ހަނދުމަފުޅު ހުންނާނެ، މީގެ ދުވަސްކޮޅެއް ކުރީގައި އަޅުގަނޑުމެން މިރަށަށް އައިމު، މީގެ ހައެއްކަމަސްކުރިން. އެފަހަރު އައިސް އަޅުގަނޑުމެން ދެންނެވިން، މި އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ކަނޑައެޅިގެން، އެ އިންތިޚާބަށް އަޅުގަނޑުމެން ވާދަކުރާއިރުގައި، އަޅުގަނޑުމެން ވާދަ މިކުރަނީ، އަޅުގަނޑުމެންގެ ތަޞައްވުރެއް، ވިސްނުމެއް، މަންޒަރެއް އޮވެގެންނޭ. އަޅުގަނޑުމެން ދުށް ގޮތުގައި، މިރާއްޖެއަށް ގެންނާންޖެހޭ ބޮޑެތި ބަދަލުތަކަކާ އަދި ރާއްޖޭގެ ރައްޔިތުންނަށް މިހާރުން މިހާރަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑުމެން ދެއްކީ. އަޅުގަނޑުމެންގެ މެނިފެސްޓޯ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅީ.

ޑިމޮކްރަސީއެއްގައި ހުރިހާ ޕާޓީތަކުން، އެޕާޓީއެއްގެ މެނިފެސްޓޯ ރައްޔިތުންނަށް ހުށަހަޅައި، ނުވަތަ އެޕާޓީއެއް ކާމިޔާބުވެއްޖެނަމަ، ސަރުކާރު ހިންގާނެ ގޮތުގެ ސިޔާސަތެއް ރައްޔިތުންނަށް އެބަހުށަހަޅަންޖެހޭ. އަޅުގަނޑުމެން އެދުވަހު އެސިޔާސަތު ހުށަހެޅިން. އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ، އަޅުގަނޑުމެންނަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އަޅުގަނޑުމެން ހިންގާނެ ސިޔާސަތަކީ، މިއީއޭ ބުނެ އަޅުގަނޑުމެންގެ މެނިފެސްޓޯ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅިން. އަޅުގަނޑުމެން އެ މެނިފެސްޓޯ އެކުލަވާލިއިރު ނުވަތަ އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެންގެ ތަޞައްވުރު، އަޅުގަނޑުމެން މި ރާއްޖެ ދެކުމަށް އެދޭ މަންޒަރު، އަޅުގަނޑުމެން އެކުލަވާލިއިރު އަޅުގަނޑުމެން ދެންނެވީމު އަޅުގަނޑުމެން މިކަން ކުރަމުން މިއަންނަނީ، ރައްޔިތުންގެ އަޑު އަހާފައޭ. އޭރު އަޅުގަނޑު ބުނިން. އަޅުގަނޑުމެން ހަދާގޮތަކީ އެއްފިޔަވަޅު ފަހަތަށް ޖެހިލަނީއޭ. ޖެހިފައި ރައްޔިތުންގެ އަޑު އަހަނީއޭ. އަހާފައި އެ އަޑުގެ މައްޗަށް ބިނާކޮށްފައޭ، އަޅުގަނޑުމެންގެ ސިޔާސަތެއް އަޅުގަނޑުމެން އެކުލަވާލަނީ.

އަޅުގަނޑު ދެންމެ މިރަށަށް އައިމާ ތިޔަބޭފުޅުންގެ މިރަށުގެ ކައުންސިލަރު އަޅުގަނޑު އަތަށް ދެއްވި ލިސްޓެއް. އޭގައިވަނީ 7 ކަންތައް. އަޅުގަނޑުމެންގެ ސިޔާސަތު މިރަށަށް ތަންފީޒުވަމުންދާއިރުގައި 7 ކަންތަކެއް ނޫން އޮންނާނީއަކީ. އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯ. އެމް.ޑީ.ޕީ. މެނިފެސްޓޯ، ދިވެހި ސަރުކާރުގެ ސިޔާސަތުގެ ގޮތުގައި މިހާރު މިދަނީ ތަންފީޒު ކުރެވެމުން. އެ ސިޔާސަތު ތަންފީޒުވާއިރުގައި، ސުވާލަކީ، ގުޅިއަށްވަނީ ކިހިނެއްހޭ؟ ތިމަންނާއަށް އޮތީ ކޯންޗެއްހޭ؟ ތިމަންނާގެ ގެއަށްވަނީ ކިހިނެއްހެއްޔޭ؟ ތިމަންނާގެ ރަށަށްވަނީ ކިހިނެއްހެއްޔޭ؟ އެ ސިޔާސަތުގެ ދަށުން މިރަށަށް އޮތީ ކޮންކަމެއްހެއްޔޭ؟ ތިޔަބޭފުޅުން މިހާރު ވިދާޅުވާނެ، ވެރިކަން ބަދަލުވިތާ 6 މަސް ދުވަސް ވެއްޖެއޭ. ނަރުދަމާގެ ކަންތައް ހަމަޖެހުނީއަކީއެއް ނޫނޭ. މާލެއަށް ފަސޭހައިން ދަތުރުކުރެވެން އޮތީކީއެއްނޫނޭ. މާލެއަށް ފަސޭހައިން ދަތުރު ކުރެވެން އޮތީކީއެއްނޫނޭ. ޑްރަގް ބޯ ކުދިން ޑްރަގް ބޮމުންދަނީއޭ. ތަކެތީގެ އަގު ތިރިވީއަކީއެއްނޫނޭ. ބޭސްސިޓީއަށް ސަލާންޖަހަން ނުޖެހެނީކީއެއްނޫނޭ. ހެލްތް ސެންޓަރުގައި މީހަކު ހުރީކީއެއްނޫނޭ. ހަމައެއްކަމެއްވެސް ނުވެއޭ. ހަމައެއްވެސް ކަމެއް ވެރިކަން، ބަދަލުވުން ފިޔަވައި ހަމަ ނެތޭ ވީ އެއްކަމެއްވެސް.

ގުޅީން އަޅުގަނޑުގެ ދެތިން ރައްޓެއްސެއް ހޯދާފައި އެމީހުން ލައްވާ އަދި އަޅުގަނޑުގެ އެއްބަފާ ދެމީހަކާ، ދެޅިޔަނެއް ހޯދާފައި، ބައިތުލްމާލުން ދެބައިކުޅަ އެއްބައި އެމީހުން އަތަށް ދީފައި މިހާރު އިންތިޚާބު އެބައާދެއޭ، އެހެންވީމާ، ގުޅީ ރައްޔިތުން ލޮލުގައި އަނދުނެއް އަޅުވާލަންވީނުންހޭ. މިތަނަށް އައިސް އެވެނި އެއްޗެއް ދޭނަމޭ، މިވެނި އެއްޗެއް ދޭނަމޭ، މިވެނި ކަމެއް ކޮށްދޭނަމޭ ބުނަންވީނޫންހެއްޔޭ؟ އަދި އެކަންކަން ކުރުމުގެ ދަޅައެއްވެސް އަޅުގަނޑުމެންނަށް ދައްކާލެވިދާނެއޭ. (މިތަނަށް) އައިސް، ރުފިޔާކޮޅެއް ޚަރަދުކޮށްލީމާ ދެން ހުންނާނީ ކަންކަންވާ ސިފަޖެހިފައޭ.

އެއްވެސް އިރެއްގައި އެއީއެއްނޫން، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުކުރަން ބޭނުންވާ ގޮތަކީ. އަޅުގަނޑުމެންނެއް ބޭނުމެއްނޫން. އަޅުގަނޑުމެންނަށް ޔަޤީން، ސަރުކާރަކަށް ތިޔަބޭފުޅުންނަކަށް އޮޅުވައެއްނުލެވޭނެކަން. މިހާރު މިއީ އެ ދިވެހިރާއްޖެއެއްނޫން. އަޅުގަނޑުމެންނެއް އެކުށްހީއެއްގެ ތެރޭގައެއް ނޫޅޭނަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ އިޖްތިމާޢީ މަރުކަދު ހަދާ ނިންމަން ބޭނުންވާކަން. އަޅުގަނޑަށް އެނގޭ، އެތަނަށްދަނީ ތިންލައްކަ ފަންސާސްހާސް ރުފިޔާކަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން އެދޭކަން އެވާހަކައަށް އަޅުގަނޑު އާއެކޭ ބުނަން. ބުނީމާ އަޅުގަނޑުމެން ހިތަށް އަރާންވީ އޭގެ ސަބަބުން ވޯޓަށް ރަނގަޅުވާނެއޭ، ނުވާނެ. ވުމެއް ނުވުން އެއީވެސް، މިކަމާ ގުޅޭވެސް ކަމެއްނޫން. އަޅުގަނޑުމެން ކުރާކަމެއް މިކުރަނީ ވަކި ޚާއްޞަ ތަރުތީބަކުން ވަރަށްބޮޑަށް ވިސްނާފައި، ކޮންމެ ކަމެއް ކުރީމާ ދެންވާނީ ކިހިނެއްތޯ، އެކަމަށްފަހު ދެންވާނެ ގޮތާއި ދެން އޮތް ގޮތާއި ދެން ޖެހިގެން އޮތްގޮތްވެސް މިނާފައި.

މިރާއްޖޭގެ ތަރައްޤީ އެކީ އެކައްޗަކަށް ހިނދި މިދިޔައީ، ޙަޤީޤަތުގައި ކޮންމެ އިންތިޚާބަކަށް ވެރިން ރައްޔިތުންނަށް އޮޅުވާލަމުން ގެންދިޔައީތީ. އިންތިޚާބާ ގާތްކޮށް ތިމަންނާމެން މިވެނި ކަމެއް ކޮށްދޭނަމޭ، އެވެނިކަމެއް ކޮށްދޭނަމޭ ބުނެ، އެކަންކަން އެހެން ކޮށްދޭނަމޭ ބުނާއިރުގައި އޭގެފަހަތުގައި ބޭނުންވާ ފައިސާވެސް، ރޭވުންވެސް، އިންތިޒާމުވެސް އަދި ކަންކުރުމުގެ ހެޔޮ ނިޔަތްވެސް ނެތި އޮތީތީވެ.

އަޅުގަނޑުމެން މިރަށުގެ ނަރުދަމާ އިރާދަކުރެއްވިއްޔާ ހަދާދޭނަން. އެއީ، އަޅުގަނޑުމެން ކުރާނެ ކަމެއް. މި އިންތިޚާބާ ގުޅުވާ ނުވަތަ އިންތިޚާބުގެ ގޮނޑިއެއް ހޯދަން އަޅުގަނޑުމެން ދައްކާނެ ވާހަކައެއް ނޫން އެއީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގުޅީގެ ނަރުދަމާ ހަދާދޭނަން. އެއީ، ތިޔަބޭފުޅުން ބައްލަވައިފިއްޔާ އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަޅުގަނޑުމެންގެ ސިޔާސަތުގައި އޮންނާނެ އަޅުގަނޑުމެން މިރަށްރަށުގެ ނަރުދަމާ ހަދާދޭނަންކަމަށް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވީވަޢުދެއް.

އަޅުގަނޑުމެން މިބަނދަރުގައި ބޮޑުހިލަ ޖައްސައިދޭނަން. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދެއް. އަޅުގަނޑުމެން އެކަން ކޮށްދޭނަން. އެއީކީއެއް އަޅުގަނޑުމެން މިއިންތިޚާބުގައި ވޯޓު ހޯދަން ކުރާނެ ކަމެއް ނޫން. އެއީ، އަޅުގަނޑުމެން ކުރަން ނިންމާފައިއޮތް ކަމެއް. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި 30 ބަނދަރު، އޭރުވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ފުރަތަމަ އެއްފަހަރާ 64 ބަނދަރު، އެކްސަސް ޕްރޮގްރާމްގެ ބަނދަރުތަކާއި، ނޭޝަނަލް ހާބަރ ޕްރޮގްރާމްގެ ބަނދަރުތަކާއި އަދި ސުނާމީ ޑެމޭޖް، މަރާމާތުގެ ބަނދަރުތަކާ.

ހަނދުމަފުޅުހުންނާނެކަންނޭނގެ، 2007 ވަނަ އަހަރު އެއްފަހަރާ 164 ބަނދަރު ހަދާނެކަމަށް ސަރުކާރުން އިޢްލާނު ކުރައްވާ އެމަސައްކަތް ފެށްޓެވީ. 700 ފޫޓުގެ ބަނދަރާ 1200 ފޫޓުގެ ބަނދަރު ހުރީ އޭރުގައި ފެށްޓެވިއިރުގައި. އަޅުގަނޑުމެން އޭރު ވަކާލާތު ކުރަމުން ދިޔައީ، އަޅުގަނޑުމެން އަޑުއުފުލަމުން ދިޔައީ، މިރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ އަހަރަކު އެއް ބަނދަރެއް ނޫނޭ. އެހުރިހާ ބަނދަރު އިރާދަކުރެއްވިއްޔާ އެއްފަހަރާ ހެދޭނެއޭ. ރާއްޖޭގެ ތަނަވަސްކަމާއި، ރާއްޖޭގެ މުއްސަނދިކަން އެބަހުއްޓޭ. މިއަދު އަޅުގަނޑަށް އެދުވަހަށްވުރެ އަދި މާ ޔަޤީން އަޅުގަނޑުމެންނަށް މި ބަނދަރުތައް ހެދޭނެކަން. ދިވެހިރާއްޖޭގެ މުއްސަނދިކަން އެބައޮތް. ދިވެހި ރައްޔިތުންނަށް ޙައްޤީ މި މިންވަރެއް ނޫން. އަޅުގަނޑުމެން ބެލިއިރުގައި މި 30 ބަނދަރުވެސް ޙަޤީޤަތުގައި ހަދަންފަށާފައި ހުރީ މިދެންނެވި އުޞޫލުން. ހަމައެކަނި އޭގައި ނަމަކަށް ކަމެއް ކުރާ އުޞޫލުން. ޢާންމުކޮށް ދިވެހިބަހުން އަޅުގަނޑުމެން ބުނާހެން އަމާ ބުނީތީ ފަރަށްދާ އުޞޫލުން. ރައްޔިތުންނާ މަޝްވަރާ ކުރުމެއްނެތް. ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ، ކޮންގޮތަކަށްތޯ ބަނދަރު ހުންނަން އެއެއްވެސް ބެލުމެއް ނެތް. މިއިން އެއްވެސް ކަމެއް ނުބަލައި، ހަމަ ސިޔާސީ ދަޅަޔަށްޓަކައި، ރާއްޖޭގެ އެތަން މިތަނުން ކޮންނަން ފެށީ. އެކިއެކި މީސްމީހުންނަށް ބާވަތްބާވަތުގެ ކޮންޓްރެކްޓް ދެއްވައިގެން މިކަންކަން ކުރާނަމޭ ކިޔުއްވައި އެދަޅަ ދެއްކެވީ.
އަޅުގަނޑުމެން އަލުން އަނބުރާ އެމަސައްކަތަށް ދިޔައީ. އަޅުގަނޑުމެން ބެލިއިރުގައި މިހާރު ހުރި ފައިސާއިން އެކަން، އެ އިތުރުވާ އިތުރުވުން ނިންމޭކަށެއްނެތް. އެހެންވީމާ، އަޅުގަނޑުމެން މިދިޔަ 3މަސް ދުވަހުގެ ތެރޭގައި އަލުން އަނބުރާ 30 ބަނދަރުގެ އެއްގޮތަކަށް ދަންނަވަންޏާ ވޭރިއޭޝަން، ލާރި ހޯދީ. މާތްރަސްކަލާނގެ އިރާދަފުޅުން މިހާރު ސަރުކާރަށްވަނީ އެފައިސާ ހޯދިފައި. އަޅުގަނޑުމެންނަށް އެ 30 ބަނދަރުވެސް ރައްޔިތުން އެދޭގޮތަށް، ބައެއްފަހަރަށް ފައިކަށި އެއްއަތަކަށް ޖައްސާލާފައި، އަނެއްބައި ފަހަރަށް ބޭރުގައި ބައެއް ރަށްރަށުގައި ބޭނުންވާނެ ބޮޑު ހިލަ ޖައްސަން. އަނެއްބައި ރަށްރަށުގައި އެއްއަތަކަށް ދަމާލަން. އަނެއްބައި ރަށްރަށުގައި ފައިކަށި އެތެރެއަށް މަޅާލަން. ރައްޔިތުން ބޭނުންވާ މިފައިކައްޓަށް ހަދަންޖެހޭ ވަރަށްގިނަ ގޮތް ހުރޭ. ގިނަ ރަށްރަށަށް ދިޔަވަރަކަށް އެބަ އެނގޭ، ފައިކައްޓަށް ގިނަ ގޮތްގޮތް ހަދަން ޖެހޭކަން. ރައްޔިތުންނާ މީގެ މަޝްވަރާ ކުރުމެއްނެތި އެތަންތަނުގެ ބާވަތްބާވަތުގެ ބަނދަރުތައް އެޅީ. އަޅަން ފެށީ. އެޅީމާ އޭގެން ރައްޔިތުން ބޭނުންވާ ކަންކަމެއް ނުފުދޭ. އެހެންވީމާ، ޙަޤީޤަތުގައި ބޭނުންވި ކަމެއްނުވި.

ސަރުކާރުން މިހާރު މިފައިސާ ހޯދުމަށްފަހުގައި އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް އެކަންވެއްޖެ. ދެން ގަސްދުކުރަނީ މި30 ރަށުގެ ކޮންމެވެސް ބަޔަކާ، އިންތިޚާބީ ކޮންމެވެސް ބަޔަކާ، މިވަގުތު ތިބީ ރ.ކ. ކޮމިޓީ މެންބަރުން. އެމީހުންނާ ވާހަކަދައްކައިގެން އެކޮމިޓީއާ ވާހަކަދައްކައިގެން، ކޮބައިތޯ ބަނދަރަށް ގެންނަން ބޭނުންވާ އިޞްލާޙަކީ. މިބަނދަރަށް ވެއްޖިއްޔާ، ތިޔަބޭފުޅުން އަބަދުވެސް ފާހަގަކުރައްވަމުން ގެންދެވީ ބޮޑުހިލަ ޖައްސަވާ ވާހަކަ. އެކަން ތިޔަބޭފުޅުން ހުށަހަޅުއްވާނެ. އަޅުގަނޑުމެން މިހާރު އޮންނާނެ، ކޮންސްޓްރަކްޝަން އެންޑް އާރބަން މިނިސްޓްރީން، އަސްލަމް މިނިސްޓްރީން އެކުލަވާލާފައި، މިކަން ކުރިއަށް ގެންދާނެ ތާވަލެއް. އެތާވަލު ތެރެއިން އެޓައިމްޓޭބަލްގައި އެކަން ހިނގާނެ. ދެން ތިޔަބޭފުޅުން މިއަދު މިއީ، އިންތިޚާބަށޭ. އެކަމެއް ނުވާނެއޭ. އެހެން ވިދާޅުވެއްޖިއްޔާ ދެން އަޅުގަނޑު ދަންނަވާނީ، ބައެއް ފަހަރަށް މީގެކުރީގައި އަޅުގަނޑާ ދިމާއަށް އަދި އަޅުގަނޑު ގާތު ވަރަށްގިނަ މީހުން ބުނެއުޅޭ ނަޝީދުއޭ ތިޔަކަމެއް ނުވާނެއޭ. ތިއޮތް ދިގުވެރިކަމެއް ބަދަލެއް ނުކުރެވޭނެޔޭ. ތިއީކީ ވާނެ ކަމެއް ނޫނޭ. ދެން މިއަދު އޭގެ ބޭފުޅުން ކުޑަކޮށް ލަދުން ތިބެދާނެ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިބަނދަރުތައް ހަދާނަމޭ. އަޅުގަނޑުމެން ނަރުދަމާ މިތަނުގައި އަޅާނަމޭ. އަޅުގަނޑުމެން މިރަށާ މާލެއާ އަދި މިއަތޮޅުގެ އެހެން ރަށްރަށާ ލާމެހި ގުޅިފައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން އިރާދަކުރެއްވިއްޔާ ގުޅުވާނަމޭ. މާލެއަށް ދުވާލަކު 3 ފަހަރު ގުޅީ މީހުންނަށް ދެވޭނެ އިންތިޒާމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަމޭ.

އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންގެ ބޯޅަދަނޑު ހަދަން އޮތްކަން. އަޅުގަނޑަށް އެނގޭ އެބޯޅަދަނޑަށް ފަސްކޮޅު ލިބެނީ މިތަން ހިއްކާލާ ބޮނޑީގައި މިތަނުން ވެލިކޮޅެއް ނަގާ ބޮނޑީގައި އޭރުންކަން. އެހެންވީމާ، ކޮންމެވެސް ވަރެއްގެ ކޮނުމެއްވެސް، ކޮންމެވެސް ވަރެއްގެ ހިއްކުމެއްވެސް އެބައަންނަންޖެހޭ. މިހުރިހާ ކަމަކަށް އެންމެ ފުރަތަމަ ބޭނުންވަނީ ރ.ކ. ކޮމިޓީގެ މެންބަރުންނާއި އާރބަން މިނިސްޓްރީއާ ދެބައިމީހުން ބައްދަލުވެ، މިރަށުގެ ބިން ބޭނުންކުރާނެ ތަޞައްވުރެއް އެކުލަވާލުން. އަޅުގަނޑުމެންނެއް ބޭނުމެއްނޫން، އެތަނުގައި މިވެނި ތަންކޮޅެއް، އަނެއް ތަނުގައި އެވެނި ތަންކޮޅެއް، އެވެނި މީހަކު ބުނީމާ އަނެއް ތަންކޮޅެއް ހަދާލަމުން ހަދާލަމުން ގެންދާކަށެއް.

ބޮޑު މަންޒަރު، ގުޅިއާ ގުޅޭގޮތުންވެސް ސިފަވާންޖެހޭނެ. ސީދާ ކިހިނެއްތޯ އަހަރެމެންގެ ރަށް އޮންނާން އަހަރެމެން ބޭނުމީ. މި ސިޔާސަތު ތަންފީޒުވަމުންދާނެ މި 5 އަހަރު ތެރޭގައި. މިދިޔަ 6 މަސްދުވަހުގެ ތެރެއިން ފުރަތަމަ 3 މަސް، ޙަޤީޤަތުގައި މިދިޔައީ އަޅުގަނޑުމެންގެ އަތަށް މިވެރިކަން ގެނައުމަށް. އެކަމަށް އަޅުގަނޑުމެން ދުވަސްކޮޅެއްނެގި. 2 މަހެއްވަރު ނެގި. މިހާރު މިވެރިކަން އަޅުގަނޑުމެން އަތުން ގުޑުވާލެވޭނީ އަޅުގަނޑުމެން ފޭބީމާ. މި5 އަހަރު މިވެރިކަމުގައި ދެން ތިބޭނީ އަޅުގަނޑުމެން. އަޅުގަނޑުމެން މިވެރިކަމުގައި މިތިބެނީ ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. މިވެރިކަން ދެމިއޮތުމުގެ އޮތީ ހަމަ އެންމެ ބޭނުމެއް. އެއީ، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް.

މި ހުރިހާ ހިނދެއްގައިވެސް އަޅުގަނޑުގެ ހިތުގެ އަޑިން، މި ސަރުކާރުގެ ކޮންމެ މެންބަރެއްގެވެސް ހިތުގެ އަޑިން ގަބޫލުކުރާނެ، މިސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ހަމަ ސީދާ ތިޔަ ރައްޔިތުންގެ ފައިސާކަން. އަޅުގަނޑުމެންނާ އަމާނާތެއްގެގޮތުގައި، އަމާނާތްތެރިކަމާއެކީގައި، ހަމަހަމަކަމާއެކީގައި އެފައިސާ ބެލެހެއްޓުމަށް، ކުރިއަށް އޮތް ޖީލުތަކަށް ދިވެހިރާއްޖެ ތަރައްޤީކޮށް ރައްދުކޮށްދިނުމަށް އެފައިސާ ޚަރަދު ކުރުމަށް އަޅުގަނޑުމެންނާ ހަވާލުވެފައިވަނީ. އެއަކަށް ޚިޔާނާތްތެރިއެއް ނުވެވޭނެ. އަޅުގަނޑު ބޭނުން ގޮތްގޮތެއް އެއަކަށް ނުހެދޭނެ.

އަޅުގަނޑު ގުޅިން ގޮނޑިއެއް ބޭނުންވީމާ، ގުޅީ ރައްޔިތުންނަށް އަޅުގަނޑުގެ ދެފައިކޭޓަށް އެހުރިހާ ފައިސާއެއް ލައިގެން އައިސް ބަހަމަކުންނެއް ނުހިނގޭނެ. އެއީ، އަޅުގަނޑުމެން އެންމެންގެ ފައިސާ. އަޅުގަނޑުމެންނަށް ސީދާ ރަނގަޅަށް ތަރުތީބުވެފައި ރޭވިފައި އޮތް ސިޔާސަތެއްގެ ތެރެއިން އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރަމުން ގެންދިޔައީމާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ.

އަޅުގަނޑުމެން އެންމެ ބާރަށް އަޑުއުފުލަމުން ގެންދިޔަ އެއްވާހަކައަކީ، ސަރުކާރުގެ މުވައްޒަފުންނަށް ބިރެއް ނުދެއްކޭނެއޭ. ސިޔާސީ ކަންކަމުގައި އެމީހުން މެދުވެރިކޮށް ނުފޫޒެއް ފޯރުވައިގެނެއްނުވާނެއޭ. އަޅުގަނޑު މިއަދުވެސް ހަމަ އަނެއްކާ އެވާހަކަ ތަކުރާރު ކުރަން. އަޅުގަނޑުމެން އެއްވެސް ހާލެއްގައި އެއްވެސް ސިވިލް ސަރވަންޓަކަށް ބިރުދައްކައި، އެއިން ބޭފުޅެއް ކައިރީ ވަޒީފާއަށް ގޮތެއްވެދާނެ ކަމަށް އިޝާރަތްކޮށް، އިންޒާރުދީ، އެބާވަތުގެ ކަމެއް ކުރާކަށް ބޭނުމެއްނޫން. އަޅުގަނޑުމެން މީގެ ކުރީގައިވެސް އިންތިޚާބުތައް ކާމިޔާބު ކުރީކީއެއް ރައްޔިތުންނަށް ބިރުދައްކައިގެނެއް ނޫން. ވެރިންނަށް ބިރުދައްކައިގެނެއްވެސް ނޫން. އަޅުގަނޑުމެންނަށް ރައްޔިތުން ވޯޓުދެނީ ހެޔޮހިތުން، އަޅުގަނޑުމެންނާ ރުހުނީމާ. އަޅުގަނޑުމެން ކުރާން މިއުޅޭ ކަންތައް ރައްޔިތުންނަށް ގަބޫލުކުރެވޭތީ.
މިރާއްޖެ މިއޮތީ ބަދަލުވެފައި. މިބަދަލު ފުރިހަމަ ކުރުމަށް އަދި ޚާއްޞަކޮށް މިބޮޑު ބަދަލު ގެނައުމަށް ކޮންމެހެން ބޭނުންވާ ކިތަންމެ ކަމެއް އެބަހުރި. ތިޔަބޭފުޅުންނަށް އަދި އަޅުގަނޑަށްވެސް އެނގޭ، ނަރުދަމާ ބޭނުންކަން. އެކަމަކު ނަރުދަމާއަށްވުރެ ބޮޑަށް އަޅުގަނޑުމެން މިބޭނުންވަނީ ޤާނޫނީ އޮނިގަނޑެއް، މިބަދަލު ގެންނަން. އާ ޤާނޫނުއަސާސީ ތަންފީޒުކުރީމާ މަދުވެގެން 64 އާ ޤާނޫނު އެބަ ބޭނުންވޭ. އެޤާނޫނުތައް ހެދެން މިޖެހެނީ ބަދަލަށް މަގުފަހިވާ ގޮތަށް. ފަހަތަށް ދާ ގޮތަކަށެއް ނޫން. ތިޔަބޭފުޅުންގެ ޙިއްޞާ އެއަށް ބޭނުން. އެމް.ޑީ.ޕީ.އަށް އެގޮނޑިތައް ހަމަ ވަރަށް މުހިންމު. ބައެއް ބޭފުޅުން މިއިންތިޚާބާ ބެހޭގޮތުން ދެތިން ވާހަކައެއް އެބަ ފާހަގަކުރައްވާ. ފުރަތަމަ ވާހަކައަކީ އަޅުގަނޑު އިންތިޚާބާ ބެހެނީއޭ. އަޅުގަނޑަށްވުރެ ބޮޑަށް އިންތިޚާބު ބެހުން ޙައްޤީ ކާކަށްތޯ؟ އަޅުގަނޑަކީ، އެންމެ ފުރަތަމަ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުން އިންތިޚާބުވެފައިހުރި ރައީސް. އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައްޔިތުންގެ ތާޢީދު ލިބުނީތީވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާ އަޅުގަނޑު ކުރީ. އަޅުގަނޑުގެ މައްޗަށް ވާޖިބީ، އެމް.ޑީ.ޕީ.ގެ ސިޔާސަތު މެނިފެސްޓޯ، ހަމަހަމަކަމާ އެއްގޮތްވާ ގޮތުގެމަތިން އެއްވެސް ދެރައްޔިތަކު ތަފާތުނުކޮށް، ވަކިޕާޓީއަކަށް އެމީހަކު ނިސްބަތްވިޔަސް، ތަފާތުނުކޮށް އެ ސިޔާސަތު ރައްޔިތުންގެ މައްޗަށް ހިންގުން.

އަޅުގަނޑަކަށް ނުވިސްނޭ، އަޅުގަނޑަށް މިއިންތިޚާބުގައި މިކެމްޕޭނުގައި ބައިވެރިނުވެވޭނެ އެއްވެސް ސަބަބެއް. އަޅުގަނޑުމެންނަށް ކުޑަކޮށް މިއޮޅެނީ. ކުރީގައި އޮތް ސަރުކާރު އޮތީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން އިންތިޚާބުވެފައެއްނޫން. ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުވެފައިހުރީ ހަމަ ސީދާ ވަކި ފަރުދެއްގެ ގޮތުގައި އެއިންތިޚާބަށް ކުރިމަތިލައްވައިގެން، ރައްޔިތުން ތާއީދު ދިނީތީވެ. އެހެންވީމާ، އެއިރަކު އެކަމެއް އެގޮތަކަށް ނުކުރެވޭނެ. އަޅުގަނޑުމެންނަށް އަޅުގަނޑުގެ ވާޖިބަކީ މިކަން މިގޮތަށް ކުރުން. ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ތަޢާރަފްކޮށް އެނިޒާމު ހަރުދަނާ ކުރުން. ޤާނޫނުއަސާސީ އަޅުގަނޑުގެ މައްޗަށް ލާޒިމުކުރާތީ. މި އާޤާނޫނުއަސާސީ އަޅުގަނޑު ދަމަހައްޓަނީނަމަ، އަޅުގަނޑު އެބަޖެހޭ، އެމް.ޑީ.ޕީ. ބިނާކުރަން. ސިޔާސީ ޕާޓީ ބިނާކުރަން. އެއީ، އެންމެ މުހިންމު ކަމަކީ.

މީގެ ކުރީގައިވެސް ބައްލަވާ. ބައެއް ބޭފުޅުން އެބަބުނެއޭ އިނގޭތޯ. ތިމަންނާއަކީ އަމިއްލަ ކެންޑިޑޭޓެކޭ. އަމިއްލަ ކެންޑިޑޭޓަކަށް ކޮންކަމެއްތޯ ކުރެވޭނީ. ގުޅީ ކެންޑިޑޭޓަށް ހީވޭތޯ، ތުރާކުނު ވޯޓާނުލައި ގުޅިއަށް ކަމެއް ކުރެވިދާނެހެން. ނުވާނެ. އަޅުގަނޑު އިނިން ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި. ހަމަ އެއްކަމެއްވެސް ނުވި. އަޅުގަނޑުމެން 19 މެންބަރުންނަކީ، އެމް.ޑީ.ޕީ.ގެ މެންބަރުންނޭ ބުނި ދުވަހު ދިވެހި ސަރުކާރު ބަދަލުވީ. އަޅުގަނޑުމެން މިއެދޭ އިޞްލާޙްތައް އަޅުގަނޑުމެންނަށް ފެންނާންފެށީ. މަޖިލީހުގައި އެއްފިކުރަކަށް ކިތަންމެ ބަޔަކު އެތައް މެންބަރުންތަކެއް އެކައްޗެއް ކިއީމާ ނޫނީ ޙަޤީޤީ ނަތީޖާއެއް ނުފެންނާނެ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ މިޤާނޫނުއަސާސީގެ ރޫޙާ އަދި ވަމުންދާގޮތަށް ތިޔަބޭފުޅުން ބައްލަވައިފިނަމަ، މިނިވަން ކެންޑިޑޭޓެއްގެ ކިބައިން ޑިމޮކްރަސީއަށް ލިބޭނެ ފައިދާއެއް ވަރަށް މަދުވާނެ. ދެން އަޅުގަނޑުމެން ހަމަ ފާހަގަކުރަން ބޭނުން. ދުނިޔޭގައި މަދު ޤައުމެއް، ޑިމޮކްރެޓިކް ޤައުމެއް، އެޤައުމެއްގެ ސަރުކާރަށް، ސަރުކާރު ހިންގާ ޕާޓީއަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ނެތް. އަޅުގަނޑުމެންނަށް އެބަހީވޭ ބައެއް ބޭފުޅުން ވިދާޅުވޭ، އެމް.ޑީ.ޕީ.އަށް އަޣްލަބިއްޔަތު ލިބިއްޖެނަމަ އެއީ، ޑިމޮކްރަސީގެ ރޫޙާ ޚިލާފު ކަމެކޭ. ދުނިޔޭގައި މަދުވާނެއޭ އިނގޭތޯ، ސަރުކާރެއް، އެސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނެތް. ޑިމޮކްރަސީއެއް ހިނގަނީ އޭރުން. ވާދަވެރި ސިޔާސީ ޕާޓީތައް ތިބެން ޖެހޭނެ. އެޕާޓީތައް އަޑުއުފުލާންޖެހޭނެ. އެހެންނަމަވެސް މަޖިލީހެއް ބައިވެފައި އޮތީމާ އެއިން ވަކިލިބޭ ފައިދާއެއްނޯވޭ.

އަޅުގަނޑު ތިޔަބޭފުޅުންނާ މާގިނައިރު ވާހަކަދައްކާކަށްނޫން. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ކެންޑިޑޭޓުން އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓުން. އެކެންޑިޑޭޓުން އަޅުގަނޑުމެންނަށް އަބަދުވެސް މުހިންމު. ތިޔަބޭފުޅުންގެ ޤާނޫނީ ޙިއްޞާ އަޅުގަނޑުމެން ބޭނުން. ތިޔަބޭފުޅުންގެ މަޝްވަރާ އަޅުގަނޑުމެން ބޭނުން. އެހެންވީމާ، މިވާހަކަ ދައްކަން މިވަގުތު ހަމަ މުނާސިބު. މިކަމާ ގުޅުވައިގެން ތިޔަބޭފުޅުންނަށް ކަމެއް ކޮށްދޭނެކަމަށް ބުނުން އެއީ، ވިޔާނުދާ ކަމެއް. އަޅުގަނޑުމެން ކޮށްދޭނެ ކަމެއް އިންތިޚާބުގެ ކުރިއަށް ކުރަން ތާވަލްވެފައި ހުރި ކަންތައްތައް އިންތިޚާބުގެ ކުރިއަށްވާނެ. އިންތިޚާބުގެ ފަހުންވެސް އިންތިޚާބު ދުވަހުވެސް އޭގެ ހަފްތާއެއް ފަހުންވެސް 1 މަސް ފަހުންވެސް އޭގެ 1 އަހަރު ފަހުންވެސް ކުރާންހުރި ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އެދުމަކީ މިރަށަށާއި މިއަތޮޅަށާއި އަދި އަޅުގަނޑުމެން ރާއްޖެއަށް ފާގަތިކަން. އަދި މިރަށަށް މިއަދަށްވުރެ އުފާވެރި މާދަމައެއް ދެއްކެވުން.