بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުވެސް މާދިގު ވާހަކަތަކެއް ދައްކާކަށް ނެތިން. އެހެން ނަމަވެސް، ދުވަހުގެ މުނާސިބުކަން މާ މުހިންމު. އަޅުގަނޑުމެންނަށް މިއަދު މި ޤާއިމު މިކުރެވެނީ، ޙަޤީޤަތުގައި އެމް.ޑީ.ޕީ ތަޞައްވުރު ނުވަތަ އަޅުގަނޑުމެންގެ ވިސްނުން، ފިކުރު، މަންޒަރު. އަޅުގަނޑުމެން މި ރާއްޖެއަށް ތަޢާރުފު ކުރަން މިއުޅޭ ނިޒާމުތައް ނުވަތަ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ގެންގުޅޭނޭ ހަމަތައް، ގޮތްތައް ފެނިގެންދާނެ ވަރަށް ފުރިހަމަ އެއް މިސާލު.

އަޅުގަނޑު މިތަނަށް އައި މަގުމަތީގައި މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޙަމްޒާ ވިދާޅުވީ، ރައީސޭ މިފަހަރުގެ ބަޖެޓުގައި ނެތޭ، މަގޫދޫ ނަރުދަމާގެ ވާހަކައެއް. ނެތޭ، ބިލެތްދޫގެ ނަރުދަމާގެ ވާހަކައެއްވެސް. މިބަޖެޓުގައި މިހާރަކު ނެތޭ، މަގޫދޫ ބަނދަރު ހަދާ ވާހަކައެއްވެސް. އަޅުގަނޑުމެން މަގޫދޫގެ ނަރުދަމާއާއި މަގޫދޫގެ ބަނދަރާ ހަދަން ޤަޞްދުކުރަނީ، މިހާރު މިހުޅުވާ ޔުނިވަރސިޓީ އައުޓް ޕޯސްޓް ހުޅުވުން، މިބާވަތުގެ ޕާޓްނަރޝިޕް ނުވަތަ ގުޅުންތަކުގެ ތެރެއިން. ނަރުދަމާވެސް އިރާދަކުރެއްވިއްޔާ ހެދޭނެ މިއަހަރުގެ ތެރޭގައި. އަދި މިތަނުގައި އެހެންއެހެން ކިތަންމެ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަންޖެހޭނެ.

އަޅުގަނޑުމެންނަށް ދެންމެ އަޑުއިވިގެން އެދިޔައީ މިތަނަށް އެކި ބާވަތްބާވަތުގެ ޢިލްމު ލިބިގަތުމަށް އެކިތަންތަނުން ދަރިވަރުން އައުމަށް އިންތިޒާމު ކުރެވި ރޭވިފައި މިވަނީ. އެހެންވީމާ، އެކަންކަން ހިނގަމުންދާއިރުގައި އެއާ ގުޅޭ އެހެން ހުރިހާ ކަމެއް ރަށުގައި ހިނގަމުންދާނެ. އަޅުގަނޑު ދެން މާ ދިގުކޮށް މިކަމުގެ މިންވަރާއި ނުވަތަ މިކަން ކުރަން ރޭވިފައިވާ ގޮތްތަކާ އެއްޗެހި ދަންނަވާކަށް ނެތިން. އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އެކަންކަން ވަރަށް ސާފުވެއްޖެ. ޑޮކްޓަރ ޝިޔާމްވެސް ވިދާޅުވެއްޖެ. އަދި ޔުނިވަރސިޓީގެ ފަރާތުން ވާހަކަ ދެއްކެވި ދެބޭފުޅުންވެސް އެވާހަކަ ވިދާޅުވެއްޖެ.

އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ އަޅުގަނޑުމެން އިޓަލީއަށް މިފަހަރުދިޔަ ދަތުރުގައި، އަޅުގަނޑުމެންނަށް އެދަތުރުގެ ސަބަބުން މިހާރު ދެ މަޝްރޫޢެއް ކަނޑައެޅިގެން ފެށޭ ހިސާބަށް ހިނގައްޖެ. އެއީ، މަގޫދޫގައި މިއަދު މިފެށޭ މަޝްރޫޢާއި، ދެން އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ތޮއްޑޫގައި ފެށޭނެ މަޝްރޫޢަކާ. އަޅުގަނޑުމެންނަށް މިބާވަތުގެ މަޝްރޫޢުތަކުން ރާއްޖޭގެ ހަމަ ގިނަ ރަށްރަށް، ހުރިހާ ރަށެއްހެން ތަރައްޤީ ކުރުމުގެ ތާވަލާއި، ތަރައްޤީ ކުރުމުގެ ޕްލޭންތައް ކުރެވިދާނެ. އެއީ، އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް. ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކާއި، ރާއްޖޭގެ މުހިންމުކަމާއި، ރާއްޖޭގެ އިޤްތިޞާދީ ތަނަވަސްކަމުން އަޅުގަނޑުމެން ރައްޔިތުންނަށް މިއަދު މިލިބޭ މިންވަރަށްވުރެ މާރަނގަޅު މިންވަރެއް އަޅުގަނޑުމެންނަށް ޙައްޤު ވެވިދާނެ. އެކަން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމުގެ އެންމެބޮޑު ހެތްކަކީ، މިއަދު މިތަނުން އަޅުގަނޑުމެންނަށް މިފެންނަ ފެނުން. މިކަން މިހެން ފަށައިގަނެވުނީމާ، އޭގެ މާނައަކީ، ދެން އަޅުގަނޑުމެންނަށް ރޭވިފައި މިހިރަ އެހެން ހުރިހާ ކަމެއްވެސް ހަމަ މިމަގުން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެއޭ. އަޅުގަނޑުމެން މިހުށަހަޅާ ކަންކަން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެއޭ.

އަޅުގަނޑުމެން ހުށަހެޅިން އަޅުގަނޑުމެން މަތީ ތަޢްލީމު. އަޅުގަނޑުމެން ވަޢުދުވިން ރާއްޖޭގައި މަތީ ތަޢްލީމު ޤާއިމު ކުރެވޭނެ، ޙާޞިލުވެވޭނެ ގޮތެއް އަޅުގަނޑުމެން ހަދައިދޭނަމޭ. މިއީ، އެކަމުގެ ފެށުމެއް. އިރާދަކުރެއްވިއްޔާ މިތަނުން ރެކްޓަރވެސް ވިދާޅުވިފަދައިން، މިތަނުން އެބަލިބޭ ދިވެހި ކުދިންނަށްވެސް އަދި އެހެނިހެން ދަރިވަރުންނަށްވެސް ޔުނިވަރސިޓީ ޑިގްރީއެއް ޙާޞިލު ކުރެވޭނެ ތަޢްލީމު، ގޮތް، މަގު މިތަނުން ފަހިވެގެން އެބަދޭ. އަޅުގަނޑުމެންނަށް މިއޮތީ ކުރިއަށް އޮތް ތަނުގައި ހަމަ މިކަންކަން ފުޅާކުރުން. އެއާއެކީގައި، މިތަނުގެ މަދަރުސާ ތަރައްޤީވެގެންދާނެ. އަދި އަލިއަޅުވާލައްވައިފި. ޓޫރިޒަމްގެ ދާއިރާއިންވެސް މިތަނުގައި ތަޢްލީމު ދެވޭނެ ކަމަށާއި، އިޓަލީ ބަސް ކިޔަވައިދެވޭނެ ކަމަށާއި، މިބާވަތުގެ އެތައް އެތައް ތަޢްލީމެއް މިތަނުގައި ދެވޭނެ. އަޅުގަނޑުމެންނަށް ފެނޭ މިތަން ތަރައްޤީވެގެންދާތަން މާގިނަ ދުވަހެއްނުވެ. އެބޭފުޅުން އެ ބަހާރު މޫސުމުގައި ފުރަތަމަ ކޯސް، އޯޓަމްގައި ފުރަތަމަ ކޯސް ފަށްޓަވާނެ ކަމަށް ވިދާޅުވި. ދެން މިހާރު ހޫނު މޫސުމް ނިމުނީމާ، އެބޭފުޅުންގެ އެ ޓަރމްތައް ރޭވިފައި އޮތް ގޮތަށް މިކަން ހިނގަމުންދާނީ. އިސާހިތަކު މަގޫދޫ ރައްޔިތުން ފަރިތަވެގެންދާނެ އިޓަލީގެ ބަހާރު މޫސުމަށާއި، އިޓަލީގެ ފިނި މޫސުމަށާއި އަދި މިދަންނަވާފަދަ އެކިއެކި ބާވަތުގެ ޘަޤާފަތްތަކާއި ދެބަޔަކު ގުޅިގެން ކުރިއަށް ގެންދެވޭނެ ކިތަންމެ ކަމެއްގެ ތެރެއަށް. ތަރައްޤީގެ އެތައް ފިޔަވަޅެއްގެ ތެރެއަށް.

އަޅުގަނޑު މަގޫދޫ ރައްޔިތުންނަށާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ އަރިހު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެން ދިގު މުއްދަތަށް ވިސްނައިގެން، ދުރަށް ވިސްނައިގެން ކަންކަން ރާވަމުން ގެންދިޔައިމާ ލިބޭ ފައިދާއާއި، ލިބޭ މިންވަރު މާބޮޑުތަނުން އިތުރުވާނޭ. މިވަގުތު އެއްޗެއް ހޯދަން އަޅުގަނޑުމެން އެއްޗެއް ބޭނުންވީމާ، މިވަގުތު އޭތި ނުހޯދައި، މިވަގުތު އަޅުގަނޑުމެން އޭތި ލިބޭނެ މަގު ފަހިކޮށްފައި، އެކަމަށް ދޫދޭންވީ. ފުރަތަމަ އެކަން ކުރީމާ ދެން އެ ދޫ ދިނީމާ އެމަގުން ހިނގާ ކަންތައްތައް ހިނގަމުންގޮސް އިސާހިތަކު އަޅުގަނޑުމެން ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަވެގެންދާނެ. އެއީ، ދެމެހެއްޓެނިވި ތަރައްޤީ ލިބޭގޮތަކީ.އަޅުގަނޑުމެން ކަމެއް ކުރަންވީމާ ސީދާ ކުރަން މި ވިސްނަންވީކީ އެކަމެއް ނޫން. ބޭނުންވާ ކަމެއް ނޫން. އެހެން ކަމެއް. އެކަން ވަމުންވަމުންވަމުން ގޮސް އަޅުގަނޑުމެން ބޭނުންވާ ކަން ފުރިހަމަވީމާ، ދެން ބޭނުންވާ ކަން އަބަދުވެސް ހިނގަމުންދާނީ ދެމެހެއްޓެނިވި ގޮތުގައި. އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ހަނދާން ކުރަންޖެހޭނެ ކަމެއް. މިއަދު މީސްމީހުން އަތުން އަވަހަށް ކުއްލި ފައިދާއަށް އެއްޗެއް އަތުލަން އުޅުއްވާނެ ކަމެއްނެތް. ސަރުކާރަކުންވެސް އެގޮތަކަށް މަސައްކަތް ކުރާނެ ކަމެއް ނެތް. އަދި ރައްޔިތުންވެސް އަޅުގަނޑު އުންމީދު ކުރަނީ އެ ވިސްނުމުގައި މަސައްކަތް ނުކުރައްވާނެ ކަމަށް. ގިނަ މުއްދަތުގައި އަޅުގަނޑުމެންނަށް މިއިން ލިބޭނެ ފައިދާ ވަރަށްބޮޑުވާނެ. މިއިން މިހާރުންމިހާރަށް ރައްޔިތުންނަށް ލިބޭނެ ފައިދާވެސް ހަމަ އެހާމެ ބޮޑުވާނެ.

އަޅުގަނޑު ދިގުކޮށް ވާހަކަ ދައްކާކަށްނެތިން. އަޅުގަނޑު މި ހުރިހާ ކަމެއްގެ ތެރޭގައި، އިޓަލީއާއި އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކައުންސެލަރ ޖޯޖިއާއަށާއި، އަދި ޔުނިވަރސިޓީގެ އެންމެ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން. ޙަޤީޤަތުގައި މިރަށުގެ ވަރަށްގިނަ ބޭފުޅުންނަށް ޖޯޖިޔާ އެނގިވަޑައިގަންނަވާނެ. އަދި ޖޯޖިޔާއަށްވެސް މިރަށުގެ ވަރަށްގިނަ ބޭފުޅުން އެނގިވަޑައިގަންނަވާނެ. ހަމަގައިމުވެސް ޔޫސުފާއި ފަޚުރީއާ އެނގޭނެ. އަޅުގަނޑަށް ލަފާކުރެވެނީ އެބޭފުޅުންނަށް އަދި ހަނދާން ނުވެގެންނޭ އެއުޅެނީ މިއީ ކާކުކަން އެއީ ކާކުކަން. އެހެން ނަމަވެސް، ނުދަންނަ މޫނުތަކަކަށް ނުވާނެ.

އަޅުގަނޑު ވިސްނިވިސްނުމުގައި މަގޫދުއަކީ މިބާވަތުގެ ތަޙުލީލުތައް ކުރުމަށް ހަމަ ވަރަށް ރަނގަޅު ރައްޔިތެއް އޮންނަ ރަށެއް. އަދި މަގޫދުއަކީ މިބާވަތުގެ ތަޙުލީލުތައް ކުރުމަށް ފިޠުރަތުގެ ރޭވުން، ޤުދުރަތީ އުފެދުން ފަހިވާ ރަށެއް. ފަރުތަކާއި ގިރިތައް މިއަތޮޅުތެރޭގައި ގިނަވާނެ. ރާއްޖޭގެ މެދުރާއްޖެތެރޭގައި ފަޅު ގިނަވާނެ ރަށަށްވުރެ. މިބޭފުޅުން ގިނައިން ތަޙުލީލުކޮށް ބަލައި ހަދަން ބޭނުންވެގެން އެއުޅެނީ ފަޅުފަޅާއި ގިރިގިރި. އަޅުގަނޑުމެންނަށް އެ މަޢްލޫމާތު ލިބުނީމާ ހިންގޭނެ ކިތަންމެ ކަމެއް އެބަހުރި.

އަޅުގަނޑު މިއަދު މިކަމާ ގުޅިގެން ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، އަޅުގަނޑުމެން ބަނދަރު ހެދުން ނުވަތަ އެހެންވެސް އެކި ބާވަތްބާވަތުގެ ޢިމާރާތް ކުރުން، ޢިމާރާތް ކުރުމޭ މިދަންނަވަނީ، ރަށުގެ ވެލިގަނޑާއި ގޮނޑުދޮށާއި، ރަށްރަށުގެ ބިންގަނޑަށް ބަދަލު އަންނަ ޤުދުރަތީ އުފެދުމަށް ބަދަލު އަންނަ ބާވަތުގެ ޢިމާރާތް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ ވަރަށް ބާރަށް. ވަރަށްބޮޑު ހިތާމައެއް އެއީ، މިދިޔަ ސަރުކާރު ނިމުނު ތަނުގައި އެ އެއްތަނގަނޑަކަށް 164 ހަތަރު ބަނދަރު ހަދަން ނިންމަވައި ކުރައްސަވައި، ޑިޒައިން ކުރައްވައި، އެކަންކަން ފަށްޓަވާފައި ހުރީތީވެ. އެ ތައްގަނޑަށް މިހާރު ހުރިހާ ރަށަކުންވެސް ބޭނުންވަނީ ފައިކަށި ދަމާލާފައި، ބޮޑުހިލަ ޖައްސާފައި، ރިވެޓްމަންޓް އަޅަން. ބޭފުޅުންނަކަށް ގަބޫލެއް ނުކުރެވޭ، ރަށްރަށުގެ ރައްޔިތުންނަކަށް، އެހެން ނުހަދާހާ ހިނދަކު އެއީ ބަނދަރެއް ކަމަކަށްވެސް ނުވަތަ އެއީ އެކަށީގެންވާ މަސައްކަތެއް ހިންގި ކަމަކަށްވެސް.

އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ، ތިޔަހައްދަވާ ރިވެޓްމަންޓްތައްވެސް އިސާހިތަކު ހަލާކުވާނެ. ހަމަ ތިޔަޖައްސަވާ ބޮޑުހިލަތައްވެސް އިސާހިތަކު ފައިބައިގެންދާނެ. އަޅުގަނޑުމެންގެ ވިސްނުން އެބަ ނެރެންޖެހޭ އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅު ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް. ކަންދިމާކުރި ގޮތުން މިހާރު އެ ވިސްނުން އެހެން ނެރުނީމާ މިއަންނަނީ މަގޫދުއަށް. އެއީ، މިލާން ބިކޯކާ ޔުނިވަރސިޓީގެ ޢިލްމު މިރަށުން ލިބެން ހުރީމަ. އަޅުގަނޑުމެން ބަލަމުން މިގެންދަންވީ ތަޙުލީލު މިކުރާ އެއްކަމަކީ، ފަޅުގެ އަޑިއަށް ވެފައި ހުންނަ ގޮތާއި، އެކަމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ގިރުމަށް ކުރާ އަސަރާއި އަދި އެހެންވެސް ކަންކަމާހުރެ މި ގޮނޑުދޮށް ގިރުމާއި، ރަށްރަށަށް ލިބޭ ގެއްލުމާއި، އެކަންކަން ބަލައި ތަޙުލީލު ކުރުން އެބައޮތް. އެ ތަޙުލީލުތަކުގެ ތެރޭގައި އަޅުގަނޑު އުންމީދު ކުރަން ބަނދަރު ހެދޭނެ އިތުރު ގޮތެއް، އާ ވިސްނުމެއް އަޅުގަނޑުމެންނަށް ނެރެވޭނެ ކަމަށް.

މިއަދު މި ބަނދަރު މިހަދާގޮތަށް ބަނދަރު ހަދައިގެން ތިމާވެށްޓަށް ލިބޭ ގެއްލުންވެސް ވަރަށްބޮޑު. އަދި ރަށަށްވެސް ލިބޭ ގެއްލުންވެސް ވަރަށްބޮޑު. އެންމެ ރަށެއްވެސް ނެތް. ފުރަތަމަ ފަށާއިރު ބުނަނީ ތިޔަތަނުގައި ތިތަން ހެދީމާ ރަނގަޅުވާނޭ. ހަމަ އަހަރުމެންނަށް އެނގޭ އެއްޗަކީ އޭތި ހަދާތަނުން ޖެހިގެން އޮތް ތަނުން ގިރަންފަށާކަން. ދެން ބުނަނީ ފައިކަށި އަނެއްއަތަށް ދަމާލީމާ ރަނގަޅުވާނެއޭ. ހުޅަނގުގެ ބާރު މާބޮޑަށް ބަނދަރަށް ވަންނަނީއޭ. ފައިކަށި އަނެއްއަތަށް ދަމާލީމާ، އަނެއްކޮޅުން އަނެއްތޮށި އަނެއްއަތަށް ދަމާލަންޖެހޭ. ދެން އަޅުގަނޑުމެންނަކަށް ޙަޤީޤަތުގައި ނޭނގެ، ކޮން ކަށްޓެއް ކޮން އަތަކަށް ދަމައިގެން، ކޮން ތޮށްޓެއް ކޮން ދިމާއަކަށް އިތުރުކުރީމާ ކަމެއް މިއިން އެއްވެސް ކަމެއްވަނީ. ކޮންމެ މީހަކު ކޮންމެ ރަށަކު އެކަމަކު އަޅުގަނޑުމެން އަރާތަނުން މިރަށުގެ ފައިކަށްޓަށް މިހެން ހަދަން ހަމަ އެބައެދޭ. އަޅުގަނޑުމެންނަށް ހީވެފައި ހުންނަނީ. ހިތަށް އަރަނީ ފައިކަށި މިހެން ހެދީމާ މިހެންވާނެއޭ. ފުންކޮށް އަޅުގަނޑުމެން މިކަންކަމާ ވިސްނަންވެއްޖެ.

ބައެއް ފަހަރަށް ބައެއް ބޭފުޅުން އަޅުގަނޑު ތިޔަބޭފުޅުންނާ މި ތިލަ ބަހުން ވާހަކަ ދައްކާތީ ހިތްހަމަނުޖެހޭ މާލޭ ބައެއް ބޭފުޅުން. އެބޭފުޅުން ހިތަށްއަރަނީ، އެބޭފުޅުންގެ އުނދޯލިގެ ބަހުރުވައިން ނޫން ގޮތަކަށް ދިވެހިބަހެއް ނުހިނގައޭ. އަޅުގަނޑަށް އެނގޭ އެއްޗަކީ، ތިޔަބޭފުޅުންނާ ވާހަކަ ދައްކަން އަޅުގަނޑު މިއުޅެނީ. އަޅުގަނޑު ދެކޭގޮތުގައި މަގޫދޫ ރައްޔިތުންނަށާއި ރާއްޖޭގެ ގިނަ ރައްޔިތުންނަށް އަޅުގަނޑު ދައްކާ ވާހަކަ ވަރަށް ސާފު. އޮޅިފައެއް ހަމަގައިމުވެސް ނޯންނާނެ. އެހެންވީމާ، ސާފުކޮށް އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ދެކެވޭ މަޢްލޫމާތު ބަދަލުކުރެވެންޏާ، އަޅުގަނޑު މި އުންމީދު ކުރަނީ އޭގެ ސަބަބުން ރަނގަޅު ނަތީޖާ ނުކުންނާނެއޭ. އަޅުގަނޑު އަބަދުވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނީ، އަޅުގަނޑުގެ ހިތުގެ ހަމަ ހުރި އެންމެ އިޚްލާޞްތެރިކަމާއެކީގައި އެވަގުތަކު އަޅުގަނޑަށް އެކަމެއް ފެންނަ ގޮތަށް ފޮރުވުމެއްނެތި ސާފުކަންމަތީގައި ތިޔަބޭފުޅުން އަރިހު ދަންނަވާނަން. އެއިން އެހެން ބަޔަކު ހިތްހަމަނުޖެހުނަސް އަދި ޖެހުނަސްވެސް ކުރާނެ ކަމެއް ނެތް. އަޅުގަނޑު ދޮގެއް ނުހަދާނަން. ކަން އޮތްގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކިޔައިދެވޭތޯ ބަލާނަން. މިއަދު މިވަނީ ރަނގަޅު ކަމެއް. މަގޫދޫ މީހުން، ރައްޔިތުންވެސް އަދި މުޅި މިއަތޮޅުގެ ހުރިހާ ރައްޔިތުންވެސް މި ރަނގަޅު ކަންތައް ހަމަ ބަލައިގަތުން މުހިންމު. ބަލައިގަންނައިރުގައި ދުރަށް ވިސްނާފައި، އެކަން ކުރުންވެސް ހަމަ މުހިންމު.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި ފަހި މުސްތަޤްބަލެކޭ މާދަމާ އެއީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ހޯދައިދެވޭނެއޭ. ހަމަ އަޅުގަނޑު އަނެއްކާވެސް ދަންނަވާނީ،

ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެއޭ
ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެއޭ.

والحمد للّـه. السّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ.