بســم اللّـه الرّحمـن الرّحيــم

ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން

السّـلام عليـكم

މިއަދަކީ އަޅުގަނޑުވެސް ވަރަށް އުފާވާ ދުވަހެއް. އަޅުގަނޑު އިތުރަށް ވާހަކަ ދެއްކުމުގެ ކުރީގައި، މި މަސައްކަތް ޙަޤީޤަތަކަށް ހަދައިދިނުމުގައި އެހީތެރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މަރިޔަމް ނޫރައްދީނަށް. މަރީ މިކަމުގައި ޢަމަލީގޮތުން ވަރަށްބޮޑަށް މަސައްކަތް ކޮށްދެއްވާފައިވަނީ. އަދި ޑޮކްޓަރ މަނިކު، އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެހާ ބޭފުޅުންނާއި، އަދި ޔޫތު މިނިސްޓްރީގެ އެންމެހާ ބޭފުޅުންނާއި، އަދި ހަމަ އޭގެއިތުރުން މުލީއާގޭ ސްޓާފުންނާ.

އަޅުގަނޑުމެން ވަރަށް ކުރީގައި ދެނެގަތިން. އަދި އަޅުގަނޑުމެންނަށް ފާހަގަވި. ކުރީގެ ރިޔާސީ ގަނޑުވަރުގެ އެކިއެކި އިންސްޓިޓިއުޝަންތައް ނުވަތަ އެކިއެކި ޑިޕާޓްމަންޓްތައް އެއަށްވުރެ ރަނގަޅަށް ފައިދާހުރި ގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކެއް ހޯދިދާނެކަން. އަޅުގަނޑުމެން މިއަދު މިހުޅުވާލަނީ ލޯންޗް ސެކްޝަން. ލޯންޗް ސެކްޝަން ހުޅުވާލާއިރުގައި އޭގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އިންސްޓިޓިއުޝަނެއް އެބަ އުފެއްދޭ ނުވަތަ ސްކޫލެއް އެބަ އުފެއްދޭ. ހަމައެއާއެކީގައި މޮޓޯ ގަރާޖް އަދި އެބަހުރި. އަދި ލޯންޑްރީ ހަމަ އެހާމެ އުންމީދީ. ވަޑާންގެ އަދި މާ އުންމީދީ. އެހެންވީމާ، އަޅުގަނޑުމެންނަށް ތީމުގޭގެ އެކިއެކި ޑިޕާޓްމަންޓްތައް ބޭނުންކޮށްގެން ރަނގަޅު ވަރުގަދަ ވޮކޭޝަނަލް ސްކޫލެއް އުފެއްދިދާނެކަން ހަމަކަށަވަރު.

އަޅުގަނޑުމެންގެ އަމާޒަކަށްވީ، ރާއްޖޭގައި ގިނަ ޢަދަދެއްގެ ޒުވާނުން މާޔޫސްވެ، މަގުމަތީގައި އުޅެމުންދާތީވެ، އެކުދިންނަށް ދެވަނަ ފުރްޞަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުން. އަޅުގަނޑުމެންގެ އުންމީދަކީ، އޭގެތެރެއިން ކުދިން މަގުމަތިން ކަހައި ހޯދައިގެންވެސް މިތަނަށް އެކުދިން ވައްދައި، އެކުދިންނަށް ތަމްރީނެއްދީ، އަދި އެކުދިންނަށް ވަޒީފާގެ ފުރްޞަތެއް ހޯދައިދިނުން. މީގެތެރެއިން ބައެއް ކުދިންނަކީ ކުރީގައި ޑްރަގް ބޭނުންކުރާ ކުދިންނަށް ވެދާނެ. އެހެންވީމާ، އެކުދިންނަށް އިތުރަށް އަދި އަޅާލަންވެސް ޖެހިދާނެ. އަދި އޭގެއިތުރުން، ޑްރަގް ބޭނުންކުރާ ކުދިން ކަމަށްވާތީވެ، ނުވަތަ ބޭނުންކޮށްފައިވާ ކުދިން ކަމަށްވާތީވެ، އެކުދިންގެ ޕޮލިސް ރެކޯޑެއްވެސް އޮތުން ހަމަ ވަރަށް އެކަށީގެންވޭ. އެހެންވީމާ، އެކުދިންނަށް ވަޒީފާއެއް ލިބުންވެސް އޮންނަނީ ދަތިވެފައި. ދެން އަޅުގަނޑު ވަރަށް ބޮޑަށް މި އުންމީދު ކުރަނީ، މިތަން މެދުވެރިވީމާ، އެ ޕޮލިސް ރެކޯޑު ލުއިވާނެ ނުވަތަ ޑައިލިއުޓް ކުރެވޭނެ އިންސްޓިޓިއުޝަނަކަށްވެސް މިތަން ހެދިދާނެ. ޕޮލިސް ރެކޯޑު ފޮހެވޭނޭ އިންސްޓިޓިއުޝަނަކަށްވެސް މިތަން ހެދިދާނެ. އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، އެކުދިންނަށް ގޮތެއް ހޯދައިދިނުން.

