بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއީ އުފަލެއް. އަޅުގަނޑުމެން އެންމެފަހުން މިރަށަށް އާދެވުނުފަހަރު، އެދަތުރުގައި އަޅުގަނޑު ދެންނެވީމު، އިރާދަކުރެއްވިއްޔާ، ދެން އަޅުގަނޑު މިރަށަށް އަންނާނީ، ދިވެހި ސަރުކާރާ އެކުގައޭ. އެ ނަޞީބު އަޅުގަނޑުމެންނަށް މާތްﷲ އިރާދަފުޅުން މިއަދު މިވަނީ ފުރިހަމަވެފައި.

އަޅުގަނޑު އެއަށްފަހު ދަންނަވަން އޮތް ވާހަކައަކީ، މި ސަރުކާރު ދެމިއޮތުމުގެ އޮތީ ހަމަ އެންމެ ބޭނުމެކޭ. އެއީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތްކޮށްދިނުން. އަޅުގަނޑުމެން، ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން. މި ސަރުކާރު ހިނގަމުން މި އަންނަނީ، ހިނގަމުންދާނީ މިދެންނެވި ކަންތައް ކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ކުރާކަށެއް ނޫން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަބަދުވެސް ތިޔަބޭފުޅުންގެ ޙާލަތު ބަލަމުން ގެންދާނަން. އަޅުގަނޑަށްވީ މިންވަރަކުން ރަށްރަށަށް އައިސް، ރައްޔިތުންނާ ވާހަކަ ދައްކައި ހެދޭތޯ އަޅުގަނޑު ބަލާނަން. އަޅުގަނޑު ފިކުރުކޮށް މިހުރީ އިރާދަކުރެއްވިއްޔާ، ކޮންމެ ހަފްތާއަކުންވެސް މަދުވެގެން ދެދުވަހު މާލެއިން ބޭރުގައި އުޅުމަށް. ރާއްޖޭގެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަނީ އަތޮޅުތަކުގައި. މާލެއަކު ނޫން. އެހެންވީމާ، އަޅުގަނޑުގެ ނަޒަރުގައި، ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު އެއްވާޖިބު އެއީ، ތިޔަބޭފުޅުންނާ ވީހާވެސް ގިނައެއްކޮށް ބައްދަލުކޮށް، ތިޔަބޭފުޅުންގެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް އަދި ޙައްލު ހޯދޭތޯ ބެލުން. މާތްރަސްކަލާނގެ އިރާދަފުޅުން ތިޔަބޭފުޅުންގެ މައްސަލަތަކަށް އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ޙައްލު ގެނެސްދެވެން އެބައޮތް.

އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ފުރަތަމަފަހަރަކަށް ނޫން މިރަށަށް މިއައީ. މިރަށު ރައްޔިތުންނާ ދިމާވެފައިވާ ދަތިތައް އަޅުގަނޑަށް އޮޅިފައެއް ނެތް. އަބަދުވެސް އަޅުގަނޑަށް އެވާހަކަތައް އިވޭ. މަދަރުސާ ޢިމާރާތް އެހެރީ ހުއްޓިފައި. އެތަން ނިމެންވިތާ ކިތަންމެ ދުވަހެއް. އަޅުގަނޑުވެސް އަދި ތިޔައިގެ ތެރެއިން ކިތަންމެ ބޭފުޅުންނެއް އުންމީދުކޮށްފައިވާނީ، މިފަހަރުގެ މަދަރުސީ އަހަރު ފެށުނުއިރު އެ މަދަރުސާ ބޭނުންކުރެވޭނެ ކަމަށް. އެހެނެއް ނޫން ކަން ހިނގާ މިދިޔައީ. ތިޔަބޭފުޅުންނަށް އެ މަދަރުސާ ބޭނުން ނުކުރެވި، ޖާގައިގެ ދަތިކަން ބޮޑުވެގެން މިރަށުގެ އެހެން ކަންކަމަށް ބޭނުންކުރަން ހުރި އެހެން ޢިމާރާތްތައްވެސް މިހާރު މިދަނީ މަދަރުސާއަށް ބޭނުންކުރަމުން.

އެނގިވަޑައިގަންނަވާނެ، ސަރުކާރުން މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި އަދި މިނޫންވެސް މިބާވަތުގެ ތަންތަން ޢިމާރާތް ކުރުމުގައި މިގެންގުޅެނީ، ވަރަށް ޢާންމު ހަމައެއް. އެއީ، ސަރުކާރުން ކަމެއް ހިންގަންވީމާ، އެކަމަކަށް ފައިސާ ހޯދައި، އެކަމެއް ކުރުމަށް ތައްޔާރުވުމަށްފަހު، ދެން ސަރުކާރުން ޢާންމުކޮށް ގޮވަންޖެހެނީ އިޢްލާނު. އެކަމެއް ކުރުމަށް ޝައުގުވެރިވާ، ބޭނުންވާ ފަރާތްތައް، އެކަމަކަށް ކުރިމަތިލުމަށް. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ކަންކުރެވޭނެ ކަމަށް ސަރުކާރަށް ފެންނަ ފަރާތަކަށް މަސައްކަތް ދޫކުރަން މިއޮންނަނީ. އަޅުގަނޑުމެން ރައްޔިތުން، ހަނދުމަފުޅު ބަހައްޓަވާތި، މި ސަރުކާރުގައި އޮތް ކޮންމެ ފައިސާ ފޮއްޗަކީ، ތިޔަބޭފުޅުންގެ ފައިސާ. ރައްޔިތުންގެ ރުފިޔާ. އަޅުގަނޑުމެންގެ ހަމަ އެންމެ ރުފިޔާއެއްވެސް، ތިޔަބޭފުޅުންނަކަށްވުރެ ވަކި އިތުރަކަށެއް އަޅުގަނޑުމެން އަތަކު ނެތް. މިއީ ހަމަ ރައްޔިތުންގެ ފައިސާ. އެފައިސާ ޚަރަދު ކުރަން ޖެހެނީ، އެންމެ އިންޞާފުވެރި، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް.

ސަރުކާރެއްގެ ހަމައާއި، ސަރުކާރެއްގެ ޤަދަރާއި ޢިއްޒަތާއި ކަރާމާތް ޙަޤީޤަތުގައި ބިނާވެފައި އޮންނަނީ، ސަރުކާރަކުން ކަންކަމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގެ ފެން ހިފެހެއްޓުމަށް. ޢިމާރާތެއް ކުރުމަށް ބަޔަކާ ޙަވާލުކުރާއިރުގައި، އެ ޙަވާލު އެ ކުރެވެނީ، އެކަމެއް ކުރެވޭވަރުގެ ބަޔަކާކަން ސަރުކާރަކަށް ވެއްޖިއްޔާ މިނެންޖެހޭނެ. ވެގެންމިދިޔަ ގޮތަކީ، އަދި މި ދިގު ދުވަސްތަކުގައި ވަމުން މި އައި ގޮތަކީ، މަސައްކަތްތައް ޙަވާލުކުރެވެނީ، އެ ބައެއްގެ ޤާބިލުކަމުގެ މައްޗަށް ބިނާކޮށްފައި ނުވަތަ ބެލިފައެއް ނޫން. ވެރިކަމުގައި ތިއްބަވާ ބޭފުޅުންނާ ގާތްތިމާގެ މިންވަރާއި، އެ ކޮންޓްރެކްޓަރުގެ ފަރާތުން ސަރުކާރުގެ ކޮންމެވެސް ބޭފުޅަކަށް ލިބިވަޑައިގަންނަވަން އޮވެދާނެ، ނާޖާއިޒު ފައިދާއެއްގެ މައްޗަށް ބިނާކޮށް. ގިނަ ކަންކަން ރޭވިފައި ހުރީ އެހެން. އަޅުގަނޑު މިބާވަތުގެ ވާހަކަ ދައްކާ ހިތެއް ނުވޭ.

އެހެންނަމަވެސް، ހަމަ ދުވަހުން ދުވަހަށް މިހުރިހާ ކަމެއްގެ ޒިންމާ މިވަގުތު އަޅަން މިޖެހެނީ ހަމަ އަޅުގަނޑުމެންނަށް، ސަރުކާރަށް. ޚާއްޞަކޮށް، އަޅުގަނޑަށް. އަޅުގަނޑު މިހުރީ އެކަންކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކީގައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން. މި މަސައްކަތުގައި މަދުވެގެން ދުވާލަކު 14 ގަޑިއިރު އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ކަންކަން ފުރިހަމަވާ ގޮތަށް ރާވައި، އިރާދަކުރެއްވިއްޔާ މި ސަރުކާރު ހިންގަމުން ގެންދާނަން.

ސަރުކާރުން މިހާރު ގަސްދުކުރަނީ، މަދަރުސާ ދީފައި އޮތް ފަރާތުން އެ މަދަރުސާގެ ކޮންޓްރެކްޓް ވަކިކޮށް، އެ ބާކީއޮތް މަސައްކަތް ސްކޫލް ބޯޑާ ޙަވާލުކޮށްގެން، އެ މަސައްކަތް ހިންގޭނެ ގޮތެއް އަޅުގަނޑުމެން ހޯދަން. އަޅުގަނޑު މިދެކެނީ، ސްކޫލް ބޯޑަކީ މިބާވަތުގެ މަސައްކަތެއް ކުރެވޭނެވަރުގެ ބައެއް ކަމަށް. މިހާރު އެހުރި ހިސާބުން އެ މަދަރުސާ ހިޔާކޮށް، ރާނައި، ސިމެންތިޖަހާ އަދި އެތެރެ ނިންމާ ހަދަން.

ދެންހުރި މަސައްކަތް މިރަށުން ކުރެވޭނެކަން އަޅުގަނޑަށްވެސް ގަބޫލުކުރެވޭ. ކުރެވޭނެ. ރަށު ރައްޔިތުންގެ ތެރޭގައި، އެފަދަ ޤާބިލުކަން އެބަހުރިކަން އަޅުގަނޑަށް ކަށަވަރު. އެހެންވީމާ، އެ ކޮންޓްރެކްޓް އަލުން އަނބުރާ ޙަވާލުކުރާއިރުގައި، ޙަވާލު ކުރެވޭނީ، ތިޔަބޭފުޅުންނަށް، އެއަށް ބާރުހިންގޭވަރުގެ އަދި އެ ޙަވާލުކުރާ މަސައްކަތް ނިންމޭނެ ކަމަށް ސްކޫލް ބޯޑަށް ގަބޫލުކުރެވޭވަރުގެ ބަޔަކާ. އިތުރު ބަޔަކާއެއް ނޫން. އަޅުގަނޑަކަށްވެސް ނޫން. ޓެންޑަރ ބޯޑަކަށްވެސް ނޫން. އެޑިޔުކޭޝަން މިނިސްޓްރީއަކަށްވެސް ނޫން. ފިނޭންސް މިނިސްޓްރީއަކަށްވެސް ނޫން. ހަމަ ސީދާ ތިޔަބޭފުޅުންނަށް. ދެން އެމަސައްކަތް ނިންމެންޖެހޭނެ. ފަސޭހަކަމާއެކީގައި، އަވަސްކޮށް އަޅުގަނޑުމެންނަށް އެމަސައްކަތް ނިންމެންޖެހޭނެ. އެހެންވީމާ، އަޅުގަނޑު ބަލާނީ، ވަރަށް ބޮޑަށް މަސައްކަތް ކުރާނީ، މިހާރު މިއޮތް ކޮންޓްރެކްޓް ޙަވާލުކޮށްފައި އޮތް ފަރާތުން އެ ކޮންޓްރެކްޓް ވަކިކުރުމަށް. އެއީ، މިތާ އަޅުގަނޑު މިހެން ހުރެފައި ބުނާހިނދުން ވާނެ ކަމެއް ނޫން. ދެފަރާތުގެ ދެމެދުގައި އެގްރީމަންޓެއް، ކޮންޓްރެކްޓެއް އެކުލަވާލެވެނީ ޤާނޫނީ ޝަރުޢީ ހަމަތަކުގެ މަތިން. އެހެންވީމާ، އެ ކޮންޓްރެކްޓެއް ނިގުޅައިގަނެ، ނިއުޅުވާލައި ވަކިކުރުމަށް ކޮންޓްރެކްޓްގައި ހިމެނިފައި ހުންނާނެ ހަމަތަކެއް. އެ ހަމަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މިކަންވާނެ. އެހެންނަމަވެސް، ސަރުކާރުން މިއަދު މިތިބީ، ދެން މިކަމުގައި ދިގުދަންމާކަށްނޫން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ މަދަރުސާ ނިންމާފައި ދާދި އަވަހަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

ބެލި ބެލުމުގައި އުނދަގޫވެފައި މިއޮތް މައްސަލައަކީ، މަދަރުސާއަށްވުރެން ނަމީރާ އިންޖިނިއަރިންގ ކިޔާ ކުންފުންޏަކުން ޙަވާލުވި އިންޖީނުގެތައް އެޅުމުގެ މައްސަލަ. މިއީ، އަޅުގަނޑު ބަލާލި ބަލާލުމުގައި، އަދި މާ ހުތުރުކޮށް އޮތް ކަމެއް. މާ ހުތުރުކޮށް. ތިޔަބޭފުޅުންގެ ނަމުގައި ސަރުކާރުން ނެންގެވީ، ބައިނަލްއަޤްވާމީ މާލީ އިދާރާއިން އޭ.ޑީ.ބީ އިން ދަރަންޏަށް ފައިސާ. ތިޔަބޭފުޅުން އެފައިސާ އަނބުރާ ދައްކަވަން މިޖެހެނީ. ފައިސާ ނަންގަވާފައި، ތިޔަބޭފުޅުންގެ އިންޖީނުގެ ހެދުމަށާއި، ތަރައްޤީ ކުރުމަށް އެ ފައިސާއިން ބައެއް ޚަރަދު ކުރުމަށް މި ނިންމެވީ. ނިންމަވާފައި އެމަސައްކަތް ކުރުމަށް، މި ޙަވާލުކުރީ ކޮރަޕްޝަންގެ އެންމެހާ ފަސާދަތަކާ ހަމަ ވަރަށް އެއްހަމަ މިނެއްގައި. ނަމީރާ އިންޖިނިއަރިންގއަކީ އެނގިވަޑައިގަންނަވާނެ، މި ނިމިދިޔަ ސަރުކާރާ އެކިގޮތްގޮތުން ވަރަށް ގާތް ގުޅުންތަކެއް ހުރި ބޭފުޅުންކޮޅެއް އިސްކޮށް ޙަރަކާތްތެރިވާ ކަރަންޓް ކުންފުންޏެއް. މިއަދާ ހަމައަށްވެސް ތިޔަބޭފުޅުން ބައްލަވައިފިއްޔާ، އެ ކުންފުނީގެ ކަންކަން ހިނގަމުން އައިސްފައި އެވަނީ، އެއްގޮތަކަށްވެސް އަޅުގަނޑު ދަންނަވާނީ، ޙަލާލު މަސައްކަތުން ލިބޭ ފައިދާއަކުންނެއް ނޫނޭ. ހަމަ މިބާވަތުގެ ކަންކަމުން. އެތައް ރުފިޔާއެއް ނަންގަވާފައި، މަސައްކަތް އުކާލާފައި، އެތިކޮޅު މިތަނަށް އަޅާލާފައި ދިޔައީމާ ނިމުނީ. އެކަމާ ބަހެއް ބުނާނެ މީހަކު، ކަމެއް ކުރެވޭނެ ގޮތެއް ނެތްކަން އެބޭފުޅުންނަށް، އޭރުގައި ހީވެގެން އެކަން އެހެން ކުރައްވާފައި އެވަނީ.

ހުރިހާވެސް ގެއްލުމަކީ، ތިޔަބޭފުޅުންގެ ކޮމްޕިއުޓަރާއި، ތިޔަބޭފުޅުންގެ ބޮތްކާއި، ތިޔަބޭފުޅުންގެ ވޮޝިންގ މެޝިނާއި، ތިޔަބޭފުޅުންގެ ޓީ.ވީ. އަދި ރޭގަނޑު ނިދާލަން ފަންކާއެއްވެސް ޖަހާލެވޭނެގޮތް ނެތުނީ. ދަރިން ހޯމްވާރކް ހަދަން ބޮތްކެއްވެސް ދިއްލާލެވޭނެ ގޮތް ނެތެނީ. މީގެ އަނެއްކާ 40 އަހަރު ފަހަތަށް މިރަށު ރައްޔިތުން ދާންވީ. އަނދިރިކަމުގެ ތެރެއަށް ވެއްޓެންވީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން، މިއީ މިކަން ހިނގައިދާންވީ ގޮތެއް ކަމަކަށް. މިހާރު ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، އެ ކޮންޓްރެކްޓްވެސް އަލުން އަނބުރާ މިހާރު އެ ދެވިފައިވާ ފަރާތުން އުނިކޮށް، އެހެން ފަރާތެއް ހޯދައި، އެފަރާތަކާ ޙަވާލުކޮށް، އެކަން ކުރިއަށް ގެންދަން.

ކަރަންޓްގެ ޚިދްމަތް، ކަރަންޓާއި، ފެނާއި، ގޭހާއި، ނަރުދަމާއާ، މިކަންކަމުގެ ޚިދްމަތް ދިނުމަށްޓަކައި، އަސާސީގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މިހާރުވާނެ ކުންފުންޏެއް އުފައްދާފައި. ޔުޓިލިޓީޒް ކުންފުންޏެއް. އަޅުގަނޑުމެން، ސަރުކާރުން މިހާރު މަސައްކަތް މިކުރަނީ، ނަމީރާ އިންޖިނިއަރިންގއަށް ދީފައިވާ ކޮންޓްރެކްޓް، އެމީހުންގެ އަތުން ވަކިކޮށް، މިދަންނަވާ ޔުޓިލިޓީޒް ކުންފުންޏަށް އެ ކޮންޓްރެކްޓް ޙަވާލުކޮށް، އެމީހުން ލައްވާ އެ މަސައްކަތް ވީހާވެސް އަވަހަކަށް ކޮށް ނިންމުމަށް. މިކަމުގައިވެސް އަޅުގަނޑުމެން މިދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން. އަޅުގަނޑު މިރަށަށް އައުން ކުޑަތަންފުކެއް ލަސްވެގެން ދިޔައީވެސް އެހެންވެގެން. އަޅުގަނޑު އަބަދުވެސް އުންމީދުކޮށްގެން ހުރީ، އާ ކުންފުންޏާ އެ ކޮންޓްރެކްޓް ޙަވާލުކުރެވޭނެއޭ ދާދި އަވަހަށް. ޙަވާލުކުރާއިރު ތިޔަބޭފުޅުންނާ ބައްދަލުވިއްޔާ، ތަންކޮޅެއް ހިނިތުންވެފައި ތިއްބަވާފާނެއޭ. ދެން އެހެން ނަމަވެސް، އެހިސާބަކަށް އަޅުގަނޑަކަށެއް ނުގެންދެވުނު. ލަސްކުރެވޭކަށެއްވެސް ނުއެއްނެތް. އެހެންނަމަވެސް، ހަމަ ދަންނަވާނީ، ދާދި އަވަހަށް ކުރިއަށް މިއޮތް މަހެއް، ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، ނަމީރާ އިންޖިނިއަރިންގގެ ކިބައިން އެ ކޮންޓްރެކްޓް ވަކިކޮށް، ޔުޓިލިޓީޒް ކުންފުންޏާ އެ ކޮންޓްރެކްޓް ޙަވާލުކޮށް، އެ ކުންފުނީގެ ބެލުމުގެ ދަށުން އެ މަސައްކަތް ގެންގޮސް ނިންމޭނެއޭ. އެ މަސައްކަތް އެ ކުންފުންޏަށް ނިންމޭނެ ކަމުގެ ވަރަށްބޮޑު އިތުބާރެއް އަޅުގަނޑަށް އޮވޭ. ކެނދިކުޅުދޫގައި މީހުން ތިޔަ ތިއްބެވީވެސް މިހާރު އެ ޔުޓިލިޓީޒް ކުންފުނި ހިންގުމާ ޙަވާލުވެ ހުންނެވި ބޯޑުގެ އެއް މެންބަރެއް، ކުޑަފަރީ ނަސީމް މި ޕްރޮޖެކްޓާ އޭރު ޙަވާލުވެލައްވައިގެން، މިތަނަށް ތޮޅެންދޫ މީހުންނާ އެކީގައި ބަދަލުކޮށް ނިންމަވައިދެއްވީތީވެ. އެހެންވީމާ، އަލުން އަނބުރާ އަޅުގަނޑުމެން މިއެދެނީ، އެ ކަރަންޓްގެ މަސައްކަތް، ނަސީމް އަދި މި ޔުޓިލިޓީޒް ކުންފުނި މެދުވެރިކޮށް، މިރަށުގައި އަވަހަށް ގެންގޮސް ނިންމާލަދިނުމަށް.

ހަމައެހެންމެ، މިރަށުގެ ނަރުދަމާ ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު މިގެންދަނީ އެ ކުންފުންޏާ ޙަވާލުކުރުމުގެ ވިސްނުން ކުރިއަށް ގެންދަމުން. އެގޮތުން، އަޅުގަނޑުމެން މިހާރުވަނީ އޭގެ ކުރެހުންތައް ކުރަހާ ނިމިފައި. ކުންފުންޏަކާ ޙަވާލުކޮށްގެން ކުރެހުންތައް މިހާރުވަނީ ނިންމިފައި. ދެން އެކުރެހުމާ އެއްގޮތަށް، އެމަސައްކަތް ހިންގުމަށް ސަރުކާރުން ފަރާތެއް ހޯދައި، އެފަރާތަކާ ޙަވާލުކުރުން މިއޮންނަ އުޞޫލަކީ. އޭގެ ބަދަލުގައި އަޅުގަނޑުމެން އެދޭނީ، މިދަންނަވާ ޔުޓިލިޓީޒް ކުންފުނީގައި، އެ ކުންފުނިން އެމަސައްކަތް ހިންގައިދިނުމަށް. އެ ކުންފުންޏަށް ފައިސާ ހޯދޭނެ ގޮތްތައް އެ ކުންފުނިން ހޯދާނެ. ސަރުކާރުން އެކަމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުން ގެންދާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީގައި، މިރަށުގައި ނަރުދަމާގެ މަސައްކަތް ފެށިގެންދާނެއޭ.

މިރަށުގައި ރައްޔިތުންނަށް އަންހެން ބޭފުޅުންނަށްވެސް އަދި ފިރިހެން ބޭފުޅުންނަށްވެސް ވަޒީފާގެ ފުރްޞަތުތައް ހުޅުވާލަދިނުމަކީ، އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް. މިތަނުގައި، ރަށުގައި ތިއްބަވައިގެން އާމްދަނީ ހޯދޭނެ ގޮތަކަށް، ރަށުގެ އިޤްތިޞާދު އަޅުގަނޑުމެން އެބަ ބައްޓަން ކުރަންޖެހޭ. އެކަންކަމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ، އިޤްތިޞާދީ ދިރުން ނުވަތަ މަޝްރޫޢުތައް މިރަށުގައި ހިންގުން. އެނގިވަޑައިގަންނަވާނެ، މިހާރު ގޮތަކަށް ހިނގާ ހައިޑްރޮޕޯނިކްސް ނުވަތަ ޔޫ.އެން.ޑީ.ޕީ އިން ގަސް އިންދާ ދެ ޕްރޮގްރާމެއް އެބަ ހިންގާ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެ ޕްރޮގްރާމް މިހާރަށްވުރެ ފުޅާކުރުމަށް. އަދި ސަރުކާރުން މިހާރުދަނީ މިރަށުގެ ކުޅި ބޭނުންކޮށްގެން، ސޫފިލަނޑާއާއި އަދި އެނޫންވެސް އެހެން ބާވަތްބާވަތުގެ ދިރޭ މަސްވެރިކަމާގުޅޭ މަސައްކަތް ކުރިއަށް ގެންގޮސްގެން، ތިޔަބޭފުޅުންނަށް އާމްދަނީއެއް ލިބޭގޮތް ހޯދުމަށް. އަޅުގަނޑު އަޑުއަހާފައި އޮތްގޮތުގައި، މި ކުޅީގައި ސޫފި ބޮޑުކޮށްގެން ވަރަށް ރަނގަޅު އާމްދަނީއެއް ރަށު ރައްޔިތުންނަށް ހޯދިދާނެ. އެކަން ކުރަން ފެށުމުގެ ކުރީގައި މިހާރު މި ބޭނުންވަނީ، އެކަން ކުރީމާ، ކުޅިއަށާއި އަދި މިރަށުގެ ތިމާވެށްޓަށް ލިބިދާނެ އެހެން ގެއްލުމެއްވޭތޯ ބަލައި ދިރާސާކޮށް ހޯދުން. އެކަން ކުރުމަކަށް އެތައް ދުވަހެއް ނަގައިގެން ނުވާނެ. އެމަސައްކަތް މިހާރު އެދަނީ ކުރެވެމުން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ހަމަ މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންނަށް އެ ޚިދްމަތްވެސް ލިބިވަޑައިގަންނަވަން ފަށާނެއޭ. މިރަށުގައި އާމްދަނީ ލިބޭ އިތުރު މަސައްކަތްތައް ހުޅުވިގެންދާނެއޭ.

އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވިއިރު، ދިވެހި ސަރުކާރުގެ މާލިއްޔަތު އޮތީ، ވަރަށްވެސް ނާޒުކު ފައްތަރެއްގައި. ކުރީގެ ސަރުކާރުން އޮތީ، ވަރަށްގިނަ ޢަދަދަކަށް ފައިސާ ނަންގަވާފައި، އެކި ބާވަތްބާވަތުގެ ކަންކަމަށް. އަދި ބައެއް ޕްރޮޖެކްޓްތައް ހިންގުމަށް ކަނޑައަޅާފައިވާއިރުގައި، އެކަންކަމަށް ފައިސާ ކަނޑައަޅާފައެއްނުވޭ. އެހެންވީމާ، ރައްޔިތުންގެ މޫނުމަތީގައި މިއޮންނަނީ، ޕްރޮޖެކްޓް ހިނގާނެކަން. މިސާލަކަށް، އަޅުގަނޑަށް ޔަޤީން. ކުރީގެ ސަރުކާރުން މި ނަމީރާއިން ހައްދަވަމުން ގެންދެވި އިންޖީނުގެއާ ގުޅޭގޮތުންވެސް ކިތަންމެ ވާހަކައެއް ދައްކަވާފާނެކަން. މާދަން ފަށްޓަވަނީއޭ، މިއަންނަ ދުވަހެއްގައި މިހެންވާނެއޭ، އަނެއް ދުވަހެއްގައި އެހެންވާނެއޭ. އެއިން އެއްވެސް ގޮތެއްނުވެ އެދަނީ، އެކަމަށް ބޭނުންވާ ފައިސާއާއި އަދި ހަމަ އެކަމަށް ދޭންޖެހޭ މުހިންމުކަން ސަރުކާރުން ދީފައިނުވާތީ. ހަމައެކަނި ފައިސާއެއް ނޫން. ކެނދިކުޅުދޫ ރައްޔިތުންގެ ކަންކަމާ ގުޅޭގޮތުން ވިސްނުމަށް، ޚިޔާލު ކުރުމަށް، ސަރުކާރުގެ އެންމެމަތީ ވެރިން ދޭންޖެހޭ ވަގުތު ނުދެވުނީމަ.

އަޅުގަނޑު މިރަށަށް އައިސް، ތިޔަބޭފުޅުންނާއެކުގައި ހުންނައިރުގައި، އަޅުގަނޑަށް އެކަން ސީދާގޮތުގައި އެބަ އިޙްސާސް ކުރެވޭ. އެހެންވީމާ، އަޅުގަނޑު އެދެނީ، މި މަސައްކަތް ބާރަށް ގެންދަން. މިހާރުން މިހާރަށް ކުރެވެންހުރި ކަންކަމާއި، ދިގުމުއްދަތުގައި ކުރެވެން ހުރި ކަންކަމާއި، މާލެގޮސް އަޅުގަނޑުމެންނަށް ރޭވުންތަކަކަށްފަހު އެނބުރެންހުރި ކަންކަން ކުރަން. އެހެން ބަލައި ކަންކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ، މިދެންނެވި ތިން ކަންތައް، އިންޖީނުގެއާއި ނަރުދަމާއާއި އަދި މަދަރުސާއާ، މިކަންކަން ބާރަށް އިސާހިތަކު ހިނގައިގަންނާނެއޭ. އަދި ކުޅި ބޭނުންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތްވެސް މިހާރަށްވުރެ ފުޅާކުރުމަށް އަޅުގަނޑުމެން ފަށައިގަންނާނަން.

އަޅުގަނޑަށް ހަމަ އެނގޭ، ތިޔަބޭފުޅުން އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ގޮތަކަށް ނޫންކަން ބަނދަރު ކުރެހިފައި އޮތީ. ބަނދަރު ހެދެމުން އެދަނީ. ބަނދަރުގެ އެއްފައި ކަށި ވިއްސަކަށްފޫޓަށް ދިގުކޮށްލަން އެބަ ބޭނުންވޭ. އެކަމަށް އަޅުގަނޑުމެންޖެހޭ ކޮންމެވެސް ދިމާއަކުން، ބަޖެޓުގެ ކޮންމެވެސް އެހެން ތަނަކުން ފައިސާ ހޯދަން. ހޯދައިގެން އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ. އަޅުގަނޑު ހަމަ މާލެގޮސް، އެކަމާ ވާހަކަ ދައްކަން ފަށާނަން. މަޝްވަރާ ކުރަން ފަށާނަން. އަދި އިރާދަކުރެއްވިއްޔާ، އެފައިސާވެސް އަޅުގަނޑު ހޯދައިދީ، ތިޔަބޭފުޅުންގެ ބަނދަރު ރަނގަޅު ގޮތެއްގައި ހަދައިދެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްދޭނަން.
އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ، މިއަދަށްވުރެ ފަހި ފާގަތި މާދަމައެއް. އަޅުގަނޑުމެން އެކަކުވެސް ބޭނުމެއްނުވޭ، ފިރިންނާ ވަކިން ދިރިއުޅޭކަށް. އަނބިންނާ ވަކިން ދިރިއުޅޭކަން. ކުދިން ދޫކޮށްލާފައި ތިބޭކަށް. އަޅުގަނޑުމެން ބޭނުމެއްނުވޭ، ފައިސާއަށް ދަތިވެގެން ހާސްކަންމަތީގައި އުޅޭކަށް. އަޅުގަނޑުމެން އެކަކުވެސް ބޭނުމެއްނުވޭ، އެހާ ގިނައިން މަދިރި ހަފާކަށްވެސް. އަޅުގަނޑުމެން ހަމަ އެކަކުވެސް ބޭނުމެއްނުވޭ، ހޫނުވެގެންގޮސް ނުނިދޭކަށްވެސް. އަޅުގަނޑުމެން ބޭނުން ޒީނަތްތެރިކަންވެސް. އަޅުގަނޑުމެން ބޭނުން އުފާވެރިކަންވެސް. އަޅުގަނޑުމެން ބޭނުން ރީތި ދިރިއުޅުމެއް. އަޅުގަނޑުމެންނަށް އެނގޭ، މި ރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ، މުއްސަނދި ޤައުމެއްކަން. މިއަދާ ހަމައަށްވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަންގާފައި މިވަނީ، މި ރާއްޖެއަކީ ނިކަމެތި ފަޤީރު ޤައުމެކޭ. އެހެނެއް ނޫން އަޅުގަނޑުމެން ވިސްނަނީކީއެއް. އަޅުގަނޑުމެން ވިސްނަނީ، މި ރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ، މުއްސަނދި ޤައުމެކޭ. ވެރިކަމުގެ ފަރާތުން ކުރަންޖެހޭ ކަންކަން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކީގައި ކުރީމާ، ދެން ރައްޔިތުންނަށް ޤައުމުގެ މުއްސަނދިކަން ފަހިވެގެންދާނެއޭ.

އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާނީ، އިރާދަކުރެއްވިއްޔާ، މާދަން ވެގެންދާނީ، މިއަދަށްވުރެ އަދި މާފަހި ފާގަތި ދުވަހަކަށޭ. ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ތަނަވަސް ދިރިއުޅުމަކަށް އެދެމުން، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލާނަން.

الحمد للّـه. والسّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ!