بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ހަނދުމަފުޅު ހުންނާނެ. މީގެ ހައެއްކަ މަސްކުރީގައި އަޅުގަނޑު މިރަށަށް އައިން. ހަމަ މިތަނުގައި ތިޔަބޭފުޅުންނާ ބައްދަލުކޮށް، އަޅުގަނޑު ވާހަކަ ދެއްކިން. އޭރު އަޅުގަނޑުމެން ކުރަމުން ގެންދިޔަ ދަތުރަކީ، ހިނގަމުންދިޔަ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީ އަށް ކާމިޔާބު ލިބިއްޖެނަމަ، އަޅުގަނޑަށް ތިޔަބޭފުޅުންގެ އަޣްލަބިއްޔަތު ދެއްވައިފިނަމަ، އެ އުފެދޭ ސަރުކާރު ހިނގަމުންދާނެ ގޮތުގެ ތަޞައްވުރެއް ހުށަހަޅަމުން އަޅުގަނޑުމެން ދިޔައީ. އަޅުގަނޑުމެންގެ ވިސްނުމެއް، އަޅުގަނޑުމެންގެ މަންޒަރެއް، އަޅުގަނޑުމެންގެ ތަޞައްވުރެއް، އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅިން. ނިލަންދޫ ރައްޔިތުންނަށްވެސް އަޅުގަނޑުމެން އެ ސިޔާސަތު، އެ މެނިފެސްޓޯ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ހުށަހެޅިން. އެދުވަހު އަޅުގަނޑުމެން ދެންނެވިން. ރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ މިހާރު މިއޮތް މިންވަރެއް ނޫނޭ. އަޅުގަނޑުމެން ރައްޔިތުންނަކީ، އަޅުގަނޑުމެން ރާއްޖެއަކީ، ޤުދްރަތީ ވަސީލަތްތައް ގިނަ، މުއްސަނދި ޤައުމެކޭ. އަޅުގަނޑުމެން ރައްޔިތުންގެ ތަނަވަސްކަމާއި ފުދުންތެރިކަން، މިއަދު މިހުރި މިންވަރުން އެތައް ގުނައެއް އަޅުގަނޑުމެންނަށް ބަދަލުކުރެވެން އެބައޮތޭ. އެ ބަދަލު ގެނައުމަށްޓަކައި އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުންތަކެއް ހުރީ. އޭގެތެރޭގައި ބައެއް، ސީދާ އިޤްތިޞާދީ ކަންކަމާއި، ޢުމްރާނީ ތަރައްޤީގެ ކަންކަންވެސް ހުރޭ. އަދި އޭގެއިތުރުން ތަންކޮޅެއް ފުޅާ، ބައެއް ފަލްސަފާ ނުވަތަ ބައެއް ރޭވުންތަކާއި އިންތިޒާމުތަކާ ގުޅޭ ހުށަހެޅުންތައްވެސް ހުންނާނެ. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން ދެންނެވިން. ލާމަރްކަޒީ އުޞޫލުން ހިންގައިގެނޭ، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ނުވަތަ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީއެއް ގެނެވެން އޮތީ.

އަޅުގަނޑުމެންނަށް ފެންނަމުންދިޔައީ، އަޅުގަނޑުމެން، އޭރުގައިވެސް އަދި މިހާރުވެސް ދާ ކޮންމެ ރަށެއްގައި، ރައްޔިތުން ކޮންމެހެން ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް ހުރޭ. އެކަންތައްތައް ޖެހިފައިވެސް އޮންނަނީ، ރައްޔިތުންގެ ޟަރޫރީ އަދި ކޮންމެހެން ފުއްދަންޖެހޭ ބޭނުންތަކަށް. ބައެއްފަހަރަށް ރަށުގެ ފެން ތަޣައްޔަރުވެދާތީވެ، ނަރުދަމާއަށް އަދި ސާފު ބޯފެނަށް. އަނެއްބައިފަހަރަށް ލަފާފުރުމުގެ ދަތިކަން އޮތް މިންވަރުން، ބަނދަރު ރަނގަޅު ކުރުމަށް. މަދަރުސާގެ ޙާލަތު އެހެން ގޮތަކަށް ރޭވުމަށް. ޞިއްޙީ ޚިދްމަތް ރަނގަޅުކޮށްދިނުމަށް. ބޯޅަދަނޑުގެ ފަސްގަނޑު އެއްވަރުކޮށްލަދިނުމަށް. ނެރުބައްތީގެ ފައިކަށި ދަމާލަދިނުމަށް. މިހެންގޮސް މިބާވަތުގެ ކިތަންމެ ކިތަންމެ ކަމެއް އަބަދުވެސް ރައްޔިތުންނަށް މިއޮންނަނީ ބޭނުންވެފައި. އެކަންކަމަށް ރައްޔިތުން މިތިބެނީ އެދިއެދި. އަޅުގަނޑުމެން ހުށަހެޅީ މިބާވަތުގެ ކަންތައްތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއަށް ގެންދެވުމަށް ހަމައެކަނި ބޭނުންވަނީ ސަރުކާރުން އެކަންކަން ތިޔަބޭފުޅުންނަށް ކޮށްދިނުމެއް ނޫނޭ. ނުވަތަ ކޮށްދޭނެ ކަމަށް ސަރުކާރުން ވަޢުދުވެ، އެތާރީޚުތަކާއި އެކަންކަން ހިނގާނެ ވަގުތުތައް ކަނޑައަޅައި، އެވަގުތުތަކުގައި އެކަންކަން ހިންގުމެއް ނޫނޭ. އެބާވަތުގެ ކަންކަން ފުރިހަމަކުރުމަށް ކޮންމެހެން އެބަ ބޭނުންވެއޭ، އެހެން ބާވަތެއްގެ އިންތިޒާމުތަކެއް ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ތަރައްޤީ ކުރިއަށް ގެންދަން. އަޅުގަނޑުމެން ދައްކަމުން އަންނަ އެއް ވާހަކައަކީ، ކަމެއް ކުރުމަށް ރައްޔިތުން ބޭނުންވަނީ މިސާލަކަށް ބަނދަރުގެ ފައިކަށި ރަނގަޅު ކުރުމަށް. ރައްޔިތުން ބޭނުންވަނީ މިސާލަކަށް މިދެންނެވި ބާވަތުގެ ކޮންމެވެސް ކަމެއް ހިންގުމަށް. މިވަގުތު ތިޔަބޭފުޅުންނަށް ދަތިވެފައި މިވަނީ، ހާސްކަންމަތީގައި ތި ތިއްބެވީ، ޖަނަރޭޓަރު، އަނެއް ޖަނަރޭޓަރު އަންނަން އޮތް ދުވަސް. ދުވަހާ މިއަދާ ދެމެދު ކަރަންޓަށް ވެދާނެ ގޮތަކާ ގުޅޭގޮތުން ވިސްނަވަމުން ތިގެންދަވަނީ. އެއީ، މިވަގުތަށް ބޭނުންވާ ކަންކަން. އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑުމެން ފާހަގަކުރަނީ، މިބާވަތުގެ ކަންކަން ކުރުމަށް ދެމެހެއްޓެނިވި ގޮތުގައި ނުވަތަ އެބާވަތުގެ ކަންކަން އެއީ، މައްސަލައަކަށްނުވެ ދިއުމަށް. ހިނގަހިނގާހުރި ކަމަކަށް ހެދުމަށް ޙަޤީޤަތުގައި ކުރަން ޖެހެނީ އެކަމެއް ނޫނޭ. އެހެން ކަމެކޭ. އެހެން ކަމެއް ކޮށްގެން އެކަން ވަމުންވަމުންގޮސް އަޅުގަނޑުމެން ސީދާ ބޭނުންވާ ކަމެއް، އެއީ ބަނދަރުގެ ފައިކަށްޓަށްވިޔަސް، އިންޖީނުގޭ ޖަނަރޭޓަރަށްވިޔަސް، އެކަން ސީދާވީމާ، ދެން އެކަން ވެފައި ހުންނާނީ ދެމެހެއްޓެނިވި ގޮތުގައޭ. އަބަދަށްވެސް އެކަންވޭވެ ހުންނަ އިންތިޒާމެކޭ އަޅުގަނޑުމެން އުފައްދާ މިދެނީ. މިއުޅެނީ. އަޅުގަނޑުމެންގެ ތަޞައްވުރަކީ، އަޅުގަނޑުމެންގެ ކުރެހުމަކީ، މިދެންނެވީ. އެކުރެހުން ކުރެހުމަށްޓަކައި އަޅުގަނޑުމެން ރައްޔިތުންގެ އަޑުއެހިން. ރައްޔިތުންގެ ޝަކުވާތައް އަޅުގަނޑުމެން ނޯޓްކުރީމު. އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ ނުވަތަ އެމް.ޑީ.ޕީ އިންތިޚާބަށް ވާދަކުރުމަށް ނުކުތް ވަޢުދުތައް ބިނާވެފައި މިވަނީ، މިދެންނެވި އަޑުއެހުންތަކުގެ މައްޗަށް. މިރަށަށް އައިމާ، މިރަށުގެ ކަތީބުވެސް އަދި ރައްޔިތުންވެސް އަދި އަޅުގަނޑު މިރަށުގައި ބޭނުންވާ ކަންކަން އޮޅުންފިލުއްވީމާ، މިދެންނެވީ ވަރަށް މަދު ދެތިން ކަމެއްގެ ވާހަކަ. ޖަނަރޭޓަރުގެ މައްސަލައެއް ޖެހިގެން އުޅޭ މައްސަލައަކާއި، ބަނދަރުގެ ހަދާލަން ޖެހިފައި އޮތް ކުޑަކުޑަ ގޮތަކާއި، މިބާވަތުގެ ދެތިން ކަމެއްގެ ވާހަކަ މި އަޑު އިވެނީ.

މިރަށް ބަދަލުވުމަށް ބޭނުންވަނީ، މިދަންނަވާ ކުދިކުދި ދެތިން ކަންތަކެއް ނޫން. ދެމެހެއްޓެނިވި ގޮތުގައި ނިލަންދުއަކީ ތަރައްޤީވާނެ ރަށެއް. ކުރެވިދާނެ ރަށެއް. އަދި މި ސަރުކާރުން އިރާދަކުރެއްވިއްޔާ ކުރާނެ ރަށެއް. އަޅުގަނޑުމެން މިތަނުގައި ލެވިފައި އޮތް ނަރުދަމާގެ ނިޒާމު ބެލެހެއްޓުމުގެ އިދާރީ އިންތިޒާމު ހަމަޖައްސާނަން. މިތަނުގައި ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ ނިޒާމެއް ޤާއިމު ކުރާނަން. މިތަނުގައި އިސް ގޮސް، ދަތުރު ފަތުރު ފަސޭހަވެ، ކުރެވޭނެ ގޮތްތަކެއް ހަމަޖައްސާނެ. އަދި އޭގެއިތުރުން، ސަރުކާރުން ކަނޑައަޅާފައިވަނީ ސަރުކާރުގެ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިރަށުގައި 150 ހައުސިންގ ޔުނިޓް ޢިމާރާތް ކުރަން. އަޅުގަނޑުމެން މިބާވަތުގެ މަޝްރޫޢުތައް ހިންގުމަށް ގަސްދުކުރަނީ، ޒަމާނުއްސުރެން ފަށައިގެން ސަރުކާރުގައި، އެކަންކަން ކުރަމުން އައި އުޞޫލަކުންނެއް ނޫން.

އަޅުގަނޑު މިތަނަށް އައި މަގުމަތީގައި، ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ހަމްޒާ އަޅުގަނޑު އަރިހު ދެންނެވީ ރައީސޭ މިތަނުގައި ފްލެޓް އަޅާކަން ބަޖެޓްގައި ނުހިމަނައި، އެއޮތީ ކީއްވެބާއޭ! އަޅުގަނޑުމެން ފްލެޓް އަޅަން ރާވާ އިންތިޒާމް ރާވަމުން މިދަނީ، މިއަދު އަޅުގަނޑުމެން މަގޫދޫގައި މަތީ ތަޢްލީމުދޭ މަރްކަޒެއް، އިޓަލީގެ ޔުނިވަރސިޓީއަކާ އެކުގައި ޤާއިމު ކުރެވޭ. މިތަނުގައި އަޅުގަނޑުމެން ނިންމާފައި މިއޮތީ، ބޮޑު އާބާދީއެއް ޤާއިމު ކުރެވޭނެ ގޮތް. ތަރައްޤީ ކުރެވޭނެ ގޮތް ހޯދަން. އެ ތަރައްޤީ ކުރުމަށްޓަކައި އެ 150 ފްލެޓް އެޅުމަށްޓަކައި ނުވަތަ ހައުސިންގ ޔުނިޓް ނުވަތަ ގެދޮރު ޢިމާރާތް ކުރުމަށްޓަކައި ސަރުކާރުން މިދޫކުރަނީ އަޅުގަނޑުމެންގެ އަގުބޮޑު ގޮނޑުދޮށްތައް ނުވަތަ ރަށްރަށުގެ ބިމުގެ ޖާގަ. ފަޅު ރަށްރަށުގެ ބިމުގެ ޖާގަ މިދެނީ. ބޮޑެތި މުއްސަނދިން، ގެދޮރު އަޅާނޭ އެމީހުންގެ ގޭގެ ނުވަތަ އެމީހުންގެ ވަކިން ހުންނަ ބޮޑެތި ގޭގޭގެ އުފާ، އެމީހުންނަށް ބޭނުންކުރެވޭނޭ އިންތިޒާމް މި ރާއްޖެއިން ހަމަޖައްސައިދެނީ ކޮންމެ އަޅާ 100 ގެއަކަށް ނިލަންދޫގައި އަޅާ 150 ގެއަށް ނެގޭނެއޭ 15 މިދެންނެވި ބާވަތުގެ ބިން. އެ 15 ބިމަކީ އަގުހުރި އެއްޗެއް. އެއީ، ބޮޑު އަގުގައި މުޢާމަލާތު ކުރެވޭ ބިން. މަދުވެގެން އޭގެ ސާޅީސްހާސް އަކަފޫޓް، ސަރުކާރަށް ޔަޤީން ފަސްލައްކަ ޑޮލަރަށް ނުވަތަ ހަމިލިޔަން ރުފިޔާއަށް، ކޮންމެ ސާޅީސްހާސް އަކަފޫޓެއް ލިބޭނެ ކަމަށް. ސަރުކާރުން އަންދާޒާކޮށް، އެ މަޝްރޫޢު ސަރުކާރުން މިފެށީ. މި އުޞޫލުން ގެތައް ޢިމާރާތް ކުރުމަށް ސަރުކާރުން، ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިޢްލާނުގައި، 12 ފަރާތް އަޅުގަނޑު ހަނދާންވަނީ، 12 ނުވަތަ 13 ފަރާތް ޝައުޤުވެރިވާ ކަމަށް ހާމަކޮށްފައި އެބައޮތް. ސަރުކާރަށް މިހާރު މިއޮތީ އެ ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކަން ކުރާނެ އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައަޅައި، އެފަރާތަކަށް އެކަން ކުރުމުގެ ހުއްދައާއި ލައިސަންސް ދޫކުރުން. އެ ލައިސަންސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިބަލަނީ، ޖުލައިމަހުގެ ތެރޭގައި ދޫކުރެވޭނެ ކަމަށް. އަދި އޯގަސްޓްމަހު ތެރޭގައި އަޅުގަނޑުމެން މި އުންމީދު ކުރަނީ އެހެންވީމާ، ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް. އޭގެފަހުން 8 މަސްދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މިރަށުގެ ރައްޔިތުން މިއަންނަ އަހަރު މިދުވަހު ތިއްބަވާނީ، އަޅުގަނޑުމެން މި ހަމަ ސިފަކުރާ ހިޔާވަހިކަމުގެ ތެރޭގައި. ދިގު މުއްދަތުން ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިރަށުގައި ޤާއިމުކުރާ 150 ހައުސިންގ ޔުނިޓުގެ ޚިދްމަތް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

ސަރުކާރުން ނިލަންދޫގައި އެހެން ބޭނުންތަކަށްވެސް ހަމަ ވަރަށް ބޮޑަށް ބަލަމުން ގެންދޭ. އަޅުގަނޑުމެންނަށް ފާހަގަވޭ. ސަރުކާރަށް ފާހަގަވޭ. ނިލަންދޫ ރައްޔިތުން މަސްމާރުކޭޓެއް ބޭނުންވާކަން. އެއީވެސް ސަރުކާރުން އިސްކަމެއްދީގެން އެމަސައްކަތް، އެ މަޝްރޫޢު މިރަށުގައި ބާރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ރާވަމުން ގެންދާ މަޝްރޫޢެއް. އަޅުގަނޑަށް ލަފާކުރެވެނީ، ޖުލައިމަހުގެ ތެރޭގައި، އެ މަޝްރޫޢުގެވެސް އިތުރު ޢަމަލީ މަސައްކަތް ތިޔަބޭފުޅުންނަށް މިރަށުން ފެނިގެންދާނެ ކަމަށް. އަޅުގަނޑުމެން ތިޔަބޭފުޅުންގެ ބޭނުންތައް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން.

މި ސަރުކާރު ދެމިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. ސަރުކާރު ދެމިއޮތުމުގެ އެހެން އެއްވެސް ބޭނުމެއް ނެތް. ސަރުކާރު ދެމިއޮންނަން މިދަންނަވާ ބޭނުން ފިޔަވައި، އެހެން އެއްވެސް ބޭނުމެއް ނެތް. ސަރުކާރު މި ހިނގަމުންދާއިރުގައި، އަޅުގަނޑުމެންގެ ހިތުގެ އަޑިން ގަބޫލުކޮށް، މި ސަރުކާރުގެ އެންމެހާ ވެރިންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނާނެ އަނެއް ޙަޤީޤަތަކީ، ދައުލަތަށް ލިބޭ އަދި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީވެސް، ޙައްޤު ރައްޔިތުންގެ ފައިސާއޭ. ރައްޔިތުން ސަރުކާރާ އަމާނާތެއްގެ ގޮތުގައި ބެލެހެއްޓުމަށް ޙަވާލުކޮށްފައި ހުރި ފައިސާއޭ. އެ ފައިސާއަށް ސަރުކާރަކުން ޚިޔާނާތްތެރިއެއް ނުވެވޭނެ. އެ ފައިސާއަށް، ސަރުކާރުން ޚަރަދުކުރާއިރުގައާއި، އަދި ބޭނުންކުރާއިރުގައި، ހަމަހަމަކަންމަތީ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ހުންނާނެ ގޮތަށް، އަދި އަންނަން އޮތް ޖީލުތަކަށް، އަޅުގަނޑުމެން ރާއްޖޭގެ ތަރިކަ ރައްދު ކުރެވޭނެ ގޮތަކަށް މި ސަރުކާރުން ޢަމަލުކުރަން ޖެހޭނެ. އަދި އިރާދަކުރެއްވިއްޔާ ޢަމަލުކުރާނެ. ކޮރަޕްޝަނަށް ކުޑަވެސް ޖާގައެއް މި ސަރުކާރުގައި އިރާދަކުރެއްވިއްޔާ ނޯންނާނެ.

ބައެއް ބޭފުޅުން އެބަހީފުޅު ކުރައްވާ. އަޅުގަނޑުމެން މިހާރު ނުކުމެ މިއުޅެނީ، މި އިންތިޚާބުގައި ނިލަންދޫ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަހަރޭ. ބައެއް ބޭފުޅުން ވަރަށް ސާފުކޮށް ވިދާޅުވޭ، އިންތިޚާބާ ދިމާކޮށް އަބަދުވެސް ސަރުކާރުން އައިސް، އެވެނި ތަނެއް ހަދައިދޭނަމޭ، މިވެނި ތަނެއް ހަދައިދޭނަމޭ ބުނެ، ދޮގު ވާހަކަތައް ދައްކައި، ދޮގު ވަޢުދުތައްވެ ގޮސްފައި، ފަހުން އެނބުރި އެއްގޮތަކަށްވެސް ބަލާލާފައެއް ނެތޭ. ވަރަށްބޮޑު ތެދުފުޅެއް. މި އެއްވެސް ކަމެއް މިދިޔަ ދުވަސްތަކުގައި އިންތިޚާބުތަކާ ގުޅުވައިގެން ވެރިން ދައްކަވާފައި ހުންނަ ވާހަކަތައް ހަމަ ވެފައި ހުންނަނީ، ވަރަށް ބޮޑަށް ކުށް ވާހަކަތަކަށް. އަޅުގަނޑުމެންނަށް ޔަޤީން ކުރެވެނީ ނިލަންދޫ ރައްޔިތުންގެ ލޮލުގައި އަނދުނެއް ނުއެޅުވޭނޭ. އޮޅުވައެއްނުލެވޭނޭ. މިއަދު ރާއްޖޭގެ ރައްޔިތުންނަކީ، އެއަށްވުރެން މާ ހޭލުންތެރި ބަޔެކޭ. ރައްޔިތުންނަށް ދޮގެއް ހަދައި އޮޅުވާލައިގެން ސަރުކާރަކަށްވެސް އަދި ރައްޔިތުންނަކަށްވެސް ލިބޭނެ ފައިދާއެއް ނެތް. ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލޭނެ، ސަރުކާރުން ރައްޔިތުންނަށް ދޮގުހަދާ ކަމަށްވަނީވިއްޔާ. އަޅުގަނޑުމެންނެއް މި ސަރުކާރަކުންނެއް ނުވާން އޮތް، ނުކުރެވޭން އޮތް ކަމެއް، ކުރާނެ ކަމަށް ބުނެ، ވަކާލާތެއް ނުކުރާނަން އަޑެއް ނުއުފުލާނެ. ފާހަގައެއް ނުކުރާނެ. އަޅުގަނޑުމެން މި ދައްކާ ވާހަކަތަކަކީ، އަޅުގަނޑުމެންވާ ވަޢުދުތަކަކީ، އެކަންކަން ކުރުމަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ނަގާފައިވާ ކަންކަން.

މަޖިލީހުގެ ގޮނޑިތައް އަޅުގަނޑުމެން ކިތަންމެހާވެސް ބޭނުން. ޚާއްޞަކޮށް، ޑިމޮކްރަސީގެ އުޞޫލުން ސަރުކާރު ހިނގަމުންދާއިރުގައި، ވެރިކަން ހިނގަމުންދާއިރުގައި، ވެރިކަން ހިންގާ ފަރާތަށް މަޖިލިސް ގޭގެ އަޣްލަބިއްޔަތު އޮތުމަކީ، ވަރަށް މުހިންމު ކަމެއް. ރައްޔިތުންނަށް ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިމިވާ އެއްވެސް ޚިދްމަތެއް، އެއީ ގެދޮރުއެޅުން ކަމުގައިވިޔަސް، ދަތުރުފަތުރު ކަމުގައިވިޔަސް، ޞިއްޙީ ޚިދްމަތްވިޔަސް، ތަޢްލީމީ ޚިދްމަތް ކަމަށްވިޔަސް، އަދި ފެނާއި ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދިނުން ކަމުގައިވިޔަސް، މިއިން އެއްވެސް ކަމެއް، ޑިމޮކްރަސީގެ އުޞޫލުން ހިންގާ ސަރުކާރަކަށް މަޖިލިސް މެދުވެރިނުކޮށް ފަސޭހަކަމާ އެކީގައި ރައްޔިތުންނަށް ފޯރުކޮށްދޭން އުނދަގޫވާނެ. ހިނގަމުންދާ ސަރުކާރަކަށް މަޖިލިސް ގޭގެ އަޣްލަބިއްޔަތު ނެތިއްޖެނަމަ، އެ މަޖިލީހެއް ދެން އޭރުން އެ ސިފަވަނީ، ޑިމޮކްރަސީގެ އުޞޫލުން ވެއްޖިއްޔާ، ގާވެފައި އޮތް ކަމަށް. މަޖިލިސް ގޭގެ އަޣްލަބިއްޔަތު ސަރުކާރަށް ކޮންމެހެން ބޭނުން. އޭގެ ބޭނުމަކީ، ހަމަ ސީދާ ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުން. އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުން.

އަލަށް އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން މެނުވީ އަޅުގަނޑުމެން މިބޭނުންވާ ބަދަލުތައް މި ރާއްޖެއަކަށް ތަޢާރުފެއް ނުކުރެވޭނެ. ލާމަރްކަޒީ އުޞޫލުން ހިންގުމާއި، ރައްޔިތުންނަށް ބާރުދިނުމާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ ބާރު އަށަގެންނެވުމަށް. ލެހެއްޓެވުމަށް. ކޮންމެހެންވެސް ރައްޔިތުންގެ މަޖިލިސް ބޭނުން. ޤާނޫނީ އޮނިގަނޑެއް ބޭނުން. ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މެނުވީ، އަޅުގަނޑުމެން މި އެދޭ ބަދަލު މި ރާއްޖެއަކަށް ނުގެނެވޭނެ. އެ ބަދަލު ގެނައުމަށްޓަކައި ނުވަތަ ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި މިހާރުވެސް 64 ޤާނޫނު ހަމަ މިހާރު ބޭނުންވޭ. އޭގެތެރެއިން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު ފިޔަވައި އެހެން އެއްވެސް ޤާނޫނެއް ހެދިފައެއް ނެތް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުވެސް މި ހެދުނީ، މިދިޔަ ޑިސެމްބަރު މަހު، ނޮވެމްބަރު މަހު ސަރުކާރު ބަދަލުވުމާ ގުޅިގެން. މި ސަރުކާރުން އެ ޤާނޫނު މަޖިލީހަށް ހުށަހެޅީތީވެ. ދެން ކޮންމެހެން ހަދަން އޮތް 63 ޤާނޫނު ހެދުމަށްޓަކައި އަޅުގަނޑު ދަންނަވާނީ، ހަމަ އިޞްލާޙީ ވިސްނުމުގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމަކީ ވަރަށް މުހިންމު ކަމެކޭ.

އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފަރާތުން ރައީސް ކަމަށް ކުރިމަތިލައި. އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވި މީހެއް. އަޅުގަނޑުގެ މައްޗަށް ލާޒިމުވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ވަކި ޕާޓީއެއް ނުބަލައި، ތަފާތެއް ނުކޮށް، ހަމަހަމަކަންމަތީގައި، ހެޔޮގޮތުގައި ވެރިކަން ކުރުން. އެ ވެރިކަން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ކޮށްދޭނަން. އެކަން ކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ ޙިއްޞާ، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވުމަށް އަޅުގަނޑު އެބަޖެހޭ އެދެން. އެއީ މި ޤާނޫނުއަސާސީ ދެމެހެއްޓުމަށްޓަކައި އަޅުގަނޑުގެ ކިބައިގައިވާ ޤާނޫނީ ވާޖިބެއް. ބައެއް ބޭފުޅުން ވިދާޅުވޭ، އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓުންނަށް އަޅުގަނޑު ތާއީދުކޮށް ހަދަނީއޭ. ކެމްޕޭނު ކުރަނީއޭ. އެ ނޫން ކޮން ކެންޑިޑޭޓަކަށްތޯ އަޅުގަނޑު ތާއީދު ކުރާނީ. އެ ނޫން ކޮން ކެންޑިޑޭޓަކަށްތޯ އަޅުގަނޑު ކެމްޕޭން ކުރާނީ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި، ބުއްދިވެރި ވާހަކައެއް ނޫން. ފެން ހިފެހެއްޓޭ ދެކޮޅުޖެހޭ ވާހަކައެއް ނޫން އެއީކީއެއް. އަޅުގަނޑު އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓަކަށް ތާއީދު ކުރާ ވާހަކަ ދައްކަވައި، އެއީ ގޯހެއް ކަމަށް ދެކެލެއްވުން. މިސާލަކަށް، ތިޔަބޭފުޅުން އެމެރިކާގެ ނޫސްވެރިއަކު އެމެރިކާގެ ރައީސް އަރިހު ނުވަތަ އިނގިރޭސި ބޮޑުވަޒީރު އަރިހު ތިއުޅުއްވަނީ، ގޮނޑި ހޯދާށޭ ބުނެފިއްޔާ އޭނާ ހިނި އަންނާނީ. އާދެ! ސިޔާސީ ވެރިން އުޅޭނީ، ރައްޔިތުންގެ ރުހުމާއި އަޣްލަބިއްޔަތު ހޯދަން. ރައްޔިތުންގެ ރުހުމާއި، އަޣްލަބިއްޔަތު ރަމްޒުކޮށްދެނީ، މަޖިލީހުގެ ގޮނޑިތައް. އެ ގޮނޑިތައް މެދުވެރިކޮށް އަޅުގަނޑުމެންނަށް މިކަންވާނީ. ދެން ކޮންބައެއްތޯ؟ އެންމެ ރަނގަޅީ، ޤާނޫނީގޮތުން މި ސަރުކާރާ ޙިއްޞާވުމަށް. އަޅުގަނޑަށް އޭގެ ޖަވާބު ވަރަށް ސާފު. އެންމެ ރަނގަޅީ މިއަދާ ހަމައަށްވެސް އިޞްލާޙީ ވާހަކަ ދައްކައި، އެ ފިކުރުގައި މަސައްކަތް ކުރަމުން ސާބިތުކަންމަތީގައި ތިބި މީހުން. އަޅުގަނޑު މި ގޮނޑީގައި ތާއީދު ކުރަނީ ޖިހާދަށް. އަޅުގަނޑަށް އޮޅިފައެއް ނުވޭ. އޭނާއަކީ ކާކުކަން. އެބޭފުޅާއަކީ. އިޞްލާޙީ މަސައްކަތް ހަމަގައިމުވެސް އަޅުގަނޑު ފީއްސުރެން ފަށައިގެން އޭނާ އަޅުގަނޑުގެ ކައިރިއަކުން ދުރަށް ޖެހިފައެއް ނުވޭ. އޭނާގެ ޢަޒުމަކަށް އޭނާގެ ހިތްވަރަކަށް، އޭނާގެ މަޤްޞަދަކަށް ލޮޅުމެއް އަރާފައެއް ނުވޭ. އަޅުގަނޑަށް އޭނާއާ އެކީގައި މަސައްކަތް ކުރެވޭނެކަމާމެދު އެއްވެސް ޝައްކެއްނެތް. އެހެންވީމާ، އަޅުގަނޑު ހަމަ ހެޔޮހިތުން އިޚްލާޞްތެރިކަމާ އެކުގައި ތިޔަބޭފުޅުންގެ އަރިހުގައި އޭނާގެ ވާހަކަ ދައްކާނަން. އެ ނޫން ގޮތަކަށް ސިޔާސީ ވެރިއަކު ފާޅުގައި ނުދައްކަނީނަމަ، އޭގެ މާނައަކީ ސިއްރުގައި އެކަން ކުރަނީއްޔޭ. ސިއްރިއްޔާތުގައި ފޮރުވިގެން ވަކިމީހަކު ހޮވަންވެގެން މަސައްކަތް ކުރަނިއްޔޭ. އެއީ ވަރަށް ވިޔާނުދާ ކަމެއް. ރައްޔިތުންނަށް ސާފުކޮށް ދެފުށް ފެންނަންޖެހޭނެ. އަޅުގަނޑެއް އެއްވެސް ޙާލެއްގައި ނޭދެން. ތިޔަބޭފުޅުން ފިޔަވައި އެހެން އެއްވެސް ބަޔެއްގެ ގާތުގައި މިވާހަކަ ދައްކާކަށް. އަޅުގަނޑެއް ނުދައްކާކަން މިތާ ވެރިން ގާތުގައެއް. އަޅުގަނޑެއް ނުދައްކާނަން އެއްވެސް ބައެއްގެ ގާތުގައެއް. އަޅުގަނޑު ދައްކާން ހުރި ހުރިހާ ވާހަކައެއްވެސް ދައްކަންހުރީ ހަމަ ތިޔަބޭފުޅުންނާ. ތިޔަބޭފުޅުންނަށް މިއަދު މިވަނީ ވަރަށްބޮޑު މިނިވަންކަމެއް ލިބިފައި. ރާއްޖޭގެ ރައްޔިތުންނަށް. އަޅުގަނޑަށް މައްސަލައެއް ނެތް. ތިޔަބޭފުޅުން އަޅުގަނޑަށް ފުރައްސާރަ ކުރިޔަސް. އަޅުގަނޑަށް މަލާމާތް ކުރިޔަސްވެސް. ހަޖޫ ޖެހިޔަސްވެސް. ފާޑުކިޔަސްވެސް. އަޅުގަނޑެއް ތިޔަބޭފުޅުން ދެކެ ރުޅިއެއް ނާންނާނެ. އަޅުގަނޑު ހޮވާންވާނީ ލޯބިން. އަޅުގަނޑަށް އިނގޭ. އަޅުގަނޑަށް ވިސްނޭ. ތިޔަބޭފުޅުންގެ އިޙްސާސްތަކެއް އެބަވާކަން. އަޅުގަނޑެއް ނުޖެހޭ، ތިޔަބޭފުޅުން އަދި ރައްޔިތަކު ރުޅިއަންނަ ކޮންމެ ފަހަރަކު، އެއަށްވުރެ ގަދައަށް އަޅުގަނޑު ރުޅި އަންނާކަށް. އަޅުގަނޑެއް ނުޖެހޭ، އަދި ބަޔަކު މިވެނި ކަމެއް ކުރަން އުޅެނީއޭ ކިޔާ ވާހަކަ ދެއްކީމާ، އެކަމާ މުޑި ނަގައިގެން، އެކަން އޮތް މިންވަރަށްވުރެ ބޮޑުކޮށްގެން ފަލަކޮށްގެން އެވާހަކަ ދައްކައި، އެކަން ކުރިޔަށް ގެންގޮސް ހިންގާކަށް. އަޅުގަނޑުމެންގެ ކުރިމަތީގައި ކުރާން އޮތް މަސައްކަތް ވަރަށް ސާފު. އަޅުގަނޑަކަށެއް ނޯޅޭ. އަޅުގަނޑަށް އިނގޭ. އަޅުގަނޑު ކުރާން ހުރި މަސައްކަތަކީ ކޮބައިކަން. އެއީ، މިރަށުގެ ނަރުދަމާ ހިންގޭނެ ގޮތެއް ހޯދުން. އެއީ މިރަށުގެ ބަނދަރު ރަނގަޅަށް ހެދޭނެ ގޮތެއް ހޯދުން. އެއީ މިރަށުގެ އިންޖީނުގެ ރަނގަޅަށް ހިންގޭނެ ގޮތެއް ހޯދުން. އެއީ މިރަށުގެ މަދަރުސާތައް، މިރަށުގެ ހެލްތް ސެންޓަރުތައް ހިންގޭނެ ގޮތެއް ހޯދުން. އަޅުގަނޑެއް ނޫޅެން ބޯދާ ސިޔާސީ ކޯޅުންގަނޑުގައި އެގޮތަކާއި މިގޮތަކާ، އެވެރިޔަކާ އަނެކައްޗަކާ އެކައްޗަކާ އަތޮޅުވެރިޔަކާ، ވަޒީރަކާ، މިކަމެއްގައެއް އަޅުގަނޑެއް ނޫޅެން. އަޅުގަނޑަށް އެބަ ވިސްނޭ، ތިޔަބޭފުޅުން ބޭނުންފުޅުވަނީ، ކޮންކަމެއްކަން. އަޅުގަނޑެއް ތިޔަބޭފުޅުން އެއީ ގޮނޑިކޮއްކޮއަށް ހަދައިގެން ތިޔަބޭފުޅުން މެދުވެރިކޮށް، އަޅުގަނޑުގެ ބާރު ބޮޑުކުރަން ނާޖާއިޒު ފައިދާ ހޯދާކަށް ނެތިން. އަދި ހަމައެހެންމެ، އަޅުގަނޑުމެންނެއް ނޫޅެން، ސިވިލް ސަރވިސްގެ މުވައްޒަފުންނާ ކުޑަ މިންވަރަކަށްވެސް ޖަދަލުކުރާކަށް. ކުޑަމިންވަރަކަށްވެސް އެބޭފުޅުންނާމެދު މަޖުބޫރުކަމެއް އެބޭފުޅުންށަ ގެނެސް، އެބޭފުޅުން ލައްވާ ވަކިކަމެއް، އެވެނިގޮތަކަށް މިވެނި ގޮތަކަށް ކުރުވާކަށް. ތިޔައިގެ ތެރެއިން މީގެކުރީގައިވެސް އަޅުގަނޑުމެންނަށް ވޯޓްދެއްވި ބޭފުޅުން ވޯޓް ދެއްވީ ހަމަ ހިތުން ރުހުމުން، ރުހިގެން އިޚްލާޞްތެރިކަމާ އެކީގައި. ހިތާ ހިތުގެ ގުޅުން އަޅުގަނޑުމެންނަށް އޮތީތީ. އަޅުގަނޑުމެން ބަޔަކަށް ބިރުދެއްކީތީއެއް ނޫން. އަޅުގަނޑުމެން ބަޔަކަށް ކަމެއް ކުރަން މަޖުބޫރު ކުރުވީތީއަކީއެއް ނޫން. ކީއްކުރަންތޯ؟ މިއަދު މި ސަރުކާރުގެ ހުރިހާ އާރާއި ބާރެއް އަޅުގަނޑު އަތުގައި ވަނިކޮށް، ދެން އެ ބިރު ތިޔަބޭފުޅުންނަށްވެސް އަދި ތިޔަބޭފުޅުންގެ ވެރިންނަށްވެސް ދައްކަން އުޅެންވީ. އަޅުގަނޑަށްވެސް އެނގޭ، އޭގެތެރެއިން ބައެއް ބޭފުޅުންނަށް ހަޖަމުކުރަން ދަތިކަން. ސަރުކާރު ބަދަލުވެއްޖެ ކަމަށް. އަދި އަޅުގަނޑަށްވެސް ހަމަ އިނގޭ. އޭގެތެރެއިން ބައެއް ބޭފުޅުންނަށް، އަޅުގަނޑާ އެކީގައި މަސައްކަތް ކުރަން އުނދަގޫވާކަން. އަޅުގަނޑުމެން އެންމެންނަށްވެސް އިނގެޔޭ ސަރުކާރުގެ މުވައްޒަފުން ބޮޑުވެގެން އިތުރުވެގެން ދިޔައީ ކިހިނެއްކަން. ވަރަށް ބޯދާގޮތަކަށް ވެރިން އުނދޯލިގޭގައި ތިއްބަވާފައި، އޭނާއާއި މީނާއާއި އޭނާގެ ކޮއްކޮއާއި، އެ ކޮއްކޮގެ ބޭބެއާއި، އެ ސަރުކާރުގެ މުވައްޒަފުން ވިދާޅުވީމާ، ސަރުކާރު މުވައްޒަފުންނަށްވީ. އެ އުޞޫލުން ސާޅީސްދެހާސް މީހުން، އެންމެފަހުން އައިސް ސަރުކާރުގައި މިހާރު ވަޒީފާ އަދާކުރަމުން އެދަނީ. އަޅުގަނޑުމެން ސިވިލް ސަރވިސްގެ ޤާނޫނެއް ހަދާފައި، މިއީ ސިވިލް ސަރވިސް ދެކޭ ސަރުކާރު މުވައްޒަފުންނޭ، އެމީހުންނާ ސަރުކާރުގެ ސިޔާސީ ވެރިން ބެހިގެން ނުވާނެއޭ އެ އަޑު އިއްވާން ފެށީ. މިއަދު ކީއްކުރަންތޯ! އަޅުގަނޑުމެން އެއާ ޚިލާފުވާންވީ. ނުވާނެ. ނުވެސް ޖެހޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުވެސްވާނަން. އަޅުގަނޑުމެން މި ވަޢުދުވާ ކަންކަން ފުރިހަމަގޮތުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ފުއްދައިދޭނަން. އެ ވަޢުދުތައް ފުއްދުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން މިދަނީ ކުރަމުން. އޭގެތެރެއިން ބައެއް ކަންކަމުގެ ޢަމަލީ މަސައްކަތް މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަނެއްބައި ކަންކަން ކަރުދާހުގައި ރޭވެމުން މިއަންނަނީ. އެ މަގުމައްޗަށް ތިރިވާވަރު ނުވަތަ ސީދާ ތިޔަބޭފުޅުންނަށް ފެންނަވަރު އިސާހިތަކު ވެގެންދާނެ. ވެގެން ދިޔައީމާ، އެކަންކަންވާކަން އެނގޭނެ. އެކަމަކާއެއް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކާއެއް ސަރުކާރުން ހިންގާން ބޭނުންވާ ކަންކަން ހިންގުމުގައި މަޖިލީހުގެ ގޮނޑިއާ ގުޅުމެއް ނެތް. މިހާރު މިހިނގާ ކަމަކާ. އެހެން ނަމަވެސް، އެކަންކަން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ގެންދިއުމަށް މަޖިލީހުގެ އަޣްލަބިއްޔަތު ކިތަންމެހާވެސް މުހިންމު. އެ ސަބަބަށްޓަކައި އަޅުގަނޑު ދަންނަވަންޖެހޭ އިޚްލާޞްތެރިކަމާ އެކުގައި، އަޅުގަނޑުމެން ބޭނުމޭ، ތިޔަބޭފުޅުންގެ ތާއީދު. ސަރުކާރަކަށް ރައްޔިތުންގެ ތާއީދު އަބަދުވެސް ބޭނުންވާނެ. ނިލަންދޫ ރައްޔިތުންނަކީ އަބަދުވެސް ސަރުކާރަށް ތާއީދުކުރާ ބައެއް. އަޅުގަނޑު އުންމީދު ކުރަން މި ސަރުކާރަށް ހަމަ ތިޔަބޭފުޅުން ކުރީގައި ސަރުކާރަށް ތާއީދު ކުރައްވަމުން ގެންދެވި އުޞޫލުން މި ސަރުކާރަށްވެސް ތިޔަބޭފުޅުން ތާއީދު ކުރައްވާނެ ކަމަށް. އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާ އެކީގައި. ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ މަސައްކަތެއް ކުރަން ތައްޔާރަށް. އަޅުގަނޑެއް ނުފެނިއެއްވެސް ނުދާނެ. އަޅުގަނޑާ ތިޔަބޭފުޅުންނާ ގުޅުން ނެތިއެއްވެސް ނުދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މާދަމާއަކީ، ނިލަންދުއަށާއި އަދި މިއަތޮޅަށް މިއަދަށްވުރެ މާ ފާގަތި ދުވަހަކަށްވުން. އަޅުގަނޑު މިއަދު ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަދެއްވި މަރްޙަބާއާއި އިޙްތިރާމަށްޓަކައި ނިހާޔަތަށް ތިޔަބޭފުޅުންނަށް އަޅުގަނޑު ޝުކުރުވެރިވަން.

اَلحَمْـدُ لِلّـهِ. والســّلام عليــكم