ސަރުކާރުން ހިންގަވާ ކަމެއް ލަސްކޮށްލެއްވުމަށް ނުވަތަ ހުއްޓަވާލެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގަވައިފިނަމަ، އެ ކޮމިޝަނުން އެންގެވި ގޮތަކަށް އެ އިދާރާއަކުން ވަގުތުން ޢަމަލުކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވަމުން ގެންދަވާ އެކި މައްސަލަތަކަށް ސަރުކާރުން ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވަން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރުގެ އިދާރާއަކުން ޢަމަލުކުރައްވަމުން ގެންދަވާ ގޮތަކުން، އެ ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލައެއް ބެއްލެވުމަށް އެއްވެސް ހުރަހެއް އެޅިދާނެފަދަ ކަމެއް ހިނގަން ބޭނުންފުޅުނުވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، ޤާނޫނީ ބާރު ލިބިދީފައިވާ މިނިވަން މުއައްސަސާއަކަށްވުމާއެކު، އެ މުއައްސަސާއަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް އިޙްތިރާމް ކުރައްވަންވާނެ ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.