بســم اللّـه الرّحمـن الرّحيــم

އައްޑު އަތޮޅުގެ ލޮބުވެތި އެކުވެރި ރައްޔިތުން.

މި ސްޓޭޖަކީ އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އާ ސްޓޭޖެއް ނޫން. މިރަށަކީ، މި އަތޮޅަކީ، އަޅުގަނޑުމެންގެ ސިޔާސީ ޙަޔާތުގައި އެންމެ ފާހަގަކުރެވޭ، އަބަދުވެސް ހަނދާނުގައި ބިންވަޅު ނެގިފައި ހުންނާނެ ކަންތައްތައް އަޅުގަނޑުމެންނާ މާޒީގައި ދިމާވެފައިވާ އަތޮޅު. މި ރާއްޖެ ޑިމޮކްރަސީއަށް ބަދަލުކުރުމުގައި ވަކި އެއް އަތޮޅެއް ނުވަތަ ވަކި ބައެއް، އެހެން ބަޔަކަށްވުރެ ބޮޑަށް ޙިއްޞާވެފައި އޮތްކަމަށް ކޮންމެހެން ދަންނަވާން އަޅުގަނޑު އުޅެނީއަކީއެއް ނޫން. އެހެންނަމަވެސް، އައްޑުއަތޮޅު ރައްޔިތުންގެ ސާބިތުކަމާއި، އެ ރައްޔިތުންގެ އުންމީދާއި، އެ ރައްޔިތުންގެ މަންޒަރު އެއީ، ހަމަގައިމުވެސް އަޅުގަނޑަށް މި މަސައްކަތުގައި އުޅުމަށް އެންމެ ހިތްވަރު ދެއްވި އެއް ރައްޔިތު. ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑަށް ޔަޤީން މިޝުކުރު ތިޔަބޭފުޅުންނަށް އަރުވާނީ އަޅުގަނޑު އެކަންޏެއް ނޫން. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސްމެ.

އަޅުގަނޑުމެން މަންޒަރެއް ކުރެހީމު. އަސްލަމް ވިދާޅުވެއްޖެ. އަޅުގަނޑުމެންގެ ތަޞައްވުރެއް، އަޅުގަނޑުމެންގެ ވިސްނުމެއް އަބަދުވެސް އޮތް. އަޅުގަނޑުމެން ދުށީ:
(1) ރާއްޖޭގެ ވެރިކަން ރައްޔިތުންނަށް ހެޔޮގޮތުގައި ކުރެވެން އޮތް އިންސާނީ ތަޖުރިބާ ދައްކާފައިވާ، ފުރިހަމަ ނިޒާމަކީ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބިނާވެފައި އޮންނަ ޑިމޮކްރަސީގެ ހަމަތަކޭ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން މެނުވީ، ރާއްޖެއަށް އަޅުގަނޑުމެން މިއެދޭ ތަރައްޤީ ނުގެނެވޭނެ. އަޅުގަނޑުމެންނަށް މިއަދު އެކަން އިއްޔެއަށްވުރެ އަދި މާ ޔަޤީން. އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެން މިއެދޭ ގޮތަށް، އަޅުގަނޑުމެން އެދޭ ގުލްޒާރަށް އަޅުގަނޑުމެންނަށް ގެންދެވޭނީ، ޑިމޮކްރަސީގެ ހަމަތައް އަޅުގަނޑުމެންގެ ތެރޭގައި އަދި މިހާރަށްވުރެވެސް ބޮޑަށް އަށަގަންނަވައިގެން. އެ ހަމަތައް އަޅުގަނޑުމެންގެ ހިތުގެ އަޑިން ގަބޫލުކުރެވިގެން.

އަޅުގަނޑުމެން ދެންނެވީމު ޕާޓީއަކުން ސަރުކާރެއް ހިންގުމަށް ތައްޔާރުވެ، އިންތިޚާބަކާ ކުރިމަތިލާއިރުގައި ޕާޓީތަކުގެ ވާޖިބެކޭ އެއީ، އެ ޕާޓީއެއް ސަރުކާރު ހިންގުމާ ހަވާލުވެގެން ތިބޭއިރުގައި، ހަވާލުވެ ކުރިއަށްދާއިރުގައި، ހިންގަމުންދާއިރުގައި، ކަންކަން ކުރާނެ ގޮތުގެ ފުރިހަމަ ތަޞައްވުރެއް ރައްޔިތުންނަށް ހުށަހެޅުން. އިންތިޚާބުވުމުގެ ކުރީގައި ތަޞައްވުރެއް ހުށަހަޅަން ޖެހޭނެއޭ. ރައްޔިތުންގެ ވޯޓު، ރައްޔިތުންގެ ރުހުން ބިނާވެފައި އޮންނަން ޖެހޭނީ، މިދަންނަވާ ތަޞައްވުރުގެ މައްޗަށޭ، މިދަންނަވާ މެނިފެސްޓޯގެ މައްޗަށޭ. އަޅުގަނޑުމެން އެދުވަހު މެނިފެސްޓޯ ހުށަހެޅީމު. ފަހަރެއްގައި އޭރުގެ ހަލަބޮލިކަމުގައި ބައެއް ބޭފުޅުންގެ ހަނދުމައިގައި އެ މެނިފެސްޓޯގެ ނުކުތާތައް މިހާރު ނެތިދާނެ. ބައެއްފަހަރަށް މެނިފެސްޓޯ ހުށަހަޅަމުން ދިޔައިރުގައި ބައެއް ބާވަތުގެ ޒުވާބާއި، އޮއްގަލާއި، ފުރައްސާރަ، އަޅުގަނޑުމެންނާ ދިމާއަށް އަންނަމުން ދިޔަ. އަޅުގަނޑުމެން އޭރުވެސް އަދި މިހާރުވެސް ދެކެނީ އެއީ، އެކަމުގެ ޖޯޝާއި، އެކަމުގެ އަޞްލާއި އެކަމުގެ ރޫޙުގައި ހިނގަމުންދިޔަ ކަމެކޭ އެއީ، ހަމަ ރަނގަޅު ކަމެކޭ.

އަޅުގަނޑުމެންގެ ސިޔާސަތު މިހާރު މިއޮތީ އެކުލަވާލެވިފައި. ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަތްފޯރާފަށުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުން، ބޭސް ސިޓީއަށް ސަލާން ނުޖެހުން، ފޮތް ލިސްޓަށް އާދޭސް ނުކުރުން، ހާސްކަން މަތީގައި ނެތުން، ޑްރަގުގެ ވަބާއިން އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތްވުން، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން މިރާއްޖޭގެ ރަށްތައް ގުޅާލުން. އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔައިމު އަޅުގަނޑުމެންގެ އަމާޒަކަށް %60 ކުދިންނަކީ، އޯލެވެލް އިމްތިޙާނުން ފާސްވާ ކުދިންނަށް ވާންޖެހޭނެއޭ. ރާއްޖޭގެ މަގުތަކަކީ، ޚާއްޞަކޮށް ބޮޑެތި ރަށްރަށުގެ މަގުތަކަކީ، ހިނގާބިނގާވެ ދަތުރުފަތުރުކޮށް އުޅެވޭ ތަންތަނަށް ވާންޖެހޭނެއޭ. އަޅުގަނޑުމެން އެމަންޒަރު ކުރެހިއިރުގައި އަޅުގަނޑުމެން ތަފްޞީލީ ވާހަކަތަކެއްވެސް ހަމަ ދައްކަމުން ދިޔައިމު.

މިއަދު މިއީ، އެ ސިޔާސަތު ތަންފީޒުވެގެންދާއިރުގައި ތިމަންނާއަށްވަނީ ކިހިނެއްހޭ؟ ތިމަންނާއަށް އޮތީ ކޮންއެއްޗެއްހެއްޔޭ އެމްޑީޕީ ސަރުކާރެއްގައި؟ މިރަށަށްވަނީ ކިހިނެއްހޭ؟ މިއަތޮޅަށްވަނީ ކިހިނެއްހޭ؟ މިޕްރޮވިންސަށްވަނީ ކިހިނެއްހޭ؟ އަޅުގަނޑުމެން މިއުޅެނީ މިހާރު އެސުވާލަށް ޖަވާބުދޭން. ބައެއް ބޭފުޅުން ހީކުރައްވާފާނެ، އަޅުގަނޑުމެން މިއުޅެނީ މިކުރިއަށް މިއޮތް އިންތިޚާބުގައި ގޮނޑިތައް ހޯދުމަށްޓަކައި ރައްޔިތުންނަށް ދަޅައެއް ދައްކާށޭ. އަނދުނެއް އަޅުވާށޭ.

އަޅުގަނޑު އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ރައްޔިތުން ދަންނަން. އަޅުގަނޑަށް އެނގޭ، މިދިޔަ ސަރުކާރު ވެއްޓި ދިޔައީ، އެދަޅައިގެ ސަބަބުންކަން. އަޅުގަނޑަށް އެނގޭ، މިއަދު ތިޔަބޭފުޅުންނަށް އެ ދަޅަ، އެއްވެސް ދިވެހި ވެރިއަކަށް ނުދެއްކޭނެކަން. އަޅުގަނޑަށް އެނގޭ، މިއަދު ތިޔަބޭފުޅުންނަށް އޮޅުވާލެވެން ނެތްކަން. އަޅުގަނޑުމެންނެއް ނޫޅެން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް ދަޅައެއް ދެއްކުމެއް ނޫން. އަދި އެއްނަޒަރަކުން ދެކޭއިރުގައި އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެހެން ތިޔަބޭފުޅުން ލައްވާ އަޅުގަނޑުމެން ދައްކާ ވާހަކަ ގަބޫލުކުރުވުމެއްވެސް ނޫން. އަޅުގަނޑުމެން ކުރަން މިއުޅެނީ ކޮންކަމެއްތޯއޭ، އެކަމުގެ ވާހަކަ، ތިޔަބޭފުޅުންނަށް އެކަމުގެ މަޢްލޫމާތު އެރުވުމަކީ، މި ސަރުކާރުގެ ވާޖިބެކޭ. ސަރުކާރު އެކަން ކުރާންޖެހޭނެއޭ. އެ ވާޖިބު ސަރުކާރުން އަދާކުރަންޖެހޭނެއޭ. އެ ވާޖިބު އަދާކުރުމުގައި ސީދާ ހުރިހާކަމެއް އެއްފަހަރާ މިރަށުގައި ފަތުރާލާ މަންޒަރު ދައްކަން މިއީ، ކޮންވަގުތެއްހެއްޔޭ؟ އިންތިޚާބު ކުރިމަތީގައި އޮތީމާ، އެ އިންތިޚާބަށްޓަކައިހެއްޔޭ އެ މަންޒަރު ތިޔަފުރޮޅާލަނީ. އާދެ، އެކަމަށްޓަކައި. ހަމަ ސީދާ އެކަމަށްޓަކައި.

ޑިމޮކްރަސީއަކީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ، ރައްޔިތުންގެ ރުހުން ހޯދައިގެން ވެރިކަން ހިންގޭ ނިޒާމެއް. ރައްޔިތުންނަށް އަޅުގަނޑުމެން އެބަ ހުށަހަޅަންޖެހޭ، އަޅުގަނޑުމެންގެ ސަރުކާރެއް ހިންގަން އަޅުގަނޑުމެން މި ގަސްދުކުރަނީ މިގޮތަށޭ. އަޅުގަނޑުމެންގެ ނަޒަރުގައި، ޑިމޮކްރަސީއެއްގެ އުސޫލުގެ މަތިން ހިނގަމުން އަންނައިރުގައި މިނޫން ގޮތަކަށް ނެތް، އެ ވާހަކަ ތިޔަބޭފުޅުންނާ ދައްކާކަށް. ތިޔަބޭފުޅުންގެ ރުހުން، މިވަގުތު މި މަޝްރޫޢުތަކަށް، މިގޮތަށް މި ސަރުކާރު ހިންގުމަށް ދެއްވީމާ ނޫނިއްޔާ މި ސަރުކާރު ހިންގޭކަށެއް ނެތް. މިކަން އަޅުގަނޑުމެންނަކަށް ކުރެވޭކަށްނެތް. މިއީ، ތިޔަބޭފުޅުންގެ ބާރު ތިޔަބޭފުޅުން އަތުގައި އޮތް ވަގުތު. އަދި އެ ބާރަށް އެދި ސިޔާސީ ވެރިން، ތިޔަބޭފުޅުންނާ މުޢާމަލާތު ކުރަން އަންނަ ވަގުތު. އެއަށް އަޅުގަނޑުމެން މިކިޔަނީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއެކޭ.

އަޅުގަނޑު މިއަދު އައިސް މިހުރީ ތިޔަބޭފުޅުން އަތުގައި އޮތް ބާރެއް އަޅުގަނޑުމެން ސަރުކާރު ހިންގުމުގައި ޙިއްޞާކޮށްދެއްވާށޭ ދެންނެވުމަށް. އެއީ، ކޮންކަމެއް ކުރަންހެއްޔޭ؟ އެއީ، އެމް.ޑީ.ޕީ.ގެ ސިޔާސަތު ހިންގާށޭ. އެއީ، މި ސަރުކާރުގެ ސިޔާސަތު ހިންގާށޭ. އެ ސިޔާސަތު ހިންގާއިރުގައި މިޕްރޮވިންސަށް ވެގެންދަނީ ކިހިނެއްހޭ؟ ތިމަންނާގެ އަތޮޅަށް، ތިމަންނާގެ ރަށަށް، ތިމަންނާގެ ގެއަށް، ތިމަންނާގެ ޢާއިލާއަށް، ތިމަންނާއަށް އޮތީ ކޮންއެއްޗެއްހެއްޔޭ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑުގެ ނަޒަރުގައި ޑިމޮކްރަސީއެއްގައިނަމަ ސިޔާސީ ވެރިން ރައްޔިތުންނަށް ދޭންޖެހޭނެ.

އަޅުގަނޑުގެ މަޤްޞަދަކީ އަޅުގަނޑުމެންގެ ބޭނުމަކީ، މިއީއޭ، އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ. އެކަންތައްތައްވޭތޯއޭ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. މިއޮތީއޭ، އަޅުގަނޑުމެންގެ ޕްލޭނަކީ. މިހިރިއްޔޭ އަޅުގަނޑުމެން ފައިސާ ހޯދަން ގަސްދުކުރާ ގޮތަކީ. މިއޮތީއޭ އަޅުގަނޑުމެން މީހުން ހޯދަން ފިކުރުކޮށްފައި އޮތް ގޮތަކީ. މިހިރަމިހިރަ ކަންކަމޭ، އަޅުގަނޑުމެން ކުރާން މިއުޅެނީ. އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން ބޭނުމޭ، ތިޔަބޭފުޅުންގެ އެއްބާރު. އެ ދެން އަޅުގަނޑުމެން މިދިޔަ ތިރީސްއަހަރު އަޑުއަހަމުން އައި ބަހެއް. އެއްބާރުލެއްވުން ދެއްވާށޭ. އޭގައި ޙަޤީގަތުގައި އަޅުގަނޑުމެން މިބުނަނީ، އަޅުގަނޑުމެންނަށް ވޯޓު ދެއްވަހަރޭ، އޭގެ ވާހަކަ އެއީ. އަޅުގަނޑެއް އެއްވެސް ވާހަކައެއް އޮޅުވާލައިގެން ދައްކާކަށް ނެތިން. ހަމަ އެއްވެސް ވާހަކައެއް މީގެކުރީގައިވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް އޮޅުވާލައިގެން ވާހަކައެއް ދައްކާފައެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ މިއަދަކުވެސް ނުދައްކާނަން. އިރާދަކުރެއްވިއްޔާ ދެން ކުރިއަށް އޮތްތަނަކުވެސް ނުދައްކާނަން. އަޅުގަނޑުގެ ޤާނޫނީ ވާޖިބެއް އެއީ، މި ޤާނޫނުއަސާސީ ޙިމާޔަތްކުރުން. މި ޤާނޫނުއަސާސީ ރައްކާތެރިކޮށްދިނުން. މި ޤާނޫނުއަސާސީއަކީ މަލްޓިޕާޓީ ނިޒާމުގައި އެކުލަވާލެވިފައި އޮތް ޤާނޫނު އަސާސީއެއް.

ހަނދުމަފުޅުކޮށް ބަހައްޓަވާތި، މިދިޔަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ، ގިނަ ޕާޓީ އެކުލެވޭ އިންތިޚާބަކުން އިންތިޚާބުވެވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާއެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ދެންނެވީ، ސަރުކާރު ހިންގަވަމުންދާއިރުގައި ތިޔަބޭފުޅާގެ ޕާޓީގެ ވާހަކަ، ތިޔަބޭފުޅާއަކަށް ނުދެއްކެވޭނެއޭ. އެއާ ޚިލާފަށް އަޅުގަނޑަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޕްރައިމަރީއެއްގައި ވާދަކޮށް، އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި އިންތިޚާބުވެގެން، ރައްޔިތުންގެ ކުރިމައްޗަށް އެ ޕާޓީގެ ސިޔާސަތު ތިޔަބޭފުޅުންނަށް ތަންފީޒުކޮށްދިނުމަށްޓަކައި އަޅުގަނޑު ހުންނާނަމޭ ދަންނަވަމުން، އެ އިންތިޚާބުގައި ބައިވެރިވެ، ތިޔަބޭފުޅުން އަޅުގަނޑު އިންތިޚާބު ކުރުމަށް ނިންމެވީތީވެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިއަދު ހުރި މީހެއް. އަޅުގަނޑަށްވުރެ ބޮޑަށް އަޅުގަނޑުގެ ޕާޓީގެ ސިޔާސަތުގެ ވާހަކަ ދައްކާނެ މީހަކު ޙަޤީގަތުގައި ހުރެގެން ނުވާނެ.

އަޅުގަނޑުމެންގެ އަނެއް ވާޖިބަކީ، އަދި މާ މުހިންމު ވާޖިބަކީ، މިޕާޓީގެ ފަރާތުން ރައްޔިތުންގެ މައްޗަށް ހެޔޮގޮތުގައި ވެރިކަން ކުރާއިރުގައި ހަމަހަމަގޮތުގައި އެ ވެރިކަންކުރުން. އެއީ، އަޅުގަނޑުމެން ވީ ވަޢުދެއް. ވަކި ޕާޓީއެއްގެ މެންބަރަކަށް އަޅުގަނޑުމެނެއް ނުބަލާނަމޭ ވަޒީފާ ދިނުމުގައި، އިޤްތިޞާދީ ފުރުޞަތު ހޯދައިދިނުމުގައި، ތަރައްޤީއަށް މަގުފަހިކޮށްދިނުމުގައި. އަޅުގަނޑުމެންނަށް ހުރިހާ ރައްޔިތުން ހަމަހަމައޭ، ހުރިހާ ރައްޔިތުން އެއްވަރޭ. މިއަދު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އަޣްލަބިއްޔަތު ރައްޔިތުން ނިންމާފައިމިވަނީ، ރާއްޖޭގެ ތަރައްޤީއަށް އެންމެ ފަހިވާ ސިޔާސަތަކަށްވާނީ، އެމް.ޑީ.ޕީ.އިން ހުށަހެޅި އަނެއް ދިވެހިރާއްޖޭގެ ސިޔާސަތޭ. ރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ރަނގަޅު ހަ ސިޔާސަތު ލިބުނު. އޭގެތެރެއިން، އަޣްލަބިއްޔަތު ރައްޔިތުން ނިންމީ އަނެއް ދިވެހިރާއްޖޭގެ ސިޔާސަތަށޭ. ގިނަ ރައްޔިތުން ތާއީދުކުރާނީ އަދި އަނެއް ދިވެހިރާއްޖެއޭ ތަންފީޒުކުރުމަށް އެންމެ ރަނގަޅު ސިޔާސަތަކީ.

ހަނދުމަފުޅު ހުންނާނެ، ދެވަނަ ބުރުގައި އެހެން ޕާޓީތައް އަޅުގަނޑުމެންނާ އިއްތިހާދުވީ ބައެއް ބޭފުޅުން އެއްވެސް ޝަރުޠަކާއި ނުލައި. އަނެއްބައި ބޭފުޅުން އަޅުގަނޑުމެންގެ ސިޔާސަތު، އަނެއް ދިވެހިރާއްޖޭގެ ސިޔާސަތު ގަބޫލުކުރަމޭ، އެހެންނަމަވެސް، ވަޒީރުންގެ ތެރެއިން ކޮންމެވެސް ބޭފުޅުންކޮޅެއް ތިބެންޖެހޭނީ، ތިމަންނާގެ މީހުންގެ ގޮތުގައޭ، އެހެން ވިދާޅުވެ ބައިވެރިވެ ވަޑައިގެންނެވި. އަޅުގަނޑުމެން ދެންނެވީ އާނއެކޭ، އަވަހަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މި ސަރުކާރު ހިންގަމުން މިގެންދަނީ މިދެންނެވި އުޞޫލުގައި. ހުރިހާބޭފުޅުންވެސް އެއްބަސްވެވަޑައިގެންފައި އޮތް އެއް ކަމަކީ، އަނެއް ދިވެހިރާއްޖޭގެ ސިޔާސަތު އެބޭފުޅުން ގަބޫލުފުޅު ކުރައްވާކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ ސިޔާސަތު ތިޔަބޭފުޅުންނަށް ތަންފީޒުކޮށްދެވޭނެ.

އަޅުގަނޑުމެންނަށް ޔަޤީން، މިރަށުގެ މަގުތައް ހެދޭނެކަން. އަޅުގަނޑުމެންނަށް ޔަޤީން، މިރަށުގެ ފެނާއި ނަރުދަމާ އަޅުގަނޑުމެންނަށް އެޅޭނެކަން. ޑީ.ޑީ ހިސާބު ޖައްސަވާފައި، ބައްލަވާފައި އެވިދާޅުވަނީ، އެއީ 344 މިލިއަން ރުފިޔާއޭ، ތިރީހަކަށް މިލިއަން ޑޮލަރޭ. ރާއްޖޭގެ މުއްސަނދިކަމާއި ރާއްޖޭގެ ތަނަވަސްކަމާއި އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަކަށް ބަލާއިރު އެއީ، އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް ނޫން. 10,000 ބޯހިޔާވަހިކަން ހޯދައިދިނުމަށް ބޭނުންވަނީ، އަޅުގަނޑުމެން ކުރީގައި ފާހަގަކުރާކަހަލަ ވައްލަބިސް އަޅާ ދެތިން ގޮނޑުދޮށް. އެ ވިއްކީމާ އަޅުގަނޑުމެންނަށް ބޯހިޔާވޭ. ކަނޑުތަކުގައި ހުރިއެއްޗެހި ނަގާ ބާނައި ވިއްކީމާ އަޅުގަނޑުމެންނަށް ފެނާ ނަރުދަމާ ލިބޭ. މަގުތައް ލިބޭ، ދަރިންނަށް ކިޔަވައިދެވޭ، ހޮސްޕިޓާތައް ހެދޭ. މިއަދު އަޅުގަނޑުވެސް ވަރަށް ބޮޑަށް ގަބޫލުކުރަން ހޮސްޕިޓަލުގެ ފެންވަރު ވަރަށް ދެރަ. މަދަރުސާތައް ކަމަކުނުދޭ. ދަރިވަރުންނަށް އެއްތަނުން އަނެއް ތަނަކަށެއް ދަތުރެއް ނުކުރެވޭ. އާ ސަރުކާރު ހިނގަމުން އަންނަތާ 6 މަސް 7 މަސްވަނީ، އެއްވެސް ކަމެއް ނުވޭ. ހަމައެއްކަމެއްވެސް ނުވޭ. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ގޮތުގައި އެއްވެސް ކަމެއް ނުވޭ. އާ ސަރުކާރު އައިގޮތަށް އައިސް، އޭގެ އަނެއް ދުވަހު، އަޅުގަނޑު އޭނައާއި މީނައާއި، މީނައާއި ކަލެއާ ގޮސް މިހިރަތަން ފަސްގަނޑުޖަހަން ފަށާށޭ. މީނައާ މީނައާ ގޮސް އެހެރަ ތަނެއްގެ ފުރާޅު ބަދަލުކުރަހަރޭ. އެހެންބުނެފައި، މި ސަރުކާރު ގޭ ބޮޑު އުނދޯލިން ހިންގަން ފެށިނަމަ އަދި އަޅުގަނޑުގެ ގާތްތިމާގެ މީހުންނާ އަޅުގަނޑުގެ ޅިޔަން ފަހަރިން، މި ސަރުކާރުގެ އެކިއެކި ވަޒީރުންގެ ގޮތުގައި ހަމަޖައްސާފައި، އޭރުން އެކަން އެހެން ކުރެވޭނީވެސް، ހަމަޖައްސާފައި މިރާއްޖޭގެ ބައިތުލްމާލު ފޮތިފޮތިކޮށްލައި އެމީހުންނަށް ބަހާލައި، ދެން ލިބުނު އެއްޗަކުން މިރަށްރަށުގައި މަގަކާއި ނަރުދަމާއަކާ ހަދާލައި، އެމީހުންނަށް ކުޑައެއްޗެއް ދައްކާލަ ބަލަހަރޭ އެހެންބުނެ، މި ސަރުކާރު ހިންގާން އަޅުގަނޑު ފެށިނަމަ، ތިޔަބޭފުޅުން މިއަދު ތިޔަ ވިސްނަވާ ޢަމަލީ މަސައްކަތް މިއަދު އޮންނާނެ ފެންނަން. އެކަމަކު ދަންނަވަންތޯ އެނުވާނެ ދެމެހެއްޓެނިވި މަސައްކަތަކަށް، އެ ނުވާނެ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވީ ވަޢުދު ފުއްދައިދެވެނީ ކަމަކަށް.

އަޅުގަނޑު ދެރަވޭ، އެކަމު އަޅުގަނޑު ކެތްކޮށްގެން އަޅުގަނޑު ހުންނާން ގަސްދުކޮށްގެން މިހުންނަނީ. ތިޔަބޭފުޅުން އަޅުގަނޑާ ދިމާއަށް، އަޅުގަނޑާ މުޚާޠަބުކޮށް ނުވަތަ އަޅުގަނޑަށް ނިސްބަތްކޮށް ބޭނުންފުޅު ފާޑެއް ކިޔުއްވަންވީ. ފުރައްސާރަވެސް ކުރަންވީ، ހަޖޫވެސް ޖަހަންވީ، މަލާމާތްވެސް ކުރަންވީ. ކޮންމެ ބާވަތެއްގެ ވާހަކަވެސް ދައްކަވަންވީ. އަޅުގަނޑަކީ މިވެނި ކަމެއް ކުރާ މީހެކޭ، އެވެނި ކަމެއް ކުރާ މީހެކޭ، ހެއްދެވިހާ ވާހަކައެއްވެސް ދައްކަވާންވީ. އަޅުގަނޑެއް ރުޅިއެއް ނާންނާނެ. ތިޔަބޭފުޅުން އަޅުގަނޑުދެކެ ކިތަންމެ ރުޅިއަޔަސް އަޅުގަނޑު ވާނީ ލޯބި. އަޅުގަނޑު ތިޔަބޭފުޅުންނަކާ ގުޅުމެއް ކަނޑައެއް ނުލާނަން.

އަޅުގަނޑަށް ވިސްނޭ، ތިޔަބޭފުޅުން ރުޅި ތިޔަ ދުރުވަނީ ކީއްވެގެންކަން. އެތައް ޒަމާނެއްގައި ވެދާނެކަމަށް އަދި ވުމަށް އުންމީދު ކޮށްފައިވާ އެތައް ކަންތައްތަކެއް ކޮށްދޭނަމޭ، އަދި ކޮށްދިނުމަށް ބަޔަކު މީހުން ވަޢުދުވެގެން އެބައިމީހުންނަށް އިތުބާރުކޮށްގެން، އެމީހުންގެ ސަރުކާރެއް އުފެއްދީމާވެސް، ހަމަ އެއްކަމެއްވެސް ނުވި. ރަށު އޮފީހުގައި ހުރި މީހާވެސް ހަމަ ހުރިގޮތަށް އެހުރީ، ކަތީބުވެސް. އަދި އަތޮޅުގޭގައި ހުރި މީހާގެ ކިބައަކުންވެސް ހަމަ އެއްވެސް ލުއެއް ނުލިބުނު. ހޮސްޕިޓަލަކުންވެސް ނުވިކަމެއް. ދިޔައިމާ ބޭހެއްވެސް ނުކުރެވުނު. ދަރިން މަދަރުސާއަކަށްވެސް ނުފޮނުވުނު.

އަޅުގަނޑުމެންނަށް ފެންނަ ތަނަކީ، އަޅުގަނޑުމެން އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައީ، ސިވިލް ސަރވިސްއެއް އުފެއްދުމަށް. އަޅުގަނޑަށް މިއަދު ހުރެފައި ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެ. ސިވިލް ސަރވިސްގައި ތިބި ހަމަ އެންމެންވެސް ކަނޑާ ގެއަށްވެސް ފޮނުވައިލެވިދާނެ. ޤަވާއިދާ ޚިލާފުވާނެ، ޤާނޫނާ ޚިލާފުވާނެ، އެކަމަކު އެކަން ކޮށްނިންމާލެވިދާނެ. އަދި އެކަމުގެ ޤާނޫނީ ޙާލަތަށް އަޅުގަނޑު ދިޔައިމާ، ރާއްޖޭގައި ތިބި މޮޅު ލޯޔަރުން ބޭނުންކޮށްގެން، އެބޭފުޅުން އަރިހުގައި ދަންނަވައިގެން، ރަނގަޅަށްވެއްޖިއްޔާ ގިނަ ކަންކަމުން އަޅުގަނޑަށް ސަލާމަތްވެސްވެވޭނެ. މާ ބޮޑު މައްސަލައެއްވެސް އެދިމާއަކުން ނުނިކުންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ބިނާކުރަން އުޅުނު މުސްތަޤިއްލު ސިވިލް ސަރވިސް، ސަރުކާރު މުވައްޒަފުންތައް އަޅުގަނޑުމެންނަށް ބިނާ ނުކުރެވުނީ. އަނެއްކާވެސް ހަމަ އަޅުގަނޑު ބޭނުންހާ ގޮތަކަށް މީހުން މަގާމުތަކަށް ޢައްޔަންކުރަމުން، ކަނޑަމުން، އެއްކުރަމުން އަޅުގަނޑު ދާންވީ. ހަމައެއް ލަމައެއް މިއަކު ނެތް. އޭނާއާ ހުރެ މީނާއަށް ވަރަށް އުނދަގޫވޭ. އެހެންވީމާ، އޭނާ ގޭގައި ބަހައްޓާށޭ. އޭނާ ގޭގައި ބަހައްޓަން އަޅުގަނޑަށްވެސް ފެނޭ. އެކަމަކު އެކަން ކުރަން އަޅުގަނޑަށް ފެންނަނީ، ހަމަ މުޅި ސިވިލް ސަރވިސްގެ ތެރެއިން. ހަމަ ވަޒީރު ވިދާޅުވާންވީ ޕަރމަނަންޓް ސެކްރެޓަރީ އަރިހުގައި ނުވަތަ ވަޒީރު ހަމަ ކުރައްވާންވީ ކަމަކީ، އެ އޮތް ސިޓީއެއް ސިވިލް ސަރވިސްއަށް ލިޔުއްވާނީ. އަޅުގަނޑު އެންމެ ބޮޑަށް ދަންނަނީ، ސިވިލް ސަރވިސްގައި ތިއްބެވީ، ޙަޤީޤަތުގައި ވަކި އަތަކަށް ނުޖެހޭ ބައެއް ނޫންކަން. އެކަންވެސް އަޅުގަނޑަށް އެނގޭ. އަދި އެ ސަރވިސްގެ ނުވަތަ އެ ކޮމިޝަން އެކުލަވާލެވިފައި އެ އޮތީވެސް އެންމެ މިނިވަންކޮށް ނޫންކަންވެސް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް ދެ ގޯސް އެއްވީމަކާއެއް އަދި ރަނގަޅެއް ނުނިކުންނާނެ. އެ ވީ ގޯހުގެ މައްޗަށް އަދި އަޅުގަނޑުވެސް ގޯހެއް ހަދައިގެން ކޮންމެހެން މި ރާއްޖެ ރަނގަޅުވާނެ ކަމަކަށް އަޅުގަނޑެއް ނުދެކެން.

އަޅުގަނޑުމެން މިކަން ކުރަން އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަން. އަޅުގަނޑުމެން ނުކުމެ މިތިބީ ވިސްނުމެއް އޮވެގެންނޭ. ފިކުރެއް ހުރެގެންނޭ. އަމާޒެއް މީޒާނެއް ބަހައްޓައިގެންނޭ. އަޅުގަނޑުމެންނެއް ޕްރެޝަރު ބޮޑުވާ ފަހަރު ރުހޭ ގޮތަށް ދީލައެއް ނުލާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަން ކުރަމުން ގެންދާނީ ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފައިދާ ހުރި ކަންކަން.

އަޅުގަނޑު މިތަނުގައި ވަރަށް ދިގު ވާހަކަ ދައްކާހިތްވޭ. އަބަދުވެސް ތިޔަބޭފުޅުންނާ އެކުގައި ދެއްކޭއިރު މިދެންނެވީ، ގައު އުކާ ހަލޭއްލަވާ ނުހަދާއިރު. އަޅުގަނޑުމެންނަށް މި މަސައްކަތްތައް ކުރުމުގައި ކުރިއަށް މިދެވެނީ، ހަމަ ތިޔަބޭފުޅުންގެ ވިސްނުމާއި ތިޔަބޭފުޅުންގެ ރޫޙާއި ޖޯޝް އަޅުގަނޑުމެންނަށް ވިސްނޭތީވެ، އޭގެ ޙިއްޞާ އަޅުގަނޑަށް ކުރެވޭތީވެ. އަޅުގަނޑު ޖެހިލުމެއްނެތި ބޭނުންހާ ވާހަކައެއް ދައްކަނީ، ތިޔަބޭފުޅުން އަޅުގަނޑަށް ކުރައްވާ އިތުބާރާއި އަޅުގަނޑުގެ ހިތުގައި ތިޔަބޭފުޅުންގެ ހިތާ ގުޅިފައި އޮތް މިންވަރު އަޅުގަނޑު ވަޒަން ކުރާތީވެ. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން އެބަ ދޫކުރޭކަން އަޅުގަނޑު ލިމިޓަށް ކޮންމެފަދަ ވާހަކައެއް ދައްކާންވެސް. އަދި ތިޔަބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ނޭދޭ ކިތަންމެ ކަމެއް ކުރާންވެސް.

އަޅުގަނޑު ދެކޭގޮތަކީ، މި ރާއްޖެ ރަނގަޅުކުރަން ކުރެވެން އޮތީ އަޅުގަނޑުމެން ޙަޤީޤަތުގައި ނޭދޭވެސް ކިތަންމެ ކަމެއް ކޮށްގެންނޭ. މިއަދު މިވެނި ކަމެއް އަޅުގަނޑުމެން ބޭނުންވީމާ، ޙަޤީޤަތުގައި ކުރަންޖެހޭނީ އެކަމެއް ނޫން. މުޅިން އެހެން ކަމެއް. އެ އަނެއް ކަންތައް ވަމުންވަމުން ވަމުންވަމުންވަމުންގޮސް އެކަމުގެ މަގާމަށް އަނެއްކަންތައް އައިސް މި ހިމުންވާންޖެހޭނެ. ހިމުންވީމާ އެކަން އެވަނީ. ކަމެއް ކުރަން ނިންމާފައި ކުރަންވީ އަޅުގަނޑު މިދަންނަވަނީ އެ ނިންމި ކަންތަކެއް ނޫނޭ. އެހެން ކަމެކޭ. އެ އަނެއް ކަންތައް ވަމުންވަމުންގޮސް އެ ކުރަން ނިންމި ކަންތައް މިވަނީ. އެއަށޭ ޙަޤީޤަތުގައި އަޅުގަނޑުމެން މިކިޔަނީ ނިޒާމޭ، އުސޫލޭ. އެއަށޭ އަޅުގަނޑުމެން މިކިޔަނީ މުއައްސަސާއޭ. ހަމަ ހުރެފައި، އަޅުގަނޑު ގޭ އުނދޯލީގައި އިނދެފައި އަޅުގަނޑުގެ ޅިޔަނާއި އަޅުގަނޑުގެ އެއްބަފާބޭބެގެ ކޮއްކޮގެ ގާތްތިމާގެ މީހުން ލައްވާ އެވެނި ތަނެއްގައި މިވެނިކަމެއް، މިވެނި ތަނެއްގައި އެވެނިކަމެއް ކޮށްލީމަކާއެއް އަދި އެއީ، ތަރައްޤީއެއް ނޫން. އަޅުގަނޑުމެން މިގެންދާ ތަރުތީބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނަން.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ އައްޑޫ މަންޒަރު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ގުލްޒާރުގައި ކުރެހޭނެ. ފެނާއި ނަރުދަމާގެ ލައިސަންސް އެމް.ޑަބްލިޔޫ.އެސް.ސީ.އަށް އަޅުގަނޑުމެން މިއަދު މިދިނީ. ދެން އަޅުގަނޑުމެން ހަމަ އެއާ ވިދިގެން ހިންގަމުން މިދާ އަނެއް މަސައްކަތަކީ، އެކުންފުނީގެ ބޮޑު ޙިއްޞާއެއް އެހެން ބަޔަކަށް ދިނުން. ނުވަތަ އެހެން ބަޔަކާ ޙިއްޞާވެގެން އެ ކުންފުނީގެ މަސައްކަތްކުރުން. އެކަމަށް ޝައުޤުވެރިކަން ހާމަކޮށްފައިވާ ވަރަށް ގިނަ ބައިނަލްއަޤްވާމީ ބޭރު ކުންފުނިތައް އެބަހުރި. އެ ކުންފުނިތަކާ އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. އެހެންވީމާ، އަޅުގަނޑަކަށް ޙަޤީޤަތުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ފައިސާގެ އެއްވެސް މައްސަލައެއް ނުފެނޭ. އަޅުގަނޑުމެން މިގެންދާ ތަރުތީބުން ގެންދިޔައިމާ، ބޯހިޔާވަހިކަމާއި މަގުގެ ފައިސާގެވެސް އެއްވެސް މައްސަލައެއް އަޅުގަނޑަކަށެއް ނުފެނޭ. ދަތުރުފަތުރުކުރުމުގެ ނިޒާމުގެވެސް ފައިސާގެ އެއްވެސް މައްސަލައެއް ނުފެނޭ.

އަޅުގަނޑުމެން މިގެނައީ ސަރުކާރުގެ ބަޖެޓު ހިންގުމަށް ވަރަށް ބޮޑު ބަދަލެއް. މިދިޔަ އަހަރު 167 ޕްރޮޖެކްޓް ސަރުކާރުން ޢިއުލާނުކުރި. މިއަހަރު 11. އަޅުގަނޑުމެންގެ ބޭނުމަކީ ޕީ.އެސް.އައި.ޕީ. ނުވަތަ ސަރުކާރުގެ ބަޖެޓުން މިކުރީގައި ކިޔަމުން އައި ޢުމްރާނީ މަސައްކަތްތައް ނުކުރުން. އޭގެ ބަދަލުގައި، ޕްރައިވެޓް އެންޓަރޕްރައިޒަސްގެ ތެރެއިން، އަމިއްލަ ވިޔަފާރީގެ ތެރެއިން އެ މަސައްކަތްތައް ކުރުން.

އަޅުގަނޑު އެދެނީ، އަދި މިއަދަށްވުރެ އަދި މާފަގަތި މާދަމާއެއް. ހަމައެކަނި މިއަތޮޅަކަށެއް ނޫން، ރާއްޖެގެ އެންމެ ރައްޔިތުންނަށް. އަޅުގަނޑު އަނެއްކާވެސް ހަމަ، މިހާރު އާދެވޭލެއް މަދުކަމުންނާއެކީގައި، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަކުރައްވާ އިތުބާރު އަދި ތިޔަބޭފުޅުން ޚާއްޞަކޮށް އަޅުގަނޑުމެންގެ ޕާޓީއާ ސަރުކާރާ ދެމެދު ތިޔަ ބަހައްޓަވާ ގާތްކަމަށްޓަކައި ނިހާޔަތަށް ޝުކުރުވެރިވަން. އަޅުގަނޑު އެންމެ މުހިންމު ވާހަކަ ނުދައްކާ ޙަޤީޤަތުގައި މި ދޫކޮށްލެވެނީ. އެއީ، ލާމަރުކަޒީ ކުރުމުގެ ވާހަކަ. އެހެންނަމަވެސް، ނިންމާ ތަންކޮޅު ގެނެސްފައި، އަލުން އަނބުރާ ދެން އެ ވާހަކައަކަށް އަޅުގަނޑު ދާކަށް ނެތިން.

ފާހަގަކޮށްލަން ބޭނުންވަނީ، ފަސޭހައެއްކޮންނެއް ނޫން ޕްރޮވިންސް ހެދުނިކީވެސް. މުޙަންމަދު ނަޞީރަށް ވަޒީރުކަން އަރުވައި، މިތަނުގައި ދިދަ ނަގާ އެ ހެދުނީކީވެސް ފަސޭހައެއްކޮނެއް ނޫން. އަދި ޚާއްޞަކޮށް މިތަނަށް ސިފައިންނާއި ހަތިޔާރާއި ސިފައިންގެ މަރުކަޒެއް ޤާއިމު މިކުރެވެނީކީވެސް ފަސޭހައެއްކޮނެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގެ ނަޒަރުގައި ޙަޤީޤަތުގައި ތަރައްޤީ ވެވޭނީ، އެ ވެވޭނެ ފުރުސަތުތަކާއި، އެ ވެވޭނެމަގާއި، އޭގެ ބާރުވެރިކަން އެ ރައްޔިތުންނަށް ދިނީމާ. އަޅުގަނޑު އިއްޔެއްގައި، ސިފައިންގެ 117 ވަނަ އަހަރީ ދުވަހު މި ދިނީ މި ޕްރޮވިންސަށާއި، މި ސަދަން ކޮމާންޑަށް މިލިޓަރީ ބާރުވެރިކަންވެސް. ދިވެހި ދައުލަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދެމެހެއްޓުމަށާއި، ދިވެހި ވެރިކަން ޙިމާޔަތް ކުރުމަށާއި، ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ރޫޙު އާލާކުރުމަށާއި، އަދި އެހެންވެސް އެބޭފުޅުންގެ ހުވައާއި، އެބޭފުޅުންގެ އުސޫލުތަކާ އެއްގޮތްވާ އެކަންކަން ކުރިއަށް ގެންދިޔުމުގެ ބާރުވެރިކަން. އަޅުގަނޑުމެން ކުޑަކޮށްވެސް ޝައްކެއްނެތް، އެބޭފުޅުންގެ މަސައްކަތް އެބޭފުޅުން ބަރާބަރަށް ފުރިހަމައަށް ގެންދަވާނެކަން، އެއީ، އަޅުގަނޑަށް ހަމަ ޔަޤީން ކަމެއް. މި ސަރުކާރު އެކަމަކާއެއް ކުޑަކޮށްވެސް ޝައްކެއްނުކުރޭ.

އަޅުގަނޑު ނިންމާލުމުގެ ކުރިން ތިޔަބޭފުޅުންގެ ކިބައިން އަނެއްކާވެސް އަދި އިތުރަށް އެއްފަހަރު އެދޭނީ، އަޅުގަނޑުމެންނަށް ވަގުތުވެސް ދެއްވާށޭ. ތާއީދުވެސް ދެއްވާށޭ. ގޮނޑިތައްވެސް ދެއްވާށޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ.