އެމް.އެން.ޑީ.އެފްގެ ޗީފްއޮފް ޑިފެންސް ފޯސް އަދި އެމް.އެން.ޑީ.އެފްގެ ޑެޕިޔުޓީ ޗީފް އޮފް ޑިފެންސް ފޯސް، ސަދަން ކޮމާންޑްގެ ކޮމާންޑަރ، ސިފައިންގެ އެންމެހާ ރޭންކްތަކުގެ އެންމެހާ ބޭފުޅުން، ވަޑައިގެން ތިއްބެވި އައްޑުއަތޮޅުގެ އެންމެހާ އެކުވެރިން، السّـلام عليـكم.

ހަނދުމަފުޅު ހުންނާނެ، މީގެ މަސްތަކެއް ކުރީގައި އަޅުގަނޑުމެންގެ ސަރުކާރުން، މިހާރު ހިނގަމުން މިދާ ސަރުކާރު އުފެދުމަށް އައިއިރުގައި ނުވަތަ އެ ސަރުކާރު އުފެދުމަށް ބޭއްވުނު މިނިވަން އިންތިޚާބުގައި އަޅުގަނޑުމެން ވާދަކޮށް، ރައްޔިތުންނާ ވަކާލާތު ކުރަމުން ދިޔައިމު. ރައްޔިތުންނަށް ކަންތައްތަކެއް ވަޢުދުވަމުން އަޅުގަނޑުމެން ދިޔައިމު. އޭގެތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިންމު އެއްމަސައްކަތަކީ، ރާއްޖޭގެ އަތޮޅުތައް، ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަމުގައި އަޅުގަނޑުމެން ފާހަގަކުރަމުން ގެންދިޔައިން.

އަޅުގަނޑުމެންނަށް އޭރުގައިވެސް އަދި މިހާރުވެސް އަބަދުވެސް ފާހަގަވަނީ، ރާއްޖޭގެ ރައްޔިތުންނަށް މާނަވީ ދެމެހެއްޓެނިވި ތަރައްޤީއެއް، ހޯދައިދެވޭނީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެވެރިކަން ހިންގިގެންނޭ. އަޅުގަނޑުމެން އެއިރުގައި އަދި މިހާރުވެސް ދެއްކި އެއްވެސް ވާހަކައަކީ ހަމައެކަނީ ހުސް ބަސްތަކެއްގައި އަޅުގަނޑުމެން ދެއްކި ވާހަކަތަކެއްނޫން. އަޅުގަނޑުމެންނަށް މަންޒަރެއް ކުރެހިފައިއޮތް، ވިސްނުމެއް އުފެއްދިފައިއޮތް، އަޅުގަނޑުމެންނަށް ތަޞައްވުރެއް އެކުލަވާލެވިފައިއޮތް. އަޅުގަނޑުމެންގެ ބޭނުމަކަށްވީ، ސަރުކާރު ހަމަ އުފެދުމާއެކުހެން ވީހާވެސް އަވަހަކަށް ލާމަރުކަޒީ އުޞޫލުން ކަންތައްތައް ހިންގާން ފެށުން. އަޅުގަނޑުމެން ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގުމުގެ ވާހަކަ ދައްކަމުންއައީ، ހަމަ ހުސްވާހަކައެއް ދެއްކުމުގެ ނިޔަތަކުއެއްނޫން. އަޅުގަނޑުމެން އެ އުޞޫލުން ހިންގުމަށްޓަކައި އެންމެ ފުރަތަމަ އެކުލަވާލީ، ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ދަށުގައި ހިނގަމުންއައި މަސައްކަތްތައް 7 ޕްރޮވިންސަށް ބަހާލުން. އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑުމެން ޢައްޔަންކުރި ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ޢައްޔަންކުރީ މި ދެކުނުގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑުމެން ޢައްޔަންކުރި ބޭފުޅާ. އެއަށްފަހުގައި ކުޑަދުވަސްކޮޅެއް ހިނގުމަށްފަހު، އަޅުގަނޑުމެންނަށް، ސަރުކާރަށް ފެނުނީ، މިކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށް މަސައްކަތް ބާރަށް އަވަހަށް ގެންދިޔުމަކީ މުހިންމުކަމެއްކަން.

މިއަދު މިއީ ވަރަށް އުފާވެރި ދުވަހެއް. ވަރަށްގިނަބޭފުޅުންގެ ވަރަށްބުރަ މަސައްކަތާއެކު، އަޅުގަނޑުމެންނަށް މިވަނީ، ސަދަން ކޮމާނޑެއް އެކުލަވާލެވިފައި. އަދި އަޅުގަނޑުމެންނަށް މިވަނީ އެކޮމާންޑްގައި ޙަރަކާތްތެރިވާނެ، މަސައްކަތްކުރާނެ 150 ސިފައިން އައްޑުއަތޮޅަށް ބަދަލުކުރެވިފައި. އަޅުގަނޑު މިހިނދުގައި ބްރިގޭޑިއަރ އިބްރާހީމްދީދީއަށް ވަރަށްބޮޑަށް ޝުކުރުވެރިވާން ބޭނުން. މަސައްކަތާ ޙަވާލުވެވަޑައިގެން ޢަމަލީގޮތުން މިތަނުގައި ހުންނެވުމަށް އެބޭފުޅާ އެއްބަސްވެވަޑައިގަންނަވާ. ރައްޔިތުންނަށާއި ސަރުކާރަށް ސާބިތުކަންމަތީގައި މި މަސައްކަތްކޮށްދެއްވުމަށް މިތަނުގައި ވަޑައިގެންހުންނެވި ކަމަށްޓަކައި. އިބްރާހީމްދީދީއަށް ވަރަށްބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުމެން ދެއްކި އެއްވެސް ވާހަކައަކީ، އަދި މިހާރު ދައްކާ އެއްވެސް ވާހަކައަކީ، ބައެއްގެ ލޮލުގައި އަނދުނެއް އަޅުވަން ނުވަތަ އަޅުގަނޑުމެންނަށް ނުކުރެވޭނޭ ކަންތައްތަކެއްގެ ވާހަކަތައް ޚިޔާލީފޮލާއެއްގެގޮތުގައި ކައްކާ ކެއްކުމެއްނޫން. އެންމެ ފުރަތަމަ މި ސަރުކާރު އުފެދުމުގެ ކުރީގައި ރައްޔިތުންނަށް ވަޢުދުވީމު، 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު ދެން މި ރާއްޖޭގެ ވެރިކަން، މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރާނީ އަޅުގަނޑޭ. އަޅުގަނޑުމެން އެވާހަކަ އެގޮތަށް ރައްޔިތުންނަށް ހާމަކުރީ ވަރަށް ވިސްނާފައި. އަޅުގަނޑުމެންގެ ނަޒަރުގައި އެއީ، އެކަށީގެންވާގޮތުގައި ކުރެވެންއޮތް ކަމެއްކަމަށް އަޅުގަނޑުމެންނަށް ފެނުނީތީ.
ލާމަރުކަޒީ އުޞޫލުން ހިންގުންވެސް އަދި ހަމައެއާއެކީގައި އެ އުސޫލުން ހިންގުމަށް ބޭނުންވާ ސީދާ ބާރު އެހެން ބަސްތަކަކުން ދަންނަވަނީނަމަ، ކަނޑިއާ، ބަޑިއާއި އަދި މުލައްދަޑީގެބާރު މިޕްރޮވިންސަށް ނުވަތަ މިސަރަޙައްދަށް ދީގެން މެނުވީ، އަޅުގަނޑުމެންގެ ނަޒަރުގައި ޙަޤީޤީ މާނައިގައި ލާމަރުކަޒީ އުޞޫލެއް ނުހިންގޭނެ. ބައިކުޅަބަޔަށް، ދެފެންދޭތެރެއަށް ކަންތައްކުރުމަކީ، މިސަރުކާރު ކަންތައް ކުރާނެގޮތެއްނޫން. އަޅުގަނޑުމެންކުރާ ކޮންމެކަމެއްވެސް އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނީ އެކަމުގެ ފުރިހަމަ ނަތީޖާ ފެންނާނެ ގޮތްތައް ބަލައިގެން، އެގޮތްތަކުގެ މައްޗަށް.

އަޅުގަނޑު މިއަދު ދިގު ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުމެންގެ ސަރުކާރުގެ އެހެން ސިޔާސަތުތައް އެއީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މިއަތޮޅަށް، މިޕްރޮވިންސަށް ސަރުކާރުން ރާވާފައިވާ، ނިންމާފައިވާ ނިންމުންތަކާ ގުޅޭގޮތުން އަޅުގަނޑުމެން ބޭނުން ރައްޔިތުންނާ އެމަޢްލޫމާތު ޙިއްޞާކުރަން. މިއަދަށްވުރެ އަޅުގަނޑުހިތުން އެކަމަށް މުނާސަބުވާނި އެހެންވަގުތެއް. މިއަދު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ މިޙަފްލާގެ ޕެރޭޑަށާއި މިޙަފްލާގެ އުފާތަކަށް. މިރޭ، މިޖައްވުން ވަރަށް ޒަމާން ވަންދެން ނުފެނިފައި، އިރާދަކުރެއްވިއްޔާ އަނެއްކާވެސް ދިވެހި ސަދަން ހެމިސްފިއަރ އިން ހަވާ ފެންނާނެ. އަޅުގަނޑުމެންނަށް އެ ޚަބަރުގެ އުފަލުގައި، މިރެއާއި ކުރިޔަށްއޮތް ދުވަސްތައް ހޭދަކުރެވޭނެކަމީ، އަޅުގަނޑު ކުޑަކޮށްވެސް ޝައްކުކުރާ ކަމެއްނޫން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އެދުމަކީ، މާދަމާ ވެގެންދާނީ، މިޕްރޮވިންސަށާއި އަދި މިރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ކަންކޮޅުތަކަށް މިއަދަށްވުރެ އަދި މާ ފާގަތި މާ އުފާވެރި ދުވަސްތަކަކަށޭ.