بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދު އަޅުގަނޑު އިތުރު ވާހަކައެއް ދެއްކުމުގެ ކުރީގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ކިބައިން ވަރަށް ބޮޑަށް އެދެން، އަބުރާ ބެހުމުގެ މައްސަލަތައް އެއީ، ޖިނާއީ މައްސަލަތަކުގެ ގޮތުގައި ނުބައްލަވައި، މަދަނީ މައްސަލަތަކުގެ ގޮތުގައި ބައްލަވައިދެއްވުމުގެ ޚިޔާލުފުޅު ކުރެއްވުމަށް. އެއީ އަޅުގަނޑުމެން މިގަޑީގައި ވަރަށް ބޮޑަށް އެދޭ ކަމެއް. އަޅުގަނޑުމެން އެންމެންނަށްވެސް އެނގެންޖެހޭނެ، މިހާރު އަދި މިއޮތީ މި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީއާ ވަރަށް ޅަފަތުގައިކަން. ދެން އަޅުގަނޑު ރަށްރަށުގައި ބުނަމުން މިދަނީ އިނގޭތޯ، ދަތްފަޅާއިރު ތަދުވާނެއޭ. އެހެންވީމާ، އެ ތަދު އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭނެ. ހަމަގައިމުވެސް އަޅުގަނޑަށް ހަޖަމު ކުރެވޭނެ. އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑު ބުނަމުން މިދަނީ، ބޭފުޅުން އަޅުގަނޑަށް ފާޑުވެސް ވިދާޅުވާށޭ. އަޅުގަނޑަށް ފުރައްސާރަވެސް ކުރާށޭ. މަލާމާތްވެސް ކުރާށޭ. ހަޖޫވެސް ކިޔާށޭ. ޣީބަވެސް ބުނާށޭ. ނެތިވެސް މޮށޭށޭ. އަޅުގަނޑުގެ މައްސަލައެއް ނެތޭ. އަޅުގަނޑަށް އެކަންކަން ހަޖަމު ކުރެވޭނޭ. އަދި އެ ހަޖަމު ކުރުން އެއީ، މިވަގުތަށް ވަރަށް މުހިންމު ކަމެކޭ.

މަޢްލޫމާތު ހޯދުމާއި، މަޢްލޫމާތު ލިބިގަތުމުގެ މިނިވަންކަން އަދި އެއީ، އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގައި މިހާރު މިވަނީ ކަނޑައެޅިފައި. އެކަން ކުރީވެސް އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކޮށްގެން. އަޅުގަނޑު އުންމީދު ކުރީ މިއަދު ކޮންމެ މިނިސްޓްރީއެއްގެ އިންފޮމޭޝަން އޮފިސަރ، މަޢްލޫމާތުދޭ އޮފިސަރުގެ ކަންތައް ނިންމޭނެ ކަމަށް. އެމަސައްކަތްތައް މިހާރު ދަނީ ސަރުކާރުން ކުރަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ކޮންމެ މިނިސްޓްރީއެއްގައިވެސް މަޢްލޫމާތު އޮފިސަރެއް ސްޕޯކްސް ޕަރސަނެއް ހުންނާނެ. ހުރެގެން އެކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެހޭނެ.

އަޅުގަނޑަށް ހީވަނީ ރަނގަޅަށްހެންދަނީ. އަޅުގަނޑު ދެކޭގޮތުގައި ނޫސްވެރިކަން ވަރަށް ރަނގަޅަށް މިއޮތީ. އަދި މިއަށްވުރެ ވަކި މިކަން ރަނގަޅު ކުރުމަށް ދެން މިބޭނުންވަނީ ވިޔަފާރީގެ ބައެއް ކަންކަމަށް އަޅުގަނޑުމެން ބޮޑަށް އަލިއަޅުވާލުން. ޗާޕްޚާނާތައް ހިންގުމާއި، ލޭއައުޓް ހެދުމާއި، އޭގެ ލޭއައުޓްގެ ބަޔާއި، އެ ޕްރޮޑަކްޝަންގެ ބައި. އެ ބައިގެ ވިޔަފާރި އެބަ ހަމަޖެހެންޖެހޭ. ބައެއްފަހަރު އަޅުގަނޑު ހިތަށްއަރާ، މިހާރު މިއުޅެނީ ސަރކިއުލޭޝަންގައި. މިސާލަކަށް ބޮޑުކޮށް ސަރކިއުލޭޓްވާ ނޫހެއް ”ހަވީރު“ ”މިއަދު“ ”އާފަތިސް“، ދެން ކުރީގައި ”މިނިވަން“ އޮތްއިރު ”މިނިވަން“. އެއިން ނޫހެއްގެ ސަރކިއުލޭޝަން އުޅޭނީ ދެން އަޅުގަނޑު ޢަދަދެއްދޭއިރަށް އެއާ ބޭފުޅުން އިންކާރުކުރައްވަފާނެ. އެކަމަކު އަޅުގަނޑު ނުދެކެން، ދޮޅުހާސް ދެހާހަށްވުރެ ބޮޑު ސަރކިއުލޭޝަނެއް ނޫޅޭނެ. އެއީކީއެއް ޙަޤީޤަތުގައި ރަނގަޅަށް ނޫހެއް ހިންގެން އޮތް ގޮތެއް ނޫން. ދިހަހާހުގެ ސަރކިއުލޭޝަނަކަށް ރާއްޖޭގައި ނޫސް ގެނެވޭނެ. ދެން ނޫސް ހިންގުން އެއީ، ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ހިންގާ ކަމެއްގެ ގޮތުގައި ވިސްނަވާނެ ކަމެއް ނެތް. މުސްތަޤްބަލްގައި އެ ސަބްސިޑީ ސަރުކާރުން އަޅުގަނޑުމެން އުވާލާނަން. މިދަންނަވަނީ އިޢްލާނާއި މިބާވަތުގެ އެއްޗެހިން ސަރުކާރުން އެލިބޭ އެއްޗެއްގެ ބޭނުންކޮށްގެން އެއިން ނޫސްތައް ދެކޮޅު ޖައްސަވަން ފިކުރު ކުރެއްވުން އެއީކީއެއް ބުއްދިވެރި ކަމެއް ނޫން. ނޫސްތައް ދެކޮޅު ޖައްސަވަންޖެހޭނީ ތިޔަބޭފުޅުން ރަނގަޅު ވާހަކަތައް ނޫސްތަކުގައި ލިޔެގެން. ބޭފުޅުންގެ ޝައުޤުވެރިކަން އުފައްދައިގެން މިކަން ކުރެވޭނީ. މިހާރު އަޅުގަނޑަށް ހީވަނީ، ހަވީރާއި މިއަދާއި އާފަތިހުގެ ސަރކިއުލޭޝަން އެހާ ދަށްވެގެން އެއުޅެނީ، މީހުންގެ ސެންޓިމެންޓް މިވަގުތުގެ އިޙްސާސްތައް ތަންފީޒު ނުވަތަ ތަމްސީލުނުކޮށްދެވޭތީ.

ހަމަ ސިޔާސީ ވާހަކައެއް އަޅުގަނޑަށް ދެއްކޭނީ. އެހެން ނަމަވެސް، ދަންނަވަން އަޅުގަނޑު ހަމަ ހިތަށްއަރާ އެއްޗަކީ، މި ސަރުކާރަށް ވަރަށްބޮޑު ތާއީދެއް އޮވެއޭ. އަޅުގަނޑު މިލަފާކުރަނީ ގާތްގަނޑަކަށް މަދުވެގެން ފަސްދޮޅަހަކަށް ޕަސެންޓްގެ ތާއީދު މިހާރު އެބަ ފެނެއޭ. މިހާރު ނެތް ސަރުކާރާ އެއްކޮޅު ނުވަތަ މި ސަރުކާރުގެ ވިސްނުން ނެރެދޭ އެއްވެސް ނޫހެއް. އަޅުގަނޑުމެން މީހަކަށް ފައިސާދީގެން އެކަން ކުރުވާކަށް ބޭނުމެއް ނޫން. އެއީކީއެއް އެކަން ކުރަން އަޅުގަނޑުމެން އެދޭ ގޮތެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުގެ ހިތް ބުނަނީ، އެ ވިއު ޕޮއިންޓާ އެކީގައި ނޫސް ބެލެންސްކޮށް ކަވަރ ކުރަން ފަށައިފިއްޔާ، ހަވީރު ނޫހުގެ ސަރކިއުލޭޝަން މާދަމާވެސް ފަސް ހަހާހަށް، މިއަދު ނޫހުގެވެސް ސަރކިއުލޭޝަން ފަސް ހަހާހަށް ދާނޭ. މި ބެލެންސްޑްކޮށް އެކަން ކުރައްވަންވީ. ދެން އެ ނޫސްތައް ބޭނުންކުރައްވައިގެން އެހެން މަސައްކަތެއް، އެހެން ސިޔާސީ މަސައްކަތެއް ކުރައްވާ ކަމަށްވަނީވިއްޔާ، ދެން މައްސަލައެއް ނުޖެހޭނެތާ، އަދި ފައްސަތޭކަ ނުވިކުނަސްވެސް. އެންމެ ގަނޑެއް ނުވިކުނަސްވެސް. އެ ބަހައިގެންވެސް އޭގެ މަޢްލޫމާތު ރަށުތެރެއަށް އެޅީމާވެސް ރަނގަޅުވާނެ. ޢާންމުކޮށް ދެން މިކަން ހިނގާފައި މިހުރި ގޮތަކީ ރަށުތެރެއަށް އަޅައިގެން.

އެހެންވީމާ، އެބަދަލު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތެރޭގައި ހިތްވަރާއެކީގައި ގެނެވިއްޖިއްޔާ، އަޅުގަނޑު ދައްކާހާ ވާހަކައަކީ ގޯސް ވާހަކައެއް ނޫން. ސަރުކާރުން ކުރާހާ ކަމަކީ ގޯސްކަމެއްވެސް ނޫން. އެހެންވީމާ، މި ބެލެންސްޑް ގޮތަކަށް އެ ވިސްނުން ނެރެވިއްޖިއްޔާ، އަޅުގަނޑު ދަންނަވާނީ ނޫސްވެރިކަމަށް ފައިދާވާނެއޭ. މިހާރު ސަރކިއުލޭޝަން މައްޗަށްދާނެއޭ.

އަޅުގަނޑު ދަންނަވާނީ، މި ސަރުކާރުގެ ސެލިންގ ޕޮއިންޓެއް އޮންނާނެއޭ. އެ މާކެޓް ކުރެވޭނެ. އެއިން ހަމަ ފައިދާ ނެރެވޭނެ. އަޅުގަނޑު ހަމަ މާދަމާވެސް ބަޔަކު ލައްވައި ނޫހެއް ހިންގަން ފަށައިފިއްޔާ، އަޅުގަނޑަށް ވަރަށް އިތުބާރު ބޮޑު ހަތްހާހުގެ ސަރކިއުލޭޝަނެއް އުފެއްދިދާނެ ކަމަށް. މިހާރު ސަރުކާރުން މި ބޮޑު ބަދަލު ސަރުކާރުން އެބަގެނޭ. ސިޔާސަތަށް ގެންނަ ބޮޑެތި ބަދަލު. ޚާއްޞަކޮށް، ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕާއި، ޖޮއިންޓް ވެންޗަރ އާއި، ޕްރައިވަޓައިޒޭޝަނާއި، ލާމަރްކަޒީ އާއި، މި ޒަމާނުއްސުރެ ފެށިގެން ދިވެހިން ކަންތައް ކުރަމުން އައި ގޮތް މުޅިންހެން އަޅުގަނޑުމެން މި ބަދަލުކޮށްލަނީ.

އެހެންވީމާ، އެކަންކަމާ ގުޅޭ މަޢްލޫމާތު ރައްޔިތުންނަކަށް އެސޭ ކޮލަމެއްގައިވެސް ރަނގަޅަށް ފެނިފައި ހުއްޓަކާއެއް. ހަވީރުގައި މިހާރުވެސް އަދިވެސް ހަމަ ރަނގަޅު އެއްޗެހި ލިޔޭ އިނގޭތޯ. ދޭތޭރެ ދޭތެރެއިން ޒާހިރު ވަރަށް ރަނގަޅަށް، މިތާ އެބަ އިންނެވިވެސްމެ. ހުރޭ ބައެއްފަހަރަށް ދެތިން ފޮޅުވަތެއް އަޅާލާފައި. އެނގޭ އެބަ އެމަގުގައިކަން ލިޔުއްވަން ބޭނުންވެލައްވަނީވެސް، އުނދަގޫވެފައި ހުންނަނީކަންވެސް. ދެން އަޅުގަނޑު ކިޔަން ކޮންމެ އަކުރެއްވެސް. އަޅުގަނޑު ހަމަ މިހިތަށް އަރަނީ، ސަރުކާރަށް ފާޑުކިޔައިގެންނެއް އަޅުގަނޑުގެ މައްސަލައެއް އޮތީކީ ނޫން. އަޅުގަނޑަށް ވަރަށް ފަސޭހަ ކިޔާތީވެ. އަޅުގަނޑަށް ވަރަށް ފަސޭހަ ސަރުކާރު ހިންގަން. އެހެން ނޫންނަމަ، އަޅުގަނޑަށް ވަރަށް އުނދަގޫވީސް. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ފާޑުވިދާޅުވާ ހުރިހާ ބޭފުޅުންނަށް. ހަވީރަށްވެސް. އަދި އާފަތިހަށްވެސް. މިއަދަށްވެސް. މިނުކުންނަ ހުރިހާ ނޫސްތަކަށްވެސް.

އޭގެއިތުރުން އަޅުގަނޑުމެން ވަރަށް ބޮޑަށް ސަރުކާރުން ގެންގުޅޭ ވިސްނުމެއް އެއީ، މި މީޑިއާ ހުރިހާ ބޭފުޅުން އެއްތަނެއްގައި އެމީހުންގެ އޮފީސްތަކާއި، އެމީހުންގެ ޕްރިންޓާއި، ދެން އެމީހުންގެ ސައި ހޮޓާތަކާއި ނުވަތަ ތިޔަބޭފުޅުން ލިޔުއްވަމުން ގެންދެވި އެހެން ވާހަކައެއް. ދެން އެބޭފުޅުން ހިއްޕަވާ ކޮންމެ އެއްޗެއްވެސް އެތަނަކުން ލިބޭގޮތަކަށް ހުންނަ ތަނެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ފިކުރު ކުރަން.

ތިޔަބޭފުޅުން ވިދާޅުވި އިނގޭތޯ. މާ ރަސްމީކޮށެއް ނޫނޭ މިވާހަކަ ދައްކާނީކީ. ދެން މީގެވެސް އެއްބައި ނަގައިގެން ޖައްސަވައިފިއްޔާ އޮންނާނީ އެއްކަލަ ”ނުލަފާ“ގެ ބަހުގައި. އޭގައި އަޅުގަނޑު ބޭނުންކުރަން އަޞްލު މާރަނގަޅު ބަހަކަށްވީސް، ސިޔާސަކަން އެނގޭނެއޭ، އަޅުގަނޑުގެ ސިޔާސަކަން އެނގޭނެއޭ، ކޮށްފައި ނުކުރާނެ ކަމެއްވެސް ނޯންނާނެއޭ. އެއީ، އަޅުގަނޑު ބޭނުންކުރަން އުޅުނު ބަހަކީ ސިޔާސަ. ދެން ސިޔާސައާއި ނުލަފާއާއި އެއީ، އެޙާލަތުގައި ހަމަ އެއްމާނަ ނުކުންނަ ދެބަސް. ދެން ރަނގަޅު މައްސަލައެއް ނެތް. އެއިން އަޅުގަނޑުމެންނަށް މާފައިދާވެއްޖެ ސިޔާސީ ގޮތުން. ބޭރަށް ބޯޅައެއް ޖެހީމާ، އެފަހާ ދުވުނީ. ދެން އަޅުގަނޑުމެންނަށް ހަމަ މުޅި ޕިޗް ކުޅެން ލިބުނީ. މިކަމާހުރެ 42 ގޮނޑި، 50 ގޮނޑިއާ ހަމައަށް އަޅުގަނޑުމެންނަށް ދެވޭނީ.

އެހެންނެއް ނޫން. އެވާހަކައެއް ނޫން ދައްކަން މިއުޅެނީކީއެއް. ހުޅުމާލޭގައި ޗާޕްޚާނާއާއި އަދި އަޅުގަނޑު އުންމީދު ކުރަން، ޓީ.ވީ މޯލްޑިވްސްގެ ޙަރަކާތްތައްވެސް. ދެން އެހެންނަމަވެސް، ވިލާ ޓީ.ވީ އެހެރީ ތިލަފުށީގައި. އެހެންވީމާ، އޭގެ ގާތަށް ދިޔުންތޯ، ތިލަފުށި ހެވީ އިންޑަސްޓްރީ. ދެން އެއަށްވުރެ މާ އަރާމު މާޙައުލެއް ޙަޤީޤަތުގައި ހުޅުމާލޭގައި އުފެދޭ، ލިބޭ. އެހެންވީމާ، އެ ފުރްޞަތު ހުޅުވާލުން އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރާ ކަމެއް. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމެއް.

މިއަދަކީ އަޅުގަނޑުމެންނަށް ކިތަންހާވެސް މުހިންމު ދުވަހެއް. އަޅުގަނޑުމެންގެ ޙަޔާތުގައި މިދުވަސް އަތުވެދާނެ ކަމަކަށް، އަޅުގަނޑަށް ޔަޤީން ލިޔުއްވައި އުޅުއްވާ އެއްވެސް ބޭފުޅަކު ހިތަށްއަރާފައެއް ނޯންނާނެ. މީގެކުރީގައި ތިޔަ ހުރިހާ ބޭފުޅުންވެސް ގަލަން ނަގާފައި ބިރުން ތިއްބަވާނީ. ހަމަ އަވަހަށް ދޯރި ޖައްސަވާނީ. މިއަދަކު އެހެނެއް ނުހައްދަވާ. މިއަދު މައިކެއް ކައިރިއަށް ކޮންމެ ބޭފުޅަކު ކޮންމެ ގަޑިއެއްގައި ނުކުންނެވިނަމަވެސް، ހަމަ ހިތް އެކީގައި ޚަލާޞް ވަންދެން ކުރިއަށް ގެންދަވަންވީ. އަޅުގަނޑު ވަރަށް އުފާވޭ. އަޅުގަނޑު ދެކޭގޮތުގައި އެއީ، އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބު. ދެން ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ޙަޤީޤަތުގައި ރަނގަޅަށް އެމީހުން މިނަން ފަށައިފިއްޔާ، އިނގިރޭސިވިލާތަށްވުރެ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން މިވަގުތު އަޅުގަނޑަށް ހިއެއްނުވޭ ވަކި ދެރަހެނެއް. ދެރައްޔާ ދެރައީ އަޅުގަނޑުމެންގެ ލިޔުންތެރިކަމުގެ ފެންވަރު. ދެން މިހެން ދަންނަވާއިރުގައި ވަރަށް ރަނގަޅުވެސް ހަމަ ވަރަށް ރަނގަޅު މަޒުމޫނުތައް ތިޔައިން ގިނަ ބޭފުޅުން ލިޔުއްވަނީ އިނގޭތޯ. އެކަމާވެސް އަޅުގަނޑުމެން އުފާވޭ.

ދެން އަހަމުން މިއަންނަނީ އިނގޭތޯ. ޖާނަލިޒަމްގެ ޑިގްރީ ކޯހެއް ހެދުމުގެ މަސައްކަތެއް ބޭފުޅަކު ކުރައްވާ ވާހަކަ. ދެން އެއީވެސް ހަމަ ވަރަށް މުހިންމު ކަމެއް. ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑު ވަރަށް އުންމީދު ކުރަން. އެކަން ބާރަށް ހިނގައިގަންނާނެ ކަމަށް. ދެން އަނެއް ވާހަކައަކީ، އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ވަރަށްގިނަ އިނގިރޭސި ބަހުން ކިޔަން ފަރިތަ މީހުން. އަދި އިނގިރޭސި ބަހުން އެއްޗެތި ލިޔެފައި ހުރީމާ ފަސޭހަވާ މީހުންވެސް. އަދި އެހެން ނަޒަރަކުން ދެކޭއިރުގައި، ބައެއްފަހަރަށް މިސާލަކަށް، މި ”ނުލަފާ“ ބަސް އިނގިރޭސި ބަހުން އައިނަމަކާއެއް ނުލަފައެއްނުވީސް. އެހެންވީމާ، ބަހުގެ މައްސަލައެއްވެސް އަޅުގަނޑުމެންނަށް ދިމާވޭ. އަދި ބަސް ބަލައިގަތުން. އަޅުގަނޑުމެން އެބަސްތައް ބޭނުންކުރަނީ ކޮންކަހަލަ ފްރޭމެއްގެ ތެރޭގައިތޯ، ކޮންކަހަލަ ކޮންޓެކްސްޓެއްގައިތޯ، އެއީވެސް އަޅުގަނޑަށް ހީވަނީ ހަމަ ވަރަށް މުހިންމު ކަމެއްހެން. އިނގިރޭސިން ނެރޭ އެންމެ ވެބްސައިޓެއް އެބައޮވޭ. ދެން ހަވީރުގަޔާއި އެހެން ނޫސްތަކުގެ އިނގިރޭސި ކޮލަމް އެބައޮވޭ. އަޅުގަނޑު ހަމަ ހިތަށް އަރަނީ އިނގިރޭސި މަޖައްލާއަކަށް، އިނގިރޭސި ނޫހަކަށް ޙަޤީޤަތުގައި ޖާގަ އެބައޮތޭ.

މި މިނިވަންކަން އަޅުގަނޑުމެންނަށް ގެނައުމުގައި ދިވެހި އޮބްޒަރވަރުގެ ދައުރު އަޅުގަނޑު އެއްގޮތަކަށްވެސް ހަނދާން ނައްތައެއްނުލާނަން. އަދި މި މިނިވަންކަން އަޅުގަނޑުމެންނަށް ގެނައުމުގައި މިނިވަން ރޭޑިއޯ އާއި، މިނިވަން ނޫހާއި އަދި ހަމަ އެކިގޮތްގޮތަށް މާލޭ މަގުމައްޗަށް އަޅަމުން ގެންދިޔަ ސިޓީތައް. އަޅުގަނޑު އެއްދުވަހު ހަނދާންވަނީ، 1990 ވަނަ އަހަރު އަޅުގަނޑު ތަޙުޤީޤު މޭޒުގެ ކުރިމައްޗަށް ގެންގޮއްސައި އަޅުގަނޑަށް ދެއްކީ ބޮޑު ބަންޑެއްޔެއްގެ ސިޓީ. އޭގައި އޮތް ތަފާތު ފަސްދޮޅަސް، ހަތްދިހަ ބާވަތުގެ ސިޓީ. އެ ތަޙުޤީޤު ކުރެއްވި ބޭފުޅާ ވިދާޅުވީ، މިހިރީ ހަމަ ނަޝީދު ލިޔެފައި އަޅާފައި ހުރި ސިޓީއޭ މަގުމައްޗަށް. ދެން އަޅުގަނޑު ބުނިން ނޫން ނޫން އަޅުގަނޑު ތިޔަބާވަތުގެ އެއްވެސް ކަމެއް ނުކުރަމޭ. ދެން އެހެން ނަމަވެސް، މި މަގުމައްޗަށް އަޅާ ސިޓީ މިއީ ރާއްޖޭގެ ޘަޤާފީ ގޮތުންވެސް، ތާރީޚީ ގޮތުންވެސް، ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓިފައި އޮތްއިރުގައި ހިނގަމުން އައި ކަމެއް.

ވީއްލިގެން އަޅުގަނޑުމެން ދިޔައީ، އިންޓަރނެޓްގެ ވަސީލަތް އަޅުގަނޑުމެންނަށް ލިބުނީމާ. އެއީ ދިވެހި އޮބްޒަރވަރުގެ ކުރީގައި، އޮބްޒަރވަރު އައުމުގެ ކުޑަދުވަސްކޮޅެއް ކުރީގައި، އިންޓަރނެޓްގެ ބޭނުން ދިވެހި ފޯރަމް ކިޔާ ވެބްސައިޓެއް، 1990 ގައި ފުރަތަމަ ހިންގަން ފެށީ. އެ ދިވެހި ފޯރަމް ކިޔާ ވެބްސައިޓެއް، 1990 އެއް ނޫން. އެއީ 1999 ގައި އަޅުގަނޑު ހަނދާންވަނީ. އެ ވެބްސައިޓް ހިނގަމުން އައިސްފައި، ދެން އެއާ ހަމަ އެކުއެކުގައިހެން މޯލްޑިވްސް ކަލްޗަރ ނުކުތީ. މޯލްޑިވްސް ކަލްޗަރއަކީވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށްބޮޑު ބާރެއް އަޅައިދިން ބައެއް. ދެން ހަމަ އެއަށްފަހު ދިވެހި އޮބްޒަރވަރާއި، ދެން ދިވެހި އޮބްޒަރވަރާ މެޗް ކުރަންވެގެން އޭރުގައި، ދަ މޯލްޑިވިއަން އާއި، ދެން ފެކްޓް މޯލްޑިވްސްއާ. ފެކްޓް މޯލްޑިވްސްއަކީވެސް އެންމެ ފުރަތަމަ އީމެއިލް ރައުންޑެއްކަން އަޅުގަނޑުމެންނަށް، އަޅުގަނޑަށް ހަމަގައިމުވެސް އެންމެ ފުރަތަމަ ފެކްޓް މޯލްޑިވްސް ނެރުނީ އީމެއިލް ރައުންޑަކުން.

ދެން އެހެންވީމާ، މިހުރިހާ މަރްޙަލާއެއް އަޅުގަނޑުމެން ކަޑައްތުކޮށް ހިނގައްޖެ. މިހުރިހާ ކަމެއްގެ ތެރެއިން ލާފައި އަޅުގަނޑުމެންނަށް މި މިނިވަންކަމުގެ ތެރެއަށް މި ނުކުމެވެނީ. އެކަމަށްޓަކައި ހުރިހާ ފަރާތަކަށްވެސް ހަމަ މަރްޙަބާ.

އަޅުގަނޑުގެ ދުޢާއަކީ، މާދަމައަކީ މިއަދަށްވުރެ އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާވާ ދުވަހަކަށްވުން. އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ.