بســم اللّـه الرّحمـن الرّحيــم

ފުވައްމުލަކުގެ އެކުވެރި ލޮބުވެތި ރައްޔިތުން،

السّـلام عليـكم،

މީގެ ދުވަސްކޮޅެއް ކުރީގައި، ސީދާކޮށް ދަންނަވަނީނަމަ، މީގެ ހައެއްކަމަސް ކުރީގައި، އަޅުގަނޑު މިރަށަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުވެ، އަޅުގަނޑު އެދުވަހު ދެއްކިވާހަކަތައް، އަޅުގަނޑަށް ޔަޤީން ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންގެ ހަނދުމައިގައި ހުންނާނެ. އަޅުގަނޑުމެން އެދުވަހު ވަޢުދެއްވީމު. އަޅުގަނޑު ދެންނެވިން، 11 ނޮވެމްބަރ 2008 ވާ އަންގާރަދުވަހު ދެން މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެގޮތުގައި ހުވާކުރާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑޭ.

އަޅުގަނޑުމެން އެވަޢުދު ފުއްދީމު. އަޅުގަނޑުމެން އެވަޢުދު ވީ ވަރަށްބޮޑަށް ވިސްނާފައި. ވަރަށްބޮޑަށް ބަލާފައި. އަޅުގަނޑުމެން ވިސްނީ، އެ ދިޔަ ހަތަރުއަހަރުދުވަސް އެގޮތަށްގޮސްފައި، ރާއްޖެއަށް ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ތަޢާރަފްވެފައި، މިނިވަން އިންތިޚާބެއް ބޭއްވުމުގެ އުންމީދު، އަދި އެ ޙަޤީޤަތަކަށް ވެދާނެކަމުގެ ކިތަންމެ ހެތްކެއް ފެންނާންއޮތްއިރު، އިންތިޚާބެއްގައި ވާދަކޮށް، ކުރީގެ ސަރުކާރު ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް ވެދާނެކަމެއް. އެއިރު ވަރަށްގިނަމީހުން އަޅުގަނޑުމެން ކައިރީގައި، އޭގެ ތަންކޮޅެއްކުރީގައި ޚާއްޞަކޮށް، ވަރަށްގިނަމީހުން އަޅުގަނޑު ގާތުގައި، ތިޔައީ ވާނެކަމެއްނޫނޭ، ތިޔަކަމެއް ނުވާނެއޭ، ދެން ތިއޮއް ދުވަސްދަނިއްޔޭ، އަނެއްކާވެސް ލިބޭނީ އަނިޔާއޭ، ތިޔަކަމެއްނުވާނެއޭ، މިވެރިކަމެއް ބަދަލެއް ނުކުރެވޭނެއޭ.

އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ބަދަލުވުމަށް. އެބަދަލުވުމަށް ދިޔަ މަގުމަތީގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރުތަކެއް، ފާހަގަ ކުރެވުނު ނުކުތާތަކެއް ހުރި. އަޅުގަނޑުމެންނަށް އެނގުނު، ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖޭގައި ކާމިޔާބުވާނެކަން. އަޅުގަނޑުމެންގެ އެ ދަތުރުގައި، އެނިޒާމު ތަޢާރަފްކުރުމުގައި، ވަރަށްކުރީކޮޅު ފުވައްމުލަކަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރިން. އެ ނިޒާމު ކާމިޔާބުވާނެކަމަކަށް ނުވަތަ އަޅުގަނޑުމެން މިއަދު ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ޑިމޮކްރެޓިކްވެރިކަމެއް ކޮށްދޭނެކަމަކަށް، އަޅުގަނޑަށް ޔަޤީން އެ ދުވަހަކު އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަބަޔަކަށް ގަބޫލުކުރެވިފައެއް ނޯންނާނެ. މިއަދު އަޅުގަނޑުމެން ދިހަހާސްގެ އަޅާނަމޭ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ދިވެހިރާއްޖޭގެ ރަށްތައް ގުޅުވާނަމޭ، ޑްރަގުގެ ވަބާއިން ރާއްޖެ އިރާދަކުރެއްވިއްޔާ ސަލާމަތްކުރާނަމޭ، ތަކެތީގެއަގު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މާލީސިޔާސަތާއި، އިޤްތިޞާދީ ސިޔާސަތު މެދުވެރިކޮށް ތިރިކުރާނަމޭ، ދިވެހި ރައްޔިތުންނަކީ ބޭސް ސިޓީއަށް ސަލާންޖަހަންޖެހޭ ބަޔަކަށެއް ދެނެއް އިރާދަކުރެއްވިއްޔަކާއެއް ނުވަނެއޭ، އަޅުގަނޑުމެންނަށް އެބަފެނެއޭ އެހެން ދިވެހިރާއްޖެއެއް، އަޅުގަނޑުމެންނަށް ފެނެއޭ އެބަ އެހެންމަންޒަރެއް، އެއީ، ޙަޤީޤަތަކަށް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހެދޭނެއޭ. އެހެން އަޅުގަނޑުމެން ބުނީމާ، ދެންނެވީމާ، ނުވާނެއޭ ދެންވެސް އަނެއްކާ ވިދާޅުނުވާތި. ކުރީގައިވެސް، ނުވާނެއޭ ވިދާޅުވި ބޭފުޅުން މިއަދު އުޅުއްވަނީ ކުޑަކޮށް ލަދުން. އަޅުގަނޑު އެހެންވެ މިދަންނަވަނީ. ދެން ވަރަށް ގިނަފަހަރަށް މީހުން ބުނާނެ، މުއުމިނެއްގެ ގަޔަކަށް އެއްހަރަކުން ދެފަހަރަކު ކަށްޓެއް ނުޖަހާނެއޭ. އަޅުގަނޑަކަށެއް ނުފެނޭ، ދެން އަޅުގަނޑުމެންނަށް ގޮން ޖައްސަވާކަށް. އަޅުގަނޑަކަށެއް ނުފެނޭ، އަޅުގަނޑުމެންނާ ގުޅޭގޮތުން ޝައްކު ކުރައްވާކަށެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެން ފުއްދާދޭނަން.

މި ސަރުކާރު ދެމި މިއޮންނަނީ ހަމަ އެންމެ ސަބަބަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެން ފުއްދުމަށްޓަކައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތް ކޮށްދިނުމަށްޓަކައި. އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، މި ސަރުކާރަށްލިބޭ، މި ދައުލަތަށްލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ޙަޤީޤަތުގައި ތިޔަބޭފުޅުންގެ ފައިސާކަން. އަޅުގަނޑުމެންނާ ޙަވާލުކުރެވިފައި މިވަނީ އިޙްތިރާމާއި އަމާނާތްތެރިކަމާއެކީގައި، އެއަށް ޚިޔާނާތްތެރިނުވެ، ހަމަހަމަގޮތުގައި އެފައިސާ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންކުރުމަށް. އަޅުގަނޑުމެންނެއް އެހަނދާނެއް ދުވަހަކުވެސް ނުނެތޭނެ. އަޅުގަނޑުމެންނެއް ތިޔަބޭފުޅުންގެ ފައިސާއަކަށް އިރާދަކުރެއްވިއްޔާ ޚިޔާނާތްތެރިއެއް ނުވާނަން.

އަޅުގަނޑަށް އެނގޭ، އަޅުގަނޑު މުޅިން ގަބޫލު، އެއްބަސް. ހަމަ އެއްވެސްކަމެއްނުވޭ. ދަތުރުފަތުރު ކުރެވޭކަށެއްނެތް، ހަމަ، ރާޅު އެހާބޮޑު، ހަމަ، ހުރިހާ ޖިންސުއްލަޠީފުން ހޮޑުލާ. ބޯހިޔާކުރެވޭނެ ހަމަ އެއްވެސްގޮތެއް އަޅުގަނޑުމެންނަކަށްނެތް. ގެދޮރު އަޅުގަނޑުމެން މިބުނިގޮތަކަށް ޢިމާރާތް ކުރެވިފައެއްނެތް. ރަށް މިދަނީ ގިރަމުން، ފުވައްމުލަކު ހަލާކުވެސް ވެދާނެ. މަދިރީގެ އުނދަގޫ މިރަށުގައި އެހާބޮޑު. ދަރިންނަށް އެދޭވަރަކަށް ކިޔަވައެއްނުދެވޭ. މާރާމާރީއާއި ވައްކަން މިވަނީ ހައްދުފަހަނަޅައިފައި. އަޅުގަނޑުމެން އުންމީދުކުރި ހަމަ އެއްވެސްކަމެއްނުވި. އެއްވެސްކަމެއްނުވި. ހަމަ، ކަން ހުރިގޮތަށްހުރީ. ހަމައެކަނި ސަރުކާރު ބަދަލުވީ. އަޅުގަނޑުމެންކުރި އުންމީދު ޙަޤީޤަތަކަށެއްނުވި.

އަޅުގަނޑު ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންކުރި އުންމީދު، އަޅުގަނޑުމެން މިކުރާ އުންމީދު ފުރިހަމަ ޙަޤީޤަތަކަށް އިރާދަކުރެއްވިއްޔާ ވާނެއޭ. އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންނަށް މިކަންކަން ފުއްދާދިނުމުގައި އެބަގެންގުޅެންޖެހޭ ތަރުތީބެއް. އަޅުގަނޑުމެންގެ ވަޢުދު ފުއްދުމުގައި، އެ ފުއްދާ ވަޢުދަށްވުރެ އަޅުގަނޑުމެންގެ ނަޒަރުގައި އަދި މުހިންމު. އެ ފުއްދަން އަޅުގަނޑުމެން ބޭނުންކުރާ ތަރުތީބު. މިރާއްޖޭގައި ހެޔޮވެރިކަން އަށަނުގެންނެވިފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދީލަތިކަމުން ކަންތައްކުރާލެއް ގިނަކަމުން. އަޅުގަނޑުމެން އެއްވެސްކަމެއްގައި ތަރުތީބެއް ނުވަތަ ހަމައެއް އުޞޫލެއް ބިނާކޮށްގެން، އެ އުޞޫލު ހިންގީމާ ދެން ރައްޔިތުންގެ ބޭނުންތައް، ރައްޔިތުންގެ އެދުންތައް ފުދިގެންދާނޭ ނިޒާމެއް ތަޢާރަފްކުރާކަށެއް ނުވެއް އުޅެން. އަޅުގަނޑު، އެހެން ރައީސުލްޖުމްހޫރިއްޔާއެއްނަމަ، މިއަދު ވަރަށް ބާރަށް އަޅުގަނޑު ދެންނެވީސް، ހަމަ ތިޔަވިދާޅުވި ހުރިހާކަންތައް އިރާދަކުރެއްވިއްޔާ މާދަން ކޮށްދޭނަމޭ. އަޅުގަނޑުމެން އެކަންކުރަން ނަގާނީ މިހާދުވަހޭ، ހަމަ އެއްވެސްކަމެއްނޫނޭ، އަޅުގަނޑުމެން ކޮށްލަދޭނަމޭ.

ސަރުކާރުން ކަމެއް ކުރަން ނިންމީމާ ނުވަތަ މީހަކު ކަމެއްކުރަން ނިންމާފައި، އެކަމެއް ސަރުކާރުގެތެރެއިންގޮސް ކޮށްނިމޭނެ އުޞޫލެއް އަޅުގަނޑުމެން ޖެހޭނެ ޤާއިމުކުރަން. އަޅުގަނޑު ހިތަށްއެރީމާ އަޅުގަނޑު ރަށްޓެހި، މުލަކު ދެތިންމީހަކާ ހަވާލުކޮށްލައިގެން، އަޅުގަނޑުގެ ދެތިން ޅިޔަނުންނާއި ހައެއްކަ ފަހަރިން އެއްކޮށްލައިގެން، އަޅުގަނޑުގެ ދެތިން ބޭބެއަކަށް ދައުލަތުގެ މިލްކިއްޔާތު ބަހާލައިގެން، އިންތިޚާބުތައް ގާތްވީމާ މިރަށްރަށަށް އައިސް ދަޅަދައްކާލަން ހަތަރު ބޯޑު ޖަހާފައި ދާކަށްނޫން، އަޅުގަނޑުމެން މިއުޅެނީކީ. އަޅުގަނޑުމެން މިއުޅެނީ މިރާއްޖެއަށް ދެހެއްޓެނިވި ތަރައްޤީ ތަޢާރަފްކުރަން. އަޅުގަނޑެއް ނޫޅެން، މާދަމާ ތިޔަބޭފުޅުންގެ އެއަރޕޯޓް ހަދާ ނިންމާދެވޭނެއޭ ދަންނަވާކަށް. އަޅުގަނޑު ބޭނުން ކިތަންމެހާވެސް. އެހެންނަމަވެސް، އަޅުގަނޑަށް އަދި އެނގޭ، ވަރަށްބޮޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އެ އެއަރޕޯޓު ބޭނުންވާ މިންވަރު. އެކަމަކާވެސް އަޅުގަނޑު ޝައްކެއްނުކުރަން. އެހެންނަމަވެސް، އެކަން ހިނގާ އަޞްލު ޙަޤީޤީ ގޮތްނޫން ގޮތެއް، އެ ހިނގާގޮތްނޫން ގޮތެއް، ކަން ވަމުންދާ ސީދާ ޙާލަތު ނޫން ވާހަކައެއް އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ދައްކާކަށެއްނެތިން.

އެއަރޕޯޓުގެ ކަންތައް މިވަގުތު މިއޮތްގޮތަކީ، އެކަން ޙަވާލުކޮށްފައިއޮތް ކުންފުންޏާ އެކަން އެ އޮތީ އެ ޙަވާލުކުރެވިފައިއޮތްގޮތަށް. އެ ކުންފުންޏާއެކު ވަނީ، އެގްރިމެންޓެއް ހެދިފައި. އެކުންފުންޏަށް ވަނީ ރަށެއްދެވިފައި. އެ ކުންފުނި މިހާރު މަސައްކަތްކުރަމުން ގެންދަންވީ. ސަރުކާރުން އިތުރަށް އެކަމުގައި ކުރާނެ، މިވަގުތު އެހެން އެއްވެސްކަމެއްނެތް. ދެން އެ އެއަރޕޯޓުގެ މަސައްކަތް ދިގުދެމިގެންގޮސް ޙަޤީޤަތަކަށް ނުވާނަމަ، އަންނާނެ ވަގުތެއް. ސަރުކާރުން އެ ކޮންޓްރެކްޓް ބާޠިލްކޮށް، މިތަނުގައި އެއަރޕޯޓެއް އެޅޭނެގޮތް ހަދާދޭނެ. އެއީ އަޅުގަނޑުމެން ކުރާނެކަމެއް. އަޅުގަނޑު ނުދަންނަވާނަން، މާދަން އެއަރޕޯޓް އަޅާދޭނަމެކޭ. އަޅުގަނޑު ދަންނަވާނީ، އެބަހުއްޓޭ އެއަރޕޯޓް އެޅެން. އެއީ ވަރަށްފަސޭހަކަމެކޭ. ޙަޤީޤަތުގައި މިރާއްޖޭގެ މުއްސަނދިކަމާއި މިރާއްޖޭގެ ތަނަވަސްކަން އެއީ، އެއަރޕޯޓްއަޅަން ބޭނުންކުރެވިދާނެ މުއްސަނދިކަމެކޭ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު ތ. އަތޮޅު ތިމަރަފުށީގައި އެއަރޕޯޓެއް އެޅުމަށް އޮތީ ސައުތުކޮރެއާ ކުންފުންޏަކާ ޙަވާލުކޮށްފައި. އަދި އެހެންކުންފުންޏަކަށްއޮތީ އެއަރޕޯޓު އެޅުމަށް ހަމަ މިކުންފުންޏަށް ދީފައިއޮތްފަދައިން ރަށެއްދީފައި. ކޮންމެއަކަސް، އެއެގްރިމެންޓް އެއްގޮތަކަށްވެސް އެއްގޮތަކަށްވެސް ހިނގާގޮތެއްވެސްނުވި. އަދި ސަރުކާރާ އެމީހުންނާ މާބޮޑު ގުޅުމެއްވެސް ހިންގޭގޮތެއްނުވި. ސަރުކާރުން ގަސްތުކުރީ، އެ އެގްރީމެންޓް އެހެންގޮތަކަށް ބަދަލުކުރަން ނުވަތަ ބާޠިލްކޮށް، އަލުން އެގްރިމެންޓެއްހަދައި، އެއަރޕޯޓެއް އެޅުމަށް. އިރާދަކުރެއްވިއްޔާ، ތިމަރަފުށީގައި އެއަރޕޯޓުގެ މަސައްކަތް ހިންގާނެ ބައެއް، ސަރުކާރަށް މިހާރުވަނީ ލިބިފައި. ރަށަކާ ހަމަ ގުޅުވައިގެން އެރަށުގެ އެއަރޕޯޓު ހެދޭނެ. އަޅުގަނޑު ދަންނަވާނީ، ހަމަ އެ އުޞޫލުން ފުވައްމުލަކުގައިވެސް އެއަރޕޯޓެއް ހެދުމުގެ ކަންތައްތައް ސަރުކާރަށް ފަހިކޮށްދެވޭނެއޭ. އެހެންވީމާ، އެއަރޕޯޓަކާ އިންތިޚާބަކާ ގުޅުމެއްނެތް. އިންތިޚާބުގެ ކުރިއަކުން އެއަރޕޯޓާގުޅޭގޮތުން އުފާވެރިޚަބަރެއް ދެވޭކަށެއްނެތް. ތެދުޚަބަރު އަޅުގަނޑުގެ ނަޒަރުގައި އެއީ، އުފާވެރި ޚަބަރަކަށް ވާންޖެހޭނެ. އެކަންއޮތްގޮތް.

އަޅުގަނޑު މިރޭ މިތަނަށް އައިސް މިހުރީ، މަޖިލީހުގެ ގޮނޑިތައް ހޯދުމުގެ ނިޔަތެއްގައެއް ނޫން. ދަންނަވަންތޯ މަޖިލީހުގެ ގޮނޑިތައް އަޅުގަނޑަށް ވަރަށް މުހިންމު. ހުރިހާގޮނޑިވެސް، ތިން ގޮނޑިވެސް އަޅުގަނޑުބޭނުން. އެމް.ޑީ.ޕީ.އަށް މަޖިލީހުގެ އަޣްލަބިއްޔަތު ބޭނުން. އަޅުގަނޑު އެވާހަކައަށް އަދި ދާނަން. އެކަންކުރުމަށް އަޅުގަނޑުމެން ދާއިރުގައި ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވައިގެން، ތިޔަބޭފުޅުންނަށް ކަންކަން އޮޅުވާލައިގެން ވާހަކަދައްކައިގެން އެކަންކުރަންއުޅުން އެއީ، މި ސަރުކާރުގެ އުޞޫލެއްނޫން. އަޅުގަނޅުމެންގެ ހަމައެއްނޫން. އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކުގައި މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މި ފުވައްމުލަކުގެ ތަރައްޤީ. މިރަށް ކުރިއަރައި ދިޔުން. އެކަމަށްޓަކައި އަޅުގަނޑުމެން ހިންގާ މަސައްކަތްތައް އަޅުގަނޑުމެން ހިންގާނަން.
ދެންމެ، މި މަގުގެ ވާހަކަ ދެއްކެވިއިރުގައި، މަގުގެ ވާހަކައިގެ ތެރޭގައި، ރިވެޓްމަންޓް ނުވަތަ ގިރާ ސަރަޙައްދު ޙިމާޔަތްކުރުން ހިމެނޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރުތެރޭގައި ކުރަން ފަށާނެ މަސައްކަތެއް. އެމަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.

ބަނދަރުގައި މިހާރު ހިނގަމުންދަނީ، އަޅާފައި ހުރި ބަންދު ކަނޑައިގެންގޮސްގެން އެ ގާތައް ބަނދަރު ހުރަހަށް، ނެރުހުރަހަށް ހިނގާދާނެތީވެ، އެކަން ސަލާމަތްކުރުމުގެ މަސައްކަތް. އެމަސައްކަތް މިހާރު އެވަނީ ފެށިފައި. އެހެންނަމަވެސް، މިހާރު އަދި އިތުރަށް އެމަސައްކަތް، އެތަން ސަލާމަތްކުރުމަށް ކުރަންޖެހޭ. އެމަސައްކަތްދަނީ އަސްލަމް މިނިސްޓްރީން ކުރައްވަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ބަނދަރުގެ ސަލާމަތްކަން ހޯދައިދޭނަން. އަޅުގަނޑުމެން އެ ބަނދަރު ސަލާމަތް ކޮށްދޭނަން. ދެން މިވިދާޅުވާ އަނެއް ފިޔަވަހި، އަނެއް މަރުޙަލާ، އެތަނުން އަދި އިތުރު ގާބަރިއެއްޖެހުން އެއީ، އަޅުގަނޑު އަދި އަޅުގަނޑުމެންގެ އެއްވެސް ޕްލޭނެއްގައި ޖަހާފައިއޮތް ވާހަކައެއްނޫން. އެހެންނަމަވެސް، އަޅުގަނޑަށް އެބަވިސްނޭ، އަޅުގަނޑު ދެން މާލެގޮސްފައި އެއީ، އަޅުގަނޑުމެންގެ ޕްލޭނިންގ ކޮމިޝަނުން ހިންގާ ކަމެއްގެގޮތުގައި އެކޮމިޝަނަށް އަޅުގަނޑު ހުށަހަޅައިގެން އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ކޮށްދޭނަން.

އަޅުގަނޑުމެން ތިޔަބޭފުޅުން އަރިހުގައި އެއިރު، މިދިޔަ ހަމަސްކުރީގައި އެމް.ޑީ.ޕީ.އިން ހުށަހެޅި ސިޔާސަތުތައް އެއީ، އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންނަށް، އެމް.ޑީ.ޕީ އަށް ސަރުކާރު ހިންގުމުގެ ފުރްޞަތެއް ލިބިއްޖެނަމަ، އެ ސަރުކާރެއް ހިނގާނެގޮތުގެ ތަޞައްވުރެއް، އަޅުގަނޑުމެންގެ މެނިފެސްޓޯއެއް، ހަމަ ތިޔަބޭފުޅުންގެ ކުރިމައްޗަށް، ރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް، އެހެން ހުރިހާ ރިޔާސީ ކެންޑިޑޭޓުންވެސް މެނިފެސްޓޯ ހުށަހެޅުއްވި. ރައްޔިތުން ނިންމީ، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި، ހެޔޮގޮތުގައި، ފައިދާހުރިގޮތުގައި ވެރިކަން ކޮށްދޭނެކަމަށް ފެންނަނީ އަޅުގަނޑޭ، އެމް.ޑީ.ޕީ.އޭ. އެހެންވީމާ، މިރޭ، އަދި މިހާރު އަޅުގަނޑު މިހުރީ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވެގެންއައިސް، އެޕާޓީގެ ފަރާތުން ހެޔޮގޮތުގައި، ހަމަހަމަގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެރިކަންކޮށްދިނުމަށް. އަޅުގަނޑުމެންގެ ވެރިކަންކުރުމުގައި އެންމެ ހިނދުކޮޅަކަށްވެސް އެއްރައްޔިތަކާ އަނެއް ރައްޔިތަކާ ދެމެދު އަޅުގަނޑުމެންނަކަށް ތަފާތެއް ނުކުރެވޭނެ. ވަރިހަމަ ކޮންމެ ފިކުރަކަށްވިޔަސް، ކޮންމެ ސިޔާސީ ޕާޓީއެއްގެ ބޭފުޅަކަށްވިޔަސް އަދި ކޮންމެ ޢާއިލާއެއްގެ، ކޮންމެ ރަށެއްގެ ބޭފުޅަކަށްވިޔަސް، މިސަރުކާރަކުން އެ ރައްޔިތަކާގުޅޭގޮތުން ކަންތައްކުރާއިރުގައި ތަފާތުކުރުމެއް ނޯންނާނެ. ނުވެސްގެނެވޭނެ. ގެނައުމުގެ ފިކުރެއްވެސް އަޅުގަނޑުމެން ނުގެންގުޅޭނަން. އެހެންނަމަވެސް، އަޅުގަނޑުމެން ގޮނޑިތައް ބޭނުން.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ގޮނޑިއެއް ހޯދާކަށް އަޅުގަނޑުމެންނެއް ނުޖެހެއޭ، ތަފާތުކުރާކަށް. ގޮޑިހޯދަން އުޅުމަކީ އަޅުގަނޑުގެ ނަޒަރުގައި މިއަދުގެ ސިޔާސީ ޙަޤީޤަތް އަޅުގަނޑަށް ލާޒިމު ކުރާކަމެއް. އެއްނަޒަރަކުން ދެކޭއިރުގައި މިޤާނޫނުއަސާސީ އަޅުގަނޑަށް މަޖުބޫރު ކުރޭ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ދެމެހެއްޓުން. އެނިޒާމު ވަރުގަދަކުރުން. އަޅުގަނޑުނޫން ކާކުތޯ އެމް.ޑީ.ޕީ.ގެ ފަރާތުން ގޮނޑިހޯދަން ދެން ވަކާލާތުކުރަންވީ. އަޅުގަނޑުމެން އެ ގޮނޑި ހޯދާން އުޅުމުގައި، ޤާނޫނާ ޚިލާފު އެއްވެސްކަމެއް ނުކުރާނަން. އަދި އެކަންކުރަން އުޅުމުގައި ތިޔަބޭފުޅުންނަށް ދަޅައެއް ދައްކައި، އޮޅުވާލުމެއް އޮޅުވާލާކަށްވެސް ނޫޅޭނަން. އަޅުގަނޑުގެ ނަޒަރުގައި ތިޔަބޭފުޅުން އެއަށްވުރެ މާވިސްނުން ތޫނު، ހޭލުންތެރިކަންބޮޑު. ސިޔާސީ ވެރިންނަށް ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް ނޭޅުވޭނެ. މާދަމާ އެއަރޕޯޓެއް ހިބައިން ތިމަންނާ ކުންފުނިން ދޭނަމޭ އަދި ބުންޏެއްކަމަކު އެއީ، އެކަންހިނގާނެގޮތް ނޫންކަން ތިޔަބޭފުޅުންނަށް މިހާރު ވަރަށްބޮޑަށް ސާފުވާނެ. އޮޅުވާލައިގެނެއް، ރައްޔިތަކަށް އޮޅުވާލައިގެނެއް ސިޔާސީ ވެރިންނަށް ލިބޭނެ ކާމިޔާބެއް، ލިބޭނެ ފައިދާއެއް ހަމަގައިމުވެސް އޮތްކަމަކަށް އަޅުގަނޑެއް ނުދެކެން.

އަޅުގަނޑުމެންނަކަށް ސިވިލްސަރވިސްގެ މުވައްޒަފުންނަކާވެސް ނުބެހެވޭނެ. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންނާ ފިކުރީގޮތުން މާ އެއް ފަސް ނުވަތަ އެއް ޚިޔާލެއްގެ ބޭފުޅުންނަށް އޭގެތެރެއިން ބައެއްބޭފުޅުން ނުވެދާނެ. އަދި ހަމަ ކަނޑައެޅިގެން އެބޭފުޅުންގެ ވާޖިބުތަކާ ބުރޫއަރާގޮތަށް، ވާޖިބުތައް އަދާނުކުރެވޭގޮތަށް މަސައްކަތްކުރައްވަމުންވެސް ބައެއް ބޭފުޅުން ގެންދަވާފާނެ. އެހެންނަމަވެސް، މިއޮތްހާދުވަހު އަޅުގަނޑުމެން ދައްކަމުންއައި ވާހަކައަކީ، ސަރުކާރު މުވައްޒަފުން އެއީ، ސިޔާސީ ބޭނުންތަކަށް އަޅުގަނޑުމެން ބޭނުންކޮށްގެންވާނެ ބައެއްނޫނޭ. އަޅުގަނޑަށްވެސް އަޅުގަނޑު ބޭނުމިއްޔާ ހަމަ ވަރަށްގިނަމީހުން ކަނޑާ، ގޭގައި ބޭތިއްބިދާނެ. ގޭގައި މަޑުކޮށްލާށޭ އެންގިވެސްދާނެ. އެހެން އެކަން ކުރެވިވެސްދާނެ. އަދި ވަރަށްގިނަ ޤާނޫނީ ޙުއްޖަތު ނުވަތަ ޤާނޫނީ އެކިއެކި މަގުތައް އަޅުގަނޑަށް ހޯދޭނެ. އެކަން އަޅުގަނޑު ކުރާން ބޭނުމިއްޔާ. އެހެންނަމަވެސް އެއީއެއްނޫން، އަޅުގަނޑުމެން ކުރާންނުކުމެ މިތިބިކަމަކީ. އަޅުގަނޑުމެންކުރަން މިއުޅޭކަމަކީ، ހެޔޮވެރިކަމެއް ރާއްޖެގައި އަށަގެންނެވޭތޯ މަސައްކަތްކުރުން.

އަޅުގަނޑަށްވެސް އެނގޭ، ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި އަޅުގަނޑުމެންނާ ޖަދަލުކުރާނެ. އަދި ކުރަންވެސް ޖެހޭނެ. އަދި ތެދުތެދަށް ދަންނަވަންޏާ، އަޅުގަނޑަށް ހަމަ ވަރަށް ރަނގަޅު، އަޅުގަނޑާ ދިމާކުރައްވައި، ތިޔަބޭފުޅުން ފުރައްސާރަވެސް ކުރައްވަންވީ. މަލާމާތްވެސް ކުރައްވަންވީ. ފާޑުވެސް ކިޔުއްވަންވީ. އަޅުގަނޑު ތިޔަބޭފުޅުންދެކެ ރުޅިއަންނާނެ ހަމަ އެއްވެސްގޮތެއް ނުހެއްދެވޭނެ. އަޅުގަނޑެއް ތިޔަބޭފުޅުންނާ އޮތް ގުޅުމެއް އަޅުގަނޑު ދުލެއްނުކޮށްލާނަން. އަޅުގަނޑަށް ތިޔަބޭފުޅުންގެ ރަޙްމަތްތެރިކަމާއި، ހިނިތުންވުމާއި، ހިތްހެޔޮކަން އެއަށްވުރެ މާ މުހިންމު. އަޅުގަނޑެއް ކޮންމެހެނެއް ނޭދޭނަން، ތިޔަބޭފުޅުން، ހުރިހާބޭފުޅުން އެއްސަފަކަށް ބޭންޖައްސަވާފައިގޮސް އަޅުގަނޑު އެދޭހާބަޔަކަށް ވޯޓުދެއްވާށެކޭ. އަޅުގަނޑު ގޮނޑިތައް ބޭނުން. އަޅުގަނޑެއް އެހެންނަމަވެސް މިކަންކަމެއް ނުކުރާނަން. އަޅުގަނޑުމެންނާ ރުހިގެން އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތައް އެއީ، މި ރާއްޖޭގެ ތަރައްޤީއަށް، ތިޔަބޭފުޅުންގެ ކުރިއެރުމަށް ކުރަންޖެހިފައިހުރި ކަންތައްތައް ކަމަށް ގަބޫލުކުރެވިގެން އަޅުގަނޑުމެންނަށް ވޯޓުދެއްވާށޭ.

އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ޚާއްޞަކޮށް، އަޅުގަނޑުމެން އަހަންމިއްޔަތުކަންދޭ މަޝްރޫޢުތައް މިރޭ އަޅުގަނޑުމެން މިގޮތަށް މިތަނުގައި ހާމަ މިކުރީ ވޯޓަށްޓަކާހޭ، ވޯޓު ހޯދަންހެއްޔޭ؟ އެއީ، ތިޔަބޭފުޅުން ފަހުން ދައްކަވާފާނެ ވާހަކައެއް. އަޅުގަނޑު މި ހިތުލަނީ މިރޭ މިހާރު އަޅުގަނޑު އެވާހަކައިގައި ބައިވެރިވާނަމޭ. އަޅުގަނޑު އަދި އިތުރަށް ދަންނަވާން އެބައޮތް އެއްޗެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހާރު އޮންނާނީ މިވާހަކަތައްފަށާފައި. "ޓިވެޓު"ގެ، އެއީ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް މިތާ އަޅުގަނޑުމެން ހަދާނަން. އިރާދަކުރެއްވިއްޔާ މެނޭޖްމެންޓް ސްކޫލްގެ ބައެއް އަޅުގަނޑުމެން މިތަނަށް ގެންނާނަން. އެއީ، މިއަހަރުތެރޭގައި އަޅުގަނޑުމެން މިރަށުގައި ކުރަންފަށާނެ އިތުރު ދެކަންތައް. ކީއްވެހެއްޔޭ މިރޭ އަޅުގަނޑު މިވާހަކަ މިދެއްކީ، ވޯޓަށްހެއްޔޭ؟ ނޫނެކޭ. އަޅުގަނޑުމެން މިވާހަކަ ތިޔަބޭފުޅުން އަރިހުގައި ޙަޤީޤަތުގައި ދެއްކުން މިރެއަށްވުރެ މުހިންމު ރެއެއްވެސް ޙަޤީޤަތުގައި ނެތް. އަޅުގަނޑުމެން ބޭނުން ތިޔަބޭފުޅުންގެރުހުން. މިރާއްޖެ މިދަނީ ވަރަށްބޮޑަށް ބަދަލުވަމުން. މިދިޔަ ދިގު 30 އަހަރު މިރާއްޖޭގެ ވެރިކަމުގައި ތިއްބެވިބޭފުޅުން ބަދަލުވެއްޖެ. އެހެންނަމަވެސް، ވެރިކަންކުރާގޮތާއި ވެރިކަމުގެ ނިޒާމާ އެކަންކަމުގެ ބަދަލުގެ ބިންވެލި، ޤާނޫނީ އޮނިގަނޑެއް އަޅުގަނޑުމެން އެބަ އުފައްދާންޖެހޭ. އެއްވެސް ބަދަލެއް، ހެޔޮބަދަލެއްގެގޮތުގައި ތަރުޖަމާ ވެގެނެއްނުދާނެ، އަޅުގަނޑުމެންނަށް ރަނގަޅު ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އެބަދަލުތައް ނުގެނެވޭކަމަށްވަނީވިއްޔަކާ. އެ އޮނިގަނޑު އުފެއްދުމަށްޓަކައި އަޅުގަނޑުމެން ބޭނުމޭ، ތިޔަބޭފުޅުންގެ ޙިއްސާ. އަޅުގަނޑުމެން ގޮނޑި ބޭނުމޭ.

އަޅުގަނޑު ދެކޭގޮތުގައި އެ މަސައްކަތް ކުރުން އެއީ، އަޅުގަނޑުމެން ކުރަންފަށާފައިވާ މަސައްކަތުގެ ނުނިމިއޮތްބައި. ބައެއްބޭފުޅުން އެބަ ވަކާލާތުކުރައްވާ، ވެރިކަންކުރާ ޕާޓީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުން އެއީ، ޑިމޮކްރެސީގެ ރޫޙާ ޚިލާފުކަމެކޭ. އަޅުގަނޑު ނުދެކެމޭ އިނގޭތޯ، ޑިމޮކްރަސީއެއް ހިނގާ ޤައުމެއްގައި ވެރިކަންކުރާ ޕާޓީގައި މަޖިލިސްގެ އަޣްލަބިއްޔަތުނެތް. ޖަޕާނުގައި ދުވަސްކޮޅަކު އޮތް. އެހެންނޫނީ ނެތް. ވެރިކަންކުރާ ޕާޓީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ނެތީސް އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެންނަކަށެއް ނުފުއްދޭނެ. އަޅުގަނޑެއް ގަބޫލެއްނުކުރަން، އެހެން ޕާޓީއަކުން އެމް.ޑީ.ޕީ ވަޢުދު ފުއްދަން އުޅޭނެ ކަމަކަށް. އަޅުގަނޑުމެންގެ ވަޢުދު ފުއްދަން އެނގޭނީ އަޅުގަނޑުމެންނަށް. އެއީ، އަޅުގަނޑުމެން ވިސްނާފައި، އަޅުގަނޑުމެން ފިކުރުކޮށްފައި، އަޅުގަނޑުމެން ހިސާބުޖަހާފައި، އަޅުގަނޑުމެން ވެފައިހުރި ވަޢުދުތަކެއް. އޭގެ ޒިންމާ އުފުލާނީވެސް އަޅުގަނޑުމެން. އަޅުގަނޑަކަށެއް ނުވިސްނޭ، މަޖިލިސް ބައިވީމާ، ވަކިއަތަކަށް އަޣްލަބިއްޔަތު ނުލިބުނިމާ، މިވަގުތު މިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނެގޮތެއް. މިވަގުތު އަޅުގަނޑުމެން މި ބޮޑުބަދަލު ގެންނަ އިރުގައި، ތިޔަބޭފުޅުން އިތުބާރުކުރެވޭ އެއްބަޔަކަށް އަޣްލަބިއްޔަތެއް ދެއްވައިގެން، އެބައިމީހުންލައްވައި، ޤާނޫނީ އޮނިގަނޑެއް އުފެއްދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. މި ޤާނޫނުއަސާސީ ހިންގުމަށްޓަކައި، ފަސްދޮޅަސް އެތައް ޤާނޫނެއް ބޭނުންވޭ. އެ ހުރިހާ ޤާނޫނެއް ބާލީސްދޮށަށްލައިގެން ތިއްބެވި ބޭފުޅުން މިއަދު އަނެއްކާ އަލުން އަނބުރާ އެ ވިދާޅުވަނީ، އަޅުގަނޑުމެން އަނެއްކާވެސް ގޮނޑީގައި ތިބެން ބޭނުމޭ.
ޢާންމު އިންތިޚާބާބެހޭ ޤާނޫނު ނުހެދުނީމާ، ޤާނޫނުއަސާސީގައި އޮތް މިންގަނޑަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ނުބޭއްވުނު. ޖިނާޢީ އިޖްރާތުގެ ބިލް، ޤާނޫނު، ޤާނޫނުލްޢުޤޫބާތު، މަޢްލޫމާތު ދިނުމާއި މަޢްލޫމާތު ހޯދުމުގެ ޤާނޫނު. 64 ޤާނޫނު އެބައޮތް، މި ޤާނޫނުއަސާސީ ތަންފީޒުކުރުމަށް ކޮންމެހެން ބޭނުންވާ. އޭގެއިން އެންމެ ޤާނޫނެއްވެސް އެބޭފުޅުން ހެއްދެވީކީއެއް ނޫން. އަދި އެންމެ ޤާނޫނެއްވެސް މަޖިލީހަށް ހުށަހެޅުއްވީކީއެއްވެސް ނޫން. މިއަދާހަމައަށް މިހާރުވެސް މި ސަރުކާރުންވާނީ އެޤާނޫނުތަކުގެ ތެރެއިން، މިހާރުން މިހާރަށް ކޮންމެހެން ހުށަހަޅަންޖެހޭ ޤާނޫނުތައް އަޅުގަނޑުމެން ހުށަހަޅާފައި. އަޅުގަނޑުމެންނަށް ކުރަންއޮތް ޤާނޫނީ މަސައްކަތް ވަރަށްބޮޑު. އެކަންކޮށްދޭނީ އިޚްލާޞްތެރިކަމާއެކު ކޮންބައެއްހެއްޔޭ؟ އަމިއްލަ ކެންޑިޑޭޓެކޭ ކިޔާ ވިދާޅުވެ ނުކުމެއްޖިއްޔާ، ހަމަ އަޅުގަނޑު އެކަމާ އަންތަރީސްވާނެ. ކިހިނެއްތޯ ފުވައްމުލަކުގެކަމެއް ނިންމެނީ، ތުރާކުނުގެ ވޯޓުނުލާ. 78 މެންބަރުން ތިބޭ ތަނެއްގައި. އަމިއްލަ ކެންޑިޑޭޓެއްގެ ބޭނުމަކީ ކޮބައިތޯ؟ ބާރެއް، ޔާރެއް، ގުޅުމެއް ނެތް. އަޅުގަނޑު އިނީމޭ އަމިއްލަ ކެންޑިޑޭޓެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މާލޭ މެންބަރެއްގެ ގޮތުގައި. ހަމަ އެއްކަމެއްވެސް ނުވި. 2005 ވަނައަހަރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 19 މެންބަރުން އެއްކޮށްފައި މީއީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއޭ، އެހެން ބުނި ދުވަހު މިވެރިކަން ބަދަލުވީ، ޙަޤީޤަތުގައި. ހުރިހާ މެންބަރުން ގުޅުނީތީވެ. ޕާޓީގެ ނިޒާމު ނުކުތީތީވެ. ދެން އަނެއްކާ މިއަދު އެއާ އިދިކޮޅަށް އަޅުގަނޑުމެން ވަކާލާތުކުރަން އުޅުން އެއީ، އަޅުގަނޑު ދަންނަވާނީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ދެކެވޭ ވާހަކައެކޭ. ޕާޓީގެނިޒާމު ރަނގަޅަށް ގަބޫލުކުރެވި، ޕާޓީއެއް ބިނާކުރަންއުޅޭބަޔަކަށްނޫނިއްޔާ، އަޅުގަނޑު ތިޔަބޭފުޅުންނަކަށް އިލްތިމާސެއް ނުކުރާނަން، އިތުބާރުކުރުމަކަށެއް. މިވަގުތު ކުރަންހުރި ކަންތައްތައް ކުރެވޭނެކަމަށް ގަބޫލުފުޅު ނުކުރައްވާތި. އެހެންބައެއްގެ އަތްމައްޗަށް ރައްޔިތުންގެ މަޖިލީހުގެ ލަގަން ތިޔަބޭފުޅުން ދޫކޮށްނުލައްވާތި.
އަޅުގަނޑު އެބަ ހަމަ އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ވިސްނޭ، މިތަނުގައި ޢަބްދުﷲ ރަޝީދު ފާހަގަކުރެއްވި ވަރަށްގިނަ ކަންތައްތައް. ޚާއްޞަކޮށް، ބޮޑުކަންނެލީގެ މަސްވެރިކަން މިރަށުގައި އާލާކުރެވޭނެގޮތެއް ހޯދުން. ޑޮކްޓަރ ޑީ.ޑީ އާއި ޑޮކްޓަރ ޙުސައިން ރަޝީދު ގުޅިވަޑައިގަންނަވައިގެން، އެކަމުގެ ބެލުންތަކެއް، ތަޙްލީލުތަކެއް ކުރައްވަމުން ގެންދަވަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ނަޒަރުގައި، ސަރުކާރުގެ ނަޒަރުގައި އެކަންކުރަން އެންމެ ރަނގަޅުގޮތަކީ މިއިއްޔޭ ބުނެ، މިރަށުގެ މަސްވެރިންނަށް އެ ތަޞައްވަރު އަޅުގަނޑުމެން ދާދި އަވަހަށް ހުށަހަޅައިދޭނަން. ތިޔަބޭފުޅުންގެ މަޝްވަރާއާއެކީގައި އަޅުގަނޑުމެން އެކަންކުރަން ފަށާނަން. އަޅުގަނޑުމެންނަށް އެންމެބޮޑަށް އެކަމަށް ބޭނުންވާ ކަމެއްގެގޮތުގައި ދެކެވެނީ އައްޑޫ ގަން އެއަރޕޯޓު، އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ހަމަޖެހި، ގަމުން ސީދާ ޖަޕާނަށްވެސް، ސީދާ އެހެންތަންތަނަށްވެސް އެ މަސް ބޭރުކުރެވޭނެ، މާލެއެކޭ އެއްފަދައިން، ބޭރުކުރެވޭނެގޮތް ހަމަޖެހުން. އެކަމަށްޓަކައި ގަން އެއަރޕޯޓު، ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނި. އަދި ހަމައެއާއެކީގައި މިތަނުގެ މަސްމާރުކޭޓާއި އަދި މިތަނުގައި އައިސް ލިބޭނެގޮތާއި އަދި މިތަނުގައި މަސް ބަންދު ކުރެވޭނެގޮތްތަކެއް ތަޢާރަފްކުރުން އެއީ، އަޅުގަނޑުމެން ކުރަމުންދާ މަސައްކަތެއް.

އަޅުގަނޑު ކައިރީގައި ނާއްސަވާތި، ކޮންއިރަކުންތޯ އެކަންވާނީ. އަޅުގަނޑު ކައިރީގައި އައްސަވާ، ކިހިނެއްތޯ އެކަންކުރުމަށް ތިމަންނާއަށް ބާރުއެޅެންއޮތީ. އެކަންވުމަށް، އެއީ ޙަޤީޤަތަކަށް ހެދުމަށް ތިމަންނާއަށް ޙިއްޞާވެވޭނީ ކިހިނެއްތޯ؟ އަޅުގަނޑު ފަސޭހަކޮށްލާފައި ދަންނަވާފާނަމޭ. ގޮނޑި ދެއްވައިގެންނޭ. ތިޔަބޭފުޅުންނަށް މިމަސައްކަތްތަކުގައި ވަރަށްބޮޑަށް ބައިވެރިވެވަޑައިގެންނެވިދާނެ. ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ އެއްވެސް މަސައްކަތެއް އަޅުގަނޑުމެންނެއް ނުހިންގަން، މަޝްވަރާކުރުމުގެ މަރުޙަލާއެއް އޭގައި ނުހިމެނޭގޮތަކަށް.

އެހެންވީމާ، އެމަސައްކަތް ބަންޓަން ކުރުމުގައާއި، އެމަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ތިޔަބޭފުޅުންގެ ޙިއްޞާ ނުވެއެއް އަޅުގަނޑުމެންނެއް ބޭނުމެއްނޫން ކުރިއަށްދާކަށް. އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން ރަށު ކައުންސިލުގެ އިންތިޚާބު. އަތޮޅު ކައުންސިލުގެ އިންތިޚާބު. ހަނދުމަފުޅު ބަހައްޓަވާތި، ލާމަރްކަޒީ އުޞޫލުން ހިންގުމުން، އަތޮޅުގެ ސިފައާއި، އަތޮޅެއް ގެއްލިއެއް ނުދާނެ. އެއީ، ދިވެހި ޤައުމިއްޔަތާއި އަދި ޚާއްޞަކޮށް ބައެއް އަތޮޅުތައް، މި މުލަށް. ދިވެހިން، ދިވެހިރާއްޖެ ސިފަވަނީ މިއަތޮޅުތައް އެއީ، އަތޮޅުތައްގޮތުގައި ފާހަގަވެގެން. އަޅުގަނޑުމެންނެއް ނޫޅެން އެނޫންގޮތަކަށް އެކަން ހިންގާކަށް. ތިޔަބޭފުޅުންނަށް އަތޮޅެއްގެގޮތުގައި ލިބެންޖެހޭ އެއްވެސްކަމެއް އުނިވެގެނެއްނުދާނެ. ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، ހިންގުމުގެ ބިލް ޤާނޫނަކަށް ވެގެންއަންނައިރު، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަދި މިހާރުވެސް ތިޔަބޭފުޅުންނަށް އެ ބިލުގައި އެއޮތްއެއްޗެއް އަޅުގަނޑު ހިތުން މަޖިލިސް އަޑުއައްސަވާ ބޭފުޅުންނަށް ވަރަށްބޮޑަށް ސާފުވާނެ. އެބިލުގައި އެއޮތީ، އެ ޤާނޫނަކަށްވެގެންދާއިރުގައި އަތޮޅުގެ ސިފަ ގެއްލޭގޮތަކަށެއްނޫން. އަޅުގަނޑުމެން ހަމައެކަނި މިދައްކާ ވާހަކައަކީ، މާލޭގައި ލިބެންހުރި ޚިދްމަތްތައް 7 ސަރަޙައްދެއްގައި ބެހެއްޓިދާނެއޭ. އަތޮޅެއްގައި ލިބެންހުރި ޚިދްމަތްތައް އެ އަތޮޅުން އުފުރާގެންގޮސް އެހެންތަނަކަށް ލައި، އެބާވަތުގެކަމެއް ކުރާވާހަކައެއް އަޅުގަނޑުމެންނެއް ނުދައްކަން. އަޅުގަނޑުމެން މިދައްކަނީ މާލޭގައި ލިބެންހުރި ޚިދްމަތްތައް، 7 ސަރަޙައްދެއްގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަތުރާނަމޭ. އެ އަތުރާލުމުގެ ތެރޭގައި، މުލަކުގައި ހަރުލާނެ ކަންތައްތައް ބައިވަރު. އަޅުގަނޑުމެންނަށް އެކަންކަން ދޫކޮށް، މިތަން ފަހަނަޅައެއްނުދާނަން.

އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުވަމުން އަންނައިރުގައި، މިރަށަށް، މިއަތޮޅަށް، އޮތީ ކޮންކަމެއްތޯ ވިސްނާއިރުގައި ވަރަށް މުހިންމުކަމެއް އެބައޮތް. މިހުރިހާކަމަކަށްވުރެ އަޅުގަނޑުގެ ނަޒަރުގައި އަދި މާ މުހިންމު އެއްކަމެއް. މިތަނުގެ އާސާރީ ބިނާތައް ރައްކާތެރިކުރުން. މިތަން ރައްކާތެރިކުރުމަކީ އެއީ. މިތަނުގެ ތާރީޚު ރައްކާތެރިކުރުން. މިތަނުގެ ޢިލްމީ މަދަރުސާތަކާއި، މިތަނުގެ ހުންނަ ދިރާސާކުރުމާއި، މިތަނުގެ ހުންނަ މަޢްލޫމާތު ލިބިގަތުމާއި ޢިލްމު ހޯދުމުގެ ސަޤާފަތާއި ގޮތް އާލާކުރުން. މިތަނުގެ ދަރިވަރުންނަކީ، މިތަނުގެ ސްކޫލްތަކުން ވަކިވާ ކުދިންނަކީ، 60 ޕަސެންޓް ކުދިންނަކީ، ފާސްވާ ކުދިންގެ ގޮތުގައި، "ސީ" ފާހަށްވުރެ މަތިން ފާސްވާ ކުދިންގެގޮތުގައިވުން. އެއީ، އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑުމެންގެ އަމާޒެއް، މިތާނގައި މަތީ ތަޢްލީމުދޭންފެށުން. އަޅުގަނޑުމެންގެ އަމާޒެއް މި ފުވައްމުލަކަކީ ހަމަ ޒަމާނުއްސުރެ ފަށައިގެންވެސް ރާއްޖޭގައިއޮތް އާދަޔާޚިލާފު ވަކިރަށެއްގެގޮތުގައި އޮވެ، ތަރައްޤީވަމުންއަންނަ ރަށެއް. އެ ފިޠުރަތީގޮތުގައި ނޫނިއްޔާ މިރަށުގެތަރައްޤީއާ އަޅުގަނޑުމެން ނުބެހުން. އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒަކީ ތަރައްޤީ ކުރެވެނޭ ވަސީލަތްތައް ފަހިކޮށްދިނުން. އެއީ، މި ސަރުކާރުގެ އެންމެބޮޑު އަމާޒަކީ.

އަޅުގަނޑުމެން ނަރުދަމާ އަޅާދޭނަން. އަޅުގަނޑުމެން ފެން ތިޔަބޭފުޅުންނަށް ދޭނަން. އަޅުގަނޑުމެން މަގުތައް ހަދައިދޭނަން. އެއީ، ކޮންމެ ސަރުކާރަކަށްވެސް ވާނެކަމެއް. ކޮންމެބަޔަކަށްވެސް ޙަޤީޤަތުގައި އެކަން ކޮށްލެވިދާނެ. މިއަދު އަޅުގަނޑަށް އަދި އިއްޔެއަށްވުރެ މާބޮޑަށް ޔަޤީން އެއީކީ އެއްވެސްކަމެއްނޫންކަން. އަދި ބޮޑު އަދަދުތައް ކިޔާފައި، ބޮޑު ގިނަ ޑޮލަރޭ ވިދާޅުވެފައި، ބަޖެޓޭ ކިޔުއްވާ ވާހަކަދެއްކެވިޔަސް ޙަޤީޤަތުގައި އެއީ މިރާއްޖޭގެ ޤުދްރަތީ ވަސީލަތްތައް ބޭނުންކޮށްގެން އެއްގޮތަކަށްވެސް ނުކުރެވޭނެކަމެއްނޫން. 10,000 ގެ އަޅާދިނުމަށް 17 މީހުން ކިޔޫ ހަދައިފި, 40,000 އަކަފޫޓުގެ 1,000 ބިން ދޭނަމޭ ބުނީމާ.

އަޅުގަނޑުމެން ހީކުރީ މިރަށު، މިރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް އެއީ، ވައްލަބިސްއަޅަން އެކަނި ރަނގަޅު ގޮނޑުދޮށްތަކެއްކަމަށް. އެކަމަކު މާފަހުން މިއެނގެނީ އެއީ، ރަންބިސް އަޅާ ކުކުޅުކަން. ފަސޭހައިން އަޅުގަނޑަށް ޔަޤީން އެކަންކަން ކުރެވޭނެ. ނަރުދަމާވެސް، ކުޅިވެސް، އެއަރޕޯޓުވެސް. އެހެންނަމަވެސް، ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކުރުން، އަޅުގަނޑު ބޭނުންވީމާ ސިވިލްސަރވިސްގައި ހުންނަވާ ބޭފުޅެއް، ވަޒީފާއިން ނަގާ ވަކިކޮށްއެއްލާލުން. އެބާރު އަޅުގަނޑުއަތުގައި އޮތްކަމަށް ރާއްޖެގެ ވެރިން ނުދެކޭނެގޮތެއް، ނުދެކެވޭނެ ނިޒާމެއް ހޯދުން. އަދި އެހެންހުރިހާ ބޭފުޅުންނަށްވެސް އެއީކަން، ހެޔޮވެރިކަން ހިންގުމަކީ، އެ އުޞޫލުންކަން ކަންކަންދާންވީ، ގަބޫލުކުރެވޭނޭ ހަމަތަކެއް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފްކުރުން. އަޅުގަނޑުމެންނަށް އެނގޭ، ހަމަ އަޅުގަނޑުމެންނާ ވަރަށް ނުރުހޭ ސިވިލްސަރވިސްގެ ބައެއް ބޭފުޅުން ތިއްބަވާ. އަދި ޚާއްޞަކޮށް މިރަށުގެ ވަރަށްގިނަ ރައްޔިތުންނަކީ، އަޅުގަނޑުމެންނާ ވަރަށް ރުހޭބައެއް. އަޅުގަނޑު ހަމަ ވަރަށް އުފާވޭ، އަޅުގަނޑު ހިތުގެއަޑީން ގަބޫލުކުރަން. ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަދެއްވާ ތަރުޙީބާ އަދި އަދާކުރައްވާހާ މެހްމާންދާރީއާ. ބައެއްފަހަރަށް ހަމަ އަޅުގަނޑު ހިތުގެ އަޑީން ގަބޫލުކުރަން، އަޅުގަނޑުދެކެ ތިޔަވާ ލޯބި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ގަބޫލުކުރަން. އެހެންނަމަވެސް، އަޅުގަނޑުމެންނާ ރުޅި، ނުވަތަ ނުރުހޭ، ޒަމާނުއްސުރެ ފަށައިގެން ވެރިކަން ހިންގަމުންއައި ވެރީންގެތެރޭގައި ވެދާނެ، އެހެންއޮތްކަމަށް، އަޅުގަނޑުމެންގެ ވަރަށްގިނަ ޢާންމު ރައްޔިތުންނަށް ހީވެދާނެ، އަދި ގަބޫލުވެސް ކުރެވިދާނެ. އެއީ ތެދަކަށްވެސް ވެދާނެ. އެހެންވެގެންދާއިރުގައި، ވަރަށް އުނދަގޫވޭ ހަމަގެންނަން.

މާލޭގައި އަޅުގަނޑާ ދިމާވެފައިވާ އެންމެބޮޑު އެއް އުނދަގުލަކީ މިދެންނެވީ. ވަރަށްގިނަބަޔަކު ބޭނުންވަނީ، ކުރީވެރިކަމުގެ ބައެއް އިސްވެރިންނާމެދު ފިޔަވަޅުއަޅަން. އަޅުގަނޑު މިޖުމްލައިގެ އަނެއްބައި ގެންނާނެގޮތެއްވެސް ދެނެއްނެތް ފެންނާކަށް. އަޅުގަނޑުގެ އުނދަގޫ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެބޭފުޅުންގެ އިޙްސާސްތައް، އެހެން އެ ހުންނަނީވެސް ހަމައެކަނި މާޒީގައި ގޮސްފައި، ކުރައްވާފައިވާ ކަންތައްތަކުގެ ސަބަބަކުންނެއް ނޫން. މިހާރުވެސް ނުތަކައިގެން އުޅުއްވާތީ. ހަމަ އެގޮތަށް ބައެއް ރަށްރަށުގެ ވެރިންވެސް އަދި މިދިޔަ ދިގު ދުވަހު ކުރެއްވިފައިހުރި ކަންތައްތައް އެކަނި ފުދުނިއްޔަކީއެއް ނޫން. އަޅުގަނޑުމެންނާ ރުހޭ ބައެއްމީހުންގެ ނަޒަރުގައި ވެރިކަން ބަދަލުވީމާވެސް އަދިވެސް ތަކާވަރެއްނުވޭ. އެ ޙާލަތުގައި އަޅުގަނޑަށް އުނދަގޫ. އަޅުގަނޑަށް އެހެންނަމަވެސް އެނގޭ، އަޅުގަނޑު ކުރަންނުކުމެ މިހުރީކީ ފަސޭހަކަމެއްނޫންކަން. އަދި މީގެކުރީގައިވެސް އަޅުގަނޑު ކޮށްފައިހުރީކީވެސް، އަޅުގަނޑު ކުރަން އުޅެފައި ހުރީކީވެސް، ފަސޭހަ ކަންކަމެއް ނޫން. މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިކަންކަމުގައި ކާމިޔަބުދެއްވަނީ. އެއީ ތަޤްދީރު ކުރެހި ޕްލޭން. އަޅުގަނޑުމެން އެކަކުވެސް ޙަޤީޤަތުގައި ކުރާނެކަމެއްނޫން.

އަޅުގަނޑުމެންނަށް އޮމާންގޮތުގައި މިކަންގެންދެވޭނީ، ހުރިހާ ބޭފުޅުންވެސް ދުރުވިސްނުމާ، ބޮޑުމަންޒަރާ ބައްލަވައިގެން. މިއަދު މިވެނިކަމެއްކުރަން ބޭނުންވީމާ ޙަޤީގަތުގައި ކުރަން މިޖެހެނީކީއެއް އެކަމެއްނޫން. އަޅުގަނޑު ވަކިކަމެއް މިއަދު ކުރަން ބޭނުންވީމާ ޙަޤީޤަތުގައި ކުރަން މިޖެހެނީކީއެއް އެކަންތަކެއްނޫން. އެހެންކަމެއް ކޮށްގެންއައިސް އެއްކަލަ ކަންތައް ކުރެވޭގޮތެއް ހޯދަން މިޖެހެނީ. ވެރިކަންކުރާނެ ނިޒާމެއް އަޅުގަނޑުމެން ހޯދަން ޖެހެނީ. ރަނގަޅުގޮތްގޮތް ހެދޭނޭ ގޮތެއް އަޅުގަނޑުމެން ހޯދަންޖެހެނީ. އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ އެއީ.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރީގައިވެސް ދަންނަވާނީ، އަޅުގަނޑުމެން ގޮނޑިތައް ވަރަށް ބޭނުމޭ. އަދި އަޅުގަނޑަށްވުރެ ވަކި ޙައްޤުމީހަކު ނެތޭ، އެވާހަކަދައްކާކަށް. މީގެކުރީގައި އަޅުގަނޑުމެން އެކަމާ އިންކާރުކޮށް، އަޑުއުފުލާހެދީ ސަބަބެއްނެތިއެއްނޫނޭ. މީގެކުރީގައި އުފެދިފައިއޮތް ސަރުކާރު އުފެދިފައިއޮތީ، ގިނަ ޕާޓީ ވާދަކުރާ ސިޔާސީ އިންތިޚާބެއް ކާމިޔާބުކޮށްގެންނެއްނޫން. އެހެންވީމާ، ވަކިޕާޓީއެއްގެގޮތުގައި ނުކުންނަވާ، ސަރުކާރު ހިންގުން އެއީ، އޭރުގައި ޤާނޫނީ އެއްވެސް ހަމައެއް، އުޞޫލެއް އޮތްކަމެއްނޫން. މިއަދު ޤާނޫނުއަސާސީ ބިނާކޮށްފައި މިއޮތީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް.
އަޅުގަނޑު ހިތަށްއަރަނީ، އެމެރިކާގެ ރައީސް، ނުވަތަ ފަރަންސޭސި ރައީސް ނުވަތަ އިނގިރޭސި ބޮޑުވަޒީރު ގާތުގައި، ކަލޭ ތިޔައުޅެނީ ގޮނޑި ހޯދަންހޭ، މީހަކު އަހައިފިއްޔާ އޭނާ ވަރަށް ހިނިއަންނާނެ. އޭނާގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ ގޮނޑިހޯދުމަށް. އޭނާ އަބަދުވެސް ކުރާކަމަކީ ގޮޑި ހޯދުމުގެ މަސައްކަތް. ޤައުމެއް ތަރައްޤީކުރުމަކީ ރައްޔިތުންގެ ރުހުން ހޯދުން. ރައްޔިތުން ބޭނުންވާކަންކަންކުރުން. ގޮނޑި ގުޅިފައި އޮންނަނީ އެކަންކަމާކަމަށްވަނީވިއްޔާ، އަޅުގަނޑުމެންގެ އަބަދުވެސް މަސައްކަތަކީ ގޮނޑި ހޯދުން. އަދި މިދަންނަވާ އުޞޫލުން ނޫން، މިދަންނަވާ ފަލްސަފާގައި ނޫންކަމުގައިވިޔަސްވެސް، ސިޔާސީވެރިން އެނޫންކަމެއްކުރާކަށް ޙަޤީޤަތުގައި، އިންތިޚާބެއް ގާތްވެގެންދާއިރުގައި އުޅޭނެކަމަށް ދެން ދެކިގެން އުޅޭނެކަމެއްނެތް. އެއީ، އެކަން ހިނގާގޮތެއްނޫން. އަޅުގަނޑު މިދަންނަވަނީ ވަރަށްތެދަށް. އަޅުގަނޑު އެއްވެސްއިރެއްގައި ތިޔަބޭފުޅުންނަށް އޮޅުވާލާފައެއް ނުވާނެ. އަޅުގަނޑުގެ ހިތުގެ އަޑިން އަޅުގަނޑަށް މިކަންކަމަށް ފެންނަގޮތް އަލިފުން ޔާޔަށް އަޅުގަނޑު މިކިޔާދެނީ. އަޅުގަނޑޭ ކިޔައިގެން ކިތަންމެވާހަކައެއްވެސް ބޭފުޅުން، މީހުން ދައްކަފާނެ. އެއީކީވެސް އަޅުގަނޑުގެ މާބޮޑު މައްސަލައެއްނޫން.

އަޅުގަނޑުމެން މިބޭނުންވާ ހެޔޮވެރިކަމުގެ ނިޒާމު މިރާއްޖެއަށް އިރާދަކުރެއްވިއްޔާ ގެނެވޭނެ. ގެނައުމަށްޓަކައި ޤާނޫނީ ޙިއްސާ ހޯދުމަށްޓަކައި މިރަށުން އެނުކުންނަ އަޅުގަނޑުމެންގެ ފަރާތުން، އެއީ މިދަންނަވަނީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، މި ސަރުކާރުގެ ސަރުކާރު ހިންގާ ޕާޓީގެފަރާތުން އެ ނުކުންނަވާ ތިން ކެންޑިޑޭޓުންނަކީ އެކަމަށް ވަރަށް ޤާބިލް ތިން ބޭފުޅުން. ވަރަށްޤާބިލް ތިންބޭފުޅުން. ޚާއްޞަކޮށް ސަޢީދު. އެންމެފުރަތަމަ ދުވަހުއްސުރެ ފެށިގެން، އަޅުގަނޑު ކޮޅުނބުގައި ހުންނައިރުގައިވެސް ކޮންމެވެސްގޮތަކަށް ވަގުވަގަށް އަޅުގަނޑު ހޯއްދަވައިގެން ސަޢީދު ދުރުވާނެ. ބައެއްފަހަރަށް ސަޢީދަށް ހީފުޅުވެލައްވާހެން ހީވަނީ، އެތާހުއްޓާވެސް އާދަމް ޒާހިރު އޭނާ ބަލާއަތުވެދާނެއޭ. ހަމަ ވަރަށް ޒަމާނުއްސުރެ ފަށައިގެން، އަޅުގަނޑުމެންގެ މިމަސައްކަތަށް، ހަމަގައިމުވެސް އަޅުގަނޑުގެ މަސައްކަތަށް ވަރަށްބޮޑު އެހީތެރިކަމެއް، އެއީ އަޅުގަނޑަށް ގޮވާލާކަން، އަޅުގަނޑާ ވާހަކަދައްކަވާ އުޅުއްވާކަން. އަޅުގަނޑާ ބައްދަލުކޮށްލައްވަން ދުރުވާކަން. އަޅުގަނޑު ނުދަންނަވަން މާ ބައިވަރު އެއްޗެހިތަކެއް އަޅުގަނޑަށް ދެއްވައޭ. އަދި އަޅުގަނޑުވެސް ދުވަހަކުވެސް ބައެއްފަހަރަށް ސައިތަށްޓެއް ދެވިފައި ހުރެދާނެ. އެހެންނަމަވެސް. ނުހުންނާނެ.

އަޅުގަނޑަށް ފެނުނު ފެނުމުގައި މި އަމާނާތް، މިއަމާނާތަށް ޚިޔާނާތްތެރިނުވެ، އަމާނާތްތެރިކަމާއެކީގައި އަޅުގަނޑުމެންނަށް ރައްކާތެރިކޮށްދީގެން، ޤާނޫނީ ޙިއްސާއެއް ބިނާކޮށްގެން، ޤާނޫނީ އޮނިގަނޑެއް ގާއިމުކޮށްގެން، މިރާއްޖޭގައި ދެމެހެއްޓެނިވި ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް އަޅުގަނޑުމެންނަށް، އިސްޓޯވެސް އަދި ވަޖީހުވެސް، ތިންބޭފުޅުންނަކީވެސް މި އަޅުގަނޑުމެން މިމަސައްކަތް ހަމަ ފެށުނީއްސުރެން ފަށައިގެން މިކަމުގައި ވަރަށް ސާބިތުކަންމަތީގައި މަސައްކަތްކުރައްވަމުން އައި ތިން ބޭފުޅުން. އަޅުގަނޑު އެބޭފުޅުންނަށް މިރޭ ޝުކުރުދަންނަވަން ބޭނުން. އަޅުގަނޑަށް އަޅުގަނޑު މެންނަށް މިސަރުކާރުން އެކުލަވާލެވިފައި މިއޮތީ އެބޭފުޅުންގެ މަސައްކަތުން. އަޅުގަނޑަށް އެނގޭ، ފުވައްއްމުލަކު ހުރިހާ ރައްޔިތުންގެވެސް މަސައްކަތުންކަން. އެހެންނަމަވެސް، އެބޭފުޅުންގެ ޙިއްސާ މިކަމުގައި ވަރަށްބޮޑު. އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު ދަންނަވަން ބޭނުން.
އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު ދަންނަވަން. ވަރަށްބޮޑަށް ޝުކުރިއްޔާ!

އަޅުގަނޑަށް ހީވަނީ، މާ ދަންވެދަނީހެން، އަޅުގަނޑު ދައްކަމުންދާ ވާހަކަތައް މާދިގުލާ މިދަނީހެން. އަޅުގަނޑު އެދެނީ، މާދަމައަކީ މިއަދަށްވުރެ އަދި މާ ފާގަތި އުފާވެރި ދުވަހަކަށްވުމަށް. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ މަންޒަރު ޙަޤީޤަތަކަށްވެގެންދިޔުން.

ވަރަށްބޮޑަށް ޝުކުރިއްޔާ!

واَلحَمْـدُ لِلّـهِ، والسّـلام عليـكم.