ޔުނިވަރސިޓީއަކާއި ނުވަތަ ހަޔަރ އެޑިޔުކޭޝަން ކޮލެޖް ހުންނައިރުގައި، މިތަނުގެ ބޭނުމާ ގުޅޭގޮތުން މަނިކުވެސް އަދި މަރީވެސް ވާހަކަ ދައްކަވައިފި. ކޮލެޖް މިޞްރާބު ޖަހަންވީ ޔުނިވަރސިޓީ ޑިގްރީއާއި އެކަޑަމިކް އެކްސެލެންސާ ދިމާއަށް. މި ވޮކޭޝަނަލް ޓްރޭނިންގ މިއީ، ހަމަ އަޅުގަނޑު މިދަންނަވާހެން މަސައްކަތްތެރިން މަސައްކަތްކުރާ ކުދިން މިތަނަށް ގެނެސް ތަމްރީނުކޮށްފައި ވަޒީފާއަކަށް ފޮނުވުން. އެއީ ބޯކޮށަންވިޔަސް، ރާޅާއަޅަންވިޔަސް، ވަޑާންކުރަންވިޔަސް، ކޭކު އަޅަންވިޔަސް އަދި ދަގަނޑު ލަންބަންވިޔަސް، ވެލްޑް ކުރަންވިޔަސް، ލޯންޗް ދުއްވަންވިޔަސް، ކާރު ދުއްވަންވިޔަސް، ޓެކްސީ ޑްރައިވަރަކަށްވިޔަސް، މިބާވަތުގެ ޓްރޭނިންގ މިތަނުން ދިނުން އަޅުގަނޑުމެންގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ އަމާޒަކީ.

އަޅުގަނޑަށް ދާދި އިހަކަށްދުވަހު މީގެ ދުވަސްކޮޅެއް ކުރީގައި، އެ ވީ.ޓީ.ސީ އުފެއްދި ބޭފުޅުންގެ ތެރެއިން ބޭފުޅުންކޮޅަކާ ދިމާވެގެން ވާހަކަ ދައްކަމުން، އަޅުގަނޑަށް ވިސްނުނީ 1975 ގައި އެކަން ކުރެއްވި ބޭފުޅުން މިހާރުވެސް ކޮލެޖްގައި އަދިވެސް އެބަތިއްބެވި. ދެން އެބޭފުޅުން މި ހިތަށް މިއަރަނީ، އެ ކޮލެޖްގައި ހުރި ވޮކޭޝަނަލް ޓްރޭނިންގ ސާމާނާއި، މެޝިނަރީ އާއި، މިތަކެތީގެ ރަނގަޅު ބޭނުމެއް ނުހިފެއޭ. ކޮލެޖް އެކަޑަމިކް އެކްސެލަންސަށް އެޓަމް ސްޕްލިޓް ކުރަންދާހެން އަޅުގަނޑުމެންނަށް މިކޮޅުގައި ހަމަ ތަޅުއިލި އަޅައި ކޮނެ ވަޑާން ކުރަން ދަސްކުރެވޭނެ ގޮތެއްވެސް ހޯދަންޖެހޭނެ. އެއީ، އަޅުގަނޑުމެންގެ އަމާޒަކީ. ދެން އަޅުގަނޑަކީވެސް މީގެކުރީގައި ވަޑާންގެއެއްވެސް ހިންގާފައި ހުރި މީހެއްވީމާ އަދި ވާރކްޝޮޕެއްގައިވެސް އުޅެފައި ހުރި މީހެއްވީމާ، އަޅުގަނޑަށް ވިސްނޭ މިކަމުގެ މުހިންމުކަމާއި އަދި މިކަން ބޭނުންކުރެވިދާނެކަން.

މަނިކު އެވިދާޅުވި 1975 ގައި ވީ.ޓީ.ސީ ފަށައިގަނެވުނުއިރުއްސުރެ ފަށައިގެން ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދީފައި އެކުދިން ބާޒާރަށް ނެރުން އަޅުގަނޑަށް ހީވަނީ އެއީ، ވަރަށް މުހިންމު ކަމެއްހެން. އަޅުގަނޑުމެންގެ ތެރޭގައި ފޯމަނުން ނުވަތަ ސަރުދާރުންގެ ގޮތުގައި ވަޑާންގެތަކުގައި ވަރަށް ވަރުގަދައަށް މަސައްކަތްކުރި މީހުންތަކެއް މީގެ ދިހަ ފަނަރަ އަހަރު ކުރީގައިވެސް އަޅުގަނޑުމެންގެ ޙަޔާތުގައިވެސް އުޅުނު. މާވަޑިންނާއި، ސަރުދާރުންނާއި، ވެލްޑަރުންނާ އެމީސްމީހުން ބަދަލުވަމުން މަޑުމަޑުން ގިނަ މީހުން ގޮސްފައިވަނީ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް އުފައްދައި، އެމީސްމީހުން އަޅުގަނޑުމެންނަށް ފެނުނީ، އޮންޓަރޕްރިނިއަރުންނަށް ބަދަލުވެގެންދިޔަތަން. އެއީވެސް ހަމަ ވަރަށް ރަނގަޅު މަގެއް. އަޅުގަނޑު ދަންނަ ހުރިހާ ވަޑިން މިހާރު ތިއްބަވަނީ، ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިންގެ ގޮތުގައި. ދެން އެހެންނަމަވެސް، އެއީ ކޮންމެހެންނެއް އަޅުގަނޑެއް ނުދެކެން އެހުރިހާ ކޮންސްޓްރަކްޝަން ކުންފުނިތައް މާ ރަނގަޅަށް ހިނގާ ކަމަކަށް. އަދި އެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ޢަދަދުވެސް މިއޮތީކީއެއް އަޅުގަނޑުމެން އެންމެ އެކަށީގެންވާ ބޭނުން މިންވަރަކަށް ކަމެއް. މާ އިތުރު ކަމަށްވެސް ވެދާނެ. މިހާރު މިދަންނަވާ ކޮންސްޓްރަކްޝަން ކުންފުނިތަކުގައި އެތިއްބެވި އޮންޓަރޕްރިނިއަރުންތަކަކީ، އޭގެތެރެއިން ވަރަށްގިނަ މީހުންނަކީ ޙަޤީޤަތުގައި 1975 ގައި އެ ހުޅުވުނު ވީ.ޓީ.ސީ.އިން އައި ކުދިންތަކުގެ ތެރެއިން ފުރޭނިގެން ނުކުތް ކުދިންތަކެއް. އަދި އޭގެފަހުން، މައިޓުން ހިންގަން ފެށި ކޯސްތަކުގައިވެސް ވަރަށްގިނަ ކުދިން ބައިވެރިވެ، ވަޑާން ކުރާށާއި ވެލްޑް ކުރާށާއި އަދި އެބާވަތުގެ ގިނަ ކަންކަން ދަސްކޮށްގެން މަސައްކަތުގެ ތެރެއަށްވަނީ ނުކުމެފައި.

އެހެންވީމާ، އެމަސައްކަތް ހީނަރުވެ ގޮސްގެން ނުވާނެ. އަޅުގަނޑުމެންނަށް މިހާރު ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން، މިމަސައްކަތް ކުރިއަށް ގެންދެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ، ފަސްހާސް ކުދިން ހޯދާފައި، ފަސްހާސް ކުދިންނަށް ތަމްރީނެއްދީފައި، އެކުދިން ވަޒީފާއަކަށް ނެރެފައި، އެކުދިން ވަޒީފާއެއްގައި ބޭތިއްބޭތޯ ބެލުން. އަދި މާލޭގައި އެކަންޏެއް ނޫން އަޅުގަނޑުމެން މިކަން ކުރަން ބޭނުންވަނީ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިކަން ހިންގަން ބޭނުންވޭ. އަޅުގަނޑުމެން ހަމަ މީގެ އިންސްޓިޓިއުޝަނެއް އަދި މި އިންސްޓިޓިއުޝަންގެ ދަށުން ހިނގާނެ ޕްރޮގްރާމްތަކެއް އަދި އެތައް ރަށްރަށެއްގައި ކުރިއަށް ގެންދަން ބޭނުންވޭ. މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މި "ޓިވެޓް"ގެ ފަރާތުންވަނީ ރަށްރަށަށް ފޯމެއް ފޮނުވާފައި. އޭގައި ލިޔެފައި މިއޮންނަނީ، އޮންނާނެ ކަމަށް އަޅުގަނޑަށް އެރަށްރަށުން މަޢްލޫމާތު ލިބުނީ، އޭގައި ލިޔެފައި އޮންނަނީ، މިތަނުގެ ޖަމްޢިއްޔާއިން މިވެނި ބާވަތުގެ ކަމެއް ހިންގަން ބޭނުމިއްޔާ، މި މިނިސްޓްރީއަށް އެ ފޯމް ފުރާފައި ފޮނުވާށޭ. ދެން އެބައުޅޭ ޖަމްޢިއްޔާތަކާއި، ކްލަބްތަކާއި، ރަށްރަށުގައި އެކަމުގައި ހަމަ ވަރަށް ބަޙުޘް ގިނަކޮށްގެން. ދެން އަޅުގަނޑު އެބަ ދަންނަވަން. ކިތަންމެ ގިނަ ކުރިޔަސްވެސް ތީގައި ޖަހާފައެއް ނޫންހެއްޔޭ ތިޔައޮތީ، މި މެއި މަހުގެ މެދެއްހާ ތަނަށް ތިޔަ އެއްޗެތި އަނބުރާ މާލެ ފޮނުވަން. އެވަގުތަށް ތިޔަ ފޮނުވައްޗޭ. ދެން ނުފޮނުވާފައި ނޫން ނޫން އަޅުގަނޑުމެންނަކަށް މިކަމެއް ނުވިއޭ، ނުލިބުނޭ، އެބާވަތުގެ ވާހަކަ ދައްކަވައިގެން ނުވާނެއޭ.

ދެން އަޅުގަނޑަށްވެސް އެނގޭ، އެކަމަކު އަޅުގަނޑު މިދަންނަވާހެން ސާދާކޮށް އެބޭފުޅުންނާ ވާހަކަ ދެއްކީމާ، ކޮމިއުނިކޭޓް ކުރެވޭ އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާގެ ހައިބަތާއި ޤަދަރާއި ޢިއްޒަތާ، އެއިން ޖަރީވެފައި ނެތަސްވެސް. ޢާންމުކޮށް ވާހަކަ ދެއްކީމާ، އެބޭފުޅުންނާ އަޅުގަނޑަށް ވާހަކަ ދެކެވޭ. އަޅުގަނޑުމެން މިވާހަކަތައް ރަށްރަށުގައި ރަށްރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަމުން މިއަންނަނީ. އިރާދަކުރެއްވިއްޔާ، ރަށްރަށުގައިވެސް މި އިންސްޓިޓިއުޝަންތައް އުފެދިގެން ހެދިގެންދާނެ.

އޯ ލެވެލްގެ ނަތީޖާއިން އެންމެ އެދެވޭ ކާމިޔާބު ނުލިބުނު ކުދިންނަށްވެސް ދެވަނަ ފުރްޞަތެއް ދިނުމަށް މިތަން ބޭނުންކުރެވޭނެ. އެހެންވީމާ، ހުރިހާ ކުދިންވެސް މިތަނާ ގުޅުއްވައިގެން މިމަސައްކަތް ބާރަށް މިކަމުގައި ބާރަށް ކުރިއަށް ދިޔުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް.

އަޅުގަނޑު މިއަދު ހެނދުނު ވާހަކަ ދިގުކުރާކަށް ނެތިން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ މަޤްޞަދު، އަޅުގަނޑުމެންގެ ލަނޑުދަނޑިތައް އަޅުގަނޑުމެންނަށް ޙާޞިލުވުން. އަޅުގަނޑުގެ ދުޢާއަކީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބުން.

والحمد للّـه. والســّلام عليــكم.