بســم اللّـه الرّحمـن الرّحيــم

ނިލަންދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން
السّـلام عليـكم
މީގެ ހައެއްކަ މަސް ކުރީގައި ތިޔަބޭފުޅުންނާ އަޅުގަނޑާ ބައްދަލުވި. އެއީ، އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި ތައްޔާރުވަމުން ދިޔައިރުގައި. އެދުވަހު އަޅުގަނޑު ތިޔަބޭފުޅުންނަށް ހުށަހެޅީމު އެމް.ޑީ.ޕީ.ގެ ސަރުކާރެއް ހިނގަމުންދާއިރުގައި އެ ސަރުކާރު ތަންފީޒު ކުރަމުންގެންދާނެ ސިޔާސަތުގެ ތަޞައްވުރެއް، މަންޒަރެއް، ވިސްނުމެއް. އަޅުގަނޑުމެން ހުށަހެޅީމު އަޅުގަނޑުމެންގެ މެނިފެސްޓޯ. އަޅުގަނޑުމެން ފާހަގަކުރަމުން ދިޔައީ، އަޅުގަނޑުމެން ބޭނުމެއްނޫނޭ ދިވެހި ރައްޔިތުންނަކީ ބިކަހާލުގައި ޖެހި ހާސްވެ ދިރިއުޅުން ނުތަނަސްވެ ހަދާނެގޮތް ހުސްވެފައިތިބޭ ބަޔަކަށް ވާކަށް. އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ ރައްޔިތުން ބޭސް ސިޓީއަށް ސަލާން ޖަހާކަށް. އަޅުގަނޑުމެން ހުށަހެޅިން އަޅުގަނޑުމެން ހޯދާދޭނަމޭ ޑްރަގަށް ހުޅުވިފައިހުރި ދޮރުތައް ލެއްޕޭނޭ ގޮތްތަކެއް. އަޅުގަނޑުމެން ހުށަހަޅަމުން ގެންދިޔައިމު ބޯހިޔާވަހިކަން ރައްޔިތުންނަށް ފަސޭހަކަމާއެކީގައި ހޯދޭނޭ އިންތިޒާމުތަކެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ. އަޅުގަނޑުމެން ހުށަހެޅިން، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމުން ގުޅާލެވޭނޭ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ. އަޅުގަނޑުމެން ހުށަހެޅީމު ފެނާއި ނަރުދަމައާއި، ކަރަންޓަކީ ރައްޔިތުންގެ އަސާސީ ޙައްޤެކޭ. އެޙައްޤު އަޅުގަނޑުމެން ރައްޔިތުންނަށް ހޯދައިދޭނަމޭ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަން.
މިހާރު މިއީ އޭގެފަހުން 6 މަސް ދުވަސް. އަޅުގަނޑަށް އެނގޭ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތުގައި އުފެދިދާނެ ޝަކުވާއެއް، މިހަމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހުށަހަޅާ ކަންކަން ނުކުރެވި މިއޮތީ ކިހިނެއްވެގެންހޭ؟ ނުވެ މިދަނީ ކީއްވެހޭ؟ އަޅުގަނޑުމެން ހުށަހެޅިއިރުގައިވެސް އެކަންކަން ކުރާނެ ގޮތްތަކެއްގެ ތަރުތީބުތަކެއްވެސް އަޅުގަނޑުމެން ހުށަހެޅީމު. އަޅުގަނޑުމެން ފާހަގަކުރިން މިހާރުން މިހާރަށް ކުރާނެ ކަންތައްތަކާއި، މެދު މުއްދަތުގެ ތެރޭގައި ކުރާނެ ކަންތަކާ އަދި ދިގުމުއްދަތުގައި އަޅުގަނޑުމެން ކުރާނެ ކަންކަން. އަޅުގަނޑުމެން ފާހަގަކުރި އެންމެ މުހިންމު އެއްކަމަކީ، ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް ރިވެތިގޮތުގައި ފަސޭހަކަމާއެކީގައި ރައްޔިތުންނަށް ލިބޭނޭ ގޮތެއްގެ އިންތިޒާމު އަޅުގަނޑުމެން ހަމަޖެއްސުން. މިއަދު އިރާދަކުރައްވައިގެން އަޅުގަނޑަށް އުފަލާއެކީގައި ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް، މިދެންނެވި ސިޔާސަތު ތަންފީޒުވަމުންދާއިރުގައި ތިމަންނާއަށް، މަށަށް، މަގޭ އާއިލާއަށް އަދި މި ނިލަންދޫއަށް އޮތީ ކޯޗެއްހެއްޔޭ؟ މިއަތޮޅަށްވަނީ ކިހިނެއްހެއްޔޭ؟ އެސިޔާސަތު ތަންފީޒުވަމުންދާއިރުގައި މުޅި ރާއްޖެއަށް އަންނަނީ ކޮން ބަދަލެއްހެއްޔޭ؟

އަޅުގަނޑު މިއަދު ފާހަގކޮށްލަން ބޭނުންވަނީ ޚާއްޞަ ގޮތެއްގައި، އެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި ނިލަންދޫއަށްވާނީ ކޮންގޮތެއްތޯއޭ؟ އަޅުގަނޑުމެން އެދުވަހުވެސް ބެލީ ނިލަންދުއަށް ލިބިފައިހުރި ޤުދްރަތީ ވަސީލަތްތަކަކީ ކޮބައިތޯ؟ ނިލަންދޫގެ ހަމަ މުއްސަނދިކަން ވަޒަން ކުރަންވީ. ކުރާއިރުގައި މިފެންނަނީ މިއީ ބިމުން ވަރަށް މުއްސަނދި ރަށެއް. ބިމަކީ އަގުބޮޑު އެއްޗެއް. އެކަން އަޅުގަނޑުމެންނަށް އެބައެނގޭ، އަޅުގަނޑުމެން މީގެކުރީގައި ހީކުރީ މިގޮނޑުދޮށްތަށް ހަމައެކަނި ރަނގަޅީ ވައްލަބިސް އަޅާށޭ. އެކަމު މިހާރު އެނގޭ ޔޫރަޕްގެ މާރުކޭޓުތަކާ ގޮނޑުދޮށްތަކާ ގުޅުވާލީމާ އެއީ، ރަންބިސް އަޅާ ކުކުޅުކަން. އަޅުގަނޑުމެން ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މިއުފެއްދީ ޔުޓިލިޓީޒް ކުންފުންޏެއް ނުވަތަ މިއަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް. އަޅުގަނޑުމެން އަމިއްލަ ރިޒޯޓުތައް ހިންގާ ފަރާތްތަކާވެސް މިދިޔަ ދުވަސްތަކުގައި ސަރުކާރުން މިދިޔައީ ވާހަކަދައްކަމުން. އެބޭފުޅުންނަށް ސަރުކާރުން ހުށަހަޅަނީ އެބޭފުޅުންގެ ރިޒޯޓުތަކުގައިވެސް ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދިނުން އަމިއްލަ ކުންފުންޏަކަށް އެހެން ކުންފުންޏަކަށް ދެއްވަން. ބޮޑަށް ރަނގަޅީ ބައިނަލްއަޤްވާމީ ކުންފުންޏަކަށް ދެއްވިއްޔާއޭ. އެ ބައިނަލްއަޤްވާމީގައި ކުންފުނީގައި ދެން މިއެދެނީ ސަރުކާރު ޙިއްޞާވާ ކުންފުނީގައި ބައިވެރިވާން. އޭރުން މި އެއްކުންފުނިން ހިންގެން އެބައޮތޭ ފެނާއި ނަރުދަމައާއި ކަރަންޓުގެ ޚިދްމަތް އަތްފޯރާ ފަށުގައި.

މިއަދުވެސް އަޅުގަނޑު ކައިރީގައި ވިލިނގިލީ ހޮސްޕިޓަލް ހިންގާ އިސްފަރާތް ވިދާޅުވި، 18 ރުފިޔާއޭ ހޮސްޕިޓަލަށް ކަރަންޓް ޔުނިޓެއް ޗާޖުކުރަނީ. ދެން ކިހިނެއްތޯ އެތަނުގައި ދެކޮޅު ޖެހޭގޮތަކަށް ކަމެއް ކުރާނީ. އަޅުގަނޑަށްވެސް އެބަ ވިސްނޭ. ތިޔަބޭފުޅުން ބޭނުންވެލައްވަނީ ތިޔަބޭފުޅުންގެ ކަރަންޓް ބިލް ކުޑަވާން. އެހެންވީމާ، ސަރުކާރުގެ އޮފީސްތަކުގެ ކަރަންޓް ބިލް އިންތިހާއަށް ބޮޑުކުރަނީ. ކުރީމާ އެފައިސާއިން އިންޖީނުގެ ދެކޮޅު ޖެހޭގޮތުގައި ހިންގޭތޯ ބަލަނީ. އޭރުންވެސް އިންޖީނުގެތަކެއް ނުހިންގޭ. އޭރުންވެސް އިންޖީނުގެތައް ހަމަ މިއޮންނަނީ ދަރަނިވެރިވެފައި. ހަތަރު އިންޖީނު ހުންނަންޏާ ދެ އިންޖީނު އޯވަރހޯލް ކުރަންވެފައި އެއް އިންޖީނުގެ ކްރޭމްޕް ޝާފްޓް ހަލާކުވެފައި. އަނެކައްޗަކަށް އަބަދުވެސް ޑިސްޓްރިބިއުޝަން ބޯޑަކާ ކޮންމެވެސް ކަމެއްގެ ވާހަކަ. މިތަންތަން ތަރުތީބަކުން ބަރާބަރަށް ހިނގާ ގޮތެއްނުވޭ. އެހެންވީމާ، ސަރުކާރުން މިގަސްދުކުރީ އެކަން ކުރެވޭވަރުގެ ގާބިލު ކުންފުނިތަކާ މިމަސައްކަތްތައް ހަވާލުކުރަން. ހަވާލުކޮށްފައި އެމީހުންނަށް ފީ ނެގުން ހަމަ އޮންނާނީ ސަރުކާރާ އެއްބަސްވާ ރޭޓަށް. އެ ފީ މާލޭގެ ރޭޓަށްވުރެ ހަމަގައިމުވެސް ބޮޑުވެގެނެއް ނުދެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ކުޑަކުރުން. ކަރަންޓުގެ ޚަރަދު ކުޑަކޮށްގެން ނޫނިއްޔަކާއެއް އެހެން ކަމެއް ނުކުރެވޭނެ.

ނިލަންދޫއަކީ ދަނޑުވެރި ރަށެއް. އަޅުގަނޑުމެންގެ އަމާޒެއް އެއީ، މިތަނުގެ ދަނޑުތަކަށް ކަރަންޓު ފޯރުކޮށްދިނުން. އެކަރަންޓުގެ ޚަރަދު ކުޑަވާންޖެހޭނެ. އެޚަރަދު ކުޑަވީމާ، ކަރަންޓުގެ ބޭނުން ކޮށްގެން އެއްޗެއް އުފެއްދޭނީ. ފެން އުފެއްދުމަށްވެސް ދަތިވާނެ ކަރަންޓުގެ ޚަރަދު ބޮޑިއްޔާ. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައޮތް ގޮތުގައި މިސަރަޙައްދުގެ ހުވަދުއަތޮޅުގެ ޔުޓިލިޓީ ކުންފުނިން ރަށްރަށުގެ އިންޖީނުގެތަކާ ހަވާލުވުމަށް އެރަށްރަށާއި އެ އިންޖީނުގެތަކާ ވާހަކަދައްކަން ފަށާނެ. މިހާރު މިވަނީ ސްޓެލްކޯގެ އިންޖީނުގެތައް މިދަންނަވާ ހުވަދުއަތޮޅު ކުންފުންޏަށް ބަދަލުވެފައި. ދެން އެކުންފުންޏަށް ބޭނުންވާނީ ރަށްރަށުގެ އިންޖީނުގެތަކާ އަދި ރިޒޯޓުތަކުގެ އިންޖީނުގެތައް. އިރާދަކުރެއްވިއްޔާ އެމަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ. އަޅުގަނޑުމެން މިދަނީ އެމިސްރާބަށް. އެލަނޑުދަނޑި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހާސިލު ކުރެވޭނެ.

އަޅުގަނޑުމެން ދެން ފާހަގަކުރި ދެވަނަ މުހިންމު ކަމަކީ، ބޯހިޔާވަހިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން. ސަރުކާރަށް ވިސްނިފައި މިވަނީ، ފެނިފައި އޮތް އެއްޗަކީ، މިދިޔަ ދިގުދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮތް ކަމަކީ، ގެދޮރަކީ، އަމިއްލަ ދެމަފިރިއަކަށް ނުވަތަ ޢާއިލާއަކަށް ފަސޭހަކޮށް ބިނާކުރެވޭ އެއްޗެއް ނޫނޭ. ގެއެއް އެޅުމަށް އެހާމެ ޚަރަދު އެބަދޭ. ޢާންމު ރައްޔިތުންގެ ކޮންމެ ޢާއިލާއަކުން ރާއްޖޭގެ ރަށެއްގައި ގެއެއް އަޅާއިރުގައި އެ ގެ ޢާންމު ގޮތެއްގައި އެޅިފައި މިހުންނަނީ ދިހަ ބާރަ އަހަރުން. ޢާންމު ގޮތެއްގައި އެއިން ގެއެއް އަޅަން މިލިޔަނަކާ ދޮޅުމިލިޔަންހާ ރުފިޔާ އެބަޚަރަދުވޭ. އެހެންނަމަވެސް، މިއިން ގެއެއްގެ ޙަޤީޤީ އަގަކީ ފަސްލައްކަ ރުފިޔާ. އަނެއް އެއްމިލިޔަން ރުފިޔާ މިދައުލަތަށް ގެއްލި އެދަނީ، އިސްރާފުވެ އެދަނީ. ސަރުކާރުން ނިންމީ އަޅުގަނޑުމެންގެ ސިޔާސަތަކީ ދިހަހާސްގެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅާ ރައްޔިތުންނަށް އެލިބޭނެ މަގު ފަހިކޮށްދިނުމޭ. އެކަން އެހެން ކުރުމަށްޓަކައި ސަރުކާރުން މިހާރުވާނީ އިޢުލާނު ކޮށްފައި. ދިހަހާސްގެ އެއާ ގުޅުވާފައި މިވަނީ އެއްހާސް ބޮޑެތި ގޯތި. އެގޯތިތައް އަޅުގަނޑުމެން މިދޫކުރަނީ ދިގުމުއްދަތަށް ޓޫރިސްޓުންނަށް އައިސް ތިބެވޭނެ ކަހަލަ ވަކި ޚާއްޞަ ބޮޑެތި އަރާމު ގެތަކެއްގެ ގޮތުގައި އެމީހުންނަށް ބޭނުންކުރެވޭނެ އެއްހާސްގެ ރާއްޖޭގެ އެކިކަންކޮޅުތަކުން އަޅުގަނޑުމެން މިދެނީ.

މިސާލަކަށް ނިލަންދޫއަކީ ބޮޑު ރަށެއް. މިރަށަކީ ބިން އޮތް ރަށެއް. ސަރުކާރުން އެމީހުންނަށް، އެގެތައް ބޭނުންވާ މީހުން ފާހަގަޖަހާއިރުގައި އަޅުގަނޑުމެން އެމީހުންނަށް ހުޅުވާލާނެ، މިސާލަކަށް ނިލަންދޫގައިވެސް އެމީހުން އެމަސައްކަތް ކުރުމަށް. މި އެއްހާސް ގޭގެ ބޭނުމުގައި ދިހަހާސްގެ އަޅާދިނުމަށް ސަރުކާރުން ކުރި އިޢުލާނަށް ޝައުޤުވެރިކަން ހާމަކޮށްފައި މިހާރު އެބަވޭ 14 ފަރާތުން. ސަރުކާރުން މިހާރު އޮތީ އޭގެ ތެރެއިން ކަމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޯދާ އެފަރާތަކާ މަސައްކަތް ހަވާލުކުރުން. އަޅުގަނޑުމެން މިދެކެނީ އިރާދަކުރެއްވިއްޔާ އޯގަސްޓްމަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެޔޭ. އަޅުގަނޑު މި އުންމީދު ކުރަނީ މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ދިގުމުއްދަތުގައި ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން ނިލަންދޫގައި ތިޔަބޭފުޅުންނަށް ގެ ލިބެން ހުންނާނެއޭ.
އަޅުގަނޑުމެންގެ އަނެއް ވަޢުދަކީ ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުން. ލާމެހިފައިވާ ދިވެހިރާއްޖެ ތަޢާރަފް ކުރުން. އަޅުގަނޑުމެން ވަކާލާތު ކުރަނީ މިރަށު މީހުންނަށްވެސް، މިއަތޮޅުގެ ކޮންމެ ރަށަކަށްވެސް، ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ދެފަހަރު ދެވެންޖެހޭނެ. އެކަމަށް ގިނަވެގެން ވިހިރުފިޔާ މުޅިއަތޮޅުގައި ދުއްވިޔަސް ޚަރަދުވެގެންނުވާނެއޭ. އަނެއްކާވެސް މިއުޞޫލުން ހަމަ މިކަން ކުރުމަށް އަޅުގަނޑުމެން މިހުޅުވާލަނީ، ރާއްޖޭގައި އޮތް އެންމެ އަގުބޮޑު މުދާ، ދިވެހި ބިން. ދިގުމުއްދަތަށް ބިން ދިނީމާ މި މަސައްކަތްވެސް އައިސް ރާއްޖޭގައި ކޮށްދިނުމަށް 7 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައިއެބަވޭ. އަޅުގަނޑުމެން މިދެކެނީ މިކަންވެސް މިއޯގަސްޓް މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފަށައިގަނެވޭނެކަމަށް.

އަޅުގަނޑުމެން މިތަނަށް ކުރީގައި އައިދުވަހު ފާހަގަކުރިން، ނިލަންދޫގެ ދަނޑުވެރިކަމަށް މިތަނުގައި ޕްރޮގްރާމެއް ހިންގާނެ ވާހަކަ. އެމަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު އަޅުގަނޑުވާނީ އެގްރިކަލްޗަރ މިނިސްޓްރީގައި އެދިފައި. އެބޭފުޅުން އެބަގެންދަވާ ޕްރޮގްރާމެއް، ޕްރޮޖެކްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް. އެއަށްވުރެ ބޮޑަށް އަޅުގަނޑު ބޭނުންވެގެން މިއުޅެނީ އަޅުގަނޑުމެންގެ އަމާޒަކީ، އުންމީދަކީ، ނިލަންދޫ ބިމުގައި ޚަރަދުކޮށްގެން ބޮޑު ފުޅާދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ހިންގާނެ ފަރާތެއް، ބޭރު ފަރާތަކާއެކީގައި ދިވެހި ކުންފުންޏަކާ ގުޅިގެން ޙިއްޞާވެގެން މިމަސައްކަތް ކުރިއަށްގެންދެވޭނެ ގޮތް ހޯދުން. މިހާރު އެކަމު އެގްރިކަލްޗަރުގައި ދިވެހި ސަރުކާރާ ބައިވެރިވެގެން ޙިއްޞާވެގެން އެމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް، ޝައުޤުވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަން ހާމަކުރުމަށް ސަރުކާރުން މިހާރުވަނީ އިޢުލާނު ކޮށްފައި. އެކަމަށްވެސް އަޅުގަނޑު މުޅިއަކުން މިހާރު ހަނދާނެއް ނެތް ކިތައް ފަރާތަކުން ކަމެއް. އެހެންނަމަވެސް، ވަރަށް އެކަށީގެންވާ ކިތަންމެ ފަރާތެއް މިއޮތީ ސަރުކާރަށް އެކަމުގެ ޝައުޤުވެރިކަން ހާމަކޮށްފައި. އަޅުގަނޑުމެން މިގެންދާ ތަރުތީބުން ގެންގޮސް އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެންނަށް ނިންމޭނެ. އަޅުގަނޑުމެންނަށް ހަމަ އަޅުގަނޑުމެން މިބުނާ އަނެއް ދިވެހިރާއްޖެ ހޯދޭނެ.

އެކަން ހިންގުމަށް އެ ދިވެހިރާއްޖެ ލިބިގަތުމަށް ނުވަތަ އަޅުގަނޑުމެން މިއެދޭ މަޝްރޫޢުތައް ހިންގުމަށް ހަމަ އިތުރަށް އެބަ ބޭނުންވޭ ޤާނޫނީ ޙިއްޞާ. އަޅުގަނޑުވެސް މިދިޔަ 6 މަސްދުވަހު އަޅުގަނޑުމެންނަށް ޢަމަލީގޮތުން އެރަށްރަށުގައި މާރަނގަޅަށް ދެއްކިފައި ނުވާތީ ދާންދޫގައި އެބަ މިސަރުކާރުން ބާރަށް ހިންގާ މަސައްކަތްތަކެއް ހިންގާ. ނިލަންދޫގައި ހިންގާ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ވަގުތުން ވަގުތަށް ތިޔަބޭފުޅުން އެދިލައްވާފައިއޮތް، އެދިލައްވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވިފައި އޮތް އެއްކަމަކީ ބަނދަރު ބޮޑުކުރުން. ދެން އަޅުގަނޑުމެންވާނީ އެބޮޑުކޮށްލުމަށް އިތުރަށް ބޭނުންވާ ފައިސާ އެކަމަށް ހޯދައި އެބޮޑު ކުރެވޭނެ ގޮތް ހަމަޖައްސައިދީފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ބަނދަރު، ތިޔަބޭފުޅުން އެބޭނުންވާ މިނަށް، މިންވަރަށް، މިންގަނޑަށް ބޮޑުވެގެންދާނެ. އެހެންނަމަވެސް އަޅުގަނޑުމެން މިވާވަޢުދުތަކާ އަޅާބަލާއިރު ވަރަށް ކުޑަކުޑަ ކަމެއް މިހާރު އަދި މިހާތަނަށް ކުރެވިފައި މިއޮތީ. ތިޔަބޭފުޅުން އައްސަވާނެ، އައްސަވާފާނެ ކޮބައިހެއްޔޭ؟ ކިހިނެއްހެއްޔޭ؟ ކޮންއިރަކުހެއްޔޭ؟ ކަންކަންވެގެންދާނީ.

އަޅުގަނޑަށްވެސް ހަމަ އެބައޮތް ކަންކަމުގެ ދަޅަ ދެއްކެން. ތޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އެޅުވުމަށް އަޅުގަނޑަށްވެސް މިއަދު މިތަނަށް ދެތިން މީހަކު ގެނެސް، ރުފިޔާ ބެހުމާ އަދި ބައެއް ބާވަތުގެ ކަންކަން މާދަން ފަށާނެ ކަމަށް އިޢުލާނު ކުރަމުން ގެންދެވިދާނެ. އެދޮގު ހެދިދާނެ. އެހެންނަމަވެސް އެދޮގު ތަކުރާރުކޮށް ހަދަމުން އައީތީވެ މިދިޔަ ދިގު ތިރީސް އަހަރަށްފަހުވެސް މި ނިލަންދޫ މިހާލުގައި މިއޮތީ. އޮތް ހާލަކީ ކޮބައިތޯ؟ ހާލު އޮތް މިންވަރުން އަޅުގަނޑުމެން ކަންބޮޑުވެސް ނުވަނީ؟ މިއީ، ތިމަންނާއަށް ހުރިގޮތޭ، އެހެންބުނެ ވަރިހަމަ ކޮށްލައިގެން ތިބެވެނީ. އެހެންނޫންނަމަކަ، އަޅުގަނޑަކަށެއް ނުވިސްނޭ މިދިޔަ ދިގު 30 އަހަރަށްފަހު އަޅުގަނޑުމެން މި ކުރިއަރުވާން، ތަރައްޤީކުރާން މިބޭނުންވީ ހުރިހާ ކަމަކަށް ހުރަސްއެޅި ފަރާތްތައް އަނެއްކާ އަލުން އަނބުރާ އެބޭފުޅުން ވެރިކަމަށް އައުމަށް ނިޔަތްގަނެގެން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރާއިރުގައި އެއީ، ކަންބޮޑުވާ ކަމެއް ނޫން ގޮތުގައި ތިބޭ ތިބުން އަޅުގަނޑުގެ ނަޒަރުގައި އެއީ، ޙަޤީޤަތުގައި ތިޔަބޭފުޅުން ވަރިހަމަ ކޮށްގެން ތިޔަތިއްބަވަނީ މިހާރުގެ ހާލަތުގައި. ކުރީގައި އޮތްގޮތްވެސް ރަނގަޅީ. ކަމެއް ބަދަލުވާނެ ކަމެއް ނެތީ. އެހެންނަމަވެސް، އެއީއަކީއެއްނޫން އަޅުގަނޑުމެންގެ އުންމީދަކީ. އެއީއަކީއެއްނޫން އަޅުގަނޑުމެންގެ ހުވަފެނަކީ. އަޅުގަނޑުމެންގެ މަންޒިލަކީ. އަޅުގަނޑުމެންގެ ވިސްނުމަކީ.

އަޅުގަނޑުމެން ފެށުނީއްސުރެ ފަށައިގެން ދައްކަމުން މިއައި ވާހަކައަކީ، މިރާއްޖެ ބަދަލުވާން އެބަޖެހެއޭ. މިރާއްޖެ މިދަނީ ބަދަލުވަމުންނޭ. އެބަދަލުވީމާ އަޅުގަނޑުމެން ބަލަން ބޭނުންވަނީ މިއީ، އެހެން ދިވެހިރާއްޖެއެކޭ. އެ ދިވެހިރާއްޖޭގެ ސިފަ އަޅުގަނޑުމެން މިހޯދަނީ. މިމަސައްކަތްތައް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ. އެކަމުގެ އިތުބާރު އަދި ކުރިއަށްވުރެ މާބޮޑަށް އެބައޮތް. އެކަން ކުރުމަށްޓަކައި ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި އުންމީދު ނަގާނުލާ އުންމީދު ކުރުން ވަރަށް މުހިންމު. އެހެން ގޮތެއް އެބައޮތް ކަމަށް ބުނަމުން ގެންދިޔުން ވަރަށް މުހިންމު. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މިފެނާއި ނަރުދަމާގެ ޚިދްމަތް މިޔުޓިލިޓީ ކުންފުނި މެދުވެރިކޮށް ދިނުމަށް، މިރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެމަސައްކަތް ފަށައިގަނެވޭނެ. އެފެށުމަށް ބޭނުންވާ ކަންތައްތައް މިއަންނަނީ ތަރުތީބުވަމުން. އެހެންނަމަވެސް، އެފެށުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އުންމީދު. އެކަން ކުރުމަށް ހިތުގެ އަޑިން އެ އުންމީދު ކޮށްކޮށް ހުރުން. އަޅުގަނޑު ވަރަށްބޮޑަށް ނިލަންދޫ ރައޔިތުންގެ ކިބައިން އެދެން، އަޅުގަނޑާ އެކީގައި އުންމީދު ކުރައްވާށޭ. އަޅުގަނޑުމެންނަށް ކާމިޔާބުވޭ. އަޅުގަނޑުމެން ކުރަން ނުކުންނަ ކަންކަން ކުރެވޭ. އަޅުގަނޑުމެންނަށް މިއޮތީ ބޮޑުކަން ކުރެވިފައި. ޙަޤީޤަތުގައި ތަރައްޤީ ކުރުމަކީ ފަސޭހަކަމެއް. ތަރައްޤީއަށް ހުރަސްއެޅުން އެއީ އުނދަގޫ ކަމެއް. ފިޠުރަތުގެ ގޮތަކީ އިންސާނާ ކުރިއަރާ ދިޔުން. އެއަށް ހުރަސްއެޅުން އެއީ އުނދަގޫ މަސައްކަތެއް. އަޅުގަނޑު ފާހަގަކޮށް ހެދިން މީގެ ކުރީގައި މިދިޔަ 30 އަހަރު ކޮށްފައި މިވަނީ އުނދަގޫ މަސައްކަތެކޭ. އެއީ ތަރައްޤީއަށް ހުރަސްއެޅުމޭ.

މި އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުން އަދި އަޅުގަނޑުމެން ވެރިކަން ހިންގަން ބޭނުންވާ އުޞޫލަކީވެސް މިދަންނަވަނީ. މަޖިލިސް މެދުވެރިކޮށްގެން. ރައްޔިތުންގެ މަޖިލިސް މެދުވެރިނުކޮށް މިސަރުކާރުން ޙަޤީޤަތުގައި އެއްވެސް ކަމެއް ކުރާކަށެއް ބޭނުމެއްނޫން. ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތްނަމަވެސް އަޅުގަނޑުމެން ވަކާލާތު ކުރަމުން އައީ ބަރުލަމާނީ ނިޒާމަކަށް. ވަޒީރުންގެ މަޖިލިސްވެސް މިސަރުކާރަށް ޢައްޔަނު ކުރެވޭ މަޖިލީހުގެ ރުހުމާ ނުލާ. އެހެންނަމަވެސް، އަޅުގަނޑު ހުރީ މަޖިލީހުގެ ރުހުން ލިބެންދެން ވަޒީރުންގެ މަޖިލިސް ޢައްޔަނު ކުރަން.
ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން މިހުށަހަޅާ މަސައްކަތްތައް ހިންގުމަށާއި އަދި އާ ޤާނޫނުއަސާސީ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރުމަށް މަދުވެގެން 64 ޤާނޫނު އެބަބޭނުންވޭ. ދެން މިއަދު އަޅުގަނޑު ގަބޫލުކުރަންވީތޯ ޤާނޫނުތައް ހެދުމަށް އެންމެ ރަނގަޅުވާނީ މިދިޔަ ދިގު 30 އަހަރު އެކަމަށް ހުރަސްއެޅި ބޭފުޅުންނޭ. އަޅުގަނޑަށް ވަރަށް އުނދަގޫ އެކަން ކުރަން. ޤަބޫލު ކުރަން. މިޤާނޫނުތައް ނުހެދި އަޅުގަނޑު އެންމެ މިސާލެއް ދައްކަފާނަން. ލާމަރުކަޒީ އުޞޫލުން ހިންގުން. ލާމަރުކަޒީ އުޞޫލުން ހިންގުމޭ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ، އެންމެ ފައިދާހުރި ގޮތަކީ، މިހެން ކިޔާތާ، މިއަޑު އަޅުގަނޑުމެންނަށް އިވޭތާ ޒަމާންތަކެއްވެއްޖެ. އަޅުގަނޑު ހަނދާންވަނީ ކުޑައިރުއްސުރެ ފަށައިގެން އަޅުގަނޑު އެއަޑު އަހަން. 2020ގެ ތަޞައްވަރުގައިވެސް އޮތީ އެވާހަކަ ލިޔެފައި. ޤާނޫނުއަސާސީ އިޞްލާޙުވެގެން އައިއިރުގައި ބޮޑު ބާބެއްގައި އެވާހަކަ ލިޔެ ނިންމާފައި އޮތީ.

އެހެންނަމަވެސް، ކޮބައިތޯ ޢަމަލީގޮތުން އަޅުގަނޑުމެން އެކަން ކުރާންފެށީމާ ފުރަތަމަ އެކަމަށް ހުރަސްއަޅާން ފެށީ. އެކަން ކުރުމަށް ޤާނޫނު އެކުލަވާލުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީމާ، ވާދަވެރި ޕާޓީތަކުން ޚާއްޞަކޮށް ޑީ.އާރު.ޕީ.އާއި ޕީ.އޭ.އިން އިދިކޮޅުހަދާ އެއަށް ވޯޓު ނުދިނީ. އަޅުގަނޑުމެންނަށް އެބިލު މަޖިލީހަށް އެތެރެ ކުރެވުނީ ހަމަ އެންމެ ވޯޓެއްގެ ފަރަގަކުން. ދެންވެސް އޮތީ ހަމަ އެދަތުރު. ކޮންމެ ކަމެއްވެސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރުހުން ލިބިގެން. ދެން މިހާރު އަޅުގަނޑުމެންނަށް އެކަން ކުރަން އެންމެ ރަނގަޅީ ކާކުތޯ އަޅުގަނޑު ވިސްނާއިރުގައި މި ރިޔާޒު ނޫން މީހެއް އަޅުގަނޑުގެ ލޮލަކަށް ދުވަހަކުވެސް ނުފެންނާނެ. ދުވަހަކުވެސް ނުފެންނާނެ. އެނޫން ގޮތަކަށް އަޅުގަނޑާ މިކަމުގައި ވަކާލާތުކޮށް ވާހަކަ ދައްކަން އުޅޭ މީހަކާ އަޅުގަނޑު ބޭނުން ބަހުސްވެސް ކުރަން. ކޮބައިތޯ ރިޔާޒު ނޫން މީހެއް މިދާއިރާއަށް އެމަޖިލީހުގައި މި 2009 ވަނަ އަހަރުގައި އިންނަން. ޙައްޤެއް ނުވާނެ. ހަމަ އެއްވެސް ޙާލެއްގައި ޙައްޤެއްނުވާނެ. އޭނާގެ ޤާބިލުކަމަށް ބެލިޔަސް، މިމަސައްކަތުގައި އޭނާ ސާބިތުކަންމަތީގައި ހުރި ހުރުމަށް ބެލިޔަސް، ތެދުވެރިކަމަށް ބެލިޔަސް. އަޅުގަނޑާ އޭނާއާ ކޮންމެ ދުވަހަކުވެސް ގުޅޭ. ހަމަސް ދުވަސްމިވީ ދުވަހަކުވެސް އޭނާއަށް ކުޑަކުޑަ އެއްޗެއް ދޭން ދުވަހަކުވެސް އަޅުގަނޑު ކައިރީގައި ބުނެފައެއްނުވޭ. އަޅުގަނޑު މިހާރު މި ހުންނަނީ ރައީސަކަށް. ރިޔާޒަށްވެސް އަޅުގަނޑު ކައިރީ އެއްޗެއް ދޭން ބުނެލެވިދާނެ. ދުވަހަކުވެސް ބުނެފައެއް ނެތް. އެހެނެއްނޫން ނިލަންދޫ މީހުންގެ ވާހަކައާއި ދާންދޫ މީހުންގެ ވާހަކައާ ރިޔާޒުގެ ޢާއިލާގެ ވާހަކައިގައި އަޅުގަނޑު މިއުޅެނީ ނުނިދާ. ހަމަ ވަރަށް ރަނގަޅަށް އަޅުގަނޑު މިދެންނެވީ. ހަމަ އެނޫން އެއްވެސް ވާހަކައެއް. ދެން އަޅުގަނޑު ގަބޫލު ކުރަންވީތޯ އެތަނަށް ރިޔާޒުގެ ބަދަލުގައި އަޅުގަނޑުމެންނާ އެކީގައި މިމަސައްކަތް ކުރަން އެހެން ބޭފުޅަކު ބައިންދައިގެން މިކަން ކުރަން ކުރެވިދާނެކަމަށް. ނުވާނެ އެކަމެއް. ހަމަނުވާނެ އިނގޭތޯ.

ދެން އަޅުގަނޑުމެން މި މަސައްކަތްތައް ހިންގާއިރުގައި މި ހިންގަމުން މިދަނީ އަޅުގަނޑުމެން އެންމެންގެ ލޮލަށް ފެންނަމުން އައި ކަންތައްތަކެއް ބަލަމުން ދެކެމުން ޤަބޫލުކުރަމުން. އަޅުގަނޑަށްވެސް ފެނޭ. ބައެއް ބޭފުޅުންނަށް ހަޖަމު ކުރަންވެސް ދަތިވެދާނެ. އަޅުގަނޑުގެ ހަމަ ކުޑަވެސް މައްސަލައެއްނެތް އަޅުގަނޑަށް މަލާމާތްވެސް ކުރަންވީ. ފުރައްސާރަވެސް ކުރަންވީ. ޣީބަވެސް ބުނަންވީ. ނެތިވެސް މޮށެންވީ. ތިޔަބޭފުޅުން ބޭނުންވާ ކަމެއް ކުރައްވަންވީ. އަޅުގަނޑެއް ރުޅިއެއް ނާންނާނެ. އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ހަޖަމު ކުރެވޭ. އަދި އަޑުގަދަ ކުރާއިރަކުން އަޅުގަނޑުގެ ކުޑަވެސް މައްސަލައެއްނެތް އަޅުގަނޑުގެ މައިންބަފައިންނޭ ކިޔައިން ކިޔުއްވިޔަސްވެސް. ތެދެއް ނުހުންނާނެ. އަޅުގަނޑޭ ކިޔައިގެނެއް ދައްކާނެ ތެދުވާހަކައެއް ނުހުންނާނެ. ގޯސްވާހަކައެއް އަޅުގަނޑޭ ކިޔައިގެން އަޅުގަނޑެއް ނޯންނާނެ މީހަކަށް އަނިޔާއެއް ކޮށްފައެއް. އަޅުގަނޑެއް ނޯންނާނެ މީހަކަށް ޚިޔާނާތްތެރިވެފައެއް. އަޅުގަނޑުމެންގެ ސަރުކާރުން ހިތުގެ އަޑިން ޤަބޫލުކޮށް ބިންވަޅު ނަގާފައި ބާއްވާ އެންމެ މުހިންމު ކަމަކީ މިދަންނަވަނީ. މިސަރުކާރަށް މިދައުލަތަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑަށް، އަޅުގަނޑުމެންނާ އަމާނާތެއްގެ ގޮތުގައި ޚިޔާނާތްތެރިނުވެ ބެލެހެއްޓުމަށް ތިޔަބޭފުޅުން ހަވާލުކޮށްފައިހުރި ފައިސާ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން އަޅުގަނޑުމެންގެ ސަރުކާރުގައި، މި ސަރުކާރުގެ ވަޒީރަކަށްވިޔަސް، ނައިބަކަށްވިޔަސް، އަދި އެހެން ބޭފުޅަކަށްވިޔަސް އެއިން އެންމެ ފައިސާ ފޮއްޗެއްގައި ޖެހުނު ނަމަވެސް ހަމަ ވަގުތުން ޝަރީޢަތަށްދާނެ. އެމައްސަލަ ބެލޭނެ. އެއްވެސް ހާލެއްގައި ފޮރުވިގެނެއްނުދާނެ.

ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު ބޭންކް އޮފް މޯލްޑިވްސުން މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި އެއްބިލިއަން ރުފިޔާ ހަމަ ރީތިކޮށް އެންމެ ފަރާތަކަށް ދޫކޮށްފައިވަނީ. އެފައިސާއެއް އަނބުރައެއް ނުލިބޭ. ނުލިބުނީމާ ވާގޮތް އެނގިލައްވާތޯ. ނުލިބުނީމާ ވާގޮތަކީ މިރަށުގައި ހުންނަ ނުވަތަ ދާންދޫގައި ނުވަތަ ގެމަނަފުށީގައި ނުވަތަ ދެއްވަދޫގައި ކޮންމެވެސް ރަށެއްގައި ތުރާކުނުގައި ކޮލަމާފުށީގައި ތަކަންދޫގައި ހުންނަ ނިކަމެތި މީހެއް. އޭނާ ނަގަނީ ލޯނެއް. އޭނާގެ ލޯނު ނުދެއްކިގެން އޭނާގެ ލޯނު ބޭންކަށް އަނބުރާ އެހާ ބާރަށް ގެންދާން މިޖެހެނީ ހަތްހާސް ރުފިޔާއިން ނުވަތަ ވިހިހާސް ރުފިޔާއިން ނުވަތަ ގިނަވެގެން އެއްލައްކަ ރުފިޔާއިން އެލޯނު ބޭންކުން އެބަޖެހޭ ދަމާ އެފައިސާ އަނބުރާ އެބޭންކަށް ހޯދަން. ހޯދަން މިހާ ބާރަށް މިޖެހެނީ ކީއްވެގެންތޯ؟ އެއްބިލިއަން ރުފިޔާގެ ފައިސާ ނުހޯދާ އޮތީމާ. އެފައިސާވަނީ ގެންގޮސްފައި. އެފައިސާއެއް އަޅުގަނޑުމެންނަކަށް އަނބުރައެއް ނުލިބޭ. ބޭންކަކަށް އަނބުރައެއް ނުލިބޭ. ދެން އަޅުގަނޑުމެން އެ ވާހަކަ އެކަމުގެ ޝަކުވާ އުފުލީމާ، ދެން އެކަމަކާއެއް މީހަކު އިތުރަކަށް ޝަކުވާ ކުރަންވީ ތަނެއް އަޅުގަނޑަކަށް ނުވިސްނޭ. މިއުޅެނީކީއެއް އެހެން ބައެއްގެ އެއްޗެއްނޫން. ހަމަގައިމުވެސް އަޅުގަނޑުގެ ފައިސާއެއްނޫން. ރައްޔިތުން އަޅުގަނޑު ގާތުގައި ވަރަށް ސާފު ޞަރީޙަ ބަހުން 54 ޕަސެންޓް ރައްޔިތުން ބުނެފައިމިވަނީ އިންސާފާއެކީގައި މިފައިސާ ބަލަހައްޓާދޭށޭ.

އަޅުގަނޑު ސަރުކާރު ހިންގުމާ ހަމަ ހަވާލުވުމާއެކުގައި އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެ، އެތައް ބިލިއަން ރުފިޔާއެއް ނަގައިގެން ބަޔަކު ހިނގައްޖެއޭ. ދެން އަޅުގަނޑު ޖެހޭނީ އެހޯދަން އުޅެން. އަޅުގަނޑު ޖެހޭނީ އެ ފުލުސް އޮފީހަށް ފޮނުވަން. އަޅުގަނޑު ޖެހޭނެ އެކަމާގުޅޭ ތަޙުޤީޤުތައް ކުރަން. ދެން އެކަމާ ބޭފުޅުން ހތްހަމަޖެހިވަޑައިނުގަތަސް އަދި އަޅުގަނޑާ ކިތަންމެ ނަފުރަތު ކުރެއްވިޔަސްވެސް އަޅުގަނޑު ޖެހޭނީ މިކަން ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން. އަޅުގަނޑުމެންނަށް މިރާއްޖޭގައި އިރާދަކުރެއްވިއްޔާ އިންސާފު ޤާއިމުކުރެވޭނެ.

މިއަދާ ހަމައަށްވެސް މި އިޞްލާޙީ މަސައްކަތް، މިބަދަލު ގެނެވިފައި މިވަނީ އަޅުގަނޑުގެ ހިތުގެއަޑިން އަޅުގަނޑު މިދަންނަވަނީ އަޅުގަނޑު އެކަނި ކުރާ މަސައްކަތަކުންނެއް ނޫން. ވަކިން މީހަކު ނަގަންޏާ މިއިންނެވި ރިޔާޒު އެއީ އޭގެ އެކަކު. އަޅުގަނޑަށް ކިޔާދެވިދާނެ ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެނބުރިގެން ދިޔައީ ކޮންދުވަހެއްގައިތޯ؟ ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފުރަތަމަ މެންބަރުން ހޮވުނީމާ އަޅުގަނޑު އިނގިރޭސިވިލާތުގައި ހުއްޓާ ރާއްޖޭގެ ބޮޑެތި ބޭފުޅުން ބުނޭ، ދެން އެއީކީ އެހާ ބޮޑު ކަމެއްނޫނޭ. ދެން އޭގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ މާއްދާތަކަކަށް މަޖިލީހުގެ މެންބަރުން ވޯޓު ދިނީމާ ނިމުނީއޭ. ދެން އަޅުގަނޑު ބުނެފިން ނޫން ނޫން ތިޔައިގެ ތެރޭގައި އަދި އެބައުޅެއޭ އަޅުގަނޑުވެސް ދަންނަ ދެތިން ގޮލައެއް ހޮވިފައި. ހިނގާބަލާށޭ އަޅެ ބަލާލަން ތިޔަކަންތައް މިފަހަރު ކުރެވޭނެ ގޮތެއް. މަޖިލިސް އެނބުރިގެން ދިޔައީ ރިޔާޒް ކޮޅަށް ތެދުވި ދުވަހު. ރިޔާޒާ، ޝަފީޤާ، ރީކޯމޫސައާ. އަޅުގަނޑުމެން ހަނދާން ނައްތާނުލާތި. ދިވެހި ތާރީޚު މިކަމެއް ހަނދާން ނައްތައެއްނުލާނެ. ނުލާނެ، ނުވެސް ނެތޭނެ. ރިޔާޒުވެސް މިކަން ނުދަންނާނެ. އަދި ތިޔައިން ބޭފުޅަކުވެސް ފަހަރެއްގައި އެކަމުގެ މުހިންމުކަމާ އޭގެ ވަގުތާ އޭގެ ގަޑިއާ. އަޅުގަނޑު އޭރު އިނީ ގޭބަންދުގައި. ރިޔާޒު ކައިރީ ހަމަ ބުނީ ރިޔާޒު ތެދުވީ. އެދުވަހު ޙަޤީޤަތުގައި އެބޭފުޅުންގެ އަތުން، އެދުވަހަށް އަޅުގަނޑުމެން ކިޔަނީ އަމާ ހަނދާންކުރާ ޖަލްސާ. އެއީ، ތިޔަބޭފުޅުން ޔައުމިއްޔާއަށް ބައްލަވައިފިއްޔާ އެޖަލްސާ ފެންނާނެ. އެއީ މ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، ދ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި އަދި ގއ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި ދެން އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރުންތައް، އަނެއް ޢިއްޒަތްތެރި މެންބަރުންނަށް އެބޭފުޅުން ތިޔަ ތިއްބެވީ ކޮންއެއްޗެއް ހަނދުމަފުޅު ކުރައްވައިގެންތޯ އެއްސެވި ދުވަހެއް. އަދި އެބޭފުޅުން އެތިއްބަވަނީ ކޮންތަނެއްގައިތޯ އެބޭފުޅުންގެ އަމިއްލަ ގޭ ބޮޑުއުނދޯލީގައި ނޫންކަން އެބޭފުޅުންނަށް ހަނދުމަކޮށް އެރުވި ދުވަހެއް. އެދުވަހު ރައްޔިތުންގެ ޚާއްޞަ މަޖލިސް އެބޭފުޅުން އަތުން ގެއްލުނީ. އެދުވަހު އަޅުގަނޑުމެންނަށް އެނގުނު މިރާއްޖޭގެ ވެރިކަން ބަދަލު ކުރެވޭނެކަން. އެދުވަހު އަޅުގަނޑު ނިންމައިފިން ތިޔަބޭފުޅުންނަށް ވަޢުދުވާން، އިރާދަކުރެއްވިއްޔާ 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު ދެން މިރާއްޖޭގައި އުފެދޭނީ ދިވެހި ރައްޔިތުންގެ ވެރިކަމެކޭ. އަޅުގަނޑުމެންގެ ވެރިކަމެކޭ. ތިޔަބޭފުޅުންނަށް އިޚްލާޞްތެރކަމާއި އަމާނާތްތެރިކަމާއެކީގައި އެވެރިކަން ކޮށްދިނުމަށް އަޅުގަނޑު ދެމިހުންނާނަމޭ. އެވަޢުދު އަޅުގަނޑުވީ އެދުވަހު އެމަންޒަރު އަޅުގަނޑަށް ފެނުނީމާ. މިއަދު އަޅުގަނޑުމެން ރިޔާޒު މަތިން ހަނދާން ނައްތާލައިގެން ނުވާނެ.

އަޅުގަނޑަކީ މިވާހަކަ ދައްކަން އަޅުގަނޑުގެ ނަޒަރުގައި ހަމަ އެންމެ ޙައްޤުމީހާ. މިއީ، ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް. މިސާލަކަށް އިނގިރޭސި ބޮޑުވަޒީރު އަރިހުގައި ނުވަތަ އެމެރިކާގެ ރައީސް އަރިހުގައި ނޫސްވެރިޔަކު އެހެން މީހަކު ބުނެފާނެ، ތިޔަ ގޮނޑި ހޯދަން ވަކާލާތު ކުރަނީއެއްނޫންހޭ. އޭނާ އަންނާނީ ހިނި. ސިޔާސީ ވެރިންގެ ބޭނުމަކީ ރައްޔިތުންގެ ތާއީދު ހޯދުން. ރައްޔިތުންގެ ރުހުން ހޯދުން. އެ ރުހުމުގެ ރަމްޒަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި. އަޅުގަނޑުމެންގެ ވަޒީފާއަކީ މިގޮނޑި ހޯދުން. މިގޮނޑި ހޯދަންވީކީއެއް މީހުންގެ އަތް އަނބުރައިގެނެއްނޫން. ބިރުދައްކައިގެނެއްނޫން. ފައިސާދީގެނެއްނޫން. މަކަރާއި ހީލަތް ހަދައިގެނެއްވެސްނޫން. ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް އަޅުގަނޑުމެން ހޯދައިގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑަށް ޔަޤީން، ނިލަންދޫ ރައްޔިތުންނަކަށް އަޅުގަނޑެއް ނޯޅޭނެ. އަޅުގަނޑަށްވެސް އެނގޭ ނިލަންދޫ އެހެން ދަރިންވެސް ކުރިމަތިލާފައިކަންތިބީ. އަޅުގަނޑުގެވެސް ތިބޭ ކިތަންމެ ދަރިންނެއް. އެކަމަކު އެކަމަކާ ޖެހުނީމާ އެ ނަގަންވާ ދަރިޔަކު ނަގާނީ. ނިލަންދޫ ދަރިން ބައިވަރު. އެކަމު މިހާރު މިމަޖިލީހުގައި ގޮނޑިއެއްގައި އިންނާކަށް މިހިރަ ރިޔާޒަށްވުރެ ރަނގަޅު ދަރިއެއް އަދި ތިޔަބޭފުޅުންނަކަށްވެސް އަދި ދުނިޔޭގެ އެހެން ތަނަކުންވެސް ނުލިބޭނެ. ހަމަ ނުލިބޭނެ. އަޅުގަނޑު ބައެއް ފަހަރު ބުނަން ނިކަން އޭނާ ގެންގޮސް އިނގިރޭސިވިލާތުގައި ގޮނޑިއެއް ކާމިޔާބު ކުރަން ބައިންދާލަބަލާށޭ ފަސޭހައިން އޭނާ އެގޮނޑި ގެންނާނެއޭ. ފަސޭހައިން އޭނާ އެގޮނޑި ގެންނާނެއޭ. އޭނާގެ ކިބައިގައި އެބަހުރި ޙިކްމަތް. އޭނާގެ ގައިގައި އެބަހުރި މިކަން ގައިމުވެސް ކުރާ އުޞޫލު. އަޅުގަނޑު ނުނިދާ ބަހައްޓާނީ ގައިމު ވަރެއްވެގެން ނޫންތޯ.

އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަކަށް ނޯޅޭކަން. އަޅުގަނޑަށް ޔަޤީން ކުރިއަށްއޮތްތަނުގައިވެސް ތިޔަބޭފުޅުންނަކަށް ނޯޅޭނެކަން. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ މިހުވަފެން، އަނެއް ދިވެހިރާއްޖެ ޙަޤީޤަތަކަށްވުން. މިއަދު އަޅުގަނޑުމެންނަށް ހަމަ އިއްޔެއަށްވުރެ ޔަޤީން. އިއްޔެގައި ބައެއް ބޭފުޅުން އަޅުގަނޑުމެން ދެހާސް ރުފިޔާ ދޭންފެށީމާ ތިޔައީ ހަމަ ދައްކާ ދަޅައެކޭ ނުދެވޭނެއޭ، އެކަމެއް ނުހިންގޭނެއޭ އެހެން ބުނަމުން ގެންދިޔަ. އަޅުގަނޑުމެން މިދަނީ އެކަން ހިންގަމުން. މާދަމާ އަނެއްކާ ލިބިލައްވާނެ ދެހާސް ރުފިޔާ. އެއީ، ވަރަށްބޮޑު ބޭނުމަކަށްޓަކައި އަޅުގަނޑުމެން ކުރާ ކަމެއް. އެހެންވީމާ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ދެއްކެވުން. އަޅުގަނޑުގެ ދުޢާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށް ލިބުން.
والحمد للّـه، السّـلام عليـكم. ވަރަށް ބޮޑަށް ޝުކުރިއްޔާ!