بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު އައްޑުއަތޮޅު ހިތަދޫގައިވެސް ހަމަ މިކަމާ ގުޅޭގޮތުން ދައްކަން އޮތީ، އަޅުގަނޑު ހިތުން ފުވައްމުލަކުގައިވެސް ދެއްކި ވާހަކަ. އަދި މީގެކުރީގައިވެސް މިކަމާ ގުޅޭގޮތުން، އަޅުގަނޑުމެން އަބަދުވެސް، ދައްކަމުން އަންނަ ވާހަކަ. ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ކަންކަން، ރައްޔިތުންނަށް ނިންމުމުގެ ފުރުޞަތު ލިބިގެނޭ. އެކަން އަޅުގަނޑުމެންނަށް ކުރެވެން އަންނަނީ، އެމަސައްކަތް އެގޮތަށް އިންތިޒާމު ކުރެވޭނީ، ތިޔަބޭފުޅުންގެ ކަންކަން ތިޔަބޭފުޅުންނަށް މިތަނުގައި ތިއްބަވައިގެން، ތިޔަބޭފުޅުންގެ އަތޮޅުތަކުގައި ތިއްބަވައިގެން، ތިޔަބޭފުޅުންނަށް ކަންކަން ރާވައި، އިންތިޒާމުކޮށް ހިންގޭނެ އުސޫލަކުން މިކަން ކުރެވުނީމާ.

ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމުގެ ވާހަކަތައް، އަޅުގަނޑުމެންގެ ރާއްޖޭގައި ދެކެވޭތާ ކިތަންމެ ޒަމާނެއްވެއްޖެ. އެހެންނަމަވެސް، އެއްވެސްއިރެއްގައި ވެރިކަމަށް އެކަން ފުރިހަމަ ގޮތުގައި ކުރުމަށް މިއޮންނަނީ ވަރަށް ބޮޑަށް ދަތިވެފައި. އަޅުގަނޑަށް ފެންނަ ފެނުމުގައި، މީގައި މައިގަނޑު ދެސަބަބެއް އެބަވޭ. އެއްސަބަބަކީ، ޒަމާނުއްސުރެ ފަށައިގެން މިދިޔަ ހަތްސަތޭކަ އަހަރު ރާއްޖޭގެ ވެރިކަން، މަރުކަޒުވެފައި މިހުރީ މާލޭގައި. އެ ވެރިކަން މާލޭގައި ތިއްބަވައިގެން ކުރައްވާ ބޭފުޅުން އެ ވެރިކަން ދޫކޮށްލުމަށް، ނުވަތަ އެ މަރުކަޒުން އެހެން ތަންތަނަށް އެ ބާރުތައް ބަހާލުމަށް ނޭދޭ. އެއްވެސްއިރެއްގައި ދިވެހި ވެރިން އެދި އުޅޭ ކަމެއް ނޫން އެއީކީއެއް، އެބޭފުޅުންނަށް ލިބިފައިވާ ބާރު ދޫކޮށްލުން އެއީކީ. އެހެންވީމާ އޭގެ ސަބަބުން މިކަމަށް ވަރަށް ބޮޑަށް ހުރަސްއެޅޭ.

ހަމައެހެންމެ ދެން، އެކަމާ ގުޅިގެން ހިނގާ އަނެއްކަމަކީ، އެ ރަށްރަށުގައި ރައްޔިތުންނަށް މި ވިސްނިފައި އޮންނަނީ، ނުވަތަ ވިސްނައި ދެވިފައި މިއޮންނަނީ، ތިމަންނާމެންގެ ރަށް ގޮސް އެހެން ތަނެއްގެ ދަށަށް ދަނިއްޔޭ. މީކީއެއް ނޫން މިވާކަމަކީ. މިވާކަމަކީ، އެންމެންގެ ކަންކަން ނިންމުމުގައި އެމީހުންނާ ގާތުން ކަންކަން ނިންމޭ އުޞޫލެއް އަންނަނީ. އެހެންނަމަވެސް މިސާލަކަށް، މާލޭގައި ހުންނަވާ ބޭފުޅާ، ބާރުގެއްލޭ ފަރާތަށް، އަބަދުވެސް ވަރަށް ފަސޭހަވޭ ވަކާލާތު ކުރަން، މިރަށްރަށުގައި ތިއްބަވާ ބޭފުޅުންގެ އަރިހުގައި މިވާހަކަ ދައްކަން. ކޮބާ ތިރަށުން ވެރިކަން ގެއްލެނީނޫންހޭ! ހިތަދޫ ދަށަށް ތިރަށްދަނީ ނޫންހޭ! މާލޭން ނެއްޓި އެހެން ރަށަކަށް ބަދަލުވަނީ ނޫންހޭ! މި މަޢުލޫމަތު ނުވަތަ އެކުށް މަޢުލޫމާތު އެހެން ފެތުރުމުގެ ޖާގަ، ލާމަރުކަޒީ ކުރުމާ އަބަދުވެސް ގުޅިފައި އޮވޭ. އަޅުގަނޑެއް ނުދެކެން، ރާއްޖޭގެ ރައްޔިތުން ވޯޓުލާން ތައްޔާރަށް ތިބީ ނުވަތަ ކަންކަން ނިންމަން ތައްޔާރަށް ތިބީ، ވަޠަނީ ރޫޙުގައި ނުވަތަ ވަޠަނީ މަގުގައި ކަމަކަށް. އެހެންނަމަ މިއިންތިޚާބުގައި، މިފަހަރު މިރާއްޖެ މިދެއްކި ނަތީޖާއެއް ނުދެއްކީސް.

އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ކުޑަކޮށްވެސް ކަންބޮޑުވާކަށެއް ނުޖެހޭ، ޕާޓީ ނިޒާމު ހިނގަމުން އަންނައިރުގައި، ދެބަޔަކަށް އެއްފިކުރަކަށް އާދެވެނީ، ނުވަތަ ދެމީހަކަށް އެއްފިކުރަކަށް އާދެވެނީ، އެއްފަސްގަނޑަކަށް ވިހެއީތީކީއެއްނޫން. އެއްފިކުރަކަށް އެބައާދެވޭ، ފަލްސަފާއެއްގެ ގޮތުގައި. ޕާޓީއެއްގެ ސިޔާސަތެއްގެ ގޮތުގައި. އަޅުގަނޑަށް ޔަޤީން، އަޅުގަނޑާ މިރަށުގެ ބައެއް ބޭފުޅުންނާ ފިކުރު މާ އެއްގޮތް، މާލޭގައި އުޅުއްވާ ބައެއް ބޭފުޅުންނަށްވުރެ. އަދި އެބޭފުޅުންގެ މިރަށުގައި އުޅުއްވާ ބައެއް ބޭފުޅުންނަށްވުރެ. މިފިކުރު އެއްގޮތް މިވަނީ އަޅުގަނޑުމެންގެ ޕާޓީގެ ރޮނގު. އަޅުގަނޑުމެން ޕާޓީ ގެންގުޅޭ ފަލްސަފާއެއް އެބައޮތް. އަދި އެހެން ޕާޓީތައްވެސް ގެންގުޅޭ ފަލްސަފާތައް ހުރޭ. އެހެންވީމާ، އެކަން މިހިނގަނީކީއެއް ވަޠަނީ ރޮނގަކުންނެއް ނޫން. ޙަޤީޤަތުގައި މިއަދު އަޅުގަނޑު މިތަނަށް އައިސް މިހުރީވެސް، އަޅުގަނޑަށް އެހެން ތަނަކުން، ލިބުނު އަޣުލަބިއްޔަތެއްގެ ބޭނުންކޮށްގެން، މިއަތޮޅުގެ ކަމެއް ކުރުމަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑަށް މާލޭން ލިބުނު އަޣްލަބިއްޔަތު ވަރަށް ބޮޑުވާނެ. އަދި އަބަދުވެސް އަޅުގަނޑަށް އެ އަޣްލަބިއްޔަތު މާލޭން ލިބެމުން އާދޭ. އަޅުގަނޑަށް އެލިބުނު މާލޭގެ އަޣްލަބިއްޔަތު ބޭނުންކޮށްގެން އަޅުގަނޑު މިތަނަށް އައިސް މިހުރީ މިތަނުގެ ބާރުވެރިކަން އިތުރުކުރުމަށް. މިތަނުގައި އެބާރުވެރިކަން އުފެއްދުމަށް. އަޅުގަނޑެއް ނުދެކެން އެއީކީއެއް އެއްވެސް ޙާލެއްގައި މާލޭ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ކަމަކަށް. ޙަޤީގަތުގައި އެހެން މީހަކަށް އެއްޗެއް ލިބުނީމާ، އަނެއް މީހާއަށް އުނިކަމެއް ނޫން އަންނަންވީ. އިތުރުވުމެއް ލިބޭނީ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މުއްސަނދިކަން މިއަށްވުރެ މާރަނގަޅަށް ބޭނުންކުރެވެން އެބައޮތް، ލާމަރުކަޒީ އުސޫލުން. އެއީ އަޅުގަނޑުމެން ރާއްޖޭގެ އެންމެނަށްވެސް ފައިދާހުރި ގޮތްކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން.

މިއަތޮޅު، މިސަރަޙައްދު، މި ޕްރޮވިންސް، އެއީ އައްޑުއަތޮޅާއި މުލައް އެކުވެގެން މިއޮންނަ ސަރަޙައްދު ހިނގައިގަތީމާ، އޭގެ އިޤްތިޞާދީ ފައިދާ، އަޅުގަނޑަށް ޔަޤީން، ކުރާނީކީ ހަމައެކަނި މިސަރަޙައްދުގެ ބޭފުޅުންނަކަށެއްނޫން. އޭގެ އިޤްތިޞާދީ ފައިދާ އަޅުގަނޑުމެން އެންމެންނަށްވެސް، މިރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް ކޮށްގެންދާނެ. އެހެންވީމާ، އެއްވެސް ހާލެއްގައި މިއީކީއެއް އުފަންވީ ބިމުގެ ރޫޙެއް އޮވެގެނެއް ކުރުމާ ނުކުރުން ނިންމުމަށް އޮތްކަމެއް ނޫން. އަޅުގަނޑު މިހުރިހާ ވާހަކައެއް ދައްކާއިރުވެސް އަޅުގަނޑަށް އެނގޭ ރާއްޖޭގެ އަތޮޅުތަކަކީ، އެއަތޮޅުތަކުގެ ރައްޔިތުންގެ ހިތްތަކުގައި އަތޮޅުގެ ރޫޙު ވަރަށް ގަދަޔަށް ބިންވަޅު ނެގިފައި އޮންނަ ކަންތައްތަކެއް. ހަމައެހެން، މިކަން އޮތީ އަވަށްތަކުގެ މެދުގައިވެސް، ރަށްރަށުގެ މެދުގައިވެސް، ގޭގޭގެ މެދުގައިވެސް. ޤަބީލާއަކަށް ނިސްބަތްވުން، ޢާއިލާއަކަށް ނިސްބަތްވުން، އަވަށަކަށް ނިސްބަތްވުން، ރަށަކަށް ނިސްބަތްވީތީވެ، އަނެއްބަޔަކާ އެކީގައި ނޫޅެވުމުގެ ފިކުރަށް އަޅުގަނޑުމެންނަށް އާދެވޭކަމަށް ވަނީވިއްޔާ، އެ ލިބެނީ އަޅުގަނޑު ދަންނަވާނީ ވަރަށްބޮޑު ނިކަމެތިކަމެކޭ. އަޅުގަނޑުމެންގެ ބާރު އެއްކުރުމަށް އެދިވަޑައިގަންނަވާ، ވެރިންނަށް އަބަދުވެސް އެ ބައިކުރުން އެއީ އެބޭފުޅުންގެ ބާރު ދެމެހެއްޓުމަށްޓަކައި ބޭނުންކުރެވޭ ކަމެއް. އަޅުގަނޑުމެނެއް ބޭނުމެއްނޫން، ބައިބައި ކޮށްގެން ވެރިކަން ކުރާކަށް. އަޅުގަނޑުމެން ބޭނުންވަނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގައި ކަންކަން ކުރިއަށް ގެންދަން.

އަޅުގަނޑަށް ޔަޤީން، މިއަތޮޅުގެ ތަރައްޤީ މާ ބާރަށް ހިންގޭނެކަން މިތަނުން ކަންކަން ނިންމުނީމާ. އަޅުގަނޑުމެން މިއެދެނީ ވަރަށް ބޮޑު ދަރަޖައަކަށް ރިވޯލްކުރަން ލާމަރުކަޒީ ކޮޅަށް. އެއީ މިސާލަކަށް، މިތަނުގައި ހުންނަވަންޖެހޭނެ ޕްރޮވިޝަނަލް މިނިސްޓަރެއް. އަދި މިތަނުގައި ހުންނަންޖެހޭނެ ކަމަށް، އަޅުގަނޑުމެން ވިސްނާފައި މިވަނީ ހަތަރު ޑިޕާރޓްމަންޓް. އެއީ، މާލޭގައި އަޅުގަނޑުމެންގެ މިހުރި ސާދަ މިނިސްޓްރީ އެއްކޮށްފައި، ދެން ބަހާލެވިފައި އޮންނަ ހަތަރު ޑިޕާރޓްމަންޓް. އެހުރިހާ މަސައްކަތް އެތަންތަނުން ކުރެވެމުންދާ ގޮތަށް. މިހާރު، އަޅުގަނޑު އަނެއްކާވެސް މިސާލެއް ދަންނަވާނަން. އަޅުގަނޑަށް އެނގޭ މިސާލަކަށް، މިހާރު މިތަނުގެ އެއަރޕޯޓް ތަރައްޤީކޮށް ފުރިހަމަ ކުރަން ބޭނުންވެއްޖެނަމަ، ލާމަރުކަޒީ ނިޒާމު އަޅުގަނޑުމެންނަށް ޤާއިމު ކުރެވުނީމާ، އެއީ ތިޔަބޭފުޅުންގެ ކަމެއް. އެއީ ތިޔަބޭފުޅުން، އެ ޓެންޑަރަށް ލައިގެން، ޓެންޑަރ ކުރައްވައިގެން، އެއަށް ބިޑު ހޯއްދަވައިގެން، އެ ބިޑު އިވޭލުއޭޓް ކުރައްވައިގެން، އެކަށީގެންވާ ރަނގަޅު ފަރާތަކަށް ދެއްވައިގެން، ތިޔަބޭފުޅުން ކުރިއަށް ގެންދަވަންވީ ކަމެއް. އެއީކީއެއް އެކަމަށް އެހެން ބަޔަކު ހުރަސް އަޅަންވީ ކަމެއްނޫން. ހަމަ އެހެންމެ މިރަށުގެ މަގުތައްވެސް، ނަރުދަމާވެސް، ފެންވެސް، ދަތުރުފަތުރުވެސް، ބޯހިޔާވަހިކަންވެސް.

މިހާރު މިއޮތް އުޞޫލުން މިއިން ކަމެއް އަޅުގަނޑުމެން ކުރަން ވެއްޖެނަމަ، ފުރަތަމަ އެކަން މާލޭގައި އިންނަވާ ބޭފުޅަކަށް ހިތަށް އެބަ އަރަންޖެހޭ، އައްޑުއަތޮޅު ފޭދޫ ފެން ގޯހޭ. އެހެންވީމާ، ދެން އެކަމާ ގުޅޭގޮތުން ޕްރޮޖެކްޓެއް ހަދަން މިޖެހެނީ. ސަރުކާރުގެ ކޮންމެވެސް ކަމާބެހޭ، ކަމާގުޅޭ ވުޒާރާއަކުން އެޕްރޮޖެކްޓް ހެއްދެވީމާ، ދެން އެ ޕްރޮޖެކްޓް ފޮރިން އެފެއާޒަށް، ޚާރިޖިއްޔާއަށް ފޮނުވައިގެން އެއަށް ފައިސާ ލިބޭތޯ ބަލަނީ. ފުރަތަމަ، ޕްރޮޖެކްޓް ހަދަން އެންމެ ބާރަށް ދިޔައިމާވެސް އެއީ ރަނގަޅު އަހަރެއް. ފައިސާ ހޯދަން ޚާރިޖިއްޔާގައިވެސް އެއީ ރަނގަޅު އަހަރެއް. ފައިސާ ލިބުނީމާ، އެ ޓްރެޜަރީއަށް، މާލިއްޔާއަށް ފޮނުވައިގެން، ބަޖެޓުގައި ހިމަނައިގެން، މިހެން މިކަންވީމާ އަޅުގަނޑުމެންނަށް ކުރެވެން އޮތީ މިފަސްއަހަރު ދުވަހުގެ ތެރޭގައި ދެކަން. އެއީކީއެއް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަޢުދު ފުއްދެން އޮތް ގޮތެއްނޫން.

އަޅުގަނޑު މިދަންނަވަނީ، މިތަނުގައި އެބަތިއްބޭ، ހަމަ އަޅުގަނޑު ދަންނަ މީހުންވެސް. އަޅުގަނޑަށް މިއަތޮޅު ވަރަށް ރަނގަޅަށް އެނގޭ. މީހުންވެސް އަޅުގަނޑު ދަންނަން. ފުވައްމުލައްވެސް އަޅުގަނޑު ދަންނަން. އަޅުގަނޑަށް އިނގޭ ތިޔަބޭފުޅުންނަށް މިމަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެކަން. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން މިސަރަޙައްދުގެ ތަރައްޤީއަށް މަސައްކަތް ކުރައްވަން. އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދައިދިނުމުގައި އަޅުގަނޑުމެންގެ ފިކުރުގައި ތިއްބެވި ބޭފުޅުން، އެއީ އަޅުގަނޑުމެންގެ ޕާޓީގައި ތިއްބެވި ބޭފުޅުން. އެބޭފުޅުން އަޅުގަނޑުމެންގެ ޙައްޤުގައި މިމަސައްކަތް ކޮށްދެއްވުމަށް. އަޅުގަނޑުމެން ވަޢުދު ވެއްޖައިމު، ބޯހިޔާވަހިކަން ހޯދައިދޭނަމޭ. އަޅުގަނޑުމެން ވަޢުދު ވެއްޖައިމު، ދަތުރުފަތުރުގެ ފަސޭހަކަން އަޅުގަނޑުމެން ހޯދައިދޭނަމޭ. އަދި ތަކެތީގެ އަގު އަޅުގަނޑުމެން ތިރިކޮށްދޭނަމޭ. އަޅުގަނޑުމެން ބޭނުން، މިކަންކަން ވީހާވެސް އަވަހަކަށް ކުރަން. ބަލާއިރުގައި، އަޅުގަނޑުމެންނަށް ލިބިފައިއޮތް އެންމެބޮޑު އެއް ރައުސްމާލަކީ ޙަޤީޤަތުގައި އައްޑުއަތޮޅު. އެހެންވީމާ، މިއަތޮޅުގެ މުއްސަނދިކަމާ، މިއަތޮޅުގެ ހުނަރާ، ޙިލްމާ ޢިލްމު ބޭނުންކުރުމަށް އަޅުގަނޑުމެން ކުޑަކޮށްވެސް ފަސްޖެހޭކަށް ބޭނުމެއްނޫން. މިއަތޮޅު ތަރައްޤީވެ ދިޔައީމާ، މި އާ ފުވައްމުލަކާ އެކުގައި، އަޅުގަނޑުމެން އޭރުން އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެނަށްވެސް އެލިބެނީ ފައިދާ. އެންމެ ބޮޑަށް މިއިން ފައިދާ ކުރާނެ އެއްބަޔަކީ ހަމަ މާލޭ މީހުން.

އައްޑޫ ތަރައްޤީ ވެއްޖެނަމަ، އޭގެ އެންމެބޮޑު ފައިދާއެއް ލިބޭނީ ހަމަ މާލޭގެ މީހުންނަށް. އަޅުގަނޑަށް ޔަޤީން، މިހާރުގެ އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިކަން ވަރަށް ސާފުކޮށް ނުވިސްނޭކަން. އަޅުގަނޑު ކުޑަކޮށްވެސް ޖެހިލުމެއް ނުވަން، މި މަސައްކަތް ކުރާކަށް. އަޅުގަނޑުމެން މިކަން ކުރަމުން މިގެންދަނީ، ތިޔަބޭފުޅުންގެ އިތުބާރާއި، ތިޔަބޭފުޅުންގެ ރުހުމާއި، ތިޔަބޭފުޅުންގެ އެއްބާރުލުމާ އެކީގައި ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ހަމައެހެންމެ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑު މިކަން މިކުރަނީ، ރާއްޖޭގެ އެހެން ރައްޔިތުންގެވެސް ރުހުމާއި އެއްބާރުލުން ލިބިގެންކަން. އަޅުގަނޑުމެންނަށް، މިކަން އަޅުގަނޑުމެން މިއެދޭ ޢަމަލީ ގޮތުގައި ކުރަން ފެށުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން އެބަ ބޭނުންވޭ. އެއީ މިހާރުގެ ޤާނޫނުއަސާސީ މިބުނާގޮތުން، އެގޮތް ފަށައިގަތުމަށް އެހާ ރަނގަޅު ނޫން ކަމަށް، އަޅުގަނޑަށް ޤާނޫނީ ލަފާ ލިބޭތީވެ، އަޅުގަނޑުގެ ފިކުރުގައި ހުރިގޮތަކީ، މަޖިލީހުން މިކަން ނިންމައިދެއްވުމަށް އެދުން. އެހެންވީމާ އަޅުގަނޑު އިރާދަކުރެއްވިއްޔާ މިތަނުންގޮސް މަޖިލީހަށް މާދަމާ މިމައްސަލަ އަޅުގަނޑު ލާނަން. އެބޭފުޅުން ގޮތެއް މާދަމާ ނިންމަވައިދެއްވައިފިއްޔާ އިރާދަކުރެއްވިއްޔާ، މާދަމާރޭ ޕްރޮވިޝަނަލް މިނިސްޓަރެއް ޢައްޔަން ކުރާނަން. އެހެންނޫނީ އޭގެ އަނެއްދުވަހު ކުރާނަން. އޭގެ އަނެއްދުވަހު އިރާދަކުރެއްވިއްޔާ، މާލޭން ސާޅީހަކަށް މަޤާމު މިތަނުގައި އުފައްދާނަން. ހަމަ ވަގުތުން ވަގުތަށް އިރާދަކުރެއްވިއްޔާ މަސައްކަތް ފެށޭނެ.

އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެން މިއުންމީދުކުރާ މައިގަނޑު މަޝްރޫޢުތައް އަވަހަށް މިއަތޮޅުގައި ފަށައިގަނެވޭނެ ކަމަށް. އަޅުގަނޑުމެނެއް ފަހަކަށް ޖެހޭކަށެއްނޫން މިތިބީކީ. އަޅުގަނޑުމެން މިތިބީ، އަޅުގަނޑު ޚާއްޞަކޮށް މިހުރީ މިކަން ކުރަން. ދެން، އަޅުގަނޑަށް މިކަން ކުރެވޭނީ، މަޖިލީހުން އެބޭފުޅުންގެ ރުހުން ދެއްވީމާ. އަޅުގަނޑާ އެކީގައި މިދަތުރުގައި މަޖިލީހުގެ އަޅުގަނޑުމެންގެ ފިކުރުގެ ވަރަށްގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ. އެގޮތުން، މި މަސައްކަތު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް، އަޅުގަނޑު މިއެދެނީ، އައްޑުއްތޮޅުގެ ޢިއްޒަތްތެރި މެންބަރު އަސްލަމާއި، ފުވައްމުލަކުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އިބުރާހީމްދީދީއާ ދެބޭފުޅުންގެ އަރިހުން. އެދެބޭފުޅުންނާ އެކީގައި އަޅުގަނޑުގެ ރައީސް އޮފީހުގެ ކަމާބެހޭ މުއައްޒަފުންވެސް އެބަތިއްބެވި. އަދި އޭގެއިތުރުން، މިއަތޮޅުގައި މިރަށުގައި ފެށުނީއްސުރެ ފަށައިގެން، އަޅުގަނޑުމެންގެ މިސިޔާސަތު އެކުލަވާލަމުން އައިއިރުގައި މަސައްކަތް ކުރަމުން އައި ބޭފުޅުންވެސް ވަރަށް ބައިވަރު. އެހެންވީމާ، އަޅުގަނޑުމެން މިދައްކަނީ ކޮންވާހަކައެއްކަމާއި، ކުރަން މިއުޅެނީ ކޮންކަމެއްކަން، ވަރަށް ސާފުކޮށް އެނގޭ ބޭފުޅުން މިތަނުގައި ވަރަށްގިނަވާނެ. އަޅުގަނޑު އުންމީދު ކުރަނީ، މިއީ އުފާވެރި ދުވަހަކަށްވާނެ ކަމަށް. އަޅުގަނޑުމެން މިދެކޭ ސަރަޙައްދީ ތަރައްޤީ، ނުވަތަ ސަރަޙައްދީ ސަރުކާރު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޤާއިމު ކުރެވޭނެ. އެއީކީއެއް ތާރީޚުގެ އަޖަލުގައި ޖެހިގެން އަޅުގަނޑުމެން ފަހަށްޖެހެން ޖެހެންވީ ކަމެއްނޫން. އަޅުގަނޑެއް ނުޖެހޭނަން ތާރީޚުގެ އަޖަލަކު. އަޅުގަނޑުމެން މިކުރިއަށް، މުސްތަޤްބަލަށް އަޅުގަނޑުމެން މި މިންއަޅަނީ. އަޅުގަނޑުމެންގެ ދަރީންނާއި، އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް، މި ރާއްޖެ ބިނާކުރެވޭތޯ މިބަލަނީ. އެހެންވީމާ، އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް އުފާވޭ، ތިޔަބޭފުޅުންނާ އެކީގައި މިމަސައްކަތް އަޅުގަނޑަށް ފެށޭތީވެ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި މިމަސައްކަތް ކުރައްވަން ބޭނުންވެލައްވާނެކަން. އެއީއެއް އަޅުގަނޑަށް އޮޅިފައި އޮތް ކަމެއްނޫން.

އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެނީ، ވީހާވެސް ބޮޑަކަށް އަޅުގަނޑަށް އެނގޭ އެކަންވެސް ތިޔަބޭފުޅުން ކުރައްވާނެކަން. އެހެން އަތޮޅުތަކުގެ އީޙްސާސްތަކަށް ބަލަން އެބަޖެހޭ. އަޅުގަނޑުމެންގެ ދެބައިމީހުން. އެއީ ޚާއްޞަކޮށް މާލޭ މީހުންނާ ތިޔަބޭފުޅުންނާ. އަޅުގަނޑުމެންނަށް، މިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރިވެތި ގޮތުގައި މިކަން ކުރުމަށް އެބަ ދަސްކޮށްދޭންޖެހޭ. މިވަގުތު އަޅުގަނޑުމެންނަށް ފަށައިގަނެވެން އޮތީ އުތުރާއި ދެކުނުގައި. ކަމަށް ބޭނުންވާ ޢިމާރާތްތަކާއި އެހެނިހެން ކަންކަންވެސް މިހުރީ ތައްޔާރުވެފައި. ޙަޤީޤަތުގައި މާދަމާވެސް އަޅުގަނޑުމެންނަށް މިކަންކަން ފަށައިގަނެވެން އެބައޮތް. ހަމަ އައްޑުއަތޮޅަށްފަހުގައި، ހަމަ އައްޑުއަތޮޅާ އެކީގައި އަޅުގަނޑުމެން މިމަސައްކަތް މިކުރިއަށް ގެންދަނީ އުތުރުގައި. މިމަސައްކަތް ކުރުމަށް އަޅުގަނޑު މިތަނުން ވީހާވެސް އަވަހަކަށް ކުޅުދުއްފުއްޓަށާއި، އަދި ދިއްދުއަށާއި އަދި ފުނަދުއަށް ދަތުރުކުރެވޭތޯ ބަލާނަން. އަޅުގަނޑުމެން މި މަސައްކަތް މިދެސަރަޙައްދު ވީހާވެސް އަވަހަކަށް ފަށާނަމޭ. އަޅުގަނޑު އުންމީދުކުރާ ގޮތުގައި ހަމަ ދެން، އެކުއެކީގައިހެން އެހެން ހުރިހާ ސަރަޙައްދުތައްވެސް އަޅުގަނޑުމެންނަށް ނަގާ ކޮޅަށްޖެހެން ޖެހޭނެ. އެހެންވީމާ، ދެން ތިޔަބޭފުޅުންގެ މަސައްކަތަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރުޞަތު އަރުވަމުން، ތިޔަބޭފުޅުންނާ އަޅުގަނޑު ވަކިވެލާނަން. އަޅުގަނޑަށް އެނގިފައިއޮތް ޕްރޮގްރާމް އޮތީ މެންދުރު ނަމާދަށްފަހު، ކެއުމަށްފަހު ދެން، ތިޔަބޭފުޅުންގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް. އެހެންވީމާ، އެކަންކަމަށް ވަގުތުދެމުން އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލާނަން.

ވަރަށްބޮޑަށް ޝުކުރިއްޔާ!

اَلحَمْـدُ لِلّـهِ.