މީގެ ދުވަސްކޮޅެއް ކުރީގައި، މީގެ ހައެއްކަމަސް ކުރީގައި، އަޅުގަނޑުމެން މިރަށަށް އައިމު. އެއިރު އެއީ، ރިޔާސީ އިންތިޚާބު. އެދުވަހު އަޅުގަނޑު ތިޔަބޭފުޅުންނަށް ވަޢުދެއްވީމު. އަޅުގަނޑު ދެންނެވީމު، 11 ނޮވެމްބަރު 2008 ވާ އަންގާރަދުވަހު އިރާދަކުރެއްވިއްޔާ، ދެން މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކުރާނީ، އަޅުގަނޑޭ. އެ ވަޢުދު، މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެންނަށްވަނީ، ފުއްދިފައި. އަޅުގަނޑުމެންގެ ބަސް ބުނަން ނިންމީ، ވަރަށް ބޮޑަށް ވިސްނާފައި. އެއީ، ކުރެވިދާނެ ކަމެއްތޯ އަޅުގަނޑުމެންގެ ހިތުގެ ތަރާދުގައި މިނާފައި. ބަހުސްކޮށްފައި، އެކެއް އަނެކަކާ އެކަމާމެދު ދެކެވެންހުރި ހުރިހާ ވާހަކައެއް ދައްކަމުން.

އަޅުގަނޑުމެން ދުށީ، ރާއްޖޭގެ ރައްޔިތުން އެހިނދަށް، އެއިރު، ވަރަށްގިނަ އަދަދެއްގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި ވެރިކަން ހިނގަމުން އަންނަގޮތާ އަދި އެ ވެރިކަމުގައި މިދިޔަ ދިގު 30 އަހަރު ތިއްބެވި ބޭފުޅުން ބަދަލުކުރާށޭ. އެ ބޭނުމަކީ، އެ ބަދަލު ދިވެހިރާއްޖެއަށް ގެނައުން. ބަދަލު ގެނައުމުގެ ބޭނުމަކީ، ހެޔޮވެހިކަން ތަޢާރުފް ކުރުން، އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުކުރުން، އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުކުރުން.
އަޅުގަނޑުމެންނަށް މިވަނީ، އިރާދަކުރައްވައިގެން މިދެންނެވި އިންތިޚާބު ކާމިޔާބު ކުރެވިފައި. އެ އިންތިޚާބު ކާމިޔާބު ކުރުމަށް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅީމު ވިސްނުމެއް، ފިކުރެއް، އަޅުގަނޑުމެންގެ ތަޞައްވުރެއް، އެހެން މަންޒަރެއް، އެހެން ދިވެހިރާއްޖެއެއް. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން ގެންދިޔައިން، އަޅުގަނޑުމެންގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ތަންފީޒުވާނީ، މިވެނި މިވެނި ސިޔާސަތުތަކެކޭ. އަޅުގަނޑުމެން ވަޢުދުތަކެއް ވަމުން ދިޔައިން. ދިވެހިރާއްޖޭގެ ރަށްތަކަކީ، ލާމެހި ގުޅިފައިވާ، ދަތުރުފަތުރުގެ ނިޒާމަކުން ގުޅިފައިވާ ރަށްތަކަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަދާނަމޭ، އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަމޭ، ބޭސް ސިޓީއަށް ރައްޔިތުން ސަލާން ޖަހާކަށް ނުޖެހޭނެއޭ، ޑްރަގަށް ހުޅުވިފައިވާ ދޮރުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަންދުކޮށްދޭނަމޭ، ތަކެތީގެ އަގު، އަތްފޯރާފަށަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެނެސްދޭނަމޭ.

އަޅުގަނޑުމެން ދެންނެވީމު، އަޅުގަނޑުމެންގެ އަމާޒަކީ، މަދަރުސާ ނިމޭ، ކޮންމެ މަދަރުސާއަކުންވެސް ނިމޭ ކުދިންގެ ދަރިވަރުންގެ ޖުމްލަ 60% ކުދިންނަކީ، "ސީ" ފާހުން މަތިން ފާސް ލިބޭ ކުދިންކަމަށް ހަދަން އަޅުގަނޑުމެން ބޭނުމޭ، އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑުމެންގެ އަމާޒާއި، އަޅުގަނޑުމެންގެ އުންމީދާއި، އަޅުގަނޑުމެންގެ ވިސްނުމާއި، ފިކުރާއި، ޚިޔާލާއި، އަޅުގަނޑުމެން ކުރެހި މަންޒަރު، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހުށަހެޅިން. މިހާރު މިއަދު އަޅުގަނޑުމެންނަށް ފުރުސަތު ލިބިފައިމިވަނީ، އެ ސިޔާސަތު ތަންފީޒުވަމުންދާއިރުގައި، މާފުށްޓަށްވާނީ، ކިހިނެއްހޭ؟ ސަރުކާރުގެ ސިޔާސަތު ތަންފީޒުވާއިރުގައި، ތިމަންނާއަށް އޮތީ ކޮންއެއްޗެއްހޭ؟ ތިމަންނާގެ ޢާއިލއަށްއޮތީ ކޮންއެއްޗެއްހޭ؟ ތިމަންނާގެ ރަށަށްވަނީ ކިހިނެއްހޭ؟ ތިމަންނާގެ އަތޮޅަށް ކުރާނީ ކޮން އަސަރެއްހޭ؟ އަހަރެންގެ ރާއްޖެ ބަދަލުވާނީ ކޮން ގޮތަކަށްހޭ؟

އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، އަދި އަޅުގަނޑުމެން އެންމެބޮޑަށް ވަޢުދުވަމުންއައި އެއް ވަޢުދަކީ، ރާއްޖޭގެ އިދާރީ ހިންގުން ހިންގާނީ، ލާމަރުކަޒީ އުސޫލުންނޭ. ރާއްޖޭގެ ހަތް ތަނެއްގައި ހަތް ޕްރޮވިންސް އުފައްދައި، އެއިން ކޮންމެ ޕްރޮވިންސެއްގައި ވެރިކަންކުރާ ރަށެއް ކަނޑައަޅައި، އެ ރަށަކީ، މާލެއިން ލިބެން ހުންނަ ހުރިހާ ޚިދްމަތްތައް ފޯރުކޮށްދޭ ރަށަކަށް ހެދުމަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަޅުގަނޑުމެންވާނީ، ތިޔަބޭފުޅުންނަށް ވަޢުދުވެފައި، ތިޔަބޭފުޅުންނަށް ހުށަހަޅާފައި. މި ފަސްއަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި، މިދަންނަވާ، ލާމަރުކަޒީ އުސޫލުން ހިންގާ ހަތް ޕްރޮވިންސްގެ ވެރިކަންކުރާ ހަތްރަށް އަޅުގަނޑުމެން ބޭނުން، ވީހާވެސް ގިނަ ޚިދްމަތެއް، އެރަށްރަށުން ލިބޭނެގޮތަކަށް ހަމަޖެހިފައި ހުރުން. މިބުނާ ރަށްރަށަކީ، ބަނދަރުހެދި، އިރާދަކުރެއްވިއްޔާ މަގުހެދި، ފެނާއި ނަރުދަމާގެ ޚިދްމަތް ރަނގަޅަށް ޤާއިމުކުރެވި، ގޯތިގެދޮރާއި، ބޯހިޔާވަހިކަން ރަނގަޅަށްލިބި، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖޭގެ ރިވެތި ރަށެއްގެ ގޮތުގައި އަޅުގަނޑުމެން ތަރައްޤީކުރާ ރަށެއް. މިއަދު އަޅުގަނޑަށް އުފަލާއެކު ތިޔަބޭފުޅުންނަށް ދެންނެވެން އެބައޮތް، މި މާފުއްޓަކީ، އޭގެތެރެއިން އެއްރަށަށް ހެދުމޭ އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ މަސައްކަތަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެގޮތަށް އެކަން ކުރާނަން.

އަޅުގަނޑުމެންނަށް ފެނޭ، މާފުށީގެ ބޮޑުމިނަކީ، މިހާރު މިއޮތް މިން ނޫންކަން، ހަތް ކިލޯމީޓަރަށް މިރަށް ހިއްކެން އޮތްކަން. އަޅުގަނޑުމެންނަށް އެނގޭ، މިރަށުގެ އުންމީދު ނުވަތަ މިރަށުގެ މުސްތަޤްބަލް، މާބޮޑަށް ބަދަލުކުރެވިދާނެކަން. އަޅުގަނޑުމެންނަށް އެނގޭ، މިރަށުގެ އާބާދީ ބޮޑު ކުރެވިދާނެކަން، އަދި މިރަށުގައި ބޯހިޔާވަހިކަން އިތުރުކުރެވިދާނެކަން. ޞިނާޢީ އެކިއެކި މަސައްކަތް މިރަށަށް ގެނެވިދާނެކަން. މިއީ، ހަމައެކަނި އަޅުގަނޑުމެން މިރަށަށް ކުރާކަމެއްނޫން. ރާއްޖޭގެ ހަތް ތަނެއްގައި އަޅުގަނޑުމެން، މިބާވަތުގެ ހަތް ރަށް އުފެއްދުމަށް ނިންމާފައި އެވަނީ، މުޅި ރާއްޖެއަށްޓަކައި. މާލޭގައި ދިރިއުޅެވޭކަށެއް ނެތް. މާލެވަނީ، ތޮއްޖެހިފައި، ގެދޮރުގެ މައްސަލަތައް، އެއާ ގުޅިގެން، އެކި ބާވަތް ބާވަތުގެ އިޖްތިމާޢީ މައްސަލަތައްވަނީ ވަރަށް ބޮޑުވެފައި. މާލެވަނީ، ހަމަ މުޅިންހެން ދަންނަވާނީ، ޚަރާބުވެފައޭ. މާލެއަށް ލުޔެއް ހޯދުމަށްޓަކައި މިދަންނަވާ ހަތްރަށް އަޅުގަނޑުމެން އެބަ ތަރައްޤީ ކުރަންޖެހޭ.

މި ހަތްރަށް ތަރައްޤީ ކުރެވޭނެކަން، އިއްޔެއަށްވުރެ، މީގެ ހަމަސްދުވަހަށްވުރެ ކުރިއަށްވުރެ އަޅުގަނޑަށް މިއަދު މާ ބޮޑުތަނުން ޔަގީން. އަޅުގަނޑުމެން، މި ކަންކަން ކުރަން ރާވަފައި ހުރި ތަރުތީބުތަކެއް، ގޮތްތަކެއް އެބަހުރި. އަޅުގަނޑަށްވެސް އެނގޭ، މިއަންނަނީ، އިންތިޚާބުކަން. ޢާންމު ގޮތެއްގައި ރާއްޖޭގައި ކަންކުރާ ގޮތަކީ، ވެރިން އައިސް، އިންތިޚާބު ގާތްވީމާ ރައްޔިތުން ކައިރީގައި ދެކެވުނުހާ ވާހަކައެއް ދައްކާފައި ދަނީ. ތިމަންނާމެން، ރަންއިލޮށިން ކަދުރު ކާންދޭނަމޭ، ތިމަންނާމެން ރައްޔިތުންނަށް އަރިއަރިން ބިލެތް ބަހާދޭނަމޭ، ތިމަންނާމެން ރައްޔިތުން ހަތްވަނަ އުޑުގައި، ގަނޑުވަރު އަޅާފައި ބައިތިއްބާދޭނަމޭ. އަޅުގަނޑުމެން ނޫޅެން އެ ދޮގުތައް ހަދާކަށް. އަޅުގަނޑަށްވެސް، ހަމަ އަޅުގަނޑު ރަށްޓެހި މާފުށީ ދެމީހަކާ، އަޅުގަނޑުގެ ދެ ޅިޔަނަކާ އަދި ދެ އެއްބަފާ މީހެއްލައްވާ އެމީހުންނަށް ދައުލަތުގެ ޚަޒާނާއިން ނޫޓުކޮޅެއްދީ، މިރަށްރަށަށް އައިސް ހަތަރު ތަނެއްގައި ބޯޑު ހަރުކޮށްލާ، ދެތަނަކަށް ހައިމާކެއް ގެނެސް، ކުލައެއް ޖައްސާލާފައި ތިޔަބޭފުޅުންނަށް އެ ފާޑުތައް ދައްކާލެވިދާނެ. އެހެންނަމަވެސް، އޭގެންނެއް އަޅުގަނޑުމެންގެ ތަރައްޤީއަށް، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ.

އަޅުގަނޑަށްވެސް ހަމަ ގަބޫލުކުރެވޭ، ވެރިކަން ބަދަލުވިތާ މިހާރު ހަމަސްދުވަސް ވެއްޖެ. މާލެ ދެވޭނެގޮތްވެސް ހަމަކުރިގައި ދިޔަގޮތަށްދަނީ. ހެލްތް ސެންޓަރުވެސް ހަމަ ހުރީ، ކުރީގައި ހުރި ގޮތަށް. ނަރުދަމާވެސް މިއޮތީ، ހަމަ ކުރީގައި އޮތްގޮތަށް. ބަނދަރެއްވެސް އަދި ވަކި ކުރީގައި އޮތްގޮތް ނޫން ގޮތެއް ވަނީކީއެއްނޫން. އެއްވެސް ކަމެއް ބަދަލެއްނުވޭ. ވީހަމަ އެއްވެސްކަމެއް ނެތް. އަޅުގަނޑުމެން ކަންތައްތައް ތިޔަބޭފުޅުންނަށް ހުށަހަޅަމުން އައިއިރުގައި، އަޅުގަނޑުމެން ބެލިން މިކަންކަމަށް. ތިޔަބޭފުޅުން މިއަދު އަޅުގަނޑުމެންގެ މެނިފެސްޓޯއަށް، އަޅުގަނޑުމެންގެ ސިޔާސަތަށް ބައްލަވާލައްވައިފިނަމަ، އެނގިވަޑައިގަންނަވާނެ، އޭގައި ހުންނާނެ، ކުރުމުއްދަތުގައިކުރާ ކަންކަންް. މެދުރާސްތާގައިކުރާ ކަންތައްތަކާއި ދިގުމުއްދަތުގައިކުރާ ކަންތައްތައް. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަޤީން، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވި ފުރަތަމަ ތިންމަސްދުވަސް، އަޅުގަނޑުމެންގެ އަތަށް ހެޔޮވަރަށް ސަރުކާރު މަށާލުން މުހިންމުވާނެ. އަޅުގަނޑުމެންނަށް މި ސަރުކާރުގައި ހިފޭނެގޮތް އަޅުގަނޑުމެން ހަދަންޖެހޭ. ސަރުކާރު ފުރިހަމައަށް، އަޅުގަނޑުމެންގެ އަތްމައްޗަށް ގެންނަންޖެހޭ. އަޅުގަނޑު މިއަދު އުފަލާއެކީ ތިޔަބޭފުޅުންނަށް ދަންނަވަންއޮތީ، މިސަރުކާރެއް އިރާދަކުރެއްވިއްޔަކާ ދެނެއް ނުވެއްޓޭނެޔޭ، މި ފަސް އަހަރުދުވަހު ދެންތިބޭނީ، އަޅުގަނޑުމެންނޭ. މި ސަރުކާރު މިއޮތީ، އަޅުގަނޑުމެންގެ ފުރިހަމަ ބާރުގެ ދަށުގައޭ. އެ ބާރު އަޅުގަނޑުމެން ހޯދަންޖެހޭ. ސަރުކާރުގެ އަތްމައްޗަށް އެބާރު ނަގަންޖެހޭ.

ޚާއްޞަ ގޮތެއްގައި މިހާރު، އާ ޤާނޫނުއަސާސީ ތަންފީޒުވަމުންދާއިރުގައި، އޭގައި މިވަނީ، ބާރުތައް ވަކިވަކިކޮށް. އަޅުގަނޑުމެންގެ އެންމެ މުހިންމު އެއްބޭނުމަކީ، ބާރުތައް ވަކިކޮށް ބެހެއްޓުން. ވެރިކަމުގެ ބާރު، އިންތިހާއަށް ބޮޑުވެ ނުދިޔުން. ރައީސުލްޖުމްހޫރިއްޔާގެ ބާރު، ހައްދުން ނުނެއްޓުން. އެހެންވީމާ، އަޅުގަނޑު މިވަގުތު ހޯދާ ބާރު އެއީ، މިރާއްޖޭގެ ޑިމޮކްރަސީގައި، މިރާއްޖޭގެ ތާރީޚުގައި، މި ޤާނޫނުއަސާސީ ތަންފީޒުވަމުންދާއިރުގައި، އަދި ކުރިއަށް އަންނާންތިބި ރައީސުންވެސް، ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ގޮތުގައި ކަނޑައެޅޭނީ، މިއަދު އަޅުގަނޑު ހޯދާ ބާރު. އަޅުގަނޑު ހަމަ ގައިމުވެސް ބޭނުމެއްނޫން، ސަރުކާރު އެއްވެސް މުވައްޒަފަކަށް އުނިކަމެއް ގެންނާކަށް. އަޅުގަނޑަށްވެސް އެނގޭ، އެއިން ބައެއް ބޭފުޅުންނަށް އަދިވެސް ހަމަ ހަޖަމު ނުކުރެވި، ހިތް ހަލާލު ނުކުރެވި މިދަނީ ވެރިކަން ބަދަލުވެއްޖެކަން. އަޅުގަނޑުމެންގެ ފިކުރާއި އެބޭފުޅުންނާ ކުޑަ ފަރަގެއް، ތަފާތެއް ބައެއްފަހަރަށް ހުރޭ. އެހެންނަމަވެސް، އަޅުގަނޑެއް އެބޭފުޅުންނާ އިދިކޮޅަކަށް، އެބޭފުޅުންނަށް ގެއްލުމެއް ވާގޮތަކަށް، އިރާދަކުރެއްވިއްޔާ ކަމެއް ނުކުރާނަން. އަޅުގަނޑުމެން ފެށުނީއްސުރެ ފަށައިގެން ބުނަމުންއައި އެއްވާހަކައަކީ، ސަރުކާރު މުވައްޒަފުންނާ، ވެރިންނަށް ސިޔާސީ ބޭނުންތަކަށްޓަކައި ބެހެވިގެން ނުވާނެއޭ. އަޅުގަނޑެއް އިރާދަކުރެއްވިއްޔާ ނުބެހޭނަން. އަޅުގަނޑުމެން، މިނިވަން މުސްތަޤިއްލު ސިވިސް ސަރވިސްއެއް، އިރާދަކުރެއްވިއްޔާ ޤާއިމު ކޮށްދޭނަން.

މި މަސައްކަތް ކުރަމުންދާއިރުގައި ހަމަ އަޅުގަނޑުގެ ކުޑަވެސް މައްސަލައެއް، ޝަކުވާއެއް ނެތް. ތިޔަބޭފުޅުން އަޅުގަނޑަށް ފާޑު ކިޔުއްވަންވީ. ހަޖޫ ޖައްސަވަންވީ. ފުރައްސާރަ ކުރައްވަންވީ. މަލާމާތްވެސް ކުރައްވަންވީ. ތިޔަބޭފުޅުން ބޭނުންފުޅު އެއްޗެއް ކިޔުއްވަންވީ. އަޅުގަނޑަށް އެނގޭ، މި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަލަށް ލިބިގެންދާއިރުގައި، ދަތްފަޅާއިރު އެވާ ތަދުވާނެ. އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މިތިބީ، އެ ތަދަށް އަޅުގަނޑުމެންނަށް ކެތްވާނެތީވެ، އެ ފާޑުކިޔުން އަޅުގަނޑަށް ހަޖަމު ކުރެވޭނެތީ. ތިޔަބޭފުޅުން އަޅުގަނޑުދެކެ ކިތަންމެ ރުޅި އަޔަސް، އަޅުގަނޑުވާނީ، ހަމަ ލޯބި. އަޅުގަނޑެއް ތިޔަބޭފުޅުން ދެކެއެއް ރުޅިއެއް ނާންނާނަން. ތިޔަބޭފުޅުން، އަޅުގަނޑާ ދުރުވާން އުޅުނަސްވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑެއް، އެ ދުރުމިނެއް ފޭވެ ދިޔަކައެއް ނުދޭނަން.
އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މި ކުރާންއުޅޭ މަސައްކަތް ވަރަށް ސާފު. އޮޅިފައެއް ނެތް. މިއަދު ކުރަންވީ ކަންތައްވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. މާދަން ކުރަންވީ ކަންތައްވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. މި ސީދާ މިރަށަށް އަޅުގަނޑުމެން ބަލާއިރުގައި ދެން އުސޫލެއްގެ ގޮތުން ތިޔަބޭފުޅުން ބޭނުންފުޅުވާނެ، އިންތިޚާބާ ގާތްވާއިރުގައި، ވެރިން އައިމާ ވެރިން ގާތުގައި، ތިމަންނާމެން ބޭނުންވަނީ، މިވެނި އެވެނި ކަމެކޭ. ރަނގަޅު. އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންގެ ހިއްސާ. އަޅުގަނޑުމެން މި ބިނާކުރަން މިއުޅޭ އަނެއް ދިވެހިރާއްޖެ ބިނާ ކުރުމުގައި ތިޔަބޭފުޅުންގެ ހިއްސާ. އެކަން ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކިތަންމެހާވެސް މުހިންމު.

އަޅުގަނޑު މިއަދު މިތާނގައި ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާކަށް ނެތިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަނދަރު ބޮޑުކޮށްދޭނަމޭ. މައްސަލައެއްނެތް، އަޅުގަނޑުމެން ބަނދަރު ބޮޑުކޮށްދޭނަން. މިއަހަރު އަޅުގަނޑުމެން އެކަން ކޮށްދޭނަން. އެ ބަނދަރު ބޮޑުކުރާ ވާހަކަ އަޅުގަނޑު ދައްކަން ބޭނުންވަނީ، މި އިންތިޚާބާ އަޅުވާފައެއްނޫން. އެއީކީއެއް، އިންތިޚާބަކާ ގުޅޭވެސް ކަމެއްނޫން. އަޅުގަނޑުމެންގެ ސީދާ މެނިފެސްޓޯ، ސިޔާސަތު ތަންފީޒު ކުރަމުންދާއިރުގައި، މިރަށުގެ ބަނދަރު ބޮޑުވާންޖެހޭ. ތިޔަބޭފުޅުން އަދި ހީފުޅުވެސް ނުކުރައްވާނެ އެ ބޮޑުވާންޖެހޭ މިންވަރު. ތިޔަބޭފުޅުން ތިޔަ ވިދާޅުވަނީ، 1200 ފޫޓަށް ބޮޑުކުރައްވާ ވާހަކަތާ. އަޅުގަނޑުމެން ހިތުލާފައި އޮތްވަރު އަދި ނުވެސް އެނގޭ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، މިއީ، ރާއްޖޭގައި އޮތް ހަތް ރަށުން އެއް ރަށަށް ހަދަން. އެހެންވީމާ، 1200 ފޫޓަކުން އަދި ނުވާނެ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، މިރަށަށް ވަރަށްބޮޑު ބަދަލެއް ގެންނަން. އާދަޔާ ޚިލާފު ބޮޑު ބަދަލެއް. އަޅުގަނޑުމެން މި ސިފަކުރަނީ، 1970 ގެ ފަހުކޮޅުގައި، 80 ގެ މެދުގައި، މާލެއަށްއައި ބަދަލު. އެބަދަލު އައިއިރުގައި ވަރަށްގިނަ ގޯސް ކަންތައްތައް މެދުވެރިވި. މާލެ ތޮއްޖެހުމާއި، ރަނގަޅަށް އިންތިޒާމް ނުކުރުމާއި، ރަނގަޅަށް ޕްލޭން ނުކުރުމާއި، މާލެ ފޮތިފޮތިކޮށްލާފައި ބަހާލުމާ މިކަހަލަ މިބާވަތުގެ އެތައްއެތައް ގޯސްކަމެއް ހިނގާދިޔަ.

އެހެންނަމަވެސް، އެ ހުރިހާކަމެއްގެ ތެރެއިން އަޅުގަނޑުމެންނަށް އެބައޮތް، ފިލާވަޅުތަކެއް ލިބިފައި. އެ ދަރުސްތައް ބޭނުންކޮށްގެން، ދެންމެ ބޭފުޅަކު، ބޮޑުފެންވަޅުގޭ ސީދީގެ ޅެމެއްވެސް ކިޔުއްވައިދެއްވައިފި. އެ ފިލާވަޅުތައް އަޅުގަނޑުމެން ބޭނުންކޮށްގެން އަޅުގަނޑުމެން މި ބޭނުންވަނީ، މިރަށް ބަދަލުކޮށްލަން. އެ ބަދަލު ގެނައުމަށްޓަކައި، ޤާނޫނީ އޮނިގަނޑެއް، ކޮންމެހެން ބޭނުން. މި ބޮޑު ބަދަލު އަންނައިރުގައި، އާ ޤާނޫނުއަސާސީ ތަންފީޒުވެގެން އަންނައިރުގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު މިރާއްޖޭގައި ދިރިގެން، ފެނަށް ދިރިގެން، އަށަގަނެގެން އަންނައިރުގައި އެކަން ހިނގަން ޖެހޭނީ، ޤާނޫނީ ތަރަހައެއްގެ ތެރޭގައި. ޤާނޫނީ އޮނިގަނޑެއްގެ ތެރޭގައި. އެ އޮނިގަނޑު ބިނާކުރަން، އަޅުގަނޑު ކައިރީގައި ތިޔައިން އެއްވެސް ބޭފުޅަކު، ހަމަ ހެޔޮހާލުގައި ހުންނަވައިގެން ވިދާޅުވެފާނުތޯއޭ، ރަނގަޅުވާނީ، ޑީ.އާރު.ޕީ. ކެންޑިޑޭޓުންނޭ. ނުވާނެ.
މިދިޔަ 30 އަހަރު، ހަމަގައިމުވެސް އަޅުގަނޑު މިދިޔަ 20 އަހަރު ދެއްކިހާ ވާހަކަ އެބޭފުޅުން ގަބޫލެއް ނުކުރެއްވި. މިއަދު ކުއްލިއަކަށް އަޅުގަނޑުގެ އަޅުގަނޑުމެންގެ ޕާޓީގެ ވަޢުދު ފުއްދަން އެބޭފުޅުން ރަނގަޅުވެދާނެތޯ؟ އަޅުގަނޑުމެންގެ ޕާޓީގެ ވަޢުދު ފުއްދަން ހަމަ ރަނގަޅުވާނީ، އަޅުގަނޑުމެންގެ ޕާޓީގެ މީހުން. ބައެއް ބޭފުޅުން ހީފުޅު ކުރައްވާފާނެ، މިއީ އަޅުގަނޑު ދައްކަން ރަނގަޅު ވާހަކައެއްނޫނޭ، އިންތިޚާބު ގާތްވެގެން އަންނައިރު. އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުގައި ދަންނަވާންއޮތް ވާހަކައަކީ، މިހާރު ޢަމަލު ކުރެވެމުން މިއަންނަނީ، އެހެން ޤާނޫނުއަސާސީއެކޭ. އަޅުގަނޑަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، ޕާޓީގެ އެތެރޭގެ އިއްތިޙާދަކުން ކާމިޔާބުކޮށްގެން، ޕާޓީގެ ފަރާތުން އެކުލަވާލެއްވި ސިޔާސަތުތަކެއް އަޅުގަނޑުއަތަށް ދީފައި، މި ސިޔާސަތުތައް ރާއްޖޭގައި ތަންފީޒު ކުރުމަށް ދާށޭ ބުނީމާ ނުކުތް މީހެއް. އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓެއް އަޅުގަނޑަކީ. އަދި އަޅުގަނޑަށް ވާޖިބުވެގެންވަނީ، ޤާނޫނުއަސާސީ އަޅުގަނޑުގެ މައްޗަށް ލާޒިމުކުރާ އެންމެ މުހިންމު އެއްކަމަކީ، އެ ސިޔާސަތު ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރާއިރު، އެއްވެސް ނުހަމަކަމެއް ނެތުން. އެއް ރައްޔިތާ، އެކަކާ އަނެކަކާ ދެމެދު، ހަމަހަމަ ގޮތުގައި ބަރާބަރަށް އެ ސިޔާސަތު ތަންފީޒު ކޮށްދިނުން. އަޅުގަނޑު، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރާނަން. ތިޔަބޭފުޅުންގެ ޙައްޤުތައް އަޅުގަނޑު ތިޔަބޭފުޅުންނަށް، އިރާދަކުރެއްވިއްޔާ ފުރިހަމައަށް ހޯދައިދޭނަން.

ޤާނޫނުއަސާސީ ތަންފީޒުވެގެންދާއިރުގައި އަޅުގަނޑުމެންނަށް ދިމާވާ އެތައް ކަމެއް އެބަފެނޭ. މިސާލަކަށް، އިހަކަށްދުވަހަކު، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ޤާނޫނުއަސާސީގައި އެވާހަކަ އެޅިއިރު، އެދުވަހު، އެ މާއްދާއަށް، އަޅުގަނޑު ހަނދާންވަނީ، މަޖިލީހުގެ 70 މެންބަރުންނަށްވުރެ ގިނަ މެންބަރުން، ވޯޓު ދެއްވި. ޑީ.އާރު.ޕީ.ގެ ގިނަ ބޭފުޅުންވެސް ވޯޓު ދެއްވި. މިއަދު، ލާމަރުކަޒީ އުސޫލުން، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް، ޤާނޫނު ހަދަންވެގެން ބިލް މަޖިލީހަށް ހުށަހެޅީމާ، އޭގެ އެއްވެސް ބޭފުޅެއް ވޯޓެއް ނުދެއްވި. އެމް.ޑީ.ޕީ. އިއްތިޙާދުގެ ބޭފުޅުން ދެއްވި ކިރިޔާ އެއްވޯޓުން، އަޅުގަނޑުމެންނަށް އެބިލް އެތެރެއަށް ވެއްދުނީ. ދަންނަވަންތޯ އެބިލް އެތެރެއަށް ނުވެއްދުނުނަމަ، މި މާފުށްޓެއް، އަޅުގަނޑުމެން މި ބޭނުންވާ ގޮތަކަށް ނުހެދޭނެ. އެކަން ގުޅިފައި އޮތީ، ޤާނޫނީ ތަރަހައާ، ޤާނޫނީ އޮނިގަނޑާ. އަޅުގަނޑު އެމް.ޑީ.ޕީ.ގެ ޗެއަރ ޕާރސަން މާރިޔާ އަޙްމަދުދީދީއަށާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އެންމެ ބޭފުޅުންނަށް އަދި އަޅުގަނޑުމެންގެ އިއްތިޙާދުގެ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޭފުޅުންނަށް، ނިހާޔަތަށް މިކަމަށްޓަކައި ޝުކުރުވެރިވަން.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މި ސިޔާސަތުތައް ތަންފީޒުކުރުމަށް، މި ބޮޑު ބަދަލު ރިވެތިގޮތުގައި، ހެޔޮގޮތުގައި ރާއްޖެއަށް ގެނައުމަށް، ފުރިހަމަ ކެންޑިޑޭޓުން އެބަ ބޭނުންވޭ. މިއީ، ފެށުނީއްސުރެ ފަށައިގެންވެސް، މި ބަދަލުތަކުގެ ތެރޭގައި އޭގެ ފިކުރު ކުރަމުންއައި ކެންޑިޑޭޓުން. އެކަމަށް އެދުނު މީހުން. މި އިޞްލާޙީ އެޖެންޑާ މިރާއްޖޭގައި ފުރޮޅިގެން އައިއިރުގައި، އެކަމުގައި ހީވާގިކަންމަތީގައި ތިބި މީހުން، އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަކީ. އަޅުގަނޑަށް ހަމަ އުފަލާއެކު ދަންނަވަން ކެރިދާނެ، އަޅުގަނޑުމެންގެ މި އިންނެވި ސިރާޖު އެއީ، ފުރަތަމަ ދުވަހުއްސުރެ ފެށިގެން މިކަމުގައި ހީވާގިކަމާއެކު ބައިވެރިވެ އުޅުއްވި ބޭފުޅެކޭ. އަޅުގަނޑު އެބޭފުޅާއަށް ވަރަށް ބޮޑަށް، އެކަމަށްޓަކައި ޝުކުރު ދަންނަވަން ބޭނުން. އެބޭފުޅާއަކީ، ކަންދިމާކުރިގޮތުން، މަދަރުސީ ދައުރުއްސުރެ ފަށައިގެން އަޅުގަނޑު ދަންނަ ބޭފުޅެއް. އަޅުގަނޑާ އެއްކުލާހުގައި އުޅުއްވި ބޭފުޅެއް.

މިއަދު ތިޔަބޭފުޅުން ތިޔަ ވޯޓު ދެއްވާއިރުގައި، ވޯޓު ދެއްވަނީކީއެއް، ކެންޑިޑޭޓަކަށެއްނޫން، ފިކުރަކަށް. ތިޔަބޭފުޅުން، ތިޔަ ވޯޓު ދެއްވަނީ، މާފުށި ބޮޑުކުރުމަށް. ތިޔަބޭފުޅުން ތިޔަ ވޯޓު ދެއްވަނީ، ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށް. ތިޔަބޭފުޅުން ތިޔަ ވޯޓު ދެއްވަނީ، އަޅުގަނޑުމެން މިބުނާ ގޮތަށް ދަތުރުފަތުރުކުރުމުގެ ނިޒާމަކުން، މިރާއްޖެ ގުޅުވައިދިނުމަށް. ތިޔަބޭފުޅުން ވޯޓު ތިޔަ ދެއްވަނީ، އަޅުގަނޑުމެން މިބުނާ ގޮތަށް، ގިނަ ދުވަހުން ފައިސާދައްކާ ޚަލާޞްކުރާ އުސޫލުން، ބޯހިޔާވަހިކަން، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެއްބަސްވެ. ތިޔަބޭފުޅުން ތިޔަ ވޯޓު ދެއްވަނީ، މިހާރު އަޅުގަނޑުމެން ކުރަން މިއުޅޭ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށް. އަޅުގަނޑަކީ، އެކަންކަން ކުރުމަށް ނުކުމެހުރި މީހެއް، ކުރަން ނުކުމެއުޅޭ މީހެއް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން އަޅުގަނޑަށް މަޖުބޫރު، އެކަން އަޅުގަނޑަށް ކޮށްދިނުމުގައި، ކުރުމުގައި އެހީތެރިވެދެއްވާށޭ. އަޅުގަނޑުވެސް މިއުޅެނީ، ހަމަ އަޅުގަނޑުގެ ދަރިންނާ ދަރިންގެ ދަރިންނަށްޓަކައި. ހަމަ ތިޔަބޭފުޅުންވެސް، ތިޔަބޭފުޅުންގެ ދަރިންނާ ދަރިންގެ ދަރިންނަށްޓަކައި. އަޅުގަނޑުމެން އެންމެންގެ ދަރިންނާ ދަރިންގެ ދަރިންގެ ސަލާމަތް، މުސްތަޤްބަލް ހޯދޭނީ، އަޅުގަނޑުމެންނަށް މިރާއްޖެ ރިވެތި ގޮތުގައި ރަނގަޅު، ގިނަ ޕާޓީ އެކުލެވޭ ނިޒާމަކަށް ކުރަހާލެވިގެން. އެކަމެއް އަޅުގަނޑުމެންނަކަށެއް ނުވާނެ، ފަހަތަށް އަޅާ ފިޔަވަޅެއްގެ ތެރެއަކުން. ކުރިޔަށް އަޅުގަނޑުމެން ބަލަންޖެހޭނީ.

އަޅުގަނޑަށް ހަމަ ޔަޤީން، ތިޔަބޭފުޅުން ބޭނުންފުޅުވާ ކިތަންމެ ކަމެއް އެބަހުރިކަން. އަޅުގަނޑަށް އެކަންކަން އެނގޭވެސްމެ، ވަރަށް ސާފުކޮށް. އަދި އެކަންކަން ކުރުމަށް އަޅުގަނޑުމެން މިވަނީ، އަޅުގަނޑުމެންގެ ރޭވުންތައް ރާވާފައި. ބައެއް ބޭފުޅުން ސުވާލު ކުރައްވަފާނެ، ކީއްވެހެއްޔޭ ނުފެށި އުޅެނީ. ނުފެށި އުޅެނީ، އަޅުގަނޑު ފަށާ ކަންކަން ކޮށް ނިންމީމާ، އޭގެ އަނެއްދުވަހު އޮޑިޓަރ ޖެނެރަލް ބަޔާން ނެރުއްވާނެތީ. ތަރުތީބަކުން ނުކޮށް، ފުރިހަމައަށް ކަންކަން ނުކުރަންޏާ ދެން އޭގައި، ނާޖާއިޒު ކަންކަން ކުރުމަށް ވަރަށްގިނަމަގު ފަހިވެގެންދާނެ. ކޮންމެ ފިޔަވަޅެއްގައި ހަމަ ހުންނަންޖެހޭނެ ދެފުށް ފެންނަގޮތަށް ބަރާބަރަށް ކަންކަން އިޢުލާނު ކުރެވިފައި، ހުރިހާ އެންމެންނަށް ފުރުސަތުތައް ހުޅުވާލެވިފައި.

އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މިދަނީ، އިންވެސްޓް މޯލްޑިވްސް، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ޕްރޮގްރާމެއްގެ ތެރޭގައި. މިމަސައްކަތްތައް ކުރުމަށް، އެ މަސައްކަތްތަކުގައި ހިއްސާވުމަށް، ބައިވެރިވުމަށް، ދިވެހި ސަރުކާރާއެކީގައި އެކަން ކުރުމަށް، ބޭރުގެ ކުންފުނިތަކަށް އަޅުގަނޑުމެންވާނީ ގޮވާލާފައި. އެކަންކަމަށް އިޖާބަދީ އެތައް ކުންފުންޏެއް އެބައޮތް، ޝައުޤުވެރިކަން ފާޅުކޮށްފައި. އަޅުގަނޑުމެން މިކަންކަން ކުރާއިރުގައި، އެ ކުންފުނިތަކަށް ކޮންޓްރެކްޓްތައް ހަދާއިރުގައި، އޭގެ ހުރިހާ ތަރުތީބެއް، ބަރާބަރަށް، ފުރިހަމައަށް ގެންދަންޖެހޭނެ. އަޅުގަނޑާ ދިމާއަށް އަދި މި ސަރުކާރަށް، އެއްވެސް ހާލެއްގައި، ޚިޔާނާތުގެ ކުޑަ ހިޔަންޏެއްވެސް އެޅޭކަށް އަޅުގަނޑެއް ނޭދެން. އަޅުގަނޑުމެންގެ ހިތުގެ އަޑިން އަބަދުވެސް އަޅުގަނޑު ގަބޫލުކޮށް ހުންނަ އެއް ޙަޤީޤަތަކީ، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، ތިޔަބޭފުޅުންގެ ފައިސާއޭ. މި ރާއްޖެއަށް، މި ދައުލަތަށް ލިބޭ މުއްސަނދިކަމަކީ، ރައްޔިތުންގެ މުއްސަނދިކަމޭ. އެއީ، އަޅުގަނޑުމެންނަށް އަމާނާތެއްގެ ގޮތުގައި ތިޔަބޭފުޅުން ބަލަހައްޓަން ހަވާލުކޮށްފައި އޮތް ކަމެއް، އޮތް އެއްޗެއް. އަޅުގަނޑަކަށް، އެއަކަށް ޚިޔާނާތްތެރިއެއް ނުވެވޭނެ.

އަޅުގަނޑަކަށް، މި ތަރުތީބު ދުލެއް ނުކުރެވޭނެ. އަޅުގަނޑުވެސް ބޭނުން، އަވަހަށް ކަންތައް ކުރަން. އަދި އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ތެރެއިން އަޅުގަނޑު ދަންނަ ބޭފުޅުން ހަމަ ވިދާޅުވާނެ، އަޅުގަނޑު އަވަހަށް ކަންތައް ކުރަން ބޭނުންވާނެއޭ، އަޅުގަނޑަކީ، އަވަހަށް ކަންތައްކުރާ މީހެއް. އެހެންނަމަވެސް، ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ، އެކަމެއް ކުރަން އޮންނަ ގޮތަށް. އަޅުގަނޑުމެންނަށް މި އެނގެނީ، ކަމެއް ކުރުމަށް ނިންމީމާ ދެން ކުރަންވީ އެކަމެއްނޫނޭ، އެހެން ކަމެކޭ. އެ ފެނި އަނެއްކަންތައް ވަމުންވަމުން އައިސް، ކުރަންއުޅޭ ކަންތައްވީމާ، ދެމެހެއްޓެނިވި ގޮތުގައި އެކަމެއް މި ހުންނަނީ. ތަރުތީބުން ކުރީމާ. ހަމަ ތިމަންނާއަށް ފެންނަހާ ގޮތަކަށް، ތިމަންނާއަށް ފެންނަހާ މީހަކަށް ލާރިދީގެން، ކަންކަން ކުރީމަކާ ކަންކަން ކުރިޔަކަށް ނުދޭ. އެއަށްވުރެ ރަނގަޅު މިސާލެއް ނުދެއްކޭނެ. މިއަށްވުރެ ރަނގަޅު މިސާލެއް ނުދެއްކޭނެ. ދެން އެކަން ކުރަންވެއްޖިއްޔާ، އަނެއްކާ ތިޔަބޭފުޅުންގެ ލާރި އަޅުގަނޑު ނަގަންވީ. ސަރުކާރުން ލާރި ދިނީމާ އެއީ ކާކުގެ ލާރިއެއްތޯ އެ ނެގެނީ. ހަމަ ތިޔަބޭފުޅުންގެ ދަތްއުނގުޅާ ބޭސްފުޅިން، ހަމަ ތިޔަބޭފުޅުންގެ ހަނޑޫ ކިލޯއިން، ހަމަ ތިޔަބޭފުޅުންގެ ފައިސާއިން. އަނެއްކާ، އެ ގެއްލުނުހާ ފައިސާ ތިޔަބޭފުޅުންގެ އަތުން ނަގާފައި، އަޅުގަނޑު ދޭންވީ، މިބޭފުޅުންނަށް. މިއީ، އެންމެ ފަރުދެއް. އެއީ، ތަރުތީބުން ނުކުރީމާ ވާގޮތް. އެއީ، ނަމަކަށް ކަންކުރީމާ، އަމާބުނީތީ ފަރަށްދާ އުސޫލުން ކަންކުރީމާ ވާގޮތަކީ.

އަޅުގަނޑުމެންނެއް، މިސަރުކާރުން އިރާދަކުރެއްވިއްޔަކާ އެގޮތަކަށެއް ކަންތަކެއް ނުކުރާނަން. އަޅުގަނޑުމެން ކުރާކަމެއްއެއީ، ދެމެހެއްޓެނިވި ގޮތުގައިކުރާ ކަމަކަށް ހަދަން އަޅުގަނޑުމެން ބޭނުން. އަޅުގަނޑުމެން އަޅާ ބަނދަރެއް ހުންނަންޖެހޭނެ، 100 އަހަރު ވަންދެން. އަޅުގަނޑުމެން ހަދާ ވާޓަރެއް ވެއްޓިގެން ނުވާނެ. އަޅުގަނޑުމެން، ބޮޑުހިލަ ޖެއްސީމާ، ފުރޮޅާލައިގެން ނުވާނެ. އަޅުގަނޑުމެން ހަދާ ފަޅުތައް، ކޮންމެ ދުވަހަކުވެސް ފުންކުރަން ޖެހޭނެ. ކޮންމެ ދުވަހަކުވެސް. އަޅުގަނޑުމެންހަދާ ތޮށިތައް، އަޅުގަނޑުމެންހަދާ ރިވެޓްމަންޓް، ކޮންމެ ދުވަހަކުވެސް ބަލަހައްޓަންޖެހޭނެ. ކޮންމެ ދަގަނޑު ބޮޅަކީ، ދަބަރުޖަހާނެ އެއްޗެއް، އޭގައި ކޮންމެ ދުވަހަކު ތެޔޮލާންޖެހޭނެ. ބަލަހައްޓަންޖެހޭނެ. އަޅުގަނޑު ނުދެކެމޭ، މިއިން އެއްވެސް ބަނދަރެއް، އެތައް މިލިއަން އެތައް ބިލިއަން ރުފިޔާއެއްގެ ބަނދަރު ރާއްޖޭގައި ހަދަނީ، އެއްވެސް މީހެއްނެތް، އެއިން ބަނދަރެއް ބަލަހައްޓާ. އެއްވެސް ތަނަކާ ހަވާލުވެފައެއްވެސްނެތް. މާދަމާ މިތަނުގެ ނަރުދަމާ ހަދާ ނިމެނީ. ކާކުތޯ އެ ނަރުދަމާ ބަލަހައްޓަނީ. ކާކާތޯ އެ ނަރުދަމާ ހަވާލުވަނީ. އެ ނަރުދަމާއަކީ، މިތަން މާދަމާ ރަށުއޮފީހާ ހަވާލުކުރީމާވެސް، ކޮންމެ މަހަކަށް ިއތުރަށް، 25,000 ރުފިޔާ ރަށު އޮފީހުން ޚަރަދުވާނެ، ކޮންމެ މަހަކަށް. އޭގެ ބަޖެޓެއްވެސް ނެތް، އެކަން ރާވާފަ އެއްވެސް ނެތް. އަދި ރޭވިއިރުގައި، 80 ގެއަށް މަދު. އަޅުގަނޑުމެންނަށް ހަމަ މިޖެހެނީ، އަލުން އަނބުރާ މިއިން ވަރަށްގިނަ ކަންކަން އަނެއްކާ މޭޒުމަތީގައި ބާއްވާފައި ފަށަން.

ސަރުކާރުން އުފެއްދީ، ޔުޓިލިޓީ ކުންފުންޏެއް. އެއީ، އަސާސީ ޚިދްމަތްތައް ދޭ ސަރުކާރު ހިއްސާވާ ކުންފުންޏެއް. ފެނާ ނަދުދަމާއާއި ކަރަންޓާ. އެ ކުންފުނީގައި ބައިވެރިވާނެ ބައިވެރިއެއް، ހިއްސާދާރެއް، ހޯދުމަށް ސަރުކާރުން އިޢްލާނުކުރީ، މީގެ 60 ދުވަސް ކުރީގައި. ކުރީމާ 17 މީހުން، ބޭރުގެ ބޮޑެތި ކުންފުނިތަކާ އެކުގައި، ޝައުޤުވެރިކަން ހާމަކޮށްފައި އެބަހުރި، މި ފެނާ ނަރުދަމާއާ ކަރަންޓުގެ ޚިދްމަތް ދިނުމަށް. އެހެންވީމާ، އަޅުގަނޑުމެން ދެން ހަދަންޖެހޭނެ ގޮތަކީ، އެމީހުންނަށް ފޮނުވަން ޖެހެނީ، މިއޮތީއޭ، އަޅަންޖެހޭ ނަރުދަމާގެ އަދަދަކީ. މާފުށީގައި ހުންނަނީ، މިތައް ކިލޯމީޓަރޭ، ގުޅީގައި ހުންނަނީ، މިތައް ކިލޯމީޓަރޭ، ހިންމަފުށީގައި މިތައް ކިލޯމީޓަރޭ، ގުރައިދޫގައި މިތައް ކިލޯމީޓަރޭ، އެއީ މިހާ ނަރޭ. މި ހުރިހާ ވާހަކައެއް ލިޔެފައި އެމީހުން އަތަށް ދީފައި، 14 ކުންފުންނިއަތަށް ދީފައި، އަޅުގަނޑުމެން ސަރުކާރުން ދެން ބުނަންޖެހޭނީ، ތިޔައިން ކޮންމެ ކުންފުންޏަކުންވެސް މިކަން ކުރާނެ އެންމެ ރަނގަޅު ގޮތެއް ހުށަހަޅާދީބަލާށޭ. އެކަން އެމީހުން ކުރަންޖެހޭ، ކުރިއަށް މިއޮތް 3 ހަފްތާ ތެރޭގައި. މެއިމަހު އެއްވަނަ ދުވަހު، އެމީހުން ރާއްޖެ އައިސް ތިބޭނީ. ހުށަހެޅީމާ، އެ 14 ކުންފުނީގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ބަޔަކަށް މި މަސައްކަތް ދޭނީ.

އެހެންވީމާ، އެ ތަރުތީބު ނުލައެއް އަޅުގަނޑެއް މިކަން ކުރާކަށް ނެތިން، އަޅުގަނޑަކަށް ނުފެނޭ، އެއްވެސް ބޭފުޅެއް، އެ ތަރުތީބު ދޫކޮށްލާފައި އެކަން ކުރުމަށް އަޅުގަނޑު ކައިރީގައި އެދިވަޑައިގަންނަވާކަށްވެސް. ވަރަށްގިނަ ބޭފުޅުން ބައެއް ފަހަރަށް އަޅުގަނޑަށް ލަފާދޭ، ނަޝީދު ތިޔަހެނެއް ނުވާނެއޭ، ތިޔަ ގޮނޑިތައް ބޭނުމިއްޔާ ރަށްރަށަށް ގޮއްސާ ބަނދަރު ހަދާދޭނަމޭކިޔާ މަދަރުސާ އަޅާދޭނަމޭކިޔާ، ތަންތާ ބޯޑު ހަރުކޮށްހެދީމައޭ ތިޔަކަންވާނީ، ކުރީގައިވެސް އެކަން ކުރާގޮތަކީ، އެއީއޭ. އަޅުގަނޑު ދަންނަވައިފިން، ރާއްޖެ ބަދަލުވެއްޖެއޭ، ރާއްޖެ ވަރަށް ބޮޑަށް ބަދަލުވެއްޖެއޭ، މިއަދުގެ ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެއޭ، ވަރަށް ސާފުކޮށް އެނގޭނެއޭ. ވޯޓުފޮށި، އަޅުގަނޑުމެންނެއް އޮޅުވައެއްނުލާނަން. ވޯޓު ފޮށްޓަކު އަޅުގަނޑުމެންނެއް އަތެއް ނުލާނަން. އެއަށްވުރެބޮޑު އަމާނާތެއް ނެތް. ވޯޓަކާ އަޅުގަނޑުމެންނެއް ނުބެހޭނަން. ކެމްޕޭން، އަޅުގަނޑުމެން ކުރާނަން. އަޅުގަނޑަކީ، މިދަންނަވާހެން، ސިޔާސީ ޕާޓީއެއްގެ ވެރިއެއް. އަޅުގަނޑުމެން މި ހުރިހާ މަސައްކަތް ކުރަން ބޭނުން، އަޅުގަނޑު ތިޔަބޭފުޅުން ކައިރީގައި، އާދޭހާއެކު ދަންނަވަން ބޭނުން، އަޅުގަނޑުމެންނަށް ގޮނޑި ދެއްވައްޗޭ. އެހެންނަމަވެސް، ނާޖާއިޒު ގޮތެއްގައި އަޅުގަނޑެއް ބޭނުމެއްނޫން، އަޅުގަނޑުމެން އެކަން ކުރާކަށް. ތިޔަބޭފުޅުންގެ ރުހުން ލިބިގެން އެކަން ކުރަން އަޅުގަނޑު ބޭނުންވަނީ. ސިވިލް ސަރވިސްގެ މުވައްޒަފަކަށްވެސް، އިންޒާރެއްދީ، ބިރުދައްކާ، ސަރުކާރުގެ މުވައްޒަފަކަށް ދެރައެއް ދޭކަށް، ކުޑަކޮށްވެސް އަޅުގަނޑު ނޭދެން. އަޅުގަނޑަށްވެސް އެނގޭ، އެބޭފުޅުން، ފަހަރެއްގައި، ބައެއް ބޭފުޅުން، އޭގެތެރެއިން، އަޅުގަނޑުމެންނާ އެއްފިކުރެއްގައި ނެތިދާނެ. އެހެންނަމަވެސް ހެޔޮ. އަޅުގަނޑުމެންވީ ހަމަ ހަޖަމުކުރަން. ހަޖަމުކޮށް، އަޅުގަނޑުމެން އެންމެންނަށް އެނގޭނޫންތޯ، މި ސަރުކާރު މުވައްޒަފުން އުފެދުނީ ކިހިނެއްކަން. ހަމަ ބޮޑު އުނދޯލިގޭގައި އިންނަވައިގެން، އޭނައާއި އޭނަގެ ކޮއްކޮއާއި، އެ ކޮއްކޮ އިނދެގެންއުޅޭ މީހާއާ، އެއީ، އެއޮފީހާ މިއޮފީސް. ދެން، ތިމަންނަގެ އަނެއް ބޭބެއާއި، އެބޭބެގެ ކޮއްކޮއާއި، އެކޮއްކޮ އިނދެގެންއުޅޭ މީހާއާއި އޭނަގެ އަދި މާ ގާތް ރަޙްމަތްތެރިޔަކާ، އެއީ އަނެއް އޮފީހާއި، އޭގެ އަނެއް އޮފީސް. 42,000 މުވައްޒަފުން މިއޮތީ އެއްވެފައި.

އެހެން އޮއްވާ އަޅުގަނޑުމެން ވަކާލާތުކުރަންފެށީ، މިނިވަން މުސްތަޤިއްލު ސިވިލް ސަރވިސްއެއް، ސަރުކާރު މުވައްޒަފުން ތިބެންޖެހޭކަމަށް. ދެން ޤާނޫނެއް ހައްދަވާފައި، މިއޮތީއޭ ސަރުކާރު މުވައްޒަފުންނޭ އަޅުގަނޑުމެން ބުންޏަކަސް، އަޅުގަނޑުމެންނަށްވެސް އެނގޭ އަދި އެއީ، ސިވިލް ސަރވިސްއެއް ނޫންކަން. އެހެންނަމަވެސް، އެގޯސް ހެދުނީމަކާއެއް، އެއިން ރަނގަޅެއް ނުނިކުންނާނެ. އަޅުގަނޑުމެން ޖެހޭނީ، ހަމަ ރަނގަޅު ހަދަން. ތަކުރާރުކޮށް ރަނގަޅު ހަދަން. ހަދައިގެން، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ލިބޭނީ.

އަޅުގަނޑު މާ ގިނައިރުތަކެއް ނަގާކަށެއްނޫން. އަޅުގަނޑުގެ އުންމީދަކީ، ވަރަށް ފޮނި އުންމީދެއް. އަޅުގަނޑުގެ އުންމީދަކީ، އަބަދުވެސް ވަރަށް ފޮނި އުންމީދެއް. އަދި އަޅުގަނޑުގެ ޙަޔާތުގައި، އުންމީދުތައް ޙަޤީޤަތަކަށްވޭ. މާފުށްޓާ ގުޅޭގޮތުން އަޅުގަނޑު ގެންގުޅޭ އުންމީދަކީ، ވަރަށްބޮޑު އުންމީދެއް. އެއީ، ވަރަށް ބޮޑުރަށެއް. އެއީ، ވަރަށް ތަރައްޤީވެފައި އޮންނަ ރަށެއް. އެއީ، ވަރަށް ގިނަ މީހުންއުޅޭ ރަށެއް. އެއީ، ރަނގަޅު ރަށެއް. އެއީ، އުފާވެރި ރަށެއް. އެއީ، ހާސްކަމެއްނެތި ދިރިއުޅެވޭ ރަށެއް. ފޯނުބިލާއި ކަރަންޓުބިލް ނުދެއްކި، ހާސްވެގެން ނޫޅޭ ރަށެއް. އެއީ، ދެމަފިރިންނަށް، ހަފްތާއަކު އެއްފަހަރު، އައިސްކްރީމް ބޯލަން ދެވޭ ރަށެއް. އެއީ، ދަރިންނާއެކީގައި، މައިންބަފައިންނަށް އުޅެވޭ ރަށަކަށް ވާންޖެހޭ ރަށެއް. އަނބިދަރިންނާއެކީގައި، ޢާއިލާ ހިފެހެއްޓޭ ރަށަކަށް ވާންޖެހޭ ރަށެއް. ހެނދުނު ކުދިން މަދަރުސާއަށް ދާގޮތަށްގޮސް، މެންދުރު އެތަނުން ކައި ނިމިގެން ކުޅެ، ހަވީރުވީމާ ގެއަށް އައިސް، ހޯމްވާރކް ހަދާފައި، ނިދާކުދިން އުޅޭ ރަށެއް. ކުޅިވަރު މުބާރާތްތައް، ރަނގަޅަށް، ވާދަވެރިކަމާއެކީގައި ކުޅެމުންދާ ރަށެއް. ޞިއްޙީ ޚިދްމަތް ލިބެންހުރި ރަށެއް. އެއީ، އަޅުގަނޑުމެން މި އުންމީދުކުރާ ރަށަކީ. އަޅުގަނޑުމެން ކުރަހާ ތަޞައްވުރަކީ. އެ ތަޞައްވުރާގުޅޭ، އަޅުގަނޑުމެންގެ ޕްލޭން، އަޅުގަނޑުމެންގެ ތަރުތީބު، އަޅުގަނޑުމެންގެ ޕްރޮޖެކްޓް، އަޅުގަނޑުމެން ތައްޔާރުކޮށްފައި އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް، އެ ޙަޤީޤަތަކަށް ހެދޭނެ. އެއީއަކީއެއް، އަޅުގަނޑު މިތަނަށް އައިސް، ތިޔަބޭފުޅުން އަރިހުގައި، ވޯޓާ ގާތްކޮށް ދައްކާ ބާވަތުގެ ވާހަކައެއްނޫން. އެހެންވީމާ، އަޅުގަނޑެއް ނުދައްކަން. އޭގެ ތަފްޞީލުތަކެއް އަޅުގަނޑެއް ނޫޅެން، ތިޔަބޭފުޅުންނަށް މިއަދު ހާމަކޮށްދޭކަށް. އަޅުގަނޑުމެން މި ބަނދަރު ހެދުމާއި މިކަންކަންކުރުމުގެ ތަރުތީބުން އިރާދަކުރެއްވިއްޔާ އެކަން ކުރަމުން މިދަނީ.

އަނެއް ވާހަކައަކީ، މީގެ އެއްވެސް ކަމެއް ނުހިނގާނެ، ތިޔަބޭފުޅުންނާ މަޝްވަރާ ނުކޮށެއް. ކޮންމެ މަރްޙަލާއެއްގައި. ޚާއްޞަކޮށް އަދި މި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފަހުން، ރަށު ކައުންސިލުގެ އިންތިޚާބު އަޅުގަނޑަށް ހަމަ ވަރަށް މުހިންމު. ރިޔާސީ އިންތިޚާބަށްވުރެ މުހިންމު. ޑިމޮކްރަސީގެ ޙަޤީޤީ ބިންގާ އެޅޭނީ، ރަށު ކައުންސިލްގެ އިންތިޚާބުން. އަޅުގަނޑުމެން އެންމެ ފުރަތަމައިނުންވެސް، ވަކާލާތުކުރަމުންއައީ، ފުރަތަމަ ބާއްވަންޖެހޭނީ، ރަށު ކައުންސިލްތަކުގެ އިންތިޚާބުތަކޭ. އެހެންނަމަވެސް، އަނެއްކޮޅަށް ދިޔައީ. މިއަދު އަޅުގަނޑުމެންނަށް އެ އިންތިޚާބު ބޭއްވުމަށް އެއޮތީ، ޤާނޫނު ހަދަން ފެށިފައި. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ، އެ ބިލް ޤާނޫނަކަށްވާނެ. ވީމާ، ރަށު ކައުންސިލުތަކުގެ އިންތިޚާބުތައް އަޅުގަނޑުމެންނަށް ބޭއްވޭނެ. ރައްޔިތުންގެ މަޝްވަރާއާއި، ރައްޔިތުންގެ ރުހުމާއެކީގައި، އަޅުގަނޑުމެންނަށް އެކަންވާނެ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، މާދަމާއަކީ، މާފުށްޓަށާއި، މި އަތޮޅަށާއި، މި ރާއްޖެއަށް އަދި މިއަށްވުރެ މާ ފާގަތި ދުވަހަކަށްވުން. އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑުގެ އުންމީދަކީ، ގުލްޒާރުގާ ނަޔާމަގޭ، ނޫރާނީމާ ފޮޅޭނެއޭ، ބުލްބުލްތަކާ ކޮކާތަކާ، ފަރިވާއިރުން އުޅޭނެއޭ.