بســم اللّـه الرّحمـن الرّحيــم

ޙާޒިރުވެ ތިއްބެވި އެންމެހާ ބޭފުޅުން

السّـلام عليـكم

މީގެ ހައެއްކަ މަސް ކުރީގައި އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅިން ވިސްނުމެއް. ފިކުރެއް. ޚިޔާލެއް. ތަޞައްވުރެއް. މަންޒަރެއް. އަޅުގަނޑުމެންގެ ސިޔާސަތެއް. އަޅުގަނޑުމެންގެ މެނިފެސްޓޯއެއް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ރިޔާސީ އިންތިޚާބަށް ވާދަކުރަން ނުކުތުމަށްޓަކައި އަޅުގަނޑުމެން އެކުލަވާލި ތަޞައްވުރު ނުވަތަ މެނިފެސްޓޯ އަޅުގަނޑުމެން އެކުލަވާލީ، އޭގެ ކުރީގެ ހަތަރު އަހަރު ވަންދެން ރައްޔިތުންގެ އަޑު އެކިގޮތްގޮތަށް އަޅުގަނޑުމެން އަޑުއަހާފައި. އަޅުގަނޑުމެން ހުށަހެޅީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، އެމް.ޑީ.ޕީ ހިމެނޭ ވެރިކަމެއްގައި ދިވެހިރާއްޖޭގައި ހިނގާނެ ސިޔާސަތުގެ ކުރު ޚުލާޞާއެއް. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯ. އަޅުގަނޑުމެން ވަޢުދުވިން އެދުވަހު. އަޅުގަނޑުމެންނެއް ބޭނުމެއްނެތޭ ރާއްޖޭގެ ރައްޔިތުންނަކީ ހާސްކަމުގެ ތެރޭގައި އުޅޭ ބަޔަކަށްވާކަށް. އަޅުގަނޑުމެން ފާހަގަކުރިން، އަޅުގަނޑުމެންނެއް ބޭނުމެއް ނުވެއޭ ރައްޔިތުންނަކީ ފޯން ބިލް، ކަރަންޓް ބިލް، ފެންބިލް ނުދެއްކި ބިކަހާލުގައި ޖެހި ހާސްކަންމަތީގައި ދިރިއުޅޭ ބަޔަކަށްވާކަށް. އަޅުގަނޑުމެން ބޭނުންވަނީ، ކޮންމެ ދިވެހި ރައްޔިތަކުވެސް ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިންނަށް ކާންދީގެން އަދި ތިމަންނާއަށް ޙައްޤުތަކެއް ލިބިގެން ހުރި ތިމަންނާގެ އަމިއްލަ ދެފައިމައްޗަށް ތެދުވެ ހުރި މީހެކޭ ބުނެވޭ ރައްޔިތަކު އުފައްދަން. އަޅުގަނޑުމެން ފާހަގަކުރީ މިމަސައްކަތް ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ތަޞައްވުރެއް މި ރާއްޖެއަށް ހުށަހަޅަން. އެ ހުށަހަޅާ ތަޞައްވުރުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ހިންގާ ސަރުކާރެއް އެކުލަވާލަން. އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުން ރާއްޖޭގެ ރައްޔިތުން ބަލައިގެން. އެނގިވަޑައިގަންނަވާނެ، ރިޔާސީ އިންތިޚާބު ނިމިގެން ދިޔައީ، އެ ތަޞައްވުރު އެއީ، އެ ސިޔާސަތު އެއީ، މިރާއްޖޭގައި ހިންގުމަށް ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވާ ސިޔާސަތެއްގެ ގޮތުގައި ގަބޫލު ކުރަމުން.

މިރޭ އަޅުގަނޑުމެންނަށް މި ލިބޭ އުފަލަކީ، އެ ސިޔާސަތުތައް އަޅުގަނޑުމެން ހިންގަން ފެށީމާ، ތިމަންނާއަށް އޮތީ ކޮންއެއްޗެއްހޭ؟ ތިމަންނާގެ ޢާއިލާއަށް، ތިމަންނާގެ ގެއަށް، ތިމަންނާގެ އަވަށަށް، ތިމަންނާގެ ރަށަށް އެ ސިޔާސަތު ތަންފީޒުވާއިރުގައި އޮތީ ކޮންއެއްޗެއްހޭ؟ އަޅުގަނޑުމެންނަށް މިރޭ ޖަވާބު ދެވެން އިރާދަކުރައްވައިގެން މިއޮތީ، އެ ސިޔާސަތު ހިންގާއިރުގައި، ތިޔަބޭފުޅުންނަށް ޚާއްޞަކޮށް މިރަށުގެ ރައްޔިތުންނަށް ދެވެންއޮތީ ކޮންއެއްޗެއްކަން. އަޅުގަނޑުމެން ފާހަގަކުރި ކަންތަކުގެ ތެރޭގައި، އެންމެ ފުޅާގޮތެއްގައި އަޅުގަނޑުމެން ފަސް ވަޢުދެއް ރައްޔިތުންނަށްވަމުން ގެންދިޔައިން. އަޅުގަނޑުމެން ދެންނެވިން. އަޅުގަނޑުމެން ސަރުކާރެއްގައި ދިވެހި ރައްޔިތުންނަކީ، ބޭސް ސިޓީއަށް ސަލާންޖަހާ ބަޔަކަށްވާކަށް އަޅުގަނޑުމެންނެއް ނޭދެމޭ. އަޅުގަނޑުމެން ހުށަހަޅަން ދިވެހިރާއްޖޭގެ ރަށްތަކަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލެވި ލާމެހިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަމޭ. އަޅުގަނޑުމެން އަޑުއުފުލިން ބޯހިޔާވަހިކަމަކީ، ރައްޔިތުންނަށް އަތްފޯރާފަށުގައި ލިބެންޖެހޭނެ ޙައްޤެކޭ. އަޅުގަނޑުމެން ދައްކަމުން އައި އުފުލެވިގެންވާ ވާހަކައަކީ ޚިދްމަތާއި ތަކެތީގެ އަގު އެއީ، ރައްޔިތުންގެ ޖީބަށް ކުޅަދާނަވެގެންވާ ގޮތެއްގައި މިންވަރެއްގައި ހުންނަ އަގުތަކަކަށްވާން ޖެހޭނެއޭ. އަޅުގަނޑުމެންގެ ވަޢުދެއް އެއީ، ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން އެ ވަބާއިން ސަލާމަތްކޮށްދިނުމަށް، ޑްރަގަށް ހުޅުވިފައިވާ ދޮރުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަންދުކޮށްދޭނަމޭ.

ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ހުށަހެޅިން، އަޅުގަނޑުމެންވީން ރައްޔިތުންނަށް ފަސް ވަޢުދު. މި ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. އެ ވަޢުދު ފުއްދުމަށްޓަކައި. ތިޔަބޭފުޅުންނަށް ޚިދްމަތް ދިނުމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ފުއްދައިދޭނަން. އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ އެއީ، އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ވެގެންދާނެ ދިވެހިރާއްޖެއަކަށްވާނެ.

އަޅުގަނޑުމެންގެ އަމާޒެއް އެއީ، އަޅުގަނޑުމެންގެ ވަޢުދެއްމެ އެއީ، ޢާއިލާ ނުރޫޅި ކޮންމެ ދެމަފިރިއަކަށްވެސް އެކުގައި އުޅެވޭނީ، ދެމަފިރިންނާ ގާތުން ނުވަތަ ފިރިމީހާއާއި އަންހެނުން ކައިރީގައި ހުރެ، ނުވަތަ އަންހެނުންނަށް ފިރިމީހާ ކައިރީގައި ހުރެ ވަޒީފާ އަދާކުރެވޭނެ ފުރްޞަތުތައް ހުޅުވިފައި އޮންނަންޖެހޭނެއޭ. އަޅުގަނޑުމެން ބެލިއިރުގައި މިއީ ފަނަރަހާހަކަށް މީހުން ދިރިއުޅޭ ޓައުނެއް، ރަށެއް. މިރަށުގައި މިރަށުން ސީދާ ހުރިހާ ކަމެއްވާގޮތަށް ވަޒީފާގެ ފުރްޞަތުވެސް އަދި އެހެނިހެން ފުރްޞަތުތައްވެސް، އެހެނިހެން ޚިދްމަތްތައްވެސް މިރަށުން ލިބޭނޭ އިންތިޒާމުތަކެއް އަޅުގަނޑުމެން ހަމަޖެއްސުމަށް ސިޔާސަތު ރާވަމުން މިގެންދަނީ. އަޅުގަނޑުމެންގެ ބޭނުމަކީ އެ އިންތިޒާމުތައް ސީދާ މިރަށުން ހުރިހާ ޚިދްމަތްތަކެއް ލިބޭނެ ގޮތްތަކެއް ހޯދުން. އެއީ ޞިއްޙީ ޚިދްމަތްވެސް، ތަޢްލީމީ ޚިދްމަތްވެސް، އަދި ވަޒީފާގެ ފުރްޞަތުވެސް. މުނިފޫހިފިލުވުންވެސް މިރަށުން މިރަށުގެ ރައްޔިތުންނަށް، މިރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނޭގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހަދައިދޭނަމޭ.

ވިލިނގިލީގައި މީހުން އާބާދުކުރީއްސުރެ ފެށިގެން ނުވަތަ ކުރުމަށް ނިންމީއްސުރެ ފެށިގެން އަޅުގަނޑަށް ހަމަ ޔަޤީން، ހަމަވިސްނޭ ކޮންމެ މީހަކަށް ފާހަގަވެފައި އޮންނާނެ، އެ އާބާދީ ކުރާނެ މަސައްކަތް މިތަނުގައި ހުންނަން ޖެހޭނެކަން. އަދި ހަމަ އެފަދަ އާބާދީއަކަށް ބޭނުންވާ އެހެނިހެން އަސާސީ ޚިދްމަތްތައްވެސް މިރަށުން ލިބެން ޖެހޭނެކަން. އަޅުގަނޑުމެން އިންތިޒާމު ކުރަމުން، ވިސްނަމުން، ރާވަމުން މިގެންދަނީ މިކަންކަން މިރަށުގައި ފުރިހަމަވާނެ ގޮތްތަކެއް. އަޅުގަނޑުމެންގެ ވަޢުދުތައް ރައްޔިތުންނަށްވެފައި، އަދި އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިތާ ހަމަސްދުވަސްވެގެންދާއިރުގައި، އަޅުގަނޑަށް ހަމަ ގަބޫލު ކުރެވޭ ބައެއް ބޭފުޅުން ވިދާޅުވާނެ ކޮންކަމެއްހެއްޔޭވީ؟ ހަމަ އެއްވެސް ކަމެއް ނުވެއޭ. ތަކެތީގެ އަގު ހެޔޮވީއަކީއެއް ނޫނޭ. މިތާ ހޮސްޕިޓަލުން ހެލްތް ސެންޓަރުން ކަމެއްވާން އޮތީކީއެއް ނޫނޭ. އެއްތަނުން އަނެއް ތަނަށް ފަސޭހަކަމާއެކީގައި ދަތުރުފަތުރުކޮށް އުޅެވެނީކީއެއްވެސް ނޫނޭ. ބޭސްކުރަންވީމާ ހަމަ އަނެއްކާވެސް މިޖެހެނީ ސަލާންޖަހާށޭ. އެކަމެއްވެސް ވަކިވާން އޮތީކީ ނޫން. ޑްރަގްގެ ކަންތައް ޙައްލަކަށް އައީކީ ނޫނޭ. މިރަށުގައި މިހާރުވެސް ހަމަ ވިއްކަމުން ހިނގަނީއޭ. އަޅުގަނޑަށް އެނގޭ އިޙްސާސްތައް. އަޅުގަނޑަށް ވިސްނޭ އެވާހަކަތައް.

އެހެން ނަމަވެސް، އަޅުގަނޑު ހަމަ ހަނދުމަކޮށް އަރުވަން ބޭނުންވަނީ، ކަމެއް ކުރަންވީމާ އަޅުގަނޑުމެން ކުރަން މިޖެހެނީ އެކަމެއް ނޫނޭ. ދެމެހެއްޓެނިވި ގޮތުގައި ކަމެއް ކުރަން ވެއްޖިއްޔާ، އަޅުގަނޑުމެން ކުރަން ފަށަން މިޖެހެނީ މުޅިން އެހެން ކަމެކޭ. އެ އަނެއް ކަންތައް ކުރަމުން ކުރަމުން ކުރަމުން ގޮސް އަޅުގަނޑުމެން ބޭނުންވާ ކަންތައްވީމާ، ދެން އެކަންތައް އޮންނާނީ ދެމެހެއްޓެނިވި ގޮތުގައި ވެވެއޭ. އިންތިޚާބު ކައިރިވީމާ އަޅުގަނޑުމެންނަށްވެސް އިޢްލާނުތައް ކުރަން ފެށިދާނެ. އަދި މިތަނުގައި އެވެނި ކަމަކާއި މިވެނި ކަމެއް ހަދާ ވާހަކަ ދެއްކިދާނެ. އެހެން ނަމަވެސް، އެކަންކަމަކީ ދެމެހެއްޓެނިވި ގޮތުގައި ހުންނާނެ ކަންކަމަށް، އަބަދަށް ތާއަބަދަށް ހިނގަ ހިނގާ ހުންނާނެ ކަންތަކަށް ހެދުމަށްޓަކައި އެފަދަ އިޢްލާނުތަކުގެ ފަހަތުގައި ފުރިހަމަ ރޭވުން، ޚާއްޞަކޮށް އޭގެ ފައިސާގެ އެންމެހާ ކަންކަން ރޭވި ނިމިފައި އޮންނަން ޖެހޭނެ. އަދި އެކަމެއް ކުރީމާ އެކަމަކުން ދެން ނުކުންނާނެ ނަތީޖާތަކާއި، އެނަތީޖާތައް ގުޅިފައި ހުރި ސަބަބުތަކާ، މިކަންކަމުގެ މައްޗަށް އަބަދުވެސް ވިސްނަންޖެހޭނެ. ސަރުކާރުގެ ކަންތައް ރަނގަޅަށް ހިންގުމަކީ ދުރު ވިސްނައިގެން ހިންގުން. ހަމައެކަނި ސިޔާސީ ކަންކަމަކުއެއް ނޫން އަޅުގަނޑުމެންގެ ޓީމު ދުރަށް ވިސްނަނީކީއެއް. ރައްޔިތުންނަށް ޚިދްމަތް ފޯރުކޮށްދިނުމުގައި އަދި ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި އަޅުގަނޑުމެން އަބަދުވެސް އެބަޖެހޭ ހަމަ ޢާންމުކޮށް އަޅުގަނޑުމެން މިބުނާ ފަދައިން، ހަކުޅި ކުރިއަށް ވިސްނަން. އެހެން ނޫނީ އަޅުގަނޑުމެންނަށް މިފެންނަނީ ސައިވެފައި އޮއްވާ. ހަމަ ހަމައަށް ދެކުޅި ނުކުޅެވޭ ކޮންމެ ފަހަރަކު ސައިވެފައި. އަޅުގަނޑުމެންނަށް އެނޫން ގޮތަކަށް ކަންކަން އިންތިޒާމު ކުރެވިގެން ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ދެމެހެއްޓެނިވި ތަރައްޤީއެއް، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ، ނުލިބޭނެ.

އަޅުގަނޑަށްވެސް މި އިންތިޚާބު ގާތްވެގެން އައީމާ އަޅުގަނޑުގެ ދެޅިޔަނަކާއި އެއްބަފާ ދެމީހެއްގެ ކައިރީގައި ރަށްރަށަށް ގޮސް ނިކަން ފައިސާ ބަހާލަން ބުނެވިދާނެ. އަދި އެމަގުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވިދާނެ. އަޅުގަނޑުމެންނަށްވެސް ފުލުސް އޮފީހުގެ އާރާއި ބާރު ނެރެ ރައްޔިތުންގެ ތެރެއަށް ފަތުރާލެވިދާނެ. ބިރުވެރިކަން ރަށުތެރެއަށް ގެނެވިދާނެ. އެހެންނަމަވެސް، އެއީކީއެއް އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެން ހޯދަން އެދޭ މަގެއް ނޫން. އަޅުގަނޑުމެން ބޭނުމީ، ދެމެހެއްޓެނިވި ގޮތުގައި އަދި މި އެންމެހާ ކަންކަމަށްވުރެ މުހިންމު އަޅުގަނޑުމެންގެ ނަޒަރުގައި މުހިންމު ކަމަކީ ދިވެހިރާއްޖޭގައި ޑިމޮކްރަސީއެއް ޤާއިމު ކުރުން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމައަށް ލިބިދިނުން. ހެޔޮގޮތުގައި ވެރިކަން ކުރުމުގެ ނިޒާމެއްގެ ގޮތުން ފާހަގަވެފައި މިއޮތީ ޑިމޮކްރަސީ. އެއަށްވުރެ ވަކި ރަނގަޅު ނިޒާމެއް އިންސާނީ ތަޖުރިބާ އަދި ދައްކާފައެއްނުވޭ. އެނިޒާމު ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ މަޝްވަރާގެ މަރްޙަލާތައް ކުރިއަށް އެބަ ގެންދަންޖެހޭ. އޭގެތެރެއިން، ރައްޔިތުންގެ ތާއީދު ހޯދުން އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން އަބަދުވެސް ތިޔަބޭފުޅުންގެ ރުހުން ބޭނުންވާނެ. އަދި އެރުހުން ރަމްޒުކޮށްދޭ ދަލީލަކީ، ހެތްކަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް. އެކަމަކާވެސް އަޅުގަނޑުމެން ދެބަހެއް ނުވާނަން. އަދި ތެދުތެދަށް ދަންނަވަނީނަމަ، އަޅުގަނޑުމެން އެގޮނޑިތައް ބޭނުންނުވާ ކަމަކަށް އެންމެ ހިނދުކޮޅަކުވެސް ނުބުނާނަން. އަޅުގަނޑުމެން ބޭނުން.

ރައްޔިތުންގެ މަޖިލިސް އަލަށް އުފެދިގެން އަންނައިރުގައި ކުރަންހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް އެބަ ވިސްނަންޖެހޭ. މިއަދު އަޅުގަނޑުމެން ވިލިނގިލީގައި މިހުޅުވާ މިސާލަކަށް، ލައިޓް އިންޑަސްޓްރިއަލް ޕާކް، ތަރައްޤީކޮށް ހެދުމަށްޓަކައި މަޖިލީހުގެ ލަފައާއި ރުހުން ބޭނުންވާ ކަމަށް ހަމަ ދާދި އިހަކަށްދުވަހަކު މަޖިލީހުން ފާސްކުރި. އަޅުގަނޑުމެން މިބޭނުންވާ އިޞްލާޙުތައް ގެނައުމަށާއި، އަދި އަޅުގަނޑުމެން މިއެދޭ މަޝްރޫޢުތައް ހިންގުމަށް އަޅުގަނޑުމެން ފިކުރުކޮށްފައި މިއޮތީ، މީގެކުރީގައި ހިންގި ފަދައިން ޕީ.އެސް.އައި.ޕީ ނުވަތަ ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެ ކަންކަން ހިންގުން އެކަންޏެއް ނޫން. އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، ސަރުކާރަށް ފާހަގަކުރެވެނީ، މިހާރުން މިހާރަށް މި ރާއްޖޭގައި އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަދި އެ ޚިދްމަތްތަކާއި އެކަންކަން ހިންގުމަށްޓަކައި ބޭނުންވާ އެކިއެކި އިންޑަސްޓްރިއަލް ޞިނާޢީ މަސައްކަތްތައް ކުރިއެރުވުމަށް ނުހަނު ގިނަ ފައިސާ އެބަ ބޭނުންވޭ. އާދައިގެ އަންދާޒާއަކަށް ބަލާއިރު ފައްސަތޭކަ މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ، ކުރިއަށް މިއޮތް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި މިރާއްޖެއަށް އެބަ ބޭނުންވޭ. ސުވާލަކީ، އެފައިސާ އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ނެރެވިދާނެތޯއޭ؟ ނޫން ނުނެރެވޭނެ. ފައްސަތޭކަ މިލިއަން ޑޮލަރަކީ ރަނގަޅަށް ހަބިލިއަން ރުފިޔާ. އަޅުގަނޑުމެންނަށް އަހަރެއްގެ މައްޗަށް މުޅި ޖުމްލަ އާމްދަނީގެ ގޮތުގައި މިލިބެނީ ހަތް ބިލިއަން ރުފިޔާ. އެހެންވީމާ، ސަރުކާރަށް ކުރެވެން އޮތް ކަމެއް ނޫން އެއީ، ކުރިއަށް މިއޮތް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އެފަދަ ޢަދަދެއްގެ އިންވެސްޓްމަންޓް ރާއްޖެއަށް ކުރުން.

ސަރުކާރުން ވިސްނީ އެފައިސާ ގެނެވެން އޮތް ނުވަތަ އެފައިސާ ރާއްޖޭގައި ޚަރަދު ކުރެވެން ފެށޭނޭ އެހެން ގޮތްތަކެއް އެބައޮތޭ. އެއީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއް މެދުވެރިކޮށް. ޕަބްލިކަކީ ސަރުކާރު. ޕްރައިވެޓޭ އަޅުގަނޑުމެން މިކިޔަނީ ބައިނަލްއަޤްވާމީ ވިޔަފާރި ކުންފުނިތައް. ޕާޓްނަރޝިޕެއްގެ ގުޅުން. ސަރުކާރުން މިމަސައްކަތްތައް ހިންގުމަށްވެސް ބޭނުންކުރާނީ މިދަންނަވާ ގޮތް، މިދަންނަވާ މޮޑެލް. ސަރުކާރުން ނިންމީ މިހާރުން މިހާރަށް އަދި އަޅުގަނޑުމެންގެ ފުއްދުމަށްޓަކައި ކޮންމެހެން އެބަ ބޭނުންވެއޭ ދިހަހާސް ގެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތް ކުރަން. އެގެތައް އިމާރާތް ކުރުމަށް އެކަނި ފައްސަތޭކަ މިލިއަން ޑޮލަރު ޚަރަދުވާނެ. އެހެންނަމަވެސް، ސަރުކާރަށް އެކަން ކުރެވިދާނެ ކަމަށް އަޅުގަނޑުމެން ދުށީ އިތުރު އިންތިޒާމެއް ނުވަތަ އެހެން ވިސްނުމަކަށް އަޅުގަނޑުމެން ހިނގައްޖެނަމަ މި ދިހަހާސް ގެ ޢިމާރާތް ކުރުމަށްޓަކައި ސަރުކާރުން އެކަމަށް އިޢްލާނު ކުރިއިރުގައި އިޢްލާނުކުރީ އެއްހާސް ޕްރައިވެޓް ވިލާ ނުވަތަ ބޮޑެތި ތިރީސް ސާޅީސްހާސް އަކަފޫޓްގެ ބިން، ދުނިޔޭގެ މުއްސަނދިން އައިސް، ދިގު މުއްދަތުގައި ރާއްޖޭގައި ދިރިއުޅެވޭ ގޮތަށް ދޫކުރާ އެއްހާސް ބިން މިދެންނެވި ދިހަހާސް ގެއާ އެކީގައި ދޫކުރަން. މިއިން ކޮންމެ އެއްހާސް ގެއެއް އަޅައިދޭން ސަރުކާރުން މި ޝަރުޠު ކުރަނީ، ކޮންމެ ސަތޭކަ ބޮޑުބިމަށް ވިޔަފާރި ކުރެވެން ކުރި އަގުބޮޑު މުދަލަށް ސަރުކާރުން ޝަރުޠު ކުރަނީ އެއްހާސް ގެ. އެގޮތަށް ސަރުކާރުން މި މަޝްރޫޢު އިޢްލާނު ކުރީމާ، އެކަމަށް ޝައުޤުވެރިކަން ހާމަކޮށް ސަތާރަ ފަރާތަކުން ސަރުކާރަށް ހުށަހަޅާފައިއެބަވޭ. ސަރުކާރުން މިހާރު އޮތީ މީގެތެރެއިން ކަމަށް އެންމެ އެކަށީގެންވާ ބައެއް ހޯދައި، އެބަޔަކާ މަސައްކަތް ޙަވާލުކުރުން އެކަނި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވިލިނގިލީގައިވެސް ގެ އިތުރަށް އަޅައިދެވޭނެ. އަދި ހުޅުމާލޭގައިވެސް ގެ އިތުރަށް އަޅައިދެވޭނެ. މާލޭގައިވެސް ގެ އިތުރަށް އަޅައިދެވޭނެ. ރާއްޖޭގެ ކަންކޮޅުތަކުގައިވެސް އަޅުގަނޑުމެންނަށް އިތުރަށް ގެ އަޅައިދެވޭނެ. ރާއްޖޭގެ އެ މުއްސަނދިކަން، އެ ތަނަވަސްކަން އެބަހުރި. އެކަން ކުރުމަކަށެއް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރާކަށް ކޮންމެހެންނެއް ލާޒިމެއް ނޫން. އެހެންވީމާ، ބަޖެޓުގައި މިވާހަކަތަކެއް ހިމެނިފައެއް ނުވާނެ. ބަޖެޓުގެ ބޭރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް މެދުވެރިކޮށް، އަޅުގަނޑުމެން މިހުށަހަޅާ ގޮތަށް ބޯހިޔާވަހިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ.

ހަމަ އެ އޮތީ ދަތުރުފަތުރުކުރުމުގެ ނިޒާމުގައިވެސް. ސަރުކާރުން މިދެނީ ޓަރމިނަލެއް ހުންނަ ކޮންމެ ރަށެއްގައި ނުވަތަ ޓަރމިނަލެއް އެޅުނީމާ، އެރަށެއްގައި ގެސްޓްހައުސް ހެދުމުގެ ބިން، އެމަސައްކަތް ހިންގާ ފަރާތަކަށް ދޫކުރަނީ. ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުމަށް މި ބިމުގެ ބޭނުމުގައި ހަތް ފަރާތަކަށްވުރެ ގިނަ ފަރާތް ސަރުކާރަށް ޝައުޤުވެރިކަން ހާމަކޮށްފައި އެބަވޭ. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، އެމަސައްކަތްވެސް މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ ކަމަށް.

އަޅުގަނޑުމެންގެ ފަސް ވަޢުދު ފުއްދުމަށްޓަކައި މިބޭނުންވާ ކަންކަން ހިންގޭނެ އެންމެހާ އިންތިޒާމުތައް، ވިސްނުން އަޅުގަނޑުމެންނަށްވަނީ ވިސްނިފައި. މި ވަޢުދުތައް ފުއްދުމަށްޓަކައި އަދި އާ ޤާނޫނުއަސާސީ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފާހަގަވޭ 64 ތަފާތު ޤާނޫނު ބޭނުންވާކަން. އޭގެތެރޭގައި، ޚާއްޞަކޮށް މިދެންނެވި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމާއި އަދި ގެދޮރު ޢިމާރާތް ކުރުމާއި، ދަތުރުފަތުރު ކުރުމުގެ ނިޒާމު ޤާއިމު ކުރުމަށް ބޭނުންވާ ޤާނޫނުތައް ވަރަށްގިނަ. އަޅުގަނޑަށް ވަރަށް އުނދަގޫ މިއަދު ގަބޫލުކުރަން، މިދިޔަ ދިގު ތިރީސް އަހަރު މި ޤާނޫނުތައް ހެދުމަށް ހުރަސްއެޅުއްވި ފަރާތްތައް މާދަމާ ކުއްލިއަކަށް މި ޤާނޫނުތައް ހެދުމުގައި އަވަދިނެތި އުޅެން ފަށާފާނެ ކަމަށް. އަޅުގަނޑަށް ވަރަށް އުނދަގޫ. އެހެންނަމަވެސް، އަޅުގަނޑަށް ވަރަށް ފަސޭހަ ގަބޫލު ކުރަން އިސްމާޢީލް ޝިހާބާ އެކީގައި އަޅުގަނޑަށް ވިލިނގިލީގެ މަސައްކަތް ކުރެވިދާނެކަން. އެއީ، ހަމަ މިކަމުގެ ޙަޤީޤަތް އަޅުގަނޑަށް ފެންނަން އޮތްގޮތް.

އަޅުގަނޑު މިއީ އެއްވެސް ޙާލެއްގައި އޮޅުވާލައިގެން ވާހަކަ ދައްކާ މީހެއް ނޫން. ވަރަށް ސާފު ބަހުން އަޅުގަނޑު އަބަދުވެސް އަޅުގަނޑުގެ ހުރިހާ ވާހަކައެއްވެސް. ބައެއްފަހަރަށް ފަހަރެއްގައި މީގެކުރީގައި މިވާހަކަތަކެއް ދެކެވޭއިރުގައި އެއީ، ސިޔާސީ ވެރިން ރަށްރަށުގަޔާއި އަދި އަވަށްތަކުގެ ވެރިން ވަކިވަކިން ތަންތަނަށް ގެނެސްގެން ދައްކާ ވާހަކައަކަށް ވެދާނެ. އެހެންނަމަވެސް، އެއީކީއެއް އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. މިއީ އެހެން ޤާނޫނުއަސާސީއެއް. އަޅުގަނޑަށް އެހެންވީމާ އެބަފެނޭ، ތިޔައިގެ ތެރެއިން ޚާއްޞަކޮށް ސިވިލް ސަރވިސްގެ ބޭފުޅުންނަށް އެބަ ހިތަށްއަރާ. މިއީ އަޅުގަނޑުމެން މިހާރު ޢަމަލު ކުރަމުންމިދާ އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައި އަޅުގަނޑަކީ ގިނަ ޕާޓީ ވާދަކުރާ ރިޔާސީ ނިޒާމެއް އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެގެން ކާމިޔާބުވެގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރި މީހެއް. އަޅުގަނޑަށް މުހިންމުވާނެ، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު މި ސަރުކާރަށް އޮތުން. އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށްޓަކައި. އަޅުގަނޑުމެންނަށް ގޮނޑިއެއް ނުލިބިގެން، އަޅުގަނޑުގެ މުސާރައަކުން ހަތަރުއަނާއެއްވެސް މަދުނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތައް ކުރުމަށް ކިތަންމެހާވެސް ހުރަސް އެޅޭނެ. އަޅުގަނޑުމެން ބޭނުންވަނީވެސް މަޖިލީހުގެ ލަފައާއި އިރުޝާދާއި ރުހުމާ އެކީގައި ކަންތައް ކުރަން.

އަޅުގަނޑު މިސާލެއްގެ ގޮތުން ދަންނަވަން. ލާމަރްކަޒީ އުޞޫލުން ހެޔޮވެރިކަން ހިންގުން، އިދާރީ ކަންތައް ރޭވުން މިއީ، މިރާއްޖެ ތަރައްޤީވާނެ ގޮތް ކަމަށް އަޅުގަނޑުމެންނަށް އެވާހަކަތައް އަޑުއިވޭތާ ވިއްސަކަށް އަހަރުވެއްޖެ. ވިހިވިހީގެ ތަޞައްވުރުގައިވެސް އޮތީ ހަމަ އެވާހަކަތައް ލިޔެފައި. ޤާނޫނުއަސާސީ އިޞްލާޙު ކުރެވުނުއިރުގައި ބާބެއްފުރާވެސް ހަމަ ލިޔެވިފައި އޮތީ އެވާހަކަ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހެޅި ދުވަހު ކަންވީގޮތް ހަމަ ތިޔަބޭފުޅުންނަށް ރަނގަޅަށް ސާފުވެދާނެ. ވާދަވެރި އެއްވެސް ސިޔާސީ ޕާޓީއަކުން އެއަކަށް ވޯޓެއް ނުދިން. އަޅުގަނޑުމެންނަށް އެބިލް އެތެރެކުރެވުނީ އެންމެ ވޯޓެއްގެ ފަރަގުން. އަޅުގަނޑަށް ވަރަށް އުނދަގޫ މިއަދު ގަބޫލުކުރަން. މިޙާލުގައި އަޅުގަނޑުމެން ތިއްބާ، އަޅުގަނޑުމެންނަށް މަޖިލީހުގެ އަޣްލަބިއްޔަތެއް ނެތި، އަޅުގަނޑުމެންގެ މި ވަޢުދު ފުއްދަން އުނދަގޫވާނެކަން. އަދި އަޅުގަނޑުމެން މި އެދޭ ހެޔޮވެރިކަން މި ރާއްޖޭގައި ޤާއިމު ކުރަންވެސް އަޅުގަނޑުމެންނަށް އުނދަގޫވާނެ.

ރައްޔިތުންނަށް އެނގޭނީ ރައްޔިތުން ބޭނުންވާގޮތް. އަޅުގަނޑުމެން މިހޯދި، އަޅުގަނޑުމެން ރާއްޖެ ބަދަލަކަށް އެދި ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބައެއް ނުހަނު މަސައްކަތް ކޮށްގެން މި ބަދަލު ކާމިޔާބުކޮށްފައި މިވަނީ. އަޅުގަނޑެއް ނުބުނާނަން އެ ރައްޔިތުން މިއަދު އެ ބަދަލު އަލުން އަނބުރާ އަތުން ފިރުކިދާކަށް ބޭނުންވާކަމަކަށް. އަޅުގަނޑެއް ހަމަގައިމުވެސް ގަބޫލެއް ނުކުރާނަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ގަބޫލުކުރަން ތިޔަބޭފުޅުންނަށް މިކަމުގެ ހެޔޮ ފުރިހަމައަށް ވިސްނިވަޑައިގަންނަވާ ކަމަށް. އަޅުގަނޑަކަށް އޮޅިފައެއްނުވޭ، މާލޭގެ ރައްޔިތުންގެވެސް އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އެކިއެކި ރަށްރަށުގައި ތިބި ރައްޔިތުންގެވެސް ފިކުރާއި ޚިޔާލު.

އަޅުގަނޑުމެން މި ރާއްޖޭގައި މިދިޔަ ދިގު ވެރިކަން ބަދަލުކޮށްދޭނެ ކަމަށް ރައްޔިތުންނަށް ވަޢުދުވިން. އަޅުގަނޑުމެން ވަޢުދުވިން 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު އިރާދަކުރެއްވިއްޔާ ދެން މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނާނީ އަޅުގަނޑޭ. އަޅުގަނޑުމެން އެ ވަޢުދު ފުއްދިން. އަޅުގަނޑުމެން އެހެން އެވާހަކަ ބުނީ ހަމަ ވަރަށް ބޮޑަށް ވިސްނާފައި. އަޅުގަނޑުމެން އެވާހަކަ ބުނީ ވިލިނގިލީގައި އިންޑަސްޓްރިއަލް ޕާކެއް ހެދުމަށް އަޅުގަނޑުމެން ހަމަ މި ވިސްނާ މަގުން އެކަމަށް ރާވާ ރޭވުންތައް ނުވަތަ ހަމަޖައްސަންޖެހޭ އިންތިޒާމު ހަމަޖައްސާފައި، އެ ވަޢުދު އެއީ ފުއްދޭނެ ވަޢުދެއް ކަމަށްވާތީވެ، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް އެ ވަޢުދު ވަމުން ގެންދިޔައީ. ބައެއް ބޭފުޅުން އެދުވަހު ފަހަރުގައި އެއީ، އަޅުގަނޑުމެންނަށް ވެދާނެ ކަމެއް ނޫންކަމަށް ހީކުރައްވާ ތިއްބަވާފާނެ. އެހެންނަމަވެސް، މިދިޔަ ހަތަރު އަހަރު ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ ޙަރަކާތް ކުރުމަށް ކޮންމެވެސް ވަރެއްގެ ޖާގައެއްލިބި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް ޖާގަ ލިބި، ޤާނޫނުއަސާސީ އިޞްލާޙު ކުރެވި، އަދި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން އުފެދި، މިނިވަން އިންތިޚާބެއް ބޭއްވޭނެ މަގަށް ކަންކަން ފަހިވީމާ، އަޅުގަނޑުމެންނަށް އެނގުނު ދެން ބުނަންވީކަން، 11 ނޮވެމްބަރ 2800 ވާ އަންގާރަ ދުވަހު އިރާދަކުރެއްވިއްޔާ ހުވާކުރާނީ އަޅުގަނޑޭ.

އަޅުގަނޑުމެން އެ ވަޢުދު ހަމަވީ ފަދައިން ތިޔަބޭފުޅުންނަށް އެއަށްފަހު އަނެއްކާ ވަމުން ދިޔައީ، އަޅުގަނޑުމެންގެ ފަސް ވަޢުދު. އަޅުގަނޑުމެންގެ ނަޒަރުގައި ޤައުމެއް ތަރައްޤީވެދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ވަގުތެއްގައި ވަކިގޮތަކަށް ކުރީމާ. އަޅުގަނޑުމެން ފާހަގަކޮށްފައިމިވާ ފަސް ކަންތަކަކީ، މިދެންނެވި ޚާއްޞަ ކަންކަން. ދަތުރުފަތުރު ކުރުމުގެ ނިޒާމެއްނެތި ވިޔަފާރިއެއް ނުހިނގާނެ. ވިޔަފާރިއަކީ މުދަލާއި ފަސިންޖަރުން ބަދަލުވުން. އެއްތަނުން އަނެއްތަނަށް ގެންދިއުން. އެކަން ކުރެވޭނެ ގޮތެއް ރާއްޖޭގައި ނުރާވައި، ރާއްޖެ ތަރައްޤީ ކުރަން އުޅުން އެއީ، އަޅުގަނޑު ދަންނަވާނީ ވަރަށްވެސް ދެއުޅިއެއްނުވާ ކަމަކަށޭ ވާނީ. އެއްތަނުން އަނެއް ތަނަށް އަޅުގަނޑުމެންނަށް ދަތުރު ނުކުރެވި މި ރާއްޖެއެއް ތަރައްޤީއެއް ނުކުރެވޭނެ. އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ، ޞިއްޙީ ޚިދްމަތް ދިނުމުގައިވެސް އޮތް އެންމެބޮޑު މައްސަލައަކީ، ދަތުރުފަތުރުކަން. އަޅުގަނޑުމެން ރާއްޖެ ނޫނިއްޔާ ނުހުންނާނެ އިނގޭތޯ، ވަރަށް މަދުވާނެ ޤައުމެއް ގެއިން ބޭރަށް ހަމަ ނުކުންނަތަނުން ކޯޓަކާ ދިމާވާ ގެއިން ބޭރަށް ނުކުންނަ ތަނުން ސަރުކާރުގެ ބޮޑު އޮފީހަކާ ދިމާވާ. އެންމެ ކުޑަކުޑަ ރަށުގައިވެސް އަޅުގަނޑުމެން ހުރިހާ ޚިދްމަތެއް، މުޅި ޤައުމެއް ޤާއިމު ކޮށްފާނަން. އެކަން އަޅުގަނޑުމެންނަށް އެގޮތަށް ކުރަން ލާޒިމު، މަޖުބޫރުވެފައި މިވަނީ ދަތުރުފަތުރު ކުރުމުގެ ނިޒާމު ރާއްޖޭގައި އުފެދި ތަރައްޤީވެފައި ނެތުނީމާ.

އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ލިބޭނެ. އެކަން ކުރުމަށްޓަކައި މިދަންނަވާ މަޝްރޫޢުތައް މި ރާއްޖޭގައި ހިންގުން ހަމަ ވަރަށް މުހިންމު. އަދި އަޅުގަނޑު ދަންނަވާނީ އެކަންކަމަކީ އަޅުގަނޑުމެންގެ ޓީމަށް ކުރެވިދާނެ ކަންކަމޭ. ވަރަށް ބާރަށް އަޅުގަނޑުމެންނަށް އެމަސައްކަތްތައް އެބަގެންދެވޭ. އަދި ވަރަށް މަސައްކަތްދާ ހަލުވިމިނާ ގުޅޭގޮތުން ހިތްހަމަވެސް އަޅުގަނޑުމެން ޖެހޭ. އަޅުގަނޑުމެންނަށް އެކަމުގެ ކާމިޔާބު އިރާދަކުރެއްވިއްޔާ ހޯދޭނެ. އަޅުގަނޑު ހަމަ އަނެއްކާވެސް ދަންނަވާނީ، އަޅުގަނޑުމެން މިއެދޭ ގުލްޒާރު އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ހޯދައިދެވޭނެއޭ. ވިލިނގިއްޔަކީ ޚާއްޞަކޮށް ފަނަރަހާހެއްހާ މީހުން ދިރިއުޅޭ، މިތަނުގައި މިތަނުގެ ރައްޔިތުންނަށް ވަޒީފާ އަދާކުރެވި، އަދި ގެދޮރާއި ތަކެތީގެ އަގުވެސް މިތަނުގައި ތިރިވެ، މިތަނުގައި ޞިއްޙީ ޚިދްމަތް ލިބި، މިތަނުގެ ޒުވާނުންނަށް ކުޅެވޭނެ ގޮތަކާ މިތަނުގެ ޢާއިލާތަކަށް މުނިފޫހިފިލުވޭނެ ގޮތްތަކާއި، ހަމަ އަޅުގަނޑުމެން މިދެކޭ އަނެއް ދިވެހިރާއްޖެއަށް އެންމެ އަވަހަށް ވެވެން އޮތް އެއްރަށަކީ މިއީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިރަށް އެ އަނެއް ރަށަށް، އަނެއް ވިލިނގިއްޔަށް ހަދައިދޭނެ. އަޅުގަނޑުމެން އެ މަސައްކަތް ކުރުމަށް ނުކުމެ މިތިބީ.

އަޅުގަނޑު އެކަން ކުރުމަށް ތިޔަބޭފުޅުންގެ ކިބައިން ހަމަ އެދެނީ އެންމެ ކަމަކަށް. އަޅުގަނޑާ އެކީގައި އެ އުންމީދު ކުރައްވާށޭ. އެ އުންމީދު ނަގާނުލައްވާށޭ، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެއޭ، އެ އުންމީދު ނަގާނުލައްވާށޭ، އެ އަމާޒު ގެއްލުވާނުލައްވާށޭ. ފޯކަސް ނައްޓާނުލައްވާށޭ. އަޅުގަނޑަށްވެސް އެނގޭ، ދިރިއުޅުން ދަތިކަން. އަޅުގަނޑަށްވެސް އެނގޭ މުސްތަޤްބަލް ދެކެން އުނދަގޫކަން. އަޅުގަނޑުވެސް ގަބޫލުކުރަން މާޒީވެސް އޮތީ ވަރަށް ބޮޑަށް ކިލަނބުވެފައިކަން. ގޭތެރެވެސް ތާށިކަން. އެހެންނަމަވެސް، މި އުންމީދު ތިޔަބޭފުޅުން އަޅުގަނޑާ އެކީގައި ކުރައްވާ ކަމަށްވަނީވިއްޔާ، އަޅުގަނޑަށް ހަމަ ޔަޤީން، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ މަންޒިލަށް ދެވޭނެ. ހަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ، ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެއޭ، ބުލްބުލްތަކާއި ކޮކާތަކާ ފަރިވާއިރުން އުޅޭނެއޭ.

والســّلام عليــكم. ވަރަށް ބޮޑަށް ޝުކުރިއްޔާ.