2010 ވަނަ އަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ޚާއްޞަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން، މި މަހުގެ 24، 25، 26 މި ތިން ދުވަހަށް އަމާޒުކޮށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްތައް ހިންގުމުގެ މަރުކަޒީ އިދާރާއަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް ޙަރަކާތަކީ، 26 ޑިސެމްބަރ 2010 ވާ (އާދީއްތަ) ދުވަހުގެ ހެނދުނު 9.20 ގައި [ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތު] ގެ ނަމުގައި ހަމަހިމޭންކަމުގެ 1 މިނެޓުގެ ސުކޫތެއް ގެނައުމެވެ. މިސުކޫތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެބޭފުޅަކު ހުންނެވި އިމާރާތަކުން ބޭރަށް، މަގުމައްޗަށް 9.10 ގައި ނިކުމެވަޑައިގެންނެވުމަށްފަހު 9.20 ގައި ސުކޫތުގައި ބައިވެރިވެވަޑައިގެންނަވާފައި އެނބުރި އޮފީސްތަކަށް ވަޑައިގެންނެވުމަށް ކަނޑައެޅިފައިވާ ރަސްމީ ވަގުތަކީ 9.30 ކަމުގައި ދަންނަވަމެވެ.

ވީމާ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ފެންވަރުގައި ކުރުމަށް ހަމަޖެހިފައިވާ އެންމެހައި ޙަރަކާތްތަކަށް ސަރުކާރުގެ ހުރިހާ އޮފީހަކުންވެސް އެއްބާރުލެއްވުން ދެއްވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.