بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ. އަޅުގަނޑު މީގެ ދުވަސްކޮޅެއް ކުރީގައި، ހައެއްކަމަސް ކުރީގައި، ރޯދަމަހު އަޅުގަނޑު މިރަށަށް އައިސް، މިރަށުގެ ވަރަށްގިނަ ގޭގެއަށް އަޅުގަނޑު ދިޔައިން. ވަރަށްގިނަ ބޭފުޅުންނާ އަޅުގަނޑު ބައްދަލުކުރީމު. އަޅުގަނޑުމެން އެދުވަހު ތިޔަބޭފުޅުންނަށް ހުށަހެޅީމު، އަޅުގަނޑުމެންގެ ހުށަހެޅުން. އެމް.ޑީ.ޕީ.ގެ ސަރުކާރެއް ހިނގަން ފަށައިފިނަމަ، އެ ސަރުކާރެއްގެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ވަމުންދާނެ ގޮތުގެ ތަޞައްވުރެއް، އަޅުގަނޑުމެން، މިރަށު ރައްޔިތުންނަށްވެސް ހުށަހެޅިން. އަޅުގަނޑުމެން ފާހަގަކުރީމު، ރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ، މިއަދު މިލިބޭ މިންވަރެއްނޫނޭ، ރައްޔިތުންނަށް ޙައްޤޭ މިއަށްވުރޭ މާ ފުރިހަމަ މިންވަރެއް. މިރާއްޖެއަކީ، ޤުދްރަތީ ވަސީލަތްތައް ގިނަ، މުއްސަނދި ތަނަވަސް ޤައުމެކޭ. މި ޙާލަތު ބަދަލުކުރެވޭނެ ގޮތެއްވެސް އެބައޮތޭ. އެ ވިސްނުން، އެ ޙިކްމަތް، އެ ހިތްވަރު، އަޅުގަނޑުމެންގެ ކިބައިގައި އެބަހުއްޓޭ، އެ ފުރްޞަތު ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވާށޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ތިޔަބޭފުޅުންނަށް ކޮށްދޭނަމޭ.

މާތްރަސްކަލާނގެ އިރާދަފުޅުން، ރާއްޖޭގެ ރައްޔިތުން މިވަނީ، ދިވެހި ވެރިކަން ހިންގުމުގެ ފުރްޞަތު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނުކުތް އަޅުގަނޑަށް ލިބިފައި. މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމައްޗަށް، ތިޔަބޭފުޅުންގެ އަރިހަށް މި އައީ، އެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، ސީދާ ގޮތުގައި، ތިމަންނާއަށް، ތިމަންނާގެ ޢާއިލާއަށް، ތިމަންނާގެ ގެއަށް، ކޮޅުފުށްޓަށް، މި އަތޮޅަށްއޮތީ، ކޯއްޗެއްހޭ؟ ވާނީ ކިހިނެއްހޭ؟ އެ ސުވާލުގެ ޖަވާބު، ކޮންމެވެސް މިންވަރަކަށްނަމަވެސް، ތިޔަބޭފުޅުންނަށް އެރުވޭތޯ.

އަޅުގަނޑު މިއަދު މިއައީ، ކުރިމަތީގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮވެގެން، އެ އިންތިޚާބަށް ގޮނޑި ހޯދުމަށް، ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާކަށެއްނޫން. މިހާތަނަށް، މިއަދާ ހަމައަށްވެސް، އަޅުގަނޑެއް ދޮގެއް ނުހަދަން، އިރާދަކުރެއްވިއްޔަކާ. އަޅުގަނޑެއް، މީހަކަށް އޮޅުވާލާފައެއް ނުވާނެ. ކުރިޔަށް އޮތްތަނުގައިވެސް އަޅުގަނޑެއް ނުދެކެން، ދެމެހެއްޓެނިވި ގޮތުގައި، ރައްޔިތުންގެ އިތުބާރާ ރައްޔިތުންގެ ބައިވެރިވުމާއެކު، ސަރުކާރެއް ހިންގުމަށް ކުރާންވީ ކަމަކީ، ވަގުތީ ފައިދާއަށްޓަކައި، ތިޔަބޭފުޅުންނަށް އޮޅުވާލުންތޯ؟ ދޮގުހެދުންތޯ؟ އެއީ، މިދިޔަ ދިގު ތިރީސް އަހަރުހެން، ކޮންމެ އިންތިޚާބަކާ ގުޅިގެން، ތިޔަބޭފުޅުންނަށް ކަންދިމާވެފައިވާގޮތް، ވީގޮތްކަމަށް ވެދާނެ. އެހެންނަމަވެސް، މިއީކީއެއް، އެސަރުކާރެއްނޫން. މިއީކީއެއް، އެ ރައީސުލްޖުމްހޫރިއްޔާއެއްނޫން. ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި، އަދި ތިޔަބޭފުޅުންނަށް ދާދި ގިނަގިނައިން، ޓީ.ވީ.އިންނާއި އެހެން ޒަރީޢާތަކުން ފެނިވަޑައިގަންނަވަނީ، އެ ވަޒީރުންނެއްވެސްނޫން. އެ ސަރުކާރުގެ ވެރިންނެއްވެސްނޫން. އެ އަތޮޅު ކައުންސެލަރުންނެއް، އެ ރަށު ކައުންސެލަރުންނެއްވެސްނޫން. މުޅިން އެހެން ބައެއް، މުޅިން އާ ބައެއް.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ، ހަމަ އެންމެ ސަބަބަކަށްޓަކައި، އެއީ، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. ވަޢުދު ފުއްދުމުގައި، ޚިދްމަތް ކުރުމުގައި، އަޅުގަނޑުމެން ކަންކުރަނީ، ކިހިނެއްހޭ އެ މަޢްލޫމާތު، ރައްޔިތުންނާއެކީގައި ބަދަލުކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި، ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް. ކަންކަން ކުރުމުގެ ކުރީގައިވެސް އަދި ކުރަމުންދާއިރުގައިވެސް، ކުރުމަށްފަހުވެސް، އެކަމަކާ ގުޅޭގޮތުން ރައްޔިތުންނާ އަބަދުވެސް މަޝްވަރާކޮށް، ވާހަކަދައްކާ މަޢުލޫމާތު ބަދަލުކުރުމަކީ، ކަމެއް ރަނގަޅަށް ހިނގުމުގައި އޭގެ ފައިދާ ދެފަރާތަށްމެ ފޯރާނެކަމެއް.

އަޅުގަނޑު ގިނަ ވާހަކަތަކެއް ދައްކާކަށް ނެތިން. އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަޢުދު އެއީ، މި ސަރުކާރު، އަޅުގަނޑުމެންގެ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ތެރޭގައި، ސުނާމީގައި ހާލުގައި ޖެހިފައިތިބި ހުރިހާ ރައްޔިތުންނަށް ގެދޮރު ހޯދައިދީ، ގެދޮރަށް ވައްދައިދޭނަމޭ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. ސަތޭކަ އަށްޑިހަގެ، ކޮޅުފުށްޓަށް ބޭނުންވޭ. އަޅުގަނޑު ބޭނުމެއްނޫން، މީގެކުރީގައި، ކަންހިނގާދިޔަގޮތުގެ ވާހަކަ އިތުރަށް ދައްކާކަށް. ސައްބީސް ގެއަކަށްއޮތީ، ބަދަލުދެވިފައޭ، ބައެއްމީހުން ބޭނުންވަނީ، ޕްލޭނަށް ދަހަރޭ، އަނެއްބައިމީހުން ބޭނުންވަނީ، ގޭގައި ގެއަޅަން. ގޭގައި ގެއަޅަން ބޭނުން މީހުންނަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގޭގައި ގެއަޅައިދޭނަން، ގޯތީގައި. ޕްލޭނަށް ދާން ބޭނުން މީހުންނަށް، ޕްލޭނުގައި، އެ ތަންތަނުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރު އަޅައިދޭނަން. އަޅުގަނޑު އެވާހަކަ، މިދިޔަ ރޯދަމަހު، ގެއިން ގެއަށް ވަންނަމުން، އަޅުގަނޑު ކައިރީގައި މިވާހަކަ ދެއްކި ބޭފުޅުން އަރިހުގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި. އަޅުގަނޑު މިއަދު މިއައީ، އަޅުގަނޑަށް އެކަން ކޮށްދެވެން އޮތްވާހަކަ ތިޔަބޭފުޅުން އަރިހުގައި ދަންނަވަން.

އެކަމަށް ޚަރަދުވަނީ، މަދުވެގެން، ސަތޭކަ މިލިއަން ރުފިޔާ. ނުވަ މިލިއަން ޑޮލަރު. އެ ފައިސާ، އަޅުގަނޑުމެންވާނީ، ފިނޭންސް މިނިސްޓްރީގެ ޓްރެޜަރީގެ ބަޖެޓުގައި އެލޮކޭޓްކޮށްފައި. ބަޖެޓުގައި ކަނޑައަޅާފައި. އެ މަސައްކަތް އަޅުގަނޑުމެންނަށް ވީހާވެސް އަވަހަކަށް، މިހާރު މިހުރި ކަންކަން ހިމުންކުރެވުނީމާ އެއީ، މިހާރު ކޮންޓްރެކްޓްވަނީ ބަޔަކަށް ދެވިފައި. އެމީހުންގެ ކިބަޔަކުންނެއް، އަދިއެއް ކޮންޓްރެކްޓެއް ވަތްކެއް ނުކުރެވޭ. އެ ކޮންޓްރެކްޓް ވަކިކުރާން އެބަޖެހޭ. އެ ވަކިކޮށްފައި، އަލުން އަނބުރާ ޓެންޑަރ ކޮށްފައި، އެ މަސައްކަތް ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކޮށްދޭނެ. މިއަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެކަން ކުރުން އެއީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. އެ އަމާޒަށް ވާސިލުނުވެ، އެކަން ނުވާނެގޮތަކަށް ސަރުކާރު ހިންގުންއެއީ، އަޅުގަނޑުމެން އުންމީދުކުރާ ގޮތެއްނޫން، ގަސްތުކުރާ ގޮތެއްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަގަށް އެކަން ގެންގޮސްދޭނަން.

އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާންއޮތް ވާހަކައަކީ، މަގު ނޯޅެއްޗޭ. އޮޅިވަޑައިނުގަންނަވައްޗޭ. އެއްވެސް އިރެއްގައި، ސަރުކާރު ފިޔަވައި އެހެން ބަޔަކަށް، މި ސަރުކާރު އެކަންޏެއްނޫން، މީގެކުރީގައިވެސް، ރައްޔިތަކަށް ދެމެހެއްޓެނިވި ގޮތުގައި، ފައިދާއެއްވާނެ މަސައްކަތެއް، ކަމެއް، ޙަޤީޤަތުގައި ކޮށްދެވޭނީ ސަރުކާރަކަށް. ސަރުކާރަކުން އެކަން ކުރުމަށް ތައްޔާރަށް ތިބީމާ، ދެން ރައްޔިތުންނާ މަޝްވަރާ ކޮށްގެން ރައްޔިތުންއެދޭ ކަންކަން ސަރުކާރަށް ކޮށްދެވޭނީ. މިދިޔަ ދިގު ދުވަސްތަކުގެ ތެރޭގައި، ތިޔަބޭފުޅުންގެ ފަންސާސް ފަސް ގެއެއް އެޅުމުގެ މަސައްކަތް ކުރުމަށް އެ ސަރުކާރުން މަސައްކަތްކުރީ، އެއިރުގައި އައި، އިނގިރޭސި ރެޑްކްރޮސް ސޮސައިޓީއާ ގުޅިގެން. އެމީހުންނަށް އެމަސައްކަތް ނުކުރެވޭގޮތްވުމުން، އެ ފައިސާއާއެކީގައި އެމީހުން ފުރައިގެން ދިޔައީ. އަޅުގަނޑުމެން ދެން އެވާހަކައެއް ދައްކާކަށް ނެތިން. ތިޔަބޭފުޅުން ހިތްހަމަނުޖެހޭ ގޮތަށް އެކަން ކުރަންވެގެން އެސަރުކާރުންވެސް މަސައްކަތް ކުރީތީވެ، ތިޔަބޭފުޅުން، އެ ފަންސާސް ފަސްގެ އެޅުމަށް މިތަނުގައި ފުރުސަތު ދޭން ކޮންމެހެން ބޭނުންވެނުލެއްވީ.

އަދި ހަމައެހެންމެ، އެ ސަރުކާރުންވެސް އެކަން ރާވައިގެން ނުވަތަ މަޝްވަރާ ކޮށްގެން ނިންމާކަށް ބޭނުންނޫންކަން، މިހާރު ތިޔަ ހުރިހާ ބޭފުޅުންނަށްވުރެ ބޮޑަށް، ޙަޤީޤަތުގައި އެނގޭނީ، އަޅުގަނޑަށް. ޑިޒާސްޓަރ މެނޭޖްމަންޓުގައާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގައާއި، އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގައި، އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް މިހާރުހުރީ، ވަރަށް ސާފުކޮށް ފެންނަން. މި މަސައްކަތް، ޙަޤީޤީ މާނައިގައި ކޮޅެއްގައި ޖެއްސުމުގެ ނިޔަތުގައި ކުރިއަށް ގެންދިޔުމުގެ މާބޮޑު ވިސްނުމެއް، ރޭވުމެއް، ކުރީ ސަރުކާރަކު ނެތް. އެދޭ އެބޭފުޅުންވެސް، އަޅުގަނޑަށް ޔަގީން، އެދޭކަން. އެހެންނަމަވެސް، ކަމަކަށް އަދި އެދުމަކުންނެއް އެކަމެއް ނުވާނެ. އެކަމެއް ކުރުމަށް، ކަނޑައެޅިގެން މަސައްކަތްކުރީމާނޫނީ، އެކަމެއް ނުކުރެވޭނެ.

އެސަރުކާރުން ކަންތައްތައް ކުރުމުގައި ދަތިވެގެންދަނީ، ވަރަށްބޮޑު ބައްޔަކާހުރެ. އަޅުގަނޑު ދަންނަވާނީ، ހަމަ ބައްޔަކާހުރެއޭ. އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނަގާފައިވާ އެއްކަމަކީ، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާފޮއްޗަކީ، ކޮންމެ ރުފިޔާއަކީ، ތިޔަބޭފުޅުންގެ ފައިސާއޭ. އަޅުގަނޑުމެންނާ އެފައިސާ ތިޔަބޭފުޅުން ހަވާލު ކުރައްވާފައި މިވަނީ، އަމާނާތެއްގެ ގޮތުގައި އެއަށް ޚިޔާނާތްތެރިނުވެ، ހަމަހަމަ ގޮތުގައި ހުރިހާ ރައްޔިތުންނަށް ފައިދާވާގޮތުގައި އެ ފައިސާ ބޭނުން ކުރުމަށް. އެ ފައިސާ ބޭނުންކުރުމުގައި ކޮރަޕްޝަންގެ ބަލި އޭގެތެރެއަށް ވަނީމާ، ދެން މިވާ ގޮތަކީ، އަޅުގަނޑުމެން ބޭނުންވާ ނަތީޖާ، ކަންކަމުގައި އަޅުގަނޑުމެންނަށް ނުނެރެވެނީ. ފަންސާސް ފަސްގެ، ސަތޭކަ ހަތްދިހަ ނުވަގެ އެޅުމުގައިވެސް، ސައްބީސް ބޭފުޅުންނަށް ބަދަލު ދިނުމުގައިވެސް، ފުރަތަމަ ވިސްނަނީ، ތިމާއަށް އޭގެން ނެގެންއޮތީ ކޯއްޗެއްތޯ. ވަރަށް ދެރަވޭ އަޅުގަނޑު އިނގޭތޯ، މިވާހަކަ މިގޮތަށް ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން. އެކަމަކު އަޅުގަނޑު މިދަންނަވަނީކީއެއް، ތިޔަބޭފުޅުންގެ ދުރުބައެއްގެ ވާހަކައެއްނޫން. އަޅުގަނޑު މިތާ ނަން ދަންނަވާކަށްނެތިން. އެހެންނަމަވެސް، މި އެންމެހާ ކަންކަން ހުއްޓިފައިހުރީ، ހަމަ މިދެންނެވި ބާވަތުގެ ކަންކަން، ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް، ކަންކަން ތަންފީޒު ކުރުމުގެ ތެރެއަށް، މިދެންނެވި ކޮރަޕްޝަންގެ ބައްޔާއި ވަބާ ވަދެފައި އޮތް މިންވަރުން ކަމެއް ކުރިއަށް ނުގެންދެވޭގޮތްވީ. އެންމެފަހުން، މިތަނަށްއައި ކޮންޓްރެކްޓަރުންނާ އަދި ރެޑްކްރޮސް ޖަމާޢަތުންނާ މި ހުރިހާ އެންމެންނަށް، މި ހުރިހާ ކަމެއް، ވަރަށް ފާޅުގައި ފާޅުވެގެން ދިޔައިމާ، އެމީހުން، ތަކެތި ހިފައިގެން ރަށުން ފުރައިގެން ދިޔައީ. އިނގިރޭސި ރެޑްކްރޮސް، ކޮޅުފުށި ދޫކޮށް ދިޔައީކީއެއް، އެއްވެސްހާލެއްގައި، ތިޔަބޭފުޅުންނާ ހިތްހަމަނުޖެހިގެންނެއްނޫން. ތިޔަބޭފުޅުންނަށް އެހެން ހީވެފައި އޮވެދާނެ މިއަދު، ބަޔަކުމީހުން އެހެން ހީކުރުވާފައި. އަޅުގަނޑު ވަރަށް ރަނގަޅަށް، އިނގިރޭސި ރެޑްކްރޮސް ދަންނަން. އަބަދުވެސް އަޅުގަނޑާ ގާތް ބައެއް އެއީ. އެމީހުން ދިޔައީ، އެމީހުން ގެ އަޅަންއުޅުނު މަސައްކަތުގެ ތެރެއަށް، ސަރުކާރުގެ އެކިއެކި ފަރާތްތަކުން ކޮރަޕްޝަން ވެއްދި މިންވަރުންނާއި، އެކަމާ ހިތްހަމަނުޖެހިގެން އަދި އެކަންކަން ރަނގަޅުކޮށްނުދީގެން، އެކަމުން އެމީހުން ސަލާމަތް ނުވެވުނީމާ ދެން އެމީހުންނަށް ނުކެރުނީ، އެމަސައްކަތް ކުރިޔަށް ގެންދަން. އެމީހުން ޚަރަދު ކުރަމުންދަނީ، އެމީހުންގެ ރަށުގެ އެމީހުންގެ ރައްޔިތުންގެ ފައިސާކަމަށްވާތީވެ، އެފައިސާއަށް، އެމީހުންނަށް ޚިޔާނާތްތެރިވެވެން ނެތުނީމަ.

ކޮޅުފުށީ ގޭގެކަންތައް އެކަންޏެއްނޫން، މިބާވަތުގެ ނޭދެވޭ ސަބަބުތަކާހުރެ، އަޅުގަނޑުމެންގެ ރައްޔިތުންއަތުން ބީވެގޮސްފައިވަނީ ކިތަންމެ ތަރައްޤީގެ މަޝްރޫޢެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެންމެ ބާރަށް އުފުލި އަޑަކީ، މިދެންނެވި ނާޖާއިޒު ފައިދާއާއި ކޮރަޕްޝަން، އެކިއެކި ދިމަދިމާއިން، އެކިއެކި ކޮންޓްރެކްޓްތައް، އެ މައްސަލައެއް ނެތް، ތަނެއްގައި އިންޖީނެއް ބެހެއްޓިއަސްވެސް، ތިމާގެ އަމިއްލަ ކުންފުނިން. އެކަމަކާ ހަވާލުވެ، އެކަމެއް، ދެބައިކުޅަ އެއްބަޔަށްކޮށް، އެޑްވާންސަށް ސަރުކާރުން ނަގަންޖެހޭ ފައިސާނަގާފައި ދެން ދިޔައިމާ ނިމުނީ. ސަރުކާރުގެ ވުޒާރާއަކުން، އެކަމަކާ އަޅާލެވޭކަށެއްނޯވޭ، އެކަންކަމުގައި ބައިވެރިވެ ވަޑައިގަންނަވައިގެން އުޅުއްވަނީ، މާ ނަންކިޔޭ ބޮޑެތި ބޭފުޅުންނަށްވާތީ. ކޮންމެކަމެއް، އަޅުގަނޑުމެންގެ ތެރޭގައި ނެތިގޮސްފައިވަނީ، މިދެންނެވި އުސޫލުން.

އަޅުގަނޑު މިއަދު ތިޔަ ބޭފުޅުންނަށް ޔަގީންކޮށްއަރުވަން ބޭނުންވަނީ، މި ސަރުކާރުގައި އެންމެ ފައިސާފޮއްޗެއްގައި، އެއްވެސް ވެރިޔަކު ޖެހިއްޖިއްޔާ ހަމަ ސީދާ ގަވާއިދުން، ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭނެއޭ، ޝަރީޢަތް ކުރެވޭނެއޭ، ޙައްޤު އަދަބު ދެވޭނެއޭ، ތިޔަބޭފުޅުންގެ ފައިސާގައި އަޅުގަނޑުމެންނެއް ނުޖެހޭނެއޭ. ފައިސާގައި ޖެހުނީމާ ދަތިވަނީ ރައްޔިތުންނަށް. މިއީ، މިރަށް މިއީ، އޭގެ އެންމެ ރިވެތި މިސާލު. ސުނާމީގެ ނުރައްކާތެރި ހާދިސާގައި، ހާލުގައިޖެހި، ތިޔަބޭފުޅުންގެ ގެދޮރު ގެއްލިގޮސް ތިއްބަވާތާ ކިތައް އަހަރުތޯ؟ ސަރުކާރެއް ލަދުން، އަމިއްލަ ޖީބުން އެކަން ކުރާހާދުވަސްވެއްޖެ. ތިމާއަށްލިބޭ މުސާރައިން ނަމަވެސް، އެކަން ކުރާހާ ދުވަސްވެއްޖެ. ބައެއްގެ ކިބައިގައި، ކިރިޔާވެސް އަޚްލާޤީ މިންގަނޑެއް ހިފެހެއްޓި، ގޮތެއްފޮތެއް ހުރިނަމަ، އަޅުގަނޑު ދަންނަވާނީ، މިއަދު އަޅުގަނޑުމެންނަށް ކޮޅުފުށްޓަށް އައިސް މިވާހަކަ ދައްކާކަށް ނުޖެހުނީހޭ.

ޙަޤީޤަތުގައިވެސް މިއީ، އަޅުގަނޑު ދެރަވާކަމެއް. އެދުވަހުވެސް އަޅުގަނޑު މި ހުރިހާއެއްޗެއް ހިތަށްއެރި. އަޅުގަނޑުގެ ކުޑަވެސް މައްސަލައެއްނެތް، އަދި އަޅުގަނޑުމެންގެ ރުޅިވެރިކަމެއްވެސް، ނަފްރަތެއްވެސް ނެތް. އަޅުގަނޑަށް އެނގޭ، އެދުވަހުވެސް ޙަޤީޤަތުގައި ގަބޫލުފުޅު ކުރައްވައިގެންތިބީ، އެ ސަރުކާރަށް ވޯޓު ދެއްވީމައޭ ތިޔަބޭފުޅުންގެ ގެދޮރު އެޅޭނީ. މިއަދު ތިޔަބޭފުޅުންގެ ސަލާމަތްކަން ތިޔަބޭފުޅުންނަށް ލިބިލައްވާނީ. މިއަދު ކަން މިއޮތީކީ، އެހެނެއްނޫން. ތިޔަބޭފުޅުން ބޭނުންފުޅު އެއްޗެއް އަޅުގަނޑާ ދިމާއަށް ވިދާޅުވާންވީ. ފުރައްސާރަވެސް ކުރައްވަންވީ، މަލާމާތްވެސް ކުރައްވަންވީ، ހަޖޫވެސް ޖައްސަވަންވީ، ފާޑުވެސް ކިޔުއްވަންވީ، އަޅުގަނޑަށް ހަޖަމު ކުރެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންދެކެ ލޯބިވުން، އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން. އަޅުގަނޑެއް ރުޅިއެއްވެސް ނާންނާނެ. އަޅުގަނޑަށް ވިސްނެންވެސް ވިސްނޭ. ތިޔަބޭފުޅުންގެ އިޙްސާސްތައްވެސް އަޅުގަނޑަށް އެބަ ފެނޭ، އެބަ އިވޭ، ތިޔަބޭފުޅުންގެ ވިންދު ހިނގާ މަގު، އަޅުގަނޑުމެންނަށް ހަމަ ރީތިކޮށް ސާފުކޮށް ފެނޭ.

މި ސަރުކާރުގެ ހުންނާނެއޭ، ފެންވަރާ ޙިކްމަތާ ހިތްވަރު، ތިޔަބޭފުޅުންގެ އިޙްސާސްތައް ރައްދުވާން ފެށީމާ، އެ އިޙްސާސްތައް ހަޖަމު ކުރުމަށް. އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންގެ އަޑު އަހަން. އަޑު އަހައިގެން ކަންކަން ނިންމަން. މިއަދު އަޅުގަނޑު މިއައީ، ހައުސިންގ މިނިސްޓަރު އަސްލަމާއެކު، ތިޔަބޭފުޅުންނާއެކީގައި މިކަން ނިންމަން. މިއަދު އަޅުގަނޑު ބޭނުން، ނިންމާ ގޮތަކަށް ނިންމާފައި، އެކަމަށް ޢަމަލީސިފަ ގެންނަން ފަށަން. ދެނެއް އަޅުގަނޑުމެންނަކަށެއްނެތް، މިވާހަކަ ދައްކަދައްކާ ތިބެވޭކަށް. އަޅުގަނޑުމެން، މިއަންނަ އަހަރު ނޮވެމްބަރު އެގާރައަށް، ތިޔަބޭފުޅުން އެބަ ހިޔަލެއްގެ ދަށަށް ވައްދަންޖެހޭ. އެއީ، އަޅުގަނޑުމެންގެ ވަޢުދެއް. ވަޢުދު ފުއްދުން އެއީ، އަޅުގަނޑުމެންގެ މަސައްކަތް. އެއީ، މި ސަރުކާރު އޮންނަ ސަބަބު.

އެހެންވީމާ، އެހެންގޮތެއް ނެތިއްޔާ، އަޅުގަނޑާ އަސްލަމާ ދެމީހުން، އުވަގަށަން ޖެހުނަސްވެސް، އެކަން ކޮށްގެންވެސް އަޅުގަނޑުމެން އެބަޖެހޭ، ތިޔަބޭފުޅުންނަށް ހިޔާވަހިކަން ހޯދައިދޭން. އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ އަދި އަސްލަމާ އަޅުގަނޑު އުވަގަށަން އަޅުގަނޑުމެން ތިރިނުވިއެއްކަމަކު، އެކަން އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ކޮށްދެވޭނެއޭ. ޙަޤީޤަތުގައި އަޅުގަނޑުމެން މިދަނީ، މިދުވަސްކޮޅު އުވަގަށަމުން. އެހާމެ ބުރަކޮށް މިދަނީ. ކޮންމެ ކަމެއް، އަޅުގަނޑުމެން ނަގާ ބަލާލީމާ، ހަބޮޅު ކަންވާރަށްވުރެ ބޮޑަށް އޮޅިފައި އޮންނަނީ. އެއިން ކޮޅެއް މެދެއް ހަމަ އެނގޭނެ އެއްގޮތެއްވެސް ނޯވޭ. އެއް ކޮންޓްރެކްޓާ، އެ ކޮންޓްރެކްޓުގެ މައްޗަށް ކޮށްފައިއޮތް އަނެއް ކޮންޓްރެކްޓާ، އޭގެ އެއްކައިރީގައި އޮންނަ ހަތަރު ކޮންޓްރެކްޓާ އަދި އޭގެން ބައިކުޅަބައި އަޅާފައި އޮންނަ ތިންބަޔާ، މިކަންތައްތައް ނުހިމެނޭ އެއްވެސްކަމެއް، ސަރުކާރުގެ ތެރެއަކުން އަޅުގަނޑަކަށެއް ނުފެނުނު. ދެން ތެދުފުޅެއް، ހަމަސްދުވަސް ވެއްޖެ. ހަމަ ވީކަމެއްނެތް. ކޮޅުފުށީގައި، ގެއެޅުނީކީއެއްވެސްނޫން. މިތާ ހޮސްޕިޓާ ރަނގަޅުކުރެވުނީކީއެއްވެސްނޫން. މިތާހުރި ހަތަރު ޖަނަރޭޓަރުން އެއްޖަނަރޭޓަރު ހިނގަނީ. ފެން ޕްލާންޓްވެސްހުރީ ހަލާކުވެފައި. ބަނދަރުވެސް ހަމަ އެއޮތީ، އޮތްގޮތަށް. ހަމަ ވީ، އެއްވެސްކަމެއްނެތް. ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ހަމަޖެއްސުނީކީއެއްވެސްނޫން. ހަމަ އެއްކަމެއްވެސްނުވޭ މިސަރުކާރަކަށް. ހަމަސްދުވަސް ދިޔައީ، ވީކަމެއްނެތް.

އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން ތިޔަބޭފުޅުން އަރިހުގައި އެންމެ ފުރަތަމައިނުންވެސް ވާހަކަދެއްކި ދުވަހު އަޅުގަނޑުމެން ދެންނެވިން، ކަންތައްތައްކުރާ ތަރުތީބެއް ހުރެއޭ. އަޅުގަނޑަށްވެސް އެބައޮތް، މިއަދު ހަމަ މިއަދު ފައްސަތޭކަ ރުފިޔާވެސް ނުދާނެ، ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާލަން މިތާ ބިންގާ އަޅާލާކަށް. އުވަމަތިގަނޑެއް ދާނީ. ސިމެންތި މަތިގަނޑެއް ބޮޑުވެގެން، ހަންޖަކާ. ގާބުރިއެއް ބަހައްޓާފައި، ކުލަލާފައި، ކޮޅުފުށީގެ ގެތައް އަޅަން ފެށުނީއޭ، އޭގެ ރަސްމިއްޔާތުގައި ބައިވެރިވެވުނީއޭ، އަޅުގަނޑުމެން ހުރިހާ އެންމެން ވަށާލައިގެން ތިބެފައި އަތްޖަހާފައި މިއޮތީ މިކަން ވެފައޭ، މިއަދު ގޮސްފައި ތިޔަބޭފުޅުންގެ ވޯޓު އަޅުގަނޑަށް ދެއްވާށޭކިޔާ ނިންމާލާފައި އަޅުގަނޑަށް ގެއަށް ދެވިދާނެ. އަދި ހަމަ ޒަމާނުއްސުރެ ފަށައިގެން، ތިޔަބޭފުޅުންނަކީ، ސަރުކާރު ގަބޫލުކުރާ ބައެއްކަމަށް ވާތީވެ، ބައެއް ޒުވާނުންގެ ހިތުގައި، އެއީ، ރަނގަޅުނޫން ކަމެކޭ، އެއީ، ތެދެއްނޫނޭ، ގަބޫލު ނުކުރިނަމަވެސް، ހަމަ ވަރަށް ގިނަ ބޭފުޅުން އަދިވެސް ގަބޫލު ކުރައްވަނީއޭ. އަޅުގަނޑުމެންނެއް ނޫޅެން، އެކަން ކުރާކަށް. އަޅުގަނޑު ބޭނުން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި. އަދި އަޅުގަނޑު އެވާހަކައަށް ދާނަން. މި ޢާޠިފް އިންތިޚާބުވުމަށް، ނިހާޔަތަށް އަޅުގަނޑު އެދެން. އެކަމާ އަޅުގަނޑު އަދި ވާހަކަ ދައްކާނަން.

ދެވަނަ ވާހަކައަކަށް މިކަމާ ގުޅިގެންއޮތީ، މި ސަރުކާރަކުންނެއް، މީހަކު ހޮވާކަށް ސިއްރިޔާތުގައި ނޫޅޭނެއޭ. ވެރިން، އަތޮޅުވެރިންނަށް ވަގަށް ފޯނުން ވާހަކަދައްކަވައިގެން، އޭނާ ކޮޓަރިއަކަށް ވައްދައިގެން، އަނެއްމީހާ ކޮޓަރިއަކަށް ވައްދައިގެން އެވާހަކަ ސިއްރުން ބުނެގެނެއް، އެކަމެއް ކުރާކަށް ނޫޅޭނެ. މިއީ، ޑިމޮކްރަސީއޭ. ދެފުށް ފެންނަގޮތަށް ސާފުކޮށް، އަޅުގަނޑުމެން ކުރާ ހުރިހާކަމެއްވެސް ކުރަމުން އަންނާނީ. އަޅުގަނޑުމެން ބޭނުން މަޖިލީހުގެ އަޣްލަބިއްޔަތު. އަޅުގަނޑުމެން، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ބޭނުންވަނީ، ފުރަތަމަ ކަމަކަށް އަޅުގަނޑު ދަންނަވާލަން، އިރާދަކުރެއްވިއްޔާ މިރޭ އިރުއޮއްސެންވާއިރަށް ތިޔަބޭފުޅުންގެ ޖަނަރޭޓަރު ހެދުމަށް، އަޅުގަނޑު ބަލާލިއިރު، އަޅުގަނޑު ދިރިއުޅެން ސަރުކާރުން ދެއްވާފައިހުރި ގެ، މުލީއާގެއާއި ތީމުގެއާއި ރައީސް އޮފީހާ، މި ތިންތަން އެއްކޮށްލީމާ، އެތަނުގައި އިންޖިނޭރުން އެބަތިބި މީގެ ހަތަރު އަތޮޅަކަށް ރަނގަޅަށް އިންޖީނު މަރާމާތު ކުރެވޭވަރަށް. ދެން އަޅުގަނޑު ހިތަށްއެރީ، މިދިޔަ ރޯދަމަހުވެސް އަޅުގަނޑަށް މިވާހަކަ ދެކެވިފައޭ އޮތީ ތިޔަބޭފުޅުންނާ. މިއަދު ބުއްދިވެރިކަމަކަށެއް ނުވާނެއޭ އަޅުގަނޑަށް އެކަން ތިޔަބޭފުޅުންނަށް ކޮށްދެވެން އޮއްވާ ނުކޮށް ދިޔުން އެއީ. އެހެންވީމާ، ފެން ޕްލާންޓާ އިންޖީނުގެއާ ޖަނަރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ފަށައިދޭނަން.

އަނެއްކާ ގަބޫލުފުޅުކުރައްވާތި، އަޅުގަނޑުގެ އެންމެ ލޯ ފައިސާފޮއްޗެއްވެސް އެއަކު ނެތް. އެއީ، ތިޔަބޭފުޅުންގެ ފައިސާ. އެއީ، ތިޔަބޭފުޅުން އަމިއްލަފުޅަށް ތިޔަބޭފުޅުންގެ ޖަނަރޭޓަރު މަރާމާތު ކުރައްވަނީ. އެއީކީ، ރައީސުލްޖުމްހޫރިއްޔާގެ ދީލަތިކަމުން ވާކަމެއްނޫން. ރައީސުލްޖުމްހޫރިއްޔާގެ ދީލަތިކަމުން ވާކަމެއް ނޯވޭ. އޮވެއްޖިއްޔާ އެއީ ގޯހެއް. އޮވެއްޖިއްޔާ އެއީ ވަރަށްބޮޑު ގޯހެއް، ސީދާ ބަރާބަރަށް ތަރުތީބުން ހިނގާކަމެއް ނޫނިއްޔާ ކަމެއް ހިނގައިގެން ނުވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކަންކަން މިހެން ކުރެވެން އެބަހުރި. އަދި ހަމަ މިދެންނެވި ސަތޭކަ އަށްޑިހަގެ އަޅައިދެވެން އެބަހުރި. އަޅުގަނޑު ކޮންމެ ރަށަކަށް އަންނައިރުވެސް އަޅުގަނޑުމެން އަންނަނީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވާން ފެށީމާ އެރަށަކަށް ވެގެންދާނީ، ކޮންކޮން ކަންތަކެއްތޯ އަޅުގަނޑުމެން ފާހަގަކޮށް، އޭގެތެރެއިން ތިޔަބޭފުޅުންނަށް ޚަބަރުދެވެން ހުންނަނީ ކޮންކޮން ވާހަކައެއްތޯ ބަލާފައި އަޅުގަނޑުމެން މި އަންނަނީ. ބެލިއިރުގައި އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ބޭންކުގެ ޚިދްމަތެއްވެސް ދެވެން އެބައޮތް. އާ ޕްރީ ސްކޫލެއް، ސަރުކާރުން ޕްރީ ސްކޫލްގެ މަސައްކަތާ ހަވާލުވެވެން އެބައޮތް. ކަރަންޓު ރަނގަޅުކޮށްދެވެން އެބައޮތް. ފެން ޕްލާންޓް ރަނގަޅުކޮށްދެވެން އެބައޮތް. ސަތޭކަ ހަތްދިހަ ނުވަގެ އަޅައިދެވެން އެބައޮތް. ދެން ސައްބީސްގެ ބަދަލުދީފައިވާ. އެ ސައްބީސްގެވެސް އަޅުގަނޑު އެބޭފުޅުންނަށް ދެން އަޅުގަނޑުމެން ދަންނަވަން ބޭނުމީ، ދެން އެ ދެވިފައިހުރި ފައިސާގެ ވާހަކަ ގޮތަކުން އަނބުރާ ދައުލަތަށް ދެއްވަންޖެހޭނެއޭ. ތިޔަބޭފުޅުންނަށް ގެ މަރާމާތު ކުރަން ދިން ފައިސާ އޭގެ ބޭނުން ނުކުރެވި، އަލުން އަނބުރާ ސަރުކާރުން އެބޭފުޅުންނަށް ގެ އަޅާދޭކަމަށްވަނީވިއްޔާ، ދިގު މުއްދަތުގައި ދައްކާ ޚަލާޞްކުރާ އުސޫލުން ނަމަވެސް، އެ ފައިސާ އަނބުރާ އެބޭފުޅުން ސަރުކާރަށް ރައްދުކޮށްދެއްވަނިކޮށް ނިމުނީ. ސަރުކާރުން، އޭގެ ތެރެއިން، މަރާމާތު ކުރުމަށް ފައިސާ ދެވުނު ގޭގޭގެ ރައްޔިތުންނަށްވެސް، އަޅުގަނޑުމެންނަށް މި ސަތޭކަ ހަތްދިހަ ނުވަގެއާ ހަމަ އޭރުން ވަނީ. އެ ގޭގެއަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޯހިޔާވަހިކަން ހޯދަދޭނަން. އެބޭފުޅުން، އެ ފައިސާ، ސަރުކާރަށް އަލުން އަނބުރާ، ދިގު މުއްދަތުގައި ދައްކާ ޚަލާޞްކުރާ އުސޫލުން ދެއްކެވީމާ ރަނގަޅުވާނެ.

ބަނދަރު، ތިޔަބޭފުޅުންގެ ބަނދަރު ހަދައިދިނުމަށް ތިޔަބޭފުޅުން އެބަ އެދޭ. އަޅުގަނޑަށް އެބައޮތް. އަޅުގަނޑަށް ހީވަނީ، ބަނދަރުގައި ބޭރު ތޮށި ރަނގަޅުކުރަންވެސް ތިޔަބޭފުޅުން އެބަ ބޭނުންވޭ، އަދި އެތެރެއިން ކުޑަކޮށް ކޮންނަންވެސް އެބަ ބޭނުންވޭ. މިއީ، މިކަން އޮތްގޮތް. ކޮންމެ ރަށެއްގެވެސް، ފައިކަށި ދިގުކޮށްލަން ބޭނުންވެފައި ހުންނާނެ، ބޭރުގައި ބޮޑުހިލަ ޖަހަން ބޭނުންވެފައި ހުންނާނެ. ވާޓަރު، ސަތޭކަ ފޫޓުން، ފަންސާސް ފޫޓުން ދަމާލަން، އެއްފަރާތަކުން ސްލިޕްވޭއެއް ލާ، ކޮންމެ ބަނދަރެއްގެވެސް. މި ވެގެން މިދާ ގޮތަކީ، މީގެން އެއްވެސް ތަނެއް ހެދިއިރުގައި ތިޔަބޭފުޅުންކައިރީގައި އަހާލާފައި ނެތުނީ. އެހެންވީމަކާއެއް ނޭނގޭނެއެއްނޫންތޯ ބަނދަރު އޮންނާންވީ ގޮތެއް. އެހެންވީމާ، ދެން ހަދަން ފަށާފައި، ސީދާ ކޮންކްރީޓް އަޅާ ނިމުނީމާ ރައްޔިތުންނަށް ފެންނަނީ، ފެނިގެން ބުނަނީ، އޭ ތިގޮތެއް ކަމަކު ނުދާނެއޭ. ހުޅަނގުގެ ގަދައިގައި ބާނި ވައްދާނެއޭ. މި ބަނދަރު ތިހެން އޮވެގެނެއް، އެއްގޮތަކަށްވެސް ފަރަކު ނުޖެހޭނެއޭ. މި ފައިކަށި މިއަތަށް ދަމާލާށޭ. ދެން ފައިކަށި ދެމޭކަށެއްނޯވޭ، ބަޖެޓުކޮށްފައި މިއޮންނަނީ، ފައިކަށި ނުދަމާގޮތަށް. އެ ފައިކަށި ހުރި ހިސާބުގައި ހުންނަގޮތަށް. ދެން އެހެންވީމާ، ސަރުކާރަށް ދަތިވެގެންދަނީ. ދެން އެކަމުގެ މަސައްކަތް ހުއްޓެނީ.

އަޅުގަނޑުމެން ބޭނުމީ، މަސައްކަތެއް ފެށުމުގެ ކުރީގައި، އިހަށް ތިޔަބޭފުޅުންނާ ވާހަކަ ދައްކަން. ފައިކަށި، ކިހިނެއްތޯ ހުންނަންވީ. އިހަކަށްދުވަހަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ފައިކައްޓޭ ވިދާޅުވާންވެގެން، ކަންކަށި އިންނަންވީގޮތުގެ ވާހަކަވެސް ދައްކަވައިފި. އެހެންވީމާ، އަޅުގަނޑު އަނގައިންވެސް އޭގެ ބަހެއް އެހެން ގެއްލި ހިނގައިދާނެ އިނގޭތޯ. އަޅުގަނޑުމެން އަހަންވީ، ރައްޔިތުންނާ މަޝްވަރާ ކުރަންވީ،ކިހިނެއްތޯ ތިޔަބޭފުޅުންގެ ބަނދަރުގެ ކަންތައްތައް ހުންނަންވީ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ބަނދަރުގެ މަޝްވަރާއާއި، މިހާރު ތިޔަބޭފުޅުން އެދިލައްވާފައި އެއޮތް މަސައްކަތް، އެކަން ކުރާކަށް މާބޮޑު ޚަރަދުތަކެއްނުދޭ. ދެން އަނެއްހެން ދަންނަވާއިރުގައި، ބޮޑު ޚަރަދަކީ، ކޮންމެ ޚަރަދަކީވެސް ބޮޑު ޚަރަދެއް. އެއްވެސް ޚަރަދަކީ، ބޮޑު ޚަރަދެއްވެސް ނޫން. ބަޖެޓްކުރެވި، ތަރުތީބަކުން ކަންކަން ހިނގަންޏާ، އެއްވެސް ޚަރަދަކީ، ނުކުރެވޭ ވަރުގެ ޚަރަދެއްނޫން. އަޅުގަނޑުމެން ހަމަ މި ޖެހެނީ، ކޮންމެ ކަމެއްވެސް ކުރުމުގެ ކުރިއަށް، އެކަމަކާ ގުޅޭގޮތުން ވިސްނާލަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ބަނދަރު، ތިޔަބޭފުޅުން ބޭނުންވެލައްވާގޮތަށް ބަނދަރުގެ މަސައްކަތްވެސް އަޅުގަނޑުމެންނަށް، އިރާދަކުރެއްވިއްޔާ ކޮށްދެވޭނެ.

އަޅުގަނޑު، ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާލަންއޮތް އިތުރު ދެތިން ނުކުތާއެއް އެބައޮތް، ތިޔަބޭފުޅުންނާ މިހެން ބައްދަލުވީމާ. މިރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދޭ. ކުރީދުވަހު، މީގެ ހަމަސްދުވަސް ކުރީގައިވެސް އަޅުގަނޑު ދެންނެވިން. މި ރާއްޖެ މިދަނީ، ބަދަލު ވުމަށޭ، މިދިޔަ ދިގު ތިރީސް އަހަރު މިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންނާ އަދި ވެރިކަންކުރި ގޮތް މިދަނީ ބަދަލުވުމަށޭ. އަޅުގަނޑު ދެންނެވިން، އިރާދަކުރެއްވިއްޔާ، އެގާރަ ނޮވެމްބަރު ދެހާސް އަށެއްވާ އަންގާރަދުވަހު، ދެން މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކުރާނީ އަޅުގަނޑޭ.

އަޅުގަނޑުމެން، އެހެން އެވާހަކަ ދެއްކީ، ވަރަށް ބޮޑަށް ވިސްނާފައި. އަޅުގަނޑުމެންނަށް ފެނުނީ، ރާއްޖޭގެ ސިޔާސީ މަސްރަޙު އޭރުގައި ބައްޓަންވަމުން އެއައިގޮތުން، ސިޔާސީ ޕާޓީތައް ހިންގުމަށް ފުރުސަތުލިބި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ކޮންމެވެސް ވަރެއްގެ ޖާގައެއްނަމަވެސް ހޯދައި، ޤާނޫނުއަސާސީ ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދެވި، އެ އަސާސް ނިންމާ، މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލައި، އެ ކޮމިޝަންގެ ދަށުން މިނިވަން އިންތިޚާބެއް ބޭއްވޭގޮތަށް ހަމަޖެހުނީމާ، އަޅުގަނޑުމެންނަށް ދެން ކެރުނު، ނުކުމެ ތިޔަބޭފުޅުންނަށް ވަޢުދުވާން، އެގާރަ ނޮވެމްބަރު ދެހާސް އަށެއްވާ އަންގާރަ ދުވަހު، މިރާއްޖޭގައި ދެން ވެރިކަމުގައި ތިބޭނީ، އަޅުގަނޑުމެންނޭ. އެ ވަޢުދު އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވީ، ވަރަށްބޮޑަށް ވިސްނާފައި. ހަމަ އެވިސްނުމުން ވިސްނާފައި، އަޅުގަނޑުމެން ތިޔަބޭފުޅުންގެ އަރިހުގައި ދެންނެވީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރަށްތައް އެއީ، ލާމެހި ގުޅިފައިވާ ރަށްތަކަކަށް އަޅުގަނޑުމެން ހަދައިދޭނަމޭ. ހަމަ އެ ވިސްނުމުން ވިސްނާފައި އަޅުގަނޑުމެން އެވާހަކަ އެއްކޮށްލީ. އެހެންވީމާ، ކުރީގެ ވަޢުދު އަޅުގަނޑުމެންނަށް ފުއްދުނު ފަދައިން، ކުރިއަށް މިއޮތް ވަޢުދުވެސް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ފުއްދައިދޭނެކަމާމެދު އަޅުގަނޑު އެދެނީ ތިޔަބޭފުޅުން، އެއްވެސްހާލެއްގައި ޝައްކު ނުކުރެއްވުމަށް. އަޅުގަނޑުމެން އެކަން ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ކުރާނަން.

ރާއްޖޭގެ ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި އެބަ ބޭނުންވޭ، ފަސްދޮޅަސް ހަތަރު އިތުރު ޤާނޫނު. މި ބަދަލުތައް ގެނައުމުގައި، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މެނުވީ މިކަން ކޮށްފިނަމަ، ދެމެހެއްޓެނިވި ތަރައްޤީ، ދިގުމުއްދަތަށް ދެމިގެންދާނެ އަދި އުސޫލެއްގެގޮތުން ހިނގާނެ ކަންކަން ހިންގުމަށް، ރިވެތި ގޮތުގައި ހިންގުމަށް ވަރަށްބޮޑަށް ދަތިވާނެ. މި ޤާނޫނުތައް ކޮންމެހެންވެސް ބޭނުން. މި ޤާނޫނުތައް ހެދުމަށް ތިޔަބޭފުޅުންނަށް ހަމަ ލަފާކުރެވެނީތޯ، މިދިޔަ ދިގު ތިރީސް އަހަރު އެކަމަށް ހުރަސްއަޅުއްވަން ތިއްބެވި ބޭފުޅުންނޭ އަނެއްކާވެސް ހަމަ އެންމެ ރަނގަޅުވާނީ އެކަން ކުރުމަށް. ޢަޖައިބުވާވަރުގެ ކަމެއް އިނގޭތޯ، ޢަޖައިބުވާވަރުގެ ކަމެއް. މީގެން އެންމެ ޤާނޫނެއް ނުހެދި މިދިޔަ ތިރީސް އަހަރު މި ދިޔައީ. ބަޔަކުމީހުން އެކަމަށް ހުރަސްއެޅީއޭ އިނގޭތޯ. އަޅުގަނޑުމެން އެކަން ކުރާން ނޫޅޫނީތީކީއެއްނޫނޭ. އަޅުގަނޑުމެން، ގަދަފައި ވިއްދައި އުޅުނީ އެކަންކުރަން. އަޅުގަނޑުމެން އާދޭސްކޮށް، ގޮވަމުން ދިޔައީ، އެކަންކަން ކޮށްދިނުމަށް. މިއަދާހަމައަށް އައިއިރުވެސް މިކަންކަން ނުވެ އޮތީމާ، އަޅުގަނޑުމެންގެ ކަންކަން މިހާލަތުގައި މިއަދުވެސް މި ހުރީ. ދެން ސަރުކާރު ހިންގުމަށް، ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށް ޤާނޫނީ ހިއްސާ އަޅުގަނޑުމެން ބޭނުންވެއޭ ގޮވާލާއިރު ހަމަ ގަބޫލުފުޅު ކުރެއްވެނީތޯ އެ ހިއްސާވުމަށް އެންމެ އެކަށީގެންވާނީ އެކަމަށް ހުރަސްއަޅާ ބޭފުޅުންކަމަށްތޯ؟ އެހެނެއް އެކަމެއް ނުވާނެ އިނގޭތޯ.

އަޅުގަނޑު މި މަސައްކަތުގައި އެންމެ ފުރަތަމަ ފެށުނު ދުވަހުއްސުރެ ފެށިގެން، ޢާދިލް އަޅުގަނޑު ދަންނަން. އޭނަގެ ހިތް ނިޔަތާ، އޭނަގެ އިޚްލާޞްތެރިކަމާ އޭނަ އިޞްލާޙަށް ލޯބިކުރާ މިންވަރު. އެހެންވެގެން އަޅުގަނޑު، ތިޔަބޭފުޅުންގެ ކައުންސެލަރެއްގެ ގޮތުގައި، އަތޮޅު ކައުންސެލަރެއްގެ ގޮތުގައިވެސް އޭނާ ކަނޑައަޅާފައި އެވަނީ. އެހެންވެގެން އޭނާ، އަޅުގަނޑުގެ ނަޒަރުގައި އެންމެ ރަނގަޅީވެސް މި އަތޮޅަށް، މި ސަރަޙައްދަށް، މި ތިން ރަށަށް، ޤާނޫނީގޮތުން ހިއްސާވުމަށްވެސް. އަދި އަޅުގަނޑު މިއީ، މިވާހަކަ ދައްކަން ހަމަ އެންމެ އެކަށީގެންވާ މީހާ.

މިހާރު ޢަމަލު ކުރަމުން މިދަނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި. މިސާލަކަށް، ނޫސްވެރިއަކު އެއްސެވީ، އިނގިރޭސި ބޮޑުވަޒީރު އަރިހު ނުވަތަ އެމެރިކާގެ ރައީސް އަރިހު، ތިޔައުޅުއްވަނީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހޯދަންހެއްޔޭ؟ އެހެން ބުނީމާ ހެއްވާ ކަމަކަށްވާނީ. ސިޔާސީ ވެރިން އަބަދުވެސް އުޅޭނީ، ރައްޔިތުންގެ ރުހުން ހޯދަން. ރައްޔިތުންގެ ރުހުން ތަމްސީލުވަނީ، ރަމްޒު ކޮށްދެނީ، މަޖިލީހުގެ ގޮނޑިން. ރައްޔިތުންގެ ރުހުމާއެކީގައިނޫނީ، ރައްޔިތުންގެ ވަކާލާތުކުރުމާއެކީގައިނޫނީ، ތަރައްޤީޤެ މަޝްރޫޢުތަކެއް ނުހިންގޭނެ. އެހެންވީމާ، އަޅުގަނޑުމެން ތިޔަބޭފުޅުންގެ ހިއްސާ ބޭނުންވަނީ. އަޅުގަނޑަށް ލާޒިމު، ޤާނޫނު އަސާސީ ދެމެހެއްޓުންވެސް، އަދި ތިޔަބޭފުޅުންނަށް އެ ޤާނޫނުތައް ކިޔާދިނުންވެސް.

އަޅުގަނޑަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކޮށްގެން، މާތްރަސްކަލާނގެ އިރާދަފުޅުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެގޮތުގައި ހުވާކޮށްގެންހުރި މީހެއް. އަޅުގަނޑުގެ މައްޗަށް ލާޒިމީ، އެމް.ޑީ.ޕީ.ގެ ސިޔާސަތު، ހަމަހަމަގޮތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ތަންފީޒުކޮށްދިނުން. އެއްވެސް ފަރަގެއްނުވެ. ސަރުކާރުގެ ނުވަތަ ވަކި ޕާޓީއެއްގެ މެންބަރަކަށް ވީތީވެ، ތަފާތު ކުރުމެއްނެތި ހަމަހަމަ ގޮތުގައި، ތިޔަބޭފުޅުންގެ މައްޗަށް، މި ޤާނޫނުއަސާސީ ތަންފީޒު ކޮށްދިނުން. އަދި މި ސިޔާސަތުތައް ހިންގައިދިނުން. އެއީ، އަޅުގަނޑުގެ މައްޗަށް ލާޒިމު ކަމެއް. އަޅުގަނޑު އެބަޖެހޭ، އަޅުގަނޑުގެ ނަޒަރުގައި އެކަން ކުރާއިރުގައި، އަޅުގަނޑުގެ އަތްދަށު ވަޑިއަކަށް އެންމެ ރަނގަޅީ ކާކުތޯ ހާމަކުރަން. ގަނޑުގައި އޮންނަހާ ހިނދަކު ނުއެއް އެނގޭނެ، ގަނޑުގައި އޮތް މީހެއް. އަޅުގަނޑު އެބަޖެހޭ ބުނަން. އަޅުގަނޑަށް ހަމަ ކަށަވަރުންވެސް ޝައްކެއްވެސް ނެތް، އެންމެ ރަނގަޅީ ޢާދިލު. އެއީކީއެއް، އެއްވެސް ހާލެއްގައި އަޅުގަނޑު ޝައްކުކުރާ ކަމެއްނޫން. އަދި އަޅުގަނޑު މިދަންނަވާހެން، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި މިއަދު ކޮންމެހެންވެސް ސާފުކޮށްދޭންވެފައިއޮތް މަޢުލޫމާތެއް.

އަޅުގަނޑު ނުދަންނަވާނަން، އިންތިޚާބު ކައިރިވެގެން އަންނައިރުގައި ސިޔާސީ ވާހަކަ، ސިޔާސީ ވެރިން ނުދައްކާނެއެކޭ. ދައްކާނެ. އަޅުގަނޑުވެސް ދައްކާނަން. އަޅުގަނޑު އަބަދުވެސް ދައްކާނަން. އިންތިޚާބު އަޔަސް ނަޔަސް ދައްކާނަން. އެމީހުންގެ މަސައްކަތަކީ އެއީ. އެ ދައްކާ ދެއްކުމުގައި، އެހެން ކެންޑިޑޭޓުންނަށް ބަދުބަސް ބުނުން، ޣީބަ ބުނުން، ނެތިމޮށުން، މިބާވަތުގެ ކަންކަން ނުކޮށްވިއްޔާ ރަނގަޅު. ދެން އެހެންނަމަވެސް، ކޮންމެ ތުއްތު ކުއްޖެއްވެސް، ދަތް ފަޅާއިރުގައި ތަދުވޭ. އެހެންވީމާ، ޑިމޮކްރެސީއަށް އަޅުގަނޑުމެން ކުޑަކޮށް ހޭނިލާއިރުގައި ބައެއް ކެންޑިޑޭޓުން ހަމަ ކޮންމެފަދަ އެއްޗެކޭވެސް ވިދާޅުވެދާނެ. ދެން އަޅުގަނޑަށް އޭގެ ހަމަ ކުޑަވެސް މައްސަލައެއްނެތް. އަދި ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ދާއިރާއަށް ކުރިމަތިލައްވައިގެން އުޅުއްވާ ބައެއް ކެންޑިޑޭޓުން ދައްކަވާ ވާހަކައިން އަޅުގަނޑު ހިނިއާދޭ. ދެން އެހެންނަމަވެސް އަޅުގަނޑުގެ އަނެއްހެން އެއްވެސް މައްސަލައެއްނެތް. ހަމަ ކުޑަވެސް ފިކުރެއް، އެކަމަކާއެއްނެތް. އަޅުގަނޑުމެންނެއް، މީހުން ހައްޔަރުކުރުމާއި، މީހުންނަށް އަނިޔާ ކުރުމާއި، މީހުންނަށް ގެއްލުންދިނުންއެއީ، ހަމަގައިމުވެސް، މި ސަރުކާރަކުން ހިންގާނެ ކަމެއްނޫން. ނުހިނގާނެ އެންމެބޮޑު އެއްކަމަކީ، ކޮރަޕްޝަންގެ ފަސާދަ. ނުހިނގާނެ ދެންއޮތް އަނެއްކަމަކީ، އިންސާނީ ޙައްޤުތަކަށް އަރައިގަތުން.

މިދިޔަ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، އަޅުގަނޑު ކައިރީގައި ވަރަށްގިނަ ބޭފުޅުން އަހާ، ރައީސްއޭ، ނަޝީދޭ، ސަތޭކަ ދުވަހުގެ ތެރޭގައި، ކޮން ކަމެއްހެއްޔޭ ކާމިޔާބުވީ. އަޅުގަނޑުގެ އެންމެބޮޑު ޖަވާބަކީ، މިދިޔަ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، ހަތަރުސަތޭކަ ބައްތިރީސް މީހުން ހައްޔަރުކުރި. އަޅުގަނޑުމެން އެންމެ މީހަކުވެސް، ސިޔާސީ ބޭނުމަކަށްޓަކައި، ނުވަތަ ސިޔާސީ ކުށެކޭބުނެ، ހައްޔަރުކޮށްފައެއްނުވާނެ. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެއް ނުވެސް ކުރާނަން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެއީ، އަތްނުލެވޭ ފަލްސަފާއެއްގެގޮތުގައި އަޅުގަނޑުމެން ބޭނުންވެގެންއުޅޭ އެއްޗެއްނޫން. އެއީ، ވެރިންވެސް، ރައްޔިތުންވެސް، ޖަވާބުދާރީވުމަށް ކޮންމެހެން ބޭނުންތެރި އެއްޗެއް. ތިޔަބޭފުޅުންގެ ޚިޔާލު ތިޔަބޭފުޅުންނަށް ބިރުވެރިކަމެއްނެތި، ޖެހިލުމަކާނުލާ ފާޅުކުރެވެންޖެހޭނެ، ދެވެންޖެހޭނެ. އޭރުން ވެރިންނަށް މި އެނގެނީ، ހެޔޮގޮތުގައި، ރަނގަޅަށް ކަންކަން ކުރުމަށް. އަޅުގަނޑުމެން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ކުޑަވެސް ފިކުރެއްނެތް. އަދި އަޅުގަނޑު ހަމަ މި އިންތިޚާބުގައި ބައިވެރިވެވަޑައިގެން އުޅުއްވާ ހުރިހާ ކެންޑިޑޭޓުންނަށާއި އަދި ހުރިހާ ސަޕޯޓަރުންނަށް ދަންނަވަންއޮތް ވާހަކައަކީ، އެއްގޮތަކަށްވެސް، އަތް އިސްނުކުރައްޗޭ. ދެން މިފަހަރު ކުޑަވީމާ އަދި ބަތްކަންޏާ ހުންނަންހުންނަން އަޅުގަނޑުމެން ކިޔަމެއްނޫންތޯ ކުޑަކުދިން. އެހެންވީމާ، ޑިމޮކްރެސީ ޅަކަމުން، މިފަހަރު ދެންހެޔޮ އަޅުގަނޑާ ދިމާއަށް އެއްޗެހި ކިޔަސް، އިނގޭތޯ. މީހަކާ ދިމާއަށް ތިޔައިން ބޭފުޅަކު ހަމަ އެއްޗެހި ކިޔުއްވާން ބޭނުންވެލައްވަންޏާ އަވަހަށް އަޅުގަނޑާ ދިމާއަށް ކިޔަން ފަށްޓަވާ. އަޅުގަނޑު އެކަމަކާ ރުޅިއެއް ނާންނާނަން. ރައްދެއް ނުދޭނަން، އަނބުރާ ޖަދަލެއް ނުކުރާނަން. އަޅުގަނޑަށް ވިސްނޭނެ. އަޅުގަނޑަށް އެކަން ހަޖަމު ކުރެވޭނެ. އެހެންވީމާ، އެއް ކެންޑިޑޭޓަކު، އަނެއް ކެންޑިޑޭޓަކާ ދިމާއަށް ގޮވަންހުރި އެއްޗެހިވެސް، އަޅުގަނޑަށް ހަމަ ފެންނަނީ، އަޅުގަނޑާ ދިމާއަށް ގޮވަން. ވަރިހަމަ ކޮންމެ އެއްޗެކޭ ގޮވިޔަސް. އޭގެ އެއްވެސް ވާހަކައެއްގައި ދެއުޅިއެއްނުވާނެ. ފެނެއް ނުހިފެހެއްޓޭނެ. އެއީކީއެއް ދެން ބަލާނެކަމެއްނެތްތާ. ގޮވީމާ ނިމުނީ.

އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުން ވަރަށް ޖޯޝްގައި، ޝައުޤުގައި، އިންތިޚާބުގެ ކަންތައް ތިޔަ ގެންދަވަނީ. އަޅުގަނޑު މިތަނަށް ފައިބައިގެން އައިއިރުގައި، "މިފަހަރު ޔާމީނަށް"، އެހެން ހުރި ޓީޝާޓެއް ފެނުނު. އަޅުގަނޑު ހިތަށްއެރީ، މިދިޔަ ތިރީސް އަހަރުވެސް އޭނައަށޭ. މިފަހަރޭ ކީއްވެބާއޭ މިބުނަނީ. މިފަހަރު ޢާދިލަށޭ. އަޅުގަނޑު އަމިއްލައަށް ހިތަށްއެރި އެއްޗެއް، މިފަހަރު ޖައްސަވާފައި ހުރީމާ. އެއީ، އަޅުގަނޑަކީ، ޝިޢާރު ލިޔުމުގަޔާއި އެބާވަތުގެ ކަންކަމުގައި ކުޑަކޮށް ފިކުރުކޮށްއުޅޭ މީހެއްވީމާ އަޅުގަނޑު ހިތަށްއެރީ، އެއީ އަދި އެންމެ ސާދާ ވާހަކައެއްނޫނޭ. އެއީކީއެއް، ވޯޓަށްވެސް، އެބޭފުޅާއަށްވެސް ފަހިވާނެ ބާވަތުގެ ވާހަކައެއްނޫނޭ.

އަޅުގަނޑު ދަންނަވާލަން ބޭނުން، އެހެން ނުޖައްސަވާށޭ، އެހެން ޖެއްސެވީމާ ދެން މިދިޔަ ތިރީސް އަހަރުވެސް އެބޭފުޅާއަށް އޮތީ. ދެން އެހެން އޮއްވާ މިފަހަރުވެސް އެހެން ވިދާޅުވީމާ ކަމަކު ނުދާނެތާ. އިންތިޚާބެއްގައި އުޅޭއިރުގައި އެ ލިޔުއްވާ ހުރިހާ އެއްޗަކަށްވެސް އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ބައްލަވާނެކަން. އަދި އެކަންކަމުގެ މައްޗަށް ފިކުރުވެސް ހިންގަވާނެކަން. މި މެންދުރުގެ ހޫނުގައި، އަޅުގަނޑުމެންނަށް މިހެން ދިމާވީމާ، މެންދުރުގެ ހޫނުގައިވެސް ގިނަވާހަކަ ދެކެވެނީ. އެކަމަށް މާފުކުރައްވާތި. އަޅުގަނޑު މިއަދު ހަމަ ވަރަށް އުފާވޭ، އަލުން އަނބުރާ މިތަނަށް އާދެވުނީތީ. އަޅުގަނޑު އެ ރޯދަމަހު، ކޮޅުފުށީގައި ތިޔަބޭފުޅުންގެ ތަންތަނަށް ވަންނަމުން އައިއިރު، ޑޮކްޓަރ އާމިނަތު ޖަމީލާ އަޅުގަނޑާ ހިނގިން. އަޅުގަނޑު ހަނދާން ހުންނާނެ އެދުވަސް، އަޅުގަނޑު ހަނދާންވޭ. އަޅުގަނޑު އޭގެފަހުން، ވޯޓުގެ އަދަދުވެސް ބަލާލިން. އަޅުގަނޑު އެކަމަކާއެއް، ހަމަކުޑަކޮށްވެސް، ކުޑަކޮށްވެސް އަޅުގަނޑު ހަމަ އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ. އަޅުގަނޑު ބޭނުންވޭ އެކަމަކު ތިޔަބޭފުޅުންނަށް އެނޫން ގޮތެއް ހޯދައިދޭން. އެއީ، އަޅުގަނޑު މިކުރާ މަސައްކަތަކީ، އަޅުގަނޑު މިތަނަށް އައުމުގައި.

ބައެއް ބޭފުޅުން ވިދާޅުވެދާނެ، ހަމަސްދުވަސް ވެއްޖެއޭ، ކިހިނެއްހޭ ވީ، މިދަންނަވާހެން ވީ. ނަނުބޮނޑި އޮތީ އޮޅިފައި. ދެން އަޅުގަނޑު ނަގައިގެން އެ ނިއުޅުވާ ނިއުޅުވާ ނިއުޅުވާ ނިއުޅުވާ އަޅުގަނޑަށް އޭގެ ކޮޅެއް މެދެއް ފެނުނު ދުވަސް މިއީ. ފެނިގެން، ބަޖެޓުގައި މިކަމެއް ހިމެނިގެން އައިސް ތިޔަބޭފުޅުން އަރިހުގައި އަޅުގަނޑުމެންނަށް މިވާހަކަ ދެއްކޭނެ ހިސާބު މިއީ. އެ ހިސާބުގައި، އަޅުގަނޑު ތިޔަބޭފުޅުންގެ ކައިރިއަށް، ގާތަށް އަވަހަށް އާދެވޭތޯ ބެލީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ އުފާވެރި، މާ ތަނަވަސް މުސްތަޤްބަލެއް އެބައޮތް.

އަޅުގަނޑު ވަރަށްބޮޑަށް މަޢާފަށް އެދެން ބޭނުން، ކޮޅުފުށީ ރައްޔިތުންނަށް. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން. ތިޔަބޭފުޅުންނަށް، ސުނާމީއަށްފަހު މިރާއްޖޭގައި، މި ތަނަވަސް ރާއްޖޭގައި، މިހާދުވަހު ތިޔަ ދަތުރު ޖެހުނީތީވެ. އެއީ، ދިވެހި ހުރިހާ ވެރިން، އަޅުގަނޑު އެކަންޏެއްނޫން، ޒަމާނުއްސުރެ ފަށައިގެން އަންނާންތިބި ވެރިންވެސް، ޢިބްރަތެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަށް، ދުވާފަރާ ވިލުފުށްޓާ ހަމައެކީގައި ހަދާ ނިންމިއްޖެ އިރާދަކުރައްވައިގެން. އެހެންނަމަވެސް، ކޮޅުފުށި ހަމަ މިއޮތީ އަދި ހަމަ ރާޅު އެރި ދުވަހު، އޭގެ ދެހަފްތާ ކުރީގައިވެސް ހަމަ އޮތްގޮތަށް. އެ ހަނދާންވެސް އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުންގެ ހިތަކުން މާބޮޑަކަށް ފިލައިގެނެއް ނުދާނެ. އަދި ޚާއްޞަކޮށް މަދަރުސާކުދިންގެ ހިތްތަކަކުން ފިލައިގެނެއް ނުދާނެ.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އުންމީދަކީ، ވީހާވެސް އަވަހަކަށް، ތިޔަބޭފުޅުންނަށް ތަނަވަސް މުސްތަޤްބަލެއް، ރީތި ދިރިއުޅުމެއް، ހާސްކަމެއްނެތް ދިރިއުޅުމެއް. ފެންބިލާއި، ފޯނުބިލާއި، ކަރަންޓުބިލާއި، ގޭގެ ކުއްޔާ އަދި ދަރިންގެ މަދަރުސާއާއި، މައިންބަފައިންގެ ބޭހާ، މިކަންކަމުގެ ފިކުރުން ނެއްޓި، ހަވީރުގެ ފިނީގައި އަޅުގަނޑުމެން މިއެދޭ ގުލްޒާރު، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ، ތަޞައްވުރު، އެ މަންޒަރު ފެންނާނެ ދިވެހިރާއްޖެއެއް ތިޔަބޭފުޅުންނަށް ހޯދައިދިނުން. އަޅުގަނޑުގެ ދުޢާއަކީ، މާދަމާ އިރާދަކުރެއްވިއްޔާ ވެގެންދާނީ، މިއަދަށްވުރެ އަދި ކޮޅުފުއްޓަށް މާ ފާގަތި ދުވަހަކަށޭ.

والسّـلام عليـكم. الحمد للّـه، ވަރަށްބޮޑަށް ޝުކުރިއްޔާ!