑެތި ތިރީސް ހާސް އަކަފޫޓްގެ ބިން، ދިގު މުއްދަތަށް ބައިނަލްއަޤްވާމީ މާރުކޭޓަށް ޓުއަރިޒަމްގެ ގޮތުގައިވެސް ބޭނުންކުރަން. މީގެ އެއްހާސް ބިން، ދިވެހި ސަރުކާރުން ލިބެން އެބައޮތޭ. ޝަރުޠަކީ ދިހަހާސް ގެ ރާއްޖޭގެ ރަށްރަށުގައި އެޅުމޭ. މިގޮތަށް އަޅުގަނޑުމެން އިޢްލާނު ކުރީމާ، އެކަމަށް ޝައުޤުވެރިވާ 14 ކުންފުނިން އެބައޮތް ޝައުޤުވެރިކަން ހާމަކޮށްފައި. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން ކަމަށް އެންމެ އެކަށީގެންވާ ބައެއް ހޯދައި، އެބަޔަކަށް އެ ކޮންޓްރެކްޓް ޙަވާލު ކުރުމުގެ މަސައްކަތް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި އޯގަސްޓް މަހުގެ ތެރޭގައި މިރަށުގައި ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ލިބޭ ގެ ތިޔަބޭފުޅުންނަށް އަޅައިދޭން ފަށްޓާނަން. އެއީ، އަޅުގަނޑުމެންގެ ވަޢުދެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ ވަޢުދު ފުއްދާނަން.

ޤައުމެއް ތަރައްޤީވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް ކުރީމާ. ވިޔަފާރި ކުރިއަރައިގެން ނޫނިއްޔާ ތަރައްޤީއެއް ނުލިބޭނެ. ވިޔަފާރިއަކީ މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވުން. ރާއްޖޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމުނުވާހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް މި ރާއްޖެއަކަށް ނުލިބޭނެ. އެހެންވީމާ، ސަރުކާރުން ވަޢުދުވަނީ ރައްޔިތުންނަށް މި އޮމަދޫން ފުރައިގެން ކޮންމެ ދުވަހަކުވެސް މާލެ ދެވޭނެ އަދި އަތޮޅުތެރޭ އެހެން ރަށްރަށަށްވެސް ދެވޭނެ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު ފެންނަ ގޮތުގައި، އޯގަސްޓް މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަންވާނެ. މިކަމުގައިވެސް އަޅުގަނޑުމެން ހަމަ މިބޭނުންކުރަނީ، އެމަސައްކަތް ކުރާ ފަރާތްތަކަށް ގެސްޓްހައުސް ހެދުމަށް ބިން ދޫކުރަނީ. އެބިމުގެ ބޭނުމުގައި ކުންފުނިތަކުން މިތިބީ މިކަން ކުރަން ޝައުޤުވެރިވެ ތައްޔާރަށް.

މިދިޔަ ހަމަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ސަރުކާރު ހިންގަމުން އައި އެންމެބޮޑު ކަމަކީ މިދެންނެވީ. މިކަންކަން ހިންގުމަށް ބޭނުންވާނެ ތަފްޞީލު، މިކަންކަން ހިންގުމަށް ބޭނުންވާނެ ތަރުތީބު ހަމަޖެއްސުން. އަޅުގަނޑަށްވެސް ދަންނަވަންތޯ، އިންތިޚާބު ގާތްވީމާ މިތަނަށް ހޮޅިތަކެއް އަޅާލެވިދާނެ. އިންތިޚާބު ގާތްވީމާ، މިދެތަނުގައި ދެ ފައުންޑޭޝަނެއްވެސް އަޅުގަނޑަށްވެސް އަޅާލެވިދާނެ. އަދި އަޅުގަނޑަށް އަޅުގަނޑުގެ ގާތްތިމާގެ ދެމީހެއް ކައިރީގައި ރުފިޔާކޮޅެއް ހިފައިގެން އައިސް މިރަށަށް ބަހާލާށޭވެސް ހަމަ ބުނެވިދާނެ. ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާލެވިދާނެ. ތިޔަބޭފުޅުންނަށް ދަޅައެއް އަޅުގަނޑުމެންނަށް ދައްކާލެވިދާނެ. އެހެންނަމަވެސް، އެއިގެނެއް ރާއްޖެއަށް މިބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ. އަޅުގަނޑުމެން މިޙާލުގައި މިއަދު މިތިބެނީވެސް ކޮންމެ ފަހަރަކު ކޮންމެ އިންތިޚާބަކާ ދިމާކޮށް މިބާވަތުގެ ދެއުޅިއެއްނުވާ ކަންތައްތައް އަޅުގަނޑުމެން ކުރަމުން އަންނާތީ. ރޭވުމެއް ނެތް. ކަމެއް ކުރަން ނިންމާއިރުގައި އެކަމާ ގުޅޭ ފައިސާއެއް ނެތް. އެކަން ކުރެވޭނެ ގޮތެއްވެސް ނެތް. އެހެންވީމާ، ބޭނުން ދިޔައީމާ އެއީ މިވަގުތުވެއްޖިއްޔާ ގޮނޑި. އެ ލިބުނީމާ ބޭނުން ދިޔައީ. ސަރުކާރަކުން ރާވައިގެން، ވިސްނައިގެން ދިގު މުއްދަތަށް ހިންގާ ކަންތައްތައް ހިންގީމާ ނޫނިއްޔާ އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑުމެންގެ ރޭވުންތައް ނުވަތަ މަޝްރޫޢުތައް ރޭވިފައި ހުންނާނީ، އެންމެފަހުގެ އަކުރަށް ދަންދެން އޭގައި ހިސާބު ޖެހިގެން. އަޅުގަނޑެއް އައިސް މިއަދު ތިޔަބޭފުޅުންނަކަށް އެވެނި ކަމެއް މިވެނި ކަމެއް މާދަމާ ކުރަން ތިޔަބޭފުޅުން އަޅުގަނޑުމެން ކައިރީގައި ވިދާޅުވިނަމަވެސް، އެއީ ބުއްދިވެރި ކަމެއް ނޫން. ކަމެއް ކުރާންވީމާ، މިކުރަންޖެހެނީ އެކަމެއް ނޫން. އެހެން ކަމެއް. އަނެއް ކަންތައް ކުރަމުން ކުރަމުން އައިސް، އަޅުގަނޑުމެން އެދޭ ކަންތައްވީމާ، ދެން އެކަން ވޭވެ މިހުންނަނީ ދެމެހެއްޓެނިވި ގޮތުގައި.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް މި ސަރުކާރު ދެމި މިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދުމަށް. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ހަމަގައިމުވެސް މިސަރުކާރުގެ މުވައްޒަފުން، ހަމަކަށަވަރުންވެސް އަޅުގަނޑު މަދުވެގެން ދުވާލެއްގެ މައްޗަށް 14 ގަޑިއިރު ތިޔަބޭފުޅުންގެ ޚިދްމަތުގައި މަސައްކަތް ކުރާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރުބައްޔެއްވެސް ނުވާނެ. އަޅުގަނޑުގެ ޢަޒުމަކަށްވެސް، އަޅުގަނޑުގެ މީޒާނަކަށްވެސް، އަޅުގަނޑުގެ މަޤްޞަދަކަށްވެސް އިރާދަކުރެއްވިއްޔާ ބަދަލެއް ނާންނާނެ.

އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނަގާފައި ބާއްވަންވީ ވަރަށް މުހިންމު ޙަޤީޤަތެއް. މި ރާއްޖެއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، މިޤައުމަށް ވަންނަ ކޮންމެ ރުފިޔާއަކީވެސް، މި ސަރުކާރަށް ލިބޭ ހުރިހާ އެއްޗަކީވެސް ޙަޤީޤަތުގައި ތިޔަބޭފުޅުންގެ މުއްސަނދިކަމޭ. ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ ޙަވާލުވެފައި މިވަނީ އަމާނާތްތެރިކަމާ އެކީގައި އެފައިސާ ބެލެހެއްޓުން. ހަމަހަމަކަންމަތީގައި ރައްޔިތުންގެ ތަރައްޤީއަށް އެފައިސާ ޚަރަދުކުރުން. އަޅުގަނޑުމެންނަކަށް އެފައިސާއަކަށް ޚިޔާނާތްތެރިއެއްނުވެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަޒީރަކަށްވިޔަސް، ނައިބަކަށްވިޔަސް، އަދި އެހެން ބޭފުޅަކަށްވިޔަސްވެސް، ކޮރަޕްޝަންގެ ކިރިޔާވެސް ޝައްކެއް، ތުހުމަތެއް ކުރެވިއްޖިއްޔާ، ތަޙުޤީޤު ކުރެވޭނެ. ޝަރީޢަތް ކުރެވޭނެ. ޙައްޤު އަދަބު ދެވޭނެ. އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ފައިސާއަކު ނުޖެހޭނެ.

އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. އަޅުގަނޑު މިދެންނެވިހެން، ޢާންމު އުޞޫލެއްގެ ގޮތުން އަބަދު އަޅުގަނޑު މިއަންނަނީކީއެއް ތިޔަބޭފުޅުންގެ ހާލު ބަލާކަށް ނޫން ޚާއްޞަކޮށް. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ ހާލު. މިއަދަކު މިދިޔަ ހަމަސްދުވަހާ ހާލު ތަފާތުވާންވީ މާބޮޑު ސަބަބެއް ނެތެއް ނޫންތޯ. އަޅުގަނޑަށް މިރާއްޖޭގެ ކަންކޮޅުތަކަށް، އަޅުގަނޑަށް އޮމަދުއަށް އާދެވުނު މިދިޔަ އިންތިޚާބުގެ ދެފަހަރުވެސް ނާދެވިދިޔައީ. އެހެންވެ މިފަހަރު އަޅުގަނޑު މިއައީ. އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން އެކުލަވާލާފައިވާނީ، ތިޔަބޭފުޅުންގެ އަޑު އަޅުގަނޑުމެން އަހާފައި. އަޅުގަނޑުމެންނަށް ވިސްނުނު، ރާއްޖޭގެ ރައްޔިތުންނަށް މައިގަނޑު ކަންތައްތަކެއް އެބަ އުނިވެއޭ. އެ މައިގަނޑުތައް ފުރިހަމަކުރެވުނީމާ، ދެން ތަރައްޤީއަށް ބޭނުންވާ ކަންކަމަށް މަގުފަހިވެގެންދާނެ.

އަޅުގަނޑުމެންނަށް އެންމެބޮޑަށް ގަބޫލުކުރެވުނު އެއްކަމަކީ، ޢާންމު ޚިދްމަތަށް ބަލާއިރު، މިރާއްޖެއަށް މިއަދު ލިބިފައިމިވާ މުއްސަނދިކަމެއް، ލިބިފައިމިވާ ތަރައްޤީއެއް ޙަޤީޤަތުގައި ލިބިފައި މިއޮތީ، މިއަދު ޢުމުރުން 65 އަހަރުން މަތީގެ މީހުން ގިނަގުނަ މަސައްކަތްތަކެއް، އެމީހުންގެ ޒުވާން ދައުރުގައި ކުރީތީވެ. މިރަށުގެވެސް އޭގެ ބައެއް މީހުން އަޅުގަނޑު ދަންނަން. މަސައްކަތުގައި އުޅެނިކޮށްވެސް އަޅުގަނޑު ދެކެން. އެމީހުން ގާ ނެގީތީވެ، އެމީހުން ވެލި ނެގީތީވެ، އެމީހުން މަހަށް ދިޔައީތީވެ، އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ، އެމީހުން ރިޒޯޓް ހެދީތީވެ، އަޅުގަނޑުމެންނަށް ލިބިގެން މިއުޅޭ މުއްސަނދިކަމެއް ލިބިގެން މިއުޅެނީ. މިއަދު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޕެންޝަން ޙައްޤީ ކޮންބައެއްތޯ އަޅުގަނޑުމެން ބަލާއިރު، އަޅުގަނޑަށް ހަމަގައިމުވެސް ނުދެކެން، އެ ޕެންޝަން ޙައްޤީ، މިދިޔަ ދިގު ތިރީސް އަހަރު އެފައިސާ ބަލައިގަންނަން ސަރުކާރު އޮފީސްތަކުގެ މޭޒުތައްދޮށުގައި ތިއްބެވި ބޭފުޅުންނަށް އެކަންޏެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަށްވިޔަސް، ފިރިހެނަކަށްވިޔަސް ދެހާސް ރުފިޔާގެ ޕެންޝަނެއް މިއަރުވަނީ. އަޅުގަނޑުމެންނަށް އެނގޭ، އަތްމަތި ދަތިކަން. އަޅުގަނޑުމެންނަށް އެނގޭ މަސްވެރިކަންވެސް ދަށްކަން. ރިޒޯޓުން ލިބޭ އެއްޗެއްވެސް ކުޑަކަން. އަޅުގަނޑުމެންނަށް ވިސްނޭ. މިބަދަލު އަޅުގަނޑުމެން އެހެންވީމާ އެބަ ގެންނަންޖެހޭ. އަޅުގަނޑުމެން މިއުންމީދުކުރާ އަނެއްގޮތް، އެހެން ބަސްތަކަކުން އަޅުގަނޑުމެން މިބުނަނީ، އެހެން ދިވެހިރާއްޖެއެކޭ. އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންގެ ހިތްތަކަށް ސިފަކޮށް، އަޅުގަނޑުމެންގެ މުސްތަޤްބަލަށް އެބަ އަމާޒުކުރަންޖެހޭ.

ރާއްޖޭގައި މިހާރު ޢަމަލު ކުރެވެމުން މިދަނީ އިޞްލާޙު ކުރެވިފައި އޮތް ޤާނޫނުއަސާސީއެއް. އެ ޤާނޫނުއަސާސީގެ ދަށުން އަޅުގަނޑުމެންގެ ސިޔާސަތު ހިންގުމަށް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ ޙިއްޞާ ބޭނުން. އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން، މިދިޔަ ދިގު ތިރީސް އަހަރު އެމަޖިލީހުގައި މި އެންމެ ކަންކަމަށް ހުރަސް އަޅަން ތިއްބެވި ބޭފުޅުން، ވޯޓު ނުދެއްވާ ތިއްބެވި ބޭފުޅުން، މާދަމާ މިކަންކަމުގައި އަޅުގަނޑުމެންނާ ބައިވެރިވެގެން ނުކުމެ، އެކަން ކުރަން އުޅެދާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ. އަޅުގަނޑުވެސް ރައްޔިތުންގެ މަޖިލީހުގައި ވަކި ފަރުދެއްގެ ގޮތުގައި އިނީމޭ އިނގޭތޯ. މާލޭ މެންބަރެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ވިސްނުނީ، ހަމަގައިމުވެސް އަޅުގަނޑަށް ވިސްނުނީ، ސިޔާސީ ޕާޓީއެއްގެ އޮނިގަނޑުގެ ތެރޭގައި އިންތިޒާމުވެގެން ނޫނިއްޔާ، މިމަޖިލީހުގައި އެއްވެސް ކަމެއް ކުރެވޭކަށްނެތޭ. އަޅުގަނޑަކަށް ނުކޮށްދެވުނު މާލޭ ރައްޔިތުންނަކަށް އެއްކަމެއްވެސް އެމަޖިލީހުގައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުން، މި އޮމަދުއަކަށްވެސް ޕާޓީއަކަށް ނިސްބަތްނުވެ މަޖިލީހުގެ މެންބަރަކަށް ކޮށްދެވޭނެ ކަންތައްތައް ވަރަށް މަދުވާނެ. އެންމެ މެންބަރަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. އެހެނެއް ނޫން. ސިޔާސީ ނިޒާމެއްގެ ތެރޭގައި، ޕާޓީތަކުގެ ތެރޭގައި، ޕާޓީއެއްގެ ތެރެއިން ނުކުތީމާ، މިރަށުގެ ކަންކަމަށް ވާގިވެރިވެވޭނޭ އެހެން މެންބަރުން ތިބޭނެ. ތަކަންދޫ، އިހަވަންދޫ މެންބަރުވެސް. ނަޑެއްލާ، މާތޮޑާ މެންބަރުވެސް. އެއީ، އެއްޕާޓީއަކުން ކަމަށްވަނީވިއްޔާ، ރަށް އޮންނާނީ ހަމަ މިރަށަށް. ވަކާލާތު ކުރެވޭނެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ، ވެރިކަން، ހެޔޮވެރިކަން ކުރުމަށް އިންސާނީ ތަޖުރިބާ ދައްކާފައި އޮތް އެންމެ ރަނގަޅު ނިޒާމު. އެ އަޅުގަނޑުމެން އޮޅުވާލާނެ ކަމެއް ނެތް. މިއަދު އަޅުގަނޑުމެންގެ ވާޖިބެއް، އެނިޒާމު ތަރައްޤީ ކުރުމަކީ. އަޅުގަނޑު އާދޭހާއެކު ތިޔަބޭފުޅުންގެ އަރިހު ދަންނަވަން. އަޅުގަނޑުމެންގެ މިވަޢުދުތައް ފުއްދުމަށްޓަކައި އަޅުގަނޑުމެން ބޭނުން، އަޅުގަނޑުމެން ފިކުރުގެ މެންބަރުން.

އަޅުގަނޑު މިވާހަކަ ދެއްކުން ހަމަ ވަރަށް ރަނގަޅު. ގަބޫލުފުޅު ކުރައްވާ، އަޅުގަނޑަކީ ފުރަތަމަފަހަރަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން، އެއީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްގެން، ތިޔަބޭފުޅުން ވޯޓު ދެއްވީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކޮށް ހުރި މީހެއް. އަޅުގަނޑު ނޫން ކާކުތޯ ދެން ހުންނާނީ، އަޅުގަނޑުގެ ޕާޓީގެ ވާހަކަ ދައްކަން. އަޅުގަނޑުގެ މެންބަރުންގެ ވާހަކަ ދައްކަން. ދާދި އިހަކަށްދުވަހަކު މިއަދާ ހަމައަށްވެސް މިދިޔަ ދިގު ތިރީސް އަހަރު އަބަދު އަބަދުމެ އަޅުގަނޑުމެންނަށް އިވެމުން އައި އަޑަކީ، ރާއްޖެ ތަރައްޤީ ކުރަން، އިދާރީ ހިންގުން ހިންގަން އެންމެ ރަނގަޅު ގޮތަކީ، ލާމަރްކަޒީ އުޞޫލުން އެކަން ކުރުމޭ. ވިހިވިހީގެ ތަޞައްވުރުގައިވެސް ބޮޑު އަކުރުން ލިޔުނީ އެވާހަކަ. ޤާނޫނުއަސާސީގެ ބާބެއް ފުރާވެސް އަޅުގަނޑުމެން ލިޔުނީ އެވާހަކަ. އެހެންނަމަވެސް، ކިހިނެއްތޯވީ މަޖިލީހަށް ބިލް އަޅުގަނޑުމެން ހުށަހެޅީމާ. މަޖިލީހަށް ބިލް އަޅުގަނޑުމެން ހުށަހެޅީމާ، ވާދަވެރި ސިޔާސީ ޕާޓީތަކުން ހަމަ އެންމެ ވޯޓެއްވެސް އެއަށް ނުދިނީ. އަޅުގަނޑުމެންނަށް އެ ބިލް މަޖިލީހުގެ ތެރެއަށް އެތެރެކުރެވުނީ ހަމަ އެންމެ ވޯޓަކުން. އެންމެ ވޯޓަކުން. އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި މަޖިލީހުގެ އަޣްލަބިއްޔަތާއި މަޖިލީހުގެ ރުހުން ލިބެންޖެހޭނެއޭ. ސަރުކާރަށް އެރުހުން ނުލިބޭހާ ހިނދަކު އަޅުގަނޑަކަށް، އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑުމެންނަށް އުނދަގޫވާނެއޭ ވަޢުދު ފުއްދަން. ނަރުދަމާ އެޅެން އެބައޮތް. ނަރުދަމާ އެޅޭނީ ނަރުދަމާ އެޅުމުގެ ވިސްނުމުގައި ރައްޔިތުންގެ މަޖިލިސްވެސް ޙަރަކާތްތެރިވީމާ. އެމަޖިލީހެއް މާޒީ ފޮރުވަން އުޅޭ ބަޔަކަށް އެ ޙަރަކާތެރިއެއް ނުވެވޭނެ.

އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓް ރުޤިއްޔާ މުޙަންމަދު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން އެދެން، އެކާމިޔާބު އަޅުގަނޑުމެންނަށް ލިބުން. އެއީ، އަޅުގަނޑު ނުދެކެން މިއަދު އަޅުގަނޑު ހަމަ ދެއްކުން ލާޒިމުވާ ކަމެއް. މިޤާނޫނުއަސާސީގެ ރޫޙުވެސް، މި ޤާނޫނުއަސާސީގެ ނަކަލުވެސް، ބަސްތައްވެސް ވަރަށް ޞަރީޙަބަހުން ފާޅުކުރާ ކަމެއް. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ހޯދޭނީ، ޙިކްމަތްތެރިކަމާއެކީގައި، ވިސްނުންތެރިކަމާއެކީގައި މަސައްކަތް ކޮށްގެން. އަޅުގަނޑު އަބަދުވެސް އެދެން. ތިޔަބޭފުޅުންގެ ވިސްނުން މިރަށުގެ ގޮނޑުދޮށުން، މިއަތޮޅުގެ ދުނިން އަދި މިރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ނެރުއްވަހަރޭ. ފުޅާކުރައްވަހަރޭ. ވިސްނަވައިގެންނޭ އަޅުގަނޑުމެން މިބޭނުންވާ ކަންކަން އަޅުގަނޑުމެންނަށްވާނީ.

އަޅުގަނޑަށް ޔަޤީން. އަޅުގަނޑަށް އެނގޭނެ ތިޔަބޭފުޅުން ތިދެއްވި މިރަށަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމުގެ ލިސްޓް. މާކުރިއްސުރެ ފަށައިގެންވެސް އަޅުގަނޑުމެންގެ އަތުގައި އެލިސްޓް އޮވޭ. ބޯފެން. ބަނދަރު. ރަށްގިރާ މައްސަލަ. މިކަންކަމަކީ އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވެފައި ހުރި ކަންތައްތައް. ޒުވާނުންނަށް ބޭނުންވާ ބޯޅަދަނޑުގެ މައްސަލަ. މިކަންކަން ކުރުމަށް ސީދާ އެކަމެއް ނޫނޭ އަޅުގަނޑުމެން މިދަންނަވަނީ ކުރަންވީކީ. ކިހިނެއްތޯ ބައެއް ރަށްރަށުގައި ކަރަންޓް ޔުނިޓެއް އެބަހުރޭ، ހަތް ރުފިޔާއިން އަށްރުފިޔާއިން. އެތަންތަނުގެ މަދަރުސާއަށް ސަރުކާރުން ދީފައި އޮންނަ ބަޖެޓުގެ ބޮޑު ބައެއް ޚަރަދުވަނީ، ކަރަންޓް ފީއަށް. ހެލްތް ސެންޓަރަށް ދީފައި އޮންނަ ބަޖެޓުގެ ބޮޑުބައެއް ޚަރަދުވަނީ ކަރަންޓް ފީއަށް. ކިހިނެއްތޯ ތަރައްޤީގެ މަސައްކަތެއް ހިންގާނީ. ވަޑާން ކުރިޔަސް ދާނެ ކަރަންޓް. އަދި ކީއްވެގެންތޯ، އަންހެން ބޭފުޅުންނަށް ކަރަންޓް އިސްތިރިން އިސްތިރި ނުކުރެވޭންވީ ވަކި އޮމަދޫގައި. ދޮންނަ މެޝިން ނުޖެއްސޭންވީ ވަކި އޮމަދޫގައި. ޓީ.ވީ ނުޖެއްސޭންވީ. އަދި އަވަންވެސް ނުޖެއްސޭންވީ ކީއްވެތޯ އޮމަދޫގައި. ހަމަ އެކަރަންޓް ބޭނުންކުރެވެން ޖެހޭނެއޭ.

އަޅުގަނޑުމެން މިދަންނަވަނީ ކުރެވެންވެސް އެބައޮތޭ. އަޅުގަނޑުމެންނަށް އެހެން ގޮތެއް ހޯދިދާނެއޭ. އަޅުގަނޑު ހަމަ ވަރަށް އާދޭހާއެކު، އިޚްލާޞްތެރިކަމާއެކު މިކަންކަން ކުރުމަށް ތިޔަބޭފުޅުންގެ ކިބައިން ޙަޤީޤަތުގައި ބޭނުންވަނީ، އެންމެ ކަމެއް. އެއީ، އުންމީދު ނަގާނުލެއްވުން. އަޅުގަނޑުމެންނާއެކީގައި މި އުންމީދު ކުރައްވަމުން ގެންދެވުން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަންޒަރު ވަރަށްސާފު. އަދި އެމަންޒަރު ޙަޤީޤަތަކަށް ހެދުމަށް ކޮށަން އޮތް މަގުވެސް ހަމަ އެހާމެ ސާފު. އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ. އެހެންނަމަވެސް، ހަމަ ތަކުރާރުކޮށް ދަންނަވާނަން އިނގޭތޯ، މިރާއްޖޭގެ ވަކި ފަރުދަކަށް، ކިތަންމެ ބޮޑު މުއްސަންޖަކަށްވިޔަސް، މިރަށްރަށުގެ ކަންކަމެއް ނުކުރެވޭނެ، ނުކޮށްދެވޭނެ، ދެމެހެއްޓެނެވި ގޮތެއްގައެއް. އަޅުގަނޑުވެސް މިއީ އޭގެ މީހެކޭ. ހަމަ މިރަށްރަށަށް ބައެއްފަހަރަށް ޖަނަރޭޓަރެއް ފޮނުވައި، އެއީ ކައިރީގައި އުޅޭ މީހަކު، އޭނާގެ ޢާއިލާގެ ވާހަކަ ދައްކާއިރު އަދި ރަށުގެ ވާހަކަ ދައްކާ. އަދި އޭނާގެ ޢާއިލާގެ މީހުންނާއި، އޭނާގެ ރަށުގެ މީހުން ކިތަންމެ ވިޔަފާރިވެރިއެއް ކައިރީގައި މަސައްކަތް ކުރޭ. ދެން ރަށްރަށް ބޮޑުވީމާ ކޮންމެވެސް އެއްޗެއް ދެނީ. އޭގައެއް ނެތް ދުރު ވިސްނުމެއް. އޭގައެއް ނެތް ޕްލޭނެއް. ހަމަ އަޅުގަނޑު މިރަށަށް އައިއިރުގައި އަޅުގަނޑަށް މިފެންނަ ހޮޅިތައް އެއީ އޭގެ ލާމަސީލު މިސާލެއް. ރަށްރަށުގައި އެބަހުރި ހައިމާކާއި، ކޮންނަ ސާމާނާއި މިބާވަތުގެ ކިތަންމެ އެއްޗެއް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންވެގެން ގެންގޮސް ގަޑިގަޑިއަށް އަރުވާފައި. އަޅުގަނޑުމެންގެ ސަރުކާރުގައި އަމިއްލަ މީހަކު ކަމެއް ކުރަންޏާ، ހަމަ އެކަމަށްވެސް އެކަން ހުއްދަ ދިނުމަށް ޕްރޮޕޯމަންސް ގެރެންޓީ، އެއީ ކަމެއް ކުރާއިރުގައި ބޭންކްގައި ފައިސާ ބަހައްޓަން ޖެހޭނެ އެކަމަށްވެސް. އަޅުގަނޑު މިތަނަށް އައިސް، ތިޔަބޭފުޅުންގެ އަރިހުގައި ކަމެއް ކުރާ ވާހަކައެއް ނުދައްކާނަން. އޭގެ ބަޖެޓާއި އޭގެ އެންމެހާ ޚަރަދުތަކުގެ ކުރު އަލިފަށް ދަންދެން އަޅުގަނޑުމެންނަށް ޔަޤީންނުވާހާ ހިނދަކު. އަދި ތަރުތީބުވެފައި ނެތް ހާލުގައި. އަޅުގަނޑެއް ނޭދެން، އެހެން ބަޔަކު ވަކި ތިޔަބޭފުޅުންނަށް އޮޅުވާލާކަށް. އަޅުގަނޑަށް ޔަޤީން. އަޅުގަނޑުމެންގެ އުންމީދުތައް އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށްވާނެ. އަޅުގަނޑަށް މީގެ ހަމަސްދުވަސް ކުރިއަށްވުރެ އަދި މާ އިތުބާރު ބޮޑު. އަޅުގަނޑުމެންގެ ލޮލަށް އެބަ ފެނޭ، ކަންކަން ފުރިހަމަވަމުންދާތަން.

ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، އެއްދަންފަޅިއަށް މަދަރުސާތައް ހެދުން. އޭގެ ބޭނުމަކީ، އަޅުގަނޑުމެން ބޭނުންވަނީ، މި އޮމަދޫން އޯ ލެވެލް ހަދާ ކުދިންގެ ކޮންމެ ސަތޭކައަކުން ފަސްދޮޅަސް ކުދިން، ދިހައަކުން ހަކުދިން ނުކުންނަން ޖެހޭނީ، އެމީހުން ބައިވެރިވާ މާއްދާތަކުން C ފާސް ހޯދައިގެން. ފާސްވުން އެއީ، އަޅުގަނޑުމެންގެ އަމާޒަކީ. އެކަން ކުރުމަށް އަޅުގަނޑުމެން މިދެކެނީ، މަދަރުސާތައް ހުންނަން ޖެހޭނީ، މުޅި މަދަރުސާ އެއްދަންފަޅިއަށް ބަދަލުވެ، ކުދިންނަށް އަބަދުވެސް މުޅި މަދަރުސާ ބޭނުންކުރެވޭ ގޮތަށޭް. އެކަން ކުރުމަށް އަޅުގަނޑުމެން މިދެކެނީ، މިތަންތަނުގައި ތިބެންޖެހޭނީ ކަމަށް އެކަށީގެންވާ ރަނގަޅު ޓީޗަރުންނޭ، ރަނގަޅު ޕްރިންސިޕަލުންނޭ، ހެޑްމާސްޓަރުންނޭ. އަޅުގަނޑުމެންނަށް މިކަންކަން ކޮށްދެވެން އެބައޮތް. އިރާދަކުރައްވައިގެން، އެއްދަންފަޅިއަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރުވަނީ ހުރިހާ ރަށަކަށް އެފުރްޞަތު ހުޅުވާލެވިފައި. ހުރިހާ ރަށަކަށް. ބައެއްފަހަރަށް އަޅުގަނޑުމެން އެބަ ބުނަން. ތިން ކްލާސްރޫމް، ދެކްލާސް، އެއްކްލާސްރޫމް ރައްޔިތުން އަޅައިދިނިއްޔާ، ދެކްލާސްރޫމް ސަރުކާރުން އަޅައިދޭނަމޭ. އެއީވެސް، އަޅުގަނޑުގެ ނަޒަރުގައި މުޅިން ރަނގަޅު ވިސްނުމެއް ނޫން. ރައްޔިތުންނެއް ނޫންތޯ، ދެކްލާސްރޫމްވެސް އެ އެޅަނީކީއެއް. ހަމަ ތިޔަބޭފުޅުންގެ ކޮލުގެޓުން ނަގާ ޑިއުޓީއާއި، ދަތް އުނގުޅާ ބޭހުން ނަގާ ޑިއުޓީއާއި، ތިޔަބޭފުޅުންގެ އަތުން އަތުލާ ފައިސާއިންނޭ އަނެއް ދެކްލާސްރޫމްވެސް އެޅީ. ދެން އަނެއް ކްލާސްރޫމް އަނެއްކާ ތިޔަބޭފުޅުން ގުދަށް ބާއްވައިގެން އަޅުވަންވީ ސަބަބެއްވެސް އަދި މާބޮޑަކަށް ނުވިސްނޭ. އެކަމަކު މިވާގޮތަކީ ހަމަ ކޮންމެ ދެކަމެއް ސަރުކާރުން ކުރަންވާއިރަށް، މާ މަތިހަށި ނަގާފައި މީހަކު ބުނާނެ، ތިމަންނާ އަޅާނަމޭ އަނެއް ކްލާސްރޫމް. ހަމަ އިންތިޚާބުދާއިރަށް އޭނައެއް ނުފެންނާނެ. ސަރުކާރުން ބަޖެޓްކޮށްފައި އޭރުން އޮންނާނީ ދެކްލާހަށް. ރަށު ރައްޔިތުންނަށް ބޭނުންވޭ ތިން ކްލާސް. ކުރަން ބޭނުންވާ ކަންތައް ކުރަން ބޭނުންވޭ ތިންކްލާސް. އެހެންވީމާ، އެއަހަރުދާއިރުގައި އެކަމެއް ނުވާނެ. ދެކްލާސް ދެބައިކުޅަ އެއްބަޔަށް ހެދި ހުއްޓިފައި ހުންނާނީ. އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު ޙާޞިލު ނުކުރެވެނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ ނަޞޭޙަތަކީވެސް ވިސްނަވާށޭ. ކުރު މުއްދަތުގައި ވަގުތީ ފައިދާއަށް ކަންތައް ކުރައްވަން ނޫޅުއްވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ކަންކަން އަޅުގަނޑުމެންނަށްވާނެ. އަޅުގަނޑު މި އޮމަދުއަށް އެދެނީ، އޮމަދޫގެ މާދަމައަކީ މިއަދަށްވުރެ އަދި މާ ފާގަތި ދުވަހަކަށްވުމަށް. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން. والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ. والسّـلام عليـك


އަޅުގަނޑު ހަމަ ކުޑަކުޑަކޮށް ދަންނަވާލަން ބޭނުން އިނގޭތޯ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ބަނދަރުގައި ބޮޑުހިލަ ޖަހަންވެސް ބޭނުންވާކަން. އަދި އެތެރޭ ވާޓަރުގައި ރިވެޓްމަންޓްވެސް އަޅަން ބޭނުންވާކަން. އެއީ އަދި ހަމަ ކުރަންވެސް ބޭނުންވާ ކަންތައް. ކިހިނެއްތޯ މިކަމާ ވިސްނާނީ. ބޭފުޅަކު އައިސް މާދަމާ ބޮޑުހިލަ ޖަހައިދޭނަމޭ ބުނީމާ، ސަރުކާރުގެ ބަޖެޓުން އެބައި ކަނޑާލަނީ. ކަނޑާލީމާ ދެން ވަރަށް އުނދަގޫވާނެ އަޅުގަނޑުމެންނަށް. މި ސަރުކާރަކީ ބަޖެޓްކުރާ މަސައްކަތެއް ނޫނިއްޔާ ކުރަން ނިންމާފައި އޮތް ސަރުކާރެއް ނޫން. އެހެންވީމާ، ވަރަށް އުނދަގޫވާނެ. ދެން އެ ކަނޑާލީމާ ދެން އެމަސައްކަތް ކުރަން. އެހެންވީމާ، ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާތި، ތިޔަބޭފުޅުންނަށް ބަޔަކު މީހުން އެއްޗެއްދެންޏާ، އެކަމާ ގުޅޭ ބޭންކްގެ ލިޔުން ލިބެންޖެހޭނެ. ސަރުކާރުން ބަޔަކަށް ކޮންޓްރެކްޓެއްދޭއިރުގައިވެސް އެބަ ބުނޭ، ޕްރޮފޯމަންސް ގެރެންޓީ ކިޔާ އެއްޗެއް، އެމީހުން އެކަން ކުރާނެ ކަމުގެ ބޭންކް ގެރެންޓީއެއް ބޭނުމޭ. އޭރުން މި ކަމެއް ކުރެވޭ ކަމުގެ ގެރެންޓީއެއް އޮންނަނީ. އެއީ، އެކަން ނުކޮށްފިއްޔާ ބޭންކަށް އޭތި ދިނީމާ، އެކަމަށްވާ ފައިސާ ބޭންކުންދޭނެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެއްވެސް ކަމެއް ތިޔަބޭފުޅުން އަމިއްލަ ފަރާތަކުން ކުރައްވާ ކަމަށްވަނީވިއްޔާ، އަދި ކުރެވެން އޮތް ކަމަށްވަނީވިއްޔާ، މިދަންނަވާ ބޭންކް ގެރެންޓީގެ މައްސަލަ ޙައްލުކުރުމަށް. އެހެން ނޫނިއްޔާ ތިޔަބޭފުޅުންނަށް އެންމެފަހުން އައިސް މީގައި ގެއްލުންވާނީ. ސަރުކާރުގެ ބަޖެޓުގައި އެއެއް ހިމެނިފައެއް ނޯންނާނެ. އަމިއްލަ ފަރާތަކުން އައިސް ދެހިލަ މިތަނަށް އެއްލާލާފައި، ދެން ބޭރުގައި ބާއްވާފައި އޮންނާނީ ދަބަރު ޖަހަން އޮންނަ ބާޖެއް. އެހެންވީމާ، އެ ވިސްނަވައިގެން މިކަން ކުރައްވާތި.

ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޑުއައްސަވަން ތިއްބެވީތީވެ. ފަހަރުގައި އަދި އަޅުގަނޑު ދައްކަން އެބައޮތް ދަންނަވަން އެބައޮތް، އެހެން ވަރަށް މުހިންމު ވާހަކައެއް. އަޅުގަނޑުގެ ނަޒަރުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް މުހިންމު ކަމެއް. ތިޔަބޭފުޅުން އަޅުގަނޑަށް ނިސްބަތްކޮށް، ފާޑުވެސް ކިޔުއްވަންވީ. އެއްޗެތިވެސް ކިޔުއްވަންވީ. މަލާމާތްވެސް ކުރައްވަންވީ. ހަޖޫވެސް ޖައްސަވަންވީ. އަޅުގަނޑެއް ރުޅިއެއް ނާންނާނެ. އަޅުގަނޑަށް ވިސްނޭނެ. އަޅުގަނޑަށް އެކަންކަން ހަޖަމު ކުރެވޭނެ. އަޅުގަނޑަށް އެނގޭ، ދަތްފަޅާއިރު ތަދުވާނެކަން. ޑިމޮކްރަސީގެ ފުރަތަމަކޮޅުގައި ކުޑަކޮށް ޖޯޝްގައި އެ ޙުދޫދުން ނުވަތަ ޗާޓުން ނެއްޓިގެންވެސް ހިނގައިދާނެ ބޭފުޅަކު، ދެބޭފުޅަކު. ދެން އެކަމާ އަޅުގަނޑުމެން ކަންބޮޑުވެގަނެގެނެއް އުޅޭނެ ކަމެއް ނެތް. އަދި އަޅުގަނޑަށް ވިސްނޭ، ހަމަ އެއްވެސް ހާލެއްގައި އަޅުގަނޑު މިދަންނަވަނީ، އޮމަދޫ ސިވިލް ސަރވަންޓުންގެ ވާހަކައެއް ނޫން. އޮމަދޫ ސިވިލް ސަރވަންޓުންނަކީ ނުވަތަ ސަރުކާރު މުވައްޒަފުންނަކީ ކުރިއްސުރެ އަޅުގަނޑު ދަންނަ ބައެއް. ބައެއް މުވައްޒަފުންނަށް މި ސަރުކާރު ހަޖަމު ކުރަން ދަތިވެސްވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެކަމާ އެމީހުންނާ ޖަދަލުކޮށް ރުޅިއައިސް ނޫޅެންވީ. އަޅުގަނޑެއް ހަމަގައިމުވެސް ނޫޅޭނަން. އަޅުގަނޑުމެންނަށް އެނގޭ، އެ ސިވިލް ސަރވިސް އުފެދުނުގޮތްވެސް. ހަމަ ބޮޑު އުނދޯލީގައި އިންނަވާފައި، ތިމަންނާއާއި ތިމަންނަ ކޮއްކޮއާއި، ކޮއްކޮގެ ބޭބެއާއި، ބޭބެގެ ދައްތައާއި، އެ ދައްތަ ރައްޓެހިމީހާއާ އެއީ ސަރުކާރު މީހުންނޭ ވިދާޅުވީމާ، ސަރުކާރު މުވައްޒަފުންނަށް އެބޭފުޅުންވީ. ދެން އަޅުގަނޑުމެން މިދިޔަ ދެތިން އަހަރު ދުވަހެއްގެ ތެރޭގައި މިބުނީ ހިނގާށޭ ޤާނޫނެއް ހަދަން މިކަމަށް. މިއީ ސިވިލް ސަރވިސްއޭ ބުނާ ޤާނޫނެއް. އަޅުގަނޑުމެން އެޤާނޫނު ހެދީ. އަދި އެޤާނޫނު ހެދުމަށް ވަކާލާތު ކުރީ. އަޑު އުފުލީ. މިއަދު އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ހަޖަމު ނުކުރެވިގެން، އެ ޤާނޫނާ ޚިލާފުވާކަށް.

އަޅުގަނޑެއް ނޭދެން، އެއްވެސް މީހަކު ބަދަލު ހިފުމުގެ ރޫޙެއް ގެންގުޅޭކަށް. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް، ޕްރެޝަރ ބޮޑުވެގެން، ރުޅިއަރައިގަނެގެންދާ ބޮނޑީގައި އަޅުގަނޑާ ދިމާއަށް އެއްޗެހި ކިޔާލާފައި ނިންމާލާ. އެއަކުން މައްސަލައެއް ދިމައެއް ނުވާނެ. އަޅުގަނޑުގެ ހަމަ ވަރަށްބޮޑު އެދުމެއް. ތަރައްޤީގެ އެންމެބޮޑު އެއް ސިއްރަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ރައްޔިތުން ތިއްބަވާނީ ބިރުން. އިސްތިޢުފާއަށް ގޮވާލައި، މިއިން ކަމެއްވެސް ނުކުރެވޭނެ. އެހެންވީމާ، ތިޔަބޭފުޅުން ބިރުން ތިއްބަވާނެ ކަމެއް ނެތް. ޚިޔާލު ފާޅުކުރައްވަމުން ގެންދަވަންވީ. އަޅުގަނޑުމެންނަށް އަޑުވެސް އިވޭނެ. އޭގެތެރެއިން ރަނގަޅު ވާހަކަ، އަޅުގަނޑުމެންނަށް ފުރާނާލާވެސްލެވޭނެ. އެއިން ހަމަ ރަށަށާއި އަތޮޅަށާއި ރާއްޖެއަށްވާނީ ފައިދާ.

މިހާރު ކުރީ ސަރުކާރުން ހިންގަމުން އައި ޕީ.އެސް.އައި.ޕީ ޕްރޮގްރާމް. ސަރުކާރު ބަދަލުވެއްޖެ ފަލްސަފާ. ވިސްނާ ވިސްނުން ބަދަލުވެއްޖެ. ކުރީ ސަރުކާރުގައި މި ކަންކަން ކުރަމުން އައީ ސަރުކާރުގެ ބަޖެޓުގައި އޮންނާނެ ޕީ.އެސް.އައި.ޕީ ޕްރޮގްރާމް ކިޔާ އެއްޗެއް. އޭގައި ހިމަނައިގެން. އަޅުގަނޑުމެން އެކަން ކުރަން މިއުޅެނީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް. އެއީ، ޕަބްލިކަކީ ސަރުކާރު. ޕްރައިވެޓަކީ، ބައިނަލްއަޤްވާމީ ކުންފުނިތައް. ޕާޓްނަރޝިޕަކީ ގުޅިގެން. އަޅުގަނޑުމެން ހެއްދީ ވާރކްސް ކޯޕަރޭޝަން ކިޔާ ކުންފުންޏެއް. ދެން އަދި މިހެދީ އެމް.ޓީ.ސީ.ސީ. އެމް.ޓީ.ސީ.ސީ އަދި ހަމަ އޮތްގޮތަށް އޮތީ. އަޅުގަނޑުމެން ބައިނަލްއަޤްވާމީ ކުންފުނިތައް ކައިރީގައި ބުނީ، މިރާއްޖޭގައި އެބައޮތޭ، ކުރިއަށް މިއޮތް ހަތަރު އަހަރު ދުވަހަށް، ކޮންމެ އަހަރަކު މަދުވެގެން ދުއިސައްތަ މިލިއަން ޑޮލަރުގެ މަސައްކަތް. ދިގު މުއްދަތުގައި ސަރުކާރުން އެފައިސާ ދައްކާ ގޮތަށް އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކުން އައިސް، މިކުންފުންޏާ ގުޅެން. އެކުންފުނި އަތުގައި ދެން އޮންނަނީ ރަށެއް، ދެރަށެއް. ނުވަތަ ތަނަވަސްކަމެއް. އެހެންވީމާ، ސަރުކާރުން ކޮންޓްރެކްޓް ކުރަނީ އެ ކުންފުންޏާ. ކޮންޓްރެކްޓް ކޮށްގެން، އެކުންފުނިން ތިޔަބޭފުޅުންގެ ރަށުގެ ބަނދަރު ހަދައިދޭން. ޚާއްޞަކޮށް، އެކުންފުނި އޭރުން ބިލް ކުރަނީ، ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ކުންފުންޏަށާއި އަދި ޓްރެޜަރީއަށޭ. ސަރުކާރުގެ ބަޖެޓުގައި ހިމަނާފައި އޮންނާނެ ދުއިސައްތަ މިލިއަން ރުފިޔާ. އެއީ، މިއަހަރު ހުރިހާ ބަނދަރުތަކަށް. މުޅި ޖުމްލަ މިއުޅެނީ، ހުރިހާ ބަނދަރެއްގެ މަސައްކަތް އަޅުގަނޑުމެން ފައިސާ ދައްކައި ނިންމާނީ ތިރީސް އަހަރުން. ކޮންމެ އަހަރަކު ދައްކަންވާވަރު ބަޖެޓުގައި ހިމަނާނީ.

އެހެންވީމާ، ޑީ.އާރު.ޕީ ބައެއް ބޭފުޅުން ޕީ.ޕީ.ޕީ އެއީ ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގައި ހިނގާ ކަމެއް ހިންގިޔަ ނުދޭންވެގެން ބަޖެޓުގައި ވަކާލާތު ކުރަމުން އައީ. ދެން ދަންނަވަންތޯ މިއީ، ޙަޤީޤަތުގައި ރޮކެޓް ސައެންސެއް ނޫން. ނޭނގޭވަރު ވާހަކައެއްވެސް ނޫން. މުޅި ދުނިޔޭގައި މިހާރު ސަރުކާރުތަކުން މިކަން ކުރަމުން އަންނަގޮތް. އެކަމަކު ޕީ.އެސް.އައި.ޕީ ޕްރޮގްރާމްގައި ހިމަނައިގެން ކުރީމާ ނޫންތޯ އަޅުގަނޑު ކޮށްދޭ ކަމެއްގެ ގޮތުގައި މިކަންވާނީ. މިއީކީއެއް ރައީސުލްޖުމްހޫރިއްޔާ ދީލަތިކަމުން ކޮށްދޭ ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ސިޔާސަތެއް ހިންގާއިރުގައިވާކަމެއް. މި ސިޔާސަތަށް ތާއީދު ކުރައްވާށޭ އަޅުގަނޑުމެން މިއެދެނީ. މަޖިލިސް މެދުވެރިކޮށްގެންނޭ މި ސިޔާސަތު ހިންގާނީ. އަދި ހިންގެން އޮތީވެސް. އެހެންވީމާ، އަނެއްކާވެސް ތިޔަބޭފުޅުން ބަޖެޓް ބައްލަވައިފިއްޔާ، ބަޖެޓުގައި ލިޔެފައެއް ނޯންނާނެ، ޕީ.އެސް.އައި.ޕީ ޕްރޮގްރާމްގައި އެއްވެސް ބަނދަރެއްގެ ވާހަކައެއް. އެއްވެސް ބަނދަރެއް. އެކަމަކު ފަށާއިރުގައި ބަޖެޓް އެސަމްޕްޝަން ކިޔާ ބައެއް އޮންނާނެ. އޭގައި ލިޔެފައި އޮންނާނެ. ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ސަރުކާރުން ގެންގުޅޭ ސިޔާސަތު.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އެވާހަކަ އަދި ހަމަ ވަރަށް ސާފުވާނެ ކަމަށް. ވަރަށްގިނަ ރަށްރަށުން ތިޔަ ވާހަކަ އެބައަހާ. އެއީ މިދިޔަ ތިރީސް އަހަރުވެސް ގޮސް ވަޒީރުންގެ ގޭދޮށުގައި އެއްފައި ނަގައިގެން، މިހެން މަޑުކޮށްލައިގެން މުޅި ރޭ ތިއްބަވައިގެން ބުނާނެ، މިހާރު އެންމެ އިސްކަންދޭ ލިސްޓްގައި ޖެހިފައޭ އޮތީ. މިއަންނަ އަހަރުގައި ބަޖެޓްގައި ހިމެނޭނެއޭ. ދެން އެންމެ އިސްކަންދޭ ލިސްޓްގައި ދެން މިރަށް އޮތީ. އެލިސްޓްގައި މިރަށް އޮންނަތާ އަޅުގަނޑަށް ޔަޤީން މިހާރު ދިހަވަރަކަށް އަހަރު ވެދާނެކަން. އެކަން އަބަދުވެސް ހިނގަމުންދާނީ އެގޮތަށް. އޭގެ ބަދަލުގައި އަޅުގަނޑުމެން މިއުޅެނީ މިކަން ސިޔާސަތެއްގެ ގޮތުގައި، އޭގައި ސިޔާސީ ބޭނުން ނުހިފޭގޮތަށް އެކަން ކުރުމަށް.

އަޅުގަނޑުމެން ތިޔަބޭފުޅުންގެ ކިބައިން މިއެދެނީ، މިމަސައްކަތުގައި ބައިވެރިވުމަށް. އަޅުގަނޑުމެން ތިޔަބޭފުޅުންގެ ކިބައިން މިއެދެނީ، އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑަށްވެސް އެނގެއޭ ދަތިކަން. މަސްވެރިކަންވެސް ދަށޭ. އަތަށް ލިބޭ އެއްޗެއްވެސް މަދޭ. އަނެއްކާ އަންހެނުންވެސް އިނީ ބަލިވެއޭ. އުނދަގޫ. އަޅުގަނޑުމެންނަށް އެނގޭ އުނދަގޫއިރު. ދެދަރިން އެބަތިއްބޭ މަދަރުސާއަށް ފޮނުވަން. ދޮށްޓަށް ހުރި ކުއްޖާ ހުރީ ހަކުރު ބޮއިގެންނޭ. އަޅުގަނޑުމެންނަށްވެސް ވިސްނެއޭ ހަމަ އުނދަގޫކަން. އެ އުނދަގުލުން އަޅުގަނޑުމެން ސަލާމަތްވާންވީ. އަޅުގަނޑާ ދިމާއަށް ޙަޤީޤަތުގައި ބުނެވޭކަށެއް ނޯންނާނެ، އެއީ އިންތިޚާބަށް ދައްކާ ވާހަކައެކޭ. އިންތިޚާބަކަށް އަޅުގަނޑު ނުދައްކަން ވާހަކައެއް. އިންތިޚާބަށް ދައްކަނީ ހަމަ އެންމެ ވާހަކައެއް. އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓް ހޮވައިދެއްވައްޗޭ. އެއީ، މިސިޔާސަތު ތަންފީޒު ކުރުމަށް، އަޅުގަނޑުމެން ލިޔެފައި އޮތް ސިޔާސަތެކޭ މިއީ. އެމް.ޑީ.ޕީ.ގެ ސިޔާސަތެކޭ މިއީ. އެ ސިޔާސަތޭ ތަންފީޒު ކުރަންވެގެން މިއުޅެނީ. އެ ސިޔާސަތު ތަންފީޒު ކުރުމަށް އަޅުގަނޑުމެން ބޭނުންވަނީ، ނުގުޑާ، ދެގޮތެއްނުވާ، މި ސިޔާސަތު ހިތުގެ އަޑިން ގަބޫލުކުރެވޭ، އަދި ވިޔަފާރީގެ ފައިދާ މަޖިލީހުގެ ތެރެއިން ނެރެން ބޭނުންނުވާ، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމުގެ ރޫޙު ހުރި މީހުން މެންބަރުންގެ ގޮތުގައި. އަޅުގަނޑުމެންގެ ޕާޓީގައި އެތިބީ، ފުރަތަމަ ޕާޓީގެ އެތެރޭގެ އިންތިޚާބަކުން، އެއަށްފަހު އެތައް އެތައް މަރްޙަލާއެއް ކަޑައްތުކޮށްފައި އައިސް ކެންޑިޑޭޓުންގެ ޓިކެޓް ހޯއްދަވައިގެން ތިއްބެވި ބޭފުޅުން. އަޅުގަނޑުގެ ނަޒަރުގައި މި ޤާނޫނުއަސާސީ، އަޅުގަނޑުގެ މައްޗަށް ލާޒިމްކުރޭ ސިޔާސީ ޕާޓީ ބިނާކުރުން.

ދެން އަޅުގަނޑު އުންމީދު ކުރަން. މައުމޫން ޑީ.އާރު.ޕީ ބިނާކުރައްވާނެ ކަމަށް. ދެން އެކަން އެބޭފުޅާ ރަނގަޅަށް ނުކުރައްވާތީވެ، އަޅުގަނޑު ކުޑަކޮށް ދެރަވޭ. އެއީ، މުހިންމު ކަމެއް. ވާދަވެރި، ރަނގަޅު، ވަރުގަދަ ސިޔާސީ ޕާޓީއެއް އޮތުން. ދެން އެބޭފުޅުންނަށް އެކަން ކުރެއްވޭނީ ޙަޤީޤަތުގައި މި އިންތިޚާބު ނިމޭއިރުގައި. އަޅުގަނޑު ދެން ތިޔަބޭފުޅުން އަޅުގަނޑު ގާތު އަހައިފިއްޔާ، އަޅުގަނޑަށް ލަފާކުރެވެނީ، މި އިންތިޚާބު ނިމޭއިރުގައި، އެމް.ޑީ.ޕީ އޮންނާނީ، 45 ގޮނޑި ހޯދާފައި. ދެން އަޅުގަނޑުމެން ފެށީ 50 ގޮނޑިއަށް ފާހަގަޖަހައިގެން. ދެން އަޅުގަނޑަށް ވަރަށް ޔަޤީން، މިދާއިރާ އަޅުގަނޑުމެންނަށް ލިބޭނެކަން. ދެން އަޅުގަނޑުމެންގެ ހިސާބަށް ބަލައިފިން. ދެން މީގެކުރީގައިވެސް އެހެދީ ދޮގޭ، ނުވާނޭ ތިޔަކަމެއް އެހެން ވިދާޅުވި ބޭފުޅުން ތިއްބަވަނީ ކުޑަކޮށް ލަދުން މިއަދު. އެއީ އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ނުކުންނަމުން ބުނިން، އިރާދަކުރެއްވިއްޔާ، 11 ނޮވެމްބަރ 2008ވާ އަންގާރަ ދުވަހު ދެން މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކުރާނީ އަޅުގަނޑޭ. ދެން ތިޔަވަރު ކަމެއް ނުވާނެއޭ ވިދާޅުވި ބޭފުޅުން މިއަދު ކުޑަކޮށް ލަދުން ތިއްބަވަނީ. އަޅުގަނޑުމެން 45 ގޮނޑި ނަގާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިދާއިރާގެ ގޮނޑިވެސް ހޯދާނަން. އަޅުގަނޑަށް އެނގޭ އޮމަދޫ ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރު ކުރާނެކަން. އެއީ، އަޅުގަނޑަށް އޮޅިފައި އޮތް ވާހަކައެއް ނޫން. އަޅުގަނޑެއް ނޫޅެން، އަޅުގަނޑުމެން ނުކުރާ ކަމެއްގެ، ނެތް ކަމެއްގެ ވާހަކަ ދައްކާކަށް. އަޅުގަނޑުމެން ހަމައެކަނި މިދައްކަނީ، އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ވާހަކަ. އެހެން ބައެއްގެ އެބައޮތްތޯ ސިޔާސަތެއް. އެހެން ބައެއް އައިސް ވަޢުދެއްވޭތޯ. ނޫން ނުވާނެ. އަޅުގަނޑުމެންނަކީ މިކަން ކުރަން ދަސްކޮށްގެން، މިކަން ކުރަމުން އަންނަ ބައެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބު ލިބޭނެ.

والحمد للّـه. އަނެއްކާވެސް އަޅުގަނޑު ވަކިވެލާނަން.

_______________________