بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ވެބްސައިޓް ހުޅުވުމުގެ އިތުރުން، އޮފީހުގެ ހުރިހާ މުވައްޒަފުންނާ ބައްދަލުވާތީވެ، އެއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެކަނި ވެބްސައިޓްގެ ވާހަކަ އެކަންޏެއް ނޫން. ތިޔަ ހުރިހާ މުވައްޒަފުންވެސް އޮފީސް ރަނގަޅަށް ހިންގުމުގައި ވެދެއްވާ އެހީތެރިކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންނަށް މި މަސައްކަތްތައް މިކުރެވެނީ، ހުރިހާ ބޭފުޅުން ހަމަ ވަރުގަދައަށް އެއްބާރުލައްވައިގެން މަސައްކަތް ކުރައްވަމުންގެންދަވާތީވެ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގައިވެސް މިމަސައްކަތްތައް މިހެން ކުރިއަށް ހިންގޭނެކަން ހަމަކަށަވަރު.

ވެބްސައިޓް ވަރަށް މުހިންމު. މިއޮފީހާ ގުޅޭ ހުރިހާ ޚަބަރެއް، ހުރިހާ އެންމެންނަށް މަޢްލޫމާތު ފޯރުކޮށްދިނުމާއި، މަޢްލޫމާތު ލިބިގަތުމުގެ ޙައްޤު އެއީ، ޤާނޫނުއަސާސީގައި ރައްޔިތުންނަށް މިހާރު ލިބިދީފައި އޮތް ޙައްޤެއް. އެ ޙައްޤު ރައްޔިތުންނަށް ފުރިހަމައަށް ތަންފީޒުކޮށްދިނުމަކީވެސް، ޤާނޫނުއަސާސީގައި އަޅުގަނޑުގެ ޒިންމާއެއްގެ ގޮތުގައި ބިންވަޅު ނެގިފައި އޮތް ކަމެއް.

މިއަދަކީ ނޫސްވެރިންގެ ދުވަސް. މިދުވަހު މި ވެބްސައިޓް ހުޅުވޭކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. ވެބްސައިޓްގެ އިތުރުން، އޮފީހުގެ މަސައްކަތްތައް ހިންގުމުގައި އަޅުގަނޑުމެން މިބޭނުންކުރާ ފަންވަތް ޕްރޮގްރާމާއި އަދި އެއާ ގުޅިފައި ހުރި ހުރިހާ ޕްރޮގްރާމްތައް ބޮޑަށް ބޭނުން ކުރެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. މިހާރުވެސް އެ ޕްރޮގްރާމް ނުވަތަ އޮފީހުގެ ޓެކްނޯލޮޖީ، ހުރި މިންގަނޑަށް ވަރަށް ފުރިހަމައަށް އެބަހުރި. އެހެންވީމާ، އެ ފުރިހަމައަށް ބޭނުން ކުރުން އެއީ، ވަރަށް ބޮޑަށް ބޭނުންތެރި ކަމެއް. ޚާއްޞަކޮށް، އޮފީހުގައި ބޭއްވޭ ހުރިހާ ބައްދަލުވުމެއްގެ ޔައުމިއްޔާއާއި، ހުރިހާ ކަމެއް ރެކޯޑުވެފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މިއޮފީހުގެ ތެރޭގައި ހިންގާ ހުރިހާ ކަމެއްގެ ޔައުމިއްޔާ ވަގުތުންވަގުތަށް ވެބްސައިޓަށް ނުވަތަ ވަގުތުންވަގުތަށް ރެކޯޑު ކުރެވިފައި ހުންނަންޖެހޭނެ. އެއީ، ޔައުމިއްޔާތައް ޢާންމު ކުރުމެއް ނޫން. ޔައުމިއްޔާ ޢާންމުވާނީ، ސީކްރެސީ އެކްޓް ނުވަތަ ދައުލަތުގެ ސިއްރާގުޅޭ ޤާނޫނު އެކަން ޢާންމުކުރަން ބޭނުންވާ މުއްދަތުގެ ތެރޭގައި ޢާންމުކޮށް ޤައުމުތަކުގައި މިއޮންނަނީ ތިރީހަކަށް އަހަރު. ވީމާ، މަޢްލޫމާތު ޢާންމުވާނެ.

އެހެންވީމާ، އަޅުގަނޑުމެންނަށް އެ މަޢްލޫމާތު ޢާންމުވާއިރުގައިވެސް އަދި އެހެން ނޫނިއްޔާ ރައްޔިތުންގެ މަޖިލީހުންވިޔަސް، އަދި އެހެން މުއައްސަސާއަކުންވިޔަސް، މިއޮފީހާ ގުޅޭގޮތުން ކޮންފިޑެންޝަލް ގޮތުގައި، ސިއްރު ގޮތުގައި މަޢްލޫމާތު ހޯއްދަވަން ބޭނުންވެލައްވާ ކޮންމެ ގަޑިއެއްގައި ހުރިހާ މަޢްލޫމާތެއް ލިބޭގޮތަށް އަޅުގަނޑުމެން ތައްޔާރުވެ ތިބުމަކީ ވަރަށް މުހިންމު ކަމެއް.

މި ޓެކްނޯލޮޖީ ބޭނުން ކޮށްގެން އަޅުގަނޑުމެންނަށް އެކަންކަން އެބަވޭ. ވީމާ، ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް އައިލްސް ޕްރޮގްރާމް. އައިލްސް ޕްރޮގްރާމްގައި މިހާރު ރައީސް އޮފީހުގެ ވެބްސައިޓްގައި، ރެޕިޑް އެސެސްމަންޓް މެޕްސް އެގޮތުގައި އެއަންނަނީ އައިލްސް ޕްރޮގްރާމްގެ ތެރެއިން، އައިލްސް ޕްރޮގްރާމާ ގުޅިގެން އަންނަ މެޕެއް. އައިލްސް ޕްރޮގްރާމް އަޅުގަނޑުމެންނަށް ރަނގަޅަށް އަޕްޑޭޓް ކުރެވުނީމާ، ފުރިހަމަ ކުރެވުނީމާ، އެ ޕްރޮގްރާމްގެ ތެރެއިން އެނގެންޖެހޭނެ ރަށެއްގައި ހަތަރު ކްލާސްރޫމް ބްލޮކް އަޅާއިރުގައި، ދެވަނަ ޝީޓް ނުވަތަ ފުރަތަމަ ޝީޓް އެޅީ ކޮން ދުވަހެއްގައިތޯ؟ އެ މަޢްލޫމާތުތައް އެކީ އެކައްޗަކަށް އަޅުގަނޑުމެންނަށް ސާފުވާގޮތަށް މުޅި އޮފީހުގައި އެނގުން އެއީ ވަރަށް މުހިންމު ކަމެއް. އަދި ސަރުކާރުގައި ހިންގާ ހުރިހާ ކަމެއްވެސް މި އައިލްސް ޕްރޮގްރާމްގެ ތެރެއިން އެނގުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އެ ޕްރޮގްރާމް އަޕްޑޭޓް ކުރުމާއި، އެއަށް ބޭނުންވާ މަޢްލޫމާތު ހޯދުމަކީވެސް، އަޅުގަނޑުމެން މިދެކެނީ ވަރަށް މުހިންމު ކަމެއް ކަމަށް.

ހަމައެހެންމެ ޤާނޫނީ ކަންކަން. ޚާއްޞަކޮށް އަލަށް އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒުވަމުންދާއިރުގައި، އެ ޤާނޫނުއަސާސީއާ ގުޅޭގޮތުން ނުކުންނަ އެކިއެކި ޤާނޫނީ މައްސަލަތައް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ނަޒަރިއްޔާތު ހާމަކުރަމުން ގެންދަން. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމް ކަމެއް އެއީ، މި ގާނޫނުއަސާސީ ދެމެހެއްޓުން، ތަންފީޒު ކުރުން. އެހެންވީމާ، އެކަންކަން ކުރުމުގައި ޤާނޫނީގޮތުންވެސް ވެބްސައިޓަށް ފެންނަ ވާހަކަތަކާއި މަޢްލޫމާތު ދެއްވުން ވަރަށް މުހިންމު. ޖުމްލަގޮތެއްގައި ދަންނަވަންޏާ އަޅުގަނޑު ހަމަ ދަންނަވާނީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ.

އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ އޮފީހުގެ މަސައްކަތާ ގުޅޭގޮތުން. މުޙަންމަދު ޒުހައިރު އަދި މަޢްޞޫމް އަޅުގަނޑަށް ޚާއްޞަކޮށް އެބަ އިޝާރާތްކުރައްވާ، މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން. ދެން މިހާރު ސިވިލް ސަރވިސްގެ މުސާރައާއި އަޅުގަނޑުމެން މުވައްޒަފުންގެ މުސާރައަކާ އެއްވަރެއް ނޫނޭ. އެކަންކަމުގެ ވާހަކަ އަޅުގަނޑަށް އެބަ އަޑުއިވޭ. ދެން އަޅުގަނޑު ބަލަމުން މިގެންދަނީ. މީގައި ވަރަށް މުހިންމު އިނގޭތޯ. ވޭޖް އިންކްރީސް ސްޕައިރަލްއަކަށް. ނުވަތަ މުސާރަ ބޮޑުވުމުގެ ޕްރެޝަރ ހުރިހާ ދިމާއަކުން އައިސްފިނަމަ، މުދަލާއި ޚިދްމަތުގެ އަގު ބޮޑުވެގެންދާނެ. އިންފްލޭޝަން އޭގެތެރެއަށް ވަންނާނެ. ވަނީމާ މުސާރަ ބޮޑުވި ތަންކޮޅު ގެއްލޭނެ. ހަމަ އަނެއްކާވެސް އަލުން އަނބުރާ އޭރުން އަޅުގަނޑުމެން ޖެހޭނީ މުސާރަ ބޮޑުކުރަންދާން. އަޅުގަނޑު މިދަންނަވަނީ މުސާރައަށް ގޮތެއް ނެހެދޭނެ ވާހަކައެއް ނޫން. އެހެން ނަމަވެސް، ވަރަށް ބޮޑަށް ވިސްނަވައްޗޭ މިކަންކަމަށް. މުސާރަ ބޮޑުކުރުމަށްވުރެ އަޅުގަނޑުމެން ބޮޑަށް ބޭނުމީ ޚިދްމަތާއި ތަކެތީގެ އަގު ހެޔޮކުރުން. އަދި ދިރިއުޅުމުގައި އަގުވެސް ހެޔޮވާނެ ގޮތްތައް ހެދުން.

ގެދޮރުގެ ކުއްޔާއި ތަކެތީގެ އަގާއި، ދަތުރުފަތުރު ކުރުމުގެ އަގާއި، އެހެންގޮސް ދިރިއުޅެވޭނެ ގޮތަކަށް އެބަވާންޖެހޭ. އަޅުގަނޑުވެސް ހަމަ ފުރިހަމައަށް ގަބޫލުކުރަން. ހާސްކަމެއްނެތި އުޅެވެންޖެހޭނެ. ފޯނުބިލާއި، ކަރަންޓް ބިލާއި، ފެން ބިލާއި، ގޭ ކުއްޔާ ނުދެއްކިގެން ހާސްވެގެން އުޅޭ ބަޔަކަށް އަޅުގަނޑުމެންވެ ތިބެ، އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީގެ ލަނޑުދަނޑިތަކެއް އަޅުގަނޑުމެންނަކަށް ޙާޞިލެއް ނުވާނެ. އެހެންވީމާ، އެ ލުއިކަން ހޯދައިދިނުން އަޅުގަނޑުމެންގެ މަޤްޞަދަކީ.

އަޅުގަނޑު ހަމަ ރަށްރަށުގައިވެސްދޭ ތަޤްރީރު ދޭންއޮތީ އިނގޭތޯ. މި ސަރުކާރުގެ އަމާޒަކީ ވަޢުދު ފުއްދުން. މި ސަރުކާރު ދެމިއޮންނަނީ، ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. ހަމައެއާއެކީގައި، އަޅުގަނޑުމެން ބިންވަޅު ނަގައި އަޅުގަނޑުމެންގެ ހިތުގައި ފާހަގަކޮށްފައި ބާއްވަންޖެހޭނެ، މި ދައުލަތަށް މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް ރައްޔިތުންގެ ފައިސާއޭ. އަޅުގަނޑުމެންނާ ޙަވާލުވެފައި މިވަނީ، އަމާނާތްތެރިކަމާއެކީގައި އެއަށް ޚިޔާނާތްތެރިނުވެ، އެފައިސާ ހަމަހަމަކަމާއެކީގައި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމަށޭ. އަޅުގަނޑުމެންނަކަށް ޖާގައެއް ނުދެވޭނެ ކޮރަޕްޝަނަކަށް. އެއްވެސް ހިސާބެއްގައި. މި ސަރުކާރުގެ އެއީ ވަޒީރެއް ކަމުގައިވިޔަސް، އަދި ޚުދު އަޅުގަނޑު ކަމުގައިވިޔަސްވެސް. އޭގެ ތަޙުޤީޤުތައް ކުރެވި، ޝަރީޢަތް ކުރެވި، ޙައްޤު އަދަބު ދެވޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ އެ މުހިންމު އަމާޒުތައް އަޅުގަނޑުމެންގެ މީޒާނުން ކައްސާލައިގެން ނުވާނެ. އިރާދަކުރެއްވިއްޔަކާ އެހެނެއްވެއެއް ނުދާނެ. ހަމަ މިއަދު އަޅުގަނޑު އުފަލާއެކީގައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

والحمد للّـه. والســّلام عليــكم. ވަރަށް ބޮޑަށް ޝުކުރިއްޔާ.