بســم اللّـه الرّحمـن الرّحيــم

ހަންޏާމީދޫގެ ލޮބުވެތި އެކުވެރި ރައްޔިތުން،

السّـلام عليـكم

މީގެ ހައެއްކަ މަސް ކުރީގައި އަޅުގަނޑުމެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކުރަމުން، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ހުށަހެޅިން ތަޞައްވުރެއް. ވިސްނުމެއް. ފިކުރެއް. ޚިޔާލެއް. މަންޒަރެއް. އަޅުގަނޑުމެން ހުށަހެޅިން އަޅުގަނޑުމެންގެ މެނިފެސްޓޯ. އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވަމުން ގެންދިޔައިން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ހިނގާނެ ސިޔާސަތުތަކެއްގެ ތަފްޞީލު، ރާއްޖޭގެ ރައްޔިތުންނަށް، މީގެ 6 މަސް ކުރީގައި އަޅުގަނޑުމެން ހުށަހެޅިން.

އެއަށްފަހު، އެ ހުށަހެޅި ހުށަހެޅުމުގައި އަޅުގަނޑުމެން ފާހަގަކުރިން. އަޅުގަނޑުމެން ބޭނުމެއް ނެތޭ ރާއްޖޭގެ ރައްޔިތުންނަކީ ހާސްކަންމަތީގައި ދިރިއުޅޭ ބަޔަކަށްވާކަށް. އަޅުގަނޑުމެންނެއް ނޭދެމޭ، ރައްޔިތުންނަކީ ދަތީގައި ދިރިއުޅޭ ބަޔަކަށް، ނުތަނަވަސްކަމުގައި ދިރިއުޅޭ ބަޔަކަށްވާކަށް. އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ރައްޔިތުންނަށް ފަސްވަޢުދެއްވިން. ދިވެހިރާއްޖޭގެ ރަށްތަކަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމުން ގުޅާލެވިދާނެ މެހިފައިވާ ރަށްތަކަކަށް ހަދައިދެވޭނެ ކަމަށް އަޅުގަނޑުމެން މިސަރުކާރުގެ ފަރާތުން ކޮށްދޭނެ ކަމަށް އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް މީގެ 6 މަސް ކުރީގައި ވަޢުދުވިން.

ބޯހިޔާވަހިކަމަކީ، ގެދޮރު އެއީ ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ރައްޔިތުންނަށް ލިބެންޖެހޭނެ އެއްޗެއް ކަމަށް އެމް.ޑީ.ޕީ.ގެ ސަރުކާރު ދެކޭ ކަމަށާއި، އެފަދަ ގޮތުގައި ގެދޮރު ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް، ނިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނެ ކަމަށް ރައްޔިތުންނަށް އަޅުގަނޑުމެން ވަޢުދުވީމު. ރާއްޖޭގެ ޒުވާނުން ޑްރަގްގެ ޝިކާރައަކަށްވެ، ގެއްލި ނިމިދާ ހިތާމަވެރި ޙާލަތު ބަދަލުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ ކަމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ވަޢުދުވީމު. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ވަޢުދުވިން، ބޭސް ސިޓީއަށް ސަލާން ޖަހަން ޖެހުން އެއީ، ދިވެހި ރައްޔިތުންނަށް މިއަދު ޙައްޤު މިންވަރެއް ނޫނޭ. މި ރާއްޖެއަކީ އެއަށްވުރެ ތަނަވަސް ރާއްޖެއެކޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ރައްޔިތުންނަށް ސަލާން ނުޖަހާ އުޅެވޭނެއޭ.

އަޅުގަނޑުމެން އެތައް ވަޢުދެއް ރައްޔިތުންނަށްވިން. އަޅުގަނޑަށްވެސް އެނގޭ މިހާރު ހަމަސްވީ، އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުން އަންނަތާ. މާލެއަށް ދަތުރު ކުރެވޭނެ ގޮތެއްވެސް އޮތީކީއެއް ނޫން. ހެލްތް ސެންޓަރެއް ވަކި ރަނގަޅުވީކީއެއް ނޫން. ބޭސްފަރުވާ ކުރެވޭނެ ގޮތެއް އޮތީކީއެއް ނޫން. ޑްރަގް ވިއްކުމާއި، ޑްރަގް ގަތުމާއި، ޑްރަގް ބޯ ކުދިން ވަކި މަދުވީއަކީއެއް ނޫން. ގޯއްޗެއް ނުވަތަ ގެއެއް، ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ލިބެން އޮތީކީއެއް ނޫން. އަޅުގަނޑުމެން ބުނި އެއްވެސް ކަމެއް ވާކަށް އަދިއެއް ނެތް. އަޅުގަނޑު ތިޔަބޭފުޅުން އަރިހުގައި ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެންނަކީ ދިގު މުއްދަތަށް ވިސްނައިގެން، ޙިކްމަތްތެރިކަމާ އެކީގައި ރާވައިގެން ކަންތައްތައް ކުރާ ބަޔެކޭ. އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން ހުށަހެޅިއިރުގައިވެސް، އޭގައި ފާހަގަކޮށްފައި ހުންނާނެ، މިވެނި ކަމެއް، މިވެނި މުއްދަތެއްގެ ތެރޭގައި، މިވެނި ދުވަސްތަކެއްގެ ތެރޭގައި ވާނެއޭ. އަޅުގަނޑަށްވެސް އެނގޭ މިކުރިމަތިވަނީ އިންތިޚާބުކަން. އަޅުގަނޑަށްވެސް ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާލަން، ތިޔަބޭފުޅުންނަށް ދަޅައެއް ދައްކާލަން މިތަނަށް އައިސް އެވެނި ކަމަކާއި މިވެނި ކަމަކާ މާދަމާ ފަށާ ގޮތްގަނޑު ދައްކާލެވިދާނެ. އަޅުގަނޑުގެ ދެޅިޔަނަކަށާއި އަޅުގަނޑުގެ ދެ ބޭބެއަކަށް ފައިސާކޮޅެއް ދީފައި މިރަށަށް އައިސް ބަހާލާށޭ ކިޔައި، ރައްޔިތުންނަށް ދޮގުތަކެއް އަޅުގަނޑަށްވެސް ހެދިދާނެ.

އެހެންނަމަވެސް، އޭރަކުންނެއް އަޅުގަނޑުމެން މިއެދޭ ދެމެހެއްޓެނިވި ތަރައްޤީއެއް މިރާއްޖެއަކަށް ނުލިބޭނެ. އަޅުގަނޑުމެން ބޭނުންމިވަނީ ކަމެއް ކުރީމާ، ނުވަތަ ކުރާ ކަމަކުން އެކަމަކީ އަބަދަށް ވޭވޭ ހުންނަ ކަމަކަށް އެކަން ވާން ޖެހޭނޭ. ދެމިހުންނަ ކަމަކަށް އެކަން ވާންޖެހޭނޭ. އަޅުގަނޑުމެންނަށް ފާހަގަވަނީ، ކަމެއް ކުރަންވީމާ، ކުރަންވީކީ އެކަމެއް ނޫނޭ. އެހެން ކަމެކޭ. އެކަން ކުރަމުން ކުރަމުން އައިސް، އަނެއް ކަންތައްވީމާ، ދެން އެދޭ ކަންތައް ވޭވެ ހުންނާނީ އަބަދަށް. އަޅުގަނޑުމެންނަށް ވަރަށް ސާފު، މިރަށުގެ ރައްޔިތުން އެދޭ ކަންކަން. އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެން އެކުލަވާލީ، މިރަށުގެ ރައްޔިތުންގެ އިޚްތިޔާރުތަކާއި އެދުމާއި ވިންދާ އަޅުގަނޑުމެން ބަލާފައި، ރައްޔިތުންގެ އަޑު އަޅުގަނޑުމެން އަހާފައި. އަޅުގަނޑަށް ތިޔަބޭފުޅުން ގާތު މިރަށަށް ބޭނުންވަނީ ކޮންކަމެއްހޭ؟ ތިޔަބޭފުޅުން ގާތު އަޅުގަނޑުމެން އަހައިފިއްޔާ، ތިޔަބޭފުޅުން ވިދާޅުވާނީ ހަކަންތައް. އަޅުގަނޑުމެންނަށް ފާހަގަވެފައި ޙަޤީޤަތުގައި އެބައޮތް އަށްކަންތައް. ކަމެއް ރަނގަޅު ކުރުމަށް، އެކަމާ ގުޅޭ އެހެން ކިތަންމެ ކަމެއްވެސް އެބަ ރަނގަޅު ކުރަންޖެހޭ.

މިއަދު އަޅުގަނޑުމެންނަށް މިވަނީ މި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން ފެށީމާ، ސީދާ މިރަށަށް، ސީދާ ތިމަންނާއަށް އޮތީ ކޮންއެއްޗެއް ހެއްޔޭ؟ ތިމަންނާގެ ޢާއިލާއަށްވާނީ ކިހިނެއްހޭ؟ ތިމަންނާ ގޭ މީހުންނަށްވާނީ ކިހިނެއްހޭ؟ މި ހަންޏާމީދުއަށް އޮތީ ކޮންއެއްޗެއް ހެއްޔޭ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑުމެން އެބަ ތިޔަބޭފުޅުންނަށް އަރުވަން. މި ސަރުކާރުގެ ސިޔާސަތު ހިންގަމުންދާއިރުގައި މިރަށަށް ވާނީ ކިހިނެއްހޭ؟ ކުރު ގޮތަކަށް ދަންނަވަންޏާ ވާނީ ރަނގަޅު އިނގޭތޯ. އަޅުގަނޑުމެންގެ ވަޢުދެއް އެއީ، އަޅުގަނޑުމެން ގަބޫލުކުރަނީ، ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް އިތުބާރު ހުރި ގޮތެއްގައި މިހާރުން މިހާރަށް ފޯރުކޮށްދޭން އެބަޖެހެއޭ. އެކަން ކުރުމަށްޓަކައި ސަރުކާރުން އުފެއްދީ ޔުޓިލިޓީ ނުވަތަ ފެނާއި ނަރުދަމާއާއި އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ 7 ކުންފުނި. ކޮންމެ ޕްރޮވިންސެއްގައި ކުންފުންޏެއް މިވަނީ އުފެއްދިފައި. އެ ކުންފުނިތަކުގެ މަސައްކަތަކީ، މިހާރު އަޅުގަނޑު ދަންނަވާނަން މިއަތޮޅުގައި ވަރަށް ފަސޭހަ އެވާހަކަ ދައްކަން. މިތަނުގައި މިހިރަ ރަށްތައް، ހަންޏާމީދުއާއި، އޮމަދުއާއި، ކުނބުރުދުއާއި، މަހިބަދުއާއި، ދެންވެސް އެހެން މިދެބުރީގައި މިއޮތްހާ ރަށް. އެރަށްތަކުގެ އިތުރުން، މިއަތޮޅުގައި ވަރަށްގިނަ ރިޒޯޓް އެބަހުރި. ސަރުކާރުން ވާހަކަ ދައްކަނީ، ރިޒޯޓް ގެންގުޅޭ މީހުންނާ. ދައްކާފައި އެމީހުން ގާތު އެދެނީ އެމީހުންގެ ރިޒޯޓްގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް މި ކުންފުނޏާ ޙަވާލުކޮށްދޭށޭ. ސަރުކާރުން އެމީހުންނަށް ދޭންޖެހޭ އެއްޗެއް އެކަމަށްދޭނެ. އަދި އެމީހުންނަށް ފަހިކޮށްދޭންޖެހޭ ފުރްޞަތެއް ވެއްޖިއްޔާވެސް ފަހިކޮށްދޭނެ. އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތީ، މިއަތޮޅުގެ ރިޒޯޓްތަކާއި އަދި މީހުން އުޅޭ ރަށްތަކާ މިހުރިހާ ތަނެއްގެ ފެނާއި ނަރުދަމާގެ ޚިދްމަތް، އެއް ކުންފުނިން ދިނީމާ، ދެން ހުރިހާ ތަނެއްވެސް ރިވެތި ގޮތުގައި ހެދެއޭ. އެއީ ވިޔަފާރީގެ އުޞޫލުން ފައިދާހުރި ގޮތުގައި ހަމަ މާލޭގައި ހުރި އަގުތަކުގައި އެކަންކަންވާން އޮތް އުޞޫލެކޭ. ގޮތެކޭ.

އެހެންވީމާ، މިތަނަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ކުންފުނިތައް ހޯދުމަށް ސަރުކާރުން މީގެ ދެމަސް ކުރީގައި އިޢްލާނުކުރީ. މި ސަރަޙައްދުގައި، އަރިއަތޮޅު ދެކުނުބުރީގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށް ބައިނަލްއަޤްވާމީ ކުންފުނިތަކުގެ ތެރެއިން ދިވެހި ސަރުކާރުން އުފައްދާ ކުންފުންޏެއްގައި ޙިއްޞާވެގެން އެކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން އިޢްލާނު ކުރީމާ، ދުނިޔޭގެ މަޝްހޫރު 7 ކުންފުންޏެއްވަނީ މިކަމަށް ޝައުޤުވެރިކަން ހާމަކޮށްފައި. ސަރުކާރަށް މިހާރު އޮތީ އޭގެތެރެއިން އެކަން ކުރަން އެންމެ ރަނގަޅީ ކޮންބައެއްތޯ ކަނޑައަޅައި ބަލައި، އެބަޔަކާ މަސައްކަތް ޙަވާލުކުރުން. އަޅުގަނޑުމެންގެ ހިސާބުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އިރާދަކުރެއްވިއްޔާ ޖުލައިމަހުގެ ތެރޭގައި އެކަމާބެހޭ ލިޔުންތައް އަޅުގަނޑުމެންނަށް ބެލޭނެ. ހުށަހެޅިފައި ހުރި ބިޑުތައް ސާފުކޮށް ނިންމޭނެ. އޯގަސްޓް މަހުގެ ތެރޭގައި އެމީހުން ގާތުގައި ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން އެދެވޭނެ. އަޅުގަނޑު މި އުންމީދު ކުރަނީ، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މިރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ފުރިހަމަކޮށްދެވޭނެ ކަމަށް. އެއީ، އަޅުގަނޑުމެންނަށް މިރަށަށް ކޮށްދެވެން އޮތް ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން މިރަށަށް ކޮށްދޭނަން.

އަޅުގަނޑުމެންނަށް އެބަ ވިސްނޭ، އަޅުގަނޑު މިދައްކާ ވާހަކައަކީ މިރަށަށް އެކަނި އަޅުގަނޑުމެން ކޮށްދޭ ކަމެއް ނޫނޭ އެއީކީއެއް. އަޅުގަނޑުމެންގެ ފުޅާ ސިޔާސަތެއް އެބައޮތޭ. ރާއްޖޭގެ ރަށްތަކުގެ ފެނާއި ނަރުދަމާއާގުޅޭ. އަޅުގަނޑު ވަރަށް ގިނައިން ދައްކާ ވާހަކައަކީ އިނގޭތޯ، ތިޔަބޭފުޅުންގެ ވިސްނުން މިރަށުގެ ގޮނޑުދޮށުން ބޭރަށް ގެންދަވާށޭ. އެހެން ނޫނިއްޔާ ތިޔަބޭފުޅުންނަކަށް މި ހަންޏާމީދޫއެއް ތަރައްޤީއެއް ނުކުރެއްވޭނެއޭ. ތަރައްޤީގެ ވިސްނުން ހޯދުމަށްޓަކައި ހަމައެކަނި އަހަރެންގެ ރަށުގެ ވާހަކައަށް ވިސްނައިގެނެއް މިކަމެއް ނުވާނެ. އަދި ޚާއްޞަކޮށް، ސަރުކާރުން މިކަހަލަ ނިޒާމެއް ނުވަތަ މިކަހަލަ ޕްރޮގްރާމެއް އެކުލަވާލާއިރުގައި އަޅުގަނޑުމެން މިބަލަނީ މުޅި ޖުމްލަ ކަމެއް ކުރަން. އެކަންކަން ކުރާއިރުގައި، އެކަންކަން އަމާޒު މިވަނީ ވަކިވަކި ރަށްރަށަށް. ހަންޏާމީދުއަށް ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް މިދެވެނީ، މި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަމުންދާއިރުގައި އެކަން އެގޮތަށްވާނެތީ. އެއީކީއެއް އަޅުގަނޑު މިދަންނަވާހެން ހަންޏާމީދުއަށް މިކަން ކުރަނީ ހަމަ މުޅި ނިޒާމުގެ ތެރޭގައި އަޅުގަނޑުމެން އެކަން ކުރަން ރާވާފައި.

މީގެކުރީގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ހުރީ، ރަށްރަށުގެ ވަކިވަކި ރަށްރަށާ ގުޅޭގޮތުން ސަރުކާރުން ވިސްނަނީ. އެއީ ރައްޔިތުން ވިސްނަނީ ތިމަންނާ ހުރި ރަށާ ގުޅޭގޮތުން. ތިމަންނާއަށް މުހިންމީ ތިމަންނާގެ ގާތްތިމާގެ މީހުންނާއި، ތިމަންނާގެ ގޭގައި އުޅޭ މީހުންނާއި، ތިމަންނާ ރަށު މީހުން. އެހެންވާނީ ރައްޔިތު މީހާއަށް. އަޅުގަނޑުމެން މިއަންނަނީ މިކަން ގަބޫލު ކުރަމުން. އެހެންނަމަވެސް، ސަރުކާރުން ތެދުވެ ފޯރުކޮށްދިނުމަށްޓަކައި އެވިސްނުމުގައި ޢަމަލުކުރަން ފަށައިފިނަމަ، ދެން ވަކިވަކި ޤައުމުތަކެއް އަޅުގަނޑުމެންނަށް މި އުފެއްދެނީ. ކޮންމެ ރަށެއް އެއީ، ވަކި ހުރިހާ ޚިދްމަތެއް، ސީދާ އެރަށުން ނެރެންޖެހޭ ރަށަކަށް މިވަނީ. އޭގެ ބަދަލުގައި އަޅުގަނޑުމެން ވިސްނީ، މިރަށަށް ދޭންޖެހޭ ޚިދްމަތެއް ދިނުމަށްޓަކައި ސަރުކާރުންވީ ޖުމްލަ ފުޅާ ވިސްނުމެއް ވިސްނަން. މުޅި ސަރަޙައްދުގެ، މުޅި ޕްރޮވިންސްގެ ފެނާއި ނަރުދަމާއާއި ކަރަންޓް ދެވޭނެ އުޞޫލެއް ހޯދަން. އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑުމެންނަށް އެ ވިސްނުން ފެނެއޭ. އެކަން އަޅުގަނޑުމެންނަށް ކުރެވޭނެއޭ. އެކަމަށް ޝައުޤުވެރިވާ ފަރާތްތައް އެބަތިއްބޭ. އަޅުގަނޑުމެންނަށް އެ އިންތިޒާމު ހިންގޭނެއޭ. އިރާދަކުރެއްވިއްޔާ، ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް އޯގަސްޓް މަހުގައި އޭގެ ޢަމަލީ މަސައްކަތް ފެށޭނެއޭ. އަޅުގަނޑު ތަކުރާރުކޮށް ހަމަ ތިޔަބޭފުޅުންނަށް އެ ޔަޤީންކަން އަރުވާނަން.

އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަން. ޤައުމެއް ތަރައްޤީ ވަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް ކުރީމާ. ދަތުރުފަތުރުކުރުމުގެ ފުރިހަމަ ނިޒާމެއް އޮތުމަކީ، ވިޔަފާރި ކުރިއަރަން އޮތް ހަމައެކަނި މަގު. ވިޔަފާރިއަކީ މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރުން. ދަތުރުފަތުރު ނުކުރެވި ވިޔަފާރިއެއް ކުރިއެއްނާރާނެ. ވިޔަފާރި ކުރިނާރައި ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އެހެންވީމާ، މިދެންނެވި ހަމަސްދުވަސް ކުރީގައި އަޅުގަނޑުމެން ނުކުމެ، ރާއްޖޭގެ ރައްޔިތުންނަށް ވަޢުދުވީ، މި އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ރާއްޖޭގެ ރަށްތަކަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅި ލާމެހިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާދޭނަމޭ. އަޅުގަނޑުމެން މިދަންނަވަނީ، ހަންޏާމީދޫން ފުރައިގެން ދުވާލަކު ދެފަހަރު އިރާދަކުރެއްވިއްޔާ މާލެ ގޮސް އައިސް ހެދޭނޭ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ. އަދި މުޅި މިއަތޮޅުތެރޭގައިވެސް ކޮންމެ ދުވަހަކުވެސް ވިހި ފަނަރަ ރުފިޔާއަށް ދަތުރުކުރެވޭނެ، ދަތުރުފަތުރުކުރުމުގެ ނިޒާމެއް އަޅުގަނޑުމެން ޤާއިމުކޮށްދޭނަމޭ.

އަޅުގަނޑުމެން މިހެން ބުނީމާ، އަޅުގަނޑުމެން ތިޔަބޭފުޅުންގެ ކިބައިން އެދެނީ، ހަމަ އަޅުގަނޑުމެން ގާތުގައި ސުވާލު ކުރުމަށް ކޮބައިހެއްޔޭ ތިޔަކަން ކުރާ ފައިސާ. ކިހިނެއްހެއްޔޭ ތިޔަކަން ކުރަނީ. ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި ނުވަތަ އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި މިއޮންނަނީ މި ރާއްޖެއަކީ ފަޤީރު ރާއްޖެއެކޭ. އަޅުގަނޑުމެންނަކީ ހަދާނެ ގޮތެއް ނެތި ތިބި މިސްކީނުންތަކެކޭ. ގޮތެއް ފޮތެއް ނެތޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ، މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި، މި ރާއްޖޭގެ ތަނަވަސްކަމަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަކި ކުޑަ މުއްސަނދި ކަމެއް ނޫންކަން. ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުން މީގެކުރީގައި އެ ގޮނޑުތައް އަޅުގަނޑުމެން ހީކުރީ އެއީ، ހަމައެކަނި ވައްލަ ބިސް އަޅަން ރަނގަޅު ތަންތަން ކަމަށް. މިހާރު މިއެނގެނީ އެ ގޮނޑުތަކާއި މިރަށުގެ މާރުކޭޓާ ދަތުރުފަތުރު ކުރުމުން ގުޅާލުމުން، އެއީ ރަންބިސް އަޅާ ކުކުޅުކަން. ސަރުކާރުން އިޢްލާނުކުރީ، ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު ޤާއިމުކޮށްދޭ ފަރާތަކަށް ގެސްޓްހައުސްއާއި ގެސްޓްހައުސް ބިނާކުރަން ރާއްޖޭގެ ބިން ދޫކުރާނަމޭ. ދިގު މުއްދަތަށް އެ ބިން ދޫކުރާނަމޭ. މިދެންނެވި ބިމުގެ ބޭނުމުގައި ދަތުރުފަތުރުކޮށްދިނުމުގެ ނިޒާމު ޤާއިމުކޮށްދިނުމަށް ދުނިޔޭގެ ބޮޑެތި 7 ކުންފުނިން ސަރުކާރަށް ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. މިކަމުގައިވެސް ދެން އަޅުގަނޑުމެންނަށް ހަމަ އޮތީ ބިޑް ބަލާފައި، އެކަމަށް އެންމެ އެކަށީގެންވާ ބަޔަކަށް އެކަން ޙަވާލުކުރުން. އަޅުގަނޑު ހަމަ ދަންނަވާނީ، އޯގަސްޓް މަހަކީ އަޅުގަނޑުމެންގެ މަހޭ. އެމަހު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މީގެ ޢަމަލީ މަސައްކަތް ފަށައިގަނެވޭނެ. އެ އިންތިޒާމުތައް މިއަންނަނީ ހަމަޖެހެމުންނޭ.

އަޅުގަނޑުމެންގެ އަނެއް ވަޢުދަކަށްވީ، ބޭސް ސިޓީއަށް ސަލާން ޖެހުން އަޅުގަނޑުމެން ހުއްޓާލުން. ބިކަ ހާލުގައި ރައްޔިތުން އުޅުން އަޅުގަނޑުމެން ހުއްޓާލުން. މީގެތެރެއިން، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެހާސް ރުފިޔާގެ ޕެންޝަނެއް، ކޮންމެ މަހަކު ދިނުމަށް ސަރުކާރުން ނިންމިން. އެ ޕެންޝަން މިހާރު އެ ރައްޔިތުންނަށްވަނީ ގަވާއިދުން ލިބޭގޮތް ހަމަޖެހިފައި. އިރާދަކުރައްވައިގެން މިހާރު އެފައިސާ އެ ރައްޔިތުންނަށް ލިބޭނެ. އެހެން ނަމަވެސް، އެފައިސާ އެލިބެނީ އަދި އަޅުގަނޑުމެން ސަރުކާރުން ބޭނުން އުޞޫލަކުން ނޫން. ސަރުކާރުން ބޭނުންވަނީ އިންތިޒާމެއް ރާވަން. ހަންޏާމީދޫގައި ޕޯސްޓްއޮފީސް ބޭންކެއް ހުންނަން. އަޅުގަނޑުމެން ބޭނުން މިރަށަށް ބޭންކިންގ ޚިދްމަތް ތަޢާރުފު ކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިރަށަށް ބޭންކިންގ ޚިދްމަތް ތަޢާރުފު ކުރާނަން. އެ ބޭންކްގެ ޚިދްމަތް ތަޢާރުފު ކުރުމުގެ ބޭނުމަކީ، މިދަންނަވާ ދެހާސް ރުފިޔާ ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވަނީ، ބޭންކުން ޕޯސްޓް އޮފީސް ބޭންކުގައި އޮންނަ އެކައުންޓަކަށް. އެ 65 އަހަރުން މަތީގެ ދޮށީ މީހާގެ އެކައުންޓެއް މެދުވެރިކޮށް. އޭނާއަށް އޮންނަން ޖެހޭނީ އެކަން.

އަޅުގަނޑަށް އެނގޭ، އެބޭފުޅުންނަށް މިހާރު ފައިސާ ލިބެމުންދާކަން. އަދި އެކަމުގައި އުފާވެސްވާކަން. މާލޭގެ މިފައިސާ ލިބޭ 65 އަހަރުން މަތީގެ ބައެއް ބޭފުޅުން އަޅުގަނޑަށް ކުދިކުދި ހަދިޔާ، އެމީހުންނަށް ލިބޭ ފައިސާއިން ގަނެފައި ފޮނުވާ. އަޅުގަނޑު ވަރަށް އުފާވޭ އެކަމާ. އަޅުގަނޑުމެންގެ ސަރުކާރުގެ ހަމަ ބޭނުމަކީ އެއީ. އަޅުގަނޑުމެން ދުށީ މިއަދު ރާއްޖޭގެ ރައްޔިތުންނަށް މިއާދެވިފައި މިހުރި ފިޔަވަޅަށް އާދެވިފައި މިތިބީ، މިއަދު ޢުމުރުން ދޮށީ މީހުންގެ ވަރަށްގިނަ ބުރަ މަސައްކަތުން. އެމީހުން މަހަށް ދިޔައީތީވެ. އެމީހުން ރާ އެރީތީވެ. އެމީހުން ރިޒޯޓުފަހަރު އެޅީތީވެ. އެމީހުން ގާ ތެޅީތީވެ. އެމީހުން ގާ ނެގީތީވެ. އެމީހުން މަހަށްދިޔައީތީވެ. އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ. އަންހެނުން ކުރަންހުރި ހުރިހާ ކަމެއް އަންހެނުންވެސް ކުރީތީވެ. ކައްކާފައި އަދި ދަރިން ބޮޑެތިކޮށްވެސް ހެދީތީވެ. މިއަދު އަޅުގަނޑުމެންގެ ނަޒަރުގައި ރާއްޖެއިން ބަޔަކަށް ޕެންޝަނެއް ޙައްޤުވޭތޯ ބަލައިލާއިރު، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި އެފައިސާ ބަލައިގަންނަން ތިއްބެވި ބޭފުޅުންނެއް ނޫން. ޢުމުރުން 65 އަހަރުން މަތީގެ ދޮށީ ރާއްޖޭގެ ރައްޔިތުންނަށް އެ ޕެންޝަން ވަރަށް ޙައްޤު. އަޅުގަނޑުމެން މިހާރު މިދަނީ އެބޭފުޅުންނަށް މި ޕެންޝަން ދެމުން. އެކަމުގައި އަޅުގަނޑުމެން ދެން ގެންނަންޖެހޭ އަޅަންޖެހޭ އިތުރު ފިޔަވަޅަކީ، ހަންޏާމީދުއަށް ބޭންކެއް ތަޢާރުފު ކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެމަސައްކަތް މިރަށުގައި ކުރާނަން.

ސަރުކާރުން މި އެމް.ޑީ.ޕީ.ގެ ސިޔާސަތުތައް ބިނާވެފައި އޮންނަ އަނެއް މައިގަނޑު ކަމަކީ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުން. ސަރުކާރުން ނިންމީ، މިއަހަރުގެ ތެރޭގައި ދިހަހާސް ގެ އެޅުމުގެ މަސައްކަތް ފެށުމަށް. އެފައިސާ ހޯދަންވެސް އަޅުގަނޑުމެން ހަމަ މިބޭނުންކުރަނީ ރާއްޖޭގެ އަގުހުރި ބިން. ސަރުކާރުން އިޢްލާނު ކުރީ، އެއްހާސް ލަގްޒަރީ ނުވަތަ ބޮޑެތި ބިން. ރަށް ބިން ބޮޑެތި ރަށްރަށުން ބޭރުގެ މީހުންނަށް، އެމީހުންގެ ގެއެއް އަޅަން ދިގު މުއްދަތަށް ދޫކުރަން. އެއީ، މިސާލަކަށް މިއޮތް ދިގުރަށުން ތިރީސްހާސް އަކަފޫޓްގެ އެތައް ބިމެއް މި ދޫކުރަނީ. ތިރީސް ބިން. ސަރުކާރުން މިބުނަނީ، އޭގެ އެއްހާސް ބިން ހޯދުމަށް ޝަރުޠު މިކުރަނީ، ދިހަހާސް ގެ އަޅައިދިނުމަށް. އަޅުގަނޑުމެން އެގޮތަށް އިޢްލާނު ކުރީމާ، އެއީ ކޮންމެ މިދަންނަވާ ބާވަތުގެ ބިމަކަށް ސަތޭކަ ގެ، ދިހަ ގެ މަޢާފް ކުރައްވާ. މިގޮތަށް އަޅުގަނޑުމެން މިކަން އިޢްލާނު ކުރީމާ، އެކަމަށް ޝައުޤުވެރިވެ، ރާއްޖޭގެ އަގުބޮޑެތި ބިން ބޭނުންވާތީވެ، 17 ފަރާތުން ޝައުޤުވެރިކަން ހާމަކޮށްފައި އެބައޮތް. މިކަމުގައިވެސް ދެން ސަރުކާރަށް އޮތީ އޭގެތެރެއިން ކަމަށް އެންމެ އެކަށީގެންވާ ފަރާތް ހޯދާފައި، އެފަރާތާ މަސައްކަތް ޙަވާލުކުރުން.

މިއަދު ތިޔަބޭފުޅުން އައްސަވާފާނެ އެހެންވީމާ، މިދިޔަ ހަމަސްދުވަހު އަޅުގަނޑުމެން ކުރީ ކީއްހޭ؟ ހަމަސްދުވަހު އަޅުގަނޑުމެން ކުރި ކަމަކީ، ކަމެއް ތަރުތީބުން ހިންގުމަށްޓަކައި ދެފުށް ފެންނަގޮތަށް، ކޮރަޕްޝަން އޭގެތެރެއަށް ނުވަންނަގޮތަށް، މިކަން ހިންގާނޭ އިންތިޒާމެއް ހޯދުނީ. އެއިންތިޒާމުގެ ތެރެއިން އޮޑިޓަރ ޖެނެރަލް ރިޕޯޓް ނެރުއްވާއިރުގައި ނުއެއް ލިޔުއްވާނެ، އަޅުގަނޑުގެ ދަރިންގެ ކާނާއާއި އަދި އަޅުގަނޑު އެވެނި ކަމެއް މިވެނި ކަމެއް ކޮށްފައި ހުރި ވާހަކައާއި އެވާހަކަތަކެއް ނުހުންނާނެ.

އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައި އޮންނަ އެންމެ މުހިންމު އެއް ޙަޤީޤަތަކީ، މި ރާއްޖެއަށް، މި ދައުލަތަށް، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ ތިޔަބޭފުޅުން އެފައިސާ ޙަވާލުކުރައްވާފައި މިވަނީ އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި އެފައިސާ ބަލަހައްޓަން. އަޅުގަނޑުމެންނަކަށެއް ނެތް އެއަށް ޚިޔާނާތްތެރިވެވޭކަށް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން. މި ސަރުކާރުގެ ވަޒީރެއްވިޔަސް އަދި އެހެން ބޭފުޅެއްވިޔަސް އަދި އަޅުގަނޑު ކަމަށްވިޔަސް، ކޮރަޕްޝަނަށް ކުޑަވެސް ޖާގައެއް އަޅުގަނޑުމެން ނުދޭނަން. އެފަދަ ތުހުމަތެއް ކުރެވިއްޖެނަމަ، ތަޙުޤީޤު ކުރެވޭނެ. ޙައްޤު އަދަބުދެވޭނެ.

އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތާއި ދެން މިރަށުގެ ސީދާ ޒުވާނުންނަށް ބޭނުންވާ ކަންކަން އަޅުގަނޑަށް ފާހަގަވެފައި ހުރި ކިތަންމެ ކަމެއް އެބަހުރި. ބޯޅަދަނޑުގެ މައްސަލަ. އިރާދަކުރެއްވިއްޔާ ބޯޅަދަނޑުގެ މައްސަލަ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޙައްލުކޮށްދޭނަން. އަޅުގަނޑަށް އެބަ ފެނޭ ބަނދަރުގެ މައްސަލަވެސް ތިޔަބޭފުޅުންނަށް ނުހަނު ބޮޑުވެފައި މިވަނީ. ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން މިތަނުގައި އެކަމަށް ބޭނުންވާ ބަނދަރެއް ހެދެންޖެހޭނެ. އެބަނދަރު ހެދޭއިރުގައި، ތިޔަބޭފުޅުންގެ މަސްވެރި ކަމަށާއި އަދި އެހެން ކަންކަމަށް ބޭނުންކުރަން މިބަނދަރު ބޮޑުވެ، ފުރިހަމަވެގެންދާނެ. އަޅުގަނޑުމެންނަކަށް އެކަމަކާ ޝައްކެއް ނުއުފެދޭނެ. ހަމަ ޙަޤީޤަތުގައިވެސް އަދި މިދިޔަ ހަމަސްދުވަހަށްވުރެކުރީ އަޅުގަނޑު މިހުންނަނީ މާބޮޑު އިތުބާރެއްގައި. އެއީ، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ ޙަޤީޤަތަކަށްވާނެތީ. އެކަމުގެ ކިތަންމެ މަލަމައްޗެއް އަޅުގަނޑުމެންނަށް ފެންނަމުންދާތީ.

ތިޔަބޭފުޅުންގެ ކަންކަން އިރާދަކުރެއްވިއްޔާ ކޮޅެއްގައިޖެހޭނެ. މިކަންކަން ކުރުމަށްޓަކައި މިކަންކަން ވާން އަޅުގަނޑުމެންނަށް އަންނަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން. ކޮންމެ ބިލެއްވެސް، ކޮންމެ ޤާނޫނެއްވެސް އުފެދިގެން މިއަންނަނީ ރައްޔިތުންގެ މަޖިލީހުން. އަދި މިހާރު މި އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ ރޫޙަށް ބަލާއިރުގައި، އަދި އަޅުގަނޑުމެން ސަރުކާރު ހިންގަން ބޭނުންވަނީވެސް އެގޮތަށް. މަޖިލީހުގެ ރުހުމާއި، މަޖިލީހުގެ އެއްބާރުލުން ސަރުކާރުން ހިންގާ ކަންކަމުގައި އޮވެގެން. އެކަން ކުރުމަށްޓަކައި އަޅުގަނޑަށް ވަރަށް އުނދަގޫ ގަބޫލުކުރަން. މިދިޔަ ދިގު ތިރީސް އަހަރު މިހުރިހާ ކަމަކަށް ހުރަސް އެޅި ބޭފުޅުން މިއަދު ނުކުމެ މިކަންކަން ކުރުމަށް އަޅުގަނޑުމެންނާ އެކީގައި ތިބެދާނެ ކަމަކަށް. އަޅުގަނޑެއް ގަބޫލެއް ނުކުރާނަން. ވަރަށް ސާފުކޮށް މިކަން ފެންނާންވެސް އެބައޮތް. ލާމަރްކަޒީ އުޞޫލުން ރާއްޖެ ތަރައްޤީކޮށް ހިންގުމަކީ، މި ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އެންމެންމެ ވަކާލާތު ކުރަމުން އަންނަތާ 20 އަހަރުވެއްޖެ. ވިހިވިހީގެ ތަޞައްވުރުގައިވެސް ލިޔެފައި އޮތީ އެވާހަކަ. ޤާނޫނުއަސާސީގައި ބާބެއްގައި އެކީގައިވެސް ލިޔެފައި އޮތީ ހަމަ ލާމަރްކަޒީ އުޞޫލުން ހިންގާ ވާހަކަ. އެކަން ކުރުމަށް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވިން. ފޮނުވީމާ އެނގިވަޑައިގަންނަވާނެ ނޫންތޯ، އެމް.ޑީ.ޕީ. އިއްތިހާދުގެ މެންބަރުން ނޫން އެހެން ބަޔަކު އެބިލަކަށް ވޯޓެއްނުލާ. އަޅުގަނޑުމެންނަށް އެ ބިލް މަޖިލީހަށް އެތެރެކުރެވުނީ، އެންމެ ވޯޓަކުން. ވަރަށް އުނދަގޫ މިއަދު އަޅުގަނޑަށް ގަބޫލުކުރަންމ މާޒީ ފޮރުވަން އުޅޭ ބަޔަކަށް، މުސްތަޤްބަލެއް އަމާޒު ކުރެވިދާނެ ކަމަށް. އަޅުގަނޑުމެން މިދަނީ މުސްތަޤްބަލަށް. އަނެއްބަޔަކު މަޖިލީހަށް ވެދެވަޑައިގަންނަވަން އެބޭނުންފުޅުވަނީ، މާޒީ ފޮރުވުމަށްޓަކައި. މަޖިލީހުގެ ވަރުގަދަ މެންބަރުން ވަކާލާތު ކުރަމުން އަންނަނީ، ނަގައިގެން ސަރުކާރުގެ ކަންކަން ތަޙުޤީޤު ކުރަން ޖެހޭނެއޭ. ސަރުކާރުން ދެކެނީ އެބާވަތުގެ ކަންކަމުގެ ތެރެއަށް އަތްލާ އުޅުނީމާ، ހައްތަހާވެސް މާޒީ ފަހާ ދުވާހާއޭ ވާނީ. އަޅުގަނޑުމެން ދާންވީ ކުރިއަށޭ. އަޅުގަނޑުމެންގެ އަމާޒު ގެއްލިގެން ނުވާނެއޭ. އަޅުގަނޑުމެންގެ އުންމީދު، އަޅުގަނޑުމެން ނަގާލައިގެނެއް ނުވާނެއޭ.

އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫ މިދަންނަވާ ޙަޤީޤަތް ގަބޫލުކުރަން. އެއީ، އަޅުގަނޑުމެންނަށް މިދިޔަ ވިހި އަހަރު ޤާނޫނެއް ހަދަން އުޅުނަސްވެސް، އަޅުގަނޑު ވަރަށްގިނަފަހަރު ރައްޔިތުންގެ މަޖިލީހުގައިވެސް އިނދެއްޖައިން. ޤާނޫނެއް ހަދަން އުޅުނަސްވެސް އަދި އެހެން ކަމެއް ކުރަން އުޅުނަސްވެސް، އިޞްލާޙީ ކަމެއް ކުރަން އުޅެންޏާ، އެކަމަށް ހުރަސްއެޅި ބޭފުޅުން މިއަދު އަޅުގަނޑުމެންނާ އެހީތެރިވެ މިކަމުގައި ކުރިއަށްދާނެ ކަމަށް ގަބޫލުކުރަން އަޅުގަނޑު ވަރަށް ބޮޑަށް ވަރަށް އުނދަގޫ.

އަޅުގަނޑުމެން ބޭނުން ހަންޏާމީދުއަށް ޝަރަފެއް. އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ދަންނަވަން. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާނަން. އަޅުގަނޑުމެން، އަޅުގަނޑު ހަމަގައިމުވެސް ވަރަށް ކުރިއްސުރެ ފަށައިގެން ދަންނަ ބޭފުޅެއް ރުޤިއްޔާ މިއީ. އަޅުގަނޑުމެން ސިޔާސީ ޕާޓީތައް އުފެއްދުނީއްސުރެ ފަށައިގެން، އެމަސައްކަތުގައި ހަމަ ވަރަށް ރަނގަޅަށް ޙަރަކާތްތެރިވަމުން އައި ބޭފުޅެއް ރުޤިއްޔާ މުޙަންމަދަކީ. އަޅުގަނޑަށް ވަރަށް ސާފުކޮށް ދަންނަވަން ކެރިދާނެ. އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރަން އޭނާއަކީ ރަނގަޅު ބޭފުޅެކޭ.

ދަންނަވަންތޯ. މިހާރު މިއީ އެހެން ޤާނޫނުއަސާސީއެއް. ތިޔަބޭފުޅުން، މިއީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމުގެ ޤާއިމުމަޤާމެއް. އަޅުގަނޑުމެންގެ އެއް މަސައްކަތަކީ، އެންމެ މުހިންމު އެއް މަސައްކަތަކީ ރައްޔިތުންގެ ރުހުން ހޯދުން. ރައްޔިތުންގެ ރުހުން ރަމްޒުކޮށްދެނީ މަޖިލީހުގެ ގޮނޑިތައް. އެ މަޖިލީހުގެ ގޮނޑިތަކުގައި މިސާލަކަށް، އެމެރިކާގެ ރައީސް ގާތުގައި ނުވަތަ އިނގިރޭސި ބޮޑުވަޒީރު ގާތުގައި ތިޔަ ގޮނޑި ހޯދަންހޭ ކެމްޕެއިން ކުރަނީހޭ ބުނެފިއްޔާ، އޭނާ އަންނާނީ ހިނި. އެއީ، ސިޔާސީ ވެރިން ކުރަންޖެހޭ ކަމަކީ، ގޮނޑި ހޯދުން. އަޅުގަނޑުމެންގެ މަސައްކަތަކަށްވާން މިޖެހެނީ ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑުމެންނަށް ހޯދުން. އެ ތާއީދު ރަމްޒުކޮށްދެނީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް. އެހެންވީމާ، އަޅުގަނޑުގެ ވާޖިބެއް އެއީ ތިޔަބޭފުޅުންނަށް މިކަން އަންގައިދިނުން. މިދިޔަ ދިގު ތިރީސް އަހަރު ކަންހިނގާދިޔަގޮތާއި، ދެން މި އަންނަ މަޖިލީހުގައި މި ސަރުކާރުން ކަން ކުރަން ބޭނުންވާ ގޮތާއި، އެކަން އަޅުގަނޑުމެންނަށް ކާމިޔާބު ކުރަން ނުވަތަ އެކަން އަޅުގަނޑުމެންގެ އަތުން ބީވެގެންދިޔުމަށް ހުރި ހުރަހާ.

އަޅުގަނޑުމެންގެ ހަމަ ކުޑަވެސް ފިކުރެއް ނެތް. ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އަދި މަދު ބޭފުޅުން ކަމުގައިވިޔަސްވެސް، އަޅުގަނޑުމެންނަށް ފާޑުވެސް ކިޔުއްވަންވީ. މަލާމާތްވެސް ކުރަންވީ. ހަޖޫވެސް ޖަހަންވީ. ފުރައްސާރަވެސް ކުރަންވީ. އަޅުގަނޑެއް ރުޅިއެއް ނާންނާނެ. އަޅުގަނޑުމެންނަށް އެކަން ހަޖަމު ކުރެވޭނެ. އަޅުގަނޑުމެން މިކަމަށް އައިސް މިތިބީ، އަޅުގަނޑުމެންނަށް މިކަންކަން ވިސްނޭތީވެ، އެނގޭތީވެ. ދަތް ފަޅާއިރު ތަދުވާނެ. ޑިމޮކްރަސީގެ އާކޮޅުގައި ބައެއް ބޭފުޅުން މެކުން ބޭރަށްދާނެ. ދެން އެކަމާ އަޅުގަނޑުމެން ނުކުމެ އުޅެގެންފިއްޔާ، އަޅުގަނޑުމެންނަކީ ބުއްދިވެރި ބައެއްގެ ގޮތުގައެއް ނުކިޔާނެ. އަޅުގަނޑު އިސްތިޢުފާއެއް ނުދޭނަން. މި ފަސް އަހަރު ދުވަހު އަޅުގަނޑުމެންގެ ޤާނޫނީ ވެރިކަން ވައްޓާލެވޭނެ ގޮތެއްވެސް ނޯންނާނެ. އަޅުގަނޑުމެންގެ އަތުން މި ވެރިކަން ފިރުކާލެވޭނެ ގޮތެއްވެސް ނޯންނާނެ. އަޅުގަނޑުމެން މިތިބީ މިޤާނޫނީ ހަމައިގައި ޤާނޫނީ މަސައްކަތްތަކެއް ކުރަން. ހިންގާ ކަންތައްތަކެއް ހިންގަން. އަޅުގަނޑުމެން މިތިބީ ވަރަށް އިތުބާރާއެކީގައި.

އަޅުގަނޑުމެން ހަމަ ތިޔަބޭފުޅުންގެ ކިބައިން އެދެނީ ހަމަ އެންމެ ކަމެއް. ހަމަ އެންމެ ކަމެއް. އަޅުގަނޑުމެންނާ އެކީގައި މި އުންމީދު ކުރައްވާށޭ. އުންމީދު ނަގާނުލައްވާށޭ. އަޅުގަނޑަށްވެސް އެނގޭ ދަތިކަން. އަޅުގަނޑަށްވެސް އެނގޭ ގޭތެރޭގެ ލައިގެންކާއެއްޗެތިވެސް ދަތިކަން. އަޅުގަނޑަށްވެސް އެނގޭ ރުފިޔާކޮޅުވެސް ދަތިކަން. އަޅުގަނޑަށްވެސް އެނގޭ ރިޒޯޓުން ލިބޭ އެއްޗެތިވެސް މިދުވަސްކޮޅު މަދުކަން. މަސްވެރިކަންވެސް ދަށްކަން. އަދި ވިޔަފާރިވެސް ދަށްކަން. އަޅުގަނޑަށްވެސް އެކަން ސާފު. ޙަޤީޤަތުގައި މިހާރު ގެއަށް ވަންނަ އެއްޗެއް މިވަންނަނީ، 65 އަހަރުން މަތީ މީހުންނަށް ވަންނަ އެއްޗަކުންކަން. އަޅުގަނޑަށް ސާފު. އަޅުގަނޑުމެން އެ ފައިސާ މިބެހީވެސް އަޅުގަނޑުމެންނަށް މިކަންވެސް ވިސްނޭތީ. އެހެންނަމަވެސް، އަޅުގަނޑުމެން މިއެދެނީ، އަޅުގަނޑުމެންގެ އުންމީދު ނަގާނުލައްވާށޭ. އެބައޮތޭ އެހެން ގޮތެއް. އެބައޮތޭ އަނެއް ދިވެހިރާއްޖެ. އަޅުގަނޑުމެންނަށް އެތަނަށް ދެވޭނެއޭ. އަޅުގަނޑުމެންނަށް މި ތަރައްޤީ ކުރެވޭނެއޭ. މިބަދަލު ގެނެވޭނެއޭ. އަޅުގަނޑަށް ޔަޤީން. ހަމަ އަޅުގަނޑާ އެއްވަރަށް ތިޔަ އެންމެ ބޭފުޅުންވެސް ހަންޏާމީދޫ ތަރައްޤީ ކުރަން ބޭނުންވާނެ. އަދި އަޅުގަނޑަށް ހަމަ ޔަޤީން. ތިޔަބޭފުޅުންނަށް އަޅުގަނޑު ނޫނަސްވެސް އެތައް އެތައް ސިޔާސީ ވެރިންގެ ވާހަކަތައް އަޑުއިވިފައި އޮންނާނެ.

އެހެންވީމާ، އަޅުގަނޑު އެދެން ތިޔަބޭފުޅުން މިދިޔަ ތިރީސް އަހަރަށްވެސް، އަދި ޚާއްޞަކޮށް، މިދިޔަ ވިއްސަކަށް އަހަރު ކަންވެދިޔަގޮތަށް ބައްލަވާލެއްވުން. މިދިޔަ ދޮޅުއަހަރެއްހާ ދުވަހު ކަންވީ ގޮތެއް ބައްލަވާލެއްވުން. އަޅުގަނޑުމެންވީ ފުރަތަމަ ވަޢުދަކީ، 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު އިރާދަކުރެއްވިއްޔާ މިރާއްޖޭގެ ވެރިކަމުގައި ދެން ހުންނާނީ އަޅުގަނޑޭ. އަޅުގަނޑުމެން އެ ދިގު ވެރިކަން އަޅުގަނޑުމެން ބަދަލުކޮށްދޭނަމޭ، އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވީ. އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން، އެވަޢުދު ފުއްދުނު. އަޅުގަނޑުމެން ގާތުގައި ވަރަށްގިނަ މީހުން ވަރަށްގިނަ ގޮތްގޮތަށް އަދި މިރަށުގެ ދޮށީ މީހުންވެސް. މިއީ އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ފަށައިގެން ދަންނަ ރަށެއް. މިރަށުގެ ދޮށީ މީހުންވެސް ބުނެއުޅޭ، ނަޝީދުއޭ ކިހާބޮޑު ގެއްލުމެއްހޭ ތިޔަވަނީ. ކިހާބޮޑު އަނިޔާއެއްހޭ ތިޔަލިބެނީ. ތިޔަހެން އުޅޭނެ ކަމެއްނެތޭ. މަޑުމަޑުން ހުރީމާވީ ނޫންހެއްޔޭ. މައުމޫންގެ ވެރިކަމެއް ބަދަލެއް ނުވާނެއޭ. މިއަދު އެބޭފުޅުންނާ އަޅުގަނޑާ ދިމާވީމާ ތިބެނީ ކުޑަކޮށް ލަދުން.

އަޅުގަނޑުމެންނަށް މިއަދު ނަރުދަމާ އަޅާދެވިފައެއް ނެތް. އެހެން ނަމަވެސް، ވިދާޅުނުވާތީ އަޅުގަނޑުމެންނާ ދިމާއަށް ނޭޅޭނެއޭ. އޭރުން އަޅައިދިނީމާ ތިބޭނީ ލަދުން. އަޅުގަނޑުމެންނާ ދިމާއަށް ދަތުރުފަތުރު ކުރުމުގެ ނިޒާމު ޤާއިމެއް ނުކުރެއޭ. ނެތް މިއަދު ޤާއިމު ކުރެވިފައެއް. އެކަމަކު އެކަން ނުވާނެއޭ ނުބުނުއްވާތި. އަޅުގަނޑުމެންނަކީ ކުރަން ނުކުންނަ ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރާ ބައެއް. އަޅުގަނޑުމެންގެ ޢަޒުމަކަށް ގޮތެއް ނުވާނެ. އަޅުގަނޑުމެންގެ އަމާޒަކަށް ގޮތެއް ނުވާނެ. އަޅުގަނޑުމެންގެ މަސައްކަތްވެސް ކުޑައެއްނުވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަބޭފުޅުންގެ ޚިދްމަތުގައި ދުވާލަކަށް މަދުވެގެން 14 ގަޑިއިރު މަސައްކަތް ކުރާނަން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިކަންކަން ތިޔަބޭފުޅުންނަށް ފޯރުކޮށްދެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މާދަމާ އެއީ، މިއަދަށްވުރެ ހަންޏާމީދުއަށް އަދި މާ ފާގަތި ދުވަހަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ! والســّلام عليــكم.