އަޅުގަނޑުމެން މީގެ ދުވަސްކޮޅެއްކުރީގައި، އަޅުގަނޑު މިރަށަށް އައިން. އަޅުގަނޑުމެން އެއިރު މިރަށަށް އައީ، ރިޔާސީ އިންތިޚާބުގައި، ވާދަކުރަމުން ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ވާދަކުރަމުން ދިޔައިރުގައި، އެމްޑިޕީގެ މެނިފެސްޓޯ، ނުވަތަ އެމްޑީޕީގެ ސިޔާސަތު މިރަށަށް ތަޢާރަފް ކުރުމަށްޓަކައި.

އެދުވަހު އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވީކީއެއް، އެންމެ ވަޢުދެއް ނޫން. އެހެންނަމަވެސް، ޚާއްޞަ ގޮތެއްގައި، އަޅުގަނޑު ހިތުން ތިޔައިގެ ގިނަ ބޭފުޅުންގެ ހަނދުމައިގައި ހުންނާނެ އެއްވާހަކައެއް. އަޅުގަނޑުމެން ދެންނެވިން 11 ނޮވެމްބަރ 2008 ވާ އަންގާރަ ދުވަހު، ދެން އިރާދަކުރެއްވިއްޔާ މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކުރާނީ އަޅުގަނޑޭ. އަޅުގަނޑުމެން އެހެން ބުނީ، ވަރަށްބޮޑަށް ވިސްނާފައި. އަޅުގަނޑުމެންނަށް އެނގުނު އެ ދިޔަ 4 އަހަރު ދުވަހުގެ މަސައްކަތް އެގޮތަށް ދިޔައީތީވެ، ދެން، ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދި، އަދި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަން އެކުލަވާލެވި، ޤާނޫނުއަސާސީ އިޞްލާޙުކުރެވި، މިކަންކަން މިހެންވެ ދިޔައިމާ، ދެން އަޅުގަނޑުމެންނަށް އިންތިޚާބަށް ވާދަކުރަން ނުކުމެ، ގިނަ ޕާޓީ އެކުލެވޭ، ވާދަވެރި އިންތިޚާބެއް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެކަން.

އަޅުގަނޑު މިރޭ، މިއަތޮޅުގެ ރައްޔިތުންނަށް ޝުކުރު ދަންނަވާން ބޭނުންވާ އެންމެ ބޮޑު އެއްސަބަބަކީ، ވަރަށް ޚާއްޞަ ގޮތެއްގައި، ހަމަ މާރިޔާ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބޭފުޅުންނަށް މިރޭ މިތަނުގައި، ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑާ ދިމާއަށް ބޭނުން އެއްޗެއް ވިދާޅުވެވޭނެ. ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑަށް ފުރައްސާރަވެސް ކުރެވޭނެ. އަޅުގަނޑަށް މަލާމާތްވެސް ކުރެވޭނެ. އަޅުގަނޑަށް ހަޖޫވެސް ޖެހޭނެ. އަޅުގަނޑަށް ފާޑުވެސް ކިޔޭނެ. އެކަން ކުރީ، އަޅުގަނޑުމެން ބޭނުންވެގެން. އަޅުގަނޑުމެން ވަކާލާތު ކުރަމުން އައީ، ރައްޔިތުން ތިބެނީ ބިރުންނޭ. ބިރުވެރިކަމުގެ ތެރެއަކުންނެއް، އަޅުގަނޑުމެން މިބޭނުންވާ އިޞްލާޙެއް މިބޭނުންވާ ތަރައްޤީއެއް، އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެއޭ. އެ ބިރުވެރިކަން، އަޅުގަނޑުމެން ވަކާލާތު ކުރަމުން އައީ، އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި، ބިރު ފަހަނަޅައި ދަހަރޭ.

ހަނދުމަފުޅު ހުންނާނެ 2005 ވަނަ އަހަރު އަޅުގަނޑު ގެންގޮސް ހައްޔަރު ކުރީމާ، ދެން މިނިވަންކަމުގެ ދިދަ، އެމް.ޑީ.ޕީ.ގެ ދިދައިގެ ޖަޑިބެއްގެ ގޮތުގައި މާލޭ މަގުމައްޗަށް ނުކުންނެވީ، މާރިޔާ އަޙްމަދުދިދީ. މި އިޞްލާޙީ އޮއިވަރު، އަޅުގަނޑުގެ ނަޒަރުގައި، ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ، ހަމަ އެކަމަނާ. އެކަމަށްޓަކައި އަޅުގަނޑު ޝުކުރުވެރިވަނީ، ގުރައިދޫ ރައްޔިތުންނަށް. އެކަމަށްޓަކައި އަޅުގަނޑު ޝުކުރުވެރިވަނީ، މި މާލެ އަތޮޅުގެ ރައްޔިތުންނަށް. މާލެ އަތޮޅުގެ ރައްޔިތުން، އެ ދުރު ވިސްނާ، އެ ގޮނޑީގައި މާރިޔާ އަޙްމަދު ދީދީ ނުބޭންދިނަމަ، އަޅުގަނޑު ދަންނަވާނީ، މިރޭގެ ތާރީޚް، މި ރާއްޖޭގެ ތާރީޚް، ޙަޤީޤަތުގައި، ލިޔެވިފައި އޮންނާނެ ގޮތް. އަޅުގަނޑުމެންނަކަށެއް، މިގޮތަށް ލިޔެވިފައި އޮންނާނެ ކަމަކަށް ނުދެކެވުނީހޭ.

ވަގުތުގެ އަޖަލުގައި ޖެހިފައި ތިބެ، އަޅުގަނޑުމެން މި ތިބެނީ، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ރަށު ގޮނޑުދޮށުން ބޭރަށް ނުގެންދެވި. އަޅުގަނޑުމެން ބޭނުމެއް ނޫނޭ، ކަމަކާ ދޭތެރޭގައި ގުޅިގެން އަޅުގަނޑުމެންނަށް ބުނެވޭއިރުގައި، އެކަމުން މުޅި ދުނިޔެ، މުޅި ދިވެހި އުންމަތް ބަދަލުވެ ދިޔަކަމެއް. އަޅުގަނޑަށް ފެނިގެން މި އުޅެނީ، އަޅުގަނޑު އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދެންނެވުމަށްޓަކައި، މިރޭ ޙަޤީޤަތުގައި މިތަނަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީ. އަނެއްކާވެސް ގުރައިދޫ ރައްޔިތުންނަށާއި، މާލެ އަތޮޅު ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މިތަނަށް އައި ދުވަސް ދުވަހު، ތިޔަބޭފުޅުންނަށް ހުށަހަޅަމުން ގެންދިޔައިން، އަޅުގަނޑުމެންގެ ސިޔާސަތު. އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންނެއް ބޭނުމެއް ނެތޭ، ދިވެހި ރައްޔިތުންނަކީ، ބޭސް ސިޓީއަށް ސަލާންޖަހާ، ފޮތް ލިސްޓަށް އާދޭސްކޮށް، ފޯނުބިލް، ކަރަންޓްބިލް ނުދެއްކި، ހާސްކަންމަތީގައި އުޅޭ ބަޔަކަށްވާކަށް. ބޯހިޔާ ކުރެވޭނެ ގޮތެއް ނެތިފައި ތިބޭބަޔަކަށް ވާކަށް އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ. އަޅުގަނޑުމެން ވަކާލާތު ކުރިން، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީގައި އެކި ރަށްރަށުގައި ތިބޭ ރައްޔިތުންނަށް ދަތުރުފަތުރުކޮށް އުޅެވެން ޖެހޭނެއޭ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވަޢުދުވަމުން ދިޔައިމު، އަޅުގަނޑުމެންގެ ސަރުކާރެއްގައި، ރާއްޖޭގެ ރައްޔިތުން، ރަށުބަންދުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފިލުވައިދޭނަމޭ.

އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވަޢުދުވަމުން އައިމު، ނަރުދަމާގެ ނިޒާމާއި، ފެނުގެ ޚިދްމަތާއި އަދި އެނޫންވެސް، އެހެން އަސާސީ ޚިދްމަތްތައް، އަޅުގަނޑުމެން، އެ ހުރި ގޮތުގައި ތިޔަ ބޭފުޅުންނަށް ފޯރުކޮށްދެވޭނެ ސިޔާސަތެއް ތަންފިޒުކުރަން ފަށާނަމޭ. އަޅުގަނޑު މިވާހަކަ މިހެން ދައްކާ އިރުގައި ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، ސުނާމީގެ ފަހުން، 2005 ވަނަ އަހަރު، ހަމަ އަނެއްކާވެސް އަޅުގަނޑަށް ދަންނަވަންޖެހޭނީ މާރިޔާއޭ. ފްރެންޗް ރެޑް ކްރޮސް މީހުންނާ އަޅުގަނޑުމެން ވަރަށް ދިގުކޮށް ވާހަކަ ދެއްކީމު. ގުރައިދޫގެ ނަރުދަމާއާއި ގުރައިދޫގެ ފެނުގެ މައްސަލަގައި. ގުރައިދުގެ ނަރުދަމާ، އިރާދަކުރެއްވިއްޔާ މިހާރު އެއޮތީ، އަޅާ ނިމިފައި. ހަމަ ދާދި އަވަހަށް އިރާދަކުރެއްވިއްޔާ، މާރިޔާ ވަޑައިގަންނަވާނެ، އެ ނަރުދަމާ މިރަށުގައި ހުޅުވައިދިނުމަށް.

އޭރުގައި ކުރީގައި، އެކަންވެގެން ދިޔަގޮތް އަޅުގަނޑަށް މިއަދާ ހަމަޔަށްވެސް އެނގޭ، މާރި ވިދާޅުވެފައެއް ނެތް. އެކަންވެ ދިޔަ ގޮތަކީ، މާރި މިތަނުގައި ވަޑައިގެން ނެތް ދުވަހެއްގައި، އެހެން ބޭފުޅަކު މިތަނަށް ވަޑައިގެން، މިތަނުގާ، އެބޭފުޅާ ވަޢުދުވީ، މާރިޔާ ހޮވިއްޖެނަމަ އެބޭފުޅާ މިރަށުގައި ނަރުދަމާ އަޅައިދޭނެކަމުގައި. އެބޭފުޅާ، އެ ސިޓީ މިތަނަށް ލިޔުއްވަންވެސް ލިޔުއްވި. ލިޔުއްވާފައި، އެބޭފުޅާ ވަޑައިގެންނެވީ. އެކަމާއެއް މާރިޔާއަކާ ގުޅުމެއް ނެތް. އެކަމުގަ ގުޅުންހުރީ އެ ވާހަކަ ހަމަ ސީދާ ދެއްކެވި ބޭފުޅާއާ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ މައްސަލައެއް ނެތް. އަދި ތިޔައިން ބޭފުޅަކު، ކަން ބޮޑުވެ ނުވަތަ ރުޅި ދުރުވެ، ނުވަތަ ޚިލާފު އުފެދި، އަޅުގަނޑުމެންނާ ދިމާއަށް ދެތިން އެއްޗެއް ގޮވާލަން ބޭނުންވެލެއްވިޔަސްވެސް، އަޅުގަނޑުމެންނާ ދިމާއަށް ގޮވާލެއްވިޔަސްވެސް އެއީ ކީއެއް މައްސަލައެއް ނޫން. އަޅުގަނޑުމެން މިތަނުގައި މިތިބެނީ، އަޅުގަނޑުމެން މިމަގާމާ ޙަވާލުވެ މި ތިބެނީ، ތިޔަބޭފުޅުންގެ ފާޑު ކިޔުމާއި، ތިޔަބޭފުޅުންގެ ރުޅިއާއި، ތިޔަބޭފުޅުންގެ އިޙްސާސްތައް އަޅުގަނޑުމެންނަށް ހަޖަމު ކުރެވޭތީ. އަޅުގަނޑުމެން، އެ ސަބަބަށްޓަކައި، މިކަންކަމާ ހަވާލުވެ، މި މަސައްކަތްތައް ކުރާންފެށީ. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މި ރާއްޖޭގެ ޙާލަތު އެނގިތިބެ، އަޅުގަނޑުމެންނަށް އުންމީދެއް އޮވެގެން، އަޅުގަނޑުމެންގެ ވިސްނުމެއް ހުރެގެން، އަޅުގަނޑުމެން ދެކޭ މަންޒަރެއް، އަޅުގަނޑުމެން ދެކޭ ހުވަފެނެއް ޙަޤީޤަތަކަށް ހެދުމަށްޓަކައި.

އަޅުގަނދުމެން އެކުލަވާލީން ތަޞައްވަރެއް. އަޅުގަނޑުމެން އެކުލަވާލިން މަންޒަރެއް. އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯ. މިރޭ އަޅުގަނޑުމެންނަށް މިތަނުގައި ދެއްކެން އޮތް އެއް ވާހަކައަކީ، ޙަޤީޤަތުގައި، މުހިންމު ވާހަކައަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ނުވަތަ އެމް.ޑީ.ޕީ. މެނިފެސްޓޯ، ތިޔަބޭފުޅުންނަށް ތަންފީޒުވެގެން ދާއިރުގައި، މިރަށުގެ ރައްޔިތުންނަށް އޮތީ ކޮންކަމެއްހޭ؟ ތިމަންނާއަށްވާނީ ކިހިނެއްހޭ؟ ތިމަންނާގެ ޢާއިލާއަށް އޮތީ ކޮންކަމެއްހޭ؟ ތިމަންނާގެ ރަށަށް، އޮތީ ކޮންކަމެއްހޭ. މީގައި އަޅުގަނޑު ދަންނަވާނީ، އެންމެ ފުރަތަމައިނުންވެސް އޮތީ، ހޮޅިއޭ، ނަރުދަމައޭ. ތިޔަބޭފުޅުންނަށް މިރަށުގައި، އަޅުގަނޑުމެން، ފެނާއި، ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދިނުމުގެ ހުރިހާ ޕްރޮގްރާމެއް، އަޅުގަނޑުމެން ހުންނާނީ، ރާވާ ނިންމާފައި. އަޅުގަނޑުމެންގެ ތަރުތީބުން އަޅުގަނޑުމެން އެކަން ކުރަމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ސާފު ފެނާއި، ނަރުދަމާ، މިރަށުގައި، މިއަހަރު ތެރޭގައި ލިބިގެންދާނެ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރު، އެކަން އޮތިކީ އެހެނެއް ނޫން. ފްރެންޗް ރެޑްކްރޮސްގެ މަސައްކަތްވެސް ހުރީ، އެ ޖަމްޢިއްޔާއާ ގުޅޭ ޤާނޫނެއް ރާއްޖޭގައި ފާސްނުވެ އޮތިތީވެ، އެ ޖަމްޢިއްޔާއަށް ރާއްޖޭގައި ތިބެވޭނެ ގޮތެއް ނުވެ އޮތީތީވެ، އެމީހުންގެ މަސައްކަތް، އެމީހުން ތިބީ ހުއްޓާލާ ހިސާބުގައި. މިހާރު އިރާދަކުރެއްވިއްޔާ، އެ މަސައްކަތް އެ ނިމެނީ. މިހާރު ސަރުކާރުންވާނީ، އެ ނަރުދަމާ ބެލެހެއްޓުމަށްވެސް މީހުންނަށް އިޢްލާނުކޮށްފައި. އެހެންނަމަވެސް، ސަރުކާރުގެ ވިސްނުމަކީ، މި ސެންޓްރަލް ޕްރޮވިންސްގައި، މި ސަރަހައްދުގައި، ސަރުކާރުން އުފައްދާފައި އޮންނާނެ، ސަރުކާރު ޙިއްޞާވާ ޔުޓިލިޓީ ކުންފުންޏެއް. އެއީ، އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް. ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެއް. ސަރުކާރުން ގެންގުޅޭ ވިސްނުމަކީ، އެ ކުންފުންޏަށް މިރަށުގެ ނަރުދަމާވެސް، އަދި މިރަށުގެ ފެންވެސް، އަދި މިރަށުގެ ކަރަންޓުވެސް، އެކުންފުނީގެ އިންތިޒާމުގެ ތެރެއިން، އެކުންފުނީގެ ރޭވުމުގެ ތެރެއިން، މިރަށު ރައްޔިތުންނަށް އެ ޚިދްމަތްތައް ފޯރުކޮށްދެމުން ގެންދިޔުން. އެކަމަށްޓަކައި، އަޅުގަނޑުމެން މަސައްކަތްކުރަން ފެށީ. މާތްރަސްކަލާނގެ އިރާދަފުޅުން، އަޅުގަނޑު މިރޭ މިތަނަށް މިއައީ، ތިޔަބޭފުޅުންގެ ނަރުދަމާ، ދާދި އަވަހަށް ހުޅުވޭނެ ވާހަކަ ދަންނަވަން. އަދި ހަމަ އަޅުގަނޑު އެކަމާ ނިހާޔަތަށް އުފާވޭ.

އަޅުގަނޑުމެންނެއް ނުޖެހޭނެ، ގުރައިދު 2 ކުއްޖަކަށް ގޮންޖަހަން އުޅޭކަށް. އެއީކީއެއް އަޅުގަނޑުމެން މަސައްކަތްކުރާނެ ގޮތެއްވެސް ނޫން. އަޅުގަނޑުމެން ކުރަމުން މިއަންނަނީ، އަޅުގަނޑުމެން ކަނޑައަޅާފައިހުރި މަސައްކަތްތަކެއް، އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ވަގުތުތަކެއްގައި. އެނގިވަޑައިގަންނަވާނެ، އެވަގުތުތައްވެސް، އެ މަސައްކަތްތައްވެސް އަޅުގަނޑުމެން ކަނޑައެޅީ، ތިޔަބޭފުޅުންގެ އަޑު، އަޅުގަނޑުމެން އަހާފައި. އަޅުގަނޑުމެން ބުނަމުން ގެންދިޔައިމު. އަޅުގަނޑުމެން ކަންކުރާ ގޮތަކީ، އެއްފިޔަވަޅު ފަހަތަށް ޖެހިލަނީއޭ. ޖެހިލާފައި ތިޔަބޭފުޅުން ދައްކަވާ ވާހަކަ، ތިޔަބޭފުޅުންގެ އަޑު އަޅުގަނޑުމެން އަހަނީއޭ. އެ އަޑުގެ މައްޗަށް ބިނާކޮށޭ އަޅުގަނޑުމެންގެ ސިޔާސަތު ބިނާވެފައި މިއޮތީ. މިރޭ އަޅުގަނޑުމެން މިރަށަށް ތަންފީޒުވެގެންދަނީ ކޮން ސިޔާސަތެއްތޯ؟ ތިޔަބޭފުޅުންނަށް ލިބެނީ ކޯޗެއްތޯ؟ ޙަޤީޤަތުގައި، އޭގެ ޖަވާބު އޮތި، މާކުރީގައިވެސް އެމް.ޑީ.ޕީ މެނިފެސްޓޯގައި ލިޔެފައި. އޭގައި އެވަނީ ވަކި ތަރުތީބަކުން ގެންގޮސް، އެކަން ހަމަ ކުރާނެ އުސޫލުތަކާ ހަމަތައް ވަރަށް ރަނގަޅަށް ބަޔާންކުރެވިފައި. އެ ހަމަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް، މިރަށަށް ކޮށްދެވޭނެ އެތައް ކަމެއް އެބަހުރި. ޚާއްޞަގޮތެއްގައި އަޅުގަނޑުމެން އަހަންމިއްޔަތުކަންދޭ 5 ކަމެއް އެބަވޭ. އޭގެތެރޭގައި، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުން. އެހެންވީމާ، އަޅުގަނޑުމެންނަށް ގުޅިއަށްވެސް، ގުރައިދޫއަށްވެސް، މާފުށްޓަށްވެސް އަދި މި އަތޮޅު އެހެން ރަށްރަށަށްވެސް، މަދުވެގެން ދުވާލަކު 3 ފަހަރު މާލެ ގޮސް އައިސް ވެވޭނޭ އިންތިޒާމެއް މިއަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ހަމަޖެހިގެންދާނެ.

އަޅުގަނޑުމެން ކަމެއް ކުރަންވެގެން މިބުނަނީ، ނުވަތަ ކަމެއް ކުރުމަށް މިތަނަށް އައިސް ތިޔަބޭފުޅުންނާ އެވާހަކަތައް މިދައްކަނީ އެއްވެސް ޙާލެއްގައި، އަޅުގަނޑުމެން ވަކި ކަމެއް ނުވަތަ މީގެ ކުރީގައި ކަން ހިނގަމުން އަންނަ ގޮތަށް ބައްލަވާ. އެ ވިސްނުމުގައި ތިޔަބޭފުޅުންވެސް ތިއްބަވާނީ. އެ ސިކުނޑީގައި ނުވަތަ އެ އޮނިގަނޑުގައި، ތިޔަބޭފުޅުން ވިސްނަވާ ވިސްނެވުންތައްވެސް ވިސްނަވަމުން ދާނީ. އަޅުގަނޑުމެންނަށް މީގެކުރީގައި ހައްތަހާވެސް ފެންނަމުން އައީ، އިންތިޚާބުތަކާ ގާތްވާ އިރަށް ކޮންމެ ފަހަރަކުވެސް ސިޔާސީ ވެރިން އައިސް، ރަށްރަށުގައި، ތިމަންނާމެން އެވެނިކަމެއް ކޮށްދޭނަމޭ، މިވެނިކަމެއް ކޮށްދޭނަމޭ ކިޔައި، ރައްޔިތުންގެ ލޮލުގައި، އެ އަނދުން އަޅުވަމުން ގެންދިޔުން. އެއިރުގައި، ރައްޔިތުންނަކަށެއް ނެތް، އެކަމާ އިޙްތިޖާޖް ކުރެވޭކަށް. ރައްޔިތުންނަކަށެއް ނެތް މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ލިބިގަތުމުގެ މިނިވަންކަމެއް. އެހެންވީމާ، ސަރުކާރުން ވީ ވަޢުދެއްވީމާ، އެއަށް ރައްޔިތުން ތަބާވީ، ރައްޔިތުން ބޯލަނބާލީ. އެ ސަރުކާރުން، އެވީ ދޮގު ވަޢުދުތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުން ސަރުކާރަށް އިތުބާރުދެމުން ގެންދިޔައީ.

މިދިޔަ ދިގު 30 އަހަރުވެސް، ރައްޔިތުން ސަރުކާރަށް މިމަގުން އިތުބާރު ދެމުން ގެންދެވީ. މިއަދާ ހަމައަށް އައިއިރުގައި، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް މިވަނީ އިތުބާރު ގެއްލިފައި. ކޮންމެ ސަރުކާރެއް ވިޔަސް، ސަރުކާރެއްގެ މައްޗަށް އޮންނަ އިތުބާރު ރައްޔިތުންނަށް މިވަނީ ވަރަށް ބޮޑަށް ގެއްލިފައި. ދެ ސަބަބެއް އޭގައިވޭ. އެ އިތުބާރު ގެއްލިފައިވާކަން ހާމަވެގެންދަނީ ދެ ސަބަބަކަށްޓަކައި. އެންމެ ފުރަތަމައަށް، ގެންގޮސް މީހުން ހިފާ ހައްޔަރު ނުކުރާތީ، މީހުންނަށް އަނިޔާ ނުކުރާތީ. ތިޔަބޭފުޅުން ވަރަށް ރަނގަޅަށް ހަނދުމަފުޅު ހުންނާނެ. މީގެ ހައެއްކަމަސް ކުރީގައިވެސް، އަޅުގަނޑު ކައިރީގައި މިއަދުވެސް ފުލުހުންވެސް އަހާނެ. އެމް.އެން.ޑީ.އެފް ބޭފުޅުންވެސް އަހާނެ. އަޅުގަނޑަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ. އެބޭފުޅުން އަޅުގަނޑު ކައިރީގައި އައްސަވާނެ ކިހިނެއްހޭ ހަދަންވީ. ހަމަ އެންމެ ބަހެއް ބުނީމާ، ހަމަ މީގެ ކުރީގައިވެސް، އެބޭފުޅުން، އެކަން ކުރައްވަމުން ގެންދެވިގޮތަށް، އެކަން ކުރާނެ. ހަމަ، އެ ބިރުވެރިކަން ތިޔަބޭފުޅުންގެ ހިތްތަކަށް ގެނެވޭނެ. އަޅުގަނޑަށް އެކަން ވަރަށް ފަސޭހައިން ވާން އެބައޮތް. އެހެންނަމަވެސް އަޅުގަނޑުމެން މި އުންމީދުކުރާ ފުރިހަމަ ޑިމޮކްރަސީ، އަޅުގަނޑުމެން މިބޭނުންވާ ހެޔޮވެރިކަން، މިރާއްޖެއަކަށް އަޅުގަނޑުމެންނަކަށް، ތަޢާރަފެއް ނުވެވޭނެ،. މިތަނުގައި ނުވަތަ ރާއްޖޭގެ ދެތިން ހަތަރު ރަށެއްގައި އުޅޭ ހައެއްކަ މީހެއްދެކެ، އަޅުގަނޑުމެން އަންނަ ރުޅީގައި، އެމީހުންނާ ދިމާކުރަން، އަޅުގަނޑުމެން އެމީހުންނަށް ލަނޑެއްދޭން ނުވަތަ ހަރުކަށިވާން އުޅެއްޖެނަމަ. މިވަގުތު ދުރުވިސްނުމަކީ، ބުއްދިވެރިގޮތަކީ، އަޅުގަނޑުމެން ދޫކޮށްގެން ތިބުން. ބޭފުޅުން ހަމަ ދައްކަވާންވީ ވާހަކައެއް ދައްކަވާންވީ. ކިޔުއްވާންވީ އެއްޗެއް ކިޔުއްވާންވީ. އަޅުގަނޑުމެންނަކީ، ތިޔަ ތަކެތި ހަޖަމުކުރެވޭނެ މީހުން. އަޅުގަނޑުމެންގެ، އެއަށްވުރެ މާދުރު، މާބޮޑު ވިސްނުމެއް އެބައޮތް. އެއީ، މިރާއްޖޭގައި ހެޔޮވެރިކަން ކުރުމުގެ ވިސްނުން.

އަޅުގަނޑުމެން ބޭނުން، މިރަށްރަށުގެ ދަރިވަރުންނަށް، މިރަށްރަށުގެ ޒުވާނުންނަށް އަޅާލާން. އަޅުގަނޑުމެން ބޭނުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން. އަޅުގަނޑުމެން ބޭނުން، ޒުވާނުން އެއީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ގެއްލި ނުދާ ބަޔަކަށްވާން. އަޅުގަނޑުމެން ބޭނުން، އެމީހުންނަށް ވަޒީފާ ހޯދައިދޭން. އަޅުގަނޑުމެން ބޭނުން، އެމީހުންނަށް އަޅާލަން. އެމަސައްކަތް އަޅުގަނޑުމެން ކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ، ތަރުތީބުން ހިންގާ ކަންތައްތަކެއް ކުރަން. އެކަންކަން ކުރުމަށް އަޅުގަނޑުމެން މިގެންދާ ތަރުތީބު، އަޅުގަނޑުމެން ކުރިޔަށް ގެންދާނަން.

އަޅުގަނޑަށްވެސް ހަމަ މިއަދު މިތާ ހުރެފައި ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާލަން ކަންތައްތަކެއް ހިންގިދާނެ. އަޅުގަނޑަށްވެސް އަޅުގަނޑުގެ ގާތް މީހެއްގެ އަތަށް، އަދި އަޅުގަނޑުގެ ދެ ޅިޔަނަކަށާ، ދެ އެއްބަފާމީހުންނަށް، ދައުލަތުގެ ޚަޒާނާއިން ނަގާ، އެމީހުންގެ ދެފައިކޭޓަށް ފައިސާ ލާފައި، ގުރައިދޫއަށް ފޮނުވާ، ފަހަރަކު ގެއަކަށް، ފަހަރަކު ގެއަކަށް ބަހާ ހުސްކޮށްލެވިދާނެ. އެގޮތުން ތިޔަބޭފުޅުންގެ ވަގުތީ ތާއީދު އަޅުގަނޑަށް ހޯދިދާނެ. އެހެންނަމަވެސް، އެއީ އެއްވެސް ޙާލެއްގައި ދެމެހެއްޓެނިވި ކަމަކަށެއް ނުވާނެ. މިއަދު އަޅުގަނޑުމެން ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާލަންވެގެން އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، ދޮގު ވާހަކަތަކެއް ދައްކައިފިނަމަ، އަޅުގަނޑުމެންގެ މުޅި އުންމީދު، އަޅުގަނޑުމެން ކުރަމުން އައި، މުޅި އުންމީދު ނާކާމިޔާބުވެގެންދާނެ. އަޅުގަނޑުމެން ޖެހޭނީ، ވިސްނާފައި، ކުރެވެން ހުރި ކަންތައްތައް، އެކުރަން އޮތް ތަރުތީބަކުން ކުރުމަށް މަސައްކަތް ފަށައިގަންނަން. އަޅުގަނޑުމެންނަށް މި މަސައްކަތްތައް ވަރަށް ރަނގަޅަށް ހިނގަމުން އެބަދޭ. އެއީ، މިކަމުގެ އުފަލަކީ.

ސަރުކާރުން މިކަންކަން ކުރުމަށް ރާވާފައިވާ މިވާގޮތަކީ، ސަރުކާރާ އަމިއްލަ ފަރާތްތަކާ ޙިއްޞާވެގެން، އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. އޭގެތެރޭގައި، އަޅުގަނޑުމެން މިސާލަކަށް، ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި، އެކަމަށް ޝައުޤުވެރިވާ ކުންފުނިތައް ހާމަވުމަށް ސަރުކާރުން އިޢްލާނު ކުރުމުން އެކަމަށް، ދަތުރުފަތުރުކުރުމުގެ ނިޒާމު، މުޅި ރާއްޖޭގައި ޤާއިމު ކޮށްދިނުމަށް 8 ކުންފުނި، ބައިނަލްއަޤްވާމީ ބޮޑެތި 8 ކުންފުނިން ކުރިމަތިލާފައި އެބަވޭ. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ ރާއްޖޭގެ މުއްސަނދިކަމަކީ، މިރާއްޖޭގެ ތަނަވަސްކަމަކީ، ރާއްޖޭގެ ރައްޔިތުންނަށް މިއަދު މި ޙައްޤުވާ މިންވަރު ނޫންކަން. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ރާއްޖޭގެ ރައްޔިތުންނަށް މިނޫން މިންވަރެއް، މިނޫން ގޮތެއް އަޅުގަނޑުމެންނަށް ހޯދައިދެވިދާނެކަން. މި 8 ކުންފުނީގެ ތެރެއިން ސަރުކާރަށް ދެންޖެހޭނީ، އެ ކުންފުނިތައް ކައިރީގައި ބުނަން. އެމީހުން، އެކަން ކުރުމަށް ޤަޞްދުކުރާގޮތަކީ، ނުވަތަ ޕްރޮޖެކްޓް ހިންގާނެ ގޮތަކީ ކޮބާތޯއޭ! އެ ހިންގާނެ ގޮތް އެ ބޭފުޅުން އަޅުގަނޑުމެންނަށް ހުށަހެޅީމާ، ދެން ސަރުކާރުން، އެ 8 ކުންފުނީގެ ތެރެއިން، ކަމަށް އެންމެ އެކަށީގެންވާ ކުންފުންޏަކާ ކޮންޓްރެކްޓްކޮށް މަސައްކަތް ޙަވާލުކުރާނީ. އިރާދަކުރެއްވިއްޔާ ޖުލައި މަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް، އެ ދަތުރުފަތުރުކުރުމުގެ ކޮންޓްރެކްޓް ވަކި ފަރާތަކާ ޙަވާލުކުރެވޭނީ.

އަޅުގަނޑުމެން މި މަސައްކަތް ހިންގަމުން ކުރިއަށްދާއިރުގައި، އަޅުގަނޑުމެންގެ ކުރިމަތީގައި އެބައޮތް ވަރަށް މުހިންމުކަމެއް. އެނގިވަޑައިގަންނަވާނެ، މިހާރު އަޅުގަނޑުމެން މިދަނީ، އަލަށް އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރަމުން. އެ ޤާނޫނުއަސާސީ ތަންފީޒުކުރުމަށްޓަކައި، 64 ތަފާތު ޤާނޫނު މިހާރުން މިހާރަށްވެސް ބޭނުންވޭ. އެހެން ގޮތަކަށް ދަންނަވަނީނަމަ، ޤާނޫނީ އޮނިގަނޑެއް އަޅުގަނޑުމެން އެކުލަވާލަން އެބަޖެހޭ. އަޅުގަނޑުމެން މި ހުށަހަޅާ ބަދަލު ގެންނަން ޖެހޭނީ، އެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން. އެ އޮނިގަނޑު އެކުލަވާލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭނީ އިޞްލާހަށް ލޯބިކުރާ މެންބަރުން. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަންޖެހޭނީ، އަޅުގަނޑުމެން މިދައްކާ ވާހަކަ ހިތުގެ އަޑީން ގަބޫލުކުރައްވާ މެންބަރުން. އަޅުގަނޑުމެންނަކަށެއް، އެ އަޣްލަބިއްޔަތު ނެތީސް، އަޅުގަނޑުމެން މިއެދޭ ކަންކަން ހިންގަން ވަރަށް އުނދަގޫވާނެ.

އަޅުގަނޑަށް އަންނާނެ އެއްވެސް ހުރަހެއް، ދިމާވާނެ އެއްވެސް ހުރަހެއް، އަޅުގަނޑަށް އަންނާނެ އެއްވެސް އުނިކަމެއް ނެތް، ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީގެ ގިނަ ބައިވަރު މެންބަރުންތަކެއް ނުހޮވުނަސް، ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން އެންމެ ރުފިޔާ ފޮއްޗެއްވެސް މަދެއް ނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރާން މިއުޅޭ މަސައްކަތް، އެއީ ތަރައްޤީގެ މަސައްކަތް. އެއީ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދައިދިނުން. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެންވެސް، ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތެއް އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ހިތުގެ އަޑީން އަބަދުވެސް ގަބޫލުކޮށް މިތިބެނީ، މި ސަރުކާރު ދެމިއޮންނަނީ، ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި، ތިޔަބޭފުޅުންނަށް ޚިދްމަތްކޮށްދިނުމަށްޓަކައި.

އަޅުގަނޑުމެން އަބަދުވެސް ހިތުގެ އަޑީން ގަބޫލުކުރާ އަނެއް ނުކުތާއަކީ، މި ސަރުކާރަށް ލިބޭ، މި ރާއްޖެއަށް ލިބޭ، މި ދައުލަތަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ ތިޔަބޭފުޅުންގެ ފައިސާއޭ. ތިޔަބޭފުޅުން އެ ފައިސާ އެވަނީ، އަމާނާތްތެރިކަމާއެކީގައި، އަޅުގަނޑުމެންނަށް އެ ބެލެހެއްޓުމަށް ޙަވާލުކޮށްފައި. އަޅުގަނޑުމެން، އެ އަމާނާތްތެރިކަމާއެކީގައި ބަލަހައްޓަމުން ގެންދާނަން. އަޅުގަނޑުމެންނެއް، އޭގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުޖެހޭނަން. މި ސަރުކާރެއް ކޮރަޕްޝަންގެ ބަލީގެ ތެރެއަށް، އިރާދަކުރެއްވިއްޔާ ވެއްޓިގެނެއް ނުދާނެ. މި ސަރުކާރެއް، އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް އަނިޔާވެރިއެއް ނުވާނެ. މި ސަރުކާރެއް އިރާދަކުރެއްވިއްޔާ ރައްޔިތުންދެކެ ރުޅިއެއް ނާންނާނެ، ދުރެއް ނުވާނެ. އަޅުގަނޑުމެން މިމަސައްކަތްކުރާން މިނުކުތީ، އަޅުގަނޑުމެންނަށް މި ރާއްޖެ އެހެން ގޮތަކަށް އޮއްވާ، އެ މަންޒަރު ދެކޭތީވެ، އެ މަންޒަރު ފެންނާތީވެ. އަޅުގަނޑުމެންގެ ތަޞައްވުރަކީ، ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއް. އަޅުގަނޑުމެންގެ އުންމީދަކީ، މިރާއްޖެއަކީ އަޅުގަނޑުމެން މިހަމަ ސިފަކުރާ ގުލްޒާރަށް ހެދުން. އަޅުގަނޑުމެން އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވާނީ، ގުލްޒާރުގައި ނަޔާމަގޭ، ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ، ފަރިވާއިރުން އުޅޭނެޔޭ" އަނެއް ދިވެހިރާއްޖެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހޯދައިދޭނަމޭ.

ބައެއް ބޭފުޅުން މި އިންތިޚާބާ ގުޅުވައި އެބަ ވިދާޅުވޭ، އެމް.ޑީ.ޕީ.އަށް މިރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ، މި ރާއްޖޭގެ ޑިމޮކްރަސީއަށް ހުރަސް އެޅޭނެއޭ. ދަންނަވަންތޯ! އަޅުގަނޑެއް ނުދަންނަން، ޤައުމެއް، ޑިމޮކްރަސީގެ އުސޫލުން ހިނގާ، ޑިމޮކްރެޓިކް ޤައުމެއް، އެ ޤައުމެއްގެ ސަރުކާރަށް، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނެތް. ވަރަށް މަދު. ޖަޕާނުގައި ދުވަސްކޮޅެއްދިޔަ، އިޓަލީގައިވެސް ދުވަސްކޮޅެއް ދިޔަ. އެހެންނޫނިއްޔާ ޑިމޮކްރެޓިކް ސަރުކާރެއް، އެ ސަރުކާރަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބި އޮންނަނީ ވަރަށް މަދު ފަހަރެއްގައި. ޙަޤީޤަތުގައި ނުވެސް އޮވޭ. ސަރުކާރަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބިއްޖެނަމަ، ދެން މި ބުނަނީ، އެއީ ބައިވެފައި އޮތް މަޖިލީހެކޭ. އެ މަޖިލީހަކުން ކަމެއް ނުނިންމޭނެ. ވަކި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާ ކެންޑިޑޭޓަކަށް އޮތް އެއްވެސް ބާރެއް ނެތް. އޭނާއާ ގުޅިފައިހުރި އެއްވެސް ފަރާތެއްވެސް ނެތް. ތިޔަބޭފުޅުންނަށް ޤަބޫލުފުޅުކުރެއްވޭތޯ؟ ގުރައިދޫ ކެންޑިޑޭޓަކަށް، ތަކަންދޫ ވޯޓާނުލައި، މަޖިލީހުގެ 76 އަޣްލަބިއްޔަތު އޮތް ތަނެއް، އަޣްލަބިއްޔަތު ހޯދަންޖެހޭ ތަނެއް، އެތަނުގައި، ވަކިން ނުކުންނަ، ގުރައިދޫ ކެންޑިޑޭޓަކަށް، ގުރައިދުއަށް އެއްވެސް ކަމެއް ކޮށްދެވިދާނެކަމަށް ތިޔަބޭފުޅުންނަށް ގަބޫލުފުޅު ކުރެވޭ ކަމަށްވަނީވިއްޔާ، ތިޔަބޭފުޅުންނަށް، ގިނަ ޕާޓީ އެކުލެވޭ ނިޒާމު، ތިޔަބޭފުޅުންނަށް އަދި މުޅިން ސާފުނުވަނީ.

އަޅުގަނޑުމެން ޒަމާންތަކެއް ވަންދެން އަމިއްލަ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިބެއްޖައިމު. އަޅުގަނޑުވެސް މާލޭގެ މެންބަރުގެ ގޮތުގައި މަޖިލީހުގައި އިނިން. އަމިއްލަ މެންބަރެއްގެ ގޮތުގައި. އެ އިން އިނުމުގައި، އެތަނުގައި އަޅުގަނޑުމެންނަށް ރައްޔިތުންނަށް ފައިދާވާ، ހަމަ އެއްކަމެއްވެސް ނުކޮށްދެވޭ. އެއާ ޚިލާފަށް 19 މެންބަރުން އެކުވެ، ތިމަންނާމެންނަކީ، އެމް.ޑީ.ޕީ.އޭ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއޭ، ބުނި ދުވަހު އަޅުގަނޑުމެންނަށް ފެނުނީ، އިޞްލާޙީ އޮއިވަރު އެތައް ތަނަކުން ބާރުވެގެން ދިޔަތަން. އަޅުގަނޑުމެންނަށް މިހާރުވެސް އަލުން އަނބުރާ މި މަޖިލީހުގެ އަޣްލަބިއްޔަތު ލިބޭނެކަމަކީ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެން ޝައްކުކުރާ ކަމެއްނޫން. އަޅުގަނޑަށް ޔަޤީން. އަޅުގަނޑަށް ޔަޤީން. ގުރައިދޫގެ ޖޯޝް މިހާ ގަދަވެގެން މިދަނީ، ހަޤީޤަތުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އޮތް ތާއީދު ބޮޑުވާވަރުން. ޖޯޝް ގަދަވާނެ. އަބަދުވެސް. އަބަދުވެސް ޖޯޝް ގަދަވާނެ އިނގޭތޯ. އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުގައި ދަންނަވަން އޮތް ވާހަކައަކީ، ނަމަނަމަ، ރައްދެއް ނުދެއްވައްޗޭ! ނަމަނަމަ، އެއްޗެއް ނުކިޔުއްވައްޗޭ! ތިޔަބޭފުޅުން ތިޔަ ތިއްބެވީ މޮޅުވެފައޭ. އެބޭފުޅުންނާ އެއްގޮތަކަށްވެސް ރައްދެއް ނުދެއްވައްޗޭ. ޖެހިޔަސް! ނުޖަހައްޗޭ! އަނބުރާ، އެއްޗެއް ނުބުނުއްވައްޗޭ! އަދި، އެބޭފުޅުންގެ ކެންޑިޑޭޓުން މިރަށަށް އައިމާ، އެމީހުންނާ ޖަދަލުކޮށް ނުހައްދަވައްޗޭ. ހަމަ އެއްވެސް ޙާލެއްގައި އެކަހަލަ ކަމެއް ކުރާކަށް އަޅުގަނޑުމެންނަކަށެއް ނުޖެހޭނެ. އަޅުގަނޑުމެން މޮޅުވަމުންދާ ތަނުގެ ސީދާ، އެންމެ ރިވެތި ދަލީލު. އެންމެ ރިވެތި ހެކި މިފެންނަނީ.

އަޅުގަނޑު ބުނީމާ ގަބޫލުކުރޭ! އެންމެ އިންތިޚާބަކާނޫން، އަޅުގަނޑު ކުރިމަތީލީކީއެއް އަޅުގަނޑު އެންމެ ފަހަރަކުއެއްނޫން. ރައްޔިތުންގެ ކުރިމައްޗަށް ނުކުތީކީއެއް. އަޅުގަނޑަށް އެނގޭނެ. އަޑުން އަޅުގަނޑަށް އެނގޭނެ ޖޯޝުން. އަޅުގަނޑަށް އެނގޭނެ މީހުން ބެލީމާ، މީހުން އަޅުގަނޑާ ދިމާއަށް ހީލީމާ. އަޅުގަނޑު ދަންނަކަމެއް އަޅުގަނޑު މިކުރަނީ. ހަމަ ވަރަށް ރަނގަޅަށް އަޅުގަނޑު މިދަންނަވަނީ. އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓަށް، މި ގުރައިދޫގެ އަޣްލަބިއްޔަތު، އިރާދަކުރެއްވިއްޔާ މިފަހަރު ހަމަ ނުލިބޭނެ އެއްގޮތެއްވެސް ނުވާނެ. އަޅުގަނޑުމެންނަށް އެނގޭކަމެއް އަޅުގަނޑުމެން މިކުރަނީ. އެއްގޮތަކަށްވެސް، އަޅުގަނޑު ބުނީމާވެސް. އަޅުގަނޑު ހަމަ އާދޭހާއެކު މިދަންނަވަނީ، ތިޔަބޭފުޅުންގެ އަރިހުގައި. އަޅުގަނޑުމެންނަށް ރަނގަޅެއް އެކުދިން އެކޮށްދެނީ. އަޅުގަނޑުމެންނަށް މި ގޮނޑި އެކުދިން އެ ހޯދައިދެނީ. އެހެންވީމާ، އެއްވެސް ޙާލެއްގައި ތިޔަބޭފުޅުން މިކަމާ ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އެއްވެސް ޙާލެއްގައި ތިޔަބޭފުޅުން މިކަމާ ދެރަވާނެކަމެއް ނެތް.

އަޅުގަނޑަށްވެސް އެނގޭ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން، ތިޔަބޭފުޅުންގެ ރަށްވީމާ، ލަދުގަންނަގޮތް، ދެރަވާގޮތް ވެދާނެ. ހާދީބެ، އަޅުގަނޑު ކައިރީގައި ބުނި ވަރަށް ދެރައޭ. ރައީސް، ވަރަށް ދެރައޭ. އަޅުގަނޑު ވަރަށް ލަދުގަނެއްޖޭ، މިހެން މިކަންކަންވީމާ. އަޅުގަނޑަށްވެސް އެނގޭ އެފަދަ ގޮތެއް، އެފަދަ އިޙްސާސްތަކެއް، ތިޔަބޭފުޅުންގެ ހުރެދާނެ. އެހެންނަމަވެސް އެއީ، ދަތްފަޅާއިރުވާ ތަދު އިނގޭތޯ! އެއީ ދަތް ފަޅާއިރުވާ ތަދު. ޑިމޮކްރަސީއަށް ކުއްލިއަކަށް މިނިވަންކަން ލިބުނީމާ ބައެއް ބޭފުޅުންނަށް، އޭގެ ހައްދުތައް، ޙުދޫދުތައް އޮޅިގެންދާނެ. އެހެންނަމަވެސް އެ ތަދުވާނެ. އެ ތަދުވާނެ، އެ ތަދުވެގެން ނޫނީއަކާއެއް އަޅުގަނޑުމެންނަކަށް އަރައެއް ނުގަނެވޭނެ. އެހެންވީމާ، މިވަގުތު ގުރައިދޫގައި އަޅުގަނޑު ވަރަށް ގިނަ ރަށަށް ގޮސްފީމު، އަޅުގަނޑު ހުވާކުރިފަހުން. އަދި އެތަދު މިވަރުގައި، މިވަރަށް ވާ ރަށެއް އަޅުގަނޑަކަށް ދިމައެއް ނުވޭ. ވަރަށް އަސަރު އެބަހުރި މިތަނުގައި. ވަރަށް އަސަރު އެބަހުރި މިތަނުގައި. އަޅުގަނޑު އިހަކަށް ދުވަހު މިއައީ، އައްޑުއަތޮޅުން، ފުވައްމުލަކުން، ރ.އަތޮޅުން. އަޅުގަނޑު ހުރިހާ އަތޮޅަކަށް ގޮސްފިން އަޅުގަނޑު ހުވާކުރިފަހުން. މިހާ އަސަރު ހުރި ރަށެއް ނެތް. އެހެންވީމާ، އަޅުގަނޑަށް ހަމަ ލަފާކުރެވެނީ، މިރަށް، މިއީ އެންމެ ކާމިޔާބު އެއް ރަށޭ. އެއްގޮތަކަށްވެސް އެކަމާ ކަންބޮޑުވެލައްވާނެކަމެއް ނެތް. އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް މީގައި ދެރައެއްވެގެން އުޅެނީކީއެއްނޫން.

އަޅުގަނޑު އަދި ފަހުން، މިރޭ، ތިޔަބޭފުޅުންގެ ރކ.ކޮމިޓީއާވެސް ބައްދަލުކޮށްލަން ބޭނުން. އަޅުގަނޑުމެން މިރަށަށް ކޮށްދޭން ހުރިކަމެއް، ކޮށްދޭން އަޅުގަނޑުމެން މިބުނަނީކީއެއް، އިންތިޚާބަކާ އަޅުވާފައެއް ނޫން. އިންތިޚާބަކާ އަޅުވާ އަޅުގަނޑުމެން ކަމެއްކުރާ ވާހަކަ މިރަށުގައި ދައްކައިފިނަމަ، އެކަމެއްގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީ އެއް ނުލިބޭނެ. މިދިޔަ 30 އަހަރު ވީގޮތް، އަނެއްކާވެސް ހަމަ ވާނީ. އަޅުގަނޑުމެންނަށް ރަނގަޅަށް ތަރުތީބުން ރާވައި، އިންތިޒާމުކޮށްފައި، އަދި ފުރިހަމަކޮށްފައި އޮތް މަސައްކަތެއް ނޫނިއްޔާ، ކުރަން ފަށާކަށްނުވާނެ. ކަމެއް ކުރަން ފަށަން ޖެހޭނީ، އެކަމާގުޅޭ ހުރިހާ ކަމެއް ވިސްނާފައި. އަޅުގަނޑުމެންނަށް މިއަދު މި އެނގޭ އެއްޗަކީ، ކަމެއް، ކޮންމެ ކަމެއްވިޔަސް، ކުރާން އަޅުގަނޑުމެން ހިތުލައިފިއްޔާ، ކުރަންވީ، ޙަޤީޤަތުގައި އެހެންކަމެއް. އެކަން، ވަމުންވަމުންވަމުން އައިސް އަނެއްކަންތަކުގައި ޖެހުނީ. އަނެއް ކަންތައް ފުރިހަމަވީމާ، އެކަންތައް އޭރުން ދެން އެވަނީ، ދެމެހެއްޓެނިވި ގޮތުގައި.

އަޅުގަނޑުމެންނަށް މިކަންކަން އިރާދަކުރެއްވިއްޔާ ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު، ފެނާ، ނަރުދަމާގެ މަސައްކަތް އެދަނީ ނިމެމުން. އަދި ފެން ޕްލާންޓް އެވަނީ ބެހެއްޓިފައި. އަޅުގަނޑަށް މާ ލަސްތަކެއް ނުވެ، ތިޔަބޭފުޅުންނަށް މިރަށުގެ ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދެވޭނެ. އަދި މާލަސްތަކެއްނުވެ، ތިޔަބޭފުޅުންނަށް ފެނުގެ ޚިދްމަތްވެސް މިރަށުގައި ފޯރުކޮށްދެވޭނެ.

އަޅުގަނޑުމެން ބޭނުން. މިތަނުގެ މަދަރުސާ ތަރައްޤީކުރަން. އަޅުގަނޑުމެންނަށް އެނގޭ، މަދަރުސާގެ އިތުރު 5 ކްލާސްރޫމް މިރަށަށް ބޭނުންވާކަން. ސަރުކާރުން އޮންނާނެ، އެޑިޔުކޭޝަން މިނިސްޓްރީގެ ބަޖެޓުގައި އިތުރަށް ހިމަނާފައި، އެއް ސެޝަނަށް ހެދުމަށް ބޭނުންވާ ކްލާސްރޫމް އެޅުމުގެ ފައިސާ. އެއީ، މިއަހަރު އަޅުގަނޑުމެން އިތުރަށް ބަޖެޓުގައި ހިމެނިކަމެއް. އެހެންވީމާ، އެފައިސާ މިރަށަށްވެސް ލިބޭނެ. އަޅުގަނޑުމެން ބޭނުން، މިރަށުގައި އަދި އިތުރު 5 ކްލާސްރޫމް އަޅައި، އެއް ސެޝަނަށް މިރަށުގެ މަދަރުސާ އެއް ސެޝަނަށް ބަދަލުކުރަން. އެހެންވީމާ، އެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެބަ ކުރިޔަށްދޭ.

އަޅުގަނޑު ގިނަ ވާހަކަ ދައްކަން ހުރެދާނެ. އަޅުގަނޑަށް ހަމަ އެއްވެސް އުނދަގުލެއްވެސް، ތުރާއެއްވެސް ނުވެސްވާނެ. އަޅުގަނޑަށް އަދި ރީތިކޮށް ފަސޭހައިން، ޖޯޝުގައި ވާހަކަ ދެއްކެނީވެސް ކުޑަކުޑަކޮށް، އަދި އެބާވަތުގެ ކުޑަ ހަޅޭކެއް ހުރީމާ. އެކަމަކުން އަޅުގަނޑުމެންނަކަށް ދިމާވާ މައްސަލައެއް ނެތް. އަޅުގަނޑު ހަމަ ދަންނަވާން އޮތް ވާހަކައަކީ، އަޅުގަނޑުމެން މިއަދު މިތިބީ، މީގެ 6 މަސްކުރީގައި، އަޅުގަނޑުމެން ނުކުރާފަދަ އުންމީދެއްގައި، ނުކުރާފަދަ ޔަޤީންކަމެއްގައި. މިދިޔަ ފުރަތަމަ 3 މަސް ދުވަހު އަޅުގަނޑުމެން ހޭދަކުރީ، މި ސަރުކާރު ރަނގަޅަށް އަޅުގަނޑުމެންގެ މައްޗަށް ގެންނަން. އެ 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު، އަޅުގަނޑުމެންގެ އަތް މައްޗަށް އަޅުގަނޑުމެން ގެނައިމު. މި ސަރުކާރެއް ދެނެއް އަޅުގަނޑުމެންގެ އަތްމައްޗަކުންނެއް މި 5 އަހަރު ދުވަހުގެ ތެރޭގައި ގުޑައިގެނެއް ނުދާނެ. އެއީކީއެއް ވާނެކަމެއް ނޫން. އަޅުގަނޑުމެން މިކަމުގައި ތިބޭނީ. އަޅުގަނޑުމެން މިކަމުގައި ތިބޭނީ. އަޅުގަނޑުމެން މިކަން މިކުރިޔަށް މިއޮތް 5 އަހަރު ދުވަހުގެ ތެރޭގައިވެސް ކުރަމުން ގެންދާނީ. އަޅުގަނޑުމެން މިރާއްޖެއަށް، އިރާދަކުރެއްވިއްޔާ، ހެޔޮވެރިކަން ތަޢާރަފް ކޮށްދޭނަން. އަޅުގަނޑަށް މިއަދު އަޅުގަނޑު، ބާރުނަގާ މިންވަރު ވެގެންދާނީ، އަންނާން އޮތް ޖީލުތަކުގައިވެސް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި، ބާރުތައް ވަކިވަކި ކޮށްފައި އޮތް ސިޔާސީ ނިޒާމެއްގައި، ރައީސުލްޖުމްހޫރިއްޔާއަކު ބާރުނަގާ މިންވަރަށް. އަޅުގަނޑު މިއަދު ނާޖާއިޒު ގޮތުގައި އިތުރަށް ބާރު ނަގައިފިނަމަ، އަންނާން އޮތް ޖީލުތަކުގައި ރައީސުން އަނެއްކާވެސް ކުރިއަށްވުރެ ބާރު އިތުރުކުރަމުން ގެންދާނެ. އެހެންވީމާ، އަޅުގަނޑު ބާރު އިތުރަށް ނުނަގަނީ. އެހެންވީމާ، އަޅުގަނޑު ބާރުގެ ބޭނުން ކުރަން ބޭނުން ނުވަނީ.

އިރާދަކުރެއްވިއްޔާ، މާދަމާ، މި ގުރައިދޫއަށާއި، އަދި މި އަތޮޅުގެ އެންމެހާ ރަށްތަކަށާއި، މުޅި މި ރާއްޖެއަށް ވެގެންދާނީ، އަދި މާ ފާގަތި، މާ ފަހި ދުވަހަކަށް، މާދަމާ، އިރާދަކުރެއްވިއްޔާ ވެގެންދާނީ މިއަދަށްވުރެ މާ އުފާވެރި ދުވަހަކަށް. ވަރަށްބޮޑަށް ޝުކުރިއްޔާ.