بســم اللّـه الرّحمـن الرّحيــم

މަޑަވެލީގެ އެކުވެރި ލޮބުވެތި ރައްޔިތުން،

السّـلام عليـكم

އަޅުގަނޑުމެން މީގެ ދުވަސްކޮޅެއްކުރީގައި، މީގެ ހަމަސް ކުރީގައި ޚާއްޞަކޮށް މިރަށަށް އައިމު. މަޑަވެލީ ރައްޔިތުންނާ އެދުވަހު ބައްދަލުކޮށް، އަޅުގަނޑުމެން އަޅުގަނޑުމެންގެ އުންމީދު ތިޔަބޭފުޅުންނަށް ހުށަހެޅިން. އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންގެ އެބައޮތޭ މަންޒަރެއް، ވިސްނުމެއް، ތަޞައްވުރެއް، އަޅުގަނޑުމެންގެ އެބައޮތޭ ސިޔާސަތެއް. އަޅުގަނޑުމެން ބޭނުމެއް ނުވެއޭ ރާއްޖޭގެ ރައްޔިތުންނަކީ ބިކަޙާލުގައި ދިރިއުޅޭ ބަޔަކަށް ވާކަށް. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރައްޔިތުންނަކީ އުފަލުގައިއުޅޭ، ހާސްކަމުން ނެއްޓިފައިވާ ބަޔަކަށްވާށޭ. އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުކުރީމާ، އަޅުގަނޑުމެން ވަކާލާތުކުރަނީ، ކުރީ، އަދިވެސް ކުރާނީ އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވީމާ، ރާއްޖޭގެ ޙާލަތު ބަދަލުވާނެއޭ، އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ލިބޭނެއޭ.

އެދުވަހު އަޅުގަނޑުމެން ތިޔަބޭފުޅުންނަށް، އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަޢުދުތަކެއްވިން. އަޅުގަނޑުމެން ދެންނެވިން، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން އަޅުގަނޑުމެން ރާއްޖޭގެ ރަށްތައް ގުޅާލަދޭނަމޭ، މިއީ ލާމެހިފައިވާ ދިވެހިރާއްޖެއަކަށް އިރާދަކުރެއްވިއްޔާ މިރާއްޖެ އަޅުގަނޑުމެން ހަދާދޭނަމޭ. އަޅުގަނޑުމެން ހުށަހަޅަން، ބޯހިޔާވަހިކަމަކީ، ކޮންމެ ދެމަފިރިއަކު ކޮންޓްރަކްޝަން ކުންފުންޏެއްގެގޮތުގައި ޙަރަކާތްތެރިވެގެން، ރައްޔިތުންނަށް ލިބޭނޭ ބޯހިޔާވަހިކަމެއް ނޫނޭ، ހޯދޭނޭ މަގެއްވެސް ނޫނޭ، ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާފަށުގައި ދިގުމުއްދަތުގައި ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން ގެދޮރު އަޅާދީފައި ލިބެން ހުންނަންޖެހޭނެއޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ވާނެއޭ. އަޅުގަނޑުމެން އެކަމަށް ވަކާލާތުކުރިން، އެވަޢުދު ތިޔަބޭފުޅުންނަށް އަޅުގަނޑުމެންވީމު.

ހަމައެންމެ، އަޅުގަނޑުމެން ވަޢުދުވީމު، ބޭސް ސިޓީއަށް ސަލާންޖަހާކަށް ނުޖެހެނެއޭ، ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް ހެޔޮގޮތެއް، ރަނގަޅުގޮތެއް އަޅުގަނޑުމެން ހޯދާދޭނަމޭ، އެކުދިން ރިހިބިލިޓޭޓު ކުރެވޭނޭމަގު އަޅުގަނޑުމެން ތަނަވަސް ކޮށްދޭނަމޭ. އަޅުގަނޑުމެން ވަޢުދުވިން، ތަކެތީގެ އަގު އަތްފޯރާފަށަށް އިރާދަކުރެއްވިއްޔާ ތިރިކޮށްދޭނަމޭ. ހަމަސްދުވަސް ވެއްޖެއޭ، ތިޔައިގެ ތެރެއިން ބައެއްބޭފުޅުން ވިދާޅުވާނީ ހަމަ ވީ އެއްކަމެއްވެސް ނެތޭ. ހެލްތް ސެންޓަރަކަށްވެސް ގޮތެއްވީކީއެއްނޫނޭ. ދަތުރުފަތުރުކުރުމުގެ ނިޒާމަށް އައި ބަދަލެއް އޮތީކީވެސް ނޫނޭ، ގެއެއް ލިބުނީކީއެއްވެސް ނޫނޭ. ކަރަންޓުގެ ކަންތައް ތާކުޖެހުނީކީވެސް ނޫނޭ، ފެނާ ނަރުދަމައާ އެޅުނީކީއެއްވެސް ނޫނޭ. ހަމައެއްވެސް ކަމެއް ނުވިއޭ. އެހެން އަޅުގަނޑު ހިތަށްއަރާތީ އަޅުގަނޑުވެސް ވަރަށް ކަންބޮޑުވެފައި ހުރީ. ހުއްޓާ ރޭގައި ތިނަދޫގައި ގދ. އަތޮޅުގެ އަތޮޅު ތަޢްލީމީ މަރުކަޒަށް 25 އަހަރުފުރުން ފާހަގަކުރުމުގެ ޖަލްސާގައި ފުރަގަހުގައި ޖަހާފައި އޮތީ، 1984 ން 2009 އަށް. ކިހިނެއްތޯ މިވީ. ނަގާގަތް ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ދިޔައިރު ހަމަ އެއްކަމެއްވެސް ނުވަނީ. ބިންގާވެސް އަޅާނުލެވެނީ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަނެއްކާވެސް ތަކުރާރުކޮށް މިއަރުވަނީ، އަޅުގަނޑުމެންގެ ޕްރޮގްރާމް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގައިދޭނަމޭ. އެމަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވޭނެއޭ. މިއަދު މަޑަވެލީގައި އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް މި ލިބެނީ. ލިބޭ އުފަލަކީ، އެމް.ޑީ.ޕީ ގެ ސިޔާސަތު ތަންފީޒު ކުރަމުން ގެންދިޔައިމާ ތިމަންނާއަށް މަޑަވެއްޔަށްއޮތީ ކޯންޗެއްހެއްޔޭ، ކޮންކަމެއްހެއްޔޭވަނީ؟ އަހަންނަށް އޮތީ ކޯންޗެއްހެއްޔޭ، މަގޭ ޢާއިލާއަށްވާނީ ކިހިނެއްހެއްޔޭ؟ މަގޭ ރަށަށްވާނީ ކިހިނެއްހެއްޔޭ؟ އެ ސުވާލުގެ ޖަވާބު، ނުވަތަ އެ ހުށަހެޅުން އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ހުށަހެޅޭނެ. އެހެންވީމާ، އަޅުގަނޑަށް ހަމަ ވަރަށް ސާފުކޮށް ދެންނެވެން އެބައޮތް މިދަންނަވާ އަޅުގަނޑުމެންގެ ސިޔާސަތުތައް ހިންގަންފެށީމާ، މަޑަވެއްޔަށްވާނީ ކޮންހެނެއްތޯ؟ ކިހިނެއްތޯ؟

އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވެފައިއޮތް ގޮތުގައި، ތިޔަބޭފުޅުންނަށް ދިމާވެގެންއުޅޭ އެއްކަމެއް މިއީ، ބިމުގެ ދަތިކަން، ގޯތިގެދޮރުގެ ދަތިކަން. މިހާރު ސަރުކާރުންވާނީ، މަޑަވެލީ އޮފީހަށް އަންގާފައި، ނުވަތަ ހުށަހެޅުމެއް ސަރުކާރުންވަނީ ހުށަހަޅާފައި. މިބިން ބޮޑުކުރަން ސަރުކާރުން ވިސްނާ ވިސްނުން. ދެން މިހާރު ބޭނުންވަނީ އެއަށް ރައްޔިތުން ޖަވާބެއްދޭން. އެޖަވާބު ދިނީމާ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދޮޅުމަހެއް، ދެމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މަޑަވެލީގެ ބިން ބޮޑުކުރަން ފެށޭނެ. އެކަން އިރާދަކުރެއްވިއްޔާ މަޑަވެލީ ރައްޔިތުންނަށް މި ސަރުކާރުން ކޮށްދޭނެ.

ސަރުކާރުގެ އެންމެބޮޑު، އެންމެބޮޑު އެއް މަޝްރުޢަކީ މި 5 އަހަރު ދުވަހުގެ ތެރޭގައި 10000 ގެ ޢިމާރާތްކުރުމުގެ މަޝްރޫޢު. އޭގެތެރެއިން 1000 ގެ ސަރުކާރުން އެބަ ޢިމާރާތްކުރޭ، ހުވަދުއަތޮޅުގައި. އޭގެތެރެއިން މަޑަވެލީގައި މަޑަވެލީ ރައްޔިތުންނަށް ބޭނުންވާވަރަށް ގެ ޢިމާރާތްކުރެވޭނެ. އަދި ދިގުމުއްދަތުގައި ފައިސާދައްކައި ޚަލާޞްކުރާ އުޞޫލުން އެ ގެތައް މަޑަވެލީ ރައްޔިތުންނަށް ދެވޭނެ. މަޑަވެލީ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. އަދި އެމަސައްކަތް އިރާދަކުރެއްވިއްޔާ އޭގެ ޢަމަލީ މަސައްކަތް އޯގަސްޓްމަހުގެ ތެރޭގައި ފަށައިގަނެވޭނެ.

މިވާހަކަތައް އަޅުގަނޑު ދެއްކީމާ، އަޅުގަނޑު އުންމީދުކުރަން ތިޔަބޭފުޅުން ސުވާލެއް ކުރައްވާނެކަމަށް. ކިހިނެއްހެއްޔޭ ތިޔަކަންކުރަނީ؟ ކޮބައިހެއްޔޭ ތިޔަކަންކުރާ ފައިސާ؟ ބަޖެޓުގައި އެއޮތީ ފައިސާއެއްނެތޭ ބުނެފައޭ. އަދި ބަޖެޓުގައި އަދި އާމްދަނީއެއްވެސް ރާއްޖެއަށް ނުލިބޭކަމަށޭ މިބަޖެޓު ފާސްކުރިއިރުގައިވެސް ސަރުކާރުންވެސް ވާހަކަދައްކަމުންދަނީ. އެހެންވީމާ، ކިހިނެއްހެއްޔޭ މިކަން ސަރުކާރުން ކުރުމަށް ރާވާފައިވަނީ. ވަރަށް ސާފު. ސަރުކާރުން މިހުށަހެޅީ، ހުވަދުއަތޮޅުގައި އަޅާ، މިސާލަކަށް، 1000ގެ އާ މިގުޅުވަނީ ބޮޑެތި މުއްސަނދިންނަށް ދިގުމުއްދަތަށް ދޫކުރެވޭ 100 ގެއާ. އެއީ މިސާލަކަށް، ތިރީސްހާސް އަކަފޫޓުގައި ހުންނަ ގެއެއް. އެއީ، މި ހުވަދުއަތޮޅުގެ ކޮންމެވެސް ރީތި ގޮނޑުދޮށެއް ނުވަތަ ކޮންމެވެސް ރީތި ރަށެއްގެ ކޮންމެވެސް ސަރަޙައްދެއްގައި ވަކިކުރެވޭ، ދިގުމުއްދަތަށް ކުއްޔަށްދޭ ބިމެއް. މި ސަތޭކަ ބިން ދިގުމުއްދަތަށް ކުއްޔަށްދިނީމާ، 1000 ފްލެޓް އަޅާދިނިމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން މީގެ ދެމަސްކުރީގައި އިޢްލާނުކުރީ. އިޢްލާނު ކުރީމާ، އެކަންކޮށްދިނުމަށްއެދި 14 ފަރާތް، ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނި ޝައުޤުވެރިކަން ހާމަކޮށްފައި އެބަހުރި. މި 14 ފަރަތުގެ ތެރެއިން، ސަރުކާރުން ދެން މިހާރު ކުރާންޖެހޭކަމަކީ، ކޮބައިތޯ އެންމެ އެކަށީގެންވާ އެންމެ ރަނގަޅުފަރާތަކީ ބަލައި، އެފަރާތާ މަސައްކަތް ޙަވާލުކުރުން. އެމަސައްކަތް ޙަވާލުކުރުމަށް ދެން ކުރަންޖެހޭ، ތަރުތީބުން ކުރަންޖެހޭ ކަންތައްތަކެއް ހުރީމާ، އެކަންތައްތައް ތަރުތީބުން ކުރުން އަޅުގަނޑުމެންނަށް ވަރަށްމުހިންމު.

އަޅުގަނޑުމެންގެ ނަޒަރުގައި ކަމެއްކުރުމަށް ޙަޤީޤަތުގައި ކުރަން މިޖެހެނީ އެކަންތަކެއް ނޫން. އެހެންކަމެއް. އެ އަނެއްކަންތައް ކުރަމުން ކުރަމުން އައިސް، ކުރަންވީކަންތައްވީމާ ދެން އަޅުގަނޑުމެން މިބޭނުންވާ ކަންތައް ދެމެހެއްޓެނިވިގޮތުގައި އެކުރެވެނީ. އަޅުގަނޑަށްވެސް މިއަދު އަޅުގަނޑު ރައްޓެހި ދެތިން މަޑަވެލީ މީހަކު އަތަށް ދައުލަތުގެ ޚަޒާނާއިން ފައިސާކޮޅެއްދީފައި މަޑަވެއްޔަށް ބަހާލާށޭ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާލާށޭ، އަޅުގަނޑުގެ ދެޅިޔަނުންނާ އަޅުގަނޑުގެ އެއްބަފާ ދެބޭބެއަކާ ގުޅާލައިގެން މަޑަވެލީ ރައްޔިތުންނަށް ދަޅައެއް ދައްކާލަން އަޅުގަނޑަށްވެސް ބުނެވިދާނެ. އެއީ އަޅުގަނޑަށްވެސް ކުރެވިދާނެކަމެއް. ހަމަ އެކަންކޮށްލެވިދާނެ. މިތަނުން ދެތިންތަނެއްގައި ބިންގާވެސް އަޅާލެވިދާނެ. އަދި ރޭޑިއޯއިންވެސް އޭތި މީތި ގޮވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނެއް ނުދެކެން އެއީ ދެމެހެއްޓެނިވި ތަރައްޤީ ކަމަކަށް.

އިއްޔެނޫން އިހަށް ދުވަހު އަސްލަމް ސޮއިކުރެއްވި 7 ބަނދަރު ކޮނުމަށް. އަޅުގަނޑުމެން ނުދައްކަން އެވާހަކައެއް. އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އެބަ އެނގޭ، މިއީ އިންތިޚާބުގެ ދުވަސްވަރުކަން. މިހެން އަޅުގަނޑު މިވާހަކަ ދައްކާއިރު އެއްގޮތަކަށްވެސް ހަނދުމަފުޅުން ކައްސަވާ ނުލައްވާތި، ގޮނޑިތައް އަޅުގަނޑުމެން ވަރަށް ބޭނުން. އެއީކީއެއް ޝައްކެއް ހިނގާ ކަމެއްނޫން. އަދި އެކަމަކާއެއް އަޅުގަނޑު އިންކާރު ކުރާކަށްވެސް ނެތިން. ގޮނޑި މި ސަރުކާރަށް ވަރަށް ބޮޑަށް ބޭނުން. އަޅުގަނޑު ވަރަށް ސާފުކޮށް މި ވާހަކަދައްކަމުން ގެންދާނަން. އަޅުގަނޑަށް މަޖުބޫރުވެސްމެ. މި އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައި އަޅުގަނޑަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށްގެން އެ އިންތިޚާބުގައި ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތާއީދު ދެއްވީތީވެ، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އަޅުގަނޑު ނޫންމީހެއް ނުހުންނާނެ، އެމް.ޑީ.ޕީ.ގެ ގޮނޑި ހޯދަންއުޅޭނެ. އަޅުގަނޑު އެންމެބޮޑަށް އުޅޭނީ އަޅުގަނޑު އެކަމުގައި މަސައްކަތްވެސް ކުރާނީ. ސަބަބެއް ނެތިއެއްނޫން އަޅުގަނޑުމެން މިމަސައްކަތް މިކުރަނީކީއެއް. އަޅުގަނޑުމެންގެ އެއްވެސް މަސައްކަތެއް، އަޅުގަނޑުމެންގެ އެއްވެސް ޕްރޮގްރާމެއް ހިންގޭކަށެއްނެތް، އަދި އަޅުގަނޑުމެން ހިންގާކަށް ގަސްދެއްނުވެސް ކުރަން. ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި، ރައްޔިތުންގެ މަޖިލީހުގެ، ރައްޔިތު މެންބަރުންގެ ހިއްސާ އެކަމުގެ ތެރޭގައި ނުހިމެނޭ ގޮތަކަށް.

އެހެންވީމާ، މިހާރު މިއޮތް ޤާނޫނު އަސާސީގެތެރެއިން މަޖިލިހަށް ވަރަށްބޮޑު ދައުރެއް އެބައޮވޭ. އެ އޮންނައިރުގައި އެކަމުގައި މަޖިލީހުގެ ތެރޭގައި ތިއްބަވާ ބޭފުޅުން އަބަދު އަޅުގަނޑުމެން ކުރާކަންކަމަށް ހުރަސްއެޅުމުގެ ނިޔަތުގައި ނޫންގޮތަކަށް ވާހަކަދައްކަވާފާނެކަމަކަށް އަޅުގަނޑެއް ކުޑަކޮށްވެސް ގަބޫލެއް ނުކުރަން. އެއީ، އަޅުގަނޑުމެން ހަމައެކަނި ބަލާލަން މިޖެހެނީ މާޒީއަށް. މިދިޔަ ދިގު ތިރީސް އަހަރު އެންމެ ޤާނޫނެއްވެސް ހެދުމަށް، އިޞްލާޙަށް މަގުފަހިކުރާ ޤާނޫނެއް ހެދުމަށް ކުޑަކުޑަކޮށްވެސް ބާރުއަޅާފައިނުވާމީހުން، އަދި އޭގެއިތުރުން، ކޮބައިތޯ އެފަދަ ޤާނޫނެއް ހެދުމަށް ބަޔަކު މީހުން އުޅެންޏާ އެކަމަށް ހުރަސްއެޅި މީހުން މިއަދު އިޞްލާޙީ ޤާނޫނުތަކެއް ގެނެސްދޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަންވީ ކީއްވެގެންތޯ ނުކުރެވޭނެ. އެބޭފުޅުންނަށް އެކަން ނުވާ ސަބަބެއްވެސް އެބައޮތް. އެއީ އެބޭފުޅުންގެމާޒީ. އިޞްލާޙު ގެނެވިއްޖެއްޔާ އެބޭފުޅުންގެ މާޒީ ހާމަވާނެ. މާޒީ ހާމަވީމާ، ފަންގި ނެގީމާ އޮންނާނީ ކެޔޮކޭވަރު އެނގެން. މަޖިލީހުން އެބޭފުޅުންނަކަށް ނޯންނާނެ ދުރުވެވޭކަށް. އެހެންވީމާ، އެބޭފުޅުން މަޖިލީހާ ގާތްވެލައްވަންވެސް އެޖެހެނީ. އެމަޖިލީހުގެ ތެރެއިން.

މިހާރު ސަރުކާރުން މިބުނަނީ ސަރުކާރުން ބޭނުމެއް ނެތޭ، ވެދިޔަ ކަންތަކުގެމައްޗަށް ބަލައި، ކަންކަން އޮޅުންފިލުވައި، ނުވަތަ ތަޙްޤީޤުކޮށް ބަޔަކު ހައްޔަރުކޮށް ހަދާކަށް. އެހެންބުނާއިރުގައި ރައްޔިތުން މަޖިލީހުގެ މެންބަރުން ވަރަށް ސާބިތުކަމާއެކީ އެބަބުނޭ ނޫން، ނޫން، މިކަން ހުރިހާކަމެއް ހިނގިގޮތް، މަޖިލީހުން އެބަ ބޭނުމޭ ތަޙްޤީޤު ކުރަން. އެހެންވީމާ، މަޖިލިހަކާ ދުރަކަށް ދެވޭކަށްނެތް، އެބޭފުޅުންނަކަށް. ކޮންމެގޮތެއް ހަދައިގެންވެސް އަތުގައިހުރި ހުރިހާއެއްޗެއް ހުސްކޮށްގެންވެސް މިރަށްރަށުން ގޮނޑި ހޯދަން، ނަގައިގަތް ސަރުކާރުގެ ބޭފުޅުން ބޭނުންވާނެ. ދުލެއް ނުކޮށްލެވޭނެ. އެހެންނަމަވެސް، އެ ބޭނުންވާ ބޭނުންވުމާ އެކަންކުރަން އެއުޅޭ މަޤްޞަދާއި ސަބަބަކީ، އަޅުގަނޑުމެން މި ބޭނުންވާ މަޤްޞަދާ ސަބަބެއްނޫން.

އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، 64 ޤާނޫނު ހަދަން. އެއީ، ޤާނޫނުއަސާސީ އިޞްލާޙުކުރެވި، އެ ޤާނޫނުއަސާސީ ތަންފީޒުކުރުމަށް ކޮންމެހެން ބޭނުންވާ 64 ޤާނޫނު. އަޅުގަނޑުމެންނަށް 11 ނޮވެމްބަރާ ހަމައަށް އައިއިރުގައިވެސް ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނުތާ ތިންމަސް ހަތަރުމަސްދުވަސްވެއްޖެ. އެހިނދާ ޖެހުނުއިރު އެންމެ ޤާނޫނެއްވެސް މަޖިލީހަށް ހުށަހެޅިފައެއްނުވޭ. ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ ޤާނޫނު ހުށަހެޅިފައި ނުވީތީވެ، އެ އިންތިޚާބު މިއޮއްދަނީ ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިއޮތް މުއްދަތަށްވުރެ ލަސްވެސްވެގެން. އެއީ އެބޭފުޅުން އެޤާނޫނުތައް މަޖިލީހަށް ހުށަހަޅުއްވާފައި ނެތުނީމާ. ދެން މިއަދު އަޅުގަނޑުމެން ގަބޫލުކުރަންވީތޯ، އެބޭފުޅުން އެ 64 ޤާނޫނު ހެދުމުގައި ޢަމަލީގޮތުން އިޞްލާޙީ އެއްވެސް މަސައްކަތެއް ކުރައްވާފާނެކަމަށް. ނޫން، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެންވެގެން އަޅުގަނޑު އެދެނީ، އަޅުގަނޑު ދަންނަ ނާޒިމު މިތަނުގެ ގޮނޑިއަށް އިންތިޚާބުކޮށްދިނުމަށް. އަޅުގަނޑަކަށް ޝައްކެއް ނުއުފެދެއޭ އޭނާއާ ދޭތެރެއަކު. ކިތަންމެ ދުވަހެއްވެއްޖެ މިކަމުގައި ފުރަތަމަދުވަހުއްސުރެ ފެށިގެން ޙަރަކާތްތެރިވަމުން މިއަންނަނީ. އޭނައަށް އަޅުގަނޑުމެންނަށް ފުރިހަމައަށް އިތުބާރުކުރެވޭ. މިއަދާހަމައަށް އަޅުގަނޑު ކައިރިއަކު ހަމަގައިމުވެސް އެއްވެސް އެއްޗެއް ދޭށެކޭ، ކުޑައެއްޗެއް، ކުޑަކަމެއްވެސް ސަރުކާރު މެދުވެރިކޮށްގެން ކޮށްދޭށެކޭ، ކުޑަކޮށްވެސް، އޭނާއާ ގުޅޭނެ އަޅުގަނޑާ އަބަދުވެސް، އެންމެފަހަރަކުވެސް ބުނެފައެއްނެތް. މިވެނިކަމެކޭ އަދި ތިމަންނާއަށް، އަޅުގަނޑު އޭނާއަށް ކަމެއްދޭން އުޅެން ފެށީމާ، އެކަމުން ރެކިގެން ރެކިގެން ރެކިގެންގޮސް އެހެންމީހަކަށް އެކަންވެސް ދޭންޖެހުނީ. އަޅުގަނޑަށް އޭނާއަށް އިތުބާރު ކުރެވޭތީ ހަމަ އޭނަގެ ވާހަކަ އަޅުގަނޑަށް ވަރަށް މުހިންމު މިތަނުގައި ދައްކަންވެސް. އަޅުގަނޑުގެ ވާހަކަ ތިޔަބޭފުޅުންނަށް މުހިންމިއްޔާ ނާޒިމުގެ ވާހަކަ މުހިންމު. ސަލީމުގެ ވާހަކަޔާއެކީގައި ނާޒިމުގެ ވާހަކަ މުހިންމު. އަޅުގަނޑުމެންގެ މަސައްކަތް، މިއަދު ދެން އަޅުގަނޑުމެން ކުރާން ހުރި މަސައްކަތް އަދިހަމަ ވަރަށް މުހިންމު.

ފުރަތަމަ ކަމަކަށް ގެދޮރު އަޅުގަނޑުމެން އެބަ އަޅަންޖެހޭ. އަޅުގަނޑުމެން މިއުޅެނީ ގެދޮރުއަޅަން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ގެދޮރުއެޅޭނެ. އެކަމުގެމަގު އަޅުގަނޑުމެންނަށް މިއޮތީ ފަހިވެފައި. ދެންއޮތީ އިންޖީނުގެއާއި، ކަރަންޓާއި، ނަރުދަމައާއި، ފެނާ. އެކަން ހިންގުމަށްޓަކައި ސަރުކާރުން މިއުފެއްދީ، ޔުޓިލިޓީ، ފެނާއި، ނަރުދަމައާއި، ކަރަންޓު. އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ 7 ކުންފުނި. ހުވަދުއަތޮޅަށް 1 ކުންފުނި. އެއީ މިޕްރޮވިންސަށް ހިމެނޭ 1 ކުންފުނި. އެކުންފުންޏަށް މާދަމާ އަޅުގަނޑުމެން މިހުށަހަޅާގޮތަކީ، މިއަތޮޅުގައި އެބައޮތް، ރެޒޯޓު ހެދުމަށް ދޫކޮށްފައި އޮތް 6 ރަށް. 3 އެއަރޕޯޓު ހެދުމަށް ފަހިވެގެން އެބައާދޭ. ދެން، މީހުން ދިރިއުޅޭ ހުރިހާ ރަށް. ސަރުކާރުން މިބުނާގޮތަކީ، ރެޒޯޓު ހިންގާމީހުން ކައިރީގައި ވާހަކަދައްކަމުން މިއަންނަނީ، އެވެރިންގެ ރެޒޯޓުގެ ފެނާއި، ނަރުދަމައާއި، ކަރަންޓުވެސް ދޫކޮށްލާށޭ މިކުންފުންޏަށް. ވިއްކާށޭ. އެގަތުމަށްޓަކައި، ސަރުކާރުން ކުރަންޖެހޭ ޚަރަދެއްވެސް ކުރާނެއޭ. އެބޭފުޅުން ބޭނުންވެލައްވާނީ އަދި އިތުރު 10 ކޮޓަރި. މާބޮޑު ޚަރަދެއްނޫން، އެބޭފުޅުން ބޭނުންވެލައްވާނީ. އެބޭފުޅުން ބޭނުންވެލައްވާނީ، މިވެނިތަނަކުން ވެލިކޮޅެއްނަގާފައި ގެންގޮސް އަނެއްތަނަކަށް އެޅުމުގެ ހުއްދަ. ދެން އެބޭފުޅުން އަބަދުވެސް އެ ލާރިހޯދަންވެގެން ކުރައްވާކަންކަން ތަންކޮޅެއްބާރަށް ކުރިއަށް ގެންދެވޭތޯ ބޭނުންވާނެ. ސަރުކާރުން އެބޭފުންނާ ވާހަކަ ދެއްކޭނެ. ދައްކައިގެން، މިދަންނަވާ ރެޒޯޓުތަކުގެ ފެނާއި، ނަރުދަމައާއި، ކަރަންޓުގެ ޚިދްމަތްވެސް މިކުންފުންޏަށް ގެނެވޭނެ. އެގެނެވިފައި ދެން މިއަތޮޅުގެ އެހެންރަށްރަށުގެ ފެނާއި، ނަރުދަމައާއި، ކަރަންޓު އެކުންފުންޏަށް ދިޔުމަކީ، ހަމަ ވަރަށްބޮޑަށް ވިޔަފާރީގެ ގޮތުން ދެކޮޅުޖެހިގެން، ވަރަށް ސާފުކޮށް، ވަރަށް ހެޔޮއަގުގައި ރައްޔިތުންނަށް ކަރަންޓު ދެވޭނެ ގޮތެއްކަން، އުޞޫލެއްކަން އަޅުގަނޑުމެންނަށް މިހާރު ވަރަށް ސާފު.

އެކުންފުނިން، ޔުޓިލިޓީ ކުންފުނީން މިހާރު އެދަނީ ބައިނަލްއަޤްވާމީ ފަރާތްތަކާ ވާހަކަދައްކަމުން. އެކުންފުންޏާއެކީގައި ޙިއްޞާވެ ބައިވެރިވުމަށް. އޭރަށް އެކުންފުންޏަށް އަންނާނެ މިމަސައްކަތް ތަރައްޤީކުރާނެ ފައިސާވެސް އަދި ޢިލްމުވެސް، ހުނަރުވެސް، ވިސްނުންވެސް. އަޅުގަނޑުމެން މިހުށަހަޅާ ޕީ.ޕީ.ޕީ އަކީ މިދެންނެވީ. އެއީ ޕަބްލިކް، އެއީ ސަރުކާރު. ޕްރައިވެޓް، އެއީ ބައިނަލްއަޤްވާމީ ވިޔަފާރިވެރިން. ޕާރޓްނަރޝިޕް، ގުޅިގެން. ގުޅިގެން ހިންގާ އުޞޫލުން މިކަންކަން ހިންގުމަށް އަޅުގަނޑުމެން ރާވަމުން މިދަނީ. އެހެންވީމާ، މިއަދު އަޅުގަނޑަށް ހަމަ ވަރަށްބޮޑަށް ޔަޤީން، އަޅުގަނޑުމެންގެ ސިޔާސަތު ތަންފިޒުވީމާ މަޑަވެލީގެ އިންޖީނުގޭގެ މައްސަލައެއް އިރާދަކުރެއްވިއްޔާ ނުޖެހޭނެއޭ. މިތަނުގައި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ފެނާއި ނަރުދަމާގެ ޚިދްމަތުގެ މަސައްކަތް ފަށައިގަންނާނަމޭ. އެއި އަޅުގަނޑުމެންނަށް މިރަށުގައި ކުރެވޭނެކަންތައް. މިކަންކަން ކުރުމަށްހަމަ އަޅުގަނޑުމެން ހަމަ ތިޔަބޭފުޅުންގެ ކިބައިން ވަރަށްމުހިންމު އެއްބާރުލުމެއް ބޭނުންވޭ. އެއީ އުންމީދު. އަޅުގަނޑާއެކީގައި މި އުންމީދު ތިޔަބޭފުޅުން ކުރެއްވުން. ތިޔަބޭފުޅުންގެ މިއުންމީދުނެތި، އުންމީދު ނަގާލާފިއްޔަކާއެއް އަޅުގަނޑުމެންނަކަށެއްނުވާނެ. މިހާރު އަޅުގަނޑުމެންނަށް މިއޮތީ މިކަމުގެ ބޮޑުބައި ކުޅުން ނިމިފައި. ހަވަނަ ދުވަހު ޔުޓިލިޓީ ކުންފުންޏާ ވާހަކަދެއްކުމަށް ބޭރުފަރާތްތަކުން އަންނާނެ.

އަޅުގަނޑުމެންގެ ބިން އެބައޮތް. ރާއްޖޭގެބިން އެއީ މުއްސަނދި އަގުހުރި ބިމެއް. އެ ބިމުގެ ބޭނުން ބޭރުފަރާތްތަކުންވޭ، ވިޔަފާރީގެގޮތުން ކުރަން. އެހެންވީމާ، އަޅުގަނޑުމެންގެ އެބައޮތް މުއްސަނދިކަމެއްވެސް، ތަނަވަސްކަމެއްވެސް. އެކުންފުންޏަށް އަޅުގަނޑުމެންނަށް އެތަނަވަސްކަން ފޯރުކޮށްދެވިދާނެ. ކޮށްދެވުނީމާ، އެކުންފުންޏަށް އެކަން ހިންގޭނެ. އަޅުގަނޑުމެންނަށް މިމަޝްރޫޢު ހަމަބަރާބަރަށް އިރާދަކުރެއްވިއްޔާ ހިންގޭނެ. ތިޔަބޭފުޅުންގެ ފެނާއި ނަރުދަމައާއި ކަރަންޓުގެ ކަންކަން އަޅުގަނޑުމެންނަށް މިއަންނައަހަރު މިދުވަސްވާއިރުގައި ހުރިހާކަމެއް ފުރިހަމަކުރެވިފައި ހުންނާނެކަމުގެ ވަރަށްބޮޑު އުންމީދެއްގައި އަޅުގަނޑުމެން މިތިބީ. އިރާދަކުރެއްވިއްޔާ އެކަން ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ކޮށްދޭނަން.

މީގެކުރީގައި މިވާގޮތަކީ އިނގޭތޯ، މި ޕަބްލިކް ޕަރްއިވެޓް ޕާރޓްނަރޝިޕް އުފެއްދުމުގެ ވާހަކަ. މިއީ، މީގެކުރީގައިވެސް ނުހިނގާކަމެއްނޫން. ހަމަ ހިނގާކަމެއް. މިވާގޮތަކީ، ރެޒޯޓެއް ހަދާމީހެއް، ބޮޑު މީހެއް، އޭނާ މިބޭނުންވަނީ ސަރުކާރުން ކަމެއް. އެވެދާނެ، މުއްދަތު އިތުރު ކުރުންވެސް، އެވެދާނެ ކޮޓަރި އިތުރުކުރުންވެސް. އެވެދާނެ، އޭނާގެ ދެވަނަ އަންބަށް ގޯއްޗެއް، ކޮންމެވެސް ކަމެއް. ސަރުކާރުން އެމީހާ ބޭނުންވަނީ ކޮންމެވެސްކަމެއް. ބޭނުންވީމާ، މީނާ މިދެނީ ސަރުކާރަށް އެއްޗެއް. މިހާރު އެއީ ޕްރައިވެޓް. ބައިނަލްއަޤްވާމީ ވިޔަފާރިވެރިޔާ މިދެނީ ސަރުކާރަށް އެއްޗެއް. މީގެކުރީގައި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން ދެކެވަޑައިގަތީ، ތިމަންނާއަކީ ސަރުކާރޭ. އެހެންވީމާ، ތިޔަދެއްވާ އެއްޗަކުން ތިމަންނާގެ ގެ ދިހަބުރިއަށް އެޅުން އެއީ، ހަމަ ޙައްޤު ޙަލާލު ކަމެކޭ. ތިޔަދެއްވާ އެއްޗަކުން ތިމަންނާގެ ގެ ދިހަބުރިއަށް އަޅާފައި، އަދި ތިމަންނާ އިނގިރޭސިވިލާތުން ގެއެއް ގަނެފައި، ސިންގަޕޫރުން ފްލެޓެއް ގަނެފައި، ދެދަރިން މެލޭޝިޔާއަށް ކިޔަވަންފޮނުވީމާ ހަމަ ރަނގަޅުވާނެއޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން މިބުނަނީ ކިހިނެއްހެއްޔޭވާނީ، މަޑަވެލީގެ ފެނާއި ނަރުދަމައާއި، ކަރަންޓާ އަޅާލިއްޔާ. އަޅުގަނޑުމެން މާބޮޑު ބަދަލެއް ގެންނަނީކީއްޔެއްނޫން. ހަމައެކަނި އެ ތިމަންނާއަކީ ސަރުކާރުގެ އެގްޒެކެޓިވްމީހާ، ސަރުކާރުގެ މުވައްޒިފު ސަރުކާރުގެ މީހާ އެއީ ސަރުކާރެއްނޫނޭ، އެކަނި އަޅުގަނޑުމެން މިބުނަނީ. ސަރުކާރަކީ ތިޔަބޭފުޅުންނޭ. ސަރުކާރަކީ އަޅުގަނޑެއްނޫނޭ، ސަރުކާރަކީ ތިޔަބޭފުޅުންނޭ.

އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅުނަގާފައި މިއޮންނަނީ، 1- މިދައުލަތަށް ލިބޭ ކޮންމެ ފައިސާފޮއްޗަކީ، ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނަކަށް އެއަކަށް ޚިޔާނާތްތެރިވެވޭކަށް ނެތޭ. އިޚްލާޞްތެރިކަމާއެކީގައި ހަމަހަމަކަމާއެކީގައި އަޅުގަނޑުމެން އެ ޚަރަދުކުރަމުން ގެންދަންޖެހޭނެއޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރުގެ ވަޒީރަކަސް، އަމީރަކަސް، ނާއިބަކަސް، ކޮންމެ ބޭފުޅަކަސް، ޚިޔާނާތްތެރިވެއްޖެއްޔާ ތަޙްޤީޤު ކުރެވޭނެ، ޙައްޤު އަދަބުދެވޭނެ. އެއްގޮތަކަށްވެސް ސަލާމަތެއްނުވެވޭނެ. އެފުރްޞަތެއް އަޅުގަނޑުގެ ސަރުކާރަކު އިރާދަކުރެއްވިއްޔަކާއެއް ނުދޭނަން.

އަޅުގަނޑެއް ފައިސާއެއް ހޯދާކަށް އުޅެނީކީއެއްނޫން. ދެން ކޮންމެހެން މިއާ ބައިވެރިވާ އެހެންމީހުން އެކަމުގައި އުޅޭނެކަމެއްނެތް. މި ސަރުކާރުގައި މިތިބީ، ތިޔަބޭފުޅުން މީގައި ބައިތިއްބެވުމަށް ނިންމަވާފައި ތިއްބެވި ބޭފުޅުން. މީގައި ނެތިދާނެ އިނގޭތޯ ބައެއްފަހަރަށް ނެތިދާނެ ޖެހިގެންހުންނަމީހާއާ އެއްވަރުގެ ޑިގްރީއެއް. އެކަންވެސް އަޅުގަނޑަށް މިހާރު އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުގެ ޑޮކްޓަރުން ގިނަކަމުން ބައެއްފަހަރަށް ކުރީދުވަހުވެސް މޫސާ އަޅުގަނޑު ކައިރީގައި ބުނެފި، ނަރުހެއް ލާންވެއްޖެ ނޫންހެއްޔޭ، ތިޔަތަނަށް. އަޅުގަނޑުމެންގެ ތަޢްލީމީ ބައިވަރު މީހުން އެބަތިބި. އެހެންނަމަވެސް މަޖިލީހަށް އަޅުގަނޑުމެން ހޮވަން މިބޭނުންވަނީ ތިޔަބޭފުޅުންގެ މީހާ. އެތަނަށް ހޮވަން އުޅުއްވާނެކަމެއްނެތް، މާބޮޑުތަޢްލީމީ މީހާ، މާބޮޑު ޑިގްރީއެއްއޮތް މީހާ. އަޅުގަނޑުމެން އަތުގައި އެބަހުއްޓޭ އެ އެއްޗިހި، އަސްލަމް އަތުގައިވެސް އެބަހުރި، އަޅުގަނޑު އަތުގައިވެސް އެބަހުރި. އަދި ވަޒީރުން މަޖިލީހުގެ އެހެންބޭފުޅުން އަތުގައިވެސް އެބަހުރި.

އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންގެމީހާ ދެން އެތާ ބައިންދައިގެން، ތިޔަބޭފުޅުންގެއަޑު އަޅުގަނޑުމެންނަށް އިވޭނެގޮތެއް ހަދަން. އަޅުގަނޑަކަށެއް މަޑަވެލީ ހުރިހާ ރައްޔިތުންނަކާއެއް ކޮންމެދުވަހަކު އެއްފަހަރަކު ބައްދަލެއް ނުކުރެވޭނެ. އަދި މަހަކު އެއްފަހަރަކުވެސް ބައްދަލެއް ނުކުރެވޭނެ. އެކަމަކު އަޅުގަނޑަށް، ތިޔަބޭފުޅުންގެ ވަކީލާ ބައްދަލުކުރެވޭނެ ހަފްތާއަކު އެއްފަހަރު. އަޅުގަނޑުމެން މިކަން ތަރައްޤީކުރަންވެގެން އުޅޭއިރުގައި ދެން ތިޔަބޭފުޅުންނަށް ހަމަ ގަބޫލުކުރެވޭތޯ، ޑީ.އާރު.ޕީ.ގެ ކެންޑިޑޭޓު ހޮވުނީމާ، އޭނާއާއެކީގައި އަޅުގަނޑަށް ދެން މަސައްކަތްކުރަން ފަސޭހަވާނެ ކަމަށް. އަޅުގަނޑު އޭނާއާ ވާހަކަދައްކާ އުޅެވޭނެ ގޮތެއްވެސް ނޯންނާނެ. ހަމަ އުނދަގޫވާނެ. އެއާޚިލާފަށް، އަޅުގަނޑުމެންނާ އެކީގައި ފެށުނީއްސުރެ މިކަމުގައި އުޅުނު މީހާ، މިކަމަށް ގެނެވުނީމާ ދެން އަޅުގަނޑުމެންނަށް މިތަނުގެ ތަރައްޤީ ކުރިޔަށް ގެންދެވޭނި. އަޅުގަނޑު ހަމަ ވަރަށްބޮޑަށް އާދޭހާއެކު މަޑަވެލީ ރައްޔިތުން ކައިރީ އަނެއްކާވެސް ހަމަ އާދޭހާއެކު އެދެން، ތިޔަބޭފުޅުން ވޯޓުދެއްވާއިރުގައި މިނާޒިމަށް ވޯޓުދެއްވާށޭ، ނޯޅެއެއްނޫންތޯ؟ އަޅުގަނޑު ދައްކަވާހަކައެއް ނޯޅެއެއްނޫންތޯ؟ ވަރަށް ސާފު، މީގެކުރީގައި މިވާހަކަ ވެރިން ދައްކާނީ އަތޮޅުވެރިންނާއި ކަތިބުން ގެންގޮސް ކޮޓަރިއަކަށް ލާފައި ތަޅުލާފައި ބިރުދައްކަމުން. މިވާހަކަތައް ހަމަދައްކާނެ. ވެރިން، އަބަދުވެސް ސިޔާސީ ވެރިން.

ވަރަށް ހެއްވާކަމަކަށްވާނެ، މިސާލަކަށް، އިނގިރޭސި ބޮޑުވަޒީރު ކައިރީގައި ނުވަތަ އެމެރިކާ ރައީސް ކައިރީގައި، ބަލަ ތިޔައުޅެނީ ގޮނޑި ހޯދާށޭ، ބުނީމާ އޭނާ ހިނިއަންނާނެ. ސިޔާސީ ވެރިއެއްގެ ބޭނުމަކީ ރައްޔިތުންގެ ރުހުން ހޯދުން. ރައްޔިތުންގެ ރުހުން ރަމްޒުކޮށްދެނީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި. އަޅުގަނޑުގެ އަބަދުވެސް ބޭނުމެއް އެއީ، ގޮނޑި ހޯދުން. އެކަމަކު އަޅުގަނޑުމެންނަކަށް ނާޖާއިޒު ފައިދާއެއް ނުނެގޭނެ. އަޅުގަނޑުމެންނަކަށް ނުހަމަކަމެއް މިކަމުގެތެރެއަކު ނުކުރެވޭނެ. ވޯޓުގުނުމުގައި އޮޅުވައެއް ނުލެވޭނެ. އެއީކީއެއް އަޅުގަނޑުމެން ކުރާނެކަމެއްނޫން. މީހުންނަކަށް ނުފޫޒެއް ނުފޯރުވޭނެ. އަދި ޚާއްޞަކޮށް، ސިވިލް ސަރވިސް މުވައްޒަފުންނަށް ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރުވައިގެނެއްނުވާނެ. އަޅުގަނޑުމެންނެއް ނުޖެހޭ. އަޅުގަނޑުމެން ބުނީ، އަޅުގަނޑުމެންނަށް އެންމެފުރަތަމަ ދުވަހުވެސް އެނގެއޭ، އެއީ ކިހިނެއް އުފެދިފައިއޮތް ސަރވިސްއެއްކަން. އަޅުގަނޑުމެންނަށް އެނގޭ، އެއީ ހަމަ އުނދޯލިގެއެއްގައި އިންނަވާފައި، އޭނައާއި މީނައާ އޭނާގެ ކޮއްކޮއާއި، ކޮއްކޮގެ ދައްތައާއި، ދައްތަގެ ބޭބެއާ އެއީ ސަރުކާރު މުވައްޒަފުންނޭ ބުނީކަން. ބުނީމާ އެހެން އުފެދުނު ސަރުކާރު މުވައްޒަފުން.

މީގެ ތިންއަހަރުކުރީގައި އަޅުގަނޑުމެންބުނީ، ހިނގާށޭ ޤާނޫނެއް ހަދަން، ތިޔަމީހުންނަކީ ސިވިލްސަރވިސްގެ މުވައްޒަފުންނޭ ބުނާ. އަދި ޤާނޫނެއް ހެދިޔަކަސް އެމީހުންގެ ހިތަކާ ސިކުނޑިއެއް ބަދަލެއްނުވާނެ އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަން ވިސްނޭ. އެހެންނަމަވެސް، އެމީހުންނާ ދިމައެއްނުކުރެވޭނެ. ބިރެއްވެސް ނުދެއްކޭނެ، އަދި މަޖުބޫރެއްވެސް ނުކުރެވޭނެ. އަޅުގަނޑުމެން މީގެ ކުރީގައިވެސް ވޯޓު ހޯދާފައި އޮތީކީއެއް މީހުންނަށް ބިރުދައްކައިގެން، މަޖުބޫރުކޮށްގެން، އަނިޔާކޮށްގެން، ނާޖާއިޒުފައިދާ ނަގައިގެންނެއްނޫން. ހަމަ ތިޔަބޭފުޅުން ރުހިގެން ލޯބިން އަޅުގަނޑުމެންނަށް ދިންއެއްޗެއް ދެއްވީ. ދެންވެސް އަޅުގަނޑުމެން ބޭނުމީ ހަމައެކަނީ އެވޯޓު. އެނޫން ވޯޓެއް ހޯދައިގެނެއް މިކަމެއްނުވާނެ. އަނެއް ނުކުތާއަކީ، މަޖިލީހުގެ ގޮނޑި ޙަޤީޤަތުގައި ނުލިބުނަސްވެސް އަޅުގަނޑަށް ވާ އެއްވެސްކަމެއްނެތް. މިއީ، މީގެ އެންމެ ދެރަކަމަކީ. އަޅުގަނޑުގެ މުސާރައިން ހަތަރުއަނާއެއްވެސް ނުގެއްލޭ. އެކަމަކު އަޅުގަނޑުގެ ބޭނުން ހަމައެކީގައި ދޭ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ވަޢުދު ފުއްދަން. އެވަޢުދު ނުފުއްދޭ ގޮތެއްގައި ދެން އަޅުގަނޑު ކޮންމެހެން ގެއެއްގައި އޮންނާނެ ކަމެއްނެތް. އަޅުގަނޑުމެންނަށް މިގޮނޑިތައް ލިބިގެން ނޫނިއްޔަކާއެއް، އަޅުގަނޑުމެން މިއެދޭ ވަޢުދުތަކެއް އަޅުގަނޑުމެންނަކަށެއް ނުފުއްދޭނެ. މިކަމަށްޓަކައި ވަރަށްބޮޑަށް އަޅުގަނޑުމެން ގޮނޑިތައް ބޭނުން. އަޅުގަނޑު އުންމީދުކުރަން ތިޔަބޭފުޅުން އެކަމަށް ބޮޑަށް ވިސްނަވާނެކަމަށް.

އަޅުގަނޑުމެންގެ އަނެއް ވަޢުދަކީ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް އަޅުގަނޑުމެން ގުޅާލަދޭނަމޭ. މިއަދު ހަމަ އަނެއްކާ މިވާހަކައިގައިވެސް ދަންނަވަންއޮތް ވާހަކައަކީ، މަޑަވެލިންފުރައިގެން، ތިނަދުއަށްވެސް، ހޯޑެއްދުއަށްވެސް، ނަޑެއްލާއަށްވެސް، ރަތަފަންދުއަށްވެސް، ފިޔޯރިއަށްވެސް، ފަރެސްމާތޮޑާއަށްވެސް، ވާދުއަށްވެސް، ގައްދުއަށްވެސް، މި އަތޮޅު، ހުވަދު ބޮޑުއަތޮޅުގެ ހުރިހާ ރަށަކަށްވެސް ކޮންމެދުވަހަކު ދެވޭނެގޮތެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސާދޭނަމޭ. ދަތުރުފަތުރުކުރުމުގެ ނިޒާމަކުން މިރަށްތައް އަޅުގަނޑުމެންނަށް ގުޅާލަދެވޭނެއޭ. އެއީކީއެއް ނުކުރެވޭވަރުގެ ކަމެއްނޫނޭ. އަދި މި މަޑަވެލިން ފެށިގެންގޮސް ފިޔޯރީއާ ހަމައަށް އެއްއިންޖީނު ގެއިން ކަރަންޓުދިނުން، އެވެސް އަޅުގަނޑުމެންނަށް ވާންއޮތްކަމެއް. މިޔުޓިލިޓީ ކުންފުނީގެ ފަރާތުން އެކަންއެގޮތަށް ހިންގާނެ. އަދި ހަމަމި ދަތުރުފަތުރުކުރުމުގެ ނިޒާމުގެދަށުން، އެ މަޝްރޫޢުގެ ދަށުން މިދަންނަވާ ދަތުރުފަތުރުތައްވެސް އަޅުގަނޑުމެންނަށް ގުޅާލެވޭނެ.

ދެން އަޅުގަނޑުމެންގެ އަމާޒަކީ، 60 ޕަރސެންޓް ކުދިންނަށް "ސީ" ފާހުން މަތި ހޯދާދިނުން. 60 ޕަސެންޓްކުދިންނަށް "ސީ" ފާހުންމަތި، މަދަރުސާއިން ނުކުންނަ. މިއަދު އެންމެފަހުން މަޑަވެލީ އޯލެވެލް ހެދިފަހަރު، 12 ޕަރސެންޓް ކުދިންނަށްވެސް އެކަމެއް ނުވޭ. "ސީ" ފާހަށްވުރެ މައްޗަކަށް ނުދޭ. އެހެންވީމާ، ވަރަށް ބޮޑު މަސައްކަތެއް ކުރަން އެބަޖެހޭ. އެކަން ކުރެވެންއޮތީ، ރަނގަޅު މަދަރުސާއެއް ހަދައިގެންނާ، ރަނގަޅު ޓީޗަރުން އުފައްދައިގެން. ރަނގަޅު މަދަރުސާއެއްހަދަން، އަޅުގަނޑު މިއައީ ދެންމެ މަދަރުސާވެސް ބަލާލާފައި. މަދަރުސާއެއް ހަދަން ހަމަ ބޭނުންވޭ، އެބަ ކިތަންމެ ކަމެއް. އޭގެތެރޭގައި އެއްދަން ފަޅިއަށް މަދަރުސާ ބަދަލުކުރުން. އަދި ރަނގަޅު ޓީޗަރުން އުފެއްދުން. ރަނގަޅު ޓީޗަރުން އުފެއްދުމަށްޓަކައި، އެޓީޗަރުންނަށް ސްކޯލަރޝިޕްވެސް އެބަ ބޭނުންވޭ. ރަނގަޅު ޓީޗަރުން އުފެއްދުމަށްޓަކައި މިތަނުގައި މަތީ ތަޢްލީމުގެ ފުރްޞަތު، މިސާލަކަށް، ތިނަދޫގައި މަތީތަޢްލިމުގެ ފުރްޞަތު މަޑަވެލީ ކުދިންނަށް ލިބެންޖެހޭނެ. ލިބިގެން ނޫނިއްޔަކާއެއް ރަނގަޅު މަތީ ތަޢްލީމުގެ ނިޒާމެއް ގާއިމެއް ނުކުރެވޭނެ. ބައިވަރު ކުދިން ބޭނުންވެގެން މިއުޅެނީ.

އަޅުގަނޑުމެންނެއް ނުދެކެން، ފުރަތަމަޑިގްރީއެއް ނެތީހެއް، ކިޔަވައިދޭން އަޞްލުގައި ރަނގަޅުވާނެ ކަމަކަށް. އެހެންވީމާ، ބައިވަރު މީހުންނަށް ބައިވަރުކަންތައް އެބަ އަޅުގަނޑުމެން އެއްފަހަރާ ކުރަންޖެހޭ. މިކަން ކުރުމަށްޓަކައި، އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް، މަންޒަރެއް، ފިކުރެއް، ސިޔާސަތެއް، ތަޞައްވުރެއް، ދެން މެނިފެސްޓޯއެއް. އެތަންފީޒުކުރަންވެގެން އަޅުގަނޑުމެން މިހާރު މިއުޅެނީ. އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ޔަޤީން، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެކަން. އަދި އަޅުގަނޑަށް ހަމަ އެހާމެ ޔަޤީން، އެކަންއަޅުގަނޑުމެން ކުރުމުގައި ތިޔަބޭފުޅުން، މަޑަވެލީ ރައްޔިތުން އަޅުގަނޑުމެންނާއެކީގައި ތިބޭނެކަންވެސް. އަދި ހަމަ ދަންނަވަންތޯ ވާހަކައެއް، ތިޔަބޭފުޅުން ހަމަ ބޭނުންވެލެއްވީމާ، އަޅުގަނޑާދިމާއަށް ފުރައްސާރަވެސް ކުރަންވީ، މަލާމާތްވެސް ކުރަންވީ، ހަޅޭއްވެސް ލަވަންވީ، ހަޖޫވެސް ޖަހަންވީ، ފާޑުވެސް ކިޔަންވީ. އަޅުގަނޑަށް ހަޖަމު ކުރެވޭނެ. ހަމަ އަޅުގަނޑަށް ކުޑަ މައްސަލައެއްވެސްނެތް. އަދި އަޅުގަނޑު ތިޔައިން ބޭފުޅެއްދެކެ ކުޑަކުޑަ ކޮށްވެސް ހަމަ ރުޅިއެއްނާންނާނެ. އަޅުގަނޑާ ދިމާއަށް އެއްޗެއް ގޮވާލައިގެނެއް. ހަމައެއްވެސް މައްސަލައެއްނޫން، އެއީކީއެއް. އަޅުގަނޑަށް ވިސްނޭ، ވެގެން މިއުޅޭގޮތް.

ޑިމޮކްރެސީގެވެސް ދަތްފަޅާއިރު ތަދުވަނެކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެތަދު އަޅުގަނޑުމެންނަށް ޖެހޭނެ ތަޙަންމަލް ކުރެވެން. އަޅުގަނޑުމެންނަށް ޖެހޭނެ އެ ހަޖަމު ކުރެވެން. އަޅުގަނޑަށް އެކަންވާނެ. އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑު ނޭދެން ތިޔަބޭފުޅުން އަދި މީހަކު އަޅުގަނޑާ ދިމާއަށް އެއްޗެއް ގޮވާލީމާ، އެކަމާދެން ކަންބޮޑުވެލައްވައިގެން، ނުވަތަ އެއްޗެއް ހީކޮށްގެން އަދި އަޅުގަނޑު އެކަމާ އެއްޗެއް ހީކޮށްފާނެތޯ ހިތަށް އަރައިގެން އުޅުއްވާކަށް. ނޫން، އެއީ، ހަމަ ވަރަށް ރަނގަޅުކަމެއް. ދޭތެރެދޭތެރެއިން އަދިހަމަ ގޮވާވެސް ލާންޖެހޭނެ. އެކަމަކު އަޅުގަނޑު ނުދޭނަން އިސްތިޢުފާއެއް. އެއަކުނެތްޝައްކެއް. އަދި ދަންނަވަންތޯ، މިފަސްއަހަރުދުވަހުތެރޭގައި އަޅުގަނޑުމެންނެއް މިވެރިކަމަކުން ދުރެއްވެސް ނުކުރެވޭނެ. އެއިއްޔަކީވެސް ވާނެކަމެއްނޫން. ހަމަވަރަށް ސާފުކޮށް ހުރިހާ ބޭފުޅުންނަށް ރާއްޖޭގެ ސިޔާސީގޮތުން ކިރިޔާވެސް ލޯހުޅުވޭމީހެއް، ކުޑަކޮށްވެސް ނުދެކޭނެ އަޅުގަނޑުމެންގެ މިވެރިކަން މިފަސްއަހަރުގެ ކުރީގައި ފިރުކާލެވިދާނެކަމަކަށް. ނުދެކޭނެ. ބަޑިހިފައިގެން އަޔަސްވެސް އެކަމެއް ނުވާނެކަން ވަރަށް ސާފުކޮށް އެނގޭނެ. އަޅުގަނޑުމެންނަކާ ނުކުޅެވޭނެ. އަޅުގަނޑުމެން މިއީ ކަމެއްކުރަން އައިސްތިބިބައެއް. މިކަންކުރަންވެގެން އަޅުގަނޑު މިއުޅެނީ. އެކަންކުރުމުގައި އިރާދަކުރެއްވިއްޔާ ކޮންމެދުވަހަކު މަދުވެގެން 12–14 ގަޑިއިރު އަޅުގަނޑު މަސައްކަތްކުރާނަން. އަޅުގަނޑު ހުއްޓިއެއް ނުހުންނާނަން، އަޅުގަނޑެއް ފަރުވާކުޑައެއްނުކުރާނަން، އަޅުގަނޑު ގަޑިއެއްނުޖެހޭނެ. އަޅުގަނޑު ބަރާބަރަށް ކޮންމެދުވަހަކު، ކޮންމެދުވަހަކު އަޅުގަނޑު ކުރާކަމެއްކޮށްކޮށް އިރާދަކުރެއްވިއްޔާ ހުންނާނަން.

އަޅުގަނޑު ހަމަ މަޑަވެއްޔަށް އައިމާ ތަންކޮޅެއް ގިނަވާހަކަވެސް ދެކެވެނީ. އަބަދުވެސް ދެކެވެނީ، އެހެންވަނީ. ތިޔަބޭފުޅުންނާ އަޅުގަނޑާ އޮންނަ ގާތްގުޅުން، އަޅުގަނޑު ވަރަށް އުފާވޭ. ހަމަވަރަށް އުފާވޭ، އަޅުގަނޑު މިރަށަށް އައިސްފައި އަޅުގަނޑު އުފާވޭ. ދެން އަޅުގަނޑަށް ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން އަޅުގަނޑަށް ކޮށްދެވެންހުރި ހުރިހާކަމެއްވެސް މަޑަވެލީ ރައްޔިތުންނަށް އަޅުގަނޑު ކޮށްދޭނަން. އޭގެއިތުރުން، އަޅުގަނޑު ނޭނގިހުއްޓާ އަސްލަމް އޮތީ މަޑަވެލި ހިއްކާލާ ވާހަކަވެސް ނިންމާފައި. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އޭގެ އިތުރުން ހިނގާކަންވެސް ހަމަ ބައިވަރު އެބަހުރި. ތިޔަބޭފުޅުންގެ ސަރުކާރެއް މިއޮތީ. ތިޔަބޭފުޅުންގެ ސަރުކާރެއް މިއޮތީ. އެހެންވީމާ، އެކަން ހަމަހަނދުމައިން ކައްސާނުލާތި. މިއީ، އެހެންބައެއްގެ ތަނެއްނޫން، އެހެންބައެއްގެ އެއްޗެއްނޫން، މިއީ ހުވަދުއަތޮޅު މީހުންގެވެސް ހަމަ ވަރަށްބޮޑު ޙިއްސާއެއް އޮވެގެން، އުފެދިފައި އޮތް ސަރުކާރެއް. އެނޫންގޮތަކަށެއް ނުވާނެ. ދެން މިތަނުން، ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން، ނާޒިމު އުނިކޮށްފިއްޔާ ދެން ކޮންމެހެން ދުނިޔެ ބޮލަށް ވެއްޓޭނީކީނޫން. އެކަމަކު އަޅުގަނޑު ވަރަށް ދެރަވާނެ. އެހެން ނުހައްދަވާތި. އެހެން އެއްގޮތަކަށްވެސް ނުހައްދަވާތި. މިކަން ކުރަން އަޅުގަނޑުމެން ފިކުރުކޮށްފައިއޮތް ތަރުތީބެއް އެބައޮތް. އަދި އަޅުގަނޑުމެން ފިކުރުކޮށްފައިއޮތް ގޮތެއް އެބައޮތް. ރާއްޖޭގެ ރައްޔިތުންގެ ގިނަމީހުން އެކަމަށް އޮތީ އަޅުގަނޑުމެންނަށް އަޣްލަބިއްޔަތު ދެއްވާފައި. އެހެންވީމާ، އެކަމުގައި އަޅުގަނޑުމެން ކުރިއަށްދާނީ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލެއްވުން. އަޅުގަނޑުގެ އުންމީދަކީ، މާދަމާ އެއީ މިއަދަށްވުރެ އަދި މާފާގަތި އުފާވެރި ދުވަހަކަށްވުން.

والسّـلام عليـكم. واَلحَمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ.